ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2012/SC-A/14ސުޕްރީމް ކޯޓު · 24 ޖޫން 2013

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 24 ޖޫން 2013ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2012/SC-A/14

ދަޢުވާކުރާ ފަރާތް: ޝަހުރުޔާޛް ލަޠީފް

ދަޢުވާ ލިބޭ ފަރާތް: ޖީ.އެމް.އާރު މާލެ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް

މައްސަލައިގެ ބާވަތް: އެއްބަސްވުމާއި ޚިލާފުވެފައިވާތީ

މައްސަލަ އައިގޮތް: އިސްތިއުނާފްކުރުމުގެ ހުއްދައަށްއެދި ހުށަހަޅާފޯމުން

ހުށަހެޅުނު ތާރީޚު: 3 ޖުލައި 2012

ރަޖިސްޓްރީ ކުރެވުނު ތާރީޚު: 30 ޖުލައި 2012

ނިމުނު ތާރީޚު: 24 ޖޫން 2013

މައްސަލަ ނިންމި ގަޑި: 11:25

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2012/HC-A/79

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚު: 09 ޖޫން 2011

ނިމުނު ތާރީޚު: 30 ނޮވެމްބަރ 2011

މައްސަލައިގެ ޚުލާޞާ

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/79 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރީޢަތާ އަދި ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށްބުނެ އެޤަޟިއްޔާ އިލްތިމާސްކޮށްދެއްވުމަށްއެދި ގއ. ވިލިނގިލި ބީޗްހައުސް ޝަހުރުޔާޛް ލަޠީފްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

1- މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/79 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ޝަރީޢަތާ އަދި ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށްބުނެ އެ ޤަޟިއްޔާ އިލްތިމާސްކޮށްދެއްވުން އެދި ގއ. ވިލިނގިލި ބީޗްހައުސް ޝަހުރުޔާޛް ލަޠީފުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މިމައްސަލައިގައި ދަޢުވާލިބުނީ ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްއަށެވެ.

2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/79 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ޤަޟިއްޔާއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 78/VTR/2011 މައްސަލަ އެ ޓްރައިބިއުނަލުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ އެ ނިންމުން އިސްތިއުނާފްކޮށްދިނުމަށް އެދި ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ.

3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/79 ޤަޟިއްޔާގެ ދަށުން އިސްތިއުނާފް ކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 78/VTR/2011 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެ މައްސަލައަކީ، ގއ. ވިލިނގިލި ބީޗްހައުސް، ޝަހުރުޔާޛް ލަޠީފް ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި ވަޒީފާއަދާކުރަމުން ދަނިކޮށް، 8 ޖުލައި 2010 ގައި އޭނާއާ އެ ކުންފުންޏާ ދެމެދުވެފައިވާ ޓްރެއިނިންގ އެއްބަސްވުމެއްގެ ދަށުން ތައިލޭންޑްގެ ބޭންގކޮކުގައި ހުންނަ ސިވިލްއޭވިއޭޝަން ޓްރެއިނިންގ ސެންޓަރުގައި "ކޮމިއުނިކޭޝަން މެއިންޓަނަންސް" ކޯހެއް ފުރިހަމަކުރުމަށްޓަކައި 2010 ޖޫން އިން 2012 ޑިސެމްބަރުގެ ނިޔަލަށް ފޮނުވާފައިވާ މުއްދަތުގައި، އެއިރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ހިންގުން ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑަށް ބަދަލުވެ، ޝަހުރުޔާޛް ލަޠީފުގެ ވަޒީފާ އެކުންފުނިން ހަމަޖެހިގެން ދިޔުމަށްފަހު، އޭނާ ފުރިހަމަކުރަމުން ގެންދިޔަ ކޯސް ހުއްޓާލުމަށްފަހު ރާއްޖެ އެނބުރި އައުމަށާއި، ވަޒީފާއަށް ޙާޟިރުވުމަށް ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން 2 މާރޗް 2011 ގައި އަންގާފައިވާތީ، އެ އެންގުމަކީ، އެއާއެއްގޮތަށް ޢަމަލުކުރެވޭނެ އެންގުމެއް ނޫންކަމަށާއި، އޭނާ ފުރިހަމަކުރަމުން ގެންދާ ކޯހަށް ހުރަސްއެޅޭފަދަ އެއްވެސްކަމެއް ނުކުރުމަށް ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަމުރުކޮށްދިނުމަށްއެދި 9 ޖޫން 2011 ގައި ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ގއ. ވިލިނގިލި، ބީޗްހައުސް ޝަހުރްޔާޛް ލަޠީފުގެ ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަމާއި،

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިސްވެ އިޝާރާތްކުރެވުނު ނަންބަރު 78/VTR/2011 މައްސަލަ ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ ބާރު ކަނޑުވާލާފަދަ ގޮތަކަށް އެއްބަސްވުމެއްގައި އިޚްތިޔާރުތަކެއް ލިބިދެވޭނޭކަމަށް ނުފެންނާތީއާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން އެ އެއްބަސްވުމުގައި އެފަދައިން ބަޔާންކޮށްފައިވަނީ އެ ކުންފުނީގެ ޒިންމާ ނިމޭ ހިސާބު ކަނޑައެޅުމުގެ ބޭނުމުގައިކަން ދޭހަވާތީއާއި، މައްސަލަ ހުށަހެޅި ޝަހުރުޔާޛް ލަޠީފުއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ދެމެދު ވެފައިވާ މުޅި ޓްރެއިނިންގ އެއްބަސްވުމަށް ރިޢާޔަތްކުރާއިރު، އޭނާއަށް ދީފައިވާ ކޯހަކީ 6 (ހައެއް) މަސްދުވަހުގެ ކޯހެއް ނޫންކަން ސާބިތުވާތީ، ޝަހުރުޔާޛް ލަޠީފް އެކޯސް ހުއްޓާލުމަށްފަހު އެނބުރި ވަޒީފާއާ ގުޅުމަށް މައްސަލަ ރައްދުވި ފަރާތަށް އެންގޭނީ އެ އެއްބަސްވުމުގައިވާ ގޮތެއްގެމަތިން، ނުވަތަ މައްސަލަ ރައްދުވި ފަރާތުގެ ބާރު ނުފޯރާފަދަ ޚާއްސަ ޙާލަތެއް މެދުވެރިވެގެންކަމަށް މައްސަލަބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅުއްވައި، ޝަހުރުޔާޛް ލަޠީފް ފުރިހަމަކުރަމުންގެންދާ ކޯހަށް ހުރަސްއެޅޭނޭ އެއްވެސްކަމެއް ނުކުރުމަށާއި، ޝަހުރުޔާޛް ލަޠީފުއާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާއެކު ވެފައިވާ ޓްރެއިނިންގ އެއްބަސްވުމުގައި އޭނާއަށް ދޭނެކަމަށް ކަނޑައަޅާފައިވާ އެންމެހާ ފައިސާ ދެމުން ގެންދިއުމަށް މައްސަލަ ރައްދުވި ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް (ރެޖިސްޓްރޭޝަން ނަންބަރު 0490/2010C) އަށް އަންގާ އަމުރުކުރާ ކަމަށް ވިދާޅުވެ ކަމާއި،

މިކަންކަން އިސްވެ އިޝާރާތްކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 78/VTR/2011 ގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.

4- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިސްވެ އިޝާރާތްކުރެވުނު ނަންބަރު 78/VTR/2011 މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފުކޮށް ބެލި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/79 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަހުރުޔާޛް ލަޠީފު އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ދެމެދު ވެވިފައިވާ ޓްރެއިނިންގ އެއްބަސްވުމުގެ ދަށުން ޝަހުރުޔާޛް ލަޠީފު ފުރިހަމަކުރަމުންދާ ކޯހުގެ ފުރަތަމަ 06 (ހައެއް) މަސްދުވަހަށްފަހު، ކޯހުގެ ބާކީ އޮތް މުއްދަތުގައި ޚަރަދުކުރުމާމެދު ގޮތެއް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު ކުންފުނީގެ އައު މެނޭޖެމަންޓަށް ލިބިގެންވާކަން އެނގެންއޮންނާތީ، ކޯހުގެ ފުރަތަމަ 06 (ހައެއް) މަސް ދުވަހަށްފަހު އިތުރު ފައިސާއެއް ޝަހުރުޔާޛް ލަޠީފަށް ލިބިދިނުމަށް އަންގާނެތަނެއް ނެތްކަމަށާއި، ޝަހުރުޔާޛް ލަޠީފު ފުރިހަމަކުރަމުންދިޔަ ކޯސް ހުއްޓާލުމަށްފަހު އެނބުރި ވަޒީފާއާގުޅުމަށް ކުންފުނީގެ އައު މެނޭޖްމަންޓު (ޖީ.އެމް.އާރު މާލެ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް) އިން ޝަހުރުޔާޛް ލަޠީފަށް އަންގާފައިވާ އެއްގުން ބާޠިލުކުރާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅުއްވައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 78/VTR/2011 މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމެވުން، އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލު ކުރައްވާފައެވެ.

5- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/79 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށްބުނެ ގއ. ވިލިނގިލި، ބީޗްހައުސް ، ޝަހުރުޔާޛް ލަޠީފުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 04 (ހަތަރު) ސަބަބެއް ހުށަހަޅައި ވާހަކަދައްކާފައިވެއެވެ. އޭގެތެރެއިން:

ފުރަތަމަ ސަބަބަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، ޝަހުރުޔާޛް ލަޠީފްއާ ދެމެދު 8 ޖުލައި 2010 ދުވަހު ވެފައިވާ "އެގްރީމެންޓް ފޮރ ކޮމިއުނިކޭޝަން އެންޑް މެއިންޓަނަންސް ކޯސް" އެއްބަސްވުމުގައި ބަޔާންވެގެންވާ އަސާސީ އުޞޫލުތަކާއި ސިފަތަކަށް ނުބައްލަވައި މައްސަލަ ނިންމަވާފައިވާ ކަމާއި، މިގޮތުން ކޯހުގެ މުއްދަތަކީ 2 އަހަރާއި 6 މަސް ދުވަސްކަމާއި، އެކޯހަކީ ސީދާ ޚުދު ކުންފުނިން ހަމަޖެއްސި ކޯހެއްކަން އެ އެއްބަސްވުމުގެ ތަޢާރަފުގެ 2 ވަނަ ޕެރެގްރާފުން އެނގެން އޮތްއިރު، އަދި އެ އެއްބަސްވުމުގެ 1 ވަނަ ނަންބަރުގައި ޚިދުމަތުގެ ބޮންޑުގެ ވާހަކަ އާއި، ކަނޑައެޅިފައިވާ މުއްދަތުގައި (2 އަހަރާއި 6 މަސްދުވަހުގެ ތެރޭގައި) ކޯސް ފުރިހަމަކޮށް ނިންމަންވާނެކަމަށް ބުނެފައިވާކަމާއި، އެ އެއްބަސްވުމުގެ 3 ވަނަ ނަންބަރުގައި ކުންފުނިން މުޅި ކޯހަށް ޚަރަދުކުރާނެ މިންވަރު ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، އަދި އެ އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި އެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ކުންފުނިން އެދިއްޖެނަމަ ކޯސް ހުއްޓާލާ، އެނބުރި ވާޒީފާއަށް ނުކުންނަންޖެހޭނެކަމަށް ބަޔާންކޮށްފައި ނުވާއިރު، އަދި އެއީ އެކުންފުންޏަށް ލިބިގެންވާ އިޚްތިޔާރެއްކަމަށް ކަނޑައެޅި ބަޔާންވެގެން ނުވާއިރު، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ތަރަހައިގެ ބޭރުން މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ދެވަނަ ސަބަބަކީ، ޤާނޫނު ނަންބަރު: 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ނިޔާކުރާ ގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ޝަހުރުޔާޛް ލަޠީފުއާ ދެމެދު އެއްވެސް ޙައްޤެއް އުފެދިފައިވާނަމަ އަދި އެއްވެސް މުޢާމަލާތެއް ކުރެވިފައިވާނަމަ، އެފަދަ ކަމެއް ބަދަލުވެގެންދާނީ މިހާރުގެ ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކަމަށް ވީހިނދު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ޝަހުރުޔާޛް ލަޠީފަށް 2 އަހަރާއި 6 މަސްދުވަހުގެ ކޯހެއް ކުންފުނިން ޚަރަދުކުރާގޮތަށް ހަމަޖައްސައިދީފައިވާއިރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އެ ނިންމާފައިވާ ނިންމުމަށް ބަދަލު ގެނައުމުގެ އެއްވެސް ބާރެއް، އިޚްތިޔާރެއް ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑަށް އެއްވެސް ޤާނޫނަކުން ލިބިގެން ނުވާއިރު، ވާޒީފާގެ ޙައްޤަކާ ގުޅިގެން އުފެދިފައިވާ މައްސަލައެއް ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް އަދި އެ މާއްދާއަށް އެއްވެސް ވަރަކަށް ރިޢާޔަތް ކުރުމެއްނެތި ނިންމަވާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ތިންވަނަ ސަބަބަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން 2010 އޮކްޓޯބަރ 19 ވަނަ ދުވަހު ޝަހުރުޔާޛް ލަޠީފަށް ފޮނުވާފައިވާ ސިޓީގައި އެ އެއަރޕޯޓުގެ ހިންގުން އެހެން ފަރާތަކަށް ބަދަލުވެގެންދާ ވާހަކައާއި، އެހެންކަމުން ޝަހުރުޔާޛް ލަޠީފުގެ ވަޒީފާވެސް އެއަރޕޯޓާ ޙަވާލުވާ ކުންފުންޏަށް ބަދަލުވާނެ ވާހަކައާއި، އެހެން އެކަން އޮތްކަމުގައި ވީނަމަވެސް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ޝަހުރުޔާޛް ލަޠީފަށް ދެމުންދިޔަ މުސާރައާއި އިނާޔަތްތައް ނުވަތަ އެއާ އެއްވަރުގެ އިނާޔަތްތައް، އެއަރޕޯޓުގެ ހިންގުން ޙަވާލުވާ ކުންފުނިން އިތުރު 02 އަހަރުގެ މުއްދަތަށް ދޭނެކަމަށް ބުނެފައިވާ ބުނުމަށް ބަލާއިރު، ޝަހުރުޔާޛް ލަޠީފު ފުރިހަމަ ކުރަމުންދާ ކޯހަކީ 2 އަހަރާއި 6 މަސްދުވަހުގެ ކޯހެއްކަމާއި، 6 މަސްދުވަހަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ޚަރަދުކޮށްފައިވާ ކަމާއި، އެސިޓީގައި ބަޔާންވެފައި ވަނީ ބާކީ އޮތް 2 އަހަރު ދުވަހުގެ ވާހަކަކަމަށް ޤަބޫލުކުރެވޭއިރު، އެއިން އެއްވެސް ކަމަކަށް ނުބައްލަވާ މައްސަލަ ނިންމަވާފައިވުންކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ހަތަރުވަނަ ސަބަބަކީ، ހުށަހެޅިފައިވާ މައްސަލައަކީ ވަޒީފާގެ ޙައްޤަކާ ގުޅުންހުރި މައްސަލައަކަށްވާއިރު، ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ހުޅުލޭ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހިންގުމާ ޙަވާލުވެފައިވަނީ ޝަހުރުޔާޛް ލަޠީފް ކޯސް ފުރިހަމަ ކުރަމުން ދަނިކޮށްކަމާއި، ޝަހުރުޔާޛް ލަޠީފް ކޯސް ހުއްޓާލުމަށްފަހު ވަޒީފާއަށް ހާޟިރުކުރުމަށް އަނގަވާފައިވާ އެންގުމަކީ ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑަށް އެންގިދާނެ އެންގުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅުއްވިއިރު، އެފަދަ އެނގުމެއް އަންގާފައިވާ ސަބަބާއި، އެކުންފުނީގެ މުވައްޒަފުން ތަމްރީނު ކުރުމުގެ ސިޔާސަތެއްނެތި އަދި އެސިޔާސަތު މުރާޖަޢާ ކުރަމުންދާ ދަނޑިވަޅެއްގައި އެފަދަ އެންގުމެއް އެންގިދާނެތޯ އާއި، އެއީ ޤާނޫނީ ބުރަދަން ހުރިކަމެއްތޯ ބައްލަވާފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

6- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/79 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށްބުނެ ޝަހުރުޔާޛް ލަޠީފުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ، މިމައްސަލައާގުޅޭ އެންމެހައި ލިޔެކިޔުންތަކަށާއި ބަޔާންތަކަށާއި، ޝަހުރުޔާޛް ލަޠީފުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/79 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ މިބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފްކުރެވުނު ވަޒިފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 78/VTR/2011 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަކަމަކީ، ތައިލޭންޑްގެ ބޭންގކޮކްގައި ހުންނަ ސިވިލްއޭވިއޭޝަން ޓްރެއިނިންގ ސެންޓަރުގައި 2010 ޖޫން އިން 2012 ޑިސެމްބަރުގެ ނިޔަލަށް "ކޮމިއުނިކޭޝަން މެއިންޓަނަންސް" ކޯހެއް ފުރިހަމަކުރުމަށްޓަކައި ޝަހުރުޔާޛް ލަޠީފް އާއި މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑާދެމެދު 8 ޖުލައި 2010 ގައި ނަންބަރު TA-APD/2010/147 އެއްބަސްވުން ވެވިފައިވާކަން މި މައްސަލައާ ގުޅިގެން ޝަހުރުޔާޛް ލަޠީފް އާއި ޖީ.އެމް.އާރު މާލެ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑާއި މިދެފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުންނާއި، ޝަރީޢަތަށް ހުށަހެޅިފައިވާ މި އިޝާރާތްކުރެވުނު އެއްބަސްވުމުގެ ލިޔުމުން އެނގެން އޮންނައިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 78/VTR/2011 މައްސަލައިގައި ޝަހުރްޔާޛް ލަޠީފް ކޮށްފައިވާ ދަޢުވާގެ ޞީޣާއަށާއި އެދަޢުވާއާ ގުޅިގެން އޭނާ ދައްކާފައިވާ ވާހަކަތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/79 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށްބުނެ ހުށަހަޅާފައިވާ އިސްވެ އިޝާރާތްކުރެވުނު ސަބަބުތަކުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 78/VTR/2011 މައްސަލައިގައި ޝަހުރުޔާޛް ލަޠީފް ކޮށްފައިވާ ދަޢުވާގައި ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކޮށްދިނުމަށް ޝަހުރްޔާޛް ލަޠީފް އެދިފައިވާ އަމުރުތައް ކޮށްދިނުމަށް އެދިފައިވާ މައިގަނޑު އަސާސަކީ، އިސްވެ އިޝާރާތްކުރެވުނު، ޝަހުރުޔާޛް ލަޠީފުއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ދެމެދު ވެވިފައިވާ ނަންބަރު TA-APD/2010/147 ޓްރެއިނިންގ އެއްބަސްވުމުގެ ލިޔުންކަން އެނގެންއޮންނަކަމެވެ.

(ށ) ދެވަނަކަމަކީ، އިސްވެ އިޝާރާތްކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 78/VTR/2011 މައްސަލައިގައި ޝަހުރުޔާޛް ލަޠީފު ކޮށްފައިވާ ދަޢުވާ ޖަވާބުގައި އެމައްސަލައިގެ ދަޢުވާލިބޭ ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށްބަލާއިރު، ޝަހުރްޔާޛް ލަޠީފް، ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުށަހަޅާފައިވާ މި ދަޢުވާގައި 02 މާރޗް 2011 މި ތާރީޚުގައި ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ނިންމާފައިވާ ނިންމުން ބާޠިލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ހުށަހަޅާފައި ނުވާކަމަށާއި، އަދި ދަޢުވާކުރާ ފަރާތާ އެކުންފުންޏާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ދަޢުވާކުރާ ފަރާތަށް ކިޔަވައިދޭން އެއްބަސްވެފައިނުވާތީ އާއި ދަޢުވާކުރާ ފަރާތަށް ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ ކުންފުނިން އުފުލަންޖެހޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާތީ، ދަޢުވާކުރާ ފަރާތުގެ ކިޔެވުމަށް ހުރަސްއެޅި، އެފަރާތަށް ގެއްލުންވުމަކީވެސް ކުންފުނީގެ ނިންމުން ބާޠިލުކުރަންޖެހޭ ސަބަބެއް ނޫންކަމަށާއި ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދެނީ، ދަޢުވާކުރާ ފަރާތުން ބާޠިލުކުރުމަށް އެދިފައިވާ ނިންމުމަކީ، ޤާނޫނާ ޚިލާފު ނިންމުމަކަށްނުވާތީ އެނިންމުން ބާޠިލުކޮށްދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމައިދެއްވުން ކަމަށްބުނެ ޝަހުރުޔާޛް ލަޠީފުގެ މިދަޢުވާއަށް ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންކާރުކޮށްފައިވާކަން އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 78/VTR/2011 މައްސަލައިގައި ޝަހުރުޔާޛް ލަޠީފުގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި އިޝާރާތްކޮށްފައިވާ ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން 02 މާރޗް 2011 ގައި ޝަހުރުޔާޛް ލަޠީފަށް އަންގާފައިވާކަމަށްބުނާ އެންގުމަށް ބަލާއިރު، އެއީ އީ.މެއިލްގެ ޛަރީއާއިން ޝަހުރުޔާޛް ލަޠީފަށް އިނގިރޭސި ބަހުން ފޮނުވާފައިވާ އީ.މެއިލްއެއްކަމާއި އެ އީ.މެއިލްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި ޝަހުރުޔާޛް ލަޠީފް އަދާކުރަމުންދިޔަ ވަޒީފާ، ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑަށް ނަޤުލުވެއްޖެކަމަށާއި، މިގޮތުން ޝަހުރުޔާޛް ލަޠީފުގެ ވަޒީފާ އެކުންފުނީގައި މެދުނުކެނޑި ކުރިއަށްދާނެކަމަށާއި އަދި ޝަހުރުޔާޛް ލަޠީފަށް ވަޒީފާދިން ކުރީގެ މެނޭޖްމަންޓުން އެޕްރޫވްކޮށްދީގެން ލިބިދެވުނު 2 އަހަރާއި 6 މަހުގެ މުއްދަތުގެ ޓްރެއިނިންގ ކޯހެއް ތައިލޭންޑްގެ ބޭންކޮކްގައި ޝަހުރުޔާޛް ލަޠީފް ފުރިހަމަކުރަމުންދާކަން ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑަށް އެނގިފައިވާކަމަށާއި، އެހެންނަމަވެސް ޝަހުރުޔާޛް ލަޠީފް ހަދަމުންދާ ޓްރެއިނިންގ ކޯހަކީ މިވަގުތު އެކުންފުންޏަށް ބޭނުންތެރި އަދި މުނާސިބު ކޯހެއްކަމަށް ނުފެންނަކަމަށާއި އެހެންކަމުން އެ ކޯސް ހުއްޓާލުމަށްފަހު ކުންފުނީގެ ވަޒީފާއަށް އެނބުރިއައުމަށް އަންގާކަމަށާއި، މިވަގުތު އެކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކަށް ބޭނުންވާ ޓްރެއިނިންގ ރިކުއަރމެންޓްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންގެންދާކަމަށާއި، މެދުނުކެނޑި ކުރިއަށްދިޔުން ކަށަވަރު ކުރުމުގެގޮތުން، ކުރު މުއްދަތެއްގެ ޓްރެއިނިންގ އަކަށް ޝަހުރުޔާޛް ލަޠީފް ފޮނުވުމާމެދު ވިސްނާނެކަމަށް އެ އީ.މެއިލްގައި ބަޔާންކޮށްފައިވާކަން އެ އީ.މެއިލްއަށް ބެލުމުން އެނގެންއޮންނަކަމެވެ.

(ރ) ހަތަރުވަނަކަމަކީ، ތައިލެންޑްގެ ބޭންގކޮކްގައި ހުންނަ ސިވިލް އޭވިއޭޝަން ޓްރެއިނިންގ ސެންޓަރުގައި 2010 ޖޫން އިން 2012 ޑިސެމްބަރުގެ ނިޔަލަށް "ކޮމިއުނިކޭޝަން މެއިންޓަނަންސް" ކޯހެއް ފުރިހަމަކުރުމަށްޓަކައި ޝަހުރުޔާޛް ލަޠީފުއާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާދެމެދު 8 ޖުލައި 2010 ގައި ނަންބަރު TA-TPD/2010/147 ގެ އެއްބަސްވުން ވެވިފައިވާކަން އެނގެންއޮންނައިރު ޝަހުރުޔާޛް ލަޠީފުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/79 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ އަދި ޤާނޫނާ ޚިލާފަށްކަމަށްބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާތަކުގެ މައިގަނޑު އަސާސް ބިނާކޮށްފައިވަނީ މިބުނެވުނު އެއްބަސްވުމުގެ މައްޗަށްކަން އެނގެން އޮންނައިރު، އެ އެއްބަސްވުމުގެ 3 ވަނަ ޞަފްޙާގައިވާ އެ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (a) ގައި ޓްރެއިނިންގގެ ފުރަތަމަ 6 މަސްދުވަހުގެ އަސާސީ މުސާރައާއި ދޭންޖެހޭ އެހެން އެލަވަންސްތައް ކުންފުނީގެ ފަރާތުން ދޭނެކަމަށާއި، މާލެ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓައިޒްވުމުން މިކޯހުގެ ބާކީއޮތް މުއްދަތުގައި ޚަރަދުކުރުމާބެހޭގޮތުން ވަކިގޮތެއް ކަނޑައަޅާނީ އައު މެނޭޖްމަންޓުން ކަމަށް ބަޔާންކޮށްފައިވާކަމާއި އަދި ހަމަ އެމާއްދާގެ (b) ގައި ކޯހުގެ ބާކީ 2 އަހަރު ސްޕޮންސަރކުރާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ކުންފުނީގެ ފަރާތުން ނުދޭކަމަށާއި އެކަމާބެހޭގޮތުން ގޮތެއް ނިންމާނީ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓާ 2010 ނޮވެމްބަރުގެ ތެރޭގައި ޙަވާލުވާ ކުންފުނީގެ އައު މެނޭޖްމަންޓުންކަމަށް ބަޔާންކޮށްފައިވާކަން އެނގެންއޮތުމުން މި އެއްބަސްވުމުގައިބުނާ ކޯހުގެ ފުރަތަމަ 6 މަސް ދުވަހަށްފަހު، ދެން މިކޯހުގެ ބާކީއޮތް މުއްދަތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ޚަރަދުކުރުމަށް އެއްބަސްވެފައިނުވާކަމާއި އަދި ކޯހުގެ ފުރަތަމަ 6 މަސްދުވަހަށްފަހު ދެން ކޯހުގެ ބާކީ މުއްދަތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ކޯހަށް ޚަރަދުކުރާނޭކަމުގެ އެއްވެސް ގެރެންޓީއެއް ދީފައިނުވާކަމާއި އެކަމާމެދު ގޮތެއް ނިންމުން ދޫކޮށްލެވިފައިވަނީ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓްއާ 2010 ނޮވެމްބަރ މަހުގެ ތެރޭގައި ޙަވާލުވާ ކުންފުނީގެ އައު މެނޭޖްމަންޓަށްކަމާއި މިކަންކަން މިއެއްބަސްވުމުގެ މިމާއްދާއަށް ބެލުމުން އެނގެން އޮތުމުން މި އެއްބަސްވުމުގައި ބުނާ ކޯހުގެ ފުރަތަމަ 6 މަސްދުވަހަށްފަހު، ކޯހުގެ ދެން ބާކީ އޮންނަ މުއްދަތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ޚަރަދުކުރުމުގެ ޒިންމާ އެކުންފުނިން ނަގާފައިނުވާކަމާއި އަދި އެމުއްދަތަށް ކޯހަށް ޚަރަދުކުރުމުގެ އެއްވެސް އިލްތިޒާމެއް ޝަހުރުޔާޛް ލަޠީފުގެ ހައްޤުޤައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މައްޗަށް އެކުންފުނިން އުފުލާފައިވެސް ނުވާކަމާއި މިކަންކަން މިގޮތުގެމަތިން މިމާއްދާއިން އެނގެން އޮތްއިރު، ޝަހުރުޔާޛް ލަޠީފު މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިއެއްބަސްވުމުގައި ބުނާ ކޯހުގެ ފުރަތަމަ 6 މަސްދުވަހަށްފަހު، ޝަހުރުޔާޛް ލަޠީފަށްޓަކައި އެކޯހުގެ ބާކީއޮތް މުއްދަތުގައި އެއްވެސް ފަރާތަކުން ޚަރަދުކުރުމުގެ އިލްތިމާޒް އުފެދިފައިނުވަނީސްކަމާއި މިކަންކަން މިއެއްބަސްވުމުގެ މި މާއްދާއަށް ބެލުމުން ސާފުކޮށް އެނގެންއޮންނަކަމެވެ.

(ބ) ފަސްވަނަކަމަކީ، 2010 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި، އައު މެނޭޖްމަންޓުން އެއަރޕޯޓާ ޙަވާލުވާނެކަމާއި، ކޯސް ކުރިއަށް ގެންދިއުމަށް އައު މެނޭޖްމަންޓުން އެއްބަސްވާނެކަމުގެ ޔަޤީންކަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ނުދޭކަމާއި، ތަމްރީނު ކުރިއަށް ގެންދާނީތޯ ނުވަތަ ހުއްޓާލާނީތޯ ކަނޑައަޅާނީ އައު މެނޭޖްމަންޓުންކަމާއި، ޑިސެމްބަރ 2010 ގެ ނިޔަލަށް އަސާސީ މުސާރައާއި، ސްޓައިޕަންޑް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ދޭނެކަމާއި، ތަމްރީނު ޕޮރޮގްރާމްގެ ބާކީ، 2 އަހަރަށް ހިނގާ ޚަރަދުތައް ކުރާނެތޯ ނުވަތަ ނުކުރާނެތޯ ކަނޑައަޅާނީ އައު މެނޭޖްމަންޓުންކަން ޝަހުރުޔާޛް ލަޠީފަށް އަންގާ އެކަންކަން ސާފުކޮށްދީފައިވާކަން 01 ޖުލައި 2010 ގައި ބޭއްވި، 06 ޖުލައި 2010 ގައި ޝަހުރުޔާޛް ލަޠީފް ސޮއިކޮށްފައިވާ ކޮމިއުނިކޭޝަން މެއިންޓަނަންސް ކޯހާ ގުޅިގެން ބޭއްވިފައިވާ ބައްދަލުވުމުގެ ޔައުމިއްޔާއަށް ބެލުމުން ސާފުކޮށް އެނގެން އޮތުމުން އިސްވެ އިޝާތރާތްކުރެވުނު ނަންބަރު TA-TPD/2010/147 "ކޮމިއުނިކޭޝަން މެއިންޓަނަންސް" ކޯހާބެހޭގޮތުން ޝަހުރްޔާޛް ލަޠީފާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ދެމެދު ވެވިފައިވާ އެއްބަސްވުމުގައި ޝަހުރްޔާޛް ލަޠީފު ސޮއިކޮށްފައިވަނީ، މިއެއްބަސްވުމުގައިބުނާ ކޯހުގެ ފުރަތަމަ 6 މަސްދުވަހަށްފަހު، އެކޯހުގެ ބާކީ މުއްދަތަށް (2 އަހަރު ދުވަހަށް) މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ނުވަތަ އެއަރޕޯޓާ ޙަވާލުވާ އައު މެނޭޖްމަންޓުން ޚަރަދުކުރުމާމެދު އެއްވެސް ގޮތެއް ނިންމައި، އެކާމެދު އެއްވެސް އިލްތިޒާމެއް އުފެދިގެންނޫންކަން މި ޔައުމިއްޔާއަށް ބެލުމުން އިތުރަށް ސާފުވެ އެނގެން އޮންނަކަމެވެ.

(ޅ) ހަވަނަކަމަކީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގައި "މި މާއްދާގެ (ށ) ގައި ބާޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ، ވަޒީފާގެ އެއްވެސް އެއްބަސްވުމެއް، މުވައްޒަފެއްގެ ރުހުމާނުލައި، ވަޒީފާދޭ ފަރާތުން ވަޒީފާލިބިދޭ ފަރާތަށް ފިޔަވައި އެހެންފަރާތަކަށް ބަދަލުކޮށްގެން ނުވާނެއެވެ." މިގޮތަށް ބަޔާންކުރުމަށްފަހު، އެމާއްދާގެ (ށ) ގައި "ވިޔަފާރިއެއް ނުވަތަ ވިޔަފާރީގެ އުޞޫލުންކުރާ މަސައްކަތެއް، ނުވަތަ އެވިޔަފާރީގެ ނުވަތަ އެމަސައްކަތެއްގެ ބައެއް، ވިއްކާލުމުން، ނުވަތަ ކުއްޔަށްދޫކުރުމުން ނުވަތަ ނަޤުލުކުރުމުން، ނުވަތަ އެހެންވެސް ގޮތަކުން ދޫކޮށްލުމުން، އެ ވިޔަފާރިއަކީ ނުވަތަ އެ މަސައްކަތަކާ ގުޅޭގޮތުން، އެވަޤުތު މުވައްޒަފުންގެ ގޮތުގައި ތިބި މީހުންގެ ވަޒީފާގެ އެއްބަސްވުންތައް، އެވިޔަފާރިއެއް ނުވަތަ އެމަސައްކަތެއް ބަދަލުވެގެން ދިޔަ ފަރާތަށް، ނަޤުލުވާނެއެވެ. މިގޮތުން، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ކޮންމެ ފަރާތަކާއި ދެމެދު އުފެދިގެންވާ ހައްޤުތަކާއި ވާޖިބުތައް، އެ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ބަދަލުވެގެންދިޔަ ފަރާތާއި ވަޒީފާގައި ތިބި ފަރާތްތަކަށް ބަދަލުވެގެންދާނެއެވެ. އަދި ބަދަލުވުމުގެކުރިން، ވަޒީފާ އަދާކުރާ ފަރާތްތަކާއި ވިޔަފާރި ނުވަތަ މަސައްކަތް ބަދަލުކުރި ފަރާތާއި ދެމެދު ހިނގާފައިވާ ކޮންމެ މުޢާމަލާތެއްވެސް ބެލެވޭނީ ވަޒީފާގައި ތިބި ފަރާތްތަކާއި ވިޔަފާރި ނުވަތަ މަސައްކަތް ބަދަލުވެގެން ދިޔަ ފަރާތާއި ދެމެދު ހިނގާފައިވާ ކަމެއް ކަމަށެވެ." މިގޮތަށް ބަޔާންވެފައިވުމުން، މިމާއްދާގައި ބަޔާންވެފައިވާ ފަދަ ސަބަބެއް މެދުވެރިވެގެން ވަޒީފާދޭ ފަރާތް އެހެން ފަރާތަކަށް ނަޤުލުވެގެންދާ ހިނދު، ވަޒީފާ އަދާކުރާ ފަރާތުގެ ހައްޤަށްޓަކައި ބަދަލުވެގެންދަނީ ވަޒީފާ ދޭފަރާތާއި ވަޒީފާ އަދާކުރާ ފަރާތްތަކާއި ދެމެދު ކުރިން އުފެދިފައިވާ ހައްޤުތަކާއި ވާޖިބުތައްކަމާއި ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފާރާތާ ދެމެދު ވަޒީފާ އަދާކުރާ ފަރާތުގެ މަޞްލަޙަތައްޓަކައި ކުރިން އުފެދިފައިނުވާ ޙައްޤެއް ނުވަތަ ވާޖިބެއް، މި މާއްދާގައި ބަޔާންވެގެންވާ ފަދަ ސަބަބެއް މެދުވެރިވެގެން ވަޒީފާދޭ ފަރާތް އެހެން ފަރާތަކަށް ނަޤުލުވެގެންދާ ޙާލަތުގައި ބަދަލުވެގެން ނުދާނެކަމާއި މިކަންކަން މި އިޝާރާތްކުރި މާއްދާގައިވާ "އުފެދިގެންވާ ޙައްޤުތަކާއި ވާޖިބުތައް" މި ޢިބާރާތުން ސާފުކޮށް އެނގެން އޮތްހިނދު އިސްވެ ފާހަގަކުރި ނުކުތާތަކުގެ 6 ވަނަ ނަންބަރުގެ (ރ) ގައި ބަޔާންވެ ދިޔަ ކަންކަމަށް ރިޢާޔަތްކޮށް ބެލުމުން ޝަހުރުޔާޛް ލަޠީފުއާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ދެމެދު 8 ޖުލައި 2010 ގައި ވެވިފައިވާ ނަންބަރު TA-TPD/2010/147 ގެ އެއްބަސްވުމުގައި ޝަހުރުޔާޛް ލަޠީފް ސޮއިކޮށްފައިވަނީ މިއެއްބަސްވުމުގައި ބުނާ ކޯހުގެ ފުރަތަމަ 6 މަސްދުވަހަށްފަހު، ބާކީއޮތް މުއްދަތުގައި ކޯހަށް ޚަރަދު ކުރުމާ މެދު ވަކިގޮތަކަށް އެއްބަސްނުވެ ކަމާއި އަދި ކޯހުގެ ފުރަތަމަ 6 މަސް ދުވަހަށްފަހު، ޝަހުރުޔާޛް ލަޠީފަށްޓަކައި އެކޯހުގެ މުއްދަތުގައި އެއްވެސް ފަރާތަކުން ޚަރަދުކުރުމުގެ އިލްތިޒާމެއް އުފެދިފައި ނުވަނީސްކަން އެނގެން އޮތުމުން، އިސްވެ އިޝާރާތްކުރެވުނު އެއްބަސް ވުމުގައި ބުނާ ކޯހުގެ ފުރަތަ 6 މަސް ދުވަހަށްފަހު، އެ 6 މަސް ދުވަހު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ޝަހުރުޔާޛް ލަޠީފް އަށް ޚަރަދުކުރި ފަދައިން އެކޯހުގެ ބާކީ އޮތްމުއްދަތުގައި ޚަރަދުކުރުމަށް، ޖީ.އެމް.އާރު. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ނުރުހުމުގައި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖީ.އެމް.އާރު މާލެ އިންޓަރނޭޝަނަލް އެއަރޕޯޓު ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ލާޒިމްކުރެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަން އެނގެން އޮންނަކަމެވެ.

(ކ) ހަތްވަނަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/79 ގެ ޤަޟިއްޔާ އިލްތިމާސްކޮށްދެއްވުން އެދި ޝަހުރުޔާޛް ލަޠީފުގެ ފަރާތުން ހުށެހެޅި ސަބަބުތަކުގެ ތެރެއިން ފުރަތަމަ ސަބަބުގައި އިޝާރާތްކޮށްފައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ޝަހުރުޔާޛް ލަޠީފާއި ދެމެދު ވެވިފައިވާ ޓްރެނިންގ އެއްބަސްވުމުގެ 3 ވަނަ މާއްދާގައި ކުންފުނިން މުޅި ކޯހަށް ޚަރަދުކުރާނެ ވަރު ކަނޑައަޅާ ބަޔާންކޮށްފައިވާކަން ދޭހަވާގޮތަށް ޝަހުރުޔާޛް ލަޠީފު ވާހަކަ ދައްކާފައިވާތީ، އެ މާއްދާގައިވާ އެއްޗަކަށްބެލިއިރު އެ މާއްދާގައި ވާހަކަދައްކާފައިވަނީ ޓްރެއިނިންގ ކުރެވޭ ފަރާތުން މި މާއްދާގައި ބުނާ ސަބަބަކާހެދި ކޮމްޕެނީން ވަކިކުރަންޖެހޭ ޙާލަތުގައި ކޮމްޕެނީން މުވައްޒަފު ތަމްރީނުކުރުމަށް ހިނގާ ޚަރަދުތައް ކަވަރ ކުރުމަށްޓަކައި އެފަދަ މުވައްޒަފަކު ކޮމްޕެނީއަށް ދައްކަންޖެހޭ ފައިސާގެ މިންވަރާ ބެހޭގޮތުންކަން އެ މާއްދާއަށް ބެލުމުން އެނގެން އޮތުމުން އެ މާއްދާއަކީ މި އެއްބަސްވުގެ އިސްވެ ޙަވާލާދެވުނު 6 ވަނަ މާއްދާގެ (a) އާއި (b) އާ ތަޢާރުޟުވާ މާއްދާއެއް ނޫންކަމާއި އަދި މިބުނެވުނު 3 ވަނަ މާއްދާގެ އެއްވެސް ހިސާބެއްގައި މި އެއްބަސްވުމުގައި ބުނާ ކޯހުގެ ފުރަތަމަ 6 މަސް ދުވަހަށްފަހު، ކޯހުގެ ބާކީ އޮންނަ މުއްދަތުގައި، މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ޓްރެއިނިންގ އަށް ޚަރަދުކުރުމަށް އެއްބަސްވެ، އެކަމުގެ ޒިންމާ ނަގާފައި ނުވާކަން އެ މާއްދާއަށް ބެލުމުން އެނގެން އޮތުމުން އެ މާއްދާއަކީ ވެސް މި އެއްބަސްވުމުގައި ބުނާ ކޯހުގެ ފުރަތަމަ 6 މަސް ދުވަހަށްފަހު ކޯހުގެ ބާކީމުއްދަތުގައި މި އެއްބަސްވުމުގެ ދަށުން ޓްރެއިނިންގ ކުރެވޭ ފަރާތަށް ޚަރަދުކުރުމަށް ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުގެ ނުރުހުމުގައި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ ދަށުން ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އެ މާއްދާގެ ދަށުން ލާޒިމްކުރެވޭނެ މާއްދާއެއް ނޫންކަން އެނގެން އޮންނަކަމެވެ.

(އ) އަށްވަނަކަމަކީ، ޤާނޫނީ ނަޒަރަކުން ބަލާއިރު ކޮންޓްރެކްޓް އެމައްޗަށް ޤާއިމުވެގެންވާ މައިގަނޑު ދެ ރުކުނަކީ އެ ކޮންޓްރެކްޓްގެ ބައިވެރިން އެ ކޮންޓްރެކްޓް ކުރުމުގެ މައްޗަށް އޮންނަ ރުހުމާއި ޤަބޫލުވުމާއި، އަދި ޤާނޫނު މަނާނުކުރާ ހުއްދަ ސަބަބެއްގެ މައްޗަށް އެ ކޮންޓްރެކްޓެއްގެ ބައިވެރިންގެ ރުހުމާއި ޤަބޫލުވުން ޤާއިމްވެފައިއޮތުމާއި މިދެރުކުން ކަމަށްވީހިނދު، މިދެރުކުނަކީ ކޮންޓްރެކްޓް އެމައްޗަށް ޤާއިމްވެގެންވާ މައިގަނޑު ދެރުކުންކަން ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ ނައްޞުން ކަށަވަރުކޮށްދީފައިވާކަން އެ މާއްދާއަށް ބެލުމުން އެނގެންއޮންނައިރު، ކޮންޓްރެކްޓް އެމައްޗަށް ޤާއިމްވެގެންދާ ދެރުކުނުގެ ތެރެއިން ރުހުމާއި ޤަބޫލުވުމުގެ ރުކުން ނެތިފިލައިދާފަދަ ކަމެއް ހިމެނޭގޮތަށް ކުރެވޭ ކޮންޓްރެކްޓެއް ފިޔަވައި، ޤާނޫނު މަނާނުކުރާ ހުއްދަ ސަބަބެއްގެ މައްޗަށް އެ ކޮންޓްރެކްޓެއްގެ ބައިވެރިންގެ ފުރިހަމަ ރުހުމާއި ޤަބޫލުވުމުގެ މައްޗަށް ކުރެވޭ ކޮންޓްރެކްޓަކީ، އެމައްޗަށް ޢަމަލުކުރުން އެ ކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށް ލާޒިމްވާ ކޮންޓްރެޓެއްކަން އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އިން ސާފުކޮށް އެނގެން އޮންނައިރު، އަދި މިއާ ޚިލާފުގޮތަކަށް އަމަލުކުރެވޭނީ، އެ ކޮންޓްރެކްޓެއްގެ އަނެއްބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމްވާކަމަކަށް ދުލެއްދީފައިވާނަމަ ނުވަތަ ކޮންމެވެސް އެހެންގޮތަކަށް ޢަމަލުކުރަން އެއްބަސްވެއްޖެނަމަކަން އިސްވެ އިޝާރާތްކުރެވުނު ޤާނޫނުގެ އިސްވެ އިޝާރާތްކުރެވުނު އެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ ފަހުގެ ޢިބާރާތްތަކުން ސާފުކޮށް އެނގެންއޮންނައިރު ޝަހުރުޔާޛް ލަޠީފުއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާދެމެދު ވެވިފައިވާ އިސްވެ އިޝާރާތްކުރެވުނު ޓްރެއިނިންގ އެއްބަސްވުމުގައިވާ ކަންކަމުގެ މައްޗަށް ޝަހުރުޔާޛް ލަޠީފު އެއްބަސްވެ އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ޝަހުރުޔާޛް ލަޠީފުގެ ރުހުމާއި ޤަބޫލުގައިކަން މިމައްސަލައާ ގުޅިގެން ޝަހުރުޔާޛް ލަޠީފުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނެގެންއޮންނައިރު، އެއްބަސްވުމުގައި ބުނާ ކޯހުގެ ފުރަތަމަ 6 މަސް ދުވަހަށްފަހު، އެ ކޯހުގެ ބާކީ އޮންނަ މުއްދަތުގައި ކޯހަށް ޚަރަދުކުރުމާމެދު ގޮތެއް ކަނޑައެޅުމުގެ ބާރާއި އިޚްތިޔާރު ލިބިދީފައިވަނީ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓާ 2010 ނޮވެމްބަރ މަހުގެ ތެރޭގައި ޙަވާލުވާ އައު މެނޭޖެމަންޓަށްކަން އެއްބަސްވުމުގެ 6 ވަނަ މާއްދާއަށް ބެލުމުން އެނގެންއޮންނައިރު، 2010 ނޮވެމްބަރުގައި އެއަރޕޯޓާ ޙަވާލުވި އައު މެނޭޖްމަންޓުން (ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން) މިބުނެވުނު އެއްބަސްވުމުގެ ދަށުން އައު މެނޭޖްމަންޓަށް މިކޯހަށް ޚަރަދުކުރުމުގެ ކަންތަކުގައި ލިބިދީފައިވާ ބާރާއި އިޚްތިޔާރު ދޫކޮށް، އެއްބަސްވުމުގައި ބުނާ 6 މަސް ދުވަހަށްފަހު، ކޯހުގެ ބާކީ މުއްދަތުގައި ކޯހަށް ޚަރަދުކުރުމަށް ރުހި ޤަބޫލުވެވިފައި ނުވާކަން މައްސަލައާގުޅިގެން ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ވ) ނުވަވަނަކަމަކީ، ޝަހުރުޔާޛް ލަޠީފުއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ދެމެދު ވެވިފައިވާ ޓްރެއިނިންގ އެއްބަސްވުމުގެ ދަށުން ޝަހުރުޔާޛް ލަޠީފު ފުރިހަމަކުރަމުންދިޔަ ކޯހުގެ ފުރަތަމަ 6 މަސް ދުވަހަށްފަހު، ކޯހުގެ ބަކީއޮތް މުއްދަތުގައި ޚަރަދުކުރުމާމެދު ގޮތެއް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު، އެ އެއްބަސްވުމުގެދަށުން ލިބިދީފައިވަނީ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓާ 2010 ނޮވެމްބަރުގެ ތެރޭގައި ޙަވާލުވާ ކުންފުނީގެ އައު މެނޭޖްމަންޓަށް ކަން އެނގެންއޮންނައިރު، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގައިބުނާ ޙާލަތެއް މެދުވެރިވެގެން ވަޒީފާދޭ ފަރާތް އެހެން ފަރާތަކަށް ބަދަލުވާ ޙާލަތުގައި، ފުރަތަމަ ވަޒީފާދިން ފަރާތަށް، އެފަދަ އިޚްތިޔާރެއް މިބާވަތުގެ އެއްބަސްވުންތަކުގައި ދިނުން އެ މާއްދާގައި މަނާކޮށްފައިނުވާކަން އެނގެންއޮންނާތީ އެ އިޚްތިޔާރުގެ ބޭނުންކޮށް ޝަހުރުޔާޛް ލަޠީފު ފުރިހަމަކުރަމުންދިޔަ ކޯސް ހުއްޓާލުމަށްފަހު، އެނބުރި ވަޒީފާއާ ގުޅުމަށް ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ޝަހުރުޔާޛް ލަޠީފަށް އަންގާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ ބޭރުންކަމަށް ބެލެވެން ނެތްކަން އެނގެންއޮންނަކަމެވެ.

(މ) ދިހަވަނަކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 78/VTR/2011 މައްސަލައިގައި ޝަހުރުޔާޛް ލަޠީފް ކޮށްފައިވާ މުޅި ދަޢުވާގައިވާ ކަންކަން ބިނާކޮށްފައިވަނީ 8 ޖުލައި 2010 ގައި އޭނާއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއެކު ވެފައިވާ އިސްވެ އިޝާރާތްކުރެވުނު ޓްރެއިނިންގ އެއްބަސްވުމުގެ މައްޗަށްކަން އެދަޢުވާގެ ޞީޣާއިން އެނގެންއޮންނައިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/79 ޤަޟިއްޔާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްދިނުން އެދި ޝަހުރުޔާޛް ލަޠީފުގެ ފަރާތުން ހުށަހެޅި ތިންވަނަ ސަބަބުގައި ޙަވާލާދީފައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން 2010 އޮކްޓޯބަރ 19 ވަނަ ދުވަހު ޝަހުރުޔާޛް ލަޠީފަށް ފޮނުވާފައިވާކަމަށްބުނާ ސިޓީއަށް ބަލާއިރު، އެ ސިޓީއަކީ، އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ބެލެވޭނެ ސިޓީއެއްނޫންކަމަށްވާއިރު މި ސިޓީއަށް އިޝާރާތްކޮށް ޝަހުރުޔާޛް ލަޠީފުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކާ ގުޅޭގޮތުން ޖީ.އެމް.އާރު މާލެ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުގައި، އިޝާރާތްކުރެވުނު ސިޓިއަކީ، އިސްވެ އިޝާރާތްކުރެވުނު ޓްރެއިނިންގ އެއްބަސްވުމުގެ ބައެއްކަމަށް އެ ކުންފުނިން ޤަބޫލުނުކުރާކަން އެނގެންއޮންނައިރު، މިކަންކަމުގެ މައްޗަށް ނަޒަރުކޮށް ބެލުމުން މި އިޝާރާތްކުރެވުނު ސިޓީއަކީވެސް މި އިޝާރާތްކުރެވުނު ޓްރެއިނިންގ އެއްބަސްވުމުގައިބުނާ ކޯހުގެ ފުރަތަމަ 6 މަސްދުވަހަށްފަހު، އެ ކޯހުގެ ބާކީ މުއްދަތުގައި މި އެއްބަސްވުމުގެ ދަށުން ޓްރެއިނިންގ ކުރެވޭ ފަރާތަށް ޚަރަދުކުރުމަށް ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ނުރުހުމުގައި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ ދަށުން އެ ކުންފުނީގެ މައްޗަށް ލާޒިމުކުރެވޭނެ ތަނެއްއޮތް ސިޓީއެއްނޫންކަން އެނގެން އޮންނަކަމެވެ.

(ފ) އެގާރަވަނަކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަމުގެމައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބެލިއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/79 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ މި މައްސަލައިގައި ދަޢުވާކުރާ ޝަހުރުޔާޛް ލަޠީފުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކަކީ، ޤާނޫނީގޮތުން ސައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ސަބަބުތަކެއް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް ފާހަގަކުރެވިފައިވާކަމެވެ.

ޙުކުމް:

އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/79 ޤަޟިއްޔާ، އެކޯޓުން ބަލައި ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންކަން އެނގެންއޮންނާތީ، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ރަނގަޅުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިމައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ