ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2012/SC-A/09ސުޕްރީމް ކޯޓު · 29 ނޮވެމްބަރު 2012

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 29 ނޮވެމްބަރު 2012ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2012/SC-A/09

ދަޢުވާކުރާ ފަރާތް: ޢަބްދުލް މުޙުސިން

ދަޢުވާ ލިބޭ ފަރާތް: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)

މައްސަލައިގެ ބާވަތް: އުމުރު ސާބިތުކުރުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 09 މެއި 2012

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 22 މެއި 2012

ނިމުނު ތާރީޚް: 29 ނޮވެމްބަރ 2012

މައްސަލަ ނިންމި ގަޑި: 11:00

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން

އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:

ނަންބަރު: 2008/HC-A/256

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 02 ސެޕްޓެމްބަރ 2008

ނިމުނު ތާރީޚް: 09 ޖެނުއަރީ 2012

މައްސަލައިގެ ޚުލާޞާ

މި ޤަޟިއްޔާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/256 ޤަޟިއްޔާގެ ޙުކުމާމެދު ހިތްހަމަނުޖެހިގެން މ.މ.ހ ދަފްތަރު 2708 ޢަބްދުލް މުޙުސިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގެ ދަޢުވާ ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީހެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/256 ޤަޟިއްޔާއަކީ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 53/Q4C/2008 ޤަޟިއްޔާ ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/256 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކުރުމުގައި، ޢަބްދުލް މުޙްސިން ފާހަގަކުރައްވާފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާ ގުޅިގެން ދަޢުވާ ރައްދުވާ ފަރާތްކަމުގައި އެޓަރނީ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި، ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 53/Q4C/2008 ޤަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/256 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، މި ބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މައްޗަށް ވިސްނާ ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 53/Q4C/2008 ޤަޟިއްޔާއަކީ، މ.މ.ހ ދަފްތަރު 2708 ޢަބްދުލް މުޙުސިން އޭނާގެ އުމުރު އޮޅުވާލާ އޭނާއަށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދާފައިވާތީ، އޭނާގެ އަޞްލު އުފަންތާރީޚުގައި އޭނާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އެދި ހުށަހެޅި މައްސަލައެއްކަމާއި، އެ ޤަޟީއްޔާގައި ޙުކުމް ކުރައްވާފައިވަނީ: " އިސްވެ ދިޔަ ބަޔާންތަކާއި، ފާހަގަކުރެވޭ ނުކުތާތަކަށް ބަލާއިރު، ދަފްތަރު ނަންބަރު 2708 ޢަބްދުލް މުޙްސިންގެ އުފަން ތާރީޚަށް ބަދަލު ގެނެވި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހެދިފައިވާތީ، ޙަޤީޤީ އުފަން ތާރީޚް ސާފުކުރުމަށް އެދި ޢަބްދުލް މުޙްސިން ހުށަހެޅި މައްސަލަ މިކޯޓުން ބެލި ބެލުމުން، ޢަބްދުލް މުޙްސިން އުފަންވެފައިވަނީ 26 ޖުލައި 1956 ގައިކަމަށް މި މައްސަލައަށް ހެކިބަސްދީފައިވާ ގައްދޫ އާގެ ޢަބްދުﷲ އަފީފް އާއި، ގައްދޫ ބިއްލޫރިޖެހިގެ މުޙައްމަދު ވަހީދުގެ ހެކިބަހުން ސާބިތުވާތީ ޢަބްދުލް މުޙްސިނަށް ހައްދަވާ ދެއްވާފައިވާ ނަންބަރު A-057060 ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ 1937.08.09 އުފަންތާރީޚަކީ ސައްޙަ ތާރީޚެއް ނޫންކަމަށް ކަނޑައަޅައި ޙުކުމްކޮށް މައްސަލަ ނިންމީއެވެ" މިފަދައިންނެވެ.

(ށ) ދެވަނަ ކަމަކީ، ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ޢަބްދުލް މުޙުސިންގެ އުފަންތާރީޚަކީ 26 ޖުލައި 1956 ކަމަށް ކަނޑައަޅާފައިވަނީ، ދެ ހެކިންގެ ހެކިބަހުގެ މައްޗަށް ބިނާކޮށްކަން އެނގޭކަމާއި، ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބަދަލުކުރަންޖެހޭކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރައްވާފައިވާ ޙުކުމުގައި ހެކިބަސް ދީފައިވާ ފަރާތްތަކުގެ ތެރެއިން ގދ. ގައްދޫ ބިއްލޫރިޖެހިގޭ މުޙައްމަދު ވަޙީދުއަށް ޢަބްދުލް މުޙްސިންގެ ސައްޙަ އުފަން ތާރީޚް އެނގެނީ، އެ ދުވަހަކީ މުޙައްމަދު ވަޙީދުގެ އެއްބަފާ މޫސާކަލޯ ނިޔައުވީ ދުވަސްކަމަށްވާތީކަމަށާއި، ނަމަވެސް ގދ. ގައްދޫ ބިއްލޫރިޖެހިގޭ މުޙައްމަދު ވަޙީދުގެ އެއްބަފާ މޫސާކަލޯ ކިޔާ މީހަކު ދުނިޔޭގައި ހުރިކަން ނުވަތަ ނިޔައުވެފައިވާކަމުގެ ރެކޯޑެއް ގދ. ގައްދޫ އޮފީހުގައި ރެކޯޑްކުރެވިފައިނުވާކަމަށް އެ އޮފީހުގެ ނަންބަރު Q4-A/2009/280 ފެކްސް މެސެޖުން ދިވެހިރާއްޖޭގެ ހައިކޯޓަށް މަޢުލޫމާތު ދީފައި އޮންނާތީއާ، މި ސަބަބަށްޓަކައި، މުޙައްމަދު ވަޙީދުގެ އެ ހެކިބަހަކީ ހެކިބަހުގެ ސައްޙަކަމާމެދު އިތުރަށް ޔަޤީންކުރުމަކާ ނުލާ ބަލައިގަނެވޭނެ ހެކިބަހެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/256 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަ ކަމަކީ، ދިވެހި ސަރުކާރުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ހެއްދުމުގެ ޚިދުމަތް ދޭން ފައްޓަވާފައިވަނީ 1 އޭޕްރީލް 1984 ގައިކަމާ، އޭގެ ކުރިން އުފަންވެފައިވާ މީހުންގެ އުފަންދުވަހުގެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކުން ބަލަހައްޓާފައިވަނީ މީހަކު ރަށުއޮފީހަށް ދޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށްކަން އެނގޭކަމާ އަދި އެދުވަސްވަރުގެ މި ރެކޯޑްތަކަކީ ރަސްމީ ސިފައެއްގައި އުފަންވާ މީހުންގެ މަޢުލޫމާތު ހޯދައި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓިފައިވާ ރެކޯޑްތަކެއް ނޫންކަން އެނގޭކަމާއި، ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ޤާނޫނެއްގެ ދަށުން ދުނިޔެއަށް މީހަކު އުފަންވިކަމުގެ ރެކޯޑާއި، މަރުވިކަމުގެ ރެކޯޑް ބެލެހެއްޓުން ރެގިއުލޭޓް ކުރެވިގެން ދިޔައީ ޤާނޫނު ނަންބަރު 92/7 (އުފަންވުން ރަޖިސްޓްރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއި، މަރުވާ މީހުންގެ މަރު ސާބިތުމުކުރުމުގެ ޤާނޫނު) އަށް 1 ޖުލައި 1993 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށުމުންކަން އެނގެން އޮންނަކަމާއި، އޭގެ ކުރީގެ ތާރީޚްތަކުގައި ރަށު އޮފީސްތަކުން ވިހާމަރުވާ މީހުންގެ މަޢުލޫމާތު ރެކޯޑް ކުރި ކަމުގައި ވިޔަސް، އެކަށީގެންވާ ގޮތުގައި ސައްޙަ މަޢުލޫމާތާއެކު އުފަންވާ މީހުންނާއި މަރުވާމީހުންގެ މަޢުލޫމާތުތައް އެދުވަސްވަރުގައި ރެކޯޑްކުރެވިފައިނުވާކަން އެނގެން އޮންނަ އޮތުމެވެ.

(ރ) ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 92/7 (އުފަންވުން ރަޖިސްޓްރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއި، މަރުވާ މީހުންގެ މަރު ސާބިތުކުރުމުގެ ޤާނޫނު) އަށް 1 ޖުލައި 1993 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަންފެށުމާއެކު، އެ ތާރީޚްގެ ފަހުން އުފަންވާ މީހުންނާއި، މަރުވާމީހުންގެ ރެކޯޑްސްތައް އެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ރަސްމީ ސިފައެއްގައި ބަލަހައްޓާ ރެގިއުލޭޓްކުރަން ފެށުނުކަމާއި، މިގޮތުގެމަތިން ދުނިޔެއަށް އުފަންވާ މީހުންނާ އަދި މަރުވާ މީހުންގެ ރެކޯޑުތައް ބަލަހައްޓަން ފެށުމުން، ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުގައި ރެކޯޑް ކުރެވިފައިވާ މަޢުލޫމާތުތަކަކީ، ޝަރުޢީ ކޯޓަކުން އެހެން ގޮތެއް ކަނޑަނާޅާހާ ހިނދަކު، ސައްޙަ މަޢުލޫމާތުކަމަށް ބަލަންޖެހޭނެކަމާ އަދި ޤާނޫނު ނަންބަރު 92/7 (އުފަންވުން ރަޖިސްޓްރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއި، މަރުވާ މީހުންގެ މަރު ސާބިތުމުކުރުމުގެ ޤާނޫނު) އަށް ޢަމަލު ކުރަން ފެށުމުގެ ކުރިންވެސް ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ރެކޯޑު ކުރެވިފައިވާ މިފަދަ ކޮންމެ ރަސްމީ އެންޓްރީއަކީވެސް، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން އެ ނޫންގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ޞައްހަ އެންޓްރީކަމުގައި ބަލަންޖެހޭނެ ކަމެވެ.

(ބ) ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގައި އުފަންވާމީހުންނާ މަރުވާމީހުންގެ ރެކޯޑް އެކަށީގެންވާ ގޮތެއްގެމަތީން ރަސްމީ ސިފައެއްގައި ބެލެހެއްޓިފައިނުވާ ދުވަސްވަރެއްގައި، ޢަބްދުލް މުޙްސިން ވިހޭދުވަސް އެނގޭގޮތްކަމަށްބުނެ ގދ. ގައްދޫ ބިއްލޫރިޖެހިގޭ މުޙައްމަދު ވަޙީދުގެ ހެކިބަހުގައި މީނާގެ އެއްބަފާ މޫސާކަލޯ ކިޔާ މީހަކު ނިޔާވި ދުވަސްކަމަށްވާތީ އެކަން އެނގެނީކަމަށް މުޙައްމަދު ވަޙީދު ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދީފައިވާއިރު، މޫސާކަލޯ ކިޔާ މީހަކު ދުނިޔޭގައި ހުރިކަން ނުވަތަ ނިޔައުވެފައިވާކަމުގެ ރެކޯޑް ގދ. ގައްދޫ އޮފީހުގައި ރެކޯޑްކުރެވިފައިނެތުމަކީ، އެމީހަކު އުފަންވިކަން ނުވަތަ ނިޔާވެފައިވާކަން ނަފީކުރެވޭފަދަ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ހެކިބަސްދޭމީހާގެ ހެކިބަހުގެ ޞައްހަކަމާމެދު އަދި އެ ހެކިބަހުގެ ބުރަދަނާމެދުގައި ސުވާލު އުފެއްދޭފަދަ ޤާނޫނީ ސަބަބެއް ނޫންކަމެވެ.

(ޅ) ހަވަނަ ކަމަކީ، ޢަބްދުލް މުޙްސިން އުފަންވިކަމަށް ބުނާ ދުވަސްވަރު، އުފަންވާމީހުންނާއި މަރުވާ މީހުންގެ ރެކޯޑްތައް ރަސްމީ ސިފައެއްގައި، ރަށުއޮފީސްތަކުގައި، އެކަށީގެންވާ ގޮތަކަށް ބެލެހެއްޓިފައިނުވާކަން އެނގެން އޮވެފައި، 30 ޖުލައި 1986 އަހަރު ޢަބްދުލް މުޙުސިންއާ ސ. މީދޫ ކޮތަންގޭ އާރިފާ ޢަބްދުއްރަޙްމާންއާ ފުރަތަމަ ކައިވެނިކުރުމުން، އައްޑު އަތޮޅު މީދޫ ކޯޓުން ހަދާދީފައިވާ ކާވެނީގެ ސެޓްފިކްޓްގައި، ޢަބްދުލް މުޙްސިންގެ އުމުރަކީ 30 އަހަރުކަމަށް ޖަހާފައިވާކަން އައްޑު އަތޮޅު މީދޫ ކޯޓުން ދޫކޮށްފައިވާ ނަންބަރު 86/24 ކާވެނީގެ ސެޓްފިކެޓްއިން ވެސް އެނގެން އޮތުމާއި، 28 ޖެނުއަރީ 1991 ވަނަ އަހަރު ޢަބްދުލް މުޙުސިންއާ ސ. މީދޫ ކޮތަންގޭ އާރިފާ ޢަބްދުއްރަޙްމާންއާ ދެވަނަ ކައިވެނިކުރުމުން، އައްޑު އަތޮޅު މީދޫ ކޯޓުން ހަދާދީފައިވާ ކާވެނީގެ ސެޓްފިކްޓްގައި، ޢަބްދުލް މުޙްސިންގެ އުމުރަކީ 35 އަހަރުކަމަށް ޖަހާފައިވާކަން އައްޑު އަތޮޅު މީދޫ ކޯޓުން ދޫކޮށްފައިވާ ނަންބަރު 91/1 ކާވެނީގެ ސެޓްފިކެޓްއިން ވެސް އެނގެން އޮތުމާއި، އަދި އެ ދެ ކައިވެނީގެ ސެޓްފިކެޓްތަކުގައި ޖަހާފައިވާ އުމުރަކީ ރަނގަޅު އުމުރުކަމަށް ބަލައިފިނަމަ، ޢަބްދުލް މުޙްސިންގެ އުފަންވެފައިވަނީ އޭނާ އެބުނާގޮތަށް 1956 ގައިކަން އެނގެން އޮންނަ އޮތުމެވެ.

ޙުކުމް:

އިސްވެ ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، މ.މ.ހ ދަފްތަރު 2708 ޢަބްދުލް މުޙްސިންއަށް ހަދާދީފައިވާ ނަންބަރުދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ 09 އޯގަސްޓް 1937 އަކީ ޢަބްދުލް މުޙްސިންގެ ސައްޙަ އުފަން ތާރީޚް ނޫންކަމަށް ކަނޑައަޅައި ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 53/Q4C/2008 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤަނޫނީ އުޞޫލުތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ބުނެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/256 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއް ކަމަށް ކަނޑައަޅައި، ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 53/Q4C/2008 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ސައްޙަ ހުކުމެއްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން

ފަނޑިޔާރު ޢަލީ ހަމީދު މުޙައްމަދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ