—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2012/SC-A/25
ދަޢުވާކުރާ ފަރާތް: މުޙައްމަދު އަޙްމަދުދީދީ، ގ.ކޮނޮއްޓާ، މާލެ
ދަޢުވާ ލިބޭ ފަރާތް: މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ (ދައުލަތް)
މައްސަލައިގެ ބާވަތް: ރިޓަޔަރމަންޓް ޢިނާޔަތް ހޯދުމާބެހޭ
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 28 އޮގަސްޓު 2012
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 18 ސެޕްޓެންބަރު 2012
ނިމުނު ތާރީޚް: 26 މާރިޗު 2019
މައްސަލަ ނިންމި ގަޑި: 13:30
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
އިލްތިމާސްކުރެވުނު ޤަޟިއްޔާ
ނަންބަރު: 2011/HC-A/167
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 10 ޖުލައި 2011
ނިމުނު ތާރީޚް: 06 މެއި 2012
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/167 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި، މުޙައްމަދު އަޙްމަދުދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ (އެޓަރނީ ޖެނެރަލްގެ އޮފީސް) އެވެ.
އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/167 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1526/Cv-C/2010 ޤަޟިއްޔާ ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/167 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވި ފަރާތަކީ، މުޙައްމަދު އަޙްމަދުދީދީއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 1526/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ ދަށުން ހަދާފައިވާ ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގައިވާ ގޮތުގެމަތިން ސިފައިންގެ ސަރޖަންޓެއްގެ ވަޒީފާ އަދާކުރުމުގެ ޢުމުރު ހަމަވުމަށްފަހު، ޤާނޫނީ ގޮތުން ލިބިފައިވާ ރިޓަޔަރމަންޓް ޙައްޤުގެ ދަށުން ރިޓަޔަރކޮށްދީފައި ނުވާތީ އާއި، ސިފައިންގެ ވަޒީފާގައި ޝަރަފުވެރިކަމާއެކު 30 އަހަރާއި 9 މަސްދުވަހު އުޅުމަށްފަހު، ވަޒީފާއިން ވަކިވުމާއި، ރިޓަޔަރވުމަށް އެދި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި އެދުމުން 2009 އޮކްޓޫބަރު 01 ވަނަ ދުވަހު ވަޒީފާއިން ވަކިކޮށްދިނުމަށްފަހު، ރިޓަޔަރމަންޓް ޢިނާޔަތްތައް ދޭނެކަމަށް ލިޔުމުން ޖަވާބުދީ، ފަހުގެ ތާރީޚެއްގައި ރިޓަޔަރމަންޓް ޢިނާޔަތްތައް ދެވެން ނެތްކަމަށް ބުނެފައިވާތީ، ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ 30 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރިޓަޔަރމަންޓް ޙައްޤު ހޯދުމަށް އެދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ގ.ކޮނޮއްޓާ މުޙައްމަދު އަޙްމަދުދީދީ ދަޢުވާ ކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
އެ ޤަޟިއްޔާ ބަލައި ކޮށްފައިވާ ޙުކުމުގައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ގ.ކޮނޮއްޓާ މުޙައްމަދު އަޙްމަދުދީދީ ކުރި ދަޢުވާއަށް ޝަރީޢަތުގެ ހަމަތަކުގެ މަތިން ނަޒަރުކުރިއިރު، ސިފައިންގެ ވަޒީފާގައިވާ ފަރާތްތައް ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުމަކީ ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ ދަށުން ހަދާފައިވާ ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިގެންވާ ޙައްޤެއްކަން ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) އަށް ބެލުމުން އެނގެން އޮތްހިނދު، ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވެވޭނެ އުޞޫލުތައް ބަޔާންވެގެންވަނީ ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގައި ކަމަށްވެފައި، ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދު ވަނީ އެއަށް ވަގުތީ ގޮތުން ޢަމަލުކުރުން ހުއްޓާލެވިފައިކަމަށް ދައުލަތުން ބުނިނަމަވެސް، އެކަން އެގޮތަށް ބެލެވެން ނެތްކަމުންނާއި، މި ޤަވާޢިދު ނެތުމުގެ މައްޗަށް ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގައި އަދި ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގައި އެއްވެސް އިޝާރާތެއް ނެތިފައި، މި ޤަވާޢިދަކީ ޤާނޫނުން އޮތުން ލާޒިމްކުރާ ޤަވާޢިދެއް ކަމަށްވުމުން، މިކަމުން އެނގެނީ ޤަވާޢިދަށް ޢަމަލުކުރުން ހުއްޓާނުލެވޭނެކަން ނުވަތަ ޤަވާޢިދު ނެތުމުގެ ޙާލަތަށް ނުދެވޭނެކަން ކަމާއި، ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދު އިޞްލާޙު ކުރުމަށް ނުވަތަ އެއަށް ބަދަލެއް ގެނައުމަށް ބޭނުންވާކަމުގައިވަނީނަމަ، މި ޤަވާޢިދުގެ 15 ވަނަ މާއްދާގައިވާ ފަދައިން އިޞްލާޙު ކުރެވިދާނެކަމާއި، އިޞްލާޙުކުރުމާއި ހަމައަށް ހިނގާނީ އެއިރު ޤަވާޢިދުގައި އޮތް ގޮތަށްކަމާއި، އިޞްލާޙުވުމަށްފަހު، އިޞްލާޙުވީ ފަދައަކުން އެ ޤަވާޢިދަށް ޢަމަލުކުރެވޭނެކަން މިއީ ޤާނޫނީ އުޞޫލުކަމާއި،
ސިފައިންގެ ވަޒީފާއިން ވަކިވާ މީހަކީ ޝަރަފުވެރިކަމާއެކު ވަކިވާ މީހެއްކަމަށް ކަނޑައެޅުމުގެ ބާރާއި އިޚްތިޔާރު ސިފައިންގެ ޤާނޫނުން ލިބިދީފައިވަނީ މިނިސްޓަރަށް ކަމަށް ވީނަމަވެސް، އެއްވެސް އިޚްތިޔާރަކީ އެއްވެސް މިންގަނޑެއް ނެތްގޮތެއްގައި އެއްކޮށް ދެވިފައިވާ އިޚްތިޔާރަކަށް ނުވާކަން ޤާނޫނީ ނަޒަރަކުން ބަލާއިރު އެނގޭހިނދު، މިނިސްޓަރަށް މި ބާރާއި އިޚްތިޔާރު ލިބިދީފައި ވީހިނދު، ރިޓަޔަރމަންޓާއި ގުޅޭގޮތުން ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) އިން ލާޒިމްކުރާ ޤަވާޢިދެއް އޮތް އޮތުމަކީ މިނިސްޓަރަށް ލިބިދީފައިވާ އިޚްތިޔާރު ބޭނުންކުރެވޭނެ އިންތައް ކަނޑައަޅައި ދިނުންކަން އެނގޭކަމަށްޓަކައި، ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ ދަށުން ސިފައިންގެ ރިޓަޔަރމަންޓާއިބެހޭ ކަންކަން ކުރާ ކޮންމެ ފަރާތަކުންމެ ތަބާވާންޖެހޭ މިންގަނޑަކީ ސިފައިންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ރިޓަޔަރމަންޓް ޤަވާޢިދުކަން ދެބަސްވުމެއް ނެތްގޮތުގައި އެނގޭކަމާއި،
ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގެ 5.1 ވަނަ މާއްދާގައި ރޭންކްތަކަށް ކަނޑައެޅިފައިވާ ޢުމުރު ހަމަވުމުން އެމީހަކު ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރަންޖެހޭނެކަމަށް ބަޔާންކޮށްފައި، ދަޢުވާކުރާ މުޙައްމަދު އަޙްމަދުދީދީ ސިފައިންގެ ވަޒީފާއިން ވަކިވިއިރު ހުރި މަޤާމު ކަމުގައިވާ ސަރޖަންޓުން ރިޓަޔަރކުރަންޖެހޭ ޢުމުރުގެ ގޮތުގައި މި މާއްދާގެ 5.1.2 ގައި 44 އަހަރު ކަމަށް ބަޔާންކޮށްފައިވުމުންނާއި، ރިޓަޔަރކުރަންޖެހޭ ޢުމުރު ހަމަވުމަށްފަހު ވަޒީފާގައި ހުރުމުގެ މުއްދަތު އިތުރު ކުރެވޭނެކަމަށް މި މާއްދާގައި ސަރޖަންޓުންނަށް ބަޔާންކޮށްފައިވާ ޢުމުރަކީ 46 އަހަރު ކަމަށްވުމުން، މުޙައްމަދު އަޙްމަދުދީދީގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމުން، މުޙައްމަދު އަޙްމަދުދީދީ ސިފައިންގެ ވަޒީފާއިން ވަކިކުރިއިރު ހުރީ މި ދެ ޙާލަތުގައި ބުނާ ޢުމުރު ހަމަވެ 46 އަހަރު ވެފައިކަމުން، ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގެ 5.1 ވަނަ މާއްދާގައިވާ ދެ ޙާލަތުގެ މަޤްޞަދަށްޓަކައި މުޙައްމަދު އަޙްމަދުދީދީއަކީ ރޭންކަށް ކަނޑައެޅިފައިވާ ޢުމުރު ހަމަވެ، ރިޓަޔަރކުރަންޖެހޭ ފަރާތެއްކަމަށް ބަލަންޖެހޭކަމާއި،
ސިފައިންގެ ވަޒީފާއިން އަމިއްލައަށް އެދިގެން ވަކިވާ ފަރާތްތަކުން ރިޓަޔަރކުރަން ބޭނުންވާ ތާރީޚުގެ 06 (ހައެއް) މަސްދުވަސް ކުރިން އެކަމަށް އެދި ލިޔުމުން ހުށަހަޅަންޖެހޭކަމަށާއި، މުޙައްމަދު އަޙްމަދުދީދީ މިފަދައިން ޢަމަލުކޮށްފައި ނުވާކަމަށް ދައުލަތުން ބުނިނަމަވެސް، ސިފައިންގެއިން ރިޓަޔަރކޮށްފައިވާ ބައެއް ފަރާތްތަކުން މިގޮތަށް ޢަމަލުނުކޮށް، އެފަރާތްތަކުން ރިޓަޔަރކުރަން ބޭނުންވެ ފޮނުވާ ލިޔުމުގައި ރިޓަޔަރކުރާނެ ތާރީޚް ސިޓީގައިވާ ތާރީޚުން ފެށިގެން 06 (ހައެއް) މަސްދުވަސް ގުނައި، އެއީ ތާރީޚެއްގެ ގޮތުގައި ސިފައިންގެ އިދާރާއިން ކަނޑައަޅާފައި ހުންނަކަން ފެންނަން އޮތަތީ، ޤާނޫނާއި ޤަވާޢިދުގައި ވަކިގޮތަކަށް ކަންކުރުމަށް ބަޔާންކޮށްފައިވާ ކަމެއްގައި، އެކަމުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތުގައި ލުޔެއް ދޭކަމުގައިވަނީނަމަ، އެފަދަ ލުޔަކީ ވަކި މުވައްޒަފަކު ތަފާތުކުރުމެއްނެތި ހުރިހާ މުވައްޒަފުންނާމެދުވެސް އެއްހަމައަކުން ދެވޭ ލުޔެއްކަމުގައި ވާންޖެހޭކަމުން، އެހެން ފަރާތްތަކަށް ހަމަޖައްސައިދެވިފައިވާ ފަދައިން މުޙައްމަދު އަޙްމަދުދީދީ އަށްވެސް އެ މުއްދަތު ސިފައިންގެ އިދާރާއިން ކަނޑައަޅައި އެގޮތުގެމަތިން ހަމަޖައްސައި ދިނުމުގެ ފުރުޞަތު އޮތްކަމާއި،
ދަޢުވާކުރާ މުޙައްމަދު އަޙްމަދުދީދީއާއި ޙަވާލުކުރެވުނު މަސްއޫލިއްޔަތު އަދާކުރުމާއި ދެކޮޅުހަދައި، އެ މަސްއޫލިއްޔަތު އަދާކޮށްފައި ނުވާކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާކަމާއި، ދަޢުވާކުރާ މުޙައްމަދު އަޙްމަދުދީދީއަކީ ޝަރަފުވެރިކަމާއެކު ވަޒީފާ އަދާކުރި ފަރާތެއް ނޫންކަމަށް ދައުލަތުން ބުނާހިނދު، މުޙައްމަދު އަޙްމަދުދީދީ ސިފައިންގެ ވަޒީފާގައި އުޅުނު މުއްދަތުގެ ކުށުގެ ރެކޯޑަށް ބަލާއިރު، މުޙައްމަދު އަޙްމަދުދީދީއަށް އެންމެ ފަހުން ފިޔަވަޅު އެޅިފައިވާ ތާރީޚު ކަމުގައިވާ 21 އޮކްޓޫބަރު 2008 ގެ ފަހުން 21 އެޕްރީލް 2009 ގައި މުޙައްމަދު އަޙްމަދުދީދީއަށް މަޤާމުގެ ކުރިއެރުމެއް ލިބިފައިވީހިނދު، މުޙައްމަދު އަޙްމަދުދީދީއަކީ ޝަރަފުވެރިކަމާއެކު ވަޒީފާ އަދާކުރި މީހެއްނޫންކަމަށްވީނަމަ، އެންމެ ފަހުން ފިޔަވަޅު އަޅާފައިވާ ތާރީޚަށްވުރެ ފަހަށް މުޙައްމަދު އަޙްމަދުދީދީއަށް މަޤާމުގެ ކުރިއެރުމެއް ދެވިފައި ނުވީސްކަން ބުއްދީގެ ހަމަތަކުން ވިސްނާއިރު އެނގޭކަމުން،
05 ޖުލައި 1979 އިން ފެށިގެން 1 އޮކްޓޫބަރު 2009 އާއި ހަމައަށް ސިފައިންގެ މީހެއްގެ ގޮތުގައި ޚިދުމަތްކޮށްފައިވާ މުޙައްމަދު އަޙްމަދުދީދީއަކީ ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) އަދި މި ޤާނޫނުގެ ދަށުން ހެދިފައިވާ ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގެ ދަށުން ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވި މީހެއްކަމުގައި ބެލުމަށާއި، މުޙައްމަދު އަޙްމަދުދީދީއަށް ރިޓަޔަރމަންޓް ޢިނާޔަތްތައް ޙައްޤުވެގެންވާކަމަށް ކަނޑައަޅައި، މި ޢިނާޔަތްތައް 07 އެޕްރީލް 2011 ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ހަމަޖައްސައި، މި މުއްދަތުގެ ތެރޭގައި މުޙައްމަދު އަޙްމަދުދީދީއަށް ދިނުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މައްޗަށް ޙުކުމްކޮށް، އެ ޤަޟިއްޔާ ނިންމާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
02- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/167 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1526/Cv-C/2010 ޤަޟިއްޔާ ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުން އެ ޤަޟިއްޔާ ބަލައި ކޮށްފައިވާ ޙުކުމުގައި، ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގެ 4 ވަނަ މާއްދާއަށް ބަލާއިރު، ސިފައިންގެ ރިޓަޔަރމަންޓުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކަށް ޚާއްޞަ ޢިނާޔަތްތަކާއި، އިމްތިޔާޒުތައް ދިނުން ހިމެނޭކަން ބަޔާންކޮށްފައިވާއިރު، ސިފައިންގެ ޚިދުމަތުން ވަކިވާ މީހަކީ ޝަރަފުވެރިކަމާއެކީ ވަކިވާ މީހެއްކަމަށް ކަނޑައެޅުމަކީ ޑިފެންސް މިނިސްޓަރަށް ލިބިދީފައިވާ އިޚްތިޔާރެއްކަން ސިފައިންގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) އަދި (ނ) އިން އެނގެން އޮތްއިރު، އަދި ސިފައިންގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ސިފައިންގެ މައިގަނޑު ވާޖިބުތަކުގެ ތެރޭގައި "ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށާއި، ޤާނޫނަށާއި ސިފައިންގެ ޤަވާޢިދުތަކަށާއި އުޞޫލުތަކަށާއި މިކަންކަމާއި އެއްގޮތަށް ވެރިން އަންގާ އެންގުންތަކަށާއި ކުރާ އަމުރުތަކަށް ފަސްޖެހުމެއް ނެތި ކިޔަމަންތެރިވާ ބަޔަކުކަމުގައި ވާންޖެހޭނެކަމަށް" ބަޔާންކޮށްފައިވާއިރު، އަދި ސިފައިންގެ ޤާނޫނުގެ 5 ވަނަ މާއްދާގައި "ސިފައިންގެ ދައުރަކީ ސިފައިންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދުތަކާއި އެއްގޮތަށް ސިފައިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކާއި، ޒިންމާތައް އަދާކުރަން ލާޒިމުވާ" ބަޔަކަށްވާއިރު، އަދި "ދިވެހި ސިފައިންގެ ކޯޑު އޮފް އެތިކްސްގައި" ސިފައިން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމަކީ އެ މީހުންގެ އެންމެ މުހިއްމު އެއް ވާޖިބުކަމަށް ބަޔާންކޮށްފައިވާއިރު، މުޙައްމަދު އަޙްމަދުދީދީ ޢަމަލުކޮށްފައިވާ ގޮތުން އޭނާ ސިފައިންގޭގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިވުމަށް އެދިފައިވަނީ އެމް.އެން.ޑީ.އެފްގެ އިންޓަރގްރޭޓެޑް ހެޑްކްއޯޓަރޒްއިން 05 އޮގަސްޓު 2009 ވަނަ ދުވަހު މުޙައްމަދު އަޙްމަދުދީދީ އެމް.އެން.ޑީ.އެފްގެ ސަދަންއޭރިޔާއަށް ބަދަލުކުރުމަށް ނިންމައި، އެކަން މުޙައްމަދު އަޙްމަދުދީދީއަށް އެންގުމުންކަން އިސްވެ އިޝާރާތްކުރެވުނު ކަންކަމުގެ އަލީގައި ބުއްދީގެ ހަމަތަކުގެ މައްޗަށް ބެލުމުން އެނގޭކަމާއި، މިހެންކަމުން މުޙައްމަދު އަޙްމަދުދީދީ ސިފައިންގޭގެ ވަޒީފާއިން ވަކިވުމަށް އެދިފައިވަނީ، ސިފައިންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކުގެ މަތިން މުޙައްމަދު އަޙްމަދުދީދީ އަދާކުރަން ލާޒިމުކުރި މަސްއޫލިއްޔަތު އަދާ ނުކުރުމަށްޓަކައިކަން ބެލެވެން އޮތްހިނދު މުޙައްމަދު އަޙްމަދުދީދީގެ މި ޢަމަލުގެ މައްޗަށް ބަލައި، ސިފައިންގެ ޤާނޫނުން ލިބިގެންވާ އިޚްތިޔާރީ ބާރުގެ ދަށުން މުޙައްމަދު އަޙްމަދުދީދީއަކީ ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލެވޭތީ، މުޙައްމަދު އަޙްމަދުދީދީއަށް ރިޓަޔަރމަންޓް ޢިނާޔަތްތައް ލިބިދެވެން ނެތްކަމަށް މިނިސްޓަރ އޮފް ޑިފެންސް ކަނޑައަޅާފައިވާ ކަނޑައެޅުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުން ބޭރުން ކޮށްފައިވާކަމެއް ކަމުގައި ބެލެވެން ނެތަތީ ސިވިލް ކޯޓުގެ ނަންބަރު 1526/Cv-C/2010 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
03- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/167 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރި މުޙައްމަދު އަޙްމަދުދީދީގެ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ސަބަބުތަކަކީ؛
(1) ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގެ ދަށުން ޝަރަފުވެރިކަމާއެކު ރިޓަޔަރވުމަށް ބޭނުންވާ ހުރިހާ ޝަރުޠެއް ފުރިހަމަވެފައިވާ ފަރާތެއް، ސިފައިންގެ ޚިދުމަތުން ވަކިކުރާއިރު، ޝަރަފުވެރިކަމާއެކު ވަކިކުރުން މިނިސްޓަރ އޮފް ޑިފެންސްއަށް ސިފައިންގެ ޤާނޫނުން ލާޒިމުނުކުރާ ކަމަށާއި، ކަނޑައެޅޭ ވަކި މިންގަނޑުތަކެއްގެ ދަށުން ސިފައިންގެ ވަޒީފާއިން ވަކިވި ފަރާތަކީ ޝަރަފުވެރިކަމާއެކު ވަކިވި ފަރާތެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރަށް ލިބިގެންވާ އިޚްތިޔާރީ ބާރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބާއި؛
(2) އެމް.އެން.ޑީ.އެފްގެ އިންޓަރގްރޭޓެޑް ހެޑްކްއޯޓަރޒުން 5 އޮގަސްޓު 2009 ދުވަހު މުޙައްމަދު އަޙްމަދުދީދީ އެމް.އެން.ޑީ.އެފްގެ ސަދަން އޭރިޔާއަށް ބަދަލުކުރުމަށް ނިންމައި، އެކަން މުޙައްމަދު އަޙްމަދުދީދީއަށް އެންގުމުން، މުޙައްމަދު އަޙްމަދުދީދީ، މާލޭގައި ހުންނަ ސަދަން އޭރިޔާގެ މާލޭ އޮފީހަށް ޑިއުޓީއަށް ނުކުންނަން ފެށުމަށްފަހު، ސިފައިންގޭގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިވުމަށް މުޙައްމަދު އަޙްމަދުދީދީ އެދިފައިވަނީ، އެމް.އެން.ޑީ.އެފްގެ ސަދަން އޭރިޔާއަށް ބަދަލުކުރުމުން ކަމަށާއި، އަދި ސިފައިންގޭގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިވުމަށް މުޙައްމަދު އަޙްމަދުދީދީ އެދިފައިވަނީ، ސިފައިންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދުތަކުގެ މަތިން މުޙައްމަދު އަޙްމަދުދީދީ އަދާކުރަން ލާޒިމްކުރި މަސްއޫލިއްޔަތު އަދާނުކުރުމަށް ކަމަށް ބެލެވޭކަމަށާއި، މުޙައްމަދު އަޙްމަދުދީދީގެ މި ޢަމަލުގެ މައްޗަށް ބަލައި، މުޙައްމަދު އަޙްމަދުދީދީއަކީ ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގެ ދަށުން ޝަރަފުވެރިކަމާއެކު ރިޓަޔަރވުމަށް ބޭނުންވާ ހުރިހާ ޝަރުޠެއް ފުރިހަމަވެފައިވާ ފަރާތެއްކަމުގައި ވީނަމަވެސް، މިނިސްޓަރަށް ލިބިގެންވާ "އިޚްތިޔާރީ ބާރެއް" ގެ ދަށުން، މުޙައްމަދު އަޙްމަދުދީދީ ސިފައިންގެ ވަޒީފާއިން ވަކިވެފައިވަނީ ޝަރަފުވެރިކަމާއެކު ނޫންކަމަށާއި، މުޙައްމަދު އަޙްމަދުދީދީއަކީ ރިޓަޔަރމަންޓް ޢިނާޔަތް ލިބިދެވޭނެ ފަރާތެއް ނޫންކަމަށް، މިނިސްޓަރު ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ސަބަބާއި، މި ދެ ސަބަބުކަން އެނގެން އޮވެއެވެ.
04- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/167 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިލްތިމާސްކުރި ގ.ކޮނޮއްޓާ، މުޙައްމަދު އަޙްމަދުދީދީގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި، މި ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މި ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މި ޤަޟިއްޔާއާ ގުޅުންހުރި އެންމެހައި ލިޔުންތަކަށާއި، ކަމާގުޅުންހުރި ޤާނޫނާއި ޤަވާޢިދަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/167 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ސިވިލް ކޯޓުގެ ނަންބަރު 1526/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: މުޙައްމަދު އަޙްމަދުދީދީއަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ވަޒީފާގައި 1979 ޖުލައި 05 އިން ފެށިގެން 2009 އޮކްޓޫބަރު 01 އަށް އުޅެފައިވާ ފަރާތެއްކަމާއި، މި މުއްދަތުގެ ތެރޭގައި އެތަނުގައި މުޙައްމަދު އަޙްމަދުދީދީ އަދާކޮށްފައިވާ މަޤާމުތަކުގެ ތެރޭގައި ޕްރައިވެޓް، ލާންސްކޯޕްރަލް، ކޯޕްރަލް، އަދި ސަރޖަންޓް، މި މަޤާމުތައް ހިމެނޭކަމާއި، އަދި 2009 އޮކްޓޫބަރު 01 ގައި މުޙައްމަދު އަޙްމަދުދީދީ ވަޒީފާއިން ވަކިވިއިރު، އޭނާ ހުރީ ސަރޖަންޓްގެ މަޤާމުގައި ކަމާއި، މުޙައްމަދު އަޙްމަދުދީދީ އެ ވަޒީފާއިން ވަކިކޮށްފައިވަނީ އެ ވަޒީފާއިން ވަކިވުމަށް އެދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް މުޙައްމަދު އަޙްމަދުދީދީ ސިޓީ ހުށަހެޅުމުން ކަމާއި، މުޙައްމަދު އަޙްމަދުދީދީ ސިފައިންގެ ވަޒީފާގައި 30 އަހަރާއި 02 މަސްދުވަސް ހޭދަކޮށްފައިވާކަމާއި، ވަޒީފާއިން ވަކިކުރިއިރު މުޙައްމަދު އަޙްމަދުދީދީގެ ޢުމުރަކީ 46 އަހަރުކަމާއި،
މުޙައްމަދު އަޙްމަދުދީދީ ސިފައިންގެ ވަޒީފާއިން ވަކިވުމަށް އެދި ސިޓީ ހުށަހަޅާފައިވަނީ 2009 އޮގަސްޓު 19 ގައި ކަމާއި، އަދި އޭގެ ފަހުން ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ރިޓަޔަރމަންޓް ބެނިފިޓްސް ހޯދުމަށް މުޙައްމަދު އަޙްމަދުދީދީގެ ފަރާތުން ހުށަހަޅާފައިވަނީ 2009 ސެޕްޓެންބަރު 13 ވަނަ ދުވަހު ކަމާއި،
ރިޓަޔަރމަންޓް ބެނިފިޓްސް އާއި ޢިނާޔަތް ހޯދުމަށް މުޙައްމަދު އަޙްމަދުދީދީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް ހުށަހެޅި ބުނެވިދިޔަ ސިޓީއާ ގުޅިގެން އެ މިނިސްޓްރީގެ ނަންބަރު D-2010/13 "އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު" (11 ފެބްރުއަރީ 2010) ގައި "އެދިވަޑައިގެންފައިވާ ގޮތަށް ރިޓަޔަރމަންޓް ބެނެފިޓްސް ހަމަޖައްސަވައި ދެވެން ނެތްކަމުގައި ދެންނެވީމެވެ." މިފަދައިން ބަޔާންކޮށްފައިވާކަމާއި، މި ނުކުތާގައި އިސްވެ މި ބަޔާންކުރެވުނު ކަންތައްތަކާމެދު ދެފަރާތުގެ ދެމެދުގައި އެއްވެސް ޚިލާފެއް ނެތްކަމާއި،
މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ޚިލާފު އުފެދިފައިވާ ނުކުތާއަކީ، މުޙައްމަދު އަޙްމަދުދީދީއަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ވަޒީފާގައި 30 އަހަރާއި 02 މަސްދުވަހު ޚިދުމަތްކޮށްފައިވާ މީހަކަށްވާއިރު، އަދި އޭނާއަކީ ޢުމުރުން 46 އަހަރު ވެފައިވާ މީހަކަށްވާއިރު، އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، އޭނާ އެދިގެން ކަމަށްވާއިރު، އޭނާއަށް "ސިފައިންގެ ރިޓަޔަރމަންޓް ގަވާއިދު" ގެ ދަށުން ރިޓަޔަރމަންޓް ބެނިފިޓްސް ހަމަޖައްސައި ދެވެން ނެތްކަމަށް މިނިސްޓަރ ނިންމާފައިވާ ނިންމުމާމެދުގައިކަން މި ދެފަރާތުގެ ވާހަކައަށް ބެލުމުން ރަނގަޅަށް އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ 30 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގެ (ހ) ގައި "ސިފައިންގެ މީހަކު އެމީހެއްގެ ވަޒީފާއިން ވަކިކުރެވިފައިވަނީ، މި ޤާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައިވާ ޙާލަތުންކުރެ ޙާލަތެއްގައި ކަމުގައި ނުވާނަމަ، ސިފައިންގެ ވަޒީފާއިން ވަކިވާ ކޮންމެ މީހަކީ މި ޤާނޫނުގެ ދަށުން ހަދާ ރިޓަޔަރމަންޓް ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ޝަރަފުވެރިކަމާއެކު ސިފައިންގެ ވަޒީފާއިން ވަކިވި މީހެއްކަމަށް މިނިސްޓަރަށް ކަނޑައެޅިދާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާކަމާއި،
އަދި އެ މާއްދާގެ (ށ) ގައި، "ސިފައިންގެ މީހަކު ރިޓަޔަރ ކުރެވޭނެ އަންނަނިވި ގޮތްތައް ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގައި ހިމަނަންވާނެއެވެ.
(1) ރޭންކަށް ކަނޑައެޅިފައިވާ ޢުމުރު ހަމަވުން.
(2) ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އެއްމަޤާމެއްގައި ހުރުން.
(3) ޞިއްޙީ ޙާލަތު ތަންނުދިނުން.
(4) އަމިއްލައަށް އެދިގެން."
މިފަދައިން ބަޔާންކޮށްފައިވާކަމާއި، އަދި ބުނެވިދިޔަ ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ނ) ގައި "މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޝަރަފުވެރިކަމާއެކު ސިފައިންގެ ވަޒީފާއިން ވަކިވާ މީހުންނަށް މި ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ޚާއްޞަ ޢިނާޔަތްތަކާއި އިމްތިޔާޒު ދިނުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ ދަށުން "ސިފައިންގެ ރިޓަޔަރމަންޓް ގަވާއިދު" ގެ ނަމުގައި ޤަވާޢިދެއް ހަދާފައިވާކަމާއި، އެ ޤަވާޢިދުގައި ސިފައިންގެ ރިޓަޔަރމަންޓުގެ މަޤްޞަދަކީ، ސިފައިންގެ ޚިދުމަތުގައި ދެމިތިބޭ އެންމެންނަކީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ޤާބިލް ބަޔަކަށް ހެދުމާއި، ކަނޑައެޅިފައިވާ ހަރުދަނާ އުޞޫލަކުން ސިފައިން ކުރިއަށް ގެންދިއުމަށް މަގުފަހި ކޮށްދިނުމާއި، އަދި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކަށް ޚާއްޞަ ޢިނާޔަތްތަކާއި، އިމްތިޔާޒުތައް ހޯދައިދީ ކުރިމަގު ބިނާކުރުމަށް އެހީތެރިވެދިނުން ކަމަށް ބަޔާންކޮށްފައިވާކަމާއި،
އަދި އެ ޤަވާޢިދުގެ 05 ވަނަ މާއްދާގައި، ރިޓަޔަރކުރެވޭނެ ގޮތްތައް ބަޔާންކުރުމުގައި، ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރެވޭނީ 20 އަހަރު ޝަރަފުވެރިކަމާއެކު ޚިދުމަތްކުރުމަށްފަހު، އެ މާއްދާގައިވާ 07 (ހަތެއް) ގޮތުންކުރެ ގޮތެއްގެ މަތިންކަމަށް ބަޔާންކޮށްފައިވާކަމާއި، އޭގެ ތެރޭގައި، ރޭންކަށް ކަނޑައެޅިފައިވާ ޢުމުރު ހަމަވުމާއި، ހަށިހެޔޮކަން ނުވަތަ ޞިއްޙީ ޙާލަތު ތަންނުދިނުމުގެ ސަބަބުން ސިފައިންގެ ވަޒީފާ އަދާކުރުމަށް ނުކުޅެދުމާއި، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުން ހިމެނޭކަން އެ ޤަވާޢިދަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ސިފައިންގެ ޚިދުމަތުގައިވާ ފަރާތްތައް ޝަރަފުވެރިކަމާއެކު ރިޓަޔަރކުރުމާ ގުޅޭގޮތުން ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގައި ކަނޑައެޅިފައިވާ އުޞޫލުތަކަށާއި، އެ ޤާނޫނުން ބާރުލިބިގެން ހަދާފައިވާ "ސިފައިންގެ ރިޓަޔަރމަންޓް ގަވާއިދު" ގައި އެކަމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލުތަކަށާއި، މުޙައްމަދު އަޙްމަދުދީދީ ސިފައިންގެ ވަޒީފާއިން ވަކިވުމުގައި ޢަމަލުކޮށްފައިވާ ގޮތަށާއި، އަދި މުޙައްމަދު އަޙްމަދުދީދީއަކީ ޝަރަފުވެރިކަމާއެކު ސިފައިންގެ ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ނޫންކަމަށް ކަނޑައަޅައި، އޭނާއަށް ސިފައިންގެ ރިޓަޔަރމަންޓް ޢިނާޔަތްތައް ދެވެން ނެތްކަމަށް މިނިސްޓަރ ނިންމާފައިވާ ނިންމުން ބިނާކުރި ސަބަބުތަކަށް ބެލިއިރު،
މުޙައްމަދު އަޙްމަދުދީދީއަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ގެ ވަޒީފާގައި 1979 ޖުލައި 05 އިން ފެށިގެން 2009 އޮކްޓޫބަރު 01 އަށް ވަޒީފާގައި އުޅެފައިވާ ފަރާތެއްކަމާއި، 2009 އޮކްޓޫބަރު 01 ގައި މުޙައްމަދު އަޙްމަދުދީދީ ވަޒީފާއިން ވަކިވިއިރު، އޭނާ ހުރީ ސާރޖަންޓްގެ މަޤާމުގައި ކަމާއި، މުޙައްމަދު އަޙްމަދުދީދީ ވަޒީފާއިން ވަކިކޮށްފައިވަނީ އެ ވަޒީފާއިން ވަކިވުމަށް އެދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް މުޙައްމަދު އަޙްމަދުދީދީ ސިޓީ ހުށަހެޅުމުން ކަމާއި، މުޙައްމަދު އަޙްމަދުދީދީ ސިފައިންގެ ވަޒީފާގައި 30 އަހަރާއި 02 މަސްދުވަސް ހޭދަކޮށްފައިވާކަމާއި، ވަޒީފާއިން ވަކިކުރިއިރު މުޙައްމަދު އަޙްމަދުދީދީގެ ޢުމުރަކީ 46 އަހަރުކަން އެނގެން އޮތުމުން، މުޙައްމަދު އަޙްމަދުދީދީއަކީ ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) އާއި އެ ޤާނޫނުން ބާރުލިބިގެން ހަދާފައިވާ "ސިފައިންގެ ރިޓަޔަރމަންޓް ގަވާއިދު" ގެ ދަށުން ރިޓަޔަރމަންޓް ޢިނާޔަތްތައް ލިބެންޖެހޭ ފަރާތެއްކަމަށް މުޙައްމަދު އަޙްމަދުދީދީގެ ފަރާތުން ދެކޭއިރު،
މުޙައްމަދު އަޙްމަދުދީދީގެ މި ވާހަކަތަކަށް ރައްދުދީ ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، މުޙައްމަދު އަޙްމަދުދީދީ 05 އޮގަސްޓު 2009 ވަނަ ދުވަހުން ފެށިގެން އެމް.އެން.ޑީ.އެފް ސަދަން އޭރިޔާގައި މަސައްކަތްކުރުމަށް ހަމަޖައްސާފައިވަނިކޮށް، މުޙައްމަދު އަޙްމަދުދީދީ އޭނާގެ އަނބިމީހާއާއި ދަރިންގެ ޙާލަތު ހުރިގޮތް ބަޔާންކޮށް، މުޙައްމަދު އަޙްމަދުދީދީ އޭރު މަސައްކަތް ކުރަމުންދިޔަ، ކިޔު.އެމް.އެސް ޔުނިޓަށް އަލުން ބަދަލުކޮށްދިނުމަށް އެދި 12 އޮގަސްޓު 2009 ގައި އެމް.އެން.ޑީ.އެފްގައި ސިޓީއަކުން އެދުމާ ގުޅިގެން، އެ ސިޓީގެ ޖަވާބުގައި އެމް.އެން.ޑީ.އެފްގެ އިންޓަރގްރޭޓެޑް ހެޑްކްއޯޓަރޒުން މުޙައްމަދު އަޙްމަދުދީދީ އެމް.އެން.ޑީ.އެފް ސަދަން އޭރިޔާއަށް ބަދަލު ކުރި މުއްދަތު 06 (ހައެއް) މަސްދުވަހަށް ކުރުކޮށްދީ، އެކަން މުޙައްމަދު އަޙްމަދުދީދީއަށް އެންގުމަށްފަހު، ސަދަން އޭރިޔާއަށް ރިޕޯޓްކުރުމަށްޓަކައި ސަދަން އޭރިޔާއަށް ފުރުމުގެ ކުރިން މުޙައްމަދު އަޙްމަދުދީދީ ހަމަޖައްސަންޖެހޭ ބައެއްކަންތައްތައް ހުރުމުގެ ސަބަބުން އެކަންތައްތައް ހަމަޖެއްސުމަށްޓަކައި19 އޮގަސްޓު 2009 އިން ފެށިގެން 10 (ދިހައެއް) ދުވަސް ހަމަޖައްސައިދިނުމަށް މުޙައްމަދު އަޙްމަދުދީދީ އެދުމާ ގުޅިގެން، 29 އޮގަސްޓު 2009 ދުވަހު ސަދަން އޭރިޔާއަށް ފުރާގޮތަށް ހަމަޖައްސައި އެ ތާރީޚުގައި މުޙައްމަދު އަޙްމަދުދީދީ ފުރަންޖެހޭނެކަން އަންގައި، އެ އެންގުމުގައި އޭނާ ސޮއިކުރުމަށްފަހު، ހަމަ އެ ތާރީޚު (19 އޮގަސްޓް 2009) ގައި ސިފައިންގެ ވަޒީފާއިން ވަކިވުމަށް އެދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް މުޙައްމަދު އަޙްމަދުދީދީ ސިޓީ ފޮނުވާފައިވުމުން،
މުޙައްމަދު އަޙްމަދުދީދީ ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެމް.އެން.ޑީ.އެފްގެ ސަދަން އޭރިޔާއަށް ބަދަލުވާން އެންގި ދުވަހު ވަޒީފާއިން ވަކިވުމަށް އެދުމުން، މުޙައްމަދު އަޙްމަދުދީދީގެ ނިޔަތަކީ އެމް.އެން.ޑީ.އެފްގެ ސަދަން އޭރިޔާއަށް އޭނާ ބަދަލުކުރުމަށް ނިންމި ނިންމުމަށް ގޮންޖަހައި، ސިފައިންގެ ވާޖިބު އަދާކުރުމަށް ދެކޮޅު ހަދައި، ސިފައިންގެ މުއައްސަސާއިން އަންގާ އެންގުންތަކަށް އިޙްތިރާމުނުކޮށް، ޑިއުޓީ އަދާކުރުމަށް އިންކާރުކުރުން ކަމަށް ދެކޭކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ސިފައިންގޭގައި ހަރުދަނާ ރިޓަޔަރމަންޓު ނިޒާމެއް ޤާއިމްކުރުމުގެ ބޭނުމަކީ، އެ މުއައްސަސާއާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރެވޭފަދަ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ޤާބިލް ބަޔަކު ވަޒީފާގައި ބޭތިއްބޭނެ ނިޒާމެއް ޤާއިމްކުރުމާއި، ގިނަދުވަސްތަކެއް ވަންދެން އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތްކުރުމަށްފަހު، ޝަރަފުވެރިކަމާއެކު ވަޒީފާ ދޫކޮށްދެވޭނެ އުޞޫލުތަކެއް އޮތުމާއި، ވަޒީފާ ދޫކޮށްދާ މީހުން ކޮށްފައިވާ މަތިވެރި އަދި އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް އެފަދަ މީހުނަށް އެކަށީގެންވާ ޢިނާޔަތްތަކެއްދީ، ކުރިމަގު ބިނާކުރުމަށް އެހީތެރިވެދިނުންކަން "ސިފައިންގެ ރިޓަޔަރމަންޓް ގަވާއިދު" އަށް ބެލުމުން އެނގެން އޮންނަކަމާއި، އަދި ސިފައިންގެ ޚިދުމަތުގައި ދެމިތިބޭ ފަރާތްތަކުން ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުމަކީ، ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ ދަށުން އެމީހުންނަށް ލިބިގެންވާ ޙައްޤެއްކަމާއި، ނަމަވެސް އެ ޙައްޤަކީވެސް އިންތަކަކާއި މިންތަކެއްގެ ތެރެއިން އިންތިޒާމް ކުރެވިގެން ކަނޑައެޅިފައިވާ ވަކި ހަމަތަކަކާއި އުޞޫލުތަކެއްގެ މަތިން ލިބިދީފައިވާ ޙައްޤެއްކަން ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) އާއި އެ ޤާނޫނުން ބާރުލިބިގެން ހަދާފައިވާ "ސިފައިންގެ ރިޓަޔަރމަންޓް ގަވާއިދު" އަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަމާއި،
އެގޮތުން ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) ގައި، "ސިފައިންގެ މީހަކު އެމީހަކު ވަޒީފާއިން ވަކިކުރެވިފައިވަނީ މި ޤާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައިވާ ޙާލަތުންކުރެ ޙާލަތެއްގައި ކަމުގައިނުވާނަމަ، ސިފައިންގެ ވަޒީފާއިން ވަކިވާ ކޮންމެ މީހަކީ މި ޤާނޫނުގެ ދަށުން ހަދާ ރިޓަޔަރމަންޓް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޝަރަފުވެރިކަމާއެކު ސިފައިންގެ ވަޒީފާއިން ވަކިވި މީހެއްކަމަށް މިނިސްޓަރަށް ކަނޑައެޅިދާނެއެވެ." މިފަދައިން އެ މާއްދާގައި ބަޔާންކުރުމުގެ މަޤްޞަދާއި ބޭނުމަކީ، ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ 31 ވަނަ މާއްދާގައި ބުނެފައިވާ، ގޮތްތަކުންކުރެ ގޮތަކަށް (ވަޒީފާއަށް ފިލައިގެން، ނުވަތަ އަޚްލާޤީ މައްސަލައެއް ދިމާވެގެން، ނުވަތަ ކުށެއް ކޮށްގެން، ނުވަތަ މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދަކާ ޚިލާފުވެގެން)، ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާ މީހުން ނޫން، ސިފައިންގެ ވަޒީފާއިން ވަކިކުރެވޭ އެހެން އެންމެންނަކީ ޝަރަފުވެރިކަމާއެކު ސިފައިންގެ ވަޒީފާއިން ވަކިވެފައިވާ މީހުންކަމުގައި ކަނޑައެޅުމަށް މިނިސްޓަރގެ މައްޗަށް ލާޒިމްކުރުން ނޫންކަމާއި، ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) 30 ވަނަ މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކުރުމުގެ ބޭނުމަކީ، އެ ޤާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ބޭރުން ސިފައިންގެ ވަޒީފާއިން ވަކިކުރެވިފައިވާ ކޮންމެ ފަރާތަކީވެސް، ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިކުރެވިފައިވާ ފަރާތެއްކަމަށް ކަނޑައެޅުމުގައި، އަދި އެ ފަރާތްތަކަށް "ސިފައިންގެ ރިޓަޔަރމަންޓް ގަވާއިދު" ގެ ދަށުން ރިޓަޔަރމަންޓް ޢިނާޔަތްތައް ޙައްޤުވާ ފަރާތެއްކަމުގައި ކަނޑައެޅުމުގައި، ހަމަ ކޮންމެ މީހަކު ވަކިވަކިން ބަލާ ސްކްރީންކުރެވިގެން ކަނޑައެޅިފައިވާ އުޞޫލުތަކާއި ހަމަތަކަށް ފެތޭ ފަރާތްތަކަށް އެކަނި ޝަރަފުވެރިކަމާއެކު ސިފައިންގެ ވަޒީފައިން ވަކިވެފައިވާ ފަރާތެއްކަމުގެ ޝަރަފުވެރި ލަޤަބް ދިނުމާއި، އަދި "ސިފައިންގެ ރިޓަޔަރމަންޓް ގަވާއިދު" އާއި އެއްގޮތަށް ރިޓަޔަރމަންޓް ބެނިފިޓްސް ދިނުންކަމާއި،
އިސްވެ މި ބަޔާންކުރެވުނު ޤާނޫނީ އަސާސްތަކުގެ މައްޗަށް ބިނާކޮށް، މުޙައްމަދު އަޙްމަދުދީދީއަކީ ޝަރަފުވެރިކަމާއެކު ސިފައިންގެ ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަމަށް ކަނޑައެޅުމުގައި، އަދި އޭނާއަކީ "ސިފައިންގެ ރިޓަޔަރމަންޓް ގަވާއިދު" ގެ ދަށުން ރިޓަޔަރމަންޓް ޢިނާޔަތްތައް ޙައްޤުވާ ފަރާތެއް ކަމާމެދު ގޮތެއް ކަނޑައެޅުމުގައި މިނިސްޓަރ ބަލަންޖެހޭ އެންމެހައި ކަންކަން ބަލާފައިވާކަން މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމާއި،
އެގޮތުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ނަންބަރު D/2010/14 ގެ ނޯޓާ ޙަވާލާދީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އަލްފާޟިލް އަމީން ފައިޞަލްއަށް އެޑްރެސްކޮށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އިންޓެގްރޭޓެޑް ހެޑްކްއޯޓަރޒް ބްރިގޭޑިއަރ ޖެނެރަލް، (ވައިސް ޗީފް އޮފް ޑިފެންސް ފޯސް) ފަރުޙަތު ޝަހީރު ފޮނުވާފައިވާ ނަންބަރު MNDF-1-J1-ADS/28/2010/38 (08 ފެބްރުއަރީ 2010) ގެ ސިޓީއަށް ބަލާއިރު، އެ ސިޓީގައި، ސަރޖަންޓް މުޙައްމަދު އަޙްމަދުދީދީ (ސ.ނ.522) 01 އޮކްޓޫބަރު 2009 ގައި އެމް.އެން.ޑީ.އެފްގެ ވަޒީފާއިން އަމިއްލައަށް އެދިގެން ވަކިވެފައިވަނީ، އޭނާ ޑިއުޓީ ޓާމެއްގައި އެމް.އެން.ޑީ.އެފްގެ ސަދަން އޭރިޔާގައި މަސައްކަތްކުރާގޮތަށް ނިންމުމާ ގުޅިގެން ސިފައިންގެ ވާޖިބު އަދާކުރުމަށް ދެކޮޅުހަދައި، އަދި ސިފައިންގެ މުއައްސަސާގެ ނިންމުންތަކަށް އިޙްތިރާމްކުރަން ބޭނުން ނުވާތީ ކަމަށާއި، އަދި ސަދަން އޭރިޔާއަށް ފުރާގޮތަށް ހާޒިރުވުމަށް އެ ހެޑްކްއޯޓަރޒްއިން އެންގުމުން، ހާޒިރުވެފައިނުވާތީ މިލިޓްރީ ޕޮލިސް މެދުވެރިކޮށް މުޙައްމަދު އަޙްމަދުދީދީ ހާޒިރުކުރެވިފައި ވާކަމަށާއި، އަދި ސިފައިންނަކީ ޤައުމީ ވާޖިބު އަދާކުރުމަށް ހުވާކޮށްގެންތިބޭ ބަޔަކަށް ވީހިނދު، އެ ވާޖިބު އަދާކުރުމަށް ދެކޮޅުހަދައި މުއައްސަސާއިން އަންގާ އެންގުންތަކަށް އިޙްތިރާމްނުކޮށް، ޑިއުޓީ އަދާކުރުމަށް އިންކާރުކޮށް، ސިފައިންގެ ވަޒީފާ ދޫކޮށްދާ ފަރާތްތަކަށް، ރިޓަޔަރމަންޓް ޤަވާޢިދުގެ ދަށުން ޢިނާޔަތް ހަމަޖައްސައިދިނުމަކީ ރިޓަޔަރމަންޓްގެ ރޫޙާ ޚިލާފުކަމެއް ކަމުގައި ފެންނަކަމަށާއި، އަދި އެއީ ރިޓަޔަރކުރާ ފަރާތްތަކުގެ ޝަރަފުވެރިކަމާއި އަގުވެއްޓިގެންދާނެ ކަމެއްކަމުގައި ފާހަގަކޮށްފައިވާކަން އެނގޭކަމާއި،
އަދި ސިފައިންގެ ވަޒީފާއިން އަމިއްލައަށް އެދިގެން ވަކިވާ މީހުންގެ ތެރެއިން ރިޓަޔަރކުރި މީހެއްކަމަށް ބަލައި، ރިޓަޔަރމަންޓް ބެނިފިޓްސް ހޯދުމަށް ހުށަހަޅަންޖެހެނީ ވަޒީފާއިން އެމީހަކު ވަކިވާން ޤަޞްދުކުރާ ތާރީޚެއްގެ 6 މަސް ދުވަސް ކުރިންކަމުގައި، "ސިފައިންގެ ރިޓަޔަރމަންޓް ގަވާއިދު" ގެ 5.7 ގައި ބުނެފައިވާއިރު، މުޙައްމަދު އަޙްމަދުދީދީ ރިޓަޔަރމަންޓް ބެނިފިޓްސް ހޯދުމަށް ހުށަހަޅާފައިވަނީ، ވަޒީފާއިން ވަކިވުމަށް އެދި ހުށަހެޅި ތާރީޚަށްވުރެ ފަހުގެ ތާރީޚެއްގައިކަން އެނގެން އޮންނާތީ، ސަރޖަންޓް މުޙައްމަދު އަޙްމަދުދީދީ (ސ.ނ.522) އަށް ރިޓަޔަރމަންޓް ޤަވާޢިދުގެ ދަށުން ޢިނާޔަތްތައް ހަމަޖައްސަން ނުފެންނަކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 1526/Cv-C/2010 ޤަޟިއްޔާގައި މުޙައްމަދު އަޙްމަދުދީދީ ކޮށްފައިވާ ދަޢުވާގެ ޞީޣާ އަށް ބަލާއިރު، ސިފައިންގެ ވަޒީފާގައި ޝަރަފުވެރިކަމާއެކު 30 އަހަރާއި 9 މަސްދުވަހު އުޅުމަށްފަހު، ވަޒީފާއިން ވަކިވުމަށާއި، ރިޓަޔަރވުމަށް އެދި، މިނިސްޓަރ އޮފް ޑިފެންސްގައި އެދުމުން 2009 އޮކްޓޫބަރު 01 ވަނަ ދުވަހު ވަޒީފާއިން ވަކިކޮށްދިނުމަށްފަހު، ރިޓަޔަރމަންޓް ޢިނާޔަތްތައް ދޭނެކަމަށް ލިޔުމުން ޖަވާބުދީ، ފަހުގެ ތާރީޚެއްގައި ރިޓަޔަރމަންޓް ޢިނާޔަތްތައް ދެވެން ނެތްކަމަށް ބުނެފައިވާކަމަށް އެ ދަޢުވާގެ ޞީޣާގައި ބަޔާންކޮށްފައިވާތީ، އެ ނުކުތާއާ ގުޅިގެން ޝަރީޢަތުން މުޙައްމަދު އަޙްމަދުދީދީއާ ސުވާލުކުރުމުން، ރިޓަޔަރމަންޓް ޢިނާޔަތްތައް ހަމަޖައްސައިދޭނެކަމަށް ލިޔުމުން މުޙައްމަދު އަޙްމަދުދީދީއަށް ޖަވާބުދީފައިވާކަމަށް ދަޢުވާގެ ޞީޣާގައި ބަޔާންކޮށްފައި އެވަނީ، މުޙައްމަދު އަޙްމަދުދީދީ ސިފައިންގެ ވަޒީފާއިން ވަކިވުމަށް އެދުމަށްފަހު، ރިޓަޔަރމަންޓް ބެނެފިޓްސް ހޯދުމަށް ހުށަހެޅި ސިޓީއަށް ފުރަތަމަ ދިން ޖަވާބު (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނަންބަރު D-2009/145 (14 އޮކްޓޯބަރ 2009) 'އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު') ގައި، ސިފައިންގެ ރިޓަޔަރމަންޓާބެހޭ ގޮތުން މިހާރު ދަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ މަޝްވަރާ ކުރެވެމުންކަމަށާއި، އެކަން ހަމަޖެހުމުން އެ ޤަވާޢިދުގެ ދަށުން ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖައްސައި ދޭނެކަމަށް ބަޔާންކޮށްފައިވާތީ ކަމަށާއި، ނަމަވެސް ރިޓަޔަރމަންޓް ބެނިފިޓްސް ހަމަޖައްސައިދޭނެ ކަމަށް ލިޔުމުން ޖަވާބު ދީފައިވާކަމަށް މުޙައްމަދު އަޙްމަދުދީދީގެ ދަޢުވާގެ ޞީޣާގައި ބަޔާންކޮށްފައިވިޔަސް، މުޙައްމަދު އަޙްމަދުދީދީ ޙަވާލާދީފައިވާ ސިޓީގެ ޖަވާބުގައި އެފަދައިން ބަޔާންކޮށްފައި ނުވާކަމަށް މުޙައްމަދު އަޙްމަދުދީދީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވެފައިވާކަން އެނގެން އޮންނަކަމެވެ.
(ޅ) ހަވަނަ ކަމަކީ: އިސްވެ ފާހަގަކުރެވުނު އެންމެހައި ކަންކަމަށް ބަލާއިރު، މުޙައްމަދު އަޙްމަދުދީދީ ސިފައިންގެ ވަޒީފާއިން ވަކިވުމުގައި އޭނާ ޢަމަލުކޮށްފައިވާ ގޮތަށާއި، ރިޓަޔަރމަންޓް ބެނިފިޓްސް ހޯދުމަށް އޭނާ ހުށަހަޅާފައިވާ ގޮތަށް ބަލައި، މުޙައްމަދު އަޙްމަދުދީދީ (ސ.ނ.522) އަކީ ސިފައިންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ވަކިވެފައިވާ ފަރާތެއް ނޫންކަމަށާއި، އަދި އޭނާއަކީ ސިފައިންގެ ރިޓަޔަރމަންޓް ބެނިފިޓްސް ޙައްޤުވާ ފަރާތެއް ނޫންކަމަށް މިނިސްޓަރ ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) އާއި "ސިފައިންގެ ރިޓަޔަރމަންޓް ގަވާއިދު" ގައި އެކަމަށް ކަނޑައެޅިފައިވާ އުޞޫލުތަކާ ހަމަތަކާ އެއްގޮތަށްކަން ސާފުކޮށް އެނގެން އޮންނާތީ، އެ އަސާސްގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/167 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާކަމެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، މުޙައްމަދު އަޙްމަދުދީދީ (ސ.ނ 522)އަކީ، ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) އާއި "ސިފައިންގެ ރިޓަޔަރމަންޓް ގަވާއިދު" ގެ ދަށުން ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ބެލުމަށާއި، މުޙައްމަދު އަޙްމަދުދީދީއަށް ރިޓަޔަރމަންޓް ބެނިފިޓްސް ޙައްޤުވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 1526/Cv-C/2010 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/167 ޤަޟިއްޔާގައި ކަނޑައަޅައި ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.