ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2026/HC-A/34

މުޙައްމަދު އަޙްމަދު ވ. މަރްޔަމް ނަޢީމާ

ބާޠިލުކުރުމުގެ ފާޢިލިއްޔަތެއް ނެތް · ދަށު ކޯޓުގެ ނިންމުން ބާޠިލު ނުކުރެ
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނެ މުއްދަތު ހަމަވާނީ 25 ޑިސެމްބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 25 ނޮވެމްބަރު 2026ދަށު ކޯޓު: ސިވިލް ކޯޓު 144-B11/CA/2828-2025/2026/06ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 144-B11/CA/2828-2025/2026/06
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން ނަންބަރު 144-B11/CA/2828-2025/2026/06 ކޯޓު އަމުރުން ދަރަނިވެރިޔާގެ އެކައުންޓުތަކުގައިވާ ފައިސާއިން ދަރަނީގެ މުޅި ޖުމްލަ ހިފެހެއްޓުމަށްފަހު ބާކީ ފައިސާ ދޫކުރުމަށް އަންގައި، 20 ޖަނަވަރީ 2026 ގެ ކޯޓު އަމުރު ބާޠިލުކުރިއެވެ. ދެން ފައިސާ ކޯޓަށް ގެނެސް ޙުކުމް ތަންފީޛްކޮށް ތަންފީޛީ ޤަޟިއްޔާ ނިންމިއެވެ.
ވާޤިޢާ
ކުއްޔަށް ދިނުމުގެ އެއްބަސްވުމަކާ ގުޅިގެން ސިވިލް ކޯޓުން ކުރި ޙުކުމް ތަންފީޛުކުރުމުގެ މައްސަލައެއްގައި، 18 ޖަނަވަރީ 2026 ގެ ޝަރީޢަތުގެ މަޖިލީހުގައި ދަރަނިވެރިޔާ ދަރަނި 3 މަހަށް ބަހާލައިގެން ދައްކާނެކަމަށް ބުނުމުން، ހެޔޮ ނިޔަތް އޮތްތޯ ބެލުމަށް 1 މަސް ފަހަށް މައްސަލަ ތާވަލުކޮށްދިނުމަށް އަރަނިވެރިޔާ އެދުނެވެ. ނަމަވެސް 20 ޖަނަވަރީ 2026 ގައި ސިވިލް ކޯޓުން ދަރަނިވެރިޔާގެ ބޭންކު އެކައުންޓުތަކުގައިވާ ފައިސާ ހިފެހެއްޓުމަށް ބޭންކުތަކަށް އަމުރުކޮށް، 26 ޖަނަވަރީ 2026 ގައި އެ އަމުރު ބާޠިލުކޮށް ދަރަނީގެ މުޅި ޖުމްލަ ހިފެހެއްޓުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް ޕލކ އަށް އަމުރުކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާގައި ދަރަނި ދެއްކުމަށް ދަރަނިވެރިޔާއަށް ފުރުޞަތު ދިނުމަށް އަރަނިވެރިޔާ އެދިފައިވާއިރު، އެ މުއްދަތު ހަމަވުމުގެ ކުރިން ދަރަނިވެރިޔާގެ ބޭންކު އެކައުންޓުގައިވާ ފައިސާއިން ދަރަނީގެ މުޅި ޖުމްލަ ހިފެހެއްޓުމަށް ސިވިލް ކޯޓުން އަމުރު ނެރުމަކީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 157 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ، އަދި ތަންފީޛީ ޤަޟިއްޔާ ނިމިފައިވާއިރު އެ އަމުރު ބާޠިލްކުރުމުގެ ފާޢިލިއްޔަތެއް އޮތްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ، ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 157 ވަނަ މާއްދާގައި ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ދޭން ބޭނުންވާ ކޮންމެ ފުރުޞަތެއް ކޯޓުން ދޭންވާނެކަމަށް ބަޔާންކޮށްފައިވާއިރު، އަރަނިވެރިޔާ އެދުނު ފުރުޞަތު ނުދީ ކޯޓުގެ އަމިއްލަ އިސްނެގުމަށް ނެރުނު ދެ އަމުރަކީވެސް އެ މާއްދާއާ ޚިލާފު އަމުރުތަކެއްކަމަށާއި، ތަންފީޛީ ޤަޟިއްޔާ ނިމުނު ނަމަވެސް ޤާނޫނީ ސުވާލުގެ ޖަވާބު ބޭނުންވާކަމަށެވެ. އިސްތިއުނާފު ރައްދުވި ފަރާތުން ބުނީ، ހަމަ އެ މާއްދާގައި ޙައްޤުވެރިޔާގެ މަޞްލަޙަތަށް އިސްކަންދޭންވާނެކަމަށް ބަޔާންކޮށްފައިވާތީ އަމުރު އެ މާއްދާއާ ޚިލާފު ނޫންކަމަށެވެ.
ކޯޓުގެ ސަބަބުތައް
ހައިކޯޓުން ކަނޑައެޅީ، ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 157 ވަނަ މާއްދާއިން ޙައްޤުވެރިޔާގެ މަޞްލަޙަތަށް އިސްކަންދޭންވާނެ ނަމަވެސް، އަރަނިވެރިޔާ ދަރަނިވެރިޔާއަށް ދީފައިވާ ފުރުޞަތު ގެއްލިގެންދާގޮތަށް ތަންފީޛީ ކޯޓުން ފިޔަވަޅު އަޅައިގެން ނުވާތީ، އެ މުއްދަތު ހަމަވުމުގެ ކުރިން ނެރުނު އަމުރަކީ އެ މާއްދާއާ ޚިލާފު އަމުރެއްކަމަށެވެ. އަދި ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 371 ވަނަ މާއްދާއާ އެއްގޮތަށް ބޭންކު އެކައުންޓުގައި ފައިސާ ހުރުމަކުން އިތުރު ބެލުމެއްނެތި ހިފަހައްޓައި ޙުކުމް ތަންފީޛްނުކުރެވޭނެކަމަށެވެ. ނަމަވެސް މައުޟޫޢީ ޙުކުމް ތަންފީޛްކޮށް ތަންފީޛީ ޤަޟިއްޔާ ނިމިފައިވާއިރު، އަމުރު ބާޠިލުކޮށް ކުރިން އޮތްޙާލަތަށް ރުޖޫޢަކުރަންޖެހޭ ޚާއްޞަ ޙާލަތެއް ބުނެދެވިފައިނުވާތީ، އަމުރު ބާޠިލްކުރުމުގެ ފާޢިލިއްޔަތެއް ނެތްކަމަށް ކަނޑައަޅައި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމިއެވެ. 20 ޖަނަވަރީ 2026 ގެ އަމުރު ބާޠިލުކުރުމަށް އެދުނު ނަމަވެސް، އިސްތިއުނާފުގައި ގޮތެއް ކަނޑައަޅަންޖެހެނީ އިސްތިއުނާފުކުރެވުނު އަމުރާމެދު ކަމަށް ކަނޑައެޅިއެވެ.

ނިންމުން

ބާޠިލުކުރުމުގެ ފާޢިލިއްޔަތެއް ނެތް · ދަށު ކޯޓުގެ ނިންމުން ބާޠިލު ނުކުރެ

ތަންފީޛީ ޤަޟިއްޔާ ނިމިފައިވާތީ، ސިވިލް ކޯޓުގެ ނަންބަރު 144-B11/CA/2828-2025/2026/06 ކޯޓު އަމުރު ބާޠިލުކުރުމުގެ ފާޢިލިއްޔަތެއް މިހިނދުގައި ނެތް ކަމަށް ކަނޑައަޅައި ނިންމި (އަމުރު ނެރެފައިވަނީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 157 ވަނަ މާއްދާއާ ޚިލާފަށްކަމުގައި ދެކުނު ނަމަވެސް، އަމުރު ބާޠިލު ނުކުރެ).

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ފައިސާ ދެއްކުމަށް ކޮށްފައިވާ ޙުކުމް ތަންފީޛްކުރުމާ ގުޅޭގޮތުން، މީހެއްގެ ބޭންކު އެކައުންޓުގައި ފައިސާ ހުރުމަކުން، އިތުރު ޤާނޫނީ ބެލުމެއްނެތި އެފައިސާ ހިފަހައްޓާ ޙުކުމް ތަންފީޛްނުކުރެވޭނެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 371 ވަނަ މާއްދާގެ (ނ) ގައި ދަރަނިވެރިޔާއާއި އޭނާ ބަލަހައްޓަންޖެހޭ ޢާއިލާގެ މެންބަރުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ފައިސާގެ މިންވަރު އުނިކުރުމަށްފަހު، ދަރަނިވެރިޔާގެ އާމްދަނީން ބާކީ ހުންނަ ފައިސާއެއް ކޯޓަށް ހިފެހެއްޓިދާނެކަމަށް ބަޔާންކޮށްފައި އޮތުމުން، ހަމައެކަނި ބޭންކު އެކައުންޓުގައި ފައިސާ ހުރުމަކުން އިތުރު ޤާނޫނީ ބެލުމެއްނެތި އެކީ އެއްފަހަރާ ޙުކުމް ތަންފީޛްކޮށް ނިންމުމަށް މަދަނީ އިޖުރާއަތުން އެއްވެސް ފުރުޞަތެއް ލިބިގެންނުދެއެވެ.

HN2 ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 157 ވަނަ މާއްދާއަށް ބެލުމުން ތަންފީޛީ މައްސަލަތަކުގައި ޙައްޤުވެރިޔާގެ މަޞްލަޙަތަށް އިސްކަންދޭންވާނެ ކަމާއި، ތަންފީޛު ކުރުމުގެ މަރުޙަލާގެ އެއްވެސް ހިސާބަކުން ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ދޭން ބޭނުންވާ ކޮންމެ ފުރުޞަތެއް ކޯޓުން ދޭންޖެހޭނެއެވެ.

HN3 އިސްތިއުނާފުގައި ގޮތެއް ކަނޑައަޅަންޖެހެނީ އިސްތިއުނާފުކުރެވިފައިވާ އަމުރާމެދުގައެވެ.

HN4 އަރަނިވެރިޔާގެ ފަރާތުން ދަރަނިވެރިޔާއަށް ފުރުސަތު ދީފައިވީއިރު، އެ ފުރުސަތު ދަރަނިވެރިޔާއަށް ގެއްލިގެންދާގޮތަށް ތަންފީޛީ ކޯޓުން އިތުރު ފިޔަވަޅުތައް އަޅައިގެން ނުވާނެއެވެ. އަރަނިވެރިޔާ އެދުނު މުއްދަތު ހަމަވުމުގެ ކުރިން ދަރަނިވެރިޔާގެ އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން ދަރަނީގެ މުޅި ޖުމްލަ ފައިސާ ހިފެހެއްޓުމަށް ކޯޓު އަމުރު ނެރުމަކީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 157 ވަނަ މާއްދާއާ ޚިލާފު ކަމެކެވެ.

HN5 މައުޟޫޢީ ޙުކުމް ތަންފީޛްކޮށް ނިމި، ދަށުކޯޓުގައި ކުރިއަށްދިޔަ ތަންފީޛީ ޤަޟިއްޔާ ނިމިފައިވާއިރު، އިސްތިއުނާފްކުރެވުނު އަމުރު ޤާނޫނާ ޚިލާފުނަމަވެސް އެ އަމުރު ބާޠިލުކޮށް ކުރިން އޮތްޙާލަތަށް ރުޖޫޢަކުރަންޖެހޭ ފަދަ ޚާއްޞަ ޙާލަތެއް އޮތްކަން އިސްތިއުނާފްކުރާ ފަރާތަށް ބުނެދެވިފައި ނުވާނަމަ، އެ އަމުރު ބާޠިލްކުރުމުގެ ފާޢިލިއްޔަތެއް އޮތް ކަމުގައި ނުދެކެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޢަބްދުﷲ ޢަލީ، ސަލްޓަން ޗެމްބަރސް އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އަޙްމަދު ރަޝީދު، މަދަދު ލޯ އެލް.އެލް.ޕީ
ބެންޗު
ޙުސައިން މަޒީދު (ރިޔާސަތު)، މުޙައްމަދު ޝަނީޒް ޢަބްދުﷲ، އިސްމާޢީލް ޝަފީޢު
ރިޔާސަތު
ޙުސައިން މަޒީދު
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސައިން މަޒީދު · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ، އިސްމާޢީލް ޝަފީޢު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ދިވެހިރާއްޖޭގެ ހައިކޯޓު ދިވެހިރާއްޖެ

ޤަޟިއްޔާ ނަންބަރު: 2026/HC-A/34

އިސްތިއުނާފުކުރި ފަރާތް: މުޙައްމަދު އަޙްމަދު

އިސްތިއުނާފު ރައްދުވި ފަރާތް: މަރްޔަމް ނަޢީމާ

މައްސަލައިގެ ބާވަތް: ތަންފީޛީ މައްސަލައިގެ ތެރެއިން ނެރެފައިވާ ކޯޓު އަމުރު

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޙުސައިން މަޒީދު ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ފަނޑިޔާރު އިސްމާޢީލް ޝަފީޢު

ނިމުނު ތާރީޚް:

16 ރަބީޢުލްއާޚިރު 1448 25 ނޮވެންބަރު 2026

ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް:

14 ޝަޢުބާން 1447 02 ފެބުރުވަރީ 2026

އިސްތިއުނާފުކުރެވުނު މައްސަލަ:

ނަންބަރު: 144-B11/CA/2828-2025/2026/06

ނިންމި ތަން: ސިވިލް ކޯޓު

ބާވަތް: ތަންފީޛީ މައްސަލައިގެ ތެރެއިން ނެރެފައިވާ ކޯޓު އަމުރު

ހުށަހެޅުނު ތާރީޚް: - ނިމުނު ތާރީޚް: 26 ޖަނަވަރީ 2026

އިސްތިއުނާފުކުރި ފަރާތް

މުޙައްމަދު އަޙްމަދު ޤާނޫނީ ވަކީލު: ޢަބްދުﷲ ޢަލީ، ސަލްޓަން ޗެމްބަރސް އެލް.އެލް.ޕީ

އިސްތިއުނާފު ރައްދުވި ފަރާތް

މަރްޔަމް ނަޢީމާ ޤާނޫނީ ވަކީލު: އަޙްމަދު ރަޝީދު، މަދަދު ލޯ އެލް.އެލް.ޕީ

މަދަނީ- ތަންފީޛީ މައްސަލައިގެ ތެރެއިން ނެރެފައިވާ ކޯޓު އަމުރު- އަރަނިވެރިޔާގެ ފަރާތުން ދަރަނިވެރިޔާ އަށް ދީފައިވާ ފުރުސަތު ކޯޓުން ލިބިދީފައި ނެތުން- ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 157 ވަނަ މާއްދާ- މަދަނީ އިޖުރާއަތު ޤާނޫނުގެ 371 ވަނަ މާއްދާ- އިސްތިއުނާފުކުރެވިފައިމިވާ އަމުރުގެ ފާއިލިއްޔަތު ގެއްލިފައިވުން.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު، (މި ރައުޔަށް ފަނޑިޔާރު ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ އަދި ފަނޑިޔާރު އިސްމާޢީލް ޝަފީޢު ތާއީދު ކުރައްވާފައި)

މައްސަލައިގެ ތަޢާރަފު

1މިއީ ސިވިލް ކޯޓުގެ ނަންބަރު 144-B11/CA/2828-2025/2026/06 "ކޯޓު އަމުރު" އިސްތިއުނާފުކުރުމަށް މުޙައްމަދު އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މަރްޔަމް ނަޢީމާ އެވެ.

މައްސަލައިގެ ފަސްފަހަތް

2މަރްޔަމް ނަޢީމާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލެ ގޯތި ނަންބަރު 11289 (ރަޖިސްޓްރީ ނަންބަރު GB 35 H) ގޯތީގެ ގްރައުންޑް ފްލޯރގައިވާ 02 (ދޭއް) ކޮޓަރީގެ އެޕާރޓްމަންޓާއި ފިހާރަ މުޙައްމަދު އަޙްމަދު އަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން މި ދެފަރާތުގެ މެދުގައި އެއްބަސްވުމެއް ވެފައިވެއެވެ.

3އެ އެއްބަސްވުމާ ޚިލާފަށް މުޙައްމަދު އަޙަމްދުއަށް ލިބެންޖެހޭ މުއްދަތަށްވުރެ އިތުރުކޮށް، މުއްދަތާއި ގުޅިގެން ފޮނުވާފައިވާ ސިޓީގައިވާ ގޮތަށް މުއްދަތުތައް ލިބެންޖެހޭ ކަމަށް ބުނެފައިވާތީ، އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ މުއްދަތު ކަނޑައަޅައިދިނުމަށާއި، އެއްބަސްވުމުގެ ދަށުން ކުލި ދައްކަން ފަށަންޖެހޭ ތާރީޚް ކަނޑައަޅައި ދިނުމަށާއި، ޤާނޫނީ ވަކީލު ފީ އަށް ޚަރަދުކޮށްފައިވާ -/15,000ރ. (ފަނަރަހާސް ރުފިޔާ) މުޙައްމަދު އަޙްމަދު ކިބައިން ހޯދުމަށް މަރްޔަމް ނަޢީމާގެ ފަރާތުން ސިވިލް ކޯޓަށް ނަންބަރު 1778/Cv-C/2022 ޤަޟިއްޔާ ހުށަހެޅިއެވެ. އެ ޤަޟިއްޔާގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

"...އެއްބަސްވުމުގެ 1.4 ވަނަ މާއްދާ އާއި، 1.7 ވަނަ މާއްދާ އަދި 1.8 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުލީގެ މުއްދަތަކީ 13 (ތޭރަ) އަހަރާއި 08 (އަށެއް) މަހާއި 11 (އެގާރަ) ދުވަސްކަމަށް ކަނޑައަޅައި، އެއްބަސްވުމުގެ 2.6 ވަނަ މާއްދާގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ޢިމާރާތަށް އެއްބަސްވުމުގައި ބަޔާންކުރާ ކުލި ހިނގަން ފަށާނީ 20 ސެޕްޓެންބަރު 2017 އިން ފެށިގެން 04 (ހަތަރެއް) އަހަރާއި 10 (ދިހައެއް) މަހާއި 07 (ހަތެއް) ދުވަސް ފަހުން 27 ސެޕްޓެންބަރު 2022 ގައިކަމާއި، އެ ތާރީޚުން ފެށިގެން އެއްބަސްވުން ނިމުމަކަށް އަންނަންދެން އެއްބަސްވުމާ އެއްގޮތަށް މަރްޔަމް ނަޢީމާއަށް ކުލި ދައްކަމުން ގެންދިއުމަށް މުޙައްމަދު އަޙްމަދުއަށް އަންގައި، މައްސަލަ ކޯޓަށް ހުށަހަޅަން ޖެހުމުން ޤާނޫނީ ފީގެ ގޮތުގައި ހޯދަން އެދިފައިވާ -/15,000ރ. (ފަނަރަ ހާސް ރުފިޔާ) އަކީ މަރްޔަމް ނަޢީމާއަށް މުޙައްމަދު އަޙްމަދު ދޭންޖެހޭ ފައިސާއެއްކަން ސާބިތުނުވާ ކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ."

4އިސްވެ ބުނެވުނު ޤަޟިއްޔާގެ ޙުކުމް ތަންފީޛްކުރުމުގެ މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 2828-CvC-2025 ޤަޟިއްޔާގައި ހުށަހެޅުނެވެ.

5އެ ތަންފީޛީ ޤަޟިއްޔާއާ ގުޅިގެން ސިވިލް ކޯޓުގައި ޝަރީޢަތުގެ މަޖިލިސްތަކެއް ބޭއްވުނެވެ. އެގޮތުން 18 ޖަނަވަރީ 2026 ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، މަރްޔަމް ނަޢީމާ (އަރަނިވެރިޔާ)ގެ ފަރާތުން ހުށަހެޅިގޮތަށް އެހާތަނަށް ދައްކަންޖެހިފައިވާ ފައިސާ 3 (ތިނެއް) މަހަށް ބަހާލައިގެން ދެއްކުމަށް މަސައްކަތްކުރާނެ ކަމަށް މުޙައްމަދު އަޙްމަދު (ދަރަނިވެރިޔާ)ގެ ފަރާތުން ހުށަހެޅުމުން، ދަރަނިވެރިޔާގެ ހެޔޮ ނިޔަތް އޮތްތޯ ބެލުމަށް 1 (އެކެއް) މަސް ފަހަށް މައްސަލަ ތަވާލުކޮށްދިނުމަށް މަރްޔަމް ނަޢީމާގެ ފަރާތުން އެދިފައިވާކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފެއް ނެތެވެ.

6ބުނެވުނު ޝަރީޢަތުގެ މަޖިލީހަށް ފަހު 20 ޖަނަވަރީ 2026 ދުވަހު ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކުގެ މައްޗަށް ސިވިލް ކޯޓުން ކޯޓު އަމުރެއް ނެރުނެވެ. އެ އަމުރުގައިވަނީ މުޙައްމަދު އަޙްމަދުގެ އެއްވެސް އެކައުންޓެއް ބޭންކުތަކުގައި ހުޅުވާފައިވާނަމަ އެ އެކައުންޓުތަކުގެ ތަފްސީލު އެންގުމަށްފަހު އެއްވެސް ފައިސާއެއް ހުރިނަމަ އެ ފައިސާ ހިފެހެއްޓުމަށް އަމުރުކޮށްފައެވެ.

7އޭގެ ފަހުން 26 ޖަނަވަރީ 2026 ދުވަހު އެ ކޯޓު އަމުރު ބާޠިލުކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކް ޕލކ ގެ މައްޗަށް ސިވިލް ކޯޓުން ނަންބަރު 144-B11/CA/2828-2025/2026/06 "ކޯޓު އަމުރު" ނެރުނެވެ. އެ ކޯޓު އަމުރުގައި ވަނީ އަންނަނިވި ފަދައިންނެވެ.

"[…] މުޙައްމަދު އަޙްމަދު ([…]) ގެ ނަމުގައި ތިޔަ ބޭންކްގައި ހުޅުވާފައިވާ އެކައުންޓްތަކުގައިވާ ފައިސާގެ ތެރެއިން 321,290/32ރ. (ތިންލައްކަ އެކާވީސްހާސް ދުއިސައްތަނުވަދިހަ ރުފިޔާ ތިރީސް ދެލާރި) ހިފެހެއްޓުމަށްފަހު ބާކީހުރި ފައިސާ ދޫކުރުމަށް އަންގައި، އެކައުންޓްގައި ހުރި ފައިސާ ހިފެހެއްޓުމަށް އަންގާ ފޮނުވާފައިވާ މިކޯޓުގެ ނަންބަރު:144- B11/CA/1627-2025/2026/03 (20 ޖަނަވަރީ 2026) ކޯޓު އަމުރު ބާޠިލު ކޮށްފީމެވެ."

8އިސްވެ ބުނެވުނު 26 ޖަނަވަރީ 2026 ދުވަހުގެ ސިވިލް ކޯޓުން ނެރުނު ނަންބަރު 144-B11/CA/2828-2025/2026/06 ކޯޓު އަމުރާމެދު ހިތްހަމަނުޖެހިގެން މުޙައްމަދު އަޙްމަދުގެ ފަރާތުން އެ ކޯޓު އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.

އިސްތިއުނާފީ ނުކުތާތައް

9ސިވިލް ކޯޓުގެ ނަންބަރު 144-B11/CA/2828-2025/2026/06 "ކޯޓު އަމުރު" އިސްތިއުނާފުކުރަމުން މުޙައްމަދު އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވަނީ 1 (އެކެއް) ނުކުތާއެވެ.

އެ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 2828-CvC-2025 ޤަޟިއްޔާއާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 144-B11/CA/2828-2025/2026/06 (26 ޖަނަވަރީ 2026) ކޯޓު އަމުރު ނެރެފައިވަނީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދުގެ 157 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

އިސްތިއުނާފުކުރާ ފަރާތުގެ ވާހަކަ އަދި އެދޭގޮތް

10އިސްތިއުނާފުކުރާ މުޙައްމަދު އަޙްމަދުގެ ފަރާތުން މި އިސްތިއުނާފުގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 157 ވަނަ މާއްދާގައި ތަންފީޛުކުރުމުގެ މަރުހަލާގެ އެއްވެސް ހިސާބަކުން ދައުވާކުރާ ފަރާތުން ދައުވާލިބޭ ފަރާތަށް ދޭން ބޭނުންވާ ކެންމެ ފުރުސަތެއް ކޯޓުން ދޭންވާނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އަދި ތަންފީޛީ ޤަޟިއްޔާގެ ތެރެއިން 18 ޖަނަވަރީ 2026 ދުވަހު ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަރަނިވެރިޔާ ނުވަތަ މަރްޔަމް ނަޢީމާގެ ފަރާތުން 3 މަހަށް ބަހާލައިގެން ދަރަނި ދެއްކުމަށް ފުރުސަތުދީ، 1 (އެކެއް) މަސްދުވަހުގެ ފަހަށް މައްސަލަ ތާވުލުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުން އެ ފުރުސަތު ދިނުމެއް ނެތި، 20 ޖަނަވަރީ 2026 ދުވަހު ކޯޓުގެ އަމިއްލަ އިސްނެގުމަށް މުޙައްމަދު އަޙްމަދުގެ އެކައުންޓްތަކުގައި ހުރި ފައިސާ ހިފެހެއްޓުމުގެ އަމުރު ނެރެފައިވާ ކަމަށެވެ. އަދި 26 ޖަނަވަރީ 2026 ދުވަހު އެ އަމުރު ބާޠިލުކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުރި ދަރަނީގެ މުޅި ޖުމްލަ ފައިސާ ހިފެހެއްޓުމަށްފަހު ބާކީ ފައިސާ ދޫކޮށްލުމަށް އަމުރު ކޮށްފައިވާކަމަށެވެ. މި ދެ އަމުރަކީވެސް ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 157 ވަނަ މާއްދާއާ ޚިލާފަށް އެކޯޓުން ނެރެފައިވާ އަމުރުތަކެއް ކަމަށެވެ. އަދި މި އިސްތިއުނާފު ހުށަހެޅުނު ފަހުން، އިސްތިއުނާފުކުރެވިފައިވާ ކޯޓު އަމުރުގެ ދަށުން ކޯޓަށް މުޙައްމަދު އަޙްމަދުގެ ބޭންކް އެކައުންޓުގައި ހުރި ފައިސާ ގެނެސް، ޙުކުމް ތަންފީޛްކޮށް ނިންމާ، ތަންފީޛީ ޤަޟިއްޔާވެސް ނިމިފައިވާކަމަށެވެ.

11އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ދަށުކޯޓުން އެ އަމުރުތައް ނެރެފައިވަނީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 157 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ކަނޑައަޅައިދީ އެ ދެ އަމުރު ބާޠިލްކޮށްދިނުން ކަމަށެވެ.

12ފަނޑިޔާރުންގެ ބެންޗުން ކުރި ސުވާލުތަކަށް ޖަވާބުދެމުން މުޙައްމަދު އަޙްމަދުގެ ފަރާތުން ބުނެފައިވަނީ މިހާރު ތަންފީޛީ ޤަޟިއްޔާ ނިމިފައިވީނަމަވެސް، ދަށު ކޯޓުން ޢަމަލުކުރި ގޮތް ޤާނޫނީގޮތުން ގޯސް ކަމުގެ މައްޗަށް އެ ޤާނޫނީ ސުވާލުގެ ޖަވާބު ބޭނުންވާ ކަމަށެވެ. އަދި މި މައްސަލައިގައި އިސްތިއުނާފުކުރެވިފައިވަނީ 26 ޖަނަވަރީ 2026 ދުވަހު އެކޯޓުން ނެރުނު އަމުރު ކަމަށްވީނަމަވެސް، އޭގެ ކުރިން އެކޯޓުން ނެރެފައިވާ އަމުރު މި މައްސަލައިގެ ތެރެއިން ބާޠިލްކޮށްދިނުމަށް އެދެނީ ކީއްވެތޯ ފަނޑިޔާރުންގެ ބެންޗުން ކުރި ސުވާލަށް ޖަވާބުދެމުން މުޙައްމަދު އަޙްމަދުގެ ފަރާތުން ބުނެފައިވަނީ 26 ޖަނަވަރީ 2026 ދުވަހު ނެރެފައިވާ ކޯޓު އަމުރަކީ 20 ޖަނަވަރީ 2026 ދުވަހުގެ ކޯޓު އަމުރު ބާޠިލުކޮށް ނެރެފައިވާ އަމުރެއް ކަމަށްވުމާއި، މި ދެ އަމުރަކީވެސް ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދާ ޚިލާފަށް ނެރެފައިވާ އަމުރުތަކެއް ކަމަށްވާތީ އެފަދައިން އެދެނީ ކަމަށެވެ.

އިސްތިއުނާފުރައްދުވާ ފަރާތުގެ ވާހަކަ އަދި އެދޭގޮތް

13އިސްތިއުނާފުރައްދުވާ މަރްޔަމް ނަޢީމާގެ ފަރާތުން މި އިސްތިއުނާފުގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 157 ވަނަ މާއްދާގައި ތަންފީޛުކުރުމުގެ މަރުހަލާގެ އެއްވެސް ހިސާބަކުން ދައުވާކުރާ ފަރާތުން ދައުވާލިބޭ ފަރާތަށް ދޭން ބޭނުންވާ ކޮންމެ ފުރުސަތެއް ކޯޓުން ދޭންވާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް ހަމަ އެ މާއްދާގައި، އިސްކަންދޭންވާނީ ޙައްޤުވެރިޔާގެ މަސްލަހަތަށް ކަމަށް ބަޔާންކޮށްފައިވާތީ ދަށުކޯޓުން ނެރުނު އެ ކޯޓު އަމުރު އެ މާއްދާއާ ޚިލާފު ކަމަށް ނުދެކޭ ކަމަށެވެ.

14އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދެނީ ދަށުކޯޓުގެ ކޯޓު އަމުރު ބާޠިލްކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުން ކަމަށެވެ.

15ފަނޑިޔާރުންގެ ބެންޗުން ކުރި ސުވާލުތަކަށް ޖަވާބުދެމުން މަރްޔަމް ނަޢީމާގެ ފަރާތުން ބުނެފައިވަނީ ތަންފީޛީ ޤަޟިއްޔާގެ ތެރެއިން 18 ޖަނަވަރީ 2026 ދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި 3 މަހަށް ބަހާލައިގެން ދަރަނި ދެއްކުމަށް ފުރުސަތުދީ، 1 (އެކެއް) މަސްދުވަހުގެ ފަހަށް މައްސަލަ ތާވުލުކޮށްދިނުމަށް މަރްޔަމް ނަޢީމާގެ ފަރާތުން އެދިފައިވާ ކަމަށް އިސްތިއުނާފުކުރާ މުޙައްމަދު އަޙްމަދުގެ ފަރާތުން ބުނެފައިވަނީ ކަންހިނގި ގޮތަށް ކަމަށެވެ. އެ ފުރުސަތު ދިނުމަށް ދަށުކޯޓުގައި މަރްޔަމް ނަޢީމާގެ ފަރާތުން އެދުނު ކަމަށެވެ. އަދި ސިވިލް ކޯޓުން މުޙައްމަދު އަޙްމަދުގެ އެކައުންޓްތަކުގައި ހުރި ފައިސާ ހިފެހެއްޓުމުގެ އަމުރުތައް ނެރެފައިވަނީ މަރްޔަމް ނަޢީމާގެ ފަރާތުން މުޙައްމަދު އަޙްމަދަށް ދިނުމަށް އެދުނު 1 (އެކެއް) މަސްދުވަސް ހަމަނުވަނީސް އޭގެ މާކުރިން ކަމަށެވެ.

ޙުކުމް ތަންފީޛްކުރުމުގެ އިޖުރާއަތާ ގުޅޭ

16މިހާރު ޢަމަލުކުރަމުންދާ ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) އަދި އެ ޤާނޫނުގެ ދަށުން ހެދިފައިވާ މަދަނީ އިޖުރާއަތުގެ ގަވާއިދުތަކުގެ ދަށުން ތަންފީޛީ މަރުޙަލާގެ ތަފްސީލީ އިޖުރާއަތެއް ތަޢާރަފުކުރެވިފައިވެއެވެ. އަދި މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކޯޓުތަކުން ޢަމަލުކުރަމުން އައި ބައެއް ތަންފީޛީ އިޖުރާއަތުތައް އެކީ އެކަށް މަދަނީ އިޖުރާއަތުން ބަދަލުކށްފައިވެއެވެ.

17އެގޮތުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ބައްތިރީސްވަނަ ބާބަކީ "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޙުކުމް ތަންފީޛުކުރުން" މި ސުރުޚީގެ ދަށުން ބަޔާންކޮށްފައިވާ ތަންފީޛީ އިޖުރާއަތު ބަޔާންކޮށްފައިވާ ބާބެވެ. މި ބާބު ޖުމްލަ 3 (ތިނެއް) ބަޔަކަށް ބަހާލެވިފައިވާއިރު ދެވަނަ ބަޔަކީ "ފައިސާ ދެއްކުމަށް ކޮށްފައިވާ ޙުކުމް ތަންފީޛްކުރުން" މި ސުރުޚީގެ ދަށުން ބަޔާންކޮށްފައިވާ ބައެވެ. މި ބައިގައި ހިމެނޭ އެ ޤާނޫނުގެ 371 ވަނަ މާއްދާއަކީ ޙުކުމް ތަންފީޛްކުރުމުގެ ބޭނުމަށްޓަކައި ކޯޓުން ހިފަހައްޓައިގެން ނުވާނެ މުދާ ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގައި ބަޔާންކުރަނީ އަންނަނިވި އިބާރާތެވެ.

371 (ހ) "ޙުކުމް ތަންފީޛުކުރުމުގެ ބޭނުމަށްޓަކައި އަންނަނިވި މުދާ ކޯޓުން ހިފަހައްޓައިގެން ނުވާނެއެވެ.

(1) ދަރަނިވެރިޔާއާއި އޭނާ ޝަރުޢީގޮތުން ނުވަތަ ޤާނޫނީގޮތުން ބަލަހައްޓަންޖެހޭ ފަރާތްތައް ދިރިއުޅުމަށް ކޮންމެހެން ބޭނުންވާނެ ޟަރޫރީ ތަކެތީގެ ތެރެއިން، އެތަކެތީގެ ބާޒާރުގެ އަގު 20,000 (ވިހިހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ތަކެތި؛

(2) ދަރަނިވެރިޔާ ނުވަތަ އޭނާ ބަލަހައްޓަންޖެހޭ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަކަށް ނުވަތަ ބައްޔަކަށް ކުރަންޖެހޭ ބޭސްފަރުވާ ކުރުމަށްޓަކައި ބޭނުންކުރާ ތަކެތި؛

(3) ދިވެހިރާއްޖޭގެ ކޯޓަކުން ކޮށްފައިވާ ޙުކުމަކާ ގުޅިގެން، ނުވަތަ ދިވެހިރާއްޖޭގެ ކޯޓަކުން ތަންފީޛުކޮށްފައިވާ ޙުކުމަކާ ނުވަތަ އެއްބަސްވުމަކާ ގުޅިގެން، ބައްޔެއްގެ ސަބަބުން ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ނަގައިދެވޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބިފައިވާ އެންމެހައި ފައިސާ؛

(4) ދަރަނިވެރިޔާ ޢާންމު ގޮތެއްގައި ދިރިއުޅޭތަނުގައި ހުރި ހިފައިގެންގުޅޭ ތަކެތީގެ ތެރެއިން، ދަރަނިވެރިޔާއާއި އޭނާގެ ޢާއިލާގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ތަކެތީގެ ތެރެއިން އެތަކެތީގެ ބާޒާރުގެ އަގު 10,000 (ދިހަހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ތަކެއްޗާއި، އެތަކެތީގެ އަގު ދެނެގަނެވިފައިނުވާނަމަ ދަރަނިވެރިޔާގެ އަތުގައި ބެހެއްޓުމަށް އޭނާ ބޭނުންވާ އޭނާގެ އަމިއްލަ ތަކެތި؛ ދަރަނިވެރިޔާ ޢާންމު ގޮތެއްގައި ދިރިއުޅޭތަނުގައި ހުރި ހިފައިގެންގުޅޭ ތަކެއްޗަކީ އޭނާގެ މުދާކަމުގައި ބެލެވޭނެއެވެ.

(5) އެހެން ޤާނޫނަކުން ހިފެހެއްޓުން އިސްތިސްނާކުރެވިފައިވާ ކޮންމެ މުދަލެއް

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިސްތިސްނާކުރެވިފައިވާ މުދަލެއްގެ މައްޗަށް އޮތް ޙައްޤެއް ދޫކޮށްލަން އެއްބަސްވެފައިވާ އެއްބަސްވުމަކީ ބާޠިލު އެއްޗެކެވެ.

(ނ) ދަރަނިވެރިޔާއާއި އޭނާ ބަލަހައްޓަންޖެހޭ ޢާއިލާގެ މެންބަރުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ފައިސާގެ މިންވަރު އުނިކުރުމަށްފަހު، ދަރަނިވެރިޔާގެ އާމްދަނީން ބާކީ ހުންނަ ފައިސާއެއް ކޯޓަށް ހިފެހެއްޓިދާނެއެވެ.

(ރ) ދަރަނިވެރިޔާގެ ރަސްމީ މަސައްކަތުގައި ބޭނުންކުރާ ތަކެއްޗަކީ އޭނާ މަސައްކަތް ކުރަމުންދާހާ ހިނދަކު، އަދި އެ މަސައްކަތުން ލިބޭ އާމްދަނީން ދަރަނި ދައްކާ ޚަލާޞްކުރެވިދާނެކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމަ، ނުވަތަ އެ އާމްދަނީން ދަރަނީގެ ޖުމްލަ ޢަދަދުގެ ތެރެއިން ކޯޓުން ކަނޑައަޅާ މިންވަރެއް އަރަނިވެރިޔާއަށް ދެއްކޭނެނަމަ، އެ ތަކެތި ހިފެހެއްޓުމުން އިސްތިސްނާކުރެވިދާނެ ތަކެއްޗެވެ.

(ބ) ދަރަނިވެރިޔާ ނުވަތަ އަރަނިވެރިޔާގެ އެދުމުގެ މަތިން، މި މާއްދާގެ ދަށުން ކޯޓުން ނިންމާ ނިންމުން މުރާޖަޢާކުރެވިދާނެއެވެ. އެގޮތުން ކޯޓުގެ ނިންމުން ނިންމާތާ، 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ނިންމުމެއް މުރާޖަޢާކުރުމަށް އެދި ހުށަހަޅަންވާނެއެވެ."

18HN1މި މާއްދާއަށް ބެލުމުން، ފައިސާ ދެއްކުމަށް ކޮށްފައިވާ ޙުކުމް ތަންފީޛްކުރުމާ ގުޅޭގޮތުން، އެ ފައިސާއެއް ޙައްޤުވެރިޔާއަށް ހޯދައިދިނުމަށް ކޯޓުން ތަންފީޛް ހިންގުމުގައި ރިޢާޔަތްކުރަންޖެހޭ ވަކިވަކި ކަންކަން ބަޔާންކުރެވިފައިވެއެވެ. މީހެއްގެ ބޭންކު އެކައުންޓުގައި ފައިސާ ހުރުމަކުން، އިތުރު ޤާނޫނީ ބެލުމެއްނެތި އެފައިސާ ހިފަހައްޓާ ޙުކުމް ތަންފީޛްނުކުރެވޭނެކަން މި މާއްދާއިން ސާފެވެ. ޚާއްސަކޮށް މި މާއްދާގެ (ނ) އަށް ބެލުމުން ދަރަނިވެރިޔާއާއި އޭނާ ބަލަހައްޓަންޖެހޭ ޢާއިލާގެ މެންބަރުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ފައިސާގެ މިންވަރު އުނިކުރުމަށްފަހު، ދަރަނިވެރިޔާގެ އާމްދަނީން ބާކީ ހުންނަ ފައިސާއެއް ކޯޓަށް ހިފެހެއްޓިދާނެކަމަށް ބަޔާންކޮށްފައި އޮތުމުން، ހަމައެކަނި ބޭންކު އެކައުންޓުގައި ފައިސާ ހުރުމަކުން އިތުރު ޤާނޫނީ ބެލުމެއްނެތި އެކީ އެއްފަހަރާ ޙުކުމް ތަންފީޛްކޮށް ނިންމުމަށް މިހާރު ޢަމަލުކުރަމުންދާ މަދަނީ އިޖުރާއަތުން އެއްވެސް ފުރުޞަތެއް ލިބިގެންނުދާ ކަން ސާފެވެ.

19މި މައްސަލައިގައި ބަހުސްކުރެވޭ ގަވާއިދު ނަންބަރު 2022/R-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު)ގެ 157 ވަނަ މާއްދާގައި ބަޔާންކުރަނީ އަންނަނިވި އިބާރާތެވެ.

"ތަންފީޛުކުރުމަށް ހުށަހެޅޭ ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި ވެސް އިސްކަންދޭންވާނީ، ޙައްޤުވެރިޔާގެ މަޞްލަޙަތަށެވެ. ތަންފީޛު ކުރުމުގެ މަރުޙަލާގެ އެއްވެސް ހިސާބަކުން ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ދޭން ބޭނުންވާ ކޮންމެ ފުރުޞަތެއް ކޯޓުން ދޭންވާނެއެވެ."

20HN2އިސްވެ ނަކަލު ކުރެވުނު މާއްދާއަށް ބެލުމުން ތަންފީޛީ މައްސަލަތަކުގައި ޙައްޤުވެރިޔާގެ މަޞްލަޙަތަށް އިސްކަންދޭންވާނެ ކަމާއި، ތަންފީޛު ކުރުމުގެ މަރުޙަލާގެ އެއްވެސް ހިސާބަކުން ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ދޭން ބޭނުންވާ ކޮންމެ ފުރުޞަތެއް ކޯޓުން ދޭންޖެހޭނެކަން އެނގެއެވެ.

ކޯޓު އަމުރު ނެރުމުގައި ސިވިލް ކޯޓުން ޢަމަލުކޮށްފައިވަނީ މަދަނީ އިޖުރާއަތާ އެއްގޮތަށްތޯ؟

21HN3މި މައްސަލައިގައި އިސްތިއުނާފުކުރެވިފައިވަނީ ސިވިލް ކޯޓުން ނެރުނު ނަންބަރު 144-B11/CA/2828-2025/2026/06 "ކޯޓު އަމުރު" އެވެ. އެހެންކަމުން މި އިސްތިއުނާފުގައި ގޮތެއް ކަނޑައަޅަންޖެހެނީ އެ އަމުރާމެދުގައެވެ.

22ދަށުކޯޓުގައި ހިންގުނު ތަންފީޛީ ޤަޟިއްޔާގެ ތެރެއިން 18 ޖަނަވަރީ 2026 ދުވަހު ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަރަނިވެރިޔާ މަރްޔަމް ނަޢީމާގެ ފަރާތުން 3 (ތިނެއް) މަހަށް ބަހާލައިގެން ދަރަނި ދެއްކުމަށް ދަރަނިވެރިޔާ މުޙައްމަދު އަޙްމަދަށް ފުރުސަތުދީ، 1 (އެކެއް) މަސްދުވަހުގެ ފަހަށް މައްސަލަ ތާވުލުކޮށްދިނުމަށް އެދިފައިވާކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފެއް ނެތެވެ. ނަމަވެސް ސިވިލް ކޯޓުން އެ ފުރުސަތު ދިނުމެއް ނެތި، 20 ޖަނަވަރީ 2026 ދުވަހު ކޯޓުގެ އަމިއްލަ އިސްނެގުމަށް މުޙައްމަދު އަޙްމަދުގެ އެކައުންޓްތަކުގައި ހުރި ފައިސާ ހިފެހެއްޓުމުގެ އަމުރު ނެރެފައިވާކަން އެނގެން އެބައޮތެވެ. އަދި 26 ޖަނަވަރީ 2026 ދުވަހު އެ ކޯޓު އަމުރު ބާޠިލްކޮށް، ދަރަނީގެ މުޅި ޖުމްލަ ފައިސާ ހިފެހެއްޓުމަށް މޯލްޑިވްސް އިސްލާމިކް ބޭންކްގެ މައްޗަށް އަމުރުކޮށްފައިވާކަން އެނގެން އެބަ އޮތެވެ.

23މި މައްސަލައިގައި ދެފަރާތުންވެސް ޚިލާފެއް ނެތި އެއްބަސްވެފައިވާ ނުކުތާއަކީ އަރަނިވެރިޔާގެ ފަރާތުން ދަރަނިވެރިޔާއަށް ދަރަނި ދެއްކުމަށް ޝަރީޢަތުން ދިނުމަށް އެދުނު ފުރުސަތު އެފަދައިން ކޯޓުން ދިނުމެއް ނެތި މުޙައްމަދު އަޙްމަދުގެ އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމަށް އަމުރުކޮށް، މުޅި ދަރަނީގެ ފައިސާ ކޯޓަށް ގެނެސް ޙުކުމް ތަންފީޛްކޮށްފައިވާކަމެވެ.

24މި މައްސަލައިގައި ޖަވާބުދޭންޖެހޭ ޤާނޫނީ ސުވާލަކީ އިސްތިއުނާފުކުރެވިފައިވާ ކޯޓު އަމުރު ނެރުމުގެ ޤާނޫނީ ބާރު އެހިނދުގައި ސިވިލް ކޯޓަށް ލިބިއޮތްތޯ އުފެދޭ ސުވާލެވެ. އެގޮތުން ބަލާއިރު ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 157 ވަނަ މާއްދާގައި ޙައްޤުވެރިޔާގެ މަސްލަހަތު އިސްކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާއިރު، ހަމަ އެ މާއްދާގެ ޖެހިގެން އޮތް އިބާރާތުގައި ތަންފީޛުކުރުމުގެ މަރުހަލާގެ އެއްވެސް ހިސާބަކުން ދައުވާކުރާ ފަރާތުން ދައުވާލިބޭ ފަރާތަށް ދޭން ބޭނުންވާ ކޮންމެ ފުރުސަތެއް ކޯޓުން ދޭންވާނެކަމަށް ބަޔާންކޮށްފައި އެވަނީއެވެ.

25HN4އެފަދައިން އަރަނިވެރިޔާގެ ފަރާތުން ދަރަނިވެރިޔާއަށް އެ ފުރުސަތު ދީފައިވީއިރު، އެ ފުރުސަތު ދަރަނިވެރިޔާއަށް ގެއްލިގެންދާގޮތަށް ތަންފީޛީ ކޯޓުން އިތުރު ފިޔަވަޅުތައް އަޅައިގެން ނުވާނެކަން ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 157 ވަނަ މާއްދާއިން ސާފެވެ. އެހެންކަމުން މި ހާލަތުގައި އަރަނިވެރިޔާގެ ފަރާތުން ދަރަނިވެރިޔާއަށް ދީފައިވާ ފުރުސަތު ގެއްލިގެންދާގޮތަށް، އަރަނިވެރިޔާ އެދުނު ގޮތަށް 1 (އެކެއް) މަސްދުވަސް ހަމަވުމުގެ ކުރިން ސިވިލް ކޯޓުން މުޙައްމަދު އަޙްމަދުގެ އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން ދަރަނީގެ މުޅި ޖުމްލަ ފައިސާ ހިފެހެއްޓުމަށް އެހިނދުގައި ކޯޓު އަމުރު ނެރެފައިވަނީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 157 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ދެކެމެވެ.

26HN5ނަމަވެސް މިހާރު މި މައްސަލައާގުޅޭ މައުޟޫޢީ ޙުކުމް ތަންފީޛްކޮށް ނިމި، ދަށުކޯޓުގައި ކުރިއަށްދިޔަ ތަންފީޛީ ޤަޟިއްޔާ ނިމިފައިވެއެވެ. އަދި އިސްތިއުނާފްކުރެވުނު އަމުރު ޤާނޫނާ ޚިލާފުނަމަވެސް އެ އަމުރު ބާޠިލުކޮށް ކުރިން އޮތްޙާލަތަށް ރުޖޫޢަކުރަންޖެހޭ ފަދަ ޚާއްޞަ ޙާލަތެއް މި މައްސަލާގައި އޮތްކަން އިސްތިއުނާފްކުރާ ފަރާތަށް ބުނެދެވިފައި ނުވެއެވެ. އެހެންކަމުން އިސްތިއުނާފުކުރެވިފައި މިވާ ކޯޓު އަމުރު ބާޠިލްކުރުމުގެ ފާޢިލިއްޔަތެއް މިހިނދުގައި އޮތް ކަމުގައި ނުދެކެމެވެ. އަދި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 157 ވަނަ މާއްދާ މާނަކޮށް ތަޠުބީޤުކުރަންވީ ގޮތް ބާޔާންކުރެވިއްޖެކަމުގައި ދެކެމެވެ.

ނިންމަން ފެންނަގޮތް

27އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 144-B11/CA/2828-2025/2026/06 ކޯޓު އަމުރު ބާޠިލްކުރުމުގެ ފާޢިލިއްޔަތެއް މިހިނދުގައި ނެތް ކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު؛

28ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔު؛

29ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

30މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަޞްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

ޙުކުމް

ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 144-B11/CA/2828-2025/2026/06 ކޯޓު އަމުރު ބާޠިލްކުރުމުގެ ފާޢިލިއްޔަތެއް މިހިނދުގައި ނެތް ކަމަށް، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ

ފަނޑިޔާރު ޙުސައިން މަޒީދު (ރިޔާސަތު)

ފަނޑިޔާރު އިސްމާޢީލް ޝަފީޢު

ފުޓްނޯޓު

  1. […]
  2. […]
  3. ސިވިލް ކޯޓުގެ ނަންބަރު 144-B11/CA/1627-2025/2026/03 ކޯޓު އަމުރު (20 ޖަނަވަރީ 2026)
  4. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
  5. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)
  6. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 371 ވަނަ މާއްދާ
  • ގަވާއިދު ނަންބަރު 2022/R-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) ގެ 157 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ