ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. ޙުސައިން ޢަފީފް ޢަބްދުﷲ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 3811-CVC-2022
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން ހއ.ހޯރަފުށިން ގޯއްޗެއް ހަމަޖައްސައިދިނުމަށް ކައުންސިލާއި ދައުލަތަށް އަމުރުކޮށް، ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ޤާނޫނީ ވަކީލަށް ކުރި ޚަރަދު 50,000 ރުފިޔާ ދައްކައި ޚަލާޞްކުރުމަށް ހަމައެކަނި ދައުލަތަށް (މިނިސްޓްރީއަށް) އަންގައި، ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތްކަމަށް ޙުކުމްކުރިއެވެ.
- ވާޤިޢާ
- އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހއ.ބެރިންމަދޫ ރައްޔިތުން ހއ.ހޯރަފުށްޓަށް ބަދަލުކުރި ކުރުމުގައި ބެރިންމަދޫގައި ހުރި ގޭގެ ބަދަލު ނުލިބޭތީ، ގޭގެ ބަދަލާއި ގެއްލުމުގެ ބަދަލާއި ޤާނޫނީ ވަކީލުފީ ހޯދުމަށް ކަމާބެހޭ މިނިސްޓްރީ (ދިވެހި ދައުލަތް) އަދި ހއ.ހޯރަފުށީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުގައި ޖުޑީޝަލް ރިވިއުގެ ދައުވާއެއް ކުރެވުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދައުވާ ރައްދުވި ދެ ފަރާތެއް (މިނިސްޓްރީ އަދި ރަށު ކައުންސިލް) ހުރި މައްސަލައެއްގައި، ދައުވާކުރި ފަރާތުގެ ޤާނޫނީ ވަކީލުފީ (ޝަރީޢަތުގެ ޚަރަދު) ހަމައެކަނި މިނިސްޓްރީގެ މައްޗަށް ލާޒިމުކުރުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯއާއި، އެގޮތަށް ނިންމި ސަބަބު ދަށުކޯޓުން ބަޔާންކޮށްފައިވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދައުލަތުން ބުނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާގެ ދަށުން ޚަރަދު ނަގައިދެވޭނީ ދައުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ކަމަށާއި، ދައުވާ ކާމިޔާބުނުވި ޚަޞްމުން ގިނަވާއިރު ވަކި ޚަޞްމަކު ޒިންމާވާގޮތަށް ނުނިންމޭނެ ކަމަށާއި، ހަމައެކަނި މިނިސްޓްރީ ޒިންމާވާގޮތަށް ނިންމި ސަބަބު ބަޔާންކޮށްފައި ނުވާ ކަމަށެވެ. ކައުންސިލްވެސް ޚަރަދަށް ޒިންމާވާންޖެހޭ ކަމަށް ދައުލަތުން ބުންޏެވެ.
- ކޯޓުގެ ސަބަބުތައް
- ދަށުކޯޓުން ދައުލަތުގެ އިހުމާލު ތަފްސީލުކޮށް ބަޔާންކޮށް ކައުންސިލުގެ އިހުމާލެއް ކަނޑައަޅާފައި ނުވާތީ ސަބަބު ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި، ކައުންސިލް ދައުވާގައި ހިމެނުނީ ތަންފީޛީ ބާރު އޮތް ފަރާތެއްގެ ގޮތުގައި ކަމަށާއި، ޙަޤީޤަތުގައި ދައުވާ ކާމިޔާބުނުވި ފަރާތަކީ ދައުލަތުގެ ކަމާބެހޭ މިނިސްޓްރީ ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާގެ (ހ) ދައުވާލިބޭ އެންމެހާ ފަރާތްތަކެއްގެ މައްޗަށް ޚަރަދު މަތިކުރެވޭގޮތަށް މާނަކުރަންޖެހޭ ހުއްޖަތެއް ނެތެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޝަރީޢަތުގެ ޚަރަދަށް ދައުލަތުން ޒިންމާވާންޖެހޭކަމަށް ދަށުކޯޓުގެ ނިންމުން ބިނާކުރި ސަބަބު ސާފުކޮށް ބަޔާންކޮށްފައިވަނީ، ދަށުކޯޓަށް ދައުވާ ހުށަހަޅަންޖެހުނީ ދައުލަތުން ގޯތި ނުދީވާތީކަމާއި މިކަމުގައި ދައުލަތުގެ އިހުމާލު އޮތްކަން ދަށުކޯޓުން ތަފްސީލުކޮށް ބަޔާންކޮށްފައިވާއިރު، ރަށު ކައުންސިލުގެ އެއްވެސް އިހުމާލެއް އޮތްކަމަށް ދަށުކޯޓުން ކަނޑައަޅާފައި ނުވާ ހާލަތުގައެވެ.
HN2 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާގެ (ހ) ތަޠުބީޤުކުރުމަށް ބަލާއިރު، ޙަޤީޤަތުގައި މައްސަލަ ކާމިޔާބުނުވި ފަރާތަކީ، މައްސަލައިގެ ތެރެއިން ކަނޑައެޅިގެން ދިޔައީ އެ ފަރާތުން ކުރަންޖެހޭ ކަމެއް ނުކޮށްވާތީ އެކަމުގެ ސަބަބުން ދައުވާކުރި ފަރާތަށް ބަދަލެއް ލިބެންޖެހޭ ކަމަށްވާ ފަރާތެވެ.
HN3 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާގެ (ހ) މާނަކުރުމުގައި، ދައުވާ ކާމިޔާބުނުވި ފަރާތަކީ ދައުވާރައްދުވާ ފަރާތަށް ވާ ހާލަތުގައި، މައްސަލައިގެ ދައުވާލިބޭ ފަރާތްތަކުގެ ގޮތުގައި ހިމެނޭ އެންމެހާ ފަރާތްތަކެއްގެ މައްޗަށް އެއްވެސް އިސްތިސްނާއެއް ނެތި ޝަރީޢަތުގެ ޚަރަދުގެ ޒިންމާ މަތިކުރެވޭނެހެން މި މާއްދާ މާނަކުރެވެންޖެހޭ ޤާނޫނީ ހުއްޖަތެއް ދައުލަތަށް ދެއްކިފައިވާކަމުގައި ނުދެކެމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޝިއުތު މުޙައްމަދު ވަޙީދު، ނާޙިލް ވަޙީދު
- ބެންޗު
- ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު، (މި ރައުޔަށް ފަނޑިޔާރު ފާޠިމަތު ފަރްހީޒާ އަދި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ތާއީދު ކުރައްވާފައި)
މައްސަލައިގެ ތަޢާރަފު
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 3811-CVC-2022 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހި ދައުލަތް، (މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، މިހާރުގެ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ […] / ޙުސައިން ޢަފީފް ޢަބްދުﷲ އެވެ.
ސިވިލް ކޯޓަށް ހުށަހެޅުނު ދައުވާ
2ސިވިލް ކޯޓުގެ ނަންބަރު 3811-CVC-2022 ޤަޟިއްޔާގައި ކުރެވުނު ދައުވާއަކީ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ދިވެހި ދައުލަތުން ތިލަދުންމަތީ އުތުރުބުރީ ބެރިންމަދޫ ރައްޔިތުން އެ އަތޮޅު ހޯރަފުށްޓަށް ބަދަލުކުރި ކުރުމުގައި […] / ޙުސައިން ޢަފީފް ޢަބްދުﷲގެ ނަމުގައި ރަޖިސްޓްރީކޮށްދީފައިވާ ހއ.ބެރިންމަދޫ "ޕިންކްރޯސް" އެވެކިޔާ ގޭގެ ބަދަލު ޙުސައިން ޢަފީފް ޢަބްދުﷲ އަށް ލިބިދީފައިނުވާތީ، ހއ.ބެރިންމަދޫ "ޕިންކްރޯސް" އެވެކިޔާ ގޭގެ ބަދަލު ހޯދުމަށާއި، އަދި ގޯއްޗެއް ނެތި ޢާއިލާ ކުއްޔަށް ދިރިއުޅެންޖެހުމުގެ ސަބަބުން ކުއްޔަށް ދައްކާފައިވާ ފައިސާގެ ޖުމްލަ -/2,450,000ރ. (ދެމިލިއަން ހަތަރު ލައްކަ ފަންސާސްހާސް ރުފިޔާ) އާއި، ޝަރީޢަތަށް އަންނަންޖެހުމުގެ ސަބަބުން ޤާނޫނީ ވަކީލަށް ޚަރަދުކުރަންޖެހުނު -/50,000ރ. (ފަންސާސް ހާސް ރުފިޔާ) އާއިއެކު ޖުމްލަ -/2,500,000ރ. (ދެ މިލިއަން ފަސް ލައްކަ ރުފިޔާ) ހޯދުމަށް އެދި ޙުސައިން ޢަފީފް ޢަބްދުﷲގެ ފަރާތުން އެއިރުގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (ދިވެހި ދައުލަތް) އަދި ތިލަދުންމަތީ އުތުރުބުރި ހޯރަފުށީ ކައުންސިލްގެ މައްޗަށް ކުރި ޖުޑީޝަލް ރިވިއުގެ ދަޢުވާއެވެ.
ސިވިލް ކޯޓުގެ ޙުކުމް
3އެ ޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
"ދެންފަހެ، ބުނެވުނު ކަންތައްތައް އެގޮތުގައި ހުރުމުން، އަބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ދިވެހި ދައުލަތުން ތިލަދުންމަތީ އުތުރުބުރީ ބެރިންމަދޫ ރައްޔިތުން އެ އަތޮޅު ހޯރަފުއްޓަށް ބަދަލުކުރި ކުރުމުގައި […] / ޙުސައިން ޢަފީފް ޢަބްދުﷲގެ ނަމުގައި ރަޖިސްޓްރީ ކޮށްދީފައިވާ ހއ.ބެރިންމަދޫ "ޕިންކްރޯސް" ކިޔާ ގޭގެ ބަދަލުގައި ޙުސައިން ޢަފީފް ޢަބްދުﷲއަށް ހއ.ހޯރަފުށިން 31 ޑިސެންބަރު 2024 ގެ ކުރިން ގޯއްޗެއް ހަމަޖައްސައިދިނުމަށް ހއ.ހޯރަފުށީ ކައުންސިލް އަދި ދިވެހި ދައުލަތުން (މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ގެ މައްޗަށް އަންގައި އަމުރުކޮށް،
ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ޙުސައިން ޢަފީފް ޢަބްދުﷲގެ ފަރާތުން ޤާނޫނީ ވަކީލަށް ޚަރަދުކޮށްފައިވާ -/50,000ރ. (ފަންސާސް ހާސް ރުފިޔާ) ޙުސައިން ޢަފީފް ޢަބްދުﷲ އަށް ލިބިދިނުމުގެ ގޮތުން 11 އޮގަސްޓް 2024 ގެ 12:00 ގެ ކުރިން މި ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) އަށް އަންގައި، ޙުސައިން ޢަފީފް ޢަބްދުﷲ ގެ ފަރާތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދުނު ފައިސާ ނަގައިދެވެން ނެތްކަމަށް ކަނޑައަޅައި، ހއ.ހޯރަފުށީ ކައުންސިލްގެ ޣައިރު ޙާޟިރުގައި ޙުކުމް ކޮށްފީމެވެ."
އިސްތިއުނާފީ ނުކުތާތައް
4ސިވިލް ކޯޓުގެ ނަންބަރު 3811-CVC-2022 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ދައުލަތުން ހުށަހަޅާފައިވަނީ 1 (އެކެއް) ނުކުތާއެވެ.
• އެ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 3811-CVC-2022 ޤަޟިއްޔާގައި […] / ޙުސައިން ޢަފީފް ޢަބްދުﷲގެ ފަރާތުން ދައުވާކޮށްފައިވަނީ ހއ.ހޯރަފުށީ ކައުންސިލާއި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މައްޗަށް ކަމުގައި ވީނަމަވެސް […] / ޙުސައިން ޢަފީފް ޢަބްދުﷲ އަށް ދަޢުވާ ކާމިޔާބުވެފައިވާތީ، އެ ފަރާތުން ޤާނޫނީ ވަކީލަށް ކޮށްފައިވާ ޚަރަދުކަމުގައިވާ -/50,000ރ. (ފަންސާސް ހާސް ރުފިޔާ) ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި އެ ފަރާތަށް ދިނުމަށް ހަމައެކަނި މިނިސްޓްރީގެ މައްޗަށް އަމުރުކޮށްފައިވަނީ ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 270 ވަނަ މާއްދާއާ ޚިލާފަށްކަމާއި، އެފަދައިން ނިންމާފައިވާ ސަބަބު ބަޔާންކޮށްފައިނުވާތީ، އެ ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާ އާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
އިސްތިއުނާފުކުރާފަރާތުގެ ވާހަކަ
5މި އިސްތިއުނާފުގައި ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއާ ގުޅޭގޮތުން ދައުލަތުން ފާހަގަކޮށްފައިވަނީ މައިގަނޑު 2 ކަމެކެވެ.
5.1 ފުރަތަމަ ކަމަކީ ދަށުކޯޓުގައި ދައުވާ ރައްދުވީ މިނިސްޓްރީ އާއި ހއ. ހޯރަފުށީ ކައުންސިލަށް ކަމުގައި ވީނަމަވެސް އަދި ޙުސައިން ޢަފީފް ޢަބްދުﷲ އަށް ގޯއްޗެއް ހަމަޖައްސައިދިނުމަށް ހއ.ހޯރަފުށީ ކައުންސިލް އަދި ދިވެހި ދައުލަތުން ކަމާބެހޭ މިނިސްޓްރީގެ މައްޗަށް އަމުރުކޮށްފައިވާއިރު، ވަކީލުފީ އަށް ހަމައެކަނި މިނިސްޓްރީން ޒިންމާވާންޖެހޭގޮތަށް ޙުކުމްކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. އެގޮތުން އެ މާއްދާގައި އޮންނަނީ ދައުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ދައުވާކާމިޔާބުކުރި ފަރާތަށް ޝަރީޢަތުގެ ޚަރަދު ނަގައިދެވިދާނެ ކަމަށެވެ. އެހެންކަމުން ދައުވާކާމިޔާބުނުވި ފަރާތްތަކުގެ ގޮތުގައި އެއް ޚަސްމަކަށްވުރެ ގިނަ ޚަސްމުން ވާނަމަ، އެ ޚަރަދަށް ވަކި ޚަސްމަކު ޒިންމާވާންޖެހޭގޮތަށް ނުނިންމޭނެ ކަމަށެވެ.
5.2 ދެވަނަ ކަމަކީ ޝަރީޢަތުގެ ޚަރަދަށް ހަމައެކަނި މިނިސްޓްރީ އިން ޒިންމާވާންޖެހޭކަމަށް ނިންމާފައިވާ ސަބަބު ބަޔާންކޮށްފައިނުވާކަމަށާއި އެކަމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ސަބަބު ބަޔާންކުރުމާގުޅޭ އުސޫލާ ޚިލާފަށް ދަށުކޯޓުން ކުރި ކަމެއް ކަމަށެވެ.
6މީގެ އިތުރުން ޝަރީޢަތުން ކުރި ސުވާލަކަށް ޖަވާބުދެމުން ދައުލަތުން ފާހަގަކޮށްފައިވަނީ ޝަރީޢަތުގެ ޚަރަދު ޙުސައިން ޢަފީފް ޢަބްދުﷲ އަށް ލިބިދޭންޖެހޭކަމާމެދު އިންކާރުނުކުރާކަމަށެވެ. އެޚަރަދަށް ހަމައެކަނި މިނިސްޓްރީން ޒިންމާވާންޖެހޭގޮތަށް ކަނޑައެޅި ކަނޑައެޅުން ޤާނޫނީގޮތުން ބަލައިނުގަނެވޭތީ އިސްތިއުނާފު ހުށަހެޅީ ކަމަށެވެ.
7ދައުލަތުން މި އިސްތިއުނާފުގައި އެދިފައިވަނީ ޝަރީޢަތުގެ ޚަރަދަށް ހަމައެކަނި މިނިސްޓްރީން ޒިންމާވާންޖެހޭގޮތަށް ދަށުކޯޓުގެ ޙުކުމުގައިވާ ބައި ބާޠިކޮށް، އެ ފައިސާ އަށް މިނިސްޓްރީ އަދި ހއ. ހޯރަފުށީ ކައުންސިލް ޒިންމާވާންޖެހޭ ކަމަށް ކަނޑައަޅައިދީ މައްސަލަ ނިންމައިދިނުމަށެވެ.
އިސްތިއުނާފުރައްދުވާ ފަރާތުގެ ޖަވާބު
8ޖަވާބުގައި ޙުސައިން ޢަފީފް ޢަބްދުﷲ ފާހަގަކޮށްފައިވަނީ މި އިސްތިއުނާފުގައި ޤާނޫނީ ވަކީލަކާ ނުލާ ހާޟިރުވެފައިވަނީ ޤާނޫނީ ވަކީލަށް ދޭންޖެހޭ ފައިސާގެ އަދަދު ބޮޑު ކަމާހެދި އެކަމަކީ ދެކޮޅުނުޖެހޭ ކަމަކަށް ވެދާނެތީ ކަމަށެވެ. އެހެންކަމުން އިސްތިއުނާފުގައި ދައުލަތުން ފާހަގަކުރާ އެ ފައިސާއާމެދު މި އިސްތިއުނާފުގައި ފާހަގަކުރާނެ އިތުރު ކަމެއް ނެތް ކަމަށެވެ.
ދަށުކޯޓުން ޝަރީޢަތުގެ ޚަރަދު ނަގައިދީފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާއާ ޚިލާފަށްތޯ؟
9ދައުލަތުން މި އިސްތިއުނާފުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާއާ ދަށުކޯޓުން ޚިލާފުވެފައިވާކަމަށެވެ. އެ މާއްދާގައި އޮތީ އަންނަނިވި އިބާރާތެވެ.
270 (ހ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޢާންމު އުސޫލުން، ޝަރީޢަތުގެ ޚަރަދު، ދަޢުވާ ކާމިޔާބުކުރާ ފަރާތަކަށް، އެ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ކޯޓަށް ނަގައިދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގައި އަންނަނިވި ކަންކަން ކަނޑައެޅުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(1) އެއް ޚަޞްމުގެ ފަރާތުން އަނެއް ޚަޞްމަށް ޝަރީޢަތުގެ ޚަރަދުތައް ދައްކަންޖެހޭކަން ނުވަތަ ނޫންކަން؛
(2) ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު؛ އަދި
(3) ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ދައްކަންޖެހޭ މުއްދަތު.
10ދައުލަތުން ފާހަގަކޮށްފައިވަނީ މި މާއްދާގެ (ށ) ގައި އެއް ޚަސްމުގެ ފަރާތުން އަނެއް ޚަސްމަށް ޚަރަދުތައް ދައްކަންޖެހޭކަން ނުވަތަ ނޫންކަން ދަށުކޯޓުން ކަނޑައަޅަންޖެހޭ ކަމަށް އޮތް އިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 8 ވަނަ މާއްދާގައި "ޚަސްމުން" މާނަކޮށްފައިވަނީ މަދަނީ ދައުވާއެއްގައި ދައުވާކުރާ އަދި ދައުވާލިބޭ އެންމެހާ ފަރާތްތައް ހިމެނޭގޮތުން ކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން ދައުވާ ކާމިޔާބުނުވި ގިނަ ޚަސްމުން ތިބި ހާލަތުގައި އޭގެތެރެއިން ވަކި ޚަސްމެއްގެ މައްޗަށް ޝަރީޢަތުގެ ޚަރަދުގެ ޒިންމާ ކަނޑަނޭޅޭނެ ކަމަށެވެ. މި މައްސަލައިގައި ހއ. ހޯރަފުށީ ކައުންސިލްވެސް ޚަސްމެއްގެ ގޮތުގައި ހިމެނޭއިރު އެފަރާތުންވެސް ޝަރީޢަތުގެ ޚަރަދަށް ޒިންމާވާންޖެހޭ ކަމަށެވެ.
11މި މައްސަލައަށް ބަލާއިރު ޙުސައިން ޢަފީފް ޢަބްދުﷲގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި މައިގަނޑު ދައުވާއަކީ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ދިވެހި ދައުލަތުން ތިލަދުންމަތީ އުތުރުބުރީ ބެރިންމަދޫ ރައްޔިތުން އެ އަތޮޅު ހޯރަފުށްޓަށް ބަދަލުކުރި ކުރުމުގައި […] / ޙުސައިން ޢަފީފް ޢަބްދުﷲގެ ނަމުގައި ރަޖިސްޓްރީކޮށްދީފައިވާ ހއ.ބެރިންމަދޫ "ޕިންކްރޯސް" އެވެކިޔާ ގޭގެ ބަދަލު ޙުސައިން ޢަފީފް ޢަބްދުﷲއަށް ލިބިދީފައިނުވާތީ، ހއ.ބެރިންމަދޫ "ޕިންކްރޯސް" އެވެކިޔާ ގޭގެ ބަދަލާއި ގެއްލުމުގެ ބަދަލު ހޯދުމާއި ޤާނޫނީ ވަކީލުފީ ހޯދުމެވެ. ދައުވާ ރައްދުކޮށްފައިވަނީ ކަމާބެހޭ މިނިސްޓްރީ (ދިވެހި ދައުލަތް) އަދި ކަމާގުޅޭ ތަންފީޛީ އިދާރާ ކަމަށްވާ ހއ. ހޯރަފުށީ ކައުންސިލަށެވެ.
12ދައުވާއަށް ބަލާއިރު ހއ. ބެރިންމަދޫ ރައްޔިތުން ހއ. ހޯރަފުށްޓަށް ބަދަލުކުރުމުގެ ކަންކަން ހިނގާފައިވަނީ 2006 ގައި ކަން އެނގެއެވެ. އަދި ދައުވާކުރުމާ ހަމައަށް ޙުސައިން ޢަފީފް ޢަބްދުﷲ އަށް ކަމާގުޅޭ ބަދަލު ނުލިބުމުގައި އެރަށު ކައުންސިލުގެ އިހުމާލެއް އޮތްކަން ދައުވާގައި އަދި ދަށުކޯޓުގެ ރިޕޯޓުގައިވެސް ފާހަގަކޮށްފައިނެތެވެ.
13ދަށު ކޯޓުގެ ރިޕޯޓުގެ 14 ވަނަ ނުކުތާއިން ފެށިގެން 21 ވަނަ ނުކުތާއާ ހަމައަށް، ދައުލަތުން ޙުސައިން ޢަފީފް ޢަބްދުﷲ އަށް ބަދަލު ދޭންޖެހޭކަމާއި ނުދީވާކަމުގެ މައްޗަށް ސަބަބާއެކު ކަންކަން ބަޔާންކޮށްފައިވެއެވެ. ދަށުކޯޓުން ފާހަގަކުރި މި ނުކުތާތަކާމެދު ދައުލަތުގެ އިންކާރެއް މި އިސްތިއުނާފުގައި ނެތެވެ. ހަމައެހެންމެ އެކަންކަން އެގޮތުގައި ބަޔާންކުރުމަށްފަހު ޝަރީޢަތުގެ ޚަރަދަށް ދައުލަތުން ޒިންމާވާންޖެހޭ ސަބަބު ބަޔާންކުރުމުގައި ރިޕޯޓުގެ 25 ވަނަ ނުކުތާގައި "މި ދައުވާ ކާމިޔާބުވެފައިވަނީ ޙުސައިން ޢަފީފް ޢަބްދުﷲ އަށް ކަމުގައިވާއިރު، ޙުސައިން ޢަފީފް ޢަބްދުﷲ އަށް ހއ. ހޯރަފުށިން ގޯތި ނުދީގެން މި ދައުވާ ކޯޓަށް ހުށަހަޅަންޖެހުނީ ދައުލަތުން ޙުސައިން ޢަފީފް ޢަބްދުﷲ އަށް ގޯތި ދީފައިނުވާތީވެކަން އެނގެން އޮންނާތީ..." މިފަދައިން ދަށުކޯޓުން ބަޔާންކޮށްފައިވެއެވެ.
14HN1އެހެންކަމުން މި އިސްތިއުނާފުގައި ދައުލަތުން ފާހަގަކުރާ ގޮތާ ޚިލާފަށް، ދަށުކޯޓުގެ ޝަރީޢަތުގެ ޚަރަދަށް ދައުލަތުން ޒިންމާވާންޖެހޭކަމަށް ދަށުކޯޓުގެ ނިންމުން ބިނާކުރި ސަބަބުވެސް އެވަނީ ސާފުކޮށް ބަޔާންކޮށްފައެވެ. އެގޮތުން ދަށުކޯޓަށް ދައުވާ ހުށަހަޅަންޖެހުނީ ދައުލަތުން ޙުސައިން ޢަފީފް ޢަބްދުﷲ އަށް ގޯތި ނުދީވާތީކަމާއި މިކަމުގައި ދައުލަތުގެ އިހުމާލު އޮތްކަން ދަށުކޯޓުން ތަފްސީލުކޮށް ބަޔާންކޮށްފައި އެބައޮތެވެ. އަދި މިކަމުގައި ހއ. ހޯރަފުށީ ކައުންސިލުގެ އެއްވެސް އިހުމާލެއް އޮތްކަމަށް ދަށުކޯޓުން ކަނޑައަޅާފައި ނުވެއެވެ. ހަމައެހެންމެ ކުރިންވެސް ފާހަގަކުރެވުނު ފަދައިން މި މައްސަލައިގެ ދައުވާއާއި ލިޔުންތައް ހުރިގޮތުން ފެންނަންއޮތީ ދައުވާގައި ހއ. ހޯރަފުށީ ކައުންސިލް ހިމެނިފައިވަނީ އަދި ޙުކުމުގައިވެސް ޙުސައިން ޢަފީފް ޢަބްދުﷲ އަށް ގޯއްޗެއް ދިނުމަށް ދައުލަތުގެ ކަމާބެހޭ މިނިސްޓްރީގެ އިތުރުން ހއ. ހޯރަފުށީ ކައުންސިލަށް އަމުރުކޮށްފައިވަނީ ހއ. ހޯރަފުށީ ކައުންސިލަކީ ރަށުގެ އެފަދަ ކަންކަމުގައި ތަންފީޛީ ބާރު އޮތް ފަރާތަށްވާތީ ކަމެވެ.
15HN2HN3ކަން މިހެން އޮތް އިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާގެ (ހ) ތަޠުބީޤުކުރުމަށް ބަލާއިރު، ޙަޤީޤަތުގައި މި މައްސަލަ ކާމިޔާބުނުވި ފަރާތަކީ ދައުލަތެވެ. ދައުލަތުގެ ކަމާބެހޭ މިނިސްޓްރީއެވެ. އެހެނީ މި މައްސަލައިގެ ތެރެއިން ކަނޑައެޅިގެން ދިޔައީ ދައުލަތުން ކުރަންޖެހޭ ކަމެއް ނުކޮށްވާތީ އެކަމުގެ ސަބަބުން ޙުސައިން ޢަފީފް ޢަބްދުﷲ އަށް ބަދަލެއް ލިބެންޖެހޭ ކަމެވެ. އެހެންކަމުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާގެ (ހ) މާނަކުރުމުގައި، ދައުވާ ކާމިޔާބުނުވި ފަރާތަކީ ދައުވާރައްދުވާ ފަރާތަށް ވާ ހަލާތުގައި، މައްސަލައިގެ ދައުވާލިބޭ ފަރާތްތަކުގެ ގޮތުގައި ހިމެނޭ އެންމެހާ ފަރާތްތަކެއްގެ މައްޗަށް އެއްވެސް އިސްތިސްނާއެއް ނެތި ޝަރީޢަތުގެ ޚަރަދުގެ ޒިންމާ މަތިކުރެވޭނެހެން މި މާއްދާ މާނަކުރެވެންޖެހޭ ޤާނޫނީ ހުއްޖަތެއް ދައުލަތަށް ދެއްކިފައިވާކަމުގައި އަހުރެން ނުދެކެމެވެ.
ނިންމަން ފެންނަގޮތް
16އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 3811/CVC/2022 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު
17ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު
18ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
19މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 3811-CVC-2022 ޤަޟިއްޔާ، އިސްތިއުނާފުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
ފަނޑިޔާރު ޙުސައިން މަޒީދު (ރިޔާސަތު)
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
ފުޓްނޯޓު
- އިސްތިއުނާފު ހުށަހެޅުނުއިރު މިނިސްޓްރީގެ ނަމަކީ މިއީ އެވެ. އެހެންކަމުން އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވަނީ މިފަދައިންނެވެ.
- ޤާނޫނު ނަންބަރު 32/2021
- ޤާނޫނު ނަންބަރު 32/2021
- ޤާނޫނު ނަންބަރު 32/2021
- ޤާނޫނު ނަންބަރު 32/2021
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 270 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 8 ވަނަ މާއްދާ ("ޚަޞްމުން" މާނަކުރުން، ދައުލަތުގެ ބަހުސުގައި)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) (އިސްތިއުނާފުކުރުމުގެ މުއްދަތު)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާ (ދައުލަތުގެ އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އަދި 56 ވަނަ މާއްދާ (ދައުލަތުގެ އިސްތިއުނާފީ ނުކުތާގައި)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.