—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ ތަފާތުވި ރަޢުޔު
މި މައްސަލާގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/47 ޤަޟިއްޔާގެ ހުކުމް ރަނގަޅުނޫންކަމަށް ދެކޭކަމަށް ބުނެ، އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރި ފަރާތްކަމުގައިވާ ސްޓޭޓް ޓްރޭޑިންގް އޯރގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ) ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އިލްތިމާސް ރައްދުވި ފަރާތްކަމުގައިވާ އެޕޯލޯ ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އޭގެ ޖަވާބުގައި ހުށަހަޅާފައިވާ ނުކުތާތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/47 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި މަދަނީ ކޯޓުގެ ނަނަބްރު700/MC/2005 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި ޚަޞްމުންގެ ފަރާތުން މި މައްސަލާގައި ހުށަހަޅާފައިވާ އެންމެހައި ލިޔުންތަކަށާއި ދިވެހިރާއްޖޭގައި އަމަލުކުރެވޭ ކަމާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކަށާއި، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، އަންނަނިވިކަންތައް ފާހަގަކުރެވިފައިވެއެވެ.
ފުރަތަމަ ކަމަކީ، ސްޓޭޓް ޓްރޭޑންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ)އިން ގެންނަ ހިލައާއި ހިލަވެލި އުފުލައިގެން ރާއްޖެއައި އެމް.ވީ ކަރަކަޖާޔާ ނިއާގާ 32-III ނަމަކަށް ކިޔާ ބޯޓު 27 އޮކްޓޯބަރ 2004 ދުވަހުގެ ހަވީރުގެ ވަގުތެއްގައި މުދާ ބޭލުމައްޓަކައި، ކ. ތިލަފުށީގައި އޮންނަ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޖެޓީއަށް ކައިރިކުރުމުގެ ތެރޭގައި ޖެޓީގައި ބޯޓުން ޖެހި އެކްސިޑެންޓްވެފައިވާކަމާއި މި އެކްސިޑެންޓްގެ ސަބަބުން އެ ޖެޓީން ދިގު މިނުގައި 5.5 މީޓަރ، ފުޅާމިނުގައި 0.5 މީޓަރު އަދި ފުން މިނުގައި 25 ސެންޓި މީޓަރުގެ ތަނެއް ހަލާކުވެފައިވާކަމާއި، މި އެކްސިޑެންޓަކީ، 27 އޮކްޓޯބަރ 2004 ދުވަހަކީ މޫސުން ގޯސް ދުވަހަކަށްވެފައި ބޯޓު ޖެޓީއާ ކައިރިކުރިއިރު، ޓަގު ބޯޓުގެ އެހީ ބޭނުންވާނެކަމަށް އެމް.ވީ ކަރަކަޖާޔާ ނިއާގާ 32-III ނަމަކަށްކިޔާ ބޯޓު ގެ ކެޕްޓަން އިސްކަންދަރު/ އިންޑޮނޭޝިޔާ) އެމް.ވީ ކަރަކަޖާޔާ ނިއާގާ 32-III ނަމަކަށްކިޔާ ބޯޓުގެ ޕައިލެޓްކަން އެދުވަހު ކުރި ފަރާތްކަމުގައިވާ ހ. ފައިން ބީޗް ޢަލީ ރަޝީދު އިބްރާހިމްގެ ގާތުގައި ބުނިކަމަށާއި، އެކަމަކު، ޢަލީ ރަޝީދު އިބްރާހީމުގެ ބެލުމުގެ ދަށުން، އެ ބޯޓު އޭގެ ކުރީ ފަހަރަކުވެސް ޖެޓީއާ ކައިރިކޮށްފައިވާފަދައިން މިފަހަރުވެސް ޓަގު ބޯޓެއްގެ އެހީހޯދުމަކާ ނުލައި، ބޯޓު ޖެޓީއާ ކައިރި ކުރެވޭނެކަމަށް ޢަލީ ރަޝީދު އިބްރާހިމް ބުނެ، ބޯޓު ޖެޓީއާ ކައިރިކުރުމުގައި ޕައިލެޓް ޢަލީ ރަޝީދު އިބްރާހިމް ޓަގު ބޯޓެއްގެ އެހީ ހޯދާފައިނުވުމާއި ޕައިލެޓް އަންގަން ޖެހޭ އެންގުންތައް އަންގަންޖެހޭ ވަގުތަށްވުރެ ލަހުން އެންގުމުގެ ސަބަބުން ހިނގާފައިވާ އެކްސިޑެންޓެއްކަމުގައި އެ ބޯޓުގެ ކެޕްޓަން އިސްކަންދަރު އާއި އެ އެކްސިޑެންޓް ހިނގި ވަގުތު ބޯޓުގެ ބްރިޖްގައި ތިބި ބޯޓުގެ އޭބީ. ބެން ޔާމިން (ޕާސްޕޯޓު ނަންބަރ K782509 / އިންޑޮނޭޝިޔާ) އާއި ބޯޓުގެ ޗީފް އޮފިސަރ. ވިނޯސް ޑާމިންޓޯ (ޕާސްޕޯޓު ނަންބަރު އިންޑޮނޭޝިޔާ) ބުނެފައިވާއިރު، މި އެކްސިޑެންޓަކީ ބޯޓުގެ ކެޕްޓަން ބާރު ސްޕީޑެއްގައި އައިސް ޖެޓީއާ ކައިރިކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލްނުވެގެން ހިނގި އެކްސިޑެންޓެއްކަމަށާއި، އަދި އެ ދުވަހަކީ ކަނޑު ގަދަ ދުވަހަކަށްވާތީ ޓަގު ބޯޓެއްގެ އެހީ ހޯދުމަށް ބޯޓުގެ ކެޕްޓަންގެ ގާތުގައި ބުނުމުން އެކަމަށް އޭނާ އިންކާރުކޮށްފައިވާކަމަށް ޢަލީ ރަޝީދު ބުނެފައި އޮންނައޮތުމަށާއި މި މައްސަލާގައި ހުށަހެޅިފައިވާ ޙަޤީޤަތްތަކުގެ މައްޗަށާއި މެރިޓައިމް ލޯގެ އުސޫލަށް ރިޢާޔަތްކުރާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ޕައިލެޓަކީ އެ ޕައިލެޓްގެ އިރުޝާދުގެދަށުން އުޅަނދު ދުއްވާއިރު، އެކްސިޑެންޓް ކޮންޓްރޯލްކުރާ ފަރާތްކަމަށްވާއިރު، ޕައިލެޓް އުޅަނދަށް އަރަންޖެހޭ ތަނުން އުޅަނދަށް އެރުމަށްފަހު، ޕައިލެޓުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޙައްޤު އޭނާއަށް ލިބިގެންވާނެކަމާއި، އެހެންކަމުން ޕައިލެޓަށް އޭނާގެ އެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުޞަތު ބޯޓުގެ މާސްޓަރ ދީގެން، އުޅަނދުގެ ނެވިގޭޝަނުގެ ޒިންމާ އޭނާއާ ޙަވާލުކުރަންވާނެކަން އެނގެން އޮންނަކަން.
(ށ) ޕައިލެޓާ އުޅަނދު ދުއްވުމުގެ ކަންތައް ޙަވާލުކުރުމުން ޕައިލެޓް އޭނާގެ އަމަލުތަކުގެ ޒިންމާ ޤާނޫނީ ގޮތުން އުފުލަންވާނެކަން.
(ނ) ޕައިލެޓާ އުޅަނދު ދުއްވުމުގެ ކަންތައް ޙަވާލުކުރުމަށްފަހު، ޕައިލެޓަކީ ކަނޑައެޅިގެން އެކަމަށް ޤާބިލުނޫން މީހެއްކަން ނުވަތަ އެކަމުގެ އަހުލުވެރިކަން ލިބިފައިވާ މީހެއްނޫންކަމުގެ ސާފު ހެކި ފެންނަން ހުރެއްޖެއްޔާ މެނުވީ، ޕައިލެޓުގެ މަސްއޫލިއްޔަތުގެ ތެރެއަށް ވަދެ ހުރަސްއެޅޭގޮތަށް މާސްޓަރ (ކައްޕިތާން) ޢަމަލު ކޮށްގެން ނުވާނެކަން.
(ރ) ޕައިލެޓު އުޅަނދަށް އަރައި އިރުޝާދު ދިނުމާ ޙަވާލުވުމަށްފަހު، އެ މަސްއޫލިއްޔަތުގެ ތެރެއަށް މާސްޓަރ (ކައްޕިތާން) ވަދެ، އެކަމަށް ހުރަސްއެޅޭފަދަގޮތަކަށް ޢަމަލުކުރުމަކީ މާސްޓަރ (ކައްޕިތާން) ޕައިލެޓުގެ ބޭނުންނުހިފީކަމުގައި ބެލެވޭނެކަމެއްކަން.
ބުނެވިދިޔަ މި އުސޫލުގެ އަލީގައި މި މައްސަލާގައި ކަން ހިނގާފައިވާގޮތުގެ މައްޗަށް ބަލާއިރު، ޕައިލެޓަށް ޕައިލެޓޭޖް ކުރުމުގައި، ދޭންޖެހޭ އިޚްތިޔާރުތަކާއި ފުރުޞަތުދީގެން ޕައިލެޓޭޖް ކުރުވާފައިވާކަން މެރިޓައިމްގެ މިބާވަތުގެ މައްސަލަ ސާބިތުކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާއި އުޞޫލުގެ މަތިން ސާބިތުކުރެވިފައިވާކަމުގައި ބެލެވެން ނެތްކަން.
ދެވަނަކަމަކީ، އެސް.ޓީ.އޯ އިން ގެނައި ހިލަޔާއި، ހިލަވެލި އުފުލައިގެން ރާއްޖެއަށް އައި އެމް.ވީ ކަރަކަޖާޔާ ނިއާގާ 32-III ނަމަކަށްކިޔާ ބޯޓު ރާއްޖެ އައީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ކަޕްރޯކަނެކްޝަނުން ޗާރޓަރުކޮށްގެންކަމާއި، އެ ބޯޓުގެ މިލްކުވެރި ފަރާތަކީ އިންޑޮނޭޝިޔާގެ ކުންފުންޏެއްކަމާއި އެ ބޯޓު ޗާރޓަރ ކޮށްގެން ދުއްވި ޗާރޓަރ ޕާޓީ އާއި އޯނަރ (ބޯޓުގެ މިލްކުވެރިޔާ) ރާއްޖޭގައި ތަމްޘީލުކުރާ އޭޖެންޓަކީ އެސް.ޓީ.އޯ. ކަމާއި، އެޕޯލޯ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްގެ ޖެޓީއާ އެ ބޯޓު ކައިރިކުރުމުގައި ހިނގި މި އެކްސިޑެންޓުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ، އެޕޯލޯ ހޯލްޑިނގްސް ޕްރައިވެޓް ލިމިޓެޑް ކަމުގައި އެމް.ވީ ކަރަކަޖާޔާ ނިއާގާ 32-III ނަމަކަށްކިޔާ ބޯޓުގެ އޯނަރާއި ޗާރޓަރ ޕާޓީގެ ފަރާތުން، އެސް.ޓީ.އޯ އިން ދެކޭކަމަށް ބުނެ، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް އެސް.ޓީ.އޯ އިން 28 އޮކްޓޯބަރ 2004 ގައި ފޮނުވާފައިވާ "ލެޓަރ އޮފް ޕްރޮޓެސްޓް" އަށް ބެލުމުން، މި އެކްސިޑެންޓާ ގުޅިގެން، އެޕޯލޯ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑާއި އެމް.ވީ ކަރަކަޖާޔާ ނިއާގާ 32-III ނަމަކަށްކިޔާ ބޯޓާ ދެމެދު އުފެދިފައިވާ މި ޚުޞޫމަތުގައިވެސް އެ ބޯޓުގެ އޭޖެންޓުގެ ޙައިޘިއްޔަތުން ބޯޓުގެ ވެރިފަރާތާއި ޗާރޓަރ ޕާރޓީ އެސް.ޓީ.އޯ އިން ތަމްޘީލުކޮށްފައިވާކަން ކަނޑައެޅިގެން އެނގެން އޮންނަ އޮތުމާއި، އަދި އެ ބޯޓު ރާއްޖޭގެ ސަރަހައްދުގައި ނެތްއިރު، އަދި އެބޯޓުގެ އޯނަރ (މިލްކުވެރިޔާ) އަކީ ކޮންފަރާތެއްކަން ނޭގޭއިރު، ބޯޓުގެ ވެރި ފަރާތުން ދިމާވާ އެންމެހައި ކަންތައްތަކުގައި، ޒިންމާ އުފުލަންޖެހެނީ އެ ބޯޓުގެ އޭޖެންޓުކަން އެނގޭއިރު، ރާއްޖެއަށް އަންނަ ބޯޓެއް ރާއްޖެއިން ބޭރަށް ފުރައިގެންދެވޭނީ އެ ބޯޓުގެ ފަރާތުން އުފުލަންޖެހޭ އެންމެހައި ޒިންމާތައް އަދާކޮށްފައިވާކަމުގެ "ކްލިއަރެންސް" ކަސްޓަމްސްއިން ލިބިގެންކަމާއި މިގޮތުން މި ކްލިއަރެންސް ދެވޭނީ އެފަދަ ޒިންމާއެއް އަދާކުރަންނެތްކަމަށް ޝިޕް އޭޖެންޓު ކަށަވަރުކޮށްދިނުމަށްޓަކައި ހުށަހަޅާ ހުށަހެޅުމުންކަމާއި، ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރާއި ކަސްޓަމްސްގެ ކޮންޓްރޯލް ދަށުގައިވާ އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރެވޭނީ، އެ އޭޖެންޓު ތަމްޘީލުކުރާ އުޅަނދުފަހަރަށް ދިމާވާ އެންމެހައި މައްސަލަތަކުގައި ޒިންމާވާނެކަމުގެ ލިޔުން، ލޯކަލް ޝިޕިންގް އޭޖެންޓް ރަޖިސްޓަރީ ކުރަން ހުށަހަޅާއިރު، ހުށަހެޅުމުންކަމާއި އެސް.ޓީ.އޯ އަކީ ލޯކަލް ޝިޕިންގ އޭޖެންޓެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުންޏެއްކަމާއި އެމް.ވީ ކަރަކަޖާޔާ ނިއާގާ 32-III ނަމަކަށްކިޔާ ބޯޓު 27 އޮކްޓޯބަރ 2004 ގައި ރާއްޖެއަށް އައީ އެސް.ޓީ.އޯ ގެ އޭޖެންޓުކަމުގެ ދަށުން ކަމަށްވާތީ އާއި ކ. ތިލަފުށީގައި އޮންނަ އެޕޯލޯ ހޯލްޑިނގްސް ޕްރައިވެޓް ލިމިޓެޑްގެ ޖެޓީގައި އެމް.ވީ ކަރަކަޖާޔާ ނިއާގާ 32-III ނަމަކަށްކިޔާ ބޯޓުން ޖެހި، އެ ޖެޓީއަށް ގެއްލުން ލިބިފައިވާތީ އެ ބޯޓުގެ އޭޖެންޓުގެ ހައިޘިއްޔަތުން އެސް.ޓި.އޯ އިން އުފުލަންޖެހޭ ޒިންމާ އެސް.ޓީ.އޯ އިން އުފުލަންވާނެކަން އެނގެން އޮންނަކަމާއި ރާއްޖެއަށް ރާއްޖެއިން ބޭރުންއަންނަ އުޅަނދުފަހަރާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ އުޅަނދުފަހަރުގެ އޭޖެންޓްކަން ކުރެވޭނީ އެ ކުންފުންޏެއް ލޯކަލް ޝިޕިންގެ އޭޖެންޓެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓްރީކުރުމަށްފަހުގައިކަމާއި، ލޯކަލް ޝިޕިންގް އޭޖެންޓެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާއިރު، އެ ކުންފުންޏެއްގެ އޭޖެންޓްކަމުގެ ދަށުގައިވާ އުޅަނދުފަހަރަށް ދިމާވާ އެންމެހައި މައްސަލަތަކުގައި ޒިންމާ އުފުލާނެކަމުގެ ލިޔުމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީއިން ދޫކޮށްފައިވާ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި، ކުންފުނީގެ އަސާސީ ޤަވާޢިދު (މެމޮރަންޑަމް އޮފް އެސޯސިއޭޝަން) ގެ ކޮޕީއެއް ހުށަހަޅަންވާނެކަމާއި، އަދި އޭޖެންޓެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ހުށަހަޅާ ކުންފުންޏަކީ އެ ކުންފުނީގެ މަޤްޞަދުތަކުގެ ތެރޭގައި ލޯކަލް ޝިޕިންގ އޭޖެންޓްކަންކުރުން ހިމެނޭ ކުންފުންޏަކަށްވާންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، އެސް.ޓީ.އޯ ލޯކަލް ޝިޕިންގް އޭޖެންޓެއްގެ ގޮތުގައި ރަޖިސްޓަރީކުރެވިފައިވަނީ، އެ ކުންފުނީގެ އެ ޖެންޓުކަމުގެ ދަށުން ރާއްޖެއަށް އަންނަ އުޅަނދުފަހަރަށް ދިމާވާ އެންމެހައި ކަންތައްތަކުގެ ޒިންމާ އުފުލާނެކަމުގެ އިޤްރާރު ލިޔުން ހުށަހަޅާފައިވާތީކަމަށް ޤަބޫލުކުރެވޭއިރު، އެމް.ވީ ކަރަކަޖާޔާ ނިއާގާ 32-III ނަމަކަށްކިޔާ ބޯޓު ރާއްޖެއަށް އައީ އެސް.ޓީ.އޯ ގެ އޭޖެންޓްކަމުގެ ދަށުންކަމަށްވެފައި، އެ ބޯޓަށް ދިމާވާ އެންމެހައި މައްސަލަތަކުގައި ޒިންމާ އުފުލަންޖެހޭ ފަރާތަކީ އެ ބޯޓުގެ އޭޖެންޓުކަންކުރި ފަރާތްކަމުގައިވާ އެސް.ޓީ.އޯ. ކަމަށް ޤަބޫލުކުރެވޭތީ ކ. ތިލަފުށީގައި އޮންނަ އެޕޯލޯ ހޯލްޑިނގްސް ޕްރައިވެޓް ލިމިޓެޑްގެ ޖެޓީގައި އެމް.ވީ ކަރަކަޖާޔާ ނިއާގާ 32-III ނަމަކަށްކިޔާ ބޯޓުންޖެހި، އެ ޖެޓީއަށް ލިބުނުގެއްލުމުގެ ޒިންމާއުފުލަންޖެހޭފަރާތަކީ އެސް.ޓީ.އޯ. ކަން ޝަރުޢީ ހަމަތަކުގެ މަތިން ބަލަންޖެހޭކަމަށް ހައިކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ނުކުތާތަކަށް ވިސްނައި ނަޒަރު ހިންގާއިރު؛
މެރިޓައިމް ލޯގައި ޝިޕިންގް އޭޖެންޓުގެ މަސްއޫލިއްޔަތަތުތައް ކަނޑައެޅިފައިވާ ގޮތަށާއި ހަރުދަނާކަމާއެކު ޤާއިމްވެފައިވާ އެޑްމިރަލްޓީ އުޞޫލުތަކާއި ޕްރެކްޓިސްތަކާއި ދިވެހިރާއްޖޭގައި މިކަންތަކުގައި ޢަމަލުކުރާ ޤާނުނީ އުޞޫލުތަކަށް ބަލާއިރު، ޝިޕް އޭޖެންޓަކީ އޭޖެންޓެއްގެ މަސައްކަތްތައް އަދާކުރާ މީހެއް ނުވަތަ ކުންފުންޏެއްފަދަ ޤާނޫނީ ޝަޚްސެއްކަމުގައިވިޔަސް ނުވަތަ އެ ފަރާތުގެ ބިޒްނެސްއަކީ ޝިޕް އޭޖެންޓްކަން ކުރުންކަމުގައިވިޔަސް ނުވަތަ ޝިޕް އޭޖެންޓްކަން ކުރަނީ އިތުރު ބިޒްނެސްއެއްގެ ގޮތުގައި ކަމަށް ވިޔަސް ނުވަތަ "ޝިޕްއޯނިން" ނުވަތަ "އޮޕެރޭޓިން" ނުވަތަ "ކާރގޯ ހޭންޑްލިން" ފަދަ އެހެން މަސައްކަތްތަކާގުޅިފައިވާ މަސައްކަތެއްގެ ގޮތުގައި ކަމަށްވިޔަސް އޭނާ ހަރަކާތްތެރިވަނީ ޝިޕްގެ މާސްޓަރުގެ ނުވަތަ ވެރިފަރާތުގެ ސަރވެންޓެއްގެ ގޮތުގައިކަމަށް އިންޓަރނޭޝަނަލް މެރިޓައިމް ކޮންވެންޝަންގައި ބަޔާންވެފައިވާކަމާއި، ޝިޕް އޯނަރގެ ނުވަތަ ޗާރޓަރސްގެ އޭޖެންޓުގެ މަސްއޫލިއްޔަތު އެޑްމިރަލްޓީ ޖުރިސްޕްރޫޑެންސްގައި ކަނޑައެޅިފައިވާގޮތަށް ރިޢާޔަތްކުރާއިރު، ކޮމަން ލޯ ރޫލްގައި ބުނާ އޭޖެންޓުގެ މުވައްކިލު (ޕްރިންސިޕަލް) އަކީ ކޮންފަރާތެއްކަން ހާމަވެ އެނގެން އޮތްނަމަ އެ މުވައްކިލު (ޕްރިންސިޕަލް) ގެ އޭޖެންޓަކީ އެ މުވައްކިލު ޒިންމާވާންޖެހޭ ޢަމަލުތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތެއްނޫންކަމުގައި ކަނޑައެޅިފައިވާ އުޞޫލަކީ އެޑްމިރަލްޓީ ދާއިރާގައި ޤަބޫލުކުރެވޭ އުޞޫލެއްކަން އެނގޭކަމާއި އެހެންކަމުން، ބޯޓުގެ އޯނަރއަކީ ކާކުކަން ފާޅުވެ އެނގެން އޮންނަ ޙާލަތްތަކުގައި އޭޖެންޓް އުފުލަން ޖެހޭ ޒިންމާއަކީ، ހަމައެކަނި އޭޖެންޓުގެ ހައިޘިއްޔަތުން ވާޖިބު އަދާކުރުމުގައި، އޭނާކުރާ ޢަމަލެއް ނުވަތަ އިހްމާލެއް ނުވަތަ، ޑިކްލަރޭޝަނެއް ގެ ސަބަބުން ލިބޭގެއްލުން ފަދަ ގެއްލުންތަކުގެ ބަދަލުކަމާއި އޭޖެންޓުގެ މުވައްކިލު (ޕްރިންސިޕަލް) އުފުލަންޖެހޭ ޒިންމާތައް އުފުލަންޖެހޭނީ ޕްރިންސިޕަލް ކަމާއި އެހެން ނަމަވެސް، ޝިޕް އޭޖެންޓުގެ މަސްއޫލިއްޔަތާ ގުޅިގެން ސިވިލް ލައެބިލިޓީ (މަދަނީ މަސްއޫލިއްޔަތު) ޕަބްލިކް ލައެބިލިޓީ (މަސްއޫލިއްޔާ ޢާއްމާ) ކަނޑައެޅުމުގެ މަޤުޞަދުގައި އެކި ޤައުމުތަކުގައި ޢަމަލުކުރެވޭ ރޫލްތަކަށް ބަލާއިރު، ޝިޕް އޭޖެންޓް ޝިޕް އޯނަރއާ ވަކިންނާއި ޝިޕްއޯނަރއާއެކު އުފުލަންޖެހޭ ސިވިލް ލައެބިލިޓީ އާއި ޕަބްލިކް ލައެބިލޓީ ޒިންމާތަކެއް ބައެއް ޤައުމުތަކުގައި ޤާނޫނީ ގޮތުން ކަނޑައަޅާފައި ހުންނަކަން އެނގޭކަމާއި އެގޮތުން ޑޮކްއަށް ނުވަތަ ބަނދަރަށް އުޅަނދުން (ޝިޕްއިން) ލިބޭގެއްލުން ފަދަ ގެއްލުންތަކަށް ދޭންޖެހޭ ބަދަލު ނުވަތަ ދައްކަންޖެހޭ ސެކިޔުރިޓީ އެ އުޅަނދަށް ބަނދަރުން ފުރުމުގެ ހުއްދަދިނުމުގެ ކުރިން ދައްކައި ޚަލާސްކުރަންޖެހޭ ފަރާތަކީ އުޅަނދުގެ މިލްކުވެރިފަރާތް (ޝިޕް އޯނަރ) ކަމާއި އަނެއްބައި ޤައުމުތަކުގައި، ބަނދަރުން ފުރުމުގެ ހުއްދަ އުޅަނދަށް ދެވުނު ކަމުގައިވިޔަސް އެ ހުއްދަ އެދެވެނީ އޭޖެންޓް ބުނެވިދިޔަ ފަދަ ގެއްލުންތަކުގެ ބަދަލާއި ސެކިޔުރިޓީ ދައްކައި ޚަލާސްކުރާނެކަމުގެ މައްޗަށްކަމާއި އެ ފައިސާ ދެއްކުމަށްފަހު އޭގެ އިންޑެމްނިފިކޭޝަން ހޯދުމަށް އުޅަނދުގެ މިލްކުވެރިފަރާތަށް ރުޖޫޢަވާންޖެހޭ ފަރާތަކީ އޭޖެންޓުކަމާއި މިގޮތުން، މިސާލަކަށް ޔޫ.ކޭ ފަދަ ޤައުމުތަކުގައި ޕެނަލްޓީތަކާއި ޖޫރިމަނާތަކުގެ ފައިސާވެސް ދައްކަންޖެހެނީ ސީދާ ޝިޕް އޭޖެންޓުކަން އެނގެން އޮންނަކަމާއި މި އުސޫލުގެމަތިން، ގިނަ ޤައުމުތަކުގެ ޤާނޫނީ ނިޒާމް ހަމަޖެހިފައި އޮންނަގޮތުން، ބަނދަރު ޤަވާޢިދުތަކާ ޚިލާފުވުމުގެ ސަބަބުން ނުވަތަ ބަނދަރަށް އުޅަނދުން ލިބޭގެއްލުމެއްގެ ނުވަތަ ބަނދަރު ޓެރިފްތަކުގެ ތެރެއިން ބޯޓުގެ ފަރާތުން، އަދާކުރަންޖެހޭ ފީ ނުވަތަ ފައިސާއެއް ދެއްކުމުގެ ޒިންމާ ޝިޕިންގ އޭޖެންޓް އަދާކުރަން ޖެހޭކަމާއި ބޯޓުގެ ނުވަތަ ބޯޓުގެ މާސްޓަރ އަދާކުރަންޖެހޭ ފީތަކާއި ފައިސާ އާއި ބޯޓުގެ ސަބަބުން ބަނދަރަށް ލިބޭގެއްލުމުގެ ބަދަލުގައި ދައްކަންޖެހޭ ފައިސާ ފަދަ ޒިންމާއެއް އޮތްނަމަ އެ ޒިންމާ އަދާކުރުމުން މެނުވީ އުޅަނދެއް ފުރުމަށް ދޭންޖެހޭ ކަސްޓަމްސް ސެރޓިފިކޭޓް ފަދަ ލިޔުންތައް ދޫނުކޮށް ހިފެހެއްޓޭކަމާއި އެފަދަ ލިޔުންތައް އޭޖެންޓުގެ ޒިންމާގެ ދަށުން ހޯދައިދީގެން ޝިޕް އޭޖެންޓް މެދުވެރިވެގެން ބޯޓު ފުރުވާލެވޭއިރު، ބޯޓުގެ ފަރާތުން އަދާކުރަންޖެހޭ އެފަދަ ފައިސާތައް ޚަލާޞްކުރުމުގެ ޒިންމާ އޭޖެންޓް އުފުލަންޖެހޭކަން އެނގޭކަމާއި މިފަދަ ރޫލްތަކަކީ އެޑްމިރަލްޓީ އުސޫލުތަކާއި ރޫލްތަކުގެ ތެރޭގައި ޤަބޫލުކުރެވިފައިވާ އުޞޫލުތަކާއި ރޫލްތަކެއްކަން އެނގޭކަމާއި ބަނދަރު ޤަވާޢިދަކާ ޚިލާފުވުމުގެ ސަބަބުން ނުވަތަ ބަނދަރަށް އުޅަނދުން ގެއްލުމެއް ލިބުމުގެ ސަބަބުން ނުވަތަ ބަނދަރު ޓެރިފްތަކުގެ ތެރެއިން ބޯޓުގެ ފަރާތުން ދައްކަންޖެހޭ ފައިސާގެ ޒިންމާއާ ގުޅިގެން އުޅަނދު އަދި އުޅަނދުގެ މިލްކުވެރިފަރާތާ ދެކޮޅަށް އެޅޭ ފިޔަވަޅުތަކުގެ ތެރޭގައި، ބޯޓު ހިފެހެއްޓުން ނުވަތަ ބޯޓު ފުރުން މަނާކުރުން ނުވަތަ ބޯޓު ވިއްކާލުން، ނީލަންކިޔުން ފަދަ ޤާނޫނީ އިޖުރާއާތުތަކާއި އަދި މިކަންކަމާ ގުޅިގެން ހޯދަންޖެހޭ ކޯޓު އަމުރުތައް ހޯދުން ފަދަ ތަންފީޒީ ވަސީލަތްތަކުން ބޯޓަށް ސަލާމަތްވެވުނީ ޝިޕް އޭޖެންޓު މެދުވެރިވެގެން އެފަރާތުގެ ޒިންމާގެ ދަށުން ކަމަށްވާނަމަ، އަދި އަމުދުން، އޭޖެންޓު ގެ ޒިންމާދަށުގައިވާ އުޅަނދުގެ މިލްކުވެރިޔާއަކީ ކާކުކަން އެނގެން ނެތްނަމަ، ބަނދަރު ޤަވާޢިދުތަކާ ޚިލާފުވުމުގެ ސަބަބުން ނުވަތަ ބަނދަރަށް ގެއްލުމެއް ލިބުމުގެ ސަބަބުން ދޭންޖެހޭ ބަދަލު ނުވަތަ ބަނދަރު ޓެރިފްތައް ފަދަ ބޯޓުގެ ފަރާތުން ދައްކަންޖެހޭ ފައިސާ ދެއްކުން ފަދަ ޒިންމާތަކަކީ ޝިޕް އޭޖެންޓުގެ ހައިޘިއްޔަތުން ޝިޕް އޭޖެންޓާ ޤާނޫނީގޮތުން ޒިންމާކުރެވޭ ޒިންމާތަކެއްކަމާއި، އަދި މިގޮތުން، އުޅަނދަކުން ލިބޭގެއްލުމަކާ ގުޅިގެން ނުވަތަ ޝިޕް އޭޖެންޓުގެ އަމަލެއްގެ ސަބަބުން ލިބޭ ގެއްލުމަކާ ގުޅިގެން، ގެއްލުންލިބުނު ފަރާތުން އެފަރާތުގެ ޙައްޤު ހޯދުމަށްޓަކައި އުޅަނދާއި އުޅަނދުގެ މައްޗަށް ކުރެވޭ ދައުވާގެ ތެރޭގައި "އެކްޝަން އިން ރެމް" ގެ އުސޫލުގެ މަތިންކުރެވޭ ދައުވާއާއި ކަމާގުޅުންހުރި ފަރާތުގެ މައްޗަށް "އެކްޝަން އިން ޕަރސޮނަމް" ގެ އުސޫލުން ކުރެވޭ ދަޢުވާ ހިމެނޭކަން ފާހަގަކުރެވެއެވެ.
އިސްވެ ބަޔާންވެ ދިޔަ ކަންތައްތައް ބުނެވިދިޔަގޮތަށް ހުރުމުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެ.ސްޓީ.އޯ) އިން ގެނައި ހިލަ އާއި ހިލަވެލި އުފުލައިގެން އެ ކުންފުނީގެ އޭޖެންޓުކަމުގެ ދަށުން ރާއްޖެ އައި އެމް.ވީ ކަރަކަޖާޔާ ނިއާގާ 32-III ނަމަކަށްކިޔާ ބޯޓުން ކ. ތިލަފުށީގައި އޮންނަ އެޕޯލޯ ހޯލްޑިނގްސް ޕްރައިވެޓް ލިމިޓެޑްގެ ޖެޓީގައި ޖެހި، އެ ޖެޓީއަށް ލިބިފައިވާ ގެއްލުމުގެ މައްސަލަ ހިނގަހިނގާ އޮއްވައި، އޭޖެންޓުގެ ހައިޘިއްޔަތުން ކަސްޓަމްސް ކްލިއަރެންސް އެ ކުންފުނިން ހޯދައިދީގެން އެ ބޯޓު ފުރުވާލާފައިވާއިރު، އެކަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، ޖެޓީއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަން ބޭނުންވާ ދަޢުވާއާ ގުޅިގެން އެ ބޯޓާއި އެ ބޯޓުގެ މިލްކުވެރިފަރާތާ ދެކޮޅަށް އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމަށް ލިބޭ ޙައްޤުތަކުގެ ބޭނުންހިފައި އެފަދަ އިޖުރާއާތުތަކަށް އަމަލުކުރުމަކީ އެޕޯލޯ ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑުގެ ކަމެއްކަމުގައިވާއިރު، އެފަދަ ފިޔަވަޅުތައް އެކަށީގެންވާގޮތަށް އެޅިފައިވާކަން ސާބިތުކުރެވިފައިވާކަމަށް ނުފެންނާތީ، ޝިޕިން އޭޖެންޓުގެ ޒިންމާތައް ބަޔާންވެދިޔަގޮތައް ހުރިކަމުގައިވިޔަސް މި މައްސަލާގެ އިޖުރާއާތު ހިންގިފައިވާގޮތަށް ބަލާއިރު، އެމް.ވީ ކަރަކަޖާޔާ ނިއާގާ 32-III ނަމަކަށްކިޔާ ބޯޓުން ކ. ތިލަފުށީގައި އޮންނަ އެޕޯލޯ ހޯލްޑިނގްސް ޕްރައިވެޓް ލިމިޓެޑްގެ ޖެޓީގައިޖެހި އެ ޖެޓީއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަ މިހާރު ގޮސްފައިވާ ހިސާބުން ދެން ކުރިއަށް ގެންދެވޭނީ ނުވަތަ ދައުވާކުރެވޭނީ އެމް.ވީ ކަރަކަޖާޔާ ނިއާގާ 32-III ނަމަކަށްކިޔާ ބޯޓާއި އެ ބޯޓުގެ މިލްކުވެރިފަރާތުގެ މައްޗަށްކަމަށް ޤަބޫލުކުރެވޭތީ މި ސަބަބައްޓަކައި މި މައްސަލަ ބެއްލެވި އެހެން ފަނޑިޔާރުން އިއްތިފާޤު ވެފައިވާ ޙުކުމާ އިއްތިފާޤުވެ، އެހެންނަމަވެސް ޙުކުމަށް ވާސިލުވި ސަބަބު ތަފާތުވެފައިވާތީ އެ ސަބަބު ބަޔާންކޮށް އިއްވަމެވެ.
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.