ވެސްޓޯރ ޕްރައިވެޓް ލިމިޓެޑް ވ. މޫސާ ނަޞީރު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2225-CVC-2024
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކޯޓުގެ އެންގުމާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާތީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ (އ) އަށް ރިޢާޔަތްކޮށް، މައްސަލަ މި ހިނދު ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މައްސަލަ ނިންމައިފައިވެއެވެ.
- ވާޤިޢާ
- ލޯނެއްގެ ގޮތުގައި ދޫކުރި ފައިސާ އަނބުރާ ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާ ކުރުމުން، އިބްތިދާއީ އަޑުއެހުމުގައި ޚަޞްމުން އެދުމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ (ނ) ގެ ދަށުން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ފުރުޞަތު ދީފައިވެއެވެ. އެ ނޯޓިސްގައި މުއްދަތުގައި މައްސަލަ ހައްލުވިޔަސް ނުވިޔަސް ދަޢުވާކުރާ ފަރާތުން ކޯޓަށް އަންގަންވާނެކަމާއި، ނޯޓިސްއާ އެއްގޮތަށް ޢަމަލު ނުކޮށްފިނަމަ ދަޢުވާ ފޯމު ބާޠިލުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަން ބަޔާންކޮށްފައިވެއެވެ. ދަޢުވާކުރާ ފަރާތުން މުއްދަތުގައި ކޯޓަށް ވަކިގޮތެއް އަންގާފައެއް ނުވެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ ދަށުން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ފުރުޞަތު ދީފައިވާ މައްސަލައެއްގައި، ދީފައިވާ މުއްދަތުގައި މައްސަލަ ހައްލުވިކަން ނުވަތަ ނުވާކަން ދަޢުވާކުރާ ފަރާތުން ކޯޓަށް ނާންގާނަމަ، އެ ޤާނޫނުގެ 186 ވަނަ މާއްދާގެ (އ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރުމުގެ ނުވަތަ މައްސަލަ ކުރިއަށް ނުގެންދިއުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވޭތޯ؟
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރާ ފަރާތުން ބުނީ، މައްސަލަ ހައްލުނުވެއްޖެނަމަ ލަސްނުކޮށް ޝަރީޢަތަށް ފޮނުވަންވާނެކަމަށް ބަޔާންކުރާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 195 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ދަށުކޯޓުން ނިންމާފައިވާ ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ބުނީ، ދަށުކޯޓުން ޢަމަލުކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ (އ) ގެ ދަށުން ނޯޓިސްގައި ދީފައިވާ އިރުޝާދަށް ކަމަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 195 ވަނަ މާއްދާގެ (ހ) އަށް ޢަމަލުކުރަންޖެހޭނީ މައްސަލަ ހައްލުނުވާކަން ދަޢުވާކުރާ ފަރާތުން އެންގުމުން ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ (އ) އިން ކޯޓަށް ލާޒިމުކުރަނީ މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ އިތުރު އިރުޝާދު ދިނުން ކަމަށާއި، އެ މާއްދާއިން ދަޢުވާ ފޯމު ބާޠިލުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ނުލިބޭތީ، ދަށުކޯޓުން ޢަމަލުކޮށްފައިވަނީ ސާފު ނައްޞާ ޚިލާފަށް ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 195 ވަނަ މާއްދާގެ (ހ) މި މައްސަލައަށް ތަޠުބީޤު ނުވިނަމަވެސް، ދަޢުވާ ފޯމު ބާޠިލުކުރުން ރަނގަޅު ނޫންކަމުގެ ބަހުސް ޞައްޙަ ކަމަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިގެންވާ ބާރުން އިންސާފުގެ ދޮރު ހުޅުވިފައި ބެހެއްޓުމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ހައިކޯޓުން ދެކުނެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު، ހައިކޯޓުގެ އިރުޝާދާ އެއްގޮތަށް މައްސަލަ ކުރިއަށް ގެންދިއުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ (އ) ގައި ބަޔާންވެގެން އެވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް އެ މާއްދާގެ (ބ) ގެ ދަށުން ދެވޭ މުއްދަތު ހަމަވާއިރު ކޯޓަށް ވަކިގޮތެއް ދައުވާކުރާފަރާތުން އަންގާފައިނުވާނަމަ، އެ މައްސަލައެއް ކުރިއަށްގެންދިޔުމުގައި ޢަމަލުކުރާނެ ގޮތުގެ އިތުރު އިރުޝާދު ކޯޓުން ދޭންވާނެކަމުގައެވެ. މިއީ މައްސަލައިގައި ކުރިއަށްދާންވީގޮތުގެ އިތުރު އިރުޝާދު ކޯޓުން ދޭންވާނެކަމަށް ބަޔާންކުރާ ބަޔާންކުރުމަކަށްވާތީ، މިއީ މައްސަލަ ކުރިއަށްނުގެންދިއުމަށް ނުވަތަ މައްސަލަ ބާޠިލްކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިދޭ މާއްދާއެއް ނޫންކަން މި މާއްދާގެ ސާފު އިބާރާތުން ދޭހަވެއެވެ.
HN2 ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ (ނ) ގެ ދަށުން ދެވޭ ފުރުޞަތުގައި އެ މައްސަލަ ހައްލުވިކަން ދައުވާކުރާ ފަރާތުން ކޯޓަށް އަންގާފައިނުވާނަމަ، އެ ޤާނޫނުގެ 186 ވަނަ މާއްދާގެ (އ) ގެ ދަށުން ކޯޓުން ޢަމަލުކުރަން އޮތް ގޮތަކީ އެ މައްސަލައިގެ އަޑުއެހުންތައް ނުވަތަ ޝަރީޢަތް ކުރިއަށްގެންދާނެގޮތުގެ އިތުރު އިރުޝާދު ޚަސްމުންނަށް ދިނުމެވެ. އަދި މި އިރުޝާދުތައް، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ފުރުސަތު ދޭކަން އަންގާ ނޯޓިސްގައި ބަޔާންކުރުމަކަށް ޤާނޫނީ ހުރަހެއް ނެތެވެ.
HN3 މައްސަލަ އެއްގޮތަކަށްވެސް ނުބަލާ، އިންސާފުހޯދައިދިނުމެއްނެތި ދައުވާފޯމު ބާޠިލްކުރެވޭނެކަން އެންގުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ (އ) ގެ ދަށުން ފަނޑިޔާރަށް އެއްވެސް މިންވަރަކަށް ލިބިދީފައި އޮތް އިޚްތިޔާރެއް ނޫނެވެ. އެހެންކަމުން އެފަދަ އެންގުމެއް ޚަސްމުންނަށް އެންގުމަށްފަހު، އެންގުމާ އެއްގޮތަށް އަމަލުކޮށްފައިނުވާކަމަށް ބުނެ މައްސަލަ ބާޠިލްކުރުމަކީ ކަނޑައެޅިގެން މަދަނީ އިޖުރާއަތާ ދިމާ އިދިކޮޅަށް ކަންކުރުމެވެ.
HN4 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 195 ވަނަ މާއްދާގެ (ހ) އަކީ ކޯޓު މަރުހަލާގައި މައްސަލަ ހައްލުކުރުމުގެ ފުރުސަތަކަށް އެދުމުން، އެފުރުސަތުދޭ ހަލާތުގައި ކޯޓުން ޢަމަލުކުރުމަށް އޮތް އިޖުރާއަތު ބަޔާންކުރާ އެ ޤާނޫނުގެ 18 ވަނަ ބާބު (މައްސަލަ ހައްލުކުރުމުގެ މަރުހަލާ) ގައި ހިމެނޭ މާއްދާއެއް ކަމަށްވާތީ، އެ ޤާނޫނުގެ 186 ވަނަ މާއްދާގެ ދަށުން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ފުރުސަތު ދެވުނު މައްސަލައަކަށް އެ މާއްދާ ތަޠުބީޤުކުރެވޭނެ މާއްދާއެއް ނޫނެވެ.
HN5 ދިވެހިރާއްޖޭގެ ހައިކޯޓަށް އޭގެ ޒާތުގައިވެސް ލިބިގެންވާ ބާރުތަކުގެ ތެރޭގައި އިންސާފު ޤާއިމްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ހިމެނިގެންވާކަން ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ހ) އިން ސާފެވެ. އެހެންކަމުން ޤާނޫނުން ފެންނަން އޮތް ސާފު އިޖުރާއަތު ދޫކޮށް އެނޫންގޮތަކަށް ދަށު ކޯޓުން ޢަމަލުކުރުން ހުއްޓުވައި، އިންސާފުގެ ދޮރު ބަންދުވިޔަ ނުދީ އެ ދޮރު ހުޅުވިފައި ބެހެއްޓުމުގެ ޒަރޫރަތަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ހައިކޯޓުން ކޮންމެހެން އަޅަންޖެހޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އިބްރާހީމް މަހުދީ، މުޙައްމަދު ޢަލީމް، އެޕްކްސް ލޯ އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، ސީ.އެލް.އޭ ޕާރޓްނަރސް އެލް.އެލް.ޕީ
- ބެންޗު
- ޙުސައިން މަޒީދު، މުޙައްމަދު ނިޔާޒް، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު، (މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ނިޔާޒް އަދި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ތާޢީދު ކުރައްވާފައި)
މައްސަލައިގެ ތަޢާރަފު
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 2225-CVC-2024 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ވެސްޓޯރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލެ، މޫސާ ނަޞީރު އެވެ.
ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަ
2ސިވިލް ކޯޓުގެ ނަންބަރު 2225-CVC-2024 ޤަޟިއްޔާގައި ކުރެވުނު ދައުވާއަކީ ވެސްޓޯރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޫސާ ނަޞީރުއަށް ލޯނެއްގެ ގޮތުގައި ދޫކޮށްފައިވާ -800,000ރ. (އަށްލައްކަ ރުފިޔާ) އަނބުރާ ދައްކާފައިނުވާކަމަށް ބަޔާންކޮށް، އެ ފައިސާ ހޯދުމުގެ ގޮތުން މޫސާ ނަޞީރުގެ މައްޗަށް ވެސްޓޯރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރި ދައުވާއެވެ.
ސިވިލް ކޯޓުގެ ޙުކުމް
3ސިވިލް ކޯޓުގެ ނަންބަރު 2225-CVC-2024 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ބުނެވުނު ކަންތައްތައް އެގޮތުގައި ހުރުމުން، މި ޤަޟިއްޔާ މި ހިނދު ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި، މި ޤަޟިއްޔާ ނިންމީއެވެ."
ސިވިލް ކޯޓުގެ ޙުކުމް ބިނާކުރި ސަބަބު
4ސިވިލް ކޯޓުގެ ނަންބަރު 2225-CVC-2024 ޤަޟިއްޔާ ޙުކުމް ބިނާކޮށްފައިވާ ސަބަބު ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
4.1. "މި މައްސަލައާއި ގުޅިގެން ޝަރީޢަތުގެ އަޑުއެހުމަށް 30 އޮކްޓޫބަރު 2024 ގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމުގެ ފުރުޞަތަކަށް މި ޤަޟިއްޔާގެ ޚަސްމުން އެދިފައިވާތީ އެގޮތުގެ މަތިން ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމުގެ ފުރުޞަތު ދިންކަމުގެ ނޯޓިސް ވެސްޓޯރ ޕްރައިވެޓް ލިމިޓެޑަށް އަދި މޫސާ ނަޞީރުއަށް ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ދެވިފައިވެއެވެ. އަދި މި ނޯޓިސްގައި ފުރުޞަތުދެވިފައިވާ މުއްދަތުގައި މައްސަލަ ޙައްލުވިޔަސް ނުވިޔަސް ދަޢުވާކުރާ ފަރާތުން އެކަން ކޯޓަށް އަންގަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ނޯޓިސްއާ އެއްގޮތަށް ޢަމަލު ނުކޮށްފިނަމަ، މި މައްސަލައިގެ ދަޢުވާ ފޯމު ބާޠިލްކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަން އަންގާފައިވެއެވެ.
4.2. ނޯޓިސްގައި ޙައްލުކުރުމަށްދީފައިވާ މުއްދަތު ހަމަވާ ތާރީޚުކަމުގައިވާ 2024 ނޮވެންބަރު 17 ވަނަ ދުވަހާއި ހަމައަށް މައްސަލަ ޙައްލުވިކަންވެސް ނުވަތަ ޙައްލުނުވާކަންވެސް ވެސްޓޯރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޯޓަށް އަންގާފައިނުވެއެވެ. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވަނީ އެ މާއްދާގެ (ބ) ގައި ބަޔާންކުރާ މުއްދަތު ހަމަވާއިރު، މައްސަލަ ޙައްލުކުރެވިއްޖެކަން ނުވަތަ ނޫންކަން މި މާއްދާގެ (ޅ) ގެ ދަށުން ދަޢުވާކުރާ ފަރާތުން ކޯޓަށް އަންގާފައިނުވާނަމަ، އެ މައްސަލައެއް ކުރިއަށްގެންދިޔުމުގައި ޢަމަލުކުރާނެ ގޮތުގެ އިތުރު އިރުޝާދު ކޯޓުން ދޭންވާނެކަމުގައެވެ. ބުނެވުނު ގޮތަށް ނޯޓިސްއާ އެއްގޮތަށް ޢަމަލު ނުކޮށްފިނަމަ، މި މައްސަލައިގެ ދަޢުވާ ފޯމް ބާޠިލްކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަން ވެސްޓޯރ ޕްރައިވެޓް ލިމިޓެޑަށް އަދި މޫސާ ނަޞީރަށްވެސް އަންގާފައިވެއެވެ. އެހެންކަމުން، ކޯޓުގެ އެންގުމާއެއްގޮތަށް ޢަމަލުކޮށްފައި ނުވާތީ، މި މައްސަލައަކީ މި ހިނދު ކުރިއަށް ގެންދެވެން ނެތް މައްސަލައެއްކަމުގައި ދެކެމެވެ."
އިސްތިއުނާފީ ނުކުތާ
5ސިވިލް ކޯޓުގެ ނަންބަރު 2225-CVC-2024 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ވެސްޓޯރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވަނީ 1 (އެކެއް) ނުކުތާއެވެ. • އެ ނުކުތާ އަކީ: މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 195 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ސިވިލް ކޯޓުން ޙުކުމް ކޮށްފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
އިސްތިއުނާފުކުރާ ފަރާތުގެ ވާހަކަ
6އިސްތިއުނާފީ ނުކުތާއާ ގުޅިގެން ވެސްޓޯރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވަނީ ދަށުކޯޓުން މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި މައްސަލަ ނިންމާފައިވަނީ، މައްސަލަ ހައްލުނުކުރެވިއްޖެނަމަ ލަސްނުކޮށް އެ މައްސަލަ ޝަރީޢަތަށް ފޮނުވަންވާނެ ކަމަށް ބަޔާންކުރާ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 195 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށެވެ. އަދި މި މާއްދާއާ ޚިލާފަށް ޢަމަލުކުރުމަކީ ކޯޓަށް އޮތް އިޚްތިޔާރެއް ނޫން ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ދަށު ކޯޓުގެ ޙުކުމް ބާޠިލްކޮށް، މަދަނީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް މައްސަލައިގެ ޓްރެކް ކަނޑައަޅައި ޝަރީޢަތަށް ފޮނުވުމަށް އަމުރުކޮށް މައްސަލަ ނިންމައިދިނުން ކަމަށެވެ.
އިސްތިއުނާފުރައްދުވާ ފަރާތުގެ ވާހަކަ
7ޖަވާބުގައި މޫސާ ނަޞީރުގެ ފަރާތުން ފާހަގަކޮށްފައިވަނީ ދަށު ކޯޓުން ޢަމަލުކޮށްފައިވަނީ މައްސަލަ ހައްލުނުވުމުން ޢަމަލުކުރަން އޮތް އިޖުރާއަތަށް ނޫން ކަމަށެވެ. ކޯޓުން ހަމައެކަނި އަމަލުކޮށްފައިވަނީ މައްސަލަ ހައްލުވިކަން ނުވަތަ ނުވާކަން ނޭނގުމުގެ ސަބަބުން ކޯޓުން ދީފައިވާ ނޯޓިސްގައި ބަޔާންކޮށްފައިވާ އިރުޝާދަށް ކަމަށެވެ. އަދި މިފަދައިން މިކަން ކުރެވޭނެކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ (އ) އަދި (ޅ) އަށް ބެލުމުން އެނގޭ އިރު، ދަށުކޯޓުން ޢަމަލުކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 195 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް ކަނޑަނޭޅޭނެ ކަމަށެވެ. އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 195 ވަނަ މާއްދާގެ (ހ) އަށް ޢަމަލުކުރަންވެސް ޖެހޭނީ މައްސަލަ ހައްލުކުރެވިފައިނުވާކަން ދައުވާކުރާފަރާތުން ކޯޓަށް އެންގުމުން ކަމަށެވެ. އެފަދައިން ވަކިގޮތެއް ނާންގާނަމަ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 195 ވަނަ މާއްދާގެ (ހ) އަށް ޢަމަލުކުރަންޖެހޭ ހިސާބަށް ނުދާނެކަމަށެވެ. އެހެންކަމުން ދަށުކޯޓުގެ ނިންމުން ބާޠިލްކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ.
މައްސަލަ ދަށު ކޯޓުން ނިމުނުގޮތުގެ ޚުލާސާ
8މި މައްސަލައާ ގުޅިގެން ދަށު ކޯޓުގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމުގެ ފުރުސަތަކަށް ޚަސްމުން އެދިފައިވާތީ އެގޮތުގެ މަތިން ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމުގެ ފުރުޞަތު ދިންކަމުގެ ނޯޓިސް ވެސްޓޯރ ޕްރައިވެޓް ލިމިޓެޑް އަދި މޫސާ ނަޞީރުއަށް ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ދަށު ކޯޓުން ދިނެވެ.
9އެ ނޯޓިސްގައި ފުރުޞަތުދެވިފައިވާ މުއްދަތުގައި، މައްސަލަ ޙައްލުވިޔަސް ނުވިޔަސް ދަޢުވާކުރާ ފަރާތުން އެކަން ކޯޓަށް އަންގަންވާނެކަމަށް އެ ނޯޓިސްގައި ބަޔާންކޮށްފައިވެއެވެ. އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ (އ) ގެ ދަށުން ދޭ އިރުޝާދުގެ ގޮތުގައި އެ ނޯޓިސްއާ އެއްގޮތަށް ޢަމަލު ނުކޮށްފިނަމަ، މި މައްސަލައިގެ ދަޢުވާ ފޯމު ބާޠިލްކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަން އަންގާފައިވެއެވެ.
10އެގޮތުން ދެވުނު ފުރުޞަތުގައި މައްސަލަ ހައްލުވިކަން ނުވަތަ ހައްލުނުވާކަންވެސް ކޯޓަށް އަންގާފައިނުވާތީ، އެ މައްސަލަ އެ ހިނދު ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.
ހައިކޯޓުގެ ކުރިމަތީގައި އޮތް ޤާނޫނީ ބަހުސް
11މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާ ޤާނޫނީ ބަހުސަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ ދަށުން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ފުރުސަތު ކޯޓުން ދިނުމަށްފަހު، އެ މައްސަލަ ހައްލުވިކަން ނުވަތަ ނުވާކަން ނޭނގުމުގެ ސަބަބުން ނުވަތަ އެ މައްސަލަ ހައްލުނުވުމަކުން، މައްސަލައިގެ ދައުވާފޯމު ބާޠިލްކުރުމުގެ އިޚްތިޔާރު މަދަނީ އިޖުރާއަތުގެ ޤާނޫނުން ދީފައިނުވާ ކަމަށާއި، އެހާލަތުގައި މައްސަލަ ކުރިއަށްގެންދަންޖެހޭނެ ކަމަށާއި، އެހެންކަމުން ދަށު ކޯޓުން މި އުސޫލާ ޚިލާފަށް ޢަމަލުކޮށް މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ ހުށަހަޅާ ބަހުސެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ (އ) މާނަކުރާނީ ކިހިނެއް؟
12މި މައްސަލައިގައި ހުށަހެޅިފައިވާ ޤާނޫނީ ބަހުސަށް ރިޢާޔަތްކުރުމަށް ބަލާއިރު، ދަށު ކޯޓުން މި މައްސަލައިގައި ދެފަރާތަށް ދިން "ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ފުރުސަތު ދިންކަމުގެ ނޯޓިސް" ގައި ބަޔާންކޮށްފައިވަނީ އެ ނޯޓިސްއާ އެއްގޮތަށް ޢަމަލުނުކޮށްފިނަމަ، މައްސަލައިގެ ދައުވާފޯމު ބާޠިލްކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަން އަންގާކަމަށެވެ. މިފަދައިން ދަށު ކޯޓުން ބަޔާންކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ (އ) އަށް ރިޢާޔަތްކޮށްކަން، ދަށު ކޯޓުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ "މައްސަލަ ކުރިއަށް ނުގެންދިއުމަށް ނިންމި ސަބަބު" އަށް ބެލުމުން އެނގެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ (އ) ގައި އޮތީ އަންނަނިވި އިބާރާތެވެ. 186 (އ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ މުއްދަތު ހަމަވާއިރު، މައްސަލަ ޙައްލުކުރެވިއްޖެކަން ނުވަތަ ނޫންކަން މި މާއްދާގެ (ޅ) ގެ ދަށުން ދަޢުވާކުރާ ފަރާތުން ކޯޓަށް އަންގާފައިނުވާނަމަ، އެ މައްސަލައެއް ކުރިއަށްގެންދިޔުމުގައި ޢަމަލުކުރާނެ ގޮތުގެ އިތުރު އިރުޝާދު ކޯޓުން ދޭންވާނެއެވެ.
13HN1މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ (އ) ގައި ބަޔާންވެގެން އެވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް އެ މާއްދާގެ (ބ) ގެ ދަށުން ދެވޭ މުއްދަތު ހަމަވާއިރު ކޯޓަށް ވަކިގޮތެއް ދައުވާކުރާފަރާތުން އަންގާފައިނުވާނަމަ، އެ މައްސަލައެއް ކުރިއަށްގެންދިޔުމުގައި ޢަމަލުކުރާނެ ގޮތުގެ އިތުރު އިރުޝާދު ކޯޓުން ދޭންވާނެކަމުގައެވެ. މި މާއްދާގައި "މައްސަލަ ކުރިއަށްގެންދާނެގޮތުގެ އިތުރު އިރުޝާދު" މިފަދައިން ބަޔާންކޮށްފައި އޮތްއޮތުމަށް ބަލާއިރު، މިއީ މައްސަލައިގައި ކުރިއަށްދާންވީގޮތުގެ އިތުރު އިރުޝާދު ކޯޓުން ދޭންވާނެކަމަށް ބަޔާންކުރާ ބަޔާންކުރުމަކަށްވާތީ، މިއީ މައްސަލަ ކުރިއަށްނުގެންދިއުމަށް ނުވަތަ މައްސަލަ ބާޠިލްކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިދޭ މާއްދާއެއް ނޫންކަން މި މާއްދާގެ ސާފު އިބާރާތުން ދޭހަވެއެވެ.
ދަށުކޯޓުން ޢަމަލުކުރަންޖެހޭގޮތް
14HN2HN3ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ (ނ) ގެ ދަށުން ދެވޭ ފުރުޞަތުގައި އެ މައްސަލަ ހައްލުވިކަން ދައުވާކުރާ ފަރާތުން ކޯޓަށް އަންގާފައިނުވާނަމަ، އެ ޤާނޫނުގެ 186 ވަނަ މާއްދާގެ (އ) ގެ ދަށުން ކޯޓުން ޢަމަލުކުރަން އޮތް ގޮތަކީ އެ މައްސަލައިގެ އަޑުއެހުންތައް ނުވަތަ ޝަރީޢަތް ކުރިއަށްގެންދާނެގޮތުގެ އިތުރު އިރުޝާދު ޚަސްމުންނަށް ދިނުމެވެ. އަދި މި އިރުޝާދުތައް، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ފުރުސަތު ދޭކަން އަންގާ ނޯޓިސްގައި ބަޔާންކުރުމަކަށް ޤާނޫނީ ހުރަހެއް ނެތެވެ. ނަމަވެސް، މައްސަލަ އެއްގޮތަކަށްވެސް ނުބަލާ، އިންސާފުހޯދައިދިނުމެއްނެތި ދައުވާފޯމު ބާޠިލްކުރެވޭނެކަން އެންގުމަކީ މި މާއްދާގެ ދަށުން ފަނޑިޔާރަށް އެއްވެސް މިންވަރަކަށް ލިބިދީފައި އޮތް އިޚްތިޔާރެއް ނޫނެވެ. އެހެންކަމުން އެފަދަ އެންގުމެއް ޚަސްމުންނަށް އެންގުމަށްފަހު، އެންގުމާ އެއްގޮތަށް އަމަލުކޮށްފައިނުވާކަމަށް ބުނެ މައްސަލަ ބާޠިލްކުރުމަކީ ކަނޑައެޅިގެން މަދަނީ އިޖުރާއަތާ ދިމާ އިދިކޮޅަށް ކަންކުރުމެވެ. މިކަމުގެ މިސާލެއް ބަޔާންކުރާނަމަ ބުނަންއޮތީ، މިސާލަކަށް ގަހެއް ހެއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަން އެންގުމުން، އެ ގަސް ކަނޑާ އެއްލާލުމުން އެ ގަސް ހެއްދުމަށްޓަކައި އެއްވެސްކަމެއް ކުރެވުނު ކަމަކަށް ނުވާނެއެވެ. އެކަން ވާނީ އެ ގަސް ހެއްދުމާ ދިމާ އިދިކޮޅަށް އެގަސް މަރާލުމަށް ކުރެވުނު ޢަމަލަކަށެވެ.
15އެހެންކަމުން މި މައްސަލައިގައި ދަށު ކޯޓުން ޢަމަލުކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ (އ) ގެ ސާފު އިބާރާތުން ފެންނަން އޮތް މާނައާ ދިމާއިދިކޮޅު މާނަ ނަގައިގެން ސާފު ނައްސާ ޚިލާފަށް ކަން އެނގެއެވެ.
16HN4ތެދެކެވެ. މި މައްސަލައަކީ ދަޢުވާފޯމު ބާޠިލުކުރި ސަބަބަށް ރިޢާޔަތްކުރާއިރު، އެ ސަބަބަށްޓަކައި ދަޢުވާފޯމު ބާޠިލުކުރެވިދާނެ މައްސަލައެއްނޫނެވެ. ނަމަވެސް މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހަވާލާދީފައިވާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 195 ވަނަ މާއްދާގެ (ހ) އަކީ މި މައްސަލައަށް ތަޢުބީޤުކުރެވޭނެ މާއްދާއެއް ނޫނެވެ. އެހެނީ އެއީ ކޯޓު މަރުހަލާގައި މައްސަލަ ހައްލުކުރުމުގެ ފުރުސަތަކަށް އެދުމުން، އެފުރުސަތުދޭ ހަލާތުގައި ކޯޓުން ޢަމަލުކުރުމަށް އޮތް އިޖުރާއަތު ބަޔާންކުރާ އެ ޤާނޫނުގެ 18 ވަނަ ބާބު (މައްސަލަ ހައްލުކުރުމުގެ މަރުހަލާ) ގައި ހިމެނޭ މާއްދާއެކެވެ. މި މައްސަލައަކީ އެ ޤާނޫނުގެ 186 ވަނަ މާއްދާގެ ދަށުން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ފުރުސަތު ދެވުނު މައްސަލައެކެވެ.
17ކަން މިހެން އޮތް ނަމަވެސް، އިސްވެ ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ބަލާއިރު، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ބަހުސަކީ މައްސަލައިގެ ދަޢުވާ ފޯމު ބާޠިލު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށާއި މައްސަލަ ކުރިއަށް ގެންދަންޖެހޭނެކަމަށް ބުނެ އުފައްދާފައިވާ ބަހުސެވެ. ދަށު ކޯޓުން ދައުވާ ފޯމު ބާޠިލުކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ (އ) ގެ ސާފު އިބާރާތުން ފެންނަން އޮތް މާނައާ ދިމާއިދިކޮޅު މާނަ ނަގައިގެން ކަމަށްވާތީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ބަހުސަކީ ސައްހަ ޤާނޫނީ ބަހުސެއް ކަން އެނގެއެވެ.
18HN5ކަންމިހެން އޮތްއިރު، އެ ނިންމުން ދަމަހައްޓައިފިނަމަ ވެގެންދާނީ މަދަނީ އިޖުރާއަތުގެ ނިޒާމާ ޚިލާފު އަދި އެ ނިޒާމު އޮޅުންބޮޅުންވެ އިންސާފުހޯދުމަށް މަސައްކަތްކުރުމަށާއި، އިންސާފުޤާއިމްކުރުމަށް އެޅިގެންދާނެ ހުރަހަކަށް ވާތީ، ދަށު ކޯޓުގެ ޙުކުމް ބާޠިލްކުރަންޖެހޭ ކަމުގައި ދެކެމެވެ. ޚާއްސަކޮށް ދިވެހިރާއްޖޭގެ ހައިކޯޓަށް އޭގެ ޒާތުގައިވެސް ލިބިގެންވާ ބާރުތަކުގެ ތެރޭގައި އިންސާފު ޤާއިމްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ހިމެނިގެންވާކަން ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ހ) އިން ސާފެވެ. އެހެންކަމުން ޤާނޫނުން ފެންނަން އޮތް ސާފު އިޖުރާއަތު ދޫކޮށް އެނޫންގޮތަކަށް ދަށު ކޯޓުން ޢަމަލުކުރުން ހުއްޓުވައި، އިންސާފުގެ ދޮރު ބަންދުވިޔަ ނުދީ އެ ދޮރު ހުޅުވިފައި ބެހެއްޓުމުގެ ޒަރޫރަތަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ހައިކޯޓުން ކޮންމެހެން އަޅަންޖެހޭނެ ކަމުގައި ދެކެމެވެ.
ނިންމަން ފެންނަގޮތް
19އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2225-CVC-2024 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، މި ޤަޟިއްޔާގައި ދީފައިވާ އިރުޝާދާ އެއްގޮތަށް މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި ސިވިލް ކޯޓަށް ތަހުވީލުކޮށް، މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު؛
20ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު؛
21ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
22މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2225-CVC-2024 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، މި ޤަޟިއްޔާގައި ދީފައިވާ އިރުޝާދާ އެއްގޮތަށް މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ނ) ގެ ދަށުން ބުނެވުނު ޤަޟިއްޔާ ސިވިލް ކޯޓަށް ތަހުވީލުކޮށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު ޙުސައިން މަޒީދު
ފަނޑިޔާރު މުޙައްމަދު ނިޔާޒް
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
ފުޓްނޯޓު
- ރަޖިސްޓްރީ ނަންބަރު C-0752/2010
- […]
- ސިވިލް ކޯޓުގެ ނަންބަރު 2225-CVC-2024 ޤަޟިއްޔާ ނިމުނުގޮތް- ނުކުތާ 1 އަދި 2
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާގެ (ބ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާގެ (އ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާގެ (ޅ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 195 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 18 ވަނަ ބާބު (މައްސަލަ ހައްލުކުރުމުގެ މަރުހަލާ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ނ)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.