—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2012/SC-A/19
ދަޢުވާކުރާ ފަރާތް: އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދަޢުވާ ލިބޭ ފަރާތް: އިބްރާހީމް ލަޠީފް
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 24 ޖުލައި 2012
ރަޖިސްޓްރީކުރެވުނު ތާރީޚް: 13 އޮގަސްޓް 2012
ނިމުނު ތާރީޚް: 06 އޮކްޓޯބަރ 2015
މައްސަލަ ނިންމި ގަޑި: 13:48
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ
ނަންބަރު: 2011/HC-A/77
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 02 މެއި 2011
ނިމުނު ތާރީޚް: 27 މާރޗް 2012
މައްސަލައިގެ ޚުލާޞާ
މިއީ މަދަނީ ކޯޓުގެ ނަންބަރު 1151/MC/2010 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރި ހައިކޯޓުގެ ނަންބަރު 2011/HC-A/77 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، މ. ސަނދުރަވި، އިބްރާހީމް ލަޠީފެވެ.
ފާހަގަކުރެވިފައިވާ ނުކުތާތައް
1- މި މައްސަލައާ ގުޅިގެން ހައިކޯޓުގެ ނަންބަރު 2011/HC-A/77 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ އެޑޯން މޯލްޑިވްސްއިން އިބްރާހީމް ލަޠީފަށް ދޫކޮށްފައިވާ ނަންބަރު 000457-7701-146107-001 ޗެކުގައިވާ ފައިސާގެ ތެރެއިން އިބްރާހީމް ލަޠީފަށް ލިބިފައިނުވާ 27 މާރޗު 2012 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި އިބްރާހީމް ލަޠީފަށް ދައްކާ ޚަލާޞްކުރުމަށް އެޑޯން މޯލްޑިވްސްއަށް އަންގަވާކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ހައިކޯޓުގެ ނަންބަރު 2011/HC-A/77 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ޙުކުމުން އެނގެންއޮވެއެވެ.
2- ހައިކޯޓުގެ ނަންބަރު 2011/HC-A/77 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ، އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 21 ސަބަބެއް ހުށަހަޅާ އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ހ. ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/77 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނުކުތާގެ (ހ) އަދި (ނ) ގައި އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އިބްރާހީމް މުޢިއްޒާއި ދެމެދު ހިންގާފައިވާ ވިޔަފާރީގެ މުޢާމަލާގައި އިބްރާހީމް މުޢިއްޒުގެ އިތުރުން އެހެން އެއްވެސް މީހަކު ބައިވެރިވެފައި ނުވާކަން އެނގޭކަމަށާއި، އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާ އެ ކުންފުނިން ދައްކަންޖެހޭނީ އިބްރާހީމް މުޢިއްޒަށްކަން ކަނޑައަޅާފައިވަނީ، މަދަނީ ކޯޓުގައި ކުރެވުނު ޝަރީޢަތާއި މަދަނީ ކޯޓަށް ހުށަހެޅުނު ލިޔުންތަކާއި ހައިކޯޓުގައި ކުރެވުނު ޝަރީޢަތާއި ހައިކޯޓަށް ހުށަހެޅުނު ލިޔުންތަކާއި، މުޅި މައްސަލައިގެ ހަޤީގަތާއި ކަނޑައެޅިގެން ޚިލާފަށް ކަމަށްވުމެވެ.
ށ. ދެވަނަ ސަބަބަކީ، އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިބްރާހީމް މުޢިއްޒުއާ ކުރެވުނު މުޢާމަލާގައި އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އިބްރާހީމް މުޢިއްޒު ވިއްކުމަށް ހުށަހެޅި މުދަލަކީ، މުޙައްމަދު ނިޒާމްގެ އަމިއްލަ މުދާކަން މަދަނީ ކޯޓަށް ހުށަހެޅި ލިޔެކިއުންތަކުން އެނގެން އޮތުމެވެ.
ނ. ތިންވަނަ ސަބަބަކީ، އަދި އެ މުދާ ވިއްކަން އިބްރާހީމް މުޢިއްޒުއާ ޙަވާލުކުރީ މުޙައްމަދު ނިޒާމްކަމަށް އިބްރާހީމް މުޢިއްޒު މަދަނީ ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި ޞަރީޙަ އިބާރާތުން ބަޔާކޮށްފައިވެއެވެ. އެބަޔާނުގައި "މުޙައްމަދު ނިޒާމް އަޅުގަނޑާއި 800 (އަށްސަތޭކަ) ކޭސް މިކްސްޑް ވެޖެޓަބަލް އަދި 800 (އަށްސަތޭކަ) ކޭސް ބޭކެޑްބީންސް ވިއްކަން ހަވާލުކުރުމުން އެޑޯން މޯލްޑިވްސްގައި އުޅޭ ނަބީލް މެދުވެރިކޮށް އެ މުދާ އެ ކުންފުންޏަށް އަޅުގަނޑު ވިއްކާލީމެވެ." އިބްރާހީމް މުޢިއްޒު ބުނެފައިވެއެވެ. ބަޔާންވެދިޔަ ޢިބާރާތުން ސާފުވާ އެއްކަމަކީ، އިބްރާހީމް މުޢިއްޒު އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކި މުދަލަކީ މުޙައްމަދު ނިޒާމްގެ މިލްކު މުދާކަމެވެ. އަދި އަނެއްކަމަކީ، މުޙައްމަދު ނިޒާމް އޭނާގެ މުދާ ވިއްކުމަށް އިބްރާހީމް މުޢިއްޒުއަށް ޙަވާލުކޮށްފައިވާކަމެވެ. އަދި އަނެއްކަމަކީ، އެގޮތުގެމަތިން އެ މުދާ ވިއްކާފައިވަނީ އެޑޯން މޯލްޑިވްސްއަށް ކަމަށްވުމެވެ.
ރ. ހަތަރުވަނަ ސަބަބަކީ، މުދަލެއް ވިއްކަން މީހަކާ ޙަވާލުކުރުމަކީ، އެ މުދަލެއް ވިއްކާފައި ލިބޭ އެ މުދަލުގެ އަގު އެ މުދަލެއް ވިއްކުމުގެ މަސްޢޫލިއްޔަތު އުފުލި ފަރާތުގެ މިލްކު އެއްޗަކަށް އޮޓަމެޓިކުން ބަދަލުވާނެ ކަމެއް ނޫނެވެ. މުދާ ވިއްކުމަށް ޙަވާލުކުރެވޭ މީހާގެ އެ ޢަމަލަކީ ހަމައެކަނި އެ މުދަލުގެ ވެރިފަރާތުގެ އެދުމުގެ މަތިން ކޮށްދިން މަސައްކަތަކަށްވާކަމެވެ.
ބ. ފަސްވަނަ ސަބަބަކީ، މި މައްސަލާގައި ކަންހިނގާފައިވާ ގޮތަކީވެސް އެއީއެވެ. އަދި އިބްރާހީމް މުޢިއްޒަކީ މުދާ ވިއްކަން މުޙައްމަދު ނިޒާމް ޙަވާލުކުރި މިހާއެވެ. އިބްރާހީމް މުޢިއްޒުގެ ބަޔާނަށް ބަލާއިރު މުދާ ވިއްކުމަށްފަހު އެ މުދާ ގަންނަ ފަރާތުން ދޭ އަގު އަމާނާތްތެރި ކަމާއެކު މުޙައްމަދު ނިޒާމަށް ހަވާލުކުރުމަކީ އިބްރާހީމް މުޢިއްޒު ކުރަންޖެހޭނެ އަދި އިބްރާހީމް މުޢިއްޒުގެ މައްޗަށް ވާޖިބު ކަމެކެވެ. އެއީ މުދަލުގެ އަގު ތަޞައްރަފްކުރުމުގެ ހައްޤު އިބްރާހީމް މުޢިއްޒަށް ދީފައިނުވާތީއެވެ. މުދާ ގަތުމަށްފަހު އެ މުދަލުގެ އަގު އިބްރާހީމް މުޢިއްޒާ ޙަވާލުކުރުމަކީ ނުވަތަ އިބްރާހީމް މުޢިއްޒުގެ އަތަށް ދިނުމަކީ އެ ފައިސާ އިބްރާހީމް މުޢިއްޒަށް މިލްކުކުރެވޭނެ ޤާނޫނީ ނުވަތަ ޝަރުޢީ ޙުއްޖަތެއް ނޫނެވެ. އަދި މުދަލުގެ އަގުގެ ޙައްޤުވެރި ފަރާތް މަޙްރޫމް ކުރެވޭނެ ކަމެއް ވެސް ނޫންމެއެވެ. އިބްރާހީމް މުޢިއްޒަކީ މުޙައްމަދު ނިޒާމަށް އޭނާގެ މުދާ ވިއްކުމަށްފަހު އޭގޭ އަގު ފޯރުކޮށްދޭ މެދުވެރިޔާއެވެ. އިބްރާހީމް މުޢިއްޒުގެ ޙާލަތުގައި ނުވަތަ އެ މަޤާމުގައި އެހެންމީހަކު ހުރި ނަމަވެސް ކަންއޮތީ އިސްވެ ބަޔާންކުރެވުނު ގޮތަށްކަމަށްވުމެވެ.
ޅ. ހަވަނަ ސަބަބަކީ، މި މުޢާމަލާއަށް ބަލާއިރު، މުޙައްމަދު ނިޒާމް އޭނާގެ މުދާ އިބްރާހީމް މުޢިއްޒަށް ވިއްކާ ނުވަތަ ދީފައިނުވަނީސް އެ މުދާ ވިއްކުމަށް ޙަވާލުވެފައިވާ މީހެއްގެ ހައިސިއްޔަތުން އެ މުދާ ވިއްކާފައި ލިބޭ މުދަލުގެ އަގު ތަޞައްރަފް ކުރުމުގައި އެއްވެސް ޤާނޫނީ ޙައްޤެއް އިބްރާހީމް މުޢިއްޒަށް ލިބިގެންނުވާކަން އޮޅުމެއް ނެތި އެނގެން އޮތުމެވެ.
ކ. ހަތްވަނަ ސަބަބަކީ، އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިބްރާހީމް މުޢިއްޒުއާއި ކުރެވުނު މުޢާމަލާގައި އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އިބްރާހީމް މުޢިއްޒު ވިއްކުމަށް ހުށަހެޅި މުދަލަކީ، ޚުދު މުޙައްމަދު ނިޒާމްގެ މުދާ ކަމުގައި މުޙައްމަދު ނިޒާމް މަދަނީ ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނުން އަދި އޭނާ ހުށަހަޅާފައިވާ ލިޔުންތަކުން ޝައްކެއްނެތި ސާބިތުވެއެވެ. މުދަލުގެ އަގު މުޙައްމަދު ނިޒާމަށް ދިނުމުގެ ބަދަލުގައި އިބްރާހީމް މުޢިއްޒު އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަދި މުޙައްމަދު ނިޒާމަށް އޮޅުވާލައިގެން މަކަރާއި ޙީލަތް ހަދައިގެން ޚިޔާނާތްތެރިވެފައިވާކަމެވެ.
އ. އަށްވަނަ ސަބަބަކީ، މުޙައްމަދު ނިޒާމްގެ މުދާ އިބްރާހީމް މުޢިއްޒު އާއި ޙަވާލުކޮށްފައިވާނީ އެޖެންސީގެ ހައިސިއްޔަތުން މުދާ ވިއްކުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ. މުދާ ގަންނާނެ ފަރާތެއް ހޯދުމަށްކަމަށްވުމެވެ.
ވ. ނުވަވަނަ ސަބަބަކީ، މުދާ ވިއްކުމަށް އިބްރާހީމް މުޢިއްޒު ހުށަހެޅި ލިޔުމަކީ، އެ ލިޔުމުގެ ލެޓަރ ހެޑްގައި "އައިލެންޑް ވޭވް" ޖަހާފައި އޮތް ލިޔުމެކެވެ. "އައިލެންޑް ވޭވް" މި ނަމަކީ، ފަރީދީ މަގުގައި ހުންނަ ސީދާ މުޙައްމަދު ނިޒާމުގެ އަމިއްލަ ފިހާރައަކަށް ނިސްބަތްވާ އިބްރާހީމް މުޢިއްޒާ އެއްވެސް ގުޅުމެއް ނެތް މުޙައްމަދު ނިޒާމްގެ މިލްކު ތަނެކެވެ. ކަމުގެ ހަޤީޤަތަކީ، މި މުޢާމަލާއަކީ އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މުދަލުގެ ވެރި ފަރާތް ގަސްތުގައި އޮޅުވާލުމަށްޓަކައި އިބްރާހީމް މުޢިއްޒު ހިންގާފައިވާ މަކާރާއި ޙީލަތުގެ ޢަމަލެކެވެ. އެކަން، އިބްރާހީމް މުޢިއްޒު މަދަނީ ކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާނުން އޮޅުމެއް ނެތި އޭނާގެ އިޢުތިރާފުން އެނގެން އޮންނައޮތުމެވެ.
މ. ދިހަވަނަ ސަބަބަކީ، މި މައްސަލާގައި މި ވާހަކަ ދެކެވޭ މުދަލުގެ އަގު އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަދާކޮށްފައި ނުވާތީ، މުދަލުގެ އަގު ހޯދުމަށް ތަކުރާރުކޮށް މުދަލުގެ ޙަޤީޤީ ވެރިފަރާތް މުޙައްމަދު ނިޒާމް އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މިއަދާ ހަމައަށްވެސް ހުށަހަޅަމުންދާކަން ފާހަގަކުރަމެވެ. އަދި މަދަނީ ކޯޓުގެ ނަންބަރު 1297/MC/2010 ޤަޟިއްޔާގެ ތެރެއަށް މަޞްލަޙަތު އޮތް ތިންވަނަ ފަރާތެއްގެ ހައިސިއްޔަތުން ތަދައްޚުލްވެފައިވެއެވެ. އެ ޤަޟިއްޔާގައި ވެސް މުޙައްމަދު ނިޒާމް ބަޔާންކޮށްފައިވަނީ މުދަލަކީ އޭނާގެ މުދާ ކަމާއި، އަދި އެ މުދާ ވިއްކުމަށް ޙަވާލުކުރީ އިބްރާހީމް މުޢިއްޒުއަށް ކަމަށާއި، އިބްރާހީމް މުޢިއްޒު އެ މުދާ އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކުމަށްފަހު ލިބިފައިވާ މުދަލުގެ އަގު މުޙައްމަދު ނިޒާމަށް ނުދީ އޭނާވަނީ އެ ފައިސާ އިބްރާހީމް ލަޠީފަށް ދީފައިވާ ކަމަށާއި އެ ފައިސާ ލިބެންޖެހޭ ފަރާތަކީ މުޙައްމަދު ނިޒާމް ކަމަށާއި، ޝަރީޢަތުން އެ ފައިސާ މުޙައްމަދު ނިޒާމަށް ލިބިދެވޭނޭ ގޮތެއް ކަނޑައަޅައި ދިނުމަށް އެދިފައިވާ ކަން ފާހަގަކުރެވިފައިވުމެވެ.
ފ. އެގާރަވަނަ ސަބަބަކީ، މި މައްސަލާގައި މުޙައްމަދު ނިޒާމް ސުޕްރީމް ކޯޓަށް ހާޟިރުކޮށް ސުޕްރީމް ކޯޓުން ކަމުގެ ހަޤީގަތް ސާފުކުރުން މުހިއްމު ކަމުގައި ދެކޭކަމެވެ.
ދ. ބާރަވަނަ ސަބަބަކީ، ބަޔާންވެދިޔަ ކަންތައްތަކުގެ އަލީގައި، މި މައްސަލާގައި މައުޟޫޢީ ގޮތުން ވާހަކަދެކެވޭ މުދާ ވިއްކުމުގައި މުދާ ވިއްކުމަށް ޙަވާލުވި މީހެއްގެ ގޮތުން އިބްރާހީމް މުޢިއްޒު އަދި މުދަލުގެ ވެރިފަރާތުގެ ހައިސިއްޔަތުން މުޙައްމަދު ނިޒާމް ހިމެނޭކަން އަދި މުދަލުގެ އަގު ލިބިދޭންޖެހޭ ފަރާތަކީ، އިބްރާހީމް މުޢިއްޒު ނޫންކަމާއި، މުދަލުގެ އަގު ލިބިދޭންޖެހޭ ޙަޤީޤީ ފަރާތަކީ މުދަލުގެ ޙަޤީޤީ ވެރިފަރާތް ކަމަށްވާ މުޙައްމަދު ނިޒާމްކަން ބަޔާންވެ ދިޔަ ލިޔުންތަކުންނާއި، އިބްރާހީމް މުޢިއްޒުގެ އަދި މުޙައްމަދު ނިޒާމްގެ ބަޔާނުންވެސް އޮޅުމެއް ނެތި ޝައްކެއްނެތި އެނގި ސާބިތުވާކަމެވެ.
ތ. ތޭރަވަނަ ސަބަބަކީ، މި މައްސަލާގައި މައުޟޫޢީ ގޮތެއްގައި ވާހަކަދެކެވޭ މުޙައްމަދު ނިޒާމްގެ މުދާ އިބްރާހީމް މުޢިއްޒު މެދުވެރިކޮށް އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ގަތް ގަތުމަކީ، އިބްރާހީމް މުޢިއްޒުގެ މުދަލެއް ގަތުން ކަމަށާއި، އެގޮތުން އިބްރާހީމް މުޢިއްޒަށް މުދަލުގެ އަގަށް ދޭންޖެހޭ ފައިސާގެ ތެރެއިން 200,000/-(ދެލައްކަ ރުފިޔާ) ގެ ޗެކެއް އިބްރާހީމް މުޢިއްޒުގެ އެދުމުގެ މަތިން، އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިބްރާހީމް ލަޠީފަށް ދޫކޮށްފައިވާ ކަމަށާއި، އެ ފައިސާގެ ތެރެއިން ބައެއް އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިބްރާހީމް ލަޠީފަށް ދީފައިވާކަން އެނގޭކަމަށް ބަޔާންކޮށް، ބުނެވިދިޔަ ފައިސާއަކީ އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިބްރާހީމް ލަޠީފަށް ދޭންޖެހޭނެ ފައިސާއެއް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ މަދަނީ ކޯޓުގައި ކުރެވިފައިވާ ޝަރީޢަތާއި ހުށަހެޅިފައިވާ ލިޔުންތަކަށާއި އަދި ހައިކޯޓުގައި ކުރެވިފައިވާ ޝަރީޢަތާއި ހުށަހެޅިފައިވާ ލިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ރިޢާޔަތްކުރުމަކާއި ނުލައި ކަމުގެ ޙަޤީޤަތާއި ޚިލާފަށްކަން ފާހަގަކުރެވޭކަމެވެ.
ލ. ސާދަވަނަ ސަބަބަކީ، އިބްރާހީމް މުޢިއްޒު މަދަނީ ކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާނުގައި މުދަލަކީ، މުޙައްމަދު ނިޒާމްގެ މުދާކަމަށާއި އެ މުދާ އިބްރާހީމް މުޢިއްޒުއާއި ޙަވާލުކުރީ ވިއްކަން ކަމަށާއި، މުދާ ވިއްކުމަށްފަހު މުދަލުގެ އަގު މުޙައްމަދު ނިޒާމަށް ޙަވާލުކުރުމުގެ ބަދަލުގައި އަދި މުޙައްމަދު ނިޒާމަށް އެނގުމަކާއި ނުލައި އަދި އޭނާގެ ހުއްދަ ހޯދުމަކާއި ނުލައި، މުދަލުގެ އަގުގެ ތެރެއިން ބައެއް، މ. ސަނދުރަވި، އިބްރާހީމް ލަޠީފަށް، ދެއްކުމަށް އިބްރާހީމް މުޢިއްޒު، އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އޮޅުވާލައިގެން އެންގުމުން، އެ ފައިސާ ނޭނގުމެއްގެ ތެރޭގައި އިބްރާހީމް ލަޠީފަށް ދިނުމަށް ޗެކެއް ދޫކޮށްފައިވެއެވެ. ނަމަވެސް އޭގެފަހުން، ކަމުގެ ޙަޤީޤަތް މުޙައްމަދު ނިޒާމުގެ ކިބައިން ސާފުވުމުން އެ ޗެކް އަނބުރާ އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް އެދުމުން އެކަމަށް އިބްރާހީމް ލަޠީފް އިންކާރު ކޮށްފައިވާތީ، އެ މައްސަލަ މަދަނީ ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު 1297/MC/2010 ޤަޟިއްޔާއިން ނިންމާފައިވަނީ އެ ޗެކް އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަނބުރާ ދެއްކުމަށެވެ. އެހެނީ، އިބްރާހީމް ލަޠީފަށް، އިބްރާހީމް މުޢިއްޒު ދޭންޖެހޭ އެއްވެސް ފައިސާއެއް މި މުޢާމަލާގެ ތެރެއަށް ވެއްދުމުގެ އެއްވެސް ހައިސިއްޔަތެއް އިބްރާހީމް މުޢިއްޒަށް ލިބިގެންނުވާކަމަށް މަދަނީ ކޯޓުގެ ޝަރީޢަތުން ދެކޭކަމަށް އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާކަމެވެ. އަދި އިސްވެ ބަޔާންކޮށްފައިވާ ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފުކޮށް ޝަރުޢީ އެއްވެސް މަރުޙަލާއަކުން ބާޠިލުވެފައި ނުވާކަންވެސް ފާހަގަކުރެވިފައި އޮތުމެވެ.
ގ. ފަނަރަވަނަ ސަބަބަކީ، މި ޙާލަތުގައި އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އިބްރާހީމް މުޢިއްޒާއި ދެމެދު އުފެދިފައިވަނީ އެޖެންސީގެ ގުޅުމެއްކަމާއި، މުޙައްމަދު ނިޒާމްގެ ފަރާތުން މުދަލުގެ އަގަށްވާ ފައިސާއާއި ގުޅިގެން ވަކި އިރުޝާދެއް ދީފައިވާކަން އެނގެންނެތް ހިނދު، މުދަލުގެ އަގަށްވާ ފައިސާގެ ތެރެއިން 200,000/- (ދެލައްކަ ރުފިޔާ) އިބްރާހީމް ލަޠީފަށް ދިނުމަށް އިބްރާހީމް މުޢިއްޒުގެ ފަރާތުން އެޑޯން މޯޑިވްސް ޕްރައިވެޓް ލިމިޓެޑްގައި ބުނުމަކީ އެޖެންސީ ގުޅުމުގެ ބާރުގެ ބޭރުން އިބުރާހީމް މުޢިއްޒު ބުނެފައިވާ ވާހަކަތަކެއްކަން އެނގޭކަމާއި، އިބްރާހީމް މުޢިއްޒުގެ ފަރާތުން އިބްރާހީމް ލަޠީފަށް ފައިސާ ދޭންޖެހޭނަމަ، އެކަން މި މުޢާމަލާގެ ތެރެއަށް ވެއްދުމުގެ އެއްވެސް ހައިސިއްޔަތެއް އިބްރާހީމް މުޢިއްޒުއަށް ލިބިގެން ނުވާކަމަށް ތަކުރާރުކޮށް ފާހަގަކޮށްފައިވުމެވެ.
ޏ. ސޯޅަވަނަ ސަބަބަކީ، އިބްރާހީމް ލަޠީފަށް އިބްރާހީމް މުޢިއްޒުގެ ފަރާތުން ފައިސާ ލިބެންޖެހޭނަމަ، އެ ފައިސާ ހޯދުމަށް އިބްރާހީމް މުޢިއްޒުގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު އިބްރާހީމް ލަޠީފަށް ވެސް އޮންނާނެކަމަށް ދެކޭކަމެވެ.
ސ. ސަތާރަވަނަ ސަބަބަކީ، މަދަނީ ކޯޓުގެ ނަންބަރު 1297/MC/2010 ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރުމަކާ ނުލައި، ހައިކޯޓުން މަދަނީ ކޯޓުގެ ނަންބަރު 1151/MC/2010 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެނައި ނަމަވެސް ބުނެވިދިޔަ ނަންބަރު 1297/MC/2010 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް އަދިވެސް ދެމިއޮތުމުން މި މައްސަލައިގެ ޙަޤީޤީ ނަތީޖާ ހައިކޯޓުގެ ޙުކުމުން ބާޠިލުވެފައިނުވާ ކަމުގައި ފާހަގަކުރެވިފައިވުމެވެ.
ޑ. އަށާރަވަނަ ސަބަބަކީ، މަދަނީ ކޯޓުގެ 1297/MC/2010 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ އިބްރާހީމް މުޢިއްޒު އޮޅުވާލައިގެން އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިބްރާހީމް ލަޠީފަށް ދީފައިވާ 50,000/- )ފަންސާސްހާސް ރުފިޔާ( އާއި ) 150,000/-އެއްލައްކަ ފަންސާސްހާސް ރުފިޔާ( ގެ ޗެކް އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ރައްދުކުރުމަށް ކަމަށްވާތީ، މި ޙުކުމް އިސްތިއުނާފުކޮށް ބާޠިލުނުކުރާހާ ހިނދަކު އެގޮތުގައި ދެމިއޮންނާނެ ކަމަށް ޤާނޫނީ ގޮތުން ބަލަންޖެހޭކަމެވެ.
ޒ. ނަވާރަވަނަ ސަބަބަކީ، މަދަނީ ކޯޓުގެ ނަންބަރު 1151/MC/2010 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދީފައިވާ 150,000/- (އެއްލައްކަ ފަންސާސްހާސް ރުފިޔާ) ގެ ޗެކަށްވާ ފައިސާ އިބްރާހީމް ލަޠީފަށް މަދަނީ މިންގަނޑުތަކަށް ރިޢާޔަތްކޮށް ނަގައިދެވެން ނެތްކަމަށެވެ.
ޓ. ވިހިވަނަ ސަބަބަކީ، އިބްރާހީމް ލަޠީފްގެ ފަރާތުން މަދަނީ ކޯޓުގެ ނަންބަރު 1151/MC/2010 ޤަޟިއްޔާ އިސްތިއުނާފުކުރުމުން، ހައިކޯޓުގެ ޙުކުމުގައި ކަނޑައަޅާފައިވަނީ ހަމައެކަނި މަދަނީ ކޯޓުގެ ނަންބަރު 1151/MC/2010 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެނައުމަށް ކަމަށްވާތީ، މަދަނީ ކޯޓުގެ ނަންބަރު 1297/MC/2010 ޤަޟިއްޔާގެ ޙުކުމް، އެގޮތުގައި ދެމިއޮންނާނެ ކަމަށް ޤާނޫނީ ގޮތުން ބަލަންޖެހޭކަމެވެ.
ޖ. އެކާވީސްވަނަ ސަބަބަކީ، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ނިމިއްޖެކަމަށްވާނަމަ، މުސްތަޤުބަލުގައި މުދާ ވިއްކުމާ ޙަވާލުވެގެން މަސްޢޫލިއްޔަތު އުފުލާ މީހުން، އެ މުދާ ވިއްކާފައި ލިބޭ މުދަލުގެ އަގު އޭގެ ވެރިފަރާތްތަކަށް ރައްދުކުރުމުގެ ބަދަލުގައި އެފަރާތްތަކުގެ އަމިއްލަ މާލީ ފައިދާއަށް ނުވަތަ ބޭނުންތަކަށް ބޭނުންކުރުމަށް މި ޙުކުމް އެފަދަ މީހުންގެ ނިވާފަތްގަނޑަކަށް ހަދާފާނެކަމުގެ ބިރު އޮތުމާއި، އަދި މިގޮތަށް މުދަލުގެ ވެރިފަރާތް މުދަލުގެ މާލީ މަންފާއިން މަޙްރޫމްކުރަން ފަށާފާނެކަމުގެ ބިރު އޮތްކަމަށްޓަކައި މަތީގައި ބަޔާންކުރެވި ދިޔަ ސަބަބުތަކަށް ރިޢާޔަތްކޮށް މި މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ބާޠިލުކުރަންޖެހޭކަމަށް ދެކޭކަމެވެ.
3- މި މައްސަލައާ ގުޅިގެން ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި އަދި ހައިކޯޓުގެ ނަންބަރު 2011/HC-A/77 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ، އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ހ- ފުރަތަމަ ކަމަކީ، އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާ ވިޔަފާރީގެ މުޢާމަލާއަކީ އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އިބްރާހީމް ލަޠީފާ ދެމެދު ހިނގާފައިވާ ވިޔަފާރީގެ މުޢާމަލާއެއް ނޫންކަމާއި، ދަޢުވާގައި އިޝާރާތްކޮށްފައިވާ 800 (އައްސަތޭކަ) ކޭސް މިކްސްޑް ވެޖެޓަބަލްސް އާއި 800 (އައްސަތޭކަ) ކޭސް ބޭކެޑް ބީންސް އަކީ އިބްރާހީމް މުޢިއްޒު ކިޔާ މީހަކު އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ސަޕްލައިކޮށްދީފައިވާ ތަކެތިކަމާއި މި ދެ ފަރާތް ދެމެދު ހިނގާފައިވާ، އެ ވިޔަފާރި މުޢާމަލާގައި އިތުރު އެހެން ފަރާތެއްގެ ބައިވެރިވުމެއް ނެތްކަން ފާހަގަކުރެވިފައިވާތީ، އިބްރާހީމް މުޢިއްޒު އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ސަޕްލައިކޮށްދީފައިވާ މުދަލުގެ އަގާއިބެހޭ ޒިންމާ ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި އުފުލަންޖެހޭ ފަރާތަކީ އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކަމަށްމެނުވީ ބެލެވެންޖެހޭ ހަމައެއްނެތުމެވެ.
ށ- ދެވަނަ ކަމަކީ، އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އިބްރާހީމް ލަޠީފްގެ ފަރާތުން މަދަނީ ކޯޓުގެ ނަންބަރު 1151/MC/2010 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާގައި ބުނެފައިވާ -/200,000 (ދެލައްކަ ރުފިޔާ) ގެ ޗެކަކީ އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އިބްރާހީމް މުޢިއްޒު ސަޕްލައިކޮށްދީފައިވާ މުދަލުގެ އަގުގެ ގޮތުގައި އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިބްރާހީމް މުޢިއްޒުއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން އިބްރާހީމް މުޢިއްޒުގެ އެދުމުގެ މަތިން އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިބްރާހީމް ލަޠީފަށް ދީފައިވާ -/200,000 (ދެލައްކަ ރުފިޔާ) ގެ ޗެކެއް ކަމާއި އަދި އެ ޗެކަށް ފައިސާ ނުލިބި ބައުންސްވެފައިވާކަން އެނގެން އޮންނައިރު، އެ ޗެކް ބައުންސްވުމާ ގުޅިގެން އިބްރާހީމް ލަޠީފްގެ ފަރާތުން އެ ފައިސާ ލިބިގަތުމަށް އެދި ކުރަމުންދިޔަ މުތާލަބާތަކާއި ގުޅިގެން އެ ފައިސާގެ ތެރެއިން 50,000/- (ފަންސާސްހާސް ރުފިޔާ) އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިބްރާހީމް ލަޠީފްއާ ޙަވާލުކޮށްފައިވާ ކަމާއިމެދު ދެ ފަރާތް ދެމެދު ބަހުސެއްނެތްކަން ފާހަގަކުރެވިފައިވާއިރު، އެ 200,000/- (ދެލައްކަ ރުފިޔާ) ގެ ތެރެއިން ބުނެވިދިޔަ 50,000/- (ފަންސާސްހާސް ރުފިޔާ) ފިޔަވައި އިތުރު އެހެން ފައިސާއެއް އިބްރާހީމް ލަޠީފަށް ލިބިފައިވާކަން އެނގެންނެތްކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.
ނ- ތިންވަނަ ކަމަކީ، އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މުދާ ސަޕްލައިކޮށްދީފައިވާ އިބްރާހީމް މުޢިއްޒު އާއި އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ހިނގާފައިވާ ފަދަ ވިޔަފާރީގެ ސީދާ މުޢާމަލާއެއް އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އިބްރާހީމް ލަޠީފާ ދެމެދު ހިނގާފައިވާކަން އެނގެން ނެތް ކަމުގައި ވިޔަސް، އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އިބްރާހީމް މުޢިއްޒު ސަޕްލައިކޮށްދީފައިވާ މުދަލުގެ އަގުގެ ތެރެއިން އިބްރާހީމް މުޢިއްޒުގެ އެދުމުގެ މަތިން 200,000/- (ދެލައްކަ ރުފިޔާ) ގެ ޗެކެއް އިބްރާހީމް ލަޠީފަށް އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދީފައިވާ ދިނުމަކީ މި މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، ބަދަލަކާނުލައި ހެޔޮވަތާ ތަބައްރުޢެއްގެ ގޮތުގައި ދީފައިވާ -/200,000 (ދެލައްކަ ރުފިޔާ) ގެ ޗެކެއްކަމަށް ބެލެވެންޖެހޭ ފަދަ ހަރުދަނާ އަސާސެއް ޝަރީޢަތަށް ހުށަހެޅިފައިނެތްއިރު، އެ ޗެކް ބައުންސްވުމާ ގުޅިގެން އިބްރާހީމް ލަޠީފަށް އެ ފައިސާގެ ތެރެއިން 50,000/- (ފަންސާސްހާސް ރުފިޔާ) އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދީފައިވާކަން ޘާބިތުވެ އެނގެން އޮތުމާއެކު، އެ ޗެކާއި ބެހޭގޮތުން ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި އުފުލަންޖެހޭ ޒިންމާ އުފުލުމުގައި އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ މާލީ ޒިންމާނެތް ބަރީއަ ޙާލަތެއްގައިވާ ފަރާތެއްކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލެވޭނެ ތަނެއްނެތުމެވެ.
ރ- ހަތަރުވަނަ ކަމަކީ، ޗެކަކީ ފައިސާގެ ގޮތުގައި ބޭނުންކުރެވޭ ރަސްމީ ލިޔުމަކަށްވެފައި، ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގައި "ޗެކް އަކީ، ދޫކުރާ މީހާގެ ފަރާތުން ލިޔެ ސޮއިކޮށް، އޭގައި ބަޔާންކުރެވިފައިވާ މީހަކަށް، ނުވަތަ އޭނާގެ އަމުރަށް، ނުވަތަ އެ ހިފައިގެންދާ މީހަކަށް، އެ ހިފައިގެން ދިއުމުން، ޝަރުޠަކާނުލައި އޭގައި ކަނޑައެޅިގެންވާ ޢަދަދެއްގެ ފައިސާ ދިނުމަށް، ބޭންކު ވިޔަފާރިކުރާ ފަރާތަކަށް ލިޔުމަކުން ކުރެވޭ އަމުރެކެވެ." މިފަދައިން ކަނޑައެޅިގެން ބަޔާންކޮށްފައިވާތީ އާއި، އެ ޗެކުގައިވާ 200,000/- (ދެލައްކަ ރުފިޔާ) އަކީ އިބްރާހީމް ލަޠީފަށް އެ ފައިސާ ލިބިދިނުމުގެ ނިޔަތުގައި އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޫކޮށްފައިވާ ފައިސާއެއްކަން މި މައްސަލައާ ގުޅިގެން ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނާތީ، އެ 200,000/- (ދެލައްކަ ރުފިޔާ) ގެ ތެރެއިން އިބްރާހީމް ލަޠީފަށް ލިބިފައިވާ 50,000/- (ފަންސާސްހާސް ރުފިޔާ) އުނިކުރުމުން ބާކީވާ 150,000/- (އެއްލައްކަ ފަންސާސްހާސް ރުފިޔާ) އިބްރާހީމް ލަޠީފަށް ނުދީ ހިފެހެއްޓުމުގެ ޙައްޤު އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާ ކަމަށް ބެލެވިދާފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް އޮތްކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފެންނާތީ، ހައިކޯޓުގެ ނަންބަރު 2011/HC-A/77 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމަކަށްވެސް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތަކާއި، ފާހަގަކުރެވިފައިވާ ކަންތައްތައް އެހެންހުރުމާއެކު، ހައިކޯޓުގެ ނަންބަރު 2011/HC-A/77 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.