ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-B12/43

ޢަބްދުލް ރަގޫބް ނިސްތާރު ހަލީމް ރަޙްމާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިޚިލާފު ރައުޔެއް
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 20 އޮކްޓޫބަރު 2024ދަށު ކޯޓު: ކްރިމިނަލް ކޯޓު 145-J/MA/2024/1970ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 145-J/MA/2024/1970
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކަސްޓަމްސްއިން ކުށެއްގެ ތުހުމަތުގައި ހިފަހައްޓާ ދޫކޮށްލުމަށްފަހު ފުލުހުން ހައްޔަރުކުރި މީހަކު ޤާނޫނުއަސާސީގެ 48 (ރ) އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 58 (ހ) ގެ ދަށުން 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުމުގެ މުއްދަތު ގުނަން ފަށާނީ ކަސްޓަމްސްއިން ހިފެހެއްޓި ވަގުތުންތޯ ނުވަތަ ފުލުހުން ހައްޔަރުކުރި ވަގުތުންތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ނުސާފު — ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަކީ ކްރިމިނަލް ކޯޓުގެ އަމުރު ޤާއިމްކުރުން؛ ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރައުޔަކީ ބަންދު ޤާނޫނުއަސާސީގެ 48 (ރ) އާ އެއްގޮތް ނޫން؛ ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔާއި ފަހު ނިންމުން ފައިލުގައި ނެތް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކަސްޓަމްސްގެ ޤާނޫނުގެ 91 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްއަށް ބަލައި ފާސްކުރުމާއި ސުވާލުކުރުމާއި ތަޙުޤީޤަށް މީހަކު ހިފެހެއްޓޭނީ ޢާންމު އުޞޫލުން ގިނަވެގެން 24 ގަޑިއިރަށް؛ އިތުރުކުރަންޖެހިއްޖެނަމަ ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރަންވާނެ؛ ހިފެހެއްޓިފައިވާ މީހާގެ ޤާނޫނުއަސާސީގެ ޙައްޤުތައް ކަސްޓަމްސްއިން ރައްކާތެރިކުރަންވާނެއެވެ (88 (ނ)). (ފަނޑިޔާރު ޙުޒައިފާ މުޙައްމަދު)

HN2 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 (ހ) ގެ ދަށުން ޖިނާއީ ކުށަކާ ގުޅިގެން މީހުން ހައްޔަރުކުރުމުގެ ބާރު ލިބިގެންވަނީ ފުލުހުންނަށް؛ ކަސްޓަމްސްގެ ޤާނޫނުން ކަސްޓަމްސް އޮފިސަރުންނަށް ހައްޔަރުކުރުމުގެ ބާރު ދީފައެއް ނުވެއެވެ. (ފަނޑިޔާރު ޙުޒައިފާ މުޙައްމަދު)

HN3 ޤާނޫނުއަސާސީގެ 48 (ރ) އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 58 (ހ) ގައިވާ "ހައްޔަރުކުރުން" މާނަކުރަންވާނީ ޢާންމު މާނައިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މާނައިގައި؛ ވަކި ހަމަތަކާ ނުލައި އެ މާނަ "ހިފެހެއްޓުމާއި" "ހުއްޓުވުމަށް" ފުޅާކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ؛ ހައްޔަރުކުރުމާއެކު ފުރަތަމަ ބަލަންވާނީ ހައްޔަރު ރަނގަޅުތޯ، ދެން ބަންދުކުރަންޖެހޭ ސަބަބެއް އޮތްތޯއެވެ. (ފަނޑިޔާރު ޙުޒައިފާ މުޙައްމަދު)

HN4 ކަސްޓަމްސްއިން ހިފަހައްޓާ 24 ގަޑިއިރު ނުވަނީސް ދޫކޮށްލުމަށްފަހު ތަފާތު ކުށެއްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރާނަމަ، 24 ގަޑިއިރު ގުނަން ފަށާނީ ފުލުހުން ހައްޔަރުކުރި ވަގުތުން؛ ދެ މުއައްސަސާއަކަށް ތަޙުޤީޤުގެ ބާރު ލިބިފައިވާ ހާލަތުގައި ތުހުމަތުކުރެވޭ ފަރާތުގެ ޙައްޤު އެންމެ ފުރިހަމައަށް ކަށަވަރުވާ ގޮތަށް ޢަމަލުކުރަން ޖެހޭނެ ނަމަވެސް، މި މައްސަލައިގައި އިޖުރާއަތު ނަހަމަ ގޮތުގައި ބޭނުންކުރުމެއް (abuse of process) ނުވެއެވެ. (ފަނޑިޔާރު ޙުޒައިފާ މުޙައްމަދު)

HN5 ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރައުޔު: ކަސްޓަމްސްގެ ޤާނޫނަކީ ޖިނާއީ ކުށްތައް އުފައްދާ ޤާނޫނަކަށްވާތީ ކަސްޓަމްސްއިން ކުށެއްގެ ތުހުމަތުގައި ހިފެހެއްޓުމަކީ ހައްޔަރުކުރުމާ އެއް މާނައިގެ ކަމަކަށް ވެދާނެ؛ ކުށެއްގެ ތުހުމަތުގައި ހިފަހައްޓައިގެން ހުއްޓައި ހަމަ އެ ހާދިސާއާ ގުޅިގެން ފުލުހުންނާ ޙަވާލުކުރާ ނުވަތަ ފުލުހުން ހައްޔަރުކުރާ ޙާލަތުގައި 24 ގަޑިއިރު ގުނަން ފަށާނީ ފުރަތަމަ ހިފެހެއްޓި ވަގުތުން؛ އެއް އިދާރާއިން ދޫކޮށް އަނެއް އިދާރާއިން ހިފަހައްޓައިގެން 48 (ރ) ގެ ޙައްޤު ކަނޑާލުމުގެ ދޮރު ހުޅުވިގެން ނުވާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުޒައިފާ މުޙައްމަދު، މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
އެބައޮތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

މައްސަލައިގެ ތަޢާރުފު:

1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2024/1970 (04 ސެޕްޓެންބަރު 2024) ކޯޓު އަމުރު ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލާ ޚިލާފަށްކަމަށްބުނެ، އެ އަމުރު އިސްތިއުނާފުކުރުމަށް އެދި ޢަބްދުލް ރަގޫބް ނިސްތާރު ކަލީލް ރަހުމާން (Abdul Ragob Nisthar Kaleel Rahman) (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބުނެފައި)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށެވެ (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ދައުލަތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ކަމަށް ބުނެފައި). މައްސަލައިގައި ކަންހިގާފައިވާގޮތް:

2ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު)ގެ 24 ވަނަ މާއްދާގެ (ހ)ގެ ދަށުން 10,000 (ދިހަހާސް) އެމެރިކާ ޑޮލަރު ނުވަތަ އެއަދަދަށްވުރެ މަތީ އަދަދަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރު ފައިސާ ރާއްޖެއިން ބޭރުކޮށް އެތެރެކުރާނަމަ، ކަސްޓަމްސްއަށް އަންގަންޖެހޭއިރު، ޤާނޫނާއި ގަވާއިދާ ޚިލާފަށް ކަސްޓަމްސް ޑިކްލެއަރ ނުކޮށް، ގިނަ އަދަދެއްގެ ފައިސާ ކޮންސީލްކޮށްގެން ރާއްޖެއިން ބޭރުކުރަން އުޅެފައިވާތީ، ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު)ގެ 97 ވަނަ މާއްދާގެ (ހ)ގެ ދަށުން، ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ ކުށުގެ ތުހުމަތުގައި 02 ސެޕްޓެންބަރު 2024ގެ 21:53 ގައި އިސްތިއުނާފުކުރާ ފަރާތް "ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ މީހުންނަށް ދެވޭ ޤާނޫނީ އިންޒާރު" ދީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ހިފެހެއްޓިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ ތުހުމަތުގައި 03 ސެޕްޓެންބަރު 2024ގެ 08:05 ގައި އިސްތިއުނާފުކުރާ ފަރާތަށް "ކުށެއްގެ ތުހުމަތު ކުރެވޭ މީހުންނަށް ދެވޭ ޤާނޫނީ އިންޒާރު" މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ދީފައިވެއެވެ.

303 ސެޕްޓެންބަރު 2024ގެ 13:01 ގައި އިސްތިއުނާފުކުރާ ފަރާތް ޖޫރިމަނާކުރިކަން އެންގުމަށްފަހު، ކުށުގެ ތުހުމަތުގައި ހިފެހެއްޓޭ މީހުން ދޫކޮށްލިކަމުގެ ލިޔުމުން އެ ފަރާތް އެ ދުވަހުގެ 13:35ގައި ކަސްޓަމްސްގެ ހެޑް އޮފީހުގައި ހުއްޓާ ކަސްޓަމްސް އިން ދޫކޮށްލާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

4އެއަށްފަހު، މަނީ ލޯންޑްރިންގ ކުށާއި ފައިސާގެ އެކިއެކި ލިޔުންތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ތުހުމަތުގައި އިސްތިއުނާފުކުރާ ފަރާތް ހަމަ އެދުވަހުގެ 13:41 ގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ހުއްޓާ ފުލުހުންގެ ފަރާތުން ހައްޔަރުކޮށްފައިވެއެވެ. އެއަށްފަހު، އިސްތިއުނާފުކުރާ ފަރާތުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދި 03 ސެޕްޓެންބަރު 2024 ގައި ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު 145-J/MA/2024/1970 (04 ސެޕްޓެންބަރު 2024ގެ 13:00) އަމުރުން އިސްތިއުނާފުކުރާ ފަރާތް 05 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މި މައްސަލައިގެ މައުޟޫޢުއާ ގުޅޭ ގޮތުން މި އަމުރުގެ އިތުރު ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަން ތިރީގައި ނަކަލުކުރަމެވެ. "1. މީނާ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކޮށްފައިވަނީ 24 (ސައުވީސް) ގަޑިއިރު ފަހަނަ އަޅައި ދިޔަ ފަހުން ކަމުގައިވާތީ، މީނާގެ ހައްޔަރު އިޖުރާއަތުތައް ރަނގަޅު ނޫންކަމަށް ދިފާޢީ ވަކީލު ފާހަގަކުރެއެވެ. ނަމަވެސް ފުލުހުން ފާހަގަކޮށްފައިވަނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް މީނާ ގެނެވުނު ވަގުތުން ފެށިގެން 24 ގަޑިއިރު ތެރޭގައި ފަނޑިޔާރުގެ ކުރި މައްޗަށް ހާޒިރުކޮށްފައިވާނެކަމަށެވެ.

2. ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު)ގެ 91 ވަނަ މާއްދާ އަށް ބެލުމުން، ޖިނާއީ ތުހުމަތުތަކަށް ނުވާގޮތަށްވެސް މީހަކު ހިފެހެއްޓުމުގެ ބާރު ކަސްޓަމަސްއަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ. މިފަދަ ގޮތަކަށް ބާރު ލިބިފައިވާ އެހެން އިދާރާއަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަންއެވެ. މި މައްސަލައިގައި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި މީނާ ހިފެހެއްޓުމަށްފަހު މީނާގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވުނު ހިސާބުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަން ލިޔެކިޔުންތަކުން އެނގެއެވެ. އެހެންކަމުން، މީނާ ފުލުހުންނާއި ހަވާލު ކުރި ވަގުތުން ފެށިގެން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމާ ދެމެދު 24 ގަޑިއިރު ފާއިތުވެފައި ނުވާކަން ފާހަގަކުރަމެވެ."

5މި ޤަޟިއްޔާއަކީ، ކްރިމިނަލް ކޯޓުގެ އިސްވެ ބަޔާންވެދިޔަ ނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.

އިސްތިއުނާފީ ނުކުތާ

6ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2024/1970 (4 ސެޕްޓެންބަރު 2024) ކޯޓު އަމުރު ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން އެ ނިންމުން އިސްތިއުނާފުކުރުމަށް 1 (އެކެއް) ނުކުތާ ހުށަހަޅައި، އެ ނުކުތާ ތަފްޞީލުކޮށްފައިވެއެވެ. މިގޮތުން އިސްތިއުނާފީ ނުކުތާގެ ގޮތުގައި ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާއެވެ.

6.1. އިސްތިއުނާފުކުރާ ފަރާތް ބަންދުކޮށްފައިވަނީ ޤާނުނާއި އެއްގޮތަށް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ދިވެހިޖުމްހޫރިއްޔާގެ ޤާނުނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އާއި ޤާނުނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނުނު)ގެ 91 ވަނަ މާއްދާއާއި، ޤާނުނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނުނު)8 ގެ 58 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

7މި ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

7.1. އިސްތިއުނާފުކުރާ ފަރާތް ފުރަތަމަ ހިފަހައްޓާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން 2 ސެޕްޓެންބަރު 2024 ގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަމަށާއި، އެ ފަރާތް ހިފަހައްޓާފައިވަނީ ކުށެއްގެ ތުހުމަތުގައިކަން، އެ ފަރާތަށް ދެވުނު "ކުށެއްގެ ތުހުމަތު ކުރެވޭ މީހުންނަށް ދެވޭ ޤާނުނީ އިންޒާރު" އިން އެނގޭކަމާއި މި ލިޔުމުގައި އެ ފަރާތުން ސޮއިކޮށްފައިވާކަމާއި، އޭގެ ފަހުން "ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ މީހުންނަށް ދެވޭ ޤާނުނީ އިންޒާރު" އެ ފަރާތަށް ދީފައިވާކަމާއި، އެ ފަރާތުން މި ލިޔުމުގައި ސޮއިކޮށްފައިވަނީ 2 ސެޕްޓެންބަރު 2024ގެ 21:53 ގައި ކަމުގައި އެ ލިޔުމުގައި ބަޔާންކޮށްފައިވާކަން

7.2. ޖެހިގެން އައި 3 ސެޕްޓެންބަރު 2024ގެ 13:01 ގައި އިސްތިއުނާފުކުރާ ފަރާތް ޖޫރިމަނާކުރިކަން އަންގައި ލިޔުމެއްގައި އެ ފަރާތުން ސޮއިކުރިކަމާއި، މި ލިޔުމުގައި ސޮއިކުރުމަށްފަހު، ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ މީހުން ދޫކޮށްލިކަމުގެ ލިޔުމުގެ ނަމުގައި ތައްޔާރު ކުރެވިފައިވާ ލިޔުމެއްގައި 3 ސެޕްޓެންބަރު 2024ގެ 13:35 ގައި އިސްތިއުނާފުކުރާ ފަރާތް ލައްވާ ސޮއިކުރުވިކަމާއި، މިއިން އެއްވެސް ލިޔުމަކީ އެ ފަރާތަށް ތަރުޖަމާކޮށް ދެވުނު ލިޔެކިޔުންތަކެއް ނޫންކަން 8 މީގެފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނުނު" ކަމަށް ބުނެފައި

7.3. އެ ފަރާތް ދޫކޮށްލިނަމަވެސް، އެ ފަރާތް ހުރީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހިފެހެއްޓިފައިކަމާއި، ހަމަ އެވަގުތު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ އިސްތިއުނާފުކުރާ ފަރާތް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައިކަމަށާއި، އަދި 3 ސެޕްޓެންބަރު 2024ގެ 13:41 ގައި އިސްތިއުނާފުކުރާ ފަރާތް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހައްޔަރަށް ގެނެވުނުކަން

7.4. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އިސްތިއުނާފުކުރާ ފަރާތުން 2 ސެޕްޓެންބަރު 2024ގެ 20:00 ހާއިރު ހިފެހެއްޓިފައިވަނީ ކުށެއްގެ ތުހުމަތުގައިކަން އެނގޭކަމާއި، އަދި އެ ހިސާބުން އެ ފަރާތް މިނިވަންކުރެވިފައިނުވާކަން

7.5. ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަންޖެހޭ އުސޫލުން އިސްތިއުނާފުކުރާ ފަރާތާމެދު ޢަމަލުކުރަންޖެހޭކަމުގައި ދެކޭކަމާއި، އެއީ ހައްޔަރު ކުރެވުނުތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެނައުންކަން

7.6. އިސްތިއުނާފުކުރާ ފަރާތް ފުރަތަމަ ހައްޔަރުކުރެވުނު ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރި މައްޗަށް އެ ފަރާތް ޙާޟިރުކޮށް، ބަންދާމެދު ގޮތެއް ކަނޑައަޅަންޖެހޭކަން ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 91 ވަނަ މާއްދާއިން އެނގޭކަމާއި، އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤު ހިމާޔަތްކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ކުރަންޖެހޭ ކަމެއްކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ހ) އިން އެނގޭކަން

7.7. މީހެއްގެ މިނިވަންކަން ގެއްލޭ ވަގުތުން ފެށިގެން ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުމުގެ ޙައްޤަކީ އެ ފަރާތަށް ލިބިގެންވާ ޙައްޤެއްކަމާއި، އެއްވެސް ޙާލެއްގައި އެއީ އެއް މުއައްސަސާގެ ބަންދެއްގައި ހުރުމަށްފަހު، އަނެއް މުއައްސަސާއަށް އަލުން ބަލުން 24 ގަޑިއިރު ގުނަންޖެހޭ ޙާލަތެއްނޫންކަން

7.8. ކްރިމިނަލް ކޯޓުގެ އަމުރުގައި އިސްތިއުނާފުކުރާ ފަރާތް، ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރީ ކުށެއްގެ ތުހުމަތުގައި ނޫންކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބަޔާންކުރިނަމަވެސް، މިއީ ލިޔެކިޔުންތަކުން ފެންނަން އޮތް ޙަޤީޤަތާއި ޚިލާފު ކަމެއް ކަމާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ލިޔެކިޔުންތަކުން ކަށަވަރުވާ ގޮތުގައި 2 ސެޕްޓެންބަރު 2024 ގެ ރ އިސްތިއުނާފުކުރާ ފަރާތް ހައްޔަރުކުރެވިފައިވަނީ ކުށުގެ ތުހުމަތުގައިކަން އެނގޭކަމާއި، މި ހިސާބުން ފެށިގެން ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 91 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ތަންފީޒުކުރެވެން ފަށާނެކަން އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:

8އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ އިސްތިއުނާފުކުރާ ފަރާތް ފުރަތަމަ ހައްޔަރު ކުރެވުނު ވަގުތުން ފެށިގެން 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށްފައިނުވާތީ، އިސްތިއުނާފުކުރާ ފަރާތުގެ ހައްޔަރު ޤާނޫނާއި ޚިލާފު ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އާއި، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 91 ވަނަ މާއްދާ އާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފުކުރާ ފަރާތަށް ލިބިދެވޭ ހައްގުގެ ދަށުން އެ ފަރާތް ބަންދުން ދޫކުރަންޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބު

9އިސްތިއުނާފީ ނުކުތާގެ ރައްދުގައި ދައުލަތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

9.1. ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 91 ވަނަ މާއްދާއިން މީހަކު "ހިފެހެއްޓުމު"ގެ ބާރު ކަސްޓަމްސްއަށް ލިބިގެންވީނަމަވެސް، އެއްވެސް ޙާލެއްގައި މީހަކު "ހައްޔަރުކުރުމު"ގެ ބާރެއް ކަސްޓަމްސްއަށް ލިބިގެންނުވާކަމާއި، ޖިނާއީ ކުށެއްގެ ތުހުމަތުގައި މީހުން "ހައްޔަރުކުރުމު"ގެ ބާރު ލިބިދެނީ ދިވެހި ފުލުހުންނަށްކަން

9.2. ދިވެހި ފުލުހުންގެ ޚިދުމަތުގެ "ހައްޔަރުކުރެވޭ މީހުންގެ މަޢުލޫމާތު ފޯމް"އަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތް ހައްޔަރުކުރެވިފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ އަތުން ފެނިފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ މަނީ ލޯންޑަރިންގއަށް ޝައްކު ކުރެވޭ ޢަމަލަކުން ހޯދާފައިވާ ފައިސާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމާއި، އިސްތިއުނާފުކުރާ ފަރާތް ހައްޔަރުކުރެވިފައިވަނީ 3 ސެޕްޓެންބަރު 2024ގެ 13:41 ގައި ކަމާއި، އިސްތިއުނާފުކުރާ ފަރާތުގެ ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި 4 ސެޕްޓެންބަރު 2024ގެ 13:00 ގައި ކްރިމިނަލް ކޯޓަށް ޙާޝިރުކުރެވިފައިވާކަން

9.3. ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ

(ހ) ގެ ދަށުން ފުލުހުން އަދާކުރަންޖެހޭ ޒިންމާ މި މައްސަލައިގައި އަދާކޮށްފައިވާކަން

9.4. މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތް ކަސްޓަމްސްއިން ހިފަހައްޓާފައިވަނީ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 91 ވަނަ މާއްދާއާއި، 97 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްއަށް ލިބިގެންވާ ބާރުގެ ދަށުންކަން "ކުށުގެ ތުހުމަތުގައި ހިފެހެއްޓޭ މީހުން ދޫކޮށްލިކަމުގެ ލިޔުން"ގެ ހިފެހެއްޓި ސަބަބަށް ބެލުމުން އެނގޭކަމާއި، އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތް ހިފެހެއްޓި ހިފެހެއްޓުމުގައި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 91 ވަނަ މާއްދާއާ ޚިލާފުކަމެއް ހިނގާފައި އޮތްކަން އެނގެން ނެތްކަން

9.5. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ "ކުށުގެ ތުހުމަތުގައި ހިފެހެއްޓޭ މީހުން ދޫކޮށްލިކަމުގެ ލިޔުން" އަށް ބަލާއިރު، 3 ސެޕްޓެންބަރު 2024ގެ 13:35 ގައި އިސްތިއުނާފުކުރާ ފަރާތް ކަސްޓަމްސްގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވާކަން އެނގޭކަމާއި، އަދި އެ ސަރވިސްގެ "ތަޙްޤީޤުކުރުމަށްޓަކާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ޙަވާލުކުރާ ފޯމް" އަށް ބަލާއިރު، 3 ސެޕްޓެންބަރު 2024ގެ 13:37 ގައި އިސްތިއުނާފުކުރާ ފަރާތާ ފުލުހުން ޙަވާލުވެފައިވާކަން އެނގޭކަން

9.6. 24 ގަޑިއިރަށް ވުރެ އިތުރަށް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އިސްތިއުނާފުކުރާ ފަރާތުން ބަހައްޓާފައިނުވާކަން އެނގޭތީ، ކަސްޓަމްސްއިން އިސްތިއުނާފުކުރާ ފަރާތް އިތުރަށް ހިފަހައްޓައިފައި ބެހެއްޓުމަށްޓަކައި، އިސްތިއުނާފުކުރާ ފަރާތް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރަންޖެހޭ ޤާނޫނީ އަސާސެއް ނެތްކަން

9.7. ޖިނާއީ ކުށެއްގެ ތުހުމަތުގައި އިސްތިއުނާފުކުރާ ފަރާތް ކަސްޓަމުން ހުއްޓުވި ހުއްޓުވުމާއި، ޖިނާއީ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން އިސްތިއުނާފުކުރާ ފަރާތް ހައްޔަރުކުރި ކުރުމާއި، މި ދެ ކަމުގެ ތެރޭގައި ހިނގާދިޔަ ވަގުތުތައް އެއްކޮށްލަންޖެހޭ ޤާނޫނީ އަސާސެއް ނުވިސްނޭކަމާއި، "ހިފެހެއްޓުމާއި" "ހައްޔަރުކުރުމަކީ" މުޅިން ތަފާތުކަމެއްކަން

9.8. މި މައްސަލައިގައި ފުލުހުން އިސްތިއުނާފުކުރާ ފަރާތް ހައްޔަރުކޮށްފައިވަނީ އެ އިދާރާގެ އިޚްތިޞާޞްގެ ތެރެއިން ބެލެވޭ ކުށްތަކެއްގެ ތުހުމަތުގައިކަން އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް:

10އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ އިސްތިއުނާފުކުރާ ފަރާތް ހައްޔަރުކުރި ވަގުތުން ފެށިގެން 24 ގަޑިއިރު ހަމަވުމުގެ ކުރިން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށްފައިވާކަމަށާއި، އިސްތިއުނާފުކުރާ ފަރާތް ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

11މި މައްސަލައިގައި ޝަރީޢަތުން ކަނޑައަޅަންޖެހެނީ އިސްތިއުނާފުކުރާ ފަރާތް ހައްޔަރުކޮށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށްފައިވަނީ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމުގައި އެއްވެސް ޤާނޫނީ އަސާސެއް އޮތްތޯ ނުވަތަ ނޫންތޯއެވެ.

12މިކަން ބެލުމުގައި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުން ކަސްޓަމްސްގެ އޮފިސަރުންނަށް މީހުން ހިފެހެއްޓިދާނެ ޙާލަތްތަކާއި އެކަމުގެ އިޖުރާއަތު އެނގުން މުހިންމެވެ. ހަމައެއާއެކު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން މީހަކު ހައްޔަރުކުރުމާއި، ހައްޔަރުކުރުމަށް އޮންނަ އިޖުރާއަތަކީ ކޮބައިކަން ބެލުމަށްފަހު، އެކަމުގެ ނަތީޖާ ދެނެގަނެވޭނީ، މި މައްސަލައިގައި ހިމެނޭ މައި ޖަދަލުގެ އަލީގައި މި މައްސަލައިގެ ޙަޤީޤަތްތަކަށް ބަޔާންކުރަނިވި އިޖުރާއަތުތައް ތަޠުބީޤުކޮށްގެންނެވެ. ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ ދަށުން މީހަކު ހިފެހެއްޓުން

13HN1ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ ދަށުން މީހުން ހިފެހެއްޓުމުގެ ބާރު ކަސްޓަމްސް އޮފިސަރުންނަށް ލިބިދެވެނީ އެ ޤާނޫނުގެ 91 ވަނަ މާއްދާގެ ދަށުންނެވެ. މީހަކު ރާއްޖެ އައުމުގައި ނުވަތަ ރާއްޖެއިން ބޭރަށް ފުރުމުގައި ނުވަތަ އެނޫންވެސް ބޭނުމަކު ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ އުޅަނދެއްގައި ނުވަތަ ކަސްޓްމަސްގެ ސަރަހައްދެއްގައި ވަނިކޮށް، ޑިއުޓީ ދައްކަންޖެހޭ މުދަލެއް ނުވަތަ ރާއްޖެ އެތެރެކުރުން މަނާ މުދަލެއް ނުވަތަ ރާއްޖެއިން ބޭރުކުރުން މަނާ މުދަލެއް ނުވަތަ ލިޔުމެއް ނުވަތަ މިއިން މުދަލަކާބެހޭ ލިޔުމެއް އެ މީހެއްގެ އަތުގައި ނުވަތަ އެ މީހެއްގެ ހަށިގަނޑުގެ ތެރޭގައި ފޮރުވާފައިވާކަމަށް ކަސްޓަމްސް އޮފިސަރަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތްނަމަ، އަންނަނިވި ބޭނުމަށް އެ މީހަކު ކަސްޓަމްސްއަށް ހިފެހެއްޓިދާނެއެވެ.

1. އެ މީހަކު ބަލައި ފާސްކުރުމަށް

2. އެ މީހަކާ ސުވާލުކުރުމަށް

3. އެ މީހެއްގެ މައްޗަށް ތަޙުޤީޤު ހިންގުމަށް

14އިސްވެ ބަޔާންކުރަނިވި ބޭނުމަށް، އާންމު އުޞޫލެއްގެ ގޮތުން މީހަކު ހިފަހައްޓާފައި ބެހެއްޓޭނީ ގިނަވެގެން 24 (ސައުވީސް) ގަޑިއިރަށެވެ. ރާއްޖެއަށް އަންނަ ނުވަތަ ރާއްޖެއިން ފުރާ މީހެއްގެ އަތުގައި ނުވަތަ ހަށިގަނޑުގެ އެތެރެއަށް ޤާނޫނާއި ގަވާއިދާއި ޚިލާފު އެއްޗެއް ލައިގެން ސިއްރުން އެ އެއްޗެއް ރާއްޖެ އެތެރެކުރަން ނުވަތަ ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ހިފަހައްޓާފައިވާ މީހެއް، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަށް، މީހަކު ހިފަހައްޓަންޖެހޭ މުއްދަތު 24 (ސައުވީސް) ގަޑިއިރަށް ވުރެ އިތުރުކުރަން ޖެހިއްޖެނަމަ، ފަނޑިޔާރެއްގެ ކުރިމައްޗަށް އެ މީހަކު ޙާޟިރުކޮށް، ފަނޑިޔާރު ކަނޑައަޅާ މުއްދަތަކަށް އެ މީހަކު ހިފެހެއްޓުމުގެ އިޚްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

1. ހަށިގަނޑުގެ އެތެރެ ޗެކްކުރުމަށް

2. ހަށިގަނޑުގެ އެތެރެ އެކްސްރޭކުރުމަށް

3. ކަސްޓަމްސްގެ އެހެން ބޭނުމަކަށް

15ކަސްޓަމްސްގެ އަމިއްލަ އިސްނެގުމުގައި ބަލާ މައްސަލަތައް ތަޙުޤީޤުކޮށް، ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ފިޔަވަޅުއެޅުމުގެ ބާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ. ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްޗެއް ރާއްޖެއަށް އެތެރެކުރަން ނުވަތަ ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާ ފަރާތްތަކުގެ މައްސަލަ ކަސްޓަމްސްއިން ތަޙުޤީޤުކޮށް، ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅުމުގެ އިޚްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ. ކަސްޓަމްސްއިން ބަލަމުންދާ މައްސަލަތަކުގައި ހިމެނޭ ފަރާތްތައް ކަސްޓަމްސްއިން ބަލަންޖެހޭ ބެލުންތައް ބަލައި ނިމެންދެން، ހިފެހެއްޓުމުގެ ބާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

16މިގޮތުން ކަސްޓަމްސްއިން މީހަކު ހިފަހައްޓާފައި ހުންނަ ހުރުމުގައި ހިފެހެއްޓޭފަރާތުގެ ޙައްޤުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން، ކަސްޓަމްސްއިން ރައްކާތެރިކޮށް ދޭންވާނެއެވެ. މިކަން ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 88 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރެއެވެ.

17ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ ދަށުން ކަސްޓަމްސް އޮފިސަރުންނަށް މީހުން ހިފެހެއްޓުމުގެ ބާރު ލިބިދީފައިވަނީ ކަސްޓަމްސްގެ ޤާނޫނުގައިވާ ގޮތުގެ މަތިން، އިސްވެ ބަޔާންކުރަނިވި ޙާލަތްތަކާއި، އެ އިޖުރާއަތުގެ ތެރެއިންނެވެ. އަދި މި އެންމެހައި ކަންކަން ތަންފީޒުކުރުމުގައި ހިފެހެއްޓޭ ފަރާތުގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ކަސްޓަމްސްއިން އިސްކަމެއް ދޭންޖެހޭކަމުގައި ދެކެމެވެ. އެހެނީ، މީހަކު ހިފެހެއްޓިފައިވާ ޙާލަތުގައި، އެ މީހަކީ މިނިވަންވެފައިވާ ފަރާތެއް ކަމުގައި ނުބެލެވޭތީއެވެ. މީގެ މާނައަކީ އާންމު އުޞޫލުން މީހުން މިނިވަންކަމާއެކު އެއްތަނުން އަނެއް ތަނަށް ގޮސް، ދަތުރުފަތުރުކުރުމުގެ މިނިވަންކަން އޮންނަ އޮތުމާއި ޚިލާފަށް، ހިފަހައްޓާފައިވާ މީހަކު ބޭނުންވާ ތަނަކަށް ދިޔުމާއި، ނުވަތަ ބޭނުންވާ ތަނަކަށް ފުރުން ހިފެހެއްޓިފައިވާނެތީއެވެ. މި ޙާލަތުގައި، އޭނާއަކީ އޭނާގެ މިނިވަންކަން ހުއްޓުމަކަށް އައިސްފައިވާ ފަރާތެއްގެ ގޮތުގައި ބެލެވޭނެއެވެ.

18އެހެންކަމުން، ކަސްޓަމްސް އޮފިސަރުންނަށް މީހުން ހިފެހެއްޓުމުގެ ބާރު ލިބިދީފައިވަނީ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގައިވާ ގޮތުގެ މަތިން، އިސްވެ ބަޔާންކުރަނިވި ޙާލަތްތަކާއި، އެ އިޖުރާއަތުގެ ތެރެއިންނެވެ.

މީހަކު ހައްޔަރުކުރުން

19ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކާ އެއްގޮތްވާ ގޮތުގެ މަތިން މެނުވީ، އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ހިފައި، ހައްޔަރުކޮށް، ބަންދުކޮށްގެން ނުވާނެ ކަމުގައި ޤާނޫނުއަސާސީގެ 45 ވަނަ މާއްދާގައިވެއެވެ.

20HN2ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގައިވަނީ "އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ޙާލަތުގައި ފިޔަވައި، ޖިނާއީ ކުށަކާ ގުޅިގެން މީހަކު ހައްޔަރުކުރުމުގެ ބާރު ލިބިގެންވަނީ ފުލުހުންނަށެވެ." މިފަދައިންނެވެ. ކަސްޓަމްސްގެ ޤާނޫނުގައި ކަސްޓަމްސް އޮފިސަރުންނަށް މީހުން ހައްޔަރުކުރުމުގެ ބާރު ދީފައެއްނުވެއެވެ. މިކަން ކަށަވަރުވެގެންދަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ކަސްޓަމްސްގެ ޤާނޫނު އެކުއެކީގައި ކިޔުމުން، އެ ބާރު ކަސްޓަމްސް އޮފިސަރުންނަށް ލިބިދޭ ނައްސެއް އެ ޤާނޫނުގައި ނެތަތީއެވެ. އެއާ ޚިލާފަށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މި މާއްދާއަށް ބަލާއިރު، މީހުން ހައްޔަރުކުރުމުގެ ބާރު އެ ޤާނޫނުގެ އިޖުރާއަތުގެ ތެރެއިން ލިބިދެނީ ފުލުހުންނަށެވެ.

21މީހަކު ހައްޔަރުކުރުމަކީ، މީހެއްގެ މިނިވަންކަން ހުއްޓުމަކަށް ގެނެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނީ އިންޒާރު ދިނުމާއެކު، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނައުމަށެވެ.

22މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް، ނުވަތަ އެވަގުތަކު އެއުޅެނީ ކުށެއް ކުރާން ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަލިބިގެން މެނުވީ، އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެން ނުވާނެކަމުގައި ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައިވެއެވެ.

23އެހެންކަމުން، ކޯޓު އަމުރެއްގެ ދަށުން، އަދި ބައެއް ޙާލަތްތަކުގައި ކޯޓު އަމުރަކާ ނުލައިވެސް ފުލުހުންނަށް މީހުން ހައްޔަރުކުރެވޭނެއެވެ. ކޯޓު އަމުރެއްގެ ދަށުން ވިޔަސް، ނުވަތަ ކޯޓު އަމުރަކާ ނުލައި ވިޔަސް، މީހަކު ހައްޔަރުކުރުމާއިއެކު، ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއްވެއެވެ. އެއީ އެ މީހަކަށް ޤާނޫނީ އިންޒާރުދިނުމާއި، އޭނާ ހައްޔަރުކުރެވޭ ކަމާއި، ހައްޔަރުކުރެވޭ ސަބަބު ވަގުތުން އަނގަބަހުން އެންގުމާއި، އަދި ހައްޔަރުކުރެވޭތާ ވީއެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި އަދި ގިނަވެގެން 12 (ބާރަ) ގަޑިއިރުގެ ތެރޭގައި ހައްޔަރުކުރެވޭކަމާއި، ހައްޔަރުކުރެވުނު ސަބަބާއި، އޭނާގެ މައްޗަށް ކުރެވޭ ކުށުގެ މަޢުލޫމާތު ލިޔުމުން ދިނުމެވެ. މި ޙާލަތްތައް ބަޔާންކުރަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (ނ) ގައެވެ. ކޯޓު އަމުރަކާ ނުލައި، މީހުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދެނީ: (1) މީހަކު ކުށެއް ކޮށްފިކަމަށް އެކަށީގެންވާ ހެކި ލިބިފައިވާ ޙާލަތުގައި؛ (2) މީހަކު ކުރަމުންދާ ކުށެއް ހުއްޓުވުމަށްޓަކައި، ނުވަތަ އެވަގުތު އެ ކުށުގެ ޢަމަލު ތަކުރާރުކުރިޔަ ނުދިނުމަށްޓަކައި، ނުވަތަ ހިނގަމުންދިޔަ ޢަމަލުން އެހެން ކުށެއް ކުރިޔަނުދިނުމަށްޓަކައި؛ (3) މީހަކު އެވަގުތު އެއުޅެނީ ކުށެއް ކުރަން ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކި ލިބިފައިވާ ޙާލަތުގައި، އެ ކުށް ކުރިޔަނުދިނުމަށްޓަކައި؛ (4) މީހާގެ ނަމާއި ޢުމުރު ބަޔާންކޮށްދިނުމަށް މި ޤާނޫނުގެ 38 ވަނަ މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޙާލަތުގައި ފުލުހަކު ކުރާ އަމުރަށް އިންކާރުކުރުމުން، އެ މަޢުލޫމާތު ދެނެގަތުމަށްޓަކައި؛ (5) ކޯޓަށް ހާޒިރުވުމުގެ އަމުރެއް ނިސްބަތްވާ މީހަކު އެ އަމުރަށް ތަބާނުވުމުން، އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް ކޯޓުން ކުރާ އަމުރެއް ތަންފީޛުކުރުމަށްޓަކައި؛ (6) ޖިނާއީ ބޮޑު ކުށެއްގެ ހެކި ފޮރުވުމަށް ނުވަތަ ނައްތާލުމަށް މަސައްކަތްކޮށްފާނެކަމަށްޓަކައި؛ (7) ޤާނޫނީގޮތުން ބަންދުގައި ބެހެއްޓޭނެ ޙާލަތެއްގައި ބަންދުގައި ހުރި މީހަކު ފިލައިގެން ދިޔަނުދިނުމަށްޓަކައި؛ (8) ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރުކުރުމަށް ޤާނޫނުން ކަނޑައެޅިގެން ފުލުހުންނަށް ބާރު ލިބިދޭ ޙާލަތުގައި. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގެ (1) ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) ޖިނާއީ އިޖުރާއަތުގެ 43 ވަނަ މާއްދާގެ (ނ)

24HN3ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، މީހަކު ހައްޔަރުކުރުމަށްފަހު، 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންޖެހެއެވެ. މީހަކު ހައްޔަރުކުރުމަށްފަހު، ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ޙާޟިރުކުރުމުން، ފުރަތަމަ ކަނޑައަޅަންޖެހޭ ކަމަކީ، ހައްޔަރުކުރީ ރަނގަޅަށްތޯ ނުވަތަ ނޫންތޯއެވެ. އޭނާ ހައްޔަރުކުރީ ރަނގަޅަށް ކަމުގައިވާނަމަ، ދެން ކަނޑައަޅަންޖެހެނީ އޭނާ ބަންދުކުރަންޖެހޭ ފަދަ ސަބަބެއް އޮތްތޯ ނުވަތަ ނޫންތޯއެވެ.

ތަޠުބީޤުކުރުން

25މި މައްސަލައަކީ، ކަސްޓަމްސް ސަރވިސްގެ ތަޙުޤީޤަށް މީހަކު ހިފަހައްޓާ، އެ މީހާ "ދޫކޮށްލިފަހުން"، ފުލުހުންގެ ޚިދުމަތުގެ ތަޙުޤީޤަށް މީހަކު ހައްޔަރުކުރި މައްސަލައެކެވެ. މި މައްސަލައިގެ ބޭނުމަށް، އުފެދޭ ސުވާލުތަކަކީ، މީހެއްގެ މިނިވަންކަމާއި ގުޅުވާ ބަލާއިރު، ހިފެހެއްޓިފައިވާ މީހަކާއި ހައްޔަރުކޮށްފައިވާ މީހެއްގެ ފަރަގެއްވޭތޯއާއި، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ ދަށުން މީހަކު ހިފެހެއްޓުމަށްފަހު ޢަމަލުކުރަންޖެހޭ އިޖުރާއަތާއި، އާންމު އުޞޫލުން ފުލުހުން މީހަކު ހައްޔަރުކުރުމަށްފަހު ޢަމަލުކުރަންޖެހޭ އިޖުރާއަތުގައި ފަރަގެއްވޭތޯއެވެ. އަދި ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ހ) ތަޠުބީޤުކުރުމުގައި، 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރި މައްޗަށް ހައްޔަރުކުރެވިފައިވާ މީހާ ހާޒިރުކުރުމުގެ ބޭނުމަށް، މި ވަގުތު ގުނަން ފަށާނީ ކަސްޓަމްސްއިން އެ މީހަކު ހިފެހެއްޓި ވަގުތުން ފެށިގެންތޯ، ނުވަތަ ފުލުހުން އެ މީހަކު ހައްޔަރުކުރި ވަގުތުން ފެށިގެންތޯއެވެ. މިފަދައިން ކަނޑައެޅުމުގައި އެ މީހެއްގެ ޙާލަތަށް، އެބަހީ، އެ މީހެއްގެ މިނިވަންކަން ނިމުމަކަށް އައި ވަގުތަށް ބަލަންޖެހޭނެތޯއެވެ.

26ކަސްޓަމްސް ސަރވިސްއިން އިސްތިއުނާފުކުރާ ފަރާތް ހިފަހައްޓާފައިވަނީ އިސްތިއުނާފުކުރާ ފަރާތް ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައިއެވެ. މިއީ ކަސްޓަމްސް ސަރވިސްއިން އިސްތިއުނާފުކުރާ ފަރާތް ހިފެހެއްޓި އިރު ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކުރެވުނު ތުހުމަތެވެ. މިފަދަ ތުހުމަތުތައް ތަހުޤީޤުކުރުމުގެ ބާރު ކަސްޓަމްސް ސަރވިސައަށް އެ ޤާނޫނުގެ 88 ވަނަ މާއްދާއިން ލިބިދެވެއެވެ. އަދި ތަހުޤީޤުކުރުމަށްޓަކައި އެ މީހަކު ހިފެހެއްޓުމުގެ ބާރުވެސް ކަސްޓަމްސް ސަރވިސްއަށް ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 91 ވަނަ މާއްދާގެ ދަށުން ލިބިދެވެއެވެ. މި ޙާލަތުގައި އެ މީހަކު ހިފަހައްޓާފައިވާ މުއްދަތު 24 ގަޑިއިރަށް ވުރެ އިތުރުވާނަމަ، އެ މީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުމަށް ކަސްޓަމްސްއަށް ލާޒިމުކުރެއެވެ.

27އިސްތިއުނާފުކުރާ ފަރާތާ މެދު ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 92 ވަނަ މާއްދާގެ (ށ) އާއި (ރ) އަދި 93 ވަނަ މާއްދާގެ ދަށުން އަމަލުކުރުމުގެ ގޮތުން، އިސްތިއުނާފުކުރާ ފަރާތުގެ އަތުން ފެނިފައިވާ ފައިސާ ހިފަހައްޓާފައިވާކަންވެސް އެނގެއެވެ.

28ކަސްޓަމްސް ސަރވިސްއިން އިސްތިއުނާފުކުރާ ފަރާތް ހިފަހައްޓާފައިވަނީ 2 ސެޕްޓެންބަރު 2024ގެ 21:53ގައި ކަމަށްވާއިރު، އިސްތިއުނާފުކުރާ ފަރާތް ހިފެހެއްޓިތާ 24 ގަޑިއިރު ނުވަނީސް، 3 ސެޕްޓެންބަރު 2024ގެ 13:35 ގައި އިސްތިއުނާފުކުރާ ފަރާތް ދޫކޮށްލާފައިވާކަން އެނގެއެވެ. މިކަމަށް ނަޒަރުކުރާއިރު، ކަސްޓަމްސް ސަރވިސްގެ ފަރާތުން އިސްތިއުނާފުކުރާ ފަރާތް ހިފެހެއްޓި މުއްދަތު އިތުރުކުރުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރަންޖެހޭ ޙާލަތެއް ވުޖޫދެއްނުވެއެވެ.

29ކަސްޓަމްސް އޮފިސަރުންނަށް މީހުން ހައްޔަރުކުރުމުގެ ބާރު ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުން ލިބިދީފައެއްނުވެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު އާންމު އުޞޫލެއްގެ ގޮތުން، ޖިނާއީ ކުށަކާ ގުޅިގެން މީހުން ހައްޔަރުކުރުމުގެ ބާރު ލިބިގެންވަނީ ފުލުހުންނަށެވެ. މިކަން އިސްވެ ބަޔާންކުރެވިއްޖެއެވެ.

30ދެން ބަލަންޖެހެނީ، ފުލުހުން އިސްތިއުނާފުކުރާ ފަރާތް ހައްޔަރުކޮށްފައިވަނީ ކަސްޓަމްސް ސަރވިސްއިން އޭނާ ހިފެހެއްޓި ހިފެހެއްޓުން އިތުރުކުރުމަށް ނުވަތަ ދައްމާލުމުގެ ބޭނުމުގައިތޯއެވެ. މީގެ ޖަވާބު ލިބިދެނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ "ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމް" އިންނެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އިސްތިއުނާފުކުރާ ފަރާތް ގެނެވި، އޭނާ ހައްޔަރުކުރެވިފައިވަނީ މުޅިން ތަފާތު ތުހުމަތެއްގައެވެ. އެއީ ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުންނާއި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ދަށުން ކުރެވުނު ތުހުމަތެއްގައެވެ. މީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ "ތަޙްޤީޤްކުރުމަށްޓަކާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ޙަވާލުކުރާ ފޯމު" ގައި ކަސްޓަމްސް ސަރވިސްއަށް ޤާނޫނީ ގޮތުން ލިބިދީފައިވާ އިޚްތިޞާޞްގެ ތެރެއިން، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކުރެވުނު ތުހުމަތެއްގައި އެ ފަރާތް ޖޫރިމަނާކޮށް، އެ ފަރާތުގެ މައްޗަށް ސިއްރުން ރާއްޖެއިން މުދާ ބޭރުކުރަން އުޅުނުކަމުގެ ތުހުމަތުކުރެވޭތީ އެ މައްސަލަ އެ އިދާރާއިން ތަޙުޤީޤުކުރަމުންދާކަން އެނގެއެވެ. އިސްތިއުނާފުކުރާ ފަރާތުގެ އަތުން ފެނުނު ފައިސާއަކީ މަނީ ލޯންޑަރިންގގެ ޢަމަލަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ޢަމަލަކާ ގުޅުން ހުރި ފައިސާ ކަމަށް ޝައްކުކުރެވޭތީ، އެކަން ފުލުހުންގެ ޚިދުމަތުން ބެލުމަށް ކަސްޓަމްސްއިން އެދިފައިވާކަންވެސް މި ލިޔުމުން އެނގިގެންދެއެވެ.

31ފުލުހުން، އިސްތިއުނާފުކުރާ ފަރާތް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރަކާ ނުލައެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ލާޒިމުކުރަނީ ހައްޔަރުކޮށްފައިވާ މީހެއް ނަމަ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށެވެ. އެފަދައިން އިސްތިއުނާފުކުރާ ފަރާތް ކޯޓަށް ގެންދެވުނުއިރު އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އޮތް ތުހުމަތަކީ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އަދި (ނ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 721 ވަނަ މާއްދާގެ (ހ) ގެ ދަށުން އޮތް ތުހުމަތުތަކެވެ.

32HN4އެހެންކަމުން، ފުލުހުންގެ ފަރާތުން އިސްތިއުނާފުކުރާ ފަރާތް ހައްޔަރުކުރި ބޭނުމާއި، ކަސްޓަމްސް ސަރވިސްގެ ފަރާތުން އިސްތިއުނާފުކުރާ ފަރާތް ހިފެހެއްޓި ބޭނުން މުޅިން ތަފާތެވެ.

33މި މައްސަލައިގައި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ ދަށުން މީހަކު ހިފަހައްޓާފައިވާހިނދު، އެ ހިފެހެއްޓޭ ފަރާތުގެ ޙައްޤުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން، ކަސްޓަމްސް ސަރވިސްއިން ރައްކާތެރިކޮށް ދޭންވާނެ ކަމުގައި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގައި ބަޔާންކުރެއެވެ.

34މި މައްސަލައިގައި 2 ސެޕްޓެންބަރު 2024ގައި ކަސްޓަމްސް ސަރވިސްއިން އިސްތިއުނާފުކުރާ ފަރާތް ހިފެހެއްޓި ވަގުތުން ފެށިގެން، އޭނާގެ މިނިވަންކަން ހިފެހެއްޓިފައިވެއެވެ. އަދި ފުލުހުން މީހަކު ހައްޔަރުކުރުމަށްފަހު ޤާނޫނީ އިންޒާރު ދޭ އުޞޫލުން، ކަސްޓަމްސްއިންވެސް މީހަކު ހިފެހެއްޓުމާއެކު ޤާނޫނީ އިންޒާރުދޭކަން "ކުށެއްގެ ތުހުމަތު ކުރެވޭ މީހުންނަށް ދެވޭ ޤާނޫނީ އިންޒާރު" ފޯމުންނާއި، "ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ މީހުންނަށް ދެވޭ ޤާނޫނީ އިންޒާރު" ފޯމުން އެނގެއެވެ. އަދި މި އުޞޫލުން، އިސްތިއުނާފުކުރާ ފަރާތަށް ޤާނޫނީ އިންޒާރު ދީފައިވެއެވެ.

35މިއީ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ ދަށުން ކަސްޓަމްސް ސަރވިސްއިން ހިފައްހައްޓާ ފަރާތުގެ ޙައްޤުތައް ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައްކާތެރިކޮށްދިނުމުގެ ގޮތުން ފުރިހަމަކުރާ އިޖުރާއަތެއް ކަމުގައި ބެލެވެއެވެ. އެހެނީ، މި ޤާނޫނީ އިންޒާރުގައި ކުށުގެ ތުހުމަތުގައި ހިފަހައްޓާފައިވާކަމާއި، ތުހުމަތުކުރެވިފައިވަނީ ކޮން ޤާނޫނެއްގައި ބަޔާންކުރާ ކޮން ކުށެއްގައިކަމާއި، ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު މަޢުލޫމާތު ނުދީ ހަނުހުރުމުގެ ޙައްޤު ލިބިގެންވާކަމާއި، ސުވާލަށް ޖަވާބު ނުދިނުމަކީ ލިބިގެންވާ ޙައްޤެއްކަމާއި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގެންވާކަމާއި، ތުހުމަތު ކުރެވޭ ކުށުގެ ޒާތުން ދައުލަތުން ޤާނޫނީ ވަކީލެއް ހަމަޖައްސައިދިނުމަށް އެދުމުގެ ޙައްޤު ލިބިގެންވާކަން ޤާނޫނީ އިންޒާރުން އަންގާފައިވާތީއެވެ.

36މި މައްސަލައިގައި ދެން ކަން ވެފައިވާ ގޮތަށް ބަލާއިރު، މި މައްސަލައިގައި ފެންނަން އޮތް ޙަޤީޤަތަކީ، ކަސްޓަމްސްގެ ބެލުމުގެ ދަށުން 03 ސެޕްޓެންބަރު 2024ގެ 13:35 ގައި ދޫކުރުމަށްފަހު، އޭގެ 6 (ހައެއް) މިނިޓް ފަހުން އެ ދުވަހުގެ 13:41 ގައި ފުލުހުން އިސްތިއުނާފުކުރާ ފަރާތާ ޙަވާލުވެ، އޭނާ ހައްޔަރުކޮށްފައިވާކަމެވެ. އެހެންކަމުން، ކަސްޓަމްސުން އޭނާ ދޫކުރިނަމަވެސް، އޭނާގެ މިނިވަންކަން އެއިރުވެސް ވަނީ ގައިދުވެފައެވެ.

37މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނަށް ޙަވާލާދީ، އިސްތިއުނާފުކުރާ ފަރާތުގެ އަތުން ފެނިފައިވާ ފައިސާ ކަސްޓަމްސްއިން ހިފަހައްޓާ، ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށަށް އެ ފައިސާ ގެނެސްފައިވާތީ އެ ޤާނޫނުގެ ދަށުން ތުހުމަތެއް އޮތްކަން ކަސްޓަމްސް ސަރވިސްއިން މި މައްސަލަ ތަޙުޤީޤުކުރިއިރު އެ އިދާރާއަށް އެނގިފައިވާކަން ސާފެވެ. މިފަދަ މައްސަލަތައް ތަޙުޤީޤުކުރުމުގެ އިޚްތިޞާޞް އެ އިދާރާއަށް ނެތް ކަމުގައި ބެލި ނަމަވެސް، ކަސްޓަމްސްގެ ޢާންމު ގަވާއިދުގެ ތެރެއިން ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގުމުގެ ފުރުސަތުވެސް ލިބިދެއެވެ. ކަސްޓަމްސްގެ އޮފިސަރަކު، ކަސްޓަމްސްގެ ޢާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުގައި އެއްވެސް މީހަކު ހިފަހައްޓައިފިނަމަ، ކަސްޓަމްސް ސަރވިސްއިން ފުރިހަމަކުރަންޖެހޭ އިދާރީ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު، 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ފުލުހުންގެ ޚިދުމަތާ އެ މީހަކު ހަވާލުކުރަންވާނެކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވީނަމަވެސް، އިދާރީ ކަންކަން ފުރިހަމަ ކުރުމުގެ ތެރޭގައި ފާޅުވާ މިފަދަ ކަންކަމާ ގުޅިގެން ވީހާވެސް އަވަސްގޮތެއްގައި ކުށުގެ ތުހުމަތުކުރެވޭ ފަރާތުގެ ހައްޤުތައް ހިމާޔަތްކުރެވޭ ފަދައިން ޢަމަލުކުރުމަކީ އިސްކަންދޭންޖެހޭ އެއްކަމެވެ.

38ޖިނާއީ ކުށް ތަޙުޤީޤުކުރުމުގެ ބާރު އެކުއެކީގައި ދެ މުއައްސަސާއަކަށް ލިބިދީފައިވާނަމަ، އެ މައްސަލައިގައި ޝާމިލްވާ ފަރާތުގެ ޙައްޤު އެންމެ ފުންމިނަށް ކަށަވަރުވާ ފަދައަކުން މުއައްސަސާތަކުން ޢަމަލުތައް ބަހައްޓަންޖެހޭނެއެވެ. މި މައްސަލައަށް ބަލާއިރު، ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިނަމަ، ނުވަތަ ކަސްޓަމްސުން އިސްތިއުނާފުކުރާ ފަރާތް ހިފެހެއްޓި ވަގުތުން ފެށިގެންވެސް ދެ މުއައްސަސާ ގުޅިގެން އެކުއެކީގައި މަސައްކަތް ކުރިނަމަވެސް، 2 ސެޕްޓެންބަރު 2024ގެ ރ އިސްތިއުނާފުކުރާ ފަރާތް ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެސް، އެ ފަރާތް ހައްޔަރުކޮށް ވީ އެންމެ އަވަހަށް (24 ގަޑިއިރު ނުވަނީސް) އިސްތިއުނާފުކުރާ ފަރާތް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވުނީހެވެ. އަދި މި އިޖުރާއަތު ފުލުހުންގެ ޚިދުމަތުން ފުރިހަމަކުރާއިރު، ދިވެހިރާއްޖޭގެ ކަސްޓަސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ ކުށުގެ ތުހުމަތުގެ ތަޙުޤީޤު ކަސްޓަމްސަށް ހިންގުނީހެވެ.

39އެހެނަސް، މި މައްސަލައިގައި އަހުރެންގެ ކުރިމަތީގައި އޮތް އިސްތިއުނާފުގެ ބަހުސަކީ، މީހެއްގެ މިނިވަންކަން ހިފެހެއްޓި ހިފެހެއްޓުމާއި، އަދި މިނިވަންކަން ނިގުޅައިގަތުމާއި ގުޅިގެން ކުރެވޭ ބަހުސެއްނޫނެވެ. އަހުރެންގެ ކުރިމަތީގައި އޮތް މި އިސްތިއުނާފުގެ ބަހުސަކީ، ކްރިމިނަލް ކޯޓުގެ އަމުރުން، އިސްތިއުނާފުކުރާ ފަރާތުގެ ހައްޔަރު އިޖުރާއަތު ރަނގަޅު ކަމަށް ކަނޑައަޅާފައިވަނީ ނުވަތަ އެ ފަރާތް ބަންދުކޮށްފައިވަނީ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްތޯ ނުވަތަ ނޫންތޯ ކަމާމެދު އިސްތިއުނާފުކުރާ ފަރާތުން އުފައްދާ ބަހުސެވެ.

40ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގައި ބަޔާންކުރަނީ، މީހަކު ހައްޔަރުކުރެވޭހިނދު، ނުވަތަ ބަންދުކުރެވޭހިނދު، މީހަކާ މެދު ޢަމަލުކުރުމަށް އުފަންވާ ޙައްޤުތަކެވެ. އޭގެ ތެރޭގައި މި ބަހުސްކުރެވެނީ މި މާއްދާގެ (ރ) ގެ ދަށުން، މީހަކު ހައްޔަރުކުރެވުނުތާ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ވާނެކަމަށް އޮންނަ އޮތުމުގެ މައްޗަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ހ) ގައިވަނީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށްޓަކައި، ވީއެންމެ އަވަހަކަށް، އަދި އޭނާ ހައްޔަރުކުރެވޭތާ ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ހާޒިރުކުރަންވާނެ ކަމުގައެވެ.

41މި ދެ ނައްސަށް ބަލާއިރު، ހައްޔަރުކުރުމަކީ އަދި ބަންދުކުރުމަކީ ކޮބައިކަން ބަލަންޖެހެއެވެ. ހައްޔަރުކުރުމަކީ މީހެއްގެ މިނިވަންކަން ހުއްޓުމަކަށް ގެނެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނީ އިންޒާރު ދިނުމާއެކު، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނައުމަށެވެ. ފުލުހުންގެ ހައްޔަރުގައި މީހަކު ހުންނާނީ އޭނާ ފުލުހުންގެ ބަންދަށް ބަދަލުވުމާ ހަމައަށެވެ. ފުލުހުންގެ ހައްޔަރުގައި ހުންނަ މީހާ ފުލުހުންގެ ބަންދަށް ބަދަލުކުރެވޭނީ، އޭނާގެ މައްސަލަ ތަޙްޤީޤުކުރާ ޑިޕާޓްމަންޓްގެ އިސްވެރިއެއް އޭނާ ބަންދަށް ބަދަލުކުރުމަށް ކަނޑައެޅުމުން ނުވަތަ ފަނޑިޔާރަކު އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުންނެވެ.

42ބަންދުކުރުމަކީ، މީހަކު ހައްޔަރުކުރުމަށްފަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ޙާލަތަށެވެ. ބަންދުގެ މުއްދަތުގައި އޭނާ ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަސްޓޯޑިއަލް ޖަލެއްގައެވެ. ބަންދުގައި ހުންނަ ވަގުތު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނީ އިންޒާރުގައި ބަޔާންވެގެންވާ ޙައްޤުތައް ބަންދުގައި ހުންނަ މީހާއަށް ލިބިގެންވެއެވެ.

43ޤާނޫނުއަސާސީގެ 48 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގައިވެސް މީހެއްގެ މިނިވަންކަން ހިފެހެއްޓުމާއި ގުޅުވާލާފައިވަނީ "ހައްޔަރުކުރުން" މި ލަފްޒާއެވެ. މާނަކުރުމުގެ އުޞޫލުގެ ދަށުން، އާންމު މާނައަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކުރުމުގައި، ވަކި ކަމެއް އެ ޤާނޫނުގައި ބަޔާންކުރުމަށް ބޭނުންކޮށްފައިވާ ބަސް ނުވަތަ ޢިބާރާތް ނުވަތަ ޖުމްލައިން ދޭހަވާ ޢާންމު މާނަ، އެގޮތުގައި ދެމެހެއްޓުމަށް އިސްކަންދިނުމާއިއެކު، ޤާނޫނެއް އެކުލަވާލުމުގައި، ވަކި ބަހެއް ނުވަތަ ޢިބާރާތެއް ނުވަތަ ޖުމްލައެއް، ޤާނޫނުގައި ބޭނުންކޮށްގެން، އެބަހުން ނުވަތަ ޢިބާރާތުން ނުވަތަ ޖުމްލައިން ދޭންބޭނުންވަނީ ކޮން މާނައެއްކަން ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށްކަމުގައި ބަލައި، ވަކި ކަމެއް ބަޔާންކުރުމަށް ރައްޔިތުންގެ މަޖިލީހުން ޤާނޫނެއްގައި ބޭނުންކޮށްފައިވާ ބަސް، ނުވަތަ ޢިބާރާތް، ނުވަތަ ޖުމްލަ، އެގޮތުގައި ދެމެހެއްޓުމަށްވުރެ ރަނގަޅުގޮތެއް ނޯންނާނެކަމަށް ބަލަންޖެހެއެވެ. އަދި ހަމައެއާއެކު، ބަހެއް، ނުވަތަ ޢިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާކަމަށްވާނަމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ، ރަނގަޅުގޮތެއް ނޫންކަމަށް ބަލަންޖެހެއެވެ.

44މި ލަފްޒު މާނަކުރުމުގައި، މި ލަފްޒަކީ އޭގެ ޒާތުން އެއްވެސް އޮޅުމެއްނެތް ގޮތަށް މާނަކުރެވިފައިވާ ލަފްޒެއްކަމުން، ޙައްލު ހޯދައިދިނުމުގެ އުޞޫލަށް، ނުވަތަ ޚާއްޞަ މާނަދިނުމުގެ އުޞޫލަށް ރުޖުޢަވާންޖެހޭ ކަމުގައި ނުދެކެމެވެ.

45ޤާނޫނުއަސާސީގެ 48 ވަނަ މާއްދާއަށާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާއަށް ބެލުމުން "ހައްޔަރުކުރުން" އަދި "ބަންދުކުރުން" މި ދެ ލަފްޒު އެބަ އާދެއެވެ. މި ދެ ލަފްޒުވެސް ގުޅެނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާއާއި، އަދި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނައުމާއެވެ. ހައްޔަރުކުރުމުގެ ބޭނުމަށް މީހެއްގެ މިނިވަންކަން ހިފެހެއްޓޭ ހިސާބަކީ އެއީއެވެ. މިނޫން މާނައެއް ހައްޔަރުކުރުމަށް ދީފިނަމަ، އަދި ހައްޔަރުކުރުމަށް ދެވޭ މާނަ، މީހަކު ހުއްޓުވުމަށް ނުވަތަ މީހަކު ހިފެހެއްޓުމަށް ދީ، މި އެންމެހާ ލަފްޒުތައް މަސްހުނިކޮށްފިނަމަ، ޤާނޫނީ ގޮތުން ހައްޔަރުކުރާކުރުމަށް ދެވޭ މާނައާއި އަދި އޭގެ ޤާނޫނީ ނަތީޖާއަކީ ދެކޮޅުނުޖެހޭ ނަތީޖާއެއް ކަމަށް ވުމުގެ އިޙުތިމާލު އެބަ އޮތެވެ.

46ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ހ) އާ ގުޅުވައިގެން އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވާ މި އިސްތިއުނާފަށް ބަލައި، ފުލުހުންގެ ޚިދުމަތުން އިސްތިއުނާފުކުރާ ފަރާތް ހައްޔަރުކުރި 03 ސެޕްޓެންބަރު 2024ގެ 13:41 އިން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އިސްތިއުނާފުކުރާ ފަރާތް ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އިސްތިއުނާފުކުރާ ފަރާތުގެ ހައްޔަރު ރަނގަޅު ކަމަށް ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުން ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ދެކެމެވެ.

47ކްރިމިނަލް ކޯޓުގެ އަމުރުގައި "މި މައްސަލައިގައި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި މީނާ ހިފެހެއްޓުމަށްފަހު މީނާގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވުނު ހިސާބުން ފުލުހުންގެ ބެލުމުގެ ދަށަށް މީނާ ގެންދެވިފައިވާ ކަމަށް ލިޔެކިޔުންތަކުން އެނގެއެވެ" މިފަދައިން ފަނޑިޔާރު ބަޔާންކުރާ ކުރުމަށް އެއްބަހެއްނޫނެވެ. އެއީ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ ދަށުން އިސްތިއުނާފުކުރާ ފަރާތް ހިފެހެއްޓިއިރު، ކުށުގެ ތުހުމަތެއް އޮތަތީއެވެ. އެއީ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ ދަށުން އޭނާގެ މައްޗަށް ކުރެވުނު ތުހުމަތެކެވެ. އެހެނަސް، މި ސަބަބަށް އެކަނި ބަލައި އިސްތިއުނާފުކުރާ ފަރާތުގެ ހައްޔަރު އިޖުރާއަތު ޢައިރު ޤާނޫނީ ވާނެކަމަކަށް ނުދެކެމެވެ.

48އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުގެ ހައްޔަރުގެ އިޖުރާއަތުތައް ރަނގަޅު ކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ކަނޑައަޅާފައިވާނީ ޤަނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ދެކެމެވެ. އަދި މިފަދައިން ދަށު ކޯޓުގެ ފަނޑިޔާރު ޢަމަލުކުރުމުގައި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 91 ވަނަ މައްދާޢާވެސް ޚިލާފެއް އޮތް ކަމަކަށް ނުދެކެމެވެ.

49މި މައްސަލައިގައި ކަސްޓަމްސް ސަރވިސްއިން ވެސް އަދި ފުލުހުންގެ ޚިދުމަތުންވެސް، އެ މުއައްސަސާތަކާ ގުޅޭ ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އިޖުރާއަތާއި ޚިލާފުވެފައިވާ ތަނެއް ފެންނާކަށް ނެތެވެ. މިކަމުގައި ފުލުހުންގެ ޚިދުމަތުގެ ފަރާތުންވެސް އަދި ކަސްޓަމްސް ސަރވިސްގެ ފަރާތުންވެސް އިޖުރާއަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގައި (abuse of process) ނުބެލެވޭނެއެވެ. އެހެނަސް، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މި ދެ މުއައްސަސާއިންވެސް އިޚްތިޔާރު ކޮށްފައިވާ އިޖުރާއަތަކީ މި ޙާލަތަށް އެންމެ އެކަށީގެންވާ އިޖުރާއަތު ކަމުގައި ނުދެކެމެވެ.

ނިންމަން ފެންނަގޮތް

50ބުނެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2024/1970 (04 ސެޕްޓެންބަރު 2024) ކޯޓު އަމުރުން އިސްތިއުނާފުކުރާ ފަރާތް ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށް ކަނޑައެޅި ކަނޑައެޅުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު

51މިމައްސަލައިގައި އުފައްދާ ޤާނޫނީ ސުވާލަކީ، އިންޑިޔާގެ ރައްޔިތެއްކަމަށްވާ ABDUL RAGOB NISTAR KALEEL RAHUMAN (މީގެފަހުން "ކަލީލު ރަހުމާން") ކަސްޓަމްސްގެ ފަރާތުން ހިފެހެއްޓީ ކުށެއްގެ ތުހުމަތުގައި ތޯ އެވެ. އެހެންކަމަށްވާނަމަ، ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ޙާޟިރުކޮށް އޭނާގެ ބަންދާމެދު ގޮތަށް ނިންމުމަށް 24 (ސައްވީސް) ގަޑިއިރުގެ ކުރިން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުމުގައި ވަގުތު ބަލާނީ ކަސްޓަމްސްއިން އޭނާ "ހިފެހެއްޓި" ވަގުތުން ފެށިގެންތޯ ނުވަތަ ފުލުހުން އައިސް އޭނާ "ހައްޔަރު" ކުރި ކަމަށް ބުނެ "ބަންދު" ކުރި ވަގުތުން ފެށިގެންތޯއެވެ؟

52އިސްތިއުނާފުކުރާ ފަރާތުން ބަޔާން ކުރަނީ ކަސްޓަމްސްގެ ފަރާތުން ކަލީލު ރަހުމާން ފުރަތަމަ ހިފެހެއްޓީ ކުށެއްގެ ތުހުމަތުގައި ކަމަށްވާތީ، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކުރާ އިޖުރާއަތު ފުރިހަމަ ކުރުމަށްޓަކައި، 24 (ސައްވީސް) ގަޑިއިރުގެ ކުރިން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުގައި ވަގުތު ބަލަންޖެހޭނީ ކަސްޓަމްސްއިން އޭނާ ހިފެހެއްޓި ވަގުތުން ފެށިގެން ކަމަށެވެ. ކަސްޓަމްސްގެ ޤާނޫނު:

53HN5ޤާނޫނު ނަންބަރު: 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) (މީގެ ފަހުން "ކަސްޓަމްސްގެ ޤާނޫނު" ކަމަށް ބަޔާންކުރާ) އަށް ބަލާއިރު، އެޤާނޫނަކީ ހަމައެކަނި އިދާރީ ޠަބީޢަތުގެ ޤާނޫނެއް ނޫނެވެ. އެޤާނޫނަކީ ޖިނާއީ ކުށް އުފައްދާ އެކުށުގެ އަދަބުތައް ކަނޑައަޅާއި އެޤާނޫނުގައި ބަޔާން ކުރާ ކުށްތަކާއި ގުޅިގެން ތަޙްޤީޤުކޮށް ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ބާރު ކަސްޓަމްސްއަށް ލިބިދޭ ޤާނޫނެވެ. ވީމާ، ކަސްޓަމްސްއަށް މީހަކު ހިފެހެއްޓޭނީ ހަމައެކަނި އިދާރީ ގޮތަކުން ނޫނެވެ. ކުށެއްގެ ތުހުމަތުގައިވެސް މީހަކު ހިފެހެއްޓުމުގެ ބާރު ކަސްޓަމްސްގެ ޤާނޫނުން ކަސްޓަމްސްއަށް ލިބިދީފައިވެއެވެ. އެހެންކަމުން، ބައެއް ޙާލަތްތަކުގައި ކަސްޓަމްސްއިން މީހަކު ހިފައްޓާނީ ފުލުހުންނެކޭ އެއްފަދައިން ކުށެއްގެ ތުހުމަތުގައެވެ.

މިމައްސަލައިގައި ކަންވީ ކިހިނެތް؟

02.54 ސެޕްޓެމްބަރު 2024 ދުވަހުގެ ރ ފުރަން އޮތް ސްރީލަންކަންގެ ފުލައިޓަކުން މާލެއިން ކޮޅުބަށް ދިއުމަށް ކަލީލު ރަހުމާން އެއަރޕޯޓަށް ދިޔައެވެ. ޗެކިންކޮށް ބޯޑިންގައަށް ވަދެ ސެކިއުރިޓީ ޗެކް ކުރުމުގެ ތެރޭގައި، މީނާގެ ޑަފްލް ބޭގް، އޭވިއޭޝަން ސެކިއުރިޓީން ޗެކްކުރިއިރު، ގިނަ ޢަދަދެއްގެ ބޭރުފައިސާ ހުރިކަން ފާހަގަ ވިއެވެ. އެކަން ސެކިއުރިޓީ ކޮމާންޑުން ކަސްޓަމްސްއަށް އެންގިއެވެ. އެކަން އެންގީ، 19:52 ހާއިރުއެވެ.

55އެއާއި ވިދިގެން، 02 ސެޕްޓެމްބަރު 2024 ގެ 21:53 ގައި "ކުށެއްގެ ތުހުމަތު ކުރެވޭ މީހުންނަށް ދެވޭ ޤާނޫނީ އިންޒާރު" މިނަން ކިޔާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ލެޓަރހެޑްގައި ލިޔެފައި އޮތް ލިޔުމެއްގައި ކަލީލު ރަހްމާން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވެއެވެ. އެލިޔުމުގައި "ޤާނޫނީ އިންޒާރު" މިސުރުޚީގައި ބަޔާންކޮށްފައިވާ ފުރަތަމަ ތިންނަންބަރުގައި ބަޔާންކުރަނީ؛ (1) ކުށުގެ ތުހުމަތުގައި ހިފެހެއްޓިފައިވާކަން. (2) ކުށެއްގެ ތުހުމަތުގައި ސުވާލު ކުރުމަށްޓަކައި ކަސްޓަމްސްއަށް ޙާޟިރު ކުރެވިއްޖެކަން. (3) ތުހުމަތުކުރެވެނީ ކޮން ޤާނޫނެއްގައި ބަޔާންކޮށްފައިވާ ކޮން ކުށަކާއި ގުޅިގެންކަން." މިފަދައިންނެވެ. ވީމާ، 02 ސެޕްޓެމްބަރު 2024 ގެ 21:53 ގައި ކަސްޓަމްސްގެ ފަރާތުން ކަލީލު ރަހްމާން "ހިފެހެއްޓީ" ކުށެއްގެ ތުހުމަތުގައި ކަމާމެދު ސުވާލެއް އުފައްދާނެ ތަނެއް ނެތެވެ.

56ކަސްޓަމްސްގެ ފަރާތުން ކަލީލު ރަހްމާން ހިފެއްޓީ ކުށެއްގެ ތުހުމަތުގައިކަމަށް ބާރުދޭ އަނެއް ލިޔުމަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ލެޓަރހެޑްގައި އޮތް "ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ މީހުން ދޫކޮށްލިކަމުގެ ލިޔު.."މެވެ. މިލިޔުމުގައި ބަޔާންކުރާ ގޮތުން ކަލީލު ރަހްމާން ހިފެހެއްޓީ 2 ސެޕްޓެމްބަރ 2024ގެ 21:53 ގައެވެ. އޭނާ ދޫކޮށްލި ތާރީޚާއި ގަޑި ކަމަށް ބަޔާން ކޮށްފައިވަނީ 03 ސެޕްޓެމްބަރ 2024 ގެ 13:35 ގައެވެ. ވީމާ، ކުށެއްގެ ތުހުމަތުގައި ކަލީލު ރަހްމާން ގާތްގަޑަކަށް 15 ގަޑިއިރާއި 42 މިނިޓް ކަސްޓަމްސްއިން ހިފައްޓާފައި ވާކަން އެނގެއެވެ. މިދެލިޔުމުން އެނގޭ ގޮތުގައި ކަސްޓަމްސްއިން ކަލީލު ރަހްމާންގެ މައްޗަށް ތުހުމަތު ކުރަނީ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ ކުށުގެ ތުހުމަތުވެ. ފުލުހުން ހައްޔަރުކުރުން:

57ކަސްޓަމްސްއިން ކަލީލު ރަޙްމާން ހިފެހެއްޓުމަށްފަހު ދޫކޮށްލީތާ 06 މިނިޓް ފަހުން، 13:41 ގައި ފުލުހުން ކަލީލު ރަހްމާން ހައްޔަރުކޮށްފިއެވެ. ހައްޔަރު ކުރީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ތެރެއިންކަން "ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމް" އިން އެނގެއެވެ. އޭގެފަހުން، ފުލުހުން ކަލީލު ރަހްމާން ބަލާފާސްކުރިއެވެ. ފުލުހުން އެކަން ކުރީ ހައްޔަރުކުރިތާ 04 މިނިޓް ފަހުން 13:45 ގައެވެ. ބަލާފާސްކުރީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 5 ވަނަ ފުލޯރ ގައެވެ. އެހެންވެ، އިސްތިއުނާފުކުރާ ފަރާތުން ބަޔާން ކުރަނީ، ފުލުހުން ކަލީލު ރަހްމާން ހައްޔަރު ކުރީ ނޫންކަމަށާއި ކަލީލު ރަހްމާން ކަސްޓަމްސް އިން ފުލުހުންނާއި ޙަވާލުކުރީ ކަމުގައެވެ.

58މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން، ކަލީލު ރަހްމާން ދޫކޮށްލިކަމަށް ބުނެ ލިޔުމެއްގައި ސޮއިކުރުވި ނަމަވެސް، މަތީގައި ބަޔާންކުރި މަޢުލޫމާތު ތަކަށް ބެލުމުން، ހާމަވާ ހަޤީޤަތަކީ ކަލިލު ރަހްމާންހުރީ (03 ސެޕްޓެމްބަރު 2024) "މީހުން ބަލާފާސްކުރިކަމުގެ ލިޔުން" (03 ސެޕްޓެމްބަރު 2024) ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ހިފެހެއްޓިފައިވާ ކަމެވެ. ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 5 ވަނަ ފުލޯރ ގައި ހުއްޓައި ކަމެކެވެ.

59ފުލުހުން ކަލީލު ރަހްމާން ހައްޔަރު ކޮށްފައިވަނީ ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމްމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނާ) އާއި ޤާނޫނު ނަންބަރު: 09/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ދަށުންނެވެ. ކަސްޓަމްސްގެ ޤާނޫނުގެ ދަށުން ކުށެއް ކުރިކަމަށް ކަން ފުލުހުން ތުހުމަތެއް ނުކުރެއެވެ. މިއިން އަންގައިދޭ ކަމަކީ، ކަލީލު ރަހްމާންގެ މައްޗަށް ކަސްޓަމްސް އިންނާއި ފުލުހުންގެ ފަރާތުން ތުހުމަތު ކުރާ ކުށްތަކަކީ ތަފާތު ކުށްތަކެއް ކަމެވެ. 24 (ސައްވީސް) ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުން:

60ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)ގެ ދަށުން ލިބިދޭ ޙައްޤަކީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ މީހާއަށް އޭނާގެ ބަންދަކީ ޤާނޫނީ ހަމަތަކުގެމަތިން ކޮށްފައިވާ ބަންދެއްކަން ނުވަތަ ނޫންކަން 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރަކު ލައްވައި ބެލުމަށް ލިބިދެވޭ ޙައްޤެކެވެ. ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ބަންދު ކުރުމަށްފަހު 24 އިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުނުކޮށް ބެހެއްޓޭނީ ޤާނޫނުގައި ބަޔާންކުރާ ޙާލަތްތަކުގައި އެކަންޏެއެވެ.

61ކުށެއްގެ ތުހުމަތުގައި ވަގުތީ ގޮތުން، މީހެއްގެ މިނިވަންކަން ނިމުމަކަށް ގެނެއުމުގެ ބާރު ޤާނޫނުން އެކިއެކި ތަޙްޤީޤީ އިދާރާތަކަށް ދީފައިވެއެވެ. މިގޮތުން ފުލުހުންނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ކަސްޓަމްސް އާއި އިމިގްރޭޝަންފަދަ އިދާރާތައް ހިމެނެއެވެ. ކުށެއްގެ ތުހުމަތުގައި މީހެއްގެ މިނިވަންކަން ހިފެހެއްޓުމަށްފަހު، މިއިން ކޮންމެ އިދާރާއަކުން 24 ގަޑިއިރުވުމުގެ ކުރިން އެމީހަކު ދޫކުރަމުން އަނެއް އިދާރާއަކުން އެމީހަކު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަމާއްދާގެ (ނ) ގެ (1)، (2)، (3). ހިފަހައްޓަމުން ބަންދު ކުރަމުން ދާން ވެއްޖެނަމަ، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގެ ބާރު ކަނޑާލެވޭނެ ޤާނޫނުގައި ފެންނާންނެތް އެހެން ދޮރެއް އެ ހުޅުވައި ދެވެނީއެވެ. ހުއްޓުވުމާއި ބެލުމުގެ ދަށަށް ގެނައުމާއި ހިފައި ހައްޔަރު ކުރުމާއި ބަންދު ކުރުން އަދި ހިފެހެއްޓުން:

62ޢާންމު އުޞޫލުން ބަލާއިރު، މަތީގައިވާ ކޮންމެ ބަހަކުން ދޭހަކޮށްދޭ އެއްކަމަކީ މީހެއްގެ މިނިވަންކަން ނިމުމަކަށް އަންނަ ކަމެވެ. އެމީހަކު ކުރަންބޭނުންވާ ކަމެއް ނުކުރެވޭނެ ކަމާއި ނޫނީ ދާން ބޭނުންވާ ތަނަކަށް ނުދެވޭނެ ކަމެވެ. ނަމަވެސް ޤާނޫނީ ހަމައަކުން ބަލާއިރު، މިބަސްތަކުން ދޭހަކޮށްދޭ މާނައަކީ ތަފާތު މާނަތަކެކެވެ. ޚާޢްޞަކޮށް "ހައްރުކުރުން" (arrest) އަދި "ބަންދުކުރުން"(custody) މިދެބަހަކީ އެއްމާނައެއް ދޭހަކޮށްދޭ ދެބަހެއް ނޫނެވެ. ކޮންމެ ހައްޔަރު ކުރުމެއްގައި ބަންދުވުން ހިމެނޭނަމަވެސް ކޮންމެ ބަންދުކުރުމަކީ ޤާނޫނީ ގޮތުން ހައްޔަރުކުރުމެއް ކަމުގައި ނުވާނެއެވެ. މިސާލަކަށް، ކުށް ސާބިތުވެގެން ޖަލަށް ޙުކުމް ކުރާ މީހާ ހުންނާނީ ޖަލުގައި ބަންދުކޮށްފައެވެ. އޭނާ އެހުންނަނީ ހައްޔަރުކޮށްފައެކޭ ޤާނޫނީ ހަމައަކުން ނުކިޔޭނެއެވެ.

63މިތަފާތުތައް "ހުއްޓުވުން"، "ބެލުމުގެ ދަށަށް ގެނައުން" "ހައްޔަރުކުރުން" އަދި "ބަންދުކުރުން" މިބަސްތަކަށް ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ދީފައިވާ މާނަކުރުން ތަކުން ސާފުވެއެވެ. ހިފެހެއްޓުން:

64ކަސްޓަމްސްގެ ޤާނޫނުގައި "ހައްޔަރުކުން" އަދި "ބަންދުކުރުން" މިބަސްތައް ބޭނުން ކޮށްފައެއް ނެތެވެ. ނަމަވެސް އެ ޤާނޫނުގެ 91 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، މީހަކު ބަލައި ފާސްކުރުމަށްޓަކައި، ނުވަތަ އެމީހަކާ ސުވާލު ކުރުމަށްޓަކައި ނުވަތަ އެމީހެއްގެ މައްޗަށް ތަޙުޤީޤު ހިންގުމަށްޓަކައި އެމީހަކު ކަސްޓަމްސްއަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 213 ވަނަ މާއްދާގެ (ޑީ). ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 213 ވަނަ މާއްދާގެ (ޒި). ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 213 ވަނަ މާއްދާގެ (ޓީ). ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 213 ވަނަ މާއްދާގެ (ޔު). ހިފެހެއްޓިދާނެ ކަމަށް ބަޔާން ކުރެއެވެ. އެހެން ގޮތަކަށް ބަޔާން ކުރާނަމަ، ކަސްޓަމްސްގެ ޤާނޫނުގެ ދަށުން ކުށް ކަމަށް ބަޔާންކުރާ ޢަމަލެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ މައްޗަށް، ޤަބޫލު ކުރެވޭ އެކަށީގެންވާ ސަބަބެއް އޮވެއްޖެނަމަ، މީހަކު ހިފެހެއްޓުމަށް ކަސްޓަމްސްއަށް ޤާނޫނުން ބާރު ދެއެވެ. ވީމާ، ކަސްޓަމްސްއިން ބައެއް ޙާލަތްތަކުގައި މީހަކު ހިފަހައްޓާނީ ކުށެއްގެ ތުހުމަތުގައެވެ. ވީމާ، ކަސްޓަމްސްގެ ޤާނޫނުގެ ބޭނުމަށް ހިފެހެއްޓުމާއި ހައްޔަރުކުރުން އެއީ އެއްމާނައިގައި ބޭނުންކުރާ ދެބަސްކަމަށް ވެދާނެކަން ސާފުވެއެވެ.

65ކަސްޓަމްސްއިން ކުށެއްގެ ތުހުމަތުގައި ހިފައްޓާ މީހަކު ހިފެހެއްޓޭނީ، އެޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ގިނަވެގެން 24 (ސައުވީސް) ގަޑިއިރަށް ކަމަށް އެމާއްދާގެ (ށ) ގައި ބަޔާން ކުރެއެވެ. އެމީހަކު ހިފަހައްޓަންޖެހޭ މުއްދަތު 24 (ސައްވީސް) ގަޑިއިރަށްވުރެ އިތުރުކުރަންޖެހިއްޖެނަމަ، ފަނޑިޔާރެއްގެ ކުރިމައްޗަށް އެމީހަކު ޙާޟިރު ކުރަންޖެހޭކަން އެމާއްދާގެ (ނ) އިން އެނގެއެވެ.

66މިކަމުން އަންގައިދޭ ކަމަކީ، ކުށެއްގެ ތުހުމަތުގައި ކަސްޓަމްސްއިން މީހަކު ހުއްޓުވައިފިނަމަ، ހައްޔަރުކޮށް ބަންދުކުރެވޭ މީހަކަށް ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އިން ލިބިދޭ ޙައްޤު އެމީހަކަށް ލިބިދެވެންޖެހޭނެ ކަމެވެ. މިކަން ކަސްޓަމްސްގެ ޤާނޫނުގެ 88 ވަނަ މާއްދާގެ (ނ) ގައި ސާފުކޮށް ބަޔާން ކުރޭމެއެވެ. ކަސްޓަމްސް އިން ހިފެހެއްޓުމަށްފަހު 24 ގަޑިއިރު ނުވަނީސް ދޫކޮށްލުން:

67މިމައްސަލައިގައި ޕްރޮސިކިއުޝަނުން ބަޔާން ކުރަނީ، ކަލީލު ރަހްމާން ކަސްޓަމްސްއިން ފުރަތަމަ ހިފެހެއްޓުމަށްފަހު 24 ގަޑިއިރު ނުވަނީސް ދޫކޮށްލައިފައިވާކަމަށެވެ. އަދި ފުލުހުން އޭނާ ހައްޔަރު ކުރީ އޭގެ ފަހުން ކަމަށްވާތީ، ފުލުހުން އޭނާ ހައްޔަރު ކުރި ވަގުތުން ފެށިގެން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރު ކުރުމާ ހަމައަށް އަނެއްކާވެސް 24 ގަޑިއިރު ލިބިގެންދާނެ ކަމަށެވެ. ކުރިން ބަޔާން ކުރިހެން، މިތަރުޖަމާއަކީ ނެގެހެއްޓޭނެ ތަރުޖަމާއެއް ކަން ނުފެނެއެވެ. ސަބަބަކީ، އޭރުން ޤާނޫނުއަސާސީން ބަޔާންކުރާ އަސާސީ ޙައްޤު ތަޢައްސުފީގޮތެއްގައި ނުދީ ހިފެހެއްޓުމަށް ދޮރެއް ހުޅުވާނެތީއެވެ. މިސާލަކަށް މިމައްސަލައިގައި ކަލީލު ރަހްމާން ކުށެއްގެ ތުހުމަތުގައި ކަސްޓަމްސް އިން ހިފެއްޓީ 02 ސެޕްޓެމްބަރު 2024 ގެ 21:53 ގައެވެ. އޭނާ ދޫކޮށްލީކަމަށް ބަޔާން ކުރަނީ 03 ސެޕްޓެމްބަރު 2024 ގެ 13:35 ގައި، ކަސްޓަމްސްގެ ހިފެހެއްޓުމުގެ ދަށުން ބަންދުގައި 15 ގަޑި އިރާއި 42 މިނެޓް ހާއިރު ހުރުމަށްފަހުއެވެ. އޭގެ 06 މިނެޓް ފަހުން، 13:41 ގައި، ފުލުހުން ކަލީލު ރަހްމާން ހައްޔަރު ކުރަނީ ހަމަ އެހާދިޘާ އާއި ގުޅިގެން ކުށެއްގެ ތުހުމަތުގައި ކަސްޓަމްސްގެ ތެރެއިންނެވެ.

68ކަލީލު ރަހްމާނުގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހެޅި ފޯމް އަށް ބަލާއިރު، އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ފުލުހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 03 ސެޕްޓެމްބަރު 2024 ގެ 01:15 ގައެވެ. 03 ސެޕްޓެމްބަރު 2024 ގެ 13:41 ގައި ހައްޔަރު ކުރި މީހެއްގެ ބަންދާމެދު ގޮތެއް ނިންމަން ހަމަ އެދުވަހުގެ 01:15 ގައި ހުށަހެޅިކަމަށް އޮތް އޮތުމަކީ ގޯހެއް ކަމަށް ފެނެއެވެ. ރަނގަޅު ގޮތެއް ކަމަށް ފެންނަނީ 04 ސެޕްޓެމްބަރު 2024 ގެ 01:15 ކަމަށެވެ. މިކަމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުން އިތުރަށް ބާރު ދެއެވެ. ސަބަބަކީ، އެއަމުރު ދޫކޮށްފައިވަނީ 04 ސެޕްޓެމްބަރު 2024 ގައި ކަން އެނގެން އޮތީ މައެވެ.

69އެހެންކަމަށް ވާނަމަ، ކަލީލު ރަހްމާން ފުލުހުންގެ ފަރާތުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޝިރުކޮށްފައިއެވަނީ ފުލުހުން ހައްޔަރު ކުރިކަމަށް ބުނާ ވަގުތުން ފެށިގެން، 23 ގަޑިއިރަށްވުރެ ގިނަ ވަގުތު ފުލުހުންގެ ބަންދުގައި ބެހެއްޓުމަށްފަހުގައެވެ. މުޅި ހާދިޘާއަށް ބަލާއިރު، މިކަމުން ދޭހަކޮށްދޭ ކަމަކީ، މިޙާދިޘާ އާއި ގުޅިގެން، ކުށެއްގެ ތުހުމަތުގައި، ކަސްޓަމްސް އާއި ފުލުހުންގެ ބަންދުގައި ޖުމްލަ 39 ގަޑިއެއްހާއިރު ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޝިރުނުކޮށް ކަލީލު ރަހްމާން ބަހައްޓައިފި ކަމެވެ. މިއީ ޤާނޫނުއަސާސީ އަށާއި ޤާނޫނަށް ދެވޭ ރަނގަޅު ހެޔޮ ތަރުޖަމާއަކަށް ނުވެއެވެ. MF/206273 (03 ސެޕްޓެމްބަރު 2024) ކްރިމިނަލް ކޯޓުގެ ނަންބަރު:145-J/MA/2024 (04 ސެޕްޓެމްބަރު 2024). މިއަމުރުގައި ބަންދުގެ މުއްދަތު ފެށޭ ގަޑިކަމަށް ބަޔާން ކުރަނީ 13:00 އެވެ. އަދި އަމުރު ނެރުނު ކަމަށް ބަޔާންކުރަނީވެސް އެގަޑިއެވެ. ނަމަވެސް އަމުރެއް އެދި ފުލުހުން ކޯޓަށް ހުށަހެޅި ކަމަށް ބަޔާން ކުރަނީ 13:15 ގައިކަން ޙަވާލާދޭ ފޯމުން އެނގެއެވެ. ވީމާ، އަމުރަށް އެދި ހުށަހެޅުމުގެ ކުރިން އަމުރު ދޫކުރިކަން ނުވަތަ ބަންދުގެ މުއްދަތު ފެށޭކަން އެނގެން އޮތް އޮތުމަކީ ރަސްމީ ލިޔެކިޔުންތަކާމެދު ސުވާލު އުފެދޭނެ ކަންކަމެވެ.

70މިމައްސަލައިގައި، ކަސްޓަމްސްއިން ކަލީލު ރަހްމާން ދޫކޮށްލިކަމަށް ބުނިނަމަވެސް ކަންހިނގާފައިވާގޮތަށް ބަލާއިރު، ކުރިން ބަޔާން ކުރިހެން، ކަސްޓަމްސްއިން ކޮށްގެން އުޅޭ ކަމަކީ ކަލީލު ރަހްމާން ފުލުހުންނާއި ޙަވާލު ކުރުމެވެ. ކަސްޓަމްސްއިން ހިފެހެއްޓުމަށްފަހު އޭނާ ދޫކޮށްލުމުން، އަލުން ފުލުން އޭނާ ހައްޔަރު ކުރީ ނޫން ކަމެވެ. ލިޔެކިޔުންތަކުން އެގޮތަށް ދެއްކުމަށް މަސައްކަތް ކުރިނަމަވެސް، ކަލީލު ރަހްމާން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިކަން އެނގެން އޮތީ އޭނާ ކަސްޓަމްސްގެ ސަރަޙައްދުގައި ކަސްޓަމްސްގެ ކޮންޓްރޯލްގެ ތެރޭގައި ހުއްޓައިކަން އެނގެން އޮވެއެވެ. ވީމާ، ކަސްޓަމްސްގެ ޤާނޫނުގެ 87 ވަނަމާއްދާގައި ބަޔާން ކުރާ ގޮތަށް ކަސްޓަމްސްގެ ފަރާތުން ކަލީލު ރަހްމާން ފުލުންނާއި ޙަވާލުކުރީ ކަމަށް ބުރަވެވެން އޮވެއެވެ.

ނިންމުން

71ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، އަހުރެންނަށް ބުރަވެވެނީ، ކުށެއްގެ ތުހުމަތުގައި ކަސްޓަމްސްގެ ފަރާތުން މީހަކު ހިފަހައްޓާފައި ވަނިކޮށް ހަމަ އެޙާދިޘާއާއި ގުޅުވައި އޭނާ ފުލުހުންނާއި ޙަވާލު ކުރާ ޙާލަތުގައި ނޫނީ ކަސްޓަމްސްއިން މީހަކު ހިފަހައްޓާފައި ކަސްޓަމްސްގެ ބެލުމުގެ ދަށުން ނުވީއްލި ހުއްޓައި ފުލުހުން އެމީހަކު ހައްޔަރު ކުރާ ޙާލަތުގައި، އޭނާގެ ހައްޔަރާއި ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރު ކުރުމުގައި ވަގުތު ބަލަންޖެހޭނީ ކުށެއްގެ ތުހުމަތުގައި ފުރަތަމަ އޭނާ ހިފަހައްޓާ ވަގުތުން ފެށިގެން ކަމަށެވެ. މިމައްސަލައިގައި ނަމަ، އެއީ 02 ސެޕްޓެމްބަރު 2024 ގެ 21:53 އިން ފެށިގެން ކަމެވެ.

72މިމައްސަލައިގައި، ކަލީލު ރަހްމާން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރީ ކުށެއްގެ ތުހުމަތުގައި އޭނާ ފުރަތަމަ ހިފެހެއްޓިތާ 39 ގަޑިއިރަށްވުރެ ގިނައިރުވީފަހުން ކަން އެނގޭތީ އޭނާ ބަންދުގައި ބެހެއްޓީ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އާ އެއްގޮތަށް ކަމަކަށް އަހުރެންނަކަށް ބުރައެއް ނުވެވެއެވެ.

73މިގޮތަށް ނިންމުމާއި ގުޅިގެން، މިމައްސަލައިގައި ކަލީލު ރަހްމާން އަލުން ބަންދު ކުރަންޖެހޭތޯ ނުވަތަ ނޫންތޯ އެސުވާލެއް ކުރިމައްޗެއް ނުވެއެވެ. ސަބަބަކީ، އޭނާ މިހާރުވެސް ހުރީ ބަންދުން ވީއްލާފައިކަމަށް ޕްރޮސިކިއުޝަނުން މިކޯޓުގައި ބުނެފައިވާތީއެވެ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

74މި މައްސަލައިގައި ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް ތާއިދުކުރަމެވެ.

ޙުކުމް

ދެންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2024/1970 (04 ސެޕްޓެންބަރު 2024) ކޯޓު އަމުރުން ޢަބްދުލް ރަގޫބް ނިސްތާރު ކަލީލް ރަހުމާން ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށް ކަނޑައެޅި ކަނޑައެޅުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޝިއްޔާ ބެލި ފަނޑިޔާރުންގެ އަޢްލަބިއްޔަތުން ޙުކުމް ކޮށްފީމެވެ. މި ޤަޝިއްޔާ ބަލައި ޙުކުމް ކުރީ:

ފުޓްނޯޓު

  1. ފާސްޕޯޓު ނަންބަރު
  2. މީގެފަހުން " މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު" ކަމަށް ބުނެފައި
  3. މީގެފަހުން "ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު" ކަމަށް ބުނެފައި
  4. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ "ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ މީހުން ދޫކޮށްލިކަމުގެ ލިޔުން" (03 ސެޕްޓެންބަރު 2024)
  5. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އަދި (ހ) އާ ހަވާލާދީ
  6. ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 721 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ
  7. ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު ހައްޔަރުކުރެވޭ މީހާގެ މައުލޫމާތު ފޯމު (03 ސެޕްޓެންބަރު 2024)
  8. ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 91 ވަނަ މާއްދާގެ (ހ)
  9. ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 91 ވަނަ މާއްދާގެ (ށ)
  10. ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 88 (ހ)
  11. ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 88 (ށ)
  12. ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 88 (ނ)
  13. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 213 ވަނަ މާއްދާގެ (g)(1)
  14. މި ޙާލަތްތައް ބަޔާންކުރަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (ނ) ގައެވެ. ކޯޓު އަމުރަކާ ނުލައި، މީހުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް
  15. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގެ (1)
  16. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ)
  17. ޖިނާއީ އިޖުރާއަތުގެ 43 ވަނަ މާއްދާގެ (ނ)
  18. ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައިވަނީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ ގިނަވެގެން ސައުވީސް ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާން ވާނެއެވެ. އަދި ޝަރުޠަކާއެކު ނުވަތަ ޝަރުޠަކާ ނުލައި އެ މީހަކު ދޫކޮށްލުމަށް، ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެ ބާރު އެ ފަނޑިޔާރަކަށް ލިބިގެންވެއެވެ.
  19. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ހ) ގައިވަނީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށްޓަކައި، ވީއެންމެ އަވަހަކަށް، އަދި އޭނާ ހައްޔަރުކުރެވޭތާ ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ހާޒިރުކުރަންވާނެއެވެ.
  20. މިކަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ "ކުށެއްގެ ތުހުމަތު ކުރެވޭ މީހުންނަށް ދެވޭ ޤާނޫނީ އިންޒާރު" (3 ސެޕްޓެންބަރު 2024) އިންނާއި، "ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ މީހުންނަށް ދެވޭ ޤާނޫނީ އިންޒާރު" (2 ސެޕްޓެންބަރު 2024) އިން އެނގެއެވެ.
  21. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ "ތަކެތި ހިފެހެއްޓިކަމުގެ ލިޔުން" (2 ސެޕްޓެންބަރު 2024)
  22. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ "ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ މީހުން ދޫކޮށްލިކަމުގެ ލިޔުން" (3 ސެޕްޓެންބަރު 2024)
  23. "ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ މީހުންނަށް ދެވޭ ޤާނޫނީ އިންޒާރު" ގައި އިސްތިއުނާފުކުރާ ފަރާތުން ސޮއިކޮށްފައިވަނީ 2 ސެޕްޓެންބަރު 2024ގެ 21:53 ގައެވެ. އަދި "ކުށެއްގެ ތުހުމަތު ކުރެވޭ މީހުންނަށް ދެވޭ ޤާނޫނީ އިންޒާރު" ގައި އިސްތިއުނާފުކުރާ ފަރާތުން ސޮއިކޮށްފައިވަނީ 3 ސެޕްޓެންބަރު 2024ގެ 08:05 ގައެވެ.
  24. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު: B3-CSR-06/2024 (2 ސެޕްޓެމްބަރ 2024)ގެ "Cash Seizure Receipt"
  25. ގަވާއިދު ނަންބަރު 2011/R-41 (ކަސްޓަމްސްގެ ޢާންމު ގަވާއިދު)ގެ 357 ވަނަ މާއްދާ
  26. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 213 ވަނަ މާއްދާގެ (ޓީ)(1)
  27. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 213 ވަނަ މާއްދާގެ (ރ)
  28. ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާ
  29. ޢާންމު މާނައަށް ބެލުމުގެ އުޞޫލަށް އިސްކަންދޭ ދިނުމުގައި، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން ސަބަބު ބަޔާންކުރުމުގެ ބޭނުމުގައި
  30. މީގެ ދެ ލިޔުމެއް ހުށަހަޅާފައި އެބަ އޮތެއެވެ. ދެލިޔުމުގައިވެސް ހިފެހެއްޓި ތާރީޚާއި ގަޑި ކަމަށް ބަޔާން ކުރަނީ 2 ސެޕްޓެމްބަރު 2024 ގެ 21 ގަޑި
  31. 03( ސެޕްޓެމްބަރު 2024)
  32. "މީހުން ބަލާފާސްކުރިކަމުގެ ލިޔުން" (03 ސެޕްޓެމްބަރު 2024) ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 29 ޝަރީޢަތް ނިމުނު ގޮތް 2024/HC-B12/43
  33. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަމާއްދާގެ (ނ) ގެ ( 3(،)2(،)1 .) ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 30 ޝަރީޢަތް ނިމުނު ގޮތް 2024/HC-B12/43
  34. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 213 ވަނަ މާއްދާގެ (ޑީ).
  35. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 213 ވަނަ މާއްދާގެ (ޒި).
  36. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 213 ވަނަ މާއްދާގެ (ޓީ).
  37. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 213 ވަނަ މާއްދާގެ (ޔު). ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 31 ޝަރީޢަތް ނިމުނު ގޮތް 2024/HC-B12/43
  38. 03( MF/206273 ސެޕްޓެމްބަރު 2024)
  39. ކްރިމިނަލް ކޯޓުގެ ނަންބަރު: 04( 145-J/MA/2024/1970 ސެޕްޓެމްބަރ 2024). މިއަމުރުގައި ބަންދުގެ މުއްދަތު ފެށޭ ގަޑިކަމަށ ބަޔާން ކުރަނީ 13:00 އެވެ. އަދި އަމުރު ނެރުނު ކަމަށް ބަޔާންކުރަނީވެސް އެގަޑިއެވެ. ނަމަވެސް އަމުރެއް އެދި ފުލުހުން ކޯޓަށް ހުށަހެޅި ކަމަށް ބަޔާން ކުރަން 13:15 ގައިކަން ޙަވާލާދޭ ފޯމުން އެނގެއެވެ. ވީމާ، އަމުރަށް އެދި ހުށަހެޅުމުގެ ކުރިން އަމުރު ދޫކުރިކަން ނުވަތަ ބަންދުގެ މުއްދަތު ފެށޭކަނ އެނގެން އޮތް އޮތުމަކީ ރަސްމީ ލިޔެކިޔުންތަކާމެދު ސުވާލު އުފެދޭނެ ކަންކަމެވެ. ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 33 ޝަރީޢަތް ނިމުނު ގޮތް 2024/HC-B12/43
  40. އެވެ. ނަމަވެސް ޤާނޫނީ އިންޒާރު ދިންކަމަށް ކަލީލު ރަހްމާން ސޮއިކޮށްފައިވާ ތަނަށް ބަލާއިރު އެއްލިޔުމުގައި ސޮއިކުރި ކަމަށް އޮތީ 02 ސެޕްޓެމްބަރު 2024 ގެ 21:53 ގައެވެ. އަނެއް ލިޔުމުގައި އޮތީ، 03 ސެޕްޓެމްބަރު 2024 ގެ 08:05 އެކެވެ. ވީމާ، ކަސްޓަމްސްގެ ފަރާތުން ކަލީލު ރަހުމާން ހިފެހެއްޓުމަށްފަހު ޤާނޫނީ އިންޒާރު ދިނީ ކޮންއިރަކު ކަމާއިމެދު ޝަރީޢަތަށް ސުވާލު އުފެދެއެވެ.
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 45، 46 އަދި 48 ވަނަ މާއްދާ (ރ)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 40 (ހ) އާއި (ނ)، 42 (ހ) (1)، 43 (ހ) އާއި (ނ)، 44، 58 (ހ) އާއި (ނ)، 213 ވަނަ މާއްދާގެ މާނަކުރުންތައް
  • ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 87، 88 (ހ)، (ށ)، (ނ)، 91 (ހ)، (ށ)، (ނ)، 92، 93 އަދި 97 (ހ) ވަނަ މާއްދާ
  • ގަވާއިދު ނަންބަރު 2011/R-41 (ކަސްޓަމްސްގެ ޢާންމު ގަވާއިދު) ގެ 357 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 އަދި 7 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 24 (ހ) އަދި 53 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ "721" ވަނަ މާއްދާ (ހ) (ޓެކްސްޓުގައި އޮތް ގޮތަށް)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ