ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2010/SC-C/25, 2010/SC-C/26ސުޕްރީމް ކޯޓު · 9 ޑިސެމްބަރު 2010

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 9 ޑިސެމްބަރު 2010ބާވަތް: އެހެނިހެން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2010/SC-C/25

ދަޢުވާކުރާ ފަރާތް: ޢަލީ ވަޙީދު ދިވެހި ޤައުމީ ޕާޓީ

ދަޢުވާ ލިބޭ ފަރާތް: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)

މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ

މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން.

ހުށަހެޅުނު ތާރީޚް: 28 ނޮވެމްބަރ 2010

ނިމުނު ތާރީޚް: 09 ޑިސެމްބަރ 2010

މައްސަލަ ނިންމި ގަޑި: 22:55

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެތެރެއިން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތްކަމަށް އެމަޖިލީހުން ނިންމާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން، އެބޭފުޅުންގެ މަޤާމުގައި ދެމިތިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވުމާއި، އަދި މަޤާމުގެ ވާޖިބު އަދާކުރުމުގައި އެބޭފުޅުން ދެމިތިއްބެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ތަންދޭކަމަކަށްނުވާތީ، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތްކަމަށް އެމަޖިލީހުން ނިންމާފައިވާ މީހަކަށް ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެ ކަމުގައި ކަނޑައަޅައިދިނުން އެދި ޢަލީ ވަޙީދު ހުށަހެޅި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2010/SC-C/25 ޤަޟިއްޔާ އާއި،

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ބޭފުޅުންނަށް އެމާއްދާގެ (ރ) ގައިވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތަކުގެތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ރުހުންނުލިބުނު ބޭފުޅުން، އެބޭފުޅުން ޢައްޔަންކުރެވުނު މަޤާމުތަކުގައި ދެމިތިއްބަވައި، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ދުސްތޫރީ އުޞޫލުތަކާއި ހަމަތަކުގެ މަތިން ކުރެވޭނެކަމެއް ނޫންކަމަށް ވާތީ، ރައީސުލްޖުމްހޫރިއްޔާ ވަޒީރުކަމަށް ޢައްޔަންކުރައްވާ ބޭފުޅުންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގައި ވާގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބިއްޖެނަމަ، ވަޒީރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކޮށް ނުހެއްދެވޭނެކަމަށް ކަނޑައަޅައިދިނުން އެދި ދިވެހި ޤައުމީ ޕާޓީން ހުށަހެޅި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2010/SC-C/26 ޤަޟިއްޔާއާ ގުޅިގެން ބެލިފައިވާ މައްސަލައެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މިމައްސަލާގައި މައްސަލަ ހުށަހެޅި ފަރާތްތަކުން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިއުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށާއި، ޤާނޫނުތަކަށާއި، 'މަބްދައުލްފަޞްލި ބައިނައްސުލްޠާތި' (ޕްރިންސިޕަލް އޮފް ސެޕަރޭޝަން އޮފް ޕަވަރސް) ގެ ދުސްތޫރީ މަބްދައުގެ ދަށުން، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގަޔާއި، މިޒަމާނުގެ އެހެނިހެން ދުސްތޫރީ ނިޒާމުތަކުގައި ދައުލަތުގެ ބާރުތައް ބެހިގެންވާގޮތަށާއި، އެމަބްދައަށް ޢަމަލުކުރުމުގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ދައުލަތުގެ އެއްބާރު އަނެއްބާރާއި ދެމެދުގައި އޮންނަ ގުޅުން ކަނޑައެޅިގެން ވާގޮތުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ 07 ފަނޑިޔާރުންގެ ތެރެއިން 06 ފަނޑިޔާރުންނަށް އަންނަނިވި ކަންތައް ފާހަގަކުރެވިފައިވެއެވެ.

ހ- ފުރަތަމަ ކަމަކީ، އިސްވެދިޔަ ދެ މައްސަލައިގެ ދަޢުވާގެ ޞީޣާއަށް ބަލާއިރު މި ދެ މައްސަލައަކީ ސުޕްރީމްކޯޓްގެ އަޞްލީ އިޚްތިޞާޞް ގެދަށުން ބެލުމުގެ ބާރު ސުޕްރީމްކޯޓަށް ލިބިގެންވާ ދެ މައްސަލަކަން ޤާނޫނު ނަންބަރ 2010/22 (ދިވެހިރާއްޖޭގެ ކޯޓްތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮތްކަމާއި އަދި މިދެ ޤަޟިއްޔާގެ ޞީޣާއަށް ބެލުމުން މިދެ ޤަޟިއްޔާގެ މައުޟޫޢަކީ އެއް މައުޟޫއެއް ކަމާއި އަދި މިދެ ޤަޟިއްޔާގެ ދަޢުވާ ބިނާކުރެވިފައިވާ ސަބަބުތަކަކީ އެއް ބާވަތެއްގެ ސަބަބުތަކެއްކަން އެނގެން އޮންނަ އޮތުމެވެ.

ށ- ދެވަނަ ކަމަކީ، މިޒަމާނުގެ ދުސްތޫރީ ނިޒާމްތަކެކޭ އެއްފަދައިން، ދިވެހިދައުލަތުގެ ދުސްތޫރީ ނިޒާމުގައި 'މަބްދައުލްފަޞްލި ބައިނައްސުލްޠާތި' (ޕްރިންސިޕަލް އޮފް ސެޕަރޭޝަން އޮފް ޕަވަރސް) ގެ މަބްދައު ޤާއިމު ވެފައިވާކަމާއި، އެ މަބްދައު ގެ ދަށުން ދިވެހި ދައުލަތުގެ ބާރު ތިން ބަޔަކަށް ބެހިގެންވާކަމާއި، ދިވެހިރާއްޖޭގެ ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށްކަމާއި، ވެރިކަންހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށްކަމާއި، ޢަދްލު އިންޞާފް ޤާއިމުކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓްތަކަށް ކަމާއި، ދައުލަތުގެ ކޮންމެ ބާރަކަށްވެސް އެބާރަކަށް ޤާނޫނުއަސާސީގައި ކަނޑައެޅިފައި އޮންނަ އިޚްތިޞާޞްތަކުގެ ޙުދޫދު ފަހަނަޅައި ނުދެވޭނެކަން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި، 7 ވަނަ މާއްދާއާއި، 8 ވަނަ މާއްދާ އިން ރަނގަޅަށް އެނގެން އޮންނަ ކަމެވެ.

ނ- ތިންވަނަ ކަމަކީ، 'ލޯކް' ( (Lockeއާއި 'މޮންޓެސްކިއޭ' (Montesquieu) ފަދަ 17 ވަނަ ޤަރުނާއި 18 ވަނަ ޤަރުނުގެ ސިޔާސީ ފައިލަސޫފުން ގޮވާލި 'ސެޕަރޭޝަން އޮފް ޕަވަރސް' ގެ މަޤްޞަދު ބިނާވެގެންވަނީ ވެރިންގެ އަތްމަތީގައި ދައުލަތުގެ ހުރިހައިބާރެއް ޖަމާވުމުގެ ސަބަބުން އުފެދިދާނެ ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަމުން ރައްޔިތުން ޙިމާޔަތްކުރުން ކަމަށްވީހިނދު، މުޠްލަޤް ގޮތަކަށް ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމަކީ 18 ވަނަ ޤަރުނުގައި ފަރަންސޭސިވިލާތް ފަދަ ތަންތާގެ ދުސްތޫރުތަކުގައި ތަޖުރިބާކުރެވި ނާކާމިޔާބުވެފައިވާ ޚިޔާލީ ކަމެއްކަމާއި، 'ސެޕަރޭޝަން އޮފް ޕަވަރސް' ގެ ޙަޤީޤީ މަފްހޫމަކީ ދައުލަތުގެ އަސާސީ ތިން ވަޒީފާ (ފަންކްޝަން) ކަމުގައި ބެލެވޭ ޤާނޫނު ހެދުމުގެ ވަޒީފާއާއި، ވެރިކަން ހިންގުމުގެ ވަޒީފާއާއި، ޢަދްލު އިންޞާފް ޤާއިމުކުރުމުގެ ވަޒީފާ، ޢުޟުވީ (ފަންކްޝަނަލް) ގޮތުން ތަފާތު ތިން ބާރުގެ މެދުގައި ބަހާލެވިފައި އޮތުންކަމާއި، މިގޮތަށް ބަހާލުމުގައި އެއްބާރު އަނެއްބާރުގެ މައްޗަށް ނުފޫޒު ނުފޯރުވޭފަދަ ގޮތަކަށް ބާރުތަކުގެ މެދުގައި އެއްބާރުލުމާއި، އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވުމާއި، އެއްބާރު އަނެއްބާރާ ދެމެދު އޮންނަ ގުޅުމަކީ ތަފާތު ސިޔާސީ ނިޒާމުތަކުގައި ތަފާތު ދަރަޖައަށް އިންތިޒާމްކުރެވިފައިވާ ކަންތައްތަކެއްކަން އެނގެން އޮންނަ އޮތުމެވެ.

ރ- ހަތަރުވަނަ ކަމަކީ، ދައުލަތުގެ ބާރުތަކުގެ އިޚްތިޞާޞްތައް، ދުނިޔޭގެ ތަފާތު ދުސްތޫރުތަކުގައި ބަހާލެވިފައިވާ ގޮތާއި، އެއްބާރު އަނެއްބާރާ ދެމެދުގައި އޮންނަ ގުޅުން އެދުސްތޫރުތަކުގައި ކަނޑައެޅިފައިވާގޮތަށް ބަލާއިރު ދައުލަތްތަކުން ތަބާވާ ތަފާތު ތިން ސިޔާސީ ނިޒާމެއް ވާކަމާއި، ތަޤްލީދީ ގޮތުން އެއީ އިނގިރޭސި ވިލާތަށް ނިސްބަތްވާ ބަރްލަމާނީ ނިޒާމާއި، އެމެރިކާއަށް ނިސްބަތްވާ ރިޔާސީ ނިޒާމާއި، ޔޫރަޕްގެ ބައެއް ޤައުމުތަކުގައި ތާރީޚީގޮތުން ޢަމަލުކުރެވި މިހާރު އެ ނިޒާމަށް ޢަމަލުކުރާ ހަމައެކަނި ދައުލަތްކަމުގައި ބެލެވޭ ސްވިޒަރލޭންޑުގައި ޢަމަލުކުރެވޭ 'މަޖްލިސްގެ ސަރުކާރު' (އެސެމްބްލީ ގަވަރންމެންޓް) ގެ ނިޒާމު ކަމާއި، މިއިން ކޮންމެ ނިޒާމަކީ އޭގެޒާތުގައި ބަދަލުނުގެނެވޭފަދަ (ރިޖިޑް) ގޮތަކަށް، ހުރިހައި ދައުލަތްތަކުގައި ޢަމަލުކުރެވޭ ނިޒާމްތަކެއް ނޫންކަމާއި، މި އިންކޮންމެ ނިޒާމެއް އަނެއް ނިޒާމާ ތަފާތުކުރާ އަސާސީ ޚަޞާއިޞްތަކެއް ވާކަމާއި، އަދި ބައެއް ޚަޞާއިޞްތަކަކީ ވަކި ނިޒާމަކަށް ޚާއްޞަވެގެންވާ ޚަޞާއިޞްތަކެއް ނޫންކަމާއި، ބަރްލަމާނީ ނިޒާމުގެ އަސާސީ ޚަޞާއިޞްތަކުގެ ތެރޭގައި ވެރިކަން ހިންގުމުގެ ބާރު އެކުލެވިގެންވަނީ އިސް، ދެވެރިންގެ މައްޗަށް ކަމާއި؛ އެއީ ސިޔާސީ ގޮތުން ޕާރލަމެންޓް ކުރިމަތީގައި ޖަވާބުދާރީވާން ނުޖެހޭ، ދައުލަތުގެ ރައީސާއި، ޕާރލަމެންޓް ކުރިމަތީގައި ސިޔާސީ ގޮތުން ޖަވާބުދާރީވާން ޖެހޭ ވަޒީރުންގެ މަޖިލީހުގެ ރައީސް (ބޮޑުވަޒީރު) ކަމާއި، ވަޒީރުންގެ މަޖިލީހަކީ ބަރްލަމާނީ ނިޒާމުގައި ފަރުދީ ގޮތުންނާއި ޖަމާޢީ ގޮތުން ޕާރލަމެންޓްކުރިމަތީގައި ޖަވާބުދާރީވާން ޖެހޭ މަޖިލިހެއް ކަމާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ މަޤާމާއި ޕާރލަމެންޓްގެ މެންބަރުކަމުގެ މަޤާމުގައި އެކަކު ހުރުމަކީ ހުއްދަކަމެއް ކަމާއި، ކަނޑައެޅިފައިވާ ވަކި ޙާލަތްތަކެއްގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ޕާރލަމެންޓް އުވާލާ އަވަސް އިންތިޚާބަކަށް ގޮވާލުމުގެ ބާރު، ބަރުލަމާނީ ނިޒާމުގައި ދައުލަތުގެ ރައީސަށް ލިބިގެން ވާހިނދު، އިސްވެދިޔަ އެއްވެސް ސިފައަކީ ރިޔާސީ ނިޒާމުގެ ސިފައެއް ނޫންކަމާއި، ރިޔާސީ ނިޒާމުގެ އަސާސީ ޚަޞާއިޞްތަކުގެ ތެރޭގައި، ދައުލަތުގެ ރައީސާއި ސަރުކާރުގެ އެންމެ އިސްވެރިޔަކީ ރައްޔިތުން އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާ ކަމާއި، ރައީސުލް ޖުމްހޫރިއްޔާ އަކީ ޕާރލަމެންޓް ކުރިމަތީގައި ސިޔާސީގޮތުން ޖަވާބުދާރީވާން ނުޖެހޭ މީހެއް ކަމާއި، ރައީސުލް ޖުމްހޫރިއްޔާ އަށް އެހީތެރިވުމަށްޓަކާ އޭނާ ޢައްޔަންކުރާ ވަޒީރުންނަކީ ސިޔާސީގޮތުން ޕާރލަމެންޓް ކުރިމަތީގައި ޖަވާބުދާރީވާން ނުޖެހޭ ބައެއްކަމާއި، ވަޒީރުކަމުގެ މަޤާމާއި ޕާރލަމެންޓުގެ މެންބަރުކަމުގެ މަޤާމުގައި އެކަކަށް ނުހުރެވޭނެކަމާއި، ރައީސުލް ޖުމްހޫރިއްޔާއަށް ޕާރލަމެންޓް އުވާލުމުގެ ބާރު ރިޔާސީ ނިޒާމުގައި ނޯންނަކަން ކަނޑައެޅިގެން އެނގެން އޮންނަ ހިނދު، މި އިން އެއްވެސް ނިޒާމެއްގެ އަސާސީ ޚަޞާއިޞްތަކުގެ ތެރޭގައި ހިމެނޭ ސިފައެއް އަނެއް ނިޒާމެއްގެ ތެރެއަށް ވަދެއްޖެނަމަ، އެނިޒާމަކީ ފުރިހަމަ ރިޔާސީ ނިޒާމެއްކަމުގައި ނުވަތަ ފުރިހަމަ ބަރުލަމާނީ ނިޒާމެއްކަމުގައި ސިފަނުކުރެވޭނެކަމާއި، އެފަދަ ޙާލަތުގައި އެ ނިޒާމެއް ދުސްތޫރީ ފިޤްހުގައި ސިފަކުރެވެނީ 'ހައި ބްރިޑް' (މައްސުނި) ނިޒާމެއްގެ ގޮތުގައިކަން އެނގެން އޮންނަކަމެވެ.

ބ- ފަސްވަނަކަމަކީ، 'މަބްދައުލް ފަޞްލި ބައިނައް ސުލްޠާތި' (ޕްރިންސިޕަލް އޮފް ސެޕަރޭޝަން އޮފް ޕަވަރސް) ގެ ދަށުން، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދިވެހި ދައުލަތުގެ ބާރުތައް ބެހިގެންވާގޮތުގެ މައްޗަށާއި، އެބާރުތަކަށް ލިބިގެންވާ އިޚްތިޞާޞްތަކާއި، އެއްބާރު އަނެއްބާރުގެ ގުޅުމާއި އެއްބާރުން އަނެއްބާރުގެ މައްޗަށް ފާރަވެރިވުމުގެ ޤަވާޢިދުތައް ކަނޑައެޅިފައިވާގޮތުގެ މައްޗަށް ނަޒަރު ހިންގާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 106 ވަނަ މާއްދާގެ (ށ) ގައި "ދައުލަތުގެ އެންމެ މަތީވެރިޔަކީ، އަދި ސަރުކާރުގެ އެންމެ މަތީވެރިޔަކީ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔަކީ ރައީސުލް ޖުމްހޫރިއްޔާ އެވެ." މިހެން ބަޔާންވެފައި އޮތުމަކީ، ރިޔާސީ ނިޒާމެއްގެ އަސާސީ ސިފައެއްކަން އެނގެން އޮތުމާއި އެކު، ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރުނެތްކަމަށް ފާސްކޮށް އެ މެންބަރަކު މަޤާމުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާކަމަށް ކަނޑައެޅިފައި އޮތުމަކީ، ބަރުލަމާނީ ނިޒާމުގެ އަސާސީ ސިފައެއްކަމަށް ވީހިނދު، ދައުލަތުގެ ބާރުތައް ވަކިކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ތަބާވަނީ ރިޔާސީ ނިޒާމުގެ ސިފަތަކާއި ބަރުލަމާނީ ނިޒާމުގެ ސިފަތަކާއި މައްސުނިވެފައިވާ 'ހައިބްރިޑް' ނިޒާމެއްގެ މައްޗަށްކަން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ތިންވަނަ ބާބާއި، ހަތަރުވަނަ ބާބާއި، ފަސްވަނަ ބާބުގެ މާއްދާތަކަށް ބަލާއިރު އެނގެން އޮންނާތީ، ދިވެހި ދައުލަތުގެ ބާރުތައް ބެހިގެންވަނީ ކޮން ސިޔާސީ ނިޒާމެއްގެ މައްޗަށްތޯ ބެލުމަށްޓަކާ ރުޖޫޢަވާން ޖެހޭނީ ހަމައެކަނި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށްކަން އެނގޭ ކަމެވެ.

ޅ- ހަވަނަކަމަކީ، ރިޔާސީ ނިޒާމްތަކުގައި ބާރުތައް ވަކިވެފައި އޮންނަ މިންވަރު ދުސްތޫރީ ފިޤްހުވެރިން ސިފަކުރަނީ އެއީ ބާރުގަދަ، ވެރިކަން ހިންގާ ބާރެއް އޮތުމާއި އެކު، ވީހާވެސް ފާޅުގޮތަކަށް ޤާނޫނު ހަދާ ބާރާއި ވެރިކަން ހިންގާ ބާރާ ދެމެދުގައި އިންފާރު ޤާއިމު ކުރެވިފައިވާ ނިޒާމެއްގެ ގޮތުގައި ކަމަށް ވެފައި، ރިޔާސީ ނިޒާމެއްގައި ދައުލަތުގެ ރައީސަކީ ވެރިކަންހިންގުމުގެ ބާރުގެ އެންމެ އިސްވެރިޔާކަމަށްވެފައި، އެނިޒާމުގައި ވަޒީރުންނަކީ އޭގެޒާތުގައި ވެރިކަންހިންގުމުގައި ރައީސުލްޖުމްހޫރިއްޔާއަށް އެހީވުމަށްޓަކައި ޢައްޔަންކުރެވޭ 'ސެކްރެޓަރީން' ކަމަށް ވީހިނދު، އަދި އެބައިމީހުންނަކީ ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި ސިޔާސީގޮތުން މަސްއޫލިއްޔަތު އުފުލައި ޖަވާބުދާރީވާ ބަޔަކަށް ވީހިނދު، އެބައި މީހުން ޢައްޔަންކުރުމާއި ވަކިކުރުމަކީ ރިޔާސީ ނިޒާމްތަކުގައި ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ޖަދަލުނުކުރެވޭނެ ބާރެއްކަމާއި، އެމެރިކާގެ ދުސްތޫރީ ނިޒާމުގައި އެތާގެ ޕާރލަމެންޓް (ކޮންގްރެސް) ގެ އެއް ހައުސް ކަމަށްވާ 'ސެނެޓް' އަށް، ފެޑެރަލް އިސް މަޤާމްތަކަށް މީހުން ޢައްޔަންކުރުންފަދަ، ވެރިކަންހިންގުމުގެ ބާރުގެ ބައެއް އިޚްތިޞާޞްތަކުގައި، އިސްތިޘްނާއީ ގޮތަކަށް ބައިވެރިވުމުގެ ބާރު ލިބިފައި އޮންނަ އޮތުމަކީ އޭގެޒާތުގައި އެމެރިކާގެ ރިޔާސީ ނިޒާމާ ގުޅިފައިވާ ކަމަކަށްވުރެ ބޮޑަށް، އެތާގެ ފެޑެރަލް ނިޒާމާއި ގުޅިފައިވާކަމެއްކަމާއި، އެހެންކަމުން އެމެރިކާގެ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާ ބައެއް ފެޑެރަލް އިސް މަޤާމްތަކަށް މީހުން ޢައްޔަންކުރުމުގެ ކުރިން ރުހުން ހޯދަން ޖެހެނީ، މުޅި އެމެރިކާގެ ރައްޔިތުން ހަމަހަމައަށް ތަމްޘީލުކުރާ އެމެރިކާގެ ކޮންގްރެސްގެ 'ޕޮޕިއުލަރ' ހައުސް ކަމަށްވާ 'ހައުސް އޮފް ރެޕްރެޒެންޓެޓިވްސް' އިން ނޫންކަމާއި، 'ސެޕަރޭޝަން އޮފް ޕަވަރސް' ގެ މަބްދައުގެ ދަށުން އެމެރިކާގެ 'ހައުސް އޮފް ރެޕްރެޒެންޓެޓިވްސް' އަށް ވެރިކަންކުރުމުގެ ބާރުގެ އިޚްތިޞާޞްތަކުގެ ތެރެއަށް ތަދައްޚުލު ނުވެވޭ ކަމާއި، އެމެރިކާގެ ދުސްތޫރުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ އިސް މަޤާމުތަކަށް ޢައްޔަންކުރުމުގެ ކުރިން ރުހުން ހޯދުން ލާޒިމްވެގެން ވަނީ އެމެރިކާގެ ޔުނިއަންގައި ހިމެނޭ ސްޓޭޓްތައް އެއްހަމަޔަކަށް، ކޮންމެ ސްޓޭޓަކުން ދެ މެންބަރުން އިންތިޚާބުކުރެވިގެން ތަމްޘީލުކުރެވޭ 'ސެނެޓް' އަށް ކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަމާއްދާގެ (ނ) ގައި ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަންކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންވާނެއޭ ބުނެފައި އޮންނަ އޮތުމަކީ އޭގެ ޒާތުގައި ރިޔާސީ ނިޒާމެއްގެ އަސާސީ ސިފައެއް ނޫންކަން ފާހަގަކުރެވޭކަމެވެ.

ކ- ހަތްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ ޢިބާރާތުގައި "ރައީސުލް ޖުމްހޫރިއްޔާ ޙަވާލުކުރާ ކަންތަކާއި މި ޤާނޫނުއަސާސީންނާއި ޤާނޫނުން ޙަވާލުކުރެވޭ ކަންތައްތައް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރުންގެ މަޖިލީހެއް އޮންނަންވާނެއެވެ." މިހެން އޮތުމަށްފަހު، ހަމަ އެމާއްދާގެ (ނ) ގައި "ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފިޔަވައި، ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރާ އެހެން މެންބަރުން އެ މަޖިލީހަށް ޢައްޔަންކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާންވާނެއެވެ." މިފަދައިން ކަނޑައެޅިފައި އޮތުމުން، ދިވެހި ދުސްތޫރީ ނިޒާމުގައި ވަޒީރުން ޢައްޔަންކުރުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ފުރިހަމަ އިޚުތިޔާރުގައި ވާކަމެއްކަމާއި، ވަޒީރުން ޢައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ އިޚްތިޞާޞްގެ ތެރެއަށް އެހެން ފަރާތަކަށް ތަދައްޚުލް ނުވެވޭނެކަމާއި، ރައީސުލްޖުމްހޫރިއްޔާ ވަޒީރުން ޢައްޔަންކުރުން އެހެން އެއްވެސް ފަރާތެއްގެ ފާސްކުރުމުގެ މައްޗަށް ހުއްޓިފައި ނުވާކަމީ، އިސްވެދިޔަ ދުސްތޫރީ ނައްޞުގެ ޞަރީޙަކަމާއި އެކު އިތުރު ތަފްސީރަކަށް ނުވަތަ ބަޔާނަކަށް ބޭނުންވާ ކަމެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.

އ- އަށްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގައި "ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފިޔަވައި، ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރާ އެހެން މެންބަރުން އެ މަޖިލީހަށް ޢައްޔަންކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާންވާނެއެވެ." މިހެން ބަޔާންވެގެން ވުމުން، ދިވެހި ދުސްތޫރީ ނިޒާމުގައި، ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަންކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމްވެގެންވާ ކަމެއްކަން އެނގެން އޮންނަ އޮތުމެވެ.

ވ- ނުވަވަނަކަމަކީ، ކޮންމެ ޤާނޫނީ ރޫލް (ޤާޢިދާ) އެއްގެ އެންމެ މުހިންމު އެއް ޢުންޞުރަކީ، އެ ރޫލް އަކާ ޚިލާފުވުމުން ތަރައްތުބުވާ ޖަޒާ (ސެންކްޝަން) އެއް އޮންނަ އޮތުން ކަމަށް ވީހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް ރުހުން ނުލިބިއްޖެނަމަ ހަދާނެގޮތެއް ބަޔާންކޮށްފައި ނެތުމަކީ، އެ ދުސްތޫރީ ނައްޞު އިހްމާލުކުރެވިދާނެ ކަމެއް ނޫންކަމާއި، އެއްވެސް މާނައެއް ނެތި ޢަމަލު ކުރަން ނުޖެހޭ ނައްޞެއްގެ ގޮތުގައި އެފަދަ ނައްޞެއް އެކުލަވާލުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ފާސްކުރި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މަޤްޞަދަކަށް ވުމަކީ ތަޞައްވުރު ކުރެވޭނެ ކަމެއް ނޫންކަން އެނގެން އޮންނަހިނދު، ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުންނުލިބުމުން ތަރައްތުބުވާ ނަތީޖާއަކީ، ރުހުން ނުލިބުނު ވަޒީރުން މަޤާމުގައި ދެމިނުތިބުންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ފާސްކުރި ޚާއްޞަ މަޖިލީހުގެ ޔައުމިއްޔާތަކުން އިސްތިޚުލާޞް ކުރެވެން އޮންނަކަމެވެ.

މ- ދިހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ދަށުން، ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދުމަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުވާ ވަޒީރުންނަކީ، ޤާނޫނުއަސާސީގެ 130 ވަނަ މާއްދާގައި ކަނޑައެޅިގެންވާ ވަޒީރުންގެ ކިބައިގައި ހުރުން ލާޒިމު ޝަރްޠުތައް ފުރިހަމަވެގެން ޞައްޙަ ގޮތުގައި މަޤާމަށް ޢައްޔަންކުރެވިފައިވާ ބަޔަކަށް ވީހިނދު، އެ ރުހުން ނުލިބޭ ވަޒީރުން އެމީހުންގެ މަޤާމުން، އޮޓަމެޓިކުން (އިޕްސޯ ފެކްޓޯ/ipso facto) ވަކިނުވާނެކަމާއި، އެގޮތަށް ވަކިވާނީ އެމީހުން ޢައްޔަން ކުރެވިފައިވަނީ ޞައްޙަނޫން، މުޠްލަޤު ގޮތެއްގައި ބާޠިލު (ވޮއިޑް އެބް އިނިޓީއޯ/void ab initio) ޤާނޫނީ ޢަމަލެއްގެ މައްޗަށް ބިނާވެގެން ކަމަށް ވާނަމަ ކަމާއި، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން ޢައްޔަންކުރެވޭ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުން ޤާނޫނީ ގޮތުން ލާޒިމްވަނީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ކަމަށްވީހިނދު، އެ ރުހުން ނުލިބުމުގެ، 'ޗެކް އެންޑް ބެލެންސް' ގެ ޤާނޫނީ ނަތީޖާ ތަޙައްމުލު ކުރަންޖެހޭނީ ޚުދް ރައީސުލްޖުމްހޫރިއްޔާކަމާއި، ދައުލަތުގެ އެންމެހައި މުއައްސަސާތަކަކީ ދާއިމީގޮތަކަށް ހުއްޓުމެއްނެތި އިންތިޒާމުކަމާއެކު، ރައްޔިތުންގެ ޚިދުމަތުގައި ދެމިހުންނަ މުއައްސަސާތަކަކަށް ވުމަކީ ތަހުޒީބުވެ ކުރިއަރާފައިވާ އެންމެހައި މުޖްތަމަޢުތަކުގައި އިސްތިޤްރާރުވެފައިވާ ޤާނޫނީ އުޞޫލެއްކަމަށް ވީހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން ރުހުން ނުލިބޭ ވަޒީރުން، ރައީސުލްޖުމްހޫރިއްޔާ އެމީހުން މަޤާމުން ވަކިކުރަންދެން ތިބޭނީ 'ޑި ފެކްޓޯ' (de facto) މުވައްޒަފުންގެ ގޮތުގައި ކަމެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ކަންތައްތަކުގެ މައްޗަށް ވިސްނައި ބަލާއިރު، ދިވެހި ދައުލަތުގެ ތިންބާރުކަމުގައިވާ ޤާނޫނުހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، ޢަދްލު އިންޞާފް ޤާއިމުކުރުމުގެ ބާރާއި، މިތިން ބާރުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ކަނޑައެޅި އެއްބާރު އަނެއްބާރުގެ މައްޗަށް ނުފޫޒު ފޯރުވުމަކާ ނުލައި، ޤާނޫނުގެ އިމުގެ ތެރޭގައި ދައުލަތް ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފާރަވެރިވެވޭނޭ ނިޒާމެއް ޤާއިމުކުރެވިފައިވާކަމާއި، ދައުލަތުގެ ތިންބާރުގެ ތެރެއިން ކޮންމެ ބާރަކަށްވެސް ޙަރަކާތްތެރި ވެވޭނެ ދާއިރާތަށް ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި އޮޅުންނާރާފަދަ ސާފުގޮތަކަށް ބަޔާންކުރެވިފައިވާއިރު ޤާނޫނުއަސާސީއިންނާއި ޤާނޫނުން ޙަވާލުކުރެވޭ ކަންތައްތައް ކުރުމަށްޓަކައި ތަންފީޒީބާރުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރުންގެ މަޖިލީހެއް ޢައްޔަންކުރުމުގެ ޒިންމާއަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭކަމެއްކަމާއި، ވަޒީރުން ޢައްޔަންކުރުމުގައި އެއްވެސް އެހެން ފަރާތެއްގެ ދައުރެއް ޤާނޫނުއަސާސީ އިން ދެވަނަ ފަރާތަކަށް ލިބިދީފައި ނުވާކަން ޤާނޫނު އަސާސީގެ 129 ވަނަ މާއްދާއިން އެނގެން އޮވެފައި، ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ފިޔަވައި ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރާ އެހެންމީހުން އެމަޖިލީހަށް ޢައްޔަންކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންވާނެކަމަށް ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ނ) ގައި ބުނުމަށްފަހު، އަދި "...އެމީހުން ޢައްޔަންކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެމަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެއެވެ." މިފަދައިން ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައި ބުނެފައި އޮތުމުން، ޤާނޫނުއަސާސީ އާއި ޤާނޫނުން ޙަވާލުކުރެވޭ ކަންތައްތައް ކުރުމަށްޓަކައި އެމާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް އެމާއްދާގެ (ނ) ގައި ބުނާ ރުހުން ނުލިބުނުކަމުގައި ވިއަސް، ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޤާނޫނީގޮތުން ލިބިފައިވާ ޤާނޫނުއަސާސީގެ ބެލެނިވެރިކަމުގެ މަސްއޫލިއްޔަތުގެ މައްޗަށް ބަލައި ވިސްނުމަށްފަހު، ދިވެހި ދައުލަތް ޤާނޫނީ ހުސްކަމަކަށް އަޔަނުދީ ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ޢާންމުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެއްވެސް މެދުކެނޑުމަކާ ނުލައި ފޯރުކޮށްދިނުން ކަށަވަރުކުރުމަށްޓަކައި، ރުހުން ނުލިބޭ ވަޒީރުން އެމަޤާމުން ވަކިވަންދެން ނުވަތަ ވަކިކުރެވެންދެން، ނަޡަރިއްޔަތުއް ޟަރޫރާ (ޑޮކްޓްރީން އޮފް ނެސެސިޓީ) ގެ ދަށުން ޑިފެކްޓޯ މުވައްޒަފުންގެ ގޮތުގައި އެ މަޤާމުގައި ތިބެވުނުކަމުގައިވިއަސް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ލާޒިމްކުރާ ކަމަކަށްވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ވަޒީރުންގެ މަޖިލިސް އެކުލަވާލުމުގެ މަސްއޫލިއްޔަތަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ފުރިހަމަކުރަން ޖެހިފައިވާ ދުސްތޫރީ މަސްއޫލިއްޔަތެއްކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ތެރެއިން 6 ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ފެންނާތީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭ ޙާލަތެއްގައި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ އެއްވެސް މެންބަރަކަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ މަޤާމުގައި ދެމިތިބެވޭނެތަނެއް ނެތްކަމަށް ޙުކުމް ކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދި

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ