—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2011/SC-E/20
ދަޢުވާކުރާ ފަރާތް: އިލެކްޝަންސް ކޮމިޝަން
ދަޢުވާ ލިބޭ ފަރާތް: ޢަބްދުލްމުޙްސިން ޢަލީ
މުޙައްމަދު ޒިޔާދު
މައްސަލައިގެ ބާވަތް: ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ
މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 02 ފެބްރުއަރީ 2011
ނިމުނު ތާރީޚް: 03 ފެބްރުއަރީ 2011
މައްސަލަ ނިންމި ގަޑި: 22:35
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
މައްސަލައިގެ ޚުލާޞާ
މިޤަޟިއްޔާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބ. އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ ޢަބްދުލްމުޙްސިން ޢަލީ އާއި ރ. ކިނޮޅަހު ރަށު ކައުންސިލަށް ކުރިމަތިލާފައިވާ މުޙައްމަދު ޒިޔާދުގެ މައްޗަށް ވައްކަންކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ ކަމަށާއި، ވައްކަން ކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވުމަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ގެއްލިގެންދާކަމެއްކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ކަނޑައެޅިފައިވާކަމަށް ބުނެ، ޢަބްދުލްމުޙްސިން ޢަލީ އާއި މުޙައްމަދު ޒިޔާދު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާ ކަމަށް ކަނޑައަޅައިދިނުން އެދި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
އަދި މިމައްސަލާގައި ދަޢުވާލިބޭ ދެމީހުންގެ ތެރެއިން ޢަބްދުލްމުޙްސިން ޢަލީއަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުން އެއަމުރާ ޙަވާލުވެ، 3 ފެބްރުއަރީ 2011 ވަނަ ދުވަހުގެ 10:30 އަށް ސުޕްރީމް ކޯޓަށް ޙާޟިރުވުމަށާއި ޙާޟިރުނުވެއްޖެނަމަ ޣައިރު ޙާޟިރުގައި މައްސަލަ ހިންގައި ނިންމާނެކަން އަންގައި އިޢުލާނުކުރުމުންވެސް ޙާޟިރުވެފައިނުވާތީ، މިމައްސަލަ ހިންގިފައިވަނީ ޢަބްދުލްމުޙްސިން ޢަލީގެ ޣައިރު ޙާޟިރުގައެވެ.
ފާހަގަ ކުރެވުނު ނުކުތާތައް.
މިމައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، މިބާވަތުގެ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގެ މައްޗަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި، ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީއާއި ޤާނޫނުގެ ބެލެނިވެރިކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައިބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނުމާއެކު އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައިވާ މީހަކަށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެކަމަށް އެމާއްދާގެ (ނ) ގައި ސާފުބަހުން ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވާ އިރު، ބުނެވިދިޔަ ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގައި "އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައިވުން" މިފަދައިން ކަނޑައަޅައި، ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވުމެވެ.
(ށ) ދެވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވުމުގެ ޝަރުޠު ޢަބްދުލްމުޙްސިން ޢަލީގެ ކިބައިގައި ފުރިހަމަނުވާކަމަށް ބުނެ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ކުރީގެ ފުލުސް ކޯޓުގެ ނަންބަރު 87/FC/07 ގެ ޤަޟިއްޔާއިން ޢަބްދުލްމުޙްސިން ޢަލީގެ މައްޗަށް ސާބިތުވެފައިވާ ވައްކަމުގެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން 1 އަހަރާ 6 މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމް ކުރައްވާފައިވާކަން ކްރިމިނަލް ކޯޓުގެ ނަންބަރު 145-P/(M)NECB/2011/348 (26 ޖަނަވަރީ 2011) ގެ ފެކްސް މެސެޖާއެކު ފޮނުއްވާފައިވާ ނަންބަރު 87/FC/07 ގެ ޤަޟިއްޔާގެ ޙުކުމުންނާއި އެ ކޯޓުގެ ނަންބަރު 145-R/NECB/2011/337 (26 ޖަނަވަރީ 2011) ގެ ފެކްސް މެސެޖާއެކު ފޮނުވާފައިވާ ކުށުގެ ރެކޯޑުން އެނގެން އޮންނަކަމާއި، މުޙައްމަދު ޒިޔާދުގެ ކިބައިގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާކަމަށްބުނެ، އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވާ ރ. ކިނޮޅަހު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 06/E17/2010ގެ ޤަޟިއްޔާއިން މުޙައްމަދު ޒިޔާދުގެ މައްޗަށް ސާބިތުވެފައިވާ ވައްކަމުގެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމް ކުރައްވާފައިވާކަން އެނގެންއޮތުމެވެ.
(ނ) ތިންވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި ބުނެފައިވާ ވައްކަމުގެ ކުށް ސާބިތުވެފައި ނެތުމުގެ ޝަރުޠު ޢަބްދުލްމުޙްސިން ޢަލީއާއި ރ ކިނޮޅަސް / ކޮކާހިޔަނި މުޙައްމަދު ޒިޔާދުގެ ކިބައިގައި ފުރިހަމަނުވާކަމަށް އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާތަކުން އެނގެން އޮންނާތީ، ބުނެވިދިޔަ އިންތިޚާބުގައި ވާދަކުރަން މި ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތްތަކަށް އޮތް ޙައްޤަށް ޤާނޫނީގޮތުން ހުރަސްއެޅިފައިވާކަން އެނގެން އޮންނަ އޮތުމެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުގެ އިތުރަށް މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-E/04 ޤަޟިއްޔާއާއި، ނަންބަރު 2011/SC-E/06 ޤަޟިއްޔާއިން ކަނޑައެޅި ކަނޑައެޅުމުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 އިން ލާޒިމްކުރާ އެއްވެސް ޝަރުޠެއް ފުރިހަމަނުވާ ފަރާތަކަށް އެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ލިބިގެންނުވާނެކަން އެނގެން އޮތުމާއެކު އެއުޞޫލުގެ މައްޗަށް ރިޢާޔަތްކޮށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ކެންޑިޑޭޓެއްގެ ޙައިޞިއްޔަތުން ބައިވެރިވުމުގެ ޙައްޤު ރ ކިނޮޅަސް / ކޮކާހިޔަނި މުޙައްމަދު ޒިޔާދަށާއި ޢަބްދުލްމުޙްސިން ޢަލީއަށް ލިބިގެންނުވާކަމަށް ޢަބްދުލްމުޙްސިން ޢަލީގެ ޣައިރު ޙާޟިރުގައި، ކަނޑައަޅައިފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނުޝަ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.