ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2012/SC-L-J/03, 2012/SC-L/01

ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)

ސުޕްރީމް ކޯޓުފޯމު ނަންބަރު 2012/SC-L/01 ގެ ދަށުން ދުސްތޫރީ މައްސަލަ ހުށަހެޅުމަށް…
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 12 ޖަނަވަރީ 2012ބާވަތް: ދުސްތޫރީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
މިއީ ދަށު ކޯޓެއްގައި ބެލި މައްސަލައެއް ނޫނެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 22/2010) 11 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ސުޕްރީމް ކޯޓުގެ އަޞްލީ އިޚްތިޞާޞްގެ ތެރެއިން ދުސްތޫރީ މައްސަލައެއް ހުށަހެޅުމުގެ ހުއްދައަށް ދައުލަތުން އެދުނު މައްސަލައެކެވެ.
ވާޤިޢާ
ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ބަނގުރަލާއި އޫރުމަހާއި ސްޕާގެ ޚިދުމަތް ދިނުމަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔައިރު، މިކަމުން ފަތުރުވެރިކަމުގެ ޞިނާޢަތަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ބުނެ، މިކަމާމެދު ގޮތެއް ކަނޑައަޅައިދިނުމަށް ދައުލަތުގެ ބަންޑާރަނައިބު ސުޕްރީމް ކޯޓަށް އެދުނެވެ. 2012 ޖެނުއަރީ 5 ގައި އިޖުރާއީ އަޑުއެހުމެއް ބޭއްވުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ރަލާއި އޫރުމަހާއި ސްޕާގެ ޚިދުމަތް ދިނުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއްތޯ ކަނޑައަޅައިދިނުމަށް ދައުލަތުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ (22/2010) 11 ވަނަ މާއްދާގެ (ހ) ގެ 3 ގެ ދަށުން އެދުނުއިރު، ޚުސޫމަތްތެރި ދަޢުވާއެއް ނެތި ދުސްތޫރީ މައްސަލައެއް ބަލައިގަނެ މައުޟޫޢީ ގޮތުން ގޮތެއް ކަނޑައެޅޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ބަންޑާރަނައިބު ބުނީ މި ޚިދުމަތްތައް ދިނުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ނޫން ކަމަށާއި، ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނު (4/75) އަކީ ޞައްޙަ ޤާނޫނެއް ކަމަށް ކަނޑައަޅައިދޭން ކަމަށެވެ. އަދި ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް މި ޚިދުމަތްތައް ދިނުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ހުރަހެއް ނެތް ކަމަށާއި، ޢަމަލީ ގޮތުން އެއްވެސް ހުރަހެއް އަޅާފައި ނުވާ ކަމަށް ބުންޏެވެ.
ކޯޓުގެ ސަބަބުތައް
ރަލާއި އޫރުމަހުގެ ޚިދުމަތް ދެނީ ޤާނޫނު ނަންބަރު 4/75 ގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުރެވިފައިވާ އިސްތިޘްނާއީ އިންތިޒާމްތަކެއްގެ ދަށުންނެވެ. އެ ޤާނޫނާއި ޤަވާއިދުތައް ބަދަލުނުވެ ޤާނޫނުއަސާސީގެ 269 އަދި 271 ވަނަ މާއްދާގެ ދަށުން ތަންފީޒީ ބާރާއެކު ދެމިއޮވެއެވެ. ސްޕާގެ ޚިދުމަތް މަނާކުރާ ޤާނޫނެއް ނެތެވެ. ޤާނޫނުތަކުގެ ޞައްޙަކަމާމެދު ސުވާލެއް އުފެދިފައިވާކަން ސާބިތުނުވާތީއާއި ޚުސޫމަތްތެރި ދަޢުވާއެއް ނެތުމުން މައުޟޫޢީ ގޮތުން ގޮތެއް ނުކަނޑައަޅައެވެ.

ނިންމުން

ފޯމު ނަންބަރު 2012/SC-L/01 ގެ ދަށުން ދުސްތޫރީ މައްސަލަ ހުށަހެޅުމަށް…

ފޯމު ނަންބަރު 2012/SC-L/01 ގެ ދަށުން ދުސްތޫރީ މައްސަލަ ހުށަހެޅުމަށް އެދުނު ހުއްދަ ނުދެވުނު؛ ޚުސޫމަތްތެރި ދަޢުވާއެއް ނެތުމުން މައްސަލަ ދަޢުވާއެއްގެ ގޮތުގައި ބަލައިގަނެ މައުޟޫޢީ ގޮތުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ފަނޑިޔާރުންގެ އިއްތިފާޤުން ނިންމި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނެއްގެ ނުވަތަ ޤަވާއިދެއްގެ ޞައްޙަކަމާމެދު ޤާނޫނީ ގޮތުން ސުވާލު އުފެދިފައިވާކަން ސާބިތުކޮށްދެވިފައި ނުވާ، އަދި ޤާނޫނީ ގޮތުން ޙައްލެއް ހޯދަންޖެހޭފަދަ ޚުސޫމަތްތެރި ދަޢުވާއެއް ޝަރީޢަތަށް ހުށަހެޅިފައި ނުވާ ހާލަތެއްގައި، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހަޅާ މައްސަލައެއް ދަޢުވާއެއްގެ ގޮތުގައި ބަލައިގަނެ މައުޟޫޢީ ގޮތުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތެވެ.

HN2 ވަކި ޚިދުމަތެއް ދިނުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއްތޯ ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާ މައްސަލައެއް، އެ ޚިދުމަތެއް ދެމުން ގެންދަނީ ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހަޅާ މައްސަލައަކަށް ނުވެ، އަދި އެ ޚިދުމަތެއް ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާއިދުތަކުގެ ޙުދޫދުގެ ތެރޭގައި ދެމުން ގެންދިއުމަށް ޢަމަލީ ގޮތުން އެއްވެސް ހުރަހެއް އެޅިފައި ނުވާނަމަ، ބައެއް ފަރާތްތަކުން އެކަމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ބުނަމުން ގެންދިއުމަކީ އެ މައްސަލަ ދަޢުވާއެއްގެ ގޮތުގައި ބަލައިގަނެ މައުޟޫޢީ ގޮތުން ގޮތެއް ކަނޑައަޅާނެ ސަބަބެއް ނޫނެވެ.

HN3 ޚިދުމަތްތައް އިސްތިޘްނާއީ ގޮތެއްގައި ތަންޒީމްކުރި ޤާނޫނަކަށް ނުވަތަ ޤަވާއިދަކަށް އެއްވެސް ބަދަލެއް ނައިސް، ޤާނޫނީ ގޮތުން ތަންފީޒީ ބާރު ލިބިގެންވާ ޙާލަތުގައި ދެމިއޮތްއިރު، އެ ޤާނޫނާއި ޤަވާއިދުތަކުގެ ޞައްޙަކަމާމެދު ޤާނޫނީ ގޮތުން ސުވާލު އުފެދިފައިވާކަން ސާބިތުކޮށްދެވިފައި ނުވާނަމަ، އެ ޤާނޫނަކީ ޞައްޙަ ޤާނޫނެއް ކަމަށް ކަނޑައަޅައިދިނުމަށް ކޯޓުން ގޮތެއް ނިންމާނެ ތަނެއް ނެތެވެ.

HN4 ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރު ޢަމަލުކުރެވެމުން އައި، ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ އެންމެހައި ޤާނޫނުތަކަށް، ރައްޔިތުންގެ މަޖިލީހުން ބަދަލެއް ނުގެންނަހައި ހިނދަކު ޢަމަލުކުރަމުން ގެންދަންވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ބާރުލިބިގެން ހަދާ ޤަވާއިދުތަކަކީ ޤާނޫނުން ބާރުލިބިފައިވާ، ޤާނޫނީ ބާރާއެކު ތަންފީޒުކުރެވޭނެ އެއްޗެކެވެ.

HN5 ރަލާއި އޫރުމަހަކީ ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނު (ޤާނޫނު ނަންބަރު 4/75) ގެ 5 ވަނަ މާއްދާގެ ދަށުން ކަމާބެހޭ ވުޒާރާގެ ޚާއްޞަ ހުއްދައަކާ އެކު ދިވެހިރާއްޖެއަށް އެތެރެކުރެވޭ ތަކެތި ކަމާއި، އެ ތަކެތި ދިވެހިރާއްޖޭގައި ގެންގުޅެވޭނީވެސް އެ ވުޒާރާއިން ކަނޑައަޅާ އިސްތިސްނާއެއްގެ މަތިން ކަމެވެ. ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ޚާއްޞަކުރެވިފައިވާ ތަންތަނުގައި ބަނގުރަލާއި އޫރުމަހުގެ ޚިދުމަތް ދެމުން ގެންދަނީ އެ މާއްދާގެ (ށ) ގެ ދަށުން ކުރެވިފައިވާ އިސްތިޘްނާއީ އިންތިޒާމްތަކެއްގެ ދަށުންނެވެ.

HN6 ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން ޤާނޫނު ހެދުމުގެ ބާރަށް ޤާނޫނުތައް ހެދުމުގެ ބާރު ލިބިދެނީ މާތްވެގެންވާ އިސްލާމްދީނުގެ އަޞްލަކާ ފުށުނާރާނެ ގޮތެއްގެ މަތިންނެވެ. އިސްލާމްދީނުގެ އަޞްލަކާ ފުށުއަރާ ގޮތަށް ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނެއް ހެދުމަކީ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި އެ މާއްދާގެ (ނ) އިން ހުރަސްއަޅާ ކަމެކެވެ.

HN7 އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ. ޤާނޫނުން ހުއްދަލިބިގެން މެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހުރަސްއަޅައި ހުއްޓުވައިގެން ނުވާނެއެވެ. އިސްލާމީ ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ އެންމެހައި މަސައްކަތްކުރުމާއި، އެފަދަ ކަންކަމުގެ މަންފާ ޤާނޫނުތަކާއި ޤަވާއިދުތައް ހުއްދަކުރާ ގޮތެއްގެ މަތިން ލިބިގަތުމުގެ މިނިވަންކަމާއި ޙައްޤު ކޮންމެ ރައްޔިތަކަށްވެސް ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާއި 19 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވެއެވެ.

HN8 ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ދޭ ސްޕާގެ ޚިދުމަތަކީ އޭގެ ޒާތުގައި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ޙުދޫދުން ބޭރުނުވާ ގޮތަށް ދެވެންޖެހޭ ޚިދުމަތެކެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ސްޕާގެ ޚިދުމަތް ދިނުން ފަދަ މަސައްކަތެއް ކުރުމަށް ނުވަތަ އެފަދަ ކަމަކުން މަންފާ ލިބިގަތުން މަނާކުރާ ޤާނޫނެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
އަޙްމަދު ފާއިޒު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފް، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، އަޙްމަދު މުޢުތަސިމް ޢަދުނާން
ރިޔާސަތު
އަޙްމަދު ފާއިޒު ޙުސައިން
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

މާލެ

ދިވެހިރާއްޖެ

ނަންބަރު: 2012/SC-L-J/03

ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތް

ފޯމު ނަންބަރު: 2012/SC-L/01

ދަޢުވާކުރާ ފަރާތް: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)

ހުއްދައަށް އެދުނު މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ

ހުށަހެޅުނު ތާރީޚް: 03 ޖެނުއަރީ 2012

ނިމުނު ތާރީޚް: 12 ޖެނުއަރީ 2012

ނިންމި ގަޑި: 15:55

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާން

މައްސަލައިގެ ޚުލާޞާ

[1]މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާގައި "ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަންލިބިގެންވާ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ އަމިއްލަ ވެރިކަންކުރާ ދީމިޤްރާޠީ ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއް" ކަމުގައި ބަޔާންކޮށްފައިވާއިރު އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ މައިގަނޑު މަސްދަރު ކަމުގައި ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައި އޮންނަ އޮތުމުގެ މައްޗަށް ރިޢާޔަތްކޮށް، މުސްލިމުންނަށް ދިނުމަށް އިސްލާމްދީން ހުއްދަނުކުރާ ޚިދުމަތްތަކެއް ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަށް ދިނުމަކީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި އަދި ރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނުނުތަކާ ވެސް ޚިލާފުކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 269 ވަނަ މާއްދާގައި "މިޤާނޫނުއަސާސީ އަށް ޢަމަލުކުރަން ފަށާއިރު އެމަށްޗަށް ޢަމަލުކުރެވެމުންދާ، މިޤާނޫނުއަސާސީއާ ތަޢާރުޟްނުވާ އެންމެހައި ޤާނޫނުތަކަށް، ރައްޔިތުންގެ މަޖިލީހުން ބަދަލެއް ނުގެންނަހައި ހިނދަކު، ޢަމަލުކުރަމުން ގެންދަންވާނެ" ކަމަށް ބުނެފައި އޮންނައޮތުމުގެ މައްޗަށް ރިޢާޔަތްކުރާއިރު ދިވެހިރާއްޖޭގައި މިހާރުވެސް ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ދަށުން ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ބުނެވިދިޔަ ފަދަ ޚިދުމަތްތައް ދިނުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު ކަމެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅައިދިނުމަށާއި، އަދި މިކަމަކީ ރާއްޖެއަށް މިވަގުތު ދިމާވެފައިވާ ޙާލަތަށް ބަލާއިރު، މިކަމާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ މުހިއްމު ކަމެއްކަމަށް ދެކޭ ކަމަށާއި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ސުޕްރީމް ކޯޓަށް ލިބިގެންވާ އަޞްލީ އިޚްތިޞާޞްގެ ދަށުންނާއި ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީ އާއި ޤާނުނުތަކުގެ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ތެރެއިން މިމައްސަލަ ބަލާ ގޮތެއްކަނޑައަޅައި ދިނުމަށް އެދި ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އިޖުރާއީ ގޮތުން ބެލެވިފައިވާ މައްސަލައެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

[2]ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ހުށައަޅަން ބޭނުންވާކަމަށް ބުނެފައިވާ މައްސަލައާ މެދު ސާފުކުރަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ފާހަގަކުރެވިފައިވާތީ އެކަންކަން ސާފުކުރުމަށްޓަކައި މީލާދީ ސަނަތުން ދެހާސްބާރަވަނައަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުނު އިޖުރާއީ އަޑުއެހުމުގައި، ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނު ތަކާއި ޝަރުޢީ އަދި ޤާނޫނީ އުޞޫލަތަކުގެ އިތުރަށް މިފަދަ އިޖުރާއީ މައްސަލަތަކުގައި ތަފާތު އެކިއެކި ޖުރިސްޑިކްޝަންތަކުގައި ޢަމަލުކުރަމުންދާ ގޮތުގެމައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބެލިއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.

[3](ހ) ފުރަތަމަކަމަކީ، ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަންލިބިގެންވާ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ އަމިއްލަ ވެރިކަންކުރާ ދީމިޤްރާޠީ ޖުމްހޫރީ ދައުލަތެއް ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާގައި ސާފުބަހުން ބުނެފައިވާކަމާއި އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ މައިގަނޑު މަސްދަރުކަން ޤާނޫނުއަސާސީގެ ނައްޞުތަކުން އޮޅުންނާރާ ފަދަ ސާފުގޮތަކަށް އެނގެންއޮތް އިރު، ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން ޤާނޫނު ހެދުމުގެ ބާރަށް ޤާނޫނުތައް ހެދުމުގެ ބާރު ލިބިދެނީވެސް މާތްވެގެންވާ އިސްލާމްދީނުގެ އަޞްލަކާ ފުށުނާރާނެ ގޮތެއްގެ މަތިންކަމާއި އަދި މާތްވެގެންވާ އިސްލާމްދީނުގެ އަސްލަކާއި ފުށުއަރާގޮތަށް ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނެއް ހެދުމަކީ އެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ހުރަސްއަޅާ ކަމެއްކަން ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަންބަރާއި އަދި އެމާއްދާގެ (ނ) އިން ރަނގަޅަށް އެނގެން އޮންނަ އޮތުމެވެ.

[4](ށ) ދެވަނަކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ ދީމިޤްރާޠީ ދައުލަތެއްކަމަށާއި އަދި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ މައިގަނޑު މަސްދަރުކަމަށާއި އިސްލާމްދީނުގެ އަޞްލަކާ ޚިލާފަށް ޤާނޫނު ހަދައިގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައި އޮންނަ އިރު، މިކަމަކީ ދިވެހިރައްޔިތުންނާއި އެހެނިހެން ދައުލަތްތަކުގެ ރައްޔިތުންނާ ދެމެދު އެފަދަ މުޢާމަލާތްތައް ކުރުމަކަށްވެސް އުޞޫލެއްގެ ގޮތުން ހުރަސްއަޅާ ކަމަކަށް ނުވާތީ ޝަރީޢަތާއި ޤަނޫނުގެ ޙުދޫދުގެ ތެރޭގައި ހިނގާ އެފަދަ އެއްވެސް މުޢާމަލާއަކަށް އަދި މިހާތަނަށް ދިވެހިރާއްޖޭގައި ހުރަސްއެޅިފައި ވާކަން ފާހަގަކޮށްފައިނުވާކަމާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޚާއްޞަކުރެވިފައިވާ ތަންތަނުގައި ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ފަތުރުވެރިންނަށް ދެމުންގެންދާ އެފަދަ ޚިދުމަތްތަކާއި މުޢާމަލާތްތައް ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ތަންޡީމްކުރާ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް އެފަދަ ޚިދުމަތްތައް ދެމުންގެންދިއުމަށް ޝަރުޢީ އަދި ޤާނުނީ ގޮތުން ހުރަސްއަޅާ ސަބަބެއްވެސް ނެތް ކަމަށް ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.

[5](ނ) ތިންވަނަކަމަކީ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޚާއްޞަކުރެވިފައިވާ ތަންތަނުގައި މުސްލިމުންނަށް ދިނުން ހުއްދަނޫން ޚިދުމަތްތައް އެފަރާތްތަކަށް ފޯރުކޮށްދިނުމަކީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާ ޚިލާފުކަމެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަމަށާއި މިއާއި ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި އިންވެސްޓްކުރާ ފަރާތްތަކުގެ އިތުބާރަށް ބުރޫއަރައި، އެޞިނާޢަތަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ބުނެ ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދިނުމަށް ދިވެހިރާއްޖޭގައި ހުއްދަކުރެވިފައިވާ ޚިދުމަތްތައްދިނުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާ ޚިލާފުކަމެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅައި ދިނުމަށް އެދި ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ހުށަހަޅާފައިވާއިރު، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކުރެވިގެން އެފަރާތްތަކަށް ޚިދުމަތް ދިނުމަށް ޚާއްޞަކުރެވިފައިވާ ތަން ތަނުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި ރަލާއި، އޫރުމަހުގެ ޚިދުމަތްތައް ފާހަގަކުރެވިފައިވާއިރު، ރަލާއި އޫރު މަހަކީ ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނު) ގެ 05 ވަނަ މާއްދާގެ ދަށުން ކަމާބެހޭ ވުޒާރާގެ ޚާއްޞަ ހުއްދައަކާ އެކު ދިވެހިރާއްޖެއަށް އެތެރެކުރެވޭ ތަކެތި ކަމާއި އަދި އެތަކެތި ދިވެހިރާއްޖޭގައި ގެންގުޅޭވޭނީވެސް އެވުޒާރާއިން ކަނޑައަޅާ އިސްތިސްނާއެއްގެ މަތިންކަން ބުނެވިދިޔަ ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނު) ގެ 05 ވަނަ މާއްދާގެ (ށ) އިން ރަނގަޅަށް އެނގެން އޮތްއިރު، ޤާނޫނު ނަންބަރު 4/75 ގެ 05 ވަނަ މާއްދާގެ (ށ) އަށް ވެސް އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ އިސްތިސްނާއީ އުޞޫލަށް އަދި މިހާތަނަށް އެއްވެސް ބަދަލެއް އައިސްފައިނުވާއިރު، މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 09 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި ޢަމަލުކުރަންފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 269 ވަނަ މާއްދާގައި "މިޤާނޫނުއަސާސީ އަށް ޢަމަލުކުރަން ފަށާއިރު އެމައްޗަށް ޢަމަލުކުރެވެމުންދާ މިޤާނޫނުއަސާސީ އާ ތަޢާރުޟްނުވާ އެންމެހައި ޤާނޫނުތަކަށް، ރައްޔިތުންގެ މަޖިލީހުން ބަދަލެއް ނުގެންނަހައި ހިނދަކު، ޢަމަލުކުރަމުންގެންދަންވާނެއެވެ." މިފަދައިން ބުނުމަށްފަހު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ބާރުލިބިގެން ހަދާ ޤަވާއިދުތަކަކީ، ޤާނޫނުން ބާރުލިބިފައިވާ އަދި ޤާނޫނީ ބާރާއެކު ތަންފީޒުކުރެވޭނެ އެއްޗެއްކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 271 ވަނަ މާއްދާގައި ސާފުބަހުން ބުނެފައިވާކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.

[6](ރ) ހަތަރުވަނަކަމަކީ، މުދާ ހޯދުމާއި މިލްކު ކުރުމާއި ވާރުތަކުރުމާއި ދިނުމާއި މުޢާމަލާތް ކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވުމަކީ، ދިވެހިރާއްޖޭގައި އަސާސީ ޙައްޤެއްގެ ގޮތުގައި ދުސްތޫރީގޮތުން ކަށަވަރުކޮށްދީފައިވާ ޙައްޤެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އިން އެނގެން އޮތްއިރު، އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމަށާއި، އަދި ޤާނޫނުން ހުއްދަލިބިގެން މެނުވީ އެއްވެސް މީހަކުކުރާ އެއްވެސް ކަމަކަށް ހަމަ އެކަކުވިޔަސް ހުރަސްއަޅައި ހުއްޓުވައިގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާގައި ބުނެފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު ދެމުންގެންދާ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ސްޕާގެ ޚިދުމަތް ދިނުންފަދަ އެއްވެސް މަސައްކަތެއް ކުރުމަށް ނުވަތަ އެފަދަ ކަން ކަމަކުން މަންފާ ލިބިގަތުން މަނާކުރާ ޤާނޫނެއް ނެތްކަމާއި އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނު ހުއްދަކުރާ އެންމެހައި މަސައްކަތްކުރުމާއި އެފަދަ ކަންކަމުގެ މަންފާ ޤާނޫނުތަކާއި ޤަވާއިދުތައް ހުއްދަކުރާގޮތެއްގެ މަތިން ލިބިގަތުމުގެ މިނިވަންކަމާއި ޙައްޤު ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާނެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާއި 19 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާކަން އެނގެން އޮންނައޮތުމެވެ.

[7]ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރިއިރު، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ޚާއްޞަކުރެވިފައިވާ ތަންތަނުން ފަތުރުވެރިންނަށް ލިބެމުންދާ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ މުސްލިމުންނަށް ދިނުން ހުއްދަނޫން ޚިދުމަތްތައް ކަމުގައިވާ ބަނގުރަލާއި އޫރުމަހުގެ ޚިދުމަތްފަދަ ޚިދުމަތްލިބިދިނުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ ޚިލާފުކަމެއްކަމަށް ބައެއްފަރާތްތަކުން ބުނަމުން ގެންދާކަމަށް ބުނެ، ބުނެވިދިޔަ ޚިދުމަތްތައް ދިނުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފުކަމެއް ނޫންކަމަށާއި އަދި އެފަދަ ޚިދުމަތްތައް އިސްތިޘްނާއީ ގޮތެއްގައި ދިވެހިރާއްޖޭގައި ތަންޡީމުކުރާ ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނު) އަކީ ޞައްޙަ ޤާނޫނެއް ކަމަށް ކަނޑައަޅައި ދިނުމަށްއެދި ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ހުށަހަޅާފައިވާ މިމައްސަލައިގައި ބުނެފައިވާ ޚިދުމަތްތަކުގެ ތެރެއިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ޚާއްޞަކުރެވިފައިވާ ތަންތަނުގައި ބަނގުރަލާއި އޫރުމަހުގެ ޚިދުމަތް ދިވެހިރާއްޖޭގައި ދެމުންގެންދަނީ ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނު) ގެ 05 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުރެވިފައިވާ އިސްތިޘްނާއީ އިންތިޒާމްތަކެއްގެ ދަށުން ކަމަށާއި އަދި ބޭރުގެ ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން އެފަރާތްތަކަށް ދޭ ސްޕާގެ ޚިދުމަތަކީވެސް އޭގެ ޒާތުގައި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ޙުދޫދުން ބޭރުނުވާ ގޮތަށް ދެވެންޖެހޭ ޚިދުމަތަކަށްވެފައި، މިމައްސަލައަކީ އެފަދަ ޚިދުމަތް ދޭ ތަންތަނުން ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޚިލާފަށް އެޚިދުމަތްދެމުން ގެންދާކަމަށްބުނެ ހުށަހެޅިފައިވާ މައްސަލައަކަށް ނުވާތީ އާއި އެފަދަ އެއްވެސް ޚިދުމަތެއް އެގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޤަވާއިދުތަކުގެ ޙުދޫދުގެ ތެރޭގައި ދެމުންގެންދިއުމަށް، ޢަމަލީގޮތުން އެއްވެސް ހުރަހެއް އެޅިފައިނުވާކަން މިމައްސަލައިގެ އިޖުރާއީ އަޑުއެހުމުގެ ތެރޭގައި ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުން އެނގެން އޮންނާތީ އާއި އަދި އިސްތިޘްނާއިގޮތެއްގައި އެޚިދުމަތްތައް ތަންޒީމްކުރި ޤާނޫނަކަށް ނުވަތަ ޤަވާއިދަކަށް ވިޔަސް އެއްވެސް ބަދަލެއްނައިސް ޤާނޫނީގޮތުން ތަންފީޒީބާރު ލިބިގެންވާ ޙާލަތުގައި ދެމި އޮތްއިރު ބުނެވިދިޔަ ޤާނޫނާއި ޤަވާއިދުތަކުގެ ޞައްޙަކަމާމެދު ޤާނޫނީގޮތުން ސުވާލުއުފެދިފައިވާކަން ސާބިތުކޮށްދެވިފައިނުވާތީ އާއި، މިކަމުގައި ޤާނޫނީގޮތުން ޙައްލެއް ހޯދަންޖެހޭފަދަ ޚުސޫމަތްތެރި ދަޢުވާއެއް ޝަރީޢަތަށް ހުށަހެޅިފައިނުވާތީ މިމައްސަލަ ދަޢުވާއެއްގެ ގޮތުގައި ބަލައިގަނެ މައުޟޫޢީ ގޮތުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރު އަދި (ނ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 269 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 271 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 11 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރު
  • ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނު (ޤާނޫނު ނަންބަރު 4/75) ގެ 5 ވަނަ މާއްދާ އަދި 5 ވަނަ މާއްދާގެ (ށ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ