ޖޭމްސް ބެރީ މޫރ ވ. ޢަލީ ޞަބްރީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 3442/Cv-C/2018
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން ކަނޑައެޅީ، ދެފަރާތުގެ މެދުގައި ހިނގީ އިންވެސްޓްކޮށް އެކުގައި ވިޔަފާރިކުރުމުގެ މުޢާމަލާތެއް ކަމަށާއި، އެފަދަ މުޢާމަލާތެއްގައި ފައިދާއާއި ގެއްލުން ހިމެނޭތީ، މުޢާމަލާތުން ލިބުނު ފައިސާ ދަޢުވާކުރި ފަރާތަށް ލިބިފައިވާއިރު އޭގެ އިތުރަށް ފައިސާ ލިބެންޖެހޭކަން ސާބިތުނުވާތީ، ދަޢުވާ ރައްދުވި ފަރާތަށް ފައިސާ ދިނުމަށް އަންގާނެ ތަނެއް ނެތް ކަމަށެވެ.
- ވާޤިޢާ
- އިސްތިއުނާފުކުރި ފަރާތުން، މަސްދޯންޏެއް ބަނުމަށާއި ސަފާރީއެއް މަރާމާތުކޮށް ތަރައްޤީކުރުމަށް، އުޅަނދުތަކުން ލިބޭ ފައިދާއިން އަނބުރާ ދައްކާ ގޮތަށް ދިން ކަމަށް ބުނާ ޖުމްލަ 2,037,359.59 އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. ދެފަރާތުގެ މުޢާމަލާތު ހިނގީ އީމެއިލް މެދުވެރިކޮށް، ލިޔެވިފައިވާ އެއްބަސްވުމެއް ނެތި، އަނގަބަހުންނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އުޅަނދުތައް ތަރައްޤީކުރުމަށް ދިން ފައިސާ އަނބުރާ ހޯދުމުގެ ދަޢުވާގައި، ވިޔަފާރީގެ މުޢާމަލާތާއި ފައިސާ ދިންކަމާއި ހެކިތަކަށް ދަށުކޯޓުން ރިޢާޔަތްނުކޮށް، އަދި ހެކިން ޙާޟިރުނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނާ ނުކުތާތަކަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ މިންގަނޑު ފުރިހަމަވާ އިސްތިއުނާފީ ނުކުތާތަކެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ، ވިޔަފާރީގެ މުޢާމަލާތާއި ފައިސާ ދިންކަން އީމެއިލް އަދި ބޭންކް ސްޓޭޓްމަންޓުން އެނގެން އޮތްއިރު ދަށުކޯޓުން އެކަންކަމަށް ރިޢާޔަތްނުކޮށް، ހެކިން ޙާޟިރުނުކޮށް މައްސަލަ ނިންމި ކަމަށެވެ. އިސްތިއުނާފު ރައްދުވި ފަރާތުން ބުނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 38 އަދި 43 ވަނަ މާއްދާގައިވާ ޙާލަތެއް ބަޔާންކޮށްފައި ނުވާކަމަށާއި، ދަށުކޯޓުން ހުރިހާ ކަމަކަށް ރިޢާޔަތްކޮށްފައިވާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ވިޔަފާރީގެ މުޢާމަލާތާއި ފައިސާ ދިންކަމަކީ ދަށުކޯޓުން ރިޢާޔަތްކޮށް ސާބިތުވެފައިވާ ވާޤިޢާތަކެއްކަމަށާއި، ހެކިން ސާބިތުކުރަން ބޭނުންވި ނުކުތާއަކީ ޚިލާފު އުފެދިފައިވާ ނުކުތާއެއް ނޫންކަމަށް ދަށުކޯޓުން ކަނޑައަޅާފައިވާއިރު ހެކިން ޙާޟިރުކުރަންޖެހޭ ސަބަބެއް އިސްތިއުނާފުކުރި ފަރާތަށް ބުނެދެވިފައި ނުވާކަމަށް ހައިކޯޓުން ބުންޏެވެ. ސުޕްރީމް ކޯޓުގެ 2019/SC-L/91 ގެ މިންގަނޑުން، ޤާނޫނީ ގޯހެއް ހެދިކަމަށް ނުވަތަ ހެކިތަކަށް ރިޢާޔަތްނުކުރިކަމަށް ހަމައެކަނި ބުނުމަކުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ މިންގަނޑު ފުރިހަމަނުވާތީ އިސްތިއުނާފީ ނުކުތާތައް ޤަބޫލުނުކުރެވުނެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިސިވިލް ކޯޓުގެ 3442/Cv-C/2018 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، އިސްތިއުނާފު ބާޠިލުކޮށް ދަށުކޯޓުގެ ޙުކުމް ޤާއިމުކުރި (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަށުކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާ ވާޤިޢާތަކަކީ ދަށުކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށް، ރިޢާޔަތްކުރެވިފައިވާ ސާބިތުވެފައިވާ ވާޤިޢާތަކެއްކަން ދަށުކޯޓުގެ ނިންމުމުން އެނގޭނަމަ، އެ ކަންކަމަށް ދަށުކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ އިސްތިއުނާފީ ނުކުތާއަކަށް ބިނާކޮށް ޙުކުމަށް ބަދަލެއް ނުގެނެވޭނެއެވެ.
HN2 ހެކިން ޙާޟިރުނުކުރަން ދަށުކޯޓުން ނިންމި ނިންމުމަށް އިޢުތިރާޟުކުރާނަމަ، އެ ނިންމުން ޚިލާފުވާ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާއި، އެދިފައިވާ ހެކިން ޙާޟިރުކުރަންޖެހޭ ފަދަ ސަބަބެއް އޮތްކަން އިސްތިއުނާފުކުރާ ފަރާތުން ހައިކޯޓުގައި ބުނެދޭންވާނެއެވެ.
HN3 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ދަށުކޯޓުގެ ޙުކުމްތަކާއި ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ، ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުމުން، ނުވަތަ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުމުންނެވެ.
HN4 މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމަކުން، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވޭނެއެވެ.
HN5 ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ ނުވަތަ ޙައްޤުތައް ގެއްލިފައިވާކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސްއެޅިފައިވާކަމަށް ބުނާ ނަމަ، އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ.
HN6 އިސްތިއުނާފީ ނުކުތާތަކުގައި ދަށުކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނު ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފަށް ކަމަށް ބަޔާންކޮށްފައިނުވާއިރު، ޤާނޫނު މާނަކުރުމުގައި ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ހަދާފައިވާ ގޯހެއްވެސް ބުނެދެވިފައިނުވާނަމަ، އެ ނުކުތާތަކަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުވެވިފައިވާ ނުކުތާތަކެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
- ރިޔާސަތު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ޝަރީޢަތް ނިމުނުގޮތް
ޤަޟިއްޔާ ނަންބަރު: 2019/HC-A/515
އިސްތިއުނާފުކުރި ފަރާތް: ޖޭމްސް ބެރީ މޫރ / ގްރީންލޭންޑް، ކޮލްޗެސްޓަރ ރޯޑް، އިގިރޭސިވިލާތު
އިސްތިއުނާފު ރައްދުވި ފަރާތް: ޢަލީ ޞަބްރީ، ކުޅިތުލާގެ
މައްސަލައިގެ ބާވަތް: އެއްބަސްވުމާ ޚިލާފު އުފެދިގެން ހުށަހެޅޭ މައްސަލަ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
އިސްފަނޑިޔާރު ޙުސައިން ޝަހީދު
ފަނޑިޔާރު މުޙައްމަދު ސަލީމް
ނިމުނު ތާރީޚް: 19 ރަޖަބު 1446 / 19 ޖަނަވަރީ 2025
ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 17 ޞަފަރު 1441 / 16 އޮކްޓޯބަރު 2019
އިސްތިއުނާފުކުރެވުނު މައްސަލަ:
ނަންބަރު: 3442/Cv-C/2018
ނިންމި ތަން: ސިވިލް ކޯޓު
ބާވަތް: އެއްބަސްވުމާ ޚިލާފު އުފެދިގެން ހުށަހެޅޭ މައްސަލަ
ހުށަހެޅުނު ތާރީޚް: 02 އޯގަސްޓް 2018
ނިމުނު ތާރީޚް: 29 އޯގަސްޓް 2019
މަދަނީ- އެއްބަސްވުމާއި ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަ – ދަށުކޯޓުގައި ރިޢާޔަތް ނުކުރާ ކަމަށް ބުނާ ބުނުން- އިސްތިއުނާފީ އޮޅިގަނޑު
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު.
ތަޢާރުފު
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 3442/Cv-C/2018 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޖޭމްސް ބެރީ މޫރ (ޕާސްޕޯޓް ނަންބަރު: […]) (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ޖޭމްސް ބެރީ މޫރ") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސ. ހުޅުދޫ / ކުޅިތުލާގެ، ޢަލީ ޞަބްރީ (އައި.ޑީ. (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޢަލީ ޞަބްރީ") އެވެ.
ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާ
2ސިވިލް ކޯޓުގެ ނަންބަރު 3442/Cv-C/2018 ޤަޟިއްޔާގައި ހުށަހެޅުނު މައްސަލައަކީ، "ޝެރޮން ޖޭން" ނަމަކަށް ކިޔާ މަސްދޯންޏެއް ބަނުމަށާއި އަދި ޑްރީމް ކެޗަރ 2 ނަމަކަށްކިޔާ އުޅަނދެއް މަރާމާތުކޮށް ތަރައްޤީކުރުމަށާއި އަދި އެ އުޅަނދުތަކުން ލިބޭ ފައިދާއިން އެ ފައިސާ އަނބުރާ ދައްކާގޮތަށް ޖޭމްސް ބެރީ މޫރގެ ފަރާތުން ޢަލީ ޞަބްރީއަށް ފޯރުކޮށްދީފައިވާ ޖުމްލަ USD 2,037,359.59 (ދެ މިލިއަން ތިރީސް ހަތް ހާސް ތިން ސަތޭކަ ފަންސާސް ނުވަ އެމެރިކާ ޑޮލަރު ފަންސާސް ނުވަ ސެންޓް) އެކީ އެއްފަހަރާ ހޯދުމަށް އެދި ޗޭމްސް ބެރީ މޫރގެ ފަރާތުން ޢަލީ ޞަބްރީގެ މައްޗަށް ދަޢުވާކުރުމުން ބަލާފައިވާ މައްސަލައެވެ.
3މި މައްސަލާގައި ބަޔާންކުރާ މުޢާމަލާތް ހިނގިގޮތް ކަމަށް ދަށުކޯޓުގައި ޖޭމްސް ބެރީ މޫރ ގެ ފަރާތުން ބުނެފައިވަނީ، ޝެރޮން ޖޭން ނަމަކަށް ކިޔާ މަސްދޯންޏަކާއި އަދި ޑްރީމް ކެޗަރ 2 ނަމަކަށް ކިޔާ އުޅަނދެއް މަރާމާތުކޮށް ތަރައްޤީކުރުމަށް ޢަލީ ޞަބްރީއަށް ފައިސާ ދީފައިވާނެކަމަށެވެ. ފައިސާ ދީފައިވަނީ ފަހުން ދޭގޮތަށް ކަމަށާއި މި މުޢާމަލާތްކުރުމާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ވާހަކަ ދެކެވިފައިވަނީ އީމެއިލް މެދުވެރިކޮށް ކަމަށެވެ. އެގޮތުން ޢަލީ ޞަބްރީގެ ފަރާތުން ފައިސާ ބޭނުންވާ ކޮންމެ ފަހަރަކު އީމޭއިލްގެ ޒަރީޢާއިން އެދޭކަމަށާއި ބުނެވުނު ދެ އުޅަނދަށް ބޭނުންވާ ޚަރަދުތައް ޖޭމްސް ބެރީ މޫރގެ ފަރާތުން ފޯރުކޮށްދީފައިވާނެކަމަށެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް
4ސިވިލް ކޯޓުގެ ނަންބަރު 3442/Cv-C/2017 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ؛
"ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތައް އެގޮތުގައި ހުރުމާއެކު، ޝެރޮން ޖޭން ނަމަކަށް ކިޔާ މަސްދޯންޏެއް ބަނުމަށާއި އަދި ޑްރީމް ކެޗަރ 2 ނަމަކަށްކިޔާ އުޅަނދެއް މަރާމާތުކޮށް ތަރައްޤީކުރުމަށްޓަކައި ޖޭމްސް ބެރީ މޫރ (އިނގިރޭސިވިލާތުގެ ޕާސްޕޯޓް ނަންބަރު: […]) އާއި، ސ. ހުޅުދޫ / ކުޅިތުލާގެ، ޢަލީ ޞަބްރީ އާދެމެދު ހިންގާފައިވާ މުޢާމަލާތަކީ އިންވެސްޓްކޮށް އެކުގައި ވިޔަފާރިކުރުމުގެ މުޢާމަލާތެއްކަމުގައިވާތީ، މިފަދަ ވިޔަފާރީގެ މުޢާމަލާތަކީ އޭގައި ފައިދާއާއި ގެއްލުން ހިމެނިގެންވާނެ މުޢާމަލާތެއްކަމާއި، އަދި މި މުޢާމަލާތުގެ ދަށުން ޢަލީ ޞަބްރީއަށް ޖޭމްސް ބެރީ މޫރ ފައިސާ ދިން ފަދައިން، މި މުޢާމަލާތުން ލިބޭ ފައިސާ ޖޭމްސް ބެރީ މޫރ އަށް ލިބިފައިވާތީ، މިފައިސާގެ އިތުރުން އިތުރު ފައިސާއެއް ޖޭމްސް ބެރީ މޫރ އަށް ލިބެންޖެހި ނުލިބިވާކަން ޖޭމްސް ބެރީ މޫރއަށް ޝަރީޢަތުގައި ސާބިތުކޮށްދެވިފައި ނުވާތީ، ޖޭމްސް ބެރީ މޫރއަށް ލިބިފައިވާ ފައިސާގެ އިތުރުން އިތުރު ފައިސާއެއް ޖޭމްސް ބެރީ މޫރއަށް ދިނުމަށް ޢަލީ ޞަބްރީއަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ."
މިފަދައިންނެވެ.
އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް
5ސިވިލް ކޯޓުގެ ނަންބަރު 3442/Cv-C/2018 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޖޭމްސް ބެރީ މޫރގެ ފަރާތުން 03 (ތިނެއް) ނުކުތާ ހުށަހަޅާފައިވެއެވެ.
5.1 ފުރަތަމަ ނުކުތާއަކީ، ޖޭމްސް ބެރީ މޫރ އާއި ޢަލީ ޞަބްރީ އާ ދެމެދު ވިޔަފާރީގެ މުޢާމަލާތްތަކެއް ހިންގާފައިވާކަން މި ދެފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ބަޔާންތަކުންނާއި އީ- މެއިލްތަކުން އެނގެން އޮތްއިރު މިކަންކަމަށް ނުބަލައި މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5.2 ދެވަނަ ނުކުތާއަކީ، "ޝެރޮން ޖޭން" ނަމަކަށް ކިޔާ މަސްދޯންޏެއް ބަނުމަށާއި އަދި "ޑްރީމް ކެޗަރ 2" ނަމަކަށްކިޔާ އުޅަނދެއް މަރާމާތުކޮށް ތަރައްޤީކުރުމަށްޓަކައި ޢަލީ ޞަބްރީ އަށް ޖޭމްސް ބެރީ މޫރ ފައިސާ ދީފައިވާކަން ޝަރީޢަތަށް ސާބިތުވާއިރު މިކަންކަމަށް ނުބަލައި މައްސަލަ ޝަރީޢަތުން ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5.3 ތިންވަނަ ނުކުތާއަކީ، ޖޭމްސް ބެރީ މޫރގެ ފަރާތުން ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިން ޝަރީޢަތަށް ހާޟިރުކުރުމެއްނެތި އަދި ޖޭމްސް ބެރީ މޫރގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެކިތަކުގެ މައްޗަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާސާ:
6އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ޝެރޮން ޖޭން ކިޔާ މަސްދޯންޏަކާއި "ޑްރީމް ކެޗަރ 2" އެވެ ކިޔާ ސަފާރީއެއް މަރާމާތުކޮށް ތަރައްޤީ ކުރުމަށް ހުރިހާ ފައިސާއެއް ޚަރަދުކޮށްފައިވަނީ ޖޭމްސް ބެރީ މޫރ ކަމަށާއި އެކަން ހުށަހެޅިފައިވާ ބޭންކް ސްޓޭޓްމަންޓުންނާއި އަދި އީމެއިލުންނާ އަދި އެހެނިހެން ލިއެކިޔުންތަކުން ވެސް އެނގޭނެކަމަށެވެ. ޖޭމްސް ބެރީ މޫރ ހުރިހާ ފައިސާއެއް ޚަރަދު ކުރީ ޢަލީ ޞަބްރީ މި އުޅަނދުތައް ހިންގާ ބަލަހައްޓާ ގޮތަށް ކަމަށާއި އެއީ ބިދޭސީ މީހެއްގެ ނަމުގައި ދިވެހިރާއްޖޭގައި އެއްވެސް އުޅަނދެއް ރަޖިސްޓްރީ އެއްވެސް ވިޔަފާރިއެއް ރަޖިސްޓަރީކުރެވޭ ގޮތަށް ނޯންނާތީ ކަމަށެވެ. ޝެރޮން ޖޭން ކިޔާ މަސްދޯންޏަކާއި "ޑްރީމް ކެޗަރ 2" އެވެ ކިޔާ ސަފާރީ މަރާމާތުކޮށް ތަރައްޤީ ކުރުމަށް އަލީ ޞަބްރީގެ ފަރާތުން އެކިއެކި ފަހަރުމަތިން ޖޭމްސް ބެރީ މޫރގެ ކިބައިން ފައިސާއަށް އެދިފައިވާކަން މައްސަލައާ ގުޅިގެން ހުށަހެޅުނު އީމެއިލްތަކުން އެނގެން އޮންނަ ކަމަށާއި އަދި ޢަލީ ޞަބްރީ އެދިފައިވާގޮތަށް ޖޭމްސް ބެރީ މޫރ ފައިސާ ފޮނުވާފައިވާކަމަށެވެ. އެފައިސާ ފޯރުކޮށްދީފައިވަނީ އުޅަނދުތަކުން ލިބޭ ފައިދާއިން އެފައިސާ އަނބުރާ ޖޭމްސް ބެރީއަށް އަނބުރާ ދައްކާގޮތަށް ކަމަށާއި އެހެންނަމަވެސް މީގެ ހަތަރު ވަރަކަށް އަހަރެއް ކުރިން ޢަލީ ޞަބްރީ ވަނީ ޖޭމްސް ބެރީ މޫރއާ މުޢާމަލާތު ކުރުން ހުއްޓާލާފައި ކަމަށާއި އެހިސާބުން ފެށިގެން އުޅަނދުތަކަށް ލިބެމުންދާ ހުރިހާ ޢާމްދަނީއެއް ލިބެމުންދަނީ ޢަލީ ޞަބްރީއަށްކަމަށާއި، އެ އުޅަނދުން ލިބޭ ފައިދާގެ ތެރެއިން ވަކި މިންވަރެއް ނުވަތަ ވަކި މުއްދަތެއްގެ ތެރޭގައި ލިބޭ ފައިދާ ވަކި ފަރާތަކަށް ލިބޭގޮތަށް ލިޔުމަކުން ވެސް އަދި އަނގަބަހުން ވެސް މި މުޢާމަލާތާ ގުޅިގެން އެއްބަސްވުމެއް ވެފައިނުވާނެކަމަށެވެ.
7ދަށުކޯޓަށް ހެކީގެ ސިޓީއާ އަދި ލިއެކިޔުންތައް ހުށަހެޅިފައިވާއިރު މިއިން އެއްވެސް ކަމަކަށް ދަށުކޯޓުން ރިޢާޔަތް ކޮށްފައެއް ނުވާކަމަށާއި، އަދި ރިޢާޔަތް ކުރި ކަމުގައި ވިޔަސް ދެފަރާތު ދެމެދުގައި ލިޔެވިފައިވާ އެއްބަސްވުމެއް ނެތް އިރު، ހެކިން ޙާޟިރު ނުކޮށް މިކަންކަން ސާފުވާނެ ކަމަކަށް ޤަބޫލުނުކުރެވޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
8ޖޭމްސް ބެރީ މޫރގެ ފަރާތުން މިޤަޟިއްޔާގައި އެދޭގޮތަކީ، ސިވިލް ކޯޓުގެ ނަންބަރު 3442/Cv-C/2018 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމުގައި ކަނޑައަޅައި ދިނުމަށާއި، "ޝެރޮން ޖޭން" ނަމަކަށް ކިޔާ މަސްދޯނި އަދި 'ޑްރީމް ކެޗަރ 2' ނަމަކަށް ކިޔާ ސަފާރީއެއް މަރާމާތުކޮށް ތަރައްޤީ ކުރުމަށް އެ އުޅަނދުތަކުން ލިބޭ ފައިދާއިން އެ ފައިސާ އަނބުރާ ދައްކާ ގޮތަށް ފޯރުކޮށްދީފައިވާ ޖުމުލަ US$ 2,037,359.00 (ދެމިލިއަން ތިރީސް ހަތް ހާސް ތިންސަތޭކަ ފަންސާސް ނުވަ އެމެރިކާ ޑޮލަރު ފަންސާސް ނުވަ ސެންޓް) އަކީ ޢަލީ ޞަބްރީގެ ފަރާތުން ޖޭމްސް ބެރީ މޯރ އަށް ލިބެންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅައި ދިނުމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަ ތަކުގެ ޚުލާސާ:
9އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ، މި މައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގައި ފާހަގަކޮށްފައިވަނީ އިސްތިއުނާފު ކުރާ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ. އެހެންނަމަވެސް، ދަށުކޯޓަކުން ނިންމާފައިވާ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 38 ވަނަ މާއްދާއާއި 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށާއި، އެގޮތުން މިމައްސަލާގައި ސިވިލް ކޯޓުގެ ނަންބަރު 3442/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފުވާ ގޮތެއް ބަޔާންކުރަންވާނެކަމަށާއި، އެހެންނަމަވެސް އެފަދަ ސަބަބެއް އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްދީފައި ނުވާކަމަށާއި އަދި އެޙުކުމް އިޖުރާޢީ ގޮތުންވެސް ބާޠިލްކުރަންޖެހޭފަދަ ސަބަބެއް ބަޔާންކޮށްދީފައިނުވާ ކަމަށެވެ. ހަމައެހެންމެ، ދަށުކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެ ފާހަގަކޮށްފައިވާ އެންމެހާ ކަންކަމަކީ ދަށުކޯޓުން ރިޢާޔަތްކޮށްފައިވާ ކަންކަން ކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
10އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 3442/Cv-C/2018 ޤަޟިއްޔާ ބާޠިލްކުރަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.
ފާހަގަކުރެވުނު ކަންކަން:
11ސިވިލް ކޯޓުގެ ނަންބަރު 3442/Cv-C/2018 ޤަޟިއްޔާ ގައި ޖޭމްސް ބެރީ މޫރގެ ފަރާތުން ހުށަހެޅި ދަޢުވާގައި ހޯދުމަށް އެދިފައިވާ ޖުމްލަ USD 2,037,359.59 (ދެ މިލިއަން ތިރީސް ހަތް ހާސް ތިން ސަތޭކަ ފަންސާސް ނުވަ އެމެރިކާ ޑޮލަރު ފަންސާސް ނުވަ ސެންޓް) ފައިސާ ނަގައިދޭންޖެހޭ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާއިރު، އެނިންމުމަށް ވާސިލުވުމުގައި ރިޢާޔަތްކުރި ކަންކަމަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ؛
11.1 ދަޢުވާކުރާ ފަރާތާއި ދަޢުވާ ރައްދުވާ ފަރާތުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތެއް ހިންގާފައިވާކަން އެނގެން އޮންނަކަމަށް؛
11.2 "ޝެރޮން ޖޭން" ނަމަކަށް ކިޔާ މަސްދޯންޏެއް ބަނުމަށާއި އަދި "ޑްރީމް ކެޗަރ 2" ނަމަކަށް ކިޔާ އުޅަނދެއް މަރާމާތުކޮށް ތަރައްޤީކުރުމަށްޓަކައި ޢަލީ ސަބްރީއަށް ޖޭމްސް ބެރީ މޫރ ފައިސާ ދީފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަމަށް؛
11.3 ޖޭމްސް ބެރީ މޫރ ޚަރަދުކުރި ފައިސާ އަނބުރާ ޖޭމްސް ބެރީ މޫރއަށް ލިބެންޖެހޭނީ ވަކިމުއްދަތަކަށް ރިޢާޔަތްކުރުމެއްނެތި މިއުޅަނދުތައް އޮޕަރޭޓްކުރުމުން ލިބޭފައިދާއިންކަމަށް ޖޭމްސް ބެރީ މޫރ ބުނެފައިވިއަސް ޢަލީ ޞަބްރީ ބުނެފައިވަނީ މިފައިސާ އަނބުރާ ޖޭމްސް ބެރީ މޫރއަށް ލިބިދިނުމަށް ވަކި މުއްދަތަކަށް އެއްބަސްވެފައިވާ ކަމަށާއި އަދި އެމުއްދަތުގައި ލިބޭ ހުރިހާ ފައިސާއެއް ޖޭމްސް ބެރީ މޫރއަށް ލިބިދިނުމުން މި އިންވެސްޓްމަންޓް ދަށުން ޖޭމްސް ބެރީ މޫރ ކުރި ޚަރަދުގެ މުޤާބިލު އަދާކުރެވި މި މުޢާމަލާތް ނިމުމަށް އަންނާނެކަމަށް ކަމުގައިވިއަސް، މިފަރާތްތަކުގެ މެދުގައި ހިނގާފައިވާ މި މުޢާމަލާތަކީ އަނގަބަހުން ހިންގާފައިވާ މުޢާމަލާތެއް ކަމަށްވެފައި މި މުޢާމަލާތުގެ މިނުކުތާއާމެދު ދެފަރާތުން ދެބަސްވާހިނދު މި ފަރާތްތަކުގެ މެދުގައި ބަދަލުކުރެވިފައިވާ ޢީމެއިލްތަކުން މިނުކުތާ ސާފުވާފަދަ ޢިބާރާތެއް ހިމަނާފައިނެތްކަމަށާއި، "ޝެރޮން ޖޭން" ނަމަކަށް ކިޔާ މަސްދޯންޏެއް ބަނުމަށާއި އަދި "ޑްރީމް ކެޗަރ 2" ނަމަކަށް ކިޔާ އުޅަނދެއް މަރާމާތުކޮށް ތަރައްޤީކުރުމަށްޓަކައި ޢަލީ ސަބްރީއަށް ޖޭމްސް ބެރީ މޫރ ޚަރަދުކޮށްފައިވާ ފައިސާ އަނބުރާ ރައްދުކުރުމަށް ވަކި މިވެނި ގޮތަކަށް އެއްބަސްވެފައިވާކަން މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުނުވާކަން އެނގެން އޮންނަ ކަމަށް؛
11.4 ވިޔަފާރީގެ މުޢާމަލާތެއްގެ ދަށުން ފައިސާއެއް ދީފައިވާނަމަ، އެ ފައިސާއަކީ ހަދިޔާއެއްކަމަށް ސާބިތުނުވާހިނދު އެ ފައިސާއަށް މުޤާބިލެއް ލިބެންޖެހޭނެކަމަށާއި، އިންވެސްޓްކޮށްގެން އެކުގައި ކުރާ ވިޔަފާރިއަކީ ގެއްލުމާއި ފައިދާ އެކުލެވިގެންވާނެ މުޢާމަލާތެއްކަމަށާއި އެފަދަ މުޢާމަލާތަކީ އަނބުރާ ފައިސާ ދޭގޮތަށް ދޫކުރާ ލޯނުގެ މުޢާމަލާތާ ތަފާތު މުޢާމަލާތެއްކަމަށާއި ޖޭމްސް ބެރީ މޫރއާއި ޢަލީ ސަބްރީއާ ދެމެދު ހިންގާފައިވާ މި މުޢާމަލާތަކީ އިންވެސްޓްކޮށް އެކުގައި ވިޔަފާރި ކުރުމުގެ މުޢާމަލާތެއްކަމަށާއި މި ދެފަރާތުގެ ދެމެދުގައި މި ދެބަސްވުން އުފެދުމުގެ ކުރިން މި މުޢާމަލާތުގެ ދަށުން ލިބުނު އެންމެހައި ފައިސާ ލިބިފައިވަނީ ޖޭމްސް ބެރީ މޫރއަށް ކަމަށް؛
11.5 މި މުޢާމަލާތުގެ ދަށުން ޢަލީ ސަބްރީގެ އުޖޫރައާއި، އުޅަނދު އޮޕަރޭޓްކުރުމުގެ ޚަރަދާއި، ކާބޯތަކެއްޗަށް ހިނގާ ޚަރަދާއި، މެއިންޓެނެންސަށް ހިނގާ ޚަރަދާއި ޓެކްސްއާއި މުވައްޒަފުންގެ ޚަރަދާއި އަދި މިނޫންވެސް މިފަދަ ޚަރަދުތައް ޢަލީ ޞަބްރީ ކުރަމުންދަނީ މިއުޅަނދުން ލިބޭ ފައިސާ ޖޭމްސް ބެރީއަށް ލިބުމުން އެފައިސާ ޖޭމްސް ބެރީ މޫރ ފޮނުވުމުން ކަމުގައިވާތީ، ޢަލީ ސަބްރީއަށް ޖޭމްސް ބެރީ މޫރ އެކައުންޓް މެދުވެރިކޮށް ފޮނުވާފައިވާ ހުރިހާ ފައިސާއަކީ ޝެރޮން ޖޭން ނަމަކަށް ކިޔާ މަސްދޯންޏެއް ބަނުމަށާއި އަދި ޑްރީމް ކެޗަރ 2 ނަމަކަށް ކިޔާ އުޅަނދެއް މަރާމާތުކޮށް ތަރައްޤީކުރުމަށް އެކަނި ފޮނުވާފައިވާ ފައިސާކަމަށް ބުރަވެވެން ނެތްކަމަށް؛
11.6 ޝެރޮން ޖޭން ނަމަކަށް ކިޔާ މަސްދޯންޏެއް ބަނުމަށާއި އަދި ޑްރީމް ކެޗަރ 2 ނަމަކަށް ކިޔާ އުޅަނދެއް މަރާމާތުކޮށް ތަރައްޤީކުރުމަށް ޖޭމްސް ބެރީ މޫރ ފޮނުވި ފައިސާގެ ޢަދަދު ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް؛
11.7 މި ވިޔަފާރީގެ މުޢާމަލާތުގެ ދަށުން ޢަލީ ސަބްރީއަށް ޖޭމްސް ބެރީ މޫރ ފައިސާ ފޮނުވި ފަދައިން އެ އުޅަނދު އެ އުޅަނދުން ލިބުނު ފައިސާ ޖޭމްސް ބެރީ މޫރއަށް ލިބިފައިވާތީ، ޖޭމްސް ބެރީ މޫރ ކުރި ޚަރަދުގެ މުޤާބިލު ޖޭމްސް ބެރީ މޫރއަށް ލިބެމުން އައިސްފައިވާކަމަށާއި، އިތުރު ފައިސާއެއް ޖޭމްސް ބެރީ މޫރއަށް ލިބެންޖެހި ނުލިބި ހުރިކަން ޖޭމްސް ބެރީ މޫރއަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާކަމަށް؛
11.8 އަދި މީގެ އިތުރުން ޖޭމްސް ބެރީ މޫރގެ ފަރާތުން ހާޟިރުކޮށްދިނުމަށް އެދުނު ހެކިންގެ ފަރާތުން ސާބިތުކޮށްދިނުމަށް ބޭނުންވާ ނުކުތާއަކީ ޖޭމްސް ބެރީ މޫރގެ ފަރާތުން ޢަލީ ސަބްރީއަށް ފައިސާ ފޯރުކޮށްދިންކަން ސާބިތުކުރުންކަމަށާއި އެ ނުކުތާއަކީ ޚިލާފު އުފެދިފައިވާ ނުކުތާއެއްކަމަށް ނުވާތީ އެ ހެކިން ހާޟިރުކުރަންޖެހޭ ސަބަބެއް ނެތްކަމަށް؛
11.9 އަދި ޢަލީ ސަބްރީގެ ފަރާތުން ހާޟިރުކޮށްދިނުމަށް އެދިފައިވާ ހެކިންގެ ފަރާތުން ސާބިތުކުރަން ބޭނުންވާ ވަކި ނުކުތާއެއް ބަޔާންކޮށްފައި ނުވާތީ އަދި ހެކިންނާ ގުޅޭގޮތުން ހުށަހަޅާފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އެ ހެކިންވެސް ހާޟިރުކުރަންޖެހޭ ސަބަބެއް އޮތްކަމަށް ޝަރީޢަތަށް ނުފެންނަ ކަމަށް؛
12ސިވިލް ކޯޓުގެ ނަންބަރު 3442/Cv-C/2018 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް އެދި ޖޭމްސް ބެރީ މޫރގެ ފަރާތުން ފާހަގަކުރި ތިން ނުކުތާއަށް ބަލާއިރު، އިސްތިއުނާފީ ފުރަތަމަ ނުކުތާ އަދި ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ ޖޭމްސް ބެރީ މޫރ އާއި ޢަލީ ޞަބްރީ އާ ދެމެދު ވިޔަފާރީގެ މުޢާމަލާތްތަކެއް ހިންގާފައިވާކަމާއި އަދި "ޝެރޮން ޖޭން" ނަމަކަށް ކިޔާ މަސްދޯނި ބަނުމަށާއި އަދި "ޑްރީމް ކެޗަރ 2" ނަމަކަށްކިޔާ އުޅަނދު މަރާމާތުކޮށް ތަރައްޤީކުރުމަށްޓަކައި ޖޭމްސް ބެރީ މޫރގެ ފަރާތުން ޢަލީ ޞަބްރީ އަށް ފައިސާ ދީފައިވާކަން ހުށަހެޅި ހެކިތަކުން އެނގެން އޮތްއިރުވެސް އެކަމަށް ދަށުކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ދެނުކުތާއެކެވެ.
13HN1ޖޭމްސް ބެރީ މޫރ އާއި ޢަލީ ޞަބްރީގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތެއް ހިންގާފައިވާކަން އެނގެން އޮންނަކަމާއި އަދި ޝެރޮން ޖޭން ނަމަކަށް ކިޔާ މަސްދޯންޏެއް ބަނުމަށާއި އަދި ޑްރީމް ކެޗަރ 2 ނަމަކަށް ކިޔާ އުޅަނދެއް މަރާމާތުކޮށް ތަރައްޤީކުރުމަށްޓަކައި ޢަލީ ސަބްރީއަށް ޖޭމްސް ބެރީ މޫރ ފައިސާ ދީފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަމަށް ސިވިލް ކޯޓުގެ ނަންބަރު 3442/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ޝަރީޢަތުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ 3.1 އަދި 3.2 ގައި ބަޔާންކޮށްފައިވެއެއެވެ.
14އެހެންކަމުން އިސްތިއުނާފީ ފުރަތަމަ ނުކުތާ އަދި ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވާކަމަކީ ސިވިލް ކޯޓުގެ ނަންބަރު 3442/Cv-C/2018 ޤަޟިއްޔާގައި އެކަންކަމަށް ރިޢާޔަތްކުރެވިފައިވާކަމާއި އަދި އެވާޤިޢާތަކަކީ ސާބިތުވެފައިވާ ވާގިޢާތަކެއްކަން ދަށުކޯޓުގެ ނިންމުމުން އެނގެއެވެ.
15HN2އިސްތިއުނާފީ ތިންވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ ޖޭމްސް ބެރީ މޫރގެ ފަރާތުން ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިން ޝަރީޢަތަށް ހާޟިރުކުރުމެއްނެތި މައްސަލަ ނިންމާފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ. ޖޭމްސް ބެރީ މޫރގެ ފަރާތުން ޙާޟިރުކޮށްދިނުމަށް އެދުނު ހެކިން ހާޟިރު ނުކުރަން ދަށުކޯޓުން ނިންމި ސަބަބު ސިވިލް ކޯޓުގެ ނަންބަރު 3442/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ޝަރީޢަތުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ 3.5 ގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އެ ނުކުތާގައި ބަޔާންކޮށްފައިވަނީ،
"... ދަޢުވާކުރާ ފަރާތުން ހެކި ޙާޟިރުކޮށްދިނުމަށް އެދިފައިވަނީ ޝެރޮން ޖޭން ނަމަކަށް ކިޔާ މަސްދޯންޏެއް ބަނުމަށާއި، އަދި ޑްރީމް ކެޗަރ 2 ނަމަކަށްކިޔާ އުޅަނދެއް މަރާމާތުކޮށް ތަރައްޤީކުރުމަށްޓަކައި ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ފައިސާ ފޯރުކޮށްދިންކަން ސާބިތުކުރުމަށް ކަމުގައިވާހިނދު، ދަޢުވާކުރާ ފަރާތުން ހެކީގެ ފަރާތުން ސާބިތުކޮށްދިނުމަށް ބޭނުންވާ އެ ނުކުތާއަކީ ޚިލާފު އުފެދިފައިވާ ނުކުތާއެއް ކަމުގައި ނުވާތީ، ދަޢުވާލިބޭ ފަރާތުން 07 އޯގަސްޓް 2019 ގައި ހުށަހަޅާފައިވާ ފަހު ބަޔާނުގެ 1.15.3 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، މި ހެކި ޙާޟިރުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ޝަރީޢަތަށް ބުރަވެވެން އޮތް އޮތުމެވެ." މިފަދައިންނެވެ.
16ސިވިލް ކޯޓުގެ އެނިންމުން ޚިލާފުވާ ޝަރުޢީ އަދި ޤާނޫނީ އުސޫލެއް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިނުވާއިރު، އެދިފައިވާ ހެކިން ޙާޟިރުކުރަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް މިނުކުތާގައި އިސްތިއުނާފުކުރާ ފަރާތަށް ހައިކޯޓުގައި ބުނެދެވިފައިނުވެއެވެ.
17HN3ދަށުކޯޓުގެ ޙުކުމްތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނެ ޙާލަތްތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކުރެވިފައިވަނީ؛
" މި ޤާނޫނުގެ 38 ވަނަ މާއްދާ އާއި، 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ޙުކުމްތަކާއި ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ އަންނަނިވި ޙާލަތްތަކުގައެވެ.
(ހ) އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން.
(ށ) ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން.
(1) އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން.
(2) ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން.
(3) ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން.
(4) ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން."
މިފަދައިންނެވެ.
18HN4HN5ދަށުކޯޓުތަކުން ކުރާ ޙުކުމްތަކާއި ނިންމާ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ގިރާ ކުރަންޖެހޭ ޤާނޫނީ އޮޅިގަނޑު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގައި ބަޔާންކޮށްފައިވެއެވެ. އެނިންމުމަށް ބަލާއިރު، މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވޭނެކަމާއި ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ ނުވަތަ ޙައްޤުތައް ގެއްލިފައިވާކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސްއެޅިފައިވާކަމަށް ބުނާ ނަމަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެކަމަށް އެނިންމުމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ.
19HN6ބަޔާންކުރެވުނު އިސްތިއުނާފުކުރުމުގެ ހަމަތަކަށް ރިޢާޔަތްކޮށް މިމައްސަލާގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުވެވިފައިވާ ނުކުތާކެއްތޯ ބަލާއިރު ހުށަހަޅާފައިވާ ނުކުތާތަކުގައި ދަށުކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނު ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފަށް ކަމަށް ބަޔާންކޮށްފައިނުވާއިރު، ޤާނޫނު މާނަކުރުމުގައި ނުވަތަ ޤާނޫނު ޠަޠުބީޤުކުރުމުގައި ހަދާފައިވާ ގޯހެއްވެސް ބުނެދެވިފައިވާ ކަމަށް ނުފެނެއެވެ.
ނިންމަން ފެންނަގޮތް
20މަތީގައި ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކޮށް، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 3442/Cv-C/2018 ޤަޟިއްޔާގައި އިސްތިއުނާފު ކުރުމަށް އެދި ޖޭމްސް ބެރީ މޫރގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ރިޢާޔަތްކޮށް އެޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅާ މައްސަލަ ނިންމަން ފެނެއެވެ.
އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު
21މި މައްސަލާގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރަޢުޔަށް އަހުރެން ތާޢީދު ކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
22މި މައްސަލާގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރަޢުޔަށް އަހުރެން ތާޢީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
23މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެ ދިޔަ ކަންކަން އެފަދައިން ހުރުމުން، އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 3442/Cv-C/2018 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އިސްފަނޑިޔާރު ޙުސައިން ޝަހީދު
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)
ފަނޑިޔާރު މުޙައްމަދު ސަލީމް
ފުޓްނޯޓު
- ދަށުކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3.1
- އބމ 3.2
- އބމ 3.3 (މި ޖުމްލައިގައި "ސާބިތުނުވާކަން" މި ޢިބާރާތް ބޭނުންކޮށްފައިވީނަމަވެސް، ދަށުކޯޓުން ބޭނުންކޮށްފައިވަނީ "ސާބިތުވާކަން" މިފަދައިންނެވެ. އަދި ދަށު ކޯޓުން އެފަދައިން ލިޔެފައިވަނީ ލިޔުމުގެ ކުށަކުންކަން، އެ ޖުމްލަ އެކުގައި ކިޔާލުމުންނާއި، މައްސަލައިގެ ޙުކުމްކޮށްފައިވާގޮތަށް ބެލުމުން އެނގެއެވެ.)
- ޤާނޫނު ނަންބަރު 22/2010
- ޤާނޫނު ނަންބަރު 22/2010
- ޤާނޫނު ނަންބަރު 22/2010
- ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ.
- މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 284 ވަނަ މާއްދާގެ (ހ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 284 ވަނަ މާއްދާގެ (ށ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 43 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 38 އަދި 39 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 268 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ)
- ސުޕްރީމް ކޯޓު 2019/SC-L/91 (މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތް)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.