ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/576

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޝިމާޒް އަޙްމަދު

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 23 އޮކްޓޫބަރު 2025ދަށު ކޯޓު: ކްރިމިނަލް ކޯޓު 1187/Cr-C/2010ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 1187/Cr-C/2010
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން ނިންމީ، ހާދިސާ ފެނުނު ކަމަށް ބުނާ ދެ ހެކިވެރިންގެ ހެކިބަހުގައި ސުވާލު އުފެދޭ ކަންތައްތައް ހުރުމާއި، އެހެން ހެކިންނަށް ސައިކަލު ދުއްވި ބާރުމިނެއް ފެނިފައި ނުވާތީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ މިންވަރަށް ނުރައްކާތެރިކޮށް ބާރަށް ސައިކަލު ދުއްވިކަން ސާބިތު ނުވާކަމަށެވެ.
ވާޤިޢާ
އިސްތިއުނާފު ރައްދުވާ ފަރާތް 2010 ވަނަ އަހަރު މާލޭގައި ދުއްވި ސައިކަލުން މަގު ހުރަސްކުރަމުންދިޔަ އަންހެނަކާ ޖެހި، އެކްސިޑެންޓުގެ ސަބަބުން ލިބުނު ގެއްލުމަށް ފަރުވާ ކުރަމުންދަނިކޮށް އޭނާ ނިޔާވުމުން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށުން އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ދަޢުވާ އޭނާގެ މައްޗަށް ކުރެވުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސައިކަލުން ޖެހި މީހަކު ނިޔާވި މައްސަލައެއްގައި، ހާދިސާ ލޮލަށް ފެނުނު ކަމަށް ބުނާ ދެ ހެކިވެރިންގެ ހެކިބަހާއި އެހެން ހެކިތަކުން، ތުހުމަތުކުރެވޭ ފަރާތް އިންޖީނުލީ އުޅަނދު ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވިކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވޭތޯ، އަދި ދަޢުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ބަދަލު ގެންނަންޖެހޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ދައުލަތުން ބުނީ، ދެ ހެކިވެރިންގެ ހެކިބަހުން ސައިކަލު ދުއްވީ ބާރު ސްޕީޑެއްގައި ކަމާއި ބްރޭކް ނުކުރެވި ޖެހުނުކަން އެނގޭތީ، ހެކިބަހުގައިވާ ތަފާތުތަކަކީ ޖައުހަރީ ތަފާތުތަކެއް ނޫންކަމަށާއި ނިޔާވުމާ ހަމައަށް ސަބަބުގެ ގުޅުން ދެމިއޮތްކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ބުނީ، ހެކިވެރިންގެ ހެކިބަހުގައި ތަފާތުތައް ހުރިކަމަށާއި މަރުގެ ޙަޤީޤީ ސަބަބު މެޑިކޯ ލީގަލް ރިޕޯޓުން ދެނެނުގަނެވޭކަމަށެވެ.
ކޯޓުގެ ސަބަބުތައް
ހައިކޯޓުން ފާހަގަކުރީ، ފުރަތަމަ ހެކިވެރިޔާއާ ދައުލަތުން ސުވާލުކުރީ ލީޑްކުރާ ގޮތަށް ކަމާއި، ދެވަނަ ހެކިވެރިޔާ ސްޕީޑާ ބެހޭގޮތުން ދިން ހެކިބަހަކީ ތަޙުޤީޤު ބަޔާނާ ފުށުއަރާ، ހާދިސާގެ ނަތީޖާ އެނގުމަށްފަހު ނުރަނގަޅު ނުފޫޒު ފޯރާފައިވާ ރަޢުޔެއް ކަމެވެ. އެހެންކަމުން ހެކިތައް ޖުމްލަކޮށް ބެލުމުންވެސް ސައިކަލު ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވިކަން ނޭނގޭތީ ދަށުކޯޓުގެ ޙުކުމަށް ބަދަލު ނުގެނެވޭނެކަމަށް ފަނޑިޔާރުންގެ އިއްތިފާޤުން ނިންމިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ނުރައްކާތެރިކޮށް އެއްގަމު އިންޖީނުލީ އުޅަނދެއް ދުއްވާފައިވާކަމުގެ ދަޢުވާއެއްގައި، އެކްސިޑެންޓް ހިނގާފައިވަނީ ތުހުމަތުކުރެވޭ ފަރާތުން ދުއްވަމުން އައި އުޅަނދު ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުންކަން ދެނެގަތުމަށްޓަކައި، އުޅަނދު ދުއްވަމުން އައީ ބާރު ސްޕީޑްގައިތޯ ނުވަތަ ހުއްދަކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށްތޯ ނުވަތަ ނުރައްކާތެރިކޮށްތޯ، ނުވަތަ މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ބަލަންވާ މިންވަރަށް ނުބަލައިތޯ ސާބިތުވާންޖެހެއެވެ. އެހެންކަމުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ތުހުމަތުކުރެވޭ ފަރާތުން ދުއްވަމުން އައި އުޅަނދަކީ ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ބަލަންވާ މިންވަރަށް ނުބަލައި ދުއްވަމުން އައި އުޅަނދެއްކަން ސާބިތުކޮށްދެވެން ޖެހެއެވެ.

HN2 ޖެހުނުތަން ފެނުނުކަން ސާބިތުކުރުމަށް ހުށަހަޅާ ހެކިވެރިއަކު، ޖެހުނުތަން ފެނުނުކަމަށް ހެކިވެރިޔާ ބުނުމުގެ ކުރީން، އެއީ ފެނިފައިވާ މަންޒަރެއް ކަމުގައި ބަލައިގެން ދައުލަތުން ސުވާލުކުރުމަކީ، ހެކިވެރިޔާ ލީޑް ކުރެވުމެވެ. އެހެނީ ޖެހުނުތަން ފެނުނުކަން ސާބިތުކުރުމަށް ހުށަހަޅާ ހެއްކެއްގެ ހެކިބަހުގައި، ޖެހުނުތަން ފެނުނުކަމަށް ބުނުމަކީ ހެކިބަހުގެ އެންމެ މުހިންމު އެއް މަގްސަދު ކަމުގައިވާއިރު، އެކަން ހެކިވެރިޔާގެ ކިބައިން ސާފުކުރުމުގެ ބަދަލުގައި އެއީ އެސްޓެބްލިޝް ވެފައިވާ ކަމެއްކަމުގައި ބަލައިގެން ހެކިވެރިޔާއާ ސުވާލު ކުރެވޭނަމަ، އެ ހެކިބަހުގައި އުނިކަމާއި އައިބުކަން ހުންނާނެތީއެވެ.

HN3 ހެކިވެރިޔާގެ ހެކިބަހުގައި އުޅަނދުގެ ދުވެއްޔާ ގުޅޭގޮތުން ބުނެފައިވާ ބުނުމަކީ، ތަޙުޤީޤު ބަޔާނާ ތަފާތުކޮށް، ހާދިސާގެ ނަތީޖާ އެނގުމުން އެނަތީޖާ އައިސްދާނެކަމަށް ހެކިވެރިޔާއަށް ކުރެވޭ އަންދާޒާއާ އެއްގޮތަށް ނުވަތަ އެފަދަ އަންދާޒާއެއްގެ މައްޗަށް އަދާކޮށްފައިވާ ހެކިބަހެއް ކަމުގައި ފެންނަހިނދު، އުޅަނދު ދުއްވަމުން އައި ސްޕީޑާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކަށް ބުރަދަން ދެވިދާނެކަމަށް ނުފެނެއެވެ.

HN4 އުޅަނދު ދުއްވާފައިވަނީ ވަކި ކިލޯމީޓަރަކަށްވުރެ ބާރަށް ކަމަށް ހެކިވެރިޔާ ބުނެފައިވާ ބުނުމަކީ ހެކިވެރިޔާ ދީފައިވާ ރަޢުޔެއްކަމުގައި ވީހިނދު، އެ ހެކިވެރިޔާއަކީ އެކްސްޕާޓެއްގެ ގޮތުގައި ހާޒިރުކުރެވިފައިވާ ފަރާތަކަށް ނުވާއިރު، މިފަދަ ކަންކަން ދެނެގަތުމުގެ ޢިލްމު ނުވަތަ ތަޖުރިބާ ހުރި ފަރާތެއްކަން އެނގެން ނެތްނަމަ، އަދި ހެކިވެރިޔާގެ ހެކިބަހަކީ ނުރަނގަޅު ނުފޫޒާއި އަސަރު ފޯރާފައިވާ ހެކިބަހެއްކަމުގައި ފެންނާން އޮތްނަމަ، އެ ހެކިބަހުގައި ބަޔާންކޮށްފައިވާ ބާރު ސްޕީޑަކީ އެ ހެކިބަހުން ދެނެގަންނަން ރަނގަޅު ނަތީޖާއެއް ނޫނެވެ.

HN5 ހެކިވެރިޔާއަށް ފަހުން އެނގޭ މަޢުލޫމާތެއްގެ މައްޗަށް ގޮތެއްކަނޑައެޅޭނަމަ އެ ހެކިބަހުގައި ނުރަނގަޅު އަސަރެއް ހުންނާނެއެވެ. ޝަރީއަތުގެ މަޖިލީހުގައި ދޭ ހެކިބަހަކީ ހުވައެއްގެ މަތީގައިހުރެ ދޭ ހެކިބަހެއްކަމުން އާންމު އުސޫލަކުން އެ ހެކިބަސް ބަލަންވާނީ ސައްޙަ ރަނގަޅު ހެކިބަހެއް ކަމުގައެވެ. އެހެންނަމަވެސް، ތަޙުޤީޤު އިދާރާއަކަށް ބަޔާން ދިނުމުގައި ވަކި ކަމެއް (ހެކިވެރިޔާގެ ފަރާތުން ސާބިތުކުރަން ބޭނުންވާ މައިގަނޑު ވާގިއާއަކާ ގުޅޭކަމެއް) ނުފެންނަކަމަށް ބުނެފައި، ފަހުން އެކަން ފެނުނުކަމަށް ޝަރީޢަތުގެ މަޖިލީހުގައި ބުނާ ހާލަތްތަކުގައި ހެކިވެރިޔާގެ ހެކިބަހާމެދު ސުވާލު އުފެދެއެވެ. އަދި އެފަދަ ހެކިބަހެއް ދަޢުވާލިބޭ ފަރާތާ ދެކޮޅަށް ބޭނުންކުރުމުގައި ސަމާލުވެ ރައްކާތެރިވާންޖެހެއެވެ. މިފަދަ ހާލަތްތަކުގައި އެ ލިބުނު ހެކިބަހަކީ އެހެން ހެކިތަކުން ދެނެގަނެވެން އޮތްކަމެއްތޯ ބެލުން އިތުރަށް މުހިންމު ވެއެވެ.

HN6 ހާދިސާގެ ނަތީޖާ އެނގުމުން، އެނަތީޖާއާ ގުޅުވައިލެވޭ ގޮތަށް ކުރެވޭ އަންދާޒާއާއި ހެކިވެރިޔާއަށް ބުރަވެވޭ ގޮތްތަކެއްގެ މައްޗަށް ދީފައިވާ ހެކިބަހަކީ، އެ މައްޗަށް ބަރޯސާ ވެވިދާނެ ފަދަ ހަޤީޤީ މަޢުލޫމާތުގެ މައްޗަށް އަދާކޮށްފައިވާ ހެކިބަހެއްކަމުގައި ބުރަނުވެވޭހިނދު، އެއީ މީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއް ސާބިތުކުރުމަށް އަދި ޚާއްސަކޮށް މީހެއްގެ މަރުގެ ޒިންމާ އެހެން މީހަކު ނަގަންޖެހޭ ފަދަ ނިންމުމެއްގައި ރިޢާޔަތްކުރެވިދާނެފަދަ ހެކިބަހެއް ކަމުގައި ބުރަނުވެވެއެވެ.

HN7 ހެކިންގެ ހެކިބަހަކީ، އެއް ހެކި އަނެއް ހެއްކާ ގުޅުވާލުމުންވެސް، ވަކި ނަތީޖާއެއް ނެރެވޭފަދަ ސާފު ހެކިބަހެއް ނޫންނަމަ، އެ ހެކިބަސްތަކަކީ މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުކުރުމަށް ބޭނުންކުރެވޭ ވަރަށް ބުރަދަންދެވޭ ހެކިބަހެއް ކަމުގައި ނުބެލެވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޢަލީ ޝާހް
ބެންޗު
މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޙަސަން ޝަފީޢު، ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ޢަބްދުލްމާނިޢު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު

މައްސަލައިގެ ތަޢާރަފު

1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 1187/Cr-C/2010 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް")ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ […] / ޝިމާޒް އަޙްމަދު (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޝިމާޒް އަޙްމަދު") އެވެ.

މައްސަލައިގެ ފަސްފަހަތް

2މި ދަޢުވާ ދައުލަތުން ކޮށްފައިވަނީ، ޝިމާޒް އަޙްމަދު 02 މާރިޗު 2010 ދުވަހުގެ 21:15 އެހައިކަންހާއިރު ރަޖިސްޓްރީ ނަންބަރު އޭއޭ0ބީ 8531 ޕީ ސައިކަލުގައި، ބުރުޒު މަގުން އިރުން ހުޅަނގަށް ދުއްވާފައި ގޮސް، ބުރުޒުމަގުގެ ހުޅަނގު ދެކުނު ކަންމަތީން ބުރުޒުމަގުގެ ހުޅަނގު އުތުރު ކަންމައްޗާ ދިމާލަށް މަގު ހުރަސްކުރަމުން ދިޔަ […] / ޝަކީލާ އާއި އޭނަގެ މާމަ ދަރިފުޅާ ދެމީހުން މަގު ހުރަސް ކުރަނިކޮށް، ޝިމާޒް އަޙްމަދު ދުއްވި ސައިކަލުން ޝަކީލާގެ ގައިގައި ޖެހި އެކްސިޑެންޓުވެފައިވާތި، މި އެކްސިޑެންޓުގެ ސަބަބުން ލިބުނު ގެއްލުމަށް ފަރުވާ ކުރަމުންދަނިކޮށް ޝަކީލާ ނިޔާވެފައިވާތި، ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރު ފަތުރުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށުން ޝިމާޒް އަޙްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ.

3އެ ޤަޟިއްޔާ ކްރިމިނަލް ކޯޓުގައި ބަލާފައިވަނީ ނަންބަރު 1187/Cr-C/2010 ޤަޟިއްޔާގައެވެ. އަދި ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅައި މައްސަލައިގައި ޙުކުމްކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

ކްރިމިނަލް ކޯޓުގެ ޙުކުމް

4ދައުލަތުން ހުށަހެޅި މި ދަޢުވާ، ކްރިމިނަލް ކޯޓުގެ ނަންބަރު 1187/Cr-C/2010 ޤަޟިއްޔާއިން ބަލައި ޙުކުމްކޮށްފައިވަނީ؛

" ދެންފަހެ، ދައުލަތުން […] / ޝިމާޒު އަޙްމަދުގެ މައްޗަށް ކުޅަ އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ މި ދަޢުވާ ޝަރީޢަތުން ބެލި ބެލުމުން، ޝިމާޒު އަޙްމަދު، 2 މާރޗް 2010 ދުވަހުގެ 21:15 އެހާކަންހާއިރު، ރަޖިސްޓްރީ ނަންބަރު އޭއޭ 0 ބީ 8531ޕީ ސައިކަލުގައި، މާލެ، ބުރުޒު މަގުން އިރުން ހުޅަނގަށް ދުއްވާފައިގޮސް، ބުރުޒުމަގުގެ ހުޅަނގު ދެކުނު ކަންމަތީން ބުރުޒުމަގުގެ ހުޅަނގު އުތުރު ކަންމައްޗާ ދިމާލަށް މަގު ހުރަސް ކުރަމުން ދިޔަ މާލެ، […] / ޝަކީލާއާއި އޭނަގެ މާމަ ދަރިފުޅު [ކުއްޖާގެ ނަން] އާ ދެ މީހުން މަގުހުރަސް ކުރަނިކޮށް، މީނާ ދުއްވި ސައިކަލުން ޝަކީލާގެ ގައިގައި ޖެހި އެކްސިޑެންޓްވެފައިވާކަމަށް ބުނެ ޝިމާޒު އަޙްމަދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ މި ދަޢުވާގައި، ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް އިންކާރުކޮށްފައިވާކަމާއި، ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ޝިމާޒު އަޙްމަދު ބާރަށް ސައިކަލް ދުއްވިކަން ސާބިތުކުރުމުގެ ގޮތުން ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން ހާދިސާ ހިނގި މަންޒަރު ދުށްކަމަށް ބުނާ ޕޮރެޝްއާއި ޙަމްދޫން ޢަފީފުއާ ދެމީހުންގެ ހެކިބަހުން ޝަކީލާގެ ގައިގައި ސައިކަލުން ޖެހުނުކަން އެނގެން އޮތްކަމުގައިވިޔަސް ޤާނޫނުގައި ބަޔާންކުރާ މިންވަރަށްވުރެ ބާރަށް ދުއްވިކަމާމެދު މި ދެމީހުންގެ ހެކިބަހުގައި ސުވާލުއުފެދޭ ކަންތައްތަކެއް ހުރިކަން އެނގެން އޮތްއިރު، ބާކީ ދެންތިބި ހެކިންކަމުގައިވާ ސިރާޖު އާދަމު އާއި، މުޙައްމަދު ސަޢީދުއާއި، ފާޠިމަތު ވަޙީދާއާއި، އަޙްމަދު އިބްރާހީމް އާއި، ޑޮކްޓަރު. ޢަލީ ޢަބްދުﷲ ލަޠީފްގެ ހެކިބަހަށް ރިޢާޔަތްކުރާއިރު، ޝިމާޒް އަޙްމަދު ސައިކަލް ދުއްވި ބާރުމިނެއް، އަދި ހާދިސާ ހިނގައިދިޔަ މަންޒަރެއް މި މީހުންނަށް ފެނިފައިނުވާކަން މި މީހުންގެ ހެކިބަހުން އެނގެން އޮތްއިރު، ހާދިސާ ހިނގައިދިޔަ ފަހުން ޝަކީލާ ކާރެއްގައި އައި.ޖީ.އެމް.އެޗް ހޮސްޕިޓަލަށް ގޮސް އެތާނގައި ކޮޅަށް ހުރިކަމާއި، އެތާނގައި ޝަކީލާއަށް ވަގުތުން ފަރުވާ ނުލިބި ލަސްތަކެއް ވެފައިވާކަމާއި، އަދި ޝިމާޒް އަޙްމަދު ދުއްވަމުން ދިޔަ ސައިކަލްގެ ބުރަކި ޖައްސާފައިވާކަން އެނގެން އޮތުމުން އެކަމަކީ އެކްސިޑެންޓް ނުވުމަށްޓަކައި އޭނަގެ ފަރާތުން ކުރެވުނު ޢަމަލެއްކަން ބެލެވޭއިރު، ޝަކީލާ ނިޔާވެފައިވަނީ ޝިމާޒު އަޙްމަދު ދުއްވަމުން ދިޔަ ސައިކަލް ޝަކީލާގެ ގައިގައި ޖައްސައި އޭނާ މަރާލުމުގެ ނިޔަތުގައިކަން ނުވަތަ ޝިމާޒު އަޙްމަދުގެ އިހްމާލުންކަން ފާޅުކަން ބޮޑުގޮތެއްގައި އޭނަގެ އަމަލުން އެނގެން ނެތްހިނދު، މަރުގެ ހާދިސާއެއްގައި ހުންނަންޖެހޭ ޝަރުއީ އަދި ޤާނޫނީ ރުކުންތައް މި މައްސަލައިގައި ފުރިހަމަވެފައި ނެތް ހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެއްވެސް މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރެވޭ މިންވަރަށް ޝިމާޒް އަޙްމަދުގެ ފަރާތުން ޤާނޫނާއި ޚިލާފަށް ނުރައްކާތެރިކޮށް ބާރަށް ސައިކަލް ދުއްވިކަން ސާބިތުވާމިންވަރަށް ކާފީ ހެކި ލިބިފައިނުވާތީ، ދައުލަތުން ޝިމާޒް އަޙްމަދުގެ މައްޗަށް ކުޅަ އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ މި ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި ޙުކުމްކޮށް، މި ޤަޟިއްޔާ ނިންމީއެވެ."

މިފަދައިންނެވެ.

އިސްތިއުނާފީ ނުކުތާތައް

5ކްރިމިނަލް ކޯޓުގެ ނަންބަރު 1187/Cr-C/2010 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އަންނަނިވި ނުކުތާ ހުށަހަޅާފައިވެއެވެ.

5.1 ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ހެކިބަސް ލިބިފައިވާއިރު، އެ ހެކި ޤަރީނާއަށް ފުރިހަމައަށް ރިޢާޔަތްނުކުރައްވައި، އެމިންވަރަށް މައްސަލަ ސާބިތުނުވާކަމަށް ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފީ ނުކުތާއާމެދު ދެފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ދައްކާފައިވާ ވާހަކަތަކުގެ ޚުލާސާ

6ފުރަތަމަ އިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ، ދައުލަތުގެ ފަރާތުން ޝިމާޒް އަޙްމަދުގެ މައްޗަށް ކޮށްފައިވާ ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ ދަށުން އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށްޓަކައި 08 ހެކިން ހުށަހަޅާފައިވާކަމަށާއި އެގޮތުން ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ޕޮރެޝް ހެކިބަހަށް ބަލާއިރު، ހާދިސާ ހިނގި ވަގުތު މަގު ރަނގަޅަށް ފެންނަ ކަމަށާއި ހާދިސާ ހިނގީ ޝިމާޒް އަޙްމަދު ދުއްވި ސައިކަލް ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ބްރޭކް ނުކުރެވި މިހާދިސާގައި ނިޔާވި ޝަކީލާގެ ގައިގާ ޖެހި އެކްސިޑެންޓް ވެފައިވާކަން އެ ހެކިވެރިޔާ ހެކިބަހުން އެނގޭ ކަމަށެވެ. އަދި އޭގެ އިތުރުން މި މައްސަލައިގެ ހެކިބަސް ދީފައިވާ ފަރާތެއް ކަމުގައިވާ […]، ޙަމްދޫން ޢަފީފުގެ ހެކިބަހުންވެސް ޝިމާޒް އަޙްމަދު ސައިކަލް ދުއްވާފައި ދިޔައީ ބާރަށްކަމަށް އެ ހެކިވެރިޔާގެ ހެކިބަހުންވެސް އެނގެން އޮވެއެވެ. އަދި މި މައްސަލައިގެ ޝިމާޒް އަޙްމަދުގެ ބަހުންވެސް އެކްސިޑެންޓްވެފައިވަނީ ޝިމާޒް އަޙްމަދު ދުއްވި ސައިކަލް ނުހުއްޓި މައްސަލައިގައި ނިޔާވި ފަރާތުގެ ގައިގައި ޖެހިގެންކަން އެނގޭ ކަމަށެވެ. އަދި ދަށުކޯޓުގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 13 ވަނަ ނުކުތާގައި މި މައްސަލައިގެ ހެކިބަސް ދީފައިވާ ޕޮރެޝް އަދި ޙަމްދޫންގެ ހެކިބަސް ތަފާތުވެފައިވާކަމަށް ބުނެފައިވީނަމަވެސް ޝިމާޒް އަޙްމަދުގެ ސައިކަލް ވެއްޓިފައިވަނީ އެކްސިޑެންޓްވި ހިސާބަށްވުރެ ކުޑަތަންކޮޅެއް ދުރަށް ކަމަށްވެފައި، ޕޮރެޝް އަށް ސައިކަލް ފެނުނު ވަގުތު ނުވެއްޓި ހުރިނަމަވެސް، ޙަމްދޫން އަފީފް އަށް ސައިކަލް ފެނުނު ވަގުތު ވެއްޓިފައި އޮތުން އެކަށީގެންވާކަމަށާއި، ހެކިބަހުގައި ހުރި ތަފާތަކީ ޝިމާޒް އަޙްމަދުގެ ސައިކަލް ދުއްވާފައިވަނީ ބާރު ސްޕީޑްގައި ކަމާމެދު ސުވާލު އުފެދޭވަރުގެ ފުށުއެރުމެއްކަން ދައުލަތުން ނުދެކޭކަމަށެވެ. އަދި މީގެ އިތުރުން ދައުލަތުގެ ފަރާތުން ފާހަގަކުރަނީ މި މައްސަލައިގެ ޝަކީލާ ބެއްލެވި ޑޮކްޓަރު ޢަލީ ލަޠީފްގެ ހެކިބަހަށް ބަލާއިރު، މެޑިކޯ ރިޕޯޓުގައި ޝަކީލާ އަށް އަނިޔާވެފައިވަނީ ބޮލަށް ގެއްލުން ލިބިގެންކަމަށާއި، އަދި މި މައްސަލައިގައި ޝަކީލާ ނިޔާވެފައިވަނީ އެކްސިޑެންޓާ ގުޅިގެން އޭނައަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް ޑޮކްޓަރ ޢަލީ ލަޠީފް ހެކިބަސް ދީފައިވާކަމަށެވެ. އެހެންކަމުން އިސްވެބުނެވުނު ކަންކަމަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ނުރައްކާތެރިކޮށް ސައިކަލް ދުއްވާފައިވާކަމާއި، އެ ޢަމަލުގެ ސަބަބުން ޝަކީލާ ނިޔާވެފައިވާތީ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށް ދައުލަތުން ދެކޭކަމަށެވެ.

7ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހުރިހާ ހެކިވެރިންނަކީ ދަށު ކޯޓުގައި ހެކިބަސް ނަގާފައިވާ ހެކިވެރިންކަމަށާއި އަދި ދަށު ކޯޓުގައި ހުރިހާ ހެކިވެރިންގެ ހެކިބަހަށްވެސް ރިޢާޔަތްކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ ފަރާތުން ހެކިވެރިންގެ ހެކިބަހަށް ރިޢާޔަތް ނުކުރެއޭ ބުނާއިރުގައި ރިޢާޔަތްކޮށްފައި ނުވަނީ ކޮންކަމެއްކަން ދައުލަތުން ބުނެދީފައި ނުވާކަމަށެވެ. އަދި ޝަފަހީ ހެކިންގެ ތެރޭގައި ދައުލަތުން ހުށަހަޅާފައިވަނީ ބަންގްލަދޭޝް ރައްޔިތަކާއި އަދި ޙަމްދޫން ޢަފީފް އާއި އަނިޔާ ލިބުނު ކަމަށް ބުނާ ފަރާތެއްގެ ހެކިބަހެވެ. އަދި މި މައްސަލައިގައި ހެކިބަސް ނަގާފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ޕޮރެޝްގެ ހެކި ބަހުގައި ތަފާތުތަކެއް ހުރި ކަމަށެވެ. ޑޮކްޓަރުން އޭނަގެ ޑެތް ރިޕޯޓުގައި ލަފާކުރެވޭ ކަމަށް ބަޔާންކޮށްފަ އޮންނަ ސަބަބުތަކުގެ ތެރޭގައި އޮންނަނީ އެއީ ލޭނާރެއް ބުލޮކްވުން ނުވަތަ ސިކުނޑި ދުޅަވުން މިފަދަ ކަންތައްތަކެއް ކަމަށާއި އެހެންކަމުން ޙަޤީޤަތުގައި ވެސް ނިޔާވެފައިވާ ފަރާތުގެ ޙަޤީޤީ މަރު ޑޮކްޓަރުންނަށް ދެނެގަނެވިފައެއް ނުވާކަމަށެވެ. އެއީ ސީދާ ޝިމާޒް އަޙްމަދު ދުއްވި ސައިކަލުން ޖެހިގެން ކަމެއް ނުވަތަ ހޮސްޕިޓަލް ތެރެއަށް ވެއްޓިގެން ލިބުނު އަނިޔާ އެއް ކަމަށް މެޑިކޯ ލީގަލް ރިޕޯޓުން އެނގެން ނެތްކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

8އިސްތިއުނާފުކުރާ ފަރާތުން އެދެނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 1187/Cr-C/2010 ޤަޟިއްޔާއިން ޝިމާޒް އަޙްމަދުގެ މައްޗަށް ދައުލަތުން ކުޅަ އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ދަޢުވާ ޝިމާޒް އަޙްމަދުގެ މައްޗަށް ސާބިތުނުވާކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށާއި، ޝިމާޒް އަޙްމަދުގެ މައްޗަށް މި ދަޢުވާ ސާބިތުވާ ކަނޑައަޅައި، ޝިމާޒް އަޙްމަދުގެ މައްޗަށް އަދަބު ކަނޑައަޅުއްވައި ދެއްވުމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް

9އިސްތިއުނާފުކުރާ ފަރާތުން އެދެނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 1187/Cr-C/2010 ޤަޟިއްޔާގެ ޙުކުމަކީ ނިހާއީ ޙުކުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ފާހަގަކުރެވުނު ކަންތައްތައް

10އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ އެއްގަމު އުޅަނދެއް ނުރައްކާތެރިކޮށް ދުއްވުމުގެ ދަޢުވާ ކަމުގައި ވީހިނދު، މި ދަޢުވާ ސާބިތުކުރުމަށްޓަކައި އަންނަނިވި އުންސުރުތައް ސާބިތުވާންޖެހޭކަމުގައި ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވެއެވެ.

1. އިސްތިއުނާފު ރައްދުވާ ފަރާތުން ދުއްވަމުންއައި ސައިކަލުން އަނިޔާލިބުނު ފަރާތުގެ ގައިގައި ޖެހުނުކަން

2. އެ އުޅަނދު ދުއްވާފައިވަނީ ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށްކަން

3. ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވުން

4. ހިނގާބިނގާ އުޅޭ މީހުންނަށް ބަލަންޖެހޭވަރަށް ނުބަލައި ދުއްވުން

5. އެކްސިޑެންޓްވެ އަނިޔާވި ކަމަށް ބުނާ ފަރާތް ނިޔާވެފައިވާކަމާއި، ނިޔާވެފައިވަނީ އެކްސިޑެންގެ ސަބަބުންކަން

11މި މައްސަލައާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ކްރިމިނަލް ކޯޓުގައި ދަޢުވާއަށް ޖަވާބުދާރީ ވުމުގައި މި މައްސަލައިގައި ބަޔާންކޮށްފައިވާ އެކްސިޑެންޓް ހިނގާފައިވާކަމަށް ބުނެފައިވީނަމަވެސް، އެ އެކްސިޑެންޓް ހިނގާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ދުއްވަމުން އައި އުޅަނދު ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން ނޫންކަމަށް ބުނެ، ދަޢުވާއަށް އިންކާރުކޮށްފައިވެއެވެ.

12މި ދަޢުވާއަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރުކުރުމާ ގުޅިގެން ދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ދަށުކޯޓުގައި ހެކިން ހުށަހަޅައި، އެ ހެކިންގެ ހެކިބަސް ކޯޓުން ނަގާފައިވެއެވެ. އެގޮތުން ހެކިންގެ ހެކިބަހަށް ބަލާއިރު ހާދިސާ ލޮލަށް ފެނުނުކަމަށް ބުނާ ދެ ހެއްކެއް މައްސަލައިގައި ހިމެނެއެވެ. އެއީ ޙަމްދޫން ޢަފީފްއާއި، ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޕޮރޭޝްއެވެ.

13މި އިސްތިއުނާފީ މައްސަލައަކީ ޕޮރޭޝްއާއި ޙަމްދޫން ޢަފީފްގެ ހެކިބަހަށް ބަލާއިރު، މައްސަލައިގައި ހިމެނޭ އެހެން ހެކިތަކާ އެ ހެކިތައް ގުޅުވައިލުމުން، މި މައްސަލައަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާނެފަދަ ހެކި ލިބިފައިވާ މައްސަލައެއްކަމުގައި ދައުލަތުން ދެކޭތީ، މި މައްސަލަ ސާބިތުނުވާކަމަށް ދަށުކޯޓުން ނިންމާފައިވާ ނިންމުން އިސްތިއުނާފުކޮށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައެކެވެ.

އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވާ ކަންކަން

1. ހާދިސާ ހިނގާފައިވާ ތަން. މި މައްސަލައިގައި ހިނގާފައިވާ އެކްސިޑެންޓަކީ، މާލޭގެ ބުރުޒުމަގާއި ކޮއިމަލާހިނގުމާ ގުޅޭ ހަތަރުއަނގޮޅި ކަންމަތި (ސިނަމާލެ-1 ކަންމަތި) ގައި ހިނގާފައިވާ ހާދިސާއެކެވެ.

2. އިސްތިއުނާފު ރައްދުވާ ފަރާތަކީ ބުރުޒުމަގުން އިރުން ހުޅަނގަށް ދުއްވާފައި އައި ފަރާތެއްކަން

3. މި މައްސަލައިގައި ބަޔާންކޮށްފައިވާ އެކްސިޑެންޓް ހިނގާފައިވާކަން

4. އަނިޔާލިބުނުކަމަށްބުނާ ފަރާތް ނިޔާވެފައިވާކަން

ދައުލަތުގެ ބަހުސް

14ދައުލަތުގެ ބަހުސަކީ ޕޮރޭޝްގެ ހެކިބަހާއި ޙަމްދޫން ޢަފީފްގެ ހެކިބަހުން އެނގެން ހުރި ކަންކަމާއި، އެހެން ހެކިންގެ ވާހަކަތަކާއި ގުޅުވައިލުމުން ދަޢުވާ ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާކަން އެނގޭކަމުގައެވެ. އެގޮތުން؛

14.1 ޕޮރޭޝްގެ ހެކިބަހުގައި، ޝިމާޒް އަޙްމަދު ދުއްވާފައި ދިޔަ ސައިކަލު ބާރު ސްޕީޑްގައި ދުއްވާފައިގޮސް ބްރޭކް ނުކުރެވި ޝަކީލާގެ ގައިގައި ޖެހުނުކަމަށް ބުނެފައިވުމުން، ޝިމާޒް ޢަހްމަދު ސައިކަލު ދުއްވާފައިވަނީ ބާރު ސްޕީޑުގައިކަން އެނގޭކަމަށާއި، އަދި ހެކިވެރިޔާ މިފަދައިން ބުނެފައިވަނިކޮށް ފަހުން، ޝިމާޒް އަޙްމަދު ދުއްވާފައިވަނީ އާދައިގެ ސްޕީޑެއްގައިކަމަށް ބުނެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ހެކިވެރިޔާއާ ސުވާލުކުރި ގޮތުންކަމަށް ދެކޭކަމަށާއި، އެއީ ހެކިވެރިޔާ ދެކޭގޮތް ދެނެގަތުމަށް ކޮށްފައިވާ ސުވާލެއްކަމުގައި ވާއިރު، ސްޕީޑްގެ ބާރުމިނާމެދު ދެކޭގޮތް ބަޔާންކޮށް ދީފައިވާ ހެކިބަހަކީ ރަޢުޔެއްކަމުގައިވާތީ އެ ހެކިބަހުގެ އެބަޔަށް ރިޢާޔަތް ކުރެވޭނެކަމަށް ދައުލަތުން ނުދެކޭކަމަށް ބަޔާންކޮށްފައިވެއެވެ.

14.2 ހަމައެހެންމެ ޙަމްދޫން ޢަފީފްގެ ހެކިބަހަށް ބަލާއިރު، ސައިކަލެއް ވަރަށް ބާރަށް ދުއްވާފައިގޮސް ޝަކީލާގެ ގައިގައި ޖެހުނުތަން ފެނުނުކަމަށް ބުނެފައިވާއިރު، ސައިކަލު ދުއްވާފައިވަނީ 30 ކިލޯމީޓަރު ނުވަތަ އެއަށްވުރެ ބާރަށް ކަމަށާއި، އަދި ސައިކަލު ވެއްޓުނުކަމަށް ބުނެފައިވުމުން، ޝިމާޒް އަޙްމަދު ސައިކަލު ދުއްވާފައިވަނީ ބާރު ސްޕީޑުގައިކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމުގައި ދައުލަތުން ދެކޭކަމަށް ބަޔާންކޮށްފައިވެއެވެ.

14.3 ހަމައެހެންމެ އެކްސިޑެންޓް ވުމަށްފަހު، ސައިކަލަށްވީ ގޮތާއި ގުޅޭގޮތުން (ޕޮރޭޝްއަށް ފެނުނުއިރު ސައިކަލު ނުވެއްޓި ހުރުމާއި، ޙަމްދޫން ޢަފީފްއަށް ސައިކަލު ފެނުނީ ވެއްޓިފައި އޮއްވައިކަމަށް ބުނެފައިވާ ބުނުން) މަތީގައި ބަޔާންވެދިޔަ ހެކިންގެ ހެކިބަހުގައި ތަފާތުތަކެއް ހުރިކަމަށް ދަށުކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވީނަމަވެސް، އެތަފާތަކީ ޝިމާޒް ޢަހްމަދު ސައިކަލު ދުއްވާފައިވަނީ ބާރު ސްޕީޑުގައި ކަމާމެދު ސުވާލު އުފެދޭވަރުގެ ފުށުއެރުމެއްކަމަށް ނުދެކޭކަމަށް ދައުލަތުން ބުނެފައިވެއެވެ.

14.4 ހަމައެފަދައިން، ޝަކީލާގެ ގައިގައި ޖައްސައި އޭނާ މަރާލުމުގެ ނިޔަތެއް ނުވަތަ އިހުމާލުން ހިނގާފައިވާ ކަމެއްކަން ޝިމާޒް އަޙްމަދުގެ ޢަމަލުން އެނގެން ނެތްކަމަށް ދަށު ކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވާއިރު، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު، މީހުން ހިނގާބިނގާވެ އުޅޭ މަގެއްގައި ބާރު ސްޕީޑުގައި ސައިކަލު ދުއްވައިފިނަމަ މިފަދަ އެކްސިޑެންޓެއް ހިނގާފާނެކަން އެނގޭއިރު، އެކަމަށް ފަރުވާލެއް ނުބަހައްޓައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާފައިވާކަމަށް ދަލާލާތުކޮށްދޭކަމަށް ދައުލަތުން ބަޔާންކޮށްފައިވެއެވެ.

14.5 އަދި މި މައްސަލައިގައި ނިޔާވިފަރާތް ބެއްލެވި ޑޮކްޓަރުގެ ހެކިބަހަށް ބަލާއިރު، ޝަކީލާއަށް އަނިޔާވެފައިވަނީ ފުއްކިބަޔާއި ބޮލުގެ އަރިމައްޗަށްވާ ގޮތަށްކަން އެނގޭކަމަށާއި، އަނިޔާވެފައިވާ ހިސާބަކީ ވަރަށް ތިލަކޮށް ނާރު ހުންނަ ހިސާބެއްކަމުން ޝަކީލާގެ އުމުރުގެ މީހަކު ވެއްޓި އެތަން ޖެހިއްޖެނަމަ ނާރު ފަޅައިގެން ދިއުމަކީ ގާތްކަމެއްކަމަށާއި، ޝަކީލާ ނިޔާވެފައިވަނީ އެކްސިޑެންޓާ ގުޅިގެން ލިބުނު އަނިޔާގެ ސަބަބުންކަމަށްކަމަށް ޑޮކްޓަރު ވިދާޅުވެފައިވުމުން، ޝަކީލާއަށް ފަރުވާނުދެވި ހޮސްޕިޓަލުގައި ގިނަ ވަގުތުތަކެއް ހޭދަވިކަމަށް ފާހަގަކޮށްފައިވީނަމަވެސް، chain of Causation ދެމިއޮތްކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

15އެހެންކަމުން ބަޔާންވެދިޔަ ކަންކަމަށްބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ނުރައްކާތެރިކޮށް ސައިކަލު ދުއްވާފައިވާކަމާއި، އެ ޢަމަލުގެ ސަބަބުން ޝަކީލާ ނިޔާވެފައިވާކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށް ދެކޭކަމަށް ދައުލަތުން ބަޔާންކޮށްފައިވެއެވެ.

16ބަޔާންވެދިޔަ ނުކުތާތަކުގެ އަލީގައި މި މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ ނުކުތާއެއްކަމުގައި އަހުރެން ދެކެނީ، ޕޮރޭޝްއާއި ޙަމްދޫން ޢަފީފްގެ ހެކިބަހުގައި ހުރި ތަފާތުތަކަކީ ޖައުހަރީ ތަފާތުތަކެއްތޯއާއި، އަދި އެ ހެކިބަހާއި މި މައްސަލައިގައި ހިމެނޭ އެހެން ހެކިތަކާއި، އަދި އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަތަކާ ގުޅުވައިލުމުން ނިކުންނަ ނަތީޖާއަކީ ކޮބައިކަމެވެ. އަދި މިކަމުގެ އަލީގައި ދަށު ކޯޓުގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް އޮތްތޯއެވެ.

17މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދަށު ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކުރާއިރު، ހާދިސާގައި ބަޔާންކޮށްފައިވާ އެކްސިޑެންޓް ހިނގާފައިވާކަން އެނގެއެވެ. އަދި އެކަމަކީ، މި މަރުޙަލާގައިވެސް އިސްތިއުނާފު ރައްދުވާ ފަރާތުން އެކަމާމެދު ސުވާލު އުފައްދައި ޖަދަލުކޮށްފައިވާ ކަމެއް ނޫނެވެ.

18HN1އެހެންކަމުން، މި މައްސަލައިގައި އޮތް މައިގަނޑު ބަހުސަކީ ޝަކީލާ ނިޔާވެފައިވަނީ ނުވަތަ އެކްސިޑެންޓް ހިނގާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ދުއްވަމުންއައި ސައިކަލު ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން ޖެހުނު ޖެހުމަކުން ހެއްޔެވެ.

19އެކަން ދެނެގަތުމަށްޓަކައި އަންނަނިވި ކަންކަން ނުވަތަ ކަމެއް ސާބިތުވާންޖެހޭކަމުގައި ދެކެމެވެ.

1. އިސްތިއުނާފު ރައްދުވާ ފަރާތުން ސައިކަލު ދުއްވަމުންއައީ ބާރު ސްޕީޑްގައިތޯ ނުވަތަ ހުއްދަކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށްތޯ ނުވަތަ ނުރައްކާތެރިކޮށްތޯ،

2. މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ބަލަންވާ މިންވަރަށް ނުބަލައިތޯ އެވެ.

20މި މައްސަލައިގައި، އިސްތިއުނާފު ރައްދުވާ ފަރާތުން ސައިކަލު ދުއްވާފައިވާ ދުވެލި ހުރި މިންވަރަކީ، އެއްވެސް ވަސީލަތެއްގެ އަލީގައި ދެނެގަނެވިފައިވާކަމެއް ނޫނެވެ. އެކަންކަން ދެނެގަނެވެން އޮތީ ހެކިންގެ ހެކިބަހުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައެވެ. އެހެންކަމުން މި އިސްތިއުނާފީ މައްސަލަ ބިނާވެފައިވާ އަދި ހާދިސާ ލޮލަށް ފެނުނުކަމަށްބުނާ ހެކިން ކަމުގައިވާ ޙަމްދޫން ޢަފީފްއާއި ޕޮރޭޝްގެ ހެކިބަސް ލިބިފައިވާ ގޮތަށް ބަލައިލާނަމެވެ.

ބަނގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ޕޮރޭޝްގެ ހެކިބަސް

21ޕޮރޭޝްއަކީ ހާދިސާ ހިނގައިދިޔަ ސަރަޙައްދުގައި ހަތަރު އަނގޮޅިއަށްވާގޮތަށް ކަންމައްޗަށް ހުރި ލޯންޑްރީއެއްގައި ސެކިއުރިޓީ ބެލެހެއްޓުމަށް އެވަގުތު ހުރި ފަރާތެކެވެ.

22ޕޮރޭޝް ޝަރީޢަތުގެ މަޖިލީހުގައި (ދަށު ކޯޓުގައި) ދީފައިވާ ހެކިބަހަށް ބަލާއިރު އަންނަނިވި ކަންކަން އެ ހެކިބަހުން ދެނެގަނެވެއެވެ.

23ސައިކަލުން ޖެހުނުތަން ހެކިވެރިޔާއަށް ފެނުނުކަމާއި، ސައިކަލު ދުއްވާފައިވަނީ ބާރު ސްޕީޑްގައިކަމަށް ހެކިވެރިޔާ ބުނެފައިވާކަން

24އެކަން ދެނެގަނެވެނީ، ހެކިވެރިޔާ ބުނެފައިވާ އަންނަނިވި ޢިބާރާތްތަކުންނެވެ.

1. "އޭނާ ބާރަށް އައިސްފައި ބްރޭކްކުރަން މަސައްކަތްކުރީ، ބްރޭކް ނުކުރެވި އަންހެންމީހާގެ ގައިގައި ޖެހުނީ"

2. "ސައިކަލު އައިސް އޭނާގެ ގައިގައި ޖެހުނީ، ސައިކަލު އަންނަނިކޮށް އަޅުގަނޑަށް ފެނުނު"

25ޕޮރޭޝްގެ ހެކިބަހަށް ބަލާއިރު، ސައިކަލު އައީ ކިހާ ބާރު މިނެއްގައިކަން ފާހަގަކުރެވޭތޯ ދައުލަތުން ސުވާލުކުރުމުން، އޭނާ ބާރަށް އައިސް ބްރޭކްކުރަން މަސައްކަތްކުރިކަމަށާއި، އެހެންނަމަވެސް ބްރޭކް ނުކުރެވި އަންހެންމީހާގެ ގައިގައި ޖެހުނީ ކަމަށް ބަޔާންކޮށްފައިވެއެވެ. އޭގެފަހުން އިސްތިއުނާފު ރައްދުވާ ފަރާތުން ހެކިވެރިޔާއާ ސުވާލުކޮށް، "ހެކިވެރިޔާއަށް ގަބޫކުރެވޭ ގޮތުގައި ސައިކަލު ދުއްވާފައިވަނީ ވަރަށް ބާރަށްތޯ ނުވަތަ އާދައިގެ މިންވަރަކަށް ދުއްވާފައިތޯ" ސުވާލުކުރުމުން، ސައިކަލު ދުއްވާފައިވަނީ އާދައިގެ ސްޕީޑެއްގައި ކަމުގައި ހެކިވެރިޔާ ބުނެފައިވެއެވެ.

26ދައުލަތުން މި ނުކުތާއާ މެދު ދެކޭ ގޮތް ކަމަށް ބުނެފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުން ސުވާލުކޮށްފައިވަނީ ހެކިވެރިޔާ ދެކޭ ގޮތް ދެނެގަތުމުގެ ބޭނުމުގައި ކަމުގައެވެ. އެހެންކަމުން މިއީ ރަޢުޔެއް ބަޔާންކުރުން ކަމުގައިވާތީ، މިޙާލަތުގައި ރިޢާޔަތްކުރަންޖެހޭނީ ހެކިވެރިޔާގެ ލޮލަށް ފެނި ކިޔައިދިން މަންޒަރުކަމަށްވާ "ބްރޭކް ކުރަން އުޅުމުން ބްރޭކް ނުކުރެވި ގޮސް ޖެހުނު" މަންޒަރަށް ކަމުގައެވެ.

27އެހެންނަމަވެސް، ހެކިވެރިޔާ ބްރޭކް ކުރަން އުޅުނު ވާހަކަ ބަޔާންކުރުމުގައިވެސް ހެކިވެރިޔާއަށް ދެނެގަނެވުނު ސްޕީޑް ބުނެދިނެވެ. އެއީ "ބާރަށް" ކަމަށް ބުނެފައިވުމެވެ. ފަހުން އިސްތިއުނާފު ރައްދުވާ ފަރާތުން ސުވާލުކޮށްފައިވަނީ، "ބާރަށް" ކަމަށް ބުނެފައިވަނީ އެއީ ވަރަށް ބާރުތޯ ނުވަތަ އާދައިގެ ސްޕީޑެއްތޯ އެކަމުގައި ހެކިވެރިޔާގެ ރަޢުޔު ހޯދުމަށެވެ. އެހެންކަމުން، ފުރަތަމަ "ބާރަށް" ކަމަށް ބުނި ބުނުމަކީ ވަރަށް ބާރަށް އައިކަމަށް ބުނުމުގެ ގޮތުން ބުނެފައިވާ ބުނުމެއް ނޫންކަމުގައި ހެކިވެރިޔާ ދީފައިވާ ތަފްސީލުން ދެނެގަނެވެއެވެ. އަދި އެއީ އާދައިގެ ސްޕީޑެއްގައި ދުއްވި ދުއްވުމެއް ކަމުގައި ހެކިވެރިޔާގެ ބަހުން ދެނެގަނެވެއެވެ. ހަމައެހެންމެ، ބްރޭކް ކުރަން މަސައްކަތްކުރުމުން ބްރޭކް ނުކުރެވުނު ވާހަކަ ފަހުންވެސް ނަފީކޮށްފައި ނުވުމުން، ހެކިވެރިޔާގެ ނަޒަރުގައި "ބާރަށް" ކަމަށް ބުނެފައިވަނީ "ވަރަށް ބާރު" ސްޕީޑަކަށް ނޫންކަމުގައި ބެލިނަމަވެސް އަދި އެއީ ހެކިވެރިޔާގެ ނަޒަރުގައި "އާދައިގެ ސްޕީޑެއް" ކަމަށް ބެލިނަމަވެސް، ބްރޭކް ކުރަން މަސައްކަތްކުރުމުން ބްރޭކް ނުކުރެވި ގޮސް ޖެހުނުތަން ހެކިވެރިޔާއަށް ފެނުނުކަމަށް ބުނިބުނުން އެބައޮތެވެ. އަދި މި ހެކިވެރިޔާ ބާރު ސްޕީޑްގައި ކަމަށް ބުނެފައިވަނީ ސައިކަލު ބްރޭކް ނުކުރެވި ޖެހުނު މަންޒަރު ފެނުނުކަން ބުނެދިނުމުގެ ގޮތުން ކަމުގައިދެކެމެވެ.

28ހަމައެހެންމެ ބްރޭކްކުރަން މަސައްކަތްކުރުމުން ބްރޭކް ނުކުރެވި ޖެހުނުކަމަށް ޕޮރޭޝްގެ ހެކިބަހުން ދެނެގަނެވެން އޮތްނަމަވެސް، އެއީ މީހެއްގެ ގައިގައި ޖެހުމާއި ކިހާ ދުރުމިނަކުން ބްރޭކް ކުރަން މަސައްކަތްކުރި ކުރުމެއްކަން އެނގެން ނެތެވެ. އެއީ ކުއްލިއަކަށް މީހަކު ކުރިމައްޗަށް އެރުމުން ބްރޭކް ކުރި ކުރުމެއްތޯ ނުވަތަ އެމީހާ މަގު ހުރަސްކުރަނިކޮށް ފެނިގެން ދުރުން ބްރޭކްކުރަން މަސައްކަތްކުރި ކުރުމެއްތޯ ހެކިވެރިޔާގެ ބަހުން ދެނެގަނެވެން ނެތެވެ. އަދި ހަމައެހެންމެ "ބްރޭކް ނުކުރެވި ޖެހުން" ކަމަށް ބުނެފައިވަނީ ބްރޭކް ކުރުމުން ފުރޮޅު ކާހާލާފައި ގޮސް ސައިކަލު ނުހުއްޓި މީހެއްގެ ގައިގައި ޖެހުނު ޖެހުމެއްތޯ ނުވަތަ ބްރޭކް ކުރަން އުޅުމުން ބްރޭކް ކުރަން ފުރުސަތު ނުލިބިގެން ޖެހުނު ޖެހުމެއްތޯ ނުވަތަ ބްރޭކް ކުރަން މަސައްކަތްކުރުމުން ބްރޭކް ކުރެވުނު މިންވަރު ލަސްވުމުން، ބްރޭކް ކުރެވުނުއިރު މީހެއްގެ ގައިގައި ޖެހުމާއިއެކު ނުވަތަ ޖެހިފައި ބްރޭކް ކުރެވުނީތޯ މިކަންކަން ދެނެނުގަނެވެއެވެ.

29މިކަން ދެނެގަންނަން މުހިންމުވާކަމުގައި އަހުރެން ދެކެނީ، "ބްރޭކް ނުކުރެވި ޖެހުން" ކަމަށް ބުނެފައިވަނީ ބްރޭކް ކުރުމުން ފުރޮޅު ކާހާލާފައި ގޮސް ސައިކަލު ނުހުއްޓި މީހެއްގެ ގައިގައި ޖެހުނު ޖެހުމެއްކަމުގައި ބުނާނަމަ، ސައިކަލު ދުއްވާފައިވަނީ ބްރޭކް ކުރިޔަސް ވަގުތުން ނުހުއްޓޭ މިންވަރަށް ނުވަތަ ބްރޭކް ކުރުމުން ކޮންޓްރޯލް ނުކުރެވޭ މިންވަރަށްކަން ދޭހަވާނެތީއެވެ. އަދި "ބްރޭކް ނުކުރެވި ޖެހުން" ކަމަށް ބުނެފައިވަނީ ބްރޭކް ކުރަން އުޅުމުން ބްރޭކް ކުރަން ފުރުސަތު ނުލިބިގެން ޖެހުނު ޖެހުމެއްތޯ ދެނެގަންނަން މުހިންމުވަނީ، ސައިކަލުން ޖެހުނު މީހާ ސައިކަލުގެ ކުރިމަތިން ފެނުނީ ކުއްލިއަކަށް ނަމަ، ކިތަންމެ މަޑުން ދުއްވިނަމަވެސް ބްރޭކް ކުރަން ފުރުސަތު ނުލިބިގެން މަޑުންނަމަވެސް ނުވަތަ ކުޑަކޮށް ނަމަވެސް ކުއްލިއަކަށް ފެންނަ މީހެއްގެ ގައިގައި ޖެހުމުގެ ފުރުސަތު އޮވެދާނެތީއެވެ. އަދި ދުރުން ފެނިގެން ބްރޭކް ނުކުރެވިގެންނަމަ، އެމީހާ ސައިކަލު ދުއްވުމުގައި ނުވަތަ ސައިކަލު ކޮންޓްރޯލްކުރުމުގައި ނުފަރިތަކަން ދޭހަވެދާނެތީއެވެ. "ބްރޭކް ނުކުރެވި ޖެހުން" ކަމަށް ބުނެފައިވަނީ ބްރޭކް ކުރަން މަސައްކަތްކުރުމުން ބްރޭކް ކުރެވުނު މިންވަރު ލަސްވުމުން، ބްރޭކް ކުރެވުނުއިރު މީހެއްގެ ގައިގައި ޖެހުމާއިއެކު ނުވަތަ ޖެހިފައި ބްރޭކް ކުރެވުނީތޯ، ދެނެގަންނަން މުހިންމުވަނީ، ހާދިސާ ހިނގައިދިޔަ ގޮތުން ބްރޭކް ކުރުމުގެ ފުރުސަތު ލިބިފައިވާ މިންވަރު ދެނެގަނެވެން އޮންނާނެތީއެވެ. އެހެނީ ސައިކަލު މަޑުން ދުއްވާފައި ދިޔަނަމަވެސް، ކުއްލިއަކަށް ސައިކަލު ކުރިމައްޗަށް އަރާ މީހާއާއި ދުރުން ފެންނަން ހުންނަމީހާއާ ދެމީހުންކުރެ، ކުއްލިއަކަށް ފެންނަ މީހާ ފެނުމުން، ސައިކަލު ބްރޭކް ކުރެވޭ މިންވަރު ލަސްވެ އެމީހާގެ ގައިގައި ޖެހޭފަހުން ނުވަތަ ޖެހުމާއެކު ސައިކަލު ބްރޭކް ކުރެވޭގޮތްވެސް ވެދާނެތީއެވެ. ނަމަވެސް މިއީ ބަހުސްގެ ބޭނުމަށް ފާހަގަކޮށްފައިވާ ކަންކަމެވެ. އެހެނީ މި މައްސަލައިގައި ދަށު ކޯޓުގައި މައްސަލަ ހިނގިއިރު، މިފަދަ ކަންކަން ދެނެގަނެވޭނެ އެކްސްޕާޓެއް ހުށަހެޅިފައިނުވާތީއާއި، ހެކިންނާ ސުވާލުކުރުމުގައިވެސް އެފަދަ މަޢުލޫމާތުތައް ލިބޭނެގޮތަށް އެއްވެސް ފަރާތަކުން ސުވާލުކޮށްފައިނުވާތީއެވެ. އެހެންކަމުން ބަޔާންވެދިޔަ ކަންކަމަކީ މައްސަލައިގައި އެނގެން ހުރި ކަންކަމެއް ނޫނެވެ. ހެކިވެރިޔާ ޕޮރޭޝްގެ ހެކިބަހުން އެނގެނީ، ބްރޭކް ނުކުރެވި ގޮސް ޖެހުނުތަން ހެކިވެރިޔާއަށް ފެނުނުކަމެވެ.

ޕޮރޭޝްގެ ހެކިބަހުން ދެނެގަނެވޭ އެހެންކަންކަން

30ޕޮރޭޝް ހެކިބަސް އަދާކޮށްފައިވާ ގޮތަށް ބަލާއިރު، ހާދިސާ ހަނދާން އެބަހުރިކަމަށާއި، އޭނާ ޑިއުޓީގައި އިންނައިރު މަގުގެ ހުރިހާތަނެއް ރަނގަޅަށް ފެންނަކަމަށް ބުނެފައިވާއިރު، އެކްސިޑެންޓްގެ ސަބަބުން ކުއްޖާއާއި ބޮޑު މީހާއަށް ވީ ކިހިނެއްތޯ ދައުލަތުން ސުވާލުކުރުމުން، އޭނާއަށް ފެނުނީ އެ ދެމީހުން ޓެކްސީއަކަށް ލާފައި ހޮސްޕިޓަލަށް ގެންދިޔަތަން ކަމަށް ބުނެފައިވެއެވެ. ހެކިވެރިޔާ މިހެން ބުނުމުން، ދައުލަތުން ސުވާލުކޮށްފައިވަނީ އޭގެ ކުރިން ސައިކަލުން ޖެހިފައި ވީ ކިހިނެއްތޯއެވެ. އެ ސުވާލުގެ ޖަވާބުގައި ހެކިވެރިޔާ ބުނެފައިވަނީ، ސައިކަލުން ޖެހިފައި އޭނާ (ނިޔާވި ފަރާތް) ވެއްޓުނީކަމުގައެވެ. އެހެންނަމަވެސް، ޖެހުނުތަން ފެނުނުކަމަށް އޭރަކު އަދި ހެކިވެރިޔާ ނުބުނެއެވެ. ސައިކަލުން ޖެހުނު މަންޒަރު ފެނުނުތޯ ސުވާލުކުރުމުގެ ބަދަލުގައި، ޖެހުމުން ވީ ކިހިނެއްތޯ ދައުލަތުން ސުވާލުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

31އޭގެފަހުންވެސް ދައުލަތުން ސުވާލުކުރީ، އެސައިކަލު އައީ ކިހާ ބާރުމިނެއްގައިތޯއެވެ. އެ ސުވާލުގެ ޖަވާބުގައި ހެކިވެރިޔާ ބުނެފައިވަނީ، "އޭނާ ބާރަށް އައިސްފައި ބްރޭކް ކުރަން މަސައްކަތްކުރީއެވެ. ބްރޭކް ނުކުރެވި އަންހެންމީހާގެ ގައިގައި ޖެހުނީ" ކަމުގައެވެ.

32HN2މި ހެކިވެރިޔާއަކީ، ޖެހުނުތަން ފެނުނުކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެއްކަކަށް ވީނަމަވެސް، ޖެހުނުތަން ފެނުނުކަމަށް ހެކިވެރިޔާ ބުނުމުގެ ކުރީން، އެއީ ފެނިފައިވާ މަންޒަރެއް ކަމުގައި ބަލައިގެން ދައުލަތުން ސުވާލުކުރުމަކީ، ހެކިވެރިޔާ ލީޑް ކުރެވުން ކަމުގައި ދެކެމެވެ. އެހެނީ ޖެހުނުތަން ފެނުނުކަން ސާބިތުކުރުމަށް ހުށަހަޅާ ހެއްކެއްގެ ހެކިބަހުގައި، ޖެހުނުތަން ފެނުނުކަމަށް ބުނުމަކީ ހެކިބަހުގެ އެންމެ މުހިންމު އެއް މަގްސަދު ކަމުގައިވާއިރު، އެކަން ހެކިވެރިޔާގެ ކިބައިން ސާފުކުރުމުގެ ބަދަލުގައި އެއީ އެސްޓެބްލިޝް ވެފައިވާ ކަމެއްކަމުގައި ބަލައިގެން ހެކިވެރިޔާއާ ސުވާލު ކުރެވޭނަމަ، އެ ހެކިބަހުގައި އުނިކަމާއި އައިބުކަން ހުންނާނެތީއެވެ.

33އެހެންކަމުން، ހެކިވެރިޔާގެ ހެކިބަހުގައި ސައިކަލުން ޖެހުނުކަމަށް ބުނުމުގެ ކުރީން، އަންހެން މީހާގެ ގައިގައި ޖެހުނުކަމަށް ބުނެ ދައުލަތުން ސުވާލު ބައްޓަން ކޮށްފައިވުމުން، ހެކިވެރިޔާގެ ހެކިބަސް އެގޮތުގެ މަތީން ތަރުތީބުވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.

34ހެކިވެރިޔާގެ ހެކިބަހުގައި ފާހަގަކުރެވޭ އިތުރު ކަންކަމަށް ބަލާއިރު، ބްރޭކް ކުރަން މަސައްކަތްކުރުމުން ބްރޭކް ނުކުރެވި ޖެހުނީކަމަށް ހެކިވެރިޔާ ބުނެފައިވާއިރު، ހެކިވެރިޔާގެ ފަރާތުން އެހެން ބުނެފައިވަނިކޮށް، އެ މަގުން ކުރިން ސައިކަލު އަންނަތަން ފެނުނުތޯ ދައުލަތުން ސުވާލުކުރުމުން، ހެކިވެރިޔާއަށް ނޯޓިސް ކުރެވުނީ ސައިކަލު އައިސް ޖެހުނީމަކަމަށްވެސް ހެކިވެރިޔާ ބުނެފައިވެއެވެ. އެހެންކަމަށްވާނަމަ ހެކިވެރިޔާއަށް އެކްސިޑެންޓްވި މަންޒަރު ފެނުމަށްވުރެ ބޮޑަށް، އެކްސިޑެންޓެއް ހިނގައިދިޔަ އަޑު އިވުމުން އެދިމާލަށް ބެލީކަމުގައި ބުރަވެއެވެ. ހަމައެހެންމެ އޭގެ ކުރިން ސައިކަލު އައީ ބާރު އަޑަކާއެކުގައިތޯ، ނުވަތަ ބާރަށް އަންނަކަން އަޑުން އެނގޭނެނޫންތޯ ދައުލަތުން ސުވާލުކުރުމުން، ސައިކަލު އައީ ބާރަށްކަން ސައިކަލުގެ އަޑަކުން ފާހަގަނުވާކަމަށްވެސް ހެކިވެރިޔާ ބުނެފައިވެއެވެ.

35އެހެންނަމަވެސް އޭގެފަހުން ދަޢުވާލިބޭ ފަރާތުން ހެކިވެރިޔާއާ ސުވާލުކުރުމުން، ސައިކަލު އަންނަނިކޮށް ފެނުނުކަމަށްވެސް ހެކިވެރިޔާ ބުނެފައިވެއެވެ. އަދި އެކްސިޑެންޓާއި ގުޅިގެން، ދައުވާލިބޭ ފަރާތަށާއި އޭނާ ދުއްވަމުން އައި ސައިކަލާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަމަށްބަލާއިރު، އެކްސިޑެންޓްވުމުން ސައިކަލުވެސް އަދި ދަޢުވާލިބޭ ފަރާތްވެސް ނުވެއްޓޭކަމަށާއި، މަގުގެ އެއްފަރާތުގައި ސައިކަލު ޕާކުކޮށްފައި ސައިކަލުން ފައިބައިގެން އައިސް އެކްސިޑެންޓްގައި ވެއްޓުނު ފަރާތަށް ދަޢުވާލިބޭ ފަރާތުން އެހީތެރިކަން ފޯރުކޮށްދީ ހޮސްޕިޓަލަށް ގެންދިއުމުގައި އުޅުނުކަމާއި، އަދި އޭގެ އިރުކޮޅެއްފަހުން ދަޢުވާލިބޭ ފަރާތް އައިސް ސައިކަލު ގެންދިޔައީކަމަށް ޕޮރޭޝް ބުނެފައިވެއެވެ.

36މި ހެކިވެރިޔާގެ ހެކިބަހަށް ޖުމްލަގޮތެއްގައި ބަލާއިރު، ސައިކަލު އައީ ބާރު ސްޕީޑްގައި ކަމަށް ބުނެފައިވެއެވެ. ސައިކަލު ބްރޭކް ނުކުރެވި ގޮސް ޖެހުނީކަމަށްވެސް ބުނެފައިވެއެވެ. ކުރިން ސައިކަލު ދުއްވާފައި އައިތަން ނުފެންނަކަމަށްވެސް ބުނެފައިވެއެވެ. އެކްސިޑެންޓް ހިނގައިދިޔަކަން ނޯޓިސް ކުރެވުނީ ޖެހުމުންކަމަށްވެސް ބުނެފައިވެއެވެ. ސައިކަލު އައީ ބާރަށްކަން އަޑަކުން ފާހަގަނުވާކަމަށްވެސް ބުނެފިއެވެ. ހަމައެހެންމެ، ސައިކަލު އަންނަތަން ފެނުނުކަމަށްވެސް ބުނެފިއެވެ.

37ބަޔާންވެދިޔަ އެންމެހާ ކަންކަމަށް ރިޢާޔަތްކުރާއިރު، ހެކިވެރިޔާގެ ހެކިބަހުން ވަކި ގޮތެއް ނެގުން އެއީ ފަސޭހަކަމެއް ނޫނެވެ. އެހެންނަމަވެސް، ހާދިސާ ލޮލަށް ފެނުނު އަނެއް ހެކިވެރިޔާ (ޙަމްދޫން ޢަފީފް) ގެ ހެކިބަހާއި މި ހެކިބަހާ އެކުގައި ކިޔުމުން، ބާރުލިބޭ އަދި އެއްގޮތް ކަންތައްތަކެއް ހުރިތޯ ބަލައި، މި ހެކިބަހަށް ބުރަދަން ދެވިދާނެ ކަންކަން ދެނެގަނެވިދާނެ ކަމުގައި ދެކެމެވެ.

ޙަމްދޫން ޢަފީފްގެ ހެކިބަސް

38ޙަމްދޫން ޢަފީފްއަކީ، ކޮއިމަލާ ހިނގުމުން ސައިކަލެއްގައި އައިސް، ބުރުޒުމަގުގެ އިރުން ހުޅަނގަށްދާން ދިޔަ ފަރާތެކެވެ. އަދި އޭނާ ހާދިސާ ހިނގި ސަރަޙައްދުގައި (ސިނަމާލެ-1 ކުރިމައްޗަށްވާގޮތަށް) މަޑުކޮށްފައިވަނީ އޭނާއަށް ފޯނެއް އައުމުން ފޯނަށް ޖަވާބުދިނުމަށްޓަކައެވެ. މި ހެކިވެރިޔާއަކީ، އެކްސިޑެންޓް ހިނގި މަންޒަރު ލޮލަށް ފެނުނުކަމަށްބުނާ އަދި މި އިސްތިއުނާފީ މައްސަލަ މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވާ ދެ ހެކިންގެ ތެރެއިން އެއް ހެއްކެވެ. ޙަމްދޫން ޢަފީފް ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހަށް ބަލާއިރު، ސައިކަލުން ޖެހުނުތަން ހެކިވެރިޔާއަށް ފެނުނުކަމަށާއި ސައިކަލު ދުއްވާފައިވަނީ ބާރު ސްޕީޑްގައިކަމަށް ހެކިވެރިޔާ ބުނެފައިވާކަން ހެކިބަހުގެ އަންނަނިވި ޢިބާރާތްތަކުން ދެނެގަނެވެއެވެ.

1. "އަޅުގަނޑު އެދުވަހު ރައްޓެއްސަކާއެކު ބޭރުގަ އުޅެފަ ގެއަށް އައި މަގުމަތީގަ ފުލެޓް ކައިރި ބުރުޒުމަގުން އިން ގޯޅިން އަޅައިގެން ކަންމައްޗަށްވާގޮތަށް ފޯނެއް އައުމުން ޒޯނަށް ނުޖަހާ ސައިޑަކަށް މަޑުކޮށްލައިގެން ފޯނަށް ޖަވާބުދޭން ހުއްޓައި އަޅުގަނޑަށް ފެނުނީ ސައިކަލެއް ވަރަށް ބާރަށް ދުއްވާފަ އައިސް ޖެހުނުތަން".

2. "އަޅުގަނޑަށް އެ މަންޒަރު ރީތިކޮށް ފެނުނު، އެއީ ފުރަތަމަ ފްލެޓަށް ވަދެވެން އިންނަނީ ސިޑިބަރިއެއް، އެ ސިޑިބަރި ކައިރީގައި އަޅުގަނޑުގެ ސައިކަލު މަޑުކޮށްގެން އިންދާ އެކަމެއް ހިނގި".

3. "ސައިކަލުގެ ސްޕީޑް އަޅުގަނޑަކަށް ނޭނގޭ. ހަމަޔަގީނުންވެސް އެސައިކަލުންޖެހިފަ މީހަކަށްވަނީ އަނިޔާވެ އެމީހާ ނިޔާވެފައިވަނީ ތަންކޮޅެއް ބާރަށް އެސައިކަލުން ޖެހުނީމަކަންނޭނގޭ"

4. "ހަމަޔަގީނުންވެސް އެމީހަކު ދުއްވާފައިވަނީ 30 ކިލޯމީޓަރު ނުވަތަ އެއަށްވުރެ މަތީގަ".

39މި ހެކިވެރިޔާ ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދީފައިވާ ބައެއް ވާހަކަތަކަކީ ހެކިވެރިޔާ ފުލުހުންގެ ތަހުޤީޤަށް ދީފައިވާ ބަޔާނާއި ތަފާތުކޮށް ބަޔާންކޮށްދީފައިވާ ކަންތައްތަކެއްކަން ފާހަގަކުރެވިފައިވާތީ، ހެކިވެރިޔާގެ ހެކިބަހަށް ބުރަދަން ދިނުމަށް ނިންމުމުގެ ކުރިން، ހެކިވެރިޔާ ތަހުޤީޤަށް ދީފައިވާ ބަޔާނަށް ބަލައިލުން މުހިންމު ކަމުގައި ދެކެމެވެ.

ޙަމްދޫން ޢަފީފް ފުލުހުންގެ ތަޙުޤީޤަށް ދީފައިވާ ބަޔާން

40ޙަމްދޫން ޢަފީފް ފުލުހުންގެ ތަޙުޤީޤަށް ދީފައިވާ ބަޔާނަށް ބަލާއިރު، އެކްސިޑެންވެ ސައިކަލުން ޖެހުނުތަން ހެކިވެރިޔާއަށް ނުފެންނަކަމާއި، ބާރު ސްޕީޑްގައި ސައިކަލު ދުއްވާފައި އައި މަންޒަރު ހެކިވެރިޔާއަށް ނުފެންނަކަން އެބަޔާނުގެ އަންނަނިވި ޢިބާރާތްތަކުން ދެނެގަނެވެއެވެ.

1. "ކުއްލިއަކަށް ވަރަށް ބާރަށް މީހަކު ހަޅޭއްލަވައިގަތް އަޑަށް އަޅުގަނޑު ފަހަތް ބަލާލިއިރު، އިސްވެ ދެންނެވުނު މަގު ހުރަސްކުރަމުންދިޔަ ކުޑަކުއްޖާއާއި އަންހެންމީހާ ކޮއިމަލާހިނގުމާއި ބުރުޒުމަގާއި ގުޅުނު ހަތަރުއަގޮޅި ކަންމައްޗަށްވާގޮތަށް (ގ. ނާރެހިގޭ ކައިރިއަށް) ބުރުޒުމަގަށް ވެއްޓިފައި އޮއްވައި އަޅުގަނޑަށް ފެނުނެވެ".

2. "މިގޮތަށް އޭނާ ދުއްވާފައި އައިއިރު އެމަގުން އޭނާއަށް ވުރެން ކުރިން އައި ސައިކަލެއްގެ ކުރިއަށް އޯވަޓޭކްކޮށްފައި އެރިތަން އަޅުގަނޑު ދުށީމެވެ. ނަމަވެސް އެއިރުވެސް އޭނާ ދުއްވަމުންދިޔަ ދުވެލިހުރީ ކުރިއެކޭވެސް އެއްގޮތަށް އާދައިގެ ދުވެއްޔެއްގައި ކަމުން އޯވަޓޭކްގެ ސަބަބުން އޭނާއަށްވެސް އަދި އިތުރު މީހަކަށްވެސް އޭގެ ސަބަބުން އާދަޔާޚިލާފު އެއްވެސް ދަތިތަކެއް ކުރިމަތިވެފައިވާކަން އަޅުގަނޑަކަށް ފާހަގައެއް ނުވެއެވެ."

41މި ހެކިވެރިޔާގެ ހެކިބަހާއި ތަޙުޤީޤަށް ދީފައިވާ ބަޔާނަށް ބަލާއިރު ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ބަޔާންވެދިޔަ ކަންކަމުން ފާހަގަވެއެވެ. އެގޮތުން، ދަޢުވާލިބޭ ފަރާތް ސައިކަލު ދުއްވަމުން އައީ އާދައިގެ ސްޕީޑެއްގައިކަމަށް ތަޙުޤީޤުގައި ބުނެފައި، ހެކިބަސް އަދާކުރަމުން، އެ ސައިކަލު އައީ ވަރަށް ބާރު ސްޕީޑްގައިކަމަށް ބުނެފައިވެއެވެ. އަދި ތަޙުޤީޤު މަރުޙަލާގައި ނުފެންނަކަމަށް ބުނެފައިވާ ހާދިސާ ނުވަތަ ފެނުނީ އަޑެއް އިވުމުން ފަހަތަށް ބަލައިލިއިރު ވެއްޓިފައި އޮތްތަންކަމަށް ތަޙުޤީޤުގައި ބުނެފައި، ސައިކަލުން ޖެހުނުތަން ފެނުނުކަމަށް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އެހެންކަމުން އެކަންކަމަށް ތަފްސީލީގޮތެއްގައި ބަލައިލުން މުހިންމުކަމުގައި ދެކެމެވެ.

ޙަމްދޫން ޢަފީފްގެ ހެކިބަހުގައި ސައިކަލުގެ ދުވެއްޔާގުޅޭ ގޮތުން ބަޔާންކޮށްފައިވާ ކަންކަން

42ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، ހެކިވެރިޔާ ތަޙުޤީޤު މަރުޙަލާގައި ދީފައިވާ ބަޔާނުގައި ބަޔާންކޮށްފައިވާ ކަންކަމަށް (ޚާއްސަކޮށް ސައިކަލުގެ ސްޕީޑްއަށް) ބަދަލު އައިސްފައިވަނީ، ހާދިސާގެ ނަތީޖާ ހެކިވެރިޔާއަށް ފަހުން އެނގި، އެފަދަ ނަތީޖާއެއް އައިސްދާނެކަމަށް ހެކިވެރިޔާއަށް ބެލެވޭގޮތަށް ހެކިވެރިޔާ ކަންކަން ކިޔައިދީފައިވާތީ ކަމުގައި ބެލެވެއެވެ. މިކަން ދެނެގަނެވޭ އެއް ކަމަކީ ހެކިވެރިޔާގެ ހެކިބަހުގައި ބުނެފައިވާ އަންނަނިވި ޢިބާރާތެވެ. "ސައިކަލުގެ ސްޕީޑް އަޅުގަނޑަކަށް ނޭނގޭ. ހަމަޔަގީނުންވެސް އެސައިކަލުންޖެހިފަ މީހަކަށްވަނީ އަނިޔާވެ އެމީހާ ނިޔާވެފައިވަނީ ތަންކޮޅެއް ބާރަށް އެސައިކަލުން ޖެހުނީމަކަންނޭނގޭ". މި ޢިބާރާތަށް ބަލައިލުމުން، ހެކިވެރިޔާގެ ހެކިބަސް ނަތީޖާއާ ގުޅޭނެގޮތަށް ހެކިވެރިޔާއަށް ކުރެވޭ އަންދާޒާއާ އެއްގޮތަށް ބަދަލުވެފައިވާކަން ދެނެގަނެވެއެވެ. އަދި ހަމައެހެންމެ، ހެކިވެރިޔާއަށް ފަހުން އެނގޭ މަޢުލޫމާތެއްގެ މައްޗަށް ގޮތެއްކަނޑައެޅޭނަމަ އެ ހެކިބަހުގައި ނުރަނގަޅު އަސަރެއް ހުންނާނެކަމަށް ދައުލަތުންވެސް ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.

43އެހެންނަމަވެސް، މި ޙާލަތުގައިވެސް ހެކިވެރިޔާގެ ހެކިބަހުގައި ހުރި ސައިކަލުގެ ދުވެއްޔާއި ގުޅޭ ކަންކަން އެއްފަރާތް ކޮށްލިނަމަވެސް، އެހެން ހެކިންގެ ހެކިބަހާއި މުޅި މައްސަލައިގައި ހިމެނޭ އެންމެހާ ކަންކަމަށް ބަލާއިރު، ސައިކަލުން ނުޖެހޭކަމަކަށް ނުވާނެކަމަށާއި އެހެންކަމުން އެކަމުގެ ސަބަބުން މައްސަލައަށް ކުރާނެ އަސަރެއް ނެތްކަމަށް ދައުލަތުން ބުނެފައިވެއެވެ.

44HN3އިސްވެ ބަޔާންކުރެވުނު ކަންކަމުގެ މައްޗަށް ބަލާއިރު، ޙަމްދޫން ޢަފީފްގެ ހެކިބަހުގައި ސައިކަލުގެ ދުވެއްޔާ ގުޅޭގޮތުން (ސައިކަލު އައީ ބާރު ސްޕީޑްގައިކަމަށް) ބުނެފައިވާ ބުނުމަކީ، ތަޙުޤީޤު ބަޔާނާ ތަފާތުކޮށް، ހާދިސާގެ ނަތީޖާ އެނގުމުން އެނަތީޖާ އައިސްދާނެކަމަށް ހެކިވެރިޔާއަށް ކުރެވޭ އަންދާޒާއާ އެއްގޮތަށް ނުވަތަ އެފަދަ އަންދާޒާއެއްގެ މައްޗަށް އަދާކޮށްފައިވާ ހެކިބަހެއް ކަމުގައި ފެންނަހިނދު، ހެކިވެރިޔާގެ ހެކިބަހުގައި ސައިކަލު ދުއްވަމުން އައި ސްޕީޑާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކަށް ބުރަދަން ދެވިދާނެކަމަށް ނުފެނެއެވެ.

45HN4އެގޮތުން ޙަމްދޫން ޢަފީފްގެ ހެކިބަހުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދުއްވަމުންއައި ސައިކަލު ދުއްވާފައިވަނީ 30 ކިލޯމީޓަރު ނުވަތަ އެއަށްވުރެ ބާރަށް ކަމަށް ބުނެފައިވާ ބުނުމަކީ، ހެކިވެރިޔާ ދީފައިވާ ރަޢުޔެއްކަމުގައި ވީހިނދު، އެ ހެކިވެރިޔާއަކީ އެކްސްޕާޓެއްގެ ގޮތުގައި ހާޒިރުކުރެވިފައިވާ ފަރާތަކަށް ނުވާއިރު، ހެކިވެރިޔާއަކީ މިފަދަ ކަންކަން ދެނެގަތުމުގެ ޢިލްމު ނުވަތަ ތަޖުރިބާ ހުރި ފަރާތެއްކަން އެނގެން ނެތުމުގެ އިތުރުން، ޙަމްދޫން ޢަފީފްގެ ހެކިބަހުގައި ސައިކަލު ދުއްވަމުންއައި ބާރުމިނާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އޭނާ ތަޙުޤީޤު ބަޔާނުގައި އެ ސައިކަލު ދުއްވާފައިވަނީ އާދައިގެ ސްޕީޑެއްގައި ކަމަށް ބުނެފައިވަނީ އެކްސިޑެންޓްގެ ސަބަބުން ވީ ގެއްލުންތަކާ އެފަދަ ކަންކަން އޭރު ނޭނގޭތީ ކަމަށާއި، އެހެންނަމަވެސް، ހަމަޔަގީނުންވެސް އެ ސައިކަލުން ޖެހިފައި މީހަކަށް އަނިޔާވެ އެމީހާ ނިޔާވާނީ ތަންކޮޅެއް ބާރަށް އެ ސައިކަލުން ޖެހުނީމަކަމަށް ދެކޭކަމަށް ބަޔާންކޮށްފައިވުމުން، ތަޙުޤީޤު ބަޔާނުގައި އާދައިގެ ސްޕީޑެއްގައި ކަމަށް ބުނެފައި، ފަހުން އެ ސައިކަލު ދުއްވާފައިވަނީ ބާރު ސްޕީޑެއްގައި ކަމަށް ބަޔާންކޮށްފައިވަނީ، އެ އެކްސިޑެންޓްގެ ސަބަބުން މީހަކު ނިޔާވެފައިވާކަމުގެ މަޢުލޫމާތު ހެކިވެރިޔާއަށް ލިބިފައިވާތީ، އެފަދަ ނަތީޖާއަކާ ހެކިވެރިޔާގެ ވިސްނުމުން ގުޅުވައިލެވޭ ސްޕީޑް ބަޔާންކޮށްދިނުމުގެ ގޮތުން ކަމުގައި ވީހިނދު، ހެކިވެރިޔާގެ ހެކިބަހަކީ، ނުރަނގަޅު ނުފޫޒާއި އަސަރު ފޯރާފައިވާ ހެކިބަހެއްކަމުގައި ފެންނާން އޮތްހިނދު، މި ހެކިބަހުގައި ބަޔާންކޮށްފައިވާ ބާރު ސްޕީޑަކީ މި ހެކިވެރިޔާގެ ހެކިބަހުން ދެނެގަންނަން ރަނގަޅު ނަތީޖާއެއްކަމުގައި ނުދެކެމެވެ.

ޙަމްދޫން ޢަފީފްގެ ހެކިބަހުގައި ހާދިސާ ފެނުނުކަމަށް ބުނާބުނުން

46ފުލުހުންގެ ތަޙުޤީޤަށް ދީފައިވާ ބަޔާނުގައި ހެކިވެރިޔާ ބުނެފައިވަނީ ކުރިންވެސް ބަޔާންކުރެވުނު ފަދައިން، ވަރަށް ބާރަށް މީހަކު ހަޅޭއްލަވައިގަތް އަޑަށް އޭނާ ފަހަތް ބަލައިލިއިރު، ކުޑަކުއްޖާއާއި އަންހެންމީހާ ވެއްޓިފައި އޮއްވައި ފެނުނުކަމުގައެވެ. މިކަމުން ދޭހަވަނީ، މި ހެކިވެރިޔާއަށް ހާދިސާ ފެނުނީ އިވުނު އަޑަށް ފަހަތަށް އެނބުރި ބެލުމުން ކަމާއި، ހެކިވެރިޔާއަށް ފެނިފައިވަނީ ޖެހުނު މަންޒަރު ނޫންކަމާއި، ފެނުނު މަންޒަރަކީ ބަޔަކު ވެއްޓިފައި އޮތްތަން ކަމެވެ. އެހެންނަމަވެސް، ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް އަދާކުރަމުން ބުނެފައިވަނީ، މަގުގެ އެއްކައިރީގައި ސައިކަލު މަޑުކޮށްލައިގެން ފޯނަށް ޖަވާބުދޭން ހުއްޓައި ސައިކަލެއް ވަރަށް ބާރަށް ދުއްވާފަ އައިސް ޖެހުނުތަން ފެނުނުކަމުގައެވެ. އަދި އެ މަންޒަރު ރީތިކޮށް ފެނުނުކަމުގައެވެ.

47HN5ކުރިން ބަޔާންކުރެވުނު ނުކުތާގައި ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، ހެކިވެރިޔާއަށް ފަހުން އެނގޭ މަޢުލޫމާތެއްގެ މައްޗަށް ގޮތެއްކަނޑައެޅޭނަމަ އެ ހެކިބަހުގައި ނުރަނގަޅު އަސަރެއް ހުންނާނެއެވެ. ހެކިވެރިޔާއަށް ނުފެންނަކަމަށް ތަޙުޤީޤު މަރުޙަލާގައި ބުނެފައިވާ ހާދިސާ (ޖެހުނު މަންޒަރު) ފެނުނުކަމަށް ހެކިބަސް އަދާކުރީއެވެ. އެއްގޮތަކީ، މައްސަލައިގައި ގިނަ ދުވަސްވުމުން ހާދިސާގައި ފެނުނު މަންޒަރާއި ހާދިސާގެ ނަތީޖާ އެނގުނު އެނގުމާއި އެކުވެ މަސްހުނިވީއެވެ. ނޫންނަމަ، ތަޙުޤީޤު މަރުހަލާގައި ނުވަތަ ޝަރީއަތުގެ މަޖިލީހުގައި ބަޔާންކޮށްދީފައިވަނީ ރަނގަޅަކަށް ނޫނެވެ.

48ޝަރީއަތުގެ މަޖިލީހުގައި ދޭ ހެކިބަހަކީ ހުވައެއްގެ މަތީގައިހުރެ ދޭ ހެކިބަހެއްކަމުން އާންމު އުސޫލަކުން އެ ހެކިބަސް ބަލަންވާނީ ސައްޙަ ރަނގަޅު ހެކިބަހެއް ކަމުގައެވެ. އެހެންނަމަވެސް، ހެކިބަސް އަދާކުރަން ދައުލަތުގެ ފަރާތުން ހެކިން ހާޒިރުކުރަނީ އެ ހެއްކަކު ތަޙުޤީޤުގައި ދީފައިވާ ބަޔާނުގެ ދާއިރާގެ ތެރެއިން، އެ ބަޔާނުގައި ބުނެފައިވާ ފަދައިން، ނުވަތަ އެކަންކަމާ އެއްގޮތަށް ހެކިބަސް ލިބޭނެކަމުގައެވެ. އެހެންކަމުން ތަޙުޤީޤު ބަޔާނުގައި ނުފެންނަކަމަށް ބުނެފައިވާ ކަމެއް ފެނުނުކަމަށް ބުނާނަމަ އެއީ ދައުލަތުން އެ ހެކިވެރިޔާގެ ފަރާތުން އުންމީދުކުރި ހެކިބަހެއްނޫނެވެ. ފަހަރުގައި އެ ލިބުނު ހެކިބަހަކީ ދައުލަތަށް މާ ފައިދާބޮޑު ހެކިބަހެއް ކަމުގައިވެސް ވެދާނެއެވެ. އެހެންނަމަވެސް، ތަޙުޤީޤު އިދާރާއަކަށް ބަޔާން ދިނުމުގައި ވަކި ކަމެއް (ހެކިވެރިޔާގެ ފަރާތުން ސާބިތުކުރަން ބޭނުންވާ މައިގަނޑު ވާގިއާއަކާ ގުޅޭކަމެއް) ނުފެންނަކަމަށް ބުނެފައި، ފަހުން އެކަން ފެނުނުކަމަށް ޝަރީޢަތުގެ މަޖިލީހުގައި ބުނާ ހާލަތްތަކުގައި ހެކިވެރިޔާގެ ހެކިބަހާމެދު ސުވާލު އުފެދެއެވެ. އަދި އެފަދަ ހެކިބަހެއް ދަޢުވާލިބޭ ފަރާތާ ދެކޮޅަށް ބޭނުންކުރުމުގައި ސަމާލުވެ ރައްކާތެރިވާންޖެހެއެވެ. މިފަދަ ހާލަތްތަކުގައި އެ ލިބުނު ހެކިބަހަކީ އެހެން ހެކިތަކުން ދެނެގަނެވެން އޮތްކަމެއްތޯ މިހާލަތުގައި ބެލުން އިތުރަށް މުހިންމު ވެއެވެ.

49HN6އެހެންކަމުން، ޙަމްދޫން ޢަފީފްގެ ހެކިބަހަކީ، ހާދިސާގެ ނަތީޖާ އެނގުމުން، އެނަތީޖާއާ ގުޅުވައިލެވޭ ގޮތަށް ކުރެވޭ އަންދާޒާއާއި ހެކިވެރިޔާއަށް ބުރަވެވޭ ގޮތްތަކެއްގެ މައްޗަށް ދީފައިވާ ހެކިބަހެއްކަމުގައި ފެންނާން އޮތްހިނދު، މި ނުރަނގަޅު ނުފޫޒުގެ ސަބަބުން މި ހެކިވެރިޔާގެ ހެކިބަހަކީ، އެ މައްޗަށް ބަރޯސާ ވެވިދާނެ ފަދަ ހަޤީޤީ މަޢުލޫމާތުގެ މައްޗަށް އަދާކޮށްފައިވާ ހެކިބަހެއްކަމުގައި ބުރަނުވެވޭހިނދު، މި ހެކިބަހަކީ، މީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއް ސާބިތުކުރުމަށް އަދި ޚާއްސަކޮށް މީހެއްގެ މަރުގެ ޒިންމާ އެހެން މީހަކު ނަގަންޖެހޭ ފަދަ ނިންމުމެއްގައި ރިޢާޔަތްކުރެވިދާނެފަދަ ހެކިބަހެއް ކަމުގައި ބުރަނުވެވެއެވެ.

ނުރައްކާތެރިކޮށް ދުއްވިކަން ނުވަތަ ފަރުވާކުޑަކޮށް ދުއްވިކަން ސާބިތުކުރުން

50މި މައްސަލައަށް ބަލާއިރު އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، ނުރައްކާތެރިކޮށް އެއްގަމު އިންޖީނުލީ އުޅަނދެއް ދުއްވާފައިވާކަމުގެ ދަޢުވާއެވެ. އެހެންކަމުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދުއްވަމުން އައި ސައިކަލަކީ ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ބަލަންވާ މިންވަރަށް ނުބަލައި ދުއްވަމުން އައި ސައިކަލެއްކަން ސާބިތުކޮށްދެވެން ޖެހެއެވެ.

51މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެކްސިޑެންޓްވި އަދި މަގު ހުރަސްކުރި ފަރާތްތަކުން މަގު ހުރަސް ކޮށްފައިވަނީ އެކަމަށް ޚާއްސަކުރެވިފައިވާ ތަނަކުން ނޫނެވެ.

52ހަމައެހެންމެ މައްސަލައިގެ ހާދިސާ ހިނގައިދިޔަގޮތް ތަފްސީލުކޮށްދިނުމުގެ ގޮތުން ތަޙުޤީޤުގެ ހޯދުންތަކުގެ މައްޗަށް ކުރެހި ހުށަހަޅާފައިވާ ޗާޓަށް ބަލާއިރު އެވަގުތަކީ ހާދިސާ ހިނގައިދިޔަ ސަރަޙައްދުގައި ގިނަ ވެހިކަލްތަކެއް ދުއްވަމުންދިޔަ ވަގުތެއްކަން އެނގޭއިރު ކޮއިމަލާ ހިނގުމުން، ބުރުޒުމަގު ހުރަސްކޮށް އެވަގުތު ކާރެއް ދާ މަންޒަރުވެސް އެ ޗާޓުން ފެނެއެވެ. މިއީ މި ކާރުގެ މަޢުލޫމާތު ނޭނގޭ ވެހިކަލެއްކަމަށް ޗާޓުގައިވެސް ބަޔާންކޮށްފައިވެއެވެ.

53އެގޮތުން ޗާޓަށް ބަލާއިރު، އެކްސިޑެންޓް ހިނގިވަގުތު މި މައްސަލައިގައި ނިޔާވިފަރާތް ހުރިކަމަށް ފެންނަނީ ބުރުޒުމަގުން އެއްކޮޅަށް ދުއްވާފައި އަންނާނެ މީހަކަށް ނުފެނިދާނެ ގޮތަކަށް އިސްވެ ދެންނެވުނު ކާރުން ނިވާވެފައި ހުންނާނެ ގޮތަށެވެ. އެހެންކަމުން މަޑުމަޑުން ދުއްވާފައި ދިޔަނަމަވެސް، ކާރުގެ ނިވަލުގައި ހުރި މީހަކު އެހިސާބަށް އަރާހަމަވާފަހުން ފެންނަ ހާލަތުގައި އެމީހެއްގެ ގައިގައި ސައިކަލުން ކޮންމެވެސް މިންވަރަކަށް ޖެހުމަކީވެސް އެކަށީގެންވާ ކަމެއްކަން މި ޗާޓުން ދެނެގަނެވެއެވެ. އެހެނީ ކާރު ދުއްވަމުން ދިޔައީ ކޮއިމަލާ ހިނގުމުން ދެކުނުން އުތުރަށް އެއްކޮޅަށް ދުއްވާ މަގަކުން ކަމުގައިވެފައި، ކާރާއި އެއްވަރަށް ބަޔަކު މަގު ހުރަސްކުރަމުން ދަނިކޮށް، ކާރުގެ ސްޕީޑް ބާރުކޮށްފިނަމަ އެކާރާއި އެއްވަރަށް ހިނގާފައި ދިޔަ މީހުން އެކާރުގެ ނިވަލުން ނެއްޓޭނެ ކަމަށް ބެލެވޭތީއެވެ. އެހެންނަމަވެސް މިއީ ކަންހިނގައިދިޔަ ގޮތްކަމެއް ދެނެގަނެވެން ނެތްކަންވެސް ފާހަގަކުރަމެވެ. އެހެންކަމުން މިއީ ހަމައެކަނި ބަހުސްގެ ބޭނުމަށް ފާހަގަކޮށްފައިވާ ކަމެކެވެ.

54ނިޔާވި ފަރާތަށް ލިބިފައިވާ އަނިޔާއަށް ބަލާއިރު، ޑޮކްޓަރުގެ ހެކިބަހުގައި ބުނެފައިވަނީ ބޮލުގެ ފުއްކިބައިގައި ކަނދުރާމަތީގައި ވަރަށް ތިލައިގައި ނާރު ހުންނަ ތަނަކަށް އަނިޔާވެފައިވާކަމަށެވެ. ހަމައެހެންމެ، ކިތަންމެ މަޑުން ވެއްޓި ޖެހުނުނަމަވެސް އެ ތަން ޖެހިއްޖެނަމަ އެފަދަ އަނިޔާއެއް ވެދާނެކަންވެސް ޑޮކްޓަރުގެ ބަހުން އެނގެއެވެ. މީގެއިތުރުން، ނިޔާވި ފަރާތުގެ މެޑިކޯ ލީގަލް ރިޕޯޓަށް ބަލާއިރު، އެކްސިޑެންޓްވުމުގައި ނިޔާވި ފަރާތުގެ ގައިގައި ސައިކަލުން ޖެހުނީ، ގައިގެ ކޮންތަނެއްގައިކަން އެނގެން ނެތެވެ. ނުވަތަ ސައިކަލުން ނުވަތަ އެފަދަ އެއްޗަކުން ޖެހުނުކަމުގެ ނިޝާނެއް ހުރިކަމުގައި ބަޔާން ކޮށްފައިނުވެއެވެ. އެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، ގައިގެ ކަނާތްފަޅީގައި ޖެއްސިކަމަށެވެ. އެހެންނަމަވެސް، ބާރު ސްޕީޑްގައި ސައިކަލެއް ދުއްވަމުންގޮސް މީހެއްގެ ގައިގައި ޖެހުމުން، އެ ސައިކަލުން ޖެހުނުތަން ނޫފައިގެންފައި ނުވަތަ އެނޫންވެސް ގޮތަކަށް ފާހަގަވާން ހުރެދާނެކަމަށް ބެލެވޭއިރު އެފަދަ ނިޝާނެއްވެސް ހުރިކަމަށް ބަޔާންކޮށްފައިނުވާތީއެވެ. އެހެންކަމަށްވާނަމަ، ނިޔާވި ފަރާތް ވެއްޓުނީ ހަމަ ހަގީގަތުގައިވެސް ސައިކަލުން ޖެހިގެންތޯ، ނުވަތަ ސައިކަލު އަންނަތަން ފެނި ޖެހިދާނެކަމަށް ބިރުން، ސިއްސައިގެންގޮސްތޯ ނުވަތަ އެނޫންވެސް އެހެން ހާލަތެއް މެދުވެރިވެގެންތޯ، މިއިން އެއްވެސް ކަމެއް މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުންނާއި، ހެކިންގެ ހެކިބަހުންވެސް ދެނެނުގަނެވެއެވެ. މިފަދައިން ފާހަގަކޮށްފައިމިވަނީ، ބައެއް ފަހަރު މަގުމަތީގައި ހިނގާބިނގާ އުޅޭއިރު، ކުއްލިއަކަށް ތިމާއާ ކައިރިން ވެހިކަލެއް ފެނި އެ ވެހިކަލުގައި ޖެހިދާނެކަމަށް ބެލެވޭ ހާލަތްތަކުގައި ސިއްސައިގެންގޮސް ނުވަތަ ސިއްސައިގެންގޮސް އެޅޭ ފިޔަވަޅަކުން އެ މީހަކު ވެއްޓުމަކީވެސް ދިމާވެދާނެ ހާލަތެއްކަމުގައިވާތީއެވެ. އެހެންނަމަވެސް މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަކީ އެއީކަމެއްވެސް ދެނެގަނެވެން ނެތެވެ. މި ސަބަބަށްޓަކައި، މި މައްސަލައިގައި ހިނގައިދިޔަކަމަށްބުނާ އެކްސިޑެންޓް ހިނގައިދިޔަ ވަގުތު، އަނިޔާލިބުނު ފަރާތުގެ ޢަމަލުތައް ހުރިގޮތް، ހާދިސާ ލޮލަށް ފެނުނުކަމަށްބުނާ ހެކިން ތިބޭ ހާލަތެއްގައި ދެނެގަނެވެން އޮތުމަކީ މުހިންމު ކަމެކެވެ. އެހެންނަމަވެސް، ހާދިސާ ލޮލަށް ފެނުނުކަމަށްބުނެ ހުށަހަޅާފައިވާ އެއްވެސް ހެއްކެއްގެ ހެކިބަހުގައި، އަނިޔާ ލިބުނު ފަރާތް ޢަމަލުކުރިގޮތް، ނުވަތަ ހަރަކާތްތެރިވި ގޮތް ބަޔާންކޮށްދީފައިނުވެއެވެ.

ނުރައްކާތެރިކޮށް ދުއްވައިގެން ޖެހުނުކަން ސާބިތުވޭތޯ ބެލުން

55ކުރިން ބަޔާންވެދިޔަ ހެކިންގެ ހެކިބަހަށް ބަލާއިރު، ޕޮރޭޝްގެ ހެކިބަހުގައި ސައިކަލު ބްރޭކްނުކުރެވި ގޮސް ޖެހުނީކަމަށް ބުނެފައިވެއެވެ. ހަމައެހެންމެ، ކުރިން ސައިކަލު ދުއްވާފައި އައިތަން ނުފެންނަކަމަށާއި، އެކްސިޑެންޓް ހިނގައިދިޔަކަން ނޯޓިސް ކުރެވުނީ ޖެހުމުންކަމަށްވެސް ބުނެފައިވެއެވެ.

56ޙަމްދޫން ޢަފީފްގެ ހެކިބަހަށް ބަލާއިރު، ސައިކަލުގެ ދުވެލި ހުރީ ބާރަށް ކަމަށް ބަޔާންކޮށްފައިވަނީ، ފުލުހުންގެ ތަޙުޤީޤަށް ދީފައިވާ ބަޔާނާ ދިމާ އިނދިކޮޅަށެވެ. އަދި އެކްސިޑެންޓް ހިނގިކަން އެނގުނީ އަޑެއް އިވުމުން ފަހަތް ބަލާލުމުން ވެއްޓިފައި އޮއްވައި ފެނިގެންކަމަށް ތަޙުޤީޤު ބަޔާނުގައި ބުނެފައި، ޝަރީޢަތަށް އައިސް ބުނެފައިވަނީ އެކްސިޑެންޓްވެ ޖެހުނު މަންޒަރު ސާފުކޮށް ފެނުނު ކަމުގައެވެ. މިއީ ހާދިސާގެ ނަތީޖާ އެނގުމުން، އެ ނަތީޖާއާ ގުޅުވައިލެވޭ ގޮތަށް ދީފައިވާ ހެކިބަހެއް ކަމަށް ބެލެވެއެވެ.

57HN7އެހެންކަމުން ބަޔާންވެދިޔަ ދެ ހެކިންގެ ހެކިބަހަކީ، އެއް ހެކި އަނެއް ހެއްކާ ގުޅުވާލުމުންވެސް، ވަކި ނަތީޖާއެއް ނެރެވޭފަދަ ސާފު ހެކިބަހެއް ނޫނެވެ. އެހެންކަމުން، މިހެކިބަސްތަކަކީ މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުކުރުމަށް ބޭނުންކުރެވޭ ވަރަށް ބުރަދަންދެވޭ ހެކިބަހެއް ކަމުގައި ނުބެލެވެއެވެ. ހަމައެހެންމެ، މަތީގައި ބަޔާންވެދިޔަ އެންމެހާ ކަންކަމަށް ރިޢާޔަތްކޮށްބަލާއިރު، ޝަކީލާ ނިޔާވެފައިވަނީ އެކްސިޑެންޓްގެ ސަބަބުން ދިމާވި ހާލަތަކުން ނުވަތަ އެކްސިޑެންޓާއި ގުޅިގެން ކަމުގައި ވީނަމަވެސް، އެކަން ދިމާވުމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން އޭނާ ދުއްވަމުންއައި ސައިކަލު ދުއްވާފައިވަނީ ނުރައްކާތެރިކޮށްކަން ނުވަތަ ފަރުވާކުޑަކޮށްކަން އެންމެހާ ހެކިންގެ ހެކިބަސް އެކުގައި ޖުމްލަކޮށް ބެލުމުންވެސް އެނގެން ނެތެވެ.

ނިންމަން ފެންނަގޮތް

58ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކޮށް ބެލުމުން، ދަށު ކޯޓުން މި މައްސަލަ ސާބިތުނުވާކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވާ ވުމަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް އޮތްކަމުގައި އަހުރެންނަށް ބުރަނުވެވެއެވެ.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

59ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު

60ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު އެންމެހާ ނުކުތާތައް އެފަދައިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 1187/Cr-C/2010 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފަނޑިޔާރު ޙަސަން ޝަފީޢު

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން

ފުޓްނޯޓު

  1. […]
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ