ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2010/SC-A/16

ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް

ސުޕްރީމް ކޯޓުހައިކޯޓުގެ 2009/HC-A/195 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކުރި: ޙިއްޞާ…
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 20 އޭޕްރީލް 2011ދަށު ކޯޓު: ހައިކޯޓު 2009/HC-A/195ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2009/HC-A/195، 2009/MC/1135
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
އަޙްމަދު ޖަނާޙް މަދަނީ ކޯޓުގައި ކުރި ދަޢުވާ (2009/MC/1135) ގައި، 30,000 ޔޫ.އެސް ޑޮލަރު ޙަސަން ޢަލީމަނިކު ދައްކަން ކަނޑައެޅިއެވެ. ހައިކޯޓުން 2009/HC-A/195 ގައި އެ ޙުކުމަށް ތާއީދުކުރުމުން، ޙަސަން ޢަލީމަނިކު ސުޕްރީމް ކޯޓަށް އިލްތިމާސްކުރިއެވެ.
ވާޤިޢާ
ކުންފުންޏެއްގައި އަޙްމަދު ޖަނާޙަށް އޮތް %33 ޙިއްޞާ 700,000 ޔޫ.އެސް ޑޮލަރަށް ޙަސަން ޢަލީމަނިކަށް ވިއްކަން 2007 ގައި ދެފަރާތް އެއްބަސްވެ، އެއްބަސްވުން ކޯޓުގައި ރަޖިސްޓަރީކުރިއެވެ. 200,000 ޑޮލަރުގެ އިންސްޓޯލްމަންޓަށް ދިން ޗެކުން ފައިސާ ލިބުނީ މުއްދަތަށްވުރެ އެއް މަސް ފަހުންނެވެ. އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ލަސްވާ ކޮންމެ މަހަކަށް %15 އިތުރަށް ދައްކަން އެއްބަސްވެފައިވިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޙިއްޞާ ވިއްކުމަށް ކުރި އެއްބަސްވުމެއްގައި އިންސްޓޯލްމަންޓް ދެއްކުން ލަސްވެއްޖެނަމަ ދައްކަން އެއްބަސްވި ޖުރުމަނާ، ވިއްކި ޙިއްޞާގެ އަގު ކުންފުންޏަށް ދައްކާފައި ނެތުމުގެ ސަބަބުން ނުވަތަ ފަރުދުން ޖުރުމަނާ ނެގުމުގެ ޙައްޤު ޤާނޫނުން ލިބިދީފައި ނުވުމުގެ ސަބަބުން ބާޠިލުވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޙަސަން ޢަލީމަނިކު ބުނީ، ޙިއްޞާގެ އަގު ކުންފުންޏަށް ދައްކާފައި ނެތުމުން ޖުރުމަނާއަކީ ވުޖޫދުނުވާ ޙިއްޞާއެއްގެ މައްޗަށް އޮތް ދަރަންޏެއް ކަމަށާއި، ފަރުދުން ޖުރުމަނާ ނެގުމުގެ ޙައްޤު ޤާނޫނުން ލިބިދީފައި ނުވާއިރު އެއް ފަރުދަކަށް އަނެއް ފަރުދަކު ޖުރުމަނާ ނުކުރެވޭނެ ކަމަށެވެ. އަޙްމަދު ޖަނާޙް ދަޢުވާކުރީ އެ ފައިސާއަކީ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ޙައްޤެއްގެ ގޮތުގައެވެ.
ކޯޓުގެ ސަބަބުތައް
ކޮންޓްރެކްޓުގެ މިނިވަންކަމުގެ ދަށުން ރުހުމުގައި ކުރާ އެއްބަސްވުން ތަންފީޛުކުރުން ލާޒިމުކަމާއި، ޙިއްޞާގެ އަގު ކުންފުންޏަށް ދައްކާފައި އޮތަސް ނެތަސް ޙިއްޞާ ވިއްކިދާނެކަމާއި، ނުދައްކާ އޮތް ބައެއް ވާނަމަ މެންބަރު އެކަމަށް ޒިންމާވާނީ ކުންފުންޏަށްކަން ކޯޓުން ފާހަގަކުރިއެވެ. ވިޔަފާރި މުޢާމަލާތެއްގައި ފައިސާ ނުދެއްކިގެން ނަގާ ޖުރުމަނާއަކީ އިންޓްރަސްޓް ނޫން، ޞައްޙަ މުޢާމަލާތެއް ކަމުން، އެއްބަސްވުމުގެ 10 ވަނަ މާއްދާގެ ޖުރުމަނާއިން ޙަސަން ޢަލީމަނިކު ބަރީޢަނުވާކަމަށް ނިންމިއެވެ.

ނިންމުން

ހައިކޯޓުގެ 2009/HC-A/195 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކުރި: ޙިއްޞާ…

ހައިކޯޓުގެ 2009/HC-A/195 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކުރި: ޙިއްޞާ ވިއްކުމުގެ އެއްބަސްވުމުގެ 10 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ 30,000 ޔޫ.އެސް ޑޮލަރު ޙަސަން ޢަލީމަނިކު އަޙްމަދު ޖަނާޙަށް ދައްކަން މަދަނީ ކޯޓުގެ 2009/MC/1135 ގައި ކަނޑައެޅި ޙުކުމް ދެމިއޮތް.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކޮންޓްރެކްޓަކީ ދެމީހެއްގެ ދެމެދުގައި ނުވަތަ ދެމީހަކަށްވުރެ ގިނަބައެއްގެ މެދުގައި އެއްބަސްވެވޭ އެއްބަސްވުމެކެވެ. އެފަދަ އެއްބަސްވުމެއް މައުޟޫޢީގޮތުން އެކުލަވާލުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު، މަބްދައު ސުލްޠާނުލް އިރާދާ (ފްރީޑަމް އޮފް ކޮންޓްރެކްޓް) ގެ ދަށުން ކޮންޓްރެކްޓުގެ ބައިވެރިންނަށް ލިބިގެންވެއެވެ. އަދި އެފަދަ ކޮންމެ އެއްބަސްވުމަކީ ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނުން ބާރުދޭ އެއްބަސްވުމަކަށް ވާންޖެހޭނެއެވެ.

HN2 ކޮންޓްރެކްޓެއްގައި އެއްބަސްވާމީހުން ރުހި ޤަބޫލުވާންޖެހެނީ އެއްވެސް މަޖްބޫރު ކަމެއްނެތި އަމިއްލަ އިޚްތިޔާރުގައެވެ. މިގޮތުގެމަތިން އެކުލަވާލެވޭ ކޮންމެ ކޮންޓްރެކްޓެއް ތަންފީޒުކުރުމަކީ އެ ކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމްވެގެންވާ ކަމެކެވެ.

HN3 ކުންފުނީގެ ދަރަންޏަށް މެންބަރުން ޒިންމާވާންޖެހޭ މިންވަރު ކަނޑައަޅައި އުފައްދާ ކުންފުންޏެއްގެ މެންބަރުން ކުންފުންޏެއްގެ ދަރަންޏަށް ހުރިހާ ޙާލަތެއްގައިވެސް ޒިންމާވާނީ، އެ މެންބަރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެފައިވާ ޙިއްޞާގެ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންޏަށް ނުދީ އޮތް ކަމުގައިވާނަމައެވެ. ކުންފުނީގެ ރައުސުމާލަށް އެއްބަސްވެފައިވާ ޢަދަދަށް ފައިސާ ދެއްކުމުން، މެންބަރެއްގެ އަތުން އިތުރު ފައިސާއެއް ކުންފުންޏަށް އަދި / ނުވަތަ ކުންފުނީގެ ކްރެޑިޓަރުންނަށް އަތުނުލެވޭނެއެވެ.

HN4 ކުންފުނީގެ ކޮންމެ މެންބަރެއްގެ ޙިއްޞާއަކީ އުފުލޭ މުދަލެކެވެ. ކުންފުނީގެ ރައުސުމާލަށް ކޮންޓްރިބިއުޓް ކުރަން އެއްބަސްވުމުގެ ސަބަބުން އެމީހަކަށް ލިބިދޭ ޙިއްޞާގެ އަގު ކުންފުންޏަށް ދައްކާ ޚަލާސްކޮށްފައި އޮތަސް އަދި ޚަލާސްކޮށްފައި ނެތަސް އެ ޙިއްޞާއެއް އެހެން މީހަކަށް ދީ ނުވަތަ ވިއްކިދާނެއެވެ.

HN5 ކުންފުނީގެ ހިންގާ ޤަވާޢިދުގައިވާ ގޮތެއްގެ މަތިން އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައާ އެކު ޙިއްޞާއެއް ދީ ނުވަތަ ވިއްކުމުގެ ނަތީޖާއަކީ، އެ ޙިއްޞާ ދިނުމުގެ ނުވަތަ ވިއްކުމުގެ ސަބަބުން އެ ޙިއްޞާ ލިބުނު ފަރާތް ކުންފުނީގެ މެމްބަރަކަށް ވުމެވެ.

HN6 އިންސްޓޯލްމަންޓަށް ފައިސާ ދައްކަންޖެހޭ މުއްދަތުގައި އެ ފައިސާ ނުދެއްކުމުން ނަގާ ޖުރުމަނާއަކީ ދޭދޭ ފަރުދުންގެ މެދުގައި ކޮށްފައިވާ ދަރަނީގެ މުޢާމަލާތަކާ ގުޅިގެން ނެގޭ އިންޓްރަސްޓް ކަމުގައި ނުބެލެވޭނެއެވެ. ވިޔަފާރީގެ މުޢާމަލާތްތަކުގައި ދައްކަންޖެހޭ ފައިސާ ނުދެއްކިގެން ނުވަތަ އަދާކުރަންޖެހޭ އަގު އަދާނުކުރެވިގެން ނެގޭ ޖުރުމަނާގެ މުޢާމަލާތްތަކަކީ، ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު ޞައްޙަ މުޢާމަލާތްތަކެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
އަޙްމަދު ފާއިޒު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ޢަރީފް، އަޙްމަދު މުޢުތަޞިމް ޢަދުނާން
ރިޔާސަތު
އަޙްމަދު ފާއިޒު ޙުސައިން
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2010/SC-A/16

ދަޢުވާކުރާ ފަރާތް: ޙަސަން ޢަލީމަނިކު ހ. ކާމިނީޕޫލްގެ / މާލެ (ހ. ކިނޮޅަސް / މާލެ)

ދަޢުވާ ލިބޭ ފަރާތް: އަޙްމަދު ޖަނާޙް ހ. ވަލުމައިޒާންދޮށުގެ / މާލެ ( ހ. ޝޯނަރީ / މާލެ)

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2009/HC-A/195

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

މައްސަލައިގެ ޚުލާޞާ

[1]މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/195 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާ މެދު ހިތްހަމަ ނުޖެހިގެން އެ ޤަޟިއްޔާ އިލްތިމާސްކުރުމަށް އެދި ހ. ކާމިނީޕޫލްގޭ ޙަސަން ޢަލީމަނިކު (ހ. ކިނޮޅަސް، މާލެ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ.

[2]މި މައްސަލަ ފުރަތަމަ ހުށަހެޅުނު، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1135 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓްގެ ދަޢުވާގެ ޚުލާޞާގައި ވަނީ: "މިއީ އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި ހުރި ހ. ވަލުމައިޒާންދޮށުގޭ އަޙްމަދު ޖަނާޙުގެ %33 (ތެއްތިރީސް އިންސައްތަ) ޙިއްޞާ 700,000.00 $US (ހަތް ލައްކަ) ޔޫ.އެސް ޑޮލަރަށް ވިއްކާލުމަށް، ހ. ކާމިނީޕޫލްގޭ ޙަސަން ޢަލީ މަނިކަށް ހުށަހެޅި ހިނދު، އަޙްމަދު ޖަނާޙުގެ %33 (ތެއްތިރީސް އިންސައްތަ) ޙިއްޞާ އެއަގަށް ގަންނަން ޙަސަން ޢަލީ މަނިކު އެއްބަސްވެ، 08 ފެބްރުއަރީ 2007 ދުވަހު އަޙްމަދު ޖަނާޙާއި ޙަސަން ޢަލީ މަނިކާ ދެމެދު އެއްބަސްވުމެއް އެކުލަވާލައި، އޭގައި ސޮއިކޮށް ކޯޓުގައި ރަޖިސްޓަރީ ކުރުމަށްފަހު، އެ އެއްބަސްވުމުގެ ދަށުން އަޙްމަދު ޖަނާޙަށް ޙަސަން ޢަލީ މަނިކު ދައްކަންޖެހުނު ފައިސާގެ ތެރެއިން، US$ 200,000.00 (ދެލައްކަ) ޔޫ.އެސް ޑޮލަރު ދެއްކުމަށްޓަކައި 08 ސެޕްޓެމްބަރ 2007 ގައި ފައިސާ ނެގޭގޮތަށް ޙަސަން ޢަލީ މަނިކު، އަޙްމަދު ޖަނާޙަށް ދީފައިވާ ޗެކް، އެކައުންޓްގައި ފައިސާނެތުމުގެ ސަބަބުން، ޗެކުގައިވާ މުއްދަތުގައި އެ ފައިސާ ނުލިބި އެފައިސާ ލިބުނީ ޗެކްގައިވާ މުއްދަތުގެ ފަހުން 18 އޮކްޓޯބަރ 2007 ގައި ކަމަށް ވާތީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 10 ވަނަ މާއްދާގައިވާގޮތުގެ މަތިން ޗެކުގައިވާ މުއްދަތުގައި ފައިސާ ނުލިބިއްޖެނަމަ ލަސްވާ ކޮންމެ މަހަކަށް ޗެކުގައިވާ ޢަދަދުގެ %15 (ފަނަރަ އިންސައްތަ) އިތުރަށް ދައްކަންޖެހޭކަމަށް އެއްބަސްވެފައިވާ އިރު، ޗެކުގައިވާ ފައިސާ ދެއްކިއިރު ލަސްވެފައިވާ 01 (އެކެއް) މަހަށް ދައްކަންޖެހޭ %15 (ފަނަރަ އިންސައްތަ) ކަމުގައިވާ US$ 30,000.00 (ތިރީސް ހާސް) ޔޫ.އެސް ޑޮލަރު ދެއްކުމަށް ޙަސަން ޢަލީ މަނިކު އިންކާރުކުރާތީ، އެފައިސާއަކީ އެއްބަސްވުމުގެ 10 ވަނަ މާއްދާގެ ދަށުން އަޙްމަދު ޖަނާޙަށް ލިބެންޖެހޭ ޙައްޤެއްކަމުގައި ދެކިގެން، އެފައިސާ ޙަސަން ޢަލީ މަނިކުގެ އަތުން އެއްފަހަރާ ހޯދުމަށް އެދި، އަޙްމަދު ޖަނާޙް ދަޢުވާކުރުމުން ބަލައިދެވުނު މައްސަލައެކެވެ." މިހެންނެވެ.

[3]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 195/HC-A/2009 ޤަޟިއްޔާ ނިންމަވާފައިވާ ގޮތަށްބަލާއިރު، އެ ކޯޓުގެ ނަންބަރު 195/HC-A/2009 ޤަޟިއްޔާގެ ޙުކުމްގައިވަނީ: "އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ބަލާއިރު، ހ. ވަލުމައިޒާންދޮށުގެ އަޙްމަދު ޖަނާޙަށް ހ. ކާމިނީޕޫލްގޭ ޙަސަން ޢަލީ މަނިކު ދައްކަންޖެހޭކަމަށް މަދަނީ ކޯޓުގެ ނަންބަރު 2009/MC/1135 ގެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ US$ 30,000.00 (ތިރީސްހާސް) ޔޫ.އެސް ޑޮލަރު އަޙްމަދު ޖަނާޙަށް ލިބިދިނުމަށްޓަކައި 07 ޖޫން 2009 ދުވަހުން ފެށިގެން 01 މަސްދުވަހުގެ ތެރޭގައި މަދަނީ ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ޙަސަން ޢަލީ މަނިކަށް އަންގަވައި، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެނެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއްވިޔަސް އޮތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންނަށް ނުފެނުނުހިނދު، އެ ޤަޟިއްޔާގައި ކުރައްވާފައިވާ މިޙުކުމާ ބެހޭބަޔަށް ތާއީދުކޮށް މިމައްސަލަ ނިންމީއެވެ." މިހެންނެވެ.

[4]ފާހަގަ ކުރެވުނު ނުކުތާތައް.

[5]މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުން ހުށަހެޅި ލިޔެކިއުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1135 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 195/HC-A/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ މައްޗަށާއި، ކުންފުންޏާބެހޭ ޢާންމު މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައިބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.

(ހ) ފުރަތަމަ ކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 195/HC-A/2009 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް، ޙަސަން ޢަލީ މަނިކު އިލްތިމާސް ކޮށްފައިވާ ސަބަބުތަކަށް ބަލާއިރު، އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް ޢަހްމަދު ޖަނާޙުގެ %33 (ތެއްތިރީސް އިންސައްތަ) ޙިއްސާގެ މިންވަރު ކުންފުންޏަށް ދައްކާފައި ނެތުމުން، އަޙްމަދު ޖަނާޙަށް ޙަސަން ޢަލީ މަނިކު ދައްކަންޖެހޭ ޖުރުމަނާ އަކީ ވުޖޫދުނުވާ ޙިއްޞާއެއްގެ މައްޗަށް އޮތް ފައިސާގެ ދަރަންޏެއް ކަމަށާއި އެ އަސްލަކީ ޝަރީޢަތުން އެ އަސްލެއްގެ މައްޗަށް ބައްލަވަންޖެހޭނެ އަސްލެއް ކަމަށާއި މިނުކުތާ ޝަރީއަތުން ސާފުނުކޮށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއާއި، ފަރުދުންކުރާ ޖުރުމަނާ ނަގައިދިނުމުގެ ޙައްޤު ޤާނޫނުން ލިބިދީފައި ނުވާއިރު، އެއްފަރުދަކަށް އަނެއް ފަރުދަކު ޖުރުމަނާކޮށް، ޢުޤޫބާތެއް ނުދެވޭނެކަމަށް ބުނެ ޙަސަން ޢަލީ މަނިކު އިލްތިމާސް ކޮށްފައިވާ ދެނުކުތާ ހިމެނޭކަމާއި، މިދެނުކުތާ ފިޔަވައި، މި މައްސަލާގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ނުކުތާއެއް ޙަސަން ޢަލީ މަނިކު އިލްތިމާސް ކޮށްފައި ނުވާކަން ފާހަގަ ކުރަމެވެ.

(ށ) ދެވަނަ ކަމަކީ ކޮންޓްރެކްޓަކީ ދެމީހެއްގެ ދެމެދުގައި ނުވަތަ ދެމީހަކަށްވުރެ ގިނަބައެއްގެ މެދުގައި އެއްބަސްވެވޭ އެއްބަސްވުމެއްކަމާއި އެފަދަ އެއްބަސްވުމެއް މައުޟޫޢީގޮތުން އެކުލަވާލުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު "މަބްދައު ސުލްޠާނުލް އިރާދާ (ފްރީޑަމް އޮފް ކޮންޓްރެކްޓް) ގެ ދަށުން ކޮންޓްރެކްޓުގެ ބައިވެރިންނަށް ލިބިގެންވާކަމާއި އެފަދަ ކޮންމެ އެއްބަސްވުމަކީ ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނުން ބާރުދޭ އެއްބަސްވުމަކަށް ވާންޖެހޭކަމާއި ކޮންޓްރެކްޓެއްގައި އެއްބަސްވާމީހުން ރުހި ޤަބޫލުވާންޖެހެނީ އެއްވެސް މަޖްބޫރު ކަމެއްނެތި އަމިއްލަ އިޚްތިޔާރުގައިކަމާއި މިގޮތުގެމަތިން އެކުލަވާލެވޭ ކޮންމެ ކޮންޓްރެކްޓެއް ތަންފީޒު ކުރުމަކީ އެ ކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމްވެގެންވާ ކަމެއްކަން އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަ ކަމަކީ ކުންފުނީގެ ދަރަންޏަށް މެންބަރުން ޒިންމާވާންޖެހޭ މިންވަރު ކަނޑައަޅައި އުފައްދާ ކުންފުންޏެއްގެ މެންބަރަކަށްވުން ބިނާވެފައި އޮންނަނީ ކުންފުނީގެ ރައުސްމާލަށް މެންބަރަކު ދައްކަން އެއްބަސްވާ މިންވަރުގެ މައްޗަށްކަމާއި މިފަދަ ކޮންމެ އެއްބަސްވުމަކީ ކުންފުންޏާއި ކުންފުނީގެ މެންބަރުންގެ މެދުގައި ވެވޭ އެއްބަސްވުމެއްކަމާއި މިފަދަ އެއްބަސްވުމެއްގެ ދަށުން ކުންފުނީގެ ރައުސުމާލަށް، އެއްބަސްވެފައިވާ ޢަދަދަށް ފައިސާ ދެއްކުމުން، މެންބަރެއްގެ އަތުން އިތުރު ފައިސާއެއް ކުންފުންޏަށް އަދި / ނުވަތަ ކުންފުނީގެ ކްރެޑިޓަރުންނަށް އަތުނުލެވޭނެކަމާއި، ކުންފުންޏެއްގެ މެންބަރުން ކުންފުންޏެއްގެ ދަރަންޏަށް ހުރިހާ ޙާލަތެއްގައިވެސް އަދި ހުރިހާ ޝަރުޢީ ބޭނުމަކަށްވެސް ޒިންމާވާނީ، އަދި ޒިންމާވާކަމަށް ބެލޭނީ، އެ މެންބަރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެފައިވާ ޙިއްޞާގެ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންޏަށް ނުދީ އޮތް ކަމުގައިވާނަމަކަމާއި، ކުންފުނީގެ މެންބަރުންގެ އަތުން ކުންފުނީގެ ރައުސުމާލުގެ ތެރެއަށް ދައްކާ ފައިސާގެ ޢަދަދު، ކުންފުނީގެ ފަރާތުން ބޭނުން ކުރަންވާނީ ކުންފުންޏަށް ނަފާ ހޯދުމަށްކަމާއި ނަފާ ބަހަންވާނީ، ޙިއްޞާގެ ނިސްބަތުން، ކުންފުނީގެ މެންބަރުންގެ މެދުގައިކަމާއި ކުންފުނީގެ މެންބަރެއްގެ ޙިއްޞާގެ ނިސްބަތަކީ، ކުންފުނީގައި، އެ މެންބަރެއްގެ ބައިވެރިވުން ދައްކުވައިދޭ މިންވަރުކަމާއި ކުންފުނީގެ އަސާސީ ޤަވާޢިދާއި ހިންގާ ޤަވާޢިދު ޤަބޫލުކޮށް ކުންފުނީގެ ރައުސުމާލަށް "ކޮންޓްރިބިއުޓް" ކުރަން އެއްބަސްވެފައިވާ މީހަކު، ކުންފުނީގެ މެމްބަރަކަށް ވާނެކަމާއި ކުންފުނީގެ ކޮންމެ މެންބަރެއްގެ ޙިއްޞާއަކީ އުފުލޭ މުދަލެއްކަމާއި ކުންފުނީގެ ރައުސުމާލަށް "ކޮންޓްރިބިއުޓް" ކުރަން އެއްބަސްވުމުގެ ސަބަބުން އެމީހަކަށް ލިބިދޭ ޙިއްޞާގެ އަގު ކުންފުންޏަށް ދައްކާ ޚަލާސްކޮށްފައި އޮތަސް އަދި ޚަލާސްކޮށްފައި ނެތަސް އެ ޙިއްޞާއެއް އެހެން މީހަކަށް ދީ ނުވަތަ ވިއްކިދާނެކަމާއި ކުންފުނީގެ ހިންގާ ޤަވާޢިދުގައިވާ ގޮތެއްގެ މަތިން އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައާ އެކު ޙިއްޞާއެއް ދީ ނުވަތަ ވިއްކުމުގެ ނަތީޖާއަކީ އެ ޙިއްޞާ ދިނުމުގެ ނުވަތަ ވިއްކުމުގެ ސަބަބުން އެ ޙިއްޞާ ލިބުނު ފަރާތް ކުންފުނީގެ މެމްބަރަކަށް ވުން ކަން އެނގެން އޮންނަ އޮތުމެވެ.

(ރ) ހަތަރުވަނަ ކަމަކީ އިންސްޓޯލްމަންޓަށް ފައިސާ ދައްކަންޖެހޭ މުއްދަތުގައި އެ ފައިސާ ނުދެއްކުމުން ނަގާ ޖުރުމަނާއަކީ ދޭދޭފަރުދުންގެ މެދުގައި ކޮށްފައިވާ ދަރަނީގެ މުޢާމަލާތަކާއި ގުޅިގެން ނެގޭ އިންޓްރަސްޓް ކަމުގައި ނުބެލެވޭކަމާއި ވިޔަފާރީގެ މުޢާމަލާތްތަކުގައި ދައްކަންޖެހޭ ފައިސާ ނުދެއްކިގެން ނުވަތަ އަދާކުރަންޖެހޭ އަގު އަދާނުކުރެވިގެން ނެގޭ ޖުރުމަނާގެ މުޢާމަލާތްތަކަކީ ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، ޞައްޙަ މުޢާމަލާތްތަކެއްކަން އެނގެން އޮންނަ އޮތުމެވެ.

(ބ) ފަސްވަނަ ކަމަކީ އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެވެކިޔާ ކުންފުނީގައި އޮންނަ އަޙްމަދު ޖަނާޙުގެ %33 (ތެއްތިރީސް އިން ސައްތަ) ޙިއްޞާ އެކުންފުނީގެ އަނެއް ޙިއްޞާދާރު ކަމުގައިވާ ޙަސަން ޢަލީ މަނިކަށް US$ 700,000.00 (ހަތްލައްކަ) ޔޫ.އެސް ޑޮލަރަށް ވިއްކުމަށް އެއްބަސްވެ 08 ފެބްރުއަރީ 2007 ގައި އެގްރީމަންޓެއް ކޮށް އެ އެގްރީމަންޓް މަދަނީ ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާކަން އެނގެން އޮންނައޮތުމާއި އެ އެގްރީމަންޓްގެ ދަށުން ޙިއްޞާ ވިއްކި އަގުގެ ތެރެއިން ދައްކަންޖެހޭ ދެވަނަ އިންސްޓޯލްމަންޓް އަށް ވާ US$ 200,000.00 (ދެލައްކަ) ޔޫ.އެސް ޑޮލަރު ދައްކާފައިވަނީ އެ އިންސްޓޯލްމަންޓް ދައްކަންޖެހޭ މުއްދަތަށްވުރެ 1 (އެއް) މަސްދުވަސް ފަހުން ކަން އެނގެން އޮންނަ އޮތުމާއި އެ އެގްރީމަންޓުގެ 8 ވަނަ މާއްދާގައި އެއްބަސްވެފައިވާގޮތަށް އިންސްޓޯލްމަންޓް ފައިސާ ދެއްކުން ލަސްވެއްޖެނަމަ ފައިސާ ނުދައްކާ އިތުރުވާ ކޮންމެ މަހަކަށް އިންސްޓޯލްމަންޓުގެ %15 (ފަނަރަ އިންސައްތަ) އިތުރަށް ދައްކަން ޖެހޭނެކަން އެގްރީމަންޓުގެ 10 ވަނަ މާއްދާގައި ބުނެފައި އޮންނަ އޮތުމެވެ.

[6]874395471360500(ރ) ހަވަނަ ކަމަކީ އަޙްމަދު ޖަނާޙް އާއި ޙަސަން ޢަލީ މަނިކާ ދެމެދު ކުރެވުނު ކޮންޓްރެކްޓަކީ، ދެފަރާތް ރުހި ޤަބޫލުވެގެން ކުރެވިފައިވާ ކޮންޓްރެކްޓަކަށް ވެފައި، އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް އަޙްމަދު ޖަނާޙްގެ %33 (ތެއްތިރީސް އިންސައްތަ) ޙިއްޞާގެ އަގު ކުންފުންޏަށް ދައްކައި ޚަލާސްކޮށްފައި އޮތަސް އަދި ޚަލާސްކޮށްފައި ނެތަސް އެ ޙިއްޞާއެއް އެހެން މީހަކަށް ދީ ނުވަތަ ވިއްކިދާނެކަން އެނގެން އޮންނަ އޮތުމާއި، ވިޔަފާރީގެ މުޢާމަލާތްތަކުގައި ދައްކަންޖެހޭ ފައިސާ ނުދެއްކިގެން ނުވަތަ އަދާނުކުރެވިގެން ނެގޭ ޖުރުމަނާގެ މުޢާމަލާތަކީ ޞައްޙަ މުޢާމަލާތެއްކަމަށް ވާއިރު، އަޙްމަދު ޖަނާޙަށް، ޙަސަން ޢަލީ މަނިކު ދައްކަންޖެހޭ US$ 200,000.00 (ދެލައްކަ) ޔޫ.އެސް ޑޮލަރު، އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގައި އޮތް އަޙްމަދު ޖަނާހުގެ %33 (ތެއްތިރީސް އިންސައްތަ) ޙިއްޞާ ވިއްކުމަށް ކުރި އެގްރީމަންޓްގެ 8 ވަނަ މާއްދާގައި ބުނާ މުއްދަތުގެ ތެރޭގައި ދެއްކުމުގެ ޒިންމާއިންވެސް އަދި އެ އެގްރީމަންޓްގެ 10 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޖުރުމަނާއިންވެސް ޙަސަން ޢަލީ މަނިކު ބަރީޢަނުވާކަމެވެ.

ޙުކުމް

[7]ދެންފަހެ އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 195/HC-A/2009 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަބެލި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުން އިއްތިފާޤުވީ ހިނދު އެ ޤަޟިއްޔާގެ ޙުކުމަށް ތާޢީދުކޮށް މި މައްސަލަ ނިންމީއެވެ.

[8]އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން

[9]ފަނޑިޔާރު ޢަބްދުﷲ ޢަރީފް

[10]ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު
  • ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ