ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2009/SC-L-J/01, 2009/SC-L/04

މުޙައްމަދު މުޞްޠަފާ ވ. މުޙައްމަދު ޣައްސާނު މައުމޫން އަދި އިލެކްޝަންސް ކޮމިޝަން

ސުޕްރީމް ކޯޓުހައިކޯޓުގެ 2009/HC-I-SH/01 ޤަޟިއްޔާއަކީ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 49…ޚިލާފު ރައުޔެއް
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 30 ޖޫން 2009ދަށު ކޯޓު: ހައިކޯޓު 2009/HC-I-SH/01ބާވަތް: އިންތިޚާބީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2009/HC-I-SH/01
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ހައިކޯޓުގެ 2009/HC-I-SH/01 ޤަޟިއްޔާއަކީ 2009 ޖޫން 11 ގައި ހައިކޯޓުން ބަލައި ނިންމި އިންތިޚާބީ ޝަކުވާގެ މައްސަލައެކެވެ. އެއީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު (ޤާނޫނު ނަންބަރު 11/2008) ގެ 64 ވަނަ މާއްދާއާއި 65 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް ލިބިދޭ ޚާއްޞަ އިޚްތިޞާޞްގެ ދަށުން ނިންމި ނިންމުމެކެވެ.
ވާޤިޢާ
ހައިކޯޓުގެ 2009/HC-I-SH/01 ޤަޟިއްޔާއިން ނިންމި އިންތިޚާބީ ޝަކުވާގެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުގެ ހުއްދައަށް އެދި، މ. ސީވޯލް މުޙައްމަދު މުޞްޠަފާ 2009 ޖޫން 15 ގައި ހުށަހެޅި މައްސަލައެކެވެ. މައްސަލަ ރައްދުވި ފަރާތްތަކަކީ މއ. ކިނބިގަސްދޮށުގެ މުޙައްމަދު ޣައްސާނު މައުމޫނާއި އިލެކްޝަންސް ކޮމިޝަނެވެ. ސުޕްރީމް ކޯޓުން އިޖުރާއީ އަޑުއެހުމެއް ބާއްވައި މައްސަލަ ނިންމީ 2009 ޖޫން 30 ގައެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ހައިކޯޓުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާއާއި 65 ވަނަ މާއްދާގެ ދަށުން ބަލައި ނިންމާ އިންތިޚާބީ ޝަކުވާގެ މައްސަލައެއް، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާއި 143 ވަނަ މާއްދާގެ (ނ) ގެ ދަށުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރެވޭތޯ، ނުވަތަ ޤާނޫނުއަސާސީގެ 172 ވަނަ މާއްދާއާއި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ހައިކޯޓުގެ ނިންމުމަކީ ފަހު ނިންމުމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ފަރާތްތަކުގެ ހުށަހެޅުންތައް ނިންމުމުގައި ތަފްސީލުކޮށްފައެއް ނުވެއެވެ. ސުވާލަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާއި 143 ވަނަ މާއްދާގެ (ނ) ގެ ދަށުން ލިބޭ އިސްތިއުނާފުގެ ޙައްޤާއި، ޤާނޫނުއަސާސީގެ 172 ވަނަ މާއްދާއާއި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ހައިކޯޓުގެ ނިންމުމަކީ ފަހު ނިންމުންކަމާ ދެމެދުގެ ގުޅުމެވެ.
ކޯޓުގެ ސަބަބުތައް
ޤާނޫނުއަސާސީގެ 172 ވަނަ މާއްދާއިން ހައިކޯޓަށް ޚާއްޞަ އިޚްތިޞާޞް ދީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާއިން ހައިކޯޓުގެ ނިންމުމަކީ ފަހު ނިންމުމަކަށް ހަދާފައިވެއެވެ. ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ ހިނގަނީ ޖިނާއީ އަދި މަދަނީ މައްސަލަތަކަށް ކަމަށްވާއިރު، އިންތިޚާބީ ޝަކުވާއަކީ ޢާންމު ޤާނޫނުގެ މައްސަލައެކެވެ. ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އިން އިސްތިއުނާފުގެ ދޮރު ބަންދުވެފައިވާ މައްސަލަތައް ހުޅުވައެއް ނުދެއެވެ. 30 ދުވަހުގެ މުއްދަތާއި އިންތިޚާބުގެ އިންޓެގްރިޓީ ރައްކާތެރިކުރުމުގެ މެކޭނިޒަމާ ޚިލާފުވެވޭނެ ޤާނޫނީ ހަމައެއް ނެތެވެ. ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިން ތަފާތުވެވަޑައިގެން، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ޙައްޤު ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއިން ނަފީނުވާތީ ހުއްދަ ދެވިދާނެ ކަމަށް ދެކެވަޑައިގަތެވެ.

ނިންމުން

ހައިކޯޓުގެ 2009/HC-I-SH/01 ޤަޟިއްޔާއަކީ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 49…

ހައިކޯޓުގެ 2009/HC-I-SH/01 ޤަޟިއްޔާއަކީ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 49 ވަނަ މާއްދާގެ ދަށުން އިލްތިމާސްކުރުމުގެ ހުއްދަ ދެވެން އޮތް މައްސަލައެއް ނޫންކަމަށް ފަނޑިޔާރުންގެ އަޣްލަބިއްޔަތުން (4-1) ނިންމައި، ހުއްދަ ނުދެވުނު. ހައިކޯޓުގެ ނިންމުމަށް ބަދަލެއް ނައެވެ.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކޮންމެ އިންތިޚާބަކާއި ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ކޮންމެ އާންމު ވޯޓަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަކާމެދު، ނުވަތަ އިންތިޚާބެއްގެ ނަތީޖާއަކާމެދު، ނުވަތަ އިންތިޚާބާބެހޭ ކަމެއްގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހިނގައިފައިވާ ކަމަށް ޤަބޫލުކުރާ ކަމަކާމެދު ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާ ހުށަހަޅަންވާނީ ހައިކޯޓަށެވެ. އެފަދަ ޝަކުވާތަކާމެދު ޢަމަލުކުރާނެ ގޮތް، އެ މާއްދާގެ (ށ) ލާޒިމުކުރާ ގޮތުގެ މަތިން، ކަނޑައަޅާފައިވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާއާއި 65 ވަނަ މާއްދާގައެވެ.

HN2 ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދެނީ، ޖިނާއީ ކުށުގެ މައްސަލައެއްގައި ނުވަތަ މަދަނީ މައްސަލައެއްގައި ދަށުކޯޓަކުން ކުރާ ޙުކުމް، އެއަށްވުރެ މަތީ ކޯޓުތަކުގައި އެ ޙުކުމް ރައްދުވި ފަރާތަށް އިސްތިއުނާފުކުރުމުގެ ޙައްޤެވެ. އެ މާއްދާގެ ނައްޞަކީ، ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) އިން އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ ބެލުމުގެ ޚާއްޞަ އިޚްތިޞާޞް ހައިކޯޓަށް ދިނުމާއި، އެ މާއްދާގެ (ށ) އިން ލިބިދޭ ބާރުގެ ދަށުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގައި އިންތިޚާބީ ޝަކުވާއާމެދު ހައިކޯޓުގެ ޝަރީޢަތުން ނިންމާ ނިންމުމަކީ ފަހު ނިންމުން ކަމަށް ވާގޮތަށް ބަޔާންވެފައި އޮތް އޮތުން ބާޠިލުކުރާ މާއްދާއެއް ނޫނެވެ.

HN3 އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގައިވާ، ހައިކޯޓުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެ ކަމަށް ކަނޑައަޅައިފިނަމަ އެ ސަރަޙައްދެއްގެ އިންތިޚާބު ބާޠިލުކޮށް އަލުން އިންތިޚާބު ބާއްވަންވާނެ ކަމުގެ "ރޫލް އޮފް ލޯ" (ޤާނޫނުގެ ޙުކުމް) އަކީ ޢާންމު ޤާނޫނުގެ ޙުކުމް ހިނގާ ރޫލެކެވެ. ޢާންމު ޤާނޫނަކީ، ޤާނޫނުގެ ގުޅުން އުފެދޭ ދެފަރާތުންކުރެ އެއްފަރާތެއްކަމުގައި ސިޔާދަތާއި ބާރުވެރިޔާގެ ޙައިޘިއްޔަތުން ދައުލަތް ހިމެނިފައިވާ ގުޅުންތައް ތަންޒީމުކުރާ ޤާނޫނުތަކެވެ. އެ ޤާނޫނުތައް ހުންނަނީ ޢާންމު މަސްލަހަތު ހިމާޔަތްކުރުމުގެ މަޤްޞަދުގައެވެ. މަދަނީ މައްސަލަތައް ހިމެނެނީ، ދުސްތޫރީ މައްސަލަތަކާއި އެނޫން ޢާންމު ޤާނޫނުތައް ފިޔަވައި، މީސްތަކުންގެ މެދުގައި ހިނގާ ގުޅުންތައް ތަންޒީމުކުރާ ޤާނޫނުތަކުގެ ދާއިރާގައެވެ.

HN4 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި، މައްސަލަތައް އިސްތިއުނާފުކުރުމުގެ އުޞޫލުން އިސްތިސްނާވާގޮތަށް އިޚްތިޞާޞް ދީފައިވާ މައްސަލަތައް ހުއްޓެވެ. އިންތިޚާބީ ޝަކުވާގެ މައްސަލަތަކަކީ، މިނިވަން ދީމިޤްރާޠީ އަދި ޤާނޫނުގެ ވެރިކަން ހިނގާ ގިނަ މުޖުތަމަޢުތަކުގައި ބެލުމާއި ނިންމުމަށް ވަކި ޚާއްސަ ނިޒާމުތަކެއް ކަނޑައަޅައި، އެކަމަށް ކަނޑައަޅާ ވަކި ކޯޓެއްގެ ނުވަތަ ވަކި މުއައްސަސާއެއްގެ ނިންމުމަކީ ފަހު ނިންމުން ކަމަށް ކަނޑައަޅާފައި ހުންނަ ބާވަތުގެ މައްސަލަތަކެވެ.

HN5 ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) ގައި، ކޮންމެ ކޯޓަކަށްމެ އެ ކޯޓެއް ހިމެނޭ މަރުޙަލާއަށްވުރެ ދަށު މަރުޙަލާއެއްގެ ކޯޓަކުން ނިންމާ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެންވާ ކަމަށް އޮންނަ ނައްޞަކީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާއާއި 65 ވަނަ މާއްދާގެ ދަށުން ހައިކޯޓުން ނިންމާ ނިންމުން އިސްތިއުނާފުނުކުރެވޭގޮތަށް އޮންނަ އޮތުން ބާޠިލުކުރާ މާއްދާއެއް ނޫނެވެ. އެ މާއްދާއިން ކަށަވަރުކޮށްދެނީ، ދަށުކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވެން އޮންނަ ޙާލަތްތަކުގައި އެ ނިންމުންތައް ބަދަލުކުރުމުގެ ބާރު މަތީ ކޯޓުތަކަށް ލިބިގެންވާކަމެވެ. އިސްތިއުނާފުކުރުމުގެ މުއްދަތު ފާއިތުވުން، ޙުކުމް ރައްދުވި ފަރާތުން ޙުކުމް ޤަބޫލުކުރުން، ނުވަތަ ޙުކުމް ފައިޞަލާކުރަނިވި ޙުކުމަކަށް ވުން ފަދަ ސަބަބުތަކަށްޓަކައި އިސްތިއުނާފުކުރުމުގެ ދޮރު ޤާނޫނީ ގޮތުން ބަންދުވެފައިވާ މައްސަލަތައް، އިސްތިސްނާއެއް ނެތި މުޠުލަޤު ގޮތެއްގައި މަތީ ކޯޓުތަކުގައި އިސްތިއުނާފަށް ބަލައިގަތުމަށް އެ މާއްދާ ތަނެއް ނުދެއެވެ.

HN6 ޤާނޫނުއަސާސީގެ 170 ވަނަ، 171 ވަނަ އަދި 172 ވަނަ މާއްދާތަކަށް ރިޢާޔަތްކުރާއިރު، އިންތިޚާބީ ޝަކުވާއެއް ހުށަހެޅުމާއި އެ ޝަކުވާއާމެދު ގޮތެއް ނިންމުމުގެ މެކޭނިޒަމެއް ޤާނޫނުއަސާސީއާއި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ކަނޑައަޅައި، ޝަކުވާއާމެދު ވީއެންމެ އަވަހަކަށް އަދި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ހައިކޯޓުން ގޮތެއް ކަނޑައެޅުމާއި، ހައިކޯޓުން ނިންމުމުން ދެން ޢަމަލުކުރަންޖެހޭ ގޮތްވެސް ޤާނޫނުގައި ކަނޑައަޅާފައިވާއިރު، އެ މެކޭނިޒަމާ ޚިލާފުވެވޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތެވެ.

HN7 އިންތިޚާބީ ޝަކުވާގެ މައްސަލައެއްގައި ކަމާބެހޭ ކޯޓަކުން ގޮތެއް ކަނޑައަޅަނީ، އިންތިޚާބުގެ އިދާރީ ނިންމުންތައް ނިންމާ މުއައްސަސާގެ ނިންމުންތަކާއި ރިޕޯޓާއި، އޮބްޒަރވަރުންނާއި މޮނިޓަރކުރާ މީހުންނާއި ހިޔުމަންރައިޓްސް ކޮމިޝަން ފަދަ ޖަމާއަތްތަކުގެ ރިޕޯޓުތަކާއި ބަޔާންތަކާއި އެނޫން ހެކިތަކުގެ މައްޗަށް ބިނާކޮށް ކަމަށްވާތީ، އެފަދަ ހެކިތަކުގެ މައްޗަށް ކޮށްފައިވާ ފައިޞަލާއެއް އިސްތިއުނާފުކޮށް އިތުރު މަރުޙަލާތަކެއްގައި ޝަރީއަތްކުރިޔަސް، ސިޔާސީ ޕާޓީތަކާއި މުޖުތަމަޢު ޤަބޫލުކުރާ މިންވަރަކަށް އިންތިޚާބުގެ އިންޓެގްރިޓީ އޮންނަކަން ދެއްކުމަކީ އެކަށީގެންވާ ކަމަކަށް ނުވެއެވެ. އެހެންކަމުން، މިފަދަ މައްސަލައެއްގައި ހިމެނޭ ފަރާތްތަކަށާއި މުޖުތަމަޢަށް އެންމެ އަދްލުވެރި، އެންމެ ދެމެހެއްޓެނިވި، އެންމެ މެދުމިން ޙައްލަކީ ޤާނޫނުގައި ޝަކުވާއާމެދު ނިންމަން ކަނޑައަޅާ ގޮތާ އެއްގޮތަށް ޢަމަލުކުރުމެވެ.

HN8 ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގައި ކަނޑައަޅާފައިވާގޮތާ އެއްގޮތަށް އިންތިޚާބުތަކުގެ އިންޓެގްރިޓީ ކަށަވަރުކޮށްދިނުމަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޤާނޫނުތަކުގައި ކަނޑައަޅާފައިވާ މުއްދަތުގައި އިންތިޚާބުގެ ކަންތައްތައް ފުރިހަމަކޮށް ނިންމުމަކީ މިނިވަން ދީމިޤްރާޠީ އިންސާފުވެރި އިންތިޚާބެއް ހިންގުމުގައި އެންމެ މުހިންމު އެއް އަސާސް ކަމުން، އިންތިޚާބުގެ ޝަކުވާއާމެދު އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައިވާ މުއްދަތުގައި، އެ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ނިންމައި، އެގޮތަށް ޢަމަލުކުރުމަކީ ޤާނޫނު ލާޒިމުކުރާ ކަމެކެވެ.

HN9 ހައިކޯޓުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާއާއި 65 ވަނަ މާއްދާގެ ދަށުން ބަލައި ނިންމާފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލައަކީ، ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 49 ވަނަ މާއްދާގެ ދަށުން އިލްތިމާސްކުރުމުގެ ހުއްދަ ދެވެން އޮތް މައްސަލައެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުﷲ ސަޢީދު (ރިޔާސަތު)، މުޖްތާޒް ފަހުމީ، ޔޫސުފް ޙުސައިން، ޢަބްދުﷲ ޢަރީފް، އަޙުމަދު ފާއިޒު ޙުސައިން
ރިޔާސަތު
ޢަބްދުﷲ ސަޢީދު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
އަޙުމަދު ފާއިޒު ޙުސައިން

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

މާލެ

ދިވެހިރާއްޖެ

ނަންބަރު: 2009/SC-L-J/01

އިލްތިމާސް ކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތް

ފޯމު ނަންބަރު: 2009/SC-L/04

ހުއްދައަށް އެދޭ ފަރާތް: މުޙައްމަދު މުޞްޠަފާ / މ. ސީވޯލް

މައްސަލަ ރައްދުވި ފަރާތް: 1. މުޙައްމަދު ޣައްސާނު މައުމޫން / މއ. ކިނބިގަސްދޮށުގެ

2އިލެކްޝަންސް ކޮމިޝަން / މާލެ

ހުއްދައަށް އެދުނު މައްސަލައިގެ ބާވަތް: އިންތިޚާބީ ޝަކުވާގެ މައްސަލަ

ހުށަހެޅި ތާރީޚް: 15 ޖޫން 2009

ނިމުނު ތާރީޚް: 30 ޖޫން 2009

ނިންމި ގަޑި: 21:25

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު މުޖްތާޒް ފަހުމީ، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިން

މިމައްސަލައަކީ މީލާދީ ސަނަތުން 2009 ވަނަ އަހަރުގެ ޖޫންމަހުގެ 11 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-I-SH/01 ޤަޟިއްޔާއިން ބަލައި ނިންމާފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުގެ ހުއްދައަކަށް އެދި މ. ސީވޯލް މުޙައްމަދު މުޞްޠަފާ ހުށަހެޅި މައްސަލައެކެވެ.

މިމައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކާއި އިޖުރާއީ އަޑުއެހުމުގައި ދެކެވުނު ވާހަކަތަކާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ މައްޗަށް ޤާނޫނީ އަދި ޝަރުޢީ ނަޒަރަކުން ބެލިއިރު މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންނަށް ތިރީގައިވާ ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

1HN1ފުރަތަމަކަމަކީ މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 7 ވީ ބުރާސްފަތި ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި ޢަމަލުކުރަންފެށި ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) ގައި ކޮންމެ އިންތިޚާބަކާއި ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ކޮންމެ އާންމު ވޯޓަކާގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަކާމެދު، ނުވަތަ އިންތިޚާބެއްގެ ނަތީޖާއަކާމެދު، ނުވަތަ އިންތިޚާބާބެހޭ ކަމެއްގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހިނގައިފައިވާކަމަށް އެފަރާތަކުން ޤަބޫލުކުރާ ކަމަކާމެދު ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއާމެދު ގޮތެއް ނިންމައިދިނުން އެދި އެފަރާތަކުން ހުށަހަޅަންވާނީ ހައިކޯޓަށްކަމާއި މިމާއްދާގައި ބަޔާންކޮށްފައިވާފަދަ ޝަކުވާތަކާމެދު ޢަމަލުކުރާނެ ގޮތް އިންތިޚާބާބެހޭ ޤާނޫނުގައި ކަނޑައަޅާފައި އޮންނަންވާނެކަމަށް މިމާއްދާގެ (ށ)ގައި ކަނޑައަޅައި ބަޔާންކޮށްފައި އޮންނަ އޮތުމާއި އެގޮތުން ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)ގެ 64 ވަނަ މާއްދާ އާއި އެޤާނޫނުގެ 65 ވަނަ މާއްދާ ގައި ޝަކުވާތަކާމެދު ޢަމަލުކުރާނެގޮތް ކަނޑައަޅާފައިވުމެވެ.

2ދެވަނަކަމަކީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ)ގައި މިޤާނޫނާއި ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދާއި ޚިލާފަށް އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ ނުވަތަ އިންތިޚާބާ ގުޅިގެން މިޤާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ، އެމައްސަލައަކާމެދު ގޮތެއް ނިންމައި ދިނުން އެދި އެފަރާތަކުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނެ ކަމަށާއި ހަމަ އެމާއްދާގެ (ށ)ގައި އެމާއްދާގެ (ހ)ގެ ދަށުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އެޤާނޫނުގެ 63 ވަނަ މާއްދާގައި ބުނެފައިވާ ކޮންމެފަރާތަކަށްވެސް ލިބިގެންވާކަމަށް އޮންނައޮތުމާއި އެޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި އިންތިޚާބެއްގެ ރަސްމީ ނަތީޖާ މިޤާނޫނުގައިވާ ގޮތުގެ މަތިން އިޢުލާން ކޮށްފައިވަނިކޮށް މިޤާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ޝަރީޢަތަށް ހުށަހަޅާ މައްސަލައެއްގައި ވޯޓުލާ ސަރަހައްދެއްގެ އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީއަތުން ކަނޑައަޅައިފިނަމަ، އެސަރަހައްދެއްގެ އިންތިޚާބު ބާޠިލުކޮށް، އަލުން އިންތިޚާބު ބާއްވަން ވާނެ ކަމަށް އޮންނައޮތުމެވެ.

3HN6ތިންވަނަކަމަކީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 މާއްދާގެ (ށ)ގައި މިޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް ހުށަހަޅާ މައްސަލައަކާމެދު، އެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންވާނެކަމަށް އޮންނަކަމެވެ.

4ހަތަރުވަނަކަމަކީ ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ށ)ގައި މިމާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާފަދަ ޝަކުވާތަކާ މެދު ޢަމަލުކުރާނޭގޮތް، އިންތިޚާބާބެހޭ ޤާނޫނުގައި ކަޑައެޅުން ލާޒިމްކޮށްފައި އޮތުމާއި އެގޮތުން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ މި ދުސްތޫރީ ބާރުގެދަށުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ)ގައި ހައިކޯޓުގެ ޝަރީޢަތުން ނިންމާގޮތާ އެއްގޮތަށް ޢަމަލުކުރުން ލާޒިމްކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.

5HN2HN9ފަސްވަނަކަމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު މައްސަލައާއި ގުޅުން ހުރި ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ބަޔާންކޮށްފައި އޮތް އޮތުމުން ޖިނާއީ ކުށުގެ މައްސަލައެއްގައި ނުވަތަ މަދަނީ މައްސަލައެއްގައި ދަށުކޯޓަކުން ކުރާ ޙުކުމް އެއަށްވުރެ މަތީ ކޯޓުތަކުގައި އެޙުކުމް ރައްދުވި ފަރާތަށް އިސްތިއުނާފުކުރުމުގެ ޙައްޤު އެމާއްދާއިން ކަށަވަރުކޮށްދޭކަން އެނގޭކަމާއި ނަމަވެސް އެމާއްދާގެ އެނައްޞަކީ ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) އިން އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ ބެލުމުގެ ޚާއްޞަ އިޚްތިޞާޞް ހައިކޯޓަށް ދިނުމާއި އެމާއްދާގެ (ށ) އިން ލިބިދޭ ބާރުގެ ދަށުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގައި އިންތިޚާބީ ޝަކުވާއާމެދު ހައިކޯޓުގެ ޝަރީޢަތުން ނިންމާ ނިންމުމަކީ ފަހު ނިންމުން ކަމަށް ވާގޮތަށް ބަޔާންވެފައި އޮތް އޮތުން ބާޠިލުކުރާ މާއްދާއަކަށްނުވުމެވެ.

6HN3HN4ހަވަނަކަމަކީ ޤާނޫނުއަސާސީގެ 56 ވަނަމާއްދާގެ ނައްޞަކީ ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) އިން އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ ބެލުމުގެ ޚާއްޞަ އިޚްތިޞާޞް ހައިކޯޓަށް ދިނުމާއި އެ މާއްދާގެ (ށ) އިން ލިބިދޭ ބާރުގެ ދަށުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަމާއްދާގައި އިންތިޚާބީ ޝަކުވާއާމެދު ހައިކޯޓުގެ ޝަރީޢަތުން ނިންމާ ނިންމުމަކީ ފަހު ނިންމުން ކަމަށް ވާގޮތަށް ބަޔާންވެފައި އޮތް އޮތުން ބާޠިލުކުރާ މާއްދާއެއްކަމަށް ބެލެވެން ނެތް ސަބަބުތަކުގެ ތެރޭގައި، ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) އާއި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާ އިން ހައިކޯޓަށް ލިބިދޭ ޚާއްސަ އިޚްތިޞާޞްގެ ދަށުން އެކޯޓުން އިންތިޚާބުގެ ނަތީޖާއަށް ބަދަލުއަތުވެދާނެކަމަށް ކަނޑައަޅައިފިނަމަ އެސަރަޙައްދެއްގެ އިންތިޚާބު ބާޠިލުކޮށް އަލުން އިންތިޚާބު ބާއްވަންވާނެކަމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގައި އޮތް "ރޫލް އޮފް ލޯ" (ޤާނޫނުގެ ޙުކުމް) އަކީ ޢާންމު ޤާނޫނުގެ ޙުކުމް ހިނގާ ރޫލެއްކަން އެނގެން އޮންނަކަމާއި ޢާންމު ޤާނޫނަކީ ޤާނޫނުގެ ގުޅުން އުފެދޭ ދެފަރާތުންކުރެ އެއްފަރާތެއްކަމުގައި ސިޔާދަތާއި ބާރުވެރިޔާގެ ޙައިޘިއްޔަތުން ދައުލަތް ހިމެނިފައިވާ ގުޅުންތައް ތަންޒީމުކުރާ ޤާނޫނުތައްކަން އެނގޭކަމާއި ޢާންމު ޤާނޫނުތައް ހުންނަނީ ޢާންމު މަސްލަހަތު ހިމާޔަތްކުރުމުގެ މަޤްޞަދުގައިކަން އެނގޭކަމާއި މައްސަލަތައް އިސްތިއުނާފުކުރުމުގެ އުޞޫލުން އިސްތިސްނާވާގޮތަށް އިޚްތިޞާޞްދީފައިވާ މައްސަލަތަކެއް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ހުރިކަން އެނގޭކަމާއި މަދަނީ މައްސަލަތައް ހިމެނެނީ ދުސްތޫރީ މައްސަލަތަކާއި އެނޫން ޢާންމު ޤާނޫނުތައް ފިޔަވައި މީސްތަކުންގެ މެދުގައި ހިނގާ ގުޅުންތައް ތަންޒީމުކުރާ ޤާނޫނުތަކުގެ ދާއިރާގައިކަމާއި މިގޮތުން މަދަނީ މައްސަލަތަކަކީ އޭގެ ބާވަތަށާއި އެމައްސަލަތަކުގެ ޝަރީއަތްކުރެވޭ އާންމު އުސޫލަށް ބަލާއިރު، އެމައްސަލަތަކުގައި ހިމެނޭ ޚަޞްމުންނަށް ދަށުކޯޓުތަކުގެ ނިންމުންތައް މަތީ މަރުޙަލާތަކުގެ ކޯޓުތަކުގައި އިސްތިއުނާފުކުރެވޭ ނުވަތަ އިލްތިމާސްކުރެވޭ ބާވަތުގެ މައްސަލަތަކެއްކަން އެނގޭކަމާއި އިންތިޚާބީ ޝަކުވާގެ މައްސަލަތަކަކީ މިނިވަން ދީމިޤްރާޠީ އަދި ޤާނޫނުގެ ވެރިކަން ހިނގާ ގިނަ މުޖުތަމަޢުތަކަށް ބަލާއިރުވެސް އެމުޖުތަމަޢުތަކުގައި އިންތިޚާބީ ޝަކުވާބެލުމާއި ނިންމުމަށް ވަކި ޚާއްސަ ނިޒާމުތަކެއް ކަޑައަޅާ ކަމެއްކަމާއި އެކަމަށް ވަކި ކޯޓެއް ނުވަތަ ވަކި މުއައްސަސާއެއް ކަނޑައަޅައި އެމުއައްސަސާއެއްގެ ނިންމުމަކީ ނުވަތަ އެކޯޓެއްގެ ނިންމުމަކީ ފަހު ނިންމުންކަމަށް ކަޑައަޅާފައި ހުންނަކަމާއި މިކަންތައްތައް ފާހަގަކުރެވުމެވެ.

7HN5ހަތްވަނަކަމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ)ގައި ކޮންމެ ކޯޓަކަށްމެ އެކޯޓެއް ހިމެނޭ މަރުހަލާއަށްވުރެ ދަށު މަރުޙަލާއެއްގެ ކޯޓަކުން ނިންމާ ނިންމުން ބަދަލު ކުރުމުގެ ބާރު ލިބިގެންވާކަމަށް އޮންނަ ނައްޞަކީ ޤާނޫނުއަސާސީގެ 172 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާއާއި 65 ވަނަ މާއްދާގެ ދަށުން ހައިކޯޓުން ނިންމާ ނިންމުން އިސްތިއުނާފުނުކުރެވޭގޮތަށް އޮންނަ އޮތުން ބާޠިލުކުރާ މާއްދާއެއްނޫންކަން އެނގެން އޮންނަ ކަމާއި އެމާއްދާއަކީ މަތީ ކޯޓުތަކުގައި ދަށުކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވެން އޮންނަ ޙާލަތުތަކުގައި ދަށުކޯޓުގެ ނިންމުންތައް ބަދަލުކުރަންޖެހޭނަމަ ދަށުކޯޓުގެ ނިންމުންތައް ބަދަލުކުރުމުގެ ބާރު މަތީކޯޓުތަކަށް ލިބިގެންވާކަން ކަށަވަރުކޮށް ދޭ މާއްދާއެއްކަން އެނގެން އޮންނަކަމާއި އިސްތިއުނާފު ކުރުމުގެ މުއްދަތު ފާއިތުވުން ނުވަތަ ހުކުމް ރައްދުވި ފަރާތުން ހުކުމް ޤަބޫލުކުރުން ނުވަތަ ހުކުމް ފައިޞަލާކުރަނިވި ހުކުމަކަށް ވެފައިވުން ފަދަ ސަބަބުތަކަށްޓަކައި އިސްތިއުނާފުކުރުމުގެ ދޮރު ޤާނޫނީ ގޮތުން ބަންދުވެފައިވާ މައްސަލަތައް އިސްތިސްނާއެއްނެތި މުޠުލަޤު ގޮތެއްގައި މަތީ ކޯޓުތަކުގައި އިސްތިއުނާފަށް ބަލައިގަތުމަށް ތަންދޭ މާއްދާއެއްނޫންކަން ފާހަގަ ކުރެވިފައިވުމެވެ.

8އަށްވަނަކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާއާއި 171 ވަނަ މާއްދާއާއި 172 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގައި ބޭއްވޭ އެންމެހައި އިންތިޚާބުތަކަކީ ދީމިޤްރާޠީ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ މިނިވަން އިންސާފުވެރި އިތުބާރުކުރެވެނިވި އިންތިޚާބަކަށް ހެދުމަށާއި ސިޔާސީ އަދި އިންތިޚާބީ ހަރަކާތުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި އުފެދޭ ޝައްކުތަކާއި ވަސްވާސްތައް ފިލުވާލާފަދަ ޔަޤީންކަމެއް ދުސްތޫރީ ގޮތުން ދިނުމަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކާއި މުއައްސަސާތަކުން ނިންމާނިންމުންތަކާއި ޤާނޫނުތަކާއި ޤަވާޢިދުތައް ހުންނަނީ ޤާނޫނުއަސާސީ ކަނޑައަޅާގޮތާ އެއްގޮތްވާގޮތަށް ޤާނޫނުއަސާސީގެ އިންތަކުގެ ތެރޭގައިކަން ކަށަވަރުކޮށްދިނުމަށާއި ސިޔާސީ ބާރުތަކާއި އިޖްތިމާޢީ ބާރުތައް އެކުވެގެން ޑިމޮކްރަސީގެ މަޤުސަދު ފުރިހަމަކުރުމަށާއި ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮތުން ޔަޤީން ކޮށްދިނުމަށާ އެގޮތުން އިންތިޚާބީ ޝަކުވާއެއް އޮތްނަމަ އެޝަކުވާއެއް ހުށަހެޅުމަށާއި އެޝަކުވާއާމެދު ގޮތެއް ނިންމުމުގެ މެކޭނިޒަމެއް ޤާނޫނުއަސާސީއާއި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ކަޑައަޅައި، ޝަކުވާއާމެދު ވީއެންމެ އަވަހަކަށް އަދި ގިނަވެގެން 30 ދުވަހުގެ ތެރޭގައި ގޮތެއް ހައިކޯޓުން ކަނޑައެޅުމަށާއި އެނިންމުން ހައިކޯޓުން ނިންމުމުން ދެން ޢަމަލުކުރަން ޖެހޭގޮތްވެސް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ކަނޑައަޅާފައިވާއިރު އެ މެކޭނިޒަމާ ޚިލާފުވެވޭނޭ އެއްވެސް ޤާނޫނީ ހަމައެއް އޮތްކަމަށް ކަނޑައެޅެން ނެތުމެވެ.

9HN7ނުވަވަނަކަމަކީ މިނިވަން ދީމިޤްރާތީ މުޖްތަމަޢުތަކުގައި އިންތިޚާބީ ޝަކުވާގެ ޖުޑިޝަލް ރިވިޔުކުރާގޮތްތަކަށް ބަލާއިރު، ކަމާބެހޭ ކޯޓަކުން އިންތިޚާބެއް ހިނގިގޮތާމެދު ގޮތެއްކަނޑައަޅަނީ އިންތިޚާބެއްގެ އިދާރީ ނިންމުންތައް ނިންމާ މުއައްސަސާއެއްގެ އިދާރީ ނިންމުންތަކަކަށާއި އެފަރާތުގެ ރިޕޯޓަށާއި އޮބްޒަރވަރުންނާއި މޮނިޓަރ ކުރާމީހުންނާއި ހިޔުމަންރައިޓްސް ކޮމިޝަން ފަދަ ޖަމާއަތްތަކުން ޖަމާކޮށްފައިވާ ކަންތައްތަކެއްގެ މައްޗަށް އެކުލެވޭ ރިޕޯޓުތަކާއި އެފަރާތްތަކުގެ ބަޔާންތަކާއި އެނޫން ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވެފައި އެފަދަ ހެކިތަކެއްގެ މައްޗަށް ޝަރީއަތުން ކޮށްފައިވާ ފައިޞަލާއެއް އިސްތިއުނާފުކޮށް އިތުރު މަރުޙަލާތަކެއްގައި ޝަރީއަތް ކުރިޔަސް ސިޔާސީ ޕާޓީތަކާއި މުޖުތަމަޢު ޤަބޫލުކުރާ މިންވަރަކަށް އެއިންތިޚާބުގެ އިންޓެގްރިޓީ އޮންނަކަން ދެއްކުމަކީ އެކަށީގެންވާކަމަކަށް ނުވާކަން ފާހަގަކުރެވިފައިވުމުން މިފަދަ މައްސަލައެއްގައި ހިމެނޭ ފަރާތްތަކަށާއި މުޖުތަމަޢަށް އެންމެ އަދްލުވެރި އެންމެ ދެމެހެއްޓެނިވި އެންމެ މެދުމިން ޙައްލަކީ ޤާނޫނުގައި ޝަކުވާއާ މެދު ނިންމަން ކަނޑައަޅާގޮތާއެއްގޮތަށް ޢަމަލުކުރުންކަން އެނގެންއޮންނަކަމެވެ.

10HN8ދިހަވަނަކަމަކީ އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގެ ކަންތައްތައް ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކާއި އެއްގޮތަށް ހިންގުމުގެ މަސްއޫލިއްޔަތާއި މި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކާ އެއްގޮތަށް ނިންމުންތައް ނިންމުގެ މަސްއޫލިއްޔަތާއި ބާރު ދީފައިވާ ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު އިލެކްޝަންސް ކޮމިޝަނެއް އޮންނަކަމާއި އެކޮމިޝަނުގެ ނިންމުންތައް ޝަރުއީ ގޮތުން ހައިކޯޓުގައި ޖުޑިޝަލް ރިވިޔު ކުރުމުގެ ޚާއްޞަ އިޚްތިޞާޞް ހައިކޯޓަށް ޤާނޫނުއަސާސީއާއި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުން ދީފައިވުމާއި މިގޮތުން އެކޯޓަށް ހުށަހެޅޭ ޝަކުވާގެ މައްސަލަތަކުގައި ޢަމަލުކުރަންވާގޮތް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގައި ކަނޑައަޅާފައިވާކަމެވެ.

11އެގާރަވަނަކަމަކީ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގައި ކަނޑައަޅާފައިވާގޮތާ އެއްގޮތަށް އިންތިޚާބުތަކުގެ އިންޓެގްރިޓީ ކަށަވަރުކޮށް ދިނުމަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނޭކަމެއްކަން އެނގެން އޮތުމާއި އެކަށަވަރުކަން ގެއްލޭފަދަ ހެކިތައް އުފެދިދާނެ އެންމެހައި ކަންތައްތަކުން އިންތިޚާބުގެ ކަންތައްތައް ރައްކާތެރިކުރަން ޖެހޭކަން އެގެންއޮތުމާއި ޤާނޫނުއަސާސިއާ ޤާނޫނުތަކުގައި ކަނޑައަޅާގޮތަށް ކަނޑައަޅާފައިވާ މުއްދަތުގައި އިންތިޚާބުގެ ކަންތައްތައް ފުރިހަމަކޮށް ނިންމުމަކީ މިނިވަން ދީމިޤްރާތީ އިންސާފުވެރި އިންތިޚާބެއް ހިންގުމުގައި އެންމެ މުހިންމު އެއްއަސާސްކަން އެނގެން އޮތުމުން އިންތިޚާބުގެ ޝަކުވާއާއި މެދު ގޮތެއް ނިންމަން އިންތިޚާބާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައި އޮންނަ މުއްދަތުގައި އެޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ނިންމައި އެގޮތަށް ޢަމަލުކުރުމަކީ ޤާނޫނު ލާޒިމްކުރާ ކަމެއްކަން އެނގެން އޮތުމެވެ.

ދެންފަހެ، އިސްވެ ދިޔަ ސަބަބުތައް އެގޮތަށް ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-I-SH/01 ޤަޟިއްޔާއިން ބަލައި ނިންމާފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލައަކީ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 49 ވަނަ މާއްދާގެ ދަށުން އިލްތިމާސް ކުރުމުގެ ހުއްދަދެވެން އޮތް މައްސަލައެއް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ކަނޑައަޅައިފީމެވެ.

ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިންގެ ތަފާތުވި ރައުޔު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-I-SH/01 ޤަޟިއްޔާ ސުޕްރީމު ކޯޓުގައި އިލްތިމާސް ކުރުމުގެ ހުއްދައަށް އެދި މުޙައްމަދު މުޞްޠަފާ ހުށަހެޅުމުން ބޭއްވުނު އިޖްރާއީ އަޑުއެހުމުގައި ދެކެވުނު ވާހަކަތަކާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި އިންތިޚާބުތަކާބެހޭ ޢާންމު ގާނޫނުގެ މައްޗަށް ޤާނޫނީ އަދި ޝަރުޢީ ނަޒަރަކުން ބެލިއިރު މިކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިނުގެ ރައުޔަކީ،

ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކާމެދު ޝަކުވާއެއް އޮތްނަމަ އެޝަކުވާއަކާމެދު ގޮތެއް ނިންމައި ދިނުން އެދި އެފަރާތަކުން ހައިކޯޓަށް ހުށަހެޅިދާނެކަމަށް މިމާއްދާގައި ބަޔާން ކުރުމަކީ މިމާއްދާގައި ބަޔާންކޮށްފައިވާ ޝަކުވާތަކާމެދު ގޮތެއްނިންމައި ދިނުން އެދި ހުށަހެޅުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިދިނުންކަމާއި މިއިޚްތިޞާޞްގެ ސަބަބުން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) ގައި ކޮންމެ ކޯޓަކަށްމެ އެކޯޓެއް ހިމެނޭ މަރުޙަލާ އަށްވުރެ ދަށުމަރުޙަލާއެއްގެ ކޯޓަކުން ނިންމާ ނިންމުންތައް އެއަށްވުރެ މަތީ މަރުޙަލާގެ ކޯޓަކުން ބެލިދާނެކަމަށް ބަޔާންކުރާ ކުރުން ނަފީވެގެން ދާކަމަށް ނުބެލެވޭކަމާއި ހައިކޯޓަށް ވަކި ބާވަތެއްގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިދިނުމަކީ މައްސަލަތައް އިސްތިއުނާފު ކުރުމުގެ މުޠުލަޤް އިޚްތިޞާޞް ނަފީ ކުރާކަމެއްކަން ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) އިން ކަށަވަރު ގޮތެއްގައި އެގެން ނެތްކަމާއި އެހެންގޮތަކަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާހާހިނދަކު އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކުރާ ބާބާ ޚިލާފަށް ޤާނޫނުއަސާސީގެ އެއްވެސް މާއްދާއަކީ އެމާއްދާގައި ވާކަމެއް އެމާއްދާގައި ބަޔާންކުރެވިފައިވާ މިންވަރު ނަފީ ނުކުރެވޭގޮތަށް ހުރި މާއްދާތަކެއް ކަމަށްވެފައި ޤާނޫނުއަސާސީން ލިބިދީފައިވާ ބާރެއް ނަފީ ކުރެވޭނެކަމަށް ޤާނޫނުއަސާސީ ކަނޑަނާޅާހާ ހިނދަކު އެއްވެސްގޮތަކަށް އެކަމެއް ނަފީ ކުރެވޭނެކަމަށް މާނަ ކުރުމަކީ ޤާނޫނުއަސާސީން އެބާރުލިބިދޭ މާއްދާއާ ފުށުއަރާގޮތަށް ކުރެވޭނެ މާނައެއްކަމާއި ޤާނޫނުއަސާސީގެ އެއްވެސް މާއްދާއަކީ އެއްމާއްދާއަކަށް ޢަމަލުކުރުމުގެ ސަބަބުން އަނެއް މާއްދާއަށް ޢަމަލު ނުކުރެވޭގޮތަށް ހުރި މާއްދާތަކެއް ނޫންކަމާއި ޤާނޫނުއަސާސީ މާނަ ކުރުމުގައި ރިޢާޔަތްކުރެވޭ އެއްއުޞޫލަކީ އެއްމާއްދާ އަނެއްމާއްދާއާ ފުށުނާރާގޮތަށް މާނަކުރުންކަމާއި މިކަންކަމަށް ރިޢާޔަތް ކުރާއިރު ޤާނޫއަސާސީން އިސްތިއުނާފީ ކޯޓަކަށް ކަށަވަރު ކޮށްދީފައިވާ މައްސަލަތައް އިސްތިއުނާފު ކުރުމުގެ ބާރު ވަކި ބާވަތެއްގެ މައްސަލަ ބެލުމަށް ވަކިކޯޓަކަށް ލިބިދީފައިވާ އިޚްތިޞާޞްގެ ސަބަބުން ނަފީ ކުރެވިދާނެކަމަށް ނުބެލެވޭކަމާއި

ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ށ) ގައި މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޝަކުވާތަކާމެދު ޢަމަލު ކުރާނޭ ގޮތް ނުވަތަ އިޖުރާއު، އިންތިޚާބާބެހޭ ޤާނޫނުގައި ކަނޑައަޅަން ޖެހޭނެކަމަށް ބަޔާން ކޮށްފައިވާތީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި އިންތިޚާބީ ޝަކުވާތަކާމެދު ޢަމަލު ކުރާނެގޮތް ބަޔާންކޮށްފައިވާ މާއްދާތަކުގެ ތެރެއިން 64 ވަނަ މާއްދާއަށް ބަލާއިރު މިމާއްދާގައި އިންތިޚާބީ ޝަކުވާތަށް ހައިކޯޓަށް ހުށަހެޅިދާނެ ދެއުޞޫލެއް ބަޔާންކޮށްފައި ވާކަން އެގޭކަމާއި އޭގެތެރެއިން އެއްއުޞޫލަކީ އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެކޮމިޝަނުން ނިންމި ނިންމުމަކާމެދު ހިތްހަމަނުޖެހިގެން ޖުޑީޝަލް ރިވިއުއަކަށް ހައިކޯޓަށް ހުށަހެޅޭ ހުށަހެޅުން ކަމާއި މިފަދައިން ހުށަހެޅޭ މައްސަލަތަކަކީ އިންތިޚާބުތަކާބެހޭ ކަންކަން ޢަމަލީގޮތުން ތަންފީޒުކުރާފަރާތުން ނިންމާފައި ހުންނަ ނިންމުންތައް ޝަރުޢީ މަރުޙަލާއަކުން އަލުންބަލައި ދިނުމަށް އެދި އިސްތިއުނާފުގެ އުޞޫލުން ޚާއްޞަ އިޚްތިޞާޞް މައްސަލަތަކެއް ގޮތުގައި ހައިކޯޓަށް ހުށަހެޅޭ މައްސަލަ ތަކެއްކަމަށް ބެލެވޭކަމާއި އަނެއް އުޞޫލަކީ އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނާއި ނުވަތަ އެޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާއި ނުވަތަ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ އެޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާއި ޚިލާފަށް އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ނުވަތަ އިންތިޚާބުގެ ނަތީޖާއާމެދު ހިތްހަމަ ނުޖެހޭނަމަ އެމައްސަލައަކާމެދު ގޮތެއް ނިންމައިދިނުން އެދި ހުށަހެޅޭ މައްސަލަތައްކަމާއި ދެވަނައަށް ބަޔާން މިކުރެވުނު މައްސަލަތަކަކީ އެހެން އެއްވެސް ފަރާތަކުން ބަލާފައިނުވާ ފުރަތަމަ ފަހަރަށް ހައިކޯޓުން ބައްލަވާ މައްސަލަތަކަށް ވާތީ އެމައްސަލަތަކަކީ އަޞްލީ އިޚްތިޞާޞް މައްސަލަތަކެއް ގޮތުގައި ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކެއް ކަމަށް ބެލެވޭކަމާއި

އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައިވާގޮތުގެ މަތީން ޝަރީޢަތަށް ހުށަހަޅާ މައްސަލައެއް އެޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުންކުރެ ސަބަބެއް މެދުވެރިގެން، އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަން ޝަރީޢަތަށް ސާބިތުވެ، އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން ކަނޑައަޅައިފިނަމަ، އެސަރަހައްދެއްގެ އިންތިޚާބު ބާޠިލްކޮށް، އަލުން އިންތިޚާބު ބާއްވަންވާނެކަމަށް އިސްވެބަޔާން ކުރެވުނު 65 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ލިބިދޭ އަސާސީ ޙައްޤު، އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ ނައްޞުގެ ސަބަބުން ހިފެހެއްޓިގެން ދާކަމަށް ނުބެލެވޭ ކަމާއި އެހެނީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ޞަރީޙަ ނައްޞުން މީސްތަކުންނަށް ލިބިދޭ ދުސްތޫރީ ޙައްޤު، އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 65 ވަނަ މާއްދާގެ ޞަރީޙަ ނައްޞުން ނަފީކުރެވިފައި ނުވަތަ ހިފެހެއްޓިފައި ނުވާތީ، އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 65 ވަނަ މާއްދާގެ ދޭހަމާނަ ކުރަންވާނީ މީސްތަކުންގެ މަޞްލަޙަތާ ގުޅުންހުރި ކަންކަމުގައި އެބައިމީހުންގެ މަޞްލަޙަތު ޙިމާޔަތް ކުރެވޭ އެންމެ ފުޅާ ދާއިރާއެއްގައި ކަމާއި އެއްމަރުޙަލާއަށްވުރެ ގިނަމަރުޙަލާތަކުން މައްސަލަތައް ފުރޭނިގެން ދިއުމަކީ މީސްތަކުންގެ ޙައްޤުތަކާއި މަޞްލަޙަތުތައް ޙިމާޔަތް ކުރުމުގައ އިންސާފުގެ ތަރާދު އަށް ލިބޭ އިތުރު ފުރިހަމަ ކަމެކެވެ.

އެހެންކަމުން މ.ސީވޯލް މުޙައްމަދު މުޞްޠަފާ ހުށަހެޅި ހައިކޯޓުގެ ނަންބަރު 2009/HC-I-SH/01 ޤަޟިއްޔާ ސުޕްރީމު ކޯޓުގައި އިލްތިމާސް ކުރުމަށްޓަކައި ބަލައިގަނެވިދާނެ ކަމަށް ފެނެއެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 171 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) އަދި (ށ)
  • އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު (ޤާނޫނު ނަންބަރު 11/2008) ގެ 62 ވަނަ މާއްދާ
  • އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު (ޤާނޫނު ނަންބަރު 11/2008) ގެ 63 ވަނަ މާއްދާ
  • އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު (ޤާނޫނު ނަންބަރު 11/2008) ގެ 64 ވަނަ މާއްދާގެ (ހ) އަދި (ށ)
  • އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު (ޤާނޫނު ނަންބަރު 11/2008) ގެ 65 ވަނަ މާއްދާގެ (ހ) އަދި (ށ)
  • ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 49 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ