ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2010/SC-C/32ސުޕްރީމް ކޯޓު · 15 ސެޕްޓެމްބަރު 2012

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 15 ސެޕްޓެމްބަރު 2012ބާވަތް: ދުސްތޫރީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 32/SC-C/2010

ދަޢުވާކުރާ ފަރާތް: އެޓަރނީ ޖެނެރަލްގެ އޮފިސް

ދަޢުވާ ލިބޭ ފަރާތް: -

މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ

މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން

ހުށަހެޅުނު ތާރީޚް: 13 ޑިސެމްބަރ 2010

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 16 ޑިސެމްބަރ 2010

ނިމުނު ތާރީޚް: 15 ސެޕްޓެމްބަރ 2012

މައްސަލަ ނިންމި ގަޑި: 14:45

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ހަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން

މައްސަލައިގެ ޚުލާޞާ

މިއީ، ޤާނޫނު ނަންބަރު 3/2006 ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ޤާނޫނު ނަންބަރު 25/2010 ގެ ދަށުން ގެނެވުނު ފުރަތަމަ އިޞްލާޙާއެކު، އެ ޤާނޫނުގެ 5 ވަނަ މާއްދާއާއި، 7 ވަނަ މާއްދާއާއި، 10 ވަނަ މާއްދާގެ (ހ) އާއި 34 ވަނަ މާއްދާއަށް ޢަމަލުކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާއާއި 35 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް ލިބުމަށް އުނިކަން އަންނާނެކަމެއްކަމަށް ބުނެ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި، 7 ވަނަ މާއްދާއާއި، 10 ވަނަ މާއްދާގެ (ހ) އާއި 34 ވަނަ މާއްދާއަކީ، އެމާއްދާތަކުގެ މައްޗަށް ޢަމަލުނުކުރެވޭނެ ބާޠިލު މާއްދާތަކެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހި ދައުލަތުގެ އެޓާރނީ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލިފައިވާ ދުސްތޫރީ މައްސަލައެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މިމައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، މައްސަލަ ހުށަހެޅި ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މިބާވަތުގެ މައްސަލަތަކުގައި ތަޠްބީޤުކުރެވޭ ޢާންމު ދުސްތޫރީ އަދި ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައިވިސްނިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

1. މި މައްސަލަ ހުށަހެޅި ދިވެހި ދައުލަތުގެ އެޓާރނީ ޖެނެރަލްގެ ފަރާތުން، މި މައްސަލައިގެ ދަޢުވާ ބިނާކުރާ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ސަބަބުތައް ފާހަގަކޮށްފައި ވެއެވެ.

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 250 ވަނަ މާއްދާގެ (ހ) ގައި، ދައުލަތުގެ މިލްކުގައި ހިމެނޭ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ދޭންވާނީ ނުވަތަ ވިއްކާންވާނީ ނުވަތަ ކުއްޔަށް ދޭންވާނީ ނުވަތަ ދޫކޮށްލާންވާނީ ނުވަތަ ރަހުނު ކުރާންވާނީ ނުވަތަ ނައްތައިލާންވާނީ ނުވަތަ މިނޫންވެސް މިފަދަ ކަމަކާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރާންވާނީ ޤާނޫނުގައިވާ ގޮތުގެމަތިންކަމަށް ބަޔާންކޮށްފައި އޮތުމުން، މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމާއި ގުޅޭގޮތުން ހެދޭ ޤާނޫނު އޮންނާންވާނީ މި މާއްދާގެ އިމުގެ ތެރޭގައި ކަމަށްވާއިރު، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނެވުނު ފުރަތަމަ އިޞްލާޙާއިއެކު، އެ ޤާނޫނުގެ 5 ވަނަ މާއްދާގައި ދައުލަތުގެ ކުންފުނިތަކާއި ގުޅޭގޮތުން އަމަލުކުރާނެ އުޞޫލުތަކެއް ކަނޑައަޅާފައި އޮންނަ އޮތުމަކީ، ޤާނޫނުއަސާސީގެ އިސްވެ ބަޔާންކުރެވުނު މާއްދާގެ އިމުން ބޭރުވާކަމެއް ކަމުގައިވުން،

(ށ) އަދި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ބުނެވިދިޔަ މާއްދާގައި ބުނެފައިވާ "ދައުލަތުގެ ކުންފުނި" ކަމަށް ބަލާނި ކޮން ސިފަތަކެއްހުރި ކުންފުނިތަކެއްކަން ސާފުނުވާކަމާއި، އެ މާއްދާގައި ދައުލަތުގެ ކުންފުނިކަމަށް ޙަވާލާދީފައިވަނީ ޤާނޫނު ނަންބަރު 10/1996 ( ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ސަރުކާރު ކުންފުންޏަށް ކަން ނުވަތަ ނޫންކަން ސާފުނުވުން،

(ނ) އަދި ކުންފުނީގެ މަފްހޫމަށް ބަލާއިރު ކުންފުންޏަކީ ހިއްސާދާރުންނާއި ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚްޞެއްކަމުގައިވާއިރު، އަދި ކުންފުނީގެ މިލްކުގައި ހިމެނޭ އެއްވެސް އެއްޗަކީ ދައުލަތުގެ މިލްކުކަމަށް ނުބެލެވޭ ހިނދު، ކުންފުނިން ކުރާ މުޢާމަލާތަކާއި ގުޅިގެން ކުންފުނީގެ ހިއްޞާދާރެއްގެ ހައިސިއްޔަތުން ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުން ހުއްދަ ހޯދުމަކީ ހަމަޖެހޭ ކަމެއްކަމުގައި ނުވުން،

(ރ) އިސްވެ އިޝާރާތްކުރެވުނު ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ރރ) ގައި ދައުލަތުގެ ކުންފުންޏަކަށް ލޯނުގެ ގޮތުގައި ނަގާ ފައިސާ ނުވަތަ ދަރަންޏަށް ނަގާ ފައިސާ، އަނބުރާ ދައްކަން ދައުލަތަށް ލާޒިމުކުރާ މުއްދަތު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، އަދި އެމާއްދާގެ (ކކ) ގައި ދައުލަތުގެ ކުންފުންޏަކަށް ލޯނު ނެގުމުން ނުވަތަ ދަރަންޏަށް ފައިސާ ނެގުމުން، ދައުލަތުގެ ފަރާތުން ލޯނުގެ ގޮތުގައި ނުވަތަ ދަރަނީގެ ގޮތުގައި އުފުލަން ޖެހޭ ހުރިހާ އިލްތިޒާމްތަކެއްގެ ޖުމްލަ ޢަދަދު ، އަދި އެ އިލްތިޒާމްތައް އަދާކޮށް ނިންމަންޖެހޭ ތާރީޚް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ކުންފުންޏަކަށް ލޯނުގެގޮތުގައި ނަގާފައިސާ އަނބުރާ އަދާކުރުމުގެ އިލްތިޒާމް އެހެންފަރާތަކުން އުފުލަންޖެހޭނީ ހަމައެކަނި "ގެރެންޓޯ"(guarantor) އެއްގެ ހައިސިއްޔަތުން ކަމަށް ވާއިރު، އަދި ކުންފުންޏެއްގެ ލޯނަކީ، ދައުލަތުގެ ދަރަނީގެ ގޮތުގައި ބެލިދާނެ އެއްޗެއްކަމުގައި ނުވާއިރު، ކުންފުނިތަކަށް ނަގާ ލޯނާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް އިސްވެ އިޝާރާތްކުރެވުނު މަޢުލޫމާތު ހުށަހަޅަންޖެހުމަކީ ޤާނޫނީގޮތުން ހަމަޖެހޭކަމަކަށްނުވުން،

(ބ) އިސްވެ އިޝާރާތްކުރެވުނު ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި ސަރުކާރު މެދުވެރިވެގެން ދައުލަތުގެ ކުންފުންޏަކަށް ލޯނުގެގޮތުގައި ނުވަތަ ދަރަނީގެގޮތުގައި ނަގާ ފައިސާއާއި، އެކަމާގުޅޭގޮތުން ދައްކަންޖެހޭ އިންޓަރެސްޓްގެ ފައިސާއާއި، ކުރަންޖެހޭ އެހެނިހެން ޚަރަދުތަކަށްވާ ފައިސާ ދައްކަންވާނީ ނުވަތަ ޚަރަދުކުރަންވާނީ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ގޮތުގެމަތީންކަމަށާއި، އެފައިސާ ޚަރަދުކުރާނީ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންކަމަށް ބަޔާންކޮށްފައިވީނަމަވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެދަށުން ކުންފުނިތަކުގެ އާމްދަނީއާއި ޚަރަދަކީ ދައުލަތުގެ ބެޖެޓްތެރޭގައި ހިމެނޭނެ އެއްޗެކަށްނުވާއިރު، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން މިޚަރަދު ކުރަންޖެހުމަކީ ޤާނޫނީގޮތުން ހަމަޖެހޭ ކަމެއްކަމުގައިނުވުން،

(ޅ) އިސްވެދިޔަ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ނ) ގައި ދައުލަތުގެ ކުންފުންޏެއްގެ ނަމުގައި ދިވެހި ސަރުކާރުން ދޭގެރެންޓީގެ ވާހަކަ ބަޔާންކޮށްފައިވާއިރު، ކުންފުނިތަކުގެ ނަމުގައި ކުރާ މުޢާމަލާތަކީ އެކުންފުނިތަކުން ކުރާ މުޢާމަލާތެއްކަމާއި، އަދި ކުންފުންޏެއްގެ ނަމުގައި ދައުލަތުން ގެރެންޓީދިނުމަކީ މުސްތަހީލުކަމެއްކަމާއި، ވުމާއެކު ކުންފުންޏަކުން ނަގާ ލޯނަކާއި ގުޅިގެން ދައުލަތުން ދޭ ގެރެންޓީއަކީ އޭގެޒާތުގައި އެކުންފުނީގެ ނަމުގައި ދޫކުރެވޭ ގެރެންޓީއެއްނޫންކަމާއި، އެހެންނަމަވެސް އެއީ ދައުލަތުގެ ނަމުގައި ދޫކުރެވޭ އެއްޗަކަށްވުން،

(ކ) ރައްޔިތުންގެ މަޖިލީހަކީ ކަނޑައެޅިފައިވާ އުޞޫލަކުން ވަކި ދުވަސްތަކެއްގައި އަހަރަކު 3 ފަހަރު ޗުއްޓީނަގާ މުއައްސަސާއަކަށްވާއިރު، ބުނެވިދިޔަ ޤާނޫނުގެ 5 ވަނަ މާއްދާގައި ދައުލަތުން ލޯނު ނަގާ ކޮންމެ ފަހަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިއޮތުމުން، ރައްޔިތުންނަށް ދުވަހުން ދުވަހަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ފައިސާގެ ދަތިކަން ޙައްލުކުރުމަށްޓަކައި ކުރަންޖެހޭކަމެއްކަމުގައިވާ ޓްރެޜަރީ ބިލް މެދުވެރިކޮށް ދައުލަތަށް ފައިސާ ހޯދުމަށް ހުރަސްއެޅި، އޭގެ ނަތީޖާއެއްގެގޮތުން އަސާސީ ޙައްޤުގެގޮތުގައި ރައްޔިތުންނަށް ލިބެންޖެހޭ ޢިނާޔަތްތައް ލިބުމަށް ހުރަސްއެޅިގެންދިއުން،

(އ)ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނެވުނު ފުރަތަމަ އިޞްލާޙާއެކު، އެޤާނޫނުގެ 7 ވަނަ މާއްދާގައި ދައުލަތުގެ މުދަލެއް އެއްވެސް ފަރާތަކަށް ދޭންވާނީ، ނުވަތަ ވިއްކާލަންވާނީ، ނުވަތަ ކުއްޔަށްދޭންވާނީ، ނުވަތަ ދައުލަތުގެ ނަމުގައި ހިންގާ ވިޔަފާރީގެ މުޢާމަލާތަކާ ގުޅިގެން ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައިވިއަސް އެއްވެސް ލުޔެއް ނުވަތަ މަންފާއެއް ނުވަތަ އެހީއެއް ނުވަތަ ސަބްސިޑީއެއް އެއްވެސް ފަރާތަކަށް ދޭންވާނީ، ނުވަތަ ދިނުމަށް އެއްބަސްވާންވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައި ބަޔާންވެގެންވާ ގޮތުގެމަތިންކަމަށް ބުނެފައިވުމުން، މިފަދަ ޤާނޫނެއް ހެދިފައިނުވާ ޙާލުގައި ދައުލަތުން ހިންގަމުންދާ ގިނަ މަޝްރޫޢުތަކާއި، އަދި ވަކިން ޚާއްޞަކޮށް ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަންގެ ސިޔާސަތުގެދަށުން ހިންގާ ޕްރޮގްރާމްތައް ހުއްޓާލަންޖެހުމާއި، އަދި ދައުލަތުގެ ބަޖެޓްގައި މިފަދަ މަޝްރޫޢުތަކުން ލިބޭނެ އާމްދަނީއާއި އަދި ސަރުކާރުން އެކި ފަރާތްތަކަށް ދޭން ކަނޑައަޅާފައިވާ ސަބްސިޑީސް ފަދަ ތަކެތި ހިމެނިފައިވުމުން މިފަދަ އިންޤިލާބީ ބަދަލެއްއައުމަކީ މުޅި ޤައުމަށް ތަޙައްމުލްކުރަން އުނދަގޫވާނެ ކަމެއްކަމުގައިވުމުގެ އިތުރުން ބުނެވިދިޔަ ޤާނޫނުނުގެ 7 ވަނަ މާއްދާއާއި 10 ވަނަ މާއްދާގައި ބުނެފައިވާ ބައެއް އެހީތަކާއި ސަބްސިޑީތައް ދޭންވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައިވާ ގޮތުގެމަތީންކަމަށް ބަޔާންކޮށްފައިވާހިނދު، އެފަދަ އެހީތަކާއި ސަބްސިޑީތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްކަމުގައިނުވާ، ދައުލަތުގެ ބަޖެޓްގައި ހިމަނައިގެން ދިނުމުގެ ފުރުޞަތު ނެތުން،

(ވ) ބުނެވިދިޔަ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ނ) ގައި، ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރެކޮމެންޑޭޝަންތަކުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ރެކޮމެންޑޭޝަންތަކަށް ބަޖެޓު ތަންފީޒުކުރުމުގައި ސަރުކާރުން ޢަމަލުކުރުން ލާޒިމުވާނެކަމުގައި ބަޔާންކޮށްފައިވީނަމަވެސް، ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދައިން ބަޖެޓަކީ ވަކި ޚާއްސަ މަޢުލޫމާތުތަކެއް ހިމަނައިގެން ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅަންޖެހޭ އެއްޗަކަށްވެފައި ބަޖެޓާއިބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ގެންނަން ފެންނަ އުނިއިތުރަކާއިއެކު ބަޖެޓް ފާސްކުރުންކަމުގައިވާއިރު، ބަޖެޓާ ގުޅޭގޮތުން ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ރެކޮމެންޑޭޝަންތަކަކީ އެމައްޗަށް ޢަމަލުކުރުން ލާޒިމު އެއްޗެއްކަމަށް ކަނޑައެޅިދާނެކަމަށް ނުފެނުން.

2. ތަފާތު ދުސްތޫރީ ނިޒާމްތަކުގައި ޤާނޫނުތަކާއި ޤަވާޢިދުތައް ޤާނޫނުއަސާސީއާ އެއްގޮތްތޯ ބަލައި ރިވިއުކުރުމުގައި ޢަމަލުކުރާގޮތްތަކުގެތެރެއިން މައިގަނޑު އެއްގޮތަކީ، ޤާނޫނުއަސާސީއާ ތަޢާރުޟުވާ ޤާނޫނެއް ނުވަތަ ޤަވާޢިދެއް ރިވިއުކޮށްދިނުމަށް އެދި ކަމާބެހޭ ކޯޓުގައި އަޞްލީ (original) ދަޢުވާއެއް އުފުލުން ކަމާއި، މިގޮތަށް އުފުލޭ އަޞްލީ ދަޢުވާ ބެލުމުގެ އިޚްތިޞާޞް ތަފާތު ދުސްތޫރީ ނިޒާމުތަކުގައި ޢާންމުގޮތަކަށް ލިބިގެންވަނީ ދައުލަތުގެ ޤަޟާއީ ހަރުފަތުގެ އެންމެ މަތީގައިވާ ކޯޓަކަށް ނުވަތަ ދުސްތޫރީ މައްސަލަތައް ބެލުމަށް ޚާއްޞަކުރެވިފައިވާ ދުސްތޫރީ ކޯޓަކަށް ކަމާއި، މިގޮތަށް އުފުލާ އަޞްލީ ދަޢުވާއަކީ ދަޢުވާ އުފުލާފަރާތުން ވަކި ޤާނޫނެއް ނުވަތަ ޤަވާޢިދެއް ޤާނޫނުއަސާސީއާ ޚިލާފުކަމަށް ކަނޑައަޅައިދިނުމަށް އެދި ކުރާ މައުޟޫޢީ ދަޢުވާއެއްކަމާ، އަދި މިފަދަ މައުޟޫޢީ ދަޢުވާއަކީ ވަކި ޚަޞްމަކާ އިދިކޮޅަށް އުފުލޭ ޚުޞޫމަތްތެރި ދަޢުވާއެއް ނޫންކަން އެނގެން އޮންނައިރު، ދައުލަތުގެ އެޓާރނީ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ މި މައްސަލައަކީވެސް ބުނެވިދިޔަ ބާވަތުގެ މައުޟޫޢީ ދަޢުވާއެއްކަމުގައިވާތީ މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދަޢުވާލިބޭ ޚަޞްމަކާ ނުލައި، "އެކްސް ޕާޓޭ" (Ex parte) ކޮށް ބަލަން ނިންމުނެވެ.

3. ޤާނޫނުއަސާސީގެ 'ސުޕްރިމަސީ' (Supremacy of the Constitution) ގެ މަބްދައަކީ ޤާނޫނީ ދައުލަތެއްގެ އެންމެ މުހިއްމު އެއް "ޚާއްޞިއްޔަތު" (characteristic) ނުވަތަ ސިފަ ކަމާއި، މިގޮތުން ދައުލަތުގެ އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތަކާއި ތަންފީޒީ ޤަރާރުތައް ބައްޓަންވެގެން ވާންވާނީ ޤާނޫނުއަސާސީގެ ނައްޞުތަކާއި އަޙްކާމްތަކާއި އެއްގޮތްވާގޮތުގެމަތިން ކަމާއި، ޤާނޫނުއަސާސީގެ ނައްޞުތަކާއި ޚިލާފު ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޤަރާރުތަކަކީ ބާޠިލު އެއްޗެއް ކަމީ އެންމެހައި ދީމްޤުރާޠީ މުޖްތަމަޢުތަކުގައި އިސްތިޤްރާރުވެފައިވާ ދުސްތޫރީ މަބްދައެއްކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި މިމަބްދައާ، އަދި މިމަބްދައާއި ގުޅިލާމެހިފައިވާ ދެ މަބްދައުކަމަށްވާ މަބްދައުލް މަޝްރޫޢިއްޔާ (Principle of Legality) އާއި މަބްދައުއް ދުސްތޫރިއްޔާ (Principle of Constitutionality) ވެސް ކަށަވަރުކޮށްދީފައި އޮތުމުގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 63 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާރުޟުވާ އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް ވާނީ ބާޠިލު އެއްޗެއްކަމަށް ކަނޑައަޅާފައިވާކަން އެނގެން އޮވެއެވެ.

4. ދައުލަތުގެ މާލިއްޔަތުގެ މައްޗަށް ރައްޔިތުން ތަމްޘީލުކުރާ ޕަރލަމެންޓުގެ ވިލާޔަތާއި ބެލެނިވެރިކަން އޮތުމަކީ މިޒަމާނުގެ އެންމެހައި ދީމްޤުރާޠީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ ޢާންމު މަބްދައެއްކަމާއި، މި މަބްދައުގެދަށުން ތަފާތު ދުސްތޫރީ ނިޒާމްތަކުގައި ޕަރލަމެންޓްތަކުން އަދާކުރާ މާލީ ފަންކްޝަންތަކުގެ ތެރޭގައި ދައުލަތުގެ އަހަރީ ބަޖެޓާއި، ފާއިތުވާ މާލީ އަހަރުގެ ބަޖެޓްގެ ހިސާބު ފާސްކުރުމާއި، ޓެކްސްތަކާއި ފީތައް ކަނޑައެޅުމާއި، ދައުލަތުން ނަގާ ޢާންމު ލޯންތަކަށާއި، ދައުލަތުގެ ޚަޒާނާއިން ޚަރަދުކުރަން ޖެހިދާނެފަދަ މާލީ ކޮމިޓްމެންޓްތަކަށް އެއްބަސްވުމާއި، ދައުލަތުގެ މިލްކުގައި ހިމެނޭ ތަކެތި ހިލޭދޫކޮށްލުމާއި، ދައުލަތުގެ މިލްކުގައި ހިމެނޭ ތަންތަން "އިމްތިޔާޒު" ނުވަތަ "ކޮންސެޝަންސް" (concessions) އުޞޫލުން ހިންގަން ދިނުމަށް އެއްބަސްވުމާއި، ދައުލަތުގެ ޚަޒާނާއިން މީހުންނަށް ދެވޭ މުސާރައާއި، ބަދަލުގެގޮތުގައި ދެވޭ ފައިސާއާއި، ޢިނާޔަތްތަކާއި، ޕެންޝަންތައް ފަދަ މާލީ ކަންތައް ތަންޒީމުކުރުން ހިމެނޭކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 96 ވަނަ މާއްދާއާއި، 97 ވަނަ މާއްދާއާއި، 250 ވަނަ މާއްދާގައި އިސްވެ އިޝާރާތްކުރެވުނު ކަންތައްތައް ޖުމްލަގޮތަކަށް ޝާމިލުވެގެންވާކަން އެނގޭކަމާއި؛ މިގޮތުން، ކޮންމެ މީލާދީ އަހަރެއް ފެށުމުގެ ކުރީން އެ އަހަރަކަށް ދައުލަތުން ހިނގާނޭކަމަށް ލަފާކުރާ ޚަރަދާއި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ޚަރަދާއި، ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާކަމާ، އަދި ދައުލަތުގެ މުދަލާއި ފައިސާ ޚަރަދުކުރުމާއި ހޭދަކުރުމާއި، ދައުލަތަށް އާމްދަނީއެއް ހޯދުމަށް އެއްވެސް ޓެކުހެއް ނުވަތަ އެނޫންވެސް އެއްޗެއް ނެގުމާއި، ލޯނުގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކުން މުދަލާއި ފައިސާ ހޯދުމާއި ޤަބޫލުކުރުމާއި، ދަރަނި އަދާކުރާނެކަމުގެ ޔަޤީންކަން ދައުލަތުގެ ނަމުގައިދިނުމާއި، މިކަންތައްތަކުން ކުރެކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގައި ވާގޮތުގެމަތީން މެނުވީ ވެރިކަން ހިންގާ ފަރާތުން ކޮށްގެނެއްނުވާނެކަމަށް ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި ބަޔާންވެގެންވާއިރު، ދައުލަތުގެ މިލްކުގައި ހިމެނޭ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ދޭންވާނީ ނުވަތަ ވިއްކާންވާނީ ނުވަތަ ކުއްޔަށް ދޭންވާނީ ނުވަތަ ދޫކޮށްލާންވާނީ ނުވަތަ ރަހުނުކުރާންވާނީ ނުވަތަ ނައްތައިލާންވާނީ ނުވަތަ މިނޫންވެސް މިފަދަކަމަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރާންވާނީ ޤާނޫނުގައި ވާގޮތުގެމަތިންކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 250 ވަނަ މާއްދާގައި ސާފުކޮށް ބަޔާންވެގެންވެއެވެ.

5. ޤާނޫނު ނަންބަރު 3/2006، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނެވުނު ފުރަތަމަ އިޞްލާޙާއިއެކު، އެ ޤާނޫނުގެ 5 ވަނަ މާއްދާގައި ދައުލަތުން އިލްތިޒާމް އުފުލަންޖެހޭ ބައެއް މާލީ މުޢާމަލާތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ރަޤާބާއާއި އިޝްރާފު (supervision/oversight) އޮތުން ކަށަވަރުކޮށްދޭ އުޞޫލުތަކެއް ކަނޑައަޅާފައި އޮންނައޮތުމަކީ، ޤާނޫނުއަސާސީގެ އިސްވެ ބަޔާންކުރެވުނު 250 ވަނަ މާއްދާގެ އިމުން ބޭރުވާ ކަމެއްކަމުގައި ދައުލަތުގެ އެޓާރނީ ޖެނެރަލް ފާހަގަކޮށްފައި އޮންނަ އޮތުމަށް ބަލާއިރު، ޤާނޫނުއަސާސީގެ 250 ވަނަ މާއްދާއިން ދޭހަވާ މަފްހޫމަކީ ދައުލަތުގެ މިލްކުގައިވާ އެއްވެސް މުދަލަކާއިމެދު ތަޞައްރުފުކުރުމުގެ ޙައްޤު ސަރުކާރަށް ލިބިގެންވަނީ ހަމައެކަނި ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިންކަމާ، ނަމަވެސް ބުނެވިދިޔަ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 5 ވަނަ މާއްދާގައި ޖުމްލަގޮތެއްގައި ބަޔާންވެގެންވަނީ ދައުލަތުން ދަރަންޏަށް ފައިސާނެގުމާއި ގެރެންޓީ ދިނުމުގައި ޢަމަލުކުރުން ލާޒިމްކުރާ ޤާޢިދާތައްކަމާ، އަދި އެއީ ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ ޙުދޫދުގެތެރޭގައި ކަނޑައެޅިފައިވާ ޤާޢިދާތަކެއްކަން އެނގެން އޮވެއެވެ.

6. ބުނެވިދިޔަ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 5 ވަނަ މާއްދާގައި ބުނެފައިވާ "ދައުލަތުގެ ކުންފުނި" ކަމަށް ބަލާނީ ކޮން ސިފަތަކެއް ހުރި ކުންފުނިތަކެއްކަން ސާފުނުވުމަކީ ނުވަތަ ދައުލަތުގެ ކުންފުނީގެ 'ތަޢުރީފް" (definition) އެއް އެޤާނޫނުގައި ވާރިދުވެފައިނުވުމަކީ، އެ ޤާނޫނުގެ ދުސްތޫރިއްޔަތުކަމާމެދު ސުވާލު އުފެދެންޖެހޭ ސަބަބެއް ނޫންކަމާ، އެހެނީ ދައުލަތުގެ ކުންފުންޏަކީ ކޮބައިކަން ދެނެގަތުމުގައި ކަމާގުޅުންހުރި ތަފާތު ޤާނޫނުތަކަށާއި، ޤާނޫނީ ފިޤްހު ނުވަތަ "ޖުރިސްޕުރޫޑެންސް" އަށާއި ކޯޓުތަކުގެ ނިންމުންތަކަށް ރިޢާޔަތްކުރެވިދާނެކަން އެނގެން އޮންނައިރު، ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުނިތަކަކީ އަސާސީގޮތެއްގައި އިދާރީގޮތުން ފަސޭހަ ނޫން (rigid)، ބީރޮޤްރާޠީ (bureaucratic) އިޖްރާއާތުތަކުން މިނިވަންކުރެވިފައިވާ، އަދި "ކޮމާރޝަލް ފްލެކްސިބިލިޓީ" (commercial flexibility) ކަށަވަރުކޮށްދޭ، ޢާންމު ޠަބީޢަތުގެ ފަންކްޝަންތަކެއް އަދާކުރުމަށްޓަކާ، ސަރުކާރުން އުފައްދާ ކުންފުނިތަކެއްކަމާ އަދި މީގެ އިތުރުން ދައުލަތުގެ ކުންފުނީގެ ޢާންމު ޙަޞާއިޞްތަކުގެ ތެރޭގައި ދައުލަތުގެ ކުންފުންޏަކީ ދައުލަތުގެ އިޤްތިޞާދީ ޕްލޭންގެ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި ޤާއިމުކުރެވޭ ވަޞީލަތަކަށްވުމާއި، މަޢުނަވީ ޝަޙްޞަކަށްވުމާއި މާލީ އިސްތިޤްލާލުކަން ލިބިގެންވާ ޝަޙްޞަކަށްވުމާ އަދި ދައުލަތުގެ ކުންފުނި ހިންގުމުގައި ޕްރައިވެޓް އެޑްމިނިސްޓްރޭޝަންގެ އުސްލޫބަށް ތަބާވުމާއި، ދައުލަތުގެ ރަޤާބާއާއި އިޝްރާފް ދައުލަތުގެ ކުންފުނިތަކުގެ މައްޗަށް، އިސްވެދިޔަ އެހެން ހަޞާއިޞްތަކަށް އުނިކަމެއް ނާންނާނެ މިންވަރަކަށް އޮތުން ހިމެނިގެން ވާކަން އެނގެން އޮވެއެވެ.

7. ޤާނޫނު ނަންބަރު 3/2006، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ޤާނޫނު ނަންބަރު 25/2010 ގެ ދަށުން ގެނެވުނު ފުރަތަމަ އިޞްލާޙާއި އެކު، އެ ޤާނޫނުގެ 5 ވަނަ މާއްދާގައި ދައުލަތުގެ ކުންފުނިތަކުގެ ބައެއް މާލީ މުޢާމަލާތްތައް ކަމުގައިވާ ދިވެހި ސަރުކާރު މެދުވެރިވެގެން ލޯނުނެގުމާއި، ދަރަންޏަށް ފައިސާނެގުމާއި، އެފަދަ ކަމަކާ ގުޅިގެން ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން ގެރެންޓީ ދިނުމާއި، ދައުލަތުގެ މުދަލެއް ނުވަތަ ޙައްޤެއް ނުވަތަ މަޞްލަޙަތެއް ރަހުނުކުރުމާއި، ނުވަތަ ދައުލަތުގެ މުދަލަކާ ނުވަތަ ފައިސާއަކާ ގުޅޭގޮތުން އެއްވެސް ފަރާތަކަށް އެއްވެސް ޢަހުދެއް ނުވަތަ ކަށަވަރުކަމެއް ދިނުމާއި، މިފަދަ ކަންތައް ކުރަންވާނީ ބުނެވިދިޔަ ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ 5 ވަނަ މާއްދާގައި ކަނޑައެޅިގެންވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްވެގެންކަމަށް އޮންނަ އޮތުމަކީ، އޭގެޒާތުގައި، ދައުލަތުގެ ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތުކަމާއި، މާލީ އަދި ހިންގުމުގެ އިސްތިޤުލާލުކަން ގެއްލިގެންދާންޖެހޭ ސަބަބެއް ނޫންކަމާއި، އެހެނީ އެ މާއްދާގައި ބަޔާންވެގެންވަނީ ދައުލަތުގެ ކުންފުންޏަކުން ކުރާ ބައެއް ބާވަތުގެ މުޢާމަލާތަކާއި ގުޅިގެން ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން އުފުލަންޖެހޭ އިލްތިޒާމްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ރަޤާބާއާއި އިޝްރާފް ކަށަވަރުކުރުންކަން އެނގެން އޮންނައިރު، ބުނެވިދިޔަ ރަޤާބާއާއި އިޝްރާފު އަބަދުވެސް އޮންނާންވާނީ ދައުލަތުގެ އެއްބާރު އަނެއްބާރާއި ދެމެދުގައި އޮންނަންޖެހޭ ޗެކް އެންޑް ބެލެންސްގެ ޙުދޫދުގެ ތެރޭގައި، އެއްބާރުން އަނެއްބާރުގެ އިޚްތިޞާޞްގެ ތެރެއަށް ނުފޫޒު ނުފޯރުވޭފަދަ ގޮތަކަށް، އަދި "ސެޕެރޭޝަން އޮފް ޕަވަރސް" ގެ ދުސްތޫރީ މަބްދައާއި ޚިލާފުނުވާ ގޮތަށްކަން އެނގެން އޮވެއެވެ.

8. އިސްވެ އިޝާރާތްކުރެވުނު ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި ސަރުކާރު މެދުވެރިވެގެން ދައުލަތުގެ ކުންފުންޏަކަށް ލޯނުގެ ގޮތުގައި ނުވަތަ ދަރަނީގެ ގޮތުގައި ނަގާ ފައިސާއާއި، އެކަމާގުޅޭގޮތުން ދައްކަންޖެހޭ އިންޓަރެސްޓްގެ ފައިސާއާއި، ކުރަންޖެހޭ އެހެނިހެން ޚަރަދުތަކަށްވާ ފައިސާ ދައްކަންވާނީ ނުވަތަ ޚަރަދު ކުރަންވާނީ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ގޮތުގެމަތީންކަމަށާއި، އެފައިސާ ޚަރަދުކުރާނީ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންކަމަށް ބަޔާންކޮށްފައިވީނަމަވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ ދަށުން ކުންފުނިތަކުގެ އާމްދަނީއާއި ޚަރަދަކީ ދައުލަތުގެ ބެޖެޓްތެރޭގައި ހިމެނޭނެ އެއްޗަކަށް ނުވާއިރު، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން މިޚަރަދު ކުރަންޖެހުމަކީ ޤާނޫނީގޮތުން ހަމަޖެހޭކަމެއް ކަމުގައިނުވާކަމަށްބުނެ، ދައުލަތުގެ އެޓާރނީ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ނަޒަރުކުރާއިރު، ދައުލަތުން ހިންގާ ބައެއް ޢާންމު ޠަބީޢަތުގެ މަޝްރޫޢުތައް ޕްރައިވެޓް އެޑްމިނިސްޓްރޭޝަންގެ އުސްލޫބުން ހިންގުމަށް ދައުލަތުން އިޚްތިޔާރުކުރާ ވަސީލަތަކީ ކުންފުނިކަމުގައި ވީހިނދު، ދައުލަތުގެ މިލްކުގައިވާ އެފަދަ ކުންފުނިތަކުގެ މާލީ އިލްތިޒާމްތަކަށް ދައުލަތުން ޒިންމާ އުފުލަންޖެހޭ ޙާލަތްތަކުގައި ދައުލަތުން ކުރަންޖެހޭ ޚަރަދުތައް ދައުލަތުގެ ބަޖެޓްގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ކުރުމަކީ އެއްވެސް ޙާލެއްގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 96 ވަނަ މާއްދާ ނަފީކުރާ ކަމެއް ނޫންކަން އެނގެން އޮވެއެވެ.

9. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނެވުނު ފުރަތަމަ އިޞްލާޙާއިއެކު، އެޤާނޫނުގެ 7 ވަނަ މާއްދާއާއި 10 ވަނަ މާއްދާގައި ބަޔާންވެގެންވާ އެހީތަކާއި ސަބްސިޑީތައް އެއްވެސް ފަރާތަކަށް ދޭންވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކަމާބެހޭ ޤާނޫނެއްގައި ބަޔާންވެގެންވާ ގޮތުގެމަތިންކަމަށް ބުނެފައިވާއިރު، މިފަދަ ޤާނޫނެއް ހެދިފައިނުވާ ޙާލަތުގައި އަސާސީ ޙައްޤުގެ ގޮތުގައި ރައްޔިތުންނަށް ލިބެންޖެހޭ އެހީތަކާއި ސަބްސިޑީތައް ލިބުމަށް ހުރަސްއެޅިގެން ދިއުމުގެ އިތުރުން، އެފަދަ އެހީތަކާއި ސަބްސިޑީތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ކަމުގައިނުވާ، ދައުލަތުގެ ބަޖެޓްގައި ހިމަނައިގެން ދިނުމުގެ ފުރުޞަތު ނެތްކަމަށް ދައުލަތުގެ އެޓާރނީ ޖެނެރަލްގެ ފަރާތުން ފާހަގަކޮށްފައި އޮންނަ އޮތުމަށް ބަލާއިރު، ދައުލަތުގެ ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ތަޝްރީޢީ (Legislative) ފުރިހަމަކަން ގެނައުމަކީ އަސާސީގޮތެއްގައި ދައުލަތުގެ ޤާނޫނުހަދާ މަޖްލީހުގެ މަސްއޫލިއްޔަތެއްކަން އެނގެން އޮންނައިރު، ބުނެވިދިޔަ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 7 ވަނަ މާއްދާއާއި 10 ވަނަ މާއްދާގައި ބުނެފައިވާ ޤާނޫނެއް އަދި ފާސްވެފައި ނެތުމަކީ އެ މާއްދާތައް ޤާނޫނުއަސާސީއާއި ޚިލާފުކަމަށް ކަނޑައަޅަންޖެހޭ ސަބަބެއް ނޫންކަމާއި، އަދި ޤާނޫނެއް ހެދިފައިނެތުމަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމަށް ބުރުލެއް އަރާފަދަ ޢަމަލެއް ހުއްދަ ވާނޭކަމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ ނައްޞުގައި ބަޔާންވެގެންވާ ހިނދު، ބުނެވިދިޔަ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 7 ވަނަ މާއްދާއާއި 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި ގުޅިފައިވާ އެހީތަކާއި ސަބްސިޑީތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިގެން ދިނުމުގެ ފުރުޞަތު ޤާއިމުވެގެންވާކަން ފާހަގަކުރެވެއެވެ.

10. ބުނެވިދިޔަ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ނ) ގައި، ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރެކޮމެންޑޭޝަންސްތަކުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ރެކޮމެންޑޭޝަންތަކަށް ބަޖެޓު ތަންފީޒުކުރުމުގައި ސަރުކާރުން ޢަމަލުކުރުން ލާޒިމުވާނެކަމުގައި ބަޔާންކޮށްފައި އޮންނަ އޮތުމަށް ޤާނޫނީ ނަޒަރަކުން ބަލާއިރު، ބުނެވިދިޔަ 34 ވަނަ މާއްދާގެ (ނ) ގެ ނައްޞަކީ އެއްވެސް ޙާލެއްގައި، ދައުލަތުގެ ބަޖެޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ށ) އާއި (ނ) އިން ލިބިދީފައިވާ އިޚްތިޞާޞާއި ފުށޫއަރާ ނައްޞެއް ނޫންކަމާއި، ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރެކޮމެންޑޭޝަންސްތަކުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ރެކޮމެންޑޭޝަންތަކަކީ މައުޟޫޢީ ގޮތުންނާއި ޝަކްލީގޮތުންވެސް ޤާނޫނެއްގެ ދަރަޖަ ލިބިގެންވާ އެއްޗެއް ނޫންކަމުގައިވާއިރު، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 34 ވަނަމާއްދާގެ (ނ) ގައިވާ ފަދައިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ރިކޮމެންޑޭޝަންތަކަށް ބަޖެޓް ތަންފީޛުކުރުމުގައި ޢަމަލުކުރުން ސަރުކާރުގެ އިދާރާތަކުގެ މައްޗަށް ލާޒިމްވާނީ އެ ރިކޮމެންޑޭޝަންތަކަކީ ޤާނޫނުއަސާސީއާއި ނުވަތަ ޤާނޫނަކާ ޚިލާފު ރެކޮމެންޑޭޝަންތަކަކަށް ނުވާނަމަކަން އެނގެންއޮވެއެވެ.

11. ޤާނޫނު ނަންބަރު 25/2010 ގެ ދަށުން، ޤާނޫނު ނަންބަރު 3/2006، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި، 7 ވަނަ މާއްދާއާއި، 10 ވަނަ މާއްދާގެ (ހ) އާއި 34 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙުތަކަށް ބަލާއިރު، އެ އިޞްލާޙުތަކަށް އަމަލުކުރުމުން ދައުލަތުގެ މާލިއްޔަތުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން އޮންނަންޖެހޭ ރަޤާބާއާއި އިޝްރާފް، 'ޗެކް އެންޑް ބެލެންސް' ގެ ޙުދޫދުން ބޭރުވެދާނެކަން، ނުވަތަ ދައުލަތުގެ ކުންފުނީގެ ޚަޞާއިޞްތަކުގެ ތެރެއިން ޚާއްޞިއްޔަތު އަކަށް އުނިކަމެއް އަތުވެދާނެކަން، ނުވަތަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އެއްވެސް އަސާސީ ޙައްޤަކަށް އުނިކަމެއް ލިބިދާނެކަން އެނގޭފަދަ ސަބަބެއްވިއަސް މިމައްސަލާގައި ދަޢުވާކުރާ ދިވެހި ދައުލަތުގެ އެޓާރނީ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނުވުމުގެ އިތުރުން، އެޓާރނީ ޖެނެރަލްގެ ފަރާތުން، މި މައްސަލައިގެ ދަޢުވާ ބިނާކުރާ ސަބަބުތަކުގެ ގޮތުގައި ހުށަހަޅާފައިވާ ސަބަބުތަކަކީ ޤާނޫނީގޮތުން ޞައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާވެގެންވާ ސަބަބުތަކެއް ނޫންކަން ފާހަގަކުރެވެއެވެ.

ޙުކުމް:

އިސްވެ ބަޔާން ކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ޤާނޫނު ނަންބަރު 3/2006، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ޤާނޫނު ނަންބަރު 25/2010 ގެ ދަށުން ގެނެވުނު ފުރަތަމަ އިޞްލާޙާއި އެކު، އެ ޤާނޫނުގެ 5 ވަނަ މާއްދާއާއި، 7 ވަނަ މާއްދާއާއި، 10 ވަނަ މާއްދާގެ (ހ) އާއި 34 ވަނަ މާއްދާއަށް ޢަމަލުކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާއާއި 35 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް ލިބުމަށް އުނިކަން އަންނާނެ ކަމެއްކަމުގައި ބުނެ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި، 7 ވަނަ މާއްދާއާއި، 10 ވަނަ މާއްދާގެ (ހ) އާއި 34 ވަނަ މާއްދާއަކީ، އެމާއްދާތަކުގެ މައްޗަށް ޢަމަލުނުކުރެވޭނެ ބާޠިލު މާއްދާތަކެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހި ދައުލަތުގެ އެޓާރނީ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލިފައިވާ، މި ދުސްތޫރީ މައްސަލަ ބަލައި ރިވިއުކުރުމަށްފަހު، ދައުލަތުގެ އެޓާރނީ ޖެނެރަލްގެ ފަރާތުން މި މައްސަލައިގެ ދަޢުވާ ބިނާކުރާ ސަބަބުތަކުގެ ގޮތުގައި ހުށަހަޅާފައިވާ ސަބަބުތަކަކީ ޤާނޫނީގޮތުން ޞައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާވެގެންވާ ސަބަބުތަކަކަށް ނުވާތީ، ޤާނޫނު ނަންބަރު 3/2006، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް، ޤާނޫނު ނަންބަރު 25/2010 ގެ ދަށުން ގެނެވުނު ފުރަތަމަ އިޞްލާޙާއި އެކު، އެ ޤާނޫނުގެ 5 ވަނަ މާއްދާއާއި، 7 ވަނަ މާއްދާއާއި، 10 ވަނަ މާއްދާގެ (ހ) އާއި 34 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފު މާއްދާތަކެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ