ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2010/SC-AD/28

ރައްޔިތުންގެ މަޖިލިސް

ސުޕްރީމް ކޯޓުރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކުން އަންގާ…
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 10 މާރިޗު 2011ބާވަތް: އިސްތިޝާރީ ލަފާ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
މި މައްސަލައަކީ ދަށު ކޯޓަކުން ބަލާފައިވާ މައްސަލައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤަރާރަކުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ ލަފާ ހޯދުމަށް އެދި ހުށަހެޅި މައްސަލައެކެވެ.
ވާޤިޢާ
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ހާޒިރުވުމަށް މަޖިލީހުގެ އިދާރާއިން ޗީފް އޮފް ޑިފެންސް ފޯސްއަށާއި ކޮމިޝަނަރ އޮފް ޕޮލިސްއަށް އެންގުމުން، ދެ ފަރާތުންވެސް އެކަމަށް އިންކާރުކުރިއެވެ. އެހެންކަމުން، ސަލާމަތީ ޚިދުމަތްތަކާއި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ހާޒިރުވުމަށް އަންގާ އެންގުންތަކާ މެދު ޢަމަލުކުރަންޖެހޭ ގޮތާ ބެހޭ ލަފާ މަޖިލީހުން ހޯދިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސަލާމަތީ ޚިދުމަތްތަކާއި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ މަޤާމުތަކުގައި ތިބި މީހުން ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް އަންގާ އެންގުމާ އެއްގޮތަށް ހާޒިރުވެ ޖަވާބުދާރީވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން އެމީހުންގެ މައްޗަށް ލާޒިމުކުރާ ކަމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
މަޖިލީހުގެ ޤަރާރުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަކީ ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާގޮތް ބަލާ ކޮމިޓީއެއްކަމަށާއި، ޑިފެންސް ފޯސްއާއި ޕޮލިސް ސަރވިސްއާ ބައްދަލުކޮށް ސުވާލުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 104 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ކޮމިޓީގެ މަސްއޫލިއްޔަތެއްކަމަށެވެ. އެހެން ފަރާތެއްގެ ހުށަހެޅުމެއް ލަފާގައި ބަޔާންކޮށްފައެއް ނުވެއެވެ.
ކޯޓުގެ ސަބަބުތައް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 238 ވަނަ މާއްދާއާއި 239 ވަނަ މާއްދާގެ (ށ) ގެ ދަށުން ސަލާމަތީ ޚިދުމަތްތައް ޖަވާބުދާރީވާންޖެހޭކަމާއި، އެ ޚިދުމަތްތަކުގެ މައްޗަށް މަޖިލީހުގެ ބާރު ހިނގާކަން ކޯޓުން ފާހަގަކުރިއެވެ. ޤާނޫނުއަސާސީގެ 242 ވަނަ މާއްދާގެ ދަށުން ވަޒީރު ޖަވާބުދާރީވުމަކީ އެހެން މުވައްޒަފުން ޖަވާބުދާރީވުން ނަފީކުރާ ކަމެއް ނޫންކަމާއި، ޤާނޫނުއަސާސީގެ 98 ވަނަ މާއްދާއާއި 99 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ މަޤާމެއްގައި ހުރި ކޮންމެ މީހަކަށް ހާޒިރުވުމަށް އެންގުމަކީ މަޖިލީހަށް ލިބިދީފައިވާ ދުސްތޫރީ ބާރެއްކަން ކޯޓުން ކަނޑައެޅިއެވެ.

ނިންމުން

ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކުން އަންގާ…

ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކުން އަންގާ އެންގުމާ އެއްގޮތަށް ހާޒިރުވެ ޖަވާބުދާރީވުމަކީ ދިވެހި ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބި ފަރާތްތަކާއި، ޤާނޫނުއަސާސީގެ 7 ވަނަ ބާބުގައި ބުނެފައިވާ ފަރާތްތަކާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މަޤާމެއްގައި ހުރި ކޮންމެ މީހަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަޤާމެއްގައި ހުރި ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 98 ވަނަ މާއްދާއާއި 99 ވަނަ މާއްދާއިން ލާޒިމުވެގެންވާ ކަމެއްކަމަށް ސުޕްރީމް ކޯޓުގެ އެންމެހައި ފަނޑިޔާރުންގެ އިއްތިފާޤުން ލަފާދިން.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާގޮތް ބަލަމުން ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއް އޮންނަންވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 241 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ ސަރުކާރުގެ އިދާރާތައް ކަމަށްވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ބައްދަލުކޮށް، އެއިދާރާތަކުން ހިންގާ ކަންކަމާބެހޭ ގޮތުން މަޢުލޫމާތު ހޯދައި ސުވާލުކޮށް، އެއިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރަމުންދާގޮތް ބަލައި، އިޞްލާޙު ކުރަންޖެހޭ ކަންކަން ބަޔާންކޮށްދިނުމަކީ އެކޮމިޓީގެ މަސްއޫލިއްޔަތެއްކަން ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 104 ވަނަ މާއްދާގެ (ރ) އިން އެނގެއެވެ.

HN2 ސަލާމަތީ ޚިދުމަތްތަކުން މަސައްކަތްކުރަންވާނީ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން، ޖަވާބުދާރީވަނިވި ގޮތެއްގައި ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 238 ވަނަ މާއްދާގައި ބަޔާންކުރުމަށްފަހު، ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިންގޭނެކަމަށް ޤާނޫނުއަސާސީގެ 239 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެފައި އޮތުމުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެންމެހައި ޢަމަލުތައް ޤާނޫނުއަސާސީއާއި ޤާނޫނުގެ އިމުގެ ތެރޭގައި ބެހެއްޓުން ޔަޤީންކުރުމަށްޓަކައި ބަލަންޖެހޭ ކަންތައްތައް ބެލުމާއި، އެ ދެމުއައްސަސާއިން ހިންގާ ކަންކަމާބެހޭގޮތުން ޖަވާބުދާރީކުރުމަކީ ރައްޔިތުންގެ މަޖިލީހަށާއި އެމަޖިލީހުން އުފައްދާފައިވާ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ލިބިދީފައިވާ ބާރެއްކަން ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ (ހ) އާއި އެމާއްދާގެ (ށ) އިން އެނގެއެވެ.

HN3 ސަލާމަތީ ޚިދުމަތެއްގެ ކަންކަމާގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ވަޒީރަކު ޖަވާބުދާރީވުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 242 ވަނަ މާއްދާއިން ލާޒިމްކޮށްފައިވުމަކީ، ސަރުކާރުގެ އެހެނިހެން އިދާރާތަކާއި ސަރުކާރުގެ މަޤާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، އެމީހަކު އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އެމީހަކާ ކުރެވޭ ސުވާލުތަކަށް ޖަވާބުދާރީވުން ނަފީކުރާ ކަމެއް ނޫނެވެ.

HN4 ވަޒީރުންގެ މަޖިލީހުގެ މެންބަރުން ނޫނަސް ސަރުކާރުގެ މަޤާމެއްގައި ހުރި ކޮންމެ މީހަކަށްމެ ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 98 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަންކަމާ ގުޅިގެން ޖަވާބުދާރީވުމަށް އެންގުމާއި ޖަވާބުދާރީ ކުރުވުމަކީ ޤާނޫނުއަސާސީގެ 98 ވަނަ މާއްދާއާއި 99 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހާއި އެމަޖިލީހުގެ ކޮމިޓީތަކާ ޙަވާލުވެފައިވާ ދުސްތޫރީ މަސްއޫލިއްޔަތެކެވެ. އަދި އެކަމާމެދު އިޢުތިރާޒުކުރެވިދާ ފަދަ ޤާނޫނީ ހަމައެއް ނެތެވެ.

HN5 މުއައްސަސާތަކަށާއި އެ މުއައްސަސާތަކުގެ މަޤާމެއްގައި ހުރި ކޮންމެ މީހަކަށާއި ވަކިވަކި ފަރުދުންނަށް ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް އެންގުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށާއި އެމަޖިލީހުގެ ކޮމިޓީތަކަށް ލިބިދީފައިވާ ދުސްތޫރީ ބާރެކެވެ.

HN6 ސަލާމަތީ ޚިދުމަތްތަކަކީ އެޚިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިނގާނެ ތަންތަންކަން ޤާނޫނުއަސާސީގެ ޞަރީޙަ ނައްޞުން އެނގެން އޮތުމުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މަޤާމެއްގައި ހުރި ކޮންމެ މީހަކާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަޤާމެއްގައި ހުރި ކޮންމެ މީހެއްގެ މައްޗަށްމެ ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބާރު ހިނގާނެއެވެ.

HN7 ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކުން އަންގާ އެންގުމާ އެއްގޮތްވާގޮތުގެ މަތިން ހާޒިރުވެ، ޖަވާބުދާރީވުމަކީ ދިވެހި ސަރުކާރުގެ އެކި އެކި މަޤާމުތަކުގައި ތިބި ފަރާތްތަކާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 7 ވަނަ ބާބުގައި ބުނެފައިވާ ފަރާތްތަކާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މަޤާމެއްގައި ހުރި ކޮންމެ މީހަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަޤާމެއްގައި ހުރި ކޮންމެ މީހެއްގެ މައްޗަށް ޤާނޫނުއަސާސީގެ 98 ވަނަ މާއްދާއާއި 99 ވަނަ މާއްދާއިން ލާޒިމުވެގެންވާ ކަމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
އަޙްމަދު ފާއިޒު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފް، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، އަޙްމަދު މުޢުތަޞިމް ޢަދުނާން
ރިޔާސަތު
އަޙްމަދު ފާއިޒު ޙުސައިން
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 95 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ދޭ ލަފާ

މައްސަލައިގެ ޚުލާޞާ

[1]ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން، އެކުލަވާލާފައިވާ "ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ" އަކީ ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާގޮތް ބަލަމުންގެންދިއުމުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީކަމަށާއި އެކޮމިޓީގެމަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ހިމެނޭކަމަށާއި އެ އިދާރާތަކާ ބައްދަލުކޮށް، އެ އިދާރާތަކުންހިންގާ ކަންކަމާބެހޭ ގޮތުން މަޢުލޫމާތު ހޯދައި ސުވާލުކޮށް، އެ އިދާރާތަކުން ކުރަންޖެހޭ ކަންކަންކުރަމުންދާގޮތް ބަލައި، އިޞްލާޙު ކުރަންޖެހޭ ކަންކަން ބަޔާންކޮށް ދިނުމަކީ "ރައްޔިތުންގެ މަޖިލީހުގެސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ" ގެ މަސްއޫލިއްޔަތެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 104ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާއިރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލު އަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮމިޝަނަރއޮފް ޕޮލިސް އަޙުމަދު ފަސީޙު އަށް އެ ކޮމިޓީއަށް ހާޒިރުވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންއެންގުމުން، އެ ދެފަރާތުންވެސް އެކަމަށް އިންކާރުކޮށްފައިވާތީ، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކާއި،ސަރުކާރާއި، ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ މީހުން ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް އަންގާ އެންގުންތަކާމެދު ޢަމަލު ކުރަންޖެހޭ ގޮތަކާމެދު، 22 ނޮވެމްބަރ2010 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 03 ވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، ޤާނޫނު އަސާސީގެ95 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރަކުން ދިވެހިރާއްޖޭގެސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް އެދި، ރައްޔިތުންގެ މަޖިލީހުން ހުށަހެޅި ހިނދު؛

[2]މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 17 ވީ ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގައި ޢަމަލުކުރަން ފެށުނު ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީއަށް ރިޢާޔަތްކޮށް، މި މައްސަލާގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެންމެހައި ފަނޑިޔާރުން ޤާނޫނީ ނަޒަރަކުން ވިސްނާބެލުމަށްފަހު، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ފާހަގަކުރެވިފައިވާ ކަންތައްތައް ތިރީގައި އެވަނީއެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

(ހ) ފުރަތަމަކަމަކީ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ"ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު" ގެ ޖަދުވަލު 2 ގައި ބުނެފައިވާ ކޮމިޓީތަކުގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަކީ، އެކޮމިޓީއާ ގުޅޭގޮތުން ބަޔާންކޮށްފައިވާ ސަރުކާރުގެ އިދާރާތަކުގެ ތެރެއިން،ސަލާމަތީ ޚިދުމަތްތަކުން ހިންގާ ކަންކަން ބެލުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ކޮމިޓީކަމާއި،ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާގޮތް ބަލަމުން ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއް އޮންނާން ވާނެކަމަށް، ޤާނޫނުއަސާސީގެ 241 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއިރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 104 ވަނަ މާއްދާގެ (ރ) އިން އެނގެނީ އެ ޤަވާޢިދުގެ ޖަދުވަލު 2 ގައި ހިމެނޭ ކޮމިޓީތަކުގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭސަރުކާރުގެ އިދާރާތައް ކަމަށްވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސްސަރވިސްއާ ބައްދަލުކޮށް އެއިދާރާތަކުން ހިންގާ ކަންކަމާބެހޭ ގޮތުން މަޢުލޫމާތު ހޯދައި ސުވާލުކޮށްއެއިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރަމުންދާގޮތް ބަލައި އިޞްލާޙު ކުރަންޖެހޭ ކަންކަން ބަޔާންކޮށްދިނުމަކީ އެކޮމިޓީގެ މަސްއޫލިއްޔަތެއްކަމެވެ.

(ށ) ދެވަނަކަމަކީ ސަލާމަތީ ޚިދުމަތްތަކުން މަސައްކަތް ކުރާންވާނީ އަދި އެ ތަންތަނުންހިންގާ ހުރިހައި ކަމެއްމެ ހިންގަންވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނާއެއްގޮތްވާގޮތުގެ މަތީން، ޖަވާބުދާރީވަނިވި ގޮތެއްގައި ކަމަށް ޤާނޫނުއަސާސީގެ 238 ވަނަ މާއްދާގައިބަޔާންކުރުމަށްފަހު، ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިންގޭނެކަމަށްޤާނޫނުއަސާސީގެ 239 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެފައި އޮތުމަކީ، ދިވެހިރާއްޖޭގެ ސަލާމަތީޚިދުމަތްތަކުގައި ހިމެނޭ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ،ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ދަށުން ޙަވާލުވެފައިވާ އެންމެހައި ކަންކަން އެފަރާތްތަކުން ކުރަމުންދަނީޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާގޮތަށްކަން ނުވަތަ ނޫންކަން ކަށަވަރުކޮށް، ދިވެހިރާއްޖޭގައިސަލާމަތީ ޚިދްމަތްތައް ފޯރުކޮށްދޭ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް ޕޮލިސްސަރވިސްގެ އެންމެހައި ޢަމަލުތައް ޤާނޫނުއަސާސީއާއި ޤާނޫނުގެ އިމުގެ ތެރޭގައި ބެހެއްޓުންޔަޤީންކުރުމަށްޓަކައި ބަލަންޖެހޭ ކަންތައްތައް ބެލުމާއި، އަދި އެ ދެމުއައްސަސާ އިން ހިންގާ ކަންކަމާބެހޭގޮތުން ޖަވާބުދާރީ ކުރުމަކީ ރައްޔިތުންގެ މަޖިލީހަށާއި އެމަޖިލީހުން އުފައްދާފައިވާ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ލިބިދީފައިވާ ބާރެއްކަން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 99 ވަނަ މާއްދާގެ (ހ) އާއި އެމާއްދާގެ (ށ) އިން ރަނގަޅަށް އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަކަމަކީ ސަލާމަތީ ކޮންމެ ޚިދުމަތެއް ހިންގާންވާނީ ވަޒީރުންގެ މަޖިލީހުގެމެންބަރެއްގެ ބެލުމުގެ ދަށުންކަމަށާއި އެވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާގުޅިގެން ރައީސުލްޖުމުހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އެވަޒީރަކު ޖަވާބުދާރީވުން ޤާނޫނުއަސާސީގެ242 ވަނަ މާއްދާއިން ލާޒިމްކޮށްފައިވުމަކީ، ސަރުކާރުގެ އެހެނިހެން އިދާރާތަކާއި ސަރުކާރުގެ މަޤާމެއްގައިހުރި މީހަކު ރައްޔިތުންގެ މަޖިލީހުން ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ގޮތެއްގެމަތީންރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުން އެކުލަވާލާފައިވާ ވަކި ކޮމިޓީއަކަށް އެމީހަކު ހާޒިރުވެ، އެމީހަކުއަދާކުރާންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން، އެމީހަކާކުރެވޭ ސުވާލުތަކަށް ޖަވާބުދާރީވުން ނަފީކުރާކަމެއްނޫންކަން، ޤާނޫނުއަސާސީގެ 98 ވަނަމާއްދާގެ (ހ) އަށް ބެލުމުން އެނގޭކަމާއި، އެހެން ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެއެހެންވެސް މަޤާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއި، އެމީހަކު އަދާކުރާންޖެހޭޒިންމާއާއި މަސްއޫލިއްޔައްތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން، އެމީހަކާކުރެވޭސުވާލުތަކަށް ތެދުބަހުން ޖަވާބު ދިނުމަށާއި، އެމީހަކު އަދާކުރާންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން އެމީހަކާކުރެވޭ ސުވާލުތަކަށް ތެދުބަހުންޖަވާބުދިނުމަށް ރައްޔިތުންގެ މަޖިލީހުން އެމީހަކަށް އެންގިދާނެކަމަށް ޤާނޫނުއަސާސީގެ 98 ވަނަ މާއްދާގެ(ހ) ގައި ޞަރީޙަ ބަހުން ބުނެފައިވާތީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުން ނޫނަސް ސަރުކާރުގެމަޤާމެއްގައި ހުރި ކޮންމެ މީހަކަށްމެ ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ،ޤާނޫނުއަސާސީގެ 98 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަންކަމާ ގުޅިގެން ޖަވާބުދާރީވުމަށް އެންގުމާއިޖަވާބުދާރީ ކުރުވުމަކީ ޤާނޫނު އަސާސީގެ 98 ވަނަ މާއްދާއާއި 99 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި އެމަޖިލީހުގެ ކޮމިޓީތަކާ ޙަވާލުވެފައިވާ ދުސްތޫރީ މަސްއޫލިއްޔަތެއްކަމާ، އަދި އެކަމާމެދު އިޢުތިރާޒުކުރެވިދާ ފަދަ ޤާނޫނީ ހަމައެއްނެތްކަން އެނގެން އޮންނަ އޮތުމެވެ.

(ރ) ހަތަރުވަނަކަމަކީ، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، އެމަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން ހެކިބަސްދިނުމަށާއި ރައްޔިތުންގެ މަޖިލީހުންބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށާއި ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކާކުރާ ކޮންމެ ސުވާލަކަށްމެ، އެމީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބު ދޭންވާނެކަމަށް ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރުމަށްފަހު، ހަމަ މިމާއްދާގެ (ށ) ގައި ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުމަކީ އެމަޖިލީހަށް ލިބިގެންވާ ބާރެއްކަމަށް ބަޔާންކޮށްފައިވުމުން، މުއައްސަސާތަކަށާއި އެ މުއައްސަސާތަކުގެ މަޤާމެއްގައި ހުރި ކޮންމެ މީހަކަށާއި ވަކި ވަކި ފަރުދުންނަށް ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް އެންގުމަކީ ރައްޔިތުންގެ މަޖިލީހަށާއި އެމަޖިލީހުގެ ކޮމިޓީތަކަށް ލިބިދީފައިވާ ދުސްތޫރީ ބާރެއްކަން އެނގޭ ހިނދު، އިސްވެބަޔާންކުރެވުނު ފަދައިން ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަކީ އެޚިދުމަތްތަކުގެ މައްޗަށްރައްޔިތުންގެ މަޖިލީހުގެ ބާރު ހިނގާނެ ތަންތަންކަން، ޤާނޫނުއަސާސީގެ ޞަރީޙަ ނައްޞުން އެނގެންއޮތުމުން، ދިވެހިރާއްޖޭ ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މަޤާމެއްގައި ހުރި ކޮންމެ މީހަކާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަޤާމެއްގައި ހުރި ކޮންމެ މީހެއްގެމައްޗަށްމެ ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބާރުހިނގާނެކަން އެނގެން އޮންނަކަމެވެ.

[3]ދެންފަހެ، އިސްވެބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތީން ހުރުމާއެކު ދިވެހިރާއްޖޭގެޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާއަށާއި 88 ވަނަ މާއްދާއަށާއި 98 ވަނަ މާއްދާއަށާއި 99ވަނަ މާއްދާއަށާއި 237 ވަނަ މާއްދާއަށާއި 238 ވަނަ މާއްދާއަށާއި 239 ވަނަ މާއްދާގެ (ށ) އަށާއި 241 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން ދިވެހިރާއްޖޭގެ އަމިއްލަ ވެރިކަން ރައްކާތެރިކޮށް، ޤާނޫނުއަސާސީއާއި ދީމިޤްރާޠީ މުއައްސަސާތައް ޙިމާޔަތްކޮށް ޤާނޫނު ދަމަހައްޓަންޖެހޭނެކަމަށް ޤާނޫނުއަސާސީގައި ބުނެފައި އޮންނަ އޮތުމުގެ މައްޗަށާއި، ސަލާމަތީ ޚިދުމަތްތަކުން މަސައްކަތްކުރާންވާނީ އަދި އެ ތަންތަނުން ހިނގާ ހުރިހައި ކަމެއް ހިންގާންވާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއިޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ޖަވާބުދާރީވަނިވި ގޮތެއްގައިކަމަށް ޤާނޫނުއަސާސީގައި ބުނެފައި އޮންނައޮތުމުގެ މައްޗަށާއި، ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިންގޭނެކަމަށްޤާނޫނުއަސާސީގައި ބުނެފައި އޮންނަ އޮތުމުގެ މައްޗަށާއި، ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާގޮތްބަލަމުން ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއް އޮންނާންވާނެކަމަށް ޤާނޫނުއަސާސީގައިބަޔާންވެފައި އޮންނަ އޮތުމުގެ މައްޗަށާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރުގެއެހެންވެސް މަޤާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއި އެމީހަކު އަދާކުރާ ޒިންމާތަކާއިމަސްއޫލިއްޔަތުތަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން އެމީހަކާ ކުރެވޭސުވާލުތަކަށް ތެދުބަހުން ޖަވާބު ދިނުމަށާއި، ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށްރައްޔިތުންގެ މަޖިލީހުން އެމީހަކަށް އެންގިދާނެކަމަށް ޤާނޫނުއަސާސީގައި ބުނެފައިވާ ބުނުމުގެ މައްޗަށާއި،ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތައް އެކުލެވިގެން ވަނީ ސިފައިންނާއި ފުލުހުންގެ މައްޗަށްކަން ޤާނޫނުއަސާސީއިން އެނގެންއޮންނަ އޮތުމުގެ މައްޗަށާއި މިއެންމެހައި ކަންކަމުގެ މައްޗަށް ދިވެހިރާއްޖޭގެސުޕްރީމްކޯޓުގެ ފަނޑިޔާރުން ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، ރައްޔިތުންގެ މަޖިލީހަށް ނުވަތައެމަޖިލީހުގެ ކޮމިޓީއަކުން އަންގާ އެންގުމާ އެއްގޮތްވާގޮތުގެ މަތިން ހާޒިރުވެ، ޖަވާބުދާރީވުމަކީ ދިވެހިސަރުކާރުގެ އެކި އެކި މަޤާމުތަކުގައި ތިބި ފަރާތްތަކާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ7 ވަނަ ބާބުގައި ބުނެފައިވާ ފަރާތްތަކާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މަޤާމެއްގައި ހުރިކޮންމެ މީހަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަޤާމެއްގައި ހުރި ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 98 ވަނަ މާއްދާއާއި 99 ވަނަ މާއްދާއިން ލާޒިމްވެގެންވާ ކަމެއްކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އެންމެހައި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

[4]އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން

[5]ފަނޑިޔާރު ޢަބްދުﷲ ސަޢީދު

[6]ފަނޑިޔާރު ޢަބްދުﷲ ޢަރީފް

[7]ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

[8]ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

[9]ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

[10]ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު މ

[11]ަ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 95 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 98 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ (ހ) އަދި (ށ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 7 ވަނަ ބާބު
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 237 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 238 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 239 ވަނަ މާއްދާގެ (ށ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 241 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 242 ވަނަ މާއްދާ
  • ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 104 ވަނަ މާއްދާގެ (ރ)
  • ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ ޖަދުވަލު 2

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ