—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2010/SC-A/01
ދަޢުވާކުރާ ފަރާތް: އާމިނަތު ވަޙީދާ
ދަޢުވާ ލިބޭ ފަރާތް: ޒައިދު މުޙައްމަދު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 05 ޖެނުއަރީ 2010
ނިމުނު ތާރީޚް: 09 ނޮވެމްބަރ 2010
މައްސަލަ ނިންމި ގަޑި: 10:55
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2007/HC-A/105
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 04 ޖޫން 2007
ނިމުނު ތާރީޚް: 21 އޮކްޓޯބަރު 2009
މައްސަލައިގެ ޚުލާޞާ
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/105 ޤަޟިއްޔާ ނިންމަވާފައިވާ ގޮތް، ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ، އަންނަނިވި ނުކުތާތަކުގެ މައްޗަށް، ހ.ގްރީންޒެސްޓް އާމިނަތު ވަޙީދާ އިލްތިމާސް ކުރުމުން ބެލި މައްސަލައެވެ.
ފާހަގަ ކުރެވުނު ނުކުތާތައް.
ފުރަތަމަ ނުކުތާއަކީ މއ.ގްރީންސްޓަފްގައި އާމިނަތު ވަޙީދާ ހަދާފައި ހުރި އިމާރާތުން ނެރެދިނުން އެދި ޒައިދު މުޙައްމަދު މަދަނީ ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން، އެގޯތީގައި އާމިނަތު ވަޙީދާ އެވަގުތު ކުރަމުންދިޔަ އިމާރާތް އަގު ކުރެވުނު ކަމަށާއި، އަދި އެ އަގު ދިނުމަށްފަހު މެނުވީ، އެގޯތީން އާމިނަތު ވަޙީދާ ނެރެދެވެން ނެތްކަމަށް ޙުކުމް ކުރެއްވި، މަދަނީ ކޯޓުގެ ނަންބަރު 293/MC/2001 ޤަޟިއްޔާގައި، ކުލި ކަނޑައަޅާއި ޙުކުމް ކުރިކަން، އެނގެން އޮތްކަމަށާއި، އަދި އެޤަޟިއްޔާގެ ޙުކުމް ރަނގަޅު ނޫންކަމަށް ހައިކޯޓުންވެސް އަދި ރައީސުލްޖުމުހޫރިއްޔާގެ އޮފީހުންވެސް ނިންމެވިފަހުން، އަލުން ހައިކޯޓުން، އެކޯޓުގެ ނަންބަރު 2007/HC-A/105 ޤަޟިއްޔާ (މިހާރު އިލްތިމާސް ކުރެވޭ ޤަޟިއްޔާ) ގައި ނިންމަވާފައިވާ ނިންމެވުމަކީ، ކުލި ކެނޑުމާއި އެއްގޮތް ނިންމުމެއްކަމަށް، އާމިނަތު ވަޙީދާ ދެކޭތީ، ހައިކޯޓުގެ މިފަހަރުގެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ނިންމުމެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ އިމާރާތުގެ ދެބުރި ހެދުމަށްފަހު، އިތުރު އެއްވެސް ކަމެއް ކުރިކަން، އެނގެން ނެތްކަމަށް ހައިކޯޓުގެ ރިޕޯޓުގެ ހަވަނަ ނުކުތާގައި ބަޔާންކޮށްފައި ވާއިރު، އިމާރާތުގެ ވެރިފަރާތުން އަގު ދީ، ތަނުން ނެރުމަށް މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން ދިޔަކަން ހުށަހެޅުނު ޤަޟިއްޔާތަކުން ސާފުކޮށް އެނގެން އޮތް އިރުވެސް، އިމާރާތް ކުރިޔަ ނުދިނުމަށް ނުވަތަ އެއްބަސްވުމާ އެއްގޮތަށް ތަން ހެދިޔަ ނުދިނުމަށް، ޒައިދު މުޙައްމަދު ކޮށްފައިވާ އެއްވެސް ކަމެއްގެ މައްޗަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ އިމާރާތުގެ ވެރިފަރާތުން އަގުނުދީ ތަނުން ނެރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން ދިޔަކަން ހުށަހެޅުނު ޤަޟިއްޔާއިން ސާފުކޮށް އެގެން އޮތުމާއި އެކުވެސް، އަދި ޒައިދު މުޙައްމަދު އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރަން ބޭނުން ނުވިކަން އެނގެން އޮތުމާއި އެކުވެސް، މައްސަލަ ނިންމެވުމުގައި މިއިން ކަމަކަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ އިމާރާތުގެ ދެބުރީގެ މަސައްކަތަށްފަހު، އިތުރު މަސައްކަތެއް، ކޮށްފައި ނުވާކަމަށް، ފާހަގަ ކޮށްފައިވާއިރު، އެއްބަސްވުމާއި އެއްގޮތަށް ޢަމަލު ނުކުރެވި ވަނީ ކޮންސަބަބަކާ ހުރެތޯ، އެއްވެސްވަރަކަށް ބައްލަވާފައި ނުވާކަމަށާއި، ޒައިދު މުޙައްމަދުގެ ސަބަބުން އިމާރާތް ނުކޮށް ހުއްޓާލަން ޖެހުމުން، އާމިނަތު ވަޙީދާއަށް އެއިމާރާތްކޮށްގެން އެމުއްދަތުގައި ލިބެންއޮތް މަންފާއިން މަހުރޫމުވެފައި ވާއިރުވެސް އެކަމަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
އިސްވެ ބަޔާން ކުރެވުނު އިލްތިމާސް ނުކުތާތަކުގެ ތެރެއިން ހައިކޯޓުގެ ނަންބަރު 2007/HC-A/105 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާ ގުޅުންހުރި ނުކުތާތައް ބެލުމުގެ ގޮތުން މިމައްސަލައާއި ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށާއި ހުށަހެޅިފައި ހުރި ލިޔުންތަކަށާއި ހައިކޯޓުގެ ރިޕޯޓަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވުނެއެވެ.
(ހ) ފުރަތަމަ ކަމަކީ އެގްރިމެންޓުގެ 07 ވަނަ މާއްދާގައިވާ ގޮތުގެމަތީން އާމިނަތު ވަޙީދާ ހަދާފައިވާ އިމާރާތަށް، ފުރިހަމަ ބަދަލު ލިބުމަށްފަހުމެނުވީ އާމިނަތު ވަޙީދާ ނެރެދެވެން ނެތްކަމަށް ހައިކޯޓުގެ ނަންބަރު 2001/HC-A/101 ޤަޟިއްޔާގައި ނިންމެވުމަށްފަހު، އަލުން ހައިކޯޓުން މިހާރު އިލްތިމާސް ކުރެވޭ ޤަޟިއްޔާގައި އެއާޚިލާފަށް ނިންމަވާފައިވާ ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީގޮތުން ރަނގަޅު ނިންމެވުމެއްކަމަށް ޤަބޫލުނުކުރެވޭކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މއ.ގްރީންސްޓަފަށް އާމިނަތު ވަޙީދާ ކޮށްފައިވާ ޚަރަދު ލިބިދިނުމަށްފަހު މެނުވީ މއ.ގްރީންސްޓަފުން އާމިނަތު ވަޙީދާ ނުކުތުމަށް ޝަރީޢަތުން އަމުރުކުރެވެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2001/HC-A/101 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައި އެވަނީ، އެ ދަޢުވާއަކީ އެގްރިމެންޓުގެ މުއްދަތުގެ ތެރޭގައި ކުރެވުނު ދަޢުވާއަކަށްވެފައި އަދި ޙުކުމް ކުރައްވާފައި ވަނީވެސް އެގްރިމެންޓުގެ މުއްދަތުގެ ތެރޭގައި ކަމަށްވެފައި އެގްރިމެންޓެއް ހެދުމުގެ މަޤުޞަދަކީ އޭގައި އެއްބަސްވި ކަންތައްތައް އެއްބަސްވި މުއްދަތަށް ދެމެހެއްޓުން ކަމަށްވާތީ އާއި އެގްރިމެންޓު ތަންފީޒު ކުރަމުންދާ ޙާލަތުގައި އެގްރިމެންޓުގެ މާއްދާތައް ދެމެހެއްޓުމަކީ ލާޒިމްކަމަކަށް ވާތީ، އާމިނަތު ވަޙީދާ އާއި މަރިޔަމް މުހައްމަދާއި ދެމެދު ވެވުނު އެއްބަސްވުމުގެ 07 ވަނަ މާއްދާގައި ވާގޮތުގެމަތީން އާމިނަތު ވަޙީދާއަށް ލިބެންޖެހޭ ޚަރަދު ލިބުމަށްފަހުމެނުވީ، ވެރިފަރާތުން ތަން ބޭނުން ވެއްޖެހިނދެއްގައިވެސް އާމިނަތު ވަޙީދާގެ ކިބައިން ތަން އަތުނުލެވޭނެކަމަށް އޮންނާތީ އާއި ހައިކޯޓުގެ ނަންބަރު 2001/HC-A/101 ޤަޟިއްޔާގައި އެގްރިމެންޓުގެ 07 ވަނަ މާއްދާއަށް ރިޢާޔަތް ކުރައްވާފައި ވަނީ އެގްރިމެންޓުގެ އޭރުގެ ޙާލަތަށް ރިޢާޔަތް ކުރެވިގެންކަން އެނގެން އޮންނާތީ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެޤަޟިއްޔާގެ ޙުކުމުގެ މަޤުޞަދަކީ އެގްރިމެންޓުގެ މުއްދަތުގެ ތެރޭގައި އާމިނަތު ވަޙީދާ އަތުން ތަން އަތުލާނަމަ، 07 ވަނަ މާއްދާއިން އެޙާލަތުގައި އާމިނަތު ވަޙީދާއަށް ލިބިދޭ ޙައްޤު ހިމާޔަތް ކުރުންކަމާއި ހައިކޯޓުގެ ނަންބަރު 2001/HC-A/101 ޤަޟިއްޔާގައި ނިންމަވާފައި ވަނީ އެގްރިމެންޓުގެ އޭރުގެ ޙާލަތުގެ މައްޗަށް ރިޢާޔަތް ކުރެވިގެން ކަމާއި އެހެންނަމަވެސް އެގްރިމެންޓުގެ މިހާރުގެ ޙާލަތަށް ބަލާއިރު، މުއްދަތެއް ނެތްގޮތަށް މަންފާއެއް ލިބިގަތުމަށް އެގްރިމެންޓުގެ 07 ވަނަ މާއްދާ ތަރުޖަމާ ނުކުރެވޭނެކަމާއި އެހެނީ އެގްރިމެންޓަކީ ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް ދެމިއޮންނަގޮތަށް ކުރެވިފައިވާ އެގްރިމެންޓެއްކަމާއި އެގްރިމެންޓުގެ 07 ވަނަ މާއްދާއަކީ އޭގެ މުއްދަތުގެ ތެރޭގައި ގޭގެ ވެރިފަރާތުން ތަން ބޭނުންވެއްޖެނަމަ، ކަންކުރާންވީގޮތް ބުނެދީފައިވާ މާއްދާއެއްކަމާއި އެއްވެސް ޙާލެއްގައި މުއްދަތެއްނެތި ދެމިގެންވާގޮތަށް މަންފާލިބިގަތުމަށް ހުޅުވައިދީފައި އޮތް މާއްދާއެއް ނޫންކަމާއި އެގްރިމެންޓުގެ މުއްދަތުގެ ނިޔަލަށް މއ.ގްރީންސްޓަފް ބޭނުން ކުރުމުގެ ފުރުޞަތު އާމިނަތު ވަޙީދާއަށް ލިބިގެންގޮސްފައިވާ ޙާލަތުގައި ޢިމާރާތް ކުރުމަށް އާމިނަތު ވަޙީދާ ކޮށްފައިވާ ޚަރަދު އަނބުރާ ލިބިގަތުމަކީ އެގްރިމެންޓުގައި ދެފަރާތް އެއްބަސްވިގޮތް ނޫންކަން އެގްރިމެންޓުގެ ފުރަތަމަ ޕެރަގުރާފުންވެސް އެނގެން އޮންނަކަމެވެ.
(ށ) ދެވަނަކަމަކީ އާމިނަތު ވަޙީދާ އާއި މަރިޔަމް މުޙައްމަދާ (ޒައިދު މުޙައްމަދަށް އެގޯތި ހިބަ ކުރުމުގެ ކުރީން އެގޯތީގެ މިލްކުވެރި ފަރާތް) ދެމެދު ކުރެވިފައިވާ އެގްރިމެންޓަށް ބަލާއިރު، އާމިނަތު ވަޙީދާގެ އަމިއްލަ ޚަރަދުގައި މއ. ގްރީންސްޓަފް ގައި ފަސްބުރި އިމާރާތެއްގެ ފައުންޑޭޝަނެއް އަޅައި ފަސްބުރި އިމާރާތެއް ކުރުމަކީ އާމިނަތު ވަޙީދާގެ މައްޗަށް އޮތް މަސްއޫލިއްޔަތެއްކަމާއި އެގޮތުން ކުރެވޭ އިމާރަތް 09 އަހަރާ 11 މަސްދުވަހަށް އާމިނަތު ވަޙީދާއަށް ކުއްޔަށް ދިނުމަކީ މަރިޔަމް މުހައްމަދާއެކު ވެފައިވާ އެއްބަސްވުމެއްކަން އެނގޭކަމާއި، އެއްބަސްވުމުގައި ވަކިގޮތަކަށް ބަޔާންކޮށްފައިހުރި ކަންތައްތައް ފިޔަވައި، ކުލީގެ އެއްބަސްވުންތަކުގެ ޙުކުމްތައް މިއެއްބަސްވުމުގެ މައްޗަށް ހިނގާނެކަމާއި، ކުއްޔަށްހިފި އިމާރާތް، އާމިނަތު ވަޙީދާއަށް ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތަކީ 09 އަހަރާ 11 މަސްދުވަސްކަން، އެގްރިމެންޓުގައި ބަޔާންކުރުމުގެ ބޭނުމަކީ މުއްދަތު ހަމަވުމަށްފަހު ކުއްޔަށް ދޫކުރެވުނު ތަން ވެރިފަރާތަށް އަނބުރާ ލިބޭނެކަމުގެ ޔަޤީންކަން ދިނުންކަމާއި، އެގްރިމެންޓުގެ މުއްދަތު ހަމަވުމުގެ ކުރީން އެއްވެސް ސަބަބަކާހުރެ ވެރިފަރާތަށް ތަން ބޭނުންވެއްޖެނަމަ، އެގްރިމެންޓުގައި ދައްކާފައި އޮތް މަގަކީ އާމިނަތު ވަޙީދާގެ އަމިއްލަ ޚަރަދުގައި އެހާތަނަށް ޢިމާރާތް ކުރުމަށް ކޮށްފައިވާ ޚަރަދު އެއްފަހަރާ ދިނުމަށްފަހު، ވެރިފަރާތަށް ތަން އަތުލެވޭގޮތަށް އޮތްއޮތުންކަމާއި އަމިއްލަ ޚަރަދުގައި އިމާރާތް ކުރާފަރާތަށްއޮތް މިޔަޤީންކަމަކީ އެހާތަނަށް ކޮށްފައިވާ ޚަރަދު އެއްފަހަރާ ދިނުމަށްފަހު މެނުވީ މުއްދަތު ހަމަވުމުގެ ކުރީން ކުއްޔަށް ދޫކުރިތަން އަތުނުލެވޭގޮތަށް އެގްރިމެންޓްގައި ޔަޤީން ކުރެވިފައި އޮތުންކަމާއި، ހަމައެފަދައިން ކުލީގެ އެގްރިމެންޓުގެ ޠަބީޢަތަކީ ކުލީގެ މުއްދަތުކަމަށް އެގްރިމެންޓްގައި ކަނޑައެޅުނު މުއްދަތު ހަމަވުމުން، ކުއްޔަށް ދޫކުރެވުނުތަން ވެރިފަރާތަށް އަނބުރާ ލިބުމުގެ ޔަޤީންކަން އޮތުންކަން އެނގެވެ.
(ނ) ތިންވަނަކަމަކީ ހައިކޯޓުގެ ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުގައި ބައެއް ޙަޤީޤަތް ސާބިތު ނުކުރައްވާ ހުރިކަމަށް ބުނެ އިލްތިމާސް ކޮށްފައިވާ ނުކުތާތަކަށް ބަލާއިރު، ހައިކޯޓުގެ ނަންބަރު 2007/HC-A/105 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ވާޞިލްވުމަށްޓަކައި ސާބިތުކުރެއްވި ޙަޤީޤަތްތަކުގެ މައްޗަށް ބައްލަވާފައިވާކަން ހައިކޯޓުގެ ފަނޑިޔާރުން ފާހަގަ ކުރައްވާފައިވާ ނުކުތާތަކަށް ބަލާއިރު އެނގޭކަމާއި ހައިކޯޓުގެ ޙުކުމް އެމައްޗަށް ތަރައްތުބުވި ޙަޤީޤަތްތައް ސާބިތު ކަންތައްތަކެއްގެ ގޮތުގައި ފާހަގަކުރައްވާފައި ވާކަން ފަނޑިޔާރުންގެ ނުކުތާތަކަށް ބަލާއިރު އެނގޭކަމާއި ހައިކޯޓުން ޙުކުމް ކުރެއްވިއިރު އެގްރިމެންޓުގެ ޙާލަތަށް ބަދަލު އައިސްފައި ވާތީ އެކަމުގެ މައްޗަށް ރިޢާޔަތް ކުރެއްވުމުގައި އައިސްފައިވާ އިޖުރާއަތެއްގެ ސަބަބުން ހައިކޯޓުގެ ޙުކުމަށް ބަދަލު އަތުވެދާނެފަދަ ސަބަބެއް އާމިނަތު ވަޙީދާގެ ފަރާތުން އިލްތިމާސްކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި ނެތްކަމާއި އަދި އެގްރިމެންޓުގެ ޙާލަތަށް ބަދަލު އައުމުގެ ކުރިން އެގްރިމެންޓުގެ މުއްދަތުގެ ތެރޭގައި އެގްރިމެންޓުގެ ދަށުން ކުރާންހުރި ކަންކަން ކުރުމުގައި ކުރިމަތިވި ހުރަސްތައްކަމަށް ބުނެ ފާހަގަ ކޮށްފައިވާ ނުކުތާތަކާއި އަދި އެގްރިމެންޓުގެ ދަށުން ކުރާން ހުރި ކަންކަން ނުކުރެވި ހުރުމުގެ ސަބަބުން ލިބެންއޮތް ފުރިހަމަ މަންފާއެއް ނުލިބޭކަމަށް ބުނެ އިލްތިމާސް ކޮށްފައިވާ ނުކުތާއަކީ އެކަންކަމުގެ ސަބަބުން ހައިކޯޓުން ކުރައްވާފައިވާ ޙުކުމަށް އަސަރު ކުރާފަދަ ނުކުތާތަކެއް ނޫންކަން އެނގެން އޮންނަކަމެވެ.
ޙުކުމް:
އިސްވެބަޔާން ކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، މއ.ގްރީންސްޓަފް (ކުރީގެ މއ.ފަތަނގުގެއާގެ) ގައި ފަސްބުރިއަށް އިމާރާތެއް އާމިނަތު ވަޙީދާގެ އަމިއްލަ ޚަރަދުގައި ކުރުމަށާއި އެއިމާރާތުގެ އެއްކޮޓަރިއާއި ފާޚާނަ ފިޔަވާ، އެއިމާރާތުގެ ދެންހުންނަ ބައި 09 އަހަރާއި 11 މަސްދުވަހަށް އާމިނަތު ވަޙީދާއަށް ކުއްޔަށް ދިނުމަށް 11 ޖެނުއަރީ 1999 ގައި އާމިނަތު ވަޙީދާ އާއި މަރިޔަމް މުޙައްމަދާ (ޒައިދު މުޙައްމަދަށް އެގޯތި ހިބަ ކުރުމުގެ ކުރީން އެގޯތީގެ މިލްކުވެރި ފަރާތާ) ދެމެދު ކުރެވިފައިވާ އެގްރިމެންޓާ އާމިނަތު ވަޙީދާ ޚިލާފުވި ކަމަށްބުނެ އެ އެއްބަސްވުން ބާޠިލްކޮށް ދިނުމަށް އެދި މިހާރު އެގޯތީގެ މިލްކުވެރިފަރާތް ޒައިދު މުޙައްމަދު ކޮށްފައިވާ ދަޢުވާއަށް މަދަނީ ކޯޓުން ކުރެއްވި ޙުކުމާއި، އެޙުކުމުގެ ދަށުން މަދަނީ ކޯޓުން ޤާއިމް ކުރެއްވި އުޞޫލުތައް، ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލް ކުރެއްވުމަށްފަހު، ބުނެވުނު އެގްރިމެންޓުގެ ދަށުން އާމިނަތު ވަޙީދާއަށް މއ.ގްރީންސްޓަފް ގޯއްޗާއި އެގޯތީގައިވާ އިމާރާތްތަކުން މަންފާ، އެގޯތީގެ މިހާރުގެ މިލްކުވެރިފަރާތުގެ ނުރުހުމުގައި އާމިނަތު ވަޙީދާއަށް ލިބިދޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އެކޯޓުގެ ނަންބަރު 2007/HC-A/105 ޤަޟިއްޔާގައި ކަނޑައަޅުއްވާފައި ވަނީ ބުނެވުނު އެގްރިމެންޓުގެ ދަށުން އާމިނަތު ވަޙީދާއަށް ލިބިދީފައިވާ ކުލީގެ މުއްދަތު 11 އަހަރާއި 09 މަސް ހަމަވެ، އެގްރިމެންޓު އޭގެ ޒާތުން ނިމުމަކަށް އައިސްފައިވާތީކަން އެގެން އޮންނާތީ އާއި އެގްރިމެންޓުގެ ޖައުހަރީ ކަމެއްގޮތުގައި ދެފަރާތުންވެސް އެއްބަސްވެފައިވާ ފަސްބުރި އިމާރާތުގެ ދެބުރި ފިޔަވާ އިތުރުބައެއް ހަދާފައި ނުވާކަން އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުން އެކޯޓުގެ ނަންބަރު 2007/HC-A/105 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ރަނގަޅުކަމަށް މިމައްސަލަ ބެލި މިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާ މައްސަލަ ނިންމީއެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.