ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2012/SC-A/02ސުޕްރީމް ކޯޓު · 8 ޑިސެމްބަރު 2015

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 8 ޑިސެމްބަރު 2015ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2012/SC-A/02

ދަޢުވާކުރާ ފަރާތް: ޢަބްދުﷲ ހާދީ

ދަޢުވާ ލިބޭ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

މައްސަލައިގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުން

މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން

ހުށަހެޅުނު ތާރީޚް: 21 ޑިސެމްބަރ 2011

ރަޖިސްޓްރީކުރެވުނު ތާރީޚް: 21 ޖެނުއަރީ 2012

ނިމުނު ތާރީޚް: 08 ޑިސެމްބަރ 2015

މައްސަލަ ނިންމި ގަޑި: 12:15

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

އިލްތިމާސް ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2010/HC-A/187

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 10 އޯގަސްޓް 2010

ނިމުނު ތާރީޚް: 09 އޯގަސްޓް 2011

މައްސަލައިގެ ޚުލާޞާ

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/187 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވާގޮތް، ޝަރުޢީ އަދި ޤާނޫނީގޮތުން ރަނގަޅުނޫންކަމަށްބުނެ އެކަންތައްތައް ފާހަގަކޮށް އެ ޤަޟިއްޔާ އަލުން ބަލައިދިނުމަށް އެދި މއ.މާޖެހިވިލާ ޢަބްދުﷲ ހާދީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލައިދެވުނު މައްސަލައެކެވެ. އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2010/HC-A/187 ޤަޟިއްޔާއަކީ ޖިނާއީކޯޓުގެ ނަންބަރު 288/JC/2003 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނޫންކަމަށްބުނެ މއ.މާޖެހިވިލާ ޢަބްދުﷲ ހާދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމުން ބެލިފައިވާ މައްސަލައެކެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.

ފާހަގަކުރެވުނު ނުކުތާތައް.

މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޚަޞްމުން ދެއްކި ވާހަކަތަކަށާއި، ހުށަހެޅިފައިވާ އެންމެހައި ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/187 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ އިތުރުން، ޖިނާއީ ކޯޓުގެ ނަންބަރު 288/JC/2003 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ޖިނާއީ ކޯޓުގެ ނަންބަރު 288/JC/2003 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ، މއ.މާޖެހިވިލާ ޢަބްދުﷲ ހާދީގެ މައްޗަށް ދައުލަތުން ދަޢުވާ ކުރެއްވުމުން ބެލިފައިވާ މައްސަލައެއްކަމާއި، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ދަޢުވާއަކީ "ޢަބްދުﷲ ހާދީ 27 އޯގަސްޓު 2002 ދުވަހުގެރޭ 21:00 ހާއިރު، މީނާ އުޅޭގެ ކަމަށްވާ ކ.މާލޭ، މއ.މާޖެހިވިލާގައި ހުއްޓައި، ޏ.ފުވައްމުލައް ފުސްތުޅާގޭ އިބްރަހީމް ނަޢީމް ދިއުމުން، ޢަބްދުﷲ ހާދީ، ޏ.ފުވައްމުލަކުގައި މަސްތުވާތަކުތީގެ ވިޔަފާރިކުރާ ފުރިހަމަ ނަމާއި އެޑްރެސް ނޭނގޭ މަސްޢޫދު ކިޔާ މީހަކު ބުނެގެން، ބޭސްދަޅަކަށް އަޅައި ބަންދުކޮށްފައި ހުރި 11 ބްލެޓު ހެރޮއިން، ޏ.ފުވައްމުލަކަށް ގެންދިއުމަށް އިބްރާހީމް ނަޢީމް އަތަށް ދީފައިވާތީއާއި، މީނާ 29 އޯގަސްޓު 2002 ދުވަހުގެ ފްލައިޓުން އައްޑުއަށްގޮސް ހަމަ އެދުވަހު ފުވައްމުލަކަށްގޮސް އެދުވަހުގެ 17:30 ހާއިރު އިބްރާހީމް ނަޢީމު އުޅޭ ގެކަމަށްވާ އެރަށު ފުސްތުޅާގެއަށްގޮސް އިބްރާހީމް ނަޢީމު އަތުން، މީނާ ޙަވާލުކުރި 11 ބްލެޓު ހެރޮއިންގެ ތެރެއިން 3 ބްލެޓު ހެރޮއިން އަނބުރާ ލިބުމުން، މީނާ އުޅޭ ގޭގެ ފާރު ކައިރީގައި އެތަކެތި ވަޅުލައި ފޮރުވާފައި ވާތީއާއި، ސިފައިންގެ ބޭކަލުން މީނާއުޅޭގެ ޗެކްކުރެއްވިއިރު ވަޅުލާފައިވާ 14.0 ގްރާމް ހެރޮއިން ފެނިފައިވާތީކަމަށް ވިދާޅުވެ ޤާނޫނު ނަންބަރު 77/17 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ ދެވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ބައިވެރި ވުމުގެ ކުށުގެ ދަޢުވާ އާއި، އެމާއްދާގެ (ށ) ގެ ދަށުން މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ" ކުރައްވާފައިވާ ޤަޟިއްޔާއެއް ކަމާއި،

އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެ ޙުކުމުގައި ވަނީ "ދެންފަހެ، މާލޭ ޢަބްދުﷲ ހާދީގެ މައްޗަށް ދައުލަތުން ދަޢުވާކުރި މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ބައިވެރިވުމުގެ ކުށާއި، މަނާކުރެވިފައިވާ މަސްތުވާ ތަކެތި ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލަ ޝަރީޢަތުން ބެލިބެލުމުން، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ޢަބްދުﷲ ހާދީ ބައިވެރިވެފައިވާކަން ޝަރީޢަތަށް ސާބިތުވާވަރުގެ ހެކި ލިބިފައި ނުވާތީ މަނާކުރެވިފައިވާ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގައި ބައިވެރިވުމުގެ ކުށް ޢަބްދުﷲ ހާދީގެ މައްޗަށް ޝަރީޢަތަށް ސާބިތު ނުވާކަމަށާއި، ޏ.ފުވައްމުލަކުގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ މީހުން ހޯދުމަށްޓަކައި ޕޮލިސް ހެޑްކުއޯޓަރޒްގެ ފަރާތުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ގޭގެ ގޯތިތެރޭގައި ހުރި ގަހެއްގެ ދަށުގައި ވަޅުލާފައި ހުރި ހެރޮއިންކަމަށް ބެލެވޭ އެއްޗެއްހުރި 03 ބްލެޓު ޢަބްދުﷲ ހާދީ، ޕޮލިސް ހެޑްކުއޯޓަރޒްގެ ފަރާތުން އެރަށަށް ގޮސްތިބި މިހުންނަށް ދެއްކިކަން އެމީހުންގެ ބަހުން އެނގެން އޮންނާތީއާއި، އެމީހުންނަށް ޢަބްދުﷲ ހާދީ ދެއްކިކަމަށް އެމީހުންބުނާ 03 ބްލެޓުގައި ހުރި ތަކެތި ތަޙްލީލް ކުރިއިރު، އޭގައި ހެރޮއިންގެ ބާވަތެއް އެކުލެވިގެންވާ ކަމާއި، އޭގައި ހުރި ކުނޑީގެ ޖުމްލަ ބަރުދަނަކީ 14.0 ގްރާމްކަން ޕޮލިސް ހެޑްކުއޯޓަރޒްގެ ނަންބަރު: 115/2002/DR/(3)NSS-2E ލިއުމުން އެނގެން އޮންނާތީއާއި، އެތަކެއްޗަކީ ޢަބްދުﷲ ހާދީގެ ތަކެތިކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭތީ، ޤާނޫނު ނަންބަރު 77/17 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ ދެވަނަ މާއްދާގެ (ހ) އާއި (ށ) އާއި ޙަވާލާދީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން ޢަބްދުﷲ ހާދީ ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ ދެވަނަމާއްދާގެ (ރ) ގެ ދަށުން ޢަބްދުﷲ ހާދީ ޢުމުރަށް ޖަލަށްލުމަށް ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީއެވެ." މިފަދައިންކަން އެނގެން އޮންނަ އޮތުމެވެ.

(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/187 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވާގޮތް، ޝަރުޢީ އަދި ޤާނޫނީގޮތުން ރަނގަޅުނޫންކަމަށްބުނެ މއ. މާޖެހިވިލާ ޢަބްދުﷲ ހާދީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ހަތަރު ނުކުތާއެއްކަން އެނގޭކަމާއި، އެއީ؛

1. ޢަބްދުﷲ ހާދީގެ މައްޗަށް ކުރެވިފައިވާ ދަޢުވާއަކީ ޖިނާއީ ކުށެއްގެ ދަޢުވާކަމުގައި ވާއިރު ޢަބްދުﷲ ހާދީގެ މައްޗަށް މި ދަޢުވާ ކޮށްފައިވަނީ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުވާވަރުގެ، ހެއްކާއި ޤަރީނާ ނެތި ކަމަށްބުނެ ހުށަހެޅި ނުކުތާއާއި،

2. ޢަބްދުﷲ ހާދީގެ މައްޗަށް ދަޢުވާ ކުރެވިފައިވަނީ މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ބައިވެރިވުމުގެ ކުށާއި، މަނާކުރެވިފައިވާ މަސްތުވާތަކެތި ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ކަމުގައިވާއިރު، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ބައިވެރިވާކަން ޝަރީޢަތަށް ސާބިތުވާވަރުގެ ހެކި ލިބިފައިނުވުމާއި އަދި މަނާކުރެވިފައިވާ މަސްތުވާތަކެތި ވިޔަފާރިކުރުމަށްޓަކައި ނުވަތަ އެނޫން ބޭނުމެއްގައިވެސް ޢަބްދުﷲ ހާދީގެ އަތުގައި ނުވަތަ ޢަބްދުﷲ ހާދީ ޒިންމާވާންޖެހޭ އެއްވެސް ތަނެއްގައި ބަހައްޓަފައިވާކަން އެނގެން ނެތީސް، ކޮށްފައިވާ ދަޢުވާއެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

3. ޢަބްދުﷲ ހާދީގެ މައްޗަށް ފުލުހުންގެ ބޭކަލުން ހެކިބަސް ދީފައިވާއިރު އެބޭކަލުން އެ ޙާދިޘާ ހިނގިކަމަށް ބުނާ ތަނަށްގޮސް، ތައްޔާރުކޮށްފައިވާ ޙާދިޘާ ހިނގިތަނަށް ދިޔަ މީހުންގެ ބަޔާނަކީ، އެހުރިހާ މީހުންގެ ވާހަކަ އެއްބަޔާނެއްގައި އޮތް ލިޔުމެއްކަމުގައިވާއިރު މި މައްސަލާގައި ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައިވެސް ތަފްޞީލުކޮށް ޙާދިޘާ ބުނެދީފައިނުވުމާއި، އެއް ބޭކަލެއްގެ ބަޔާނާ އަނެއް ބޭކަލެއްގެ ބަޔާން ފުށުއަރާގޮތަށް، ދިމާނުވާގޮތަށް އޮތުމުންނާއި އެ ބޭކަލުން އެ ޙާދިޘާ ރަނގަޅަށް ހަނދާންވެސް ނެތްކަމަށް ދޭހަވާ ގޮތަށް ބުނެދީފައި އޮތުމުން އެ ބޭކަލުންގެ ހެކިބަހުގެ ޔަޤީންކަމާ ދޭތެރޭ ޝައްކު އުފެދޭކަމަށާއި މިގޮތުން އަޙްމަދު ޝަމީމް ބުނެފައިވަނީ އެތަކެތި ނެގީ ޢަބްދުﷲ ހާދީ ކަމުގައި ކަމަށާއި ނަމަވެސް އިބްރާހިމް ޙުސައިން ބުނެފައިވަނީ އެތަކެތި ނެގީ އެމީހުން ކަމުގައިކަމަށާއި މުޙައްމަދު ފަރީމްގެ އެކަމާދޭތެރޭ ސާފު ބަޔާނެއް ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

4. މައްސަލައިގައި ޢަބްދުﷲ ހާދީގެ މައްޗަށް ހެކިބަސްދީފައިވާ މީހުންނަކީ ތަޙުޤީޤުގައި ޢަބްދުﷲ ހާދީއަށް އަނިޔާކޮށްފައިވާ މީހުންކަމުގައިވާތީ އެކަން ޝަރީޢަތުގެ މަޖިލީހަށް ސާފުވާވަރަށް ހެކިންގެ ބަހުން އެގެން އޮތުމާއެކު އެމީހުންނަކީ ޢަބްދުﷲ ހާދީއާމެދު ޒާތީ ދެކޮޅުވެރިކަމާ ދުޝްމަނުކަންއޮތް ބަޔަކު ކަމަށްބެލެން އޮތުމާއި، އެފަދަ ބަޔަކު ޢަދުލުވެރިކަމާއެކު ޢަބްދުﷲ ހާދީ އާމެދު ހެކިބަހެއްދޭނެ ކަމަށް ޤަބޫލުކުރެވެން ނެތުމާއެކުވެސް ހަމައެކަނި އެމީހުންގެ ބުނުމެއްގެ މައްޗަށް މައްސަލަ ނިންމަވާފައިވާކަމަށާއި ޢަބްދުﷲ ހާދީއަށް އަނިޔާކުރި މީހުންގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާކަމަށް ބުނެ ހުށަހެޅި ނުކުތާކަން އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަ ކަމަކީ، ޢަބްދުﷲ ހާދީގެ މައްޗަށް ދަޢުވާ އުފުލިފައިވާ މި މައްސަލައަށް ބަލާއިރު މީނާގެ މައްޗަށް އޭރު މި ދަޢުވާ ކޮށްފައިވަނީ ޢަބްދުﷲ ހާދީ 27 އޯގަސްޓު 2002 ދުވަހުގެރޭ 21:00 ހާއިރު މީނާ އުޅޭގެ ކަމަށްވާ ހުއްޓައި، އިބްރަހީމް ނަޢީމް ދިއުމުން، ޢަބްދުﷲ ހާދީ ޏ.ފުވައްމުލަކުގައި މަސްތުވާތަކުތީގެ ވިޔަފާރިކުރާ ފުރިހަމަ ނަމާއި އެޑްރެސް ނޭނގޭ މަސްޢޫދު ކިޔާ މީހަކު ބުނެގެން، ބޭސްދަޅަކަށް އަޅައި ބަންދުކޮށްފައި ހުރި 11 ބްލެޓު ހެރޮއިން، ޏ.ފުވައްމުލަކަށް ގެންދިއުމަށް އިބްރަހީމް ނަޢީމް އަތަށް ދިނުމަށްފަހު، މީނާ 29 އޯގަސްޓު 2002 ދުވަހުގެ ފްލައިޓުން އައްޑުއަށްގޮސް ހަމަ އެދުވަހު ފުވައްމުލަކަށްގޮސް އެދުވަހުގެ 17:30 ހާއިރު އިބްރާހީމް ނަޢީމު އުޅޭ ގެކަމަށްވާ އެރަށު ފުސްތުޅާގެއަށްގޮސް އިބްރާހީމް ނަޢީމުއާ، މީނާ ޙަވާލުކުރި 11 ބްލެޓު ހެރޮއިންގެ ތެރެއިން 3 ބްލެޓު ހެރޮއިން އަނބުރާ ލިބިގަތުމަށްފަހު، މީނާ އުޅޭ ގޭގެ ފާރު ކައިރީގައި ވަޅުލައި ފޮރުވާފައި ވާކަމަށް މީނާ ތަޙުޤީޤުގައި ވެފައިވާ އިޢުތިރާފުގެ އިތުރުން، ސިފައިންގެ ބޭކަލުން މީނާއުޅޭގެ ޗެކްކުރެއްވިއިރު، މީނާ ވަޅުލައިފައިވާ ތިން ބްލެޓު ހެރޮއިން ސިފައިންގެ ބޭކަލުންނަށް މީނާ ދެއްކިކަމަށް ޙާދިޘާ ހިނގިތަނަށް ދިޔަ ސިފައިން ބުނެފައިވާތީ އެމީހުންގެ ހެކިބަހުގެ މައްޗަށް ބުރަވެކަން އެނގެން އޮންނަ އޮތުމެވެ.

(ރ) ހަތަރުވަނަ ކަމަކީ، ތުހުމަތު ކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީއަތުގެ މަޖިލީހުގައިވާ އިޢުތިރާފު ފިޔަވައި އެހެން އިޢުތިރާފު ތަކަކީ ހެއްކެއް ކަމުގައެއް ނުބެލެވޭނެ ކަމަށާއި، މީހަކަށް މަޖުބޫރު ކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނޭ ކަމެއް ނޫންކަމަށާއި، އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ޤަބޫލު ކޮށްގެން ނުވާނޭކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮތުމެވެ.

(ބ) ފަސްވަނަ ކަމަކީ، އެ މީހަކު ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ އެމީހަކީ ކުށެއްނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އިން ކޮންމެ މީހަކަށްމެ ލިބިދީފައިވާ އަސާސީ ޙައްޤެއްކަން އެ މާއްދާއިން އެނގެން އޮންނަ އޮތުމެވެ.

(ޅ) ހަވަނަ ކަމަކީ، ޢަބްދުﷲ ހާދީގެ މައްޗަށް މި ދަޢުވާ ކޮށްފައިވާ އެއް ސަބަބަކީ ޕޮލިސް ހެޑްކުއޯޓަރޒްގެ ފަރާތުން ޏ. ފުވައްމުލަކަށް ގޮސްތިބި ސިފައިންގެ ބޭކަލުންނަށް ޢަބްދުﷲ ހާދީ ނަގައި ދެއްކިކަމަށް އެބޭކަލުން ބުނާ ތިން ބްލެޓުގައި ހުރި ކުނޑީގައި ހެރޮއިންގެ ބާވަތެއް އެކުލެވިގެން ވާކަމާއި އޭގެ ޖުމްލަ ބަރުދަނަކީ 14.0 ގްރާމުކަން އެ ތަކެތީގެ ތަޙުލީލު ރިޕޯޓުން އެނގޭތީ ކަމަށްވާއިރު، މަސްތުވާ އެއްޗެއް މީހަކު ބޭނުން ކޮށްފައިވާކަން، ނުވަތަ ބޭނުންކޮށްފައިވާ މަސްތުވާ އެއްޗެއްގެ ބާވަތް، ނުވަތަ މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ މިންވަރު ދެނެގަތުމަށް ސައިންޓިފިކް އުޞޫލުގެމަތިން ބަލަންޖެހޭ ބެލުންތައް ބެލުމަށް ބޭނުންވާ ތަޢުލީމީ ފާހާއި ތަޖުރިބާ ލިބިފައިވާ އަދި މިފަދަ ތަޙުލީލުކޮށް ލިއުންދޫކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ހެލްތުން ލިބިފައިވާ މީހަކު، މިއިންކަމެއް ބެލުމަށްފަހު، އެކަމަކާ ބެހޭގޮތުން، ޝަރީއަތުގެ މަޖިލީހުގައި ދޭ ބަޔާނަކީ، އެކަމެއް ސާބިތު ކުރުމަށްޓަކައި ލިބޭ ހަރުދަނާ ޤަރީނާއެއްކަމާއި، ބުނެވިދިޔަފަދަ ތަޢުލީމީ ފާސް ލިބިފައިވާ މީހަކު، ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާނުގައި، ތަޙުލީލު ކުރެވުނު މަސްތުވާ އެއްޗެއްގެ ބާވަތާއި ނަމާއި، މަސްތުވާ އެއްޗެއް ސިފަކޮށްދޭ ދިނުމާއި އޭގެ ބަރުދަނާއި، މަސްތުވާ އެއްޗެއްގެ ތެރެއަށް އެހެންއެއްޗެއް އެ އްކޮށްފައިވާނަމަ އެއެއްޗެއްގެ ބާވަތާއި ނަން އަދި އެ މަސްތުވާއެއްޗެއް ބަހައްޓާފައިވާ އެތި، އަދި އެ މަސްތުވާއެއްޗެއް ތަޙުލީލު ކުރެވުނު ގޮތާއި އޭގެ ނަތީޖާއާ ބެހޭ ގޮތުން ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާނަކީ އެކަމާބެހޭގޮތުން ޝަރީއަތަށް ޤަބޫލުކުރެވޭނެ ބަޔާނެއްކަން މި ހާދިޘާ ހިނގިއިރު ޢަމަލުކުރެވެމުންއައި ޤާނޫނު ނަންބަރު 77/17 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާއިން އެނގެން އޮންނަ އޮތުމުން މިފަދަ ކަންކަމުގައި ޝަރީޢަތަށް ޤަބޫލުހުރެވޭ އަދި ހަރުދަނާ ޤަރީނާއެއްގެ ގޮތުގައި ބެލެވޭ ބަޔާނަކީ ތަޙުލީލުކުރާ މީހާ ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާންކަން އެނގެން އޮތްއިރު ޤާނޫނުގައި ބުނާ ޝަރުޠުތައް ހަމަވާ ފަރާތެއް މި މައްސަލާގައި ހިމެނޭ މަސްތުވާ ތަކެތި ތަޙުލީލުކުރި ފަރާތެއްގެ ގޮތުގައި ޝަރީޢަތަށް ޙާޟިރުކުރެވިފައި ވާކަން އެނގެން ނެތްކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަން ފާހަގަ ކުރެވޭ ކަމެވެ.

(ކ) ހަތްވަނަ ކަމަކީ، ޢަބްދުﷲ ހާދީގެ މައްޗަށް ޖިނާއީ ކޯޓުގައި ދަޢުވާ އުފުލިފައިވާ މި މައްސަލާގައި ހެކިބަސް ދީފައިވާ މީހުންނަކީ ޢަބްދުﷲ ހާދީއަށް އަނިޔާކުރި މީހުން ކަމަށާއި، އެ މީހުންގެ ހެކިބަހުގައި އެކަށީގެންވާ މިންވަރެއްގެ ޝައްކެއް އުފެދޭ ވަރުގެ ފުށޫއެރުން ތަކެއް ހުރިކަމަށް ބުނެ ޢަބްދުﷲ ހާދީ ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ބެލިއިރު، ޢަބްދުﷲ ހާދީއަށް އަނިޔާކުރި ކަމަށް އޭނާ ބުނެފައިވާ ލާންސް ކޯޕްރަލް އިބްރާހީމް ޙުސައިނާއި، ސަރޖަންޓް އަޙްމަދު ޝަމީމާއި، ސަރޖަންޓް މުޙައްމަދު ފަރީމާއި، ޕްރައިވެޓް މުޙައްމަދު ސާމިޙް އަކީ ޢަބްދުﷲ ހާދީގެ މައްސަލަ ތަޙުޤީޤުކުރި މީހުން ކަމާއި އެ ހަތަރު މީހުން ޢަބްދުﷲ ހާދީއަށް އަނިޔާކުރި ކަމަށްބުނާ މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ތަޙުޤީޤުކޮށް ބެލިއިރު އެ މައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކަށާއި ހެކިންގެ ވާހަކަތަކަށް ބަލާއިރު ޢަބްދުﷲ ހާދީގެ މައްސަލަ ތަޙުޤީގުކުރަމުން ގެންދިޔަ ފުލުހުން ޢަބްދުﷲ ހާދީއަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމަށާއި ޢަބްދުﷲ ހާދީ ލައްވައި ބަޔާނެއްގައި ސޮއިކުރުވާފައި ވަނީވެސް ގަދަކަމުން މަޖުބޫރު ކޮށްގެން ކަމަށް އެކޮމިޝަނަށް ފެންނާތީ އެ ހަތަރު މީހުންގެ މައްޗަށް ދަޢުވާ ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެ ހަތަރު މީހުންގެ މައްޗަށް ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ކޮށްފައިވާކަން ހުށަހެޅުނު ލިއުންތަކުންނާއި ދެފަރާތުގެ ބަހުން އެނގެން އޮންނާތީ، ޢަބްދުﷲ ހާދީގެ މައްސަލަ ތަޙުޤީޤުކުރި ފަރާތްތައް ޢަބްދުﷲ ހާދީއާ ދެކޮޅަށް ދީފައިވާ ހެކިބަހުގެ ޞައްޙަކަމާމެދު އެކަށީގެންވާ ޝައްކެއް އުފެދިފައި ވާތީ އެމީހުންގެ ހެކިބަހަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޢަބްދުﷲ ހާދީގެ މައްޗަށް މިކުށް ސާބިތު ކުރުމަށްޓަކައި ޤަބޫލުކުރެވޭފަދަ ޞައްޙަ ހެކިބަހެއްކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންނަށް ނުފެނުމެވެ.

(އ) އަށްވަނަ ކަމަކީ، މި ޤަޟިއްޔާއާ ގުޅިގެން ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށާއި، ހުށަހެޅުނު ލިޔެކިޔުންތަކުގެ މައްޗަށް ބަލައި އިސްވެ ފާހަގަ ކުރެވުނު ސަބަބުތައް ބުނެވިދިޔަ ގޮތުގެމަތިން ހުރުމާއެކު ޢަބްދުﷲ ހާދީގެ މައްޗަށް ދައުލަތުން ކުރެއްވި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމުގައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ މީނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅުއްވައި އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޢަބްދުﷲ ހާދީ އުމުރަށް ޖަލަށްލުމަށް ޖިނާއީ ކޯޓުން ކުރެއްވި ޙުކުމަށް ތާއީދުކުރައްވައި ދިވެހި ރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ މި މައްސަލައިގެ ޙުކުމަށް ބަދަލުގެންނަން ޖެހޭކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އިއްތިފާޤު ވެފައިވުމެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ޝަރުޢީ އަދި ޤާނޫނީ ސަބަބުތައް އެގޮތުގެމަތިން ހުރިއިރު، ދައުލަތުން ކުރެއްވި މި ދަޢުވާގެ އަޞްލަށް މއ.މާޖެހިވިލާ ޢަބްދުﷲ ހާދީ ޝަރީޢަތުގައި އިންކާރުކޮށްފައިވުމާއި، އަދި ޢަބްދުﷲ ހާދީގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މި ދަޢުވާ އުފުލިފައިވަނީ މި މައްސަލަ ތަޙްޤީޤުކުރި ފަރާތްތަކުގެ ހެކިބަހުގެ މައްޗަށް ބިނާކޮށްގެންކަމަށްވާއިރު، މި މައްސަލަ ތަޙްޤީޤުކުރުމުގެ ތެރޭގައި އެ ފަރާތްތަކުން ޢަބްދުﷲ ހާދީއަށް އަނިޔާކޮށް މާރާމާރީ ހިންގާފައިވާކަމަށާއި ޢަބްދުﷲ ހާދީގެ ތަޙްޤީޤު ބަޔާނަކީ، ޢަބްދުﷲ ހާދީއަށް އަނިޔާކޮށްގެން ގަދަކަމުން ނަގާފައިވާ ބަޔާނެއްކަމަށް އެ މައްސަލަ ތަޙްޤީޤުކުރި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ފާހަގަކުރެވިފައިވާތީ، އެ ހަތަރު މީހުންގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެމައްސަލަ ފޮނުވުމާ ގުޅިގެން ޢަބްދުﷲ ހާދީއާ މެދު މާރާމާރީ ހިންގައި އަނިޔާކޮށް ގަދަކަމުން ބަޔާންނެގިކަމަށް ތަޙްޤީޤަށް ސާބިތުވެފައިވާ އެ ހަތަރު މީހުންގެ މައްޗަށް ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޖިނާއީ ދަޢުވާ އުފުލާފައިވުމުން މި ހަތަރު މީހުންގެ ހެކިބަހަކީ، ޢަބްދުﷲ ހާދީގެ މައްޗަށް މި ދަޢުވާ ސާބިތުކުރުމަށްޓަކައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޤަބޫލުކުރެވޭފަދަ ޞައްޙަ ހެކިބަހަކަށް ނުވާނެތީ، ޖިނާއީ ކޯޓުގެ ނަންބަރު 288/JC/2003 ޤަޟިއްޔާ އާއި އަދި އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާޢީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/187 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ކުރެއްވުމުގައި އިސްވެ ބަޔާންކުރެވިދިޔަ ޝަރުޢީ އަދި ޤާނޫނީ ހަމަތަކަށް ރިޢާޔަތްކޮށްފައި ނުވާކަން އެނގެން އޮންނާތީ، ޖިނާއީ ކޯޓުގެ ނަންބަރު 288/JC/2003 ޤަޟިއްޔާގެ ޙުކުމާއި އެ ޙުކުމަށް ތާޢީދުކުރައްވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/187 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކުރުމާއެކު،

ޢަބްދުﷲ ހާދީގެ މައްޗަށް ދައުލަތުންކުރި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް، ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މި ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ