—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2010/SC-A/11
ދަޢުވާކުރާ ފަރާތް: ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑް،
ދަޢުވާލިބޭ ފަރާތް: މަޢުރޫފް ޒާކިރު
މައްސަލައިގެ ބާވަތް: ނިންމުން ބާޠިލްކުރުން
މައްސަލަ އައިގޮތް: އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 23 މާރޗް 2010
ނިމުނު ތާރީޚް: 25 މެއި 2011
މައްސަލަ ނިންމި ގަޑި: 15:40
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2009/HC-A/313
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 20 އޮކްޓޯބަރ 2009
ނިމުނު ތާރީޚް: 09 ޑިސެމްބަރު 2009
މައްސަލައިގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނަންބަރު 2009/VTR/21 މައްސަލަ، އެ ޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުމަށް އެދި ރީތިރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ އިސްތިއުނާފީ ދަޢުވާއެއްގެ ގޮތުގައި މައުޟޫޢީ ގޮތުން ބެލިދާނެތޯ ކަނޑައެޅުމަށްޓަކައި، އެ ކޯޓުގެ ޤަޟިއްޔާ ނަންބަރު 313/HC-A/2009 އިން، އިޖްރާއީ ގޮތުން ބެލުމަށްފަހު ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްނޫންކަމަށް ބުނެ، ރީތިރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސް ކުރެވުނު، ސުޕްރީމްކޯޓުގެ ނަންބަރު 11/A-SC/2010 ޤަޟިއްޔާއާ ގުޅިގެން ބެލިފައިވާ މައްސަލައެކެވެ. މިމައްސަލާގައި ދަޢުވާ ރައްދުވާ ފަރާތަކީ ބ.ކެންދޫ، ދާއިރާ، މަޢުރޫފް ޒާކިރެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މިމައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށާއި، ޤާނޫނުތަކަށާއި، ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުން ސުޕްރީމްކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހައިކޯޓުގެ ނަންބަރު 313/HC-A/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި، ތަފާތު ޤާނޫނީ ނިޒާމުތަކުގައި އިސްތިއުނާފުގެ ޙައްޤު އިންތިޒާމުކުރާ ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ކޯޓަކުން މައްސަލައެއް މައުޟޫޢީގޮތުން ބެލުމުގެ ކުރިން އެމައްސަލައަކީ އިޖްރާއީގޮތުން ބެލިދާނެ މައްސަލައެއްތޯ ބެލުމަކީ މަދަނީ އިޖްރާއާތުގެ ޢާންމު ޤާނޫނީ އުޞޫލަކަށް ވީހިނދު، ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 313/HC-A/2009 ޤަޟިއްޔާ އަކީ އެކޯޓަށް އިޖްރާއީގޮތުން ބެލިދާނެ މައްސަލައެއްތޯ ބެލުމަށް ބޭއްވުނު އަޑުއެހުމަށްފަހު ނިންމާފައިވާ ހައިކޯޓުގެ ޙުކުމުގައި ".......ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2009/VTR/21 މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ރީތިރަށް ރިޒޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވަނީ އެފަދަ މައްސަލައެއް އިސްތިއުނާފު ކުރުމަށް ޤާނޫނު ނަންބަރު 2008/2 ގައި ކަނޑައެޅިފައިވާ މުއްދަތު ފަހަނަޅާ ދިޔަފަހުން ކަމަށްވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 313/HC-A/2009 ޤަޟިއްޔާ އިސްތިއުނާފީ ދަޢުވާއެއްގެ ގޮތުގައި މައުޟޫޢީގޮތުން ބެލެވޭނެ ތަނެއް ނެތްކަމަށް ޙުކުމްކޮށްފީމެވެ". މިހެން ބަޔާންވެގެން ވާއިރު، އިޝާރާތްކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2009/VTR/21 މައްސަލަ، އެ ޓްރައިބިއުނަލުން ނިންމާފައިވަނީ 22 ޖުލައި 2009 ގައި ކަމާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި ރީތިރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ 19 އޮކްޓޯބަރު 2009 ގައިކަން އެނގެން އޮވެއެވެ.
ކޮންމެ މީހަކަށްމެ އެމީހެއްގެ ޙައްޤުތަކާއި މަޞްލަޙަތު ޙިމާޔަތްކުރުމަށްޓަކައި ޤާނޫނުން ލިބިދީފައިވާ ޢަދްލުވެރިކަމާއި އިންޞާފުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަމާއްދާގެ އިތުރުން ތަހްޒީބުވެފައިވާ އެންމެހައި ދައުލަތްތަކުގެ ދުސްތޫރުތަކާއި، ކަމާބެހޭ ބައިނަލްއަޤްވާމީ މުޢާޙަދާތަކުގައި ކަށަވަރުކޮށްދީފައިވާ ދުސްތޫރީ އަދި އަސާސީ ޙައްޤެއްކަމާއި، އެ ޙައްޤަށް ވާޞިލުވެވޭނީ ކަމާބެހޭ ކޯޓަކުން ކުރާ ފައިޞިލާކުރުވަނިވި ޙުކުމަކުން ކަމާއި، އެފަދަ ޙުކުމަކާ ހަމަޔަށް ވާޞިލުވުމަށްޓަކާ ޝަރްޢީ ނިޒާމުގެތެރޭގައި ޚަޞްމުންނަށާއި ދަޢުވާގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވާ އިންޞާފުވެރި އިޖްރާއީ ޙައްޤު ތަކެއް ވާކަމާ، އަދި އެ ޙައްޤުތަކުގެތެރެއިން ދަށު މަރްޙަލާގެ ކޯޓުގެ ނިންމުން ކަމާބެހޭ އިސްތިއުނާފީ ކޯޓެއްގައި އިސްތިއުނާފުކުރެވުމުގެ ޙައްޤަކީ ދުނިޔޭގެ އެންމެހައި ޤާނޫނީ ނިޒާމުތަކުން ޤަބޫލުކުރާ ޢާންމު ޤާނޫނީ މަބްދައެއްކަން އެނގެން އޮންނަހިނދު، އެމަބްދައު ކަށަވަރުކުރަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި "ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ"، މިހެން ބުނެފައިވެއެވެ.
ކޮންމެ ޙައްޤެއްވެސް އިންތިޒާމުވެފައިވާންވާނީ ޤާނޫނުން ކަނޑައަޅާ ޙުދޫދެއްގެ ތެރޭގައި ކަމަށްވީހިނދު، ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ޙުކުމްތަކާއި އަމުރުތައް އިސްތިއުނާފުކުރުމުގެ ޙައްޤަކީވެސް ދުނިޔޭގެ އެންމެހައި ޖުރިސްޑިކްޝަންތަކުގައި މައުޟޫޢީގޮތުންނާއި، އިޚްތިޞާޞްގެގޮތުންނާ އަދި ވަޤުތުގެގޮތުން ޤައިދުކުރެވިފައިވާ ޙައްޤެއްކަމާއި، މިގޮތުން ވަޤުތުގެގޮތުން އެ ޙައްޤު ބޭނުންކުރެވޭނީ ދަށު މަރްޙަލާގެ ޙުކުމް އިއްވާ ދުވަހުން ފެށިގެން ވަކި މުއްދަތެއް ފާއިތުވުމުގެ ކުރިންކަމާއި، ވަޤުތުގެގޮތުން އިސްތިއުނާފުކުރުމުގެ ޙައްޤު ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޤައިދުކުރެވޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައެޅިގެންވާ ޙުދޫދުގެތެރޭގައިކަން އެނގެން އޮވެއެވެ.
މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތު ކަނޑައެޅުމުގައި ތަފާތު ދައުލަތްތަކުގެ ޤާނޫނުހަދާ ބާރުތަކުން ރިޢާޔަތްކުރަނީ ޙަޤީޤަތުގައި، ދެކަމެއްގެ މެދުގައި ވަޒަންކުރުން ކަމާއި؛ އެގޮތުން ފުރަތަމަކަމަކީ ލަސްވުމެއްނެތި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ކޯޓުތަކުގައި ބެލެވޭ ޚޫޞޫމަތްތައް ނިމި މީސްތަކުންގެ ޙައްޤުތަކަށް ޘާބިތުކަމާއި އިސްތިޤުރާރުކަން ލިބުމުގެ ޟަރޫރަތްތެރިކަން ކަމާ، އަދި ދެވަނަކަމަކީ ޚަޞްމުންނަށް ފުރަތަމަ މަރުޙަލާގެ ކޯޓުގައި ހުށަހެޅުމުގެ ފާއިތުވެފައި އޮވެދާނެ ދިފާޢީ ޙުއްޖަތްތައް ހުށަހެޅުމަށާއި، މައްސަލައިގެ ވަޤާއިޢުތައް (Facts) ތައް ތަކްޔީފު ކުރުމުގައްޔާއި، ޤާނޫނު މާނަކުރުމުގައްޔާއި، ޤާނޫނު ތަޠްބީޤުކުރުމުގައި ހެދިފައި އޮވެދާނެ ކުށްތައް އިޞްލާޙުކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ފުރަތަމަ މަރުޙަލާގެ ކޯޓުގެ ނިންމުން އިސްތިއުނާފީ ކޯޓެއްގެ ކުރިމަތީގައި ޗެލެންޖްކޮށް އަލުން ބެލުމުގެ ފުރުޞަތު ޚަޞްމުންނަށް ހުޅުވާލުމުގެ ޟަރޫރަތްތެރިކަން ކަމާއި، މިދެކަމުގެ މެދުގައި ވަޒަންކޮށް ތަފާތު ދައުލަތްތަކުގެ އިޖްރާއާތުގެ ޤާނޫނުތަކުގައި އިސްތިއުނާފަށް ހުށަހެޅުމުގެ މުއްދަތު ކަނޑައެޅިފައިވަނީ ނިސްބަތުން ކުރުކޮށް ކަމާ، އަދި ޤާނޫނަކުން ވަކި ޤާނޫނީ ޙާލަތެއް ޤާއިމުކުރުމުގެ ގޮތުން އެހެންގޮތަކަށް ކަނޑަނާޅާ އެންމެހައި ޙާލަތްތަކުގައި އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތަކީ އިޖްރާއާތުގެ ޤާނޫނުތަކުގައި އިސްތިއުނާފަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ ޢާންމު މުއްދަތުކަމާއި، އެ ޢާނމު މުއްދަތު ތަފާތު ދައުލަތްތަކުގެ އިޖްރާއާތުގެ ޤާނޫނުގައި އެއްގޮތް ނޫންކަމާއި، ތަފާތު ދައުލަތްތަކުގެ ޤާނޫނުތަކުގައި އާދައިގެ މައުޟޫޢީ ޙުކުމްތައް އިސްތިއުނާފުކުރުމަށް ދެވޭ މުއްދަތަށްވުރެ، ވަޤުތީ އަމުރުތަކާއި ޙުކުމްތައް އިސްތިއުނާފުކުރުމަށް ދެވޭ މުއްދަތު ކުރުކަމާ އަދި ބައެއް ޤާނޫނީ ނިޒާމްތަކުގައި ޢާންމު ފަރްދުންނަށް އިސްތިއުނާފަށް ހުށަހެޅުމަށް ދެވޭ މުއްދަތަށްވުރެ ދައުލަތަށް އިސްތިއުނާފަށް ހުށަހެޅުމަށް ދެވޭ މުއްދަތު ދިގުކަން ފާހަގަކުރެވެއެވެ.
ޤާނޫނު ނަންބަރު 2010/22 ( ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު) ވުޖޫދަށް އައުމުގެ ކުރިން އިސްތިއުނާފު ކުރުމުގެ މުއްދަތާ ގުޅިގެން ޢާންމުކޮށް ޢަމަލުކުރުން ލާޒިމުވެގެންވަނީ ޤާނޫނު ނަންބަރު 2008/6 (ޢާންމު ޤަވާޢިދުތަކާބެހޭ ޤާނޫނު) ގެ ދަށުން ޤާނޫނީ ބާރު ލިބިފައިވާ 7 ސެޕްޓެމްބަރު 2008 ގައި ފާސްކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 9 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ކަމާއި، އެމާއްދާގައި ކަނޑައެޅިގެންވަނީ މާލޭގައި ޤާއިމުވެފައިވާ ދަށު ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާފައިވާ ނިންމުމެއްނަމަ، އެ ނިންމުމެއް ނިންމިތާ 90 ދުވަހުގެ ތެރޭގައި ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅަންވާނެކަމަށާ، އަދި އެ ނިންމުން ނިންމާފައިވަނީ އަތޮޅުތަކުގައި ހުރި ކޯޓަކުންނަމަ އެ ނިންމުމެއް ނިންމިތާ 180 ދުވަހުގެ ތެރޭގައި ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅަންވާނެ ކަމަށްކަން އެނގެން އޮވެއެވެ.
އިސްތިއުނާފުކުރުމުގެ ޙައްޤުލިބިގެންވާ ފަރާތުން އިސްތިއުނާފަށް ހުށަހެޅުމުގައި، ބުނެވިދިޔަ ހައިކޯޓުގެ ޤަވާޢިދުގެ 9 ވަނަ މާއްދާގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅުމަކީ، މިކަމުގައި ޢަމަލުކުރަންޖެހޭ ޢާންމު ޤާޢިދާ ކަމުގައި ވީނަމަވެސް، ޤާނޫނަކުން ވަކި ޚާއްޞަ ޤާނޫނީ ޙާލަތެއް ޤާއިމުކުރުމުގެ ގޮތުން އިސްތިއުނާފަށް ހުށަހެޅުމަށް ޚާއްޞަ ވަކި މުއްދަތެއް ކަނޑައަޅައިފިނަމަ ޢަމަލުކުރަންޖެހޭނީ އެ ޚާއްޞަ މުއްދަތާއި އެއްގޮތަށްކަމާއި، މިގޮތުން ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 85 ވަނަ މާއްދާ (ށ) ގައި ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން މައްސަލައެއް ނިންމާތާ 60 ދުވަހުގެ ތެރޭގައި ޓްރައިބިއުނަލުގެ ނިންމުން އިސްތިއުނާފު ކުރުމަށްޓަކައި ހައިކޯޓަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވާ ކަމަށް ބުނެފައި އޮތުމުން، ވަޒީފާއާބެހޭ ޚުޞޫމަތްތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން އިސްތިއުނާފުކުރުމަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައަޅާފައިވަނީ ވަކި ޚާއްޞަ މުއްދަތެއްކަމާ، އަދި އެއީ 60 ދުވަސްކަމާއި، ޤާނޫނުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅަންޖެހޭ މުއްދަތު ކުރުކޮށް ކަނޑއަޅާފައި ވުމުގެ ޙަޤީޤީ މަޤްޞަދަކީ ވަޒީފާއާބެހޭ ޢަޤްދެއްގެ ދަށުން އުފެދޭ ޚުޞޫމަތްތައް ފައިޞަލާކުރުވަނި ޙުކުމަކުން އަވަހަށް ނިމި، އެ އަޤްދުގައި ހިމެނޭ ފަރާތްތަކުގެ ޙައްޤުތައް އިސްތިޤްރާރުވުންކަމަށް ވީހިނދު، ވަޒީފާއާބެހޭ ޤާނޫނުގައި ވަކި ޚާއްޞަ ޠަބީޢަތެއްގެ މައްސަލަތަކެއް އިސްތިއުނާފަށް ހުށަހެޅުމަށް ކަނޑައެޅިފައި އޮންނަ މުއްދަތު އިސްތިއުނާފުގެ ޢާންމު މުއްދަތަށްވުރެ ކުރުކޮށް ކަނޑައެޅިފައި އޮތުމަކީ އޭގެޒާތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ޙުދޫދުގެ ތެރޭއަށް ފެތޭ، އަދި ތަހްޒީބުވެފައިވާ ޑިމޮކްރެޓިކް މުޖްތަމަޢުތަކުގައި ޢަމަލުކުރާ އުޞޫލުތަކާ އެއްގޮތަށް އޮތް އޮތުމެއްކަން އެނގެއެވެ.
ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް ޢަމަލުކުރަންފަށާނީ، އެ ޤާނޫނުގެ 90 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން، ރައީސުލްޖުމްހޫރިއްޔާ އެ ޤާނޫނު ތަޞްދީޤުކުރާ ދުވަހުން ފެށިގެން 45 ދުވަސް ހަމަވާ ތާރީޚުގައި ކަމަށްވީހިނދު، ބުނެވިދިޔަ ވަޒީފާއާބެހޭ ޤާނޫނުގެ 85 ވަނަ މާއްދާ (ށ) ގައ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލައެއް ނިންމާތާ 60 ދުވަހުގެ ތެރޭގައި ޓްރައިބިއުނަލުގެ ނިންމުން އިސްތިއުނާފު ކުރުމަށްޓަކައި ހައިކޯޓަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވާ ކަމަށް ބުނެފައި އޮތް އޮތުމަކީ، އިސްވެ ބަޔާންވެގެންދިޔަ 45 ދުވަސް ފާއިތުވުމަށްފަހު، އޭގެޒާތުގައި ޤާނޫނީބާރު ލިބިގެންވާ، އެހެން އެއްވެސް ފަރާތެއްގެ ހުއްދައެއް ނުވަތަ އިޢުލާނަކާ ނުލައި، އެއަށް ޢަމަލުކުރުން ލާޒިމްވެގެންވާ ކަމެއްކަން އެނގެއެވެ.
އިސްވެ ބަޔާންވެގެންދިޔަ ހައިކޯޓުގެ 2008 ގެ ޤަވާޢިދުގެ 9 ވަނަ މާއްދާގައި ބަޔާންވެގެންވާ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުގެ މުއްދަތާބެހޭ ޢާންމު އުޞޫލުތައް ބުނެވިދިޔަ ޤާނޫނު ނަންބަރު 2010/22 ( ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު) ގެ 42 ވަނަ މާއްދާގައި އެކަށައެޅީ ބަޔާންކުރެވުމާއި ވިދިގެން، ވަކި ޚާއްޞަ ޤާނޫނީ ޙާލަތެއް އިންތިޒާމުކުރާ ޤާނޫނަކުން އެހެން ގޮތަކަށް ކަނޑަ ނާޅާހާހިނދަކު، ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުގެ ޢާންމު މުއްދަތަކީ ޤާނޫނު ނަންބަރު 2010/22 ގެ 42 ވަނަ މާއްދާގައި ބަޔާންވެގެންވާ މުއްދަތުކަމާއި، އެއީ އިސްތިއުނާފަށް ހުށަހަޅާ މައްސަލައަކީ މާލޭގެ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާފައިވާ މައްސަލައެއްނަމަ އެ މައްސަލައެއް ނިމުނު ދުވަހުން ފެށިގެން 90 ދުވަސް ކަމާ، އަދި އެއީ މާލެފިޔަވައި އެހެން ރަށެއްގައި ޤާއިމުވެފައިވާ ދަށު ކޯޓަކުން ނިންމާފައިވާ މައްސަލައެއްނަމަ އެ މައްސަލައެއް ނިމުނު ދުވަހުން ފެށިގެން 180 ދުވަސްކަން އެނގެއެވެ.
އިސްތިއުނާފުކުރުމުގެ ޙައްޤަކީ ޤާނޫނީ އަދި ޝަހްޞީ ޙައްޤެއްކަމަށް ވީހިނދު، އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު ޝަޚްޞީގޮތުން ލިބިގެންވާ ފަރާތަށް ނުވަތަ ފަރާތްތަކަށް ޤާނޫނުގައި އެޙައްޤު ބޭނުންކުރުމަށް ކަނޑައެޅިފައިވާ ޝަރްޠުތަކާއި އިޖްރާއާތުތައް ފަހަނަޅައި ނުދެވޭނެކަމާއި، އެހެންކަމުން ޤާނޫނުގައި އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ފަހަނަޅައި ދިއުމުން އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު ގެއްލޭނެކަމާއި، އެ މުއްދަތު ފަހަނަޅައިދާފަހުން އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް އިޖުރާއީގޮތުން ބަލައިނުގަތުމަކީ ޚަޞްމެއްގެ ހުށަހެޅުމަކާނުލައިވެސް އިސްތިއުނާފީ ކޯޓުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމާއި، އިސްތިއުނާފަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ހުށަނޭޅުމުގެ ޤާނޫނީ އަސަރަކީ ނުވަތަ ނަތީޖާއަކީ ފުރަތަމަ މަރުޙަލާގެ އިބްތިދާއީ ޙުކުމަށް ފައިޞަލާކުރުވަނިވި ބާރު ލިބި، އެ ޙުކުމް ނިހާއި ޙުކުމަކަށް ވެގެންދިއުންކަން ތަފާތު ޖުރިސްޑިކްޝަންތަކުގެ މަދަނީ އިޖްރާއާތުގެ ތަޠްބީޤުތަކުން އެނގެއެވެ.
އިސްތިއުނާފަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ހުށަނޭޅުނު ސަބަބަކީ، އަމިއްލަ ބާރު ނުފޯރާފަދަ ޙާދިޘާއެއް ނުވަތަ ހީނުކުރެވޭފަދަ ކުއްލި ޙާދިޘާއެއް (cas fortut/ force majeure) ނުވަތަ އެ ނޫންވެސް މަޤްބޫލު ޢުޒުރެއް މެދުވެރިވުމުގެ ސަބަބުން، އިސްތިއުނާފުކުރުމަށް ޤާނޫނުގައި ކަނަޑައެޅިފައިވާ މުއްދަތުގެތެރޭގައި ހުށަހެޅުމަކީ މުސްތަޙީލު ކަމެއްކަމުގައި ވާނަމަ ނުވަތަ އާދަޔާ ޚިލާފު އަދި ފޫނުބެއްދޭވަރުގެ ބުރަޔާއި ގެއްލުން ތަޙައްމުލު ކުރަންޖެހޭފަދަ ކަމެއްކަމުގައި ވާނަމަ، އިސްތިއުނާފަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ފާއިތުވާފަހުންވެސް އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުޞަތު ދިނުމަކީ ތަފާތު ޤާނޫނީ ނިޒާމުތަކުގެ އިޖުރާއާތުގެ ޤާނޫނުތަކުގައި ބަޔާންވެގެންވާ އުޞޫލެއްކަން އެނގެން އޮންނައިރު، އިސްވެ އިޝާރާތްކުރެވުނު ހައިކޯޓުގެ 2008 ގެ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ނ) ގަޔާއި، ޤާނޫނު ނަންބަރު 2010/22 ( ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ރ) ގައިވެސް އެ އުޞޫލު ވަނީ ޤާއިމުވެފައިކަން އެނގެއެވެ.
ޤާނޫނުގައި އިސްތިއުނާފަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ފެށެނީ -ޢާންމު އުޞޫލެއްގެ ގޮތުގައި- ފުރަތަމަ މަރްޙަލާގެ ކޯޓުން ޙުކުމްކުރާ ތާރީޚުން ފެށިގެންކަމާއި، ބައެއް ޖުރިސްޑިކްޝަންތަކުގައި ޣައިރު ޙާޟިރުގައި ޙުކުމްކުރެވުންފަދަ އިސްތިޘްނާއީ ޙާލަތްތަކުގައި އެ މުއްދަތު ފެށެނީ ޚަޞްމަށް ޙުކުމް އިޢުލާނުކުރެވޭ ދުވަހުން ފެށިގެންކަމާއި، އިސްތިއުނާފުކުރުމަށް ކަނޑައެޅިފައި އޮންނަ މުއްދަތުގެ ތެރޭގައި ދިމާވާ ސަރުކާރު ބަންދު ދުވަސްތައް އިސްތިއުނާފުކުރުމަށް އޮންނަ މުއްދަތުގެ ތެރޭގައި ނުގުނާކަން އެނގެން އޮންނައިރު، ޤާނޫނު ނަންބަރު 2010/22 ( ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ށ) ގައި ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅާ މައްސަލަތައް ހުށަހަޅަންޖެހޭ މުއްދަތު ގުނާނީ ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާދުވަހާ އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭގޮތައްކަން ފާހަގަކުރެވިފައި ވެއެވެ.
ދަށު ކޯޓުން މައްސަލަ ނިންމުމަށްފަހު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ނުލިބި ލަސްވާ މުއްދަތަކީ އޭގެޒާތުގައި އިސްތިއުނާފުގެ މުއްދަތުން އުނިވާންޖެހޭ މުއްދަތެއް ނޫންކަމާއި، އެހެނީ ތަފާތު ޤާނޫނީ ނިޒާމުތަކުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ އިޖްރާއާތު ކަނޑައެޅިފައިވަނީ އިސްތިއުނާފު ކުރުމުގެ ޙައްޤަށް ހުރަސް ނޭޅޭފަދަ ގޮތަކަށް ކަމާއި، މިގޮތުން އިސްތިއުނާފަށް ހުށަހަޅާ ފޯމުގައި ފުރިހަމަކުރަންޖެހޭ މަޢުލޫމާތުތައް ފުރިހަމަކުރުމުން އިސްތިއުނާފީ ދަޢުވާ ރަޖިސްޓްރީ ކުރެވެންޖެހޭނެކަމާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަކީ އިސްތިއުނާފީ ދަޢުވާ ރަޖިސްޓްރީ ކުރާފަހުންވެސް ހުށަހެޅިދާނެ އެއްޗެއްކަމާއި، ބައެއް ޖުރިސްޑިކްޝަންތަކުގައި އެ ރިޕޯޓު ހިމެނޭ މައްސަލައިގެ ފައިލަކީ ސީދާ ދަށު ކޯޓުން އިސްތިއުނާފީ ކޯޓަށް، އިސްތިއުނާފުކުރުމަށް ހުށަހަޅާތާ ވަކި މުއްދަތެއްގެ ތެރޭގައި ފޮނުވަންޖެހޭ އެއްޗެއްކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢާޢްމު ސިޓީ ނަންބަރު 4/2010 ގެ 1 ވަނަ މާއްދާގެ (ހ) ގައި " ކޮންމެ ކޯޓަކުންވެސް އެ ކޯޓަކުން ނިންމާ މައްސަލައިގެ ފާހަނގަކުރެވިފައިވާ ނުކުތާތަކާއި، އެ މައްސަލައެއްގައި ކޮށްފައިވާ ޙުކުމް ހިމެނޭ ޚުލާޞާ ރިޕޯޓެއް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް މައްސަލައިގައި ޙުކުމް ކުރާ ދުވަހު ދޫކުރަންވާނެއެވެ" މިހެން ބުނުމަށްފަހު ހަމަ އެ މާއްދާގެ (ށ) ގައި " މި މާއްދާގެ (ހ) ގައި ބުނެފައިވާ ޚުލާޞާ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެ މައްސަލައެއް ދިވެހިރާއެްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅައިފިނަމަ ނުވަތަ ދިވެހިރާއެްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް ހުށަހަޅައިފިނަމަ އެ މައްސަލައެއް ހުށަހެޅުނު މަތީ މަރުޙަލާގެ ކޯޓަކުން އެ ރިޕޯޓާއެކު އެ މައްސަލައެއް ބަލައިގަންނަންވާނެއެވެ". މިހެން ކަނޑައަޅައި ޤާއިމުކޮށްފައިވާ އުޞޫލަކީ ޚަޞްމުންނަށް ލިބިފައިވާ އިސްތިއުނާފު ކުރުމުގެ އަސާސީ ޙައްޤަށް ހުރަސް ނޭޅޭނެހެން ޤާއިމުކޮށްފައިވާ އުޞޫލެއްކަން ފާހަގަ ކުރެވެއެވެ.
އިސްތިއުނާފުކުރުމަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި، ފުރަތަމަ މަރުޙަލާގެ ކޯޓުގެ ޙުކުމް އިސްތިއުނާފުކުރުމަށް ހުށަނޭޅުމުގެ ޤާނޫނީ ނަތީޖާއަކީ -އުޞޫލެއްގެ ގޮތުން- އެ ޙުކުމަށް ފައިޞަލާކުރުވަނިވި ބާރުލިބުން ކަމުގައިވީނަމަވެސް، ފުރަތަމަ މަރުޙަލާގެ ކޯޓުގެ ޙުކުމް ބިނާވެގެންވަނީ ވަރަށް ސާފު ގޮތެއްގައި ޢަދްލު އިންޞާފަށް ހުރަސް އެޅޭގޮތަކަށް ކަމުގައިވާނަމަ، އިސްތިއުނާފަށް ހުށަހެޅުމުގެ މުއްދަތު ފެށުން ބައެއް ޖުރިސްޑިކްޝަންތަކުގެ އިޖްރާއީ ޤާނޫނުތަކުގައި ފަސްކުރެވިފައިވާކަމާއި، މިގޮތުން ފުރަތަމަ މަރުޙަލާގެ ކޯޓުގެ ޙުކުމް ބިނާވެގެންވަނީ ޚަޞްމަކު ހެދި މަކަރކާއި ޙީލަތެއްގެ މައްޗަށް ނަމަ، ނުވަތަ ހުށަހެޅި ދޮގު ލިއުމެއް ނުވަތަ މުސްތަނަދެއްގެ މައްޗަށް ނަމަ، ނުވަތަ ދޮގު ހެއްކެއްގެ މައްޗަށް ނަމަ، ނުވަތަ ކަނޑައެޅިގެން ދަޢުވާ ޘާބިތު ކުރަނިވި ލިއުމެއް ހިފެހެއްޓުމުގެ ސަބަބުން ކަމަށްވާނަމަ، އިސްތިއުނާފަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ބައެއް ޤާނޫނީ ނިޒާމުތަކުގައި ފެށެނީ، އިޝާރާތްކުރެވުނު މަކަރާއި ޙީލަތް ފާޅުވި ދުވަހުން ފެށިގެން، ނުވަތަ ހުށަހެޅުނު ލިއުމަކީ ދޮގު ލިއުމެއްކަން ޘާބިތުވި ދުވަހުން ފެށިގެން، ނުވަތަ ދޮގު ހެކިވެރިޔާގެ މައްޗަށް ޙުކުމް ކުރެވުނު ދުވަހުން ފެށިގެން، ނުވަތަ ހިފެހެއްޓުމުގެ ސަބަބުން ހުށަނޭޅުނު ދަޢުވާ ޘާބިތުކުރަނިވި ލިއުން ފާޅުވި ދުވަހުން ފެށިގެން ކަމުގައި އޮންނަ އޮތުމުގެ ޙަޤީޤީ މަޤުޞަދަކީ، ކަނޑައެޅިގެން ސާފުގޮތެއްގައި ޚަޞްމުންގެ ޙައްޤު ގެއްލޭނެފަދަ ޖައުހަރީ ސަބަބުތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ ފުރަތަމަ މަރުޙަލާގެ ޙުކުމަކަށް، އިސްތިއުނާފުކުރުމުގެ ފުރުޞަތު ލިބުމުކާނުލާ ފައިޞަލާކުރުވަނިވި ބާރު ލިބިގެން ނުދިއުންކަން އެނގެން އޮންނަ އިރު، ޚަޞްމެއްގެ ޙައްޤު ގެއްލޭނެފަދަ ޖައުހަރީ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގައި ދަށު ކޯޓުތަކުން ކުރާ ޙުކުމްތައް، އިސްތިއުނާފަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ފަހަނަޅައިދާ ފަހުންވެސް، ބެލުމުގެ ބާރު ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުގެ ސުޕަރވައިޒަރީ ޖުރިސްޑިކްޝަންގެ ދަށުގައި އޮތުމަކީ ޢަދްލު އިންޞާފުގެ މަބްދައުތައް ޤާއިމުކުރުމަށް ޟަރޫރަތްތެރި ކަމެެއްކަމުގައި ފާހަގަކުރެވެއެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ޝަރުޢީ އަދި ޤާނޫނީ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ރީތިރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2009/VTR/21 މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމައްސަލަ ނިމުނުތާ 87 ދުވަސް ފާއިތު ވިފަހުންކަން ރަނަގަޅަށް އެނގެން އޮންނާތީ އާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމަށް ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 85 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅިފައިވާ 60 ދުވަހުގެ މުއްދަތުގެ ތެރޭގައި އިސްވެދިޔަ މައްސަލަ ހައިކޯޓަށް ހުށަނޭޅުނުކަމަށް ރީތިރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވާ ޢުޒުރުތަކަކީ، ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަނޭޅޭފަދަ، އަދި ޤާނޫނީގޮތުން މަޤްބޫލު ޢުޒުރުތަކަކަށް ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 313/HC-A/2009 ޤަޟިއްޔާ އިޖުރާއީގޮތުން ބެލުމަށްފަހު، އެ ޤަޟިއްޔާ އިސްތިއުނާފީ ދަޢުވާއެއްގެ ގޮތުގައި މައުޟޫޢީގޮތުން ބެލެވޭނެ ތަނެއް ނެތްކަމަށް އެ ކޯޓުން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާގޮތުގެމަތިން ކޮށްފައިވާ ޙުކުމެއް ކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނުހިނދު، ހައިކޯޓުގެ ނަންބަރު 313/HC-A/2009 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މި މައްސަލަ ނިންމީއެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ަ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.