ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2022/HC-A/294ހައިކޯޓު · 22 އޮކްޓޫބަރު 2026 · އެއްބަސްވުމާމެދު ޚިލާފު އުފެދުން

މުޙައްމަދު އަނީސް ވ. ރިޔަން ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނެ މުއްދަތު ހަމަވާނީ 21 ނޮވެމްބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 22 އޮކްޓޫބަރު 2026ދަށު ކޯޓު: ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓު 89/S5C/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓު 89/S5C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅީ، ނުދައްކާ ހުރި ކަރަންޓް ބިލު 30,000 ރުފިޔާގެ ސެކިއުރިޓީ ޑިޕޮޒިޓުން އުނިކުރުމަށްފަހު ބާކީވާ 25,012.07 ރުފިޔާއިން ކުލަލުމާއި ވާނިޝްކުރުމުގެ ޚަރަދު ހަމަވާނެކަމަށާއި، ފަރުނީޗަރު ގަތުމަށް ހޭދަކުރި 55,223.61 ރުފިޔާއަކީ ކަނޑައެޅިފައިވާ އުޞޫލުތަކުން ބޭރުން އަމިއްލައަށް ކުރި ޚަރަދަކަށްވާތީ ނަގައިނުދެވޭނެކަމަށެވެ.
ވާޤިޢާ
ސ. މަރަދޫފޭދޫގައި ހުރި ގެއެއްގެ 5 ކޮޓަރި އެއް އަހަރަށް ކުއްޔަށް ދިނުމަށް މުޙައްމަދު އަނީސްއާއި ރިޔަން ޕްރައިވެޓް ލިމިޓެޑާ ދެމެދު 14 އޮކްޓޫބަރު 2017 ގައި އެއްބަސްވުމެއް ވެ، ކުންފުނީގެ އެދުމުގެ މަތިން މުއްދަތު އިތުރުކުރަމުން 31 މެއި 2019 އަށް ކުންފުނިން ތަން ބޭނުންކުރިއެވެ. ކުންފުނިން އެއްބަސްވުމާ ޚިލާފަށް ޢަމަލުކުރިކަމަށް ބުނެ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން 75,210.91 ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އަނީސް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުއްޔަށް ހިފި ފަރާތުން އެއްބަސްވުމާ ޚިލާފުވިކަމަށް ދަށު ކޯޓުން ކަނޑައަޅާފައި ނުވާއިރު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ނަގައި ނުދިނުމާއި، ކުއްޔަށް ދިން ފަރާތުން އަނެއް ފަރާތުގެ ރުހުމެއް މަޝްވަރާއެއް ނެތި ކުލަލުމާއި ފަރުނީޗަރު ގަތުމަށް ހޭދަކުރި ފައިސާ ނަގައި ނުދިނުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އަނީސް ބުނީ، ކުންފުނިން އެއްބަސްވުމާ ޚިލާފުވިއިރު ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ދަށު ކޯޓުން ރިޢާޔަތް ނުކުރާކަމަށާއި، ގެއްލުން ކުޑަކުރުމަށް ފިޔަވަޅު ނާޅާކަމަށް ފާހަގަކުރީ ކުންފުންޏަށް ބުރަވެގެންކަމަށާއި، ފަރުނީޗަރާއި ތަކެއްޗަށް ލިބުނު ގެއްލުމުގެ ފުރިހަމަ ބަދަލު ނަގައިނުދިނީކަމަށެވެ. ކުންފުނިން ބުނީ، އަނީސް ކުންފުންޏަށް ފުރުޞަތު ނުދީ އަމިއްލައަށް މަސައްކަތްކުރުވިކަމަށާއި، މަޝްވަރާކޮށް ޙައްލުކުރުމުގެ އެއްބަސްވުމުގެ އުޞޫލާ ޚިލާފަށް ޢަމަލުކުރިކަމަށެވެ.
ކޯޓުގެ ސަބަބުތައް
ކުންފުނިން އެއްބަސްވުމާ ޚިލާފުވިކަމަށް ދަށު ކޯޓުން ކަނޑައަޅާފައި ނުވާއިރު، އެ ކަނޑައެޅުން އިސްތިއުނާފުކޮށްފައިވެސް ނުވާތީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ބަދަލު ދިނުމަށް އަންގާނެ ތަނެއް ނެތެވެ. ގެއްލުން ކުޑަކުރުމާ ބެހޭ ނުކުތާއަކީ ކަންހިނގިގޮތް ބަޔާންކުރި ކަމެއްކަމަށާއި، ޙުކުމަށް ކުރި އަސަރެއް ދައްކާފައި ނުވާތީ ކަނޑައަޅަންޖެހޭ ކަމެއް ނޫނެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން، އަނެއް ފަރާތުގެ ރުހުމެއް މަޝްވަރާއެއް ނެތި ކުރި ކަމަކަށް ހޭދަވި އެންމެހާ ފައިސާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިނުދެވޭނެއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ، ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެކަމަކުން ލިބުނު ގެއްލުމަކަށް ބަދަލުދޭން ޖެހޭނެކަމުގައެވެ.

HN2 ކޮންޓްރެކްޓުގެ ބައިވެރިޔަކު އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ދަށު ކޯޓުގެ ފަނޑިޔާރަށް ބުރަވެވިފައިނުވާ ހާލަތެއްގައި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ބަދަލު ދިނުމަށް އަންގާނެތަނެއް އޮތްކަމުގައި ނުބެލެވެއެވެ.

HN3 ދަށު ކޯޓުގެ ފަނޑިޔާރު، "ދަޢުވާލިބޭ ފަރާތުން އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ ޚިލާފުވެފައިނުވާކަމަށް ޤަބޫލުކުރެވޭ" ކަމަށް ކަނޑައެޅި ކަނޑައެޅުން އިސްތިއުނާފު ކޮށްފައިނުވާއިރު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޙަވާލާދީ ދަށު ކޯޓުގެ ފަނޑިޔާރުގެ ނިންމުން ގޯސްކަމުގައި ކަނޑައެޅިދާނެ ކަމުގައި ނުދެކެމެވެ.

HN4 ދަށު ކޯޓުގެ ފަނޑިޔާރު، މައްސަލާގައި ކަންހިނގާފައިވާގޮތް ބަޔާންކުރުމުގެ ގޮތުން ބަޔާންކޮށްފައިވާ ނުކުތާއަކުން ދަށު ކޯޓުގެ ޙުކުމަށް ކުރި ނުރަނގަޅު އަސަރެއް ނުވަތަ އެއީ ހަޤީޤަތާ ޚިލާފަށް ބަޔާންކޮށްފައިވާ ނުކުތާއެއް ކަމަށްވެސް އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިނުވާ ހާލަތުގައި، އެ ނުކުތާއާމެދު ގޮތެއް ކަނޑައަޅަންޖެހޭ ހާލަތެއް އޮތްކަމުގައި ނުދެކެމެވެ.

HN5 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެކޮންޓްރެކްޓްގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއާ ޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ، އެކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމަ ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެނަމައެވެ.

HN6 ދެފަރާތުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވެފައި ނުވާހިނދެއްގައި، އެއްބަސްވުމުގެ އެއް ބައިވެރިއަކު ކުރަންޖެހޭ ކަމެއް، ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، ބޭނުންވާގޮތަކަށް އެކަމަށް ޒިންމާވާންޖެހޭ ފަރާތުގެ ބަހެއް ރުހުމެއް މަޝްވަރާއެއްނެތި ކޮށްލުމަށްފަހު، އެކަމަށް ހޭދަވެފައިވާ އެންމެހާ ފައިސާ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވިދާނެކަމަށް ނުފެނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު، ދަ ލިޓިޖަންޓްސް އެލް.އެލް.ޕީ
ބެންޗު
މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، ޙުޒައިފާ މުޙައްމަދު، ދީބާނާޒް ފަހުމީ
ރިޔާސަތު
މުޙައްމަދު ޝަނީޒް ޢަބްދުﷲ
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙުޒައިފާ މުޙައްމަދު، ދީބާނާޒް ފަހުމީ
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ރަޖިސްޓްރީކުރީ 21 ސެޕްޓެމްބަރު 2021 · ނިމުނީ 22 އޮކްޓޫބަރު 2026 (61.0 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު

ތަޢާރުފު

1މިއީ، އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 89/S5C/2019 ޤަޟިއްޔާ ނިންމާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ މާލެ/ ދަފްތަރު ނަންބަރު ރސ 4800، މުޙައްމަދު އަނީސް (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "މުޙައްމަދު އަނީސް")ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި އިސްތިއުނާފު ރައްދުވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ރިޔަން ޕްރައިވެޓް ލިމިޓެޑް") ގެ މައްޗަށެވެ.

ކަން ހިނގާފައިވާ ގޮތް

2ސ. މަރަދޫފޭދޫ، ބެއްލަންވިލާއެވެ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ 5 ކޮޓަރި 01 އަހަރު ދުވަހަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން މުޙައްމަދު އަނީސް އާއި ރިޔަން ޕްރައިވެޓް ލިމިޓެޑާ ދެމެދު 14 އޮކްޓޫބަރު 2017 ގައި އެއްބަސްވުމެއް ވެފައިވެއެވެ.

3އެއްބަސްވުމުގެ މުއްދަތަކީ 15 އޮކްޓޫބަރު 2017 އިން 15 އޮކްޓޫބަރު 2018އިގެ ނިޔަލަށް ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ވީނަމަވެސް ރިޔަން ޕްރައިވެޓް ލިމިޓެޑުގެ އެދުމުގެ މަތިން އެއްބަސްވުމުގެ މުއްދަތު އިތުރު ކުރަމުން އައިސް 31 މެއި 2019 އަށް ރިޔަން ޕްރައިވެޓް ލިމިޓެޑުން އެތަން ބޭނުން ކުރިއެވެ.

4އެ އެއްބަސްވުމާ އެއްގޮތަށް ރިޔަން ޕްރައިވެޓް ލިމިޓެޑުން ޢަމަލުކޮށްފައި ނުވާކަމަށް ބުނެ، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއާ ޙަވާލާދީ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި މުޙައްމަދު އަނީސްގެ ފަރާތުން އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ދަޢުވާކުރިއެވެ.

5އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 89/S5C/2019 ޤަޟިއްޔާއިން ބަލާފައިވާ އެ މައްސަލައިގައި މުޙައްމަދު އަނީސްގެ ފަރާތުން އެދުނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ޅ) އާއި، 8 ވަނަ މާއްދާގެ (ހ) އާއި، 5 ވަނަ މާއްދާގެ (ހ) ، (ށ)، އަދި (ނ) އާ ޚިލާފަށް ޢަމަލުކޮށްފައިވާތީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 75,210.91ރ (ހަތްދިހަ ފަސް ހާސް ދުއިސައްތަ ދިހަ ރުފިޔާމ ނުވަދިހަ އެއް ލާރި) ރިޔަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހޯދުމަށެވެ.

ދަށުކޯޓުން މައްސަލަ ނިންމިގޮތް

6އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމުގައި ކަނޑައަޅާފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދަޢުވާކުރާ ފަރާތުން ގޭގައި ކުލަލުމާއި ވާނިޝްކުރުމަށް ހޭދަވި ފައިސާގެ ގޮތުގައި-/45,000ރ. (ސާޅީސް ފަސް ހާސް) ރުފިޔާ އާއި، ދަޢުވާލިބޭ ފަރާތުން މެއި 2019 ގެ ކަރަންޓު ބިލަށް ދައްކަންޖެހި ނުދައްކާވާކަމަށް ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ 4987.30ރ. (ހަތަރު ހާސް ނުވަސަތޭކަ އަށްޑިހަ ހަތް ރުފިޔާ، ތިރީސްލާރި) އާއި، ފަރުނީޗަރު ގަތުމަށް ޚަރަދުވި 55,223.61ރ. (ފަންސާސް ފަސް ހާސް ދުއިސައްތަ ތޭވީސް ރުފިޔާ، ފަސްދޮޅަސް އެއް ލާރި) ލިބިގަތުމަށް ހުށަހެޅި ދަޢުވާގައި، ނުދައްކައިވާ ކަރަންޓް ބިލަށް ފައިސާ ދެއްކުމުގައި ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ބަހައްޓާފައި ހުރި 30,000ރ. (ތިރީސް ހާސް) ރުފިޔާ އިން އެފައިސާ އުނިވާނެ ކަމަށް ފެނުމާއެކު، ދެން ލިބިގަތުމަށް ދަޢުވާކުރާ ކުލަލުމާއި ވާނިޝްކުރުމަށް ޚަރަދުވި ފައިސާ ބާކީ ހުރި 25,012.07ރ (ފަންސަވީސް ހާސް ބާރަ ރުފިޔާ، ހަތްލާރި) އިން ޚަރަދުކުރެވޭނެކަމަށް ފެންނާތީ، އިތުރު ފައިސާއެއް އެކަމަށް ނަގައިދޭނެ ތަނެއް ނެތްކަމަށް ޙުކުމްކޮށް، ފަރުނީޗަރު ގަތުމަށް ޚަރަދުވި ކަމަށް ބުނާ 55,223.61ރ. (ފަންސާސް ފަސް ހާސް ދުއިސައްތަ ތޭވީސް ރުފިޔާ، ފަސްދޮޅަސް އެއް ލާރި) އަކީ ކަނޑައެޅިފައިވާ އުޞޫލުތަކާއި ހަމަތަކުން ބޭރުން އަމިއްލައަށް ކޮށްފައިވާ ޚަރަދަކަށްވާތީ، އެ ފައިސާ ނަގައިދޭނެ ތަނެއް ނެތްކަމަށް ދަޢުވާ ހުށަހެޅި މުޙައްމަދު އަނީސްއަށް އަންގައި މިޤަޟިއްޔާ ނިންމީއެވެ."

އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް

7އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 89/S5C/2019 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މުޙައްމަދު އަނީސްގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.

7.1. އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ލިޔެވިފައިވާ އެއްބަސްވުމެއް ވުޖޫދުވެފައިވަނިކޮށް އެއެއްބަސްވުމާ އިސްތިއުނާފު ރައްދުވާ ފަރާތުން ޚިލާފުވެފައިވާއިރު، އެއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފުކަމެއް ކަމުގައި ވީނަމަވެސް، ޝަރީޢަތުން އެކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛

7.2. ގެއްލުންކުޑަ ކުރުމަށް އިސްތިއުނާފުކުރާ ފަރާތުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައިވާ ނުވާކަމަށް ޝަރީޢަތުން ފާހަގަކޮށްފައިވާ ވުމަކީ އިސްތިއުނާފުރައްދުވާ ފަރާތަށް ބުރަވެވިގެން ފާހަގަކޮށްފައިވާ ނުކުތާއެއްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛ އަދި

7.3. ޝަރީޢަތުން ވެސް ޤަބޫލުކުރި ފަދައިން އިސްތިއުނާފު ރައްދުވާ ފަރާތުން ބެއްލަންވިލާ ގޭގައި ހުރި ތަކެއްޗަށް (ފަރުނީޗަރާއި، އައިސްއަލަމާރި އާއި އޭސީ ތަކާއި ދޮރުފަތާއި ތަޅަށް) ދީފައިވާ ގެއްލުމުގެ ޒިންމާއަކީ ދަޢުވާލިބޭ ފަރާތުން އުފުލަންޖެހޭ ޒިންމާއެއް ކަމުގައި ވެފައި، އެ ގެއްލުމުގެ ފުރިހަމަ ބަދަލު ހޯދުމަށް ކުރި ދަޢުވާގައި ނަގައިދިނުމަށް އެދި ހުށަހެޅި ބަދަލުގެ މިންވަރާ ގާތަށްވެސް އެބަދަލު ނަގައިދީފައިވާ ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާސާ

8އިސްތިއުނާފީ ނުކުތާތަކުގެ ތަފުސީލުގައި ދެއްކި ވާހަކަތަކުގައި ފާހަގަކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 5 ވަނަ މާއްދާގައި، ކުއްޔަށް ދިންތަން ދޫކޮށްލާއިރު ކުލަލައި، ގެއާއި ޙަވާލުވިއިރު ހުރި ގޮތަށް ގެ ޙަވާލުކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވީނަމަވެސް އެގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޢަމަލުކޮށްފައި ނުވާކަމަށެވެ.

9އިސްތިއުނާފު ރައްދުވާ ފަރާތަށް ގޭގެ ކުލައާއި ވާރނިޝް ކުރުމުގެ ފުރުޞަތު ދިނުމުން އެފުރުޞަތުގައި އެކަން ނުކޮށް ގެ ދޫކޮށް ދިއުމުން، އެޙާލަތުގައި އެވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައި ބުނާ ފަދައިން ކޮންޓެރެކްޓްގެ ބައިވެރިންގެ މެދުގައި އެހެންގޮތަކަށް އެއްބަސްވެފައި ކަމަށް ބަލަންޖެހޭ ކަމަށް ދެކޭކަމަށާއި އެހެންކަމުން ގޭގެ ކުލަ ލުމަށާއި ވާނިޝް ކުރުމަށް ހިނގި ޚަރަދު ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބަލާއިރު އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިން ނަގައިދޭންޖެހޭނެ ކަމުގައި ދެކޭކަމަށެވެ.

10އަދި ކުއްޔަށް ދޫކުރި ތަން އިސްތިއުނާފު ރައްދުވާ ފަރާތުން ދޫކުރި ފަހުން ތަން ބެލިއިރު ތަނަށް ލިބިފައިވާ ގެއްލުމުގެ ތަފުސީލާއި ތަން މަރާމާތު ކުރުމާއި ކުލަ ލުމަށް ހިނގާނެ ޚަރަދުގެ ތަފުސީލު އިސްތިއުނާފު ރައްދުވާ ކުންފުނީގެ ވެރިންނަށް ފޮނުވި ނަމަވެސް އެއްވެސް ޖަވާބެއް ދިފައި ނުވާތީ ގެއްލުން ކުޑަކުރުމަށްޓަކައި ގޭގެހުރި ފަރުނީޗަރުތަކުގެ ތެރެއިން ބޭނުންކުރެވޭ ފަރުނީޗަރު މަރާމާތުކޮށްގެން ހަމަކުރެވުނީ 03 ކޮޓަރީގެ ފަރުނީޗަރު ކަމަށާއި އަނެއް 02 ކޮޓަރީގެ ފަރުނީޗަރު އަގުހެޔޮކޮށް ގަތުމަށްފަހު އެތަކެތީގެ އިންވޮއިސް ވައިބަރ މެދުވެރިކޮށް ކުންފުނީގެ ޑިރެކްޓަރުންނަށް ފޮނުވާފައި ވާނެ ކަމަށާއި އެއިންވޮއިސްއާ މެދު ދެކޭގޮތް 01 ހަފުތާ ތެރޭ އެންގުމަށް އެންގިނަމަވެސް އެއަށް ޖަވާބެއް ދީފައިނުވާކަމަށެވެ.

11އެހެންކަމުން ދަޢުވާގައި ހޯދުމަށް އެދިފައިވާ ބަދަލުގެ މިންވަރަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ދޭންޖެހޭ މިންވަރެއް ކަމުގައި ދެކޭކަމަށެވެ.

12ކުއްޔަށް ދިން ތަނަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދީފައިވާ ގެއްލުން، ސެކިއުރިޓީ ޑިޕޮސިޓުން ހަމަ ނުޖެހޭނަމަ އިތުރު ފައިސާ ހޯދުމަށް އެދި ހުށަހެޅުމަށް އެފަރާތުގެ ރުހުން ލިބިފައިވާކަން އެފަރާތުގެ ޢިބާރާތުން އެވާހަކަ ބަޔާންކޮށްފައިވީ ނަމަވެސް އެކަން މައްސަލަ ނިންމުމުގައި ދަށުކޯޓުން ފާހަގަކޮށްފައި ނުވާކަމަށާއި އެއީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނ މާއްދާއާ ޚިލާފަށް ވަކި ފަރާތަކަށް ބުރަވެ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އިސްތިއުނާފު ކުރާ ފަރާތުން އެދޭގޮތް

13އިސްތިއުނާފު ކުރާ ފަރާތުން އެދެނީ، އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާގައި އެދިފައިވާ ގެއްލުމުގެ ބަދަލަށް އެދި ހުށަހަޅާފައިވާ ޖުމްލަ 75,210.91ރ (ހަތްދިހަ ފަސް ހާސް ދުއިސައްތަ ދިހަ ރުފިޔާމ ނުވަދިހަ އެއްލާރި) އަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، އިސްތިއުނާފު ކުރާ ފަރާތަށް އިސްތިއުނާފުރައްދުވާ ފަރާތުން ދޭންޖެހޭ މިންވަރު ކަމަށް ކަނޑައަޅައި، އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 89/S5C/2019 ޤަޟިއްޔާގެ ޙުކުމުގައި ބުނެފައިވާ 25,012.07ރ (ފަންސަވީސް ހާސް ބާރަ ރުފިޔާ، ހަތްލާރި) އިން ބެއްލަންވިލާ ގެއަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދީފައިވާ ގެއްލުން ކަވަރުކުރެވޭނެ ކަމަށް ނިންމި ނިންމުމަކީ އިންސާފުވެރި ނިންމުމެއް ކަމުގައި ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނުވާތީ، އެނިންމުން ބާޠިލުކަމަށް ކަނޑައަޅައި އެގޮތުގެ މަތީން ޙުކުމް ކޮށްދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ދެއްކި ވާހަކަތަކުގެ ޚުލާސާ

14އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ހޯދުމަށް އެދުނު ބަދަލު ދަށުކޯޓުން ނަގައިދީފައި ނުވަނީ ކޮންޓްރެކްޓާ ޚިލާފުވުމަށް ރިޢާޔަތް ނުކޮށް ނޫންކަމަށާއި އެ ބަދަލު ހޯދުމުގައި އިޖުރާއީ ގޮތުން އިސްތިއުނާފުކުރި ފަރާތުން ޢަމަލުކޮށްފައިވާ ގޮތުންކަން ދަށުކޯޓުގެ ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ.

15ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައިނުވާ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާއިރު ދަށުކޯޓުގެ ރިޕޯޓުގެ ފާގަކުރެވޭ ނުކުތާތަކުގެ 4 ވަނަ ނުކުތާގައި ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެއްބަސްވުމުގެ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރުމުގެ މުހިންމުކަން ޝަރީޢަތުން ފާހަގަކޮށްފައިވާ ކަމަށާއި، ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ދަޢުވާ ކުރާ ފަރާތުން އަމިއްލައަށް އިސްނަގައިގެން ދަޢުވާލިބޭ ފަރާތަށް އެ ފުރުޞަތު ނުދީ މަސައްކަތް ކުރުވާފައިވާކަން ފާހަގަކުރެވޭ ނުކުތާތަކުގެ 1 ވަނަ ނަންބަރުގައި ޝަރީޢަތުން ފާހަގަކޮށްފައިވާ ކަމަށެވެ.

16ގެއްލުން ކުޑަކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ފިޔަވަޅުއަޅާފައި ނުވާކަމަށް ބުނެ ޝަރީޢަތުން ވަކި ފަރާތަކަށް ވަކިފަރާތަކަށް ބުރަވެފައިވާކަމަށް ފާހަގަކޮށްފައިވާއިރު، ދަށުކޯޓުގެ ރިޕޯޓުގެ 08 ވަނަ ނުކުތާގައި، އޮކްޓޯބަރު 2018 ގައި އެއްބަސްވުމުގެ މުއްދަތު ހަމަވުމުންވެސް ގެއަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމަށް އެންގުމުގެ ބަދަލުގައި އިސްތިއުނާފުކުރާ ފަރާތުގެ ރުހުމާއެކު މެއި 2019 އާ ހަމައަށް މުއްދަތު އިތުރުކޮށްފައިވާކަމާއި މިއީ ލިބޭ ގެއްލުން ކުޑަކުރުމަށް ފުރުޞަތު އޮވެ އެކަން ނުކޮށް އޮތުންކަމަށް ޝަރީޢަތުން ވާޤީއީ ގޮތުން ފާހަގަކޮށްފައިވާ ކަމަށެވެ.

17ފަރުނީޗަރަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދީފައި ނުވާކަމަށް ބުނާ ބުނުމަށްބަލާއިރު، ދަށުކޯޓުގެ ރިޕޯޓުގެ 09 ވަނަ ނުކުތާއާއި 10ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ ބޭނުންކޮށްފައިވާ ތަކެތީގެ ބަދަލުގައި އާތަކެތި ގަނެ އޭގެ އަގު ހޯދުމަކީ ސަލާމަތް ބުއްދީގެ ހަމައިން ބަލާއިރު، ޤަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށާއި އަދި އެއްބަސްވުމުގެ 03 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް ތަކެތި މަރާމާތު ކުރުމަކީ ކުއްޔަށް ހިފިފަރާތުގެ ޒިންމާކަމަށްވީ ނަމަވެސް އެއްޗެއް ހަލާކުވުމުން އިސްތިއުނާފުކުރާ ފަރާތުން އަމިއްލައަށް އެއެއްޗެއް ގަނެ އޭގެ އަގު ހޯދޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާކަމަށާއި، މީގެ އިތުރުން ހަލާކުވި ތަކެތި ދަޢުވާލިބޭ ފަރާތަށް ދައްކާފައިވާކަން އެނގެން ނެތްކަން ރިޕޯޓުގެ 12 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަމަށެވެ.

18އަދި ދަށު ކޯޓުގެ ޙުކުމުގައި ދަޢުވާލިބޭ ފަރާތުން ނުދައްކާހުރި ކަރަންޓް ބިލަށް އެކަށީގެންވާ މިންވަރެއް ސެކިއުރިޓީ ޑިޕޮސިޓީގެ ގޮތުގައި ދީފައިވާ -30,000(ތިރީސްހާސް) ރުފިޔާއިން އުނިކުރެވޭނެކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ފަރުނީޗަރުގެ އަގު ނަގައި ނުދިނީ އެއީ ކަނޑައެޅިފައިވާ އުޞޫލުތަކުގެ ބޭރުން ދަޢުވާލިބޭ ފަރާތާއި މަޝްވަރާކުރުމެއް ނެތި ކުރި ޚަރަދަކަށް ވާތީކަމަށް ޙުކުމުގައި ބަޔާންކޮށްފައިވާ ކަމަށާއި އެހެންކަމުން ދަށުކޯޓުގެ ނިމުމަކީ ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގެ 09 ވަނަ މާއްދާ ގައިވާ މަޝްވަރާކޮށްގެން މައްސަލަ ޙައްލުކުރުމުގެ އުޞޫލާ ޚިލާފަށް ދަޢުވާކުރާ ފަރާތުން ޢަމަލުކޮށްފައިވާތީ ނިންމާފައިވާ ނިންމުމެއް ކަމަށް ދެކޭކަމަށެވެ.

19އަދި ސެކިއުރިޓް ޑިޕޮސިޓުގެ ގޮތުގައި ބެހެއްޓި ފައިސާއިން ކަރަންޓް ބިލަށް ކަނޑާފައި ބާކީވާ ފައިސާ އިސްތިއުނާފު ރައްދުވާ ފަރާތަށް ދޭންޖެހޭކަމަށާއި އޭގެ އެއްވެސް މިންވަރެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ލިނބިފައި ނުވާކަމަށާއި އެހެންކަމުން މި އިސްތިއުނާފުގެ ބޭނުމެއް އޮތްކަމަށް ނުދެކޭކަމަށެވެ.

20އެހެންކަމުން އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ ދަށު ކޯޓުގެ ޙުކުމް ދަމަހައްޓައިދިނުމަށް ކަމަށެވެ.

ފާހަގަކުރެވުނު ކަންކަން

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޙަވާލާދީ ބަޔާންކޮށްފައިވާ ނުކުތާ

21ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވަނީ އަންނަނިވި ފަދައިންނެވެ.

23 (ހ) ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެޢަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެޢަމަލުކުރި މީހަކު، ބަދަލުދޭން ޖެހޭނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުން ބަދަލުދޭން ޖެހޭނެ ގެއްލުމަކީ:

(1) ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުން.

(2) އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓްގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުން.

22HN1ބަޔާންވެދިޔަ މާއްދާގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ، ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެކަމަކުން ލިބުނު ގެއްލުމަކަށް ބަދަލުދޭން ޖެހޭނެކަމުގައެވެ.

23އިސްތިއުނާފު ކުރާ ފަރާތުގެ އިސްތިއުނާފީ ނުކުތާގައި ބަޔާންކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ލިޔެވިފައިވާ އެއްބަސްވުމެއް ވުޖޫދުވެފައިވަނިކޮށް އެއެއްބަސްވުމާ އިސްތިއުނާފު ރައްދުވާ ފަރާތުން ޚިލާފުވެފައިވާއިރު، އެއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފުކަމެއް ކަމުގައި ވީނަމަވެސް، ޝަރީޢަތުން އެކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ.

24ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތަށް ބަލާއިރު، އެ ރިޕޯޓުގައި ނުވަތަ ޙުކުމުގައިވެސް، އިސްތިއުނާފު ރައްދުވާ ފަރާތުން، އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ކަނޑައަޅާފައިނުވެއެވެ.

25ހަމައެހެންމެ، ރިޕޯޓުގެ 7 ވަނަ ނުކުތާގައި ދަށު ކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައިވަނީ، "ދަޢުވާކުރާ ފަރާތުން 2019 މެއިގެ ނިޔަލަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ދީފައިވުމުން، ދަޢުވާލިބޭ ފަރާތުން އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ ޚިލާފުވެފައިނުވާކަމަށް ޤަބޫލުކުރެވެއެވެ." މިފަދައިންނެވެ.

26އެހެންކަމުން ދަށު ކޯޓުގެ ފަނޑިޔާރަށް ބުރަވެވިފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައި ނުވާކަމުގައެވެ.

27އެފަދައިން ބުރަވެވިފައިވަނީ، މި މައްސަލާގައި ހިމެނޭ "ބެއްލަންވިލާ" ނަމަކަށް ކިޔާ ގޭގައި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވިފަހުން ތިބުމުގެ ފުރުޞަތު ދީފައިވަނީ، އިސްތިއުނާފު ކުރާ ފަރާތުގެ ރުހުމާއެކު، އިސްތިއުނާފު ކުރާ ފަރާތުންކަމުގައި ދަށު ކޯޓުގެ ފަނޑިޔާރަށް ބުރަވެވޭތީއެވެ. މިކަން ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ 5 ވަނަ ނުކުތާގައި ދަށު ކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވެއެވެ.

28HN2ބަޔާންވެދިޔަ ފަދައިން، އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ދަށު ކޯޓުގެ ފަނޑިޔާރަށް ބުރަވެވިފައިނުވާ ހާލަތެއްގައި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ބަދަލު ދިނުމަށް އަންގާނެތަނެއް މި މައްސަލާގައި އޮތްކަމުގައި ނުބެލެވެއެވެ.

29އެހެނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަކީ، ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެޢަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެޢަމަލުކުރި މީހަކު، ބަދަލުދޭން ޖެހޭނެ ކަމަށް ބަޔާންކުރާ މާއްދާއެއްކަމުގައިވުމުން، ކޮންޓްރެކްޓްގެ ބައިވެރިޔަކު ކޮންޓްރެކްޓާ ޚިލާފުވެފައިވާކަމަށް ދަށު ކޯޓުން ކަނޑައަޅާފައިނުވާތީއެވެ.

30HN3މި މައްސަލަ އިސްތިއުނާފު ކުރުމުގައި، ދަށު ކޯޓުގެ ފަނޑިޔާރު، "ދަޢުވާލިބޭ ފަރާތުން އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ ޚިލާފުވެފައިނުވާކަމަށް ޤަބޫލުކުރެވޭ" ކަމަށް ކަނޑައެޅި ކަނޑައެޅުން އިސްތިއުނާފު ކޮށްފައިނުވާއިރު، މިހާލަތުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޙަވާލާދީ ދަށު ކޯޓުގެ ފަނޑިޔާރުގެ ނިންމުން ގޯސްކަމުގައި ކަނޑައެޅިދާނެ ކަމުގައި ނުދެކެމެވެ.

ގެއްލުން ކުޑަކުރުމަށް އިސްތިއުނާފުކުރާ ފަރާތުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާކަމަށް ޝަރީޢަތުން ފާހަގަކޮށްފައިވާ ވުމަކީ އިސްތިއުނާފުރައްދުވާ ފަރާތަށް ބުރަވެވިގެން ފާހަގަކޮށްފައިވާ ނުކުތާއެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ

31ދަށު ކޯޓުގެ ނިންމުމުގެ 8 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، ގެއްލުން ކުޑަކުރުމަށް އިސްތިއުނާފު ކުރާ ފަރާތުން އަޅާފައިވަނީ އެކަށީގެންވާ ފިޔަވަޅެއްކަމުގައި ނުފެންނަކަމަށް ފަނޑިޔާރަށް ބުރަވެވިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި ހަމަ އެ ނުކުތާގައި ބަޔާންކޮށްފައިވަނީ، 2018 އޮކްޓޫބަރަށް އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އެއްބަސްވުމުގެ މުއްދަތު އިތުރުނުކޮށް، ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުން މަރާމާތުކުރުމަށް އެންގުމުގެ ފުރުޞަތު އިސްތިއުނާފު ކުރާ ފަރާތަށް އޮތް އިރު އެފަދައިން ޢަމަލުކޮށްފައިނުވުމެވެ.

32HN4މިއީ، މައްސަލާގައި ކަންހިނގާފައިވާގޮތް ބަޔާންކުރުމުގެ ގޮތުން، ދަށު ކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައިވާ ކަމެއްކަމުގައި ބެލެވެއެވެ. ކަންހިނގާފައިވަނީވެސް އެގޮތަށެވެ. މި ނުކުތާއިން ދަށު ކޯޓުގެ ޙުކުމަށް ކުރި ނުރަނގަޅު އަސަރެއް ނުވަތަ އެއީ ހަޤީޤަތާ ޚިލާފަށް ބަޔާންކޮށްފައިވާ ނުކުތާއެއް ކަމަށްވެސް އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިނުވެއެވެ. އެހެންކަމުން މި ހާލަތުގައި މި ކޯޓުން މި ނުކުތާއާމެދު ގޮތެއް ކަނޑައަޅަންޖެހޭ ހާލަތެއް އޮތްކަމުގައި ނުދެކެމެވެ.

ޝަރީޢަތުން ވެސް ޤަބޫލުކުރި ފަދައިން އިސްތިއުނާފު ރައްދުވާ ފަރާތުން "ބެއްލަންވިލާ" ގޭގައި ހުރި ތަކެއްޗަށް (ފަރުނީޗަރާއި، އައިސްއަލަމާރި އާއި އޭސީ ތަކާއި ދޮރުފަތާއި ތަޅަށް) ދީފައިވާ ގެއްލުމުގެ ޒިންމާއަކީ ދަޢުވާލިބޭ ފަރާތުން އުފުލަންޖެހޭ ޒިންމާއެއް ކަމުގައި ވެފައި، އެ ގެއްލުމުގެ ފުރިހަމަ ބަދަލު ހޯދުމަށް ކުރި ދަޢުވާގައި ނަގައިދިނުމަށް އެދި ހުށަހެޅި ބަދަލުގެ މިންވަރާ ގާތަށްވެސް އެބަދަލު ނަގާދީފައިވާ ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ

33މި ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވާ ފަދައިން، "ބެއްލަންވިލާ" ގެ، ކުއްޔަށް ހިފައިގެން އުޅެފައި އެތަން ދޫކޮށްފައި އިސްތިއުނާފު ރައްދުވާފަރާތުން ދާ ހިނދެއްގައި، ތަނުގެ އެތެރޭގެ ކުލައާއި ދަވާދުލުމުގެ ވާހަކަ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވާކަމަށާއި، އަދި އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ ނުވަތަ އެއްޗެއް ހަލާކުވެފައިވާނަމަ، އެ އެއްޗެއް މަރާމާތުކުރަންޖެހޭނީ ތަން ކުއްޔަށްހިފި ފަރާތުންކަމަށް އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ބ) ގައި ބަޔާންވެފައިވާކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައިވެއެވެ.

34ހަމައެއާއެކު، އެގޭގައި ކުލަ ލުމުގެ މަސައްކަތްކޮށްފައިވަނީ އިސްތިއުނާފު ކުރާ ފަރާތުން، އެހެން ބަޔަކާ ޙަވާލުކޮށްގެންކަމަށާއި، އެފަދައިން އެކަން ކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތަށް އެކަން ނުކުރެވޭނެކަމަށް ޤަބޫލުކުރެވޭތީކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވާކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، އެކަމުގައި ދެފަރާތުން ވަކިގޮތަކަށް އެއްބަސްވެފައިނުވާކަމަށްވެސް ދަށު ކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވެއެވެ.

35އެކަންކަމާ ޙަވާލާދީ، ދަށު ކޯޓުގެ ފަނޑިޔާރު ކަނޑައަޅާފައިވަނީ، ކޮންޓްރެކްޓުގެ ބައިވެރިއަކު ކުރަންޖެހޭ ކަމެއް ކުރަންވާނީ ކޮންޓްރެކްޓްގައިވާ ގޮތުގެ މަތީން ކަމަށާއި، އެއީ ޚިލާފަށް ޢަމަލުކުރެވޭނީ އެކަމެއް ލާޒިމުވާމީހާ އެކަމަށް ލުޔެއް ދީފިނަމަ ނުވަތަ އެހެންގޮތަކަށް އެކަން ކުރަން އެއްބަސްވެއްޖެނަމަ ކަމަށެވެ.

36ހަމައެހެންމެ، ތަނުގައި ހުރި ފަރުނީޗަރާ ގުޅޭގޮތުން ބަލާއިރު، އެއިން އެއްޗަކަށްވެސް ގެއްލުން ލިބިއްޖެނަމަ ނުވަތަ ހަލާކުވެއްޖެނަމަ އެކަމަށް ޒިންމާވާންޖެހޭނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ގޮތުގައި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިއޮތްއިރު، އެއްޗެއް ހަލާކުވެއްޖެނަމަ ނުވަތަ ގެއްލުމެއް ވެއްޖެނަމަ އެ އެއްޗެއް އިސްތިއުނާފު ކުރާ ފަރާތުން ގަނެ، އޭގެ އަގު ހޯދޭނެކަމަށް ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންވެފައިނުވާކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައިވެއެވެ. އަދި މީގެ އިތުރުން، އިސްތިއުނާފު ކުރާ ފަރާތުން ގަނެފައިވާ ފަރުނީޗަރުތަކަށް ބަލާއިރު، ހަލާކުވެފައިވަނީ ކޮން އެއްޗެއްކަމެއް، ހަލާކުވެފައިވާ މިންވަރެއް، އަދި ހަލާކުވި ތަކެއްޗަށް ހެދި ގޮތެއް އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގާފައިވާކަން ނުވަތަ ނޫންކަންވެސް އެނގެން ނެތްކަމުގައިވެސް ދަށު ކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައިވެއެވެ.

37HN5HN6ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެކޮންޓްރެކްޓްގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި، މިއާ ޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ، އެކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމަ ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެނަމަ ކަމުގައި ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވެފައި ނުވާހިނދެއްގައި، އެއްބަސްވުމުގެ އެއް ބައިވެރިއަކު ކުރަންޖެހޭ ކަމެއް، ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، ބޭނުންވާގޮތަކަށް އެކަމަށް ޒިންމާވާންޖެހޭ ފަރާތުގެ ބަހެއް ރުހުމެއް މަޝްވަރާއެއްނެތި ކޮށްލުމަށްފަހު، އެކަމަށް ހޭދަވެފައިވާ އެންމެހާ ފައިސާ، ގެއްލުމުގެ ބަދަލުގެ ގޮތުގައި މިހާލަތުގައި ނަގައިދެވިދާނެކަމަށް ނުފެންނަ ހިނދު، މި ނުކުތާގައި ދަށު ކޯޓުގެ ފަނޑިޔާރު ނިންމާފައިވާ ނިންމުން ބަދަލު ކުރަންޖެހޭ ފަދަ ހަރުދަނާ ޤާނޫނީ އަސާސެއް އިސްތިއުނާފު ކުރާ ފަރާތަށް ދެއްކިފައިވާ ކަމުގައި ނުދެކެމެވެ.

ނިންމަން ފެންނަގޮތް

38ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކޮށް، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

39މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު

40މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

41ޙުކުމް ކުރެވޭ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ.

ޙުކުމް

ދެންފަހެ، އިސްވެފާހަގަކުރެވުނު އެންމެހާ ނުކުތާތަކަށް ރިޢާޔަތްކޮށް، އިސްތިއުނާފު ކުރާ މުޙައްމަދު އަނީސްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް، އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 89/S5C/2019 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފަނޑިޔާރު

ޙުޒައިފާ މުޙައްމަދު

ފަނޑިޔާރު

މުޙައްމަދު ޝަނީޒް ޢަބްދުﷲ

(ރިޔާސަތު)

ފަނޑިޔާރު

ދީބާނާޒް ފަހުމީ

ފުޓްނޯޓު

  1. ދ.ރ.އ ކާޑު ނަންބަރު […]
  2. ރަޖިސްޓަރީ ނަންބަރު C-235/2006
  3. ބެއްލަންވިލާ ކުއްޔަށް ދިނުމާ ގުޅޭގޮތުން "ކުއްޔަށް ދިނުމާއިބެހޭ އެއްބަސްވުން" މިނަމުގައި ވެފައިވާ އެއްބަސްވުން
  4. ޤާނޫނު ނަންބަރު 4/91
  5. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އަދި 23 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ