ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2019/SC-A/01ސުޕްރީމް ކޯޓު · 30 ޖަނަވަރީ 2019

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 30 ޖަނަވަރީ 2019ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 012019/SC-A/

ދަޢުވާކުރާ ފަރާތް: އިލެކްޝަންސް ކޮމިޝަން

ދަޢުވާލިބޭ ފަރާތް: ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް

މައްސަލައިގެ ބާވަތް: ސިޔާސީ ޕާޓީއާބެހޭ މައްސަލަ

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 28 ނޮވެންބަރު 2018

ރަޖިސްޓްރީކުރެވުނު ތާރީޚް: 13 ޖަނަވަރީ 2019

ނިމުނު ތާރީޚް: 30 ޖަނަވަރީ 2019

މައްސަލަ ނިންމި ގަޑި: 14:03

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

އިސްތިއުނާފުކުރެވުނު ޤަޟިއްޔާ

ނަންބަރު: 2018/HC-SP/01

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 28 އޮކްޓޫބަރު 2018

ނިމުނު ތާރީޚް: 22 ނޮވެންބަރު 2018

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-SP/01 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެޤަޟިއްޔާގެ ދަޢުވާ ރައްދުވި ފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ އިލްތިމާސް ރައްދުވާ ފަރާތަކީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެވެ.

ފާހަގަކުރެވުނު ނުކުތާތައް:

01- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-SP/01 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު 1586/Cv-C/2016 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/464 ޤަޟިއްޔާގައި ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-L-J/48 "އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތް" އާ އެއްގޮތްވާ ގޮތުގެމަތިން، ޕީ.ޕީ.އެމް ގެ ހިންގުމާ ޕާޓީގެ މުސްތަޝާރު ޙަވާލުވެ، ޕާޓީ ހިންގެވުމުގެ ކަންކަން ކުރިއަށް ގެންގޮސް، ޕީޕީ.އެމް ގެ އަސާސީ ޤަވާޢިދާއި ހިންގާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން 2018 ސެޕްޓެމްބަރު 28 ގައި ބޭއްވި، ޕީ.ޕީ.އެމް ގެ "ޚާއްޞަ ގޮތުން ބާއްވާ ޤައުމީ ޖަލްސާ" ގައި އަސާސީ ޤަވާޢިދަށް ގެނެވުނު އިޞްލާޙުތަކާއެކު ފާސްކޮށްފައިވާ އެޕާޓީގެ އަސާސީ ޤަވާޢިދާއި، އެޕާޓީގެ މަޤާމުތަކަށް މީހުން އިންތިޚާބުކޮށްފައި އޮތް އޮތުން އެންޑޯޒްކުރެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަންގެ ނަންބަރު 38-DB/PPM/2018/86 (3 އޮކްޓޫބަރު 2018) ސިޓީއިން ޕީ.ޕީ.އެމް އަށް އަންގާފައިވާތީ، އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 451 ވަނަ މާއްދާގެ (ނ) އާއި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ށ) އާއި ޚިލާފު ނިންމުމެއްކަމަށް ޝަރީޢަތުން ކަނޑައަޅައި ދިނުމަށާއި، 28 ސެޕްޓެމްބަރ 2018 ގައި ޕީ.ޕީ.އެމް އިން ބޭއްވި އެޕާޓީގެ "ޚާއްޞަ ގޮތުން ބާއްވާ ޤައުމީ ޖަލްސާ" ގައި އަސާސީ ޤަވާޢިދަށް ގެނެވުނު އިޞްލާޙުތަކާއެކު ފާސްކޮށްފައިވާ އެޕާޓީގެ އަސާސީ ޤަވާޢިދާއި، އެޕާޓީގެ މަޤާމުތަކަށް މީހުން އިންތިޚާބުކޮށްފައި އޮތް އޮތުން ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުން އެދި، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 26 ވަނަ މާއްދާގެ ދަށުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެއްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-SP/01 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި،

އެޤަޟިއްޔާ ބަލައި ކޮށްފައިވާ ޙުކުމުގައި، "ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށްހުރުމާއެކު، 2018 ސެޕްޓެމްބަރ 28 އަދި 29 ގައި ބޭއްވުނު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ޚާއްޞަގޮތުން ބާއްވާ ޤައުމީ ޖަލްސާ ބާއްވާފައިވަނީ އެ ޕާޓީގެ އަސާސީ ޤަވާޢިދާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ޤައުމީ ޖަލްސާގައި ބޭއްވޭ އިންތިޚާބުތަކާބެހޭ ޤަވާޢިދުގައި ޚާއްޞަ ގޮތުން ބާއްވާ ޤައުމީ ޖަލްސާއެއް ބޭއްވުމުގައި ފުރިހަމަ ކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ އިޖުރާއާތުތައް ފުރިހަމަ ނުކޮށްކަމަށް ބުނެ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އިން 29 ސެޕްޓެމްބަރ 2018 ގައި ބޭއްވި ޚާއްޞަ ގޮތުން ބާއްވާ ޤައުމީ ޖަލްސާގައި ފާސްކޮށްފައިވާ އަސާސީ ޤަވާޢިދާއި، ޕާޓީގެ މަޤާމުތަކަށް މީހުން އިންތިޚާބު ކޮށްފައި އޮތްއޮތުން އެންޑޯޒް ކުރެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަންގެ ނަންބަރު 38-DB/PPM/2018/86 ސިޓީއިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އަށް އަންގާފައިވާ އެންގުމަކީ ބާޠިލް އެންގުމެއްކަމަށް ކަނޑައަޅައި، 2018 ސެޕްޓެމްބަރ 28 އަދި 29 ގައި ބޭއްވުނު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ޚާއްޞަގޮތުން ބާއްވާ ޤައުމީ ޖަލްސާގައި ފާސްކޮށްފައިވާ އަސާސީ ޤަވާޢިދާއި އެ ޖަލްސާގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މަޤާމުތަކަށް އިންތިޚާބުކުރެވުނު ފަރާތްތައް މިއަދު، 22 ނޮވެމްބަރ 2018 ގެ 13:45 ން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ." މިފަދައިން ޙުކުމް ކޮށް އެޤަޟިއްޔާ ނިންމަވާފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

02- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-SP/01 ޤަޟިއްޔާގެ ޙުކުމް ބިނާ ކޮށްފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށްބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިލްތިމާސްކުރި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި، މި ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތަށް ހުށަހެޅިފައިވާ އެންމެހައި ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-SP/01 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 1586/Cv-C/2016 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން، 2016 އޮކްޓޯބަރު 16 ގައި ބޭއްވުނު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ކައުންސިލްގެ 2016 ވަނަ އަހަރުގެ 2 ވަނަ ކުއްލި ބައްދަލުވުމުގައި ބައިވެރިވި 18 މެންބަރުންގެ އިއްތިފާޤުން ސިވިލް ކޯޓުގެ އެ ޤަޟިއްޔާގައިވާ ގޮތުގެމަތިން، ކޯޓުން އެހެން ގޮތަކަށް އަމުރުކުރަންދެން، ނުވަތަ ޤައުމީ ޖަލްސާއަކުން ޕާޓީއަށް ރައީސަކު އިންތިޚާބުކުރަންދެން ޕާޓީ ހިންގުމުގެ ޒިންމާ އުފުލާނެ ފަރާތަކީ، ޕާޓީގެ މުސްތަޝާރުކަމަށް ފާސްކޮށްފައިވާކަމާއި، އަދި މި ނިންމުން ޕީ.ޕީ.އެމްގެ ނަންބަރު L-96/2016 (19 ޑިސެމްބަރު 2016) ސިޓީއިން ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގާފައި ކަމާއި، އަދި އެ ތާރީޚުން ފެށިގެން 2018 ސެޕްޓެމްބަރ 28 ގައި ޕާޓީއަށް އަލުން ރައީސަކު އިންތިޚާބުކުރެވުމާ ހަމައަށް، ޕާޓީ ހިންގުމުގެ އެންމެހައި މަސްއޫލިއްޔަތުތަކެއް އުފުލާފައިވަނީ ޕާޓީގެ މުސްތަޝާރު ކަމާއި،

މިގޮތުން 25 ސެޕްޓެމްބަރު 2018 ގައި ޕީ.ޕީ.އެމް ގެ 2018 ވަނަ އަހަރުގެ 02 ވަނަ ކުއްލި ކައުންސިލް ބައްދަލުވުން ބޭއްވުމަށްފަހު، ޕާޓީގެ އަސާސީ ޤަވާޢިދުގެ 33 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުން ބާރު ލިބިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ޚާއްސަގޮތުން ބާއްވާ ޤައުމީ ޖަލްސާއެއް، 2018 ސެޕްޓެމްބަރު 28 އިން 29 ގެ ނިޔަލަށް ބޭއްވުމަށާއި، އެ ޖަލްސާގައި ބާއްވާ އިންތިޚާބުތަކުގައި ޢަމަލު ކުރާނީ، "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ޤައުމީ ޖަލްސާގައި ބާއްވާ އިންތިޚާބުތަކާބެހޭ ޤަވާޢިދު" ގެ 3، 4، 6 އަދި 7 އުނިކުރުމަށްފަހު އެ ޤަވާޢިދުގެ ދެން ހުރި މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ޕީ.ޕީ.އެމް ގެ ކައުންސިލުން ފާސްކޮށްފައިވާކަމާއި،

އަދި މީގެ އިތުރުން، 26 ސެޕްޓެމްބަރު 2018 ގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ 2018 ވަނަ އަހަރުގެ 05 ވަނަ ޢާންމު ކައުންސިލް ބައްދަލުވުން ބޭއްވުމަށްފަހު، ޕާޓީގެ ޚާއްޞަ ގޮތުން ބާއްވާ ޤައުމީ ޖަލްސާ ކުރިއަށް ގެންދާނެ އުޞޫލެއް ކަނޑައެޅުމާއެކު، އެ ޖަލްސާގައި ބައިވެރިވެ ވޯޓު ދެވޭނެ މަންދޫބުން ކަނޑައަޅައި، ޖަލްސާގެ އެޖެންޑާ ފާސްކޮށް، އަދި ޕާޓީގެ އަސާސީ ޤަވާޢިދަށް ހުށަހަޅާނެ އިޞްލާޙުތައް ނިންމައި، އެ އިޞްލާޙުތައް އެ ޕާޓީގެ ޚާއްޞަ ގޮތުން ބާއްވާ ޤައުމީ ޖަލްސާގައި ފާސްކުރުމަށް ހުށަހެޅުމަށް ނިންމާފައިވާކަމާއި، ޕީ.ޕީ.އެމް ގެ އަސާސީ ޤަވާޢިދުގައި ޚާއްޞަ ގޮތުން ބާއްވާ ޤައުމީ ޖަލްސާ ކުރިއަށް ގެންދާނެ އުޞޫލުތަކެއް ބަޔާންކޮށްފައި ނުވާއިރު، އަސާސީ ޤަވާޢިދުގެ 88 ވަނަ މާއްދާގައި، އަސާސީ ޤަވާޢިދުގައި ބަޔާންކޮށްފައި ނެތް ކަމެއް ދިމާވެއްޖެނަމަ، އެކަން ޙައްލުކުރާނީ ޕާޓީގެ ކައުންސިލުންކަމަށް ބަޔާންކޮށްފައިވާކަމާއި،

ޕީ.ޕީ.އެމްގެ ޚާއްޞަގޮތުން ބާއްވާ ޤައުމީ ޖަލްސާ އެއް 2018 ސެޕްޓެމްބަރު 28 އަދި 29 ގައި ބޭއްވުމަށް ހަމަޖެހިފައިވާކަން ޕީ.ޕީ.އެމްގެ ނަންބަރު L-443/2018 (26 ސެޕްޓެމްބަރު 2018) ސިޓީއިން އިލެކްޝަންސް ކޮމިޝަނަށް އެންގުމާ ގުޅިގެން، އިލެކްޝަންސް ކޮމިޝަންގެ ނަންބަރު 38-DA/PPM/2018/82 (27 ސެޕްޓެމްބަރު 2018) ސިޓީއިން އެ ޖަލްސާ އޮބްޒާވްކުރުމަށްޓަކައި އެ ކޮމިޝަންގެ 2 މަންދޫބަކު ޢައްޔަނުކޮށްފައިވާކަން ޕީ.ޕީ.އެމް އަށް އަންގާފައިވާ ކަމާއި، އަދި އެ ދެ މަންދޫބުން ޕީ.ޕީ.އެމްގެ ޚާއްޞަގޮތުން ބާއްވާ ޤައުމީ ޖަލްސާގެ ކަންކަން ކުރިއަށްދާ ގޮތް ބެލުމަށް ޖަލްސާއަށް ހާޒިރުވެ ޙަރަކާތްތެރިވެފައިވާ ކަމާއި، ނަމަވެސް އިސްވެ ބަޔާންކުރެވުނު ދެ މަންދޫބުންގެ ހާޒިރުގައި، ހަމަޖެހިފައިވާ ޤަވާޢިދުތަކާ އެއްގޮތަށް ޤައުމީ ޖަލްސާއިން ޕީ.ޕީ.އެމް ގެ އަސާސީ ޤަވާޢިދަށް ގެނެވުނު އިޞްލާޙުތަކާއެކު ފާސްކޮށްފައިވާ އެ ޕާޓީގެ އަސާސީ ޤަވާޢިދާއި، އެ ޕާޓީގެ މަޤާމުތަކަށް މީހުން އިންތިޚާބުކޮށްފައި އޮތް އޮތުން އިލެކްޝަންސް ކޮމިޝަންގައި އޮންނަ އެ ޕާޓީގެ ދަފުތަރުގައި ރަޖިސްޓަރީ ކޮށްދިނުން އެދި އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން، އެ ކޮމިޝަންގެ ފަރާތުން އިތުރަށް ފޮނުވައިދިނުމަށް އެދުނު އެންމެހައި ލިޔުންތައް ފޮނުވުމުންވެސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ޤަވާޢިދާއި "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ޤައުމީ ޖަލްސާގައި ބާއްވާ އިންތިޚާބުތަކާއި ބެހޭ ޤަވާޢިދު" ގައި، "ޚާއްސަ ގޮތުން ބާއްވާ ޤައުމީ ޖަލްސާ" އެއް ބޭއްވުމުގައި ފުރިހަމަ ކުރަން ޖެހޭކަމަށް ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައި ނުވާކަމަށްބުނެ، ޚާއްސަ ގޮތުން ބާއްވާ ޤައުމީ ޖަލްސާގައި އެޕާޓީގެ އަސާސީ ޤަވާޢިދަށް ގެނެވުނު އިޞްލާޙުތަކާއެކު ފާސްކޮށްފައިވާ އަސާސީ ޤަވާޢިދާއި، އެ ޕާޓީގެ މަޤާމުތަކަށް މީހުން އިންތިޚާބުކޮށްފައި އޮތް އޮތުން އެންޑޯޒް ކުރެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަމަށް އެ ކޮމިޝަންގެ ނަންބަރު 38-DB/PPM/2018/86 (3 އޮކްޓޯބަރު 2018) ސިޓީއިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އަށް އަންގާފައިވާ ކަމާއި، ނަމަވެސް "ޚާއްޞަގޮތުން ބާއްވާ ޖަލްސާ" ގެ އެ ނިންމުންތައް ޕީ.ޕީ.އެމް ގެ އަސާސީ ޤަވާޢިދާ ޚިލާފުވީގޮތެއް، އަދި "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ޤައުމީ ޖަލްސާގައި ބާއްވާ އިންތިޚާބުތަކާއި ބެހޭ ޤަވާޢިދު" ގައި، ޚާއްސަ ގޮތުން ބާއްވާ ޤައުމީ ޖަލްސާއެއް ބޭއްވުމުގައި ފުރިހަމަ ކުރަން ޖެހޭކަމަށް ބަޔާންކޮށްފައިވާ އިޖުރާއާތުތަކުގެ ތެރެއިން ފުރިހަމަ ކުރެވިފައިނުވަނީ ކޮން އިޖުރާއާތުތަކެއްކަން އެކޮމިޝަންގެ ފަރާތުން ބަޔާންކޮށްދީފައި ނުވާކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން ބުނެފައިވާކަން ފާހަގުރެވޭކަމެވެ.

(ށ) ދެވަނަ ކަމަކީ: 28 ސެޕްޓެމްބަރ 2018 ގައި ބޭއްވުނު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ "ޚާއްޞަ ގޮތުން ބާއްވާ ޤައުމީ ޖަލްސާ" ގައި އެ ޕާޓީގެ އަސާސީ ޤަވާޢިދަށް ގެނެވުނު އިޞްލާޙުތަކާއެކު ފާސްކޮށްފައިވާ އެ ޕާޓީގެ އަސާސީ ޤަވާޢިދާއި، އެ ޕާޓީގެ މަޤާމުތަކަށް މީހުން އިންތިޚާބުކޮށްފައި އޮތް އޮތުން އެންޑޯޒްކުރެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާ އެކަން އެޕާޓީއަށް އަންގާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބުނެ، އެ ކޮމިޝަންގެ އެނިންމުން އެފަދައިން ނިންމާފައިވަނީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އިން ހުށަހެޅި ލިޔެކިޔުންތަކަށާއި، އެ ޖަލްސާ އޮބްޒާވް ކުރުމަށް އެ ކޮމިޝަނުން ދިޔަ މަންދޫބުން ކޮމިޝަނަށް ހުށަހެޅި ރިޕޯޓަށް ބެލުމަށްފަހު، ޕީ.ޕީ.އެމްގެ އަސާސީ ޤަވާޢިދާއި ޤައުމީ ޖަލްސާގައި ބާއްވާ އިންތިޚާބުތަކާއިބެހޭ ޤަވާޢިދުގައި ޚާއްޞަ ގޮތުން ބާއްވާ ޤައުމީ ޖަލްސާއެއް ބޭއްވުމުގައި ފުރިހަމަ ކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ އިޖުރާއާތުތައް ފުރިހަމަ ކޮށްފައި ނުވާތީކަމަށް ބަޔާންކޮށް، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަތަރު ކަމެއް ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވާކަމާއި، އެގޮތުން؛

(1) ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އިން އެޕާޓީގެ ޚާއްސަ ގޮތުން ބާއްވާ ޤައުމީ ޖަލްސާގައި އިޞްލާޙު ކުރުމަށްފަހު ހުށަހަޅާފައިވާ އަސާސީ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި، ޕާޓީގެ 4 ނައިބު ރައީސުން ކައުންސިލްގައި ތިބޭނެ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް އެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި، 29 ވަނަ މާއްދާއަށް ޙަވާލާދީ 3 ނައިބު ރައީސުންގެ ވާހަކަ އައިސްފައިވުމުން، މި ދެމާއްދާ ތަޢާރުޟުވާކަމަށް ފާހަގަކޮށްފައިވުމާއި،

(2) ޕީ.ޕީ.އެމްގެ ނަންބަރު IU-02/2018 (25 ސެޕްޓެމްބަރ 2018) އިޢުލާނުގައި 2018 ސެޕްޓެމްބަރ 28 އިން 29 ގެ ނިޔަލަށް ބޭއްވުމަށް އިޢުލާން ކޮށްފައިވާ އެ ޕާޓީގެ "ޚާއްޞަ ގޮތުން ބާއްވާ ޕާޓީގެ ޤައުމީ ޖަލްސާ" ގައި އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ މަޤާމުތައް ބަޔާންކޮށްފައިވާއިރު، ދެވަނަ ޕެރެގްރާފުގެ "(2) ގައި، ޕާޓީގެ 2 ނައިބު ރައީސުން އަދި (3) ގައި، ޕާޓީގެ ނާއިބު ރައީސް (އަންހެން)" އިންތިޚާބުކުރާނޭ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް "ޚާއްސަ ގޮތުން ބާއްވާ ޤައުމީ ޖަލްސާ" ގެ ޔައުމިއްޔާގެ އެޖެންޑާ އައިޓަމް 2 ގެ 2 ވަނަ ނަންބަރުގެ ދަށުން 4 ނާއިބު ރައީސުން (3 ފިރިހެން ނާއިބުރައީސުން، 1 އަންހެން ނައިބު ރައީސް) އިންތިޚާބު ކޮށްފައިވާކަން ފާހަގަކޮށް، އެއީ ޕީ.ޕީ.އެމްގެ ނަންބަރު IU-02/2018 (25 ސެޕްޓެމްބަރ 2018) އިޢުލާނާ ޚިލާފަށް ކޮށްފައިވާ ކަމެއްކަން ފާހަގަކޮށްފައިވުމާއި،

(3) ސިޔާސީ ޕާޓީގެ ޤާނޫނުގެ 54 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރުގައި "ޤައުމީ ބައްދަލުވުން" މާނަކޮށްފައިވަނީ ޕާޓީގެ ހުރިހާ މެންބަރުން ތަމްސީލުކުރެވޭ ގޮތަށް ބާއްވާ ބައްދަލުވުމަށް ކަމަށް ބަޔާންކޮށްފައިވާތީއާއި، ޕީ.ޕީ.އެމްގެ ނަންބަރު IU-03/2018 (26 ސެޕްޓެމްބަރ 2018) އިޢުލާނުގައި 2018 ސެޕްޓެމްބަރ 28 އިން 29 ގެ ނިޔަލަށް ބޭއްވުމަށް އިޢުލާން ކޮށްފައިވާ ޚާއްޞަ ގޮތުން ބާއްވާ ޕާޓީގެ ޤައުމީ ޖަލްސާގެ މަންދޫބުންގެ ގޮތުގައި ބައިވެރިވެ ކަންކަން ނިންމުމުގައި ވޯޓު ދެވޭނެ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކަކީ "ޕާޓީ ތަމްސީލްކުރާ ޕާޓީގެ މެންބަރެއް" ކަމުގައި ވާންޖެހޭނެ ކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، ޖަލްސާގެ ބައިވެރިންގެ ގޮތުގައި އެ ކޮމިޝަނަށް ޕީ.ޕީ.އެމް އިން ފޮނުއްވާފައިވާ ލިސްޓަށް ބެލިއިރު، ލިސްޓުގެ 1 ވަނަ ނަންބަރުން ފެށިގެން 49 ވަނަ ނަންބަރުގެ ނިޔަލަށްވާ ފަރާތްތަކުގެ މަޢުލޫމާތުގެ ގޮތުގައި ފޮނުވާފައިވަނީ އެފަރާތްތަކުގެ ނަން އެކަނިކަމާއި، އެފަރާތްތަކުގެ ދާއިމީ އެޑްރެސް ނުވަތަ އައިޑީކާޑު ނަންބަރު ފޮނުއްވާފައި ނުވާތީ، އެފަރާތްތަކަކީ އެ ޕާޓީއަށް ނިސްބަތްވާ މެންބަރުންކަން އެކޮމިޝަނުން ޗެކްކުރާނެ އެއްވެސް ގޮތެއް ނެތްކަމަށާއި، އަދި އިސްވެ އިޝާރާތް ކުރެވުނު އެލިސްޓުގެ 50 ވަނަ ނަންބަރުން ފެށިގެން 268 ނަންބަރާ ހަމައަށް ތިބި 171 ފަރާތުގެ ތެރޭގައި ހިމެނެނީ ޕީ.ޕީ.އެމްއަށް ނިސްބަތްވާ 129 މެންބަރުންނާއި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ 2 މެންބަރަކާއި، ދިވެހިރައްޔިތުންގެ ޕާޓީއަށް ނިސްބަތްވާ 1 މެންބަރަކާއި، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ 2 މެންބަރަކާއި، ޢަދާލަތު ޕާޓީއަށް ނިސްބަތްވާ 1 މެންބަރަކާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްއަށް ނިސްބަތްވާ 7 މެންބަރަކާއި، އެއްވެސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކޮށްފައިނުވާ 29 ފަރާތްކަމަށް ފާހަގަކޮށްފައި ވުމާއި،

(4) "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ޤައުމީ ޖަލްސާގައި ބާއްވާ އިންތިޚާބުތަކާބެހޭ ޤަވާޢިދު" ގެ 18 ވަނަ މާއްދާގެ (ހ) ގައި ވޯޓިންގ ބޫތު ހުންނަންވާނީ ވޯޓުލާ މީހާ ވޯޓުކަރުދާހުގައި ޖަހާ ފާހަގަ އެހެން މީހުންނަށް ނުފެންނަ ގޮތަށް ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ "ޚާއްސަ ގޮތުން ބާއްވާ ޤައުމީ ޖަލްސާގެ ޔައުމިއްޔާ" ގެ 9 ވަނަ ޞަފްޙާގައި، އިންތިޚާބު ކުރިއަށް ގެންގޮސްފައިވަނީ، މަންދޫބުން ތިބި ތަނުގައި ތިއްބާ އެމަންދޫބުންނާ ހަމައަށް ވޯޓު ކަރުދާސް އަދި ވޯޓު ފޮށި ގެންދިޔުމުން އެމަންދޫބުން ވޯޓު ދީފައިވާ ކަރުދާސްކޮޅު ވޯޓު ފޮށްޓަށް ވައްޓާލައިގެން ކަމަށް ބަޔާންކޮށްފައިވުމުން، އެއީވެސް އެޕާޓީގެ ޤައުމީ ޖަލްސާގައި ބާއްވާ އިންތިޚާބުތަކާބެހޭ ޤަވާޢިދުގެ 18 ވަނަ މާއްދާއާ ޚިލާފުކަމެއްކަން ފާހަގަކޮށްފައިވުމާއި، މިކަންތައްތައް ހިމެނޭކަން ފާހަގަ ކުރެވޭކަމެވެ.

(ނ) ތިންވަނަ ކަމަކީ: 2018 ސެޕްޓެމްބަރ 28 ގައި ބޭއްވުނު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ "ޚާއްޞަ ގޮތުން ބާއްވާ ޤައުމީ ޖަލްސާ" ގައި އަސާސީ ޤަވާޢިދަށް ގެނެވުނު އިޞްލާޙުތަކާއެކު ފާސްކޮށްފައިވާ އެ ޕާޓީގެ އަސާސީ ޤަވާޢިދާއި، އެ ޕާޓީގެ މަޤާމުތަކަށް މީހުން އިންތިޚާބުކޮށްފައި އޮތް އޮތުން އެންޑޯޒްކުރެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބިނާކުރި ސަބަބުތައްކަމަށް ބުނެ އެ ކޮމިޝަނުން ފާހަގަކޮށްފައިވާ، (މިރިޕޯޓުގެ އިސްވެ ފާހަގަކުރެވުނު (ށ) ގައި ފާހަގަކޮށްފައިވާ) ސަބަބުތަކުގެ ތެރެއިން 01 ވަނަ ނަންބަރާއި 02 ވަނަ ނަންބަރުގައި އެކޮމިޝަނުން ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު،

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އިން އެ ޕާޓީގެ ޚާއްސަ ގޮތުން ބާއްވާ ޤައުމީ ޖަލްސާގައި އިޞްލާޙު ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އަސާސީ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި، ޕާޓީގެ 4 ނައިބު ރައީސުން ކައުންސިލްގައި ތިބޭނެ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި، 29 ވަނަ މާއްދާއަށް ޙަވާލާދީ 3 ނައިބު ރައީސުންގެ ވާހަކަ އައިސްފައިވުމުން، މި ދެ މާއްދާ ތަޢާރުޟު ވާކަމަށް ފާހަގަކޮށްފައިވާތީ އެނުކުތާއަށް މިޤަޟިއްޔާގައި ބެލިބެލުމުން،

2018 ސެޕްޓެމްބަރ 28 ގައި ބޭއްވުނު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ޚާއްޞަ ގޮތުން ބާއްވާ ޤައުމީ ޖަލްސާގައި އިޞްލާޙު ކުރުމަށްފަހު ފާސްކޮށްފައިވާ އަސާސީ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި، "ޕާޓީގެ 4 ނައިބު ރައީސުން (1 މެންބަރަކީ އަންހެން މެންބަރެއް ކަމުގައި ވުން)" މިފަދައިން ބަޔާންކޮށްފައި ވާކަމާއި، އަދި ހަމަ އެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި، "މިޤަވާޢިދުގެ 29 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައިވާ ޕާޓީގެ 3 ނައިބު ރައީސުން" މިފަދައިން ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އިން އެޕާޓީގެ ޚާއްސަ ގޮތުން ބާއްވާ ޤައުމީ ޖަލްސާގައި އިޞްލާޙު ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އެޕާޓީގެ އަސާސީ ޤަވާޢިދުގެ 29 ވަނަ މާއްދާ އަކީ، ޕާޓީގެ ކައުންސިލް އެކުލެވިގެންވާ ގޮތް ބަޔާންކުރާ މާއްދާ ކަމާއި، އެގޮތުން އެމާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި، އެ ޕާޓީގެ 4 ނައިބު ރައީސުން ކައުންސިލުގައި ތިބޭނެ ކަމަށް ބަޔާންކުރުމަށްފަހު، އެ އަސާސީ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ށ) ގައި، "ތިރީގައިވާ މަޤާމުތަކަށް މީހުން އިންތިޚާބު ކުރުން އަދި ވަކިކުރުން" މި ސުރުޚީގެ ދަށުން ތަރުތީބުވެފައިވާ ނަންބަރުތަކުގެ ތެރެއިން 2 ވަނަ ނަންބަރުގައި، "މި ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައިވާ ޕާޓީގެ 3 ނައިބު ރައީސުން." މިފަދައިން ބަޔާންކޮށްފައިވުމަކީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ޚާއްޞަގޮތުން ބާއްވާ ޤައުމީ ޖަލްސާގައި އިޞްލާޙުކޮށް ފާސްކޮށްފައިވާ އަސާސީ ޤަވާޢިދުގައި އެ ޕާޓީގައި ތިބޭ ނައިބު ރައީސުންގެ ޢަދަދު ބަޔާންކުރުމުގައިވާ ތާޢާރުޟުވުމެއް ނުވަތަ ފުށުއެރުމެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދެކޭތީ، އެނުކުތާއަށް ބެލުމުގެ ގޮތުން 2018 ސެޕްޓެމްބަރ 28 ގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އިން ބޭއްވި އިސްވެ ބަޔާންކުރެވުނު "ޚާއްޞަގޮތުން ބާއްވާ ޤައުމީ ޖަލްސާގެ ޔައުމިއްޔާ" އަށް ބެލިއިރު، އެޖަލްސާގައި އެ ޕާޓީގެ އަސާސީ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ހ) އަށް އިޞްލާޙު ގެނެވިފައިވާކަމާއި، ގެނެވުނު އިޞްލާޙު ތަކުގެ ތެރޭގައި، އެޕާޓީގެ ނައިބު ރައީސުންގެ ޢަދަދު 3 އިން 4 އަށް ބަދަލު ކުރުން ހިމެނޭކަމާއި، ނަމަވެސް އެ ޖަލްސާގައި އެޕާޓީގެ އަސާސީ ޤަވާޢިދުގައި ޕާޓީގެ ޤައުމީ ޖަލްސާއިން ނިންމާ ކަންތައްތަކާ ގުޅޭ އެޤަވާޢިދުގެ 35 ވަނަ މާއްދާ (އިޞްލާޙު ކުރެވުނު އަސާސީ ޤަވާޢިދުގެ 34 ވަނަ މާއްދާ) އަށް އެއްވެސް އިޞްލާޙެއް ގެނެސްފައި ނުވާތީ، އިޞްލާޙު ކޮށްފައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި އަސާސީ ޤަވާޢިދުގެ 35 ވަނަ މާއްދާގެ ގޮތުގައި ނަކަލް ކޮށްފައި ވަނީ، އަސާސީ ޤަވާޢިދު އިޞްލާޙު ކުރުމުގެ ކުރިން އެޤަވާޢިދުގެ 34 ވަނަ މާއްދާ ލިޔެވިފައި އޮތް ގޮތަށްކަމާއި،

އެހެންކަމުން އެއީ ޢަމަލު ކުރަމުން އައި އަސާސީ ޤަވާޢިދުގެ އިޞްލާޙުކުރެވުނު މާއްދާތަކާއެކު އެ އަސާސީ ޤަވާޢިދު އިލެކްޝަންސް ކޮމިޝަނަށް ފޮނުވިއިރު، ޤަޞްދަކާ ނުލައި ލިޔެވިފައިވާ ކުށެއްކަން ސާފުކޮށް އެނގެން އޮންނަކަމާއި، ނަމަވެސް ބަޔާންކުރެވުނު ޚާއްޞަގޮތުން ބާއްވާ ޤައުމީ ޖަލްސާގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ޤަވާޢިދަށް ގެނައި އިޞްލާޙު ތަކުގެ ތެރޭގައި އެޕާޓީގެ 3 ނައިބު ރައީސުންގެ ބަދަލުގައި 4 ނައިބު ރައީސުން ތިބޭގޮތަށް އިޞްލާޙު ކުރެވިފައިވާކަމާއި، އަދި އެ އިޞްލާޙު ފާސްވެގެން ގޮސްފައިވަނީ، އެޖަލްސާގައި ބައިވެރިވެ ވޯޓުދިން 267 މަންދޫބުންގެ އިއްތިފާޤުންކަން އެޖަލްސާގެ ޔައުމިއްޔާއިން އެނގެން އޮންނަކަމާއި،2018 ސެޕްޓެމްބަރ 28 ގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އިން ބޭއްވި އެޕާޓީގެ "ޚާއްޞަ ގޮތުން ބާއްވާ ޤައުމީ ޖަލްސާ" އިން އެޕާޓީގެ އަސާސީ ޤަވާޢިދަށް ގެނެސްފައިވާ އިޞްލާޙުތަކާއެކު އެ ޤަވާޢިދު އަލުންލިޔެ، އެޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ޤަވާޢިދު" ގެ 29 ވަނަ މާއްދާގައި، އެޕާޓީގެ ނައިބު ރައީސުންގެ ޢަދަދު 4 ކަމަށް ބަޔާންކުރުމަށްފަހު، ހަމަ އެޤަވާޢިދުގެ 35 ވަނަ މާއްދާގައި 29 ވަނަ މާއްދާ އާއި ޙަވާލާދީ 3 ނައިބު ރައީސުން ކަމަށް ބަޔާންކުރެވިފައިވުމީ، އޭގެ ސަބަބުން އެ ޕާޓީގެ ނައިބު ރައީސުންގެ ޢަދަދަށް ގެނެސްފައިވާ އިޞްލާޙުގެ ޞައްޙަކަމާމެދު ޤާނޫނީ ގޮތުން ސުވާލު އުފެދެންޖެހޭ ސަބަބެއް ނޫންކަމާއި،

އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ނަންބަރު IU-02/2018 (25 ސެޕްޓެމްބަރ 2018) އިޢުލާނުގައި 03 ނާއިބު ރައީސުން އިންތިޚާބުކުރުމަށް އިޢުލާންކޮށްފައި ވީނަމަވެސް، ޕާޓީގެ ކައުންސިލްގައި 04 (ހަތަރެއް) ނާއިބު ރައީސުން (3 ފިރިހެން، 1 އަންހެން) އެކުލެވިގެންވާކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ހ) އިޞްލާޙުކުރެވިފައިވުމުން، މި އިޞްލާޙާ އެއްގޮތަށް ޚާއްޞަގޮތުން ބާއްވާ ޕާޓީގެ ގައުމީ ޖަލްސާގައި 04 (ހަތަރެއް) ނާއިބު ރައީސުން އިންތިޚާބްކުރެވިފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ޤަވާޢިދާ އެއްގޮތަށްކަން އެނގޭތީއާއި، އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން ކޮށްފައިވާ ނަންބަރު IU-02/2018 (25 ސެޕްޓެމްބަރ 2018) އިޢުލާނަކީ، އެ ޕާޓީގެ އަސާސީ ޤަވާޢިދަށް އިޞްލާޙު ގެނައުމުގެ ކުރިން ކޮށްފައިވާ އިޢުލާނެއްކަން އެނގެންއޮންނާތީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން ޕާޓީގެ ކައުންސިލަށް 04 ނާއިބު ރައީސުން ޢައްޔަން ކޮށްފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ޤަވާޢިދާ ޚިލާފަށް ކަމަށް ބަލާނެ ހަމައެއް ނެތްކަން ފާހަގަކުރެވޭކަމެވެ.

(ރ) ހަތަރު ވަނަ ކަމަކީ: 2018 ސެޕްޓެމްބަރ 28 ގައި ބޭއްވުނު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ "ޚާއްޞަ ގޮތުން ބާއްވާ ޤައުމީ ޖަލްސާ" ގައި އަސާސީ ޤަވާޢިދަށް ގެނެވުނު އިޞްލާޙުތަކާއެކު ފާސްކޮށްފައިވާ އެޕާޓީގެ އަސާސީ ޤަވާޢިދާއި، އެޕާޓީގެ މަޤާމުތަކަށް މީހުން އިންތިޚާބުކޮށްފައި އޮތް އޮތުން އެންޑޯޒްކުރެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބިނާކުރި ސަބަބުތައްކަމަށް ބުނެ އެކޮމިޝަނުން ފާހަގަކޮށްފައިވާ (މިރިޕޯޓުގެ އިސްވެ ފާހަގަކުރެވުނު (ށ) ގައި ފާހަގަކޮށްފައިވާ) ސަބަބުތަކުގެ ތެރެއިން 3 ވަނަ ނަންބަރުގައި،

ސިޔާސީ ޕާޓީގެ ޤާނޫނުގެ 54 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރުގައި "ޤައުމީ ބައްދަލުވުން" މާނަކޮށްފައިވަނީ ޕާޓީގެ ހުރިހާ މެންބަރުން ތަމްސީލުކުރެވޭ ގޮތަށް ބާއްވާ ބައްދަލުވުމަށް ކަމަށް ބަޔާންކޮށްފައިވާތީ އާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ނަންބަރު: IU-04/2018 (26 ސެޕްޓެމްބަރ 2018) އިޢުލާނުގައި، 2018 ސެޕްޓެމްބަރ 28 އިން 29 ގެ ނިޔަލަށް ބޭއްވުމަށް އިޢުލާން ކޮށްފައިވާ، ޚާއްޞަ ގޮތުން ބާއްވާ ޕާޓީގެ ޤައުމީ ޖަލްސާގެ މަންދޫބުންގެ ގޮތުގައި ބައިވެރިވެ ކަންކަން ނިންމުމުގައި ވޯޓު ދެވޭނެ ކަމަށް ބަޔާންކޮށްފައިވާ މީހުންނަކީ "ޕާޓީ ތަމްސީލްކުރާ ޕާޓީގެ މެންބަރެއް" ކަމުގައި ވާންޖެހޭނެ ކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، ޖަލްސާގެ ބައިވެރިންގެ ގޮތުގައި އެޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ލިސްޓަށް ބެލިއިރު، ލިސްޓުގެ 1 ވަނަ ނަންބަރުން 49 ވަނަ ނަންބަރުގެ ނިޔަލަށް ހިމެނިފައިވާ ފަރާތްތަކުގެ މަޢުލޫމާތުގެ ގޮތުގައި ފޮނުއްވާފައިވަނީ އެފަރާތްތަކުގެ ނަން އެކަނިކަމަށާއި، އެފަރާތްތަކުގެ ދާއިމީ އެޑްރެސް ނުވަތަ އައި.ޑީކާޑު ނަންބަރު ފޮނުވާފައި ނުވާތީ، އެފަރާތްތަކަކީ އެޕާޓީއަށް ނިސްބަތްވާ މެންބަރުންކަން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޗެކްކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށާއި، އަދި އެލިސްޓުގެ 50 ވަނަ ނަންބަރުން ފެށިގެން 268 ނަންބަރުގެ ނިޔަލަށް ތިބި 171 ފަރާތުގެ ތެރޭގައި ހިމެނެނީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އަށް ނިސްބަތްވާ 129 މެންބަރުންނާއި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ 2 މެންބަރަކާއި، ދިވެހިރައްޔިތުންގެ ޕާޓީއަށް ނިސްބަތްވާ 1 މެންބަރަކާއި، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ 2 މެންބަރަކާއި، ޢަދާލަތު ޕާޓީއަށް ނިސްބަތްވާ 1 މެންބަރަކާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްއަށް ނިސްބަތްވާ 7 މެންބަރަކާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކޮށްފައިނުވާ 29 މީހުންކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފާހަގަކޮށް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ޚާއްޞަ ގޮތުން ބާއްވާ ޤައުމީ ޖަލްސާގައި އަސާސީ ޤަވާޢިދަށް ގެނެވުނު އިޞްލާޙުތަކާއެކު ފާސްކޮށްފައިވާ އެ ޕާޓީގެ އަސާސީ ޤަވާޢިދާއި، އެ ޕާޓީގެ މަޤާމުތަކަށް މީހުން އިންތިޚާބުކޮށްފައި އޮތް އޮތުން އެންޑޯޒްކުރެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ދިފާޢު ކޮށް ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވާއިރު،

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އިސްވެ ބަޔާންކުރެވުނު ޤައުމީ ޖަލްސާގައި ބައިވެރިވި މެންބަރުންގެ ގޮތުގައި އެޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ލިސްޓުގެ ނަންބަރު 1 އިން ފެށިގެން 49 ވަނަ ނަންބަރުގެ ނިޔަލަށްވާ ފަރާތްތަކުގެ ފުރިހަމަ ނަން ފިޔަވައި އިތުރު އެއްވެސް މަޢުލޫމާތެއް (އެޑްރެސް، އައި.ޑީ.ކާޑު ނަންބަރު ފަދަ) އެ ލިސްޓުގައި ހިމަނާފައި ނުވާތީ، އެ 49 ނުވަ ފަރާތަކީ އެ ޕާޓީގެ މެންބަރުންކަން އެކޮމިޝަނަށް ކަށަވަރު ކުރެވިފައި ނުވާކަމަށް އެކޮމިޝަންގެ ފަރާތުން ބުނެފައިވާއިރު، އެ 49 ފަރާތާއި ގުޅޭ އިތުރު މަޢުލޫމާތު ފޮނުވައި ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގައި އެދިފައި ނުވާކަމަށް ޕީ.ޕީ.އެމް ގެ ފަރާތުން ބުނެފައިވާ ބުނުމާމެދު އެކޮމިޝަންގެ ފަރާތުން އިންކާރު ކޮށްފައި ނުވާކަމާއި،

އަދި ބަޔާންކުރެވުނު ލިސްޓުގެ 50 ވަނަ ނަންބަރުން ފެށިގެން 268 ވަނަ ނަންބަރުގެ ނިޔަލަށް އެ ލިސްޓުގައި ބަޔާންކޮށްފައިވާ 171 ފަރާތުގެ ތެރޭގައި ހިމެނެނީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އަށް ނިސްބަތްވާ 129 މެންބަރުންނާއި، އެޕާޓީ ނޫން އެހެނިހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 13 މެންބަރުންނާއި، އެއްވެސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކޮށްފައިނުވާ 29 މީހުންކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބުނެފައިވާއިރު، އެ ލިސްޓުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ނޫން އެހެން ޕާޓީތަކަށް ނިސްބަތްވާ ޖުމްލަ 13 މެންބަރުންނަކީ ކޮބައިކަމާއި، އެލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން، އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ވެފައި ނުވާ 29 ފަރާތަކީ ކޮބައިކަން އިލެކްޝަންސް ކޮމިޝަނަށް ބުނެދެވިފައި ނުވާކަން ފާހަގަކުރެވޭކަމާއި،

އަދި މީގެ އިތުރުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ބަޔާންކުރެވުނު ޤައުމީ ޖަލްސާގައި ބައިވެރިވި މެންބަރުންގެ ގޮތުގައި އެ ޕާޓީގެ ފަރާތުން 268 ފަރާތެއްގެ ނަން ފޮނުވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބަޔާންކުރުމަށްފަހު، އެ ލިސްޓުގެ 50 ވަނަ ނަންބަރުން ފެށިގެން 268 ނަންބަރުގެ ނިޔަލަށް ޖުމްލަ އެލިސްޓުގައި ހިމެނިފައިވަނީ 171 ފަރާތެއްގެ މަޢުލޫމާތު ކަމަށް އެ ކޮމިޝަންގެ ފަރާތުން ބުނާބުނުމަކީ ރަގަޅު ބުނުމެއް ނޫންކަމާއި، އެއީ އެލިސްޓުގައި ހިމެނޭ ޖުމްލަ ޢަދަދު ކަމުގައިވާ 268 އިން 49 އުނިކުރުމުން އަންނަ ރަގަޅު ޢަދަދަކީ 219 ކަމަށްވާތީ، އެ ޢަދަދަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އިން 2018 ސެޕްޓެމްބަރ 28 ގައި ބޭއްވި، އެޕާޓީގެ ޚާއްޞަގޮތުން ބާއްވާ ޤައުމީ ޖަލްސާގައި ފާސްކޮށްފައިވާ ކަންކަން ނިންމުމުގައި ވޯޓުގައި ބައިވެރިވި ފަރާތްތަކުގެ ޖުމްލަ ޢަދަދު ކަމަށް ބުނެވުނު ލިސްޓުގައިވާ 268 ގެ ދެބައިކުޅަ އެއްބަޔަށްވުރެ މަތީ ޢަދަދެއްކަން އެނގެން އޮތުމުން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން ބާއްވާފައިވާ އެޕާޓީގެ ޚާއްޞަ ގޮތުން ބާއްވާ ޤައުމީ ޖަލްސާގައި އަސާސީ ޤަވާޢިދަށް ގެނެވުނު އިޞްލާޙުތަކާއެކު ފާސްކޮށްފައިވާ އެޕާޓީގެ އަސާސީ ޤަވާޢިދާއި، އެޕާޓީގެ މަޤާމުތަކަށް މީހުން އިންތިޚާބުކޮށްފައި އޮތް އޮތުން އެންޑޯޒްކުރެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބިނާކުރި ތިންވަނަ ސަބަބަކީވެސް ޤާނޫނީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ދެއްކިފައިވާ ހަރުދަނާ ސަބަބެއް ނޫންކަން ރަނގަޅަށް އެނގެން އޮންނަކަމެވެ.

(ބ) ފަސްވަނަ ކަމަކީ: "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ޤައުމީ ޖަލްސާގައި ބޭއްވޭ އިންތިޚާބުތަކާބެހޭ ޤަވާޢިދު" ގެ 18 ވަނަ މާއްދާގެ (ހ) ގައި، ވޯޓިންގ ބޫތު ހުންނަންވާނީ ވޯޓުލާ މީހާ ވޯޓުކަރުދާހުގައި ޖަހާފާހަގަ އެހެން މީހުންނަށް ނުފެންނަ ގޮތަށް ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ "ޚާއްސަ ގޮތުން ބާއްވާ ޤައުމީ ޖަލްސާގެ ޔައުމިއްޔާ" ގެ 9 ވަނަ ޞަފްޙާގައި، އިންތިޚާބު ކުރިއަށް ގެންގޮސްފައިވަނީ، މަންދޫބުން ތިބި ތަނުގައި ތިއްބާ އެމީހުންނާ ހަމައަށް ވޯޓު ކަރުދާސް އަދި ވޯޓު ފޮށި ގެންދިޔުމުން އެމީހުން ވޯޓު ދީފައިވާ ކަރުދާސްކޮޅު ވޯޓު ފޮށްޓަށް ވައްޓާލައިގެން ކަމަށް ބަޔާންކޮށްފައިވުމުން، އެއީ އެޕާޓީގެ ޤައުމީ ޖަލްސާގައި ބާއްވާ އިންތިޚާބުތަކާބެހޭ ޤަވާޢިދުގެ 18 ވަނަ މާއްދާއާ ޚިލާފުކަމެއްކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފާހަގަކޮށް، އެއީވެސް 2018 ސެޕްޓެމްބަރ 28 ގައި ބޭއްވުނު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ޚާއްޞަ ގޮތުން ބާއްވާ ޤައުމީ ޖަލްސާގައި އެޕާޓީގެ އަސާސީ ޤަވާޢިދަށް ގެނެވުނު އިޞްލާޙުތަކާއެކު ފާސްކޮށްފައިވާ އެޕާޓީގެ އަސާސީ ޤަވާޢިދާއި، އެޕާޓީގެ މަޤާމުތަކަށް މީހުން އިންތިޚާބުކޮށްފައި އޮތް އޮތުން އެންޑޯޒްކުރެވެން ނެތް ސަބަބެއްކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބުނެފައިވާއިރު،

"ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ޤައުމީ ޖަލްސާގައި ބޭއްވޭ އިންތިޚާބުތަކާބެހޭ ޤަވާޢިދު" ގެ 18 ވަނަ މާއްދާގެ (ހ) ގައި، ވޯޓިންގ ބޫތު ހުންނަންވާނީ ވޯޓުލާ މީހާ ވޯޓު ކަރުދާހުގައި ޖަހާފާހަގަ އެހެން މީހުންނަށް ނުފެންނަގޮތަށް ކަމަށާއި، އަދި އެމާއްދާގެ (ށ) ގައި، ވޯޓިންގ ބޫތު ހުންނަންވާނީ ވޯޓުލާ މާލަމުގައި ތިބޭ އޮފިޝަލުންނަށް ފަސޭހައިން ފެންނަ ހިސާބެއްގައި ކަމަށް ބަޔާންކޮށްފައި ވާއިރު، މި މާއްދާގައި ވޯޓިންގ ބޫތު ބަހައްޓަންޖެހޭ ވަކިތަނެއް ލާޒިމްކޮށްފައި ނުވާކަމާއި، އަދި މި މާއްދާގައި ބުނާ ޝަރުޠުތައް ފުރިހަމަވާގޮތެއްގެ މަތިން ކޮންމެ ތަނެއްގައިވެސް ވޯޓިންގ ބޫތު ބެހެއްޓިދާނެކަން އެނގޭއިރު، މި މާއްދާގައި ބުނާ ޝަރުޠަކީ ވޯޓުގެ ސިއްރުކަން ނުގެއްލޭނެ ގޮތުގެމަތިން ވޯޓުލެވުމާއި، ވޯޓުލާ މާލަމުގައި ތިބޭ އޮފިޝަލުންނަށް ފަސޭހައިން ފެންނަ ހިސާބެއްގައި ވޯޓު ލުމުގެ ކަންތައް ހިނގަމުން ދިޔުންކަން އެނގޭއިރު، މި ޝަރުޠުތައް ފުރިހަމަވާނަމަ މި މާއްދާގައިވާ ގޮތުގެމަތިން ޢަމަލުކުރެވުނީކަމަށް ޤާނޫނީގޮތުން ބަލަންޖެހޭކަމާއި، އަދި މި މާއްދާގައި ބުނާ ވޯޓުގެ ސިއްރުކަން ރައްކާތެރި ކޮށްދެވިފައި ނުވާކަމަށް ބެލެވޭނީ، ޕާޓީ ތަމްސީލުކޮށް ވޯޓުލީ މަންދޫބުންގެ ފަރާތުން ނުވަތަ ކެންޑިޑޭޓުންގެ ފަރާތުން ވޯޓުގެ ސިއްރުކަމާމެދު ސުވާލު އުފައްދާފައި ވާނަމަ ކަމާއި، ނަމަވެސް ވޯޓުގެ ކަންތައް އިންތިޒާމް ކޮށްފައިވާގޮތުން ވޯޓުގެ ސިއްރުކަމާމެދު އެއިން އެއްވެސް ފަރާތަކުން ސުވާލު އުފެއްދިކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުންވެސް ބަޔާން ކޮށްފައި ނުވާއިރު،

އިސްވެ އިޝާރާތް ކުރެވުނު "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ޤައުމީ ޖަލްސާގައި ބޭއްވޭ އިންތިޚާބުތަކާބެހޭ ޤަވާޢިދު" ގެ 18 ވަނަ މާއްދާގެ ބޭނުމަކީ، މަންދޫބުން ދޭ ވޯޓަކީ ސިއްރު ވޯޓަކަށް ވުން ކަމުގައިވާތީ، އެ ވޯޓާމެދު އެކަކު އަނެކަކާ މަޝްވަރާ ނުކުރުމަށާއި، ވޯޓު ކަރުދާސްކޮޅު އެހެންމީހުންނަށް ދައްކާ ނުހެދުމަށާއި، އަދި އެހެން ފަރާތްތަކުން ވޯޓު ކަރުދާހުގައި ފާހަގަޖަހާތަން ބަލާ ނުހެދުމަށް، ރިޔާސަތުން އިޢުލާންކުރިކަން "ޚާއްޞަގޮތުން ބާއްވާ ޤައުމީ ޖަލްސާ" ގެ ޔައުމިއްޔާއަށް ބެލުމުން އެނގެންއޮތުމުންނާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އިޝާރާތް ކުރެވުނު ޚާއްޞަގޮތުން ބާއްވާ ޤައުމީ ޖަލްސާގައި މިގޮތަށް ވޯޓުލާން ނިންމާފައިވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާޤުންކަން އެނގެން އޮތުމުންނާއި، ވޯޓު ލުމުގެ ކަންތައް އެފަދައިން އިންތިޒާމް ކޮށްފައިވުމުން ޖަލްސާގައި ބައިވެރިވި އެއްވެސް މެންބަރެއްގެ ފަރާތުން އަދި ކެންޑިޑޭޓެއްގެ ފަރާތުން ވިޔަސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އަށް އެއްވެސް ޝަކުވާއެއް ހުށަހެޅިފައި ނުވާކަމަށް އެޕާޓީގެ ފަރާތުން ބުނެފައިވާއިރު، އެފަދަ ޝަކުވާއެއް އިލެކްޝަންސް ކޮމިޝަނަށް ވެސް އެއްވެސް ފަރާތަކުން ހުށަހެޅިފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގެން އޮތުމުން،

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ބަޔާންކުރެވުނު ޚާއްޞަ ގޮތުން ބާއްވާ ޤައުމީ ޖަލްސާގައި ފާސްކޮށްފައިވާ އަސާސީ ޤަވާޢިދާއި، ޕާޓީގެ މަޤާމުތަކަށް މީހުން އިންތިޚާބުކޮށްފައި އޮތް އޮތުން އެންޑޯޒްކުރެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބިނާކުރި ހަތަރުވަނަ ސަބަބަކީވެސް ޤާނޫނީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ދެއްކިފައިވާ ހަރުދަނާ ސަބަބެއް ނޫންކަން ރަނގަޅަށް އެނގެން އޮންނަކަމެވެ.

(ޅ) ހަވަނަ ކަމަކީ: ބަޔާންކުރެވިދިޔަ އެންމެހައި ކަންކަމުގެ މައްޗަށް ވިސްނާ ބެލުމުން، 2018 ސެޕްޓެމްބަރ 28 ގައި ބޭއްވުނު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ "ޚާއްޞަގޮތުން ބާއްވާ ޤައުމީ ޖަލްސާ" ބޭއްވުމުގައި، އެ ޕާޓީގެ އަސާސީ ޤަވާޢިދާއި، "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ޤައުމީ ޖަލްސާގައި ބޭއްވޭ އިންތިޚާބުތަކާބެހޭ ޤަވާޢިދު" ގައި ޚާއްޞަ ގޮތުން ބާއްވާ ޤައުމީ ޖަލްސާ ބޭއްވުމުގައި ފުރިހަމަ ކުރަންޖެހޭ ކަމަށް ބަޔާން ކޮށްފައިވާ އިޖުރާއާތުތައް ފުރިހަމަކޮށްފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބުނެ، ޚާއްޞަ ގޮތުން ބާއްވާ ޤައުމީ ޖަލްސާގައި އަސާސީ ޤަވާޢިދަށް ގެނެވުނު އިޞްލާޙުތަކާއެކު ފާސްކޮށްފައިވާ އެޕާޓީގެ އަސާސީ ޤަވާޢިދާއި، އެޕާޓީގެ މަޤާމުތަކަށް މީހުން އިންތިޚާބުކޮށްފައި އޮތް އޮތުން އެންޑޯޒް ކުރެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ނިންމާފައިވާ އިސްވެ ބަޔާންކުރެވުނު ނިންމުން ބިނާކޮށްފައިވާކަމަށް އެކޮމިޝަންގެ ފަރާތުން ޝަރީޢަތުގައި ބަޔާންކޮށްފައިވާ ސަބަބުތައް ބިނާކުރި އަސާސްތަކަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަ އަސާސްތަކެއް ނޫންކަމަށާއި އަދި އިލެކްޝަންސް ކޮމިޝަންގެ އެނިންމުމަކީ ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-SP/01 ޤަޟިއްޔާ ގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވެން ނެތްކަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-SP/01 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަން އެނގެން އޮންނާތީ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް މި ގޮތުގެމަތިން ޙުކުމްކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ފަނޑިޔާރު ޢަބްދުﷲ ދީދީ

ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ