ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2011/SC-A/38ސުޕްރީމް ކޯޓު · 16 ފެބުރުއަރީ 2012

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމަކުން ތަފާތުކޮށްފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 16 ފެބުރުއަރީ 2012ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 382011/SC-A/

ދަޢުވާކުރާ ފަރާތް: އެޓަރނީ ޖެނެރަލްގެ އޮފީސް، ހ. ވެލާނާގެ 6 ވަނަ ފަންގިފިލާ، މާލެ

ދަޢުވާ ލިބޭ ފަރާތް: ސިވިލް ސަރވިސް ކޮމިޝަން، ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ، މާލެ

މައްސަލައިގެ ބާވަތް: ޤާނޫނާއި ޚިލާފު ނިންމުން ރިވިއު ކުރުން

މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 11 އޮކްޓޯބަރ 2011

ނިމުނު ތާރީޚް: 16 ފެބްރުއަރީ 2012

މައްސަލަ ނިންމި ގަޑި: 15:15

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:

ނަންބަރު: 95/HC-A/2010

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 29 އޭޕްރީލް 2010

ނިމުނު ތާރީޚް: 10 މެއި 2011

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95/HC-A/2010 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޤާނޫނާ ޚިލާފުވާ ގޮތަށް ކަމަށް ބުނެ ދައުލަތުގެ އެޓާރނީ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލިފައިވާ މައްސަލައެކެވެ. މި މައްސަލާގައި ދަޢުވާ ރައްދުވާ ފަރާތަކީ ސިވިލް ސަރވިސް ކޮމިޝަން އެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 95/HC-A/2010 ޤަޟިއްޔާ އަކީ، މަދަނީ ކޯޓުގެ ނަންބަރު 2010/MC/463 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ދަޢުވާ ލިބުނު ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މި މައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެމަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެމަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީ ކޯޓުގެ ނަންބަރު 2010/MC/463 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ ނަންބަރު 95/HC-A/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީނަޒަރަކުން ބަލައި ވިސްނިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންނަށް އަންނަނިވި ނުކުތާތައް ފާހަގަކުރެވިފައިވެއެވެ.

2009 ވަނަ އަހަރު ދިވެހި ދައުލަތް ކުރިމަތިލާން ޖެހުނު އިޤްތިޞާދީ ދަތި ޙާލަތުގެ ސަބަބުން، ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް 01 އޮކްޓޯބަރ 2009 އިން ފެށިގެން ސިވިލް ސަރވިސް ކޮމިޝަނުން، އެ ކޮމިޝަނަށް ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން ލިބިދޭ އިޚްތިޔާރުގެ ދަށުން ކުޑަކުރުމަށްފަހު، ބުނެވިދިޔަ ޤާނޫނުގެ 43 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް 01 އޮކްޓޯބަރ 2009 ގެ ކުރިން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބެމުންއައި މުސާރައާއި ޢިނާޔަތްތައް ކުރިއެކޭ އެއްފަދައިން 01 ޖެނުއަރީ 2010 އިން ފެށިގެން ރުޖޫޢަކުރުމަށް އެ ކޮމިޝަނުން ނިންމާފައިވަނިކޮށް، އެ ނިންމުމާ ޚިލާފަށް ޖެނުއަރީ 2010 އިން ފެށިގެން މުސާރަ ޝީޓުތައް ތައްޔާރުކުރާއިރު، 1 އޮކްޓޯބަރ 2009 އިން ފެށިގެން ކުޑަކޮށްފައިވާ މިންގަނޑަށް ބަލައި މުސާރަ ޝީޓުތައް ތައްޔާރުކޮށް ފޮނުވަމުން ގެންދިއުމަށް ސަރުކާރުގެ އޮފީސްތަކަށް އެންގުމުގެ ބާރު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ލިބިގެން ނުވާކަމަށާއި، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގެ ގޮތުން ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 06 ވަނަ މާއްދާއާއި، 18 ވަނަ މާއްދާގެ (ހ) އާއި، އަދި 43 ވަނަ މާއްދާގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދޭ ބާރެއް ހަނިކުރެވޭ ގޮތަށް ނުވަތަ ހުރަސްއެޅޭ ގޮތަށް ޢަމަލުކުރުމުގެ ބާރު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ލިބިގެން ނުވާކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މައްޗަށް މަދަނީ ކޯޓުގައި އެ ކޯޓުގެ ނަންބަރު 2010/MC/463 ޤަޟިއްޔާއިން ކުރި ދަޢުވާގެ ޙުކުމުގައި "ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 6 ވަނަ މާއްދާއާއި، 18 ވަނަ މާއްދާ އަދި 43 ވަނަ މާއްދާގެ ދަށުން ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގެ ބާރު ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދީފައިވާއިރު، 1 އޮކްޓޯބަރ 2009 ގެ ކުރިން ލިބިދީފައިވާ މުސާރައާއި ޢިނާޔަތްތައް ރުޖޫޢަކުރަން ސިވިލް ސަރވިސް ކޮމިޝަނުން ނިންމުމުން 1 ޖެނުއަރީ 2010 އިން ފެށިގެން މުސާރަ ޝީޓް ތައްޔާރުކުރާއިރު 1 އޮކްޓޯބަރ 2009 އިން ފެށިގެން ކުޑަކޮށްފައިވާ މިންގަނޑަށް ބަލައި މުސާރަ ޝީޓްތައް ތައްޔާރުކުރުމަށް އެންގުމުގެ ބާރާއި، ދިވެހި ސިވިލް ސަރވިސްގެ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގެ ގޮތުން ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 06 ވަނަ މާއްދާއާއި، 18 ވަނަ މާއްދާގެ (ހ)، އަދި 43 ވަނަ މާއްދާގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދޭ ބާރެއް ހަނިކުރެވޭ ގޮތަށް ނުވަތަ ހުރަސްއެޅޭ ގޮތަށް ޢަމަލުކުރުމުގެ ބާރު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ލިބިގެން ނުވާކަމުގައި ކަނޑައަޅައި ޙުކުމް ކޮށްފީމެވެ". މިހެން ބަޔާންވެގެންވާއިރު، ބުނެވިދިޔަ މަދަނީ ކޯޓުގެ ނަންބަރު 2010/MC/463 ޤަޟިއްޔާގެ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށް ޙުކުމް ކޮށްފައިވާކަން އެ ކޯޓުގެ ނަންބަރު 95/HC-A/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން ސާފުކޮށް އެނގެން އޮވެއެވެ.

ޤާނޫނީ ދައުލަތެއް އެ މައްޗަށް ބިނާވެގެންވާ އެންމެ މުހިއްމު އެއް އަސާސަކީ "މަބްދައުލް މަޝްރޫޢިއްޔާ" (Principle of Legality) ނުވަތަ ދައުލަތުގެ އެންމެހައި ބާރުތަކާއި އިދާރާތަކާއި މުއައްސަސާތަކާއި އަފްރާދުން ޤާނޫނުއަސާސީއަށާއި ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް ބޯލަބައި ތަބާވުމުގެ އަސާސްކަމަށް ވީހިނދު، ސަރުކާރުގެ އެންމެހައި އިދާރާތަކާއި މުއައްސަސާތަކުގެ ޢަމަލުތަކާއި ތަޞައްރުފާތުތަކާއި އިދާރީ އެންމެހައި ޤަރާރުތަކާއި އަމުރުތައް ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފުވެގެން ނުވާނެކަމާއި، މިޒަމާނުގެ ދުސްތޫރީ ނިޒާމްތަކުގައި "ޤަޟާއީ ރަޤާބާ" ނުވަތަ "ޖުޑިޝަލް ރިވިއު" (Judicial Review) އަކީ އެކަން ޢަމަލީގޮތުން ގެރެންޓީ ކޮށްދޭ އެންމެ ހަރުދަނާ އެއް ވަސީލަތްކަން އެނގޭކަމާއި؛ މިގޮތުން ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުގެ ޢަމަލުތަކާއި ތަޞައްރުފާތުތަކާ ގުޅިގެން އުފެދޭ ޚުޞޫމަތްތެރި ދަޢުވާތައް ބަލައި، އެ ޢަމަލުތަކާއި ތަޞައްރުފާތުތަކަކީ ޤާނޫނީގޮތުން ޞައްޙަ ކަންތައްތަކެއް ކަމުގައި ނުވާނަމަ އެއީ ބާޠިލުކަންތައްތަކެއް ކަމަށް ކަނޑައަޅުމުގެ ބާރު ކަމާއިބެހޭ ކޯޓުތަކަށް ލިބިގެންވާކަމީ އިސްތިޤްރާރުވެފައިވާ ޤާނޫނީ މަބްދައެކެވެ.

ދައުލަތުގެ ތަފާތު ވަޒީފާތަކަށް މުވައްޒަފުން ޢައްޔަންކުރުމާއި އެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުން ތަޤްލީދީގޮތުން އޮތީ ވެރިކަން ހިންގުމުގެ ބާރުގެ މަރްކަޒީ އިޚްތިޞާޞްގެ ތެރޭގައި ކަމުގައި ވީނަމަވެސް، މިޒަމާނުގެ ތަފާތު އިދާރީ ނިޒާމްތަކުގައި ބައެއް ސިޔާސީ މަޤާމްތައް ފިޔަވައި، ދައުލަތުގެ އެހެނިހެން މަދަނީ ވަޒީފާތަކަށް މީހުން ޢައްޔަންކުރުމާއި އެ މީހުންގެ ޙައްޤުތަކާއި ވާޖިބުތައް ޤާނޫނީގޮތުން އިންތިޒާމް ކުރެވިފައިވަނީ އެކަންތައްތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު ނުފޯރާފަދަ ގޮތަކަށްކަމުގައި ވީހިނދު، ދިވެހިރާއްޖޭގައި ސިޔާސީ މަޤާމްތަކަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މުވައްޒަފުންނާއި ޤާނޫނުން އިސްތިޘްނާކުރެވިގެންވާ އެހެނިހެން މުވައްޒަފުން ފިޔަވައި ދައުލަތުގެ މަދަނީ ޚިދުމަތުގެ އެންމެހައި މުވަޒަފުންގެ ވަޒީފާއާ ބެހޭ އެންމެހައި ކަންތައް ޤާނޫނުގައި ވާގޮތުގެ މަތިން ހިންގައި ބެލެހެއްޓުމަށްޓަކައި ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން މިނިވަން ޤާނޫނީ ޝަޚްޞެއްގެ ގޮތުގައި ސިވިލް ސަރވިސް ކޮމިޝަނެއް އުފެދިފައިވާ އިރު، މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ އޯގަސްޓް މަހު 7 ވަނަ ދުވަހު ތަޞްދީޤުކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 7 ވަނަ ބާބުގައި ބަޔާންކުރެވިގެންވާ މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމްތަކުގެ ތެރޭގައި "ސިވިލް ސަރވިސް ކޮމިޝަން" ޝާމިލުވެގެންވާކަން ފާހަގަކުރެވެއެވެ.

ވެރިކަން ހިންގުމުގެ ބާރުގެ މަރްކަޒީ އިޚްތިޞާޞްގެ ތެރޭގައި ތަޤްލީދީގޮތުން ހިމެނިގެންވީ ބައެއްކަންތައް މުސްތަޤިއްލު މުއައްސަސާތަކުން ހިންގުމުގެ ސިޔާސަތަކީ ޒަމާނީ އިދާރީ ނިޒާމްތަކުގައި ފުޅާދާއިރާއެއްގައި ތަޠްބީޤުކުރެވޭ ސިޔާސަތެއްކަމުގައި ވީނަމަވެސް، އެ މުއައްސަސާތަކީ އޭގެޒާތުގައި ވެރިކަން ހިންގުމުގެ ބާރުގެތެރޭގައި ހިމެނޭ މުސްތަޤިއްލު މުއައްސަސާތަކެއް ކަމާއި، އަދި އެ މުއައްސަސާތަކަށް ލިބިގެންވާ މިނިވަންކަމާއި މުސްތަޤިއްލުކަން އޮންނަންވާނީ އެ މުއައްސަސާތައް އުފެދިފައިވާ މަޤްޞަދު ޙާޞިލުވާ ފެންވަރަށް ދައުލަތުގެ ދުސްތޫރީ އޮނިގަނޑުގެތެރޭގައި ދައުލަތް ހިންގުމުގެ ޢާންމު ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެމަތީން ކަމުގައި ވީހިނދު، އިސްވެ އިޝާރާތްކުރެވުނު ސިވިލް ސަރވިސް ކޮމިޝަންގެ އިޚްތިޞާޞްތައްވެސް އޮންނަންވާނީ، އެ ކޮމިޝަނުގެ އިޚްތިޞާޞްގެ ދާއިރާގެތެރޭގައި ހިމެނޭ ދައުލަތުގެ ޢާންމު ސިޔާސަތުތަކާއި ފުށޫ ނާރާފަދަ ގޮތަކަށް ކަމާ، ވުމާއެކު މިމަޤްޞަދު ޙާޞިލުވެވޭނެ އުޞޫލަކުން ސިވިލް ސަރވިސް ކޮމިޝަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅިފައި ވުމުގެ އިތުރުން، ސިވިލް ސަރވިސް ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ ވުޒާރާތަކާއި އިދާރާތަކާ ދެމެދު އޮންނަންޖެހޭ ޤާނޫނީ ގުޅުން އިންތިޒާމު ކުރެވެނީ ކަމާބެހޭ ޤާނޫނުތަކުންކަން ފާހަގަކުރެވެއެވެ.

މުވައްޒަފުންގެ އެންމެ އަސާސީ އެއް ޙައްޤަކީ އެމީހުން އަދާކުރާ ވަޒީފާގެ މުޤާބިލުގައި ލިބިދެވޭ މުސާރައާއި އެހެނިހެން ޢިނާޔަތްތައްކަން އެނގެން އޮންނަހިނދު، ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ކަނޑައެޅުމާއި އެއަށް ބަދަލު ގެނައުމުގެ ބާރާއި އިޚްތިޔާރު ލިބިގެންވާ ފަރާތް ބަޔާންކުރަމުން އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ހ) އާއި، (ނ) އާއި، އަދި (ރ) ގެ ޞަރީޙަ ނައްޞުގައި "(ހ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބިދެވޭ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފާގެމަތިން ކޮމިޝަނުންނެވެ. ..... (ނ) މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފާގެމަތިން، މި މާއްދާގެ (ހ) ގެ ދަށުން ދެވޭ މުސާރައާއި ޢިނާޔަތްތައް، ކުރިމަތިވާ ޚާއްޞަ ޙާލަތެއްގެ ސަބަބުން، ބަޔާންވެގެންވާ ވަކި މުއްދަތަކަށް، ބަދަލުކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ. (ރ) މި މާއްދާގެ (ނ) ގެ ދަށުން ނިންމާ ނިންމުންތައް، މަދުވެގެން ކޮންމެ 3 މަހަކުން އެއްފަހަރު، ކޮމިޝަނުން މުރާޖަޢާ ކުރަންވާނެއެވެ. އަދި އެ ބަދަލު ގެންނަން މެދުވެރިވީ ސަބަބު ނިމުމަކަށް އައިސްފައިވާނަމަ، އެ ބަދަލުގެކުރިން އެ މީހަކަށް ލިބެމުން އައި ޢިނާޔަތްތައް، ކުރިއެކޭ އެއްފަދައިން ލިބޭނެގޮތް ހަމަޖައްސަންވާނެއެވެ". މިފަދައިން ބަޔާންވެގެން ވެއެވެ.

އިސްވެ ބަޔާންވެގެންދިޔަ ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ އަލީގައި، ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް 01 އޮކްޓޯބަރ 2009 އިން ފެށިގެން ކުޑަކުރުމަށްފަހު، އެ މުސާރައާއި ޢިނާޔަތްތައް ކުރިއެކޭ އެއްފަދައިން 01 ޖެނުއަރީ 2010 އިން ފެށިގެން ރުޖޫޢަކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމި ނިންމުމާ ޚިލާފަށް، ޖެނުއަރީ 2010 އިން ފެށިގެން މުސާރަ ޝީޓުތައް ތައްޔާރުކުރާ އިރު، 1 އޮކްޓޯބަރ 2009 އިން ފެށިގެން ކުޑަކޮށްފައިވާ މިންގަނޑަށް ބަލައި މުސާރަ ޝީޓުތައް ތައްޔާރުކޮށް ފޮނުވަމުން ގެންދިއުމަށް ސަރުކާރުގެ އޮފީސްތަކަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން އެންގި އެންގުމާ ގުޅިގެން، އެ މިނިސްޓްރީ އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އުފެދިފައިވާ ޚިލާފުގެ މައްޗަށް ނަޒަރުކުރާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ކަނޑައެޅުމުގެ ބާރު ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެންވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފާގެމަތިން ކަން ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ހ) އިން ރަނގަޅަށް އެނގެން އޮންނައިރު، ބުނެވިދިޔަ ލަފާ ހޯދުމާއި ނުހޯދުމަކީ ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެންވާ އިޚްތިޔާރީ (discretionary) ބާރެއް ނޫންކަމާ، އެހެންކަމުން ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައެޅުމުގެ ކުރިން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފާ ހޯދުމަކީ ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ޤާނޫނު ލާޒިމްކުރާ ކަމެއްކަން އެނގެން އޮންނައިރު، މިކަމަކީ މިމައްސަލައިގައި ހިމެނޭ ޚަޞްމުންގެ މެދުގައި ޚިލާފު އުފެދިފައިވާ ކަމެއް ނޫންކަންވެސް ފާހަގަކުރެވިފައިވާ ކަމެވެ.

(ށ) ދެވަނަ ކަމަކީ، 2009 ވަނަ އަހަރު ދިވެހި ޤައުމަށް މެދުވެރިވި އިޤްތިޞާދީ ޚާއްޞަ ޙާލަތާ ކުރިމަތިލުމުގެ ގޮތުން 11 އޮގަސްޓް 2009 ގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ކުޑަކުރުމަށް ލަފާ ދީފައިވާތީ އެކަމުގައި އެއްބާރުލުން ދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ސިވިލް ސަރވިސް ކޮމިޝަނަށް 24 އޯގަސްޓް 2009 ގައި ފޮނުވި ސިޓީއާ ގުޅިގެން، އެކަން ދިރާސާކޮށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު، 1 އޮކްޓޯބަރ 2009 އިން ފެށިގެން 3 މަސްދުވަހުގެ މުއްދަތަށް ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް އުނިކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު 15/2009 ސަރކިއުލަރ އިން ނިންމާފާއި އޮންނަ އޮތުމަށް ބަލާއިރު، އެ ނިންމުމަކީ އިސްވެ ބަޔާންވެގެންދިޔަ ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެންވާ އިޚްތިޔާރީ ބާރުގެ ދަށުން ނިންމާފައިވާ ނިންމުމެއްކަން ރަނގަޅަށް އެނގެން އޮންނައިރު، ސިވިލް ސަރވިސް ކޮމިޝަނުން ބުނެވިދިޔަ އިޚްތިޔާރު ބޭނުންކޮށްފައިވާ ގޮތުގެ ޞައްޙަކަމާމެދު އެއްވެސް ޚުޞޫމަތެއް އުފެދިފައި ނުވާކަން އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަ ކަމަކީ، އިސްވެ ބަޔާންވެގެންދިޔަ ގޮތުގެ މަތިން 1 އޮކްޓޯބަރ 2009 އިން ފެށިގެން 3 މަސްދުވަހުގެ މުއްދަތަށް ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް އުނިކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުން އަލުން މުރާޖަޢާ ކުރުމަށްފަހު 1 ޖެނުއަރީ 2010 ވަނަ ދުވަހުން ފެށިގެން އެ މުސާރައާއި ޢިނާޔަތްތައް ކުރިއެކޭ އެއްފަދައިން އަލުން އިޢާދަކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު 17/2009 ސަރކިއުލަރ އިން ނިންމާފައިވާ ނިންމުމަކީ ޙަޤީޤަތުގައި ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމާ، އެހެނީ، ބުނެވިދިޔަ ޤާނޫނުގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކަށް ދިމާވާ ޚާއްޞަ ޙާލަތެއްގެ ސަބަބުން ބަދަލު ގެނައުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމާ ނިންމުން، މަދުވެގެން ކޮންމެ ތިން މަހަކުން އެއްފަހަރު ސިވިލް ސަރވިސް ކޮމިޝަނުން މުރާޖަޢާ ކުރަންވާނެކަމަށާއި، އަދި އެ ބަދަލު ގެންނަން މެދުވެރިވި ސަބަބު ނިމުމަކަށް އައިސްފައިވާނަމަ އެ ބަދަލުގެ ކުރިން އެ މީހުންނަށް ލިބެމުން އައި މުސާރައާއި ޢިނާޔަތްތައް ކުރިއެކޭ އެއްފަދައިން ލިބޭނެގޮތް ހަމަޖައްސަންވާނެ ކަމަށް އިސްވެދިޔަ ދިވެހި ސިވިލް ސަރވިސް ގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅައި ބަޔާންވެގެންވާކަން އެނގެން އޮންނަކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ، އިސްވެ ބަޔާންވެގެންދިޔަ ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު 17/2009 ސަރކިއުލަރ އިން، 1 އޮކްޓޯބަރ 2009 އިން ފެށިގެން އުނިކޮށްފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް 1 ޖެނުއަރީ 2010 އިން ފެށިގެން އިޢާދަކުރުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި މަޝްވަރާކުރުމަކާ ނުލައި އަދި އެ މިނިސްޓްރީގެ ދައުރެއް ނެތި ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެނޑް ޓްރެޜަރީގެ ނަންބަރު 2/2010 ދެންނެވުމުގަޔާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިއުންތަކުގައި ދައުލަތުން ފާހަގަކޮށްފައި އޮންނަ އޮތުމަށް ބަލާއިރު، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް އުނިކުރެވޭ ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް، އެ މާއްދާގެ (ރ) ގައިވާގޮތުގެ މަތިން އިޢާދަކުރުމަކީ ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ލާޒިމްވެގެންވާ ކަމެއްކަން އެނގޭކަމާއި، މިގޮތުން އެ މުސާރައާއި ޢިނާޔަތްތައް އިޢާދަކުރުމުގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް، ބުނެވިދިޔަ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ރ) އިން ދެ ކަމެއް ލާޒިމް ކޮށްފައިވާ ކަމާއި؛ ފުރަތަމަ ކަމަކީ، އެ މާއްދާގެ (ނ) ގެ ދަށުން މުވައްޒަފުންގެ މުސާރައަށް ބަދަލުގެނައުމަށް ނިންމާ ނިންމުން ކޮންމެ 3 މަހަކުން އެއްފަހަރު މުރާޖަޢާ ކުރުންކަމާއި، އެ މުރާޖަޢާ ކުރާނެ ގޮތާއި ވަސީލަތަކީ ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައި ނެތްއިރު ސިވިލް ސަރވިސް ކޮމިޝަނުގެ އިޚްތިޔާރީ ބާރުގެ ތެރޭގައި ވާކަމެއްކަން އެނގޭކަމާއި، އެ އިޚްތިޔާރީ ބާރު ސިވިލް ސަރވިސް ކޮމިޝަނުން ބޭނުންކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަން ނުވަތަ ބޭއިންސާފުވެރި (Arbitrary) ގޮތަކަށްކަން ޘާބިތުކޮށްދެވިފައި ނުވާކަން އެނގޭކަމާއި، އަދި ދެވަނަ ކަމަކީ، ސިވލް ސަރވިސްގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަން ސިވިލް ސަރވިސް ކޮމިޝަނުން ނިންމި ނިންމުން އިސްވެ ބަޔާންވެ ދިޔަގޮތުގެ މަތިން 3 މަހަކުން އެއް ފަހަރު މުރާޖަޢާ ކުރުމަށްފަހު، ބުނެވިދިޔަ ބަދަލު ގެންނަން މެދުވެރިވި ސަބަބު ނިމުމަކަށް އައިސްފައިވޭތޯ ކަށަވަރު ކުރުންކަމާއި، އެބަދަލު ގެންނަން މެދުވެރިވި ސަބަބުކަމަށްވާ ރާއްޖެއަށް ދިމާވި އިޤްތިޞާދީ ޚާއްޞަ ޙާލަތު ނިމުމަމަކަށް އައިސްފައިވޭތޯ ބަލާނެ މިންގަޑެއްކަމަށް ސިވިލް ސަރވިސް ކޮމިޝަނާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި ދެމެދުގައި ކުރެވުނު މަޝްވަރާތަކުގައި ދެފަރާތުން އެއްބަސްވެފައިވަނީ ދައުލަތުގެ އާމްދަނީ އަހަރުގެ މައްޗަށް 7 ބިލިއަން ރުފިޔާއަށް ވުރެން އިތުރުވުން ކަމާއި، 2010 ވަނަ އަހަރު އެ މިނިސްޓްރީއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގައި 2010 ވަނަ އަހަރުގެ އާމްދަނީގެ ގޮތުގައި ދައުލަތަށް 7 ބިލިއަން ރުފިޔާއަށް ވުރެން އިތުރަށް ލިބޭނެކަމަށް ބަޔާންކޮށްފައިވާ ކަމާއި، އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރި 2010 ވަނަ އަހަރުގެ ބަޖެޓްގައި ދައުލަތަށް ލިބޭނެ އާމްދަނީ ކަމަށް ލަފާކޮށް ފާސްކޮށްފައިވަނީ 7 ބިލިއަން ރުފިޔާއަށްވުރެ އިތުރު އާމްދަނީއެއްކަން އެނގެން އޮންނަ ހިނދު، އެއީ ދައުލަތުގެ އާމްދަނީ 7 ބިލިއަން ރުފިޔާއަށް ވުރެން އިތުރުވެއްޖެ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބަލައިގެންފައިވާ ހަރުދަނާ ދަލީލެއްކަން އެނގެން އޮންނަ ކަމެވެ.

(ބ) ފަސްވަނަ ކަމަކީ، 2010 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރިއިރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރިކޮމެންޑޭޝަންތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި ސިވިލް ސަރވިސް ކޮމިޝަނުން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ރ) ގެ ދަށުން، ސިވިލް ސަރވިސްގެ މުސާރަތައް 1 އޮކްޓޯބަރ 2009 ގެ ކުރިން ހުރި މިންވަރަށް އިޢާދަ ކުރުމުގެ މައްސަލަ އަލުން މުރާޖަޢާކުރުމަށްފަހު އެއްބަސްވެވޭ ގޮތެއްގެ މަތިން، 1 އޮކްޓޯބަރ 2009 ގެ ކުރިން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބިދެވެމުން އައި މުސާރައާއި ޢިނާޔަތްތައް ލިބިދިނުމަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމަށް ހުށަހަޅާފައިވާކަން 2010 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައަށް ގެނެވޭ ބަދަލު، އެ މާއްދާގެ (ރ) ގެ ދަށުން މުރާޖަޢާ ކުރުމަކީ، އިސްވެ އިޝާރާތް ކުރެވުނު ފަދައިން، ހަމައެކަނި ސިވިލް ސަރވިސް ކޮމިޝަނަށް ޤާނޫނަކުން ލިބިގެންވާ އިޚްތިޔާރީ ބާރެއްކަމުގައި ވީހިނދު، ވަކި ޚާއްޞަ ފަރާތެއް ބައިވެރިކޮށްގެން އެކަން ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ޤާނޫނަކުން މެނުވީ ލާޒިމް ނުކުރެވޭނެކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރިކޮމެންޑޭޝަނަކީ މައުޟޫޢީ ގޮތުންނާއި ޝަކްލީގޮތުންވެސް ޤާނޫނެއްގެ ދަރަޖަ ލިބިގެންވާ އެއްޗެއް ނޫންކަމާއި، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ނ) ގައި ވާފަދައިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ރިކޮމެންޑޭޝަންތަކަށް ބަޖެޓް ތަންފީޛު ކުރުމުގައި ޢަމަލުކުރުން ސަރުކާރުގެ އިދާރާތަކުގެ މައްޗަށް ލާޒިމްވާނީވެސް ޙަޤީޤަތުގައި އެ ރިކޮމެންޑޭޝަންތަކަކީ ޤާނޫނަކާ ޚިލާފު ރިކޮމެންޑޭޝަން ތަކަކަށް ނުވާނަމަ ކަން އެނގެން އޮންނަ ހިނދު، އިސްވެދިޔަ ރައްޔިތުންގެ މަޖިލީހުގެ ރިކޮމެންޑޭޝަނަކީ އެއްވެސް ޙާލެއްގައި ދިވެހި ސިވިލް ސަރވިސް ގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ރ) ގެ ދަށުން 01 އޮކްޓޯބަރ 2009 ގެ ކުރިން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބެމުންއައި މުސާރައާއި ޢިނާޔަތްތައް ކުރިއެކޭ އެއްފަދައިން 01 ޖެނުއަރީ 2010 އިން ފެށިގެން ރުޖޫޢަކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުމުގެ ޞައްޙަކަން ނުވަތަ މަޝްރޫޢިއްޔަތުކަން އެ މައްޗަށް ބިނާވެގެންވާ ޝަރްޠެއް (Suspensive Condition) ނޫންކަން އެނގެން އޮންނަ އޮތުމެވެ.

އިސްވެ ބަޔާންވެގެންދިޔަ ސަބަބުތަކުގެ އަލީގައި، ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް 01 އޮކްޓޯބަރ 2009 އިން ފެށިގެން ކުޑަކުރުމަށްފަހު، އެ މުސާރައާއި ޢިނާޔަތްތައް ކުރިއެކޭ އެއްފަދައިން 01 ޖެނުއަރީ 2010 އިން ފެށިގެން ރުޖޫޢަކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމި ނިންމުމާ ޚިލާފަށް، ޖެނުއަރީ 2010 އިން ފެށިގެން މުސާރަ ޝީޓުތައް ތައްޔާރުކުރާ އިރު، 1 އޮކްޓޯބަރ 2009 އިން ފެށިގެން ކުޑަކޮށްފައިވާ މިންގަނޑަށް ބަލައި މުސާރަ ޝީޓުތައް ތައްޔާރުކޮށް ފޮނުވަމުން ގެންދިއުމަށް ސަރުކާރުގެ އޮފީސްތަކަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އެ މިނިސްޓްރީގެ ނަންބަރު 2/2010 ދެންނެވުމުންނާއި، އަދި އެ މިނިސްޓްރީގެ ނަންބަރު 4/2010 މާލިއްޔަތާއިބެހޭ ސަރކިއުލަރ އިން، އަންގާފައިވާ އެންގުމަކީ ޙަޤީޤަތުގައި ޤާނޫނީ އަސާސެއް ނެތް އެ މިނިސްޓްރީއަށް ޤާނޫނީގޮތުން ލިބިގެންނުވާ އިޚްތިޔާރެއްގެ ދަށުން އަންގާފައިވާ އެންގުމެއް ކަމާ، އެހެނީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ އާއި ޢިނާޔަތްތައް، ދިމާވާ ޚާއްޞަ ޙާލަތެއްގެ ސަބަބުން ބަޔާންވެގެންވާ ވަކިމުއްދަތަކަށް ކުޑަ ކުރުމަށްފަހު، އެ ޙާލަތު މެދުވެރިވާންދިމާވި ސަބަބު ނިމުމަކަށް އައުމުން އަލުން އެ މުސާރައާއި ޢިނާޔަތްތައް އިޢާދުކުރުމުގެ ބާރަކީ އިސްވެ އިޝާރާތްކުރެވުނު ފަދައިން، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 43 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ދަށުން ހަމައެކަނި ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެންވާ ބާރެއްކަމުގައި ވާއިރު، ސިވިލް ސަރވިސް ކޮމިޝަނުން ސިވިލް ސަރވިސްގެ މުވައްޒަފުންގެ އުނިކުރެވުނު މުސާރަ އިޢާދަކުރަން ނިންމި ނިންމުމާ ޚިލާފަށް އެނިންމުން ތަންފީޛު ނުވާފަދަ ގޮތަކަށް ޢަމަލުކުރަން ސަރުކާރުގެ އޮފީސްތަކަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އެންގި އެންގުމަކީ ޙަޤީޤަތުގައި ދިވެހި ސިވިލް ސަރވިސްގެ ޤާނުނުގެ 43 ވަނަ މާއްދާގެ (ރ) ގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދޭ ބާރަށް ހުރަސް އަޅާ އެންގުމަކަށް ވުމުގެ އިތުރުން، ކޮންމެ މުވައްޒަފަކަށްމެ މާތްވެގެންވާ އިސްލާމީ ޝަރީޢަތުގެ ނައްޞުތަކުންނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިންނާއި ކަމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަށަވަރުކޮށްދީފައިވާ، އެމީހަކު ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރަ ލަސްވުމަކާ ނުލައި ލިބުމުގެ ޙައްޤަށް ހުރަސް އަޅާ އެންގުމެއްކަންވެސް ފާހަގަކުރެވެއެވެ.

ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގެ އެންމެ އިސް ޒިންމާއާއި މަސްއޫލިއްޔަތު އުފުލާ މަރްކަޒީ އިދާރާއަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމަށް ވުމަކީ، އޭގެ ޒާތުގައި އެ އިދާރާއަށް މަބްދައުލް މަޝްރޫޢިއްޔާއިން ބޭރުގައި ޤާނޫނާ ޚިލާފު އިޚްތިޞާޞްތަކެއް ހިންގުމަށް ލިބޭ ޙައިޘިއްޔަތެއް ނޫންކަމާއި، ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގެ އެންމެ އިސް އިދާރާގެ ޙައިޘިއްޔަތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކާ އެކު ހިންގާ މުޢާމަލާތްތަކާއި، އަންގާ އެންގުންތަކާއި، ނިންމާ ނިންމުންތައް ޤާނޫނުއަސާސީއާއި ނުވަތަ ޤާނޫނުތަކާއި ނުވަތަ ޤަވާޢިދުތަކާ ޚިލާފުނަމަ އެ ވާނީ މަބްދައުލް މަޝްރޫޢިއްޔާއާ ޚިލާފު ބާޠިލު ނިންމުންތަކެއް ކަމަށް ފާހަގަކުރެވެއެވެ.

ދައުލަތުގެ އެއްވެސް އިދާރާއެއް މަބްދައުލް މަޝްރޫޢިއްޔާއާ ޚިލާފަށް ކުރާ ކަމެއް ނުވަތަ ނިންމާ ނިންމުމެއް އެއީ ބާޠިލު ނިންމުމެއްކަމަށް ކަނޑައެޅުމުގެ ބާރަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) އިން ސާފުކޮށް އެނގެން އޮންނަ އޮތުމުގެ އިތުރަށް، ދުނިޔޭގެ ތަފާތު ޖުރިސްޑިކްޝަންތަކުގައި "ރަޤާބާ ޤަޟާއިއްޔާ" ނުވަތަ "ޖޫޑިޝަލް ރިވިއު" ގެ އުޞޫލުތަކަށް ކޯޓުތަކުން ޢަމަލުކުރާ ގޮތުގެމައްޗަށް ބެލުމުން، ދައުލަތުގެ އިދާރާއަކުން ކުރާ ޢަމަލެއް ނުވަތަ ނިންމާ ނިންމުމެއް ރިވިއުކުރުމަށް ކަމާބެހޭ ކޯޓަކަށް ހުށަހެޅިއްޖެނަމަ، އެ ޢަމަލަކީ ނުވަތަ އަމުރަކީ ޤާނޫނީގޮތުން ޞައްޙަ އަމުރެއްކަން ނުވަތަ ބާޠިލު އަމުރެއްކަން ކަނޑައެޅުމަކީ އިދާރީ މައްސަލަތައް ބަލާ ކޯޓުތަކުން ޢަމަލުކުރާ ޢާންމު އުޞޫލުކަން އެނގެން އޮންނައިރު، މަދަނީ ކޯޓުގެ ނަންބަރު 2010/MC/463 ޤަޟިއްޔާގެ ޙުކުމުގެ ޢިބާރާތުގައި ".....1 ޖެނުއަރީ 2010 އިން ފެށިގެން މުސާރަ ޝީޓް ތައްޔާރުކުރާއިރު 1 އޮކްޓޯބަރ 2009 އިން ފެށިގެން ކުޑަކޮށްފައިވާ މިންގަނޑަށް ބަލައި މުސާރަ ޝީޓްތައް ތައްޔާރުކުރުމަށް އެންގުމުގެ ބާރާއި، ދިވެހި ސިވލް ސަރވިސްގެ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގެ ގޮތުން ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 06 ވަނަ މާއްދާއާއި، 18 ވަނަ މާއްދާގެ (ހ)، އަދި 43 ވަނަ މާއްދާގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދޭ ބާރެއް ހަނިކުރެވޭ ގޮތަށް ނުވަތަ ހުރަސްއެޅޭ ގޮތަށް ޢަމަލުކުރުމުގެ ބާރު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ލިބިގެން ނުވާކަމުގައި ކަނޑައަޅައި ޙުކުމް ކޮށްފީމެވެ"، މިހެން އޮތްއިރު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ޤާނޫނީގޮތުން ލިބިގެން ނުވާ ބާރެއްގެ ދަށުން އެ މިނިސްޓްރީން އެންގި އެންގުމާއި އަދި ކުރި ޢަމަލު ބާޠިލުކަމަށް ކަނޑައަޅައި ބަޔާންނުކޮށް ދަށު ކޯޓުން ދޫކޮށްލުމަކީ މިފަދަ ޖޫޑިޝަލް ރިވިއުގެ މައްސަލަތަކުގައި ޙުކުމްކުރަން އޮންނަ ޢާންމު އުޞޫލާއި އެއްގޮތްކަމެއް ނޫންކަން ފާހަގަ ކުރެވެއެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމާއި އެކު، 2009 ވަނަ އަހަރު ދިވެހި ޤައުމަށް ކުރިމަތިވި އިޤްތިޞާދީ ދަތި ޙާލަތުގެ ސަބަބުން، ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް 01 އޮކްޓޯބަރ 2009 އިން ފެށިގެން ސިވިލް ސަރވިސް ކޮމިޝަނުން، އެ ކޮމިޝަނަށް ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން ލިބިދޭ އިޚްތިޔާރުގެ ދަށުން ކުޑަކުރުމަށްފަހު، ބުނެވިދިޔަ ޤާނޫނުގެ 43 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް 01 އޮކްޓޯބަރ 2009 ގެ ކުރިން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބެމުންއައި މުސާރައާއި ޢިނާޔަތްތައް ކުރިއެކޭ އެއްފަދައިން 01 ޖެނުއަރީ 2010 އިން ފެށިގެން ރުޖޫޢަކުރުމަށް އެ ކޮމިޝަނުން ނިންމާފައިވަނިކޮށް، އެ ނިންމުމާ ޚިލާފަށް ޖެނުއަރީ 2010 އިން ފެށިގެން މުސާރަ ޝީޓުތައް ތައްޔާރުކުރާއިރު، 1 އޮކްޓޯބަރ 2009 އިން ފެށިގެން ކުޑަކޮށްފައިވާ މިންގަނޑަށް ބަލައި މުސާރަ ޝީޓުތައް ތައްޔާރުކޮށް ފޮނުވަމުން ގެންދިއުމަށް ސަރުކާރުގެ އޮފީސްތަކަށް އެންގުމުގެ ބާރު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ލިބިގެން ނުވާކަމަށާއި، އަދި ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގެ ގޮތުން ބުނެވިދިޔަ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު ގެ 43 ވަނަ މާއްދާގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދޭ ބާރެއް ހަނިކުރެވޭ ގޮތަށް ނުވަތަ ހުރަސްއެޅޭ ގޮތަށް ޢަމަލުކުރުމުގެ ބާރު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ލިބިގެން ނުވާކަމަށް ކަނޑައަޅައި މަދަނީ ކޯޓުގެ ނަންބަރު 2010/MC/463 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުން އެކޯޓުގެ ނަންބަރު 95/HC-A/2010 ޤަޟިއްޔާގައި ކުރި ޙުކުމަށް ތާއީދުކުރުމާ އެކު، 1 އޮކްޓޯބަރ 2009 އިން ފެށިގެން ކުޑަކޮށްފައިވާ މިންގަނޑަށް ބަލައި މުސާރަ ޝީޓުތައް ތައްޔާރުކޮށް ފޮނުވަމުން ގެންދިއުމަށް ސަރުކާރުގެ އޮފީސްތަކަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އެ މިނިސްޓްރީގެ ނަންބަރު 2/2010 ދެންނެވުމުން އަންގާފައިވާ އެންގުމަކީ ބާޠިލު އެންގުމެއްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ