ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 63 · 2019/SC-A/88ސުޕްރީމް ކޯޓު · 23 ޖޫން 2021

ޢަބްދުﷲ ޢަލީ ވ. ފަޟްލާ އިބްރާހީމް

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 23 ޖޫން 2021ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2019/SC-A/88

ޝަރީޢަތް ނިމުނުގޮތް

ޢަބްދުﷲ ޢަލީ ވ. ފަޟްލާ އިބްރާހީމް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންނިމުނު ތާރީޚު

23 ޖޫން 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2016/HC-A/350

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ފަޟްލާ އިބްރާހީމް

ޢަބްދުﷲ ޢަލީ

ބަދަލުގައި: ޢަބްދުﷲ ސަޢީދު

ބަދަލުގައި: ޢަބްދުﷲ ނަޞީރު މުޙައްމަދު

މަދަނީ – ދަރީގެ ޚަރަދު – އިޢްދައިގެ ޚަރަދު – އާޢިލާއާބެހޭ ޤަވާޢިދުގެ 67 ވަނަ މާއްދާ – ޙުކުމާ އެއްގޮތަށް ފައިސާ ނުދެއްކުން

ޢަބްދުﷲ ޢަލީ ވ. ފަޟްލާ އިބްރާހީމް

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/350 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދަފްތަރު ނަންބަރު ރސ 1217، ޢަބްދުﷲ ޢަލީ (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2019/SC-A/88 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ފަޟްލާ އިބްރާހީމް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ މައްޗަށެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

އިސްތިއުނާފުކުރާ ފަރާތް ޢަބްދުﷲ ޢަލީގެ މައްޗަށް އަނބިދަރީންނަށް ޚަރަދު ނުދީ އަޅާވެސްނުލާ ޙާލުވެސް ނުބަލާ އުޅޭތާ 14 މަހަށްވުރެ ގިނަދުވަސްވެފައިވާތީ ކުރީގެ މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓު / ކުޅުދޫ އަވަށު ސެކްޝަނަށް ޚަރަދު ހޯދުމުގެ މައްސަލައެއް ފަޟްލާ އިބްރާހީމް 2006 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހު ހުށަހެޅިއެވެ. މި މައްސަލަ އެ ކޯޓުގައި ހިންގާފައިވަނީ އެ ކޯޓުގެ ނަންބަރު 07/D3C-1/2006 ("ކެނދިކުޅުދޫ ކޯޓުގެ ނަންބަރު 07/D3C-1/2006 ޤަޟިއްޔާ" ނުވަތަ "ޚަރަދު ލެއްވި ޤަޟިއްޔާ") ޤަޟިއްޔާއިން ކަމާއި، އަދި ޙުކުމްކޮށްފައިވަނީ 2006 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތެރޭގައި ފަޟްލާ އިބްރާހީމްގެ ވަރި ސާބިތުކުރެވި، 2006 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ދެމީހުންނަށް ލިބިފައިވާ ދަރިފުޅުގެ ޚަރަދަށް /-450ރ. (ހަތަރު ސަތޭކަ ފަންސާސް ރުފިޔާ) އާއި ފަޟްލާ އިބްރާހީމް ޢިއްދައިގެ ޚަރަދަށް 03 (ތިނެއް) މަސްދުވަހަށް ކޮންމެ މަހަކު 500/-ރ. (ފައްސަތޭކަ ރުފިޔާ) އެ ހިނގާމަހުގެ 10 ވަނަ ދުވަހު ކޯޓަށް ދެއްކުމަށް ޢަބްދުﷲ ޢަލީގެ މައްޗަށް އަމުރުކުރެވުނެވެ. މީގެ އިތުރުން ދަރިފުޅުގެ ބޭސްފަރުވާއާއި، އިސްކޫލަށް ދާންޖެހޭ އުމުރުފުރާއަށް އެޅުމުން އިސްކޫލު ޚަރަދުވެސް ކުރުމަށް އަންގައެވެ.

ބަޔާންވެދިޔަ ކެނދިކުޅުދޫ ކޯޓުގެ ނަންބަރު 07/D3C-1/2006 ޤަޟިއްޔާއިން ސާބިތުވެފައިވާ ޚަރަދު ޢަބްދުﷲ ޢަލީގެ ފަރާތުން ފަޟްލާ އިބްރާހީމަށް ނުދައްކާތީވެ، ޙުކުމް ތަންފީޒުކުރުމުގެ އިތުރު މައްސަލައެއް ފަޟްލާ އިބްރާހީމްގެ ފަރާތުން ޢަބްދުﷲ ޢަލީގެ މައްޗަށް ކުރީގެ މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓަށް 2009 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 29 ވަނަ ދުވަހު ހުށަހެޅިއެވެ. އެ ކޯޓުގައި މި މައްސަލަ ހިންގާފައިވަނީ އެ ކޯޓުގެ ނަންބަރު01/D3C-1/2010 ("ކެނދިކުޅުދޫ ކޯޓުގެ ނަންބަރު 01/D3C-1/2010 ޤަޟިއްޔާ") އިންނެވެ. މިއީ ޙުކުމް ތަންފީޒުކުރުމަށްޓަކައި ގޮތެއް ކަނޑައެޅިފައިވާ ފުރަތަމަ މައްސަލައެވެ. މި މައްސަލަ ހުށަހެޅުމާ ވިދިގެން، އެ މައްސަލަ ހުށަހެޅި ހިސާބަށް ނުލިބިފައިވާ ޚަރަދު ކަމުގައިވާ 5315/-ރ. (ފަސްހާސް ތިންސަތޭކަ ފަނަރަ ރުފިޔާ) ޢަބްދުﷲ ޢަލީ ދައްކާފައިވާތީވެ، އެހާތަނަށް ދައްކަން ޖެހިފައިވާ ފައިސާ ދައްކައި އެ މައްސަލައިގައި ޙުކުމް ކޮށްފައިވަނީ 2010 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހުއެވެ.

ކެނދިކުޅުދޫ ކޯޓުގެ ނަންބަރު 07/D3C-1/2006 ޤަޟިއްޔާގައި ކަނޑައަޅައި ސާބިތުވެފައިވާ ޚަރަދު، ޙުކުމާ އެއްގޮތަށް ޢަބްދުﷲ ޢަލީ ނުދައްކާތީވެ ޙުކުމް ތަންފީޒުކުރުމުގެ ދެވަނަ މައްސަލަ މިލަދުންމަޑުލު ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓަށް 2014 ވަނަ އަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހު ފަޟްލާ އިބްރާހީމްގެ ފަރާތުން ހުށަހެޅިއެވެ. މި މައްސަލަ އެ ކޯޓުން ބަލާފައިވަނީ މިލަދުންމަޑުލު ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/D3C-1/2014 ("ކެނދިކުޅުދޫ ކޯޓުގެ ނަންބަރު 2/D3C-1/20141 ޤަޟިއްޔާ") އިންނެވެ. މި މައްސަލައިގައި ޙުކުމްކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އަދި މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހިނގަމުންމިދާ މައްސަލައިގެ ދަށު ކޯޓުގެ ޙުކުމެވެ. މި މައްސަލައިގައި އެ ކޯޓުން ކޮށްފައިވާ ޙުކުމުގައި އަންނަނިވި ކަންކަން ކަނޑައަޅާފައި ވެއެވެ.

ކެނދިކުޅުދޫ ކޯޓުގެ ނަންބަރު 07/D3C-1/2006 ޤަޟިއްޔާއިން ކަނޑައަޅާފައިވާ ގޮތަށް ސާބިތުވެފައިވާ ޚަރަދު ޢަބްދުﷲ ޢަލީ ދައްކަމުން ނުދާކަމަށް ސާބިތުވާކަން.

ޚަރަދު ސާބިތުވި ތާރީޚުން ފެށިގެން (ޚަރަދު ލެއްވި ޤަޟިއްޔާ ކަމުގައިވާ ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/D3C-1/2006 ޤަޟިއްޔާގެ ޙުކުމް ކުރި ދުވަސްކަމުގައިވާ 2006 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުން) ފެށިގެން އާއިލާއާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙަށް ޢަމަލު ކުރަންފެށުމުން އެ އިޞްލާޙުގެ ދަށުން ދަރިފުޅުގެ ޚަރަދު އިޞްލާޙުގައިވާ ގޮތުގެމަތިން ނަގައިދިނުމަށް އެދުނު ހިސާބު ކަމަށްވާ 2014 އޮކްޓޫބަރު 22 ވަނަ ދުވަހާ ހަމައަށް ދައްކަންޖެހޭ 43650/-ރ. (ސާޅީސްތިންހާސް ހަސަތޭކަ ފަންސާސް) ރުފިޔާއިން އެ ހިސާބަށް ދައްކާފައިވާ ކަމަށް ފަޟްލާ އިބްރާހީމް އިއުތިރާފުވެފައިވާ 6765/-ރ. ( ހަހާސް ހަތްސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ ކެނޑުމުން ބާކީވާ 36885/-ރ. (ތިރީސް ހަހާސް އަށްސަތޭކަ އަށްޑިހަ ފަހެއް) ރުފިޔާ 06 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ ކޯޓަށް ދައްކާ ޚަލާސްކުރުން.

ކުރީގެ މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/D3C-1/2006 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ސާބިތު ޚަރަދު ކަނޑައެޅިފައިވާ ގޮތަށް ޢަބްދުﷲ ޢަލީ ފައިސާ ނުދައްކައިގެން މައްސަލަ ޝަރީޢަތަށް ހުށަހެޅި ފުރަތަމަ ފަހަރުކަމަށްވާތީ، ޢާއިލާއާބެހޭ ޤަވާޢިދުގެ 67 ވަނަ މާއްދާގައިވާ ގޮތުގެމަތިން މި ޚަރަދު ކުރުމަށް ޢަބްދުﷲ ޢަލީއަށް އެންގުމާއެކު އެއީ އެ ކޯޓުގެ ޙުކުމާ އެއްގޮތަށް ޢަބްދުﷲ ޢަލީ ޢަމަލުނުކުރާކަން ސާބިތުވި ފުރަތަމަ ފަހަރުކަމަށް ކަނޑައަޅައި އެ ޤަވާޢިދުގެ 67 ވަނަ މާއްދާގެ (ނ) ގެ ދަށުން ޢަބްދުﷲ ޢަލީ 01 (އެކެއް) މަސް ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ޙުކުމްކުރުން.

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/D3C-1/2014 ޤަޟިއްޔާގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން އެ މައްސަލަ ޢަބްދުﷲ ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/HC-A/350 ޤަޟިއްޔާއިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް ޢަބްދުﷲ ޢަލީގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް 02 (ދޭއް) ނުކުތާއެއް ހުށަހެޅިއެވެ.

ފުރަތަމަ ނުކުތާއަކީ ޢަބްދުﷲ ޢަލީގެ މައްޗަށް ސާބިތުވެފައިވާ ޚަރަދު ފައިސާ ދައްކަންޖެހެނީ ޝަރުޢީ ކޯޓަށް ކަމުގައިވާއިރު، ސާބިތު ޚަރަދާއި އެއްގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ފައިސާ ލިބުނުތޯ ނުވަތަ ނޫންތޯ ބެލުމުގައި ކޯޓުން ބުރަވެފައިވަނީ، ހަމައެކަނި އިސްތިއުނާފު ރައްދުވާ ފަރާތުން ކުރި ދަޢުވާގައި ބުނެފައިވާ ބުނުމުގެ މައްޗަށް އެކަނި ކަމުގައިވާއިރު، އިސްތިއުނާފުކުރާ ފަރާތުން ކޯޓަށް ދައްކާފައިވަނީ ކިހާ ފައިސާއެއްކަން ކޯޓުން ކަށަވަރުކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ ސާބިތު ޚަރަދާއި އެއްގޮތަށް ފައިސާ ނުދައްކައިގެން ކޯޓަށް މައްސަލަ ހުށަހެޅޭ ފުރަތަމަ ފަހަރު، ޢަމަލުކުރުމަށް "ޢާއިލާއާބެހޭ ޤަވާޢިދު" ގެ 67 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް މައްސަލައިގައި ޙުކުމް ކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ބަޔާންވެދިޔަ 02 (ދޭއް) ސަބަބުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ، ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/D3C-1/2006ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތަށް ދަރިފުޅުގެ ޚަރަދު ޢަބްދުﷲ ޢަލީ ނުދައްކާކަން ސާބިތުވާތީ، ޚަރަދު ސާބިތުވި ތާރީޚުން ފެށިގެން އާއިލާއާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙު ފާސްކުރެވުމުން އެ އިޞްލާޙާގުޅިގެން ޢާއިލާއާބެހޭ ޤަވާޢިދަށް ގެނެވުނު ބަދަލާ ގުޅިގެން ދަރިފުޅުގެ ޚަރަދު އިޞްލާޙުގައިވާ ގޮތުގެމަތިން ނަގައިދިނުމަށް ފަޟްލާ އިބްރާހީމް އެދުނު ހިސާބަށް ކަމުގައިވާ 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހާ ހަމައަށް ދައްކަންޖެހޭ 43650/-ރ. (ސާޅީސްތިންހާސް ހަސަތޭކަ ފަންސާސް) ރުފިޔާއިން އެ ހިސާބަށް ދައްކާފައިވާ ކަމަށް ފަޟްލާ އިބްރާހީމް އިއުތިރާފުވެފައިވާ 6765/-ރ. ( ހަހާސް ހަތްސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ ކެނޑުމުން ބާކީވާ 36885/-ރ. (ތިރީސް ހަހާސް އަށްސަތޭކަ އަށްޑިހަ ފަހެއް) ރުފިޔާ 06 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ ކޯޓަށް ދައްކާ ޚަލާސްކުރުމަށް ކަނޑައަޅާފައިވާ ބައި ބާޠިލުކޮށް، ޚަރަދު ލެއްވި ޤަޟިއްޔާގައި ޚަރަދު ސާބިތުވި ތާރީޚުން ފެށިގެން ބުނެވިދިޔަ ޢާއިލާއާބެހޭ ޤަވާޢިދަށް ގެނެވުނު އިސްލާޙުގައިވާ ގޮތުގެމަތިން ދަރިފުޅުގެ ޚަރަދު އިސްލާޙުގައިވާ ގޮތަށް ނަގައިދެވުނު ހިސާބަށް ކަމަށްވާ 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހާ ހަމައަށް 43,665/-ރ. (ސާޅީސް ތިންހާސް ހަސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ) ދައްކަން ޖެހޭކަމަށް ކަނޑައަޅައި، ޢަބްދުﷲ ޢަލީއަށް މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/D3C-1/2014 ޤަޟިއްޔާ ހުށަހެޅުމާ ހަމައަށް ދެއްކިފައިވަނީ 14,115/-ރ. (ސާދަ ހާސް އެއްސަތޭކަ ފަނަރަ ރުފިޔާ) ކަމަށާއި، އެ ޙުކުމާ އެއްގޮތަށް ދައްކަންޖެހޭ ސާބިތު ދަރަނީގެ ތެރެއިން 29,550/-ރ. (ނަވާވީސް ހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) 2019 ވަނަ އަހަރުގެ މާރިޗުގެ 07 ވަނަ ދުވަހުން ފެށިގެން 05 (ފަހެއް) މަސްދުވަސް ތެރޭގައި މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ދެއްކުމަށް ޢަބްދުﷲ ޢަލީއަށް އަންގައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ޙުކުމްކުރުމާ ވިދިގެން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޢަބްދުﷲ ޢަލީ އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

ދިވެހިރާއްޖޭގޭ ހައިކޯޓުގެ ނަންބަރު 2016/HC-A/350 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ޢަބްދުﷲ ޢަލީ ތިރީގައިވާ 02 (ދޭއް) ނުކުތާ ހުށަހެޅިއެވެ.

ސާބިތު ޚަރަދާއި އެއްގޮތަށް ފައިސާ ނުދައްކައިގެން ކޯޓަށް މައްސަލަ ހުށަހެޅޭ ފުރަތަމަ ފަހަރު، ޢަމަލުކުރުމަށް ޢާއިލާއާބެހޭ ޤަވާޢިދުގެ 67 ވަނަ މާއްދާގެ (ހ) އިން ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް މައްސަލައިގައި ޙުކުމް ކޮށްފައިވާކަން.

ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށް މައްސަލައިގައި ޙުކުމް ކޮށްފައިވާކަން.

އިސްތިއުނާފުގެ ޖަވާބުގައި ފަޟްލާ އިބްރާހީމް ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބަބެއް ނެތްކަމާއި، ޢަބްދުﷲ ޢަލީ ޚަރަދު ލެއްވި ޤަޟިއްޔާގައިވާ ގޮތަށް ފައިސާ ދައްކާފައިނުވާކަމާއި، އަދި އެ ޙުކުމާ އެއްގޮތަށް މިހާރުވެސް ޢަމަލުކުރަމުން ނުދާކަމަށާއި މިހާރު ދައްކަންޖެހި ނުދައްކާވާ ސާބިތު ޚަރަދު ފައިސާ ނ. ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓަށް 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ޢަބްދުﷲ ޢަލީގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

މި މައްސަލައިގެ އިސްތިއުނާފުގައި ދައުރުވާ ސުވާލަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ޢާއިލާއާބެހޭ ޤަވާޢިދުގެ 67 ވަނަ މާއްދާގެ (ހ) އާއި އެއްގޮތަށްތޯ އާއި ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި ޚިލާފަށްތޯ ކަމުގައި ވާތީވެ ވިދިގެން އަންނަ ފޮޅުވަތްތަކުގައި އެކަމުގެ މައްޗަށް ބަލާލަމެވެ.

ޢާއިލާއާބެހޭ ޤަވާޢިދުގެ 67 ވަނަ މާއްދާގެ (ހ) އާ ގުޅޭ

އިސްތިއުނާފު ކުރެވިފައިވާ ފުރަތަމަ ނުކުތާގެ ތަފްސީލުދެމުން ޢަބްދުﷲ ޢަލީގެ ފަރާތުން ފާހަގަކޮށްފައިވަނީ، ޚަރަދުލެއްވި ޤަޟިއްޔާގައި ސާބިތުވެފައިވާ ޚަރަދުގެ ފައިސާ ނުދައްކައިގެން މައްސަލަ ޝަރީޢަތަށް ހުށަހެޅި ފުރަތަމަ މައްސަލައަކީ މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/D3C-1/2014 ޤަޟިއްޔާ ކަމުގައި ބަލައި، ޢާއިލާއާބެހޭ ޤަވާޢިދުގެ 67 ވަނަ މާއްދާގެ (ނ) ގެ ދަށުން ޢަބްދުﷲ ޢަލީ 10 (އެކެއް) މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ކޮށްފައިވާ ޙުކުމުގެ އެ ބަޔަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/350 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ސާބިތު ޚަރަދާއި އެއްގޮތަށް ފައިސާ ނުދައްކައިގެން މައްސަލައެއް ކޯޓަށް ހުށަހެޅި ފުރަތަމަ ފަހަރު ޢަމަލުކުރުމަށް ޢާއިލާއާބެހޭ ޤަވާޢިދުގެ 67 ވަނަ މާއްދާގެ (ހ) ގައިވާ ގޮތާއި ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވާތީވެ އަންނަނިވި ކަންކަން ފާހަގަކުރަމެވެ.

ޢާއިލާއާބެހޭ ޤަވާޢިދުގެ 67 ވަނަ މާއްދާއަކީ ޙުކުމާ އެއްގޮތަށް ސާބިތު ޚަރަދު ނުދައްކައިފިނަމަ އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކުރާ މާއްދާއެވެ. ޢަބްދުﷲ ޢަލީ ޙަވާލާދީފައިވަނީ މި މާއްދާގެ (ހ) އަށެވެ. އެ މާއްދާގައި ވަނީ މި ފަދައިންނެވެ.

"ސާބިތުވެފައިވާ ގޮތުގެމަތިން ޚަރަދު ނުދައްކައިގެން މައްސަލަ ހުށަހެޅޭ ފުރަތަމަ ފަހަރު ޚަރަދު ދޭންޖެހޭ މީހާއަކީ ސަރުކާރުގެ އޮފީހެއްގައި ވަޒީފާ އަދާކުރާ މީހެއްނަމަ، ނުވަތަ އަމިއްލަ ފަރާތެއްގައި ދާއިމީ މަސައްކަތެއްގައި އުޅޭ މީހެއްނަމަ، އެ މީހެއްގެ މުސާރައިން ޚަރަދު ކަނޑަމުން ގެންދިއުމަށް ޙުކުމްކޮށް ޙުކުމުގައިވާ ޢަދަދަށް އެމީހެއްގެ މުސާރައިން ފައިސާ ކެނޑުމަށްފަހު ކޯޓަށް އެ ފައިސާ ޖަމާކުރުމަށް އެމީހާ ވަޒީފާ އަދާކުރާ އޮފީހަށް ނުވަތަ މަސައްކަތްކުރާ ތަނަށް އަންގަން ވާނެއެވެ."

ބަޔާންވެދިޔަ ޢާއިލާއާބެހޭ ޤަވާޢިދުގެ 67 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ ޢަބްދުﷲ ޢަލީ ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވަނީ، ހިނގަމުން މިދާ މައްސަލަ ދަށު ކޯޓުގައި ހިންގުނު ޤަޟިއްޔާ ކަމުގައިވާ ކެނދިކުޅުދޫ ކޯޓުގެ ނަންބަރު 12/D3C-1/2014 ޤަޟިއްޔާއަކީ ސާބިތު ޚަރަދު ނުދައްކައިގެން ހުށަހެޅުނު ފުރަތަމަ މައްސަލަކަމާއި، އެހެންކަމުން އެ ޤަވާޢިދުގެ 67 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ޢަބްދުﷲ ޢަލީއަކީ، އަމިއްލަ ވަޒީފާއެއް އަދާކުރާ މީހެއް ކަމުގައިވާތީވެ މުސާރައިން ފައިސާ ކެނޑުމަށްފަހު ކޯޓަށް އެ ފައިސާ ޖަމާކުރުމަށް މަސައްކަތްކުރާ ތަނަށް އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވިޔަސް އެ ގޮތަށް އެ ކޯޓުން ޢަމަލުކޮށްފައި ނުވާކަމަށެވެ. އޭގެ ބަދަލުގައި އެ ކޯޓުން ޢަމަލުކޮށްފައިވަނީ ސާބިތު ޚަރަދު ފައިސާ ނުދައްކައިގެން ހުށަހެޅޭ ދެވަނަ މައްސަލައިގައި ޢަމަލުކުރުމަށް ޢާއިލާއާބެހޭ ޤަވާޢިދުގެ 67 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައިވާ އުސޫލުން ފައިސާ ދެއްކުމަށް އެންގުމާއެކު 01 (އެކެއް) މަސްދުވަހަށް ގޭގައި އޭނާ ބަންދުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

ބުނެވިދިޔަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަޟްލާ އިބްރާހީމް ފާހަގަކޮށްފައިވަނީ ނ. ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/D3C-1/2014 ޤަޟިއްޔާ އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައިވާ ފަދައިން ފެންނަން ހުރި ޙަޤީގަތްތަކުގެ މައްޗަށް ބިނާކޮށް، ޢަބްދުﷲ ޢަލީ ފައިސާ ނުދައްކައިގެން ހުށަހެޅުނު ދެވަނަ މައްސަލައަކީ ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/D3C-1/2014 ޤަޟިއްޔާ ކަމުގައިވާތީވެ އިސްތިއުނާފުކުރާ ފަރާތް ޢަބްދުﷲ ޢަލީ 01 (އެކެއް) މަސްދުވަހަށް ގޭގައި ބަންދުކޮށްފައިވާ ބަޔަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައިވަނީ ސާބިތު ޚަރަދާ ގުޅިގެން ފައިސާ ނުދައްކައިގެން ހުށަހެޅޭ މައްސަލަތަކުގައި ޢަމަލުކުރުމަށް އޮންނަ ޢާއިލާއާބެހޭ ޤަވާޢިދުގެ 67 ވަނަ މާއްދާގެ (ށ) ގައިވާ އުޞޫލުން ކަމުގައިވާތީވެ އެ ނިންމުމަކީ ޤަވާޢިދާ އެއްގޮތަށް ކަނޑައަޅާފައިވާ ނިންމުމެއް ކަމަށް ދެކޭކަމަށެވެ.

އިޝާރާތްކުރެވިފައިވާ ނުކުތާއަށް ބަލާއިރު، ކެނދިކުޅުދޫ ކޯޓުގެ ނަންބަރު 12/D3C-1/2014 ޤަޟިއްޔާގައި ޢަބްދުﷲ ޢަލީއަށް ފައިސާ ދެއްކުމަށް އެންގުމާއެކު 01 (އެކެއް) މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ޙުކުމްކޮށްފައިވަނީ ޢާއިލާއާބެހޭ ޤަވާޢިދުގެ 67 ވަނަ މާއްދާގެ (ށ) ގައިވާ އުޞޫލަކުން ނޫނެވެ. އޭގެ ބަދަލުގައި އެ ކޯޓުން ޢަމަލުކޮށްފައި ވަނީ ޢާއިލާއާބެހޭ ޤަވާޢިދުގެ 67 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީކަން އެ ޤަޟިއްޔާގެ ޙުކުމަށް ބެލުމުން އެނގެއެވެ. މި މާއްދާގައި ވަނީ އަންނަނިވި ފަދައިންނެވެ.

"ޚަރަދު ކުރަންޖެހޭ މީހާއަކީ ވަޒީފާއެއްގައި އުޅޭ މީހަކަށް ނުވާނަމަ ސާބިތު ޚަރަދުގެ ފައިސާ ނުދައްކައިގެން ހުށަހެޅޭ ފުރަތަމަ ފަހަރު ޙުކުމާއި އެއްގޮތަށް ޢަމަލުކުރުމަށް އެންގުމާއިއެކު ފައިސާ ދައްކަންޖެހޭ މީހާގެ ޙާލަތަށް ރިޢާޔަތްކޮށް ފައިސާ ނުދެއްކި ފަރާތް 1 (އެކެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމަށް ޙުކުމްކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ."

ނ. ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/D3C-1/2014 ޤަޟިއްޔާގައި އެ ކޯޓުން ޙަވާލާދީފައިވަނީ ޢާއިލާއާބެހޭ ޤަވާޢިދުގެ 67 ވަނަ މާއްދާގެ (ނ) އަށް ކަމާއި، ސާބިތު ޚަރަދު ނުދައްކައިގެން މައްސަލައެއް ހުށަހެޅޭ ފުރަތަމަ ފަހަރުވެސް އެ މާއްދާގައިވާ ޙާލަތުގައި ޢަބްދުﷲ ޢަލީ އެއްވެސް ފަރާތެއްގައި ވަޒީފާއެއް އަދާކުރާކަން ސާބިތު ނުވާނަމަ، ފައިސާ ދެއްކުމަށް އެންގުމާއެކު 10 (އެކެއް) މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ހުރަހެއް އޮތްކަމަކަށް ނުދެކެމެވެ. އަދި މި ޙާލަތުގައި ކުރިން ތަފްސީލު ދެވިފައިވާ ފަދައިން ޢަބްދުﷲ ޢަލީ އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައިވާ ޢާއިލާއާބެހޭ ޤަވާޢިދުގެ 67 ވަނަ މާއްދާގެ (ހ) ގައިވާ އުޞޫލުން ކޯޓުން ޢަމަލުކޮށްފައިވޭތޯ ބެލުމުގެ މަޙައްލެއް ނޫންކަމުގައި ދެކެމެވެ.

ނަމަވެސް ކުރިންވެސް ދެންނެވިފައިވާ ފަދައިން އިސްތިއުނާފުކުރާ ފަރާތް ކަމުގައިވާ ޢަބްދުﷲ ޢަލީ ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވަނީ ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/D3C-1/2014 ޤަޟިއްޔާއަކީ ފައިސާ ނުދައްކައިގެން ހުށަހެޅުނު ފުރަތަމަ މައްސަލަކަމާއި، އެހެންކަމުން އަދަބެއް ކަނޑައެޅޭއިރު ބަލަންޖެހޭނީ ފުރަތަމަ ފަހަރު ޢަމަލުކުރުމަށް ޢާއިލާއާބެހޭ ޤަވާޢިދުގެ 67 ވަނަ މާއްދާގެ (ހ) ގައިވާ އުޞޫލުންކަމަށް ދެކޭކަމަށް ފާހަގަކޮށްފައި ވާތީވެ ދިވެހިރާއްޖޭގެ ހައިކޯޓުން ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/D3C-1/2014 ޤަޟިއްޔާއަކީ ފައިސާ ނުދައްކައިގެން ހުށަހެޅުނު ފުރަތަމަ ޤަޟިއްޔާތޯ ނުވަތަ ދެވަނަ ޤަޟިއްޔާތޯ އެ ކޯޓުން ކަށަވަރުކޮށްފައިވާކަން އެނގެއެވެ. މިގޮތުން މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުން އެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ސާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ކަށަވަރުކޮށްފައިވާ ފަދައިން ފައިސާ ނުދައްކައިގެން ހުށަހެޅުނު ފުރަތަމަ މައްސަލައަކީ ކެނދިކުޅުދޫ ކޯޓުގެ ނަންބަރު 01/D3C-1/2010 ޤަޟިއްޔާކަމާއި އަދި ފައިސާ ނުދައްކައިގެން ހުށަހެޅުނު ދެވަނަ ޤަޟިއްޔާއަކީ ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/D3C-1/2014 ޤަޟިއްޔާކަން އެނގެން އޮންނާތީވެ އިސްތިއުނާފުކުރާ ފަރާތް ކަމުގައިވާ ޢަބްދުﷲ ޢަލީ ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/D3C-1/2014 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ސާބިތު ޚަރަދު ނުދައްކާތީވެ، ޙުކުމާ އެއްގޮތަށް ފައިސާ ދެއްކުމަށް އެންގުމާއެކު 01 (އެކެއް) މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ނިންމާފައިވާ ނިންމުމަކީ ޢާއިލާއާބެހޭ ޤަވާޢިދުގެ 67 ވަނަ މާއްދާގެ (ށ) ގައިވާ ޙާލަތަށް ބެލިޔަސް އަދި ކެނދިކުޅުދޫ ކޯޓުގެ ނަންބަރު 12/D3C-1/2014 ޤަޟިއްޔާގެ ޙުކުމުގައި ބުނެފައިވާ ފަދައިން އެ ޤަވާޢިދުގެ 67 ވަނަ މާއްދާގެ (ނ) ގައިވާ ޙާލަތަށް ބެލިކަމުގައި ވިޔަސް ޤާނޫނާ އެއްގޮތަށް އެ ކޯޓުން އިއްވާފައިވާ ނިޔާއެއް ކަމުގައި އަހުރެން ދެކެމެވެ.

ފަނޑިޔާރުންގެ ޤާނޫނު ގެ 05 ވަނަ މާއްދާގެ (ށ) ގެ (1) އާ ގުޅޭ

އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލު ދެމުން ޢަބްދުﷲ ޢަލީ ފާހަގަކޮށްފައިވަނީ ޙުކުމް ތަންފީޒުކުރަން ހުށަހެޅުނު ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 01/D3C-1/2010ޤަޟިއްޔާ ކޯޓަށް ހުށަހެޅި ދުވަހާ ހަމައަށް ދައްކަންޖެހޭ ޚަރަދު ފައިސާ ދައްކާފައިވާކަން ޤަޟިއްޔާގެ ޙުކުމް ބެލުމުން އެނގޭކަމާއި، ނަމަވެސް މި މުއްދަތަށް ދައްކަންޖެހޭ ފައިސާ ހިސާބުކުރުމުގައި /-17685ރ. (ސަތާރަ ހާސް ހަސަތޭކަ އަށްޑިހަ ފަހެއް) ރުފިޔާ ހިމަނަގައިގެން ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދަކީ /-43665ރ. (ސާޅީސް ތިންހާސް ހަސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ހިސާބުކޮށްފައިވަނީ ރަނގަޅަށް ނޫންކަމާއި، އޭގެ ބަދަލުގައި ދައްކަންޖެހޭ ފައިސާގެ އަދަދަކީ 13785/- ރ. (ތޭރަ ހާސް ހަތްސަތޭކަ އަށްޑިހަ ފަހެއް) ރުފިޔާ ކަމުގައި ކަނޑައަޅައި ނިންމައި ދިނުމަށްކަމަށް ވާތީވެ އަންނަނިވި ކަންކަން ފާހަގަކުރަމެވެ.

އިސްތިއުނާފީ ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހިސާބުކޮށްފައިވާ ގުޅޭގޮތުން އުފައްދާފައިވާ ސުވާލެކެވެ. މައްސަލައެއްގެ ވާޤިޢާތައް ސާބިތުކުރުމާއި ހެކި ވަޒަންކުރުން ފަދަ ކަންކަމަކީ އިސްތިއުނާފީ މަރުޙަލާގައި ކުރާކަމެއް ނޫނެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހެޅުނު ކަންކަމުގެ މައްޗަށް އެ ކޯޓުން ބަލައި، ރިޢާޔަތްކޮށް އެ ކޯޓުން ޙުކުމެއް ކޮށްފައިވާކަން އެނގެއެވެ. އެޓަރނީ ޖެނެރަލް އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު މި ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ފަދައިން، މައްސަލައެއްގައި ޚަސްމަކާ ދެކޮޅަށް މައްސަލައެއް ނިމޭހިނދު، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅުނު ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ، ފަނޑިޔާރުން ރިޢާޔަތް ކޮށްފައިނުވަނީ ޤާނޫނީ ކޮން ނުކުތާއަކާ ގުޅިގެން ހުށަހަޅާފައިވާ ކޮން ހެއްކެއްކަން ބުނެދިނުމަކީ އެހެން ބުނާ ފަރާތެއްގެ ޒިންމާއެކެވެ.

ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭ ކޮންމެ ކަމަކީ ކަނޑައެޅިފައިވާ ގޮތުގެމަތިން ސާބިތުކޮށް ދެވެންޖެހޭ ކަންކަމެވެ. ސާބިތު ޚަރަދު ދެއްކުމަށްޓަކައި ޙުކުމުގައި ބަޔާންކޮށްފައިވަނީ ކޯޓަށް ފައިސާ ދެއްކުންކަމާއި، ކޯޓަށް ޙުކުމުގައިވާ ގޮތަށް ފައިސާ ދެއްކިކަން ސާބިތުކޮށްދިނުމުގެ ޒިންމާ މަތިކުރެވިފައިވަނީ އިސްތިއުނާފުކުރާ ފަރާތް ޢަބްދުﷲ ޢަލީގެ މައްޗަށެވެ. ހުށަހެޅިފައިވާ މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ކޯޓަށް ދައްކާފައިވާ ފައިސާ ދިވެހިރާއްޖޭގެ ހައިކޯޓުން ކަށަވަރުކޮށްފައިވާކަން އެނގޭކަމާއި، މިގޮތުން ޚަރަދު ލެއްވި ޤަޟިއްޔާ ކަމުގައިވާ ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/D3C-1/2006 ޤަޟިއްޔާއިން ޚަރަދު ސާބިތުވެ އާއިލާއާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާހާ ގުޅިގެން ޢާއިލާއާބެހޭ ޤަވާޢިދުގެ ދަށުން 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހާ ހަމައަށް އިސްތިއުނާފުކުރާ ފަރާތުން ޚަރަދު ދައްކަން ޖެހޭކަމަށް ކަނޑައަޅާފައިވާ 43665/-ރ. (ސާޅީސް ތިންހާސް ހަސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) ކަމާއި މީގެ ތެރެއިން އިސްތިއުނާފުކުރާ ފަރާތުން 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހާ ހަމައަށް ދައްކާފައިވާކަމަށް ސާބިތުވެފައިވަނީ 1415/-ރ. (ސާދަހާސް އެއްސަތޭކަ ފަނަރަ ރުފިޔާ) ކަމާއި، އެހެންކަމުން އިސްތިއުނާފުކުރާ ފަރާތުން އެ މުއްދަތަށް ދައްކަންޖެހިފައިވާ ފައިސާގެ ޖުމްލަ ޢަދަދަކީ 29550/-ރ. (ނަވާވީސް ހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) ކަމާއި، އެ ނޫންގޮތަކަށް މިކަން ސާބިތުވާ ފަދަ ހެއްކެއް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައި ނުވާހިނދު ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ ގޮތުގެމަތިން އެ ފައިސާ މިލަދުންމަޑުލު ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓަށް އިސްތިއުނާފުކުރާ ފަރާތް ދައްކަން ޖެހޭނެކަމަށް އަހުރެން ދެކެމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެ ދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/350 ޤަޟިއްޔާ އިސްތިއުނާފު ކުރުމުން، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/350 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް ބެލެވޭނެ ހަމައެއް ނެތުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/350 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރުމުޙައްމަދު އިބްރާހީމްޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ