ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2010/SC-A/05ސުޕްރީމް ކޯޓު · 9 މާރިޗު 2011

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 9 މާރިޗު 2011ބާވަތް: Appellate Matterއިސްތިއުނާފީ މައްސަލަ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2010/SC-A/05

ދަޢުވާކުރާ ފަރާތް: ޔޫސުފް ޢަބްދުﷲ

ދަޢުވާ ލިބޭ ފަރާތް: މުޙައްމަދު ޒާހިރު ( މާލެހިޔާ 2 ގެ 12-04)

މައްސަލައިގެ ބާވަތް: އެއްބަސްވުމާއި ޚިލާފުވެފައިވާތީ

މައްސަލަ އައިގޮތް: އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 01 ފެބްރުއަރީ 2010

ނިމުނު ތާރީޚް: 09 މާރޗް 2011

މައްސަލަ ނިންމި ގަޑި: 11:55

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2009/HC-A/209

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 20 ޖުލައި 2009

ނިމުނު ތާރީޚް: 20 ޑިސެމްބަރު 2009

މައްސަލައިގެ ޚުލާޞާ

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/209 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ، ބ.މާޅޮސް މިއަލަނި ޔޫސުފް ޢަބްދުﷲ އިލްތިމާސް ކުރުމުން ބަލާފައިވާ މައްސަލައެވެ.

ހައިކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަލާއިރު، ޔޫސުފް ޢަބްދުﷲ އިލްތިމާސްކުރި ނުކުތާތަކުގެ ތެރެއިން ސުޕްރީމްކޯޓުން ބަލާ ގޮތެއް ކަނޑައަޅަންޖެހޭ އެއްނުކުތާއަކީ ޔޫސުފް ޢަބްދުﷲ ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ 3329090 ނަންބަރު ފޯނުލައިންގެ މިލްކުވެރިކަން، ޕިކަޕް ސެންޓަރ (މާލޭޕިކަޕް ދިރުން) ޙިއްސާދާރުންގެ އެއްބަސްވުމުގެ 04 ވަނަ މާއްދާގައިވާގޮތަށް މާލޭ ޕިކަޕް ދިރުމުގެ މިލްކެއްގެގޮތުގައި ބަދަލުވުމާމެދު ގޮތެއްކަނޑައެޅުންކަމާއި އަނެއް ނުކުތާއަކީ މައްސަލާގައި ދަޢުވާ އުފުލިފައި އޮތީ އެއްބަސްވުމުގެ 04 ވަނަ މާއްދާއާ ގުޅިގެން ކަމަށްވެފައި އެމާއްދާގައި ބުނެފައިވާގޮތުން މާލޭޕިކަޕް ދިރުމުގައި ބޭނުންކުރުމަށް ލާފައިވާ ފޯނު ނަންބަރުތަކަކީ ވަކި ފަރުދެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްގެން ލާފައިވާ ފޯނު ނަންބަރުތަކެއް ކަމަށްވިއަސް އެނަންބަރުތަކަކީ ވަކި މީހެއްގެ އެއްޗެއް ނޫންކަމަށް އެމާއްދާގައި ބުނުމަށްފަހު، އެމީހަކު ޕިކަޕް ސެންޓަރުގެ މެނޭޖްމަންޓުން ވަކިވެގެންދާނަމަ، އެއީ މާލޭޕިކަޕް ދިރުމުގެ މިލްކެއްކަމަށް އެމާއްދާގައި ބުނެފައިވާތީ، ޤާނޫނަށާއި ކަމާބެހޭ އުޞޫލުތަކަށް ރިޢާޔަތްކޮށް މިދެނުކުތާގެ މައްޗަށް ގޮތެއް ކަނޑައެޅުމެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

ހައިކޯޓުގެ ނަންބަރު 2009/HC-A/209 ގެ ޤަޟިއްޔާގެ ރިޕޯޓަށާއި ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށާއި ޤާނޫނުތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކުގެ އިތުރަށް މުވާޞަލާތީ ޚިދުމަތް ފޯރުކޮށްދިނުމުގެ "ޢާއްމު ޝަރުޠުތަކާއި ކަނޑައެޅުންތަކުގެ" މައްޗަށް ރިޢާޔަތްކޮށް އިސްވެބަޔާންކުރެވުނު ކަންތައްތަކުގެ މައްޗަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.

(ހ) ފުރަތަމަ ކަމަކީ ޢާރިފް މުޙައްމަދާއި ޔޫސުފް ޢަބްދުﷲ އާއި މުޙައްމަދު ޒާހިރުއާ ތިންމީހުންގެ މެދުގައި 10 ޖޫން 2006 ގައި ވެފައިވާ އެއްބަސްވުމުގައި ހިމެނޭ މައިގަނޑު އުޞޫލުތަކުގެ ތެރެއިން ޕިކަޕް ސެންޓަރުގައި ބޭނުންކުރާ ފޯނު ނަންބަރުތަކާމެދު ޢަމަލުކުރުމަށް އެއްބަސްވުމުގެ 04 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލަށް ބަލާއިރު، މާލޭ ޕިކަޕް ދިރުމުގައި ބޭނުންކުރާ ފޯނު ނަންބަރުތަކަކީ ވަކިމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްގެން ބޭނުންކުރާ ނަންބަރު ތަކެއްކަމަށްވިއަސް، އެނަންބަރެއް ރަޖިސްޓްރީ ކޮށްފައިވާ މީހަކު ޕިކަޕް ސެންޓަރުގެ މެނޭޖްމަންޓާ ވަކިވެގެންދާހިނދު އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފޯނު ނަންބަރަކީ މާލޭޕިކަޕް ދިރުމުގެ މިލްކެއްކަމަށް އެމާއްދާގައި ބުނެފައިވާއިރު، ޕިކަޕް ސެންޓަރު ހިންގުމަށް ދޫކޮށްފައިވާ ހުއްދައިން އެނގެނީ މާލޭޕިކަޕް ދިރުމަކީ ޕިކަޕް ސެންޓަރެއް ހިންގުމަށް ވަކިމީހެއްގެ ނަމުގައި ހުއްދަ ދޫކޮށްފައިވާ ސެންޓަރެއްކަމާއި އެއްބަސްވުމުގެ އުޞޫލުތައް ބަޔާންކުރި ބައިގައި މާލޭޕިކަޕް ދިރުމުގެ ރަޖިސްޓްރީ ވެރިފަރާތަކީ އެއްބަސްވުމުގައި ބަޔާންވެފައިވާ ތިންމީހުންކުރެ އާރިފް މުޙައްމަދު ކަމަށާއި މާލޭޕިކަޕް ދިރުމުގެ ނަމުގައި ޓެކްސީ ސެންޓަރު ހިންގުމުގެ ހުއްދަ މިނިސްޓްރީ އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުގައި ރަޖިސްޓްރީ ކޮށްފައިވަނީވެސް އާރިފް މުޙައްމަދުގެ ނަމުގައިކަން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަކަމަކީ ޕިކަޕް ސެންޓަރުގެ މަސްއޫލުވެރިފަރާތަކީ މިނިސްޓްރީ އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓާއެކު ޕިކަޕް ސެންޓަރު ހިންގުމުގެ ޤަވާޢިދުގައި ސޮއިކޮށްފައިވާ ފަރާތްކަމާއި ޕިކަޕްސެންޓަރަށް ވަކި ނަމެއް ކިޔުމަށްފަހު، އެނަން ރަޖިސްޓްރީކުރުމަކީ ވަކި ނަމެއްގައި ސެންޓަރު ހިންގުމަށްޓަކައި ރަޖިސްޓްރީކުރެވުނު ނަމެއްކަމާއި "މާލޭޕިކަޕް ދިރުން" މިނަމުގައި ޕިކަޕް ސެންޓަރު ރަޖިސްޓްރީކޮށް، އެސެންޓަރު ހިންގުމުގެ ޤަވާޢިދުގައި ސޮއިކޮށްފައިވާ ފަރާތަކީ އާރިފް މުޙައްމަދު ކަމާއި މާލޭޕިކަޕް ދިރުމުގައި ބައިވެރިވާފަރާތްތަކުގެ ގޮތުގައި 10 ޖޫން 2006 ގައި ޢާރިފް މުހައްމަދާ ޔޫސުފް ޢަބްދުﷲ އާ މުޙައްމަދު ޒާހިރުއާ ތިންމީހުންގެ މެދުގައި ވެވުނު އެއްބަސްވުމުގެ ކުރިން 31 މެއި 2005 ގައި މާލޭޕިކަޕް ދިރުމުގެ ނަމުގައި ޕިކަޕް ސެންޓަރު ހިންގުމުގެ ހުއްދަ އާރިފް މުޙައްމަދަށް ދޫކޮށްފައިވާކަމާއި ރަޖިސްޓްރީއަށާއި ޕިކަޕް ސެންޓަރު ހިންގުމުގެ ޤަވާޢިދަށް ބަލާއިރު ޤާނޫނީ ކަންކަމުގައި މަސްއޫލިއްޔަތު އުފުލާނީ ރަޖިސްޓްރީ ވެރިފަރާތްކަމާއި ސެންޓަރަށް ކިޔާފައިވާ ނަމަކީ ޤާނޫނީ ޝަޚުޞްފަދަ ޝަޚުޞްތަކަށް ލިބިދޭ މިލްކުވެރިކަމުގައި އޮންނަ ޤާނޫނީ ބާރުވެރިކަން ލިބިގެންވާފަދަ ޤާނޫނީ ޝަޚުޞަކަށް ނުވާތީ، އެނަމުގެ ސަބަބުން ކޮން ސެންޓަރެއްކަން އެނގުންފިޔަވާ އިތުރު ޤާނޫނީ ބާރުވެރިކަމެއް އޮންނަ ނަމެއްނޫންކަން އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަކަމަކީ ވަކި ފަރުދެއްގެ ނަމުގައި ފޯނުލައިނެއް ރަޖިސްޓްރީ ކުރުމުގެ މަޤުޞަދަކީ އެފޯނުލައިނަކާ ގުޅިގެން ދިމާވާ ކަންކަމުގައި ޤާނޫނީގޮތުން އެމީހަކު މަސްއޫލިއްޔަތު އުފުލުންކަމުގައިވާއިރު އެއްބަސްވުމުގެ 04 ވަނަ މާއްދާގައި މާލޭ ޕިކަޕް ދިރުމުގައި ބޭނުންކުރުމަށް ލާފައިވާ ފޯނު ނަންބަރުތަކަކީ ވަކި ފަރުދެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްގެން ލާފައިވާ ފޯނުނަންބަރުތަކެއް ކަމަށްވިއަސް އެނަންބަރުތަކަކީ ވަކި މީހެއްގެ އެއްޗެއް ނޫންކަމަށް އެމާއްދާގައި ބުނެފައިވާ ބުނުން ރަގަޅު ނޫންކަމާއި ޕިކަޕް ސެންޓަރުގެ މެނޭޖްމަންޓުން އެމީހަކު ވަކިވާހިނދު އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފޯނުނަންބަރަކީ މާލޭޕިކަޕް ދިރުމުގެ މިލްކެއްކަމަށް ބުނާ ޤާނޫނީ މަފުހޫމަކީ ޕިކަޕް ސެންޓަރަށް މިލްކުވާ ފޯނުނަންބަރު ސެންޓަރުގެ ވެރިފަރާތަށް މިލްކުވެގެންދާނެ އެއްޗެއްގޮތުގައި ބެލެވުން ކަމާއި އެހެނީ މާލޭޕިކަޕް ދިރުމަކީ ޕިކަޕް ސެންޓަރަށް ކިޔާފައިވާ ނަމަކަށްވެފައި އެނަމުގެ އޯނަރޝިޕަކީ ޕިކަޕް ސެންޓަރުގެ ރަޖިސްޓްރީ ވެރިފަރާތަށް އޮންނަ އެއްޗަކަށްވާއިރު، ޔޫސުފް ޢަބްދުﷲ ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފޯނުލައިން (ނަންބަރު 3329090) ގެ މިލްކުވެރިކަން، ޕިކަޕް ސެންޓަރުގެ ރަޖިސްޓްރީ ވެރިފަރާތަށް މިލްކުވެގެންދިއުމަކީ ޕިކަޕް ސެންޓަރ (މާލޭޕިކަޕް ދިރުން) ޙިއްސާދާރުންގެ އެއްބަސްވުމުގެ އިސްވެ އިޝާރާތްކުރެވުނު 04 ވަނަ މާއްދާގެ މަޤުޞަދު ނޫންކަން އެނގެން އޮންނަކަމެވެ.

(ރ) ހަތަރުވަނަކަމަކީ ޕިކަޕް ސެންޓަރުގައި ބޭނުންކުރުމަށް ލާފައިވާ ފޯނު ނަންބަރުތަކުގެ ތެރެއިން ޔޫސުފް ޢަބްދުﷲ ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފޯނުލައިން (ނަންބަރު 3329090) ގެ މިލްކުވެރިކަން މާލޭޕިކަޕް ދިރުމުގެ މިލްކެއްގެ ގޮތުގައި އެއްބަސްވުމުގެ 04 ވަނަ މާއްދާގެ ސަބަބުން ޤާނޫނީ ހަމަތަކުގެމަތިން ބަދަލުވެގެން ދާނެތޯ ބަލާއިރު، އެއްބަސްވުމުގެ 04 ވަނަ މާއްދާއަކީ ޢާއްމު ބޭނުންތަކުގެ ޚިދުމަތްތަކުގެ ތެރެއިން ފޯރުކޮށްދެވޭ ޓެލެފޯނު ޚިދުމަތުގެ މައްޗަށް އެއްބަސްވެފައި އޮތް މާއްދާއެއްކަމާއި ޤާނޫނު ނަންބަރު 96/4 (ޢާއްމު ބޭނުންތަކުގެ ޚިދުމަތާބެހޭ ޤާނޫނު) ގެ 05 ވަނަ މާއްދާގައި ވަނީ އެއްވެސް ފަރާތަކަށް ލިބިފައިވާ ޢާއްމު ބޭނުންތަކުގެ ޚިދުމަތެއް ނުވަތަ ޚިދުމަތުން ބައެއް ވިއަސް އެހެންފަރާތެއް ޒިންމާވާގޮތަށް ދޭންވާނީ ޢާއްމު ބޭނުންތަކުގެ ޚިދުމަތް ދޭފަރާތުން ހުއްދަ ހޯދުމަށްފަހުގައި ކަމަށް ވީހިނދު، ޔޫސުފް ޢަބްދުﷲ ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފޯނުލައިން ނަންބަރު އެހެންފަރާތަކަށް ދޫކޮށްލެވޭނީ ނުވަތަ ދެވޭނީ މިމާއްދާގައި ވާގޮތުގެ މަތީން ފޯނުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ހުށަހެޅުމަށްފަހު، ޚިދުމަތްފޯރުކޮށްދޭ ފަރާތުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތް ވާގޮތުގެމަތިން ޚިދުމަތަށް އެދޭ ދެވަނަފަރާތަށް އެޚިދުމަތެއް ހަމަޖެއްސުމުން ކަމާއި ޢާއްމު ބޭނުންތަކުގެ ޚިދުމަތްތަކަކީ އެޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ ކުރިމަތީގައި އެޚިދުމަތްތަކާއި ގުޅިފައިވާ ކަންކަމުގައި އެޚިދުމަތެއްގެ ރަޖިސްޓްރީވެރިފަރާތް ޒިންމާވާންޖެހޭ ގޮތަށް ފޯރުކޮށްދެވޭ ޚިދުމަތްތަކަކަށް ވާތީ، ޢާއްމު ބޭނުންތަކުގެ ޚިދުމަތްތަކާއި ގުޅިފައިވާ ކަންކަމަކީ ރަޖިސްޓްރީގެ ވެރިފަރާތަށް ލިބިގެންވާ ފުރިހަމަ މިލްކުވެރިކަން އޮންނަ ބާވަތުގެ ކަންކަން ނޫންކަމާއި ޢާއްމު ބޭނުންތަކުގެ ޚިދުމަތާބެހޭ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގައި ވަނީ ޢާއްމު ބޭނުންތަކުގެ ޚިދުމަތް ލިބިގަންނަ ފަރާތަކަށް ލިބިފައިވާ ޚިދުމަތަކަށް ނުވަތަ އެޚިދުމަތުން ބަޔަކަށްވިއަސް އެހެންފަރާތެއް ޒިންމާ ކުރެވޭނީ ޚިދުމަތް ދޭފަރާތުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށް ބުނެފައިވާއިރު، ފޯނު ނަންބަރުގެ ވެރިފަރާތަކީ ޔޫސުފް ޢަބްދުﷲ ކަމަށްވެފައި އަދި ފޯނުލައިން ރަޖިސްޓްރީ ކޮށްފައިވަނީވެސް ޔޫސުފް ޢަބްދުﷲ ގެ ނަމުގައި ކަމަށްވާތީ، ޕިކަޕް ސެންޓަރުގެ މެނޭޖްމަންޓާ ޔޫސުފް ޢަބްދުﷲ ވަކިވާހިނދު ޔޫސުފް ޢަބްދުﷲ ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފޯނު ނަންބަރަކީ މާލޭޕިކަޕް ދިރުމުގެ މިލްކެއްކަމަށް އެއްބަސްވުމުގެ 04 ވަނަ މާއްދާގައި ބުނެފައި އޮތްކަމުގައި ވިއަސް ޤާނޫނަކުން ކުރުން ލާޒިމްކޮށްފައިވާ ކަމެއް ކުރުމަށްފަހު މެނުވީ އެ އެއްބަސްވުމަށް ޢަމަލުކުރެވެން ނެތްގޮތަށް ވެވޭ އެއްބަސްވުމަކީ އެމައްޗަށް ޢަމަލުކުރުން ޤާނޫނީގޮތުން ލާޒިމްކުރެވޭނެ އެއްބަސްވުމަކަށް ނުވާނެތީ، އެފަދަ އެއްބަސްވުމަކީ ޤާނޫނީގޮތުން ދެފަރާތް ބަނދެވިފައިވާ އެއްބަސްވުމަކަށް ނުވާކަން އެނގެން އޮންނަކަމެވެ.

(ބ) ފަސްވަނަކަމަކީ ޕިކަޕް ސެންޓަރުގެ މެނޭޖްމެންޓާ ބެހޭގޮތުން ވެފައިވާ އެއްބަސްވުމަކީ ސެންޓަރުގެ މިލްކުވެރިކަމުގެ މައްޗަށް އޮތް އެބަސްވުމަކަށް ނުވެފައި އެއްބަސްވުމުގެ ބައިވެރިންކުރެ މީހަކު ސެންޓަރުގެ މެނޭޖްމަންޓާ ވަކިވެގެން ދާހިނދު އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފޯނު ނަންބަރަކީ ސެންޓަރުގެ މިލްކެއްކަމަށް އޮތް މާއްދާ (އެއްބަސްވުމުގެ 04 ވަނަ މާއްދާ) އަށް ޢަމަލު ކުރުމުގައި އިސްވެ ބަޔާންކުރެވުނު ޤާނޫނު ނަންބަރު 96/4 (ޢާއްމު ބޭނުންތަކުގެ ޚިދުމަތާބެހޭ ޤާނޫނު) ގެ މާއްދާއަށް ބަލާއިރު، މާލޭޕިކަޕް ދިރުމުގެ ނަމުން ރަޖިސްޓްރީކޮށްފައިވާ ޕިކަޕް ސެންޓަރަކީ ވަކި މީހެއްގެ ނަމުގައި ވިޔަފާރީގެ އުޞޫލުން ޕިކަޕްގެ ޙިދުމަތް ދިނުމަށް ރަޖިސްޓްރީކުރެވުނު ސެންޓަރެއްކަމާއި އެސެންޓަރުގައި ބޭނުންކުރެވުނު ފޯނު ނަންބަރުތަކުގެ ތެރެއިން ސެންޓަރުގެ ވެރިފަރާތްފިޔަވާއި އެހެންފަރާތްތަކުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ފޯނުނަންބަރުތައް، އެނަންބަރުތަކުގެ ރަޖިސްޓްރީ ވެރިފަރާތް ސެންޓަރުގެ މެނޭޖްމަންޓުން ވަކިވެގެންދާ ހިނދު، އެފަދަ ފޯނު ނަންބަރުތައް އޮޓަމެޓިކުން ސެންޓަރަށް މިލްކުވާގޮތަށް ވެވޭއެއްބަސްވުމަކީ ފޯނުގެ ޚިދުމަތް ދިނުމުގައި ޢަމަލުކުރާ އުޞޫލުތަކާއި ޚިލާފަށް ވެވޭއެއްބަސްވުމެއްކަމާއި ފޯނުގެ ޚިދުމަތަކީ ދިވެހިރާއްޖޭގައި ފޯރުކޮށްދެވޭ މުވާޞަލާތީ ޚިތުމަތްތަކުގެ ތެރެއިން ކަމާބެހޭފަރާތްތަކުން ކަނޑައަޅާ އުޞޫލުތަކެއްގެ މަތީން ދެވޭ ޚިދުމަތެއްކަމާއި ވަކި މީހަކަށް ރަޖިސްޓްރީ ކޮށްދީފައިވާ ފޯނުލައިނެއް އެހެންފަރާތެއްގެ ނަމަށް ބަދަލުކުރެވޭނީ ފޯނުލައިންގެ ރަޖިސްޓްރީވެރިފަރާތާއި ފޯނުލައިން ބަދަލުކުރާން އެދޭފަރާތުން ލިޔުމަކުންއެދި ހުށަހެޅުމުން އެޚިދުމަތަށް ދައްކަންޖެހޭ އުޖޫރަ ދެއްކުމަށްފަހު ކަމަށްވާއިރު، ހަމައެކަނި ވެވޭއެއްބަސްވުމެއްގެ ދަށުން ފޯނުނަންބަރުގެ މިލްކުވެރިކަން ބަދަލުވެގެންދާގޮތަށް އޮތުމަކީ މުވާޞަލާތީ ޚިދުމަތް ފޯރުކޮށްދޭފަރާތުން މުވާޞަލާތީ ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރާ "ޝަރުޠުތަކާއި ޢާއްމު އުޞޫލުތަކާއި" ޚިލާފުކަމެއްކަމާއި ވަކިފަރާތެއްގެ ނަމުގައި ފޯނުނަންބަރެއް ރަޖިސްޓްރީކޮށް އެނަންބަރަށް ފޯރުކޮށްދޭ މުވާޞަލާތީ ޚިދުމަތަކީ ވަކި ޝަރުޠުތަކަކާއި އުޞޫލުތަކެއްގެ މަތީން ފޯރުކޮށްދެވޭ ޚިދުމަތަކަށް ވާތީ، އެޚިދުމަތް ފޯރުކޮށްދޭ މުއައްސަސާއިން ކަނޑައަޅާ ހަމަތަކާއި އުޞޫލުތަކާއި އެއްގޮތްނުވާގޮތަށް ވެވޭ އެއްބަސްވުމަކުން ޢާއްމު ބޭނުންތަކުގެ ޚިދުމަތެއްގެ މިލްކުވެރިކަން ބަދަލުވެގެން ނުދާނެކަމާއި އެހެނީ އެފަދަ މުވާޞަލާތީ ޚިދުމަތް ފޯރުކޮށްދެނީ އެޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ "ޝަރުޠުތަކާ އަދި ޢާއްމު ޢުޞޫލުތަކާ" އެއްގޮތްވާގޮތުގެ މަތީންކަން އެނގެން އޮންނަކަމެވެ.

ޙުކުމް:

ދެންފަހެ، އިސްވެބަޔާންކުރެވުނު އެންމެހާ ކަންތައްތަކަށް ރިޢާޔަތްކޮށް، އއ.ތޮއްޑޫ އަޅިވިލާގެ ޢާރިފް މުޙައްމަދު އާއި ބ.މާޅޮސް މިއަލަނިގެ ޔޫސުފް ޢަބްދުﷲ އާއި ގދ.ތިނަދޫ އޯކިޑުވިލާ މުޙައްމަދު ޒާހިރު އާއި ތިންމީހުންގެ މެދުގައި 10 ޖޫން 2006 ގައި ވެވުނު އެއްބަސްވުމުގެ 04 ވަނަ މާއްދާގައި ވާގޮތަށް، ޔޫސުފް ޢަބްދުﷲ ގެ ނަމުގައި ރަޖިސްޓްރީ ކޮށްދީފައިވާ ނަންބަރު 3329090 ގެ ފޯނުލައިންގެ މިލްކުވެރިކަން، މާލޭ ޕިކަޕް ދިރުމަށް ބަދަލުކުރަން ޔޫސުފް ޢަބްދުﷲ އަށް އަންގާނެ ޤާނޫނީ ހަމައެއް ނެތްކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/209 ގެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކަމަށް ކަނޑައަޅައި މިމައްސަލަ ނިންމީއެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ަ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ