—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2009/SC-A/22
ދަޢުވާކުރާ ފަރާތް: ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން. ބީ.އެޗް.ޑީ
ދަޢުވާ ލިބޭ ފަރާތް: އަޙްމަދު ޝާހިދު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 09 ޖޫން 2009
ނިމުނު ތާރީޚް: 30 ޑިސެމްބަރ 20091 މާޗް 2009
މައްސަލަ ނިންމި ގަޑި: 10:50
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2008/HC-A/316
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 08 ފެބްރުއަރީ 2008
ނިމުނު ތާރީޚް: 04 ޖޫން 2009
މައްސަލައިގެ ޚުލާޞާ
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 316/އެޗްސީ-އޭ/2008 ގެ ޤަޟިއްޔާ ނިންމަވާފައިވާގޮތް ރަގަޅުނޫންކަމަށް ޤަބޫލުކުރެވޭ ޤާނޫނީ ސަބަބުތަކެއް ހުރިކަމަށް ބުނެ އެކަންކަން ފާހަގަކޮށް ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން. ބީ.އެޗް.ޑީ (މީގެ ފަހުން ސުންޖިން) ގެ ފަރާތުން މިކޯޓުގައި އިލްތިމާސް ކުރުމުން ބަލާފައިވާ މައްސަލައެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
ހައިކޯޓުން ކުރެއްވި ޙުކުމުގައި ވަނީ ކަނޑޫމާގައި ރިސޯޓެއް ހެދުމުގެ ޕްރޮޖެކްޓް މެނޭޖަރ އަދި ސުންޖިންގެ ރެޕްރެޒެންޓެޓިވް އެކިއެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކާއި ގުޅިގެން އުފުލަންޖެހޭ ޒިންމާތައް އުފުލަންޖެހޭ ފަރާތަކީ ސުންޖިންކަމަށްވެފައި އެޕްރޮޖެކްޓްގެ ބޮޑުބައި ނިމުނުފަހުން، ޕްރޮޖެކްޓްގެ މެނޭޖްމަންޓަށް ބަދަލު އައުމަކީ އެހާތަނަށް ޕްރޮޖެކްޓްގެ މެނޭޖްމަންޓާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އެކިއެކި ފަރާތްތަކަށް އެޕްރޮޖެކްޓް ފުރިހަމަ ކުރުމަށްޓަކައި ކޮށްފައިވާ މަސައްކަތްތަކުގެ އުޖޫރަ އެފަރާތްތަކަށް ލިބުމަށް ހުރަސްއެޅެންޖެހޭ ސަބަބަކަށްނުވާތީ، ސުންޖިންގެ ފަރާތުން މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑަށް 5 ފެބްރުއަރީ 2009 ގައި ކަށަވަރުކޮށްދީފައިވާ ގޮތުގެމަތިން ކަނޑޫމާ ޕްރޮޖެކްޓާ ގުޅިގެން މަސައްކަތްކޮށްފައިވާ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކަށް ޙުރުމަތްތެރިކޮށް ހިތުން ސުންޖިންގެ މައްޗަށް ލާޒިމްވާނެކަމަށާއި
ކަނޑޫމާ ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖަރަކަށް ހުރި އެކުންފުނީގެ ރެޕްރެޒެންޓެޓިވްގެ މަޤާމާއި، އެމަޤާމުގެ މަސްއޫލިއްޔަތާ ބެހޭގޮތުން އިސްތިއުނާފުގެ މަރުޙަލާގައި ސުންޖިންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުގެ ދަށުން ގިނަފަރާތްތަކާއި މަސައްކަތް ޙަވާލުކޮށްގެން އެފަރާތްތަކުން ކޮށްނިންމާފައިވާ ކަނޑޫމާ ޕްރޮޖެކްޓްގެ މަސައްކަތް ބަލައިގަތުމަށްފަހު، އެމަސައްކަތް ކުރިފަރާތްތަކަށް ދިނުމަށް މަސައްކަތް ޙަވާލުކުރި އެކުންފުނީގެ ރެޕްރެޒެންޓެޓިވް އާއި އެފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުންތަކާއި ޚިލާފަށް އެކުންފުނީގެ މަޞްލަޙަތުގައި ދައްކާފައިވާ ވާހަކަތަކެއްކަމަށް ވާތީ، މަދަނީ ކޯޓުގެ ނަންބަރު 2008/އެމްސީ/776 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެނެވޭފަދަ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން މަދަނީ ކޯޓުގެ ނަންބަރު 2008/އެމްސީ/776 ޤަޟިއްޔާގެ ޙުކުމަށް ތާއީދު ކުރައްވާ ހައިކޯޓުގެ ޤަޟިއްޔާ ނިންމަވާފައިވާކަން އެނގެއެވެ.
މިމައްސަލާގައި މަދަނީ ކޯޓުން ޙުކުމް ކުރެއްވި ގޮތަށް ބަލާއިރު، ސުންޖިންގެ މައްޗަށް އަޙްމަދު ޝާހިދު ކޮށްފައިވާ ދަޢުވާގައި ހިމެނޭ -/175000 (އެއްލައްކަ ހަތްދިހަފަސްހާސް) ޔޫ.އެސް ޑޮލަރ އަކީ ސުންޖިންގެ އެދުމަކަށް އަޙްމަދު ޝާހިދު ކޮށްދީފައިވާ ޚިދުމަތްތަކެއްގެ ބަދަލެއްގެގޮތުގައި ކުންފުނީގެ ފަރާތުން އަޙްމަދު ޝާހިދަށް ދިނުމަށް ކުންފުނިން އެއްބަސްވެފައިވާ ފައިސާއެއްކަން ސާބިތުވާކަމަށް ކަނޑައަޅުއްވައި އަޙްމަދު ޝާހިދަށް މިފައިސާ ލިބިދިނުމަށްޓަކައި 16 އޮކްޓޯބަރ 2008 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި މަދަނީ ކޯޓަށް ދެއްކުމަށް ސުންޖިންގެ މައްޗަށް ޙުކުމް ކުރައްވާ ޤަޟިއްޔާ ނިންމަވާފައިވާކަން އެނގެއެވެ.
މަދަނީ ކޯޓުގެ ޙުކުމް ރަގަޅުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރެއްވި ޙުކުމް ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ ސުންޖިންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުގެގޮތުން ނުވަ ނުކުތާއެއް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން ވާހަކަދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ މަދަނީ ކޯޓުގެ ޤަޟިއްޔާ ނިންމަވާފައި ވަނީ ދަޢުވާ ސާބިތުކުރުމުގެ ޒިންމާ ދަޢުވާ ލިބޭފަރާތަށް އޮންނަގޮތަށް ކަމަށްވެފައި އެއީ ޤާނޫނީގޮތުން އެކަން އޮންނަގޮތް ނޫންކަމަށް ހައިކޯޓުގައި ވަކާލާތު ކުރެވިފައި ވާއިރު، ހައިކޯޓުން އެނުކުތާއަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
(ށ) ދެވަނަ ނުކުތާއަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބުނެފައިވާފަދަ އެއްބަސްވުމެއް ސުންޖިންނާ އަޙްމަދު ޝާހިދާ ދެމެދު އޮތްކަން ނުވަތަ ނެތްކަމާމެދު މަދަނީ ކޯޓުން ރިޢާޔަތްކުރައްވާފައި ނެތުމީ ހައިކޯޓުގައި ވަކާލާތު ކުރެވިފައިވާ ނުކުތާއެއްކަމުގައި ވާއިރު އެނުކުތާއަށް ހައިކޯޓުން ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
(ނ) ތިންވަނަ ނުކުތާއަކީ އަޙްމަދު ޝާހިދަށް -/175000 (އެއްލައްކަ ހަތްދިހަފަސްހާސް) ޔޫ. އެސް. ޑޮލަރ ދިނުމަށް އެއްބަސްވިކަމަށް ބުނެ ކޯޓަށް ހުށަހެޅި ލިޔުމަކީ، ކޯޓެއްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި އެއްވެސް ހެއްކެއް އޭގައި ސޮއިކޮށްފައިވާ ލިޔުމަކަށް ނުވާއިރު، އަދި އެލިޔުމުގެ ޞައްޙަ ކަމުގެމައްޗަށް ދެކޯޓަށްވެސް ހެކި ހުށަހެޅިފައި ނުވާއިރު، އެލިޔުމަކީ ދެފަރާތް ދެމެދުގައި އެއްބަސްވެފައިވާ ޞައްޙަ ލިޔުމެއްގެ ގޮތުގައި ބައްލަވާފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
(ރ) ހަތަރުވަނަ ނުކުތާއަކީ އަޙްމަދު ޝާހިދަށް ފައިސާ ދިނުމަށް ސުންޖިން އިން އެއްބަސްވެ ފޮނުވާފައި ވާކަމަށް ދެކޯޓުންވެސް ބެއްލެވި ލިޔުމަކީ ސުންޖިންގެ ހުއްދަލިބިގެން ދީފައިވާ ލިޔުމެއް ނޫންކަމަށާއި އެލިޔުމަކީ އޭގައި ސޮއި ކޮށްފައިވާ މރ. ހްވާންގ ޖައިވޫ (Hwang Jae Woo) ވަކިކުރިފަހުން ތައްޔާރު ކޮށްފައިވާ ލިޔުމެއްކަމަށް ވާތީ، އެލިޔުން ތައްޔާރު ކޮށްފައިވާ ތާރީޚު ފޮރެންސިކް ޓެސްޓުން ޔަޤީންކުރުމަށްޓަކައި އެލިޔުމުގެ އަޞްލު ހޯދުމަށް މަދަނީ ކޯޓުގައި ވާހަކަދެއްކުމުން އެކޯޓުން އެކަން ބައްލަވައި ނުދެއްވުމަކީ ހައިކޯޓުގައި އިސްތިއުނާފު ކުރެވުނު އެއްނުކުތާ ކަމަށްވާއިރު، އެކަމަށް ރިޢާޔަތްނުކުރައްވާ އަދި އެލިޔުން ނުދެކި އެލިޔުމަކީ ޞައްޙަ ލިޔުމެއްކަމަށް ބައްލަވައިގެން ހައިކޯޓުން ޙުކުމް ކުރެއްވި ކަމަށްބުނެ ފާހަގަ ކޮށްފައިވާ ނުކުތާއެވެ.
(ބ) ފަސްވަނަ ނުކުތާއަކީ އެއްބަސްވި ލިޔުމުގައި ސޮއިކޮށްފައިވާ މރ. ހްވާންގ ޖައިވޫ (Hwang Jae Woo) އަކީ ސުންޖިންގެ ފަރާތުން ރާއްޖޭގައި ހުރި އެންމެ އިސްފަރާތްކަމަށް ބުނެ އެކަން ސާބިތު ކުރުމަށް ހުށަހެޅި ކުންފުނީގެ ބޯޑު ރިޒޮލިޔުޝަނަކީ ޞައްޙަލިޔުމެއް ނޫންކަމަށާއި އެއާޚިލާފަށް ސުންޖިން އިން މރ. ހްވާންގ ޖައިވޫ (Hwang Jae Woo) އަށް ދީފައިވާ ބާރަކީ ހަމައެކަނި ފައިސާގެ ކޮންޓްރޯލާއި ބެނެފިޝަލް އޯރނަޝިޕާބެހޭ މަޢުލޫމާތު ކަމާބެހޭފަރާތްތަކަށް ފޯރުކޮށްދިނުމަށާއި ރާއްޖޭގައި ކުންފުނި ރަޖިސްޓްރީ ކުރުމާބެހޭ ކަންތައްތައް އެކަނި ކުރުންކަން، އެންގުމަށް ޓްރޭޑް މިނިސްޓްރީއަށް ހުށަހެޅި ރިޒޮލިޔުޝަން ހައިކޯޓަށް ހުށަހަޅާފައިވާއިރު، މރ. ހްވާންގ ޖައިވޫ (Hwang Jae Woo) އަށް އެފަދަ ލިޔުމެއްގައި ސޮއިކުރުމުގެ ބާރު ލިބިނުދޭކަމުގެ މައްޗަށް ރިޢާޔަތްނުކުރައްވާ އަދި އަޙްމަދު ޝާހިދު ހުށަހެޅި ރިޒޮލިޔުޝަނަކީ ޞައްޙަ ލިޔުމެއްކަމަށް ބައްލަވާފައިވުން ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
(ޅ) ހަވަނަ ނުކުތާއަކީ ދެފަރާތް ދެމެދުގައި ވެވުނު އެއްބަސްވުންކަމަށް އަޙްމަދު ޝާހިދު ހުށަހެޅި ލިޔުމުގައި އަޙްމަދު ޝާހިދު މަސައްކަތް ކޮށްފައިވާކަމަށް ބުނާ 11 މަސައްކަތް، ނުކުރާކަމަށް ސުންޖިންގެ ފަރާތުން ބުނެފައިވާއިރު، އެކަމަށް ރިޢާޔަތް ނުކުރައްވާ ޙުކުމް ކުރެއްވުމަކީ ޤާނޫނީ މައްސަލައެއްކަމަށާއި އަދި ކުރެވުނުކަމަށް ބުނާ މަސައްކަތް ނުކުރެވޭކަން ސާބިތުކުރުމުގެ ފުރުޞަތަކަށް އެދިފައިވަނިކޮށް އެފުރުޞަތު ނުދެއްވާ، އަޙްމަދު ޝާހިދު ބުނެފައިވާ ބުނުމެއްގެ މައްޗަށް ބައްލަވައިގެން އެމަސައްކަތަށް ފައިސާ ދެއްކުމަށް ޙުކުމްކުރެއްވުން ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
(ކ) ހަތްވަނަ ނުކުތާއަކީ ދެފަރާތުންވެފައިވާ އެއްބަސްވުމެއްކަމަށް ޝަރީޢަތުން ޤަބުލުކުރެއްވި ލިޔުން ލިޔެފައިވަނީ އެ އެއްބަސްވުމުގެ ދަށުން ކުރަން އެއްބަސްވި މަސައްކަތް ކުރެވުނުފަހުންކަމާއި މިއީ ޢާއްމު ހަމަތަކުގެމަތީން ޤާނޫނީ ކޮންޓްރެކްޓް ލިޔާގޮތްނޫންކަމަށާއި މިކަމުގެ ސަބަބު ހޯދުމުގެ ސުވާލު އުފައްދާފައިވަނިކޮށް މިކަމަށް ނުބައްލަވާ މައްސަލަ ނިންމަވާފައި ވުންކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
(އ) އަށްވަނަ ނުކުތާއަކީ މރ. ހްވާންގ ޖައިވޫ (Hwang Jae Woo) އަށް ވަޒީފާ ހަމަޖެއްސި ލެޓަރ އޮފް އެޕޮއިންޓްމަންޓް ކަމަށް ބުނެ އަޙްމަދު ޝާހިދު ހުށަހެޅި ލިޔުމަކީ ޞައްޙަ ލިޔުމެއްނޫންކަމަށް ހައިކޯޓުގައި ބުނެފައިވާކަމަށާއި އަދި މރ. ހްވާންގ ޖައިވޫ (Hwang Jae Woo) ގެ ލެޓަރ އޮފް އެޕޮއިންޓްމަންޓްގެ ނޮޓަރައިސްޑް ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، އެ ލިޔުމަށް ބައްލަވާފައި ނުވާކަމަށާއި އަދި އެލިޔުމުން އޭނާއަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސުންޖިން އިންޖިނިއަރިންގ މެލޭޝިޔާގެ މުވައްޒަފެއް ނޫންކަމަށާއި އޭނާއަކީ ސުންޖިން ސިންގަޕޫރުގެ މުވައްޒަފެއް ކަމަށާއި މިއީ ޤާނޫނީގޮތުން ދެ ޚަޞްމެއްކަމަށް ބައްލަވާފައި ނުވާކަމަށް ބުނެފާހަގަ ކޮށްފައިވާ ނުކުތާއެވެ.
(ވ) ނުވަވަނަ ނުކުތާއަކީ އަޙްމަދު ޝާހިދު ހުށަހެޅި ދެ ލިޔުމަކީވެސް އަޞްލު ދެލިޔުން ނޫންކަން ބެލެވޭނެ ވަރަށްގިނަ ހެކި ހުށަހަޅާފައި ވަނިކޮށް އަދި ލިޔުމުގެ ޞައްޙަކަން ބެލުމަށް ހެއްކެއް ޤަރީނާއެއް ނުހޯއްދަވައި ލިޔުމުގައި ކުރިކަމަށް ބުނާ މަސައްކަތް ކުރެވިފައިވޭތޯވެސް ނުބަލައި އެލިޔުން ޞައްޙަކަމަށާއި ދެފަރާތް ދެމެދުގައި ވެވުނު އެއްބަސްވުމެއްކަމަށާއި އެލިޔުމުގައިވާ މަސައްކަތަކީ ކުރެވިފައިވާ މަސައްކަތެއްކަމަށް ހައިކޯޓުން ކަނޑައެޅުއްވުން ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
މިމައްސަލާގައި ހުށަހެޅިފައިވާ ބަޔާންތަކަށާއި، ލިޔުންތަކަށް އަދި ސުންޖިންގެ ފަރާތުން އިލްތިމާސް ކޮށްފައިވާ ނުކުތާތަކަށް ނަޒަރުކުރުމުން އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ އަޙްމަދު ޝާހިދު ސުންޖިންނަށް ކޮށްދިން ޚިދުމަތްތަކެއްގެ މުޤާބިލުގައި އެކުންފުނިން އަޙްމަދު ޝާހިދުއަށް -/175000 (އެއްލައްކަ ހަތްދިހަ ފަސްހާސް) ޔޫ. އެސް. ޑޮލަރ ދިނުމަށް އެއްބަސްވެފައިވާކަމަށްބުނެ އެކަން ސާބިތުކުރުމަށް އަޙްމަދު ޝާހިދު ހުށަހަޅާފައިވާ ލިޔުމަކީ ޤާނޫނީގޮތުން ތަންފީޒު ކުރެވޭފަދަ ބަނދެވުމެއް ދެފަރާތްދެމެދުގައި ޤާއިމްކުރެވިފައިވާ އެއްބަސްވުމެއްތޯ ބަލާއިރު، 27 އޯގަސްޓް 2007 ގައި ސުންޖިންއިން އަޙްމަދު ޝާހިދަށް ދޫކޮށްފައިވާ މިލިޔުމަކީ -/175000 (އެއްލައްކަ ހަތްދިހަ ފަސްހާސް) ޔޫ. އެސް. ޑޮލަރގެ ޕޭމެންޓް ސެޓްފިކެޓެއް ގޮތުގައި ދޫކޮށްފައިވާ ލިޔުމެއްކަމާއި ލިޔުމުގައި މރ. ހްވާންގ ޖައިވޫ (Hwang Jae Woo) ސޮއިކޮށްފައި ވަނީ ރާއްޖޭގައި ހުރި ރެޕްރެޒެންޓެޓިވް އަދި ޕްރޮޖެކްޓް މެނޭޖަރގެ ހައިސިއްޔަތުންކަމާއި 2006 ވަނަ އަހަރުގެ ނޮވެމްބަރ މަހުން ފެށިގެން އަޙްމަދު ޝާހިދުގެ ފަރާތުން ސުންޖިންނަށް ލިބެމުން އައިސްފައިވާ ޚިދުމަތްތައް ޤަބޫލްކޮށް އެކަމަށް އިޢުތިރާފުވެ، އެކަމުގެ މުޤާބިލްގައި ސުންޖިން އިންޖިނިއަރިންގެ ފަރާތުން -/175000 (އެއްލައްކަ ހަތްދިހަ ފަސްހާސް) ޔޫ. އެސް. ޑޮލަރ އަދާކުރާނެކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ދީފައިވާ ލިޔުމެއްކަން އޭގެ ޞަރީޙަ ނައްޞަށް ބަލާއިރު އެނގޭކަމާއި އަޙްމަދު ޝާހިދުކޮށްދިން މަސައްކަތްތަކެއްގެ މުޤާބިލް ޢިވަޒެއްގޮތުގައި ލިޔުމުގައި ބަޔާންކުރެވިފައިވާ މިންވަރަށް ފައިސާ ދޭނެކަމުގެ ޔަޤީންކަން ދިނުމުގެގޮތުން ދީފައިވާ ލިޔުމަކަށް އެލިޔުންވީހިނދު، އެލިޔުމަކީ އޭގެޒާތުގައި އަޙްމަދު ޝާހިދުގެ ޙައްޤުގައި ލިޔުންދޫކުރި ފަރާތްކަމުގައިވާ ސުންޖިން އިންޖިނިއަރިންގ މެލޭޝިޔާއިން އަދާކޮށްދޭންޖެހޭ އިލްތިޒާމެއްވާކަން ދަލީލުކޮށްދޭ ލިޔުމެއްކަން އެނގޭކަމެވެ.
(ށ) ދެވަނަކަމަކީ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުމުގައި ސޮއިކޮށްފައިވާ މރ. ހްވާންގ ޖައިވޫ (Hwang Jae Woo) އަކީ ސުންޖިންގެ ނަމުގައި އެލިޔުން ދޫކުރުމުގެ ބާރާއި އިޚްތިޔާރު ޤާނޫނީގޮތުން އޮތްފަރާތެއްތޯ ބަލާއިރު، އޭނާއަކީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި އެކުންފުނި ތަމްސީލްކުރާ އެންމެއިސް ފަރާތުގެގޮތުގައި އެކުންފުނީގެ ބޯޑުގެ ޤަރާރަކުން ކަނޑައަޅާފައިވާ ފަރާތްކަން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅާފައިވާ އެކުންފުނީގެ 3 މެއި 2007 ގެ ބޯޑު ރިޒޮލިޔުޝަނުން އެނގެންއޮންނަކަމާއި 22 ޖެނުއަރީ 2008 ގެ ނިޔަލަށް އެމަޤާމުގައި މރ. ހްވާންގ ޖައިވޫ (Hwang Jae Woo) ހުރިކަން 31 ޖެނުއަރީ 2008 ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒަށް އެކުންފުނިން ހުށަހަޅާފައިވާ 22 ޖެނުއަރީ 2008 ގެ ބޯޑު ރިޒޮލިޔުޝަނުން އެނގޭކަމާއި އެހެންކަމުން 3 މެއި 2007 އިން ފެށިގެން 22 ޖެނުއަރީ 2008 ގެ ނިޔަލަށް ސުންޖިންގެ ފަރާތުން ދިވެހިރާއްޖޭގައި ތަމްސީލުކުރި އެންމެއިސް ފަރާތަކީ މރ. ހްވާންގ ޖައިވޫ (Hwang Jae Woo) ކަން ސާބިތުވާކަމާއި ކުންފުންޏާބެހޭ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން އޭނާއަކީ އެ މުއްދަތުގައި އެކުންފުނީގެ ފަރާތުން ދަޢުވާއެއް ކުރަންޖެހިއްޖެނަމަ، ނުވަތަ އެކުންފުނީގެ މައްޗަށް ކުރެވޭ ދަޢުވާތަކަށް ޖަވާބުދާރީވާންޖެހޭނެ ފަރާތްކަމަށް ވުމުގެއިތުރުން އެމުއްދަތުގައި ކުންފުންޏާއެކު މުޢާމަލާތްކުރެވޭ ކުންފުނިން ބޭރު ފަރާތްތަކަށް ކުންފުނި ތަމްސީލްކުރާ މީހެއްގެ ހައިސިއްޔަތުން ޖަވާބުދާރީވާންޖެހޭ ޤާނޫނީބާރުވެރި ފަރާތަކީވެސް މރ. ހްވާންގ ޖައިވޫ (Hwang Jae Woo) ކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ 3 މެއި 2007 ގެ އެކުންފުނީގެ ބޯޑު ރިޒޮލިޔުޝަންގެ އެހެންބައިތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި އެކުންފުނި ރީރަޖިސްޓްރީކުރުމުގެ އެއް މަޤްޞަދަކީ އެ ކުންފުނީގެ ފަރާތުން ރާއްޖޭގައި ހިންގަން ޤަޞްދުކޮށްފައިވާ ބައެއް ޕްރޮޖެކްޓްތައް ރާވާ ހިންގުންކަން އެނގޭކަމާއި އެގޮތުން އެޕްރޮޖެކްޓްތަކެއް ހިންގުމަށް ރާއްޖޭގައި ކުންފުނި ރީރަޖިސްޓްރީކުރެވުނު ޕްރޮޖެކްޓްތަށް ހިންގުމުގައި އެ ކުންފުނީގެ ފަރާތުން ތަމްސީލުކުރަން އޭރު ހުރި އެންމެއިސް ފަރާތަކީވެސް މރ. ހްވާންގ ޖައިވޫ (Hwang Jae Woo) ކަން އެނގޭކަމާއި އޭގެތެރެއިން އެއް ޕްރޮޖެކްޓަކީ ލެޝަރ ހޮލިޑޭސްގެ ފަރާތުން 20 ޖުލައި 2006 ގައި ސުންޖިންނާ ޙަވާލުކޮށްފައިވާ ކަނޑޫމާ ޓޫރިސްޓް ރިސޯޓް ހެދުމުގެ މަސައްކަތްކަމާއި އަދި ކަނޑޫމާ ޓޫރިސްޓް ރިސޯޓްގެ ކޮންސްޓްރަކްޝަން ސައިޓްގައި މަސައްކަތްކުރުމުގެ ހުއްދަ މރ. ހްވާންގ ޖައިވޫ (Hwang Jae Woo) އަށް ދިވެހިސަރުކާރުން ދީފައިވަނީ ސުންޖިންގެ ޕްރޮޖެކްޓް މެނޭޖަރެއްގެ ހައިސިއްޔަތުންކަން އޭނާއަށް ދޫކޮށްފައިވާ ވޯރކް ޕާރމިޓުން އެނގޭކަމާއި ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކާއި އިދާރާތަކާއެކު ސުންޖިންގެފަރާތުން މުޢާމަލާތް ކޮށްފައި ވަނީ އެކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރެއްގެ ހައިސިއްޔަތުން މރ. ހްވާންގ ޖައިވޫ (Hwang Jae Woo) ކަން އެތަންތަނުން ދޫކޮށްފައިވާ ލިޔުންތަކުން އެނގޭކަމާއި މީގެއިތުރުން ރާއްޖޭގައި އެކުންފުނި ތަމްސީލްކުރާ އެންމެއިސް ވެރިފަރާތުގެ ހައިސިއްޔަތުންނާއި ކަނޑޫމާ ރިސޯޓް ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖަރގެ ހައިސައްޔަތުން ރާއްޖޭގައި ދުވަހުން ދުވަހަށް ކުރާ އެކިއެކި މުޢާމަލާތްތައްކޮށް، އެކިއެކި ފަރާތްތަކާއެކު ކުންފުނީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކޮށް އަދި އެއެއްބަސްވުންތަކުގެ ދަށުން އެފަރާތްތަކަށް އަދާކުރަންޖެހޭ ފައިސާ އަދާކޮށްފައި ވަނީ މރ. ހްވާންގ ޖައިވޫ (Hwang Jae Woo) ކަމަށްވެފައި ކުންފުނީގެ އެފަދަނިންމުންތައް ނިންމާފައި ވަނީ ދިވެހިރާއްޖެއަށް އެ ކުންފުނީގެ ފަރާތުން އޭރު ކަނޑައަޅާފައިވާ އެންމެ އިސް މީހާގެ ހައިސިއްޔަތުންކަން އެ ލިޔުންތަކަށް ބަލާއިރު އެނގޭކަމާއި ކަނޑޫމާ ރިސޯޓް ޕްރޮޖެކްޓާ ގުޅިގެން ސުންޖިންގެ ފަރާތުން އޭރު ކުރެވިފައި ހުރި މުޢާމަލާތްތައް އެކިއެކި ފަރާތްތަކާއެކު މރ. ހްވާންގ ޖައިވޫ (Hwang Jae Woo) ކޮށްފައި ވަނީ ސުންޖިންގެ ހުއްދަކުރެވިފައިވާ ޕްރޮޖެކްޓް މެނޭޖަރެއްގެ ހައިސިއްޔަތުންކަން އެނގޭހިނދު 27 އޯގަސްޓް 2007 ގައި ސުންޖިންއިން އަޙްމަދު ޝާހިދަށް ދޫކޮށްފައިވާ ލިޔުމަކީވެސް އެހައިސިއްޔަތުން ދޫކޮށްފައިވާ ލިޔުމެއްކަން އެނގޭކަމެވެ.
(ރ) ހަތަރުވަނަކަމަކީ މރ. ހްވާންގ ޖައިވޫ (Hwang Jae Woo) އަކީ ސުންޖިންގެ ބޯޑު ރިޒޮލިއުޝަނަކުން 3 މެއި 2007 އިން 31 ޖެނުއަރީ 2008 އަށް އެކުންފުނީގެ ފަރާތުން ދިވެހިރާއްޖޭގައި ރަޖިސްޓެޑް ރެޕްރެޒެންޓެޓިވް ގޮތުގައި މަސައްކަތްކުރި ފަރާތްކަމަށްވެފައި މިކަން ފޮރިން އިންވެސްޓްމަންޓް ސަރވިސަސް ބިއުރޯގެ 21 އެޕްރީލް 2008 ގެ ނަންބަރު 11/2008/MIS/150 ސިޓީން އެނގެން އޮންނައިރު، ސުންޖިންގެ ރެޕްރެޒެންޓެޓިވްއެއްގެ ގޮތުގައި ހުރެ ކުންފުނީގެ ނަމުގައި މރ. ހްވާންގ ޖައިވޫ (Hwang Jae Woo) އަޙްމަދު ޝާހިދުއާއެކު މުޢާމަލާތް ކޮށްފައި ވަނީ ރެޕްރެޒެންޓެޓިވްއެއްގެ ހައިސިއްޔަތުންނާއި ޕްރޮޖެކްޓް މެނޭޖަރެއްގެ ހައިސިއްޔަތުންކަމަށްވާ ހިނދު، އެހައިސިއްޔަތުން ކޮށްފައިވާ މުޢާމަލާތްތަކާއި ނިންމާފައިވާ ނިންމުންތަކާ މެދު އެސްޓޮޕެލްގެ އުޞޫލުން ބަލާއިރު އިންކާރު ކުރުމުގެ ފުރުޞަތު ނެތްކަން އެނގޭކަމާއި މރ. ހްވާންގ ޖައިވޫ (Hwang Jae Woo) އަކީ ޤާނޫނީގޮތުން ސުންޖިންގެ ރެޕްރެޒެންޓެޓިވް ކަމަށްބަލައިގެން ކުރެވިފައި ހުރި މުޢާމަލާތްތަކާއި ނިންމުންތަކަކީ އެކުންފުންޏާއެކު ކުރެވިފައިވާ މުޢާމަލާތްތަކެއްކަމަށް އިސްވެބަޔާންކުރެވުނު ހެއްކާބެހޭ އުޞޫލަށް ބަލާއިރު ސާބިތުވާކަމެވެ.
(ބ) ފަސްވަނަކަމަކީ 15 އޯގަސްޓް 2006 އިން ފެށިގެން ކަނޑޫމާ ރިސޯޓުގައި ހިންގާފައިވާ ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖަރެއްގޮތުގައި މަސައްކަތް ކުރަމުންއައިސްފައި ވަނީ މރ. ހްވާންގ ޖައިވޫ (Hwang Jae Woo) ކަމާއި ސުންޖިންނުން -/175000 (އެއްލައްކަ ހަތްދިހަ ފަސްހާސް) ޔޫ. އެސް. ޑޮލަރގެ ލިޔުން މރ. ހްވާންގ ޖައިވޫ (Hwang Jae Woo) ސޮއިކޮށް އަޙްމަދު ޝާހިދަށް ދޫކުރިފަހުންވެސް ސުންޖިންގެ ނަމުގައި އެކިފަރާތްތަކާއެކު ފައިސާގެ މުޢާމަލާތް ކޮށްފައި ވަނީވެސް މރ. ހްވާންގ ޖައިވޫ (Hwang Jae Woo) ކަމާއި ސުންޖިންނުން އަޙްމަދު ޝާހިދަށް -/175000 (އެއްލައްކަ ހަތްދިހަ ފަސްހާސް) ޔޫ. އެސް. ޑޮލަރ ދޭންޖެހޭކަމަށް ޤަބޫލުކޮށް ލިޔުންދޫކޮށްފައި ވަނީ އެފަދަ ނިންމުން ނިންމުމުގެ ޤާނޫނީ ބާރުވެރިކަމެއް މރ. ހްވާންގ ޖައިވޫ (Hwang Jae Woo) އަށް އޮވެގެންކަމަށް ޤަބޫލުކުރެވޭ ޙަޤީޤަތްތަކެއް ސާބިތުވާކަމާއި މރ. ހްވާންގ ޖައިވޫ (Hwang Jae Woo) ގެ މަސްއޫލުވެރިކަމުގެ ދަށުން ކުރީން އިޝާރާތް ކުރެވުނުހެން ދިވެހިސަރުކާރާއި އަމިއްލަފަރާތްތަކާއެކު ސުންޖިންއިން ކޮށްފައިވާ ފައިސާގެ މުޢާމަލާތްތަކާ އަދި އެނޫންވެސް މުޢާމަލާތްތަކުން، ކުންފުނީގެ ފަރާތުން އެކަންކަން ކުރުމުގެ ޤާނޫނީ ހައިސިއްޔަތު މރ. ހްވާންގ ޖައިވޫ (Hwang Jae Woo) އަށް ލިބިފައިވާކަމަށް ދަލީލުލިބޭތީ އެއީ ކުންފުނިން އަޙްމަދު ޝާހިދާއެކުކޮށްފައިވާ މުޢާމަލާތެއްކަން އެނގޭ ޙަޤީޤަތް ޤާއިމްވެފައި ހުރިއިރު، އަޙްމަދު ޝާހިދުގެ ފަރާތުން ހުށަހެޅި ލިޔުންތަކަށް ސުންޖިންގެފަރާތުން އިންކާރުކުރުންފިޔަވާ އެލިޔުންތައް ނަފީކުރެވޭފަދަ ހުއްޖަތެއް ޤާއިމްކުރެވިފައި ނުވާކަން އެނގޭކަމެވެ.
ޙުކުމް:
ވީމާ، އިސްވެބަޔާން ކުރެވުނު ސަބަބުތަކަށް ރިޢާޔަތްކުރާއިރު، ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން.ބީ.އެޗް.ޑީ ގެ ނަމުގައި މރ. ހްވާންގ ޖައިވޫ (Hwang Jae Woo) ސޮއިކޮށް، 27 އޯގަސްޓް 2007ގައި ގދ. ގައްދޫ ކޮމާ އަޙްމަދު ޝާހިދަށް ދޫކޮށްފައިވާ -/175000 (އެއްލައްކަ ހަތްދިހަފަސްހާސް) ޔޫ. އެސް. ޑޮލަރގެ ޕޭމެންޓް ސެޓްފިކެޓަކީ ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން. ބީ.އެޗް.ޑީ ގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ރެޕްރެޒެންޓެޓިވްގެ ހައިސިއްޔަތުންނާއި، އެކުންފުނީގެ ފަރާތުން ކަނޑޫމާ ޓޫރިސްޓް ރިސޯޓްގައި ހިންގަމުން އައިސްފައިވާ ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖަރުގެ ހައިސިއްޔަތުން ދޫކޮށްފައިވާ ލިޔުމެއްކަމަށް ވާތީ އެއީ ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން. ބީ.އެޗް.ޑީގެ ފަރާތުން ދޫކޮށްފައިވާ ލިޔުމެއްކަމަށް ސާބިތުވާހިނދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/316 ޤަޟިއްޔާގައި އެލިޔުމަށާއި އަދި އެހެން ލިޔުންތަކަށް ރިޢާޔަތްކުރައްވާފައި ވަނީ ޤާނޫނީ ހަމަތަކާއި އެއްގޮތަށްކަމަށް މިމައްސަލަ ބެލި މިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/316 ޤަޟިއްޔާއަށް ތާއީދުކޮށް މިޤަޟިއްޔާ ނިންމީއެވެ.
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިން
ޢީދުތަމަ ފ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.