ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2010/SC-A/29

ނަން ފޮރުވާފައި ވ. ނަން ފޮރުވާފައި

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިނަން ފޮރުވާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 2 ޖޫން 2011ދަށު ކޯޓު: ބ. ދޮންފަނު ކޯޓު 04/F-7-C/2004ބާވަތް: މަދަނީ

މި ޤަޟިއްޔާގައި ޚަޞްމުންގެ ނަން ފޮރުވާފައި.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2007/HC-A/102
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ބ. ދޮންފަނު ކޯޓުގެ 04/F-7-C/2004 ޤަޟިއްޔާގައި، ނިޔާވި މީހެއްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ދެ ގޯތީގެ ތެރެއިން، އެއް ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ފިރިހެން ދަރިފުޅަށާއި، އަނެއް ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އަންހެން ދަރިފުޅަށް މިލްކުވާ ގޮތަށް ޙުކުމްކުރިއެވެ. އެ ޙުކުމާމެދު ހައިކޯޓަށް ހުށަހެޅި މައްސަލަ ހައިކޯޓުގެ 2007/HC-A/102 ޤަޟިއްޔާގައި (25 ފެބްރުއަރީ 2010) ނިންމިއެވެ. އެ ނިންމުމުގައި ޢަދުލު އިންޞާފުގެ އުޞޫލުތަކަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށް ބުނެ، އަންހެން ދަރިފުޅު ސުޕްރީމް ކޯޓުގައި އިލްތިމާސްކުރިއެވެ.
ވާޤިޢާ
ނިޔާވި މީހެއްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ދެ ގޯއްޗެއްގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ ތަރިކައިގެ މައްސަލައެކެވެ. ފިރިހެން ދަރިފުޅު ރަށު ކޯޓަށް ދަޢުވާކުރީ، ދެ ގޯތީގެ ތެރެއިން އެއް ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އޭނާއަށް ލިބިދިނުމަށެވެ. އެ ދަޢުވާއަށް ޖަވާބުދެމުން، އަންހެން ދަރިފުޅު އަމިއްލައަށް ޝަރީޢަތަށް ދިން ބަޔާނުގައި، އެ ހުށަހެޅުމަށް އެއްވެސް އިޢުތިރާޟެއް ނުކުރާކަމަށް ބުންޏެވެ. ފަހުން އޭނާގެ ބަދަލުގައި ޝަރީޢަތަށް ޙާޟިރުވި ފަރާތުން އެ ބަޔާނާ ޚިލާފު ވާހަކަ ދެއްކިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ތަރިކައިގެ މައްސަލައެއްގައި، އަނެއް ވާރިސުގެ ހުށަހެޅުމަށް އިޢުތިރާޟު ނުކުރާކަމަށް ވާރިސަކު ދަށު ކޯޓުގައި އަމިއްލައަށް ބަޔާން ދިނުމަށްފަހު، މަތީ ކޯޓުތަކުގައި އެ ހުށަހެޅުމާ ޚިލާފަށް ތަރިކައިން ބައި ހޯދަން އެދެވޭނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިލްތިމާސްކުރި ފަރާތުން ބުނީ، ތަރިކައިގައި ހިމެނޭ ދެ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ ތެރެއިން ވަކި ގޯއްޗެއް ލިބުމުގެ ބަދަލުގައި، ކޮންމެ ގޯއްޗަކުންވެސް ބައެއް ލިބެންޖެހޭ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ރަށު ކޯޓަށް އިލްތިމާސްކުރި ފަރާތް އަމިއްލައަށް ދިން ބަޔާނުގައި، ފިރިހެން ދަރިފުޅު ހުށަހެޅިގޮތަށް އިންކާރު ނުކުރާކަމަށް ބުނެފައިވުމަކީ ފިރިހެން ދަރިފުޅުގެ ޙައްޤުގައި ކުރި ދޫކޮށްލުމެއް ކަމަށާއި، އޭނާގެ ބަދަލުގައި ޙާޟިރުވި ފަރާތުން ދެއްކި ޚިލާފު ވާހަކައަކުން އެ ދޫކޮށްލުމަށް ބަދަލެއް ނާންނަ ކަމަށެވެ. އަދި ޙައްޤަކުން ތަނާޒުލްވުމުން އެ ޙައްޤު އެހެން ފަރާތެއްގެ މިލްކިއްޔާތަށް ވަނުމަށްފަހު، އެ ފަރާތުގެ ނުރުހުމުގައި ޝަރީޢަތް މެދުވެރިވެ އެ ޙައްޤު ނަގައިދެވޭނެ ތަނެއް ނެތް ކަމަށެވެ. އެހެންކަމުން، ހައިކޯޓުގެ ޙުކުމަށް ބަދަލެއް ގެނެވޭނެ ތަނެއް ނެތްކަމަށް އިއްތިފާޤުން ނިންމިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ތިމާއަށް އޮތް ޙައްޤަކުން ތަނާޒުލްވުމާ ގުޅިގެން، އެ ޙައްޤެއް އެހެން ފަރާތެއްގެ މިލްކިއްޔާތުގެ ތެރެއަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ވަނުމަށްފަހު، ދެން އެ ޙައްޤެއް ދޫކޮށްލި ނުވަތަ އެ ޙައްޤަކުން ތަނާޒުލްވި ފަރާތަށް، އެ ޙައްޤު ލިބުނު ފަރާތުގެ ނުރުހުމުގައި ޝަރީޢަތް މެދުވެރިވެ އެ ޙައްޤެއް ނަގައިދެވޭނެ ތަނެއް ނެތެވެ.

HN2 ތަރިކައިގެ މައްސަލައެއްގައި، ވާރިސަކު ޝަރީޢަތުގެ މަޖިލީހަށް އަމިއްލައަށް ޙާޟިރުވެ ދިން ބަޔާނުގައި، އަނެއް ވާރިސު ހުށަހެޅިގޮތަށް އިންކާރު ނުކުރާކަމަށް ބުނެފައިވުމަކީ، އެ ވާރިސުގެ ޙައްޤުގައި ކުރާ ދޫކޮށްލުމެއްކަމަށް ބެލެވެއެވެ. ފަހުން އޭނާގެ ބަދަލުގައި ޙާޟިރުވާ ފަރާތުން އެ ބަޔާނާ ޚިލާފު ވާހަކަ ދެއްކުމުން އެ ދޫކޮށްލުމަށް ބަދަލެއް ނާދެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
އަޙްމަދު ފާއިޒު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ޢަރީފް، ޢަލީ ޙަމީދު މުޙައްމަދު
ރިޔާސަތު
އަޙްމަދު ފާއިޒު ޙުސައިން
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 6 ޑިސެމްބަރު 2010 · ރަޖިސްޓްރީކުރީ 6 ޑިސެމްބަރު 2010 · ނިމުނީ 2 ޖޫން 2011 (5.8 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2010/SC-A/29

ދަޢުވާކުރާ ފަރާތް: ނަން ފޮރުވާފައި،

ދަޢުވާލިބޭ ފަރާތް: ނަން ފޮރުވާފައި، މ.މ.ޚ.ދަފްތަރު ނަންބަރު 2484

މައްސަލައިގެ ބާވަތް: ތަރިކަ ބެހުން

މައްސަލަ އައިގޮތް: އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 06 ޑިސެމްބަރު 2010

ނިމުނު ތާރީޚް: 02 ޖޫން 2011

މައްސަލަ ނިންމި ގަޑި: 15:15

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2007/HC-A/102

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 30 މެއި 2007

ނިމުނު ތާރީޚް: 25 ފެބްރުއަރީ 2010

މައްސަލައިގެ ޚުލާޞާ

[1]މިއީ ބ.ދޮންފަނު ކޯޓުގެ ނަންބަރު 04/F-7-C/2004 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫންކަމަށްބުނެ އެ ޤަޟިއްޔާ އިލްތިމާސް ކޮށްދިނުންއެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ބެލެވިފައިވާ އެކޯޓުގެ ނަންބަރު 2007/HC-A/102 ޤަޟިއްޔާ އެކޯޓުން ނިންމެވި ނިންމެވުމުގައި ޢަދުލު އިންސާފުގެ އުޞޫލުތަކަށް ރިޢާޔަތް ކުރައްވާފައިނުވާ ކަމަށްބުނެ އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފުކުރި ނަން ފޮރުވާފައިގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/102 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ މައްސަލައެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

[2]މިމައްސަލައާގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޝަރީޢަތުގެ މަޖިލިސްގައި ދައްކާފައިވާ ވާހަކަތަކަށާއި މިމައްސަލައާގުޅިގެން ދަށުމަރުޙަލާގެ ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށާއި މިބާވަތުގެ މައްސަލަތަކުގައި ރިޢާޔަތް ކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ވިސްނައިބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ މިމައްސަލަބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

[3]ހ- ފުރަތަމަކަމަކީ ބ.ދޮންފަނު/ގުލްއަލާމާގެ(ދޭލިޔާގެ) އަލްމަރްޙޫމް ޢަބްދުލްކަރީމް ޒަކަރިއްޔާ ނިޔާވެފައިވާތީ އެމަރްޙޫމްގެ ތަރިކައިގެ މައްސަލަ ބައްލަވައިދެއްވުންއެދި ދޮންފަނު ކޯޓުގެ ނަންބަރު 04/F-7-C/2004 ޤަޟިއްޔާގައި ދަޢުވާކޮށްފައިވަނީ ވާރިޘުންގެތެރޭގައި ހިމެނޭ ފިރިހެންދަރި ނަން ފޮރުވާފައި ކަމާއި، އަލްމަރްޙޫމް ޢަބްދުލްކަރީމް ޒަކަރިއްޔާގެ ތަރިކަ ބައްސަވާއިރު ނަން ފޮރުވާފައި ބޭނުންވަނީ އެތަރިކައިގައި ހިމެނޭ ބ.ދޮންފަނު ދޭލިޔާގެއެވެ ކިޔާގޭގައިހުރި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ނަން ފޮރުވާފައި ޢަބްދުލްކަރީމަށް ލިބިދެއްވުންކަމަށްބުނެ މިކަމުގެ މައްޗަށް ޝަރީޢަތުގައި ދަޢުވާކޮށްފައިވާކަން މިމައްސަލައާގުޅިގެން ދަށުމަރުޙަލާގެ ޝަރީޢަތަށް ހުށަހެޅިފައިވާ ބަޔާންތަކުން ރަނގަޅަށް އެނގެންއޮންނައޮތުމެވެ.

[4]ށ- ދެވަނަކަމަކީ ހައިކޯޓާ، އަދި ސުޕްރީމްކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ނަން ފޮރުވާފައިގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު މައިގަނޑުގޮތެއްގައި ނަން ފޮރުވާފައިގެ ފަރާތުން އިޢުތިރާޒްކުރާ ނުކުތާއަކީ ނަން ފޮރުވާފައިގެ ބައްޕަ ޢަބްދުލްކަރީމް ޒަކަރިއްޔާގެ ތަރިކައިގައި ހިމެނޭ ބ.ދޮންފަނު ދޭލިޔާގެއެވެ ކިޔާ ގޯއްޗާއި އެރަށު ގުލްއަލާމާގެއެވެ ކިޔާ ގޯއްޗާ، މިދެގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަތަންތަނުގެ ތެރެއިން ވަކިގޯއްޗެއް ލިބުމުގެ ބަދަލުގައި އެދެގޯތީގެތެރެއިން ކޮންމެގޯއްޗަކުންވެސް ބައެއްލިބިފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާކަމަށްވާއިރު، ބ.ދޮންފަނު ކޯޓުގެ ނަންބަރު 04/F-7-C/2004 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޢަބްދުލްކަރީމް ޒަކަރިއްޔާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ދެގޯތީގެތެރެއިން ފިރިހެންދަރިފުޅު ނަން ފޮރުވާފައި ޢަބްދުލްކަރީމަށް ބ.ދޮންފަނު ދޭލިޔާގެއެވެ ކިޔާ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަތަންތަން، އަދި ޢަބްދުލްކަރީމް ޒަކަރިއްޔާގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ބ.ދޮންފަނު ގުލްއަލާމާގެއެވެ ކިޔާ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަތަންތަން އެ މަރްޙޫމްގެ އަންހެންދަރި ނަފީސާ ޢަބްދުލްކަރީމަށް މިލްކުވެއްޖެކަމަށް ކަނޑައަޅުއްވައިކަން ބ.ދޮންފަނު ކޯޓުގެ ނަންބަރު 04/F-7-C/2004 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯރޓުން އެނގެންއޮންނައޮތުމެވެ.

[5]ނ- ތިންވަނަކަމަކީ އަލްމަރްޙޫމް ޢަބްދުލްކަރީމް ޒަކަރިއްޔާ ނިޔާވުމާ ގުޅިގެން އެ މަރްޙޫމްގެ ތަރިކަ ބައްސަވާދެއްވުންއެދި ފިރިހެންދަރިފުޅު ނަން ފޮރުވާފައި ބ.ދޮންފަނު ކޯޓަށް ހުށަހެޅި ދަޢުވާއާ ގުޅިގެން އެ ދަޢުވާއަށް ޖަވާބުދާރީވުމުގެގޮތުން ނަން ފޮރުވާފައި އެކޯޓުގެ ޝަރީޢަތުގެ މަޖިލިސް އަށް 2004 ވަނައަހަރުގެ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހު ދީފައިވާ ބަޔާނުގައި ނަން ފޮރުވާފައި ހުށަހެޅި ހުށަހެޅުމާ ބެހޭގޮތުން ނަން ފޮރުވާފައި އެއްވެސް އިޢުތިރާޒްއެއް ނުކުރާކަމަށް ބ.ދޮންފަނު ކޯޓުގެ ޝަރީޢަތުގެ މަޖިލިސްގައި ސާފުބަހުން ބުނުމަށްފަހު "ބައްޕަގެ ތަރިކައިން އަޅުގަނޑަށްލިބޭބައި ދޭލިޔާގެއެވެ ކިޔާ ގޯތިން އަޅުގަނޑަށް ލިބިދެއްވުންއެދެމެވެ." މިފަދައިން ބުނެފައިވުމުން ނަން ފޮރުވާފައިގެ މިބަހުން އިޝާރާތްވަނީ ދޭލިޔާގެ ގޯއްޗަށް ނިސްބަތްވާ އަލްމަރްހޫމް ޢަބްދުލްކަރީމް ޒަކަރިއްޔާގެ ތަރިކައަށްކަމާއި އެހެންކަމުން ބ.ދޮންފަނު ކޯޓުން މައްސަލަ ނިންމެވުމުގައި ދޭލިޔާގެ ގޯއްޗާ ބެހޭގޮތުން ނިންމަވާފައިވާއިރު، ދޭލިޔާގެ ގޯތީގެ ބިން ޒާތުން ނުލިބިވުމަކީ ބިމާބެހޭ ޤާނޫނާ ޚިލާފު ނިންމެވުމެއް ނޫންކަމާއި ބ.ދޮންފަނު ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ނަން ފޮރުވާފައި އަމިއްލައަށް ޙާޟިރުވެ އިސްވެ ބަޔާންވި ގޮތަށް ބަޔާންދިނުމަށްފަހު، ނަފީސާގެ ބަދަލުގައި ޝަރީޢަތަށް ޙާޟިރުވެ ވާހަކަދައްކާނެ ފަރާތެއްގެ ގޮތުގައި ނަފީސާ ޢަބްދުލްކަރީމުގެ ފިރިމީހާ އަޙްމަދު ޖަލީލު ހަމަޖެއްސުމުން، ބ.ދޮންފަނު ކޯޓުގެ ޝަރީޢަތުގައި ދޭލިޔާގެ ގޯއްޗާބެހޭގޮތުން އޭނާ ދައްކާފައިވާ ވާހަކަތަކަކީ ނަފީސާގެ އިސްވެ ބަޔާންކުރެވުނު ބަޔާނުގައި ބުނެފައިވާ ވާހަކަތަކާ ޚިލާފު ވާހަކަތަކެއް ކަމާއި އެހެންކަމުން ބ.ދޮންފަނު ކޯޓުގެ ޝަރީޢަތަށް ނަފީސާ އަބްދުލްކަރީމް އަމިއްލައަށް ދިން ބަޔާނުގައި ދޭލިޔާގެ ގޯތީގެ ބިން އޭގެޒާތުން ލިބިދިނުމަށް އެދިފައި ނުވާއިރު، މުޙައްމަދު ޝަފީޤު ޢަބްދުލްކަރީމް ހުށަހެޅިގޮތަށް އިންކާރުނުކުރާކަމަށް އެބަޔާނުގައި ބުނެފައިވުމަކީ މުޙައްމަދު ޝަފީޤު ޢަބްދުލްކަރީމްގެ ޙައްޤުގައި ނަން ފޮރުވާފައި ދޫކޮށްލިދޫކޮށްލުމެއްކަމަށް ބެލެވޭތީ، ނަން ފޮރުވާފައިގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް ދައްކާފައިވާ ވާހަކަތަކަކީ ބ.ދޮންފަނު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ނަން ފޮރުވާފައި ތަނާޒުލްވެފައިވާ ޙައްޤަކާ ބެހޭގޮތުން ކުރާ އިޢުތިރާޒެއްކަމާއި، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މައްޗަށް ބަލާއިރު، ތިމާއަށްއޮތް ޙައްޤަކުން ތަނާޒުލްވުމާ ގުޅިގެން އެޙައްޤެއް އެހެންފަރާތެއްގެ މިލްކިއްޔާތުގެތެރެއަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ވަނުމަށްފަހު ދެން އެޙައްޤެއް ދޫކޮށްލި، ނުވަތަ އެޙައްޤަކުން ތަނާޒުލްވިފަރާތަށް އެޙައްޤު ލިބުނުފަރާތުގެ ނުރުހުމުގައި ޝަރީޢަތް މެދުވެރިވެ އެޙައްޤެއް ނަގައިދެވޭނެތަނެއްނެތްކަމެވެ. މިކަންކަން މިހެންހުރުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/102 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއްގެނެވޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަށް ނުފެންނާތީ އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއްގެންނަންޖެހޭތަނެއް އޮތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ މިމައްސަލަބެލި ފަނޑިޔާރުންނަށް ނުފެނެއެވެ.

ޙުކުމް:

[6]ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިންހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/102 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ހަމައެއް އޮތްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ނުފެންނާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/102 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއްގެނެވޭނެ ތަނެއްނެތްކަމަށް ކަނޑައަޅައިފީމެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

—

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ