ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2010/SC-A/31

ނަން ފޮރުވާފައި ވ. ނަން ފޮރުވާފައި

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިނަން ފޮރުވާފައި
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 30 ޖޫން 2011ދަށު ކޯޓު: ގއ. ގެމަނަފުށީ ކޯޓު 05/P9-C/2000ބާވަތް: މަދަނީ

މި ޤަޟިއްޔާގައި ޚަޞްމުންގެ ނަން ފޮރުވާފައި.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2008/HC-A/158
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ގއ. ގެމަނަފުށީ ކޯޓުގެ 05/P9-C/2000 ޤަޟިއްޔާގައި، ދަރިފުޅަކީ ފުރަތަމަ ފިރިމީހާގެ ދަރިއެއްކަމަށާއި، ދެވަނަ ކައިވެނި ކޮށްފައިވަނީ ފުރަތަމަ ފިރިމީހާގެ ދަރިއަކަށް ބަލިވެ އިނދެ ކަމަށްވާތީ އެ ކައިވެންޏަކީ ބާޠިލު ކައިވެންޏެއްކަމަށް ޙުކުމްކުރިއެވެ. ހައިކޯޓުގެ 2008/HC-A/158 ޤަޟިއްޔާގައި (17 މާރޗް 2010) ދަރިފުޅުގެ ނަސަބާ ބެހޭ ބަޔަށް ތާއީދުކުރިއެވެ. ފުރަތަމަ ފިރިމީހާ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރިއެވެ.
ވާޤިޢާ
އަންހެނަކު ފުރަތަމަ ފިރިމީހާ ވަރިކުރިތާ ހިޖްރީ ގޮތުން 4 މަހާއި 11 ދުވަސް ފަހުން އެހެން މީހަކާ ކައިވެނިކުރިއެވެ. ވަރިކުރިއިރު ބަލިވެ އިނީތޯ ނޭނގޭކަމަށް ވަރީގެ ސެޓްފިކެޓުގައި ބަޔާންކޮށްފައިވެއެވެ. ދެވަނަ ކައިވެނިކުރިތާ 5 މަހާއި 19 ދުވަހުން، އަދި ފުރަތަމަ ފިރިމީހާ ވަރިކުރިތާ ހިޖްރީ ގޮތުން 10 މަސް ފުރުނު ދުވަހު، 9 މަސް ފުރިހަމަކޮށް ދަރިއަކު ވިހެއެވެ. ދަރިފުޅުގެ ނަސަބު ސާބިތުކުރުމަށް އެދި ދައުލަތުގެ އެޓަރނީ ޖެނެރަލް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ވަރިކުރިތާ ހިޖްރީ ގޮތުން އެއް އަހަރު ހަމަނުވެ، އަދި އެހެން މީހަކާ ކައިވެނިކުރިތާ ހަމަސް ހަމަނުވެ ވިހާ ދަރިއެއްގެ ނަސަބު ސާބިތުވަނީ ކުރީގެ ފިރިމީހާއަށްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ފުރަތަމަ ފިރިމީހާ ބުނީ، ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާގައިވާ ދަރިލައްވާ އެންމެ ދިގު މުއްދަތު ހިނގަނީ އެ މުއްދަތުގައި އެހެން މީހަކު ދެމެދަށް ނުވަންނަނަމަ ކަމަށާއި، ޢިއްދަ ހަމަނުކޮށް އެހެން މީހަކާ އިނުމުން ދަރީގެ ނަސަބާމެދު ޝައްކު އުފެދޭ ކަމަށާއި، ފޫޅުމާ ފޯމުގައި ބައްޕައެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ ދެވަނަ ފިރިމީހާ ކަމަށާއި، ހަށިހުއްދަ ކަމަށް ބުނެ ކައިވެނި ކުރުމުން އަންހެނާ ދޮގުހަދާކަން ސާބިތުވާ ކަމަށެވެ. އަދި ދަރި ނަފީކުރުމަށް ލިޢާންކުރަން އެދުނެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު ދަރިފުޅު ވިހާފައިވަނީ ދެވަނަ ކައިވެނިކުރިފަހުން ދަރިލައްވާ އެންމެ ކުރު މުއްދަތު ހަމަނުވެ، އަދި ފުރަތަމަ ފިރިމީހާ ވަރިކުރިފަހުން ދަރިލައްވާ އެންމެ ދިގު މުއްދަތު ހަމަނުވެ ކަމަށާއި، ބަލިވެ އިނދެ ޢިއްދައިގައި ކުރި ކައިވެންޏަކީ ބާޠިލު ކައިވެންޏެއް ކަމަށެވެ. ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ދީގެން ކައިވެނިކުރުމަކާއި، ފޫޅުމާ ފޯމުގައި ދީފައިވާ މަޢުލޫމާތަކީ ނަސަބު ނަފީކުރެވޭނެ ދަލީލެއް ނޫން ކަމަށާއި، މިއީ ލިޢާނު ދޭންޖެހޭ ބާވަތުގެ މައްސަލައެއް ނޫން ކަމަށްވެސް ކަނޑައެޅިއެވެ. އެހެންކަމުން، ހައިކޯޓުގެ ޙުކުމަށް އިއްތިފާޤުން ތާއީދުކުރިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އިސްލާމީ ޝަރީޢަތުގައި ނަސަބު ސާބިތުވާ ސަބަބަކީ "ފިރާޝް" ނުވަތަ ކައިވެނީގެ ޞައްޙަ ޢަޤްދެވެ. ދަރިލައްވާ އެންމެ ކުރު މުއްދަތަކީ ހަމަސް ދުވަހެވެ. ވަރިކޮށްފައިވާނަމަ ދަރިލައްވާ މުއްދަތަކީ ވަރިކުރި ތާރީޚުން ފެށިގެން ހިޖްރީ ގޮތުން އެއް އަހަރުގެ ތެރޭގައި ވިހެއުމެވެ. އެހެންކަމުން، ކުރީގެ ފިރިމީހާ ވަރިކުރިފަހުން ހިޖްރީ އެއް އަހަރު ހަމަނުވެ، އަދި ދެވަނަ ކައިވެނިކުރިފަހުން ހިޖްރީ ހަ މަސް ހަމަނުވެ ވިހާ ދަރިއަކީ، ކުރީގެ ފިރިމީހާއަށް ދަރިލައްވާ މުއްދަތުގައި ވިހާ ދަރިއެކެވެ. (ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ށ))

HN2 ވަރިކުރި އަންހެނާގެ ޢިއްދައަކީ، ބަލިވެ އިންނަމަ ވިހެއުމެވެ. ޢިއްދައިގައި ކުރާ ކައިވެންޏަކީ އޭގެ އަޞްލުގައި ބާޠިލު ކައިވެނި ޢަޤްދެކެވެ.

HN3 ހަށިހުއްދަކަމަށް ބުނެ ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ދީގެން އެހެން މީހަކާ ކައިވެނިކުރުމަކީ، ދަރިއެއްގެ ނަސަބު ނަފީކުރެވޭނެ ދަލީލެއް ނޫނެވެ. ޙަޤީޤަތާ ޚިލާފު މަޢުލޫމާތުގެ ސަބަބުން އަސަރުކުރަނީ އެ މައްޗަށް ބިނާވެގެން ކުރެވުނު ކައިވެންޏަށެވެ.

HN4 ޝަރީޢަތުގައި ނަސަބު ސާބިތުކުރުމަށް ވަކި ހަމަތަކެއް ހަމަޖެހިފައިވާއިރު، އިދާރީ ބޭނުމަކަށް ފުރާ ފޯމެއްގައި (ފޫޅުމާ ފޯމު) ދީފައިވާ މަޢުލޫމާތުގެ ސަބަބުން، ނަސަބު ސާބިތުކުރުމަށް ޝަރީޢަތުގައި ހަމަޖެހިފައިވާ އުޞޫލުތަކަށް ބަދަލެއް ނާދެއެވެ. ނަސަބު ސާބިތުކުރުމުގައި ކޯޓުން ބަލަންޖެހެނީ ޝަރުޢީ އުޞޫލުތަކަށެވެ. އިދާރީ ބޭނުމަށް ހަދާފައިވާ ފޯމެއްގައި ދީފައިވާ މަޢުލޫމާތު ޞައްޙަ ނޫންނަމަ، އެކަމާމެދު ފިޔަވަޅު އެޅުމަކީ ވަކި މައްސަލައެކެވެ.

HN5 އިސްލާމީ ޝަރީޢަތުގައި ލިޢާނު ދެވެނީ ވަކި ހަމަތަކެއްގެ މަތިން ކަމަށްވާތީ، ދަރި ނަފީކުރުމަށް ލިޢާންކުރަން އެދުނު ކަމުގައި ވިޔަސް، ޝަރުޢީ ގޮތުން ލިޢާނު ދޭންޖެހޭ ބާވަތުގެ މައްސަލައެއް ނޫންނަމަ ލިޢާނު ނުދެވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުﷲ ސަޢީދު (ރިޔާސަތު)، ޢަލީ ޙަމީދު މުޙައްމަދު، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ރިޔާސަތު
ޢަބްދުﷲ ސަޢީދު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 12 ޑިސެމްބަރު 2010 · ރަޖިސްޓްރީކުރީ 12 ޑިސެމްބަރު 2010 · ނިމުނީ 30 ޖޫން 2011 (6.6 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2010/SC-A/31

ދަޢުވާކުރާ ފަރާތް: ނަން ފޮރުވާފައި

ދަޢުވާ ލިބޭ ފަރާތް: ނަން ފޮރުވާފައި

މައްސަލައިގެ ބާވަތް: ނަސަބު ސާބިތުކުރުން

މައްސަލަ އައިގޮތް: އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 12 ޑިސެމްބަރު 2010

ނިމުނު ތާރީޚް: 30 ޖޫން 2011

މައްސަލަ ނިންމި ގަޑި: 15:10

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2008/HC-A/158

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 29 އޯގަސްޓް 2008

ނިމުނު ތާރީޚް: 17 މާރޗް 2010

މައްސަލައިގެ ޚުލާޞާ

[1]މި މައްސަލައަކީ ގއ. ގެމަނަފުށީ ކޯޓުގެ ނަންބަރު 05/P9-C/2000 ގެ ޤަޟިއްޔާގައި އެކޯޓުން ކޮށްފައިވާ ޙުކުމް ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެ މަތިން ރަނގަޅުނޫންކަމަށް ބުނެ ގއ. ގެމަނަފުށި ރީފްސައިޑް ނަން ފޮރުވާފައިގެ ފަރާތުން އެ ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުން ހައިކޯޓުން ބަލާފައިވާ ނަންބަރު 158/HC-A/2008 ގެ ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަ ނޫންގޮތަކަށް ކަމަށް ބުނެ ގއ. ގެމަނަފުށީ ރީފްސައިޑް ނަން ފޮރުވާފައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމަށް ހުށަހެޅުމުން ބަލާފައިވާ މި ކޯޓުގެ ނަންބަރު 2010/SC-A/31 ޤަޟިއްޔާއެވެ.

[2]ގއ. ގެމަނަފުށީ ކޯޓުގެ ނަންބަރު 05/P9-C/2000 ގެ ޤަޟިއްޔާގެ ދަޢުވާގެ ޚުލާޞާގައިވަނީ، "މިއީ ގއ. ގެމަނަފުށީ އުދަރެސް ފާޠިމާ މަނިކެ 1416 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 11 (09 ޖޫން 1995) ގައި 9 މަސް ފުރައި ވިހާފައިވާ އަންހެން ދަރިފުޅު ނަޝްމާގެ ނަސަބު ސާބިތުކުރުމަށް އެދި ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލައެކެވެ." މިހެންނެވެ.

[3]ގއ ގެމަނަފުށީ ކޯޓުގެ ނަންބަރު 05/P9-C/2000 ގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމްގައިވަނީ، " މިމައްސަލައިގައި ލިބިފައިވާ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ވިސްނައި ބެލުމަށްފަހު ގއ. ގެމަނަފުށީ އުދަރެސް ފާޠިމާ މަނިކެއާއި، ޢަބްދުލް ޢަޒީޒުއާ ދެމީހުން އެންމެފަހުން ކައިވެނިކުރިތާ ހިޖްރީ ގޮތުން 5 މަހާއި 19 ދުވަހުން ފާޠިމާ މަނިކެ ވިހެއި ދަރިފުޅު ނަޝްމާ ވިހާފައިވަނީ ނަން ފޮރުވާފައި ފާޠިމާ މަނިކެ އާއި، އެންމެފަހުން އިނދެ ވަރިކުރި ފަހުން 9 މަސް ފުރިހަމަކޮށް ވިހައިފައިވާ ދަރިއެއްކަމާއި، އުދަރެސް ޢަބްދުލް ޢަޒީޒުއާއި، ފާޠިމާ މަނިކެއާއި، ދެމީހުންގެ އެންމެ ފަހުގެ ކައިވެނީގެ ސެޓްފިކެޓްއާއި، ފޫޅުމާ ފޯމުން ސާބިތުވާކަމާއި އަދި ކުއްޖާއަކީ 9 މަހުގެ ކުއްޖެއް ކަމާއި، ކުއްޖާގެ ބަރުދަނަކީ 2 ކިލޯ 900 ގްރާމްކަމަށް ފޫޅުމާފޯމުން ސާބިތުވާތީ، ގއ. ގެމަނަފުށީ އުދަރެސް ފާޠިމާ މަނިކެ ނަން ފޮރުވާފައި ވަރިކުރިތާ 09 މަސް ފުރާ ވިހެއި ނަޝްމާ ކިޔާ ދަރިފުޅަކީ ނަން ފޮރުވާފައިގެ ދަރިއެއްނޫންކަމަށް ނަން ފޮރުވާފައި ޝަރީޢަތުގެ މަޖިލީހުގައި ބުނިކަމުގައިވިޔަސް ޝަރުޢީގޮތުން މިކުއްޖާ ވިހައިފައިވަނީ މުޙައްމަދު މަނިކަށް ދަރިލައްވާ މުއްދަތުގެ ތެރޭގައިކަމަށް ސާބިތުވާކަމަށްޓަކައި ފާޠިމާ މަނިކެ ވިހާފައިވާ ނަޝްމާއަކީ ގއ. ގެމަނަފުށީ ދަބުރުއްގޭ ނަން ފޮރުވާފައިގެ ދަރިއެއްކަމަށް މުޙައްމަދު މަނިކަށް އަންގައި ފާޠިމާ މަނިކެއާއި ޢަބްދުލް ޢަޒީޒުއާއި ދެމީހުން ކައިވެނިކޮށްފައިވަނީ ފާޠިމާ މަނިކެ ނަން ފޮރުވާފައިގެ ދަރިއަކަށް ބަލިވެ އިންދައި ކޮށްފައިވާ ކައިވެންޏަކަށްވާތީ ޢަބްދުލް ޢަޒީޒުއާއި ފާޠިމާ މަނިކެގެ ކައިވެންޏަކީ ބާޠިލު ކައިވެންޏެއްކަން ފާޠިމާ މަނިކެއާއި ޢަބްދުލް ޢަޒީޒުއަށް އަންގައި ޙުކުމްކޮށް މައްސަލަ ނިންމީއެވެ." މިހެންނެވެ.

[4]މި މައްސަލާގައި، ގެމަނަފުށީ ކޯޓުން ކުރި ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ޙުކުމް ގައި ވަނީ: "އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު ގއ. ގެމަނަފުށީ އުދަރެސް ފާޠިމާ މަނިކެ ވިހާފައިވާ ނަޝްމާއަކީ ގއ. ގެމަނަފުށީ ދަނބުރުއްގޭ ނަން ފޮރުވާފައިގެ ދަރިއެއްކަމަށް މުޙައްމަދު މަނިކަށް އަންގަވައި ގއ. ގެމަނަފުށީ ކޯޓުގެ ނަންބަރު 05/P9-C/2000 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާބެހޭ ބައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބެލެވޭނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު

[5]އެ ޤަޟިއްޔާގައި ކުރައްވާފައިވާ މި ޙުކުމާބެހޭ ބަޔަށް ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށްފީމެވެ." މިހެންނެވެ.

ފާހަގަ ކުރެވުނު ނުކުތާތައް.

[6]މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ގއ. ގެމަނަފުށީ ކޯޓުގެ ނަންބަރު 05/P9-C/2000 ގެ ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 158/HC-A/2008 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، މި މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ އެހެނިހެން ލިޔެކިއުންތަކަށް ރިޢާޔަތްކޮށް ބެލުމުން އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.

[7](ހ) ފުރަތަމަ ކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 158/HC-A/2008 ގެ ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށް ބުނެ ނަން ފޮރުވާފައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް އިލްތިމާސްކޮށްފައިވަނީ މައިގަޑު 5 ނުކުތާއެއްގެ މައްޗަށްކަން އެނގެން އޮންނަ އޮތުމެވެ. އެއީ:

[8]1. އިސްލާމީ ޝަރީޢަތުގެ ހަމަތަކުގެ މަތިން އަދި ޤާނޫނު ނަންބަރު 0200/4 ޢާއިލާއާބެހޭ ޤާނޫނުގެ 52 ވަނަ މާއްދާގެ ދަށުން ދަރިލައްވާ އެންމެ ދިގުމުއްދަތަކީ 1 އަހަރުކަމަށް އޮންނަ އޮތުމަކީ އެމުއްދަތުގައި އެދެމެދަށް އެހެން މީހަކު ނުވަންނަނަމަ ދަރިލައްވާނެ އެންމެ ދިގު މުއްދަތުކަމަށް އޮންނަ އޮތުމެއްކަމަށާއި، މިހަމައިން ބަލާއިރު، ހައިކޯޓުން ދަށުކޯޓުގެ ޙުކުމަށް ތާއީދުކޮށް ނިންމާފައިވާ ނިންމުމަކީ މި އުޞޫލާ ފުށުއަރާ ނިންމުމެއްކަމަށް ބުނެ ފާހަގަ ކޮށްފައިވާ ނުކުތާ.

[9]2. ނެޗުރަލް ޖަސްޓިސްގެ ހަމަތަކުން ބަލާއިރު، އެހެން މީހަކު ކުރި ކުށެއްގެ ޒިންމާ އަނެކާ އުފުލަން ނުޖެހޭނެކަމަށާއި، އެހެންކަމާއެކު ނަން ފޮރުވާފައި ޢިއްދަ ހަމަނުކޮށް އެހެންމީހަކާ އިނދެފައިވުމަކީ ނަން ފޮރުވާފައި ވިހެއި ދަރިއަކީ ނަން ފޮރުވާފައިގެ ދަރިއެއްކަމާމެދު ޝައްކުއުފެދޭ ކަމެއްކަމަށާއި، އިސްލާމީ ޝަރީޢަތުގައި ވަރިކުރި ފިރިމީހާގެ ޢިއްދައިގައި އަންހެން މީހާ އިނުމަށް އަންގާފައިވަނީ ހަށިހުސްތޯ ބެލުމަށްކަމަށާއި ދިވެހިރާއްޖޭގެ ކޯޓުތަކުން ކައިވެނި ކޮށްދޭ އުޞޫލަކީވެސް ޢިއްދަ ހަމަކުރިކަމުގެ ސެޓްފިކެޓް ގެނައުމުގެ ކުރިން ކައިވެނިކޮށް ނުދިނުންކަމަށާއި ޢިއްދަ ހަމަނުކޮށް ކައިވެނިކުރި ހިސާބުން ފެށިގެން ނަން ފޮރުވާފައިގެ ދަރިއެއް ނަން ފޮރުވާފައިގެ ބަނޑުގައި ނޯންނާނެކަމަށް ބަލަންޖެހޭކަމަށާއި އެސަބަބުތައް އެހެން ހުރުމާއެކު ނަން ފޮރުވާފައިގެ ބަނޑުގައި އޮތީ ނަން ފޮރުވާފައިގެ ދަރިއެއްކަމަށް ނަން ފޮރުވާފައި ބުނިކަމުގައިވިޔަސް އެދަރިފުޅަކީ ނަން ފޮރުވާފައިގެ ދަރިއެއްކަމަށް މުޙައްމަދު މަނިކަށް ޤަބޫލުނުކުރެވޭނެކަމަށް ބުނެ ފާހަގަ ކޮށްފައިވާ ނުކުތާ.

[10]3. ނަން ފޮރުވާފައި ނަން ފޮރުވާފައި ވަރިކުރުމުން ނަން ފޮރުވާފައި އިނީ ޢަބްދުލް ޢަޒީޒުގެ ގޭގައި ކަމަށްވާތީއާއި، ޢަބްދުލް ޢަޒީޒަކީ ނަން ފޮރުވާފައި ތިންފަށްކުރި މީހާކަމަށް ބުނެ ފާހަގަކުރި ނުކުތާ.

[11]4. ފޫޅުމާ ފޯމުގައި ސޮއިކޮށްފައިވަނީ ޢަބްދުލްޢަޒީޒުކަމަށާއި މި ސޮއިކުރިކުރުމުން އެދަރިފުޅަކީ ޢަބްދުލްޢަޒީޒުގެ ދަރިއެއްކަމަށް ޢަބްދުލްއަޒީޒު އެއްބަސްވާކަން ދަލާލަތުކުރާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާ.

[12]5. 19 އޮގަސްޓް 1994 ގައި ނަން ފޮރުވާފައި ވަރިކުރުމުން ކޯޓުން ހަދާދީފައިވާ ވަރީގެ ސެޓްފިކެޓްގައި ނަން ފޮރުވާފައި އިން ޙާލަތެއް ނަން ފޮރުވާފައިއަށް ނޭނގޭކަމަށް ބަޔާންކޮށްފައިވާކަމަށާއި، އޭގެ ފަހުން 4 މަހާއި 6 ދުވަސްފަހުން އެހެންމީހަކާ ކައިވެނި ކުރިއިރުވެސް އޭނާ އިން ޙާލަތު ނޭނގޭކަމަށް ހައިކޯޓަށް ދީފައިވާ ބަޔާނުން އެނގެން އޮންނައިރު ކޯޓުން ކައިވެނިކޮށްދެނީ ހަށިހުސްކަން ޔަޤީންކޮށްދިނުމުން ކަމަށްވާއިރު، ނަން ފޮރުވާފައި ދޮގުހަދާކަން ސާބިތުވާތީއާއި، ނަން ފޮރުވާފައިގެ ގާތުން ވަރިވެގެން ގޮސް ޢަބްދުލް ޢަޒީޒުގެ ގޭގައި އިން އިނުމުގައި އެދެމީހުންގެ ދެމެދުގައި ގުޅުމެއް ނުހިނގާކަން އެނގެންނެތުމުން މި ދަރިފުޅަކީ ނަން ފޮރުވާފައިގެ ދަރިއެއްކަމާމެދު އިންކާރުކުރާކަމަށް ބުނެ ނަން ފޮރުވާފައި ފާހަގަކޮށްފައިވާ ނުކުތާ.

[13](ށ) ދެވަނަ ކަމަކީ، އިސްލާމީ ޝަރީޢަތުގައި ނަސަބު ސާބިތުވާ ސަބަބަކީ "ފިރާޝް" ނުވަތަ ކާވެނީގެ ސައްޙަ ޢަޤްދުކަމާއި މިގޮތުން ދަރިލައްވާ އެންމެ ކުރު މުއްދަތަކީ ހަމަސް ދުވަސް ކަމާއި އަދި ވަރިކޮށްފައިވާނަމަ ދަރިލައްވާ މުއްދަތަކީ ވަރިކުރި ތާރީޚުން ފެށިގެން ހިޖްރީ ގޮތުން އެއްއަހަރުގެ ތެރޭގައި ވިހެއުން ކަން ޤާނޫނު ނަންބަރު 0200/4 ޢާއިލާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެފައި އޮތުމާއި ނަން ފޮރުވާފައި ހުށަހަޅާފައިވާ މިމައްސަލައަށް ބަލާއިރު، މުޙައްމަދު މަނިކާއި ނަން ފޮރުވާފައި 3 ރަބީޢުލްއައްވަލް 1415 ގައި ޞައްޙަ ކައިވެންޏެއްކުރުމަށްފަހު، 11 ރަބީޢުލްއައްވަލް 1415 ގައި ވަރިކޮށްފައިވާކަމާއި، ވަރިކުރިއިރު ނަން ފޮރުވާފައި އިނީ ބަލިވެކަން ނުވަތަ ނޫންކަމެއް އޭނާއަށް ނޭނގޭކަމަށް ވަރީގެ ސެޓްފިކެޓްގެ ނަކަލުގައި ބަޔާންކޮށްފައިވާކަމާއި ނަން ފޮރުވާފައި ނަން ފޮރުވާފައި ވަރިކުރިފަހުން ހިޖްރީ ގޮތުން 4 މަހާއި 11 ދުވަސް ހަމަކޮށް 22 ރަޖަބް 1415 ގައި ޢަބްދުލް ޢަޒީޒުއާ ކައިވެނިކޮށްފައިވާއިރު، މި ކައިވެނިކުރިތާ 5 މަހާއި 19 ދުވަހުން އަދި ނަން ފޮރުވާފައި ނަން ފޮރުވާފައި ވަރިކުރި ފަހުން ހިޖްރީ ގޮތުން 10 މަސް ފުރުނު ދުވަހު ނަން ފޮރުވާފައި ދުވަސްފުރާ ދަރިއަކު ވިހާފައިވުމުން، މި ދަރިފުޅަކީ ދަރިލައްވާ އެންމެ ކުރު މުއްދަތުކަމަށްވާ ހިޖްރީ ގޮތުން 6 މަސް ޢަބްދުލްޢަޒީޒާއި ނަން ފޮރުވާފައި ކައިވެނިކުރިފަހުން ހަމަނުވެ، ވިހާފައިވާ ދަރިއެއްކަމާއި، ދަރިލައްވާ އެންމެ ދިގުމުއްދަތުކަމަށްވާ ހިޖްރީ 1 އަހަރު ނަން ފޮރުވާފައި ނަން ފޮރުވާފައި ވަރިކުރިފަހުން ހަމަނުވެ ވިހާފައިވާ ދަރިއެއްކަން އެނގެން އޮންނަ އޮތުމެވެ.

[14](ނ) ތިންވަނަ ކަމަކީ، ވަރިކުރި އަންހެނާގެ ޢިއްދައަކީ ބަލިވެ އިންނަމަ، ވިހެއުންކަމަށް އަދި ޢިއްދާގައި ކުރާކާވެންޏަކީ އޭގެ އަޞްލުގައި ބާޠިލު ކާވެނި ޢަޤްދަކަށްވާއިރު، ނަން ފޮރުވާފައި ޢަބްދުލް ޢަޒީޒާއި ކައިވެނިކުރިތާ 5 މަހާއި 19 ދުވަހުން 9 މަސް ފުރިހަމަކޮށް ދަރިއަކު ވިހާފައިވުމުން ނަން ފޮރުވާފައިއާއި ޢަބްދުލް ޢަޒީޒު ކައިވެނިކޮށްފައިވަނީ ނަން ފޮރުވާފައި ބަލިވެއިނދެ ވިހެއުމުގެ ކުރިންކަމަށްވާތީ، އެކައިވެންޏަކީ ބާޠިލުކައިވެންޏެއްކަމަށް ގއ. ގެމަނަފުށީ ކޯޓުގެ ނަންބަރު 05/P9-C/2000 ގެ ޤަޟިއްޔާގެ ޙުކުމުން އެނގެންއޮވެފައި، ދަރި ނަފީކުރެވޭ ފަދަ ސަބަބެއް ނެތި، ނަން ފޮރުވާފައި ވިހާފައިވަނީ މުޙައްމަދު މަނިކަށް ދަރިލައްވާ މުއްދަތުގައިކަން އެނގެން އޮންނައޮތުމެވެ.

[15](ރ) ހަތަރުވަނަކަމަކީ، ނަން ފޮރުވާފައި ޢަބްދުލްޢަޒީޒުއާ ކައިވެނިކުރުމަށް ހަށިހުއްދަކަމަށް ބުނެފައިވީނަމަވެސް، ހައިކޯޓުގައި ޢަބްދުލްޢަޒީޒުއާ ކައިވެނިކުރިއިރު، ބަލިވެއިންކަން ނޭނގޭ ކަމަށްބުނެފައިވުމުން ނަން ފޮރުވާފައި ދޮގުހަދާކަން ސާބިތުވާކަމަށާއި، ހަށިހުއްދަކަމަށް ބުނެ ކައިވެންޏެއް ކުރުމުގެ ސަބަބުން އޭގެ ފަހުން ނަން ފޮރުވާފައި ވިހާދަރިއަކަށް ޒިންމާވާންނުޖެހޭނެކަމަށް ނަން ފޮރުވާފައި ބުނިނަމަވެސް، ނަން ފޮރުވާފައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ދީގެން ޢަބްދުލްޢަޒީޒާއި ކައިވެނިކުރުމަކީ މި ދަރިފުޅުގެ ނަސަބު ނަފީކުރެވޭނެ ދަލީލެއް ނޫންކަމާއި، ޙަޤީޤަތާ ޚިލާފު މަޢުލޫމާތުގެ ސަބަބުން އަސަރުކޮށްފައިވަނީ އެ މައްޗަށް ބިނާވެގެން ކުރެވުނު ޢަބްދުލްޢަޒީޒާއި، ނަން ފޮރުވާފައިގެ ކައިވެންޏަށްކަމުން އެކައިވެނި ބާޠިލުކޮށްފައިވާކަން ގއ. ގެމަނަފުށީ ކޯޓުގެ ނަންބަރު 05/P9-C/2000 ގެ ޤަޟިއްޔާއިން އެނގެން އޮންނަ އޮތުމެވެ.

[16](ބ) ފަސްވަނަކަމަކީ، ނަސަބު ސާބިތުކުރުމަށް ހުށަހަޅާފައިވާ ނަން ފޮރުވާފައިގެ މިދަރިފުޅުގެ ފޫޅުމާ ފޯމުގައި ކުއްޖާގެ ބައްޕަކަމުގައި ޢަބްދުލް ޢަޒީޒު ސޮއިކޮށްފައި އޮންނާތީ މި ދަރިފުޅުގެ ބައްޕައަކީ ޢަބްދުލް ޢަޒީޒުކަމަށް ޢަބްދުލް ޢަޒީޒު އިޤްރާރުވެފައިވާކަމަށް ބަލަން ޖެހޭ ސަބަބެއްކަމަށް ނަން ފޮރުވާފައި ބުނެފައިވާއިރު، ޝަރީޢަތުގައި ނަސަބު ސާބިތުކުރުމަށް ވަކިހަމަތަކެއް ހަމަޖެހިފައިވާއިރު، އިދާރީ ބޭނުމަކަށް ފުރާ ފޯމެއްގައި ދީފައިވާ މަޢުލޫމާތުގެ ސަބަބުން ނަސަބު ސާބިތުކުރުމަށް ޝަރީޢަތުގައި ހަމަޖެހިފައިވާ އުޞޫލުތަކަށް ބަދަލެއް ނާންނާނެކަމާއި، ޝަރުޢީ ހަމަތަކުން ނަސަބު ސާބިތުކުރުމުގައި ކޯޓުން ބަލަންޖެހެނީ ޝަރުޢީ އުޞޫލުތަކަށްކަމާއި، އިދާރީ ބޭނުމަށް ހަދާފައިވާ މަޢުލޫމާތު ފޯމެއްގައި ދީފައިވާ މަޢުލޫމާތު ސައްޙަކަމަށް ނުވާނަމަ އެކަމަކާމެދު ފިޔަވަޅު އެޅުމަކީ ވަކި މައްސަލައެއްކަމަށްވާތީ، ޢަބްދުލް ޢަޒީޒު ސޮއިކޮށްފައިވާ ފޫޅުމާފޯމަކީ ޝަރުޢީ ހަމަތަކާ ޚިލާފަށް އެދަރިފުޅުގެ ނަސަބު ޢަބްދުލްޢަޒީޒަށް ނިސްބަތްވާނެ ސަބަބެއްކަމަށް ބެލެވެން ނެތްކަން އެނގެން އޮންނައޮތުމެވެ.

[17](ޅ) ހަވަނަކަމަކީ، މުޙައްމަދު މަނިކަކީ އާމިނަތު ނަޝްމާގެ ބައްޕަނޫންކަމަށްބުނެ ދަރި ނަފީކުރުމަށް ލިޢާންކުރުމަށް ބޭނުންކަމަށް ހުށަހެޅި ނަމަވެސް، އިސްލާމީ ޝަރީޢަތުގައި ލިޢާނު ދެވެނީ ވަކި ހަމަތަކެއްގެ މަތިން ކަމަށްވެފައި މިމައްސަލައަކީ ޝަރުޢީ ގޮތުން ލިޢާން ދޭންޖެހޭ ބާވަތުގެ މައްސަލައެއް ނޫންކަން ފާހަގަކުރެވިފައިވުމެވެ.

ޙުކުމް:

[18]އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެހެން ހުރުމާއި އެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 158/HC-A/2008 ގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ކަނޑައެޅޭނެ ތަނެއް ނެތް ކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 158/HC-A/2008 ގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމީއެވެ.

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ށ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ