ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2009/SC-A/32ސުޕްރީމް ކޯޓު · 25 ފެބުރުއަރީ 2010

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 25 ފެބުރުއަރީ 2010ބާވަތް: އިސްތިއުނާފީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2009/SC-A/32

ދަޢުވާކުރާ ފަރާތް: މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ

ދަޢުވާ ލިބޭ ފަރާތް: ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް / ހ. ވިލަރެސް

މައްސަލައިގެ ބާވަތް: ޙުކުމް ތަންފީޛުކުރުން

މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން

ހުށަހެޅުނު ތާރީޚް: 29 ސެޕްޓެމްބަރ 2009

ނިމުނު ތާރީޚް: 25 ފެބްރުއަރީ 2010

މައްސަލަ ނިންމި ގަޑި: 10:50

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޔޫސުފް ޙުސައިން

އިލްތިމާސް ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2009/HC-A/173

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 15 ޖޫން 2009

ނިމުނު ތާރީޚް: 29 ޖުލައި 2009

މައްސަލައިގެ ޚުލާޞާ

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 173/އެޗްސީ-އޭ/2009 ގެ ޤަޟިއްޔާ ނިންމަވާފައި ވަނީ ރަގަޅަށް ނޫންކަމަށް ބުނެ އެކަންކަން ފާހަގަކޮށް ދިވެހި ދައުލަތުގެ ފަރާތުން އިލްތިމާސް ކުރުމުން ބަލާފައިވާ މައްސަލައެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

ހައިކޯޓުގެ ނަންބަރު 173/އެޗްސީ-އޭ/2009 ގެ ޤަޟިއްޔާ ނިންމަވާފައި ވަނީ ރަގަޅަށް ނޫންކަމަށް ބުނެ ދައުލަތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައި ހުރި ވާހަކަތަކަށާއި މައްސަލައާގުޅުންހުރި ލިޔުންތަކުގެ މައްޗަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.

(ހ) ފުރަތަމަ ކަމަކީ ކ.ކުޑަވިލިގިލި ޔޮޓް ޓްއާރސާ ޙަވާލުކުރުމަށް ހައިކޯޓުން ޙުކުމް ކުރައްވާފައި ވަނީ ހައިކޯޓުގައި އިސްތިއުނާފު ކުރެވުނު މަދަނީކޯޓުގެ ނަންބަރު 2009/އެމްސީ/601 ގެ ޤަޟިއްޔާގެ ދަށުން ބެލުނު ޙުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކަމަށްވާ އެކޯޓުގެ ނަންބަރު 2008/އެމްސީ/451 ގެ ޤަޟިއްޔާ ނެގެހެއްޓުމުގެ ގޮތުންކަން ހައިކޯޓުގެ ޙުކުމަށް ބަލާއިރު އެނގެން އޮންނަކަމާއި ނަންބަރު 2008/އެމްސީ/451 ގެ ޤަޟިއްޔާއަކީ ކ.ބިޔާދޫ ޔޮޓް ޓްއާރސަށް ދިނުމަށް ސަރުކާރުގެ މައްޗަށް ޙުކުމްކޮށް ދިނުމަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަންގެ މައްޗަށް ޔޮޓް ޓްއާރސުން ދަޢުވާ ކޮށްފައިވާ ޤަޟިއްޔާއެއްކަން އެނގެންއޮންނައިރު، އެދަޢުވާގެ ދިފާޢުގައި ދައުލަތުން ހުށަހެޅި ދަޢުވާގެ ޖަވާބު ފޯމުގެ 2.5 ގައި ބުނެފައި ވަނީ ޔޮޓް ޓްއާރސް އިން ކ.ބިޔާދޫއަށް ހުށަހެޅި ބިޑްގައި ވާދަކުރުމުގެ ފުރުޞަތު ޔޮޓް ޓްއާރސަށް ގެއްލިފައި ވާތީ ޔޮޓް ޓްއާރސަށް ޢަދުލުވެރި ބަދަލެއް ދިނުމަށް ސަރުކާރުން ނިންމަވާފައި ވާކަމަށާއި 2.7 ގައި ވަނީ ޔޮޓް ޓްއާރސަށް ޢަދުލުވެރި ބަދަލެއް ދިނުމަށް ސަރުކާރުން ނިންމަވާފައި ވާކަމަށް ރައީސްއޮފީހުގެ ނަންބަރު MIS/2007/305 ސީބީޑީ(ޕ)-1 (16 އޮކްޓޫބަރ 2007) ގެ ސިޓީން ޔޮޓް ޓްއާރސަށް އަންގަވާފައިވާކަމަށާއި ޔޮޓް ޓްއާރސަށް ގެއްލިފައިވާ އޮޕޯޗުނިޓީ ކޮސްޓް ފައިސާއިން ދިނުމަށް ސަރުކާރަށް ދަތިވާނެތީ 2.8 ގައި ވަނީ ޔޮޓް ޓްއާރސަށް ރިސޯޓެއް ހެދުމަށް ރަށެއްދޫކުރުމަށް ސަރުކާރުން ނިންމަވައި އެކަން ޔޮޓް ޓްއާރސަށް އެންގެވުމަށް ރައީސްއޮފީހުގެ ނަންބަރު MIS/2007/106 ސީބީޑީ(ޕ)-1 (31 އޮކްޓޯބަރ 2007) ގެ ސިޓީން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނަށް އަންގަވާފައި ވާކަމަށާއި 2.9 ގައި ވަނީ ޢަދުލުވެރި ބަދަލެއްގެ ގޮތުގައި ކ.ކުޑަވިލިގިލި ޔޮޓް ޓްއާރސަށް ދެވިދާނެގޮތުގެ ޕްރޮޕޯސަލެއް ފަންނީ ކޮމެޓީއަކުން ކަނޑައަޅާފައި ވާކަމަށާއި ދަޢުވާގެ ޖަވާބު ފޯމުގެ 4 ވަނަ ނަންބަރުގައި ދައުލަތުން ބުނެފައި ވަނީ އެފޯމުގެ 2.9 ގައި ބަޔާންކޮށްފައިވާ ބަދަލަކީ ޔޮޓް ޓްއާރސަށް ލިބުނު ގެއްލުމުގެ ބަދަލުގައި ކޯޓަށް ޤަބުލުކުރެވޭނަމަ، ޝަރުޢީހަމަތަކުގެ މަތިން އެފަރާތަށް އެބަދަލު ކަނޑައަޅުއްވައިދެއްވުން އެދޭކަމަށާއި މަދަނީކޯޓުގެ ނަންބަރު 2009/އެމްސީ/601 ގެ ޤަޟިއްޔާއާ ގުޅިގެން 9 އޭޕްރިލް 2009 ވަނަ ދުވަހު މަދަނީކޯޓަށް ދައުލަތުން ހުށަހަޅާފައިވާ ބަޔާނުގައި ބުނެފައިވަނީ އެކޯޓުގެ ނަންބަރު 2008/އެމްސީ/451 ގެ ޤަޟިއްޔާގެ ޙުކުމާއެއްގޮތަށް ކ.ކުޑަވިލިގިލި ޔޮޓް ޓްއާރސަށް ޓޫރިސްޓް ރިސޯޓެއް ހިންގުމަށް ދޭންޖެހޭކަމަށް ޤަބޫލުކުރާކަމަށާއި މިހެން މަދަނީކޯޓުގެ ޝަރީޢަތުގައްޔާއި ހައިކޯޓުގެ ޝަރީޢަތުގައި ދައުލަތުގެ ފަރާތުން ދައްކާފައި ހުރި ވާހަކަތަކަށް ރިޢާޔަތް ކުރައްވައި ކ.ކުޑަވިލިގިލި ޙަވާލުކުރުމަށް ހައިކޯޓުން ޙުކުމް ކުރައްވާފައި ވަނީކަން އެކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު އެނގެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ މަދަނީކޯޓުގެ ނަންބަރު 2008/އެމްސީ/451 ގެ ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ ސަރުކާރުން ދޭންނިންމި ބަދަލަކީ އެކަށީގެންވާ އަދި ދެވިދާނެ ބަދަލެއްކަމުގައި ޝަރީޢަތަށް ފެންނަކަމުގައި ކަމަށާއި އެއްވެސް ޙާލެއްގައި ކ.ކުޑަވިލިގިލި ޔޮޓް ޓްއާރސަށް އެއްވެސް ޝަރުޠަކާނުލައި ދިނުމަށް ޙުކުމް ކުރައްވާފައި ނުވާކަމަށް ބުނެ ދައުލަތުން ހުށަހެޅި ނުކުތާއަށް ބަލާއިރު، މަދަނީކޯޓުގެ ނަންބަރު 2008/އެމްސީ/451 ގެ ޤަޟިއްޔާގެ ޙުކުމްގައި މައިގަޑު ހަތަރުކަމެއްގެ މައްޗަށް އަންގަވާފައިވާކަން އެނގެންއޮންނަކަމާއި އެއީ،

ޤާނޫނާއި ޤަވާޢިދު ތަންދޭ ޖައުހަރީ ކަންތައްތަކަށް ދައުލަތުންނާއި ޔޮޓް ޓްއާރސުން މައިގަނޑުގޮތެއްގައި އެއްބަސްވާކަމަށް މަދަނީކޯޓުން ފާހަގަކުރެއްވުމަށްފަހު، ކ.ކުޑަވިލިގިލި ޔޮޓް ޓްއާރސަށް ކުއްޔަށް ދިނުމަށް ސަރުކާރުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ހިމެނޭ، އެބަދަލަކީ އެކަށީގެންވާ އަދި ދެވިދާނެ ބަދަލެއްކަމަށް މަދަނީ ކޯޓަށް ޤަބޫލުކުރެއްވޭކަމަށް އަންގަވާފައި އޮންނައޮތުމާއި،

ޢާއްމުކޮށް ޢިޢުލާނުނުކޮށް ނުވަތަ ބިޑުގެ އުޞޫލު ނޫންގޮތަކަށް ޓޫރިސްޓް ރިސޯޓެއް ހަދައި ތަރައްޤީކުރުމަށް ރަށެއް ދޫކުރެވޭނީ ސަރުކާރުގެ ޙިއްޞާއެއް އޮންނަގޮތަށްކަން ޤާނޫނު ނަންބަރު 99/2 ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 05 ވަނަ މާއްދާއިން އެނގެން އޮންނާތީ ކ.ކުޑަވިލިގިލި ބަދަލެއްގެ ގޮތުގައި ކުއްޔަށްދިންކަމުގައި ވިއަސް އެޤާނޫނުން އިސްތިސްނާވެގެން ނުދާނެކަމަށް އަންގަވާފައި އޮންނައޮތުމާއި،

ސަރުކާރުގެ ޙިއްޞާއެއް އޮތުމަކީ އެބަދަލު ޢަދުލުވެރި ބަދަލެއްކަމަށްވުމާއި ނުވުމުގެ މައްޗަށް ބިނާކުރެވޭނެ ކަމެއްނޫންކަމަށް އަންގަވާފައިވުމާއި އަދި އެއީ ރިސޯޓެއް ތަރައްޤީކޮށް އެއިން މަންފާ ޙާޞިލްކޮށް ހެދުމަށް އެއްވެސް މިންވަރެއްގެ ހުރަސްތަކެއް އެޅޭނެ ކަމެއްނޫންކަމަށް އަންގަވާފައި އޮންނަ އޮތުންކަން އެނގެން އޮންނައޮތުމެވެ.

މަދަނީކޯޓުގެ ނަންބަރު 2009/އެމްސީ/601 ގެ ޤަޟިއްޔާގެ ދަށުން ޙުކުމް ތަންފީޒު ކުރުމަށް ހުށަހެޅުމުން ބެލުނު އެކޯޓުގެ ނަންބަރު 2008/އެމްސީ/451 ގެ ޤަޟިއްޔާއަކީ ވަކި ކަންތައްތަކެއްގެ މައްޗަށް އެންގުންތަކެއް އަންގަވާފައިވާ ޤަޟިއްޔާއަކަށް ވާއިރު އެއެންގެވުންތަކާމެދު ހިތްހަމަ ނުޖެހިގެން އެއްވެސް ފަރާތަކުން އެޤަޟިއްޔާ އިސްތިއުނާފު ކޮށްފައިނުވާތީ އެޙުކުމަކީ ފައިސަލާކުރަނިވި ޙުކުމެއްގެ ބާރު ލިބިފައިވާ ޙުކުމަކަށްވެފައި އެޙުކުމް ތަންފީޒު ކޮށްދިނުމަށް މަދަނީކޯޓަށް ހުށަހެޅުނު އެކޯޓުގެ ނަންބަރު 2009/އެމްސީ/601 ގެ ޤަޟިއްޔާގެ މައްސަލަ، ހައިކޯޓުގައި އިސްތިއުނާފު ކުރެވުނުހިނދު، މަދަނީކޯޓުގެ ނަންބަރު 2008/އެމްސީ/451 ގެ ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކުގެމަތިން ޤާނޫނާއި ޤަވާޢިދުގެ އިމުގެތެރޭގައި ދެފަރާތް އެއްބަސްވާ ގޮތެއްގެމަތީން ކ.ކުޑަވިލިގިލީގައި ޔޮޓް ޓްއާރސްގެ ފަރާތުން ޓޫރިސްޓް ރިސޯޓެއްހެދުމަށް 45 ދުވަހުގެ ތެރޭގައި ޙަވާލުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒްމް އާރޓްސް އެންޑް ކަލްޗަރއަށް ހައިކޯޓުން އަންގަވާފައި ވަނީ، ތަންފީޒުކޮށް ދިނުމަށްއެދި ހުށަހެޅި މައްސަލަ ކަމަށްވާ މަދަނީކޯޓުގެ ނަންބަރު 2008/އެމްސީ/451 ގެ ޤަޟިއްޔާގެ މަޤްޞަދު ޙާޞިލްކުރުމަށްޓަކައި އެޤަޟިއްޔާ ނެގެހެއްޓުމުގެ ގޮތުންކަން ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަކަމަކީ ހައިކޯޓުގައި އިސްތިއުނާފު ކުރެވުނު މައްސަލައަކީ ދަށުކޯޓުގެ މަރުޙަލާގައި ނިމިފައިވާ ޤަޟިއްޔާއާ ގުޅޭގޮތުން އިސްތިއުނާފު ކުރެވުނު މައްސަލައަކަށް ވާއިރު ދަށުކޯޓުގެ މަރުޙަލާގައިވެސް ޙުކުމް ކުރެވިފައިނުވާ ނުވަތަ ނިންމިފައިނުވާ ކަންތައްތަކަށް ރިޢާޔަތްކޮށް މުޅިންއާ ޙުކުމެއް ކުރުމަކީ ނިޔާކަނޑައެޅުމުގެ ޤާނޫނީ އުޞޫލުތަކާއި ޚިލާފުކަމެއްކަމުގައި ބުނާ ނުކުތާއަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްދިނުމަށްއެދި މަދަނީކޯޓުގެ ނަންބަރު 2009/އެމްސީ/601 ގެ ޤަޟިއްޔާގައި ބެލުނު މައްސަލައަކީ މަދަނީކޯޓުގައި ޙުކުމް ތަންފީޒުކޮށް ދިނުމަށްއެދި ހުށަހެޅުނު އެކޯޓުގެ ނަންބަރު 2008/އެމްސީ/451 ގެ ޤަޟިއްޔާގައި ކ.ކުޑަވިލިގިލީގައި ޓޫރިސްޓު ރިސޯޓެއްހެދުމަށްޓަކައި ޔޮޓް ޓްއާރސަށް އެރަށް ދޫކުރުމަށް ދައުލަތުން ހުށަހެޅި ހުށަހެޅުން މައިގަނޑު ގޮތެއްގައި ދެފަރާތުންވެސް ޤަބޫލުކޮށްފައިވާ ޤަބޫލުކުރުމަށް މަދަނީކޯޓުގެ ނަންބަރު 2009/އެމްސީ/601 ގެ ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާ ގޮތުގެ ސަބަބުން ހުރަސްއެޅޭކަމަށް ދެކި ހައިކޯޓުގައި އިސްތިއުނާފު ކުރެވުނު މައްސަލައަކަށްވެފައި މައްސަލަތައް އިސްތިއުނާފުކުރުމުގައި ރިޢާޔަތްކުރެވޭ އުޞޫލުތައް ނިޔާކުރަނީ އިސްތިއުނާފު ކުރެވުނު މައްސަލައަށް ޝަރުޢީ އަދި ޤާނޫނީ ޙައްލެއް އިސްތިއުނާފު ކޯޓުން ހޯދައި ދިނުންކަމާއި ހައިކޯޓުގައި އިސްތިއުނާފު ކުރެވުނީ މަދަނީކޯޓުގެ ނަންބަރު 2009/އެމްސީ/601 ގެ ޤަޟިއްޔާކަމަށްވިއަސް އެޤަޟިއްޔާގެދަށުން ބެލުނު މައްސަލައަކީ މަދަނީކޯޓުގެ ނަންބަރު 2008/އެމްސީ/451 ގެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ ކަމަށްވެފައި ފައިސަލާކުރަނިވި ޙުކުމުގެ ބާރު ލިބިފައިވާ ޤަޟިއްޔާއެއް ތަންފީޒު ކުރުމަށް ހުރަސްއެޅޭ ދަތި ފިލުވުމަކީ ކޯޓު މެދުވެރިކޮށް ތަންފީޒުކުރެވޭ މަދަނީ މައްސަލަތަކުގައި ކޯޓުތަކުން ޢަމަލުކުރަމުން އަންނަ ގޮތެއްކަމާއި މަދަނީކޯޓުގެ ނަންބަރު 2008/އެމްސީ/451 ގެ ޤަޟިއްޔާއަށް ބަލާއިރު، މައްސަލާގެ ޖައުހަރީ އެއްނުކުތާ ކަމަށްވާ ކ.ކުޑަވިލިގިލީގައި ޓޫރިސްޓް ރިސޯޓެއް ހެދުމަށްޓަކައި ޤާނޫނީ އިމުގެތެރެއިން ދެފަރާތަށް އެއްބަސްވެވޭ ގޮތްތަކެއްގެ މަތިން ޔޮޓް ޓްއާރސަށް ކުއްޔަށް ދޫކުރުމުގެ މައްޗަށް ދެފަރާތުންވެސް ޤަބޫލުކޮށްފައިވާކަން ދެމަރުޙަލާގެ ކޯޓުތަކުގެ ރިޕޯޓުތަކުން އެނގެން އޮންނާތީ މަދަނީކޯޓުގެ ނަންބަރު 2008/އެމްސީ/451 ގެ ޤަޟިއްޔާގެ ރިޕޯޓުން ސާބިތުވާންހުރި ކަންތައްތައް ކަށަވަރު ކޮށްދިނުމަށްޓަކައި ހައިކޯޓުން ނިންމި ނިންމުމުގެ މައްޗަށް އިސްތިއުނާފީ އުޞޫލުތަކަށް ރިޢާޔަތްކޮށް ބަލާއިރު، ހައިކޯޓުގެ އެނިންމުމަކީ މައްސަލަތައް އިސްތިއުނާފުކޮށް ނިޔާ ކަނޑައެޅުމުގެ ޤާނޫނީ އުޞޫލުތަކާއި ޚިލާފުކަމެއްނޫންކަން އެނގޭކަމާއި އެހެނީ ހައިކޯޓުގައި އިސްތިއުނާފު ކުރެވުނު މަދަނީކޯޓުގެ ނަންބަރު 2009/އެމްސީ/601 ގެ ޤަޟިއްޔާގެ ދަށުން ބެލުނު މައްސަލައަކީ މަދަނީކޯޓުގެ ނަންބަރު 2008/އެމްސީ/451 ގެ ޤަޟިއްޔާގެ ޙުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކަމަށްވާތީ، ތަންފީޒީ މަރުޙަލާގައި ބެލެވޭ އަޞްލު މައްސަލައަކީ ތަންފީޒުކޮށްދިނުމަށް އެދި ހުށަހެޅުނު މައްސަލަކަމާއި އެގޮތުން ހައިކޯޓުގައި އިސްތިއުނާފު ކުރެވުނީ މަދަނީކޯޓުގެ ނަންބަރު 2009/އެމްސީ/601 ގެ ޤަޟިއްޔާކަމަށްވިއަސް އެޤަޟިއްޔާގެ ދަށުން ބެލުނު އަޞްލު މައްސަލައަކީ މަދަނީކޯޓުގެ ނަންބަރު 2008/އެމްސީ/451 ގެ ޤަޟިއްޔާ ތަންފީޒުކުރުމަށްޓަކައި ހުށަހެޅުނު މައްސަލަކަމާއި ތަންފީޒުކުރަން ބޭނުންވާ މައްސަލައަށް ޤާނޫނީ ހައްލެއް ހޯދައިދިނުމަކީ އިސްތިއުނާފު ކޯޓަކަށް ކުރެވިދާނެ ކަމެއްކަން އެނގެންއޮންނަކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ މަދަނީކޯޓުގެ ނަންބަރު 2008/އެމްސީ/451 ގެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށް އެދި ހުށަހެޅުމުން އެކޯޓުގެ ނަންބަރު 2009/އެމްސީ/601 ގެ ޤަޟިއްޔާއިން ބެލުނު ޙުކުމް ތަންފީޒު ކުރުމުގެ މައްސަލާގައި މަދަނީ މައްސަލަތަކުގެ ޙުކުމްތައް ތަންފީޒުކުރެވޭ މައްސަލަތައް ހިންގާ އިޖްރާއާތުގެ މަގުން ނުގޮސް އެކޯޓުގެ ނަންބަރު 2008/އެމްސީ/451 ގެ ޤަޟިއްޔާގެ ޙުކުމަކީ ތަންފީޒުކުރެވޭނެ ޙުކުމެއް ނޫންކަމަށް ނަންބަރު 2009/އެމްސީ/601 ގެ ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވަނީ ނަންބަރު 2008/އެމްސީ/451 ގެ ޤަޟިއްޔާގެ ޙުކުމުގައި ވަކި ފަރާތަކަށް އިލްތިޒާމުވާ ކަންތައްތަކެއް ކަނޑައެޅިފައިވާކަމަށް ފާހަގަކުރެވިފައި ނުވާކަމަށް ދެކިގެންކަން މަދަނީކޯޓުގެ ނަންބަރު 2009/އެމްސީ/601 ގެ ޤަޟިއްޔާގެ ރިޕޯޓަށް ބަލާއިރު އެނގެން އޮތްކަމުގައިވިއަސް އެކޯޓުގެ ނަންބަރު 2008/އެމްސީ/451 ގެ ޤަޟިއްޔާއަކީ ވަކި ކަންތައްތަކެއް ކަނޑައަޅުއްވާފައި އޮތް ޤަޟިއްޔާއެއްކަމާއި އަދި އެއީ ފައިސަލާކުރަނިވި ޙުކުމުގެ ބާރުލިބި އިސްތިޤުރާރުވެ ދެމިއޮތް ޙުކުމަކަށް ވާއިރު އެޙުކުމުގެ ބާރު ކެނޑިގެން ނުދާނެތީ އެޙުކުމް ތަންފީޒު ކުރެވޭ ގޮތަކަށް ތަންފީޒީ މަރުޙަލާގައި ޙުކުމް ކުރެވިދާނެކަން އެނގެން އޮންނަކަމެވެ.

ޙުކުމް:

ވީމާ، އިސްވެފާހަގަ ކުރެވުނު ކަންތައްތަކަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 173/އެޗްސީ-އޭ/2009 ގެ ޤަޟިއްޔާގެ ދަށުން އިސްތިއުނާފު ކުރެވުނު މަދަނީކޯޓުގެ ނަންބަރު 2009/އެމްސީ/601 ގެ ޤަޟިއްޔާއަކީ އެކޯޓުގެ ނަންބަރު 2008/އެމްސީ/451 ގެ ޤަޟިއްޔާގެ ޙުކުމް ތަންފީޒު ކުރުމަށް އެދި ހުށަހެޅުމުން ބެލުނު މައްސަލަކަމަށްވެފައި ހައިކޯޓުގައި އިސްތިއުނާފު ކުރެވުނު މަދަނީކޯޓުގެ ނަންބަރު 2009/އެމްސީ/601 ގެ ޤަޟިއްޔާގެ ދަށުން ބެލިފައިވަނީ އެކޯޓުގެ ނަންބަރު 2008/އެމްސީ/451 ގެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ މައްސަލަކަން އެނގެންއޮންނަ ހިނދު، އަދި މަދަނީކޯޓުގެ ނަންބަރު 2008/އެމްސީ/451 ގެ ޤަޟިއްޔާގެ ޙުކުމުގައި ކަނޑައެޅިފައިވާ އުޞޫލުގެ މަތިން، ޤާނޫނާއި ޤަވާޢިދުގެ އިމުގެ ތެރޭގައި އެއްބަސްވާ ގޮތެއްގެ މަތިން ކ.ކުޑަވިލިގިލީގައި ރިސޯޓެއްހަދާ ހިންގުމަށްޓަކައި ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 173/އެޗްސީ-އޭ/2009 ގެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައި ވަނީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ އިމުގެ ތެރޭގައި ސަރުކާރާއި ޔޮޓް ޓްއާރސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވެވޭ ގޮތެއްގެ މައްޗަށްކަން ހައިކޯޓުގެ ޙުކުމުން އެނގެންއޮންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 173/އެޗްސީ-އޭ/2009 ގެ ޤަޟިއްޔާގެ ޙުކުމް ރަނގަޅުކަމަށް މިމައްސަލަ ބެލި މިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 173/އެޗްސީ-އޭ/2009 ގެ ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމީއެވެ.

ފަނޑިޔާރު ޔޫސުފް ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ