ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2009/SC-A/19

ނަން ފޮރުވާފައި ވ. ނަން ފޮރުވާފައި

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިނަން ފޮރުވާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 8 އޮކްޓޫބަރު 2009ދަށު ކޯޓު: މަދަނީ ކޯޓު MB1B-2/2008/837ބާވަތް: މަދަނީ

މި ޤަޟިއްޔާގައި ޚަޞްމުންގެ ނަން ފޮރުވާފައި.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
މަދަނީ ކޯޓުން 31 ޑިސެމްބަރ 2008 ގައި، ހައިކޯޓުގެ 2000/HC-A-2/08 ޤަޟިއްޔާގެ ޙުކުމާއި މަދަނީ ކޯޓުގެ 553/MC/2001 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށް MB1B-2/2008/837 އަމުރު ނެރުނެވެ. އެ އަމުރު ހައިކޯޓަށް އިސްތިއުނާފުކުރި ފަރާތުން އެދުމުން، އިސްތިއުނާފާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން އަމުރު ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުގެ 95/144/2009/02 ސިޓީއިން (20 ޖެނުއަރީ 2009) މަދަނީ ކޯޓަށް އެންގިއެވެ.
ވާޤިޢާ
ތަރިކައިގެ މައްސަލައެކެވެ. ހައިކޯޓުން 2000 ވަނަ އަހަރު ނިންމި މައްސަލައެއްގެ ޙުކުމް ތަންފީޒުކުރުމަށް 2008 ވަނަ އަހަރު މަދަނީ ކޯޓުން އަމުރެއް ނެރުނެވެ. ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން އެންގި އެންގުން ޤާނޫނާ ޚިލާފު ކަމަށް ބުނެ، ޙުކުމް ތަންފީޒުކުރުމަށް އެދުނު ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ހައިކޯޓުން ކުރިން ނިންމާފައިވާ ޙުކުމެއް ތަންފީޒުކުރުމަށް މަދަނީ ކޯޓުން ނެރުނު އަމުރެއް ހައިކޯޓަށް އިސްތިއުނާފުކުރުމުން، އިސްތިއުނާފާމެދު ގޮތެއް ކަނޑައަޅަންދެން އެ އަމުރު ތަންފީޒުކުރުން ވަގުތީގޮތުން ފަސްކުރުމަށް ހައިކޯޓުން މަދަނީ ކޯޓަށް އެންގުމަކީ ޤާނޫނާ ޚިލާފު ކަމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިލްތިމާސްކުރި ފަރާތުން ބުނީ، ހައިކޯޓުގެ ޙުކުމެއް ތަންފީޒުކުރުމަށް މަދަނީ ކޯޓުން ނެރޭ އަމުރެއް އިސްތިއުނާފުކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި، ހައިކޯޓުގެ ޙުކުމާމެދު ހިތްހަމަނުޖެހޭނަމަ 90 ދުވަހުގެ ތެރޭގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރެވެން އޮތްއިރު، އެގޮތަށް ޢަމަލުނުކޮށް ތަންފީޒީ އަމުރު އިސްތިއުނާފުކޮށްގެން ކުރިން ހައިކޯޓުން ކުރި ޙުކުމް އަނެއްކާ ހައިކޯޓަށް އިސްތިއުނާފުކުރުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެހެންކަމުން ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން ނެރުނު އަމުރަކީ ޤާނޫނީ ގޮތުން ނެރެވޭނެ އަމުރެއް ނޫން ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ހައިކޯޓުގެ އެންގުން ޤާނޫނާއި ޤަވާޢިދާ އެއްގޮތްތޯ ބެލުމަކީ މި ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، ތަންފީޒީ އަމުރެއް އިސްތިއުނާފުކުރުމަކީ ކުރިން ހައިކޯޓުން މައުޟޫޢީ ގޮތުން ނިންމި ނިންމުން އަލުން ބެލުމެއް ނޫން ކަމަށާއި، ހައިކޯޓުގެ ޤަވާޢިދުގެ 25 ވަނަ އަދި 26 ވަނަ މާއްދާގެ ދަށުން ޙުކުމެއް ނުވަތަ އަމުރެއް ތަންފީޒުކުރުން ވަގުތީގޮތުން ހިފެހެއްޓުމާއި ވަގުތީ އަމުރު ނެރުމުގެ ބާރު ހައިކޯޓަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް، ކުރިން ނިންމާފައިވާ ޙުކުމެއް ތަންފީޒުކުރުމުގެ އަމުރެއްގެ އިސްތިއުނާފު ވީ އެންމެ އަވަހަކަށް ނިންމަންވާނެ ކަމަށް ފާހަގަކުރިއެވެ. އެހެންކަމުން، ހައިކޯޓުގެ އެންގުން ޤާނޫނާ ޚިލާފުވާކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް އިއްތިފާޤުން ނިންމިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ އެންގުން ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ހައިކޯޓުގައި އިސްތިއުނާފުކުރެވިފައިވާ ދަށު ކޯޓުގެ އަމުރުގެ މައްސަލައިގައި ހައިކޯޓުން ޙުކުމެއް ކޮށްފައިނުވާތީ ހައިކޯޓުގެ ނިންމުމެއް އިލްތިމާސްކުރެވޭނެ ޖާގައެއް އަދި ނެތްކަމުގައި ވިޔަސް، ހައިކޯޓުން ކޮށްފައިވާ ޙުކުމެއް ތަންފީޒުކުރުމަށް މަދަނީ ކޯޓަށް ލިބިފައިވާ އިޚްތިޞާޞްގެ ދަށުން އެ ކޯޓުން ނެރުނު އަމުރެއް ހައިކޯޓުން އިސްތިއުނާފަށް ބަލައިގަނެ، އެ އަމުރު ތަންފީޒުކުރުން ފަސްކުރުމަށް މަދަނީ ކޯޓަށް އެންގުމަކީ ޤާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށް ހުށަހަޅާ މައްސަލައެއްގައި، އެ އެންގުން ޤާނޫނާއި ޤަވާޢިދާ އެއްގޮތަށްތޯ ބެލުމަކީ ސުޕްރީމް ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެކެވެ.

HN2 ހައިކޯޓުގެ ނިންމުމެއް ކަމަށް ވިޔަސް، ޙުކުމެއް ތަންފީޒުކުރުމަށް ދަށު ކޯޓަކަށް އޮންނަ އިޚްތިޞާޞެއްގެ ދަށުން ނެރޭ އަމުރެއް ހައިކޯޓަށް އިސްތިއުނާފުކުރުމަކީ، އޭގެ ޒާތުގައި ކުރިން ހައިކޯޓުން އެ މައްސަލައިގައި މައުޟޫޢީ ގޮތުން ނިންމާފައިވާ ނިންމުން އަލުން ބެލުންކަމުގައި ނުބެލެވެއެވެ.

HN3 ދަށު ކޯޓުތަކުން އިއްވާ ޙުކުމްތަކާއި ނެރޭ އަމުރުތައް މަތީ ކޯޓުގައި އިސްތިއުނާފުކުރުމަކީ ޚަޞްމުންނަށް ލިބިފައިވާ ޤާނޫނީ ޙައްޤެކެވެ. ހައިކޯޓުގެ ޤަވާޢިދުގެ 25 ވަނަ މާއްދާގެ ދަށުން، ކަމާބެހޭ ފަރާތަކުން ހައިކޯޓަށް ޤަބޫލުކުރެވޭފަދަ ސަބަބުތަކެއް ހުށަހަޅައިފިނަމަ، ދަށު ކޯޓެއްގެ ޙުކުމެއް ނުވަތަ އަމުރެއް ތަންފީޒުނުކޮށް ވަގުތީގޮތުން ހިފެހެއްޓުމުގެ ބާރު ހައިކޯޓަށް ލިބިގެންވެއެވެ. އަދި އެ ޤަވާޢިދުގެ 26 ވަނަ މާއްދާގެ ދަށުން، ހައިކޯޓަށް ހުށަހަޅާފައިވާ ދަޢުވާއަކާ ގުޅުމެއް ހުރި މައްސަލައެއްގައި، ހައިކޯޓުން ނަޒަރުހިންގުމަށްފަހު ފެނިއްޖެ ހިނދެއްގައި ވަގުތީ އަމުރެއް ނެރުމުގެ ބާރު ހައިކޯޓަށް ލިބިގެންވެއެވެ.

HN4 ދަށު ކޯޓަކުން ނެރޭ ޙުކުމެއް ނުވަތަ އަމުރެއް މަތީ ކޯޓެއްގައި އިސްތިއުނާފުކުރެވިއްޖެނަމަ، އެ ޙުކުމަކާ ނުވަތަ އަމުރަކާމެދު މަތީ ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން އެ ޙުކުމް ނުވަތަ އަމުރު ތަންފީޒުކުރެވިއްޖެނަމަ މަތީ ކޯޓުގެ ނިންމުމުގެ މަޤުޞަދު ޙާޞިލްނުވެދާނެކަމަށް ފެނިއްޖެ ހިނދެއްގައި، ގޮތެއް ކަނޑައަޅަންދެން ތަންފީޒުކުރުން ވަގުތީގޮތުން ފަސްކުރުމަކީ މަތީ ކޯޓަށް ޤާނޫނީ ގޮތުން ލިބިގެންވާ އިޚްތިޔާރެކެވެ. ނަމަވެސް މަތީ ކޯޓުން ކުރިން ފައިސަލާކޮށް ނިންމާފައިވާ ޙުކުމެއް ތަންފީޒުކުރުމަށް ނެރެފައިވާ އަމުރެއް އިސްތިއުނާފުވެފައިވާ މައްސަލައެއް ބަލައިނިންމުމުގައި، ވީ އެންމެ އަވަހަކަށް އެ އަމުރާމެދު ގޮތެއް ކަނޑައަޅައި، ކުރިން ކޮށްފައިވާ ޙުކުމް ތަންފީޒުވުން ލަސްނުވާނެ ގޮތުގެ މައްޗަށް މަތީ ކޯޓުން ރިޢާޔަތްކުރަންވާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުﷲ ސަޢީދު (ރިޔާސަތު)، ޔޫސުފް ޙުސައިން، އަޙްމަދު ފާއިޒު ޙުސައިން
ރިޔާސަތު
ޢަބްދުﷲ ސަޢީދު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 24 މޭ 2009 · ރަޖިސްޓްރީކުރީ 24 މޭ 2009 · ނިމުނީ 8 އޮކްޓޫބަރު 2009 (4.5 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2009/SC-A/19

ދަޢުވާކުރާ ފަރާތް: ނަން ފޮރުވާފައި

ދަޢުވާ ލިބޭ ފަރާތް: ނަން ފޮރުވާފައި /

މައްސަލައިގެ ބާވަތް: ތަރިކަ

މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން

ހުށަހެޅުނު ތާރީޚް: 24 މެއި 2009

ނިމުނު ތާރީޚް: 08 އޮކްޓޯބަރ 2009

މައްސަލަ ނިންމި ގަޑި: 11:05

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު

އިލްތިމާސް ކުރެވުނު ނިންމުން

ނަންބަރު: 95/144/2009/02

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 18 ޖެނުއަރީ 2009

ނިމުނު ތާރީޚް: 20 ޖެނުއަރީ 2009

މައްސަލައިގެ ޚުލާޞާ:

[1]މިއީ 31 ޑިސެމްބަރ 2008 ގައި މަދަނީ ކޯޓުން ނެރެފައިވާ ނަންބަރު MB1B-2/2008/837 އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމާއި ގުޅިގެން އެ އަމުރު ތަންފީޒުކުރުން ފަސްކޮށްދިނުމަށް އިސްތިއުނާފު ކުރިފަރާތް ކަމުގައިވާ މއ.ބޯޅަޖެހިގެ ނަން ފޮރުވާފައި އެދުނު ހިނދު، އެ އަމުރު ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުގެ ނަންބަރު 95/144/2009/02 ސިޓީއިން މަދަނީ ކޯޓަށް އަންގާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ މއ.ކަޅޯއްގެ ފާޠިމަތު ޢަބުދުﷲ މިކޯޓުގައި އިލްތިމާސް ކުރުމުން ބަލާފައިވާ މައްސަލައެވެ. މިމައްސަލައަށް ޤާނޫނީ އަދި ޝަރުޢީ ނަޒަރަކުން ބެލިއިރު ތިރީގައިވާ ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

[2]1. ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މަދަނީ ކޯޓުގެ ނަންބަރު MB1B-2/2008/837 އަމުރު ތަންފީޒުކުރުން ފަސްކޮށްދިނުމަށް، ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރި ފަރާތްކަމުގައިވާ ނަން ފޮރުވާފައި އެދުނު ހިނދު، ހައިކޯޓުން އެމައްސަލައިގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި، އިސްތިއުނާފު ކުރެވުނު މައްސަލައާމެދު ހައިކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އެމައްސަލައިގެ ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުގެ ފަނޑިޔާރުންނަށް ފެންނާތީ، މަދަނީ ކޯޓުގެ ނަންބަރު MB1B-2/2008/837 އަމުރު ތަންފީޒުކުރުން ފަސްކޮށްދިނުމަށް ހައިކޯޓުގެ ނަންބަރު 95/144/2009/02 ސިޓީއިން މަދަނީ ކޯޓަށް އަންގާފައިވާކަން އެސިޓީން އެނގެން އޮންނަ އޮތުމެވެ.

[3]ދެވަނަ ކަމަކީ، މަދަނީ ކޯޓުގެ އަމުރު ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން އެންގި އެންގުން ބިނާވެފައި ވަނީ ޤާނޫނާ ޚިލާފުވާގޮތަށްކަމަށް ބުނެ ފާޠިމަތު ޢަބުދުﷲ ގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާފައި އޮންނަ އޮތުމެވެ.

[4](ހ) ފުރަތަމަ ނުކުތާއަކީ މަދަނީ ކޯޓުގެ އަމުރަކީ ހައިކޯޓުގެ ނަންބަރު 2000/HC-A-2/08 ޤަޟިއްޔާގެ ޙުކުމާއި މަދަނީ ކޯޓުގެ ނަންބަރު 553/MC/2001 ގެ ޤަޟިއްޔާގެ ޙުކުމް ތަންފީޒު ކޮށްދިނުމުގެ ގޮތުން މަދަނީ ކޯޓުން ނެރެފައިވާ އަމުރަކަށް ވީހިނދު، ހައިކޯޓުގެ ޙުކުމެއް ތަންފީޒުކުރަން މަދަނީ ކޯޓުން ނެރެފައިވާ އަމުރު އިސްތިއުނާފުކުރުމަކީ ހަމަޖެހޭކަމެއް ނޫންކަމަށް ބުނެ ފާހަގަ ކޮށްފައިވާ ނުކުތާއެވެ.

[5](ށ) ދެވަނަ ނުކުތާއަކީ 2000 ވަނަ އަހަރު ހައިކޯޓުން ނިންމާފައިވާ މައްސަލައެއްގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން 2008 ވަނަ އަހަރު މަދަނީ ކޯޓުން ނެރުނު ކޯޓު އަމުރުގެ ދަށުން 2000 ވަނަ އަހަރުގެ ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ހައިކޯޓުގެ ޙުކުމާމެދު ހިތްހަމަނުޖެހޭނަމަ 90 ދުވަހުގެ ތެރޭގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރެވެން އޮތްއިރު، އެފަދައިން ޢަމަލުނުކޮށް ހައިކޯޓުގެ ޙުކުމް ތަންފީޒުކުރުމަށް މަދަނީ ކޯޓުން އަމުރެއް ނެރުމުން އެ އަމުރު އިސްތިއުނާފުކޮށް އޭގެތެރެއިން ކުރިން ހައިކޯޓުން ކޮށްފައިވާ ޙުކުމް އަނެއްކާ ހައިކޯޓަށް އިސްތިއުނާފު ކުރުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމަކަށްނުވާތީ މަދަނީ ކޯޓުގެ ނަންބަރު MB1B-2/2008/873 އަމުރު ތަންފީޒުކުރުން ފަސްކުރުމަށް 20 ޖެނުއަރީ 2009 ގައި ހައިކޯޓުން ނެރެފައިވާ އަމުރަކީ ޤާނޫނީގޮތުން ނެރެވޭނެ އަމުރެއް ނޫންކަމަށް ބުނެ ފާހަގަ ކޮށްފައިވާ ނުކުތާއެވެ.

[6](ނ) ތިންވަނަ ނުކުތާއަކީ ހައިކޯޓުގައި އިސްތިއުނާފުކުރެވިފައިވާ ދަށު ކޯޓުގެ އަމުރުގެ މައްސަލައިގައި ހައިކޯޓުން ޙުކުމެއް ކޮށްފައިނުވާތީ އެމައްސަލައިގައި ހައިކޯޓުގެ ނިންމުމެއް އިލްތިމާސްކުރެވޭނެ ޖާގައެއް އަދި ނެތްކަމުގައި ވިޔަސް މިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ހައިކޯޓުން ކޮށްފައިވާ ޙުކުމެއް ތަންފީޒުކުރުމަށް މަދަނީ ކޯޓަށް ލިބިފައިވާ އިޚްތިޞާޞްގެ ދަށުން އެ ކޯޓުން ނެރުނު އަމުރު ހައިކޯޓުން އިސްތިއުނާފަށް ބަލައިގަނެ، އެއަމުރު ތަންފީޒުކުރުން ފަސްކުރުމަށް އެކޯޓުން މަދަނީ ކޯޓަށް އެންގުމަކީ ޤާނޫނީގޮތުން ކުރެވޭނެކަމެއް ނޫންކަމަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށް ވުމުން، އަމުރު ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން އަންގާފައިވަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށްތޯ ބެލުމަކީ މިމައްސަލައިގައި މިކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭކަމެއްކަން ފާހަގަކުރެވޭކަމެވެ.

[7](ރ) ހަތަރުވަނަ ނުކުތާއަކީ މަދަނީ ކޯޓުގެ ނަންބަރު MB1B-2/2008/873 އަމުރު ތަންފީޒުކުރުން ފަސްކުރުމަށް އެންގުމަކީ ޤާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ ނަން ފޮރުވާފައި ގެ ފަރާތުން ފާހަގަކުރި އިސްވެދިޔަ ނުކުތާތަކުގެ މައުޟޫޢަކީ ހައިކޯޓުގައި އިސްތިއުނާފުކުރެވިފައިވާ މަދަނީ ކޯޓުގެ އަމުރުކަން އެނގެން އޮންނައޮތުމެވެ.

[8](ބ) ފަސްވަނަ ނުކުތާއަކީ ހައިކޯޓުގެ ނިންމުމެއް ކަމަށް ވިޔަސް ޙުކުމެއް ތަންފީޒު ކުރުމަށް ދަށުކޯޓަކަށް އޮންނަ އިޚްތިޞާޞެއްގެ ދަށުން ނެރޭ އަމުރެއް ހައިކޯޓަށް އިސްތިއުނާފު ކުރުމަކީ އޭގެ ޒާތުގައި، ކުރިން ހައިކޯޓުން އެމައްސަލައިގައި މައުޟޫޢީ ގޮތުން ނިންމާފައިވާ ނިންމުން އަލުން ބެލުންކަމުގައި ބެލެވެން ނެތްކަމެވެ.

[9](ޅ) ހަވަނަ ނުކުތާއަކީ ދަށުކޯޓުތަކުން އިއްވާ ޙުކުމްތަކާއި ނެރޭ އަމުރުތައް މަތީ ކޯޓުގައި އިސްތިއުނާފު ކުރުމަކީ ޤާނޫނީ ގޮތުން ޚަސްމުންނަށް ލިބިފައިވާ ޙައްޤަކަށް ވެފައި ދަށުކޯޓުން ނިންމާފައިވާ ޤަޟިއްޔާއެއްގެ ޙުކުމާމެދު، ނުވަތަ އެފަދަ ކޯޓަކުން ކުރާ، އަމުރަކާމެދު ނުވަތަ ޓްރައިބިޔުނަލަކުން ނުވަތަ ދައުލަތުގެ އިދާރާއަކުން ނިންމާފައިވާ ނިންމުމަކާމެދު ކަމާބެހޭ ފަރާތަކުން ހައިކޯޓަށް ޤަބޫލު ކުރެވޭފަދަ ސަބަބުތަކެއް ހުށަހަޅައިފިނަމަ އެޙުކުމެއް ނުވަތަ އެއަމުރެއް ތަންފީޒުނުކޮށް ވަގުތީ ގޮތުން ހިފެހެއްޓުމުގެ ބާރު ހައިކޯޓަށް ލިބިގެންވާކަމަށް ހައިކޯޓުގެ ޤަވާޢިދުގެ 25 ވަނަ މާއްދާގައި ބަޔާންވެފައި އޮތުމާއި ހައިކޯޓަށް ދަޢުވާއެއް ހުށަހަޅާފައިވާ ފަރާތަކުން ނުވަތަ ހުށަހަޅަން ގަސްތުކުރާ ފަރާތަކުން އެދަޢުވާއަކާ ގުޅުމެއް ހުރި މައްސަލައެއްގައި، ވަކި ފަރާތަކުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ހައިކޯޓުގެ ވަގުތީ އަމުރެއް ނެރެދޭން އެދިއްޖެނަމަ ނުވަތަ ހައިކޯޓަށް ފެނިއްޖެނަމަ، އެކަމާމެދު ހައިކޯޓުން ނަޒަރު ހިންގުމަށްފަހު، ފެނިއްޖެ ހިނދެއްގައި އެފަދަ ވަގުތީ އަމުރެއް ނެރުމުގެ ބާރު ހައިކޯޓަށް ލިބިގެންވާ ކަމަށް އެޤަވާޢިދުގެ 26 ވަނަ މާއްދާގައި ބަޔާންވެފައި އޮންނަ އޮތުމެވެ.

[10](ކ) ހަތްވަނަ ނުކުތާއަކީ ދަށުކޯޓަކުން ނެރޭ ޙުކުމެއް ނުވަތަ އަމުރެއް މަތީ ކޯޓެއްގައި އިސްތިއުނާފު ކުރެވިއްޖެނަމަ، އެޙުކުމެއް ނުވަތަ އެއަމުރަކާމެދު ފައިސަލާވެގެންދާނީ މަތީ ކޯޓުން ނިންމާ ގޮތެއްގެމަތިން ކަމަށްވުމާއެކު އެޙުކުމެއް ނުވަތަ އެ އަމުރަކާމެދު މަތީ ކޯޓުން ގޮތެއްކަނޑައެޅުމުގެ ކުރިން އެޙުކުމް ނުވަތަ އެއަމުރު ތަންފީޒު ކުރެވިއްޖެނަމަ މަތީ ކޯޓުގެ ނިންމުމުގެ މަޤުޞަދު ޙާޞިލްނުވެދާނެކަމަށް އެކޯޓަށް ފެނިއްޖެ ހިނދެއްގައި އިސްތިއުނާފު ކުރެވުނު ޙުކުމް ނުވަތަ އަމުރާމެދު ގޮތެއްކަނޑައަޅަންދެން އެޙުކުމް ނުވަތަ އެއަމުރު ތަންފީޒުކުރުން ވަޤުތީގޮތުން ފަސްކުރުމަކީ މަތީ ކޯޓަށް ޤާނޫނީ ގޮތުން ލިބިގެންވާ އިޚްތިޔާރެއްކަމަށް ވިޔަސް، މަތީ ކޯޓުން ކުރިން ފައިސަލާކޮށް ނިންމާފައިވާ ޙުކުމެއް ތަންފީޒު ކުރުމަށްޓަކައި، އެޙުކުމް ތަންފީޒުކުރުމުގެ އިޚްތިޞާޞް އޮތް ކޯޓަކުން ނެރެފައިވާ އަމުރެއް އިސްތިއުނާފުވެފައިވާ މައްސަލައެއް ބަލައިނިންމުމުގައި މަތީ ކޯޓުން ރިޢާޔަތްކުރަންވާ ކަންތައްތަކުގެ ތެރޭގައި، ވީ އެންމެ އަވަހަކަށް އެއަމުރާމެދު ގޮތެއް ކަނޑައަޅައި މަތީ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ތަންފީޒުވުން ލަސްނުވާނެ ގޮތުގެ މައްޗަށް ރިޢާޔަތް ކުރުން ހިމެނެން ވާނެކަން ފާހަގަކުރެވޭކަމެވެ.

ޙުކުމް:

[11]ވީމާ، އިސްވެބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، 20 ޖެނުއަރީ 2009 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މަދަނީ ކޯޓުގެ ނަންބަރު MB1B-2/2008/837 އަމުރާ މެދު ވަކިގޮތެއް ހައިކޯޓުން ކަނޑައަޅަންދެން އެ އަމުރު ތަންފީޒު ކުރުން ވަޤުތީގޮތުން ފަސްކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95/144/2009/02 ސިޓީން އެންގި އެންގުން، ޤާނޫނާ ޚިލާފުވާކަމަށް ކަނޑައަޅާނެ ތަނެއްނެތްކަމަށް މިމައްސަލަ ބެލި މިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި މައްސަލަ ނިންމީއެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޔޫސުފް ޙުސައިން

ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ހައިކޯޓުގެ ޤަވާޢިދުގެ 25 ވަނަ މާއްދާ
  • ހައިކޯޓުގެ ޤަވާޢިދުގެ 26 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ