ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2010/SC-A/30ސުޕްރީމް ކޯޓު · 23 ޖޫން 2011

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 23 ޖޫން 2011ބާވަތް: Appellate Matterއިސްތިއުނާފީ މައްސަލަ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2010/SC-A/30

ދަޢުވާކުރާ ފަރާތް: އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް

ދަޢުވާ ލިބޭ ފަރާތް: މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 08 ޑިސެމްބަރު 2010

ނިމުނު ތާރީޚް: 23 ޖޫން 2011

މައްސަލަ ނިންމި ގަޑި: 10:55

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2008/HC-A/253

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 27 އޯގަސްޓް 2008

ނިމުނު ތާރީޚް: 23 ޑިސެމްބަރު 2009

މައްސަލައިގެ ޚުލާޞާ

މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 253/HC-A/2008 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަ ނޫންގޮތަކަށް ކަމަށް ބުނެ އިޒްމީރު އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރެވުނު ސުޕްރީމްކޯޓުގެ ނަންބަރު 30/SC-A/2010 ޤަޟިއްޔާއާ ގުޅިގެން ބެލިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ މާސް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑެވެ. އަދި އިސްވެބުނި ހައިކޯޓުގެ ނަންބަރު 253/HC-A/2008 ޤަޟިއްޔާއަކީ މަދަނީ ކޯޓުގެ ނަންބަރު 2006/MC/1540 ގެ ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރެވުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ.

މަދަނީ ކޯޓަށް ހުށަހެޅުނު، އެ ކޯޓުގެ ނަންބަރު 2006/MC/1540 ގެ ޤަޟިއްޔާގެ ދަޢުވާގެ ޚުލާޞާގައިވަނީ، "މިއީ އަނބުރާ ދައްކާގޮތަށް 2000 ވަނަ އަހަރުގެ ތެރޭގައި 54 ފަހަރެއްގެ މަތިން އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން، މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް އެކުންފުނިން ނަގާފައިވާ 6,083,782/52ރ. (ހަމިލިއަން އަށްޑިހަ ތިންހާސް ހަތްސަތޭކަ އަށްޑިހަ ދެރުފިޔާ / ފަންސާސް ދެލާރި) ގެ ތެރެއިން އެއްވެސް މިންވަރެއް މިހާތަނަށް ލިބިދީފައި ނުވުމުގެ ސަބަބުން އެކުންފުނި (އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް) ބަނގުރޫޓުވެފައިވާތީ، މިފައިސާ އަވަސް ފުރުޞަތެއްގެ ތެރޭގައި ލިބިދެއްވުން އެދި، އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން، މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ." މިހެންނެވެ.

މަދަނީ ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަލާއިރު، އެ ޙުކުމުގައި ވަނީ: "... މިހާގިނަ ޢަދަދެއްގެ ފައިސާ އަނބުރާ ދޭގޮތަށް ދޫކުރިކަމަށް ބުނާއިރު، މި ފައިސާ ހިމެނޭ ޗެކުތައް ޙަވާލު ކުރެވުނުގޮތަކާއި، ޙަވާލުކުރެވުނު ބޭނުމެއް ސާބިތުކޮށްދެވިފައި ނެތުމުން، މިއީ އަނބުރާ ދޭގޮތަށް ފައިސާ ދިނުމުގެ ގޮތުން ދޫކުރި ފައިސާގެ ޗެކުތަކެއްކަން ކަނޑައެޅެން ނެތްކަމުންނާއި، އަދި ދޫކުރި ޗެކުތަކުގެ ތެރެއިން ބައެއް ޗެކުތަކަކީ ލަކުޑީގެ މުޢާމަލާތާއި ގުޅިގެން އަގުއަދާކުރުމުގެ ގޮތުން ދޫކުރެވުނު ޗެކުތަކެއް ކަމަށް ބެލިގެން، ހޯދުމަށްއެދޭ ފައިސާ ހިމެނޭ ބައެއް ޗެކުތައް އުނިކޮށްފައިވާކަމުންނާއި، އަދި ބައެއް ޗެކުތަކަށް ވީނުވީގޮތެއް ނޭނގޭކަމަށް އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވުމުން، ނަންބަރު D-004481 އެކައުންޓުން މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ (000632029919) އެކައުންޓަށް ޖަމާކޮށްފައިވާ ޗެކުތަކުގެ ޙަޤީޤީ މަޢުލޫމާތު ސާފުކުރުމަށް ޝަރީޢަތުން ބޭންކް އޮފް ސިލޯނަށް ލިޔުމުން، މިފައިސާއަކީ ކޮންބޭނުމެއްގައި ޖަމާކޮށްދީފައިވާ ފައިސާއެއްކަން އެފަރާތަށްވެސް އެނގިފައިނުވާކަމަށް އެފަރާތުން މަޢުލޫމާތު ދީފައިވާކަމުން، އެބޭންކުގެ ހިސާބުތަކުން އިސްވެދެންނެވުނު އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު D-004481 އެކައުންޓުން މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު (000632029919) އެކައުންޓަށް 2,999,298/02ރ. (ދެމިލިއަން ނުވަސަތޭކަ ނުވަދިހަ ނުވަހާސް ދުއިސައްތަ ނުވަދިހަ އަށްރުފިޔާ / ދެލާރި) ޖަމާކޮށްފައިވީ ނަމަވެސް، އެއީ އަބުނރާ ދައްކާގޮތަށް ޖަމާކޮށްފައިވާ ފައިސާއެއްކަން ޝަރީޢަތަށް ސާބިތު ކޮށްދެވިފައިނުވާތީ، މިފައިސާ މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން، އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ނަގައިދެވޭނެ ތަނެއްނެތް ކަމަށް ޙުކުމްކޮށް މައްސަލަނިންމީއެވެ." މިހެންނެވެ.

މި މައްސަލާގައި، މަދަނީ ކޯޓުން ކުރެއްވެވި ޙުކުމަށް ތާއީދުކުރައްވައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރެއްވި ޙުކުމް ގައި ވަނީ: "ދެންފަހެ، މާސް އެންޓަރޕްރައިޒަސް ޕވޓ. ލޓޑ. ގެ ފަރާތުން އެކިފަހަރު މަތީން އެދުމުގެ ސަބަބުން 2000 ވަނަ އަހަރުގެ ތެރޭގައި އެކުންފުންޏަށް 6,083,782/52ރ. (ހަމިލިޔަން އަށްޑިހަ ތިންހާސް ހަތްސަތޭކަ އަށްޑިހަ ދެރުފިޔާ ފަންސާސް ދެލާރި) ރުފިޔާ އަނބުރާ ދައްކާގޮތަށް ދޫކޮށްފައިވާކަމަށް ބުނެ އިޒްމީރު އެންޓަރޕްރައިޒަސް ޕވޓ. ލޓޑ. ގެ ފަރާތުން ކުޅަ ދަޢުވާ މަދަނީ ކޯޓުގެ ނަންބަރު 2006/MC/1540 ގެ ޤަޟިއްޔާގައި ބައްލަވާ، އިޒްމީރު އެންޓަރޕްރައިޒަސް ޕވޓ. ލޓޑ. ގެ ފަރާތުން މާސް އެންޓަރޕްރައިޒަސް ޕވޓ. ލޓޑ. އަށް އަނބުރާ ދައްކާގޮތަށް އެއްވެސް ފައިސާއެއް ދޫކޮށްފައިވާކަން ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުރައްވާފައިވާ ޙުކުމެއް ކަމުގައި މި މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތީން ޙުކުމްކޮށްފީމެވެ." މިހެންނެވެ.

ފާހަގަ ކުރެވުނު ނުކުތާތައް.

މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދެ ކުންފުނީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީކޯޓުގެ ނަންބަރު 2006/MC/1540 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 253/HC-A/2008 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، މި މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ އެހެނިހެން ލިޔެކިއުންތަކަށް ރިޢާޔަތްކޮށް ބެލުމުން އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.

(ހ) ފުރަތަމަ ކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 253/HC-A/2008 ގެ ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށް ބުނެ އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް އިލްތިމާސް ކޮށްފައިވަނީ މައިގަޑު 5 ނުކުތާއެއްގެ މައްޗަށްކަން އެނގެން އޮންނަ އޮތުމެވެ. އެއީ:

1. ފަހުން އަގު އަދާކުރާ ގޮތަށް މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން، 2000މ. ވަނަ އަހަރުގެ ތެރޭގައި، އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ލަކުޑި ފޮނުވަމުން ދިޔަ ދުވަސްވަރު، މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ އެދުމުގެ މަތިން އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން، މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރެވިފައިވާ ޗެކުތަކަށް މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ލިބިގަތް ފައިސާގެ ތެރެއިން ލަކުޑީގެ ހިސާބުގެ ތެރެއަށް މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ވެއްދި ޗެކުތަކުގެ ޖުމްލަ ކަނޑައި ބާކީވާ ޢަދަދު މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް އަނބުރާ ދައްކަން ނުޖެހޭނެ ޤާނޫނީ ހަމައެއްނެތްއިރު، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތް ކުރައްވަންޖެހޭ މިންގަނޑަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތް ނުކުރައްވާ ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ފާހަގަ ކޮށްފައިވާ ނުކުތާއެވެ.

2. އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަނބުރާ ލިބިގަތުމަށް އެދޭ ފައިސާގެ ތެރެއިން އެއްވެސް ފައިސާއަކީ ލަކުޑީގެ އަގު އަދާ ކުރުމަށް ނުވަތަ އެހެންވެސް މުދަލެއްގެ އަގު އަދާކުރުމަށް ދިން ފައިސާއެއްކަން ސާބިތުކޮށް ދިނުމުގެ ގޮތުން، މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން އެއްވެސް ހެއްކެއް ޝަރީޢަތައް ހުށަހަޅާފައިނުވާއިރު، އެފައިސާ އެއީ މުދަލެއްގެ އަގު އަދާކުރުމަށް ފައިސާ ދޫކުރާ ގޮތަށް ދޫކޮށްފައިވާ ފައިސާއެއް ކަމަށް އެނގެން އޮންނަކަމަށް މަދަނީ ކޯޓުގެ ޙުކުމުގައި އޮތް އޮތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގައި ތާއީދު ކުރައްވާފައިވާކަމަށް ބުނެ ފާހަގަ ކޮށްފައިވާ ނުކުތާއެވެ.

3. އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދިންކަމަށް ބުނާ 48 ޗެކު މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަމަށް މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތަށް ބަޔާންދީފައިވާއިރު، އަދި އެ ޗެކުތަކުގެ ތެރެއިން ފައިސާ ލިބިފައިނުވާ ޗެކުތަކަށް ވީގޮތް އެނގޭނީ މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ކަމަށާއި ވީގޮތް ނޭގުނު ޗެކުތަކުގެ ޒިންމާ އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ޒިންމާ އެއްކަމަށް ހަދަން މަދަނީ ކޯޓުން ކުރައްވާފައިވާ މަސައްކަތް، ޤާނޫނީ އިންތަކުން ބޭރުވެފައިވާކަމަށް ބުނެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 253/HC-A/2008 ގެ ޤަޟިއްޔާގައި އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ފާހަގަކުރި ނުކުތާގައި ބުނެފައިވާ ބުނުމަށް ރިޢާޔަތް ކުރައްވާފައިނުވާ ކަމަށް ބުނެ އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ފާހަގަކުރި ނުކުތާއެވެ.

4. މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ 48 ޗެކުގެ ތެރެއިން 39 ޗެކު މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކުރީ މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ކަމަށާއި އެ ޗެކުތައް އަތުލި ބޭނުމާއި އެ ޗެކުތައް ޖަމާކުރުމުގެ ބޭނުން އެނގޭނީ މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ކަމަށާއި އަދި އެއީ ބޭންކަށް އެނގުން ލާޒިމްނުވާ ކަންތައްތަކެއްކަމަށް އެނގެން އޮތްއިރު، އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ޙައްޤު ނަގާލުމުގެ ރޫޙުގައި ޝަރީޢަތުން ބޭންކަށް ލިޔެ ޖަވާބު ހޯދައިގެން އެކަން ޙުކުމުގައި ފާހަގަކުރި ކުރުން އެއީ ރަނގަޅު ނިޔަތެއްގައި ކުރައްވާފައިވާ ކަމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ފާހަގަކުރި ނުކުތާގައި ބުނެފައިވާ ބުނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

5. ދަޢުވާއެއް އޮތް ކަމަށް ނުވަތަ ދަޢުވާގައި ފާހަގަ ކުރަންވީ ކަންތައްތައް އެނގޭނީ އެކަންތައްތައް ސާފުވި ދުވަހަކުންކަމަށާއި ދަޢުވާއެއް ކުރުން ލަސްވުމަކީ އެދަޢުވާއަކުން ލިބިގަންނަންޖެހޭ ޙައްޤަކަށް އުނިކަން އަންނާނެ ކަމެއްނޫންކަން އެނގޭ ކަމަށާއި ދަޢުވާކުރުން ލަސްވުމުގެ ސަބަބުން ދަޢުވާއާ މެދު ތުހުމަތުގެ ނަޒަރަކުން ބެއްލެވި ބެއްލެވުން ރަގަޅު ނޫން ކަމަށް އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ބުނި ބުނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

(ށ) ދެވަނަ ކަމަކީ، އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަދަނީ ކޯޓުގައި ދަޢުވާ ކޮށްފައިވަނީ 6,083,782/52ރ. (ހަމިލިއަން އަށްޑިހަތިންހާސް ހަތްސަތޭކަ އަށްޑިހަ ދެރުފިޔާ / ފަންސާސް ދެލާރި) ހޯދުމަށްކަމާއި އަދި އެފައިސާ ދީފައިވަނީ 54 ޗެކަކުންކަމަށްވީ ނަމަވެސް، އޭގެ ތެރެއަށް 6 ޗެކު ލެވިފައިވަނީ އޮޅުމަކުން ކަމަށް އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ބުނާކަމާއި ބުނެވިދިޔަ 54 ޗެކުގެ ތެރެއަށް، އޮޅުމަކުން ލެވިފައިވާކަމަށް ބުނާ 6 ޗެކު ކަނޑާލުމުން ބާކީ 48 ޗެކު މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ޙަވާލު ކުރެވިފައިވާ ކަމަށްވެސް އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ބުނާކަމާއި މި 48 ޗެކުގެ ތެރެއިން 39 ޗެކު، މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކުރީ މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ކަމަށް އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ބުނިނަމަވެސް، މަދަނީ ކޯޓުގައި މައްސަލަ ބަލަމުން ދިއުމުގެ ތެރޭގައި ފުރަތަމަ ދަޢުވާކުރި 6,083,782/52ރ. (ހަމިލިއަން އަށްޑިހަތިންހާސް ހަތްސަތޭކަ އަށްޑިހަ ދެރުފިޔާ / ފަންސާސް ދެލާރި) ގެ ތެރެއިން ބޮޑުބައެއް އުނިކޮށް އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދޭ ފައިސާގެ ޢަދަދަކީ 3,308,037/47ރ. (ތިންމިލިއަން ތިންސަތޭކައަށްހާސް ތިރީސްހަތް ރުފިޔާ / ސާޅީސް ހަތްލާރި) ކަން އެނގެން އޮންނަ އޮތުމެވެ.

(ނ) ތިނަވަނަ ކަމަކީ، މިމައްސަލަ އިލްތިމާސް ކުރެވިފައިވަނީ، މައިގަނޑު ގޮތެއްގައި، މައްސަލައިގެ ޙަޤީގަތް ނުވަތަ "ފެކްޓްސް" އާބެހޭގޮތުން ކަމަށްވެފައި، އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދިންކަމަށްބުނާ 3,308,037/47ރ. (ތިންމިލިއަން ތިންސަތޭކައަށްހާސް ތިރީސްހަތް ރުފިޔާ / ސާޅީސް ހަތްލާރި) އަނބުރާ ހޯދުމަށް ކަމަށްވާއިރު، މިހާގިނަ ޢަދަދެއްގެ ފައިސާ ދިން މަޤްޞަދަކާއި އެފައިސާ ދީފައިވަނީ އަނބުރާ ދައްކާ ގޮތަށް ކަން ޝަރީޢަތަށް ސާބިތުވާވަރުގެ އެއްވެސް ކާފީ ހެއްކެއް ދެއްކިފައިނުވާކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ އެއްވެސް ލިޔުމަކުން އެ ފައިސާ ދިން ބޭނުމެއް އެނގެން ނެތްކަމެވެ.

(ބ) ފަސްވަނަ ކަމަކީ، އެހާ ގިނަ ޢަދަދެއްގެ ފައިސާ، އަނބުރާ ދައްކާގޮތަށް، އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދިންކަމަށް ބުނާއިރު، ފައިސާދިން ޗެކުތައް ޙަވާލުކުރެވުނު ބޭނުމެއް ބުނެދެވިފައި ނެތުމުން، ލިޔެކިއުމާ ނުލައި މިހާގިނަ ޢަދަދެއްގެ ފައިސާ ވަކި މަޤްޞަދެއް އެނގެން ނެތްގޮތަށް ދޭނެ ކަމަށް ޤަބޫލުނުކުރެވޭ ކަމާއި، އަދި މިއީ ލިޔެކިއުމާ ނުލައި، އަނބުރާ ދައްކާގޮތަށް ދޫކުރެވުނު ފައިސާއެއްކަމަށް ބުނިނަމަވެސް، އެ ބުނާބުނުމަކީ އެކަން އެގޮތަށް ހިނގިކަން ސާބިތުކޮށް ނުދެވޭހާ ހިނދަކު، ބުރަދަނެތްނެތި ބުނާބުނުމެއްކަމަށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށްވެސް ބުރަވެވޭކަމެވެ.

(ޅ) ހަވަނަ ކަމަކީ، ދޫކުރި ޗެކުތަކުގެ ތެރެއިން ބައެއް ޗެކުތަކަކީ ލަކުޑީގެ މުޢާމަލާތާ ގުޅިގެން ދޫކުރެވުނު ޗެކުތަކެއްކަމަށް ބެލިގެން، ނުވަތަ ވީނުވީ ގޮތެއް ނޭނގިގެން ކަމަށްބަލައި، ހޯދުމަށްއެދޭ ފައިސާގެ ތެރެއިން ގިނަ ޢަދަދެއްގެ ފައިސާ އުނިކޮށްފައިވުމުން، މިއިން ކޮންމެ ޗެކެއް ދޫކުރެވުނު ބޭނުމާއި މަޤްޞަދު ވަކިވަކިން ސާބިތުކޮށް ނުދެވޭހާ ހިނދަކު، މިއީ އަނބުރާ ދައްކާގޮތަށް ދޫކުރި ޗެކުތަކެއްކަމަށް ބެލޭނެ ޖާގައެއްނެތްކަމެވެ.

(ކ) ހަތްވަނަ ކަމަކީ، އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ހިނގި ވިޔަފާރީގެ މުޢާމަލާތްނިމި، އެތައްދުވަހެއްވީފަހުން މިހާގިނަ ޢަދަދެއްގެ ފައިސާ އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދޭންޖެހޭކަމަށް ބުނެ ހުށަހެޅި ދަޢުވާ ސާބިތުވާމިންވަރަށް ކާފީ ހެކި ހުށަހެޅިފައި ނެތުމެވެ.

(އ) އަށްވަނަ ކަމަކީ، މަދަނީ ކޯޓުގެ ނަންބަރު 1540/MC/2006 ޤަޟިއްޔާ ގައި އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ކޮއްފައިވާ ދަޢުވާގެ ދިފާޢުގައިމާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދައްކާފައިވާ ވާހަކަތަކުގައި އަނބުރާ ދައްކާގޮތައް އެއްވެސް ދުވަސްވަރެއްގައި އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ފައިސާ ނަގާފައިނުވާނެކަމަށާއި ނަމަވެސް ދެ ކުންފުނީގެ މެދުގައި ލަކުޑީގެ ވިޔަފާރި ހިނގި ދުވަސްވަރު ލަކުޑީގެ އަގު އަދާކުރުމަށް އެފަރާތުން ދޫކުރި ޗެކްތަކާއި ޙަވާލުވެ ފައިސާ ނަގާފައިވާނެ ކަމަށާއި އަދި ދެފަރާތް ދެމެދު ހިނގި ލަކުޑީގެ މުއާމަލާތްތަކާ ބެހޭ އެންމެހައި މައްސަލަތައް ނިމިފައިވުމާއިއެކު އޭގެއެތައް ދުވަހެއްގެ ފަހުން މިހާގިނަ ޢަދަދެއްގެ ފައިސާ ދޭންއޮތްކަމަށް ބުނެ އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ކުރި ދަޢުވާއަކީ ޞައްޙަ ދަޢުވާއެއް ނޫންކަމަށް މާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާއިރު، މައްސަލައާއި ގުޅިގެން އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކުންވެސް މާސް އެންޓަރޕްރައިސަސް ލިމިޓެޑުން ބުނާފަދައިން މިދެކުންފުނީގެ ދެމެދުގަ ލަކުޑީގެ ވިޔަފާރިތަކެއް ހިނގައިފައިވާކަން ސާބިތުވާކަން އެނގެންއޮތުމުން، އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދޫކުރި ޗެކްތަކެއް މާސް އެންޓަރޕްރައިސަސް ލިމިޓެޑްގެ ހިޔާޒަތުގައި ހުރުމަކީ ހަމައެކަނި އެ ޗެކްތަކުގެ މައްޗަށް ބަލައިގެން އިޒްމީރު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ މި ދަޢުވާ ޝަރްޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުވާކަމަށް ބެލެވޭނެ ސަބަބެއްކަމަށް ނުވާކަމެވެ.

(ވ) ނުވަވަނަ ކަމަކީ، މަދަނީ ކޯޓުގެ ނަންބަރު 2006/MC/1540 ޤަޟިއްޔާގެ ޙުކުމަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 253/HC-A/2008 ޤަޟިއްޔާގެ ޙުކުމަށް، ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވެނީ، މަދަނީ ކޯޓުގައި ވެސް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި ވެސް މި މައްސަލަ ބައްލަވައި، ދިރާސާ ކުރައްވައި، ޙުކުމް ކުރެއްވުމުގައި، މައްސަލައިގެ ޙަޤީޤަތްތައް ދެނެގަތުމުގައިވެސް، އަދި މައްސަލައަށް ޤާނޫނު "އެޕްލައި" ކުރެއްވުމުގައިވެސް، އެއްވެސް އޮޅުމެއް އަރާފައި ނުވާކަމެވެ.

ޙުކުމް:

އިސްވެ ފާހަގަކުރެވުނު ނުކުތާތައް އެހެން ހުރުމާއި އެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 253/HC-A/2008 ޤަޟިއްޔާގެ ޙުކުމަށް ތާޢީދުކޮށް މައްސަލަ ނިންމީއެވެ.

ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ