ނަން ފޮރުވާފައި ވ. ނަން ފޮރުވާފައި
މި ޤަޟިއްޔާގައި ޚަޞްމުންގެ ނަން ފޮރުވާފައި.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2011/HC-A/26
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޢާއިލާއާބެހޭ ކޯޓުން 18 ޖެނުއަރީ 2011 ގައި، ދަރިފުޅު 5 ދުވަހުގެ ތެރޭގައި ބައްޕައާ ޙަވާލުކުރުމަށް ޙުކުމްކުރިއެވެ. ހައިކޯޓުގެ 2011/HC-A/26 ޤަޟިއްޔާގައި (25 ސެޕްޓެމްބަރ 2011) އެ ޙުކުމް ބާޠިލުކޮށް، ދަރިފުޅު 48 ގަޑިއިރުގެ ތެރޭގައި މަންމައާ ޙަވާލުކުރުމަށް ޙުކުމްކުރިއެވެ. ބައްޕަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރިއެވެ.
- ވާޤިޢާ
- ވަރިވެފައިވާ ދެމީހުންގެ ފިރިހެން ދަރިފުޅުގެ ޙަޟާނަތުގެ މައްސަލައެކެވެ. ވަރިވިފަހުން ދަރިފުޅު ބަލަމުން އައީ މަންމައެވެ. ދަރިފުޅު ގެންގުޅެނީ ނިކަމެތިކަން ލިބޭގޮތަށް ކަމަށާއި، 5 އަހަރުވީއިރުވެސް ސްކޫލަށް ވައްދާފައި ނުވާ ކަމަށާއި، މަންމަ ބިދޭސީއަކާ ކައިވެނިކުރަން އުޅޭ ކަމަށް ބުނެ، ޙަޟާނަތު ހޯދުމަށް ބައްޕަ ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުއްޖާގެ ޙަޟާނަތު މަންމަގެ ކިބައިން ނަގައި ބައްޕައާ ޙަވާލުކުރެވޭނީ ކޮން ޙާލަތެއްގައިތޯ؛ އަދި މަންމަގެ ކިބައިން ޙަޟާނަތުގެ ޙައްޤު ގެއްލޭ ސަބަބެއް ބައްޕަ ސާބިތުކޮށްދީފައިވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ބައްޕަ ބުނީ، މަންމަ ދަރިފުޅު ގެންގުޅެނީ އޭނާއަށް ނިކަމެތިކަން ލިބޭގޮތަށް ކަމަށާއި، ދަރިފުޅު ސްކޫލަށް ވައްދާފައި ނުވާ ކަމަށެވެ. މަންމަ ބުނީ، ދަރިފުޅު ސްކޫލަށް ނުވެއްދިފައިވަނީ ވެކްސިން ނުދީ އޮތުމުގެ ސަބަބުން ކަމަށެވެ. ވެކްސިން ދިނުމަށް ހުރަސް އަޅާފައިވާކަން ބައްޕަ ހައިކޯޓުގައި އިޤުރާރުވިއެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ކަނޑައެޅީ، ޙަޟާނަތުގެ ޙައްޤު ޙަވާލުކުރަންޖެހޭނީ ކުއްޖާގެ މަޞްލަޙަތު އެންމެ ބޮޑު ގޮތަކަށް ކަމަށާއި، ވަރިވިފަހުން މަންމަ ކައިވެނި ނުކޮށް ދަރިފުޅު ބަލަމުން އައިކަމާއި، ދަރިފުޅު ސްކޫލަށް ނުވެއްދުނީ ވެކްސިން ނުދިނުމުގެ ސަބަބުން ކަމާއި، ވެކްސިން ދިނުމަށް ހުރަސް އެޅީ ބައްޕަ ކަމަށްވާތީ، މަންމަ ދަރިފުޅަށް އިހާނަތްތެރިވާ ގޮތަކަށް ޢަމަލުކުރި ކަމެއް ސާބިތުވެފައި ނުވާ ކަމަށެވެ. މަންމަގެ ކިބައިން ޙަޟާނަތު ގެއްލޭ ސަބަބެއް ބައްޕަ ސާބިތުކޮށްދީފައި ނުވާތީ، ހައިކޯޓުގެ ޙުކުމަށް އިއްތިފާޤުން ތާއީދުކުރިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަރިންގެ ޙަޟާނަތުގެ ޙައްޤަކީ، އެ ދަރިންގެ ޙައްޤަށްޓަކައި، އެ ދަރިންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، އެ ދަރިންގެ މަޞްލަޙަތަށް އެންމެ ބޮޑަށް ރައްކާތެރިވާ ފަރާތަކާ ޝަރުޢީ އަދި ޤާނޫނީ ގޮތުން ޙަވާލުކުރަންޖެހޭ ޙައްޤެކެވެ. ޙަޟާނަތުގެ ޙައްޤު ލިބިދިނުމުގައި ރިޢާޔަތްކުރަންޖެހޭނީ، އެ ދަރިންގެ މަޞްލަޙަތު އެންމެ ބޮޑު ގޮތަކީ ކޮބައިކަން ބަލައި އެ ގޮތަކަށެވެ. (ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާ)
HN2 ޙަޟާނަތުގެ ޙައްޤު ލިބިދިނުމުގައި ޝަރުޢީ އަދި ޤާނޫނީ ގޮތުން އެންމެ ބޮޑު އިސްކަމެއް ލިބިގެންވަނީ ކުއްޖާގެ މަންމައަށެވެ. މަންމަގެ ކިބައިން ޙަޟާނަތުގެ ޙައްޤު ގެއްލިގެންދާފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް މެދުވެރިވެފައިވާކަން، ޙަޟާނަތު ހޯދަން އެދޭ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދީފައި ނުވާނަމަ، ކުއްޖާ މަންމަގެ އިނާޔަތާއި ރިޢާޔަތްތެރިކަމުގެ ދަށުން ނެރެ، ޙަޟާނަތުގެ ޙައްޤު ޙަވާލުކުރެވޭ ތިންވަނަ ދަރަޖައިގެ ތެރޭގައި ހިމެނޭ ބައްޕައާ ޙަވާލުކުރެވޭކަށް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަލީ ޙަމީދު މުޙައްމަދު (ރިޔާސަތު)، އާދަމް މުޙައްމަދު ޢަބްދުﷲ، އަޙްމަދު މުޢުތަޞިމް ޢަދުނާން
- ރިޔާސަތު
- ޢަލީ ޙަމީދު މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 12 އޮކްޓޫބަރު 2011 · ރަޖިސްޓްރީކުރީ 12 އޮކްޓޫބަރު 2011 · ނިމުނީ 15 ފެބުރުއަރީ 2012 (4.1 މަސް)
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2011/SC-A/39
ދަޢުވާކުރާ ފަރާތް: ނަން ފޮރުވާފައި،
ދަޢުވާ ލިބޭ ފަރާތް: ނަން ފޮރުވާފައި
މައްސަލައިގެ ބާވަތް: ޚަޟާނާތުގެ މައްސަލައެއް
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 12 އޮކްޓޯބަރ 2011
ނިމުނު ތާރީޚް: 15 ފެބްރުއަރީ 2012
މައްސަލަ ނިންމި ގަޑި:15:15
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
ނަންބަރު: 2011/HC-A/26
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 23 ޖެނުއަރީ 2011
ނިމުނު ތާރީޚް: 25 ސެޕްޓެމްބަރ 2011
މައްސަލައިގެ ޚުލާޞާ
[1]މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/26 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ އިލްތިމާސްކޮށްދިނުން އެދި ގ. ތަބުރުގެ ނަން ފޮރުވާފައިގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ނަން ފޮރުވާފައިއެވެ.
ފާހަގަކުރެވުނު ނުކުތާތައް
[2]މި މައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) އަށާއި، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[3](ހ) ފުރަތަމަކަމަކީ، ގ. ތަބުރުގޭ ނަން ފޮރުވާފައިގެ ފަރާތުން އިސްތިއުނާފުކޮށްދިނުން އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/26 ޤަޟިއްޔާ އަކީ ފެމިލީ ކޯޓުގެ ނަންބަރު (1298/AC/2010)156/FM-C/2012 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ގޮތުން އެ ކޯޓުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަން ފާހަގަކުރެވިފައިވާއިރު، ގ. ތަބުރުގޭ ނަން ފޮރުވާފައި އާއި ސ. ހިތަދޫ ޚަރުދަލުގޭ ނަން ފޮރުވާފައި އާއި ދެމީހުން ކައިވެނިކޮށްގެން އެ ދެމީހުންނަށް ލިބިފައިވާ ފިރިހެން ދަރިފުޅު ޚައިރުﷲ ބިން މުޙައްމަދުގެ ޚަޟާނާތު ނަން ފޮރުވާފައިގެ އަތުން ލިބިގަތުމަށް އެދި އެ ޤަޟިއްޔާގައި ނަން ފޮރުވާފައި ކުޅަ ދަޢުވާއާއި ގުޅިގެން މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ޢާއިލާއާއި ބެހޭ ކޯޓުން ޙުކުމް ކުރައްވާފައިވަނީ، އެޤަޟިއްޔާގައި ޙުކުމްކުރި ތާރީޚުން ފެށިގެން 05 ދުވަހުގެ ތެރޭގައި ނަން ފޮރުވާފައި އާއި ނަން ފޮރުވާފައި އާ ދެމީހުންގެ ދަރިފުޅު ޚައިރުﷲ ބިން މުޙައްމަދު އެދަރިފުޅުގެ ބައްޕަ ނަން ފޮރުވާފައި އާއި ޙަވާލުކުރުމަށް އެދަރިފުޅުގެ މަންމަ ނަން ފޮރުވާފައިއަށް އަންގަވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮތުމެވެ.
[4](ށ) ދެވަނަކަމަކީ، ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، ދަރިންގެ ޚަޟާނާތުގެ ޙައްޤަކީ އެދަރިންގެ ޙައްޤަށްޓަކައި، އެދަރިންގެ މަސްލަޙަތަށް ރިޢާޔަތްކޮށް އެދަރިންގެ މަސްލަޙަތަށް އެންމެ ބޮޑަށް ރައްކާތެރިވާ ފަރާތަކާއި ޝަރުޢީ އަދި ޤާނޫނީ ގޮތުން ޙަވާލުކުރަންޖެހޭ ޙައްޤަކަށްވާއިރު، ޚަޟާނާތުގެ ޙައްޤު ލިބިދިނުމުގައި ރިޢާޔަތްކުރަންޖެހޭނީ އެދަރިންގެ މަސްލަޙަތު އެންމެ ބޮޑު ގޮތަކީ ކޮބައިކަން ބަލާ އެގޮތަކަށްކަން ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާ ބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާއިން އިތުރަށް ކަށަވަރުކޮށްދީފައިވާކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.
[5](ނ) ތިންވަނަކަމަކީ، ނަން ފޮރުވާފައި އާއި ނަން ފޮރުވާފައި އާއި ދެމީހުންނަށް ލިބިފައިވާ ދަރިފުޅު ޚައިރުﷲ ބިން މުޙައްމަދު އުފަންވެފައިވަނީ 2006 ވަނަ އަހަރުގެ މެއި މަހުގެ 05 ވަނަ ދުވަހުގައިކަން މިމައްސަލައާއި ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެންއޮތްއިރު، ނަން ފޮރުވާފައި އެދަރިފުޅު ގެންގުޅެމުންދަނީ އެދަރިފުޅަށް ނިކަމެތިކަން ލިބޭގޮތަށްކަމަށާއި، އަދި އެދަރިފުޅުގެ ޢުމުރުން 05 އަހަރުވީއިރުވެސް ސްކޫލަށް ވައްދާފައިނުވާކަމަށާއި، އަދި ނަން ފޮރުވާފައި ބިދޭސީއަކާ ކައިވެނިކުރަންއުޅޭކަމަށް ބުނެ އެދަރިފުޅުގެ ޚަޟާނާތުގެ ޙައްޤު ހޯދުމަށްއެދި ނަން ފޮރުވާފައި ދަޢުވާކޮށްފައިވަނީ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުކަން އެނގެންއޮތުމުން، އެދަރިފުޅަށް 04 އަހަރާ 02 މަހާއި 20 ދުވަސްވީއިރުވެސް އެދަރިފުޅު ބަލަމުންއައިސްފައިވަނީ އެދަރިފުޅުގެ މަންމަ ނަން ފޮރުވާފައިކަމާއި، އަދި ޢާއިލާއާއި ބެހޭ ކޯޓުގެ ނަންބަރު (1298/AC/2010)156/FM-C/2012 ޤަޟިއްޔާގައި އެދަރިފުޅު، އެދަރިފުޅުގެ ބައްޕަ ނަން ފޮރުވާފައި އާއި ޙަވާލުކުރިއިރުވެސް އެދަރިފުޅުގެ މަންމަ ނަން ފޮރުވާފައި ހުރީ އެދަރިފުޅު ބެލުމަށްކަން މިމައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުންނާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެންއޮންނައޮތުމެވެ.
[6](ރ) ހަތަރުވަނަކަމަކީ، ނަން ފޮރުވާފައި އާއި ނަން ފޮރުވާފައި އާއި ދެމީހުންނަށް ލިބިފައިވާ ދަރިފުޅު ޚައިރުﷲ ބިން މުޙައްމަދުގެ ޢުމުރުން 05 އަހަރުވީއިރުވެސް ސްކޫލަށް ވައްދާފައިނުވާކަމަށް ނަން ފޮރުވާފައި ބުނެފައިވާއިރު، އެދަރިފުޅު ސްކޫލަށް ނުވެއްދިފައިވަނީ އެދަރިފުޅަށް ވެކްސިން ނުދީއޮތުމުގެ ސަބަބުންކަމަށް ނަން ފޮރުވާފައި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމާއި، އަދި އެދަރިފުޅަށް ވެކްސިންދިނުމަށް ނަން ފޮރުވާފައި ހުރަސްއަޅާފައިވާކަން ނަން ފޮރުވާފައި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެފައިވާ އިޤުރާރުން އެނގެންއޮތްއިރު، ނަން ފޮރުވާފައި އާއި ނަން ފޮރުވާފައި އާއި ދެމީހުން ވަރިވީ ފަހުން އަދި މިހާތަނަށްވެސް ނަން ފޮރުވާފައި ހުރީ މީހަކާ ކައިވެނިނުކޮށް އެދަރިފުޅު ބެލުމަށްކަން އެނގެންއޮތްއިރު، ނަން ފޮރުވާފައި އެދަރިފުޅަށް އިހާނާތްތެރިވާފަދަގޮތަކަށް ޢަމަލުކުރަމުން އައިސްފައިވާކަން ނަން ފޮރުވާފައި އިސްމާޢީލަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާކަމަށް ހައިކޯޓުގެ ފަނޑިޔާރުން ބުރަވެވަޑައިގެންނެވިގޮތް ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމަޔަކާއި ޚިލާފުކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ.
[7]މިކަންކަން މިހެން ހުރުމާއެކު ނަން ފޮރުވާފައި އާއި ނަން ފޮރުވާފައި އާއި ދެމީހުން ކައިވެނިކޮށްގެން ލިބިފައިވާ ފިރިހެން ދަރިފުޅު ޚައިރުﷲ ބިން މުޙައްމަދުގެ ޚަޟާނާތް އޭނާގެ މަންމަ ނަން ފޮރުވާފައިގެ އަތުން ނަންގަވާ ޚަޟާނާތުގެ ޙައްޤު ޙަވާލުކުރެވޭ ތިންވަނަ ދަރަޖައިގެތެރޭގައި ހިމެނޭ ޚައިރުﷲ ބިން މުޙައްމަދުގެ ބައްޕައާ އޭނާގެ ޚަޟާނާތް ފެމިލީ ކޯޓުގެ ނަންބަރު (1298/AC/2010)156/FM-C/2012 ޤަޟިއްޔާގައި ޙަވާލުކޮށްފައިވަނީ، ޚައިރުﷲ ބިން މުޙައްމަދުގެ ޚަޟާނާތުގެ ޙައްޤު އޭނާގެ މަންމަ ނަން ފޮރުވާފައިގެ ކިބައިން ނިގުޅައިގަންނަންޖެހޭ ފަދަ ސަބަބެއް މެދުވެރިވެގެންކަން ނަން ފޮރުވާފައި އިސްމާޢީލަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާތީ، ފެމިލީ ކޯޓުގެ ނަންބަރު (1298/AC/2010)156/FM-C/2012 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ކަނޑައަޅުމާއެކު ޚައިރުﷲ ބިން މުޙައްމަދުގެ ޚަޟާނާތު ޙައްޤު އޭނާގެ މަންމަ ނަން ފޮރުވާފައިއަށް ހައިކޯޓުގެ ނަންބަރު 2011/HC-A/26 ޤަޟިއްޔާގައި ލިބިދެއްވިދެއްވުމަށް ބަދަލެއް ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް އޮތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ.
ޙުކުމް:
[8]އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުގެ އިތުރުން، ގ. ތަބުރުގޭ ނަން ފޮރުވާފައި އާއި، ސ. ހިތަދޫ ޚަރުދަލުގޭ ނަން ފޮރުވާފައިއާ ދެމީހުން ކާވެނިކޮށްގެން ލިބިފައިވާ، ޚައިރުﷲ ބިން މުޙައްމަދުގެ ޚަޟާނާތުގެ ޙައްޤު އޭނާގެ މަންމަ ނަން ފޮރުވާފައިގެ ކިބައިން ގެއްލިގެންދާފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ސަބަބެއް މެދުވެރިވެފައިވާކަން ނަން ފޮރުވާފައި އަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާތީ، ޚަޟާނާތުގެ ޙައްޤު ލިބިދިނުމުގައި ޝަރުޢީ އަދި ޤާނޫނީގޮތުން އެންމެ ބޮޑު އިސްކަމެއް ލިބިގެންވާ ޚައިރުﷲ ބިން މުޙައްމަދުގެ މަންމަ ނަން ފޮރުވާފައިގެ އިނާޔަތާއި ރިޢާޔަތްތެރިކަމުގެ ދަށުން ނެރެ، ޚައިރުﷲ ބިން މުޙައްމަދުގެ ޚަޟާނާތު އޭނާގެ ބައްޕަ ގ. ތަބުރުގޭ ނަން ފޮރުވާފައިއާ ޙަވާލުކުރުމަށް ފެމިލީ ކޯޓުގެ ނަންބަރު (1298/AC/2010)156/FM-C/2012 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކުރައްވާ ނަން ފޮރުވާފައި އާއި، ނަން ފޮރުވާފައިއާ ދެމީހުންގެ ދަރިފުޅު ޚައިރުﷲ ބިން މުޙައްމަދުގެ ޚަޟާނަތު އެޤަޟިއްޔާގައި ޙުކުމްކުރެއްވި ވަގުތުން ފެށިގެން 48 ގަޑިއިރުގެތެރޭގައި ޚައިރުﷲ ބިން މުޙައްމަދުގެ މަންމަ ސ. ހިތަދޫ ޚަރުދަލުގޭ ނަން ފޮރުވާފައިއާއި ޙަވާލުކުރުމަށް ހައިކޯޓުގެ ނަންބަރު 2011/HC-A/26 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބެލެވޭނެތަނެއް ނެތްކަމަށް މިމައްސަލަ ބެލި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/26 ޤަޟިއްޔާގައި ޚައިރުﷲ ބިން މުޙައްމަދު އޭނާގެ މަންމަ ސ. ހިތަދޫ ޚަރުދަލުގޭ ނަން ފޮރުވާފައިއާ ޙަވާލުކުރުމަށް ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.