—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/29
ދަޢުވާކުރާ ފަރާތް: ސީގޭޓް ދަ އިންޓަރނޭޝަނަލް
ދަޢުވާ ލިބޭ ފަރާތް: އަލްމަރުޙޫމް މުޙައްމަދު ޞަޣީރުގެ ވާރިޘުންގެ ޕަވަރއޮފް އެޓަރނީ ލިބިގެން ވާރިޘުންގެ ތެރެއިން މުޙައްމަދު ރަފީޤު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: އިލްތިމާސްކުރުމުގެ ހުއްދައަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 02 އޯގަސްޓް 2009
ރަޖިސްޓްރީކުރެވުނު ތާރީޚް: 24 އޯގަސްޓް 2009
ނިމުނު ތާރީޚް: 10 ޑިސެމްބަރ 2012
މައްސަލަ ނިންމި ގަޑި: 16:00
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް
އިލްތިމާސްކުރެވުނު ޤަޟިއްޔާ
ނަންބަރު: 2008/HC-A/109
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 13 އޭޕްރީލް 2008
ނިމުނު ތާރީޚް: 09 ޖޫން 2009
މައްސަލައިގެ ޚުލާޞާ
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2008/HC-A/109 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް، ޝަރުޢީ އަދި ޤާނޫނީގޮތުން ރަނގަޅުނޫންކަމަށް ބުނެ އެކަންތައްތައް ފާހަގަކޮށް އެޤަޟިއްޔާ އަލުން ބަލައިދިނުމަށް އެދި ސީގޭޓް ދި އިންޓަރނޭޝަނަލް ޕވޓ.ލޓޑ ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލައިދެވުނު މައްސަލައެކެވެ. މިޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ އަލްމަރުޙޫމް މުޙައްމަދު ޞަޣީރުގެ ވާރިޘުންގެ ތެރެއިން މުޙައްމަދު ރަފީޤު މ.އަލްމާޒާ އެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު2008/HC-A/109 ޤަޟިއްޔާއަކީ މަދަނީކޯޓުގެ ނަންބަރު 505/MC/2005 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށްބުނެ ސީގޭޓް ދި އިންޓަރނޭޝަނަލް ޕވޓ.ލޓޑގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މިމައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޚަޞްމުން ދެއްކި ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުން ތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/109 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ އިތުރުން، ދަށުކޯޓުގެ ނިންމުމަށާއި، މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މަދަނީކޯޓުގެ ނަންބަރު 505/MC/2005 ޤަޟިއްޔާއަށް ބެލިއިރު އެޤަޟިއްޔާއަކީ އިންޑިޔާގެ ރައްޔިތެއްކަމުގައިވާ އަލްމަރުޙޫމް މުޙައްމަދު ޞަޣީރު (އެމް.އެސް.މެރިޓައިމްގެ ޕްރޮޕަރައިޓް)ގެ ވާރިޘުންގެ ފަރާތުން ސީގޭޓް ދި އިންޓަރނޭޝަނަލް ޕވޓ.ލޓޑ ގެ މައްޗަށް ދަޢުވާކޮށްފައިވާ މައްސަލައެއް ކަމާއި އެޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާއަކީ، މުޙައްމަދު ޞަޣީރާއި ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ބައުދަގަނޑުތަކެއް މުޙައްމަދު ޞަޣީރަށް ވިއްކުމަށްޓަކައި ކުރެވުނު އެގްރިމެންޓެއްގެ ދަށުން އޭގެ އަގުގެގޮތުގައި 16500US$ (ސޯޅަހާސް ފަސްސަތޭކަ) ޔޫ.އެސް.ޑޮލަރ މުޙައްމަދު ޞަޣީރުގެ އަތުން ލިބިގަތުމަށްފަހު، ދަގަނޑުތައް މުޙައްމަދު ޞަޣީރަށްނުދީ އެހެން ފަރާތަކަށް އެތަކެތި ވިއްކާލާފައިވާކަމަށް ބުނެ، މުޙައްމަދު ޞަޣީރުގެ އަތުން ލިބިގެންފައިވާ 16500US$ (ސޯޅަހާސް ފަސްސަތޭކަ) ޔޫ.އެސް.ޑޮލަރާއި، ދަގަނޑުތައް ނުލިބުމުގެ ސަބަބުން މުޙައްމަދު ޞަޣީރަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 15500.00US$ (ފަނަރަހާސް ފަސްސަތޭކަ) ޔޫ.އެސް.ޑޮލަރ އާއި، އެކުޖުމްލަ 31500.00US$ (އެއްތިރީސްހާސް ފަސްސަތޭކަ) ޔޫ.އެސް.ޑޮލަރ ސީގޭޓް ދިއިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ އަތުން ހޯދުމަށް ދަޢުވާ ކޮށްފައި އޮންނަ މައްސަލައެއްކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތުމެވެ.
(ށ) ދެވަނަ ކަމަކީ، ހައިކޯޓުގެ ނަންބަރު 2008/HC-A/109 ޤަޟިއްޔާއަށް ބެލިއިރު އެޤަޟިއްޔާއަކީ މަދަނީކޯޓުގެ ނަންބަރު 505/MC/2005 ޤަޟިއްޔާ އެކޯޓުން ނިންމިގޮތް ރަނގަޅު ނޫންކަމަށްބުނެ ސީގޭޓް ދިއިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ބަލާފައިވާ މައްސަލައެއްކަމާއި، އެމައްސަލާގެ ޙުކުމުގައިވަނީ "ވީމާ، އިސްވެފާހަގަ ކުރެވުނު އެންމެހައި ނުކުތާތަކަށް ރިޢާޔަތްކޮށް ބަލާއިރު މަދަނީކޯޓުގެ ނަންބަރު 505/MC/2005 ޤަޟިއްޔާގައި އިންޑިޔާގެ ރައްޔިތެއްކަމުގައިވާ އަލްމަރުޙޫމް މުޙައްމަދު ޞަޣީރު (އެމް.އެސް.މެރިޓައިމްގެ ޕްރޮޕަރައިޓް)ގެ ވާރިޘުންގެ ފަރާތުން ކުޅަ ދަޢުވާއަށް ބައްލަވައި، އެދަޢުވާގައިވާ ފަދައިން މުޙައްމަދު ޞަޣީރާއި ސީގޭޓް ދިއިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ބާދަގަނޑުތަކެއް ގަތުމަށްޓަކައި ވެފައިވާ އެއްބަސްވުމުގެ ދަށުން މުޙައްމަދު ޞަޣީރުގެ ފަރާތުން ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޒަކީއާއި އެކިފަހަރުމަތިން 16500US$ (ސޯޅަހާސް ފަސްސަތޭކަ) ޔޫ.އެސް.ޑޮލަރު ޙަވާލުކޮށްފައިވާކަން އެނގެން އޮންނާތީއާއި، މަދަނީކޯޓުގެ ނަންބަރު 505/MC/2005 ޤަޟިއްޔާގެ ރިޕޯޓުގައި ހިމެނިފައިވާ އެ 16500US$ (ސޯޅަހާސް ފަސްސަތޭކަ) ޔޫ.އެސް.ޑޮލަރުއާއި ޙަވާލުވި ލިޔުންތަކުން އެއީ މިދެފަރާތުގެ ދެމެދުގައި އެއްބަސްވިފަދައިން ބާދަގަނޑު ގަތުމަށްޓަކައި ދީފައިވާ ފައިސާކަން އެނގެން އޮންނާތީއާއި، އެފައިސާ ލިބިގަތުމަށްފަހު އެދަގަނޑުތައް މުޙައްމަދު ޞަޣީރަށް ފޮނުވާފައިނުވާކަން ސީގޭޓް ދިއިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ބަހުން އެނގެން އޮންނާތީ މަދަނީކޯޓުގެ ނަންބަރު 505/MC/2005 ޤަޟިއްޔާ ބައްލަވައި އެ 16500US$ (ސޯޅަހާސް ފަސްސަތޭކަ) ޔޫ.އެސް.ޑޮލަރުއަކީ ސީގޭޓް ދިއިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންޑިޔާގެ ރައްޔިތެއްކަމުގައިވާ އަލްމަރުޙޫމް މުޙައްމަދު ޞަޣީރު (އެމް.އެސް.މެރިޓައިމްގެ ޕްރޮޕަރައިޓް)ގެ ވާރިޘުންނަށް ލިބިދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރައްވާފައިވާ ޙުކުމެއްކަމުގައި މިމައްސަލަބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާތީ މަދަނީކޯޓުގެ ނަންބަރު 505/MC/2005 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންކަން އެނގެން އޮތުމެވެ.
(ނ) ތިންވަނަކަމަކީ، ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު ކޮންޓްރެކްޓަކީ، ދެމީހެއްގެ ދެމެދުގައި ނުވަތަ ދެމީހަކަށްވުރެ ގިނަބައެއްގެ މެދުގައި ވެވޭ އެއްބަސްވުމެއް ކަމާއި އެ އެއްބަސްވުމެއް ވާންވާނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެޤާނޫނުތަކުން ބާރުލިބިގެން ހެދޭ ޤަވާޢިދު ތަކާ އިސްލާމްދީނުގެ އަޞްލަކާ ނުވަތަ އިސްލާމީ ޝަރީޢަތާ ޚިލާފުނުވާ ގޮތެއްގެ މަތިން ދެފަރާތެއްގެ ދެމެދުގައި ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި ހުށަހަޅާ ހުށަހެޅުމަކާއި ޤަބޫލުކުރާ ޤަބޫލުކުރުމެއްގެ މައްޗަށް ބިނާއެފައި އޮންނަ އެއްޗަކަށް ކަމާއި، ޤާނޫނު އެހެންގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަން، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) އަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާއަށް ބަލާއިރު ހުށަހެޅުމެއް ޤަބޫލުކުރާކަން ކަނޑައަޅައި ބުނެވިދާނެކަމާއި، ނުވަތަ ޢަމަލުކުރާ ގޮތަކުން ޤަބޫލުކުރާކަން އެނގުނީކަމަށް ބެލެވިދާނެކަމާއި، ޤަބޫލުކުރުމަށް އިތުރު ގޮތެއް ނުވަތަ ޝަރުޠެއް އޮވެގެން ނުވާނެ ކަމާއި، ހުށަހަޅާ ފަރާތުން އެ ހުށަހެޅުން ޤަބޫލުކުރާނެ ގޮތް ކަނޑައަޅާފައި އޮވެއްޖެނަމަ، ޤަބޫލުކުރަންވާނީ އެގޮތެއްކަމާއި، ޤަބޫލުކުރާގޮތް ކަނޑައަޅާފައި ނުވާނަމަ، ޤަބޫލުކުރާނީ، ޢާއްމުކޮށް އެފަދަ ކަންތައް ކޮށްއުޅޭ ގޮތަކަށް ނުވަތަ އެކަށީގެންވާ ގޮތަކަށްކަން އެ މާއްދާއަށް ބެލުމުން އެނގެން އޮތުމެވެ.
(ބ) ފަސްވަނަ ކަމަކީ، މަދަނީކޯޓުގެ ނަންބަރު 505/MC/2005 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އަލްމަރުޙޫމް މުޙައްމަދު ޞަޣީރުގެ ފަރާތުން އެދަގަނޑުތައް ގަތުމަށްޓަކައި ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދެއްކިކަމަށް މުޙައްމަދު ޞަޣީރު ބުނެފައިވާ 16500US$ (ސޯޅަހާސް ފަސްސަތޭކަ) ޔޫ.އެސް.ޑޮލަރު، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ނުލިބޭކަމަށް އެކުންފުނީގެ ފަރާތުން ބުނެފައި ނުވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގޭކަމާއި، އެދަޢުވާއަށް ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންކާރުކޮށްފައިވާ ސަބަބަކީ، ދެފަރާތުން ވެފައިވާ އެއްބަސްވުމުގައި ބުނެފައިވަނީ މައިލްޑް ސްޓީލް ވިއްކުމަށް ކަމަށާއި ނަމަވެސް ގަމުގައި ހުރީ ހެވީ މައިލްޑް ސްޓީލްކަމަށް ވުމުންނާއި، އެދަގަނޑުތައް އެކްސްޕޯރޓު ނުކުރެވިވަނީ، އެއްބަސްވުމުގައި ވާގޮތަށް މުޙައްމަދު ޞަޣީރު ހުޅުވަންޖެހޭ އެލް.ސީ، ނުހުޅުވުމުންކަމަށް ވާތީ މުޙައްމަދު ޞަޣީރުގެ ފަރާތުން ހޯދުމަށް ދަޢުވާކޮށްފައިވާ ގެއްލުމުގެ ބަދަލަކީ ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޒިންމާވާންޖެހޭ ފައިސާއެއް ނޫންކަމަށް އެކުންފުނީގެ ފަރާތުން ބުނާ ބުނުންކަން އެނގެން އޮތުމެވެ.
(ޅ) ހަވަނަ ކަމަކީ، މި މުޢާމަލާތަށް ބަލާއިރު އެލް.ސީ ހުޅުވުމުގެ ބޭނުމަކަށް ވެފައިވަނީ، ދެފަރާތުގެ ދެމެދުގައި ގަނެވިއްކުމަށް އެއްބަސްވި ބާދަގަނޑުތަކުގެ އަގު އަދާކުރުން ކަމާއި، އެދަގަނޑުތަކުގެ އަގު އަދާކުރުމުގެ ގޮތުން މުޙައްމަދު ޞަޣީރުގެ ފަރާތުން ނަގުދުފައިސާގެ ގޮތުގައި ހަތް ފަހަރެއްގެ މަތިން 16500US$ (ސޯޅަހާސް ފަސްސަތޭކަ) ޔޫ.އެސް.ޑޮލަރު، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޒަކީއާ ޙަވާލުކޮށްފައިވާކަން އެނގެން އޮންނާތީއާއި، އެފައިސާއަކީ މިދެފަރާތުން އެއްބަސްވި ބާދަގަނޑުތައް ގަތުމަށް ޙަވާލުކޮށްފައިވާ ފައިސާކަން ލިއުންތަކުން އެނގެން އޮންނާތީއާއި، ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ތިންވަނަ މައްދާގައި ބުނާ އެލްސީ ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި މުޙައްމަދު ޞަޣީރު ހުޅުވުމަށް އޮތްނަމަވެސް، އޭގެފަހުން ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، އެ ބާދަގަނޑުތަކުގެ އަގުގެ ގޮތުގައި ނަގުދު ފައިސާ ބަލައިގެންފައި ވުމަކީ، މުޙައްމަދު ޞަޣީރު އެހުށަހެޅި ހުށަހެޅުން ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޤަބޫލުކޮށް ތިންވަނަ މާއްދާގައި އެލް.ސީ ހުޅުވުމަށް ބުނެފައިވާ ބުނުމަށް ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ ލުއެއް ދިނީކަމުގައި ބެލެވޭތީއާއި، އެއްބަސްވުމުގައި ބުނެފައިވާ ބާދަގަނޑުތައް މުޙައްމަދު ޞަޣީރަށް ފޮނުވާފައި ނުވާކަން ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނާތީ، އިސްވެ ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/109 ޤަޟިއްޔާ ގައި ކުރައްވާފައިވާ ޙުކުމުގައި ހައިކޯޓުން ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ގޯހެއް ހަދާފައިވާކަމަށް ބެލެވެން ނެތަތީވެ، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހޭފަދަ ސަބަބެއް އޮތްކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، މިމައްސަލަ ބެލި ފަނޑިޔާރުންނަށް ނުފެނުމެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ޝަރުޢީ އަދި ޤާނޫނީ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، މަދަނީކޯޓުގެ ނަންބަރު 505/MC/2005 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/109 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޤާނޫނާ އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއްކަމަށް، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2008/HC-A/109 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މިޤަޟިއްޔާ ނިންމީއެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.