—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2012/SC-A/28
ދަޢުވާކުރާ ފަރާތް: މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑް
ދަޢުވާ ލިބޭ ފަރާތް: އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 02 އޮކްޓޯބަރ 2012
ރަޖިސްޓްރީކުރެވުނު ތާރީޚް: 21 އޮކްޓޯބަރ 2012
ނިމުނު ތާރީޚް: 05 އޮކްޓޯބަރ 2015
މައްސަލަ ނިންމި ގަޑި: 14:15
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ
ނަންބަރު: 2011/HC-A/112
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 17 މެއި 2010
ނިމުނު ތާރީޚް: 23 މެއި 2012
މައްސަލައިގެ ޚުލާޞާ
މިއީ ސިވިލް ކޯޓުގެ ނަންބަރު 487/CV-C/2010 ޤަޟިއްޔާ (ކުރީގެ މަދަނީ ކޯޓުގެ ނަންބަރު 1096/MC/2010) ޤަޟިއްޔާ އިސްތިއުނާފުކުރި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/112 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ، މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑެވެ.
ފާހަގަކުރެވުނު ނުކުތާތައް
1- ހައިކޯޓުގެ ނަންބަރު 2011/HC-A/112 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހަތް ސަބަބެއް ހުށަހަޅާ އެ ކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ހ- ފުރަތަމަ ސަބަބަކީ، މި އެގްރިމެންޓު ބާޠިލްކުރަން ކްލައިންޓް ބޭނުންވެއްޖެނަމަ ކްލައިންޓް (އިލްތިމާސް ރައްދުވާ ފަރާތް) ޢަމަލުކުރާނެގޮތް އެގްރިމެންޓްގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެގްރިމެންޓެއް ކަމަށްވާއިރު އެގްރިމެންޓުގެ 27 ވަނަ މާއްދާގައިވާ ފަދައިން ނޯޓިސް ދިނުމަކާނުލައި، އަދި އެ އަސާސްގެ މައްޗަށް ބިނާނުކޮށް، އެގްރިމެންޓް ބާޠިލްކުރުމަށް ހުށަހެޅި މައްސަލައެއްގައި، އެގްރިމެންޓް ބާޠިލްވެއްޖެކަމަށް ޙުކުމްކުރައްވާފައިވަނީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށްކަން އެނގޭކަމެވެ.
ށ- ދެވަނަ ސަބަބަކީ، ކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށް ލާޒިމްވާ ކަންތައްތައް ކުރަންވާނީ، ކޮންޓްރެކްޓެއްގައިވާ ޝަރުޠުތަކާ އެއްގޮތަށްކަމަށް ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާއިރު، އެގްރިމްނެޓްގެ 1 ވަނަ މާއްދާ (ކުރެހުމުގެ މާނަ ކުރާ މާއްދާ) ގެ ދަށުން އިތުރު ކުރެހުމެއް ނުވަތަ އެނޫން އިތުރުކަމެއް ކުރުމަށް ކޮންޓްރެކްޓަރަށް އަދި ކްލައިންޓަށްވެސް ލާޒިމްކޮށްފައި ނުވާކަން ވަރަށް ސާފުކޮށް އެނގެން އޮންނައިރު އަދި އެ މާއްދާއަކީ ކުރެހުމުގެ މާނަ ބުނެދިން މާއްދާކަން ވަރަށް ޞަރީޙަކޮށް އެނގެން އޮންނައިރު، އެ މާއްދާއާ ކޮންޓްރެކްޓަރ (އިލްތިމާސް ކުރާ ފަރާތް) ޚިލާފުވެފައިވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަން އެނގެން އޮންނަކަމެވެ.
ނ- ތިންވަނަ ސަބަބަކީ، އެގްރިމެންޓުގެ 8 ވަނަ މާއްދާއަކީ "ކޮންޓްރެކްޓަރ (އިލްތިމާސްކުރާ ފަރާތް) ގެ ޒިންމާ އާއި މަސްޢޫލިއްޔަތު ބަޔާންކުރާ ޚާއްޞަ މާއްދާކަމާއި، އެ މާއްދާގައިވެސް ކުރެހުން ކުރަހައި ހުށަހަޅަންޖެހޭ ފަރާތަކީ "ކޮންޓްރެކްޓަރ" ކަމަށް ބަޔާންކޮށްފައިނުވާކަން ވަރަށް ސާފުކޮށް އެނގެން އޮންނަކަމާއި، އެ މާއްދާގައި ބުނެފައިވަނީވެސް "ކޮންޓްރެކްޓަރުގެ ފަރާތުން އެކަށީގެންވާ ފަރުވާތެރިކަމާއެކު" ކުރެހުމުގައިވާ ގޮތަށް ވޯކްސް ފުރިހަމަކުރަންވާނެކަމަށާއި... " މިފަދައިންކަން އެނގެން އޮންނައިރު، މި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ރިޢާޔަތްކުރައްވާފައި ނެތްކަމެވެ.
ރ- ހަތަރުވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/112 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތައް މި ސުރުހީގެ ދަށުން 3 ވަނަ ނަންބަރުގެ (ހ) ގެ 3 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ފަދައިން އެޕެންޑިކްސް 1 ގައި ހިމެނިފައިވާ ކުރެހުންތަކުގެ އިތުރުން އެހެން ކުރެހުންތަކެއް ނުވަތަ ލިޔުންތަކެއްވެސް އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުރެހުންތަކުގެ މާނައިގެ ތެރޭގައި ހިމެނިފައިވާކަމަށް "ބެލެވިއްޖެ ހިނދެއްގައިވެސް ކޮންޓްރެކްޓަރ (އިލްތިމާސްކުރާ ފަރާތް) ޒިންމާވާންޖެހޭކަމެއް ނެތްކަން އެނގެން އޮންނަކަމާއި، އަދި އެގްރިމެންޓް ބާޠިލްވާންޖެހޭ ސަބަބަކަށް މިކަން ނުބެލެވޭކަމަށާއި، އެގްރިމެންޓެއް ބާޠިލްކުރެވޭނެ ޙާލަތްތަކަކީ، އެގްރިމެންޓް ބާޠިލްކުރެވޭނެ ގޮތެއް އެގްރިމެންޓްގައި ބުނެފައިވާނަމަ އެގޮތަކަށް، ނުވަތަ އެގްރިމެންޓްގެ ބައިވެރިންގެ ބާރު ނުފޯރާފަދަ ހާދިސާއެއް މެދުވެރިވެގެން ނުވަތަ އެގްރިމެންޓް ނިމުމަކަށް ގެނައުމަށް އެގްރިމެންޓްގެ ބައިވެރިން އެއްބަސްވެގެން، ނުވަތަ އެގްރިމެންޓް ޣައިރު ޤާނޫނީ ވެގެން، ނުވަތަ އެގްރިމެންޓްގެ މުއްދަތު ހަމަވެގެން، ނުވަތަ އަނބުރާ އިޢާދަނުކުރެވޭފަދަ ޚިލާފުވުމަކުން، އެގްރިމެންޓްގެ ބައިވެރިއަކު އެގްރީމެންޓާއި ޚިލާފުވެގެންކަމާއި، އެގްރިމެންޓްގް ބައިވެރިއަކު އެގްރިމެންޓާއި ނުވަތަ އެގްރިމެންޓުގެ މާއްދާއަކާއި ޚިލާފުވުމުގެ ނަތީޖާއެއްގެ ގޮތުން އެގްރިމެންޓު ބާޠިލްވާނީ އެ ޚިލާފުވި ކަމަކީ އެގްރިމެންޓު ބާޠިލްވާނެކަމެއް ކަމުގައި އެގްރިމެންޓްގައި ބަޔާންކޮށްފައިވާ ކަމަކާއި ޚިލާފުވުމުން ނުވަތަ އަނބުރާ އިއާދަކުރެވެންނެތް ކަމަކާ ޚިލާފުވެގެންކަން ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) އާއި 17 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި އެ މާއްދާގެ (ށ) އާއި އަދި އެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) އާއި، 22 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނައިރު މި ޤާނޫނީ ނުކުތާތަކަށް ހައިކޯޓުން ރިޢާޔަތްކުރައްވާފައި ނުވާކަމެވެ.
ބ. ފަސްވަނަ ސަބަބަކީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ށ) ގައި "ކޮންޓްރެކްޓަކުން އޭގެ ބައިވެރިންނަށް ލާޒިމްކުރާ ޢަމަލެއްކުރުން ދަތިވުމަކީ ނުވަތަ އެކަމަށް ހިނގާ ޚަރަދު ބޮޑުވުމަކީ، އެ ޢަމަލެއް ކުރެވެން ނެތީކަމަށް ނުބެލެވޭނެކަމަށް" އޮންނައިރު އެގްރިމެންޓް ބާޠިލްކުރުމަށް ކްލައިންޓް (އިލްތިމާސް ރައްދުވާ ފަރާތް) ބޭނުންވަނީ ޕްރޮޖެކްޓް ނިންމަން ބޭނުންވާ ފައިސާގެ ދަތިކަމާހުރެ ޕްރޮޖެކްޓް ކުރިއަށް ގެންދެވެން ނެތިގެންކަމާއި، ކޮންޓްރެކްޓަރގެ "ކުށެއް" އޮވެގެން ނޫންކަން ކްލައިންޓަށް ކޮންޓްރެކްޓަރ ފޮނުވި އެތައް ބިލަކަށް އޭރުވެސް ފައިސާ ދައްކަން ނުލިބި ޖޫރިމަނާވަމުން ދިޔަދިއުމުން އެނގެން އޮންނައިރު މި ޤާނޫނީ ނުކުތާތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކުރައްވާފައި ނުވާކަމެވެ.
ޅ. ހަވަނަ ސަބަބަކީ، އެއްބަސްވުމުން 1 (އެކެއް) ވަނަ މާއްދާގައި ހިމެނިފައިވާ ކުރެހުންތަކުގެ މާނައަށް ބަލާއިރު، އެއްބަސްވުމުގެ "އެޕެންޑިކްސް 1" ގައި ހިމެނިފައިވާ ލިޔުންތައް ނުވަތަ ކުރެހުންތަކަކީ އެ މާނައިގެ ތެރޭގައި ހިމެނޭ ކުރެހުންތަކެއްކަން އެނގޭކަމާއި، އެހެންނަމަވެސް އެ ކުރެހުންތަކަކީ އެ މާނައިގެ ތެރޭގައި ހިމެނޭ ފުރިހަމަ ނުވަތަ ހަމައެކަނި ކުރެހުން ނޫންކަމަށާއި، އެއްބަސްވުމުގެ "އެޕެންޑިކްސް 1" ގައި ހިމެނިފައިވާ ކުރެހުންތަކަކީ އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުރެހުންތަކުގެ މާނައިގެ ތެރޭގައި ހިމެނޭ ބައެއްކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވުމުން، އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުރެހުންތަކުގެ އިތުރުން އެހެން ކުރެހުންތަކެއް ނުވަތަ ލިޔުންތަކެއްވެސް އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުރެހުންތަކުގެ މާނައިގެ ތެރޭގައި ހިމެނޭކަން އެނގޭކަމަށް" ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/112 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތައް މި ސުރުހީގެ 3 ވަނަ ނަންބަރުގެ (ހ) އަދި 4 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވީ ނަމަވެސް އެގްރިމެންޓްގެ 1 ވަނަ މާއްދާއަކީ، އެގްރިމެންޓުގެ ބައިވެރިއެއްގެ މައްޗަށް އެއްވެސް ކަމެއް ލާޒިމްކުރާ މާއްދާއެއް ނޫންކަމާއި، އެ މާއްދާއަކީ "ބަސްތަކާއި ލަފުޒުތައް މާނަކުރުމުގެ މާއްދާ" ކަން ވަރަށް ސާފުކޮށް އެނގެން އޮންނަކަމާއި، ކޮންޓްރެކްޓްގެ ބައިވެރިންގެ މައްޗަށް ކުރުން ލާޒިމްވަނީ އެ ކޮންޓްރެކްޓްގައި، ކޮންޓްރެކްޓްގެ ބައިވެރިންގެ މައްޗަށް ލާޒިމްކުރާ ކަންތައްކަން ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)އާއި (ށ) އަށް ބެލުމުން އެނގެން އޮންނަކަމާއި، ނަމަވެސް ކޮންޓްރެކްޓަރ (މައްސަލަ އިލްތިމާސްކުރާ ފަރާތް) އެގްރިމެންޓުގެ 1 ވަނަ މާއްދާގެ ދަށުން އިތުރު ކުރެހުމެއް ދޭންޖެހޭ ފަރާތެއްކަމަށް ބައްލަވައި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމެވިއިރު، މިދެންނެވި ޤާނޫނީ ނުކުތާތަކަށް ރިޢާޔަތްކުރައްވާފައިނުވާކަން އެނގެން އޮންނަކަމެވެ.
ކ. ހަތްވަނަ ސަބަބަކީ، ހެއްކެއްގެ ގޮތުގައި ޙާޟިރުކޮށްފައިވާ މިބާވަތުގެ ޔޮޓުފަހަރު ބަނުމުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމަށް އިބްރާހީމް ޒަހީނު، ދީފައިވާ ހެކިބަހަށް ބަލާއިރު، ޝަރީޢަތުގެ މަޖިލީހުގައި އޭނާއަށް ދެއްކި ކުރެހުންތަކަށް ބަލާއިރު އެ ކުރެހުންތަކަކީ (އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑާއި ޕްރައިރާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ލަގްޒަރީ ސަފާރީ ޔޮޓެއް ބަނުމާ ބެހޭގޮތުން މޯލްޑިވްސް މެރިން ސާރވިސަސް ޕްރައިވެޓް ލިމިޓެޑާއެކު 04 ޖޫން 2008 ގައި ވެފައިވާ އެއްބަސްވުމުގެ "އެޕެންޑިކްސް 1" ގައި ހިމެނިފައިވާ ކުރެހުންތަކަކީ" އިބްރާހީމް ޒަހީނު، އެ މަސައްކަތް ކުރާނަމަ އިތުރު މުހިއްމު މަޢުލޫމާތުތަކެއް ބޭނުންވާނެ ކުރެހުންތައް ކަމަށާއި، ޝަރީޢަތުގެ ފަރާތުން ދެއްކި ކުރެހުންތަކަކީ ޝަރީޢަތުން އިއްވި ކުރެހުމުގެ މާނަ (އެއްބަސްވުމުގެ އެކެއް) ވަނަ މާއްދާގައި ހިމެނިފައިވާ ކުރެހުންތަކުގެ މާނައިގެ ތެރޭގައި ހިމެނޭ ކުރެހުންކަމަށް ބަޔާންކޮށްފައިވާ ހުރިހާ ތަފްޞީލެއް ހިމެނޭ ކުރެހުންތަކެއް ނޫންކަމަށް ބުނެ ހެކިބަސް ދީފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/112 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 3 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ޕެރެގްރާފުގައި ބުނެފައިވާއިރު، އިބްރާހީމް ޒަހީނުއަކީ "ބޯޓް ބިލްޑިންގް" ދާއިރާއިން ޚާއްޞަ ފަންނާނެއްކަން ކަށަވަރުވާން ނެތްކަން އެނގެން އޮންނަހިނދު ކޮންޓްރެކްޓަރ (މައްސަލަ އިލްތިމާސްކުރާ ފަރާތް) ކުރަން ނުޖެހޭކަމެއް ކުރަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައި އެގްރިމެންޓް ބާޠިލް ކުރައްވާފައިވަނީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަން އެނގެން އޮންނަކަމެވެ.
2- މި މައްސަލައާ ގުޅިގެން ދެ ފަރާތުން ދަށު ކޯޓާއި ހައިކޯޓުގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ހ- ފުރަތަމަކަމަކީ، ހައިކޯޓުގެ ނަންބަރު 2011/HC-A/112 ޤަޟިއްޔާ ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ޖަވާބުދާރީވުމުގެ ގޮތުން މި ޤަޟިއްޔާގައި މައްސަލަ ރައްދުވާ އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، ދެ ފަރާތް ދެމެދު ލަގްޒަރީ ޔޮޓެއް ބަނުމާ ބެހޭގޮތުން އެއްބަސްވުމެއް އެއްބަސްވެވިފައިވާ ކަމަށާއި، ނަމަވެސް އެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅަންޖެހޭ ކުރެހުންތައް ހުށަހަޅާފައިނުވާ ކަމަށާއި، އަދި ދެ ފަރާތް ދެމެދުގައި ބުނެވިދިޔަ ލަގްޒަރީ ޔޮޓް ބަނުމާބެހޭ އެއްބަސްވުމުގައި ސޮއިކުރެވިފައިވީ ނަމަވެސް، އެ އެއްބަސްވުން ވުޖޫދަށް އަންނާނީ އެއްބަސްވުމުގައި ބުނެފައިވާ ކަންތައްތައް ވުޖޫދަށް އައުމުން ކަމަށާއި، އެ އެއްބަސްވުމުގެ ދަށުން އެ ފަރާތުން ހުށަހަޅަންޖެހޭ ކުރެހުންތައް ވުޖޫދަށް އައިސްފައިނެތުމާއެކު، ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓުގެ 1 ވަނަ މާއްދާއަކީ އެއްބަސްވުމުގެ އެއްވެސް ބައިވެރިއެއްގެ މައްޗަށް އެއްވެސްކަމެއް ލާޒިމްކުރާ މާއްދާއަކަށް ނުވިކަމުގައިވިޔަސް އެ މާއްދާގައި ބުނާ ކުރެހުންތައް ވުޖޫދަށް އައުމުގެ ކުރިން އަދި އެގްރިމެންޓުގައި ސޮއިކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންތައް ފުރިހަމަވެގެން މެނުވީ ދެ ފަރާތް ދެމެދު އެއްބަސްވުމެއް އޮތްކަމަށް ނުބެލެވޭނެކަމަށް ބުނެ، މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްފައިވާ ދަޢުވާއާ މެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންކާރުކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.
ށ- ދެވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ލަގްޒަރީ ޔޮޓެއް ބަނުމާބެހޭގޮތުން އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 2008 ވަނަ އަހަރުގެ ޖޫން މަހުގެ 04 ވަނަ ދުވަހު އެގްރިމެންޓެއް ކުރެވިފައިވާ ކަމާއި އެ އެގްރިމެންޓުގެ ދަށުން ޔޮޓް ބަނުމުގެ މަސްޢޫލިއްޔަތާ ޙަވާލުވާ ފަރާތަކީ މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްކަމާއި، އަދި މަސައްކަތުގެ ވެރި ފަރާތަކީ އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑް ކަން ސާފުކޮށް އެނގެން އޮންނައިރު، މަސައްކަތް ނިންމަންޖެހޭ މުއްދަތަކީ އެގްރިމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 45 ދުވަސް ހަމަވާ ތާރީޚުން ފެށިގެން 24 މަސްދުވަހުގެ މުއްދަތުކަން އެނގެން އޮންނަކަމާއި އަދި މި ޔޮޓް ބަންނަންޖެހޭނީ ކަނޑައެޅިފައިވާ ކުރެހުމަކާއި އެއްގޮތްވާ ގޮތުގެމަތިންކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ މި ދެ ފަރާތް ދެމެދު މިކަމާ ބެހޭގޮތުން ސޮއިކުރެވިފައިވާ އެގްރިމެންޓުން އެނގެން އޮންނަކަން ފާހަގަކުރެވިފައިވެއެވެ.
ނ- ތިންވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ލަގްޒަރީ ސަފާރީ ޔޮޓެއް ޑިޒައިންކުރުމާއި ބެހޭގޮތުން އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ދެކެވިފައިވާ ވާހަކަތަކަށް ޙަވާލާދީ 27 ޖަނަވަރީ 2007 ގައި މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގް އެއްގައި ސޮއިކޮށްފައިވާ ކަމާއި، އެ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްކުރުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްކަމާއި އަދި ދެ ފަރާތް ދެމެދު އެއްބަސްވެވިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ވަކި އަގަކަށް މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިވާ މަސައްކަތްނިމި، އެ މަސައްކަތުގެ އަގު މަސައްކަތްކުރި ފަރާތަށް ލިބުމާ ގުޅިގެން އެކަމާ ބެހޭގޮތުން ދެ ފަރާތް ދެމެދު ޚުޞޫމަތެއް ނެތި އެ މުޢާމަލާތް އެ ހިސާބުން ނިމުމަކަށް އައިސްފައިވާކަން ފާހަގަކުރެވިފައިވާއިރު، ބުނެވިދިޔަ ލަގްޒަރީ ޔޮޓް ބަނުމުގެ ކުރިން މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ކުރެވިފައިވާ އެގްރިމެންޓުގެ ދަށުން މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްކޮށް، ނިންމުމަށްފަހު މަސައްކަތުގެ ވެރިފަރާތާއި ޙަވާލުކޮށް އެ މުޢާމަލާތް ނިމުމަކަށް އައިފަހުން ފުރަތަމަ އެގްރިމެންޓު ކުރުމުގެ 1 އަހަރާއި ތިން މަހާއި 07 ދުވަސް ފަހުގެ ތާރީޚެއްގައި ލަގްޒަރީ ޔޮޓެއް ބަނުމާ ބެހޭގޮތުން 2008 ވަނަ އަހަރުގެ ޖޫން މަހުގެ 04 ވަނަ ދުވަހު ސޮއިކޮށްފައިވާ އެހެން އެގްރިމެންޓެއްގެ ދަށުން މި ދެ ފަރާތް ދެމެދު އަލުން އިތުރު އެއްބަސްވުމެއް ވެވިފައިވާކަން ފާހަގަކުރެވިފައިވާއިރު، މި އެގްރިމެންޓުގެ ދަށުން މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުވެފައިވާ މަސައްކަތަކީ ބުނެވިދިޔަ ލަގްޒަރީ ޔޮޓް، އެކަމަށްޓަކައި ކަނޑައެޅޭ ވަކި ކުރެހުމަކާއި އެއްގޮތްވާ ގޮތުގެމަތިން ބަނދެ ނިންމުން ކަމަށްވާއިރު، މި އެގްރިމެންޓުގެ ކުރިން މި ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގްގެ ދަށުން މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރަހާފައިވާ ކުރެހުމަކީ ދެވަނަ އެގްރިމެންޓުގައި ބުނެފައިވާ ކުރެހުންނޫން ކަމާއި އެ ކުރެހުން އަދި މިހާތަނަށްވެސް އެއްވެސް ފަރާތަކުން ކުރަހާފައިނުވާކަން ފާހަގަކުރެވިފައިވާއިރު، ފަހުން ދެ ފަރާތް ދެމެދު ސޮއިކުރެވުނު އެގްރިމެންޓުގެ ދަށުން ޔޮޓް ބަނުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ފަށާފައިވާކަމާއި އަދި އެ އެގްރިމެންޓުގައި ސޮއިކުރުމާއެކު އެގްރިމެންޓުގެ ދަށުން އެޑްވާންސްގެ ގޮތުގައި އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑުން މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓެ ލިމިޓެޑަށް ދޭންޖެހޭ އެޑްވާންސް ޕޭމަންޓްގެ ފައިސާ ދައްކަމުން އައިސްފައިވާކަން މި މައްސަލައާ ގުޅިގެން ދެ ފަރާތުންމެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެންއޮތުމެވެ.
ރ- ހަތަރުވަނަ ކަމަކީ، ބުނެވިދިޔަ ޔޮޓް ބަނުމާބެހޭ އިޖްމާލީ ކުރެހުން ވަކި އެގްރިމެންޓެއްގެ ދަށުން އެ އެގްރިމެންޓުގައި ކަނޑައެޅިފައިވާ ވަކި އަގަކަށް ކުރަހާދިނުމުގެ މަސްއޫލިއްޔަތު މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އުފުލަންޖެހިފައިވާތީ، ދެ ފަރާތް ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން އެ ޔޮޓްގެ އިޖްމާލީ ކުރެހުން ކުރަހާ އަވަންޒާރޭއާ ޙަވާލުކުރުމުގެ މަސްއޫލިއްޔަތު މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އުފުލާ، އެ މަސައްކަތް އެއްބަސްވެވިފައިވާ ގޮތުގެމަތިން ނިންމާފައިވާކަން އެނގެން އޮތްކަމުގައިވިޔަސް، އެ ޔޮޓް ބަނުމުގައި އިތުރަށް ބޭނުންވާނޭ ތަފްޞީލީ ކުރެހުންތައް ކުރެހުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ ކޮބައިކަން މި ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ ޔޮޓު ބަނުމާބެހޭ އެގްރިމެންޓްގައި ސާފުބަހުން ބުނެފައިނުވާކަން ފާހަގަކުރެވިފައިވާއިރު، މަސައްކަތުގެ ވެރިފަރާތުން ހުށަހަޅާ ކުރެހުންތަކާއި އެއްގޮތްވާ ގޮތުގެމަތިން މަސައްކަތްކުރުމަކީ މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ޒިންމާއެއް ކަމަށާއި މަސައްކަތުގެ ވެރިފަރާތަށް އޮތް ޙައްޤާއި ބާރުގެ ދަށުން އެ ފަރާތުން ހުށަހަޅާ ކުރެހުންތަކާ އެއްގޮތްވާ ގޮތުގެމަތިން ގެންނަންޖެހޭ ބަދަލު ގެނެސްގެން ޔޮޓް ބަނުމުގެ މަސައްކަތް ފުރިހަމަކުރުމަކީ މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ޒިންމާއެއްކަމަށް ބުނެވިދިޔަ ޔޮޓް ބަނުމާބެހޭ ގޮތުން ދެ ފަރާތް ދެމެދު 2008 ވަނަ އަހަރުގެ ޖޫން މަހުގެ 04 ވަނަ ދުވަހު ސޮއިކޮށްފައިވާ އެގްރިމެންޓުގައި ސާފު ބަހުން ބުނެފައިވާކަން އެނގެންއޮންނައިރު، މަސައްކަތުގެ ވެރިފަރާތުން ގެންނަ އެފަދަ ބަދަލުތަކާ ގުޅިގެން ހޭދައެއް ކުރަންޖެހޭނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ފަރާތަކީ މަސައްކަތުގެ ވެރިފަރާތްކަމުގައިވާ އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކަމަށާއި އަދި އެ ފަރާތުން ކުރެހުމަށް ހުށަހަޅާ ބަދަލުތަކަކީ ލިޔުމުން ހުށަހެޅޭ، އަދި އެ ބަދަލުތަކުގެ އަގާމެދު ދެ ފަރާތް ލިޔުމުން އެއްބަސްވާންޖެހޭ އެއްޗެއްކަން އޮޅުންނާރާފަދަ ސާފު ގޮތެއްގައި ދެ ފަރާތް ދެމެދު ކުރެވިފައިވާ އެގްރިމެންޓުގެ 13 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވީ ނަމަވެސް، އެފަދަ ބަދަލަކާއި އަދި އެ ބަދަލުގެ ސަބަބުން މަސައްކަތުގެ އަގަށް އަތުވެދާނެ ބަދަލާއި ބެހޭގޮތުން ޢަމަލުކުރާނެ ގޮތާމެދު ދެ ފަރާތް ދެމެދު އިސްވެ އެއްބަސްވުމެއް ވެވިފައިވާކަން އެނގެން ނެތްކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.
ބ- ފަސްވަނަ ކަމަކީ، މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެވިދިޔަ އުޅަނދު ބަނުމާއި ޙަވާލުވެފައިވަނީ 2008 ވަނަ އަހަރުގެ ޖޫން މަހުގެ 04 ވަނަ ދުވަހު މި ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެ އެގްރިމެންޓުގެ ދަށުންކަމާއި އަދި އެ އެގްރިމެންޓުގައި ސޮއިކުރުމާއެކު އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ އެޑްވާންސް ފައިސާ އެއްބަސްވެވިފައިވާ ގޮތުގެމަތިން ލިބެންފެށުމާއެކު މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ އުޅަނދު ބަނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މި ދެ ފަރާތް ދެމެދު އެންމެ ފުރަތަމަ ސޮއިކުރެވުނު މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގްގެ ދަށުން މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ އެއްބަސްވުމުގައި ކަނޑައެޅި ބަޔާންވެފައިވާ އަގަށް ތައްޔާރުކޮށްފައިވާ އެ ޔޮޓްގެ އިޖްމާލީ ކުރެހުމާ އެއްގޮތްވާ ގޮތުގެމަތިން ޔޮޓް ބަނުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް ގެންދަނިކޮށް މަސައްކަތުގެ ވެރިފަރާތުން އެ މަސައްކަތް ޝަރީޢަތް މެދުވެރިވެ ހުއްޓުވާންޖެހޭ ސަބަބަކީ އެ ޔޮޓް ބަނުމަށްޓަކައި މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ތައްޔާރުކުރަންޖެހޭ ޔޮޓްގެ ޑިޒައިން ފުރިހަމަނުކޮށް އޮތުންކަމުގައި އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނަމުންދާ ބުނުމުގެ މައްޗަށް ބަލާއިރު، ދެ ފަރާތް ދެމެދު ކުރެވިފައިވާ އެގްރިމެންޓުގެ ދަށުން މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުވެފައިވަނީ އެ ޔޮޓް ބަނުންކަމާއި އިތުރު އެހެން މަސައްކަތެއް ޙަވާލުވެފައިވާކަން އެގްރިމެންޓުން އެނގެންނެތުމުން، އެގްރިމެންޓުގެ ދަށުން މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި އިތުރު އެހެންކަމެއް ޙަވާލުވެފައިވާކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭ އެއްވެސް ހަމައެއްނެތްކަން އެނގެން އޮންނައޮތުމެވެ.
ޅ- ހަވަނަ ކަމަކީ، ދެފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓުގެ 1 ވަނަ މާއްދާގައި "ކުރެހުން" މާނަކޮށްދީފައިވާ ގޮތުގެމައްޗަށް ބަލާއިރު ކުރެހުން ކަމަށް ބުނެފައިވަނީ "ހުރިހާ ކުރެހުންތަކާއި ހިސާބުތަކާއި ސާމްޕަލްތަކާއި ޕެޓަރންތަކާއި މޮޑެލްސްތަކާއި އޮޕަރޭޝަން އަދި މެއިންޓެނެންސް މެނުއަލްސްތަކާއި އަދި އެހެން ޓެކްނިކަލް މަޢުލޫމާތެވެ. އެއީ ކްލައިންޓްގެ ފަރާތުން ކޮންޓްރެކްޓަރަށް ދީފައިވާ އެއްޗެއް ނުވަތަ ކޮންޓްރެކްޓަރުގެ ފަރާތުން ކްލަޔަންޓަށް ހުށަހަޅާފައިވާ ކްލައިންޓް އެޕްރޫވްކޮށްފައިވާ އެއްޗެކެވެ. މީގެ ތެރޭގައި އެޕެންޑިކްސް 1 ގައިވާ ލިޔެކިޔުންތައްވެސް ހިމެނެއެވެ." މިފަދައިން ކަމަށްވާއިރު ބުނެވިދިޔަ ޔޮޓް ބަނުމުގެ އެގްރިމެންޓުކުރުމުގެ ކުރިން ޔޮޓް ޑިޒައިންކުރުމާއި ބެހޭގޮތުން މި ދެފަރާތް ދެމެދު 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ސޮއިކޮށްފައިވާ މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގްއަކީ އެ ޔޮޓްގެ އިޖްމާލީ ތަސައްވުރެއް ޤާއިމްކޮށްދޭ ފަދަ ކުރެހުމެއް ކުރަހައި ދިނުމާއި ބެހޭގޮތުން މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކުރެވިފައިވާ އެއްބަސްވުމެއްކަމާއި އަދި އެ މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގްގެ ދަށުން މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުވެފައިވާ މަސައްކަތްތަކުގެ ތެރޭގައި އެ ޔޮޓްގެ ތަފްސީލީ ކުރެހުންތައް ކުރެހުމާ ބެހޭ އެއްވެސް ވާހަކައެއް ހިމެނިފައިނުވާކަމާއި އަދި އެއްބަސްވުމުގެ ދަށުން މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުވެފައިވާ މަސައްކަތް ފުރިހަމަކުރުމަށްފަހު މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ މަސައްކަތުގެ ވެރިފަރާތް ކަމުގައިވާ އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކުރުމާ ގުޅިގެން އެ އެގްރިމެންޓާ ބެހޭ މުޢާމަލާތް އެ ހިސާބުން ނިމުމަކަށް އައިސްފައިވާކަމާއި އަދި އެއްބަސްވުމުގެ ދަށުން މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ތައްޔާރުކުރި ޔޮޓްގެ އިޖްމާލީ ތަސައްވުރެއް ޤާއިމްކޮށްދޭ ޑިޒައިނާއި އެއްގޮތްވާ ގޮތުގެމަތިން ޔޮޓު ބަނުމުގެ މަސައްކަތް ފެށުމަށްޓަކައި އަލުން ދެވަނަ ފަހަރަށް އެ ޔޮޓް ބަނުމާބެހޭ އެގްރިމެންޓުގައި 2008 ވަނަ އަހަރުގެ ޖޫން މަހުގެ 04 ވަނަ ދުވަހު ދެ ފަރާތް ދެމެދު ސޮއިކޮށްފައިވާ ކަމާއި އަދި އެ އެގްރިމެންޓުގެ ދަށުން އެޑްވާންސްގެ ގޮތުގައި މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް މަސައްކަތުގެ ވެރިފަރާތުން ދައްކަންޖެހޭ ފައިސާ ދެފަރާތް ދެމެދު އެއްބަސްވެވިފައިވާ ގޮތުގެމަތިން ދައްކަމުން އައިސްފައިވާކަން މި މައްސަލައާ ގުޅިގެން ދެ ފަރާތުންމެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުންނާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައޮތުމެވެ.
ކ- ހަތްވަނަ ކަމަކީ، އިސްވެ ބުނެވުނު ޔޮޓް ބަނުމާބެހޭ ގޮތުން 2008 ވަނަ އަހަރުގެ ޖޫން މަހުގެ 04 ވަނަ ދުވަހު ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓުގެ 27 ވަނަ މާއްދާއަކީ މަސައްކަތްކުރާ ފަރާތުން އެގްރިމެންޓާއި ޚިލާފުވާ ޙާލަތްތަކުގައި މަސައްކަތުގެ ވެރިފަރާތުން އެގްރިމެންޓު ބާޠިލްކުރަން ޖެހިއްޖެ ޙާލަތެއްގައި އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށްފައިވާ މާއްދާކަމާއި، އެ މާއްދާގައި މި އެއްބަސްވުމުގެ ދަށުން ކްލަޔަންޓަށް ލިބޭ އެއްވެސް ޙައްޤަކަށް އުނިކަން ނާންނާނެފަދައިން ކްލައިންޓްގެ ފަރާތުން ކޮންޓްރެކްޓަރަށް 14 ދުވަހުގެ ނޯޓިސްއެއް ދިނުމުން ކޮންޓްރެކްޓަރުގެ ފަރާތުން ޚިލާފުވެފައިވާ ކަމެއް ރަނގަޅުނުކޮށްފިނަމަ، މި އެއްބަސްވުން ބާޠިލްކުރުމުގެ ޙައްޤު ތިރީގައިވާ ޙާލަތްތަކުގައި ކްލަޔަންޓަށް ލިބޭނެއެވެ." މިފަދައިން ބުނެފައިވާއިރު، ބުނެވިދިޔަ އުޅަނދާ ބެހޭ ގޮތުން 2008 ވަނަ އަހަރުގެ ޖޫން މަހުގެ 04 ވަނަ ދުވަހު ސޮއިކުރެވިފައިވާ އެގްރިމެންޓުގެ ދަށުން މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ އުޅަނދު ބަނުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް ގެންދަނިކޮށް ދެ ފަރާތް ދެމެދު ކުރެވިފައިވާ އެގްރިމެންޓު އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބާޠިލްކޮށްފައިވަނީ އެގްރިމެންޓުގެ 27 ވަނަ މާއްދާ އާއި ޚިލާފަށްކަމަށް މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނާ ބުނުމަށް ޖަވާބުދާރީވުމުގައި އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ "ދެފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓުގައި، އެގްރިމެންޓު ބާޠިލްކުރުމުގެ ކުރިން އެގްރިމެންޓުގެ އަނެއް ބައިވެރިޔާއަށް ނޯޓިސްދޭންޖެހޭނެކަމަށް ބުނެފައިވާ އެގްރިމެންޓުގެ 27 ވަނަ މާއްދާއަށް ޢަމަލުކުރަން ނުޖެހޭނެކަމަށާއި އަދި އެ މާއްދާއަށް ޢަމަލުކުރަން ނުޖެހޭ ސަބަބަކީ އެގްރިމެންޓުގެ ދަށުން މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ކުރެހުންތައް ފޯރުކޮށްދީފައި ނުވާތީ އެ އެގްރިމެންޓަށް ޢަމަލުކުރަން ފެށިފައިނުވާތީ ކަމަށް އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނަމުންދާއިރު، ދެފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓަކީ 2008 ވަނަ އަހަރުގެ ޖޫން މަހުގެ 04 ވަނަ ދުވަހު ސޮއިކުރެވިފައިވާ އެގްރިމެންޓެއްކަމާއި އެ އެގްރިމެންޓުގައި ސޮއިކުރުމަށްފަހު އެ އެގްރިމެންޓަށް ޢަމަލުކުރުން ހުއްޓުވައިފައި ބޭއްވުމާބެހޭ ގޮތުން އެ އެގްރިމެންޓުގައި ވަކި ގޮތެއް ކަނޑައަޅާފައި ނުވާއިރު، އެގްރިމެންޓުގައި ސޮއިކުރުމަށްފަހު މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް އެގްރިމެންޓުގެ ދަށުން ލިބިދޭ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ އެޑްވާންސް ޕޭމަންޓް ދެ ފަރާތް ދެމެދު އެއްބަސްވެވިފައިވާ ގޮތުގެމަތިން އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ދައްކަމުން އައިސްފައިވާކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުންނާއި އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން ރަނގަޅަށް އެނގެން އޮންނާތީ ދެފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓުގެ 27 ވަނަ މާއްދާއާ ޚިލާފަށް އެ އެގްރިމެންޓް ބާޠިލްކޮށްދިނުން އެދި އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުން ޤާނޫނީ ގޮތުން ތަބުރީރުކުރެވިދާނެ އެއްވެސް ހަމައެއްނެތްކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.
އ- އަށްވަނަ ކަމަކީ، ޝަރުޢީ އަދި ޤާނޫނި ނަޒަރަކުން ވިސްނާ ބަލާއިރު، ޝަރީޢަތާއި ޤާނޫނުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ދެ ފަރާތް ބަނދެވޭ ގޮތަށް ކުރެވޭ އެގްރިމެންޓުތަކަކީ އެގްރިމެންޓުގެ ދެ ފަރާތުންމެ އެގްރިމެންޓުގެ ދަށުން އުފުލަންޖެހޭ އެންމެހައި އިލްތިޒާމްތައް، އެ އެގްރިމެންޓުގައިވާ ގޮތުގެމަތިން އުފުލުން ޝަރީޢަތާއި ޤާނޫނު އެ ދެފަރާތުގެ މައްޗަށް ލާޒިމްކުރާ މީޘާޤުތަކަކަށްވާއިރު، އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ކުރެވިފައިވާ އެގްރިމެންޓުގެ ދަށުން މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ބަންނަންޖެހޭ ލަގްޒަރީ ޔޮޓް ބަނުމާބެހޭ މަސައްކަތް އެ ފަރާތުން ފަށައިގެން ކުރިޔަށް ގެންދަނިކޮށް ދެ ފަރާތް ދެމެދު ކުރެވިފައިވާ އެގްރިމެންޓު ބާޠިލްކޮށްދިނުމުގެ މައްސަލަ އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން ޝަރީޢަތުގެ ފަރާތުން އެ އެގްރިމެންޓު ބާޠިލްކޮށްފައިވަނީ ދެފަރާތް ދެމެދު 2008 ވަނަ އަހަރުގެ ޖޫން މަހުގެ 04 ވަނަ ދުވަހު ސޮއިކޮށްފައިވާ އެގްރިމެންޓުގެ 27 ވަނަ މާއްދާގައި އެ ދެފަރާތް އެއްބަސްވެފައިވާ ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިންކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލެވިދާނެ ތަނެއްއޮތްކަމަކަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ. މިކަންކަން މިހެންހުރުމާއެކު، ސުޕްރީމް ކޯޓުން ދެކެނީ ސިވިލް ކޯޓުގެ ނަންބަރު (1096/MC/2010) 487/CV-C/2010 ޤަޟިއްޔާ އާއި އަދި އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް ހައިކޯޓުން ނިންމަވާފައިވާ ނަންބަރު 2011/HC-A/112 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭނެ ކަމަށެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑްގެ ލަގްޒަރީ ޔޮޓެއް ބަނުމުގެ މަސައްކަތާއި މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޙަވާލުވެފައިވަނީ 2008 ވަނަ އަހަރުގެ ޖޫން މަހުގެ 04 ވަނަ ދުވަހު މި ދެފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓުގެ ދަށުންކަމަށްވެފައި، މި ދެފަރާތް ދެމެދު ސޮއިކުރެވިފައިވާ ބުނެވިދިޔަ އެގްރިމެންޓުގެ 27 ވަނަ މާއްދާގައި އެގްރިމެންޓު ބާޠިލްކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވާއިރު، އެ އެގްރިމެންޓުގެ 27 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ ހަމަތަކާއި ޚިލާފަށް އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެގްރިމެންޓް ބާޠިލްކުރުމުގެ މައްސަލަ ޝަރީޢަތަށް ހުށަހަޅާފައިވަނީ އެ އެގްރިމެންޓަކީ އަދި ވުޖޫދަށް އައިސްފައިނެތުމުގެ ސަބަބުން އެގްރިމެންޓުގެ 27 ވަނަ މާއްދާއަށް ޢަމަލުކުރަންނުޖެހޭތީ ކަމަށް ބުނެފައިވާއިރު، 2008 ވަނަ އަހަރުގެ ޖޫން މަހުގެ 04 ވަނަ ދުވަހު އެގްރިމެންޓުގައި ސޮއިކުރުމާއެކު އެ އެގްރިމެންޓުގައިވާ ގޮތުގެމަތިން އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑުން މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ އެޑްވާންސްގެ ފައިސާ އެއްބަސްވެވިފައިވާ ގޮތުގެމަތިން ދައްކަން ފަށާފައިވާކަމާއި އަދި އެގްރިމެންޓުގެ ދަށުން މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޙަވާލުވެފައިވާ ލަގްޒަރީ ޔޮޓް ބަނުމުގެ މަސައްކަތް އެ ފަރާތުން ޢަމަލީގޮތުން ފަށާފައިވާކަން މި މައްސަލައާ ގުޅިގެން ދެފަރާތުންމެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނާތީ، މި ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓް ބާޠިލްކުރަންޖެހިއްޖެ ޙާލަތެއްގައި ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވާ އެ އެގްރިމެންޓުގެ 27 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ އިޖުރާރާތުތަކާއި ފުށުއަރާގޮތަށް އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 481/CV-C/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި އަދި އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2011/HC-A/112 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތްނުވާކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުން ހިނދު، އެ ދެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލް ޙުކުމްތަކެއްކަމަށް ކަނޑައަޅައި، ބުނެވިދިޔަ ލަގްޒަރީ ޔޮޓް ބަނުމާއިބެހޭ ގޮތުން 2008 ވަނަ އަހަރުގެ ޖޫން މަހުގެ 04 ވަނަ ދުވަހު ސޮއިކުރެވިފައިވާ އެގްރިމެންޓުގެ 27 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ އިޖުރާއާތުތަކާއި ޚިލާފަށް މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ނުރުހުމުގައި ދެފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓް ބާޠިލްކުރުމުގެ ޙައްޤު އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑަށް ލިބިދެވެންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ހަމައެއްނެތްކަމަށް ކަނޑައަޅައި، ދެފަރާތް ދެމެދު ސޮއިކުރެވިފައިވާ އިސްވެ އިޝާރާތްކުރެވުނު އެގްރިމެންޓަށް ޙުރުމަތްތެރިކޮށް ހިތުމަށް މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށާއި އަވަންޒާރޭ ޕްރައިވެޓް ލިމިޓެޑަށް އަންގާ މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.