—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 242011/SC-C/
ދަޢުވާކުރާ ފަރާތް: މޫސާ އަންވަރު
ދަޢުވާ ލިބޭ ފަރާތް: ދައުލަތް (އެޓާރނީ ޖެނެރަލް)
މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 28 ފެބްރުއަރީ 2011
ނިމުނު ތާރީޚް: 20 އޮކްޓޯބަރ 2011
މައްސަލަ ނިންމި ގަޑި: 11:55
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން
މައްސަލައިގެ ޚުލާޞާ
މިއީ، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ކައުންސިލަކަށް އިދާރީ ދާއިރާއަކުން ނުވަތަ ރަށަކުން ނުވަތަ އަވަށަކުން އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެ "މަދު ކެންޑިޑޭޓުންގެ ނަމާދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެއް" ކަމަށް ކަނޑައަޅާފައި އޮންނަ އޮތުމަކީ ޤާނޫނުއަސާސީއާއި ޚިލާފު ކަނޑައެޅުމަކަށްވާތީ، އެ މާއްދާއިން ޤާނޫނުއަސާސީއާއި ޚިލާފުވާ މިންވަރު ބާޠިލުކޮށް، އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓުތަކުގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ބާޠިލުކޮށްފައިވާ ވޯޓުތައް ޞައްޙަވާނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި، މޫސާ އަންވަރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި، ސުޕްރީމް ކޯޓުގެ ނަންބަރު 24/SC-C/2011 ޤަޟިއްޔާއާއި ގުޅިގެން ބެލިފައިވާ ދުސްތޫރީ މައްސަލައެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މިމައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ތަފާތު ޖުރިސްޑިކްޝަންތަކުގައި ޢަމަލުކުރެވޭ އިންތިޚާބީ ނިޒާމްތަކުގައި ވޯޓުދިނުން އިންތިޒާމް ކުރެވިފައިވާ އުޞޫލުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ 07 ފަނޑިޔާރުންގެ ތެރެއިން 06 ފަނޑިޔާރުންނަށް އަންނަނިވި ކަންތައް ފާހަގަކުރެވެއެވެ.
މިމައްސަލައަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކައުންސިލަކަށް އިދާރީ ދާއިރާއަކުން ނުވަތަ ރަށަކުން ނުވަތަ އަވަށަކުން އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެ "މަދު ކެންޑިޑޭޓުންގެ ނަމާދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެއް" ކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގައި ކަނޑައަޅާފައި އޮންނަ އޮތުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި ޚިލާފު ކަނޑައެޅުމެއްކަމަށް ބުނެ މޫސާ އަންވަރު ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގެ ދަށުން މިކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެއްކަން ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ނަންބަރު 38/SC-L/2011 ފޯމުން އެނގެން އޮންނައިރު، އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި "މި ޤާނޫނުއަސާސީ ގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް އަންނަނިވި ޙައްޤުތައް ލިބިގެންވެއެވެ. (ހ) އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤު. މިފަދަ ވޯޓުތަކަކީ ސިއްރު ވޯޓުތަކަކަށް ވާންވާނެއެވެ. (ށ) އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު. (ނ) އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު." މިހެން ބަޔާންވެގެންވާކަމާއި، މި ނައްޞުގެ މަފްހޫމަށް ވިސްނައި ބެލުމުން ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ ދީމްޤުރާޠީ ނިޒާމަކީ އަސާސީގޮތެއްގައި "ނިޔާބީ" (نيابي) ނުވަތަ "ރެޕްރެޒެންޓެޓިވް" (Representative) ނިޒާމެއްކަމާއި، 'ރެޕްރެޒެންޓެޓިވް' ނިޒާމުގައި ރައްޔިތުންގެ ކަންތައްތައް ހިންގާނީ ރައްޔިތުން އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށްކަމާއި، ރައްޔިތުންގެ ކަންތައްތައް ހިންގާ މަންދޫބުން އިޚްތިޔާރުކުރާ ވަސީލަތަކީ ދީމްޤުރާޠީ ނިޒާމުތަކުގައި އިންތިޚާބުކަމާއި، އިންތިޚާބުގައި ވޯޓުދިނުން ބިނާވެގެންވަނީ 'ޢިލްމީ ނުވަތަ މާލީ ޝަރުޠެއްފަދަ ޝަރުޠަކުން ޤައިދު ނުކުރެވޭ ޢާންމު ވޯޓު' ނުވަތަ "ޔުނިވަރސަލް ސަފްރިޖް" (Universal Suffrage) ގެ މަބްދައާއި ތަޢާރުޟު ނުވާ އުޞޫލުތަކެއްގެ މައްޗަށްކަމާއި، މިގޮތުން އިންތިޚާބުތަކާއި ރެފެރެންޑަމްތަކުގައި މިނިވަންކަމާއި އެކު ދެވޭ ސިއްރު ވޯޓަކުން ވޯޓު ދިނުމުގެ ޙައްޤަކީ ޢުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ޙައްޤެއްކަން އެނގެއެވެ.
އިންތިޚާބު ޤާނޫނީގޮތުން ތަކްޔީފުކުރުމުގައި ސިޔާސީ އަދި ދުސްތޫރީ ފިޤްހު ބޮޑަށް ބުރަވަނީ އިންތިޚާބަކީ ކޮންމެ މުޖްތަމަޢެއްގައިވެސް އެ މުޖްތަމަޢެއްގެ ރައްޔިތުންނަށް ޤާނޫނުއަސާސީ އިންނާއި ޤާނޫނުތަކުން ލިބިދޭ ސިޔާސީ އަދި "ޤާނޫނު ޢާންމު" (Public Law) އާއި ގުޅިފައިވާ ޤާނޫނީ ޙައްޤެއްކަމުގައި ކަމާއި، އެހެންކަމުން އިންތިޚާބުގެ ޙައްޤަކީ ޤާނޫނުން އިންތިޒާމްކުރާ، އަދި ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާގޮތުގެ މަތިން ބޭނުންކުރެވޭ ޙައްޤެއްކަމާއި، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައިވެސް އިންތިޚާބު ޤާނޫނީގޮތުން ތަކްޔީފުކުރެވޭނީ ހަމަ ސިޔާސީ އަދި ޤާނޫނީ ޙައްޤެއްގެ ގޮތުގައިކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ތަފާތު އިންތިޚާބުތަކާއި ގުޅިގެން ކަނޑައެޅިފައިވާ ނައްޞުތަކުން އެނގެން އޮންނައިރު، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތައް އިންތިޚާބުކުރުމާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ) ގައި "އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމެނެންވާނީ ހަމައެކަނި އެކައުންސިލަށް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުން ދީމިޤްރާޠީ އުޞޫލުތަކުގެމަތީން، ސިއްރު ވޯޓަކުން އިންތިޚާބުކުރާ މެންބަރުންނެވެ." މިހެން ކަނޑައެޅުމަށްފަހު، ހަމަ އެމާއްދާގެ (ރ) ގައި " އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތައް އިންތިޚާބުކުރުމާބެހޭ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ." މިހެން ބަޔާން ވެގެންވާކަން ފާހަގަކުރެވެއެވެ.
ޤާނޫނުއަސާސީގެ 'ސުޕްރިމަސީ' (Supremacy of the Constitution) ގެ މަބްދައަކީ ޤާނޫނީ ދައުލަތްތަކުގެ އެންމެ މުހިއްމު އެއް "ޚާއްޞިއްޔަތު" ނުވަތަ ސިފަ ކަމާއި، މިގޮތުން ދައުލަތުގެ އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތަކާއި ތަންފީޒީ ޤަރާރުތައް ބައްޓަންވެގެން ވާންވާނީ ޤާނޫނުއަސާސީގެ ނައްޞުތަކާއި އަޙްކާމްތަކާއި އެއްގޮތްވާ ގޮތުގެމަތިންކަމާއި، ޤާނޫނުއަސާސީގެ ނައްޞުތަކާއި ޚިލާފު ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޤަރާރުތަކަކީ ބާޠިލު އެއްޗެއް ކަމީ އެންމެހައި ދީމްޤުރާޠީ މުޖްތަމަޢުތަކުގައި އިސްތިޤްރާރުވެފައިވާ ދުސްތޫރީ މަބްދައެއްކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި މި މަބްދައާ، އަދި މިމަބްދައާއި ގުޅި ލާމެހިފައިވާ ދެ މަބްދައު ކަމަށްވާ މަބްދައުލް މަޝްރޫޢިއްޔާ (Principle of Legality) އާއި މަބްދައުއް ދުސްތޫރިއްޔާ (Principle of Constitutionality) ވެސް ކަށަވަރު ކޮށްދީފައިވާއިރު، އޭގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 63 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާރުޟުވާ އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް ވާނީ ބާޠިލު އެއްޗެއްކަމަށް ކަނޑައަޅާފައިވާކަން އެނގެން އޮވެއެވެ.
ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަކީ އިސްވެ އިޝާރާތް ކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާ، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތައް އިންތިޚާބުކުރުމާބެހޭ ޤާނޫނުކަމުގައި ވީހިނދު، އެ ޤާނޫނަކީ އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ ދުސްތޫރީ މަބްދައުތަކާއި ޚިލާފުނުވާގޮތަށް އެކުލަވާލެވިފައިވާ ޤާނޫނަކަށް ވާންޖެހޭނެކަމާއި، މިގޮތުން އެ ޤާނޫނުގައި ލޯކަލްކައުންސިލްތައް އިންތިޚާބުކުރުމަށް ކޮންމެ އިންތިޚާބީ ދާއިރާއެއްގެ ރައްޔިތުންނަށް ލިބިފައިވާ ޙައްޤު އިންތިޒާމުކުރެވިފައި އޮންނަންވާނީ ޤާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި އިސްވެ ބަޔާންވެގެންދިޔަ "ޔުނިވަރސަލް ސަފްރިޖް" ގެ މަބްދައާއި ތަޢާރުޟުނުވާ ގޮތަކަށް ކަމާއި، ޤާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ އެއްވެސް ޙައްޤެއް އެއްވެސް މިންވަރަކަށް ޤައިދުކުރެވޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެގެންވާ އުޞޫލުތަކުގެ މަތިންކަން އެނގެން އޮވެއެވެ.
ދީމްޤުރާޠީ އެންމެހައި މުޖްތަމަޢުތަކުގައި އެއްވެސް އިންތިޚާބެއްގެ ނަތީޖާ ކަނޑައެޅުމުގައި ގުނަނީ އެ އިންތިޚާބެއްގައި ދެވޭ ޞައްޙަ ވޯޓުތައްކަމުން، ކޮންމެ ދައުލަތެއްގެ އިންތިޚާބުތަކާބެހޭ ޤާނޫނުތަކުގައި އިންތިޚާބުގައި ދެވޭ ވޯޓު ބާޠިލުވާގޮތް ކަނޑައެޅިފައިވާކަމާއި، މިގޮތުން ދިވެހިރާއްޖޭގައި އިންތިޚާބުތަކުގައި ދެވޭ ވޯޓު ބާޠިލުވާގޮތުގެ މައްޗަށް ބަލާއިރު، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގައި "ވޯޓު ގުނުމުގައި ތިރީގައިމިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮންނަ ކޮނެމެ ވޯޓަކީ ބާޠިލު ވޯޓެކެވެ. 1- މި ޤާނޫނުގެ 36 ވަނަ މާއްދާގައި ވާގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ވޯޓު. 2- އެއްވެސް ފާހަގައެއް ޖަހާފައިނުވާ ވޯޓު. 3- ޤާނޫނާއި ޚިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓު. 4- އަދި މި ނޫންވެސް، އެ އިންތިޚާބަކާގުޅޭ ޚާއްޞަ ޤާނޫނެއްގައި ބާޠިލު ވޯޓުކަމަށް ކަނޑައަޅާފައިވާ ވޯޓު." މިހެން ބަޔާންވެގެން އޮންނައިރު، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގައި "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އޮންނަ ވޯޓުތަކުގެ އިތުރުން، އެ ކައުންސިލަކަށް އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އަވަށަކުން އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ނުވަތަ އެ ޢަދަދަށްވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެކެވެ." މިހެން ކަނޑައެޅި ބަޔާންވެގެންވާކަން ފާހަގަވެއެވެ.
އިސްވެ ބަޔާންވެގެންދިޔަ ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ މަފްހޫމަށް ބަލާއިރު، ދީމްޤުރާޠީ އެހެން މުޖްތަމަޢުތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގައިވެސް ޢާންމު އިންތިޚާބުތަކުގައި ނެގޭ ވޯޓުތަކުގެ ތެރެއިން ވޯޓެއް ބާޠިލުކަމަށް ކަނޑައެޅުމުގައި ރިޢާޔަތްކުރެވޭ ޢާންމު އަސާސްތަކެއް ވާކަމާއި، މިގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް ދެވޭ ކޮންމެ ވޯޓަކާއި، ވޯޓުދޭ މީހާގެ މިނިވަންކަމާއި ރުހުމާއި ނުލައި ދެވޭ ކޮންމެ ވޯޓަކާއި، ވޯޓުދޭ މީހާ ވޯޓު ދިން ކެންޑިޑޭޓު ނުވަތަ ކެންޑިޑޭޓުން ސާފުނުވާގޮތަށް ދެވޭ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެއްކަން އެނގެން އޮންނައިރު، ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގައި ކައުންސިލަކަށް އިދާރީ ދާއިރާއަކުން ނުވަތަ ރަށަކުން ނުވަތަ އަވަށަކުން އިންތިޚާބު ކުރަންޖެހޭ ޢަދަދަށްވުރެ "މަދު ކެންޑިޑޭޓުންގެ ނަމާދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެވޯޓަކީ ބާޠިލު ވޯޓެއް" ކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގައި ކަނޑައަޅާފައި އޮންނަ އޮތުމުގެ ދުސްތޫރިއްޔަތުކަމާ މެދު ގޮތެއް ނިންމުމުގެ ކުރިން، ދީމްޤުރާޠީ މުޖްތަމަޢުތަކުގައި ޢަމަލުކުރެވޭ އިންތިޚާބީ ނިޒާމްތަކުގެ މައްޗަށް ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު އަންނަނިވި ކަންތައް ފާހަގަކުރެވިފައި ވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޢާންމު އިންތިޚާބުތަކުގައި ވޯޓުދިނުމާއި، ދެވޭ ވޯޓުގެ ނަތީޖާ ނެރުމުގައި ދުނިޔޭގެ ޤައުމުތަކުގައި ޢަމަލުކުރާ ވޯޓުދިނުމުގެ ތަފާތު ނިޒާމްތަކެއް ވާކަމާއި، އެއިން ކޮންމެ ނިޒާމެއް އިޚްތިޔާރުކުރުމުގައި ދައުލަތްތަކުން ޙާޞިލުވާން އެދޭ ތަފާތު ސިޔާސީ މަޤްޞަދުތަކެއް ވާކަމާއި؛ އެގޮތުން މުސްތަޤިއްލު ކެންޑިޑޭޓުންނަށް ރައްޔިތުން ތަމްޘީލުކުރުމުގެ ފުރުޞަތު ފުޅާކުރުމާއި، ސިޔާސީ ޕާޓީތަކަށް އެ ޕާޓީތަކަށް ރައްޔިތުންގެ ތާއީދު އޮންނަ ނިސްބަތަކުން އިންތިޚާބުގެ ނަތީޖާ ކާމިޔާބު ކުރެވުމާއި، ރައްޔިތުން ފަރުދީގޮތުން ދަނެފަރިތަ ކެންޑިޑޭޓުން އިޚްތިޔާރުކުރުމަށް މަގުފަހިވުމާއި، ފަރުދީގޮތުން ކުރެވޭ އިޚްތިޔާރަކަށްވުރެ ބޮޑަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ޕްރޮގްރާމްތަކަށް ރިޢާޔަތްކޮށް އިންތިޚާބުގައި ހޮވަން ބޭނުންވާ މަޤާމްތަކުގައި ސިޔާސީ ޕާޓީތައް ފުޅާދާއިރާއެއްގައި ތަމްސީލު ވެގެން ދިއުން ފަދަ ތަފާތު ސިޔާސީ މަޤްޞަދުތައް ޙާޞިލުވެގެންދާފަދަ ގޮތަކަށް، އިންތިޚާބުގައި ވޯޓުދިނުމުގެ ނިޒާމު ޤާއިމުކުރުމަކީ ކޮންމެ ދައުލަތަކަށްވެސް އެދައުލަތުގެ ދުސްތޫރީ ނިޒާމުގެ ޙުދޫދުގެ ތެރޭގައި ލިބިގެންވާ އިޚްތިޔާރީ (ތަޤްދީރީ /discretionary) ބާރެއްކަން ދުނިޔޭގެ ތަފާތު ޤައުމުތަކުގެ އިންތިޚާބުތަކާއިބެހޭ ޤާނޫނުތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ޢާންމު އިންތިޚާބުތަކުގައި ވޯޓުދިނުމާއި، ދެވޭ ވޯޓުގެ ނަތީޖާ ނެރުމުގައި ދުނިޔޭގެ ޤައުމުތަކުގައި ޢަމަލުކުރެވޭ ތަފާތު އިންތިޚާބީ ނިޒާމްތަކަށް ބަލާއިރު އަސާސީ ދެ ނިޒާމެއްގެ މައްޗަށް ޢަމަލުކުރެވޭ ކަމާއި، ފުރަތަމަ ނިޒާމަކީ "އަޣުލަބިއްޔަތުގެ އިންތިޚާބު" ގެ ނިޒާމް ނުވަތަ 'މެޖޯރިޓީ އިލެކްޝަން ސިސްޓަމް (Majority Election System) ކަމާއި، ދެވަނަ ނިޒާމަކީ " ނިސްބަތުން ތަމްސީލުކުރުމުގެ ނިޒާމް" ނުވަތަ 'ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަން ސިސްޓަމް' (Proportional Representation System) ކަމާއި، 'މެޖޯރިޓީ އިލެކްޝަން ސިސްޓަމް' ބިނާވެގެންވަނީ އަސާސީގޮތަކަށް އިންތިޚާބެއްގައި އެންމެ ގިނައިން ވޯޓު ލިބޭ ކެންޑިޑޭޓުންނަށް ނުވަތަ ޕާޓީތަކަށް އެ އިންތިޚާބު ކާމިޔާބުވުމުގެ މައްޗަށް ކަމާއި، މި ނަތީޖާއަށް ޢަމަލީގޮތުން ވާޞިލުވެވޭ އަސާސީ ދެ ނިޒާމެއް ވާކަމާއި؛ އެއީ 'ސިމްޕަލް' ނުވަތަ 'ރިލޭޓިވް' މެޖޯރިޓީގެ ނިޒާމާއި، 'ދެ ބުރުގެ އިންތިޚާބު' ގެ ނިޒާމުކަމާއި، 'ސިމްޕަލް' މެޖޯރިޓީގެ ނިޒާމުގައި އެންމެ ގިނައިން ވޯޓު ލިބޭ ކެންޑިޑޭޓަށް ނުވަތަ ކެންޑިޑޭޓުންނަށް ނުވަތަ ޕާޓީ އަށް އިންތިޚާބުގެ ނަތީޖާ ފުރަތަމަ ބުރުން ކާމިޔާބުވާނެކަމާއި؛ މިގޮތުން "ފަރސްޓް ޕާސްޓް ދަ ޕޯސްޓް" (FPTP) ގެ ނިޒާމުގައި އެއް މެންބަރަކު ހޮވަންޖެހޭ ދާއިރާއަކުން އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކަށް ވަކި ޚާއްޞަ މެޖޯރިޓީއަކަށް ބޭނުންވުމަކާ ނުލައި އެދާއިރާގެ އިންތިޚާބު ކާމިޔާބުވާނެކަމާއި، "ބްލޮކް ވޯޓް" (BV) ގެ ނިޒާމުގައި، އެއް މެންބަރަށްވުރެ ގިނަ މެންބަރުން ހޮވަންޖެހޭ އިންތިޚާބީ ދާއިރާއަކުން އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓުންނަށް އެ ދާއިރާގެ އިންތިޚާބު ކާމިޔާބުވާނެކަމާ، އަދި "ޕާޓީ ބްލޮކް ވޯޓް" (PBV) ގެ ނިޒާމުގައި، އިންތިޚާބީ ދާއިރާއަކުން އެއް މެންބަރަށްވުރެ ގިނަ މެންބަރުން ހޮވަންޖެހޭ ޙާލަތުގައި އެ އިންތިޚާބުގައި ބައިވެރިވާން ބޭނުންވާ ކޮންމެ ސިޔާސީ ޕާރޓީއަކުން އެ ދާއިރާއަށް ހޮވަންޖެހޭ ޢަދަދަށް ކެންޑިޑޭޓުން ހިމެނޭ ލިސްޓެއް އިންތިޚާބުގައި ބައިވެރިކުރުމުން، އެންމެގިނައިން ވޯޓު ލިބޭ ޕާޓީގެ ލިސްޓުގައި ހިމެނިފައިވާ ކެންޑިޑޭޓުންނަށް އެ ދާއިރާއަށް ކަނޑައެޅިފައިވާ ހުރިހާ ގޮނޑިތައް ކާމިޔާބުވާނެކަމާއި، އަދި ދެ ބުރުގެ އިންތިޚާބު ނުވަތަ "ޓޫ ރައުންޑް ސިސްޓަމް" (TRS) ގެ ނިޒާމުގައި ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުކުރެވިއްޖެ ކަމުގައި ބެލެވޭނީ އިންތިޚާބުގައި ދެވުނު ވޯޓުގެ މުޠުލަޤު އަޣުލަބިއްޔަތު (Absolute Majority) ނުވަތަ ޤާނޫނަކުން ކަނޑައަޅާ ޚާއްސަ އަޣުލަބިއްޔަތު އެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޙާޞިލުވެގެން ކަމާއި، ފުރަތަމަ ބުރުގައި އެފަދަ އަޣުލަބިއްޔަތެއް އެއްވެސް ކެންޑިޑޭޓަކަށް ޙާޞިލުނުވެއްޖެނަމަ އިންތިޚާބު އިޢާދަކޮށް ދެވަނަބުރުގައި ޙާއްޞަ ޝަރުޠުތަކަކާއެކު ވާދަކުރުމުގެ ފުރުޞަތު ކެންޑިޑޭޓުންނަށް ލިބޭކަމާއި، މި ނިޒާމުގައި ދެވަނަ ބުރުގެ ނަތީޖާ ނެރެވޭގޮތް އެއް ނިޒާމު އަނެއް ނިޒާމާ ތަފާތުކަމާއި، އިސްވެ ބަޔާންވެގެންދިޔަ "އަޣުލަބިއްޔަތުގެ އިންތިޚާބު" ގެނިޒާމާއި ޚިލާފަށް "ނިސްބަތުން ތަމްސީލުކުރުމުގެ ނިޒާމް" ނުވަތަ 'ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަން ސިސްޓަމް' ޤާއިމުވެގެންވާ އަސާސީ މަފްހޫމަކީ ގިނަމެންބަރުންގެ އިންތިޚާބީ ދާއިރާއެއްގައި ހިމެނޭގޮނޑިތައް ކޮންމެ ސިޔާސީ ޕާޓީއަކަށް ނުވަތަ ކެންޑިޑޭޓުންގެ ލިސްޓަކަށް، އެ ޕާޓީއަކަށް ނުވަތަ އެ ލިސްޓަކަށް ލިބުނު ވޯޓުގެ ނިސްބަތުން ކާމިޔާބުވުންކަމާއި، މި ނަތީޖާއަށް ވާޞިލުވުމަށްޓަކާ ދުނިޔޭގެ ތަފާތު ޤައުމުތަކުގައި 'ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަން ސިސްޓަމް' އެތައް ގޮތަކަށް ތަޖްރިބާ ކުރެވޭކަން ދުނިޔޭގެ ތަފާތު ޤައުމުތަކުގައި ޢަމަލުކުރެވޭ އިންތިޚާބީ ނިޒާމުތަކަށް ބެލުމުން އެނގެން އޮންނައިރު، އިސްވެ އިޝާރާތްކުރެވުނު އެއްވެސް އިންތިޚާބީ ނިޒާމަކީ ޙަޤީޤަތުގައި މުޠުލަޤުގޮތަކަށް ފުރިހަމަކަން ލިބިގެންވާ އިންތިޚާބީ ނިޒާމެއް ނޫންކަމާއި، އެހެންކަމުން ކޮންމެ ދައުލަތަކުންވެސް އެ ދައުލަތެއްގެ ސިޔާސީ ޙާލަތަށާއި މާޙައުލަށް ރިޢާޔަތްކޮށް އެ ދައުލަތަކާއި އެންމެ މުނާސިބު އިންތިޚާބީ ނިޒާމެއް ނުވަތަ ނިޒާމްތަކެއް އިޚްތިޔާރުކުރުމުގެ މުހިއްމުކަން ފާހަގަކުރެވޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްވެ ބަޔާންކުރެވުނު އިންތިޚާބީ ނިޒާމުތަކުގެތެރެއިން ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރެވޭ ނިޒާމުތަކުގެ މައްޗަށް ނަޒަރުކުރާއިރު، ދިވެހިރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ޢަމަލުކުރެވޭ ނިޒާމަކީ ދެ ބުރުގެ އިންތިޚާބު ނުވަތަ "ޓޫ ރައުންޑް ސިސްޓަމް" ގެ ނިޒާމުކަމާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޢަމަލުކުރެވޭ ނިޒާމަކީ 'ސިމްޕަލް' ނުވަތަ 'ރިލޭޓިވް' މެޖޯރިޓީގެ ނިޒާމުގެ ތެރޭގައި ހިމެނޭ "ފަރސްޓް ޕާސްޓް ދަ ޕޯސްޓް" ގެ ނިޒާމުކަމާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި - ސިޓީ ކައުންސިލްތަކުގެ އިންތިޚާބު ފިޔަވައި - ޢަމަލުކުރެވޭ ނިޒާމަކީ 'ސިމްޕަލް' ނުވަތަ 'ރިލޭޓިވް' މެޖޯރިޓީގެ ނިޒާމުގެ ތެރޭގައި ހިމެނޭ "ބްލޮކް ވޯޓް" ގެ ނިޒާމުކަމާ، އަދި ސިޓީ ކައުންސިލްތަކުގެ އިންތިޚާބުގައި ޢަމަލުކުރެވޭ ނިޒާމަކީ "ފަރސްޓް ޕާސްޓް ދަ ޕޯސްޓް" ގެ ނިޒާމުކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އިސްވެ އިޝާރާތްކުރެވުނު ފަދައިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި - ސިޓީ ކައުންސިލްތަކުގެ އިންތިޚާބު ފިޔަވައި - ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރެވޭ ނިޒާމަކީ "ބްލޮކް ވޯޓް" ގެ ނިޒާމުކަމާއި، މިގޮތުން ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާއާއި 7 ވަނަ މާއްދާއިން ލޯކަލް ކައުންސިލްތަކުގެ ތެރެއިން އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިންތިޚާބުގައި އަތޮޅު ކައުންސިލަށް ނުވަތަ ރަށު ކައުންސިލަށް ތަބާވާ އިންތިޚާބީ ދާއިރާތަކުގެ ތެރެއިން ކޮންމެ ދާއިރާއަކުންވެސް އެއް މެންބަރަށްވުރެ ގިނަ މެންބަރުން އިންތިޚާބުކުރަން ޖެހޭކަން އެނގެން އޮންނައިރު، ބުނެވިދިޔަ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި ލޯކަލް ކައުންސިލްތަކުގެ މެންބަރުކަމަށް ހޮވޭގޮތް ބަޔާންކުރަމުން "ލޯކަލް ކައުންސިލްގެ އިންތިޚާބުގައި، ކައުންސިލްގެ މެންބަރުކަމަށް ވާދަކުރާ މީހުންގެ ތެރެއިން އެ ކައުންސިލްގެ މެންބަރުކަމަށް އިންތިޚާބުވާނީ، ވޯޓު ދިން މީހުންގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ ވޯޓު ލިބުނު ކެންޑިޑޭޓުންގެ ތަރުތީބުން، އެ ކައުންސިލަކަށް އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އިންތިޚާބީ ދާއިރާއަކުން ހޮވަންޖެހޭ މެންބަރުންގެ ޢަދަދު ހަމަވާވަރަށެވެ." މިހެން ކަނޑައަޅާފައިވާކަން އެނގެން އޮންނަ އޮތުމެވެ.
ބ) ފަސްވަނަ ކަމަކީ، "ބްލޮކް ވޯޓް" ގެ ނިޒާމުގެ ދަށުން އެއް މެންބަރަށްވުރެ ގިނަ މެންބަރުން ހޮވަންޖެހޭ އިންތިޚާބީ ދާއިރާއެއްގައި ބޭއްވޭ އިންތިޚާބުގައި، އެ ހޮވަންޖެހޭ ޢަދަދަށްވުރެ ގިނަ ނޫން ކޮންމެ ޢަދަދެއްގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ ޙައްޤު އެ ދާއިރާގައި ވޯޓުދިނުމުގެ ޙައްޤުލިބިގެންވާ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމީ، "ބްލޮކް ވޯޓް" ގެ ނިޒާމަށް ޢަމަލުކުރާ ދައުލަތްތަކުގެ ތެރެއިން ގިނަ ދައުލަތްތަކުގެ އިންތިޚާބުތަކާބެހޭ ޤާނޫނުތަކަށް ބެލުމުން އެނގެން އޮންނަ ޙަޤީޤަތެއް ކަމާއި، ބައެއް "ޕާޓީ ބްލޮކް ވޯޓް" ގެ ނިޒާމަށް ޢަމަލުކުރާ ދައުލަތްތަކުގައި އިންތިޚާބީ ދާއިރާއަކުން އެއް މެންބަރަށްވުރެ ގިނަ މެންބަރުން އިންތިޚާބުކުރަންޖެހޭ ޙާލަތުގައި، އެ ދާއިރާއަކަށް އިންތިޚާބުކުރަންޖެހޭ ޢަދަދަށް ކެންޑިޑޭޓުން ހިމެނޭ ލިސްޓެއް އިންތިޚާބުގައި ބައިވެރިވާ ކޮންމެ ސިޔާސީ ޕާޓީއަކުން ހުށަހެޅުމުން އެ ލިސްޓުތަކުގެތެރެއިން ކޮންމެވެސް ލިސްޓަކަށް އެއްކޮށް ( އެ ލިސްޓުގައި ހިމެނޭ ހުރިހައި ކެންޑިޑޭޓުން ޝާމިލުވާގޮތަށް) ވޯޓު ދޭން ޖެހޭގޮތަށް އޮންނަ އޮތުމަކީ އޭގެ ޒާތުގައި ވޯޓުދޭމީހާ އޭނާ ވޯޓުދޭން ނިންމި ޕާޓީގެ ސިޔާސީ ޕްރޮގްރާމާއި ރުހި އެ ޕާޓީއަށް ދޭ ވޯޓެއްކަން ފާހަގަކުރެވޭ ކަމެވެ.
7- އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) ގައި "ލޯކަލް ކައުންސިލްގެ އިންތިޚާބުގައި، ކައުންސިލްގެ މެންބަރުކަމަށް ވާދަކުރާ މީހުންގެ ތެރެއިން އެ ކައުންސިލްގެ މެންބަރުކަމަށް އިންތިޚާބުވާނީ، ވޯޓު ދިން މީހުންގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ ވޯޓު ލިބުނު ކެންޑިޑޭޓުންގެ ތަރުތީބުން، އެ ކައުންސިލަކަށް އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އިންތިޚާބީ ދާއިރާއަކުން ހޮވަންޖެހޭ މެންބަރުންގެ ޢަދަދު ހަމަވާވަރަށެވެ." މިހެން ބަޔާންވެފައި އޮތުމުން ދިވެހިރާއްޖޭގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެއް މެންބަރަށް ވުރެ ގިނަ މެންބަރުން އިންތިޚާބުކުރަންޖެހޭ ދާއިރާތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ތަރުތީބުން ލިބޭ ކެންޑިޑޭޓުން އެ ދާއިރާއަށް ކަނޑައެޅިފައިވާ މެންބަރުންގެ ޢަދަދަށް ހޮވޭނެކަން އެނގެން އޮންނައިރު، މި ނަތީޖާ ޙާޞިލުކުރުމަށްޓަކައި، އިސްވެ ބަޔާންވެގެންދިޔަ ފަދައިން، ދީމްޤުރާޠީ މުޖްތަމަޢުތަކުގައި ޢަމަލުކުރާ ޢާންމު އުޞޫލަކީ އިންތިޚާބީ ދާއިރާއަކަށް ކަނޑައެޅިފައިވާ މެންބަރުންގެ ޢަދަދަށްވުރެ ގިނަ ނޫން ޢަދަދެއްގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ އިޚްތިޔާރު ވޯޓުދޭ މީހާއަށް އޮތުންކަމުގައި ވީއިރު، ދިވެހިރާއްޖޭގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، އިންތިޚާބީ ދާއިރާއަކަށް ކަނޑައެޅިފައިވާ މެންބަރުންގެ ޢަދަދަށްވުރެ މަދު ޢަދަދެއްގެ ކެންޑިޑޭޓުންނަށް މިނިވަންކަމާއި އެކު ވޯޓު ދިނުމަކީ ވޯޓު ދޭމީހާގެ ޙައްޤެއްކަމާ، އަދި ވޯޓުދޭ މީހާ ނުރުހޭ ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް އޭނާގެ މައްޗަށް ލާޒިމް ނުކުރެވޭނެކަމީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އިން ވޯޓުދޭ މީހާއަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއްކަން އެނގެން އޮންނައިރު، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަމާއްދާގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ކައުންސިލަކަށް އިދާރީދާއިރާއަކުން ނުވަތަ ރަށަކުން ނުވަތަ އަވަށަކުން އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެ މަދު ކެންޑިޑޭޓުންގެ ނަމާދިމާގައި ރަނގަޅުފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާޠިލުވޯޓެއް ކަމަށް ކަނޑައަޅައި، ވޯޓުދޭމީހާ ވޯޓުދޭން ނުރުހޭ ކެންޑިޑޭޓަކަށް ވޯޓުދޭން މަޖުބޫރުވާގޮތަށް އޮންނަ އޮތުމަކީ ބުނެވިދިޔަ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އިން ވޯޓުދޭ މީހާއަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއްކަމަށްވާ މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ އަސާސީ ޙައްޤަށް ހުރަސްއެޅޭ ގޮތަށް އޮންނަ އޮތުމެއްކަން އެނގެން އޮންނައިރު، އެ ފަދަ އަސާސީ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ޙުދޫދުގެތެރޭގައި މެނުވީ އެއްވެސް މިންވަރަކަށް ހިފެހެއްޓިގެން ނުވާނެ ޙައްޤެއްކަމާއި؛ މިހެންކަމުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 18 ވަނަ މާއްދާގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ކައުންސިލަކަށް އިދާރީ ދާއިރާއަކުން ނުވަތަ ރަށަކުން ނުވަތަ އަވަށަކުން އިންތިޚާބު ކުރަންޖެހޭ ޢަދަދަށްވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަޖަހާފައި އޮންނަ ކޮންމެވޯޓަކީ ބާޠިލުވޯޓެއް ކަމަށް ކަނޑައަޅައި، އެ މާއްދާގައި ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އިން ވޯޓުދޭ މީހާއަށް ކަށަވަރުކޮށްދީފައިވާ އިންތިޚާބުތަކުގައި މިނިވަންކަމާއެކު މަންދޫބުން އިޚްތިޔާރުކުރުމުގެ ޙައްޤު ހިފެހެއްޓާފައި އޮންނައޮތުން ޤާނޫނުއަސާސީއާއި ތަޢާރުޟުވުމުގެ އިތުރުން، މިނިވަން ދީމްޤުރާޠީ މުޖްތަމަޢެއްގައި އެފަދަ ޙައްޤެއް ހިފެހެއްޓުން ހުއްދަކުރެވޭ ފަދަ ޟަރޫރަތެއްވެސް ނެތްކަން ފާހަގަކުރެވެއެވެ.
ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގައި ވޯޓުދޭ މީހާއަށް ލިބިދީފައިވާ އިންތިޚާބުތަކުގައި މިނިވަންކަމާއެކު މަންދޫބުން އިޚްތިޔާރު ކުރުމުގެ ޙައްޤު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 18 ވަނަ މާއްދާގައި ކަނޑައެޅިފައިވާ މިންވަރަށް ހިފެހެއްޓިފައިވުމުގެ ޟަރޫރަތްތެރިކަން ބަޔާންކުރަމުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ގިނަ ޢަދަދެއްގެ މެންބަރުން ހޮވަންޖެހޭ ދާއިރާއެއްގައި، އެ ދާއިރާއަކަށް ކަނޑައެޅިފައިވާ މެންބަރުންގެ ޢަދަދަށް ވޯޓުދިނުން ވޯޓުދޭ މީހުންގެ މައްޗަށް ލާޒިމު ނުވާނަމަ އެ ދާއިރާއިން ހޮވަންޖެހޭ ޢަދަދަށް މެންބަރުން ނުހޮވުމުގެ ފުރުޞަތު ޤާއިމުވެގެންވާކަމަށް މި މައްސަލާގައި ދަޢުވާ ރައްދުވާ ދިވެހި ދައުލަތުގެ އެޓާރނީޖެނެރަލްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު، ދިވެހިރާއްޖޭގައި ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރުމުގައި ޢަމަލުކުރަމުންދާ ވޯޓުލުމުގެ ނިޒާމުކަމަށްވާ، އިސްވެ ބަޔާންވެގެންދިޔަ "ބްލޮކް ވޯޓް" (BV) ގެ ނިޒާމުގައި، އެޓާރނީޖެނެރަލްގެ ފަރާތުން ހާމަކޮށްފައިވާ އިޙުތިމާލަކީ ވަރަށް ނާދިރު އިޙުތިމާލެއްކަމާއި، ނާދިރުކަމެއްގެ މައްޗަށް ޤިޔާސް ނުކުރެވޭނެކަމާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކެންޑިޑޭޓަކަށް ކުރިމަތިލެވެނީ ސިޔާސީ ޕާޓީއެއްގެ ތާއީދު ލިބިގެން ނުވަތަ އެ ކެންޑިޑޭޓަކު ކުރިމަތިލާ އިންތިޚާބީ ދާއިރާއެއްގައި ހިމެނޭ ރައްޔިތުންތަކެއްގެ ތާއީދު ލިބިގެންކަން ބުނެވިދިޔަ ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ނ) އިން ރަނގަޅަށް އެނގެން އޮންނައިރު، ދިވެހިރާއްޖޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޢަމަލުކުރަމުންދާ އިންތިޚާބީ ނިޒާމުގެ ދަށުން، ލޯކަލް ކައުންސިލެއްގެ ގޮނޑިއެއް ކާމިޔާބުކުރުމަށް "ނަޡަރީ" ގޮތުން ބޭނުންވާ އެއް ވޯޓު ނުލިބުމަކީ އިންތިހާއީ ދަރަޖައަކަށް ނާދިރު ޙާލަތެއްކަމާއި، އަދި އެފަދަ ނާދިރު ޙާލަތެއް މެދުވެރިވުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ނިގުޅައިގަތުން ހުއްދަކުރާ ކަމެއް ނޫންކަމާއި، އެފަދަ ޙާލަތެއް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މެދުވެރިވެއްޖެނަމަ، އެކަމަށް ޤާނޫނުއަސާސީއާއި ތަޢާރުޟުނުވާގޮތަކަށް – އިންތިޚާބު އިޢާދަކުރުންފަދަ- ޤާނޫނީ ޙައްލު ހޯދުމަކީ ދައުލަތުގެ މަސްއޫލިއްޔަތެއްކަން ފާހަގަ ކުރެވެއެވެ.
އިސްވެ ބަޔާންކުރެވުނު ޤާނޫނީ އަދި ޝަރުޢީ ސަބަބުތަކަށް ރިޢާޔަތްކުރާއިރު، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ކައުންސިލަކަށް އިދާރީ ދާއިރާއަކުން ނުވަތަ ރަށަކުން ނުވަތަ އަވަށަކުން އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެ "މަދު ކެންޑިޑޭޓުންގެ ނަމާދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެއް" ކަމަށް ކަނޑައަޅާފައި އޮންނަ އޮތުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި ތަޢާރުޟުވާ ކަނޑައެޅުމެއްކަމަށް ވިއަސް، ބުނެވިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ގެ 18 ވަނަ މާއްދާއިން ޤާނޫނުއަސާސީ އާއި ތަޢާރުޟުވާ މިންވަރު ބާޠިލުކަމަށް ކަނޑައަޅައި ކުރާ ޙުކުމުގެ އިލްޒާމީ ބާރު (Obliging Force) - ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ނ) ގެ މައްޗަށް ރިޢާޔަތްކުރާ އިރު - ފެށޭނީ މި މައްސަލާގައި ޙުކުމްކުރާ ވަގުތުން ފެށިގެން ކަމުން، މި މައްސަލާގައި ދަޢުވާކުރާ ފަރާތުން ފާއިތުވެދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ކައުންސިލަކަށް އިދާރީ ދާއިރާއަކުން ނުވަތަ ރަށަކުން ނުވަތަ އަވަށަކުން އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެ މަދު ކެންޑިޑޭޓުންގެ ނަމާދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ ސަބަބުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ބާޠިލުކޮށްފައިވާ ވޯޓުތައް ޞައްޙަވާނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައި އޮންނަ އޮތުމަކީ ޤާނޫނީގޮތުން އިޖާބަދެވެން އޮތްކަމެއް ނޫންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 144 މާއްދާގެ (ނ) އިން ސާފުކޮށް އެނގެން އޮވެއެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ޝަރުޢީ އަދި ޤާނޫނީ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ކައުންސިލަކަށް އިދާރީ ދާއިރާއަކުން ނުވަތަ ރަށަކުން ނުވަތަ އަވަށަކުން އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެ "މަދު ކެންޑިޑޭޓުންގެ ނަމާދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެއް" ކަމަށް ކަނޑައަޅާފައި އޮންނަ އޮތުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި ޚިލާފު ކަނޑައެޅުމެއްކަމަށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 07 ފަނޑިޔާރުންގެ ތެރެއިން 06 ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ކައުންސިލަކަށް އިދާރީ ދާއިރާއަކުން ނުވަތަ ރަށަކުން ނުވަތަ އަވަށަކުން އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެ "މަދު ކެންޑިޑޭޓުންގެ ނަމާދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެއް" ކަމަށް އޮންނަ ނައްޞަކީ މި ޙުކުމްކުރާ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޢަމަލުނުކުރެވޭނެ ބާޠިލު ނައްޞެއްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 07 ފަނޑިޔާރުންގެ ތެރެއިން 06 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމް ކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ އަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. ޢަހްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ތަފާތުވި ރަޢުޔު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް، ސ. ހިތަދޫ ލާމިގޭ މޫސާ އަންވަރު، 07 ފެބްރުއަރީ 2011 ވަނަ ދުވަހު ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން ހުށަހެޅި މައްސަލަ އަކީ ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތަށް އޮއްނަ ވޯޓުތަކުގެ އިތުރުން އެކައުންސިލަކަށް އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އަވަށަކުން އިންތިޚާބުކުރަންޖެހޭ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ނުވަތަ އެ އަދަދަށް ވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަޖަހާފައި އޮންނަ ކޮންމެވޯޓަކީ ބާޠިލު ވޯޓެއް ކަމަށް ކަނޑައަޅާފައި އޮތް އޮތުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފަށް އޮތް އޮތުމެއްކަމަށާއި އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އިން ކޮންމެ މީހަކަށްމެ ލިބިދީފައިވާ އެމީހަކު މިނިވަންކަމާއެކު އިޙްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤަށް ހުރަސްއެޅޭ ކަމެއް ކަމަށާއި ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފުވާ މިންވަރު، ބާޠިލުކޮށް އިންތިޚާބު ކުރަންޖެހޭ އަދަދަށް ވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓުތަކުގެ ތެރެއިން ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން ބާޠިލުކޮށްފައިވާ ވޯޓުތައް ސައްޙަވާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށާއި ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށާއި ސ. ހިތަދޫ ލާމިގޭ މޫސާ އަންވަރު ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ދިވެހިރާއްޖޭގެ ބަންޑާރަނައިބުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ދެ ފަރާތުންމެ ހުށަހެޅި ލިޔުންތަކަށާއި "ޖުޑީޝަލް ރިވިއު އޮފް ލެޖިސްލޭޝަން" ގެ އުޞޫލުތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބެލުމަށްފަހު އަންނަނިވި ކަންތައްތައް ފާހަގަ ކުރަމެވެ.
ހ. ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) އަށް ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤު، ޢުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު، ޢުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު، ޢުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަން އެނގެން އޮވެއެވެ.
ށ. ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެ ޤާނޫނުގެ 36 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެއްކަމާއި އެއްވެސް ފާހަގައެއް ޖަހާފައިނުވާ ވޯޓަކީ ބާޠިލު ވޯޓެއްކަމާއި ޤާނޫނާ ޚިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެއްކަމާއި އެ އިންތިޚާބަކާގުޅޭ ޚާއްޞަ ޤާނޫނެއްގައި ބާޠިލު ވޯޓެއްކަމަށް ކަނޑައަޅާފައިވާ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެއްކަން އެނގެން އޮވެއެވެ.
ނ. ތިންވަނަ ކަމަކީ، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާއަށް ބަލާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އޮންނަ ވޯޓުތަކުގެ އިތުރުން، އެ ކައުންސިލަކަށް އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އަވަށަކުން އިންތިޚާބުކުރަންޖެހޭ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ނުވަތަ އެ އަދަދަށް ވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެއްކަން އެނގެން އޮވެއެވެ.
ރ. ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެމަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަމާއި އަދި އެއިން އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމައްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ޑިމޮކްރެޓިކް މުޖްތަމަޢެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަށްކަމާ އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 16 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހައްޓާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 16 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތީންތޯ ކަނޑައެޅުމުގައި ކޯޓުން އެ ކަމަކާ ގުޅޭ ހުރިހައި ކަންތައްތަކަށް ފުރިހަމައަށް ރިޢާޔަތް ކުރާންވާނެ ކަމާއި އޭގެ ތެރޭގައި، އެ ޙައްޤެއްގެ ނުވަތަ އެ މިނިވަންކަމެއްގެ ޒާތާއި ބާވަތަށާއި އެ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓުމުގެ ބޭނުމާއި، މުހިންމުކަމަށާއި އެ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިފައިވާ ގޮތާއި މިންވަރަށާއި އެ ޙައްޤެއްގެ ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓުމާއި އެ ޙައްޤެއްގެ ނުވަތަ އެ މިނިވަންކަމެއްގެ މުހިންމުކަމާ ހުރި ގުޅުމަށާއި އެ ޙައްޤެއްގެ ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓިފައިވާ މިންވަރަށްވުރެ ކުޑަކޮށް ހިފަހައްޓައިގެން ބޭނުންވާ މަޤްޞަދު ޙާޞިލް ކުރެވިދާނެތޯ އަދި އެ ޙައްޤެއްގެ ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން ނަމަ، އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކުރުމަށްޓަކައި އެ ޙައްޤެއް ނުވަތަ މިނިވަންކަމެއް ކޮންމެހެން ހިފަހައްޓަންޖެހޭތޯ ބަލަންޖެހޭ ކަން އެނގެން އޮވެއެވެ.
ބ. ފަސްވަނަ ކަމަކީ، މޫސާ އަންވަރު ހުށަހަޅާފައިވާ މައްސަލައަކީ، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އިން ކޮންމެ މީހަކަށްމެ ލިބިދީފައިވާ އެ މީހަކު މިނިވަންކަމާއެކު އިޙްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤަށް ހުރަސްއެޅޭތީ، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާ "ޖުޑީޝަލް ރިވިއު" ކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާއާއި ޚިލާފުވާ މިންވަރު ބާޠިލުކޮށް، އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓުތަކުގެ ތެރެއިން ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން ބާޠިލުކޮށްފައިވާ ވޯޓުތައް ސައްޙަވާނެކަމަށް ކަނޑައަޅައި ދިނުން ކަން އެނގެއެވެ.
ޅ. ހަވަނަ ކަމަކީ، "ޖުޑީޝަލް ރިވިއު އޮފް ލެޖިސްލޭޝަން" ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިއަސް ޤާނޫނުއަސާސީއާއި ޚިލާފުތޯ ބެލުމުގައި، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި، ދެ ކޮންސެޕްޓެއްވާކަމާއި އެއް ކޮންސެޕްޓަކީ "ކޮންކްރީޓް ރިވިއު" ގެ ކޮންސެޕްޓްކަމާއި އެއީ މައްސަލައެއް ބަލަމުންދާ ކޯޓެއްގެ އިޙްތިޞާޞްގެ ތެރެއިން، އެ ކޯޓަކުން ބަލަމުންދާ ޙުޞޫމަތްތެރި މައްސަލައަކާ ގުޅިގެން، ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިއަސް ޤާނޫނުއަސާސީއާއި ޚިލާފުތޯ ބެލުމުގެ ކޮންސެޕްޓްކަމާއި މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގައި ޝަރީޢަތްކުރާ ކޮންމެ ކޯޓަކަށްމެ ލިބިގެންވާ އިޙްތިޞާޞްއެއް ކަމާއި އަނެއް ކޮންސެޕްޓަކީ "އެބްސްޓްރެކްޓް ރިވިއު" ގެ ކޮންސެޕްޓްކަމާއި އެއީ ޙުޞޫމަތްތެރި މައްސަލައެއް ނުވަތަ ޙުޞޫމަތްތެރި މައްސަލައެއްގެ ޙަޤީޤަތަކާ ނުލައިވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިއަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފުތޯ ބެލުމުގެ ކޮންސެޕްޓްކަމާއި މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ޚާއްޞަ އިޙްތިޞާޞް އެއްކަން އެނގެން އޮންނަ އޮތުމެވެ.
ކ. ހަތްވަނަ ކަމަކީ، "އެބްސްޓްރެކްޓް ރިވިއު" ގެ ކޮންސެޕްޓުން "ކޮންކްރީޓް ރިވިއު" ގެ ކޮންސެޕްޓް ވަކިކޮށް، ފާޅުކަން ބޮޑު ރޮނގެއް، ޢަމަލީގޮތުން ނުދެމޭނެކަމާއި ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިއަސް އެބްސްޓްރެކްޓްކޮށް ރިވިއު ކުރާއިރު، ކޮންކްރީޓް ރިވިއުގެ ސިފަތައް ހިމެނިގެން ދާނެކަމާއި ޤާނޫނެއް (ޕްރައިމަރީ ލެޖިސްލޭޝަން) ނުވަތަ ޤާނޫނަކުން ބައެއް ވިއަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފުކަމަށް ބުނެ، ދިވެހިރާއްޖޭގެ ހައިކޯޓަށް ނުވަތަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި، ޤާނޫނެއް (ޕްރައިމަރީ ލެޖިސްލޭޝަން) ނުވަތަ ޤާނޫނަކުން ބައެއް ވިއަސް އެބްސްޓްރެކްޓް ކޮށް ރިވިއު ކުރާއިރު، ރިވިއު ކުރާންވާނީ ދިމާވެފައިވާ ނުވަތަ ދިމާވެދާނެ ޙަޤީޤަތްތަކެއްގެ މައްޗަށް ރިޢާޔަތް ކުރެވިގެން ކަމެވެ.
އ. އަށްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި "ސެޕަރޭޝަން އޮފް ޕަވަރސް" ގެ މަބްދައު ޤާއިމް ވެފައިވާކަމާއި ދިވެހި ދައުލަތުގެ ބާރުތައް ތިން ބަޔަކަށް ބެހިގެންވާ ކަމާއި ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތީން ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމާއި ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށް ކަމާއި ދިވެހި ދައުލަތުގެ އެއްވެސް ބާރަކަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުގައި، އެބާރަކަށް ކަނޑައެޅިފައި އޮންނަ ބާރާއި އިޙްތިޞާޞްތަކުގެ ޙުދޫދު ފަހަނައަޅައި ނުދެވޭނެ ކަމެވެ.
ވ. ނުވަވަނަ ކަމަކީ، ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ވީއިރު، ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭގޮތުން، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތުގެމަތީން ޤާނޫނު ހެދުމާއި، ޤާނޫނަށް ބަދަލުގެނައުމާއި، ޤާނޫނު ބާޠިލުކުރުމުގެ ބާރު އެ މަޖިލީހަށް ލިބިގެންވާކަމާއި ރައްޔިތުންގެ މަޖިލީހުން ޤާނޫނު ހެދުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ލާޒިމްކުރާ އެންމެހައި ކަންކަން ފުރިހަމަ ކުރާންވާނެކަމާއި ރައްޔިތުންގެ މަޖިލީހުން، ޤާނޫނު ހަދާންވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފުނުވާ ގޮތެއްގެ މަތީންކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފުވާ ގޮތަށް ހެދޭ ކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނަކުން ބައެއްވިޔަސް "އެބް އިނީޝިއޯ" (ab intio)ބާޠިލުވާނެ ކަމެވެ.
މ. ދިހަވަނަ ކަމަކީ، މީހެއްގެ ޙައްޤެއް އަސާސީ ޙައްޤަކަށް ވަނީ ޤާނޫނުއަސާސީއިން އެ ޙައްޤެއް ކަށަވަރު ކޮށްދިނުމުން ކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނާ ގޮތުގެމަތީން މެނުވީ، ނުހިފެހެއްޓޭނެ ކަމާއި އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިއަސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤަކާއި ނުވަތަ މިނިވަންކަމަކާއި ތަޢާރުޟްވާ ނަމަ، އެ ތަޢާރުޟްވާ މިންވަރެއް ބާޠިލު ވާނެކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތިން އެ މާއްދާގައި ބުނާ މިންވަރަށްކަމާއި އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހައްޓާފައިވާނަމަ ހިފަހައްޓާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ގޮތުގެމަތީން އެކަށީގެންވާ މިންވަރަށްކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ނުވަތަ އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓި ފަރާތެއްގެ ޒިންމާ އެއްކަން އެނގެން އޮންނަ އޮތުމެވެ.
ފ. އެގާރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމުގައި، ޕްރައިވެޓް ލޯއިން ލިބިދޭ ޙައްޤުތައް ލިބިދިނުމުގައި ކޯޓުން ގެންގުޅޭ އުޞޫލާ ޚިލާފަށް، ލުއި ވިސްނުމަކުން ވިސްނާންވާނެ ކަމެވެ.
ދ. ބާރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމުގައި ލުއި ވިސްނުމަކުން ވިސްނިކަމުގައި ވިއަސް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއް (ޕްރައިމަރީ ލެޖިސްލޭޝަން) ނުވަތަ ޤާނޫނަކުން ބައެއް ވިއަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޚިލާފުކަމަށް ކޯޓުން ކަނޑައެޅުމުގައި، އެ ކަނޑައެޅުމުގެ ސަބަބުން ނުކުމެދާނެ ހުރިހާ ނަތީޖާއަކަށް ބަލާ ރިޢާޔަތް ކުރާންވާނެ ކަމާއި ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރަކީ ރައްޔިތުންގެ މަޖިލީހަށް އޮތް "ޕްރިރޯގަޓިވް" އެއްކަމާއި ރައްޔިތުންގެ މަޖިލީހަށް އޮތް "ޕްރިރޯގަޓިވް" އެއްގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ އަށް ވެސް އަދި ޢަދުލު އިންޞާފް ޤާއިމްކުރުމުގެ ބާރަށް ވެސް ނުވަދަވޭނެ ކަމާއި ރައްޔިތުންގެ މަޖިލީހުން ޤާނޫނު ހަދަނީ ފުޅާ ދާއިރާއެއްގައި އެކަމަކާ ދޭތެރޭ، ތަފާތު މަރުޙަލާގައި، ބަހުސް ކުރުމަށް ފަހުގައި ކަމާއި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމުން އެ ބިލެއްގެ ތިން ކިޔުން ބާއްވާކަމާއި ފުރަތަމަ ކިޔުމަކީ ބިލުގެ ސުރުޚީ ރައްޔިތުންގެ މަޖިލީހަށް އިއްވުން ކަމާއި ދެވަނަ ކިޔުން ބެހިގެންވަނީ މައިގަނޑު ތިން މަރުޙަލާއަކަށް ކަމާއި އެއީ ބަހުސް ގެ މަރުޙަލާ އާއި ކޮމެޓީގެ މަރުޙަލާ އާއި ރިޕޯޓުކުރުމުގެ މަރުޙަލާ ކަމާއި އަދި ތިންވަނަ ކިޔުމަކީ ބިލުގައި ހުރި މުހިންމު ކަންކަމާގުޅޭ ގޮތުން މެންބަރުން ފާޅުކުރާން ބޭނުންވާ ކަމެއް އޮތްކަމަށްވާނަމަ އެކަމެއް ބަޔާންކުރުމާއި، ބިލަށް ޖަވާބުދާރީވާ ފަރާތުން ދެވަނަ ކިޔުމަށްފަހު ބިލު އޮތްގޮތުގެ މައްޗަށް ފަހުބަޔާން އިއްވުމުގެ މަރުޙަލާކަމާއި މިގޮތަށް "މަލްޓި ލެވެލް" ގައި "ސްކުރުޓިނީ" ކޮށް، ރައްޔިތުން ހޮވާފައިވާ ރައްޔިތުންގެ މަންދޫބުން، ޒިންމާދާރު އެތައް އަރާރުމަކާއި ޒުވާބަކަށް ފަހު، ހަދާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިއަސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފުކަމަށް ބުނެ ކޯޓުން "ސްޓްރައިކް ޑައުން" ކުރުމަކީ ކުޑަކަމެއް ނޫންކަމާއި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއް (ޕްރައިމަރީ ލެޖިސްލޭޝަން) ނުވަތަ ޤާނޫނަކުން ބައެއް ވިއަސް ޤާނޫނުއަސާސީއާއި ޚިލާފުކަމަށް ކޯޓުން ކަނޑައަޅައި "ސްޓްރައިކް ޑައުން" ކުރާންވާނީ އެ ނޫންގޮތެއް ނެތިއްޖެ ހިނދެއްގައި ކަމެވެ.
ތ. ތޭރަވަނަ ކަމަކީ، ސ. ހިތަދޫ ލާމިގޭ މޫސާ އަންވަރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައިގެންފައިވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައިކަމާއި އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ ޚާއްޞަ އިޙްތިޞާޞްއެއްގެ ދަށުން ކަމާއި މޫސާ އަންވަރު ހުށަހަޅާފައިވާ މައްސަލައަކީ ޢާއްމު މަސްލަޙަތާއި ގުޅިފައިވާ މައްސަލައެއްކަމުން، މި މައްސަލާގައި ވަކީލަކު ޢައްޔަން ކޮށްގެން މެނުވީ މައްސަލަ ކުރިއަށް ނުގެންދެވޭ ގޮތަށް ހަމަޖެހިގެން ދިއުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު، މާލީ ތަނަވަސްކަން ނެތް މީހުންގެ ކިބައިން ނިގުޅައިގަނެވޭ ކަމެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފުލް ބެންޗުގެ އަޣުލަބިއްޔަތައް ޤަބޫލުކުރެވުނު ހިނދު، މި މައްސަލާގައި، އިސްތިސްނާއެއްގެ ގޮތުން، ވަކީލަކު ޢައްޔަނުނުކޮށް މައްސަލަ ކުރިއަށްގެންދިއުމުގެ ހުއްދަ މޫސާ އަންވަރަށް ދީފައިވާ ކަމެވެ.
ލ. ސާދަވަނަ ކަމަކީ، ސ. ހިތަދޫ ލާމިގޭ މޫސާ އަންވަރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށް ބަލާއިރު، އޭނާ ހުށަހެޅި މައްސަލަ އޭނާއަށް ބިނާ ކުރެވިފައިނުވާ ކަމާއި ޤާނޫނެއް (ޕްރައިމަރީ ލެޖިސްލޭޝަން) ނުވަތަ ޤާނޫނަކުން ބައެއްވިއަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގެ ދަށުން އެބްސްޓްރެކްޓް ކޮށް ރިވިއުކުރާ ބޮޑެތި ބޮޑެތި މައްސަލަތަކުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ އޮންނަ، ޤާނޫނީ ވަކީލުންގެ ބަހުސާ ނުލައި ޝަރީޢަތް ކުރުމަކީ އަހުރެން ޤަބޫލުކުރާ ގޮތެއްނޫންކަމެވެ.
ގ. ފަނަރަވަނަ ކަމަކީ، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އިން ކޮންމެ މީހަކަށްމެ ލިބިދީފައިވާ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤަށް ހުރަސްއެޅޭތޯ ބެލުމަށް، މަތީގައި ފާހަގަ ކުރި ނުގުތާތަކުގެ އަލީގައި އަހުރެން ބެލި ބެލުމުން އަހުރެންނަށް އެނގުނީ، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އާ ޚިލާފު ކަމަށް ކަނޑައަޅާނެ އަދި ކަނޑައެޅޭނެ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކޮންމެ ކައުންސިލަކަށްމެ އިންތިޚާބު ކުރާންޖެހެނީ ވަކި އަދަދެއްގެ މެންބަރުން ކަމަށް ވުމުން، އެ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ނުވަތަ އެ އަދަދަށް ވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެއް ކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގައި ކަނޑައަޅާފައި އޮތް އޮތުން ޞައްޙަ ކަމެވެ.
ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުގުތާތައް އެހެން ހުރުމާއެކު، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޚިލާފު މާއްދާ އެއްކަމަށް ބަލާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅާ އަހުރެންގެ ރަޢުޔު އިއްވީމެވެ.
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންކު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.