މުޙައްމަދު ފިރާޤް ވ. މުޙައްމަދު ރިޔާޟް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- މަދަނީ ކޯޓުން (2006/އެމްސީ/623) ކުންފުނި އުވާލުމަށް އަމުރުކޮށް، އޮޑިޓް ރިޕޯޓުގެ ޖުމްލަ އެސެޓްސްގެ 40% ކަމަށްވާ 672,284 ޔޫ.އެސް. ޑޮލަރު 60% ޙިއްޞާ އޮތް ފަރާތުން ދައްކަންޖެހޭނެ ކަމަށް ނިންމިއެވެ. ހައިކޯޓުން އެ ޙުކުމަށް ތާއީދުކުރިއެވެ.
- ވާޤިޢާ
- 40% ޙިއްޞާ އޮތް ޙިއްޞާދާރަކު، ކުންފުނި ހިންގީ އޭނާގެ ޙައްޤުތަކަށް އުނިކަން ލިބޭގޮތަށް ކަމަށް ބުނެ، ކުންފުނި އުވާލުމަށާއި 2004 ގެ އޮޑިޓް ރިޕޯޓާ އެއްގޮތަށް އޭނާއަށް ލިބެންޖެހޭ ޙައްޤު ހޯދުމަށް މަދަނީ ކޯޓުގައި ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުންފުނި އުވާލުމުގައި، ޙިއްޞާދާރަކަށް ލިބެންޖެހޭ ބައި ކަނޑައަޅަންވީ ކުންފުނީގެ ޖުމްލަ އެސެޓްސްގެ ނިސްބަތުންތޯ، ނުވަތަ ލަޔަބިލިޓީޒް ކެނޑުމަށްފަހު ބާކީ ހުރި އެއްޗެއްގެ ނިސްބަތުންތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިލްތިމާސްކުރި ފަރާތުގެ ނުކުތާއަކީ، 40% ގެ ޙިއްޞާ ކަނޑައެޅިއިރު ކުންފުނީގެ އަރަންޏާއި ދަރަނި ވަކިނުކޮށް ދަރަންޏަކީވެސް އަރަނި ކަމުގައި ބެލި ކަމެވެ.
- ކޯޓުގެ ސަބަބުތައް
- ޖުމްލަ އެސެޓްސްގެ ޢަދަދުގައި ލޯނާއި، ޑިރެކްޓަރުންނާއި ގުޅުންހުރި ފަރާތްތަކަށާއި، އޯވަރޑްރާފްޓްގެ ގޮތުގައި ދާންހުރި ފައިސާ ހިމެނޭތީ، ލަޔަބިލިޓީޒް ކެނޑުމަކާނުލައި ޙިއްޞާ ކަނޑައެޅުމުން އެހެން ފަރާތްތަކުގެ ޙައްޤުތައް ހިމެނިގެންދެއެވެ. އެހެންކަމުން ލަޔަބިލިޓީޒްއާމެދު ޢަމަލުކުރާނެ ގޮތް ކަނޑައަޅައި ޙިއްޞާދާރަށް ލިބެންޖެހޭ މިންވަރު އަލުން ބެލުމަށް ހައިކޯޓަށް ތަޙްވީލުކުރެވުނެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2007/HC-A/192
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުޙިއްޞާދާރަށް ލިބެންޖެހޭ ފައިސާ ކަނޑައެޅި ބަޔަށް ތާއީދުކުރި ހައިކޯޓުގެ ނިންމުން ބާޠިލު؛ އަލުން ބެލުމަށް ހައިކޯޓަށް ތަޙްވީލު
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ކުންފުނީގެ "ފައިނޭންޝިއަލް ސްޓޭޓްމެންޓް" ކިޔަންވާނީ "އެކައުންޓިންގ ޕޮލިސީ" އާއި ފައިނޭންޝިއަލް ނޯޓުތަކަށް ރިޢާޔަތް ކުރެވިގެން ކަމަށް ބެލެންސް ޝީޓުގައި ބަޔާންކޮށްފައިވާނަމަ، ޙިއްޞާދާރުންގެ ޙިއްޞާގެ ނިސްބަތުން ކުންފުނީގެ މާލިއްޔަތުން ޙިއްޞާދާރަކަށް ލިބެންޖެހޭ މިންވަރު ކަނޑައެޅުމުގައި "އެކައުންޓިންގ ޕޮލިސީ" އާއި "ފައިނޭންޝިއަލް ނޯޓު" ތަކަށް ރިޢާޔަތް ކުރެވެން ޖެހޭނެއެވެ.
ބެލެންސް ޝީޓަކީ ކުންފުނީގެ ވިޔަފާރި އާއި މާލީ ޙާލަތު އޮތްގޮތް ދައްކުވައިދޭ ޑޮކިއުމެންޓެކެވެ. އޮޑިޓް ރިޕޯޓާ އެއްގޮތްވާ ގޮތުގެމަތިން ޙިއްޞާދާރަކަށް އޭނާގެ ޙިއްޞާގެ ނިސްބަތުން ކުންފުނިން ލިބެންޖެހޭ މިންވަރު ކަނޑައެޅުމުގައި، ކުންފުނީގައި އެވަގުތުހުރި ސާފު ފައިދާގެ މިންވަރު އޮޑިޓް ރިޕޯޓާއި އެއްގޮތަށް ކަނޑައެޅެން ޖެހޭނެއެވެ.
ކުންފުނީގެ ލަޔަބިލިޓީޒް އަށްވުރެ ޖުމުލަ އެސެޓްސް ބޮޑުނަމަ، ބޮޑުވާމިންވަރަކީ ކުންފުނީގައި އެވަގުތުހުރި ފައިދާއެވެ؛ ލަޔަބިލިޓީޒް އަކީ އެހެންފަރާތްތަކުގެ ޙައްޤުތައް ކަމަށްވާތީ، ކުންފުނީގައި އެވަގުތަކު ހުރި "އެސެޓްސް" އާއި "ލަޔަބިލިޓީޒް" ކަނޑައެޅި، ކުންފުނީގެ ދަރަނިތައް ކެނޑުމަށްފަހު، ބާކީ ދެންހުރި އެއްޗެއް ޙިއްޞާގެ ނިސްބަތުން ޙިއްޞާދާރުންގެ މެދުގައި ބެހިދާނެއެވެ. ޙިއްޞާދާރަކަށް ލިބެންޖެހޭ ޙައްޤު ލިބިދެވޭއިރު އަރަނިވެރި ފަރާތްތަކުގެ ޙައްޤު ހިމާޔަތް ކުރެވެންޖެހޭނެއެވެ.
މާލީ ބަޔާންތައް ތައްޔާރު ކުރުމުގައި ބޭނުންކުރެވޭ ބައިނަލްއަޤްވާމީ ހަމަތަކާއި މިންގަނޑުތަކާއި އެއްގޮތްވާގޮތަށް ތައްޔާރު ކުރެވިފައިވާ މާލީ ބަޔާނެއްކަމަށް އޭގައި ބަޔާންކޮށްފައިވާ އޮޑިޓް ރިޕޯޓް ތަރުޖަމާ ކުރަންޖެހެނީ ޤާނޫނު ނަންބަރު 10/96 (ކުންފުންޏާބެހޭ ޤާނޫނު) އާއި އިންޓަރނޭޝަނަލް ފައިނޭންޝިއަލް ރިޕޯޓިންގ ސްޓޭންޑަޑްތަކާއި އެއްގޮތްވާ ގޮތުގެމަތިންނެވެ.
އިކުވިޓީއާއި ލަޔަބިލިޓީޒްގެ ޖުމްލަ ޢަދަދުގެ ޙިއްޞާގެ ނިސްބަތަށްވާ ޢަދަދަކީ ޙިއްޞާދާރަކަށް ޙައްޤުވާ މިންވަރު ކަމަށް ނިންމުމަކީ، ކުންފުނިން އެހެންފަރާތްތަކަށް އަދާކުރަންޖެހޭ ޙައްޤުތައް އެފައިސާގެ ތެރޭގައި ހިމެނިގެންދާނެ ކަމެކެވެ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 10/96 (ކުންފުންޏާބެހޭ ޤާނޫނު)
- އިންޓަރނޭޝަނަލް ފައިނޭންޝިއަލް ރިޕޯޓިންގ ސްޓޭންޑަޑްތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ)
- ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 45 ވަނަ މާއްދާ އާއި 44 ވަނަ މާއްދާގެ (ށ) އަދި (ނ)
ފަނޑިޔާރުން
- ބެންޗު
- ޢަބްދުﷲ ސަޢީދު، މުޖްތާޒު ފަހުމީ، އަޙްމަދު ފާއިޒު ޙުސައިން
- ރިޔާސަތު
- ޢަބްދުﷲ ސަޢީދު
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 192/އެޗްސީ-އޭ/2007 ޤަޟިއްޔާ ނިމިފައިވާގޮތް ޤާނޫނީ އަދި ޝަރުޢީ ގޮތުން ރަނގަޅު ނޫން ކަމަށް ބުނެ އެޤަޟިއްޔާ އަލުން ބަލައި ދިނުމަށް އެދިގެން […] މުޙައްމަދު ފިރާޤް ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކޮށްފައި ވަނިކޮށް 07 އޯގަސްޓް 2008 ގައި ޢަމަލު ކުރަން ފެއްޓުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
މިމައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޚަޞްމުން ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތަށް ހުށަހެޅިފައިވާ ލިއުންތަކަށް ޤާނޫނީ އަދި ޝަރުޢީ ނަޒަރަކުން ބެލިއިރު، މިމައްސަލަ ބެލި ފަނޑިޔާރުންނަށް ތިރީގައިވާ ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ފާހަގަ ކުރެވުނު ނުކުތާތައް.
ފުރަތަމަ ކަމަކީ އިނަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ […] މުޙައްމަދު ފިރާޤްގެ %60 ޕަސެންޓް ޙިއްޞާ އަދި […] މުޙައްމަދު ރިޔާޟުގެ %40 ޕަސެންޓް ޙިއްޞާ އޮންނަ ކުންފުންޏެއް ކަމަށާއި މުޙައްމަދު ފިރާޤް އެކުންފުނި ހިންގަމުން އައިސްފައި ވަނީ އޭނާގެ އަމިއްލަ މަޞްލަޙަތު ކުރިއަށްނެރެގެން، މުޙައްމަދު ރިޔާޟަށް ކުންފުނީގެ ޙާލަތާއި ވާނުވާ ނާންގާ މުޙައްމަދު ރިޔާޟުގެ ޙިއްޞާތަކަށާއި ޙައްޤުތަކަށް އުނިކަން ލިބޭގޮތަށް ކަމަށް ވާތީ، އިނަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އުވާލުމުގެ އަމުރު ނެރެދެއްވުމަށާއި އަދި މުޙައްމަދު ރިޔާޟަށް ލިބެންޖެހޭ ޙައްޤު 2004 ވަނަ އަހަރު އެކުންފުނިން ނެރުނު އޮޑިޓް ރިޕޯޓާ އެއްގޮތްވާ ގޮތުގެމަތިން ހޯދުމަށް މަދަނީ ކޯޓަށް މުޙައްމަދު ރިޔާޟު ހުށަހެޅި މައްސަލަ އެކޯޓުގެ ނަންބަރު 2006/އެމްސީ/623 ޤަޟިއްޔާއިން ބަލައި ނިންމިއިރު އިނަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އުވާލުމަށް އަމުރު ކޮށް، އަދި 2004 ވަނަ އަހަރު އެކުންފުނިން ނެރުނު އޮޑިޓް ރިޕޯޓުން ޖުމްލަ އެސެޓްސް ގޮތުގައި އެނގެން އޮންނަ 1,680,710/- (އެއްމިލިއަން ހަލައްކަ އަށްޑިހަހާސް ހަތްސަތޭކަ ދިހަ) ޔޫ. އެސް. ޑޮލަރުގެ %40 ޕަސެންޓްއަށްވާ -/672,284 (ހަލައްކަ ހަތްދިހަދެހާސް ދުއިސައްތަ އަށްޑިހަ ހަތަރު) ޔޫ. އެސް. ޑޮލަރު މުޙައްމަދު ރިޔާޟަށް މުޙައްމަދު ފިރާޤު ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާކަން އެނގެން އޮންނަކަމެވެ.
ދެވަނަ ކަމަކީ މަދަނީ ކޯޓުގެ މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި މުޙައްމަދު ފިރާޤް އިސްތިއުނާފުކުރުމުން، ހައިކޯޓުން މަދަނީ ކޯޓުގެ ނަންބަރު 2006/އެމްސީ/623 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 192/އެޗްސީ-އޭ/2007 ގެ ޤަޟިއްޔާ ނިންމާފައިވާކަން އެނގެން އޮންނަ ކަމެވެ.
ތިންވަނަ ކަމަކީ ހައިކޯޓުގެ ނަންބަރު 192/އެޗްސީ-އޭ/2007 ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަނުޖެހޭ ތިންނުކުތާއެއް މުޙައްމަދު ފިރާޤް ފާހަގަކޮށްފައިވީ ނަމަވެސް އިލްތިމާސް ކުރަން ބޭނުންވާ ޤާނޫނީ ނުކުތާއަކީ އިނަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ 2004 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓަށް ރިޢާޔަތް ކޮށް ކުންފުނީގެ މާލިއްޔަތުގެ 40% ޙިއްޞާއަށްވާ ފައިސާ މުޙައްމަދު ރިޔާޟަށް ދޭންޖެހޭ ކަމަށް ކަނޑައެޅިއިރު ކުންފުނީގެ އަރަންޏާއި ދަރަނި އޯޑިޓް ރިޕޯޓުގައި ވާގޮތަށް ވަކިނުކޮށް ދަރަންޏަކީވެސް އަރަނި ކަމުގައި ބެލި ނުކުތާކަން އެނގެން އޮންނަ ކަމެވެ.
ހަތަރުވަނަ ކަމަކީ ކުންފުނީގެ "ފައިނޭންޝިއަލް ސްޓޭޓްމެންޓް" ކިޔަންވާނީ "އެކައުންޓިންގ ޕޮލިސީ" އާއި ފައިނޭންޝިއަލް ނޯޓުތަކަށް ރިޢާޔަތް ކުރެވިގެން ކަމަށް ކުންފުނީގެ ދެ ޑިރެކްޓަރުން ސޮއިކޮށްފައިވާ "ބެލެންސް ޝީޓު" ގައި ބަޔާންކޮށްފައިވާތީ ޙިއްޞާދާރުންގެ ޙިއްޞާގެ ނިސްބަތުން ކުންފުނީގެ މާލިއްޔަތުން މުޙައްމަދު ރިޔާޟަށް ލިބެންޖެހޭ މިންވަރު ކަނޑައެޅުމުގައި "އެކައުންޓިންގ ޕޮލިސީ" އާއި "ފައިނޭންޝިއަލް ނޯޓު" ތަކަށް ރިޢާޔަތް ކުރެވެން ޖެހޭނެކަން އެނގެން އޮންނަކަމެވެ.
ފަސްވަނަ ކަމަކީ ކުންފުނީގެ އޮޑިޓް ރިޕޯޓުގެ ބައެއްގެ ގޮތުގައި ހިމެނިފައިވާ ބެލެންސް ޝީޓަކީ ކުންފުނީގެ ވިޔަފާރި އާއި މާލީ ޙާލަތު އޮތްގޮތް ދައްކުވައިދޭ ޑޮކިއުމެންޓެއް ކަމާއި ކުންފުނީގައި އެވަޤުތު ހުރި އެސެޓްސްގެ މިންވަރާއި ކުންފުންޏަށް އަންނަންހުރި ފައިސާ އާއި އަދި ދާންހުރި ފައިސާގެ މިންވަރު ބެލެންސް ޝީޓުން އެނގެން އޮންނައިރު، އޮޑިޓް ރިޕޯޓާ އެއްގޮތްވާ ގޮތުގެމަތިން މުޙައްމަދު ރިޔާޟަށް އޭނާގެ ޙިއްޞާގެ ނިސްބަތުން ކުންފުނިން ލިބެންޖެހޭ މިންވަރު ކަނޑައެޅުމުގައި ކުންފުނީގައި އެވަޤުތުހުރި ސާފު ފައިދާގެ މިންވަރު އޮޑިޓް ރިޕޯޓާއި އެއްގޮތަށް ކަނޑައެޅެން ޖެހޭކަން އެނގެން އޮންނަކަމެވެ.
ހަވަނަ ކަމަކީ ކުންފުނީގެ އިކުވިޓީއާއި ލަޔަބިލިޓީޒް ކުންފުނީގެ އެސެޓްސްއާ އަޅާކެނޑުމުން ކުންފުނީގެ ލަޔަބިލިޓީޒް އަށްވުރެ ކުންފުނީގެ ޖުމުލަ އެސެޓްސް ބޮޑުނަމަ، ބޮޑުވާމިންވަރު އެއީ ކުންފުނީގައި އެވަޤުތުހުރި ފައިދާކަމާއި ލަޔަބިލިޓީޒް އަކީ އެހެންފަރާތެއް ނުވަތަ އެހެން ފަރާތްތަކެއްގެ ޙައްޤުތައް ކަމަށްވެފައި އެފަރާތްތަކުގެ ޙައްޤު ގެއްލޭގޮތަކަށް ކުންފުނީގެ އެވަގުތަކުހުރި އެސެޓްސް ބަހާލެވިއްޖެނަމަ، އަރަނިވެރިންގެ ޙައްޤުތައް ގެއްލޭގޮތްވެދާނެކަމާއި ކުންފުނީގައި އެވަގުތަކު ހުރި "އެސެޓްސް" އާއި "ލަޔަބިލިޓީޒް" ކަނޑައެޅި އަދި ކުންފުނީގެ ދަރަނިތައް ކެނޑުމަށްފަހު، ބާކީ ދެންހުރި އެއްޗެއް ޙިއްޞާގެ ނިސްބަތުން ޙިއްޞާދާރުންގެ މެދުގައި ބެހިދާނެކަމާއި އެގޮތުން، އިނަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 31 މާރޗު 2004 ގެ އޮޑިޓް ރިޕޯޓާ އެއްގޮތްވާގޮތަށް ކުންފުނިން މުޙައްމަދު ރިޔާޟަށް އޭނާގެ ޙިއްޞާގެ ނިސްބަތުން، ލިބެންޖެހޭ ޙައްޤު ލިބިދެވޭއިރު އަރަނިވެރި ފަރާތްތަކުގެ ޙައްޤު ހިމާޔަތް ކުރެވެންޖެހޭނެކަން އެނގެން އޮންނަ ކަމެވެ.
ހަތްވަނަ ކަމަކީ 31 މާރޗް 2004 ގައި އޮޑިޓް ކުރެވުނު އިނަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އޮޑިޓް ރިޕޯޓަކީ އެބާވަތުގެ މާލީ ބަޔާންތައް ތައްޔާރު ކުރުމުގައި ބޭނުންކުރެވޭ ބައިނަލް އަޤްވާމީ ހަމަތަކާއި މިންގަނޑުތަކާއި އެއްގޮތްވާގޮތަށް ތައްޔާރު ކުރެވިފައިވާ މާލީ ބަޔާނެއްކަމަށް އޭގައި ބަޔާންކޮށްފައި އޮންނަކަމާ އެހެންކަމުން މިމައްސަލާގައި ހިމެނިފައި މިވާ އޮޑިޓް ރިޕޯޓް ތަރުޖަމާ ކުރަންޖެހެނީ ޤާނޫނު ނަންބަރު 10/96 (ކުންފުންޏާބެހޭ ޤާނޫނު) އާއި އިންޓަރނޭޝަނަލް ފައިނޭންޝިއަލް ރިޕޯޓިންގ ސްޓޭންޑަޑްތަކާއި އެއްގޮތްވާ ގޮތުގެމަތިންކަން އެނގެން އޮންނަ ކަމެވެ.
އަށްވަނަ ކަމަކީ އިނަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޙިއްޞާތަކުގެ %40 ޕަސެންޓް ޙިއްޞާއޮތްފަރާތްކަމަށްވާ މުޙައްމަދު ރިޔާޟު އެދިފައިވަނީ 2004 ވަނަ އަހަރުގެ އެކުންފުނީގެ އޮޑިޓް ރިޕޯޓާ އެއްގޮތަށް، އޭނާއަށް ލިބެންޖެހޭ ޙައްޤުހޯދުން ކަމާއި ކުންފުނީގެ 2004 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ކުންފުނީގެ މާލީ ޙާލަތު ދައްކައިދޭ ގޮތަށް ބަލާއިރު، ކުންފުނީގެ "ނަން ކަރަންޓު އެސެޓްސް" އާއި "ކަރަންޓު އެސެޓްސް" ހިމަނައިގެން ޖުމްލަ އެސެޓްސްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ 1,680,710/- (އެއްމިލިއަން ހަލައްކަ އަށްޑިހަހާސް ހަތްސަތޭކަ ދިހައެއް) ޔޫ. އެސް. ޑޮލަރުކަމާއި މިޢަދަދުގެ ތެރޭގައި "ގުޅުންހުރި ފަރާތްތަކުން" ކުންފުންޏަށް އަންނަން ހުރި ފައިސާވެސް ހިމެނޭކަމާއި އެގޮތުން އޮޑިޓް ރިޕޯޓުގެ 12 ވަނަ ޞަފްޙާގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަކީ 484,206/- (ހަތަރުލައްކަ އަށްޑިހަ ހަތަރުހާސް ދުއިސައްތަ ހައެއް) ޔޫ. އެސް. ޑޮލަރުކަމާއި ކުންފުނީގެ "އިކުވިޓީ" އަކީ 800,737/- (އަށްލައްކަ ހަތްސަތޭކަ ތިރީސްހަތެއް) ޔޫ. އެސް. ޑޮލަރު ކަމަށް އޮޑިޓް ރިޕޯޓުގެ 2 ވަނަ ޞަފްޙާ (ބެލަންސް ޝީޓް ނޯޓު ނަންބަރު 7) އިން އެނގެން އޮންނަކަމެވެ.
ނުވަވަނަ ކަމަކީ ކުންފުނީގެ "ނަން ކަރަންޓް ލަޔަބިލިޓީޒް" އާއި "ކަރަންޓް ލަޔަބިލިޓީޒް" ހިމެނޭގޮތަށް ކުންފުނީގެ "ލަޔަބިލިޓީޒް" އަކީ 858,240/- (އަށްލައްކަ ފަންސާސް އަށްހާސް ދުއިސައްތަ ސާޅީސް) ޔޫ. އެސް. ޑޮލަރުކަމާއި 1,680,710/- (އެއްމިލިއަން ހަލައްކަ އަށްޑިހަހާސް ހަތްސަތޭކަ ދިހައެއް) ޔޫ. އެސް. ޑޮލަރަކީ އިކުވިޓީއާއި ލަޔަބިލިޓީޒްގެ ޖުމްލަ ޢަދަދުކަމަށްވާއިރު މިޢަދަދުގެ 40% ޕަސެންޓް ކަމަށްވާ 672,284/- )ހަލައްކަ ހަތްދިހަ ދެހާސް ދުއިސައްތަ އަށްޑިހަ ހަތަރު) ޔޫ. އެސް. ޑޮލަރަކީ ޙިއްޞާގެ ނިސްބަތުން މުޙައްމަދު ރިޔާޟަށް ޙައްޤުވާ މިންވަރު ކަމަށް މަދަނީ ކޯޓުގެ ނަންބަރު 2006/އެމްސީ/623 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ އެކުންފުނިން އެހެންފަރާތްތަކަށް އަދާކުރަންޖެހޭ ޙައްޤުތައް އެފައިސާގެ ތެރޭގައި ހިމެނިގެންދާނެކަމެއްކަން އެނގެން އޮންނަކަމާއި އޮޑިޓް ރިޕޯޓުގެ 13 އަދި 14 ވަނަ ޞަފްޙާގައި ބަޔާންކޮށްފައިވާގޮތުގައި ލޯނުގެ ގޮތުގައްޔާއި، ޑިރެކްޓަރުންނަށާއި، ގުޅުންހުރި އެހެންފަރާތްތަކަށާއި، ވިޔަފާރިއާ އެހެނިހެން ގޮތްގޮތުންނާއި، އަދި އޯވަރޑްރާފްޓްގެ ގޮތުގައި ދާންހުރި ފައިސާ މީގެ ތެރޭގައި ހިމެނޭކަމާއި މިކަން އޮޑިޓް ރިޕޯޓުގެ ޞަފްޙާ ނަންބަރު 2 (ބެލެންސް ޝީޓް ނޯޓް ނަންބަރު 8 ން 11 އަށް) ގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.
ދިހަވަނަ ކަމަކީ ކުންފުނިން، މުޙައްމަދު ރިޔާޟްއަށް ދޭންޖެހޭ ޙައްޤު ސައްޙަ ގޮތުގައި ކަނޑައަޅައިދިނުމުން، އެޙައްޤު މުޙައްމަދު ރިޔާޟަށް ދޭން ތައްޔާރަށް ހުރި ކަމަށް މުޙައްމަދު ފިރާޤު އެއްބަސްވާކަން އެނގެން އޮންނަ އޮތުމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކޮށްފައިވާ ނުކުތާތަށް އެގޮތަށް ހުރުމުން، ހައިކޯޓުގެ ނަންބަރު 192/އެޗްސީ-އޭ/2007 ގެ ޤަޟިއްޔާގައި އިނަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ދެ ޙިއްސާދާރުން ސޮއިކޮށްފައިވާ އެންމެ ފަހުގެ އޮޑިޓް ރިޕޯޓުން ޖުމްލަ އެސެޓްސްގެ ގޮތުގައި އެނގެން އޮތް 1,680,710/- (އެއްމިލިއަން ހަލައްކަ އަށްޑިހަހާސް ހަތްސަތޭކަ ދިހައެއް) ޔޫ. އެސް. ޑޮލަރުގެ 40% ޕަސެންޓްގެ ޙިއްސާއަށްވާ -/672,284 (ހަލައްކަ ހަތްދިހަދެހާސް ދުއިސައްތަ އަށްޑިހަ ހަތަރު) ޔޫ. އެސް. ޑޮލަރަކީ މުޙައްމަދު ރިޔާޟަށް ޙައްޤުވެގެންވާ މިންވަރުކަމަށް މަދަނީ ކޯޓުގެ ނަންބަރު 2006/އެމްސީ/623 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ މިބަޔަށް ތާއީދުކޮށް ހައިކޯޓުން ނިންމި ނިންމުން ބާޠިލުކޮށް، 31 މާރޗް 2004 ގައި އޮޑިޓް ކުރެވުނު އިނަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އޮޑިޓް ރިޕޯޓުގައިވާ، އެކުންފުނީގެ ލަޔަބިލިޓީޒް ތަކާމެދު ޢަމަލުކުރާނެ ގޮތް ކަނޑައަޅައި، މުޙައްމަދު ރިޔާޟުގެ ޙިއްޞާގެ ނިސްބަތުން އޭނާއަށް އެކުންފުނިން ލިބެންޖެހޭ މިންވަރު ހައިކޯޓުން އަލުން ބަލައި ނިންމުމަށް ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 45 ވަނަ މާއްދާއާއި އެޤަވާޢިދުގެ 44 ވަނަ މާއްދާގެ (ށ) އަދި (ނ) ގެ ދަށުން ހައިކޯޓަށް ތަޙްވީލުކުރުމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމީއެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު މުޖްތާޒު ފަހުމީ
ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.