ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޙުސައިން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓު 49/P2C/2024
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދަށުކޯޓުން ސާބިތުނުވާކަމަށް ނިންމި ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ދަޢުވާއެއްގެ އިސްތިއުނާފު ހައިކޯޓުގައި އޮތް މީހަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ ބޭނުމަށް "ދަޢުވާ އުފުލިފައިވާ މީހެއް" ހެއްޔެވެ؟ އަދި އޭނާގެ މައްޗަށް އުފުލި ޑައިމޯފިން ބޭނުންކުރުމުގެ ދަޢުވާ ބެލުމުގެ އިޚްތިޞާޞް މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވޭތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ނިންމުން ބާޠިލު؛ ދަޢުވާ ބެލުމުގެ އިޚްތިޞާޞް މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވާތީ ބަލައި ނިންމުމަށް އެންގި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 182 ވަނަ މާއްދާއާއި އެ މާއްދާއިން ކޯޓުތަކުގެ ޤާނޫނަށް ގެނައި ބަދަލުތަކުގެ ނަތީޖާއަކީ، ޑްރަގް ކޯޓަށް އިޚްތިޞާޞް ލިބިދީފައިވާ މައްސަލަތައް ފިޔަވައި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކުރާ ހުރިހާ ކުށެއްގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް މެޖިސްޓްރޭޓް ކޯޓުތަކަށް ލިބިގެންވުމެވެ.
HN2 މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ ދަޢުވާއެއްގައި ބަލަންޖެހޭ އަސާސީ ކަމަކީ ދަޢުވާ ރައްދުވާ މީހާއަކީ 35 ވަނަ މާއްދާގެ ދަށުން ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާ މީހެއްތޯއެވެ؛ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ދަޢުވާ އުފުލިފައިވާ މީހަކީ ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާނެ މީހެއް ނޫނެވެ.
HN3 ޖިނާއީ ދަޢުވާއެއް ނިމި ނިމުމަކަށް އައިތޯ ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ އެއް ކުށަކަށް ދެފަހަރަށް އަދަބު ނުދިނުމުގެ މަފްހޫމުގެ ތެރެއިންނެވެ؛ އެ މަފްހޫމުގެ ތެރޭގައި autrefois acquit، autrefois convict އަދި res judicata ގެ އުޞޫލުތައް ހިމެނެއެވެ.
HN4 ދަށުކޯޓުން ދަޢުވާ ސާބިތުނުވާކަމަށް ޙުކުމްކުރުމުން އެ ދަޢުވާއަށް ކަނޑައެޅިނިޔާގެ ބާރު ނުލިބެއެވެ؛ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ށ) ގައި އިސްތިއުނާފު ހިމެނޭކަމަށް ބަޔާންކުރާތީ، މީހަކު ކުށުން ދޫކޮށްލި މީހެއްކަމަށް ކަނޑައެޅޭނީ އިސްތިއުނާފުގެ މަރުޙަލާ ނިމުމުން ނުވަތަ އިސްތިއުނާފުގެ މުއްދަތު ހަމަވެ ދަށުކޯޓުގެ ޙުކުމް އިސްތިޤްރާރުވުމުންނެވެ؛ އޭގެ ކުރިން އޭނާގެ މައްޗަށް ދިރި ދަޢުވާއެއް އޮންނާނެއެވެ.
HN5 ޤާނޫނެއް މާނަކުރުމުގައި އެ ޤާނޫނު އެކުލަވާލި މަޤްޞަދާއި ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާސިލުވާ ގޮތަށް މާނަކުރުމަށް އިސްކަންދޭންވާނެއެވެ؛ މަޤްޞަދު ހާސިލުނުވާ ގޮތަކަށް މާނަކޮށްގެން ނުވާނެއެވެ؛ އެގޮތަށް މާނަކުރަންވާނީ ޤާނޫނުއަސާސީއާއި ޤާނޫނުގެ ތެރެއިން ބަލައިގެންނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ނިޔާޒު، ޙުސައިން މަޒީދު، ޙަސަން ޝަފީޢު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު
މައްސަލައިގެ ތަޢާރުފު:
1މިއީ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޒިސްޓްރޭޓް ކޯޓުގެ ނަންބަރު 49/P2C/2024 ޤަޟިއްޔާގެ ނިންމުން ނިންމުމުގައި، ޤާނޫނު ނަންބަރު:17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 36 ވަނަ މާއްދާ މާނަ ކޮށްފައިވަނީ ޤާނޫނު ނަންބަރު:4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ، އެނިންމުން އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (މީގެފަހުން "ޕްރޮސިކިއުޝަން" ނުވަތަ "ދައުލަތް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ގއ.ވިލިނގިލި، […] މުޙައްމަދު ޙުސައިން (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މުޙައްމަދު ޙުސައިން")އެވެ. މައްސަލައިގައި ކަންހިގާފައިވާގޮތް:
2މުޙައްމަދު ޙުސައިންގެ މައްޗަށް ޑައިމޯފިން ބޭނުން ކުރުމުގެ ކުށުގެ ތުހުމަތު ކުރެވި، އެކަން ތަޙްޤީޤުކޮށް، ޤާނޫނު ނަންބަރު:17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 114 ވަނަ މާއްދާގެ (ހ) އާއި 136 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، 114 ވަނަ މާއްދާގެ (ށ) ގެ ދަށުން މުޙައްމަދު ޙުސައިންގެ މައްޗަށް ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ގއ.ވިލިނގިލީ ކޯޓުގައި އުފުލިއެވެ.
3މުޙައްމަދު ޙުސައިން ވަނީ މި ދަޢުވާއަށް ޝަރީޢަތުގައި އިޢުތިރާފުވެއެވެ. މުޙައްމަދު ޙުސައިން މި ދަޢުވާއަށް އިޢުތިރާފުވީނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މުޙައްމަދު ޙުސައިންއަށް ރައްދުވާ ގޮތަށް ކުރިއަށްގެންދާ ޖިންސީ ގޯނާކުރުމުގެ އިސްތިއުނާފީ މައްސަލައެއް އޮތުމުން، މުޙައްމަދު ޙުސައިންގެ މައްޗަށް ހުށަހެޅިފައިވާ ޑައިމޯފިން ބޭނުން ކުރުމުގެ މައްސަލައިގެ އިޚްތިޞާޞް ޑްރަގް ކޯޓަށް ނެތްކަމަށް ޕްރޮސިކިއުޝަނުން ބަޔާން ކުރެއެވެ.
4މުޙައްމަދު ޙުސައިންގެ މައްޗަށް އިސްތިއުނާފު ރައްދުކޮށް ހައިކޯޓަށް ހުށަހަޅާފައިވާ ޖިންސީ ގޯނާގެ މައްސަލައަކީ، ދަށު ކޯޓަށް ސާބިތުނުވެ ނިމިފައިވާ މައްސަލައަކަށްވާތީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާން ކުރާ ފަދަ ކުށެއްގެ ދަޢުވާ އުފުލިފައިވާ މީހަކަށް މުޙައްމަދު ޙުސައިން ނުވާނެ ކަމަށް ބުނެ، މުޙައްމަދު ޙުސައިންގެ މައްޗަށް ހުށަހަޅާފައިވާ ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ބެލުމުގެ އިޚްތިޞާޞް ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ނެތްކަމަށް ދަށު ކޯޓުން ކަނޑައަޅައި މައްސަލަ އެކޯޓުން ބޭރުކޮށްލިއެވެ. ޕްރޮސިކިއުޝަނުން އިސްތިއުނާފު ކޮށްފައިވަނީ މިނިންމުމެވެ. ދަށު ކޯޓުގެ ޙުކުމް:
5ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ؛ "ދެންފަހެ، އިސްވެދިޔަ ކަންކަން އެފަދައިން ހުރުމާއެކު ދައުލަތުން ގއ.ވިލިނގިލި/އަޅިވިލާގެ މުޙައްމަދު ޙުސައިން (އައި.ޑީ.ގެ މައްޗަށް ޤާނޫނު ނަންބަރު 17/2011(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެޤާނޫނުގެ 114 ވަނަ މާއްދާގެ (ށ) ދަށުން ކުޅަ ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ މިދަޢުވާ ބެލުމުގެ އިޚްތިޞާޞް މިކޯޓަށް ލިބިގެން ނުވާކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ." އިސްތިއުނާފީ ނުކުތާ:
6ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 49/P2C/2024 ޤަޞިއްޔާ ނިންމާފައިވަނީ ރަގަޅަށް ނޫންކަމަށް ބުނެ، އެ ނިންމުން އިސްތިއުނާފު ކުރުމަށް ޕްރޮސިކުޝަނުން ހުށަހެޅީ 01 (އެކެއް) ނުކުތާ އެވެ. އެނުކުތާއަކީ؛
6.1. ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 49/P2C/2024 ޤަޟިއްޔާގެ ނިންމެވުމުގައި ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 36 ވަނަ މާއްދާ މާނަ ކުރައްވާފައިވަނީ، ޤާނޫނު ނަންބަރު: 4/2011 (މާނަ ކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާއާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ:
7އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްޞީލުގައި ދައުލަތުން ފާހަގަކޮށްފައިވަނީ،ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ ދަޢުވާއެއް އުފުލަންޖެހޭ ވަކި ކޯޓެއް ނުވަތަ މަރުޙަލާއެއް، އެ ޤާނޫނުގެ 35 ވަނަ މާއްދާއާއި 36 ވަނަ މާއްދާގައި ކަނޑައަޅާފައިނުވާ ކަމަށެވެ. އަދި ޤާނޫނުގެ އެހެން އެއްވެސް މާއްދާއެއްގައިވެސް މި ބާވަތުގެ ދަޢުވާއެއް އުފުލަންޖެހޭނީ ވަކި ކޯޓެއްގައި ނުވަތަ ވަކި މަރުޙަލާއެއްގައި ކަމަށް ބަޔާންކޮށްފައި ނުވާކަމަށެވެ. ދަށު ކޯޓުން މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާ މާނަކުރުމުގައި ލިޓްރަލް އިންޓަރޕްރިޓޭޝަން ބޭނުންކޮށްފައިވަނީ އެންމެ އެކަށީގެންވާ ގޮތުގައި ނޫން ކަމަށެވެ. މި ޙާލަތުގައި ޤާނޫނު މާނަކުރަންޖެހޭނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ޤާނޫނު އެކުލަވާލި މަޤްޞަދަށް ނުވަތަ ޤާނޫނުން ޙާޞިލުކުރަން ބޭނުންވާ އަމާޒުތައް ޙާޞިލުވާނެ ގޮތަށެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ އެއް މަޤްޞަދަކީ މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ތާސީރުގައި ކުދިކުދި ކުށްކުރާ މީހުންނަށް ލުއި އުޞޫލަކުން ފަރުވާދީ، މުޖުތަމަޢުގެ ތެރެއަށް އަނބުރާ ގެނައުމަށެވެ. ނަމަވެސް، މި ފުރުޞަތުތައް ދިނުމުގައި ޤާނޫނުން ވަނީ ވަކި ޙާލަތްތަކެއްގައި ތިބޭ މީހުން އިސްތިސްނާކޮށްފައެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ މަޤްޞަދަކީ ވަކި ބާވަތެއްގެ ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ފަރުވާގެ ފުރުޞަތު ނުދީ، އެ ފުރުޞަތުން މަޙްރޫމްކުރުންކަން، އެ މާއްދާގައި ލިސްޓުކޮށްފައިވާ ކުށްތަކުގެ ބާވަތަށް ބެލުމުން އެނގޭ ކަމަށް ދައުލަތުން ބަޔާންކުރިއެވެ. މި މާއްދާގެ ބޭނުމަކީ، ކުށުގެ ތުހުމަތުގައިވާ ފަރާތަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމުގައިވީ ނަމަވެސް، އޭނާގެ މައްޗަށް ތުހުމަތުކޮށް ހުށަހަޅާފައިވާ ކުށުގެ ބާވަތަށް ބަލައި، ޑްރަގް ކޯޓުގެ ފަރުވާގެ ނިޒާމުގެ ފުރުޞަތު އޭނާއަށް ނުދިނުމެވެ. އެހެންކަމުން، މި މާއްދާގެ މަޤްޞަދު ޙާޞިލްވާނީ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއްގެ ދަޢުވާއެއް ޝަރުޢީ އެއްވެސް މަރުޙަލާއެއްގައި އޮތް މީހަކަށް ޑްރަގް ކޯޓު މެދުވެރިކޮށް ފަރުވާގެ ފުރުޞަތު ނުދިނުމުންކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ޑްރަގް ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނުމަކީ މަސްތުވާތަކެތީގެ ފަރުވާއިން މަޙްރޫމްވާންޖެހޭ ސަބަބެއް ނޫންކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 102 ވަނަ މާއްދާގައި، ޙުކުމް ތަންފީދުކުރަމުންދާ ފަރާތްތަކަށް ފަރުވާ ދިނުމުގެ އުޞޫލުތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.
8ދިވެހިބަހުގެ ރަދީފުގައި ބަޔާންކޮށްފައިވާ 'ދަޢުވާ' އަދި 'ދަޢުވާކުރުން' މި ދެ ލަފްޒުގެ ޢާންމު މާނައަށް ދައުލަތުން އަލިއަޅުވާލައިފައިވެއެވެ. މިގޮތުން، ދިވެހި ރަދީފުގައި 'ދައުވާ' މާނަކޮށްފައިވަނީ ތިމާގެ ޙައްޤެއް ލިބިގަތުމަށް ނުވަތަ އިންޞާފު ހޯދުމަށް އެދޭ އެދުމަށެވެ. 'ދައުވާކުރުން' މާނަކޮށްފައިވަނީ މީހެއްގެ ޙައްޤެއް އަނެކާގެ ކިބައިގައި ވާކަމަށް ޙާކިމެއްގެ ކުރިމަތީގައި ބުނެ، އެ ޙައްޤު ލިބިދިނުމަށް އެދި ހުށަހެޅުމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި 'ދައުވާ' މި ލަފްޒު ބޭނުންކޮށްފައިވަނީ ދަށު މަރުޙަލާގެ ކޯޓުތަކުގައި ދައުވާ އުފުލުމާ ގުޅޭގޮތުން ކަމަށް ދައުލަތުން ފާހަގަކުރިއެވެ. މި ޤާނޫނަކީ ދަށު މަރުޙަލާގެ ކޯޓުތަކުގައި ޝަރީޢަތް ކުރިއަށް ގެންދިއުމާ ގުޅޭ އުޞޫލުތައް ބަޔާންކުރާ ޤާނޫނެއްކަމަށެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގައި ދައުވާލިބޭ ފަރާތުގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތްވެސް، އަދި ދައުވާކުރާ ފަރާތުގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތްވެސް ބަޔާންކޮށްފައިވާތީވެ، ދައުލަތުގެ ފަރާތުން މި މައްސަލައިގައި ފާފަގަ ކަނާ ކަމަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ "ދައުވާ އުފުލިފައިވާ މީހުން"ގެ މާނައިގެ ތެރޭގައި، އެ ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާފަދަ ޖިނާއީ ކުށެއްގެ ދައުވާ ޝަރީޢަތުގެ އެއްވެސް މަރުޙަލާއެއްގައި އުފުލިފައިވާނަމަ، އެ މީހަކަށް އެ މާއްދާގައި ބަޔާންކުރާ އިމްތިޔާޒު ނުލިބޭނެ ކަމަށެވެ.
9އިސްތިއުނާފު ރައްދުވާ ފަރާތުން މިނުކުތާގެ ރައްދުގައި ބުނެފައިވަނީ،ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް އަދި ދިވެހިރާއްޖޭގެ ހައިކޯޓަށް ވެސް މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ ކަމަށެވެ. މި މައްސަލަ ބެލުމުގެ އިޙްތިޞާޞް ލިބިގެންވަނީ ޑްރަގް ކޯޓަށް ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
10ޕްރޮސިކިއުޝަނުން މިކޯޓުގައި އެދިފައިވަނީ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 49/P2C/2024 ޤަޟިއްޔާގެ ނިންމެވުމުގައި ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 36 ވަނަ މާއްދާ މާނަކޮށްދެއްވާފައިވަނީ އެ މާއްދާގެ މަޤްޞަދާ ފުށުއަރާ ގޮތަށް ކަމަށް ކަނޑައަޅުއްވައި ދެއްވައި، އެ ނިންމުން ބާޠިލްކޮށް ދެއްވައި، މިމައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންވާކަމަށް ކަނޑައަޅުއްވައިދެއްވައި، މި މައްސަލައަކީ މައުޟޫއީ ގޮތުން ބަލައި އެކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި ދިނުމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް:
11އިސްތިއުނާފު ރައްދުވާފަރާތުން އެދިފައިވަނީ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 49/P2C/2024 ޤަޟިއްޔާގެ ނިންމުން ރަގަޅު ކަމަށް ކަނޑައަޅައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް: ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 36 ވަނަ މާއްދާ:
12މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާން ކުރަނީ ޑްރަގް ކޯޓުގެ އިޚްތިޞާޞް ނުހިނގާނެ މީހުންނަކީ ކޮބާ ކަމެވެ. ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާނެ މީހުންނަކީ ކޮބާކަން ބަޔާން ކޮށްފައިވަނީ މިޤާނޫނުގެ 35 ވަނަ މާއްދާގައެވެ. މިޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާން ކުރަނީ؛ ކޯޓުގެ އިޚްތިޞާޞް 36. އަންނަނިވި ކުށްކުށުގެ ތެރެއިން ކުށެއްގެ ދަޢުވާ އުފުލިފައިވާ މީހުންނާއި، ނުހިނގާނެ މީހުން އެއިން ކުށެއް ސާބިތުވެ، ޙުކުމް ތަންފީޛުކޮށް ނިމިފައިނުވާ މީހުންގެ މައްޗަށް ޑްރަގް ކޯޓުގެ އިޚްތިޞާޞެއް ނުހިނގާނެއެވެ.
(ހ) މީހަކު މެރުމުގެ ކުށް؛
(ށ) ޓެރަރިޒަމްގެ ކުށް؛
(ނ) ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޒިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގައި ކަނޑައަޅާފައިވާ ކުށެއް؛
(ރ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް؛
(ބ) ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށް؛
(ޅ) މި މާއްދާގެ (ހ) އިން ފެށިގެން (ބ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމުގައި ބައިވެރިވުމުގެ ކުށް ނުވަތަ އެއިން ކުށެއް ކުރުމުގައި އެހީތެރިވެދިނުމުގެ ކުށް. މިފަދައިންނެވެ.
11. މަތީގައިވާ މާއްދާއިން ސުވާލު އުފައްދަނީ އެމާއްދާގައި ބަޔާން ކުރެވިފައިވާ ކުށްތަކުގެ ތެރެއިން "ކުށެއްގެ ދަޢުވާ އުފުލިފައިވާ މީހުން" ނަކީ ކޮބާ ތޯއެވެ؟ ދަށު ކޯޓުގެ ނިންމުގައި ބަޔާން ކުރަނީ އެމީހެއްގެ މައްޗަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާން ކުރާ ކުށެއްގެ ދަޢުވާ އުފުލި، ދަށު ކޯޓުން އެދަޢުވާއެއް ސާބިތުނުވާ ކަމަށް ނިންމައިފިނަމަ، އެމީހާގެ މައްޗަށް ދަޢުވާއެއް އުފުލިފައި އޮތްކަމަށް ނުބެލެވޭނެ ކަމަށެވެ.
12. އެހެންކަމުން، އިސްތިއުނާފު ރައްދުވާ މުޙައްމަދު ޙުސައިންގެ މައްޗަށް ޑައިމޯފިން ބޭނުން ކުރުމުގެ ދަޢުވާ ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނުއިރު، "ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ" ދަޢުވާއެއްގެ އިސްތިއުނާފު ހައިކޯޓުގައި އޮތުމަކީ، މުޙައްމަދު ޙުސައިންގެ މައްޗަށް ދަޢުވާއެއް އުފުލިފައި އޮތްކަމަށް ބެލޭނެ ސަބަބެއް ނޫނެވެ. ވީމާ، މުޙައްމަދު ޙުސައިންގެ މައްޗަށް ހުށަހެޅި ޑައިމޯފިން ބޭނުން ކުރުމުގެ ކުށުގެ ދަޢުވާ ބެލުމުގެ އިޚްތިޞާޞް އޮތީ ޑްރަގް ކޯޓަށް ކަމަށެވެ. އެދަޢުވާ ބެލުމުގެ އިޚްތިޞާޞް ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ލިބިގެން ނުވާކަމަށެވެ. މެޖިސްޓްރޭޓް ކޯޓުގެ އިޚްތިޞާޞް:
13HN1މަސްތުވާތަކެތީގެ ޤާނޫނުގެ ބޭނުމަށް މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞް ބަޔާން ކުރަނީ އެޤާނޫނުގެ 182 ވަނަ މާއްދާ ގައެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ޢަމަލު ކުރަންފަށާފައިވަނީ 31 ޑިސެމްބަރު 2011 ގައެވެ. އެހެންކަމުން، މިޤާނޫނުގެ 182 ވަނަ މާއްދާގެ (ހ) އަކީ އެމާއްދާގެ (ށ) ގައި ވާ ގޮތުން އެއަކުރަށް ޢަމަލު ކުރުން ނިމުމަކަށް އައިސްފައިވާ އަކުރެކެވެ. ނަތީޖާއަކީ، ޑްރަގް ކޯޓުން ބެލުމަށް އެކޯޓަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން އިޚްތިޞާޞް ލިބިދީފައިވާ މައްސަލަތައް ފިޔަވައި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކުރާ އެންމެހައި ކުށްކުށާ ގުޅޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް މެޖިސްޓްރޭޓް ކޯޓުތަކަށް ލިބިގެންވުމެވެ. އަދި ދަށު ކޯޓުތަކުގެ ތެރެއިން މަތީ ގިންތީގައި ހިމެނޭ ކްރިމިނަލް ކޯޓެކޭ އެއްފަދައިން، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކުރާ ކުށްކުށުގެ މައްސަލަތައް މެޖިސްޓްރޭޓް ކޯޓުތަކަށް ބެލޭނެއެވެ. މަސްތުވާތަކެއްޗާއިބެހޭ ޤާނޫނުގެ 182 ވަނަ މާއްދާގެ (ބ) އިންވަނީ، މިދެންނެވި ބަދަލުތައް ޝާމިލުވާގޮތަށް ޤާނޫނު ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އިޞްލާޙު ކުރެވިފައެވެ.
14HN2ވީމާ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ ދަޢުވާތަކާއި ގުޅިގެން ބަލަން ޖެހޭ އަސާސީ ކަމަކީ، ދަޢުވާ ރައްދުވާ މީހާ އަކީ ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާ މީހެއްތޯ ނުވަތަ ނޫންތޯ އާއި އެމައްސަލައެއް ބެލުމުގެ އިޚްތިޞާޞް މަސްތުވާތައްޗާބެހޭ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ޑްރަގް ކޯޓުގައި އޮތްތޯއެވެ. މިގޮތުން، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން، އެމީހެއްގެ މައްޗަށް ދަޢުވާ އުފުލާއިރު، އެމީހާގެ މައްޗަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ބަޔާން ކުރާ ކުށްތަކުގެ ތެރެއިން ކުށެއްގެ ދަޢުވާ އުފުލިފައިވާ މީހެއްނަމަ، އެމީހާއަކީ ޑްރާގް ކޯޓުގެ އިޚްތިޞާޞް ހިނގާނެ މީހެއް ނޫނެވެ.
15އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި މިކޯޓުން ޖަވާބު ދޭންޖެހޭ ސުވާލަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ ބޭނުމަށް "ދަޢުވާ އުފުލިފައިވާ" މީހަކީ ކާކު ހެއްޔެވެ؟ އެއީ ހަމައެކަނި ދަށު ކޯޓުގައި އެމީހެއްގެ މައްޗަށް ހިނގަމުންދާ ދަޢުވާއެއް އޮތް މީހެއް ހެއްޔެވެ؟ ނޫނީ ދަށު ކޯޓުން ކުށް ސާބިތު ނުވާކަމަށް ޙުކުމް ކުރުމުން، ނޫނީ ދަށު ކޯޓުން އިޖުރާއީ ކަމެއް މަތިކޮށް، އެދަޢުވާއެއް ކޯޓުން ބޭރުކޮށްލާ ހިސާބުން، އެމީހާގެ މައްޗަށް އުފުލުނު ދަޢުވާ ނިމުމަކަށް އައީ ހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބު ދިނުމަށްޓަކައި ފުރަތަމަވެސް ބަލަންޖެހޭ މާއްދާއަކީ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާ އެވެ. އެމާއްދާއަކީ މިސުވާލުތަކުގެ ޖަވާބު ސީދާ ފެންނަން އޮތް މާއްދާއެވެ. ޤާނޫނުއަސާސީގެ 60 ވަނަ މައްދާ:
16ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގައި ބަޔާން ކުރަނީ އެއްކުށަކަށް ދެފަހަރަށް އަދަބު ނުދިނުމުގެ މަފްހޫގެ ވާހަކައެވެ. އެމާއްދާގައި ބަޔާން ކުރަނީ: އެއް ކުށަކަށް ދެ 60. (ހ) ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ފަހަރަށް އަދަބު ޙަދަބު ނުދިނުން އެއް ކުށަކަށް ދެ 60. (ހ) ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ޙަކުމްކޮށްފިނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެ މީހެއްގެ މައްޗަކަށް ނުއުފުލޭނެއެވެ. އަދި ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެ މީހެއްގެ މައްޗަކަށް ނުއުފުލޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޞޫލުގެ ތެރޭގައި މައްސަލަ އިސްތިއުނާފުކުރުމެއް ނުހިމެނެއެވެ. މިފަދައިންނެވެ.
17HN3ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގައި ބަޔާން ކުރާ، އެއްކުށަކަށް ދެފަހަރަށް އަދަބު ނުދިނުމުގެ މަފްހޫމު ބިނާވަނީ މީހެއްގެ މައްޗަށް އުފުލިފައިވާ ޖިނާއީ ދަޢުވާއެއް ނިމިނިމުމަކުން ސިއްކަޖެހި ބަންދު ވެގެންދާ އުޞޫލު ތަކެއްގެ މައްޗަށެވެ. އެއްކުށަކަށް ދެފަހަރަށް އަދަބު ނުދިނުމުގެ މަފްހޫމް (double jeopardy) ގެ ތެރޭގައި، ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތު ނުވާކަމަށް ކޯޓަކުން ޙުކުމް ކުރުން (autrefois acquit) އާއި ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުވުން (autrefois convict) އާއި ކަނޑައެޅިނިޔާގެ ބާރު އެ ޙުކުމަކަށް ލިބުން (res judicata) ގެ އުޞޫލުތައް ހިމެނިގެން ދެއެވެ.
18HN4ވީމާ، މީހެއްގެ މައްޗަށް އުފުލިފައިވާ ޖިނާއީ ދަޢުވާއެއް ނިމުކަމަށް އައިތޯ ބަލަންޖެހޭނީ، ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގައި ބަޔާން ކުރާ އެއްކުށަކަށް ދެފަހަރަށް އަދަބު ނުދިނުމުގެ މަފްހޫގެ ތެރެއިންނެވެ. މިގޮތުން މީހެއްގެ މައްޗަށް އުފުލާ ދަޢުވާއެއް ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ޙުކުމް ކުރުމަކީ، އެދަޢުވާއަކީ ކަނޑައެޅި ނިޔާގެ ބާރު ލިބި އޭނާ މުޅިން ދޫވެގެން ދާ ޙާލަތެއް ނޫނެވެ. އެދަޢުވާ އޭނާގެ ބޯމަތީގައި އަދިވެސް އޮންނާނެއެވެ. އެކަން އެނގެނީ، ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ށ) ގައި އެއްކުށަކަށް ދެފަހަރަށް އަދަބު ނުދިނުމުގެ އުޞޫލުގެ ތެރޭގައި، މައްސަލަ އިސްތިއުނާފު ކުރުމެއް ނުހިމެނޭކަމަށް ބަޔާން ކުރާތީއެވެ.
19ނަތީޖާއަކީ، ދަށު ކޯޓުގައި އުފުލާ ދަޢުވާއެއް ސާބިތު ނުވެގެން، އޭނާއަކީ އެކުށުގެ ދަޢުވާގައި ޝަރީޢަތްކޮށް ކުށް ސާބިތު ނުވެގެން ކުރިން ދޫކޮށްލި މީހެއް (autrefois acquit) ކަމަށް ކަނޑައެޅޭނީ، އިސްތިއުނާފުގެ މަރުޙަލާ ނިމުމުން ކަމަށް ވުމެވެ. އިސްތިއުނާފުގެ މަރުޙަލާ ނުނިމޭނަމަ، އެމީހާގެ ނިސްބަތުގައި އޭނާގެ މައްޗަށް އުފުލިފައިވާ ދިރިއޮތް ދަޢުވާއެއް އޮންނާނެއެވެ. ދަށު ކޯޓުގެ ޙުކުމަށް ކަނޑައެޅި ނިޔާގެ ބާރު ލިބޭނީ، އިސްތިއުނާފުގެ މަރުޙަލާތައް ނިމުމުން، ނުވަތަ އިސްތިއުނާފު ކުރުމަށް އޮތް މުއްދަތުތައް ފަހަނަ އަޅައި ދާއިރުވެސް އިސްތިއުނާފު ނުކޮށް އޮވެގެން، ދަށު ކޯޓުގެ ޙުކުމް އެގޮތުގައި އިސްތިޤްރާރު ވެއްޖެނަމައެވެ.
20HN5ވީމާ، ޤާނޫނެއް މާނަކުރުމުގައި، އެ ޤާނޫނެއް އެކުލަވާލި މަޤްޞަދަށް، ނުވަތަ އެ ޤާނޫނުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާސިލުވާނެގޮތަށް ޤާނޫނު މާނަކުރުމަށް އިސްކަންދޭންވާނެއެވެ. އަދި އެ ޤާނޫނުގެ މަޤްޞަދުތައް ހާސިލުނުވާނެގޮތަކަށް އެ ޤާނޫނު މާނަކުރެވިގެން ނުވާނެއެވެ. މިގޮތަށް ޤާނޫނު މާނަ ކުރެވޭނީ، އެޤާނޫނުގައި ބަޔާން ކުރާ އުޞޫލީ ކަންކަމުގެ މައްޗަށް ޤާނޫނުއަސާސީ އާއި ޤާނޫނުގެ ތެރެއިން ބަލައިގެން ކަމުގައި ދެކެމެވެ.
ނިންމަން ފެންނަ ގޮތް
21އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 49/P2C/2024 ޤަޟިއްޔާގެ ނިންމުން ބާޠިލުކުރަން ޖެހޭ ކަމަށް ދެކެމެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު
22މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް ތާއިދު ކުރަމެވެ.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
23މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް ތާއިދު ކުރަމެވެ.
ޙުކުމް
ދެންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 46/P2C/2024 ޤަޟިއްޔާގެ ނިންމުން ބާޠިލު ކަމަށް ކަނޑައަޅައި، ގއ.ވިލިނގިލީ އަޅިވިލާގެ މުޙައްމަދު ޙުސައިންގެ މައްޗަށް ޕްރޮސިކިއުޝަނުން އުފުލާފައިވާ ޑައިމޯފިން ބޭނުންކުރުމުގެ ދަޢުވާ ބެލުމުގެ އިޚްތިޞާޞް ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވާތީ، އެ ދަޢުވާ ބަލައި ނިންމުމަށް އަންގައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޝިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)
ފުޓްނޯޓު
- ދރކ ނަންބަރު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 35 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 17/2011 ގެ 36 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 17/2011 ގެ 114 ވަނަ މާއްދާގެ (ހ)، (ށ) އަދި 136 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 17/2011 ގެ 182 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) އާއި (ށ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.