ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2011/SC-E/04ސުޕްރީމް ކޯޓު · 28 ޖަނަވަރީ 2011

—

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 28 ޖަނަވަރީ 2011ބާވަތް: އިންތިޚާބީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2011/SC-A/31

ދަޢުވާކުރާ ފަރާތް: އާދަމް ޙަލީމް،

ދަޢުވާ ލިބޭ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

މައްސަލައިގެ ބާވަތް: އިންތިޚާބީ ކުށުގެ މައްސަލަ

މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 28 އޭޕްރީލް 2011

ނިމުނު ތާރީޚް: 30 ނޮވެމްބަރ 2011

މައްސަލަ ނިންމި ގަޑި: 12:19

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު،ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު،ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ،ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2011/HC-I-K/01

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 06 މާރޗް 2011

ނިމުނު ތާރީޚް: 19 މާރޗް 2011

މައްސަލައިގެ ޚުލާޞާ

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/01 ގެ ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ ގޮތާމެދު ހިތްހަމަނުޖެހޭކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށްއެދި އާދަމް ޙަލީމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

-1 މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/01 ގެ ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ ގޮތާމެދު ހިތްހަމަނުޖެހޭކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށްއެދި އާދަމް ޙަލީމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.

2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/01 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށްބަލާއިރު، އެޤަޟިއްޔާއަކީ، ގދ.މަޑަވެލި ކަޝްމީރުވިލާ އާދަމް ޙަލީމްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިންތިޚާބީކުށުގެ ދަޢުވާއެއް އެކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި، އެޤަޟިއްޔާގައި އާދަމް ޙަލީމްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ، އާދަމް ޙަލީމް، 05 ފެބްރުއަރީ 2011 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި، އާދަމް ޢަލީއާއި، އާމިނަތު ޔޫސުފުއާއި، ޢާއިޝަތު ޙުސައިންއާއި، ނ.މިލަދޫ ދޫރެސްވިލާ / ފާޠިމަތު މުޙައްމަދާއި، ޙަލީމާ ޙަސަނާއި، ޙަސަން ޙުސައިނާއި، ޙުސްނާ ޙަސަނާއި، ޖަމީލާ ޢަބްދުﷲއާއި، މާރިޔާ އަޙްމަދާއި، ރުޤިއްޔާ ޙުސައިނާއި، މިމީސްމީހުންނަށްނޭގި އެމީހުން ރަށްވެހިވެފައިވާ ރަށްނޫން އެހެންރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީކުރުމަށް، ފޯމްތަކެއްފުރާ، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށްބުނެ، މަތީގައި ބަޔާންކުރެވުނު މީހުންނަށް ވޯޓުލުމަށް ހުރަސްއަޅާ ދަތިކޮށްފައިވާތީ ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަންބަރަށް ޙަވާލާދިނުމާއެކު އެމާއްދާގެ (ށ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އާދަމް ޙަލީމްގެ މައްޗަށް ކޮށްފައިވާ، ވޯޓުލުމަށް ދަތިކުރުމާއި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާކަމާއި

އެޤަޟިއްޔާ ނިންމަވާފައިވަނީ، އެޤަޟިއްޔާގެ ދަޢުވާގައި ބަޔާންކުރެވިފައިވާ މީހުންގެ ނަމުގައި އެމީހުންނަށް ނޭގި "އެމީހަކު ރަށްވެހިވެފައިވާ ރަށްނޫން އެހެންރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމަށްއެދޭ ފޯމު" ތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ ދަޢުވާގައި ބަޔާންކޮށްފައިވާފަދައިން އާދަމް ޙަލީމްކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާކަމަށް ވިދާޅުވެ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަންބަރަށް ޙަވާލާދެއްވައި، އެމާއްދާގެ (ށ)ގެ ދަށުން ވޯޓުލުމަށް ދަތިކުރުމާއި ހުރަސްއެޅުމުގެ ކުށުން މިއާދަމް ޙަލީމް ކުށްވެރިވެއްޖެކަމަށް ކަނޑައަޅުއްވައި، މިކުށުގެ އުޤޫބާތެއްގެ ގޮތުން އެމާއްދާގެ (ށ) ގެ ދަށުން މިއާދަމް ޙަލީމް 01(އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޣައިރު ހާޟިރުގައި ޙުކުމްކުރައްވާފައިކަމާއި

މިކަންކަން އެޤަޟިއްޔާގެ ޝަރީޢަތްނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.

3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/01 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާމެދު ހިތްހަމަނުޖެހޭކަމަށްބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މިމައްސަލަ އިލްތިމާސްކުރުމަށްއެދި އާދަމް ޙަލީމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ސަބަބުތަކުގެ މައްޗަށާއި މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކުގެ މައްޗަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/01 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި މިމައްސަލައާގުޅޭގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ، މައްސަލައާގުޅޭ ލިޔެކިޔުންތަކަށާއި ބަޔާންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

ފުރަތަމަކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިޤަޟިއްޔާގެ ދަށުން ބެލެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/01 ޤަޟިއްޔާއަކީ، އިންތިޚާބީ ކުށުގެ މައްސަލައެއްކަމަށްވާއިރު، އެފަދަ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކީ ދިވެހިރާއްޖޭގެ ހައިކޯޓުކަން ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 64 ވަނަ މާއްދާގެ (ށ) އިން އެނގެން އޮންނައިރު، އެމާއްދާއަކީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) އާއި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި 51 ވަނަ މާއްދާގެ (ބ) އާއި (ކ) އާއި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާ ޚިލާފު މާއްދާއެއްކަމަށް އާދަމް ޙަލީމްދެކި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގެ (ށ) އަކީ ޤާނޫނުއަސާސީގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ހައްޤުތަކާ ތަޢާރުޟުވާ މާއްދާއެއްކަމަށް އާދަމް ޙަލީމްގެ ފަރާތުން ބަޔާންކުރުމާއެކު، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގެ (ށ) އަކީ، ބާޠިލް އަކުރެއްކަމުގައި ކަނޑައަޅުއްވައިދެއްވުމަށާއި އަދި މިމައްސަލައިގައި ޝަރީޢަތްކުރުމަށްޓަކައި މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޖިނާއީ ކޯޓަށް ހުށަހެޅުމަށް އަމުރުކޮށްދެއްވުމަށް ހައިކޯޓުގައި އާދަމް ޙަލީމުގެ ފަރާތުން އެދުމުން، އެނުކުތާއާމެދު ހައިކޯޓުން ގޮތެއްނިންމާފައި ނެތުމަކީ، ޤާނޫނުއަސާސީއާއި ޤާނޫނާ އަދި ޢަދުލު އިންސާފުގެ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ކަމެއްކަމަށްބުނެ، މިމައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްދިނުމަށްއެދި އާދަމް ޙަލީމުގެ ފަރާތުން ހުށަހެޅި ފޯމްގެ 7.2 ގައި އާދަމް ޙަލީމުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބެލުމުގެ ގޮތުން:

1- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިޤަޟިއްޔާގެ ދަށުން ބެލެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/01 ގެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް އާދަމް ޙަލީމްގެ ފަރާތުން ދީފައިވާ ބަޔާންތަކަށްބަލާއިރު، އާދަމް ޙަލީމުގެ ފަރާތުން މިމައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްދިނުމަށްއެދި ހުށަހެޅި ފޯމުގެ 7.2 ގައި އާދަމް ޙަލީމްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/01 ގެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް 10 މާރޗް 2010 ގައި އާދަމް ޙަލީމްގެ ފަރާތުން ދީފައިވާ ބަޔާނުގައި ވާހަކަދައްކާފައިވާކަން އެނގެން އޮންނައިރު، އާދަމް ޙަލީމްގެ މިނުކުތާއާ ގުޅިގެން ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 03 ވަނަ ނަންބަރުގެ (ށ) ގައި އިންތިޚާބުތަކާ ގުޅިގެން ހުށަހަޅާ ޝަކުވާގެ މައްސަލަތަކާއި ކުށުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމަކީ ޤާނޫނީގޮތުން ހައިކޯޓަށް ލިބިދީފައިވާ ޚާއްޞަ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭކަމެއްކަމަށާއި ވަކިޤާނޫނެއްގެ ވަކިމާއްދާއެއް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފުކަމުގައި ދެކޭނަމަ އެކަމަކާބެހޭގޮތުން ކަމާބެހޭ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަކީ ވަކިމައްސަލައެއްގެ ގޮތުގައި ހުށަހަޅަންޖެހޭ އަދި ހުށަހެޅުމުގެ ޙައްޤު ކޮންމެ ފަރާތަކަށްވެސް އޮތްކަމެއްކަމަށް ފަނޑިޔާރުންނަށް އިއްތިފާގުވެވިފައިވާތީކަމަށް ވިދާޅުވެ، ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ދަށުން ހުށަހެޅިފައިވާ ދަޢުވާއަށް ޖަވާބުދާރީވުމަށް އާދަމް ހަލީމަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުން އަންގަވާފައިވާކަން ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 03 ވަނަ ނަންބަރުގެ (ށ) އަށް ބެލުމުން އެނގެން އޮވެއެވެ.

2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/01 ގެ ޤަޟިއްޔާގެ ދަށުން އާދަމް ޙަލީމްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވާ އިންތިޚާބީކުށުގެ މުޅިދަޢުވާ ބިނާވެފައިވަނީ ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ)ގެ 12 ވަނަ ނަންބަރު ގައިބުނާ އިންތިޚާބީ ކުށުގެ ޢަމަލުގެ މައްޗަށް ކަމަށްވެފައިވާ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުތަކުގެ ތެރެއިން މިފަދަ އިންތިޚާބީކުށުގެ ދަޢުވާތައް ފުރަތަމަ މަރުޙަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލުމުގެބާރު ލިބިދެނީ އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 2008/11 ގެ 64 ވަނަ މާއްދާގެ (ށ) އިންކަން އެނގެން އޮންނައިރު އާދަމް ޙަލީމްގެ މައްޗަށް ބުނެވިދިޔަ ހައިކޯޓުގެ ޤަޟިއްޔާގައި އުފުލިފައިވާ އިންތިޚާބީކުށުގެ ދަޢުވާގެ ދިފާޢުގައި އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި އޭނާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި އުފައްދާފައިވާ މައިގަނޑު ޤާނޫނީ އެއްނުކުތާއަކީ، ޤާނޫނު ނަންބަރު 2008/11 ގެ 64 ވަނަ މާއްދާގެ (ށ) އަކީ، ޤާނޫނުއަސާސީގެ މާއްދާތަކަކާ ތަޢާރުޟުވާ މާއްދާއެއްކަމަށްބުނެ އެމާއްދާ ބާޠިލުކޮށްދެއްވައި، އެމައްސަލަ ޖިނާއިކޯޓަށް ހުށަހެޅުމަށް އަމުރެއްކޮށްދެއްވުންއެދި އާދަމް ޙަލީމްގެ ފަރާތުން ހުށަހެޅި ނުކުތާކަން އެނގެން އޮންނައިރު، އެމައްސަލައިގެ މައުޟޫޢު، ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމަށް ނިންމަވާފައިވަނީ، ބުނެވުނު ޤާނޫނުގެ 64 ވަނަ މާއްދާގެ (ށ) އަކީ، އާދަމް ޙަލީމްގެ ފަރާތުން ޙަވާލާދީފައިވާ ޤާނޫނުއަސާސީގެ މާއްދާތަކާ ތަޢާރުޟުވާ މާއްދާއެއްކަން ނުވަތަނޫންކަން އެޤަޟިއްޔާގައި އެއްވެސް މިންވަރަކަށް ބައްލަވާފަނޫންކަން އިސްވެ އިޝާރާތްކުރެވުނު ހައިކޯޓުގެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ށ) އިން ސާފުކޮށް އެނގެން އޮންނައިރު، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) އަށާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ހ) އަށްބެލުމުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިއަސް ޤާނޫނުއަސާސީއާ ޚިލާފުތޯ ބެލުމަށްއެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ކަމާބެހޭ ފަރާތަކުން ހުށަހަޅައިފިނަމަ އެފަދަ މައްސަލައެއް އެކޯޓުން ބެލުމުގެ އަޞްލީ އިޚްތިޞާޞް ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް ލިބިގެންވާކަމާއި އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ށ) ގައި ކޮންމެ ކޯޓެއްގައިވެސް ބަލަމުންދާ މައްސަލައެއްގައި ޤާނޫނުއަސާސީ މާނަކުރާންޖެހިއްޖެނަމަ އެމައްސަލައަކާ ގުޅޭގޮތުން އެކޯޓުން ޤާނޫނުއަސާސީ މާނަކުރުމަކީ، މިމާއްދާގެ (ހ) އާ ތަޢާރުޟުވާ ކަމެއްނޫންކަމަށް ކަނޑައަޅައި ބަޔާންކޮށްފައި އޮންނައޮތުމުންނާއި އަދި ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) އިން ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ޤާނޫނުއަސާސީއާ ޚިލާފުވޭތޯބަލައި، އެކަމުގައި ގޮތެއް ނިންމާންޖެހިއްޖެނަމަ، އެފަދަ މައްސަލައަކީވެސް "ދުސްތޫރީ" މައްސަލައިގެ މާނައިގެ ތެރޭގައި ހިމެނޭ މައްސަލައެއްކަން އެނގެން އޮންނައިރު، އަދި ޤާނޫނުއަސާސީގެ 144 ވަނަ މާއްދާއިން ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ޤާނޫނުއަސާސީއާ ޚިލާފުވާނަމަ އެޚިލާފުވާމިންވަރު އެއީ ބާޠިލް އެއްޗެއް ނުވަތަ ބާޠިލް ކަމެއްކަމުގައި ކަނޑައެޅުމަކީ، ދުސްތޫރީ މައްސަލައެއް ބެލުމުގެ ޙައިޘިއްޔަތާއި، އަދި އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާސް ލިބިގެންވާ ކޮންމެކޯޓަކަށްމެ ލިބިގެންވާ ބާރެއްކަން އެނގެން އޮތްހިނދު، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) އިންނާއި އަދި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ހ) އިން ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ޤާނޫނުއަސާސީއާ ތަޢާރުޟުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތަކަކީ، އެމައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އަޞްލީ އިޚްތިޞާސް ހައިކޯޓަށްވެސް ލިބިގެންވާ މައްސަލަތަކެއްކަން އެނގެން އޮންނައިރުވެސް،

ބުނެވުނު ހައިކޯޓުގެ ޤަޟިއްޔާއެއްގައި ދަޢުވާލިބުނު އާދަމް ހަލީމުގެ މައްޗަށް އުފުލިފައިވާ ދަޢުވާގެ މައުޟޫއު ބައްލަވައި ގޮތެއް ކަނޑައަޅުއްވާފައިވަނީ އެޤަޟިއްޔާގައި އާދަމް ޙަލީމްގެ މައްޗަށް އުފުލިފައިވާ ދަޢުވާގެ ދިފާޢުގައި އޭނާ ފާހަގަކޮށްފައިވާ އިސްވެ ބަޔާންކުރެވިދިޔަ ޤާނޫނީ ނުކުތާގައިބުނާ އިންތިޚާބާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގެ (ށ) އަކީ އާދަމް ޙަލީމުގެ ފަރާތުން ފާހަގަކޮށްފައިވާ، ޤާނޫނުއަސާސީގެ މާއްދާއަކާ ފުށޫއަރާ، ތަޢާރުޟުވާގޮތަށް އޮތްމާއްދާއެއްކަން ނުވަތަ ނޫންކަން ކަނޑައެޅުއްވުމަކާނުލައިކަން އެނގެއެވެ.

3- ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) ގައި ކޮންމެ އިންތިޚާބަކާ ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ކޮންމެ ޢާންމު ވޯޓަކާގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަކާމެދު، ނުވަތަ އިންތިޚާބެއްގެ ނަތީޖާއަކާމެދު، ނުވަތަ އިންތިޚާބާބެހޭ ކަމެއްގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ހިނގާފައިވާކަމަށް އެފަރާތަކުން ޤަބޫލުކުރާ ކަމަކާމެދު ޝަކުވާއެއް އޮތްނަމަ އެޝަކުވާއަކާމެދު ގޮތެއް ނިންމައިދިނުންއެދި އެފަރާތަކުން ހައިކޯޓަށް ހުށަހެޅިދާނެކަމަށް ބަޔާންކުރުމަށްފަހު، ހަމައެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާފަދަ ޝަކުވާތަކާމެދު ޢަމަލުކުރާނޭގޮތް އިންތިޚާބާބެހޭ ޤާނޫނުގައި ކަނޑައަޅާފައި އޮންނަންވާނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، ޤާނޫނު ނަންބަރު 2008/11 އަކީ ޤާނޫނުއަސާސިއާއި ޤާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ހިންގައި ބަލަހައްޓަންޖެހޭ އެންމެހައި އިންތިޚާބުތަކާބެހޭ ޢާންމު އުޞޫލުތަކާއި ކަންކަން ކަނޑައަޅައި ބަޔާންކުރާ "އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު" ކަން އެޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) އާއި (ށ) އިން އެނގެން އޮންނަހިނދު ޤާނޫނު ނަންބަރު 2008/11 ގެ 64 ވަނަ މާއްދާގެ (ށ) ގައި ބުނަނީ "މިމާއްދާގެ (ހ) ގެ ދަށުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު މިޤާނޫނުގެ 63 ވަނަ މާއްދާގައި ބުނެފައިވާ ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ. އެހެންނަމަވެސް މިޤާނޫނާއި ނުވަތަ މިޤާނޫނުގެ ދަށުންހަދާ ޤަވާޢިދާ ޚިލާފަށް ޖިނާއީ ކުށެއް އެއްވެސް ފަރާތަކުން ކޮށްފިކަމުގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް ހައިކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވަނީ އިލެކްޝަންސް ކޮމިޝަންއަށެވެ." މިފަދައިން ކަމަށްވުމުން ޤާނޫނު ނަންބަރު 2008/11 ގެ 64 ވަނަ މާއްދާގެ (ށ) އަކީ، އާދަމް ޙަލީމުގެ ފަރާތުން މިނުކުތައާގުޅިގެން ފާހަގަކޮށްފައިވާ ޤާނޫނުއަސާސީގެ މާއްދާތަކާ ތަޢާރުޟުވާގޮތަށް އޮތް މާއްދާއެއްކަމަށް ބެލެވޭނެތަނެއް ނެތްކަން އެނގެއެވެ.

ދެވަނަކަމަކީ،ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި އާދަމް ޙަލީމްގެ މައްޗަށް އުފުލިފައިވާ ދަޢުވާގެ އަޞްލަށް އާދަމް ޙަލީމްގެ ފަރާތުން ޝަރީޢަތުގައި އިންކާރުކޮށްފައިވާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/01 ގެ ޤަޟިއްޔާގައި އާދަމް ޙަލީމްގެ މައްޗަށް އުފުލިފައިވާ ކުށުގެ ދަޢުވާ، އެއްވެސް ޝައްކެއްނެތް މިންވަރަކަށް އާދަމް ޙަލީމްގެ މައްޗަށް ސާބިތުވާކަމަށް ބައްލަވާފައިވަނީ މައިގަނޑު ދެއަސާސަކަށް ބައްލަވައިގެންކަން އެޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކަށް ބެލުމުން އެނގޭކަމާއި، މިގޮތުން އެޤަޟިއްޔާގައި އާދަމް ޙަލީމްގެ މައްޗަށް އުފުލިފައިވާ ކުށުގެ ދަޢުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށް ހައިކޯޓުން ބައްލަވާފައިވާ ފުރަތަމަ އަސާސަކީ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޟިރުވެ މާތްﷲ ގަންދީ ހުވާކޮށް ހެކިބަސްދީފައިވާ ނަޞްރުﷲ ޝިޔާމުގެ ހެކިބަސްކަމާއި، ދެވަނަ އަސާސަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރިންސިކް ޑިޕާރޓްމަންޓްއިން ތައްޔާރުކޮށްފައިވާ "ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯޓް" މިނަމުގައިވާ ރިޕޯޓްކަން އެނގެން އޮންނައިރު، މީގެ ތެރެއިން ނަޞްރުﷲ ޝިޔާމް މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ހެކިބަހުގެ ބަޔާނުގައި: "އެއީ ދުވާލެއްގަ އެތައްސަތޭކަ ބަޔަކު ޚިދުމަތް ހޯދަން އަންނަތަނެއްގައި ވަކިން ޚާއްސަކޮށް ވަކިމީހަކު ޓަސްލާފައި ނަގައިގަންނަން އުދަނގޫވާނެ އެހެންވީމާ ކަނޑައެޅިގެން މިފޯމްތައް ގެނައީ މިއާދަމް ޙަލީމްކަމެއް ނޭނގޭކަމަށް" ސާފުބަހުން ނަޞްރުﷲ ޝިޔާމް ބުނެފައިވުމުން މިދަޢުވާގައި މިބުނާ 10 މީހުންގެ ނަމުގައިވާ "އެމީހަކު ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" މިނަމުގައިވާ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ އާދަމް ޙަލީމްކަން އެއްވެސް ޝައްކެއްނެތް މިންވަރަށް މިނަޞްރުﷲ ޝިޔާމުގެ ހެކިބަހުން ސާފުނުވާކަމާއި، އަދި އޭނާގެ މިވާހަކައިން މިދަޢުވާގައިވާ، ފަރާތްތަކުގެ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ އާދަމް ޙަލީމްކަމާމެދު ނަޞްރުﷲ ޝިޔާމުގެ މިވާހަކައިން ޝައްކުއުފެދޭކަމާއި އަދި އިސްވެ ޙަވާލާދެވުނު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރިންސިކް ޑިޕާރޓްމަންޓުން ތައްޔާރުކޮށްފައިވާ "ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯޓް" އަކީ ޚަބީރެއްގެ ރައުޔެއް (އެކްސްޕާރޓް އޮޕީނިއަންއެއް) ކަމަށްވާއިރު، ޤާނޫނީ ނަޒަރަކުން ބަލާއިރު، ޖިނާއީ ދަޢުވާއަކާގުޅިގެން ޝަރީޢަތަށް ހުށަހެޅޭ އެކްސްޕާރޓް އޮޕީނިއަންގެ މައްޗަށް ޝަރީޢަތުން ކަމެއް ނިންމުމުގައި އިންސާފުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރަވެމުންދާކަން ކަށަވަރުކުރުމުގެގޮތުން އެފަދަ މައްސަލަތައް ބަލާކޯޓުތަކުން ޚަބީރެއްގެ ރައުޔަށް ބުރަވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އުޞޫލީ ކަންތައްތަކެއްވާކަމާއި، އޭގެތެރޭގައި އެޚަބީރަކު ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށް ޤާޟީގެ ކުރިމަތީގައި ތެދުބަހުން ވާހަކަދެއްކުމުގެ މައްޗަށް ޝަރުޢީ ހަމަތަކުގެ މަތިން ކުރަންޖެހޭ ހުވައިކުރުވުމާއި، އަދި އެޚަބީރަކު، ރައުޔުދީފައިވާ ކަންތަކާގުޅޭގޮތުން މައްސަލައިގައި ހިމެނޭ ޚަޞްމުންނަށް ޝަރީޢަތުގެ މަޖިލީހުގައި އޭނައާ ސުވާލުކޮށް މުނާޤަޝާކުރުމުގެ ފުރުޞަތު ކޯޓުގެ ފަރާތުން ތަނަވަސްކޮށްދިނުން ހިމެނޭކަމާއި، އެހެނީ ޖިނާއީ ދަޢުވާތައް އެކޯޓަށް ހުށަހެޅުމުން، އެފަދަ ދަޢުވާތައް ކޯޓުން ބެލުމުގައި ތަބާވާންޖެހޭ މުހިންމު ޢާއްމު އުޞޫލުތަކެއްވާކަމާއި މީގެތެރެއިން ފުރަތަމަ އުޞޫލަކީ ހާމަކަމާއެކު ޝަރީޢަތްކުރުމުގެ އުޞޫލުކަމާއި، މިއުޞޫލުގެ ބޭނުމަކީ، ޝަރީޢަތް ކުރުމުގައި ކޯޓުގައި ހިނގާ ހުރިހާ އިޖުރާއާތުތަކެއް، އެއްވެސް ތަފާތުކުރުމެއްނެތި މީސްތަކުންނަށް ފެނުމުގެ ފުރުޞަތުލިބިދީ، ކޯޓުތަކުން ޢަދުލު އިންޞާފުގެ ހަމަތަކާ އެއްގޮތަށް ޝަރީޢަތްކުރަމުންދާކަން މީސްތަކުންނަށް ކަށަވަރުކޮށްދިނުންކަމާއި، ދެވަނަ އުޞޫލަކީ ޝަރީއަތްކުރުމުގެ އިޖުރާއާތުތައް، ޝަފަވީކޮށް، އެންމެންނަށް އަޑުއިވޭގޮތަށް ހިންގުމުގެ އުޞޫލުކަމާއި މިއުޞޫލު އެމައްޗަށް ބިނާވެގެންވާ މައިގަނޑު އަސާސަކީ، ހެކިވެރިންނާއި ޚަބީރުންނާއި މިއެންމެހައި ފަރާތްތަކުން ފަނޑިޔާރުންގެ ކުރިމަތީގައި އެމީހުންގެބަސް އަނގަބަހުން ދިނުމާއެކު އެމީހުންގެ ވާހަކަތަކާމެދު އަނގަބަހުން މުނާޤަޝާކޮށް ސުވާލުކުރުމުގެ ފުރުޞަތާއި، އަދި ދަޢުވާކުރާ ފަރާތުގެ ހުށަހެޅުންތަކާއި، ދަޢުވާލިބޭ ފަރާތުގެ ދިފާޢުތައްވެސް ޝަފަވީކޮށް، އިވޭގޮތަށް ޝަރީޢަތަށް ހުށަހެޅުމުގެ ފުރުޞަތު ލިބިދިނުންކަމާއި، އެހެންކަމުން މިއުޞޫލު ނިޔާކުރަނީ ޤާޟީ، އޭނާގެ ޙުކުމް އެމައްޗަށް ބިނާކުރާ ކޮންމެ ދަލީލަކީވެސް ޝަރީޢަތުގެ މަޖިލީހަށް އެކަން ހުށަހެޅި، ޝަފަވީގޮތުން (އަނގަބަހުން) އެމައްޗަށް ވާހަކަދެކެވި، އަދި ޝަފަވީގޮތުން އެއާމެދު މުނާޤަޝާކޮށް ސުވާލުކުރުމުގެ ފުރުޞަތު މައްސަލައިގެ ޚަޞްމުންނަށް ލިބިދިނުމަށްކަމާއި، ތިންވަނަ އުޞޫލަކީ، ޖިނާއީ ދަޢުވާގައި ހިމެނޭ ޚަޞްމުން އެކަކު އަނެކަކާ ކުރިމަތިލައި މުނާޤަޝާކުރުމުގެ ފުރުޞަތު ލިބިދިނުމުގެ އުޞޫލުކަމާއި، މިއުޞޫލު ބިނާވެފައިވަނީ ޖިނާއީ ދަޢުވާގައި ހިމެނޭ ކޮންމެ ޚަޞްމަކުވެސް ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެ، ފަނޑިޔާރުގެ ހުއްދައާއެކު އަނެއް ޚަޞްމު ހުށަހަޅާ ހުރިހާ ދަލީލުތަކެއްބަލައި، އެއާމެދު އޭނަ ދެކޭގޮތް ހާމަކޮށް، އަދި ޚަޞްމަކު ހުށަހަޅާފައިވާ ދަލީލުތަކުގެ އިދިކޮޅު ސާބިތުކުރުމަށް ބޭނުންވާ ދަލީލުތަކުން، އޭނައާ އިދިކޮޅު ޚަޞްމާ ކުރިމަތިލައި ވާހަކަދެއްކުމުގެ ފުރުޞަތު، މައްސަލައިގައި ހިމެނޭ ހުރިހާ ޚަޞްމުންނަށް ލިބިދިނުމުގެ މައްޗަށްކަމާއި، މިބަޔާންކުރެވުނު އެންމެހައި އުޞޫލުތަކެއްވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި، އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ކަނޑައެޅި ބަޔާންވެފައިކަމާއި މިކަންކަން ސާފުކޮށް އެނގެންހުރިއިރު، ބުނެވުނު ހައިކޯޓުގެ ޤަޟިއްޔާގައި އާދަމް ޙަލީމްގެ މައްޗަށް އުފުލިފައިވާ ކުށުގެ ދަޢުވާ، އެއްވެސް ޝައްކެއްނެތް މިންވަރަކަށް ޝަރީޢަތަށް ސާބިތުވާކަމަށް ބެއްލެވި މައިގަނޑު އެއްއަސާސަކީ އިސްވެއިޝާރާތްކުރެވުނު "ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯޓް" ކަމަށްވާއިރު އެރިޕޯޓަކީ ޚަބީރެއްގެ ރައުޔުކަމަށްވެފައި، އެރިޕޯޓުއެއީ، އާދަމް ޙަލީމްގެ މައްޗަށް އެޤަޟިއްޔާގައި އުފުލިފައިވާ ކުށުގެ ދަޢުވާ އެއިންސާބިތުވާ އެއްއަސާސްކަމުގައި ހައިކޯޓުން ބައްލަވާފައިވަނީ، އެރިޕޯޓު ތައްޔާރުކުރި ޚަބީރު، އެރިޕޯޓު ތައްޔާރުކުރިގޮތާމެދު ވާހަކަދެއްކުމަށް، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުނުކޮށްކަމާއި، އަދި މައްސަލައިގެ ޚަޞްމުނަށް، އެޚަބީރާ ސުވާލުކޮށް މުނާޤަޝާކުރުމުގެ ފުރުޞަތުވެސް ދިނުމަކާނުލައިކަން އެޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތުމުން އެޤަޟިއްޔާގައި އާދަމް ޙަލީމްގެ މައްޗަށް އުފުލިފައިވާ ދަޢުވާ، އެއްވެސް ޝައްކެއްނެތްމިންވަރަކަށް ޘާބިތުވާކަމަށް ބައްލަވާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރެވިފައިވާ އަސާސީ ޙައްޤުތައް އާދަމް ޙަލީމަށް ފުރިހަމައަށް ލިބިދެވިގެންކަމަށް ބެލެވޭނެތަނެއް ނެތްކަން އެނގެއެވެ.

ތިންވަނަކަމަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ޙާޟިރުކުރާ ހެކިންނާ ސުވާލުކުރުމާއި، އެމީހަކު ބޭނުން ހެކީން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށްއެދުމާއި، އެހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤުލިބިގެންވާކަމަށް ކަނޑައެޅި ބަޔާންވެފައިވާއިރު، އިސްވެއިޝާރާތްކުރެވުނު، ހައިކޯޓުގެ ޤަޟިއްޔާގައި އާދަމް ޙަލީމްގެ މައްޗަށް އުފުލުފައިވާ ދަޢުވާގެ ދިފާޢުގައި، އޭނާ އެޝަރީޢަތަށް ޙާޟިރުކުރަން ބޭނުންވާ ހެކިންތިބިކަމަށާއި އެ ހެކިން އެ ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް އާދަމް ޙަލީމުގެ ފަރާތުން އެދިފައިވާކަން ހައިކޯޓުގެ އިސްވެއިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް އާދަމް ޙަލީމުގެ ފަރާތުން ދީފައިވާ ބަޔާންތަކަށް ބެލުމުން އެނގެން އޮތްއިރު، އިޝާރާތްކުރެވުނު ހައިކޯޓުގެ ޤަޟިއްޔާގައި އާދަމް ޙަލީމުގެ މައްޗަށް އުފުލިފައިވާ ކުށުގެ ދަޢުވާ، އެއްވެސްޝައްކެއްނެތް މިންވަރަކަށް ސާބިތުވާކަމަށް ބައްލަވައި ޙުކުމް ކުރައްވާފައިވަނީ އާދަމް ޙަލީމްގެ މައްޗަށް އުފުލިފައިވާ ދަޢުވާގެ ދިފާޢުގައި އޭނާގެ ފަރާތުން ހައިކޯޓުގެ އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށްދިނުމަށް އެދުނު ހެކިން އެޝަރީޢަތަށް ޙާޟިރުކުރުމަކާ ނުލައިކަމާއި، އަދި އެފަރާތްތައް އެޝަރީޢަތަށް ޙާޟިރުނުކުރި ސަބަބުވެސް އެޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިފައިނުވާކަމާއި މިކަންކަން މިމަގަށް އެނގެންއޮތުމުން އެޤަޟިއްޔާ ނިންމަވާފައިވަނީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގެދަށުން ލިބިދީފައިވާ އަސާސީ ޙައްޤު އާދަމް ޙަލީމަށް ލިބިދެވިގެން ނޫންކަން އެނގެން އޮންނައޮތުމެވެ.

ހަތަރުވަނަކަމަކީ، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ޝަރީޢަތުގެ މަޖިލީހުން ވަކިމީހެއްގެ ލިޔުން ނުވަތަ ސޮއިބަލައި ފާހަގަކުރަންޖެހިއްޖެ ހިނދެއްގައި އެލިޔުން ނުވަތަ ސޮއިދުށުން އާދަވެފައިވާ މީހަކުދޭ ހެކި އެއީ ޙަޤީޤަތެއްކަމުގައި ބެލޭނެކަމަށް ބަޔާންކޮށްފައިވުމުން، މިމާއްދާ ނިޔާކުރާގޮތުން މީހެއްގެ ސޮއާމެދު ޝަރީޢަތަށް ޤަބޫލުކުރެވޭ، އަދި އެއަށް އިއްތިމާދުކުރެވޭ ހަރުދަނާ ހެކިބަހެއްދެވޭނީ އެމީހެއްގެ ސޮއިދުށުމަށް އާދަވެފައިވާ މީހަކަށް ނުވަތަ ބަޔަކަށްކަން މިމާއްދާއިން ސާފުކޮށް އެނގެންއޮންނައިރު، އާދަމް ޙަލީމްގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާގައި އުފުލިފައިވާ ދަޢުވާ ސާބިތުކުރުމަށް، އާދަމް ޙަލީމްގެ ސޮއިދުށުން އާދަވެފައިވާ މީހަކު، ނުވަތަ ބަޔަކު، ހެކިންގެގޮތުގައި އެދަޢުވާ ސާބިތުކުރުމަށް އެދަޢުވާ ހުށަހެޅި ފަރާތުން ހުށަހަޅާފައިނުވާކަން އެޤަޟިއްޔާގެ ދަޢުވާ ފޯމްގެ 5 ވަނަ ނަންބަރުގައި މައްސަލަ ޘާބިތުކުރުމަށް ހުށަހަޅާ ލިޔުންތަކާއި ހެކިތަކުގެގޮތުގައި ހުށަހަޅާފައިވާ އެންމެހައި ކަންކަމަށް ބެލުމުން އެނގެންއޮންނަކަމެވެ.

ފަސްވަނަކަމަކީ، ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި އާދަމް ޙަލީމްގެ މައްޗަށް އުފުލިފައިވާ ދަޢުވާ ހުށަހެޅި ފަރާތުން އެދަޢުވާ ޘާބިތުކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކާއި ހެކިތަކުގޮތުގައި ހުށަހަޅާފައިވާ އެންމެހައި ހުށަހެޅުންތަކަށް ބަލާއިރު، ބުނެވުނު ހައިކޯޓުގެ ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާގައިބުނާ 10 މީހުންގެ ނަމުގައިވާ "އެމީހަކު ރަށްވެހިވެފައިވާ ރަށެއްނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" މިނަމުގައިވާ ފޯމްތަކުގެ ތެރެއިން 9 މީހެއްގެ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ އާދަމް ޙަލީމްކަމަށް އިސްވެއިޝާރާތްކުރެވުނު ކ. ގާފަރު ފެއަރީވިލާ ނަޞްރުﷲ ޝިޔާމް ނެޝަނަލް އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯއަށް 31 ޖެނުއަރީ 2011 ގައި ދިންކަމަށްބުނާ ބަޔާނުގައި ބުނެފައިވީނަމަވެސް މިމައްސަލައާގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް އޭނާދީފައިވާ ހެކިބަހަކީ، އޭގެމައްޗަށް ބިނާކޮށް މިދަޢުވާގައިބުނާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ފޯމް އިލެކްޝަންސް ކޮމިޝަންއަށް ހުށަހެޅީ އާދަމް ޙަލީމްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ސާބިތުވާފަދަ ހަރުދަނާ ހެކިބަހެއްނޫންކަން މީނާގެ ހެކިބަހާބެހެގޮތުން އިސްވެބަޔާންކުރެވިދިޔަ ސަބަބުތަކުން އެނގެންއޮންނައިރު، މިދަޢުވާގައި މިބުނާމީހުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ އާދަމް ޙަލީމްކަން ދަންނާނެ އިތުރު އެއްވެސް ހެކިވެރިއަކު ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިނުވާކަން އެދަޢުވާގެ ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮތުމުންނާއި އަދި މިޒަމާނަކީ، ފަންނީގޮތުން މީހެއްގެ ސޮއި، އެމީހަކު ސޮއިކުރާގޮތާ އެއްވެސް ތަފާތެއްނެތްގޮތަށް ފޯޖްކޮށް އުފެއްދުމަކީ، ކުރެވިދާނެކަމަކަށްވެފައި މިދަޢުވާ ޘާބިތުކުރުމަށް ހެކިންގެ ގޮތުގައި އާދަމް ޙަލީމްގެ ސޮއިދުށުން އާދަވެފައިވާ މީހަކު ނުވަތަ މީހުންތަކެއް ހުށަހަޅާފައިނުވާހިނދު މިދަޢުވާގައިބުނާ މީސްމީހުންގެ ނަމުގައިވާ ފޯމްތަކުގައި އާދަމް ޙަލީމްގެ ސޮއާ އެއްވައްތަރުގެ ސޮއިތަކެއްހުރުމަކީ، އަދި އެފޯމްތަކުގައިވާ ސޮއިތައް އެގްޒަމިންކުރި ޚަބީރުގެ ރިޕޯޓަކީ އެއަށް ބާރުލިބިދޭ އެހެން ހަރުދަނާ ހެއްކާއި ޤަރީނާނެތި ހެއްކާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ހެކިކަމަށް ބެލެވޭނެތަނެއްނެތަތީ މިދަޢުވާގައިބުނާ ފޯމްތަކުގައި އާދަމް ޙަލީމްގެ ސޮއާ އެއްވައްތަރުގެ ސޮއިތަކެއްހުރުމަކީ، އަދި އެފޯމްތަކުގައިވާ ސޮއިތައް އެގްޒެމިންކުރި ޚަބީރުގެ ރިޕޯޓަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ބުނާ މިންގަނޑަށްފެތޭ ހެއްކެއް ނުވަތަ ޤަރީނާއެއްކަމުގައި ބެލެވޭނެތަނެއްނެތުމެވެ.

ހަވަނަކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަމަށްބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/01 ގެ ޤަޟިއްޔާ އެކޯޓުން ނިންމެވިއިރު ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ އިސްވެޙަވާލާދެވުނު މާއްދާތަކުގައި މުއްތަހަމަށް ލިބިދީފައިވާ ދިފާޢު ގެއްލޭގޮތަށްކަމާއި އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިބުނާ މިންވަރަށް، އާދަމް ޙަލީމްގެ މައްޗަށް އުފުލިފައިވާ ދަޢުވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވާހެކި އެޤަޟިއްޔާއަށް ހުށަހެޅިފައިނުވާކަން އެނގެންއޮންނާތީ އިސްވެ ޙަވާލާދެވުނު ހައިކޯޓުގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާކަމަށް ބެލެވެންނެތުމެވެ.

ޙުކުމް:

އިސްވެދިޔަ ޝަރުޢީ އަދި ޤާނޫނީ ސަބަތުތައް އެގޮތުގެމަތިން ހުރުމާއެކު އާދަމް ޙަލީމްގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/01 ގެ ޤަޟިއްޔާގައި އުފުލިފައިވާ، ވޯޓުލުމަށް ދަތިކުރުމާއި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައެޅުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/01 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް މި ޤަޟިއްޔާ ނިންމީއެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ