އަޙްމަދު ޢަލީ ވ. ޖަމީލާ ޙުސައިން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2009/HC-A/91، 160/B12C/2006
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- މަރްޙޫމް ޢަލީ ޙުސައިންގެ ތަރިކަ ހަމަޖައްސައިދިނުމަށް އެދި އޭނާގެ ދަރިފުޅު އަޙްމަދު ޢަލީ ހުށަހެޅި މައްސަލައިގައި، ހދ. ކުޅުދުއްފުށީ ކޯޓުގެ 160/B12C/2006 ޤަޟިއްޔާއިން، ފުރުއްމާގެ ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ތަކެތި ވާރިޘުންގެ މެދުގައި ބަހައި ޙުކުމްކުރިއެވެ. ޖަމީލާ ޙުސައިން އިސްތިއުނާފުކުރުމުން، ހައިކޯޓުގެ 2009/HC-A/91 ޤަޟިއްޔާއިން، ގޯތީގެ ރަޖިސްޓްރީ ހަދާފައިވަނީ ވެރިފަރާތް ރަނގަޅަށް ބެލުމަކާ ނުލައި ކަމަށާއި، ގޯއްޗަކީ ޢަލީ ޙުސައިންއަށް ސަރުކާރުން ޙަވާލުކުރި ގޯއްޗެއް ނޫންކަމަށް ކަނޑައަޅައި، ރަށު ކޯޓުގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ޙުކުމެއް ނޫންކަމަށް ނިންމިއެވެ. އަޙްމަދު ޢަލީ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރިއެވެ.
- ވާޤިޢާ
- ޢަލީ ޙުސައިން ނިޔާވީ 1979 ގައެވެ. ގޯތީގެ ރަޖިސްޓްރީ 24 ޑިސެމްބަރ 1997 ގައި ޢަލީ ޙުސައިންގެ ނަމުގައި ހަދާފައިވަނީ، އޭނާ ނިޔާވިތާ ވިހި އަހަރު ވަރަކަށް ފަހުން، އައިޑެންޓިޓީ ކާޑު ހެދުމުގެ ބޭނުމަށް ގޭގެ އިސްމީހާގެ ގޮތުގައި ލިޔެވިފައިވާ ނަމުގައެވެ. ޖަމީލާ ޙުސައިން ބުނީ، ގޯއްޗަކީ އޭނާގެ މަންމަ ޚަދީޖާ މުޙައްމަދުގެ ގޯއްޗެއް ކަމަށެވެ. ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި ދެފަރާތުން ބުނީ، ގޯއްޗަކީ ޢަލީ ޙުސައިންއާއި ޖަމީލާ ޙުސައިންގެ ބައްޕަ މަރްޙޫމް ޙުސައިން ޢަލީގެ ގޯއްޗެއް ކަމަށެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ތަރިކަ ބަހައިދިނުމަށް ހުށަހެޅި މައްސަލައެއްގައި، ބަހަން އެދޭ ބަންޑާރަ ގޯއްޗާއި އޭގައިވާ ޢިމާރާތްތަކުގެ މިލްކުވެރިކަމާމެދު ޝަރުޢީ އަދި ޤާނޫނީ ޚިލާފު އުފެދޭ ސުވާލުތައް އުފެދިފައިވާއިރު، އެ ސުވާލުތައް ވަކި މައްސަލައެއްގެ ގޮތުގައި ނިންމުމަކާ ނުލައި ދަށު ކޯޓުތަކުން ކުރި ޙުކުމް ޤާއިމުކުރެވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އަޙްމަދު ޢަލީ ބުނީ، ހައިކޯޓުން ރަށު އޮފީހުގެ މެސެޖާއި ހެކިބަހާއި ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 10 ވަނަ މާއްދާއާއި 13 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތް ނުކޮށް، ހަމައެކަނި ކައުންސިލްގެ އޮފީހުގެ ތަޙްޤީޤު ބަޔާނަށް ބަލައި ނިންމާފައިވާ ކަމަށެވެ. އަދި ޖަމީލާ ޙުސައިންގެ ހެކިންގެ ހެކިބަހުގައި ފުށުއެރުން ހުރި ކަމަށާއި، ކިތާބީ ހެއްކަކީ ޔަޤީނީ ޢިލްމު ހާޞިލުކުރެވޭ ހެއްކެއް ކަމަށް ސުޕްރީމް ކޯޓުގެ 2009/SC-A/14 ޤަޟިއްޔާގައި ބަޔާންކޮށްފައިވާއިރު، ގޯތީގެ ރަޖިސްޓްރީއަށް ހައިކޯޓުން ރިޢާޔަތް ނުކުރި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ފާހަގަކުރީ، ހެކިންގެ ބަޔާނާއި މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓްގެ ރިޕޯޓަށް ބަލާއިރު، ގޯތީގެ މިލްކުވެރިކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ޢަލީ ޙުސައިންއަށް ބަދަލުކުރެވިފައި ނުވާކަމާއި، ރަޖިސްޓްރީ ބަދަލުކުރެވިފައިވަނީ އައިޑެންޓިޓީ ކާޑު ހެދުމުގެ ބޭނުމަށް ކަމެވެ. ސުޕްރީމް ކޯޓުގައި ދެފަރާތުން ދިން ބަޔާނާއި ހެކިތަކަށް ބަލާއިރު، މިލްކުވެރިކަމާމެދު ޚިލާފު އުފެދޭ ސުވާލުތައް އުފެދިފައިވާތީ، ދެ ދަށު ކޯޓުގެ ޙުކުމް ބާޠިލުކޮށް، މިލްކުވެރިކަމުގެ މައްސަލަ ފުރަތަމަ މަރުޙަލާގެ ކޯޓުން ވަކި މައްސަލައެއްގެ ގޮތުގައި ބަލައި، އޭގެ ފަހުން ވާރިޘުން ހުށަހަޅައިފިނަމަ ތަރިކައިގެ މައްސަލަ ބެލުމަށް އިއްތިފާޤުން ޙުކުމްކުރިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓާއި ހދ. ކުޅުދުއްފުށީ ކޯޓުގެ ޙުކުމް ބާޠިލު؛ މިލްކުވެރިކަމުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލައި، އޭގެ ފަހުން ތަރިކައިގެ މައްސަލަ ބަލަން (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ބަންޑާރަ ގޯއްޗާއި އެ ގޭގައިވާ ޢިމާރާތްތަކާ ވަޅުފަދަ ތަކެތީގެ މިލްކުވެރިކަން ސާބިތުކުރުމުގައި ޝަރްޢީ އަދި ޤާނޫނީ ގޮތުން ޚިލާފު އުފެދޭ ފަދަ ސުވާލުތަކެއް އުފެދިފައިވާކަން ފާހަގަކުރެވިފައިވާތީ، ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްނޫންކަމަށްވާތީ، އެ ދެ ޙުކުމް ބާޠިލުކޮށް، ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރިކަމުގެ މައްސަލަ، ވަކި ޤަޟިއްޔާއަކުން ވަކި މައްސަލައެއްގެ ގޮތުގައި، ކަމާބެހޭ ފުރަތަމަ މަރްޙަލާގެ ކޯޓުން ބަލައި ނިންމުމަށާއި އޭގެ ފަހުގައި، އެ ތަރިކައިގެ ވާރިޘުން ހުށަހަޅައިފިނަމަ، ތަރިކައިގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލައި ނިންމުމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުﷲ ސަޢީދު (ރިޔާސަތު)، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ
- ރިޔާސަތު
- ޢަބްދުﷲ ސަޢީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 9 ފެބުރުއަރީ 2012 · ރަޖިސްޓްރީކުރީ 21 ފެބުރުއަރީ 2012 · ނިމުނީ 6 ސެޕްޓެމްބަރު 2016 (54.5 މަސް)
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު:2012/SC-A/03
ދަޢުވާކުރާ ފަރާތް: އަޙްމަދު ޢަލީ
ދަޢުވާ ލިބޭ ފަރާތް: ޖަމީލާ ޙުސައިން، އޮޕޭރާހައުސް، ހދ. ކުޅުދުއްފުށީ
މައްސަލައިގެ ބާވަތް: ތަރިކަ
މައްސަލަ އައިގޮތް: އިސްތިއުނާފްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 09 ފެބްރުއަރީ 2012
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 21 ފެބްރުއަރީ 2012
ނިމުނު ތާރީޚް: 06 ސެޕްޓެމްބަރ 2016
މައްސަލަ ނިންމި ގަޑި: 16:44
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ.
އިސްތިޢުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2009/HC-A/91
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 15 އޭޕްރީލް 2009
ނިމުނު ތާރީޚް: 04 ޖެނުއަރީ 2012
މައްސަލައިގެ ޚުލާޞާ
[1]މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/91 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ބުނެ ހދ. ކުޅުދުއްފުށީ ފުރުއްމާގެ، އަޙްމަދު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން، މި ކޯޓުގެ ނަންބަރު03 /SC-A/2012 ޤަޟިއްޔާއިން ބެލި މައްސަލައެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ ހދ. ކުޅުދުއްފުށީ އޮޕޭރާހައުސް، ޖަމީލާ ޙުސައިންއަށެވެ.
ފާހަގަކުރެވުނު ނުކުތާތައް
[2]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/91 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތީން ކޮށްފައިވާ ޙުކުމެއް ނޫންކަން ބަޔާންކޮށް އަޙްމަދު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންނަނިވި ނުކުތާތައް ހުށަހަޅާފައިވެއެވެ.
[3](ހ) ފުރަތަމަ ނުކުތާއަކީ، ހދ. ކުޅުދުއްފުށީ ކޯޓުގެ ނަންބަރު 160/B12C/2006 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/91 ޤަޟިއްޔާއިން އިސްތިއުނާފުކުރުމުން އެ ކޯޓުން ނިންމާފައިވަނީ، ހދ. ކުޅުދުއްފުށީ ފުރުއްމާގެއަކީ ކާކުގެ ގޯއްޗެއްކަން ސާފުކުރުމަށް ހދ. ކުޅުދުއްފުށީ އޮފީހުން ހދ. ކުޅުދުއްފުށީ ކޯޓަށް ފޮނުވި އެ އޮފީހުގެ ނަންބަރު B12D/B12C/2006/964 (28 ނޮވެމްބަރ 2006) މެސެޖާއި، އެ މައްސަލާގައި ހުށަހެޅިފައިވާ ހެކީންގެ ހެކިބަހަށާއި، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 10 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގެ މައްޗަށް ރިޢާޔަތްނުކޮށް، މައްސަލައިގައި ކަންހިނގާފައިވާގޮތް ނުބަލައި، ހަމައެކަނި ކުޅުދުއްފުށީ ކައުންސިލްގެ އޮފީހުން ފޮނުވި ތަޙްޤީޤު ބަޔާނުގެ މައްޗަށް ރިޢާޔަތްކޮށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
[4](ށ) ދެވަނަ ނުކުތާއަކީ، ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ސަރުކާރުން ނުދެނީސް އަދި ރަޖިސްޓްރީކުރުމަކާ ނުލައި، ފުރުއްމާގެއަކީ ހދ. ކުޅުދުއްފުށީ އޮޕޭރާހައުސް، ޖަމީލާ ޙުސައިންގެ މަންމަގެ ގޯއްޗެއްކަމަށް ބުނެ ހެކިބަސްދީފައިވާ ފަރާތްތަކުގެ ހެކިބަހަކީ ކާފީ ހެކިބަސް ނޫންކަމަށާއި، އެ ހެކިބަހުގައި ފުށުއެރުންތައް ހުރިއިރު މައްސަލަ ނިންމުމުގައި ހައިކޯޓުން އެ ހެކިބަހަށް ރިޢާޔަތްކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
[5](ނ) ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/91 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ފާހަގަކޮށްފައިވާ ކަންތައްތަކެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
[6](ރ) ހަތަރުވަނަ ނުކުތާއަކީ، ހދ. ކުޅުދުއްފުށީ ފުރުއްމާގޭ މަރްޙޫމް ޚަދީޖާ މުޙައްމަދުގެ ހުރި ހަމައެކަނި ވާރިޘަކީ ޖަމީލާ ޙުސައިން ކަމަށާއި، އޭނާގެ ބަހެއް ހޯދާފައިނުވާކަން ލިޔުންތަކުން އެނގެން އޮތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/91 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާއިރު، ހދ. ކުޅުދުއްފުށީ އޮފީހުގެ މެސެޖާއި އަޙްމަދު ޢަލީ ހުށަހެޅި ހެކީން ފާހަގަނުކޮށް ޖަމީލާ ޙުސައިންގެ ބަހެއް ހޯދަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
[7](ބ) ފަސްވަނަ ނުކުތާއަކީ، ޖަމީލާ ޙުސައިން 2009 ވަނަ އަހަރާ ހަމައަށް އެއްވެސް މައްސަލައެއް ކޯޓަށް ހުށަހަޅާފައި ނުވާކަމަށާއި، އޭނާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ސިޓީ ލިޔެ، މައްސަލަ ހުށަހެޅި ނަމަވެސް، އޭނާގެ މަންމައަށް ދީފައިވާ ގޯއްޗެއްކަމަށް ސާބިތުކޮށްދީފައި ނުވާއިރު، ހައިކޯޓުގެ ނަންބަރު 2009/HC-A/91 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނުކުތާގައި ފަހަގަކޮށްފައިވާ ކަމަކީ، އަޙްމަދު ޢަލީގެ ބައްޕަ ޢަލީ ޙުސައިންގެ މިލްކެއް ނިގުޅައިގަނެވޭނެ ކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
[8](ރ) ހަވަނަ ނުކުތާއަކީ، ހައިކޯޓުގެ ނަންބަރު 2009/HC-A/91 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި، ފުރުއްމާގެ، ޢަލީ ޙުސައިންއާ ހަވާލުކޮށްފައިނުވާކަން ފާހަގަކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/14 ޤަޟިއްޔާގައި ޝަރީޢަތަށް ހުށަހެޅޭ ކިތާބީ ހެއްކަކީ ޔަޤީނީ ޢިލްމު ހާޞިލުކުރެވޭ އަދި ޤާނޫނީ ޙުއްޖަތެއްކަމަށް ބަޔާންކޮށްފައިވާއިރު، ފުރުއްމާގޭ ގޯތީގެ ރަޖިސްޓްރީ 24 ޑިސެމްބަރ 1997 ގައި ޢަލީ ހުސައިންގެ ނަމުގައި ހަދާދީފައި އޮންނަ އޮތުމަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
[9]1. މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހދ. ކުޅުދުއްފުށީ ކޯޓުގެ 160/B12C/2006 ނަންބަރު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ހައިކޯޓުގެ ނަންބަރު 2009/HC-A/91 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ހުށަހެޅިފައިވާ އެންމެހައި ލިޔުންތަކަށާއި، މި މައްސަލައިގައި ހިމެނޭ ވަޤާއިޢުތަކަށާއި، ކަމާގުޅުންހުރި ޤާނޫނުތަކަށާއި، ޤާނޫނީ އަދި ޝަރްޢީ މަބާދީތަކާއި އުޞޫލުތަކަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[10](ހ) ފުރަތަމަ ކަމަކީ، މި މައްސަލައަކީ، ހދ. ކުޅުދުއްފުށި، ފުރުއްމާގެ، އަލްމަރްޙޫމް ޢަލީ ޙުސައިން ގެ ވާރިޘުންކުރެ، ފުރުއްމާގޭ އަޙްމަދު ޢަލީ، އޭނާގެ ބައްޕަ އަލްމަރްޙޫމް ޢަލީ ޙުސައިންގެ ތަރިކައިގެ މައްސަލަ ހަމަޖައްސައި ދިނުމަށް އެދި، ހދ. ކުޅުދުއްފުށީ ކޯޓަށް ހުށަހެޅި މައްސަލާގައި، ހދ. ކުޅުދުއްފުށީ ކޯޓުގެ ނަންބަރު 160/B12C/2006 ޤަޟިއްޔާއިން؛ ހދ.ކުޅުދުއްފުށީ ފުރުއްމާގޭ ޢަލީ ޙުސައިން 28 ޖުލައި 1979 ގައި ނިޔާވެފައިވާކަމަށާއި، ޢަލީ ޙުސައިން ނިޔާވިއިރު ވާރިޘުންނަށް ތިބީ 2 ފިރިހެންދަރި، ފުރުއްމާގެ އަޙްމަދު ޢަލީ އާއި، އެ ރަށު ރީޙުއްޞަބާ، މުޙައްމަދު ޢަލީ އާއި، 1 (އެކެއް) އަންހެންދަރި، އެ ރަށު ދިގަލި، އާމިނަތު ޢަލީއާއި، ޢަލީ ޙުސައިންގެ މަންމަ، އެ ރަށު ފުރުއްމާގެ، ޚަދީޖާ މުޙައްމަދާއެކު 4 ވާރިޘުންކަމަށާއި، އަލްމަރްޙޫމް ޢަލީ ޙުސައިންގެ ތަރިކައިގައި ހުރި އެއްޗަކީ، ހދ. ކުޅުދުއްފުށީ ފުރުއްމާގެއެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި، ވަޅުފަދަތަންތަނާއި، ތަކެތިކަމަށާއި، މި ތަރިކަ ބެހެނީ 30 ބަޔަށް ކަމާއި، ކޮންމެ ފިރިހެން ދަރިއަކަށް 10/30 (ތިރީސްބައިކުޅަ ދިހައެއް) ބައިކަމަށާއި، އަންހެން ދަރިއަކަށް 5/30 (ތިރީސްބައިކުޅަ ފަހެއް) ބައިކަމަށާއި، ޢަލީ ޙުސައިންގެ މަންމަ ޚަދީޖާ މުޙައްމަދަށް 5/30 (ތިރީސްބައިކުޅަ ފަހެއް) ބައިކަމަށާއި، ވާރިޘުންކުރެ މުޙައްމަދު ޢަލީއާއި އާމިނަތު ޢަލީއަށް ވާ ބައި ފުރުއްމާގެ އަޙްމަދު ޢަލީއަށް ހަދިޔާކޮށް ދޫކޮށްލާފައިވާތީ، މި ތަރިކައިން އެ ދެ މީހުންނަށް ލިބޭ ބަޔާއެކު ފުރުއްމާގެ އަޙްމަދު ޢަލީއަށް 25/30 (ތިރީސްބައިކުޅަ ފަންސަވީސް) ބައި، ޢަލީ ޙުސައިންގެ މަންމަ ފުރުއްމާގެ ޚަދީޖާ މުޙައްމަދަށް 5/30 (ތިރީސްބައިކުޅަ ފަހެއް) ބައި މިލްކުވެގެންވާކަމަށް ނިންމި ނިންމުން، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ހދ. ކުޅުދުއްފުށީ އޮޕޭރާހައުސް، ޖަމީލާ ޙުސައިންގެ ފަރާތުން ދިވެހިރައްޖޭގެ ހައިކޯޓަށް އިސްތިއުނާފްކުރި ޤަޟިއްޔާގައި "ފުރުއްމާގެ" އެވެ ކިޔާ ބަންޑާރަ ގޯއްޗަށް 24 ޑިސެމްބަރ 1997 ގައި ހަދާދީފައިވާ ރަޖިސްޓްރީ ހަދާދީފައިވަނީ ފުރުއްމާގޭގެ ވެރިފަރާތަކީ ކޮބައިކަން ރަނގަޅަށް ބެލެވިގެން ނޫންކަމަށްވާތީ އާއި ފުރުއްމާގެ އެވެ ކިޔާ ބަންޑާރަ ގޯއްޗަކީ އަލް މަރްޙޫމް ޢަލީ ޙުސައިންއަށް ސަރުކާރުން ހަވާލުކޮށްފައިވާ ގޯއްޗެއްކަމަށް ނުވާތީ އާއި އެ ގެއަކީ އޭނާގެ ގެއެއްކަމަށް ބަލާނެތަނެއް ނެތަތީ ހދ. ކުޅުދުއްފުށީ ކޯޓުގެ ނަންބަރު 160/B12C/2006 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާއި އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ނޫންކަމަށް ކަނޑައަޅައި ނިންމި މައްސަލަކަން އެނގެން އޮންނަ އޮތުމެވެ.
[11](ށ) ދެވަނަ ކަމަކީ، ހދ. ކުޅުދުއްފުށީ ކޯޓުގެ ނަންބަރު 160/B12C/2006 ޤަޟިއްޔާގައި، ހދ. ކުޅުދުއްފުށި، ހަދިޔާ، އާދަމް ޙުސައިން އާއި އެ ރަށު ބްލޫކެބިން، ޢަބްދުލްޣަނީ ޙަސަން އާއި އެ ރަށު މަތަރެސްމާގެ، ޙަސަން ޙުސައިންއާއި، އެ ރަށު ވަންދޫގޭ އާދަމް މުޙައްމަދާއި އެ ރަށު ފުރުއްމާގެ، އަޙުމަދު ޢަލީ، ޝަރީއަތަށް ބަޔާން ދީފައިވާކަމާއި، މިގޮތުން؛ ހދ. ކުޅުދުއްފުށި، ހަދިޔާ، އާދަމް ޙުސައިންގެ ބަޔާނުގައި، ހދ.ކުޅުދުއްފުށީ ފުރުއްމާގެ، ކިޔާ ބަންޑާރަ ގޯތީގައި މިހާރު ހުރި ޢިމާރާތްތަކާ ވަޅުފަދަތަންތަނަކީ، ހދ.ކުޅުދުއްފުށީ ފުރުއްމާގެ، ޢަލީ ޙުސައިން ޚަރަދުކޮށްގެން އޭނާގެ މަސައްކަތުން ތަކެތި ހޯދައިގެން އޭނާ ހަދާފައިވާ ތަންތަނާއި ހޯދާފައިވާ ތަކެތިކަން ރަނގަޅަށް ދެނެހުރިކަމަށާއި، އެކަން އޭނާއަށް އެނގުނު ގޮތަކީ، ޢަލީ ޙުސައިންއަކީ އޭނާ ރަނގަޅަށް ދަންނަމީހަކަށްވެފައި، އެ ޢިމާރާތްތައް ހަދަނިކޮށް ފެނި އެކަންކަމުގެ ޙަޤީޤަތް އެނގޭތީކަމަށާއި، އާދަމް ޙުސައިން ތަންދޮރު ވަކިކުރަން އެނގުނުއިރުވެސް އެގޭގައި އުޅެމުންދަނީ ޢަލީ ޙުސައިން ކަމަށާއި، އެ ގޯތީގައި ޢަލީ ޙުސައިން ޢިމާރާތް ކުރިއިރު، އެހެން ޢިމާރާތެއް އެތާނގައި ނެތްކަމަށް ބަޔާންދީފައިވާކަން އެނގެން އޮވެއެވެ.
[12]ހދ. ކުޅުދުއްފުށި، ބްލޫކެބިން، ޢަބްދުލްޣަނީ ޙަސަންގެ ބަޔާނުގައި، ފުރުއްމާގޭ މިލްކުވެރިކަމާމެދު ދަޢުވާކުރަން ބޭނުންކަމަށް ބުނެ އޭނާގެ ބައްޕަ ޙަސަން އިބްރާހީމް ދުނިޔޭގައި ހުރިއިރު، އޭނާ ގާތު ފުރުއްމާގެ ގޯއްޗަކީ އޭނާގެ ކާފަގެ ގޯއްޗެއްކަމަށް ބުނި އަޑުއަހާފައިވާކަމަށާއި، އޭނާގެ ބައްޕަ ނިޔާވެފައިވާތީ އޭނާގެ ބައްޕަ އޭނާގާތު ބުނެފައިވާ ބުނުން ފިޔަވައި ކާފަގެ ގޯއްޗެއްކަން ސާބިތުކޮށްދިނުމަށް އެވަގުތު ހުށަހަޅާނެ ހެއްކެއް ނެތްކަމަށް ބުނެފައިވާކަން އެނގެން އޮވެއެވެ.
[13]ހދ. ކުޅުދުއްފުށި، މަތަރެސްމާގެ، ޙަސަން ޙުސައިންގެ ބަޔާނުގައި، ފުރުއްމާގެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަނާއި، ތަކެއްޗަކީ ފުރުއްމާގެ، ކަނބުރު މުޙައްމަދުގެ ތަންތަނާއި ތަކެތިކަން އޭނާ ދެނެހުރިކަމަށާއި، އެކަން އެނގުނީ ކަނބުރު ފާޠިމަތު، ކަނބުރު ޚަދީޖާ، ކަނބުރު ޢާއިޝަތު، ކަނބުރު ހަލީމަތުގެ ފަރާތުން އެ މީހުން އެ ވާހަކަ ބުނުމުން ކަމަށާއި، އަދި މިހުރިހާ މީހުންނަށް ފުރުއްމާގެއިން ލިބޭ ބައި ފުރުއްމާގެ، ޚަދީޖާ މުޙައްމަދަށް އެ މީހުން ދީފައިވާނެކަމަށް އެ މީހުން އޭނާ ކައިރީ ބުނެފައިވާކަމަށާއި، އެހެންކަމުން ފުރުއްމާގެއަކީ ޚަދީޖާގެ ބައްޕަގެ ފަރާތުން ޚަދީޖާއަށް ވާރުތަވެފައިވާ ގެއެއްކަމަށް އޭނާއަށް ޤަބޫލުކުރެވޭކަމަށާއި، ކަނބުރު މުޙައްމަދު، ފުރުއްމާގެ ކިޔާ ބަންޑާރަ ގޯތީގައި ގެއެއް އަދި އެހެން ޢިމާރާތެއްވެސް ހަދަނިކޮށް އޭނާ ނުދެކޭކަމަށާއި، ފުރުއްމާގެ ކިޔާ ބަންޑާރަ ގޯއްޗަކީ، ކުޅުދުއްފުށީ އޮޕޭރާހައުސް، ޖަމީލާ ޙުސައިންގެ މަންމަ އެ ރަށު، ފުރުއްމާގެ، ޚަދީޖާ މުޙައްމަދުގެ ގޯއްޗެއްކަން ދެނެހުރިކަމަށާއި، މިކަންކަން އޭނާއަށް އެނގުނީ ޚަދީޖާ މުޙައްމަދުއާ އެއްބަނޑު އެއްބަފާ މީހެއްކަމަށްވާ، އެ ރަށު ރޫލައިޓް، ފާތިމަތު މުޙައްމަދު އާއި، އެ ރަށު ވައްލަގެ، އާއިޝަތު މުޙައްމަދަށް އެ ތަރިކައިން ލިބޭބައި އެ މީހުންނާ އެއްބަނޑު އެއްބަފާ ޚަދީޖާ މުޙައްމަދުއަށް ދީފީމޭ، މިގޮތަށް އެމީހުންގެ ދުނިޔޭގައި ބުނެފައިވާ އަޑުއަހާފައިވާތީކަމަށާއި، އެ ޒަމާނުގައި ކަންހިނގާ އުޞޫލަކީ އެފަދަ ކަންކަން ނިންމަނީ ޝަރީޢަތް މެދުވެރިކޮށްގެންކަމަށް ނުވުންކަމަށާއި، މިގޮތަށް އެކަކު އަނެކަކަށް ދިނީމައި ދެވުނީކަމަށާއި، ޚަދީޖާ މުޙައްމަދުގެ އެއްބަނޑު އެއްބަފާ މީހުންނަށް ފުރުއްމާގެއިން ލިބޭބައި ޚަދީޖާ މުޙައްމަދަށް އެމީހުން ދޫކޮށްލީކަމަށް ބުނެފައިވަނީ އޭގެ 40 އަހަރު ކުރިން ކަމަށް ބުނެފައިވާކަން އެނގެން އޮވެއެވެ.
[14]ހދ. ކުޅުދުއްފުށި، ވަންދޫގެ، އާދަމް މުޙައްމަދުގެ ބަޔާނުގައި، ފުރުއްމާގެ ރަޖިސްޓްރީ ހެދުމަށްޓަކައި ފޯމެއް ހިފައިގެން އޭނާ ކައިރިއަށް އިބްރާހީމް މަނިކު ދޮންމަނިކު ކިޔާ މީހަކު އެ އަތޮޅުގެ އަތޮޅުވެރިކަމުގައި ހުރިއިރު، ފުރުއްމާގެ ޢަލީ ޙުސައިންގެ ފިރިހެން ދަރި ފުރުއްމާގެ އަޙްމަދު ޢަލީ އައިސްފައިވާކަމަށާއި، ނަމަވެސް އޭނާއަށް ޖަވާބުދީފައިވާނީ، ފުރުއްމާގެއެވެ ކިޔާ ގޯއްޗަކީ ޢަލީ ޙުސައިންގެ ގޯއްޗެއްކަމަށް ސޮއި ނުކުރާނެކަމަށްކަމަށާއި، ނަމަވެސް އަޙްމަދު ޢަލީގެ މާމަ، ޚަދީޖާ މުޙައްމަދުގެ ގޯއްޗެއްކަމަށް ސޮއިކޮށްފާނެކަމަށް ބުނުމުން އެ ފޯމު ހިފައިގެން ދިޔަ ކަމަށާއި، އޭގެ ދުވަސްތަކެއްފަހުން ފުރުއްމާގެ ޢަލީ ޙުސައިންގެ ނަމުގައި ރަޖިސްޓްރީ ހަދާދީފައިވާކަން އެނގުނުކަމަށާއި، ޢަލީ ޙުސައިންގެ މައްޗަށް ފުރުއްމާގެ ރަޖިސްޓްރީ ހެދިފައިވަނީ ޢަލީ ޙުސައިން ނިޔާވިތާ 20 އަހަރު ފަހުންކަމަށް ބެލެވޭކަމަށްބުނެ ބަޔާންދީފައިވާކަމާއި، ކުޅުދުއްފުށީ ފުރުއްމާގެއަކީ، އެގޭ ޚަދީޖާ މުޙައްމަދުގެ ގޯއްޗެއް ކަމަށާއި، އެ ގޯތީގައިވާ ޢިމާރާތްތަކާ، ވަޅުފަދަތަންތަނާއި، ތަކެއްޗަކީވެސް ޚަދީޖާ މުޙައްމަދުގެ ތަންތަނާއި ތަކެތިކަމަށާއި، އެކަން އޭނާއަށް ޔަޤީންކުރަން އެނގެނީ އޭރު ކަންހިނގަމުންދިޔަ އުޞޫލުން ފުރުއްމާގެއެވެ ކިޔާ ބަންޑާރަ ގޯއްޗަކީ ފުރުއްމާގެ، ޚަދީޖާ މުޙައްމަދުގެ ބައްޕަ، ފުރުއްމާގެ، ކަނބުރު މުހައްމަދުގެ ފަރާތުން ޚަދީޖާ މުޙައްމަދަށް ލިބިފައިވާ ގޯއްޗަކަށް ވާތީކަމަށާއި، ޚަދީޖާ މުޙައްމަދަށް ފުރުއްމާގެ އޭނާގެ ބައްޕަގެ ފަރާތުން ލިބެން މެދުވެރިވިގޮތެއްކަމަށް އޭނާއަށް އެނގިފައިވަނީ ކަނބުރު މުޙައްމަދު ނިޔާވެދިއުމުން ކަނބުރު މުޙައްމަދުގެ ހުރިހާ ދަރިން އެހެން ގެއަކަށް ބަދަލުވުމުންކަމަށާއި، މިގޮތަށް ބަދަލުވިއިރު ޚަދީޖާ މުޙައްމަދުވެސް ޢާއިލާއާއެކު ބަދަލު ވީކަމަށާއި، އެހެންކަމުން ކަނބުރު މުޙައްމަދަށް ލިބިފައިވާ ފުރުއްމާގެ އާއި ހިތިމާގެ ހުރީ މީހަކު ދިރިނޫޅޭ ފަޅު ގެއެއްގެ ގޮތުގައިކަމަށާއި، މި ދެ ގޯތިވެސް އޮންނަނީ ކައިރިކައިރި ޖެހިގެންކަހަލަ ގޮތަކަށްކަމަށާއި، ޚަދީޖާ ބައްޕަ ނިޔާވުމުން ޚަދީޖާ އެހެން ގެއަކަށް ބަދަލުވިއިރު، ޚަދީޖާގެ އުމުރުން 12 އަހަރުކަމަށާއި، ޚަދީޖާ ބޮޑުވެ މީހަކާ އިނުމާ ގުޅިގެން ފުރުއްމާގެ ފަޅަށް ނުބެހެއްޓުމަށްޓަކައި، ފުރުއްމާގެއަށް ޚަދީޖާ މުޙައްމަދު ދިޔަ ކަމަށާއި، ޚަދީޖާ މުޙައްމަދު ފުރުއްމާގޭގައި ދިރިއުޅެމުންދަނިކޮށް، ޚަދީޖާ މުޙައްމަދުގެ އަންހެންދަރި އެ ރަށު އޮޕޭރާހައުސް، ޖަމީލާ ޙުސައިން މީހަކާ އިނދެ އެ ދެ މީހުން ގެއެއް އެޅުމުން، ޚަދީޖާ މުޙައްމަދު އޮޕޭރާހައުސްއަށް ބަދަލުވިކަމަށާއި، ޚަދީޖާ ނިޔާވިއިރު، ފުރުއްމާގޭގައި ދިރިއުޅެމުންދިޔައީ ޢަލީ ޙުސައިންގެ ފިރިހެން ދަރި ފުރުއްމާގެ، އަޙްމަދު ޢަލީ ކަމަށާއި، ޚަދީޖާ ނިޔާވިއިރު، އޭނާގެ ދެ ދަރިންކުރެ އެއްވެސް ދަރިއަކަށް ފުރުއްމާގެ ދީފައިނުވާކަމަށާއި، ފުރުއްމާގެއެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާ، ވަޅުފަދަތަންތަނާއި ތަކެއްޗަކީ، ފުރުއްމާގެ ކަނބުރު މުޙައްމަދުގެ މިލްކު ތަންތަނާއި ތަކެތިކަން އޭނާ ދެނެހުރިކަމަށާއި، އެކަން އޭނާއަށް އެނގެނީ އޭނާގެ މަންމަ ކަނބުރު މުޙައްމަދުގެ ދަރި އެ ރަށު ވަންދޫގޭ ޢާއިޝަތު މުޙައްމަދު އެވާހަކަތައް ކިޔައިދީފައިވާތީކަމަށާއި، ފުރުއްމާގެ ޚަދީޖާ މުޙައްމަދަށް ލިބިފައިވަނީ ޚަދީޖާގެ ބައްޕަ ފުރުއްމާގެ ކަނބުރު މުޙައްމަދު ފަރާތުންކަމަށާއި، ކަނބުރު މުޙައްމަދު ފުރުއްމާގެ ޢިމާރާތްކޮށް ހެދިތަން ފެނިފައިނުވާކަމަށާއި، އެއީ އޭރު އޭނާ ދުނިޔެއަށް އައިސްފައިނުވާތީކަމަށާއި، ކަނބުރު މުޙައްމަދުގެ ހުރިހާ ދަރިން ވަނީ ފުރުއްމާގެ ޚަދީޖާ މުޙައްމަދަށް ދީފައިކަމަށާއި، ޚަދީޖާ މުޙައްމަދު ނިޔާވިއިރު އެ ގޯތި އެއްވެސް މީހަކަށް ދީފައި ނުވާކަމަށް ބުނެފައިވާކަން އެނގެން އޮވެއެވެ.
[15](ނ) ތިންވަނަ ކަމަކީ، މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓުން "ހދ.ކުޅުދުއްފުށީ ފުރުއްމާ ގޯތީގެ މައްސަލަ" އާ ގުޅޭ ގޮތުން 12 ނޮވެމްބަރ 2007 ގައި ތައްޔާރުކޮށްފައިވާ ރިޕޯޓުގައި؛ ކުޅުދުއްފުށީ އޮފީހުގައި ހުރި ލިޔެކިޔުންތައް ބެލިކަމަށާއި، ކުޅުދުއްފުށީ އޮފީހަކީ ޒަމާންވީ، ދުވަސްވެފައިހުރި ލިޔުން ފެންނަން ހުރި އޮފީހެއް ނޫންކަމަށާއި، ގޯތި ގެދޮރާބެހޭ އެންމެ ދުވަސްވީ ފޮތްތަކުން ބެލި ބެލުމުގައި ފުރުއްމާ ގޯތީގެ ވެރިއެއްގެ ގޮތުގައި ޚަދީޖާ މުޙައްމަދުގެ ނަން ލިޔެވިފައިވާ އެއްވެސް ލިޔުމެއް ފެންނަން ނެތްކަމަށާއި، ނަމަވެސް 1 ފެބްރުއަރީ 1998 ގައި ފުރުއްމާގޭގެ ވެރިއަކަށް ޢަލީ ޙުސައިންގެ ނަން ލިޔެފައިވާ ގޯތި ހަވާލުކުރާ ފޮތުގައި ގޯއްޗާ ހަވާލުވިކަމަށް މާވާގޭ އާދަމް މުޙައްމަދު ސޮއިކޮށްފައިވާކަމަށާއި، މި ގޯތީގެ މިންތަކަކީ ހުޅަނގު78’.5” އިރު "79’.9 އުތުރު "80’.8 ދެކުނު 68’.8” އެވެ. ހަމައެހެންމެ، ފުރުއްމާ ގޯތީގެ، ގޭގޭގެ މީހުންގެ ރަޖިސްޓްރީގައި ގޭގެ ވެރިފަރާތެއްކަމުގައި ލިޔެފައިވަނީ ޢަލީ ޙުސައިންގެ ނަންކަމަށާއި، އެ މައްސަލައަކީ، 2006 ވަނަ އަހަރު އޮކްޓޯބަރ މަސްހާ ތާނގައި، ކުޅުދުއްފުށީ އޮފީހުން ބައްލަވާފައިވާ މައްސަލައެއްކަމަށާއި، އެ އޮފީހުން، ޖަމީލާ ޙުސައިންގެ ބަޔާނެއް ނަގައި، އެ ބަޔާނުގައި ޖަމީލާ ހުށަހަޅައި، ފުރުއްމާގެއަކީ އޭނާގެ މަންމަ ޚަދީޖާ މުޙައްމަދުގެ ގެއެއްކަން ދަންނާނެ ހެކީން ހުށަހަޅައި، އެމީހުންގެ ބަޔާން ނަގާފައިވެސް ވާކަމަށާއި، ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ އެދުވަސްވަރުގެ ކަތީބުންގެ ގޮތުގައި ތިބި އަޙްމަދު އިޤްބާލާއި، ޢަބްދުލް ޙަކީމް ޢަލީގެ ބަޔާން އަތޮޅު އޮފީހުން ނަގާފައިވާކަމަށާއި، މި ދެ ބޭކަލުންގެ ބަޔާނުގައި ވަނީ، 1997 ގައި އަތޮޅު އޮފީހުން އަތޮޅުގެ ރަށް ރަށުގެ ގޯތިގެދޮރު ރަޖިސްޓްރީކޮށްދެއްވުމަށް އަތޮޅު ތެރެއިން ނެގި ޓީމެއް، ކުޅުދުއްފުއްޓައް ވަޑައިގެން ގޭގޭގެ ރަޖިސްޓްރީގައި އިސްމީހެއްކަމަށް ޖަހާފައިވާ މީހާ އެއީ ޢިމާރާތާއި ގޯތީގެ ވެރިޔާކަމުގައި ބެލެވިގެން، ޢަލީ ޙުސައިން، ފުރުއްމާގޭގެ ރަޖިސްޓްރީގައި ޖަހާފައިވަނީކަމަށާއި، އެގޮތަށް ފާހަގަކޮށް މުޅި ރަށުގެ ރަޖިސްޓްރީ ފޮތްތައް ހެދިފައިވަނީ، އައިޑެންޓިޓީ ކާޑު ހެއްދުމަށް ހދ. އަތޮޅު އޮފީހުން މި ޓީމުގެ މަސައްކަތުގައި، ކޮންމެ ގޯއްޗެއްގެވެސް ވެރިއަކު އޮންނަން ޖެހޭނެކަމަށް ވުމާއެކު ގޯތި ގެދޮރުގެ ތަރިކައިގެ މައްސަލަތައް ހުށަނޭޅިއާއި، ނިންމާނުލެވިހުރި ގޯތި ހުރިކަމުގައި ވިޔަސް، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ވަގުތުން ފުރިހަމަކޮށްދިނުން އެއީ ކާޑު ހަދާ ޓީމަށް ބޭނުންކަމެއްކަމުގައިވެ، އެގޮތަށް ބަދަލުކުރެވިފައިވަނީ ކަމަށާއި، އަދި އަޙްމަދު އިޤްބާލުގެ ބަޔާނުގައި "ކުޅުދުއްފުށި، އޮޕޭރާހައުސް، ޖަމީލާ ޙުސައިން ހުށަހަޅާފައިވާ، ކުޅުދުއްފުށީ ފުރުއްމާގޭ ގޯތީ މިހާރު ހެދިފައިވާ ގޮތަށް ރަޖިސްޓްރީ ހެދިފައިވަނީ މި ދެންނެވި އޮޅުން އޮތުމާ އެކުގައި ކަމަށް ބުނެފައިވާކަމަށާއި، ޢަލީ ޙުސައިންއަކީ، އޮޕޭރާހައުސް، ޖަމީލާ ޙުސައިން މައްސަލަ ހުށަހަޅާ ފުރުއްމާގޭގެ ވެރިއާކަމުގައި ބުނާ ޚަދީޖާ މުޙައްމަދުގެ ދޮށީ ފިރިހެން ދަރިކަމަށާއި، ޚަދީޖާ މުޙައްމަދަށްވުރެ ކުރިން ޢަލީ ޙުސައިން ނިޔާވެފައިވާކަމަށާއި، އޭނާ ނިޔާވީ 18 ފެބްރުއަރީ 1979 ގައިކަމަށާއި، ޢަލީ ޙުސައިންގެ މަންމަ ޚަދީޖާ މުޙައްމަދު ނިޔާވެފައިވަނީ 28 ސެޕްޓެންބަރު 1988 ގައި ކަމަށާއި، ޢަލީ ޙުސައިންގެ ނަމަށް ރަޖިސްޓްރީކޮށްފައިވަނީ، 24 ޑިސެމްބަރ 1997 ގައި ކަމަށާއި، މިއީ ޢަލީ ޙުސައިން ނިޔާވިތާ ވިއްސަކަށް އަހަރުގެ ފަހުގެ ތާރީޚެއްކަމަށާއި، ޖަމީލާ ޙުސައިން ހުށަހަޅާފައިވާ ކުޅުދުއްފުށީ ފުރުއްމާގެއަކީ، އޭނާގެ މަންމަ ޚަދީޖާ މުޙައްމަދުގެ ގޯއްޗެއްކަމުގައި ބުނާ ބުނުމާއި، ހެކިންގެ ގޮތުގައި ހުށަހަޅާ އޭނާގެ ތިމާގެ މީހުން ބުނާ ބުނުން ފިޔަވައި އަތޮޅު އޮފީހާއި، ކުޅުދުއްފުށީ އޮފީހުގެ ލިޔުންތަކުން އެކަން އެނގެން ނެތުމާއެކު، ފުރުއްމާގޭ ޢިމާރާތާއި، ގޯތީގެ ރަޖިސްޓްރީގެ ޞައްޙަކަމާމެދު، ނުވަތަ އެ ގޯތީގައިވާ ޢިމާރާތްތަކުގެ މިލްކުވެރިކަމާމެދު ޝަރީޢަތުން ގޮތެއް ނިމުމުން ނޫނީ އެ ގޯތީގެ ރަޖިސްޓްރީ އެހެން ފަރާތަކަށް ބަދަލުކޮށްގެން ނުވާނެކަމަށް މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓުން ބަޔާންކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.
[16](ރ) ހަތަރުވަނަ ކަމަކީ، އިސްވެ ބަޔާންވެދިޔަ ހެކިންގެ ބަޔާންތަކަށާއި، މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓުގެ މަތީގައި ބަޔާންވެދިޔަ ރިޕޯޓަށް ރިޢާޔަތްކުރާއިރު، މިލްކުވެރިކަން ބަދަލުކުރުމުގެ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ފުރުއްމާގޭގެ މިލްކުވެރިކަން މަރްޙޫމް ޢަލީ ޙުސައިންއަށް ބަދަލުކުރެވިފައިނުވާކަމާއި، ފުރުއްމާގޭ ޢަލީ ޙުސައިން ނިޔާވިފަހުން ފުރުއްމާގޭ ރަޖިސްޓްރީ ޢަލީ ޙުސައިންގެ ނަމަށް ބަދަލުކުރެވިފައިވާކަން ރަށު އޮފީހުގެ ލިޔުމަކުން އެނގެން އޮތްނަމަވެސް ޢަލީ ޙުސައިންގެ ނަމަށް އެ ގޯތި ބަދަލު ކުރެވިފައިވަނީ، މީހުންގެ ތަރިކަ ހިމެނޭފަދަ ބަންޑާރަ ގޯތި މީހުންނަށް ދޫކުރެވޭ އުޞޫލުން ޢަލީ ޙުސައިންނަށް އެ ގޯތި ދޫކުރެވިފައިވާތީ ނޫންކަމާއި، ޢަލީ ޙުސައިންގެ ނަމަށް އެ ގޭގެ ރަޖިސްޓްރީ ބަދަލުކުރެވިފައިވަނީ ޢަލީ ޙުސައިން ނިޔާވިފަހުން ކަމާއި، އަދި ރަޖިސްޓްރީ ބަދަލުކުރެވިފައިވަނީ އެ ގޭގައި އުޅޭ މީހުންގެ އައިޑެންޓިޓީ ކާޑު ހެދުމުގެ ބޭނުމުގައިކަމާއި، އެއްވެސް އިރެއްގައި ޢަލީ ޙުސައިންއަށް އެ ގޭގެ މިލްކުވެރިކަން ބަދަލުކުރެވިފައިވާތީ ނޫންކަން އެނގެން އޮންނަ އޮތުމެވެ.
[17](ބ) ފަސްވަނަ ކަމަކީ، މި މައްސަލައިގައި 17 ނޮވެމްބަރު 2015 ވަނަ ދުވަހު ބޭއްވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު ޢަލީ އާއި ޖަމީލާ ޙުސައިންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ފުރުއްމާގެއަކީ އަޙްމަދު ޢަލީގެ ބައްޕަ ޢަލީ ޙުސައިން އާއި ޖަމީލާ ޙުސައިންއާ ދެ ބެއިންގެ ބައްޕަ އަލް މަރްޙޫމް ޙުސައިން ޢަލީ ގެ ގެއެއްކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.
ޙުކުމް
[18]އިސްވެދިޔަ ސަބަބުތައް އެހެން ހުރުމާއެކު، ހދ. ކުޅުދުއްފުށީ ފުރުއްމާގެ އަޙްމަދު ޢަލީ އާއި ޖަމީލާ ޙުސައިންގެ ފަރާތުން 17 ނޮވެމްބަރު 2015 ވަނަ ދުވަހު ބޭއްވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފުރުއްމާގެއަކީ އަޙްމަދު ޢަލީގެ ބައްޕަ ޢަލީ ޙުސައިންއާއި ޖަމީލާ ޙުސައިންއާއި ދެ ބެއިންގެ ބައްޕަ އަލްމަރްޙޫމް ޙުސައިން ޢަލީ ގެ ގެއެއްކަމަށް ދީފައިވާ ބަޔާނުގެ މައްޗަށާއި މި މައްސަލާގައި ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ހދ. ކުޅުދުއްފުށީ ފުރުއްމާގެ އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޭގައިވާ ޢިމާރާތްތަކާ ވަޅުފަދަ ތަކެތީގެ މިލްކުވެރިކަން ސާބިތުކުރުމުގައި ޝަރްޢީ އަދި ޤާނޫނީ ގޮތުން ޚިލާފު އުފެދޭ ފަދަ ސުވާލުތަކެއް އުފެދިފައިވާކަން ފާހަގަކުރެވިފައިވާތީ، ހދ. ކުޅުދުއްފުށީ ކޯޓުގެ ނަންބަރު 160/B12C/2006 ޤަޟިއްޔާގެ ޙުކުމާއި، ހައިކޯޓުގެ ނަންބަރު 2009/HC-A/91 ޤަޟިއްޔާގެ ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްނޫންކަމަށްވާތީ، އެ ދެ ޙުކުމް ބާޠިލުކޮށް، ހދ. ކުޅުދުއްފުށީ ފުރުއްމާގެ އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރިކަމުގެ މައްސަލަ، ވަކި ޤަޟިއްޔާއަކުން ވަކި މައްސަލައެއްގެ ގޮތުގައި، ކަމާބެހޭ ފުރަތަމަ މަރްޙަލާގެ ކޯޓުން ބަލައި ނިންމުމަށާއި އޭގެ ފަހުގައި، އެ ތަރިކައިގެ ވާރިޘުން ހުށަހަޅައިފިނަމަ، ތަރިކައިގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލައި ނިންމުމަށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
—
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.