ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓު Q10C/2024/(B1-2,3,4)-09,10,11
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދައުލަތުން ދަޢުވާލިބޭ ފަރާތަށް ޤާނޫނީ ވަކީލަކު ކޯޓުން ދިން މުއްދަތުގައި ހަމަޖައްސައިނުދިނުމުން، ވަކީލަކު ހަމަޖައްސައި ހުށަހެޅުމުން ކުރިއަށް ގެންދެވޭނެކަމަށް އަންގައި ޖިނާއީ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަނބުރާ ފޮނުވާލުމުގެ އިޚްތިޔާރު މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވޭތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަޢުވާ އަނބުރާ ފޮނުވި މެޖިސްޓްރޭޓް ކޯޓުގެ އެންގުން ބާޠިލު
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ޕްރޮސިކިއުޓަރ ޖެނެރަލަށް ދަޢުވާ އަނބުރާ ގެންދެވޭނެ ޙާލަތްތަކާއި (ޤާނޫނުގެ 90 އަދި 92 ވަނަ މާއްދާ) ކޯޓުން ދަޢުވާ ނުވަތަ މައްސަލަ އަނބުރާ ފޮނުވާލެވޭނެ ޙާލަތްތައް (ގަވާއިދުގެ 83، 102، 179 ވަނަ މާއްދާ) ސާފު ބަހުން ކަނޑައަޅާފައިވާއިރު، ކޯޓުން ދަޢުވާ އަނބުރާ ފޮނުވާލެވޭނީ އެ ޙާލަތްތަކުގައެވެ.
HN2 ދައުލަތުން ޤާނޫނީ ވަކީލަކު ހަމަޖައްސައިނުދިނުމަކީ ދަޢުވާ އަނބުރާ ފޮނުވާލެވޭނެ ސަބަބެއްގެ ގޮތުގައި ޤާނޫނެއްގައިވެސް ގަވާއިދެއްގައިވެސް ސާފު ސަރީޙަ ނައްސަކުން ކަނޑައަޅާފައިނުވާތީ، އެ ސަބަބަށް ބަލައި ދަޢުވާ އަނބުރާ ފޮނުވާލުމަކީ ކޯޓަށް ލިބިދީފައިވާ ބާރެއް ނޫނެވެ.
HN3 ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 152 ވަނަ މާއްދާގައިވާ 30 ދުވަހުގެ މުއްދަތުގައި ދައުލަތުން ވަކީލަކު ހަމަނުޖެއްސުމުގެ ޤާނޫނީ ނަތީޖާ ނައްސުން ސާފުނުވާއިރު، އެއީ ދަޢުވާ އަނބުރާ ފޮނުވާލެވޭނެ ޙާލަތެއްކަމަށް ބެލެވޭކަށް ނެތެވެ. އަދި ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދުގައިވެސް އެޓަރނީ ޖެނެރަލްގެ އޮފީހުން ވަކީލު ހަމަޖެއްސުމަށް މުއްދަތެއް ނުވަތަ ނުހަމަޖެއްސުމުގެ ނަތީޖާއެއްގެ ގޮތުގައި ދަޢުވާ އަނބުރާ ފޮނުވުން ބަޔާނެއް ނުކުރެއެވެ.
HN4 ކޯޓު އަމުރަކާ އެއްގޮތަށް ދައުލަތުގެ އިދާރާއަކުން ޢަމަލުނުކުރާނަމަ އެ އިދާރާ ކޯޓަށް ހާޟިރުކޮށް ޖަވާބުދާރީކުރުވައި ފިޔަވަޅު އެޅުމަކީ ޤާނޫނު ތަންދޭ ކަމެއްކަމުގައި ވިޔަސް، ޤާނޫނު ތަންނުދޭ ޙާލަތެއްގައި އެ ސަބަބަށް ބިނާކޮށް މައްސަލަ އަނބުރާ ފޮނުވާލެވޭކަށް ނެތެވެ.
HN5 ޤާނޫނުގައި ބޭނުންކޮށްފައިވާ ބަހަކުން ސާދާ ވަކި މާނައެއް ދޭހަވާނަމަ، އޭގައި ނުހިމެނޭ ކަންތައްތައް އޭގައި ހިމެނުމަށް މަސައްކަތްކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ކޯޓުގެ އިޚްތިޔާރުގެ ތެރެއިން ދަޢުވާ އަނބުރާ ފޮނުވާލެވޭ ޙާލަތްތައް ސާފު ބަހުން ކަނޑައަޅާފައިވާއިރު، އެހެން ސަބަބެއް އެގޮތަށް ކަނޑައަޅާފައި ނުވަނީ ރައްޔިތުންގެ މަޖިލީހުން އެގޮތަށް ބޭނުންނުވާތީކަމަށް ބަލަންޖެހޭނެއެވެ؛ އެނޫން މާނައެއް ދޭނަމަ ނުވަތަ ޤިޔާސްކުރާނަމަ، ޤިޔާސްކުރި ގޮތާއި ނަތީޖާ ފަނޑިޔާރު ބަޔާންކޮށްދޭންޖެހޭނެއެވެ.
HN6 ފަނޑިޔާރުން ޢަމަލުކުރަންޖެހޭނީ ޤާނޫނުއަސާސީ އާއި ޤާނޫނަށްކަމުން، ޤާނޫނުގެ މާއްދާއަކަށް ޙަވާލާނުދީ، ޤާނޫނީ އަސާސެއްވެސް ނިންމުމަށް ވާޞިލުވި ސަބަބެއްވެސް ބަޔާންނުކޮށް ނިންމާ ނިންމުމަކީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ 2020/SC-A/100 ޤަޟިއްޔާގެ އުޞޫލާ ޚިލާފު ނިންމުމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުޒައިފާ މުޙައްމަދު، މުޙައްމަދު ނިޔާޒް، މުޙައްމަދު ސަލީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
މައްސަލައިގެ ތަޢާރަފު މިއީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ (މީގެ ފަހުން "ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓު") ނަންބަރު Q10C/2024/(B1-2,3,4)-09,10,11 (16 ޖަނަވަރީ 2024) "ދަޢުވާ އަނބުރާ ފޮނުވުން ނުވަތަ ދަޢުވާ ބާޠިލުވިކަން އެންގުން" ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލާ ޚިލާފަށްކަމަށް ބުނެ އެ އެންގުން އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް") ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ. މި މައްސަލައަކީ އިސްތިއުނާފު ރައްދުވާ ފަރާތެއް ނުހިމެނޭގޮތަށް ex parte ކޮށް ހުށަހެޅި ހިންގާފައިވާ މައްސަލައެކެވެ.
މައްސަލައިގައި ކަންހިނގާފައިވާގޮތް
3އަހަރު 2005 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން، މީނާގެ ދަރިންކަމުގައިވާ އަހަރު ގެ ޢުމުރުން ގާތްގަޑަކަށް 13 އަހަރުން ފެށިގެން އަދި އެގޭ އަހަރު އެގެ އުމުރުން ގާތްގަޑަކަށް 14 އަހަރުން ފެށިގެން ޖިންސީ ޢަމަލު ހިންގައި އެ ކުދިންގެ ކަރާމާތް ގެއްލޭފަދަ ޢަމަލުތައް ކުރަމުން ދިޔައިރު އެކަން އެނގިހުރެ ހުއްޓުވާފައިނުވާތީއާއި، މިފަދަ ޢަމަލުތައް ކުދިންނާމެދު ތަކުރާރުކުރުމަށް އަށް ފުރުސަތުތައް މަގުފަހިކޮށްދީފައިވާތީއާއި، 2005 ވަނަ އަހަރުން ފެށިގެން އެކި ދުވަސްމަތިން، މީނާގެ އުފަން ދަރިއެއް ކަމަށްވާ އަހަރު ގާތްގަޑަކަށް 13 އަހަރުން ފެށިގެން އަދި އެގޭ އަހުމުރުން ގާތްގަޑަކަށް 13 އަހުމުރުން ގާތްގަޑަކަށް 13 އަހަރުން ފެށިގެން އަދި އެގޭ އަހަރު ގާތްގަޑަކަށް 13 އަހަރުން ފެށިގެން އަދި އެގޭ ފެށިގެން [REDACTED] ޖިންސީ ޢަމަލު ހިންގުމަށް އެހީތެރިވެދީފައިވާތީއާއި، [REDACTED] 2005 ވަނަ އަހަރުން ފެށިގެން އެކިދުވަސްމަތިން، މީނާގެ އުފަން ދަރިއެއްކަމަށްވާ [REDACTED] ގެ އުމުރުން ގާތްގަޑަކަށް 13 އަހަރުން ފެށިގެން އަދި އެގޭ [REDACTED] ގެ އުމުރުން ގާތްގަޑަކަށް 14 އަހަރުން ފެށިގެން [REDACTED] ޖިންސީ ޢަމަލު ހިންގާކަން އެނގިހުރެ ކަމާބެހޭ ފަރްތާތްކަށް މިކަން ރިޕޯޓުކޮށްފައިނުވާތީ، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 36,37,38/Q10C/2023 ޤަޟިއްޔާއިން، [REDACTED] ގެ މައްޗަށް ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި ދަރިންނަށް އަޅާނުލައި ދޫކޮށްލުމުގެ ދަޢުވާއާއި، ކުޑަކުއްޖަކު ލައްވާ ޖިންސީ ޢަމަލެއް ހިންގުމަށް އެހީތެރިވެދިނުމުގެ ދަޢުވާއާއި، ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގާކަން އެނގިހުރެ ރިޕޯޓުނުކުރުމުގެ ދަޢުވާ ކުރެވުނެވެ.
4ދައުލަތުން މި ދަޢުވާތައް ކޮށްފައިވަނީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 415 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) އާއި 2 ވަނަ ނަންބަރުގެ (i) އާ ޙަވަލާދީ އެ މާއްދާގެ (ނ) ގެ ދަށުންނާއި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) އާ ޙަވަލާދީ، އެ މާއްދާގެ (ށ) ގެ ދަށުންނާއި، މި ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުންނެވެ.
5ދަޢުވާލިބޭ [REDACTED] ވަކީލަކު ހަމަޖެއްސުމަށް 1 މާރިޗް 2023 ގައި ހުށަހަޅާފައިވާކަން ދައުލަތުގެ ބަހުން އެނގޭކަމާއި، ވަކީލަކު ހަމަޖެއްސުމާމެދު ނިންމާ ގޮތް އެ ފޯމު ލިބޭތާ 30 (ތިރީސް) ދުވަސް ތެރޭގައި އަންގަންވާނެކަން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 152 ވަނަ މާއްދާއިން އެނގޭއިރު، މިގޮތަށް ޢަމަލުކޮށްފައިނުވާތީ، ދައުލަތުން ވަކީލަކު ހަމަޖެއްސުމަށް އަންގައި، 21 ސެޕްޓެމްބަރ 2023 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ މައްޗަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވެއެވެ.
6ވަކީލަކު ހަމަޖެއްސުމާމެދު ނިންމި ގޮތެއް އެޓަރނީ ޖެނެރަލްގެ އޮފީހުގެ އަންގާފައިނުވާތީއާއި، ގެ މައްޗަށް ދައުލަތުން ކުރާ 3 (ތިނެއް) މައްސަލައަކީ އެކުއެކީގައި ހިންގާ 3 (ތިނެއް) މައްސަލައަކަށްވެފައި، ވަކީލަކު ހަމަޖައްސަންޖެހޭ އަދި ދަޢުވާލިބޭ ފަރާތަށް ވަކީލަކާ ނުލައި ކުރިއަށް ނުގެންދެވޭނެ މައްސަލަތަކެއްކަމަށްވެފައި، އެޓަރނީ ޖެނެރަލް އޮފީހަށް ރައްދުކުރި އަމުރު އިސްތިއުނާފުނުކޮށް، އަދި އެއަށް ޖަވާބެއްވެސް ދީފައިނުވާތީ، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ދަޢުވާ އަނބުރާ ފޮނުވުމަށް ނިންމާފައިވެއެވެ. ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމިގޮތް
7ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ "ދަޢުވާ އަނބުރާ ފޮނުވުން ނުވަތަ ދަޢުވާ ބާޠިލުވިކަން އެންގުން" އިން އަންގާފައިވަނީ "ޕްރޮސިކިއުޝަނުން ގެ މައްޗަށް ހުށަހަޅާފައިވާ 3 ދަޢުވާ (1. ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި، ދަރިންނަށް އަޅާނުލާ ދޫކޮށްލުން 2. ކުޑަކުއްޖަކުލައްވާ ޖިންސީ ޢަމަލެއް ހިންގުމަށް އެހީތެރިވެދިނުން 3. ކުޑަކުއްޖަކާއިމެދު ޖިންސީ ޢަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓުނުކުރުން) ވަކީލަކު ހަމަޖައްސައި ހުށަހެޅުމުން ކުރިއަށް ގެންދެވޭނެކަން އަންގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަނބުރާ ފޮނުވުމަށް ނިންމައިފީމެވެ" މިފަދައިންނެވެ.
އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް
8ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q10C-2024/(B1-2,3,4)-09,10,11 (16 ޖަނަވަރީ 2024) "ދަޢުވާ އަނބުރާ ފޮނުވުން ނުވަތަ ދަޢުވާ ބާޠިލުވިކަން އެންގުން" ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލާ ޚިލާފަށްކަމަށް ބުނެ އެ އެންގުން އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ އެއް ނުކުތާއެވެ. އެއީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q10C/2024/(B1-2,3,4)-09,10,11 "ދަޢުވާ އަނބުރާ ފޮނުވުން ނުވަތަ ދަޢުވާ ބާޠިލުވިކަން އެންގުން" އަކީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) (މީގެ ފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު") ގެ 90 ވަނަ މާއްދާއާއި، 92 ވަނަ މާއްދާއާއި، 93 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
9މި ނުކުތާ ތަފްޞީލުކުރަމުން ދައުލަތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
9.1 [REDACTED] ގެ މައްޗަށް އެ ކޯޓަށް ހުށަހެޅި 3 ދަޢުވަ ބާޠިލުކޮށް އަނބުރާ ފޮނުވާފައިވާ ޤާނޫނީ އަސާސެއްކަމަށް އެ އެންގުމުގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލަކު [REDACTED] އަށް ހަމަޖައްސައިދިނުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ މައްޗަށް ކޯޓުން ކުރި އަމުރާއި އެއްގޮތަށް ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) (މީގެ ފަހުން "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު") ގެ 152 ވަނަ މާއްދާގައި ބަޔާންކުރާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ދައުލަތުގެ ފަރާތުން ވަކީލަކު ހަމަޖައްސައިދީފައިނުވާތީ ކަމުގައެވެ.
9.2 ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް، ޕްރޮސިކިއުޓަރ ޖެނެރަލް އެދިގެން މެނުވީ އަނބުރާ ފޮނުވާލެވޭނެ އިޖުރާއަތެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ނައްސެއްގައި ނެތް ކަމަށާއި، ޖިނާއީ ޖެނެރަލްއަށް ދަޢުވާ އަނބުރާ ގެނެވިދާނެ ޙާލަތްތައް ކަމަށާއި، އަދި އެ ޤާނޫނުގެ 93 ވަނަ މާއްދާގައި ބަޔާންކުރަނީ ޖިނާއީ ދަޢުވާއެއް ބާޠިލުވާނެ ޙާލަތްތައް ކަމުގައެވެ.
9.3. ކޯޓުން އިސްނަގައިގެން ދަޢުވާއެއް އަނބުރާ ފޮނުވާލެވޭނެ ހާލަތްތަކުގެ އިޖުރާއަތު ބަޔާންކުރަނީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިކަމަށާއި، އެގޮތުން އެ ގަވާއިދުގެ 83 ވަނަ މާއްދާއާއި، އެ ގަވާއިދުގެ 102 ވަނަ މާއްދާއާއި، އެ ގަވާއިދުގެ 179 ވަނަ މާއްދާ ފާހަގަކޮށްފައިވާއިރު، މި މާއްދާތަކުގައި ބަޔާންކުރަނީ ދަޢުވާލިބޭ ފަރާތް ޙާޟިރުނުވެގެން މައްސަލަ އަނބުރާ ފޮނުވާލުމާއި، ދަޢުވާފޯމް އިޞްލާޙުކުރުމަށް ދީފައިވާ މުއްދަތުގައި އެކަން ނުކުރުމުން މައްސަލަ އަނބުރާ ފޮނުވާލުމާއި، އަދި ބާޠިލުވާ ދަޢުވާތައް އަނބުރާ ފޮނުވާލުމުގެ އިޖުރާއަތު ކަމުގައެވެ.
9.4. ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި އޮތް އުޞޫލަކީ ސާފު އުޞޫލެއް ކަމަށާއި، އެ ނޫން ގޮތަކަށް އިޚްތިޔާރެއް ނުކުރެވޭނެ ކަމުގައެވެ.
9.5. މި މައްސަލަ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އަނބުރާ ފޮނުވާފައިވަނީ، އެޓަރނީ ޖެނެރަލް އޮފީހުގެ މައްޗަށް ނެރުނު އަމުރަކަށް އެ އޮފީހުން ޢަމަލުކޮށްފައިނުވާތީކަމަށާއި، އެ އަމުރަކީ ގަވާއިދު ނަންބަރު 2021/R-4 (ދައުލަތުގެ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަބެހޭ ގަވާއިދު) އާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށާއި، އެ އިޖުރާއަތުގެ ތެރެއިން ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ އެކަން އެކަށީގެންވާ އަވަސް މިނެއްގައި ހަމަޖައްސާފައިނުވާނަމަ، އެ އިދާރާއެއްގެ މީހުން ކޯޓުން ޙާޟިރުކޮށް އެކަން ސާފުކޮށް އެއިދާރާއަށް އެކަން އަންގަންޖެހޭނެކަމަށާއި، އެއަށްފަހުވެސް އިންތިޒާމްތައް ހަމަނުޖެހިއްޖެނަމަ ފިޔަވަޅު އަޅަންޖެހޭނެކަމުގައެވެ.
9.6. ދައުލަތުގެ ވަކީލެއްގެ އެހީއަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޯމު ހުށަހެޅުމަކީ، ބަންދުން ދޫވެފައި ހުރި ފަރާތެއްގެ ހައިސިއްޔަތުން ގެ ޒިންމާއެއްކަމަށާއި، އެއީ ޕްރޮސިކިއުޓަރ އޮފީހުން އަދާކުރެވޭނެ ޒީންމާއެއްނޫން ކަމަށާއި، މި ޒިންމާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ މަތިކޮށް، މައްސަލަ ބާޠިލުކުރުމުގައި އެއްވެސް އަސާސެއް ނެތް ކަމުގައެވެ.
10އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ނިންމުމަކީ، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުގައި ހުށަހަޅާފައިވާ ޤާނޫނީ ނުކުތާތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
11މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަކީ، ވަކީލަކު ހަމަޖައްސައި ހުށަހެޅުމުން ކުރިއަށް ގެންދެވޭނެކަމަށް ކޯޓުން އަންގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ އަނބުރާ ފޮނުވާލެވޭނެތޯ ނުވަތަ ނޫންތޯއާ މެދު އޮތް ސުވާލެވެ.
12ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާގުޅޭ އާންމު އުސޫލުތައް ބަޔާންކުރަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައެވެ. އަދި މި ޤާނޫނުގައި ބަޔާންކުރާ ބައެއް ހަމަތައް އިތުރަށް ތަފްޞީލުކޮށްދެނީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައެވެ. މި ޤާނޫނައި ގަވާއިދުގެ ތެރެއިން، މި މައްސަލައިގެ ބޭނުމަށް ޚާއްޞަވަނީ މައްސަލަ އަނބުރާ ގެންދިޔުމާއި، މައްސަލަ އަނބުރާ ފޮނުވާލުމާއި ގުޅޭ މާއްދާތަކެވެ. މައްސަލަ އަނބުރާ ގެންދިޔުމާއި މައްސަލަ އަނބުރާ ފޮނުވާލުން
13HN1ޖިނާއީ އިޖުރާއަތުގެ ތެރެއިން މައްސަލަ އަނބުރާ ގެންދިޔުމާއި އަދި މައްސަލަ އަނބުރާ ފޮނުވާލުމާއި ގުޅޭ މާއްދާތަކަށް ބަލާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިގެން ދަޢުވާ ނުވަތަ މައްސަލަ އަނބުރާ ގެންދެވޭނެ ޙާލަތްތަކާއި، ޝަރީޢަތުން ދަޢުވާ ނުވަތަ މައްސަލަ އަނބުރާ ފޮނުވާލެވޭނެ ޙާލަތްތަކުގެ އިތުރުން މައްސަލަ ބާޠިލުކޮށް ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވާލެވޭނެ ޙާލަތްތައް ކަނޑައަޅާފައިވާކަން އެނގެއެވެ.
14މިގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އިޚްތިޔާރުގެ ތެރެއިން އަންނަނިވި ޙާލަތްތަކުގައި ދަޢުވާ އަނބުރާ ގެންދެވިދާނެއެވެ.
1ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 90 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން މީހެއްގެ މައްޗަށް އެއް ދަޢުވާއަށްވުރެ ގިނަ ދަޢުވާ އުފުލިފައިވާ ޙާލަތެއްގައި، އޭނާގެ މައްޗަށް ދަޢުވާ ކުރެވިފައިވާ އެއް ކުށް ނުވަތަ އެއަށްވުރެ ގިނަ ކުށް ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް އުފުލިފައިވާ ދެން ހުރި ކުށްތަކުގެ ތެރެއިން ކުށެއްގެ، ނުވަތަ އެ ހުރިހާ ކުށެއްގެ ދަޢުވާ، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެ ހިނދެއްގައި، އަނބުރާ ގެންދިޔުން
2ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 92 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން މީހެއްގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއްގެ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުން ފެށުމުގެ ކުރިން، އެ ދަޢުވާއެއް އަނބުރާ ގެންދިޔުން
15މިގޮތުން ކޯޓުގެ އިޚްތިޔާރުގެ ތެރެއިން އަންނަނިވި ޙާލަތްތަކުގައި ކޯޓުން ދަޢުވާ ނުވަތަ މައްސަލަ އަނބުރާ ފޮނުވާލެވިދާނެއެވެ.
1. ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 83 ވަނަ މާއްދާގައިވާ ފަދައިން، މައްސަލަ ހިންގުމަށްޓަކައި ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރުކުރުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުންނާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ކުރަންޖެހޭ ކަންކަން ކޮށްގެންވެސް އޭނާ ޙާޟިރުނުކުރެވިއްޖެނަމަ، ނުވަތަ އުޅޭ އެޑްރެސް ނޭނގުމުގެ ސަބަބުން ޙާޟިރުނުކުރެވިއްޖެނަމަ، އޭނާ ޙާޝިރުކުރެވޭގޮތް ހަމަޖެއްސުމަށްފަހު، ނުވަތަ އޭނާ އުޅޭ އެޑްރެސް ސާފުކުރުމަށްފަހު، ހުށަހެޅުމަށްޓަކައި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަނބުރާ ފޮނުވާލުން
2. ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 102 ވަނަ މާއްދާގައިވާ ފަދައިން، ދަޢުވާ ފޯމުގައިވާ މަޢުލޫމާތު ފުރިހަމަނުވާނަމަ ނުވަތަ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ، ފޯމު ނުވަތަ ލިޔެކިޔުންތައް އިޞްލާޙުކޮށް ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ލިޔުމުން ރަޖިސްޓްރާރ އެންގުމުން، އިޞްލާޙުކުރުމަށް ދީފައިވާ މުއްދަތުގައި އެކަމެއް އިޞްލާޙުކޮށް ހުށަހަޅާފައިނުވާނަމަ، އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަނބުރާ ފޮނުވާލުން
3ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ދަޢުވާލިބޭ ފަރާތް މަރުވެއްޖެކަމަށް ކޯޓަށް މަޢުލޫމާތު ލިބިއްޖެނަމަ، ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން އެކަން ކަށަވަރު ކުރުމަށްފަހު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 93 ވަނަ މާއްދާގެ
(ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެ މައްސަލައިގެ ދަޢުވާ ބާޠިލުކޮށް ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވާލުން
4ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން، ދަޢުވާ އުފުލުމަށްފަހު، ދަޢުވާ ލިބޭ ފަރާތުގެ އިހުމާލެއްނެތި، ކޯޓުގައި މައްސަލަ ކުރިއަށް ނުގެންގޮސް އެކަށީގެންވާ ދިގު މުއްދަތެއް ފާއިތުވުމުގެ ސަބަބުން، ދަޢުވާ އަނބުރާ ގެންދިޔުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެދެފިނަމަ، ހުށަހެޅިފައިވާ ދަޢުވާ ބާޠިލުކޮށް، ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވާލުން
5ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ޅ) ގައިވާ ފަދައިން ޖިނާއީ ދަޢުވާއެއް ބާޠިލުވާނެކަމަށް އެހެން ޤާނޫނެއްގައި ކަނޑައަޅާފައިވާ ޙާލަތެއް މެދުވެރިވެއްޖެނަމަ، ދަޢުވާ ބާޠިލުކޮށް، ކޯޓުން އެ މައްސަލަ އަނބުރާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާލުން މި މައްސަލައިގައި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ދަޢުވާ އަނބުރާ ފޮނުވާލާފައިވަނީ ދައުލަތުން ދަޢުވާލިބޭ ފަރާތަށް ވަކީލަކު ހަމަޖައްސައިދީފައިނުވާތީ، ވަކީލަކު ހަމަޖައްސައި ހުށަހެޅުމުން ދަޢުވާ ކުރިއަށް ގެންދެވޭނެކަމުގައި ބަޔާންކޮށް ކަމުން، ދައުލަތުން ޤާނޫނީ ވަކީލަކު ހަމަޖައްސައިދިނުމާގުޅޭ އިޖުރާއަތު އަންނަނިވި ނުކުތާތަކުގައި ފާހަގަކުރަމެވެ. ދައުލަތުން ޤާނޫނީ ވަކީލަކު ހަމަޖައްސައިދިނުމާ ގުޅޭ އިޖުރާއަތު
17ޤާނޫނީ ވަކީލެއްގެ އެހީއަށް ބޭނުންވެއްޖެނަމަ، އެފަދަ އެހީ ހޯދައި ލިބިގަތުމަކީ އަސާސީ ޙައްޤެއް ކަމުގައި ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގައި ބަޔާންކުރެއެވެ. އަދި ޖިނާއީ ބޮޑެތި މައްސަލަތަކުގައި، ތުހުމަތުކުރެވޭ މީހާއަކީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހަކު ނަމަ، އޭނާއަށް ދައުލަތުން ޤާނޫނީ ވަކީލަކު ޢައްޔަން ކޮށްދޭން ވާނެކަމުގައިވެސް މި މާއްދާގައި ކަނޑައަޅާފައިވެއެވެ.
18ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހާއަށް ދެވޭ ޤާނޫނީ އިންޒާރުގައި، އޭނާއަކީ ޤާނޫނީ ވަކީލަކު ހަމަޖެއްސޭވަރުގެ މާލީ ތަނަވަސްކަމެއް ނެތް މީހެއް ކަމުގައިވާނަމަ، އަދި އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާނަމަ، ދައުލަތުން ޤާނޫނީ ވަކީލަކު ހަމަޖައްސައިދިނުމަށް އެދުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަން ޤާނޫނީ އިންޒާރުގައި ހިމަނައި އަންގަންވާނެކަން ބަޔާންކުރުމުގެ އިތުރުން، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާއާމެދު ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާނަމަ، އަދި އޭނާއަކީ ޤާނޫނީ ވަކީލެއް ހޯދޭފަދަ މާލީ ތަނަވަސްކަމެއް ނެތް މީހެއްނަމަ، ކަނޑައެޅިފައިވާ އުސޫލުން އޭނާއަށް ދައުލަތުން ޤާނޫނީ ވަކީލަކު ހަމަޖައްސައިދޭންވާނެކަންވެސް ބަޔާންކުރެއެވެ.
19މީގެ އިތުރުން، ޝަރީޢަތުގެ އިބްތިދާއީ އަޑުއެހުމުގައި، ދަޢުވާލިބޭ ފަރާތް އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާ ޙާލަތުގައި، އޭނާ އަމިއްލައަށް ޤާނޫނީ ވަކީލަކު ޢައްޔަންކުރުމުގެ މާލީ ތަނަވަސްކަމެއް އޭނާގެ ކިބައިގައި ނެތްނަމަ، ހަމަޖެހިފައިވާ އުސޫލުން ދައުލަތުގެ ފަރާތުން އޭނާއަށް ވަކީލަކު ޢައްޔަންކޮށްދެވޭނެކަން ފަނޑިޔާރު އެންގުން ލާޒިމުވެއެވެ.
20ޖިނާއީ ބޮޑު މައްސަލައެއްގައި، ދައުލަތުން ދިފާޢީ ވަކީލަކު ހަމަޖެއްސުމަށް އަންގާތާ ބަންދުނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި ވަކީލަކު ހަމަޖައްސަންވާނެ ކަމުގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 152 ވަނަ މާއްދާގައި ބަޔާންކުރެއެވެ.
21ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަން ނެތް މީހުންނަކީ ކޮބައިކަން ކަނޑައަޅައި، ޖިނާއީ ބޮޑު ކުށަކާ ގުޅިގެން ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީއަށް އެދޭ މީހުންނަށް ދައުލަތުން އެ އެހީ ފޯރުކޮށްދޭނެ އުސޫލުތައް ބަޔާންކުރަނީ ގަވާއިދު ނަންބަރު 2021/R-4 (ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު) (މީގެ ފަހުން "ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު") ގައެވެ.
22މި ގަވާއިދުގެ ދަށުން ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ޖިނާއީ ބޮޑު މައްސަލައެއްގައި ތުހުމަތުކުރެވިފައިވުމާއިއެކު، މާލީ ތަނަވަސްކަން ނެތް މީހަކު ކަމުގައި ބަލާނެ މިންގަނޑުން ޝަރުޠު ފުރިހަމަވާ މީހުންނަށާއި، އަދި ކުށެއްގެ ތުހުމަތުގައި ހިފެހެއްޓެނީ ނުވަތަ ހައްޔަރުކުރެވެނީ ކުޑަކުއްޖެނަމަ، އެ ކުއްޖަކަށް ޤާނޫނީ ވަކީލަކު ހަމަޖެއްސެން ނެތް ކުދިންނަށެވެ.
23ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި އެކަމަށް ކަނޑައަޅާފައިވާ ފޯމު މެދުވެރިކޮށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. މިގޮތުން ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ކުށުގެ ތުހުމަތުގައިވާ މީހާއަށް ހުށަހެޅިދާނެއެވެ. ނުވަތަ ކުށުގެ ތުހުމަތުގައިވާ ފަރާތް ވަނީ ހައްޔަރުކޮށްފައިނަމަ ނުވަތަ ބަންދުކޮށްފައިނަމަ އެކަމަށް އެދެންވާނީ ބަންދުކޮށްފައިވާ މަރުކަޒު ހިންގުމާ ޙަވާލުވެ ހުންނަ އިދާރާއިންނެވެ.
24ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމެއް ލިބުމުން، އެ ފަރާތެއްގެ ކިބައިން ދައުލަތުގެ ވަކީލަކަށް އެދުމުގެ އިސްވެ ބަޔާންކުރަނިވި ޝަރުޢު ފުރިހަމަވާކަން ވަޒަންކުރެއެވެ. މީގެ ތެރޭގައި އެ މީހަކީ މާލީ ތަނަވަސްކަމެއް ނެތް މީހެއްތޯ ނުވަތަ ނޫންތޯ ބަލާ މިންގަނޑުގެ ތެރޭގައި، އެ މީހަކަށް އާމްދަނީން މަހަކަށް ޖެހޭ މިންވަރާއި، އެ މީހާ ކުރާ ޚަރަދުތައް ވަޒަންކުރެއެވެ. މިގޮތުން އެ މީހެއްގެ ކައިވެނީގެ ޙާލަތާއި، ދަރިންގެ އުމުރުފުރައާއި، ދިރިއުޅޭ ތަނަށް ދައްކާ ކުއްޔާއި، އަދި ދިރިއުޅުމަށް ކުރާ ޚަރަދުތައް ބަލައެވެ.
25މިފަދައިން ހުށަހެޅުންތައް ވަޒަންކުރުމަށްފަހު، ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދަން އެދޭ ފަރަތަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭނެކަން ނުވަތަ ނޫންކަން ސަބަބާއިއެކު އަންގައެވެ. މި އިޖުރާއަތު ފުރިހަމަކުރުމަށް މި ގަވާއިދުގައި ވަކި މުހުލަތެއް ބަޔާނެއްނުކުރެއެވެ.
26މި ގަވާއިދުގައި ކަމާބެހޭ ކޯޓުތަކުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުގެ ގޮތުގައި ބަޔާންކުރާ އިޖުރާއަތަކީ، ޝަރީޢަތުގެ އަޑުއެހުމެއްގައި ދައުލަތުގެ ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް ކުށެއްގެ ތުހުމަތުގައިވާ މީހަކު ނުވަތަ ކުއްޖަކު އެދިއްޖެނަމަ، އެކަމަށް ކަނޑައަޅާފައިވާ ފޯމު ދިނުމާއި، އެ ފޯމު ފުރުމުން އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން، ނުވަތަ އެ ފޯމު އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އެ ފަރާތަށް އިރުޝާދު ދިނުމާއި، ޝަރީޢަތުގެ އަޑުއެހުމެއްގައި ދައުލަތުން ފޯރުކޮށްދީފައިވާ ޤާނޫނީ ވަކީލަކާ ގުޅޭ ގޮތުން ޝަކުވާއެއް ހުށަހަޅައިފިނަމަ، އެކަން އެޓަރނީ ޖެނެރަލްގެ އޮފީހަށް އެންގުމާއި، ދައުލަތުން އައްޔަންކޮށްފައިވާ ވަކީލެއްގެ ސަބަބުން، އެހީތެރިކަން ފޯރުކޮށްދޭ ފަރާތުގެ ޙައްޤަކަށް އުނިކަމެއް އަތުވެދާނެ ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަން އެޓަރނީ ޖެނެރަލްގެ އޮފީހަށް އެންގުމާއި، މިފަދަ މައްސަލަތަކުގެ އަޑުއެހުން ތާވަލްކުރާއިރު، ވަކީލަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުގެ އިތުރުން، އެޓަރނީ ޖެނެރަލްގެ އޮފީހަށް އަމުރުގެ ކޮޕީއެއް ފޮނުވުމެވެ. ތަޠުތީޤުކުރުން
27މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަށް ޤާނޫނީ ޖަވާބެއް ދިނުމުގެ ކުރިން، މި މައްސަލައިގައި ކަން ހިނގާދިޔަ ގޮތް ބެލުން މުހިންމެވެ.
28██████████ ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާގެ އިބްތިދާއީ އަޑުއެހުމުގައި ██████████ ██████████ ދައުލަތުގެ ވަކީލެއްގެ ފުރުޞަތަކަށް އެދިފައިވާކަން އެނގެއެވެ. ދައުލަތުން ބަޔާންކުރާ ގޮތުން، 28 މާރިޗް 2023ގައި ██████████ ގެ ފަރާތުން އެޓާރނީ ޖެނެރަލްގެ އޮފީހަށް ޤާނޫނީ ވަކީލެއްގެ އެހީއަށް އެދޭ ފޯމު ހުށަހެޅިއެވެ. އޭގެ ފަހުން، ██████████ އަށް ދައުލަތުގެ ފަރާތުން (އަމުރު ލިބޭތާ) 30 ދުވަހުގެ ތެރޭގައި ވަކީލަކު ހަމަޖެއްސުމަށްފަހު ހަމަޖެއްސި ވަކީލުގެ މަޢުލޫމާތު ކޯޓާއި ހިއްސާކުރުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން "ކޯޓު އަމުރު" ނެރެ، އެ އަމުރު އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވެއެވެ.
29██████████ އަކީ ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝަރުޠު ފުރިހަމަވާ މީހެއްތޯ ބެލުމަށް، އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ތަފްޞީލުތައް ފޮނުވުމަށް 19 ސެޕްޓެމްބަރ 2023ގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދުމުން، އެ ލިޔެކިޔުންތައް 31 އޮކްޓބަރޯ 2023ގައި އެޓަރނީ ޖެނެރަލްގެ އޮފީހާއި ހިއްސާކޮށްފައިވާކަމުގައި ދައުލަތުގެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ. އަދި މިކަން 7 ނޮވެމްބަރު 2023ގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި ދައުލަތުން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި ހިއްސާކޮށްފައިވާކަމުގައި ދައުލަތުން އިސްތިއުނާފުގެ މަޖިލިހުގައި ބުނެފައިވެއެވެ. އެއަށް ފަހު، އެޓަރނީ ޖެނެރަލް އޮފީހުގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަކީ، މާރޗް 2023ގައި ހުށަހެޅި ބޭންކް ސްޓޭޓްމަންޓްތަކަށް ބަލައި ވަކީލަކު ހަމަޖެއްސުމަށް ޝަރުޢު ފުރިހަމަވާކަމާމެދު ސުވާލު އުފެދޭތީ، ފަހުގެ ބޭންކް ސްޓޭޓްމަންޓް ހުށަހެޅުމަށް އެންގާފައިވާނޭކަމަށާއި، ނަމަވެސް ފަހުގެ ސްޓޭޓްމަންޓްތައް ލިބިފައިނުވާތީ ވަކީލަކު ހަމަޖެއްސުމާމެދު ގޮތެއް ނިންމާފައިނުވާކަމުގައެވެ. ކޯޓުން އެންގި އެންގުމާ އެއްގޮތަށް އެޓަރނީ ޖެނެރަލް އޮފީހުން ދަޢުވާލިބޭ ފަރާތަށް ދައުލަތުގެ ވަކީލަކު ހަމަޖައްސައިދީފައިނުވާތީ، މައްސަލަ އަލުން ހުށަހެޅުމުގެ ފުރުޞަތު ލިބޭގޮތަށް މައްސަލަ އަނބުރާ ފޮނުވާލުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމީ މި މަޢުލޫމާތު އެ އަޑުއެހުމުގައި ކޯޓާއި ހިއްސާކޮށްފައިވަނިކޮށް ކަމުގައި ދައުލަތުގެ ފަރާތުން ބުނެއެވެ.
30އިސްވެ ބަޔާންކޮށްފައިވާ އިޖުރާއަތުގެ ތެރެއިން، ދައުލަތުގެ ފަރާތުން ދަޢުވާލިބޭ ފަރާތަށް ދައުލަތުގެ ވަކީލަކު ހަމަޖައްސައިދީފައިނުވާކަމަށް ބަލައި، ވަކީލަކު ހަމަޖައްސައި ހުށަހެޅުމުން މައްސަލަ ކުރިއަށްގެންދާ ގޮތަށް މައްސަލަ އަނބުރާ ފޮނުވާލުމުގެ އިޚްތިޔާރު ކޯޓަށް ލިބިދޭތޯ ބެލުމުގައި، ޤާނޫނުއަސސީގ 142 ވަނަ މާއްދާއަށް ރިއާޔަތްކުރީމެވެ.
31HN6ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައިވަނީ ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީ އާއި ޤާނޫނަށްކަމަށާއި، ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެ ކަމުގައެވެ.
32HN2HN3HN4HN5ދައުލަތުގެ ފަރާތުން ދައުލަތުގެ ވަކީލެއް ހަމަޖައްސާފައިނުވާތީ، އެ ސަބަބަށް ބަލައި، މައްސަލަ އަނބުރާ ފޮނުވާލުމުގެ އިޚްތިޔާރު ކޯޓަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނު ނުވަތަ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު ނުވަތަ ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދުގެ ތެރެއިން ކޯޓަށް ލިބިދޭތޯ ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރަމެވެ.
32.1 ޖިނާއީ އިޖުރާއަތުގެ ތެރެއިން، ކޯޓުން، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ދަޢުވާ އަނބުރާ ފޮނުވާލެވޭނެ ޙާލަތްތައް މި ނިންމުމުގެ 14 ވަނަ ނުކުތާގައި ތަފްޞީލުކޮށްފައިވާއިރު، ދައުލަތުން ޤާނޫނީ ވަކީލެއް ހަމަޖައްސައިދީފައިނުވުމުން، އެކަން ހަމަޖައްސައި ހުށަހެޅުމަށް ޝަރުޠުކޮށް މައްސަލަ އަނބުރާ ފޮނުވާލުމުގެ އިޚްތިޔާރު ކޯޓަށް ދީފައިނުވާކަން
32.2 ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 152 ވަނަ މާއްދާގައި، ޖިނާއީ ބޮޑު މައްސަލައެއްގައި، ދައުލަތުން ދިފާއީ ވަކީލަކު ހަމަޖެއްސުމަށް އަންގާތާ ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި ވަކީލަކު ހަމަޖައްސަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، މި މުއްދަތުގެ ތެރޭގައި މިކަން ފުރިހަމަނުވުމުގެ ޤާނޫނީ ނަތީޖާ އެ ނައްސުން ސާފުނުވާއިރު، ފެންނަން އޮންނަ ޙަޤީޤަތަކީ އެއީ ދަޢުވާ އަނބުރާ ފޮނުވާލެވޭނެ ކަމަށް ޤާނޫނުގައިވެސް އަދި ގަވާއިދުގައިވެސް ތަސައްވުރުކުރާ ޙާލަތެއްކަމުގައި ބެލެވެން ނެތްކަން
32.3 ދަޢުވާލިބޭ ފަރާތަށް ދައުލަތުގެ ވަކީލެއް އައްޔަންކުރުމަށް ވަކި މުއްދަތެއް ދީ ކޯޓުން ދައުލަތުގެ އިދާރާއަކަށް އަމުރެއް ކުރާ ޙާލަތުގައި، އެ އަމުރާއި އެއްގޮތަށް ދައުލަތުގެ އިދާރާއަކުން ޢަމަލުކޮށްފައިނުވާނަމަ، އެ އިދާރާ ކޯޓަށް ޙާޟިރުކޮށް ޖަވާބުދާރީކުރުވައި، އެކަމަށް ފިޔަވަޅު އަޅަން ޖެހިއްޖެ ޙާލަތެއްގައި ފިޔަވަޅު އެޅުމަކީ ޤާނޫނު ތަންދޭ ކަމެއްކަމުގައިވީނަމަވެސް، ދައުލަތުގެ އިދާރާއިން ކޯޓުގެ އަމުރުން އަންގާފައިވާގޮތަށް ޢަމަލުކޮށްފައިނުވާ ޙާލަތުގައި، އެ ސަބަބަށް ބިނާކޮށް މައްސަލަ އަނބުރާ ފޮނުވާލުމަށް ޤާނޫނު ތަންނުދޭ ޙާލަތުގައި، އެފަދައިން އެކަން ކުރެވޭނެކަމަށް ނުދެކޭކަން
32.4. ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދަށް ބަލާއިރު، އެ ގަވާއިދުގައި ދައުލަތުގެ ވަކީލަކު ހަމަޖައްސައިދިނުމަށް އެދޭ އެދުމާއި ގުޅިގެން، އެކަން އެޓަރނީ ޖެނެރަލްގެ އޮފީހުން ފުރިހަމަކުރުމަށް ވަކި މުއްދަތެއް ބަޔާންކޮށްފައިނުވާއިރު، ދައުލަތުން ވަކީލަކު ހަމަޖައްސައިދިނުމަށް ކޯޓުން ދޭ މުއްދަތުގައި އެކަން އެފަދައިން ކޮށްފައިވާނުވާނަމަ، އެކަމުގެ ނަތީޖާއަކީ ކޯޓުން ދަޢުވާ އަނބުރާ ފޮނުވާލުން ކަމުގައި މި ގަވާއިދުގައި ބަޔާންކުރާ ސާފު ނައްސެއް ނެތްކަން
32.5. ފަނޑިޔާރުން ޢަމަލުކުރަންޖެހޭނީ ޤާނޫނުއަސާސީ އާއި ޤާނޫނަށްކަމުގައި ބަޔާންކުރާއިރު، ދައުލަތުގެ ފަރާތުން ދައުލަތުގެ ވަކީލެއް ހަމަޖައްސައިދީފައިނުވާތީ، އެއީ ސަބަބެއް ކަމުގައި ބަލައި، މައްސަލަ އަނބުރާ ފޮނުވާލުމަކީ ކޯޓަށް ލިބިގެންވާ އިޚްތިޔާރެއްކަން ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައިވިޔަސް ސާފު ސަރީހަ ނައްސުން ބަޔާންކޮށްފައިނުވާކަން
32.6. ބަހެއް، ނުވަތަ ޢިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާކަމަށްވާނަމަ، އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ، ރަނގަޅުގޮތެއް ނޫން ކަމުގައި ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާއިރު، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުން، ބަހެއް ނުވަތަ ލަފްޒެއް ނުވަތަ ގިނަ ބަސްތަކެއް ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތަކީ، އެއް މާނައަށްވުރެ ގިނަ މާނަ ދޭހަނުވާ ސާދާ ބަހަކަށް، ނުވަތަ ސާދާ ލަފްޒަކަށް، ނުވަތަ ސާދާ ޢިބާރާތަކަށް، ނުވަތަ ސާދާ ޖުމްލައަކަށްވާނަމަ، ޤަބޫލުކުރަންޖެހޭ އުސޫލަކީ، ޤާނޫނުގައި ބަޔާންކޮށްފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން އެކަން ބަޔާންކުރަން ބޭނުންވިގޮތަށްކަމާއި، އަދި އެ ޤާނޫނުން ދޭހަވާ މާނައަކީ، ރައްޔިތުންގެ މަޖިލީހުން ދޭހަކޮށްދޭން ބޭނުންވާ މާނަކަމަށް ބެލުމަކީ ޤާނޫނު މާނަކުރުމުގައި ޤަބޫލުކުރެވޭ އެއް ހަމަކަން
32.7. އެފަދައިން އެކަން އޮތްއިރު، ކޯޓުގެ އިޚްތިޔާރުގެ ތެރެއިން ދަޢުވާ އަނބުރާ ފޮނުވާލާ ޙާލަތްތައް ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ސާފު ސަރީހަ ބަހުން ކަނޑައަޅާފައިވާއިރު، ދައުލަތުގެ ފަރާތުން ވަކީލަކު ހަމަޖައްސާފައިނުވާތީ، އެ ސަބަބަށް ބަލައި، ދަޢުވާ އަނބުރާ ފޮނުވާލުމުގެ އިޚްތިޔާރު ކޯޓުތަކަށް ދީފައިވާނަމަ އެކަން ސާފުކޮށް ޤާނޫނާއި ގަވާއިދުގައި ކަނޑައަޅާނެކަމަށް ބަލަންޖެހޭނެކަމާއި، އެކަން ދަޢުވާ އަނބުރާ ފޮނުވާލެވޭނެ ސަބަބެއްގެ ގޮތުގައި ސާފު ބަހުން ކަނޑައަޅާފައިނުވަނީ އެފަދައިން ކަނޑައަޅަން ރައްޔިތުންގެ މަޖިލިހުން ބޭނުންނުވާތީކަމަށް ބަލަންޖެހޭނެކަން
32.8. މިނޫން ގޮތަކަށް މިއަށް މާނައެއް ދޭނަމަ، ނުވަތަ އެހެން ނައްސަކުން އެއަށް ގިޔާސްކުރާނަމަ، ގިޔާސްކުރި ގޮތެއް، އަދި އެކަމުން ވާސިލުވި ނަތީޖާ ފަނޑިޔާރު ބަޔާންކޮށްދޭންޖެހޭނެކަން
33ބަޔާންކުރަނިވި ކަންކަމުން ފެންނަން އޮތީ، ދައުލަތުގެ ފަރާތުން ދައުލަތުގެ ވަކީލެއް ހަމަޖައްސާފައިނުވާތީ، އެ ސަބަބަށް ބަލައި، މައްސަލަ އަނބުރާ ފޮނުވާލުމަކީ ޤާނޫނުގެ ނައްސަކުން ކޯޓަށް ދީފައިވާ ބާރެއް ނޫންކަމުގައެވެ.
34ވަކީލަކު ހަމަޖައްސައި ހުށަހެޅުމުން މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް އަންގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ އަނބުރާ ފޮނުވާލުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމުމުގައި، ޤާނޫނުގެ އެއްވެސް މާއްދާއަކަށް ޙަވާލާދީފައިނުވާއިރު، އެފަދައިން މާނަކުރަންޖެހޭ ހަރުދަނާ ޤާނޫނީ އަސާސެއް އެ އެންގުމުގައި ބަޔާންކޮށްދީފައެއްނުވެއެވެ. މީގެ އިތުރުން، އެ ނިންމުމަށް ވާސިލުވި ސަބަބުވެސް އެ ނިންމުމުން ސާފެއްނޫނެވެ. މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޝިއްޔާގައި ބަޔާންކުރާ އުޞޫލާއި ޚިލާފަށް ފަނޑިޔާރުގެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމުގައި ދެކެމެވެ.
35އެހެންކަމުން، ދައުލަތުގެ ފަރާތުން ދައުލަތުގެ ވަކީލެއް ހަމަޖައްސާފައިނުވާތީ، އެ ސަބަބަށް ބަލައި، ދަޢުވާ އަނބުރާ ފޮނުވާލުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށާއި، އަދި އެއީ ދަޢުވާ އަނބުރާ ފޮނުވާލުމަށް އިޖުރާއީ ޤާނޫނުން ކޯޓުތަކަށް ދީފައިވާ އިޚްތިޔާރާއި ބާރުގެ ބޭރުން ނިންމާފައިވާ ނިންމުމަށް ކަމުގައި ދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
36ބުނެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ދަޢުވާ އަނބުރާ ފޮނުވާލުމަށް އަންގާފައިވާ އެންގުން ބާޠިލުކުރަންޖެހޭ ކަމުގައި ދެކެމެވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރައުޔު
37ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
38ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q10C/2024/(B1-2,3,4)-09,10,11 (16 ޖަނަވަރީ 2024) "ދަޢުވާ އަނބުރާ ފޮނުވުން ނުވަތަ ދަޢުވާ ބާޠިލުވިކަން އެންގުން" ބާޠިލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ. މިޤަސައްޔާ ބަލައި ޙުކުމް ކުރީ:
ފުޓްނޯޓު
- ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ރިޕޯޓު ނަންބަރު Q10C/2024/(B1-2,3,4)-09,10,11 (16 ޖަނަވަރީ 2024) "ދަޢުވާ އަނބުރާ ފޮނުވުން ނުވަތަ ދަޢުވާ ބާޠިލުވިކަން އެންގުން" ގެ "ދަޢުވާގެ ޚުލާޞާ"
- ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ނަންބަރު: 18/ކިޔު/2717/2017-2018 "ދައުވާ ހުށަހަޅާ ފޯމް"
- ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ރިޕޯޓު ނަންބަރު Q10C/2024/(B1-2,3,4)-09,10,11 (16 ޖަނަވަރީ 2024) "ދަޢުވާ އަނބުރާ ފޮނުވުން ނުވަތަ ދަޢުވާ ބާޠިލުވިކަން އެންގުން" ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރު
- ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ރިޕޯޓު ނަންބަރު Q10C/2024/(B1-2,3,4)-09,10,11 (16 ޖަނަވަރީ 2024) "ދަޢުވާ އަނބުރާ ފޮނުވުން ނުވަތަ ދަޢުވާ ބާޠިލުވިކަން އެންގުން" ގެ 3 ވަނަ ނަންބަރާއި 4 ވަނަ ނަންބަރު
- އިސްތިއުނާފުކުރުމަށް އެދި ދައުލަތުން ހުށަހެޅި ފޯމުގައި ދައުލަތުން އެދިފައިވަނީ އިސްތިއުނާފުކުރެވިފައިވާ އެންގުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައެޅުމާއިއެކު، މި މައްސަލަ ތަހުވީލުކުރުމަށް ކަމުގައި ވީނަމަވެސް، 21 ނޮވެމްބަރު 2024ގައި ބޭއްވުނު އަޑުއެހުމުގައި ދައުލަތުން އެދޭ ގޮތް ބަދަލުކޮށްފައިވެއެވެ.
- މިފަދައިން ދަޢުވާ އަނބުރާ ގެންދާއިރު، ފަހުން އެ ދަޢުވާކުރުމުގެ ޙައްޤު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބޭ ގޮތަށްވެސް ނުވަތަ ނުލިބޭ ގޮތަށްވެސް ދަޢުވާ އަނބުރާ ގެންދެވިދާނެކަމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 92 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެއެވެ.
- މިފަދައިން ޤާނޫނުގެ 93 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރެއެވެ.
- މިފަދައިން ޤާނޫނުގެ 93 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރެއެވެ.
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 44 ވަނަ މާއްދާ
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 51 ވަނަ މާއްދާ
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ 107 ވަނަ މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރު
- ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު") ގަވާއިދުގެ 4 ވަނަ މާއްދާއާއި 11 ވަނަ މާއްދާގެ (ހ)
- ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) އަދި (3)
- ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ)
- ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދުގެ ޖަދުވަލު 1
- ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދުގެ 13 ވަނަ މައްދާގެ (ށ)
- ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދުގެ 20 ވަނަ މާއްދާ
- މިކަން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ރިޕޯޓު ނަންބަރު Q10C/2024/(B1-2,3,4)-09,10,11 (16 ޖަނަވަރީ 2024) "ދަޢުވާ އަނބުރާ ފޮނުވުން ނުވަތަ ދަޢުވާ ބާޠިލުވިކަން އެންގުން" ގެ 1 ވަނަ ނަންބަރުންނާއި، މި ޝަރީޢަތުގެ ދައުލަތުން ދައްކާފައިވާ ވާހަކަތަކުން ސާފުވެއެވެ.
- ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q10C-B1/2023/70 (21 ސެޕްޓެމްބަރ 2023) "ކޯޓު އަމުރު"
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 44، 51، 90، 92، 93 އަދި 107 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 83، 102، 152 އަދި 179 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2021/R-4 (ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު) ގެ 4، 10، 11، 13، 20 ވަނަ މާއްދާ އަދި ޖަދުވަލު 1
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) އަދި 12 ވަނަ މާއްދާގެ (ޅ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން) ޤަޟިއްޔާ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.