ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2009/SC-A/01ސުޕްރީމް ކޯޓު · 21 ސެޕްޓެމްބަރު 2011 · މަދަނީ – ވަރުވާއަށް ދިން ރަށާއި ކުއްޔަށް ދިނުމުގެ އެގްރިމެންޓު

މުޙައްމަދު ރަމީޒު ޢަލީ ވ. މިނިސްޓްރީ އޮފް ޓޫރިޒަމް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 21 ސެޕްޓެމްބަރު 2011ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
މަދަނީ ކޯޓުން 1991 ގެ އެގްރިމެންޓަކީ ބާޠިލު އެގްރިމެންޓެއް ކަމަށް ކަނޑައެޅޭނެ ތަނެއް ނެތްކަމަށް ޙުކުމްކުރިއެވެ. ހައިކޯޓުން (2007/HC-A/64) އެ ޙުކުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
ސަރުކާރުން ވަރުވާއަށް ލިޔެދީފައިވާ ކ.ވެލިގަނޑުހުރާ، ރިސޯޓެއް ހެދުމަށް 1986 ގައި ވަރުވާވެރިޔާ 10 އަހަރަށް ކުއްޔަށް ދިނެވެ؛ އެގްރިމެންޓުގެ ދަށުން އިންވެސްޓްމަންޓުގައި ވަރުވާވެރިޔާ ޙިއްޞާވާނީ 10 އަހަރު ފުރިހަމަވުމުންނެވެ. ވަރުވާވެރިޔާ ނިޔާވުމުން، ބާކީ މުއްދަތުގެ ކުލި ވާރިޘުންނަށް ޝަރީޢަތް މެދުވެރިކޮށް ދީ ސަރުކާރަށް ރަށް ނަންގަވައި، 1991 ގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި ކުރީގެ ކުއްޔަށް ހިފި ފަރާތާ ދެމެދު އެރަށް ކުއްޔަށް ދިނުމުގެ އެގްރިމެންޓެއް ކުރެވުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް ކުއްޔަށް ދިން ފަރާތް ނިޔާވުމުން ސަރުކާރަށް ރަށް ނެންގެވުމަށްފަހު، ކުއްޔަށް ދިނުމުގެ އެގްރިމެންޓު ދެމިއޮންނާނެތޯ، އަދި އެގްރިމެންޓުގެ ދަށުން އިންވެސްޓްމަންޓުގެ މިލްކުވެރިކަމުގެ ޙައްޤު ވާރިޘުންނަށް ލިބޭނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިލްތިމާސްކުރި ފަރާތުން ބުނީ ރަށް ސަރުކާރަށް ނަންގަވާފައިވާކަމަށާއި، ނިޔާވުމާ ގުޅިގެން 1986 ގެ އެގްރިމެންޓު ނިމުމަކަށް އައިކަމަށާއި، މިލްކުވެރިކަމުގެ ޙައްޤު އުފެދެނީ 10 އަހަރު ހަމަވުމުން ކަމަށާއި ހައިކޯޓުން ކަނޑައެޅުމާއި، 1991 ގެ އެގްރިމެންޓު ބާޠިލު ނުކުރުމަކީ ޝަރުޢީ ހަމަތަކާ ޚިލާފު ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ވަރުވާއަށް ދިނުމުން ރަށުގެ މިލްކުވެރިކަން ބަދަލެއް ނުވެއެވެ. އިންވެސްޓްމަންޓުގެ މިލްކުވެރިކަމުގެ ޙައްޤު ލިބުމުގެ ކުރިން ވަރުވާވެރިޔާ ނިޔާވެފައިވާއިރު، ވާރިޘުން ރަށް ވާރުތަކުރަން އެދިފައިނުވާތީއާއި ވާރިޘުންގެ ރުހުމާއެކު ބާކީ ކުލި ހަވާލުވެ ސަރުކާރަށް ރަށް ނަންގަވާފައިވާތީ، 1986 ގެ އެގްރިމެންޓު ދެމިގެން ނުދެއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2007/HC-A/64
ފަހުގެ ތާރީޚު
—

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ވަރުވާއަށް ލިޔެދިނުމަކީ ވަކިއުޞޫލަކުން، ކަނޑައެޅިފައިވާ ޤަވާޢިދަކާ އެއްގޮތަށް އެރަށެއް ބެލެހެއްޓުމަށްޓަކައި ވަކިފަރާތަކާ ޙަވާލުކުރެވޭ ޙަވާލުކުރުމެކެވެ. ވަރުވާއަށް ލިޔެދިނުމަކުން ދިވެހި ދައުލަތުގެ މިލްކިއްޔާތުގައި ހިމެނޭ ރަށުގެ މިލްކުވެރިކަން ބަދަލުވެގެން ނުދާނެއެވެ.

ވަރުވާއަށް ލިޔެދޭ ފަޅުރަށްރަށަކީ ޓޫރިސްޓު ރިޒޯޓު ހެދުމަށް ދޫކުރެވޭ ފަޅުރަށްރަށާ ތަފާތު ގޮތަކަށް ދޫކުރެވޭ ރަށެވެ. ވަރުވާއަށް ލިޔެދެވިފައިވާ ރަށެއް، އެރަށެއް ލިޔެދެވިފައިވާ މީހެއްގެ ކިބައިން ވަކިކުރަން ސަރުކާރުން ބޭނުން ވެއްޖެނަމަ ކަނޑައެޅިފައިވާ ޤަވާޢިދުގެ މަތީން އެމީހަކަށް ބަދަލު ދިނުމަށްފަހު އެރަށެއް ނެގިދާނެއެވެ؛ އެރަށެއް ވަރުވާއަށް ލިޔެދެވޭ ފަރާތް ނިޔާވެއްޖެނަމަ، އެމީހެއްގެ ވާރިޘުންގެ ފަރާތުން އެދިއްޖެ ޙާލަތެއްގައި އެރަށެއް ވާރިޘުންގެ ނަންމައްޗަށް ބަދަލުކޮށްދެވޭ އުޞޫލެއް އޮވެއެވެ.

އެގްރިމެންޓުގައި ބަޔާންކުރެވިފައިވާ މުއްދަތުގައި ރަށް ކުއްޔަށް ދިން ފަރާތަށް އެ އެގްރިމެންޓުގެ ދަށުން ޙައްޤުވާ އެއްޗަކީ އެއެގްރިމެންޓުގައި ކަނޑައެޅިފައިވާ ކުލިއެވެ؛ ރިޒޯޓު ހެދުމަށް ކޮށްފައިވާ އިންވެސްޓްމަންޓުގެ މިލްކުވެރިކަމުގައި ޙިއްޞާވާނީ އެގްރިމެންޓަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ކަނޑައެޅިފައިވާ މުއްދަތު ފުރިހަމަވުމުން ކަމަށް އެގްރިމެންޓުގައިވާނަމަ، އެ މުއްދަތު ހަމަވުމުގެ ކުރިން ނިޔާވާ ފަރާތް ނިޔާވެފައިވަނީ އެ އެގްރިމެންޓުގެ ދަށުން ލިބެންވާ މިލްކުވެރިކަމުގެ ޙައްޤު އޭނާއަށް ލިބުމުގެ ކުރިންނެވެ.

ރަށް ކުއްޔަށް ދިނުމާބެހޭ ގޮތުން ކުރެވިފައިވާ އެގްރިމެންޓުގެ ބާކީ އޮތް މުއްދަތަށްވާ ފައިސާ ވާރިޘުންނަށް ޝަރީޢަތް މެދުވެރިކޮށް ޙަވާލުކުރުމަށްފަހު، ވާރިޘުންގެ ރުހުމާއެކު ސަރުކާރުން ރަށް ނެންގެވުމަށްފަހު، ރަށް ކުއްޔަށްދިން ފަރާތާއި ކުއްޔަށް ހިފި ފަރާތާ ދެމެދު ކުރެވިފައިވާ އެގްރިމެންޓު ދެމިގެން ނުދާނެއެވެ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 29/79 (ދިވެހިރާއްޖޭގެ ރަށްރަށުގައި ރުއްގަސް އިންދުމާއި، ރުއްގަސް ކެނޑުމާއި، ފަޅުރަށްރަށާއި ގޮއިފާލައްބަ ފަދަ ތަންތަނުގެ ޤާނޫނު) ގެ 4 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 4/68 (ޢާންމު ޤާނޫނުތަކެއް) ގެ 7 ވަނަ މާއްދާ (އެގްރިމެންޓުގެ 9 ވަނަ މާއްދާގައި ޙަވާލާދީފައިވާ)
  • ކުރީގެ ކޯޓު ނަންބަރު 4 ގެ 89/JC-4/198 (އެޓަރނީ ޖެނެރަލް ހުށަހެޅި، ރަށް ސަރުކާރަށް ނެންގެވުމުގެ މައްސަލަ)

ފަނޑިޔާރުން

ބެންޗު
ޢަބްދުﷲ ޢަރީފް، ޢަބްދުﷲ ސަޢީދު، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

މައްސަލައިގެ ޚުލާޞާ

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 64/HC-A/2007 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާގޮތް، ޝަރުޢީ އަދި ޤާނޫނީގޮތުން ރަނގަޅުނޫންކަމަށް ބުނެ އެކަންތައްތައް ފާހަގަކޮށް އެޤަޟިއްޔާ އަލުން ބަލައިދިނުމަށް އެދި ކ.މާލެ ރަމީޒު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލައިދެވުނު މައްސަލައެކެވެ. މިޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ ދިވެހި ދައުލަތެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 64/HC-A/2007 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މުޙައްމަދު ރަމީޒު ޢަލީގެ ފަރާތުން ހަތަރު ސަބަބެއް ހުށަހަޅާފައި ވެއެވެ. އެ ސަބަބު ތަކަކީ؛

އަލްމަރުޙޫމް އޮގަރު ޢަލީ މުޙައްމަދު (އޮގަރު ޢަލިފުޅު) ނިޔާވުމާ ގުޅިގެން ކ.ވެލިގަނޑުހުރާ ސަރުކާރަށް ނަންގަވާފައިވާކަމަށް ހައިކޯޓުގެ ޙުކުމުގައި ކަނޑައަޅުއްވާފައިވާކަމަށް ބުނެ ފާހަގަކުރި ސަބަބެވެ.

އޮގަރު ޢަލިފުޅު ނިޔާވުމާ ގުޅިގެން އޭނާއާއި ޑޮކްޓަރު އިބްރާހީމް ޢުމަރުމަނިކާ ދެމެދު ކ. ވެލިގަނޑުހުރައާ ބެހޭގޮތުން ކުރެވިފައިވާ އެގްރިމެންޓް ނިމުމަކަށް ގެނެސްފައިވާކަމަށް ޙުކުމުގައި ކަނޑައަޅުއްވާފައިވާކަމަށް ބުނެ ފާހަގަކުރި ސަބަބެވެ.

ކ.ވެލިގަނޑުހުރާގައި ކުރާ އިންވެސްޓްމަންޓުގެ މައްޗަށް އޮގަރު ޢަލިފުޅުގެ މިލްކުވެރިކަމުގެ ޙައްޤު އުފެދެނީ އެގްރިމެންޓަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ދިހަ އަހަރު ހަމަވާ ތާރީޚުން ފެށިގެންކަން އެގްރިމެންޓުން އެނގެން އޮންނަކަމަށް ކަނޑައަޅުއްވާފައިވާކަމަށް ބުނެ ފާހަގަކުރި ސަބަބެވެ.

1991 ވަނަ އަހަރު ޑރ. އިބްރާހީމް ޢުމަރުމަނިކާއި މިނިސްޓްރީ އޮފް ޓޫރިޒަމާ ދެމެދު ކ.ވެލިގަނޑުހުރާ ކުއްޔަށްދިނުމާ ބެހޭގޮތުން ކުރެވިފައިވާ އެގްރިމެންޓަކީ ބާޠިލު އެގްރިމެންޓެއްކަމަށް ކަނޑައެޅޭނެ ތަނެއް ނެތްކަމަށް މަދަނީ ކޯޓުން ކުރައްވާފައިވާ ޙުކުމަށް ހައިކޯޓުންވެސް ތާއީދު ކުރައްވާފައިވާތީ، މިކަންކަމަކީ ޝަރުޢީ ހަމަތަކާ ޚިލާފަށް ޙުކުމްކުރައްވާފައިވާ ކަންކަންކަމަށް ފެންނަކަމަށް ބުނެ ފާހަގަކޮށްފައިވާ ސަބަބެވެ.

ފާހަގަ ކުރެވުނު ނުކުތާތައް.

މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، ކުރީގެ މަދަނީ ކޯޓުގެ ނަންބަރު 1775/MC/2005 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 64/HC-A/2007 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުންބަލައި ވިސްނިއިރު، ސުޕްރީމް ކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަކަމަކީ، އަލްމަރުޙޫމް އޮގަރު ޢަލީ މުޙައްމަދު (އޮގަރު ޢަލިފުޅު) އަށް ސަރުކާރުން ވަރުވާއަށް ލިޔެދެއްވާފައިވާ ކ.ވެލިގަނޑުހުރާއެވެ ކިޔުނު ފަޅުރަށަކީ ދިވެހި ދައުލަތުގެ މިލްކިއްޔާތުގައި ހިމެނޭ ރަށެއްކަމާއި، އެރަށް އަލްމަރުޙޫމް އޮގަރު ޢަލީ މުޙައްމަދަށް ވަރުވާއަށް ލިޔެ ދެއްވާފައިވަނީ ދިވެހިރާއްޖޭގައި ހުންނަ ސަރުކާރުގެ ގޮއިފާލައްބައާއި، ހިންނަފަދަ ތަންތަނާއި، ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމުގެ އުޞޫލުން ކަމާއި، ވަރުވާއަށް ލިޔެދިނުމަކީ ވަކިއުޞޫލަކުން، ކަނޑައެޅިފައިވާ ޤަވާޢިދަކާ އެއްގޮތަށް އެރަށެއް ބެލެހެއްޓުމަށްޓަކައި ވަކިފަރާތަކާ ޙަވާލުކުރެވޭ ޙަވާލުކުރުމެއްކަމާއި ވަރުވާއަށް ލިޔެދިނުމަކުން ރަށުގެ މިލްކުވެރިކަން ބަދަލުވެގެން ނުދާކަން ޤާނޫނު ނަންބަރ 79/29 (ދިވެހިރާއްޖޭގެ ރަށްރަށުގައި ރުއްގަސް އިންދުމާއި، ރުއްގަސް ކެނޑުމާއި،ފަޅުރަށްރަށާއި ގޮއިފާލައްބަ ފަދަ ތަންތަނުގެ ޤާނޫނު) އަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.

(ށ) ދެވަނަކަމަކީ، ކ.ވެލިގަނޑުހުރާއެވެ ކިޔުނު ފަޅުރަށް އަލްމަރުޙޫމް އޮގަރު ޢަލީ މުޙައްމަދަށް ވަރުވާއަށް ލިޔެދީފައިވަނިކޮށް، އެރަށުގައި ރިސޯޓެއް ހެދުމަށްޓަކައި އެރަށް ކުއްޔަށް ދިނުމާ ބެހޭގޮތުން […] މުޙައްމަދާއި ދެމެދު 15 ޖެނުއަރީ 1986 ގައި އެގްރިމެންޓެއް ކުރެވިފައިވާކަމާއި، އެ އެގްރިމެންޓު 19 ޖެނުއަރީ 1986 ވަނަ ދުވަހު ކޯޓު ނަންބަރު 3 ގައި ރަޖިސްޓްރީ ކޮށްފައިވާކަމާއި، އެ އެގްރިމެންޓު ކުރެވިފައިވަނީ އޭރުގެ ޑިޕާޓްމަންޓް އޮފް ޓޫރިޒަމްގެ ހުއްދައާއި އެކުކަން މިމައްސަލައާއެކު ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަކަމަކީ، އަލްމަރުޙޫމް އޮގަރު ޢަލީ މުޙައްމަދު (އޮގަރު ޢަލިފުޅު) އާއި، ޑރ. އިބްރާހީމް ޢުމަރުމަނިކާއި ދެމެދު ކުރެވިފައިވާ މިއެގްރިމެންޓުގެ ތިންވަނަ މާއްދާއާއި ހަތަރުވަނަ މާއްދާއަށް ބަލާއިރު، ކ.ވެލިގަނޑުހުރާ ޑރ. އިބްރާހީމް ޢުމަރުމަނިކަށް ކުއްޔަށް ދީފައިވަނީ 15 ޖެނުއަރީ 1986 ވަނަ ދުވަހުން ފެށިގެން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށްކަން އެނގޭކަމާއި، މިރަށުގައި ރިޒޯޓު ހެދުން ޝަރުޠުކޮށްފައިވަނީ ޑރ. އިބްރާހީމް ޢުމަރުމަނިކުގެ މައްޗަށްކަމާއި، އެގްރިމެންޓުގައި ބަޔާންކުރެވިފައިވާ 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތުގައި އެރަށް ކުއްޔަށް ދިން ފަރާތްކަމަށްވާ އަލްމަރުޙޫމް އޮގަރު ޢަލީ މުޙައްމަދަށް އެ އެގްރިމެންޓުގެ ދަށުން ޙައްޤުވާ އެއްޗަކީ އެއެގްރިމެންޓުގެ ހަތަރުވަނަ މާއްދާގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ކުލިކަން އެނގެން އޮންނަ އޮތުމެވެ.

(ރ) ހަތަރުވަނަކަމަކީ، ކ.ވެލިގަނޑުހުރާގައި ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ކޮށްފައިވާ އިންވެސްޓްމަންޓުގެ މިލްކުވެރިކަމުގައި އަލްމަރުޙޫމް އޮގަރު ޢަލީ މުޙައްމަދަށް ޙިއްޞާވެވެނީ އެއެގްރިމެންޓަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން މީލާދީ ގޮތުން 10 (ދިހައެއް) އަހަރު ފުރިހަމަވުމުންކަން މިއެގްރިމެންޓުގެ 6 ވަނަ މާއްދާގައި ބަޔާންކުރުމަށްފަހު، އެގްރިމެންޓުގެ 9 ވަނަ މާއްދާގައި "މިއެގްރިމެންޓާ ގުޅިގެން ޑޮކްޓަރ އިބްރާހީމް ޢުމަރު މަނިކު ރިޒޯޓު ހަދައިގެން ވަނިކޮށް ޤާނޫނު ނަންބަރ 68/4 ޖ ޢާންމު ޤާނޫނު ތަކެއް ގެ 7 ވަނަ މާއްދާގައި ވާގޮތުގެ މަތީން ދައުލަތަށް މިރަށް ރިޒޯޓުގެ ޢިމާރާތްތައް ނަންގަވާ ނެންގެވުމުގައި ދެއްވާ ބަދަލުގެ ޙައްޤުވެރިއަކީ ފުރަތަމަ 10 (ދިހައެއް) އަހަރު ދުވަހުގެ ތެރޭގައިނަމަ ޑޮކްޓަރ އިބްރާހީމް ޢުމަރު މަނިކު" ކަމަށް ބުނެފައި އޮތުމުން މިރަށުގައި ރިޒޯޓެއް ހެދުމަށް ޑރ. އިބްރާހީމް ޢުމަރު މަނިކު ކޮށްފައިވާ ޚަރަދުގައި އަލްމަރުޙޫމް އޮގަރު ޢަލީ މުޙައްމަދު ޙިއްސާވާނީ މިބުނެވިދިޔަ 10 އަހަރު ދުވަހުގެ މުއްދަތު ހަމަވުމުންކަން އެނގެން އޮންނަ އޮތުމެވެ.

(ބ) ފަސްވަނަކަމަކީ، ކ.ވެލިގަނޑުހުރާ އަކީ އަލްމަރުޙޫމް އޮގަރު ޢަލީ މުޙައްމަދަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރުން ވަރުވާއަށް ލިޔެދީފައިވާ ރަށެއްކަމާއި، ވަރުވާއަށް ލިޔެދޭ ފަޅުރަށްރަށަކީ ޓޫރިސްޓު ރިޒޯޓު ހެދުމަށް ދޫކުރެވޭ ފަޅުރަށްރަށާ ތަފާތު ގޮތަކަށް އެރަށެއް ވަރުވާއަށް ލިޔެދެވޭ މީހަކަށް ދޫކުރެވޭ ރަށެއްކަމާއި، ވަރުވާއަށް ލިޔެދެވިފައިވާ ރަށެއް، އެރަށެއް ލިޔެދެވިފައިވާ މީހެއްގެ ކިބައިން ވަކިކުރަން ސަރުކާރުން ބޭނުން ވެއްޖެނަމަ ކަނޑައެޅިފައިވާ ޤަވާޢިދުގެ މަތީން އެމީހަކަށް ބަދަލު ދިނުމަށްފަހު އެރަށެއް ނެގިދާނެކަން ޤާނޫނު ނަންބަރ 79/29 (ދިވެހިރާއްޖޭގެ ރަށްރަށުގައި ރުއްގަސް އިންދުމާއި، ރުއްގަސް ކެނޑުމާއި،ފަޅުރަށްރަށާއި ގޮއިފާލައްބަ ފަދަ ތަންތަނުގެ ޤާނޫނު) ގެ 4 ވަނަ މާއްދާއިން އެނގޭކަމާއި، އެރަށެއް ވަރުވާއަށް ލިޔެދެވޭ ފަރާތް ނިޔާވެއްޖެނަމަ އެމީހެއްގެ ވާރިޘުންގެ ފަރާތުން އެދިއްޖެ ޙާލަތެއްގައި އެރަށެއް ވާރިޘުންގެ ނަންމައްޗަށް ބަދަލުކޮށްދެވޭ އުޞޫލެއް އޮންނަކަމާއި، މިމައްސަލާގައި އަލްމަރުޙޫމް އޮގަރު ޢަލީ މުޙައްމަދުފުޅުގެ ވާރިޘުންގެ ފަރާތުން އެފަދަ އެދުމެއް އެދިފައިވާކަން އެނގެން ނެތުމެވެ.

(ޅ) ހަވަނަކަމަކީ، އަލްމަރުޙޫމް އޮގަރު ޢަލީ މުޙައްމަދުފުޅާއި ޑރ. އިބްރާހީމް ޢުމަރުމަނިކާ ދެމެދު ކުރެވިފައިވާ އެގްރިމެންޓުގެ ދަށުން ކ.ވެލިގަނޑުހުރާގައި ކުރެވިފައިވާ އިންވެސްޓްމަންޓުގައި އޮގަރު ޢަލީ މުޙައްމަދުފުޅުގެ ޙިއްޞާވާނީ އެގްރިމެންޓް ކުރި ތާރީޚުން ފެށިގެން 10 (ދިހައެއް) އަހަރު ފުރިހަމަވުމަށް ފަހުގައިކަން އެ އެގްރިމެންޓުން އެނގެން އޮތްއިރު، އެގްރިމެންޓަށް ޢަމަލުކުރަން ފެށިތާ 01 (އެކެއް) އަހަރާއި، 28 (އަށާވީސް) ދުވަސްފަހުން 1986 ވަނަ އަހަރު ޖެނުއަރީމަހުގެ 13 ވަނަ ދުވަހު އަލްމަރުޙޫމް އޮގަރު ޢަލީ މުޙައްމަދު ނިޔާވެފައިވާކަން އެނގެން އޮތުމުން، އަލްމަރުޙޫމް އޮގަރު ޢަލީ މުޙައްމަދު ނިޔާވެފައިވަނީ އެ އެގްރިމެންޓުގެ ދަށުން ލިބެންވާ މިލްކުވެރިކަމުގެ ޙައްޤު އޭނާއަށް ލިބުމުގެ ކުރިންކަން އެނގެން އޮންނަ އޮތުމެވެ.

(ކ) ހަތްވަނަކަމަކީ، އަލްމަރުޙޫމް އޮގަރު ޢަލީ މުޙައްމަދު ނިޔާވުމާ ގުޅިގެން ކ.ވެލިގަނޑުހުރާ އެމަރުޙޫމުގެކިބައިން ސަރުކާރަށް ނަންގަވާފައިވާކަމާއި، އެރަށް ސަރުކާރަށް ނަންގަވާފައިވަނީ އަލްމަރުޙޫމް އޮގަރު ޢަލީ މުޙައްމަދާއި، ޑރ އިބްރާހީމް ޢުމަރުމަނިކާ ދެމެދު އެރަށް ކުއްޔަށް ދިނުމާބެހޭ ގޮތުން ކުރެވިފައިވާ އެގްރިމެންޓުގެ ބާކީ އޮތް މުއްދަތަށްވާ ފައިސާ އަލްމަރުޙޫމް އޮގަރު ޢަލީ މުޙައްމަދުގެ ވާރިޘުންނަށް ޝަރީޢަތް މެދުވެރިކޮށް ޙަވާލުކުރުމަށްފަހުކަމާއި، މިރަށް ސަރުކާރަށް ނަންގަވަން ބޭނުންފުޅުވެގެން ކުރީގެ ކޯޓު ނަންބަރު 4 އަށް އެޓަރނީ ޖެނެރަލްގެ ފަރާތުން ހުށަހެޅުއްވި މައްސަލައާ ގުޅިގެން ބެލުނު އެކޯޓުގެ ނަންބަރު 89/JC-4/198 ޤަޟިއްޔާގައި އަލްމަރުޙޫމް އޮގަރު ޢަލީ މުޙައްމަދުގެ ވާރިޘުންގެ ތެރެއިން އެއްވެސް ވާރިޘަކު އެކަމަށް އިންކާރުކޮށްފައި ނުވާކަމާ، އަދި މިމުއްދަތުގެ ކުއްޔަށް ލިބެންޖެހޭ ފައިސާއާ، ވާރިޘުން ޙަވާލުވެފައިވާކަން އިސްވެ ބުނެވުނު ޤަޟިއްޔާއިން އެނގެން އޮތުމުން އަލްމަރުޙޫމް އޮގަރު ޢަލީ މުޙައްމަދުގެ ވާރިޘުންގެ ރުހުމާއެކު ސަރުކާރުން މިރަށް ނެންގެވުމަށްފަހު އަލްމަރުޙޫމް އޮގަރު ޢަލީ މުޙައްމަދު (އޮގަރު ޢަލިފުޅު) އާއި، ޑރ. އިބްރާހީމް ޢުމަރުމަނިކާ ދެމެދު ކުރެވިފައިވާ އެގްރިމެންޓު ދެމިގެން ނުދާނޭކަން އެނގެން އޮތުމުން އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 64/HC-A/2007 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ރަނގަޅަށް ކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުމެވެ.

ޙުކުމް

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު ކުރީގެ މަދަނީކޯޓުގެ ނަންބަރު 1265/MC/2006 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/64 ޤަޟިއްޔާއިން ތާއީދުކޮށް އެމައްސަލަ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/64 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މިމައްސަލަ ނިންމީއެވެ.

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ