ސައިރިކްސް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ވ. މަރްޔަމް މަޢީޝާ މޫސާ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 253/VTR/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމީ، ދެފަރާތުގެ މެދުގައި އޮތީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (އ) ގައިވާ ފަދަ މުއްދަތު ކަނޑައެޅިފައިނުވާ އެއްބަސްވުމެއްކަމަށާއި، ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާތީ، ވަޒީފާއަށް އަނބުރާ ރުޖޫޢަކޮށް ދެމެދުގައިދިޔަ މުސާރައާއި އިނާޔަތްތައް ދިނުމަށެވެ.
- ވާޤިޢާ
- މުއްދަތު ކަނޑައެޅިފައިވާ ދެ އެއްބަސްވުމެއްގެ ދަށުން ކޮލެޖެއްގައި ސްޓޫޑެންޓް ކޯޑިނޭޓަރުގެ މަޤާމުގައި ވަޒީފާ އަދާކުރި މުވައްޒަފެއްގެ ފަހު އެއްބަސްވުމުގެ މުއްދަތު 31 މާރިޗް 2020 ގައި ހަމަވުމަށްފަހުވެސް 30 ސެޕްޓެމްބަރު 2020 އާ ހަމައަށް މަސައްކަތުގައި ބަހައްޓައި މުސާރައާއި އިނާޔަތްތައް ދިނެވެ. ދެން ކޮވިޑް-19 ގެ އިޤްތިޞާދީ ދަތިކަމާ ގުޅިގެން ކޮންޓްރެކްޓް އިތުރު ނުކުރާ ކަމަށް ބުނެ ވަޒީފާއިން ވަކިކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަކި މުއްދަތަކަށް ހެދި ވަޒީފާގެ އެއްބަސްވުމެއްގެ މުއްދަތު ހަމަވުމަށްފަހުވެސް މުވައްޒަފު މަސައްކަތުގައި ބަހައްޓައި ފަހުން 'ކޮންޓްރެކްޓް އިތުރު ނުކުރާ' ކަމަށް ބުނެ ވަކިކުރުމުން، ދެފަރާތުގެ މެދުގައި އޮތީ މުއްދަތު ކަނޑައެޅިފައިނުވާ (ދާއިމީ) އެއްބަސްވުމެއްތޯ، އަދި ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (އ) ގެ އިފްތިރާޟު ހިނގުމަށް (ކ) ގައިވާ 2 އަހަރުގެ މުއްދަތު ހަމަވުން ޝަރުޠުތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ވަޒީފާދޭ ފަރާތުން ބުނީ، ދެ އެއްބަސްވުމަކީވެސް ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) ގައިވާ ފަދަ މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުމެއްކަމަށާއި، ވަޒީފާގެ ޖުމްލަ މުއްދަތު 2 އަހަރު ހަމަނުވާތީ ދާއިމީ މުވައްޒަފެއްކަމަށް ނުބެލެވޭނެ ކަމަށެވެ. މުވައްޒަފު ބުނީ، ޢަމަލުން އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވާތީ އެއީ މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުމެއް ނޫން ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ހައިކޯޓުން ކަނޑައެޅީ، 30 ސެޕްޓެމްބަރު 2020 އަށް މުއްދަތު ހަމަވާ އެއްބަސްވުމެއް އޮތްކަން ސާބިތުކުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ވަޒީފާދޭ ފަރާތުގެ ޒިންމާކަމަށާއި، އެ ޒިންމާ އަދާނުކުރެވޭތީ ވަކިކުރީ އެކަށީގެންވާ ސަބަބަކާހުރެކަން ސާބިތުނުވާ ކަމަށެވެ. އަދި ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (އ) ގެ އިފްތިރާޟަށް (ކ) ގައިވާ 2 އަހަރުގެ މުއްދަތު ހަމަވުން ޝަރުޠެއް ނޫންކަމަށާއި، ޓްރައިބިއުނަލުން ރިޢާޔަތްކުރި ކަންކަމަށް ބަލާއިރު ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ބ) ގެ ދަށުން، ވަކި މުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްނަމަ، (ކ) ގައިވާ ޙާލަތުގައި މެނުވީ، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނެ ކަމަށް ކަނޑައަޅާފައިވާ ތާރީޚުގައި އިތުރު ނޯޓިހެއް ދިނުމަކާނުލާ، އެއްބަސްވުން ނިމުމަކަށް އަންނާނެއެވެ. އެހެންކަމުން، އެއްބަސްވުމުގެ މުއްދަތު ހަމަވެގެން މުވައްޒަފު ވަޒީފާއިން ވަކިކުރާނަމަ، އެ ތާރީޚުގައި އެފަރާތް ވަޒީފާއިން ވަކިވާނެއެވެ.
HN2 އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހުވެސް ވަޒީފާދޭ ފަރާތުން މުވައްޒަފަށް މަސައްކަތްކުރުމުގެ ފުރުސަތުދީ މުސާރައާއި އިނާޔަތްދީފައިވާނަމަ، ދެފަރާތުގެ ދެމެދުގައި ކުރީގައި އޮތް ވަޒީފާގެ ގުޅުން ދެމިގޮސްފައިވާކަން އެނގެއެވެ.
HN3 މުއްދަތު ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްގެ މުއްދަތު ހަމަވެގެން ވަޒީފާއިން ވަކިކުރާ މައްސަލައެއްގައި، ކަނޑައެޅިފައިވާ މުއްދަތަކީ ކޮބައިކަމާއި، ވަޒީފާއިން ވަކިކުރެވުނީ އެތާރީޚުގައިކަން ބަޔާންކޮށްދިނުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން، ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. މިޒިންމާ ވަޒީފާދޭ ފަރާތަށް އަދާކުރެވިފައިވާކަން އެނގެން ނެތުމުން، ވަޒީފާއިން ވަކިކުރެވިފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަން ސާބިތުނުވެއެވެ.
HN4 ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ތިން ބާވަތެއްގެ ވަޒީފާގެ އެއްބަސްވުން އެޤާނޫނުން ހުއްދަކުރެއެވެ. އެއީ، މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުން (definite/ fixed term)، މުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުން (indefinite/ open) އަދި ވަކި މަސައްކަތަށް ޚާއްސަކޮށްފައިވާ އެއްބަސްވުން (project based) އެވެ.
HN5 ޢާންމު ގޮތެއްގައި، މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުންތަކުގައި ވަޒީފާއިން ވަކިކުރުމާ ގުޅޭ ގޮތުން މަސައްކަތްތެރިންނަށް ދޭ ރައްކާތެރިކަން، މުއްދަތެއް ނެތް ކޮންޓްރެކްޓްތަކުގެ މަސައްކަތްތެރިންނަށް ލިބޭ ރައްކާތެރިކަމާ އަޅާބަލާއިރު ކުޑައެވެ. އެހެނީ، މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުމެއްގައި، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން އިތުރު ސަބަބެއް އޮތުމަކާ ނުލައި އެއްބަސްވުން ނިމުމަކަށް އަންނާނެތީއެވެ. މިހާލަތުގައި ނޯޓިސްދީ ނުވަތަ ނޯޓިހުގެ ބަދަލުގައި ފައިސާދިނުން ލާޒިމެއް ނުވެއެވެ.
HN6 މުއްދަތު ކަނޑައެޅޭ އެއްބަސްވުންތަކުގެ ނިވަލުގައި މަސައްކަތްތެރިންގެ ޙައްޤުތައް ހަނިކުރުމުގެ ފުރުސަތު ބޮޑުވުމުން، އެއްބަސްވުމުގެ އެންމެ ދިގު މުއްދަތެއް ކަނޑައެޅުން ނުވަތަ މަސައްކަތުގެ ބާވަތުން މުއްދަތު ކަނޑައެޅުން ފަދަ، އެޙައްޤުތައް ހިމާޔަތްކުރުމުގެ ގޮތުން ޤާނޫނުން އިފްތިރާޟްކުރާ "އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް" ޤާއިމުކުރެވިފައި ހުރެއެވެ.
HN7 ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުއްދަތު ކަނޑައެޅޭ އެއްބަސްވުންތައް ބަލައިގަނެފައިވާއިރު، މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުންތައްވެސް، މިޤާނޫނުގައި ކަނޑައެޅިފައިވާ ބައެއް ޙާލަތްތަކުގައި ދާއިމީ އެއްބަސްވުންތަކެއް ކަމުގައި އިފްތިރާޟްކުރެއެވެ. އެގޮތުން، އެޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) ގެ ދަށުން ވަޒީފާގައި އެއްބަސްވުމުގެ މުއްދަތުގެ މައްޗަށް ބިނާކޮށް ޤާނޫނީ އިފްތިރާޟެއް ޤާއިމުކުރެވޭ އިރު، އެޤާނޫނުގެ 13 ވަނަ މާއްދާގެ (އ) ގެ ދަށުން ކުރެވޭ އިފްތިރާޟަކީ، އަދާކުރި ވަޒީފާގެ އެއްބަސްވުމުގެ މަޤްސަދު ނުވަތަ ނަތީޖާއަކީ ދާއިމީ އެއްބަސްވުމަކަށް ވުމުން ކުރެވޭ އިފްތިރާޟެކެވެ.
HN8 އެއްބަސްވުމުގެ މަޤްސަދަކީ، ނުވަތަ ނަތީޖާއަކީ، ވަޒީފާ އަދާ ކުރާ ތަނުގައި އާދައިގެ މަތިން އަބަދުވެސް ކުރަންޖެހޭ މަސައްކަތެއް ދާއިމީ ގޮތެއްގައި ކުރުންމަތީ ދެމިހުރުންކަމުގައި ސާބިތުވާނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (އ) ގެ ބޭނުމަށްޓަކައި އެއީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުމެއް ކަމަށް ޤާނޫނުން އިފްތިރާޟްކުރެއެވެ. މިމާއްދާގެ ބޭނުމަށްޓަކައި މިމާއްދާގެ (ކ) ގައި ބަޔާންކުރާ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތު ވަޒީފާގައި ހޭދަކުރުން ޤާނޫނުން ލާޒިމެއް ނުކުރެއެވެ. އެހެނީ، ވަކިވަކިން އޮތް ޤާނޫނީ މިދެއިފްތިރާޟްގައި އެއް މާއްދާ އަނެއް މާއްދާއަށް ބަރޯސާ ވާން ޖެހޭ އެއްވެސް ޝަރުޠެއް ޤާނޫނުގައި ބަޔާންކޮށްފައިނެތެވެ.
HN9 އެއްބަސްވުމުގެ މުއްދަތު ހަމަވެ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ބ) ގެ ދަށުން ނިމުމަކަށް އައިފަހުން ވެސް މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކޮށްފައިވުމާއި، ވަޒީފާގެ މުއްދަތު އިތުރު ކުރިއިރު ވަޒީފާގެ އެއްބަސްވުމަށް އިތުރު އުނިއިތުރެއް ގެނެސްފައިނުވުމާއި، ވަޒީފާގެ މުއްދަތު ހަމަވުމަށްފަހު ވަޒީފާ ބަޔާނަށް ބަދަލެއް ގެނެސްފައިނުވުމާއި، ވަޒީފާ އައުކޮށްފައިވަނީ ކުރިން ކުރަމުން އައި މަސައްކަތް ޙަވާލުކުރުމުގެ މަޤްސަދުގައި ނޫންކަން އެނގޭނެ ހެއްކެއް ވަޒީފާދޭ ފަރާތުން ހުށަހަޅާފައިނުވުމާއި، ވަޒީފާގެ މަސައްކަތަކީ އެތަނެއްގައި އާދައިގެ މަތިން ޢާއްމުކޮށް ކުރާ މަސައްކަތަކަށްވުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (އ) ގެ ދަށުން ދެފަރާތުގެ ދެމެދުގައި އޮތީ ދާއިމީ އެއްބަސްވުމެއްކަމަށް ކަނޑައެޅުމުގައި ރިޢާޔަތްކުރެވޭ ކަންތައްތަކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ރަޝީދު، ކްރިސްޓަލް ޗެމްބަރސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަލީ ޝިހާމް
- ބެންޗު
- ފާޠިމަތު ފަރްހީޒާ، މުޙައްމަދު ފައިޞަލް، ޙަސަން ޝަފީޢު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު
ތަޢާރުފު
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 253/VTR/2020 މައްސަލަ އިސްތިއުނާފު ކޮށް ސައިރިކްސް ގްރޫޕް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ސައިރިކްސް ކޮލެޖް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ […] މަރްޔަމް މަޢީޝާ މޫސާ (މީގެ ފަހުން "މަޢީޝާ މޫސާ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަރުހަލާ
3އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 253/VTR/2020 މައްސަލައަކީ، އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ މަޢީޝާ މޫސާގެ ފަރާތުން ސައިރިކްސް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
4މަޢީޝާ މޫސާގެ ފަރާތުން ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައިގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، 11 ފެބުރުވަރީ 2019 އިން ފެށިގެން ސައިރިކްސް ކޮލެޖްގެ ސްޓޫޑެންޓް ކޯޑިނޭޓަރުގެ މަޤާމު އަދާކުރަމުން ދަނިކޮށް، 30 ސެޕްޓެމްބަރު 2020 ގައި، ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
530 ސެޕްޓެމްބަރު 2020 ގެ ސިޓީގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
“We regret to inform you that we have decided not to extend your employment contract because of a continuing economic crisis due to COVID Pandemic. We cannot continue the college Campuses regular operation with the current HPA guidelines and changing our teaching methods online. The management has decided to reduce the workforce until we get a COVID vaccine”
6މަޢީޝާ މޫސާގެ ފަރާތުން ޓްރައިބިއުނަލްގައި ފަރުވާއެއްގެ ގޮތުގައި ލިބުމަށް އެދިފައިވަނީ، އެފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމެއްނެތި ކަމަށް ކަނޑައަޅައިދީ، އަދި ވަޒީފާއިން ވަކިކުރެވިފައިވާ މީހެއްކަމުގައި ނުބެލުމަށާއި، ވަޒީފާއިން ވަކިކުރުމަށްފަހު 2 މަސްދުވަހުގެ މުއްދަތުގައި ލިބެންޖެހޭ މުސާރައާއި އެހެނިހެން އިނާޔަތްތައް ލިބިފައިނުވާތީ، އެ ފައިސާ ލިބިދިނުމަށާއި، އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި އިތުރު 1 (އެކެއް) މަސްދުވަހުގެ މުސާރައާއި، މައްސަލަ ނިމުމާ ހަމައަށް، ވޭތުވެދިޔަ ދުވަސްތަކަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް އެކީ އެއްފަހަރާ ލިބިދިނުމަށެވެ.
7މިމައްސަލައިގެ ޖަވާބުގައި ސައިރިކްސް ކޮލެޖްގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، މަޢީޝާ މޫސާ އަކީ ތަނުގެ ދާއިމީ މުވައްޒަފެއް ނޫން ކަމަށާއި، އެފަރާތް ވަޒީފާއިން ވަކިކުރެވިފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކަމަށެވެ. އެގޮތުން، 11 ފެބުރުވަރީ 2019 އިން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ފުރަތަމަ ވަޒީފާގެ އެއްބަސްވުމުގެ، މުއްދަތު ހަމަވުމުން، 1 (އެކެއް) މަހާއި 20 (ވިހި) ދުވަހުގެ (11 ފެބުރުވަރީ އިން 31 މާރިޗްގެ ނިޔަލަށް) މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާނެ ކަމަށެވެ.
8އަދި، އެފަހުން އައި ކޮވިޑް-19 ގެ ދުވަސްވަރަކީ، މަޢީޝާ މޫސާއަށް ވަޒީފާ ހޯދުމަށް ދަތިވާނެ ދުވަސްތަކަކަށްވާނެތީ، ވަގުތީ ގޮތުން ކުންފުނީގައި މަސައްކަތްކުރުމަށް މަޢީޝާ މޫސާއަށް ފުރުސަތު ދީފައިވާނެކަމަށާއި، އެދުވަސްތަކަށް މުސާރައާއި އިނާޔަތްތައްވެސް ދީފައިވާނެކަމަށެވެ. މަޢީޝާ މޫސާގެ ވަޒީފާއަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްކަމަށްވުމުން ހިނގާނީ، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) ގެ ޙުކުމްކަމަށާއި، 2 (ދޭއް) އަހަރު ދުވަސް ހަމަވުމުގެ ކުރިން އެއްބަސްވުން ނިމުމަކަށް އައުމުން، މައްސަލަ ހުށަހެޅި ފަރާތުގެ ވަޒީފާއަކީ ދާއިމީ ވަޒީފާއެއްގެ ގޮތުގައި ބަލާނެ އެއްވެސް ޤާނޫނީ ހަމައެއް ނެތްކަމަށެވެ.
9ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 253/VTR/2020 މައްސަލައިގެ ނިންމުމުގައި މައިގަނޑު ގޮތެއްގައި ކަނޑައަޅާފައިވަނީ އަންނަނިވި ކަންތައްތަކެވެ.
9.1. މަޢީޝާ މޫސާއަކީ ސައިރިކްސް ކޮލެޖުގެ ދާއިމީ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތެއްކަމަށް ބުރަވެވޭކަމަށް؛
9.2. މަޢީޝާ މޫސާއަކީ ވަޒީފާއިން ވަކިކުރި ކުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމު ކުރެވިފައިނުވާކަމަށް ބުރަވެވޭކަމަށާއި މިއީ އަންފެއަރ ޑިސްމިސަލް (unfair Dismissal) އެއް ކަމަށް؛
9.3. ފަރުވާއެއްގެ ގޮތުގައި ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށާއި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މައްސަލަ ނިންމި ތާރީޚާ ހަމައަށް މަޤާމުގެ މުސާރައާއި އިނާޔަތްތަކަށްވާ ޖުމްލަ -/106,400 ރ. (އެއްލައްކަ ހަހާސް ހަތަރުސަތޭކަ ރުފިޔާ) މަޢީޝާ މޫސާއަށް ނަގައިދިނުމަށް ކަނޑައަޅައި؛ މިއެވެ.
10ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބިނާކޮށްފައިވާ އަސާސްކަމުގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
10.1. ދެފަރާތުން ޢަމަލުކޮށްފައިވާ ގޮތުގެ ނަތީޖާއެއްގެ ގޮތުން، މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާ އަދާކުރިއިރު މައްސަލަ ހުށަހެޅި ފަރާތުން ކުރި މަސައްކަތްތަކަކީ، އެ ފަރާތް، އެ މަސައްކަތްތައް އެތަނުގައި ދާއިމީ ގޮތެއްގައި ކުރުންމަތީ ދެމިހުރި މަސައްކަތްތަކެއްކަމަށް ބުރަވެވޭތީ، ހައިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާއާއި ނަންބަރު 2014/HC-A/295 ޤަޟިއްޔާއަށް ރިޢާޔަތްކޮށް، ދެފަރާތު ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ ފަދަ، ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއްކަމުގައި ބަލަންޖެހޭކަމަށް؛
10.2. މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރިކަމަށް އަންގާ ފޮނުވި ސިޓީގައި ވަޒީފާއިން ވަކިކުރި ސަބަބެއްކަމުގައި ބަޔާންކޮށްފައިވަނީ، ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާއި މުއްދަތު އިތުރުކުރެވެން ނެތްކަމަށް ކަމަށް ވީނަމަވެސް ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމަކީ، ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުމެއް ކަމުގައި ބުރަވެވޭތީ، މުއްދަތު ހަމަވެއްޖެކަމަށް ބަލައި ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ބުރަވެވެން ނެތްކަމަށް؛
10.3. މައްސަލަ ހުށަހަޅާ ފަރާތުން ވަޒީފާ އަދާކުރަމުންދާތާ މީލާދީ ސަނަތުން 01 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ، އެފަރާތުން ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން ދިނުމަށް ލާޒިމްކުރާ 1 (އެކެއް) މަސްދުވަހުގެ ނޯޓިސް މައްސަލަ ހުށަހެޅި ފަރާތަށް ދީފައިނުވާތީ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމްކުރެވިފައިނުވާކަމަށް؛ މިއެވެ.
އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކާއި ދެފަރާތުގެ ވާހަކަ
11ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 253/VTR/2020 މައްސަލަ ސައިރިކްސް ކޮލެޖްގެ ފަރާތުން އިސްތިއުނާފުކޮށްފައިވަނީ އަންނަނިވި ނުކުތާގެ މައްޗަށް ބިނާކޮށެވެ.
11.1. މަޢީޝާ މޫސާއަކީ، އިސްތިއުނާފު ކުރާ ފަރާތްކަމަށްވާ ސައިރިކްސް ކޮލެޖްގައި ވަގުތީ މުވައްޒަފެއްގެ ގޮތުގައި ކޮންޓްރެކްޓް އުޞޫލުން ވަޒީފާ އަދާކުރަމުންދިޔަ ފަރާތެއްކަމަށްވެފައި، އެފަރާތް ވަޒީފާއިން ވަކިކުރެވިފައިވަނީ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ވަޒީފާ ދާއިމީ ކުރުމަކާނުލާކަމަށްވެފައި، އެކަން ސާބިތުކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބަޔާންތަކާއި، ލިޔެކިޔުންތަކާއި، ހެކިތައް ހުށަހަޅާފައިވުމާއެކުވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 253/VTR/2020 މައްސަލައިގައި މަޢީޝާ މޫސާއަކީ، ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، އަދި އޭނާ އަނބުރާ ވަޒީފާއަށް ރުޖޫޢަކުރުމަށާއި ވަޒީފާއިން ވަކި ކުރެވުނުއިރު ދެމެދުންދިޔަ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 106,400.00 (އެއްލައްކަ ހަހާސް ހަތަރުސަތޭކަ) ރުފިޔާ ނަގައިދިނުމަށް އަންގާ އަމުރުކޮށްފައިވަނީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ކ) އާއި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ އުޞޫލާއި، އަދި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/295 ޤަޟިއްޔާއާއި 2013/HC-A/364 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށް ކަމުގައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
11.1.1. މިނުކުތާގެ ތަފްޞީލުގައި ސައިރިކްސް ކޮލެޖްގެ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފު ކުރާ ފަރާތަކީ ދާއިމީ މުވައްޒަފެއް ނޫންކަން ވަޒީފާގެ އެއްބަސްވުމަށާއި ވަޒީފާގެ އޮފަރ ލެޓަރ އަށް ބެލުމުން އެނގޭކަމަށާއި، އެފަރާތް ވަޒީފާއަށް ހަމަޖައްސާފައިވަނީ ވަގުތީގޮތުން، ކޮންޓްރެކްޓް އުޞޫލުން ވަކި މުއްދަތެއް ކަނޑައެޅުމަށްފަހުކަމަށާއި، އެގޮތުން ފުރަތަމަ އެއްބަސްވުން ޤާއިމްކުރެވުނީ 11 ފެބުރުވަރީ 2019 އިން ފެށިގެން 01 (އެކެއް) އަހަރަށްކަމަށާއި އޭގެ ފަހުން 11 ފެބުރުވަރީ 2020 އިން ފެށިގެން 31 މާރިޗު 2020 އަށް ދެވަނަ އެއްބަސްވުން ވެވުނުކަމަށާއި، އަދި 31 މާރިޗު 2020 ގައި މުއްދަތު ހަމަވުމުން ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ބ) ގެ ދަށުން ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނެވުނު ކަމަށާއި، ނަމަވެސް ކޮވިޑް-19 ގެ ކަންކަން ގޯސްވަމުން ދިޔަ ދުވަސްވަރުކަމުން 30 ސެޕްޓެމްބަރު 2020 އާއި ހަމައަށް ގޭގައި ހުރެ މަސައްކަތްކުރެވޭގޮތް މަގުފަހި ކޮށްދީފައިވާނެކަމަށެވެ. އެހެންކަމުން، އެފަރާތާއެކު ޤާއިމުކުރެވުނު 2 އެއްބަސްވުމަކީވެސް ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) ގައި ބުނާފަދަ މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުމެއްކަމަށާއި، އެފަރާތާއެކު ވެފައިވާ އެއްބަސްވުމަކީ ދާއިމީ އެއްބަސްވުމެއްކަމަށް ބަލާނެ ޙާލަތެއް މެދުވެރިވެފައި ނުވާކަމަށެވެ. ކޮންޓްރެކްޓް އުޞޫލުން ވަކި މުއްދަތެއް ކަނޑައެޅިގެން ވަޒީފާދޭ ފަރާތެއް އެފަރާތެއްގެ އެ ކޮންޓްރެކްޓެއްގެ މުއްދަތު ހަމަވުމަށްފަހުގައި ވެސް، އެފަރާތަށް އިނާޔަތެއް ދިނުމުގެ ގޮތުންވިޔަސް އަދި އެހެން ގޮތަކުންވިޔަސް އެފަރާތުގެ ވަޒީފާ ދާއިމީ ކޮންޓްރެކްޓަކަށް ބަދަލުވާނެ ޙާލަތު ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށާއި، އެއީ 2 އަހަރު ދުވަހަށްވުރެ އިތުރަށް އެމީހަކު ވަޒީފާގައި ގެންގުޅުންކަމަށާއި، މި އަސާސްގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބައެއް މައްސަލަ ނިންމާފައިވާކަމަށާއި، އެހެންނަމަވެސް މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ސައިރިކްސް ކޮލެޖުގެ ވަޒީފާގައި އެ މުއްދަތު ހަމަކުރައްވާފައި ނުވާކަމަށާއި، އަދި އެފަރާތަށް ވަޒީފާގެ ދެ އެއްބަސްވުމުގެ މުއްދަތަށް ބަލައިގެންވިޔަސް ދެ އަހަރު ދުވަސް ހަމަވާނެ ޙާލަތެއް ނެތްކަމަށާއި، އަދި ވަޒީފާގައި ހޭދަކުރި މުއްދަތަށް ބަލާއިރު ވެސް މި ދެ އަހަރު ދުވަހުގެ މުއްދަތު ހަމަނުވާކަމަށާއި، މިކަމާމެދު ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެފަރާތުން ޗެލެންޖުކޮށްފައި ނުވާކަމަށެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގައި ބުނާ ނޯޓިސް ޕީރިއަޑް މިމައްސަލައަށް ތަތުބީޤު ނުކުރެވޭނެކަމަށާއި، ސަބަބަކީ މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ފަހުންކަމުގައިވާތީކަމަށެވެ.
11.1.1.1. މިނުކުތާގެ ރައްދުގައި މަޢީޝާ މޫސާގެ ފަރާތުން ބުނެފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވަނީ، ވަކި މުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް ވަޒީފާގެ ޖުމްލަ މުއްދަތު 2 (ދޭއް) އަހަރު ދުވަހަށްވުރެއް އިތުރުވާ ގޮތަށް އާ ކޮށްފި ނަމަ ނުވަތަ އެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިނަމަ ނުވަތަ ދެ ފަރާތުންމެ އެ ޢަމަލުތައް ބަހައްޓާގޮތުން އާކޮށްފިކަން ނުވަތަ އިތުރުކޮށްފިކަން ދޭހަވާނަމަ އެ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއް ނޫން ކަމުގައި ބަލަންޖެހޭނެކަމަށެވެ. ފުރަތަމަ ބަލަންޖެހޭ ކަމަކީ ދެ ފަރާތު ދެމެދު ވެފައިވާ އެއްބަސްވުންތަކަށްކަމަށާއި، އެގޮތުން މި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ ކަމަށް ފެންނަން މިއޮތީ 2019 ވަނަ އަހަރު މި ތާރީޚުގައި ވެފައި އޮތް އެމްޕްލޯއީމެންޓް އެގްރީމެންޓަށް ކަމަށާއި، މި އެއްބަސްވުމުގެ 3.4 ވަނަ މާއްދާގައި އެއްބަސްވުން ފެށޭ ތާރީޚެއް ކަމަށް ލިޔެފައިވަނީ، 11 ފެބުރުވަރީ 2019 ކަމަށާއި، އަދި އެއްބަސްވުމުގެ 3.5 ގައި ޑިއުރޭޝަން އޮފް ކޮންޓްރެކްޓް ކަމަށް ބަޔާންކޮށްފައި ވަނީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތުކަމަށާއި، އެއީ އެއްބަސްވުން ފެށޭ ތާރީޚުން ފެށިގެން އަދި މިކަން ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުން ވަރަށް ސާފުކޮށް އެނގޭކަމަށެވެ. މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ 09 ޖުލައި 2019 ގައި ކަމާއި، ދެވަނައަށް ވެފައިވާކަމަށް ބުނާ އެއްބަސްވުމުގެ 3.4 ގައި ޑޭޓް އޮފް އެމްޕްލޯއީމެންޓް ނުވަތަ އެއްބަސްވުން ފެށޭ ތާރީޚެއް ކަމަށް ބަޔާންކޮށްފައި އޮތީ ހަމަ 11 ފެބުރުވަރީ 2019 ކަމާއި، އަދި މި އެއްބަސްވުމުގެ 3.5 ގައި އެއްބަސްވުމުގެ މުއްދަތެއް ގޮތުގައި އޮތީ 01 (އެކެއް) މަހާއި 20 (ވިހި) ދުވަސް ކަމަށާއި، މި އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ޞަފްޙާ ހުށަހެޅިފައިވާ އެއްބަސްވުމުގައި ހިމެނިފައިނުވާކަމަށާއި، އިތުރު އެއްބަސްވުމެއް ނުވާކަމަށާއި، މި އެއްބަސްވުމުގެ ތާރީޚުތައް ޖެހުމުގައި ވެސް މައްސަލަތަކެއް އުޅޭކަން ފާހަގަކުރެވޭކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތުގެ ވަޒީފާގައި އެއްބަސްވުން އޮވެގެން ވަޒީފާ އަދާކުރި މުއްދަތަކީ 11 ފެބުރުވަރީ 2019 އިން 31 މާރިޗު 2020 ގެ ނިޔަލަށް ކަމަށާއި، އޭގެ ފަހުން 01 އެޕްރީލު 2020 އިން ފެށިގެން ޤައުމަށް ދިމާވި ކޮވިޑް 19 ގެ ކާރިސާއާ ގުޅިގެން އޮފީހަށް ނުނިކުމެ ގޭގައި މަސައްކަތް ކުރެވޭނެ ގޮތް ހަދައިދީފައިވާކަމަށާއި، އޭނާގެ ވަޒީފާގެ ނޯޓިސްގެ މުއްދަތު ހަމަވި ތާރީޚް ކަމަށްވާ 30 ސެޕްޓެންބަރު 2020 ގެ ނިޔަލަށް އޭނާގެ ވަޒީފާގެ ޙާލަތު ވަނީ ކުރިއެކޭ އެއްގޮތަށް ދަމަހައްޓައިދީފައިކަމަށާއި، އެންމެ ފަހުން މަޢީޝާ މަސައްކަތަށް ނިކުމެފައިވަނީ 11 އެޕްރީލު 2020 ގައިކަމާއި، މަސައްކަތަށް ޙާޟިރު ނުވި ނަމަވެސް ގޭގައި ބަހައްޓައިގެން މުސާރައާއި އިނާޔަތްތައް ހަމަޖައްސާދީފައިވާނެކަމަށެވެ. އެހެންކަމުން، ސުވާލަކީ 01 އެޕްރީލު 2020 އިން ފެށިގެން 30 ސެޕްޓެންބަރު 2020 ގެ ނިޔަލަށް އެއީ 5 (ފަހެއް) މަހާއި 30 (ތިރީސް) ދުވަހުގެ މުއްދަތުގައި މަޢީޝާ ކޮށްފައިވަނީ ކޮން މަސައްކަތެއްތޯ ސުވާލު އުފެދޭކަމަށެވެ. އެއްބަސްވުމުގެ މުއްދަތު އިތުރު ކޮށްދީފައިވާކަމަށާއި، ދެ ފަރާތުން ޢަމަލުތައް ބަހައްޓާފައިވަނީ ވަކި ގޮތަކަށްކަމަށާއި، އެހެންކަމުން އިސްތިއުނާފުކުރާ ފަރާތުން ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު މިއީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) ގައި ބުނެފައިވާ ގޮތަށް ޢަމަލުތައް ބެހެއްޓުމުގެ ސަބަބުން ދެ ފަރާތު ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއް ނޫން ކަމުގައި ބަލަންޖެހޭކަމަށާއި، އެހެންކަމުން އިސްތިއުނާފުކުރާ ފަރާތުން މަޢީޝާ މޫސާ ވަޒީފާއިން ވަކިކޮށްފައިވަނީ މިދެންނެވި ޤާނޫނީ އުޞޫލާ ޚިލާފަށް ކަމަށް ބަލަންޖެހޭކަމަށެވެ. ވަޒީފާއާބެހޭ މައްސަލަތައް ނިންމަމުންދަނީ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުމާ އެއްގޮތަށްކަމަށާއި، މިމައްސަލަވެސް ނިންމާފައިވަނީ މަތީ މަރުހަލާގެ ނިންމުމާއެއްގޮތަށްކަމަށެވެ.
ދެފަރާތުން އެދޭގޮތް
12އިސްތިއުނާފު ކުރާ ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، އަންނަނިވި ފަދައިންނެވެ.
12.1. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 253/VTR/2020 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައިދީ އެމައްސަލައިގެ ނިންމުން ބާޠިލްކޮށްދިނުމަށް؛
12.2. އިސްތިއުނާފު ކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 253/VTR/2020 މައްސަލައާމެދު ހައިކޯޓުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އިސްތިއުނާފު ކުރެވޭ މައްސަލައިގެ ޙުކުމް ތަންފީޛު ކުރުމަށް ފިޔަވަޅު އެޅިއްޖެނަމަ އެކަމުގެ ސަބަބުން އިސްތިއުނާފު ކުރާ ފަރާތަށް ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ލިބިދީފައިވާ އިސްތިއުނާފު ކުރުމުގެ ޙައްޤަށް އުނިކަން ލިބޭނެތީއާއި، އަދި ވަޒީފާއަށް އެފަރާތް ނެރެ އަދި ފައިސާ ދައްކަން ޖެހިއްޖެނަމަ އެކަމުގެ ސަބަބުން އިސްތިއުނާފު ކުރާ ފަރާތަށް އިޢާދަ ނުކުރެވޭފަދަ ގެއްލުންތަކެއް ލިބިދާނެ ކަމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތުމުން އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 253/VTR/2020 މައްސަލައިގައި ހައިކޯޓުން ވަކިގޮތެއް ކަނޑައަޅުއްވަންދެން، އިސްތިއުނާފު ކުރެވޭ މައްސަލައިގައި ޙުކުމް ތަންފީޛު ކުރުމަށް އެއްވެސް ފިޔަވަޅެއް ނާޅާ މަޑުކޮށްލުމަށް ވަގުތީ އަމުރު؛ މިއެވެ.
13އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް ކަމަށް ބުނެފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 253/VTR/2020 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށް ކަނޑައަޅައިދީ، މައްސަލަ ނިންމައިދިނުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
14މަޢީޝާ މޫސާ ވަޒީފާއިން ވަކިކުރުމުގެ ގޮތުން ސައިރިކްސް ކޮލެޖުން ފޮނުވި ސިޓީގައި (07 ސެޕްޓެމްބަރު 2020) ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
"We regret to inform you that we have decided not to extend your employment contract because of a continuing economic crisis due to COVID Pandemic. We cannot continue the college Campuses regular operation with the current HPA guidelines and changing our teaching methods online. The management has decided to reduce the workforce until we get a COVID vaccine.
I have to confirm that your employment at Cyryx College will therefore end on September 30,2020.
15މަޢީޝާ މޫސާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނީ، މިއީ ރިޑަންޑަންސީގެ ޙާލަތުގައި ވަޒީފާއިން ވަކިކުރެވުނު ކުރެވުމެއްކަމަށް ބަލައި ބަހުޘް އުފައްދަމުންނެވެ. އެހެންނަމަވެސް، ސައިރިކްސް ކޮލެޖުން މައްސަލައަށް ރައްދުދެމުން ޓްރައިބިއުނަލްގައި ބުނެފައިވަނީ، މަޢީޝާ މޫސާއަކީ ރިޑަންޑަންސީގެ ދަށުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއް ނޫން ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރީ ދެފަރާތުގެ ދެމެދުގައި އޮތީ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ކަނޑައެޅިފައިވާ އަދި މުއްދަތު ހަމަވެފައިވާ އެއްބަސްވުމެއް ކަމުގައިވާތީ، އެއެއްބަސްވުމާ އެއްގޮތަށް ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ޙައްޤު ލިބިގެންވާތީ ކަމަށް ބުނެފައިވެއެވެ. އަދި މަޢީޝާ މޫސާ އަކީ ތަނުގެ ދާއިމީ މުވައްޒަފެއް ނޫން ކަމަށާއި، އެފަރާތް ވަޒީފާއިން ވަކިކުރެވިފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކަމަށެވެ.
16މިމައްސަލައިގެ ވާޤިއާތަކަށް ބަލާއިރު، ސައިރިކްސް ކޮލެޖުގައި މަޢީޝާ މޫސާ ވަޒީފާ އަދާކުރަން ފަށާފައިވަނީ 11 ފެބުރުވަރީ 2019 ގައެވެ. އެގޮތުން ދެފަރާތުގެ ދެމެދުގައި ވެވިފައިވާ "ވަޒީފާގެ އެއްބަސްވުން" (2019 ގެ އެއްބަސްވުން) ގެ 3.4 ވަނަ މާއްދާގައި އެއްބަސްވުން ފެށޭ ތާރީޚުކަމަށް ބަޔާންކޮށްފައިވަނީ، 11 ފެބުރުވަރީ 2019 އެވެ. އަދި އެއްބަސްވުމުގެ 3.5 ގައި ޑިއުރޭޝަން އޮފް ކޮންޓްރެކްޓް ކަމަށް ބަޔާންކޮށްފައި އޮތީ، 1 (އެކެއް) އަހަރު ކަމަށެވެ. އެހެންކަމުން މިއެއްބަސްވުމުގެ މުއްދަތު ފެބުރުވަރީ 2020 އަށް ހަމަވާނެއެވެ.
17ދެން މިމައްސަލައިގައި ހުށަހެޅިފައިވާ އެއްބަސްވުން، (2020 ގެ އެއްބަސްވުން) ގެ 3.4 ވަނަ މާއްދާގައި ވަޒީފާގެ މުއްދަތު ފެށޭ ތާރީޚްކަމަށް ބަޔާންކޮށްފައިވަނީ، 11 ފެބުރުވަރީ 2019 އެވެ. އެއްބަސްވުމުގެ މުއްދަތުކަމަށް 3.5 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، 1 (އެކެއް) މަހާއި 20 (ވިހި) ދުވަސް ކަމަށެވެ. އަދި އެއީ 11 ފެބުރުވަރީ 2020 އިން ފެށިގެން 31 މާރިޗް 2020 ކަމަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
18HN1ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
ވަކި މުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްނަމަ، މި މާއްދާގެ (ކ) ގައިވާ ޙާލަތުގައި މެނުވީ، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނެ ކަމަށް ކަނޑައަޅާފައިވާ ތާރީޚުގައި އިތުރު ނޯޓިހެއް ދިނުމަކާނުލާ، އެއްބަސްވުން ނިމުމަކަށް އަންނާނެއެވެ.
19އެހެންކަމުން، އިސްތިއުނާފު ކުރާ ފަރާތުން ބަހުޘްކުރާ ފަދައިން ދެފަރާތުގެ ދެމެދުގައި އެއްބަސްވުމުގެ މުއްދަތު ހަމަވެގެން މަޢީޝާ މޫސާ ވަޒީފާއިން ވަކިކުރާނަމަ، 31 މާރިޗް 2020 ގައި އެފަރާތް ވަޒީފާއިން ވަކިވާނެއެވެ. ނަމަވެސް މިމައްސަލައިގެ ވާޤިއާތަކަށް ބަލާއިރު، ސައިރިކްސް ކޮލެޖުން ވަޒީފާގެ މުއްދަތު ހަމަވެގެން މަޢީޝާ މޫސާ ވަޒީފާއިން ވަކިކޮށްފައިވަނީ، ބުނެވުނު 31 މާރިޗް 2020 ގެ ތާރީޚްގެ އެތައް ދުވަހެއް (ފަސްމަހަށް ވުރެ ގިނަ ދުވަސް) ފަހުން، ސެޕްޓެމްބަރު 2020 ގައެވެ.
20HN2މިމައްސަލައިގައި ޓްރައިބިއުނަލް މަރުހަލާގައާއި މިކޯޓު މަރުހަލާގައި ސައިރިކްސް ކޮލެޖުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި، އެއްބަސްވުމުގެ މުއްދަތު ހަމަވި ދުވަސްވަރަކީ، ކޮވިޑް-19 އިގެ ކަންކަން ގޯސްކޮށް ދިޔަދުވަސްވަރު ކަމުން ވަޒީފާއެއް ލިބުން ދަތިވާނެތީ ވަގުތީގޮތުން ކުންފުނީގައި މަސައްކަތްކުރުމުގެ ފުރުސަތެއްދީ، ދިގު މުއްދަތަށް ގޭގައި މަސައްކަތްކުރުމުގެ ފުރުސަތުދީ މުސާރައާއި އިނާޔަތްދީފައިވާނެ ކަމަށް ބުނެފައިވެއެވެ. ކޮވިޑް-19 އިގެ ދުވަސްވަރު ކޮލެޖުގެ މަސައްކަތް މަދުވެފައިވާކަމަށާއި، ތަނުގެ އެންމެހައި މުވައްޒަފުންވެސް މަސައްކަތްކުރީ ގޭގައިކަން ސައިރިކްސް ކޮލެޖުގެ ބަހުން އެނގޭއިރު، ދެފަރާތުގެ ދެމެދުގައި ކުރީގައި އޮތް ވަޒީފާގެ ގުޅުން ދެމިގޮސްފައިވާކަން އެނގެއެވެ.
21HN3މުއްދަތު ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްގެ މުއްދަތު ހަމަވެގެން ވަޒީފާއިން ވަކިކުރާ މައްސަލައެއްގައި، ކަނޑައެޅިފައިވާ މުއްދަތަކީ ކޮބައިކަމާއި، ވަޒީފާއިން ވަކިކުރެވުނީ އެތާރީޚުގައިކަން ބަޔާންކޮށްދިނުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން، ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. މިމައްސަލައިގެ ވާޤިއާތަކަށް ބަލާއިރު، 30 ސެޕްޓެމްބަރު 2020 އަށް މުއްދަތު ހަމަވާ ވަޒީފާގެ އެއްބަސްވުމެއް ދެފަރާތުގެ ދެމެދުގައި އޮތް ކަން ސާބިތުކޮށްދިނުމަކީ، ސައިރިކްސް ކޮލެޖުގެ ޒިންމާއެކެވެ. މިޒިންމާ އިސްތިއުނާފު ކުރާ ފަރާތަށް އަދާކުރެވިފައިވާކަން އެނގެން ނެތުމުން މަޢީޝާ މޫސާ ވަޒީފާއިން ވަކިކުރެވިފައިވަނީ، އެކަށީގެންވާ ސަބަބެއް އޮވެގެން ކަން މިމައްސަލައިގައި ސާބިތުނުވެއެވެ.
22މިއިސްތިއުނާފުގައި ސައިރިކްސް ކޮލެޖުގެ ފަރާތުން ފާހަގަކުރާ އެއްކަމަކީ، މިމައްސަލައަށް ހިނގާނީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) ގެ ޙުކުމްކަމަށާއި، މަޢީޝާ މޫސާގެ މުޅި ވަޒީފާގެ މުއްދަތަށް ޖުމްލަ 2 (ދޭއް) އަހަރު ދުވަސް ހަމަނުވާތީ، މިއީ ދާއިމީ މުވައްޒަފެއް ކަމުގައި ނުބެލެވޭނެކަމަށެވެ.
ދެފަރާތުގެ ދެމެދުގައި އޮތީ މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުމެއްތޯ
23HN4ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ތިން ބާވަތެއްގެ ވަޒީފާގެ އެއްބަސްވުން އެޤާނޫނުން ހުއްދަކުރާކަން އެނގެއެވެ. އެގޮތުން އެމާއްދާގެ (ރ) ގައި ބަޔާންކުރާ އެއްބަސްވުންތަކަކީ (1) - މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުން (definite/ fixed term) 2. މުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުން indefinite/ open އަދި 3. ވަކި މަސައްކަތަށް ޚާއްސަކޮށްފައިވާ އެއްބަސްވުން (project based) އެވެ.
24HN5ޢާންމު ގޮތެއްގައި، މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުންތަކުގައި ވަޒީފާއިން ވަކިކުރުމާ ގުޅޭ ގޮތުން މަސައްކަތްތެރިންނަށް ދޭ ރައްކާތެރިކަން، މުއްދަތެއް ނެތް ކޮންޓްރެކްޓްތަކުގެ މަސައްކަތްތެރީންނަށް ލިބޭ ރައްކާތެރިކަމާ އަޅާބަލާއިރު ކުޑައެވެ. އެހެނީ، މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުމެއްގައި، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން އިތުރު ސަބަބެއް އޮތުމަކާ ނުލައި އެއްބަސްވުން ނިމުމަކަށް އަންނާނެތީއެވެ. މިހާލަތުގައި ނޯޓިސްދީ ނުވަތަ ނޯޓިހުގެ ބަދަލުގައި ފައިސާދިނުން ލާޒިމެއް ނުވެއެވެ.
25HN6މިބާވަތުގެ އެއްބަސްވުންތަކަކީ، ބައިނަލް އަޤްވާމީގޮތުން ޢަމަލުކުރެވޭ އުޞޫލުތަކުންވެސް ބަލައިގަންނަ އެއްބަސްވުންތަކެކެވެ. މުއްދަތު ކަނޑައެޅޭ މިބާވަތުގެ އެއްބަސްވުންތަކުގެ ނިވަލުގައި މަސައްކަތްތެރިންގެ ޙައްޤުތައް ހަނިކުރުމުގެ ފުރުސަތު ބޮޑުވުމުން، އެއްބަސްވުމުގެ އެންމެ ދިގު މުއްދަތެއް ކަނޑައެޅުން ނުވަތަ މަސައްކަތުގެ ބާވަތުން މުއްދަތު ކަނޑައެޅުން ފަދަ، އެޙައްޤުތައް ހިމާޔަތްކުރުމުގެ ގޮތުން ޤާނޫނުން އިފްތިރާޟްކުރާ "އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް" ޤާއިމުކުރެވިފައި ހުރެއެވެ.
26މިގޮތުން، އައި އެލް އޯ، ޓާމިނޭޝަން އޮފް އެމްޕްލޯއިމަންޓް ރެކޮމެންޑޭޝަން، 1982 (ނަންބަރު 166) ގައި ގާއިމުކުރެވިދާނެ އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން އިރުޝާދު ދެއެވެ. މިގޮތުން، އެރެކޮމެންޑޭޝަންގެ 3 ވަނަ ނަންބަރުގައި އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
(ހ) ކުރަންޖެހޭ މަސައްކަތުގެ ބާވަތުން ނުވަތަ މަސައްކަތްކުރަންޖެހޭ ޙާލަތުގެ ސަބަބުން، ނުވަތަ މަސައްކަތްތެރިޔާގެ މަސްލަހަތުގެ ސަބަބުން، ދާއިމީ ވަޒީފާގެ ގުޅުމެއް ޤާއިމުކުރެވެން ނެތް ހާލަތްތަކުގައި މެނުވީ ވަގުތީ އެއްބަސްވުންތަކަށް ވަދެވުން މަނާކުރުން؛
(ށ)- (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް ވުރެ އިތުރު މުއްދަތަކަށް ވެވޭ އެއްބަސްވުންތަކަކީ، ދާއިމީ އެއްބަސްވުންތަކުގެ ގޮތުގައި އިފްތިރާޟްކުރުން؛
(ނ) އެއް ފަހަރު ނުވަތަ އެތައް ފަހަރެއްގެ މަތިން އައުކޮށްފިނަމަ، (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، އެއެއްބަސްވުންތަކަކީ މުއްދަތެއް ނެތް އެއްބަސްވުންތަކުގެ ގޮތުގައި އިފްތިރާޟްކުރުން؛ މިއެވެ.
27HN7ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުއްދަތު ކަނޑައެޅޭ އެއްބަސްވުންތައް ބަލައިގަނެފައިވާއިރު، މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުންތައްވެސް، މިޤާނޫނުގައި ކަނޑައެޅިފައިވާ ބައެއް ޙާލަތްތަކުގައި ދާއިމީ އެއްބަސްވުންތަކެއް ކަމުގައި އިފްތިރާޟްކުރެއެވެ. އެގޮތުން، އެޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) ގެ ދަށުން ވަޒީފާގައި އެއްބަސްވުމުގެ މުއްދަތުގެ މައްޗަށް ބިނާކޮށް ޤާނޫނީ އިފްތިރާޟެއް ޤާއިމުކުރެވޭ އިރު، އެޤާނޫނުގެ 13 ވަނަ މާއްދާގެ (އ) ގެ ދަށުން ކުރެވޭ އިފްތިރާޟަކީ، އަދާކުރި ވަޒީފާގެ އެއްބަސްވުމުގެ މަޤްސަދު ނުވަތަ ނަތީޖާއަކީ ދާއިމީ އެއްބަސްވުމަކަށް ވުމުން ކުރެވޭ އިފްތިރާޟެކެވެ. އެގޮތުން، އެދެމާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ.
(ކ) ވަކިމުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް، ވަޒީފާގެ ޖުމްލަ މުއްދަތު ދެ އަހަރު ދުވަހަށްވުރެ އިތުރުވާގޮތަށް އާކޮށްފިނަމަ، ނުވަތަ އެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިނަމަ، ނުވަތަ ދެފަރާތުންމެ ޢަމަލުތައް ބަހައްޓާގޮތުން، އާކޮށްފިނަމަ، ނުވަތަ އިތުރުކޮށްފިކަން ދޭހަވާނަމަ، އެއެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއް ނޫން ކަމުގައި ބަލަންޖެހޭނެއެވެ.
(އ) ވަކި މުއްދަތެއް ކަނޑައެޅިފައިވާ ނުވަތަ ވަކި މަސައްކަތަކަށް ޚާއްސަކޮށްފައިވާ، ވަޒީފާގެ އެއްބަސްވުމެއްގެ މަޤްޞަދަކީ، ނުވަތަ ނަތީޖާއަކީ، ވަޒީފާއަދާ ކުރާ ތާނގައި، އާދައިގެ މަތިން އަބަދުވެސް ކުރަންޖެހޭ މަސައްކަތެއް، ދާއިމީ ގޮތެއްގައި ކުރުންމަތީ ދެމިހުރުން ކަމުގައިވާނަމަ އެ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ކަމުގައި ބަލަންޖެހޭނެއެވެ.
28HN8އެއްބަސްވުމުގެ މަޤްސަދަކީ، ނުވަތަ ނަތީޖާއަކީ، ވަޒީފާ އަދާ ކުރާ ތަނުގައި އާދައިގެ މަތިން އަބަދުވެސް ކުރަންޖެހޭ މަސައްކަތެއް ދާއިމީ ގޮތެއްގައި ކުރުންމަތީ ދެމިހުރުންކަމުގައި ސާބިތުވާނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (އ) ގެ ބޭނުމަށްޓަކައި އެއީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުމެއް ކަމަށް ޤާނޫނުން އިފްތިރާޟްކުރެއެވެ. މިމާއްދާގެ ބޭނުމަށްޓަކައި މިމާއްދާގެ (ކ) ގައި ބަޔާންކުރާ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތު ވަޒީފާގައި ހޭދަކުރުން ޤާނޫނުން ލާޒިމެއް ނުކުރެއެވެ. އެހެނީ، ވަކިވަކިން އޮތް ޤާނޫނީ މިދެއިފްތިރާޟްގައި އެއް މާއްދާ އަނެއް މާއްދާއަށް ބަރޯސާ ވާން ޖެހޭ އެއްވެސް ޝަރުޠެއް ޤާނޫނުގައި ބަޔާންކޮށްފައިނެތެވެ.
29HN9މަޢީޝާ މޫސާ އާއި ސައިރިކްސް ކޮލެޖުއާ ދެމެދު އޮތް އެއްބަސްވުމުގެ މަޤްސަދަކީ، ނުވަތަ ނަތީޖާއަކީ ސައިރިކްސް ކޮލެޖުގައި އާދައިގެ މަތިން އަބަދުވެސް އަދާކުރަންޖެހޭ މަސައްކަތެއް ދާއިމީ ގޮތެއްގައި ކުރުން މަތީ ދެމިހުރުން ކަމަށް ކަނޑައެޅުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
29.1. ދެފަރާތުގެ ދެމެދުގައި ލިޔުމުން އޮތް ފަހުގެ އެއްބަސްވުން 31 މާރިޗް 2020 އަށް ހަމަވެ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ބ) ގެ ދަށުން ނިމުމަކަށް އައިފަހުން ވެސް 30 ސެޕްޓެމްބަރު 2020 އާ ހަމައަށް މަރްޔަމް މަޢީޝާ މޫސާ ސައިރިކްސް ކޮލެޖްގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކޮށްފައިވުން؛
29.2. 11 ފެބުރުވަރީ 2020 ގައި ވަޒީފާގެ މުއްދަތު އިތުރު ކުރިއިރު ވަޒީފާގެ އެއްބަސްވުމަށް އިތުރު އުނިއިތުރެއް ގެނެސްފައިނުވުން؛
29.3. ވަޒީފާގެ މުއްދަތު ހަމަވުމަށްފަހު ވަޒީފާ ބަޔާނަށް ބަދަލެއް ގެނެސްފައިނުވުން؛
29.4. ވަޒީފާ އައުކޮށްފައިވަނީ ކުރިން ކުރަމުން އައި މަސައްކަތް ޙަވާލުކުރުމުގެ މަޤްސަދުގައި ނޫން ކަން އެނގޭނެ ހެއްކެއް ސައިރިކްސް ކޮލެޖުން ހުށަހަޅާފައިނުވުން؛
29.5. ސައިރިކްސް ކޮލެޖުން 10 ފެބުރުވަރީ 2019 ގައި ދީފައިވާ އޮފަރ ލެޓަރގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ، ތައުލީމުދޭ ކޮލެޖެއްގައި އާދައިގެ މަތިން ޢާއްމުކޮށް ކުރާ މަސައްކަތްކަމަށް ބުރަވުން؛
30އެހެންކަމުން، ބުނެވިދިޔަ ކަންތައްތަކަށް ރިޢާޔަތްކުރާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (އ) ގެ ދަށުން، ދެފަރާތުގެ ދެމެދުގައި އޮތީ ދާއިމީ އެއްބަސްވުމެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް އޮތް ކަމުގައި ނުދެކެމެވެ.
ނިންމަން ފެންނަ ގޮތް
31އެހެންކަމުން، ބުނެވިދިޔަ ސަބަބުތަކަށް ރިޢާޔަތްކުރާއިރު، ސައިރިކްސް ކޮލެޖުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގެ މައްޗަށް ބިނާކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 253/VTR/2020 މައްސަލައިގެ ނިންމުމަށް ބަދަލު ގެންނާނެތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު
32ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
33ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
34މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. ޢާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސައިރިކްސް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގެ މައްޗަށް ބިނާކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 253/VTR/2020 މައްސަލައިގެ ނިންމުމަށް ބަދަލު ގެންނަންޖެހޭތަނެއް ނެތްކަމަށް ކަނޑައަޅައި، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު މުޙައްމަދު ފައިޞަލް
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ (ރިޔާސަތު)
ފަނޑިޔާރު ޙަސަން ޝަފީޢު
ފުޓްނޯޓު
- ސައިރިކްސް ކޮލެޖާއި މަޢީޝާ މޫސާއާ ދެމެދު ވެފައިވާ އެގްރީމެންޓް 2019 ގެ އާރޓިކަލް 4
- 07 ސެޕްޓެމްބަރު 2020 ދުވަހު ސައިރިކްސް ކޮލެޖްގެ ފަރާތުން މަޢީޝާ މޫސާއަށް ފޮނުވި ސިޓީ
- ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް މަޢީޝާ މޫސާގެ ފަރާތުން ހުށަހެޅި "މައްސަލަ ހުށަހަޅާ ފޯމު"ގެ "އެދޭގޮތް"
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 9- ސަފްޙާ 8
- ސައިރިކްސްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި "މައްސަލައިގެ ޖަވާބު ފޯމް" ގެ ނަންބަރު "6" ގެ އެގްޒިބިޓް 1 ގެ ގޮތުގައި ހުށަހެޅިފައިވާ
- އބޙ
- ޤާނޫނު ނަންބަރު 2/2008
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 9 ސަފްޙާ 8
- (09 ނޮވެމްބަރު 2021)
- ޤާނޫނު ނަންބަރު 2/2008
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 9.5 ޞަފްޙާ 11
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 11.2 ޞަފްޙާ 13
- ޤާނޫނު ނަންބަރު 2/2008
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 12.2 ޞަފްޙާ 14
- ޤާނޫނު ނަންބަރު 2/2008
- މަޢީޝާ މޫސާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ދައުވާގެ ޖަވާބު ފޯމުގެ ނަންބަރު 10- "އެދޭގޮތް"
- ސައިރިކްސް ކޮލެޖުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ދައުވާ ހުށަހަޅާ ފޯމުގެ 5- "އެދޭގޮތް"
- މަޢީޝާ މޫސާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި "މައްސަލަ ހުށަހަޅާ ފޯމް" ގެ ޕެރެގްރާފް 3
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓު ޕެރެގްރާފް 3
- ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ސައިރިކްސް ކޮލެޖުގެ ފަރާތުން ހުށަހެޅި ޖަވާބުގެ ޕޮއިންޓް 4.3
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 9 ސަފްޙާ 8
- Employment Agreement between Cyrix College and Mariyam Maeesha Moosa 2019
- Employment Agreement between Cyrix College and Mariyam Maeesha Moosa 2020
- ޤާނޫނު ނަންބަރު 2/2008
- ޤާނޫނު ނަންބަރު 2/2008
- އބޙ
- ޤާނޫނު ނަންބަރު 2/2008
- C158 - Termination of Employment Convention, 1982 (No. 158) Date of entry into force: 23 Nov 1985 (Art.2(2))
- The Termination of Employment Recommendation, 1982 (No. 166) provides for example, that
- ޤާނޫނު ނަންބަރު 2/2008
- ވަޒީފާއާބެހޭ ޤާނޫނު- ޤާނޫނު ނަންބަރު 2/2008
- އބޙ
- ޤާނޫނު ނަންބަރު 2/2008
- ޤާނޫނު ނަންބަރު 2/2008
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ 9.3 ޕެރެގްރާފް
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ 9.3 ޕެރެގްރާފް
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ 9.3 ޕެރެގްރާފް
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ 9.4 ވަނަ ޕެރެގްރާފް
- ޤާނޫނު ނަންބަރު 2/2008
- މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު: 32/2021) ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ހ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ށ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ބ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ކ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (އ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ)
- ILO Termination of Employment Recommendation, 1982 (No. 166), Paragraph 3
- ILO C158 - Termination of Employment Convention, 1982 (No. 158), Art. 2(2)
- ހައިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާ (ޓްރައިބިއުނަލުން ރިޢާޔަތްކުރި)
- ހައިކޯޓުގެ ނަންބަރު 2014/HC-A/295 ޤަޟިއްޔާ (ޓްރައިބިއުނަލުން ރިޢާޔަތްކުރި)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.