—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2011/SC-A/01
ދަޢުވާކުރާ ފަރާތް: އަސީތު ތައުފީޤު ޖަވާހިރުވާދީ
ދަޢުވާ ލިބޭ ފަރާތް: އއ. ހިމަންދޫ އިލެކްޝަން ކޮމިޓީ
މައްސަލައިގެ ބާވަތް: ލޯކަލް ކައުންސިލް މެންބަރުކަމަށް އެދި ހުށަހެޅި ހުށަހެޅުން ބާޠިލުކުރެއްވުން
މައްސަލަ އައިގޮތް: އިލްތިމާސްކުރުމުގެ ހުއްދައަށްއެދޭ ފޯމަކުން
ހުށަހެޅުނު ތާރީޚް: 09 ޖަނަވަރީ 2011
ނިމުނު ތާރީޚް: 16 ޖަނަވަރީ 2011 މާޗް 2009
މައްސަލަ ނިންމި ގަޑި:15:07
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޢަރީފު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
އިސްތިއުނާފު ކުރެވުނު ނިންމުން
ނަންބަރު: U9/2011/01
ނިންމެވި އިދާރާ: އިލެކްޝަންސް ކޮމިޝަންގެ އއ. ހިމަންދޫ އިލެކްޝަންސް ކޮމިޓީ
ހުށަހެޅުނު ތާރީޚް: -
ނިމުނު ތާރީޚް: 05 ޖަނަވަރީ 2011
މައްސަލައިގެ ޚުލާޞާ:
މިއީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި އއ.ހިމަންދޫ ރަށު ކައުންސިލް މެންބަރުކަމަށް ކުރިމަތިލާފައިވާ އަސީތު ތައުފީޤު އަކީ ޖަމާޢަތް ހަދައިގެން ވައްކަންކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ވާތީ، އޭނާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގައި ބުނާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެ މީހެއްކަމަށް ބުނެ، އޭނާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުގެ، އއ.ހިމަންދޫ ރަށު އިލެކްޝަންސް ކޮމިޓީއިން ބާޠިލު ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ނޫންކަމަށް ބުނެ، އޭނާގެ ކެންޑިޑޭޓްކަމުގެ ޙައްޤު ހޯދާ ދިނުމަށް އެދި، އަސީތު ތައުފީޤު، އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ދަޢުވާކުރުމުން ބެލިފައިވާ މައްސަލައެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް:
މިމައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށާއި، ޤާނޫނުތަކަށާއި، ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިއުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިމައްސަލަ ބެލި ފަސް ފަނޑިޔާރުންނަށް އަންނަނިވި ކަންތައް ފާހަނގަކުރެވިފައިވެއެވެ.
ހ- ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނަކީ، ޢާންމު އިންތިޚާބުތަކާއި، ޢާންމު ވޯޓުތައް މިނިވަންކަމާއި އިންޞާފުވެރިކަމާއެކު، ކޮރަޕްޝަނާއި ނޭދެވޭ ނުފޫޒުން ބޭރުގައި ހިންގުން ގެރެންޓީ ކުރުމަށްޓަކާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިން އުފައްދާފައިވާ މިނިވަން މުސްތަޤިއްލު މުއައްސަސާއެއް ކަމަށް ވީހިނދު، އެ މުއައްސަސާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތްވާގޮތުގެމަތިން އަދާކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމްވެގެންވާ ކަމެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ށ) ގައި ސާފުކޮށް އެނގެން އޮންނަ އޮތުމެވެ.
ށ- ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 2008/11 "އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު'' ގެ 21 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ ޢިބާރާތުގައި އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެމީހެއްގެ ހުށަހެޅުން ޤަބޫލުކުރިކަން ނުވަތަ ނޫންކަން އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް ލިޔުމަކުން އަންގަންވާނެކަމަށް ބަޔާންކުރުމަށް ފަހު، އެމާއްދާގެ (ށ) ގައި އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ ހުށަހެޅުން އެމާއްދާގެ (ހ) ގެ ދަށުން ޤަބޫލުކުރިކަން ނުވަތަ ޤަބޫލުނުކުރާކަން އެމީހަކަށް އެންގުމުގެ ކުރިން އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ ޤާނޫނުގައި ވާގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ މަޢުލޫމާތާއި ތަކެތި ހަމަޔަށް ހުރިތޯ އިލެކްޝަން ކޮމިޝަނުން ޔަޤީންކުރަން ވާނެކަމަށް ބުނުމަށްފަހު، އެމާއްދާގެ (ނ) ގައި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ ހުށަހަޅާ ހުށަހެޅުން އެމާއްދާގެ (ހ) ގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ޤަބޫލުނުކުރާކަމަށް ކަނޑައަޅަންވާނީ، އެ އިންތިޚާބަށް ކުރިމަތިލުމަށް ފުރިހަމަވާންޖެހޭ ޝަރުޠެއް ފުރިހަމަ ނުވާނަމަ، ނުވަތަ ޤާނޫނުގައި ވާގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ މަޢުލޫމާތާއި ތަކެތި ފުރިހަމައަށް ނެތްނަމަ ނުވަތަ އެތަކެތީގެ ތެރެއިން އެއްޗެއް ޞައްޙަނޫންކަމަށް އިލެކްޝަން ކޮމިޝަނަށް ޤަބޫލުކުރެވޭ ޙާލަތެއްގައި ކަމަށް ބަޔާންކުރުމާއި އެކު، ހަމަ އެމާއްދާގެ (ރ) ގައި އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ ހުށަހެޅުން، އެމާއްދާގެ (ހ) ގެ ދަށުން ޤަބޫލުނުކުރާނަމަ، އެކަން އެމީހަކަށް އަންގާއިރު ޤަބޫލުނުކުރި ސަބަބު ލިޔުމަކުން އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް އަންގަންވާނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައި އޮތުމުން، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ހުށަހެޅުން ޤަބޫލުނުކުރާ ކަމަށް ކަނޑައެޅުމަކީ، އިލެކްޝަންސް ކޮމިޝަނަށް އެއްވެސް ޤައިދަކާ ނުލައި ލިބިގެންވާ މުޠުލަޤު ބާރެއް ނޫންކަމާއި، އެ ފަދަ ކަމެއް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވަނީ އިސްވެ ބަޔާންވެދިޔަ "އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު" ގެ 21 ވަނަ މާއްދާގެ ޙުދޫދޫގެ ތެރޭގައި، އެމާއްދާގެ (ހ) ގައި ބުނެފައިވާ 48 ގަޑިއިރު ފަހަނަޅައި ދިއުމުގެ ކުރިންކަން އެއްވެސް އޮޅުމެއް ނާރާގޮތަށް ރަނގަޅަށް އެނގެން އޮންނަ ކަމެވެ.
ނ- ތިންވަނަ ކަމަކީ، ޤާނޫނީ ދައުލަތެއްގެ އެންމެ މުހިންމު އެއް އަސާސަކީ ދައުލަތުގެ އެންމެހައި ބާރުތަކާއި މުއައްސަސާތަކާއި އަފްރާދުންގެ ޢަމަލުތައް ވާންވާނީ ޤާނޫނުއަސާސީއާއި، ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންކަމަށް ވެފައި، އެއްވެސް "އަމުރުކުރުވަނިވި ޤާނޫނީ ރޫލް" (ޕަރެމްޕްޓަރީ ރޫލް/peremptory rule) އަކާއި ޚިލާފަށް ވެވޭ އެއްބަސްވުމެއް ނުވަތަ އިޤުރާރަކީ ޤާނޫނީގޮތުން ޞައްޙަނޫން ބާޠިލު ޢަމަލެއްކަމަށް ވީހިނދު، އިންތިޚާބަށް ކުރިމަތިލާމީހާ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 18 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އިޤްރާރުގައި އޭނާ އިންތިޚާބަށް ކުރިމަތިލުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުގައި ޙަޤީޤަތާއި ޚިލާފު މަޢުލޫމާތެއް ހިމަނާފައިވާނަމަ ކެންޑިޑޭޓްކަން ބާޠިލު ކުރެވޭނެކަން ދެނެހުރެ އިޤްރާރުވާކަމަށް އޮތުމަކީ، އިލެކްޝަންސް ކޮމިޝަނަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޙުދޫދުން ބޭރުގައި އިންތިޚާބަށް ކުރިމަތިލާ މީހާގެ ކެންޑިޑޭޓްކަން ބާޠިލުކުރުމަށް ލިބޭ ޤާނޫނީ ޙުއްޖަތެއް ނޫންކަމާއި، އިލެކްޝަންސް ކޮމިޝަނަށް އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ކެންޑިޑޭޓްކަން ޤާނޫނީގޮތުން ބާޠިލު ކުރެވޭނެ ހަމައެކަނިގޮތަކީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ވާގޮތުގެ މަތިން އެ މާއްދާގެ (ހ) ގައި ކަނޑައެޅިބަޔާންވެގެންވާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ކަމާއި، ޤާނޫނުގައި މިގޮތަށް 48 ގަޑިއިރު ކަނޑައަޅާފައިވަނީ މަޤްޞަދެއް ނެތި ނޫންކަމާއި، އޭގެ ޙަޤީޤީ މަޤްޞަދަކީ އިންތިޚާބަށް ކުރިމަތިލާފައިވާ މީހާގެ އިންތިޚާބީ ޙައްޤުތައް ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ހ) ގައި އިޝާރާތްކޮށްފައިވާ، 'ނުރަނގަޅު ނުފޫޒާއި ކޮރަޕްޝަނުން' އެއްކިބާވެގެންވާ މާޙައުލެއްގައި ޙިމާޔަތްވުންކަމާއި، މަލްޓިޕާޓީ ސިޔާސީ ނިޒާމެއްގައި އިންތިޚާބަށް ކުރިމަތިލާމީހާގެ ކެންޑިޑޭޓުކަން ބާޠިލްކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް އެއްވެސް ޤައިދަކާނުލައި ލިބިފައި އޮތުމުގެ ނޭދެވޭ ނަތީޖާއަކަށް ވާނީ އިންތިޚާބަށްކުރިމަތިލުމުގެ ދޮރުބަންދުވާފަހުން ކެންޑިޑޭޓްކަން ބާޠިލު ކުރެވޭ މީހެއްގެ ބަދަލުގައި އެހެން މީހެއްގެ ނަން ހުށަހެޅުމުގެ ފުރުޞަތު ގެއްލިގެންދިއުން ކަމާއި، މިފަދަ ނޭދެވޭ ނަތީޖާއަކަށް މަގުފަހިވެގެން ނުދިއުމަށްޓަކައި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފަށް އެއްވެސް ކެންޑިޑޭޓެއްގެ ކެންޑިޑޭޓުކަން ބާޠިލު ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ޤާނޫނީގޮތުން ލިބިފައި ނުވާކަން އެނގެން އޮތުމެވެ.
ރ- ހަތަރުވަނަ ކަމަކީ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާގެ ކެންޑިޑޭޓުކަން، އޭނާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ 48 ގަޑިއިރު ފަހަނަޅާދާފަހުން ބާޠިލުކުރާކުރުން އެއީ އިލެކްޝަންސް ކޮމިޝަނުގެ އިޚްތިޞާޞުން ބޭރުގައިވާ ކަމެއްގެގޮތުގައި އޮތުމަކީ، އެއްވެސް ޙާލެއްގައި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ގޮތާ ޚިލާފަށް އިންތިޚާބަށްކުރިމަތިލުމަށް ޤާނޫނީގޮތުން ފުރިހަމަވާންޖެހޭ ޝަރުޠެއް ފުރިހަމަނުވާ މީހަކަށް އިންތިޚާބުގައި ބައިވެރިވުމުގެ ދޮރު ހުޅުވިފައި އޮތުން ނޫންކަމާއި، އިންތިޚާބަށް ކުރުމަތިލާ މީހެއްގެ ޝަރުޠު ފުރިހަމަ ނުވާކަމަށް ކަނޑައަޅައި އޭނާގެ ކެންޑިޑޭޓުކަން ބާޠިލުކުރުމަކީ އަބަދުވެސް ކަމާބެހޭ ޝަރުޢީ ކޯޓުގެ އިޚްތިޞާޞެއްކަމާއި، އިސްވެދިޔަ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ 48 ގަޑިއިރު ފާއިތުވާފަހުން، އިންތިޚާބަށް ކުރިމަތިލުމަށް އެދިފައިވާ މީހެއްގައި ފުރިހަމަވުން ޤާނޫނުގައި ލާޒިމްކޮށްފައިވާ ޝަރުޠެއް ފުރިހަމަ ނުވާކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ، އެ މީހެއްގެ ކެންޑިޑޭޓުކަން ބާޠިލުކޮށްދިނުމަށްއެދި ކަމާބެހޭ ޝަރުޢީ ކޯޓަށް ހުށަހެޅުމަކީ އިލެކްޝަންސް ކޮމިޝަނަށާއި، މަޞްލަޙަތުއޮތް ކޮންމެ ފަރާތަކަށް ލިބިގެންވާ ޙައްޤެއްކަން އެނގެން އޮންނަ ކަމެވެ.
ބ- ފަސްވަނަ ކަމަކީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 62 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން އިންތިޚާބާ ބެހޭ ޝަކުވާ ހުށަހެޅޭނެ އަދި އެ ޝަކުވާތައް އަވަހަށް ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ޤާއިމުކޮށްފައިވާ "ނޭޝަނަލް އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިޔުރޯ" ގެ އިޚުތިޞާޞްތައް އޮންނަންވާނީ ކަމާބެހޭ ޤާނޫނުތަކުގެ އިމުގެތެރޭގައި ކަމާއި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގައި ބުނެފައިވާ 48 ގަޑިއިރު ފަހަނަޅާދާ ފަހުން އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ކެންޑިޑޭޓުކަން ބާޠިލުކުރުމުގެ ބާރު ނޭޝަނަލް އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިޔުރޯ އަށް ލިބިގެން ނުވާކަމާއި، ބުނެވިދިޔަ 48 ގަޑިއިރު ފާއިތުވުމަށްފަހުވެސް ޤާނޫނުގެ ނަޡަރުގައި އިންތިޚާބަށް ކުރިމަތިލާ މީހާއަކީ އޭނާގެ ކިބައިގައި ހުރުން ޤާނޫނު ލާޒިމުކުރާ ޝަރުޠުތައް ފުރިހަމަވެފައިވާ މީހަކަށް ނުވާނަމަ އެކަމަކީ ޤަޟާއީ ޙައްލެއް ލިބެންޖެހޭ ޤާނޫނީ ނިޒާޢެއް ކަމަށް ބެލެވޭ ކަމެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ކަންތައްތަކުގެ މައްޗަށް ވިސްނައި ބަލާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި، އއ.ހިމަންދޫ ރަށު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށްޓަކައި އަސީތު ތައުފީޤު، އިންތިޚާބުތަކާއިބެހޭ ޢާންމު ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނަށް 03 ޑިސެމްބަރ 2010 ވަނަދުވަހުގެ 16:50 ގައި އެޕްލިކޭޝަން ހުށަހަޅާފައިވަނިކޮށް، އަސީތު ތައުފީޤަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި ބުނާ އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް ވުމުން އޭނައަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތަކުންކުރެ ޝަރުޠެއް އުނިވެފައިވާ މީހެއްކަމަށް ބުނެ އޭނާގެ ކެންޑިޑޭޓުކަން ބާޠިލުކުރަންޖެހޭކަމަށް ނެޝަނަލް އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ކަނޑައެޅި ކަނޑައެޅުން 04 ޖެނުއަރީ 2011 ވަނަ ދުވަހު ބޭއްވުނު އިލެކްޝަންސް ކޮމިޝަނުގެ ޖަލްސާގައި ފާސްކޮށް، އަސީތު ތައުފީޤުގެ ކެންޑިޑޭޓުކަން ބާޠިލުކުރިކަން، އިލެކްޝަންސް ކޮމިޝަނުގެ އއ.ހިމަންދޫ ރަށު އިލެކްޝަންސް ކޮމިޓީއިން އޭނައަށް 05 ޖެނުއަރީ 2011 ގައި އަންގާފައިވާ އެންގުމަކީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ ޞަރީޙަ ޢިބާރާތުގައި އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ޝަރުޠު ފުރިހަމަ ނޫންކަމަށް ނިންމަން، އިލެކްޝަންސް ކޮމިޝަނަށް ދީފައި އޮންނަ 48 ގަޑިއިރު ފާއިތުވިފަހުން އަންގާފައިވާ، ޤާނޫނާއި ޚިލާފު ބާޠިލު އެންގުމެއްކަމަށް ކަނޑައަޅައި، ކަމުގެ އިޚުތިޞާޞް ލިބިގެންވާ ޝަރުޢީ ކޯޓަކުން އަސީތު ތައުފީޤު އަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި ބުނާ ޝަރުޠެއް އުނިވެފައިވާ މީހެއްކަމަށް ކަނޑައަޅަންދެން، އަސީތު ތައުފީޤު ގެ ނަން އއ.ހިމަންދޫ ރަށު ކައުންސިލްގެ ކެންޑިޑޭޓުންގެ ލިސްޓުގައި އަލުން ހިމެނުމަށް، އިލެކްޝަންސް ކޮމިޝަނަށް އަންގައި، ސުޕުރީމް ކޯޓުން މިމައްސަލަ ބެލި ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފު
ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުޝަމީމާ މ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.