ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2013/SC-A/04ސުޕްރީމް ކޯޓު · 31 މާރިޗު 2014

—

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 31 މާރިޗު 2014ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2013/SC-A/04

ދަޢުވާކުރާ ފަރާތް: އިލެކްޝަންސް ކޮމިޝަން

ދަޢުވާލިބޭ ފަރާތް: ޢަބްދުﷲ ސަޢީދު

މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ

މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން

ހުށަހެޅުނު ތާރީޚް: 08 ޖެނުއަރީ 2013

ރަޖިސްޓަރީ ކުރެވުނު ތާރީޚު:1\331ޖެނުއަރީ20131ހގފ12.

ނިމުނު ތާރީޚް: 31 މާޗް 2014

މައްސަލަ ނިންމި ގަޑި: 11:10

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޢާދަމް މުޙައްމަދު ޢަބްދުﷲ

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2011/HC-A/250

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 26 އޮކްޓޯބަރ 2010

ނިމުނު ތާރީޚް: 28 އޯގަސްޓް 2012

ފާހަގަކުރެވުނު ނުކުތާތައް

1- މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/250 ގެ ޤަޟިއްޔާ، އެ ކޯޓުން ނިންމަވާފައިވަނީ، ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށްބުނެ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާލިބުނީ / ޢަބްދުﷲ ސަޢީދުއަށެވެ.

2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/250 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށްބެލިއިރު، އެޤަޟިއްޔާއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 72/VTR/2011 މައްސަލަ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްނޫންކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށްއެދި، / އަބްދުﷲ ސަޢީދު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެކޯޓުން ބައްލަވައި، ނިންމަވާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ.

3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/250 ގެ ޤަޟިއްޔާގެ ދަށުން އިސްތިއުނާފް ކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 72/VTR/2011 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ މައްސަލައަކީ، / ޢަބްދުﷲ ސަޢީދު އަށް 15 ސެޕްޓެމްބަރ 2010 ގައި 55 އަހަރުވުމުން، ޤާނޫނުގައިވާ ގޮތުގެ މަތިން ލިބެންޖެހޭ ޢިނާޔަތްތައް ހޯދައި، ލިބިގަތުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދުމުން ދެއްވި ޖަވާބާމެދުގައި ހިތްހަމަނުޖެހިގެން ކަމަށްބުނެ 55 އަހަރުގެ ރިޓަޔަރމަންޓް ޕެކޭޖް ހޯދުމަށްއެދި އިލެކްޝަންސް ކޮމިޝަނަށް، މައްސަލަ ރައްދުވާ ގޮތަށް 22 މެއި 2011 ގައި ޢަބްދުﷲ ސަޢީދު ހުށަހެޅުމުން ނިންމާފައިވާ މައްސަލައެއްކަމާއި،

އިސްވެބުނެވުނު ވަޒީފާއާބެހޭ ޓްރައިބުއުނަލްއިން، އެ ޓްރައިބިއުނަލްގެ ނަންބަރު 72/VTR/2011 ގެ މައްސަލަ ނިންމަވާފައިވަނީ، މައްސަލަ ހުށަހެޅި ފަރާތަކީ، 25 ސެޕްޓެމްބަރ 2008 ގައި މައްސަލަ ރައްދުވާ ފަރާތުގެ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއްކަމަށާއި، މައްސަލަ ހުށަހެޅި ފަރާތަކީ މައްސަލަ ރައްދުވާ ފަރާތުގެ މުވައްޒަފަކަށް ނުވާހިނދު އޭނާއަށް މާލީ ޢިނާޔަތެއް ދިނުމުގެ ޤާނޫނީ ޙައިޘިއްޔަތެއް ނެތަތީ އެފަދަ ޢިނާޔަތެއް ދޭންޖެހޭނެ ޖާގައެއް ނެތްކަމުގައި މައްސަލަ ރައްދުވާ ފަރާތުން ބުނިނަމަވެސް މައްސަލަ ހުށަހެޅި ފަރާތުން ހުރީ ތަޢުލީމު ޙާޞިލްކުރުމަށް މައްސަލަ ރައްދުވާ ފަރާތުން ޕެއިޑް ލީވްއެއްގައިކަން މައްސަލަ ހުށަހެޅި ފަރާތުން ސާބިތުކޮށްދީފައިވާތީ، މައްސަލަ ހުށަހެޅި ފަރާތަކީ މައްސަލަ ރައްދުވާ ފަރާތުގެ މުވައްޒަފެއްކަމުގައި ބަލަންޖެހޭ ކަމަށާއި، އެހެންނަމަވެސް، އިލެކްޝަންސް ކޮމިޝަންގެ ޤަވާޢިދު (2 ސެޕްޓެމްބަރ 2010) ގެ 15 ވަނަ މާއްދާގެ (ށ) ގައި 55 އަހަރުވުމުން ޢިނާޔަތް ދިނުމާއެކު ވަޒީފާއިން ވަކިކުރުމަކީ، އެކޮމިޝަނަށް ލިބިގެންވާ އިޚްތިޔާރެއްކަމަށް ބަޔާންކޮށްފައިވާތީ، މައްސަލަ ހުށަހެޅި ޢަބްދުﷲ ސަޢީދު އެދިފައިވާ ފަދައިން އޭނާއަށް 55 އަހަރުވުމުން ލިބޭ ރިޓަޔަރމަންޓް ޕެކޭޖް ދިނުމަށް މައްސަލަ ރައްދުވާ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާނެ ޖާގައެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމީކަމަށް ވިދާޅުވެ ކަމާއި މިކަންކަން އިސްވެ އިޝާރާތްކުރެވުނު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 72/VTR/2011 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

4- ދިވެހިރާއްޖޭގެ ހައިކޯޓުން، އެކޯޓުގެ ނަންބަރު 2011/HC-A/250 ޤަޟިއްޔާ ނިންމަވާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 72/VTR/2011 މައްސަލަ އެޓްރައިބިއުނަލްއިން ނިންމެވި ނިންމެވުމުގައި، އިލެކްޝަންސް ކޮމިޝަނުގެ ޤަވާއިދު (2ސެޕްޓެމްބަރ 2010) ގެ 15 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކުރާއިރު އެކޮމިޝަނުގެ މުވައްޒަފެއްގެ އުމުރުން 55 އަހަރުވުމުން ޢިނާޔަތްތައް ދިނުމާއެކު ވަޒީފާއިން ވަކިކުރުމަކީ އެކޮމިޝަނަށް ލިބިގެންވާ އިޚްތިޔާރެއްކަމަށް ބަޔާންކުރައްވައި، ޢަބްދުﷲ ސަޢީދު އެދިފައިވާ ފަދައިން އޭނާއަށް 55 އަހަރުވުމުން ލިބޭ ރިޓަޔަރމަންޓް ޕެކޭޖް ދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާނެ ޖާގައެއް ނެތްކަމަށް ކަނޑައަޅުއްވައި ނިންމަވާފައިވާ ނިންމެވުން ބާޠިލު ކުރައްވައި، ޢަބްދުﷲ ސަޢީދުއަކީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފެއްކަމުގައި ބަލަންޖެހޭކަމަށް ކަނޑައަޅުއްވައި ވަޒީއާބެހޭ ޓްރައިބިއުނަލުން ނިންމެވި ނިންމެވުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާކަން އެނގެން ނެތުމުން ޢަބްދުﷲ ސަޢީދަކީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފެއްކަމުގައި ބަލަންޖެހޭކަމާއި، ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން އިލެކްޝަންސް ކޮމިޝަނުގެ ވަޒީފާއިން ވަކިވާ މުވައްޒަފުންނާއި، އެކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ޤާނޫނުގައިވާ ގޮތުގެމަތިން މުސްކުޅިކުރުމުގެ ޢިނާޔަތް ލިބިދިނުމަކީ، އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައިވާ އިޚްތިޔާރެއް ނޫންކަމާއި ނަމަވެސް އެފަދަ މުވައްޒަފުންނަށް މުސްކުޅިކުރުމުގެ ޢިނާޔަތް ލިބިދިނުމަކީ ލާޒިމުކަމެއްކަމާއި، އެހެންކަމުން، ޢަބްދުﷲ ސަޢީދު އެދިފައިވާ ފަދައިން 55 އަހަރުވުމުން ލިބޭ ރިޓަޔަރމަންޓް ޕެކޭޖް ޢަބްދުﷲ ސަޢީދަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރު ކުރައްވައި ޙުކުމް ކުރައްވާފަކަމާއި މިކަންކަން އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ ޢިބާރާތްތަށް ބެލުމުން އެނގެއެވެ.

5- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/250 ގެ ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށްބުނެ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/250 ޤަޟިއްޔާއިން ނިންމަވާފައިވާ މައްސަލައިގެ ޙުކުމުގައި އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންގެ ތެރެއިން 55 އަހަރުވުމުން އަމިއްލައަށް އެދިގެން އިލެކްޝަންސް ކޮމިޝަނުގެ ވަޒީފާއިން ވަކިވާ މުވައްޒަފުންނާއި، އެ ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ޤާނޫނުގައިވާ ގޮތުގެ މަތިން މުސްކުޅިކުރުމުގެ ޢިނާޔަތްތައް ލިބިދިނުމަކީ އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ އިޚްތިޔާރެއް ނޫންކަމަށާއި އެފަދަ މުވައްޒަފުންނަށް މުސްކުޅިކުރުމުގެ ޢިނާޔަތް ލިބިދިނުމަކީ އިލެކްޝަންސް ކޮމިޝަނަށް ލާޒިމުކަމެއްކަމަށް ބުނެފައިވީނަމަވެސް، ވަޒީފާއިން ވަކިވާން ހުށަހެޅިއިރު ޢަބްދުﷲ ސަޢީދަކީ އިލެކްޝަންސް ކޮމިޝަނާއި އޭނާއާދެމެދު ވެވުނު އިޤްރާރެއްގެ ދަށުން ކިޔަވަން ގޮސްހުރި ފަރާތެކަމަށްވެފައި ޢަބްދުﷲ ސަޢީދު، ޤާނޫނު ނަންބަރު 76/29 (ސަރުކާރުގެ މަދަރުސާތަކުގައި ކިޔާވާ ކުދިންނާއި ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ޚިދުމަތް ކުރުމާބެހޭ ޤާނޫނު) ގެ ދަށުން ސަރުކާރަށް ޚިދުމަތް ކުރަންޖެހޭ 2.5 (ދެއަހަރާއި ބަޔަށް) ސަރުކާރަށް ޚިދުމަތްކުރުން ލާޒިމުވާހިނދު، ރިޓަޔާރމަންޓް ޕެކޭޖެއްދީ އޭނާ އެދިފައިވާ ފަދައިން ވަޒީފާއިން ވަކިކުރުމަކީ ކޮމިޝަނަށް ޤާނޫނީގޮތުން ކުރެވޭނެ ކަމަކަށްނުވާއިރުވެސް، ރިޓަޔަރމަންޓް ޕެކޭޖް އޭނާއަށް ދިނުމަށް ހައިކޯޓުގެ ޙުކުމުން ކަނޑައެޅި ކަނޑައެޅުމަކީ ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާކުދިންނާއި، ސަރުކާރުގެ ފަރާތުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ޚިދުމަތްކުރުމާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެކެވެ.

6- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/250 ގެ ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށްބުނެ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބަށާއި، މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ، މިމައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތަކަށާއި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި އަދި ހައިކޯޓުގެ މިބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފްކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 72/VTR/2011 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/250 ޤަޟިއްޔާ ގައި ކުރައްވާފައިވާ ޙުކުމަށް ބަލާއިރު، އެ ޙުކުމުގައި މައިގަނޑު ތިންކަމެއްގެ މައްޗަށް ފައިސަލާ ކުރައްވާފައިވާކަން އެނގޭކަމާއި އެގޮތުން އެ ޙުކުމުގެ ދަށުން ފައިސަލާ ކުރައްވާފައިވާ:

ފުރަތަމަކަމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 72/VTR/2011 މައްސަލަ އެ ޓްރައިބިއުނަލުން ނިންމި ނިންމެވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ޤަވާއިދު (2 ސެޕްޓެމްބަރ 2010) ގެ 15 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތް ކުރާއިރު އެ ކޮމިޝަނުގެ މުވައްޒަފެއްގެ ޢުމުރުން 55 އަހަރު ވުމުން ޢިނާޔަތްދިނުމާއެކު ވަޒީފާއިން ވަކިކުރުމަކީ، އެ ކޮމިޝަނަށް ލިބިގެންވާ އިޚްތިޔާރެއްކަމަށް ބަޔާންކުރައްވައި، ޢަބްދުﷲ ސަޢީދު އެދިފައިވާ ފަދައިން އޭނާއަށް 55 އަހަރުވުމުން ލިބޭ ރިޓަޔަމަންޓް ޕެކޭޖް ދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާނެ ޖާގައެއް ނެތްކަމަށް ކަނޑައަޅުއްވައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމަވާފައިވާ ނިންމެވުން ބާޠިލްކަމަށް ކަނޑައަޅުއްވައި ނިންމަވާފައިވާ ނިންމެވުންކަމާއި

ދެވަނަކަމަކީ ޢަބްދުﷲ ސަޢީދަކީ، އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފެއް ކަމުގައި ބަލަންޖެހޭކަމަށް ކަނޑައަޅުއްވައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމެވި ނިންމެވުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާކަން އެނގެން ނެތުމުން ޢަބްދުﷲ ސަޢީދަކީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފެއް ކަމުގައި ބަލަންޖެހޭ ކަމަށް ކަނޑައަޅުއްވައި ނިންމަވާފައިވާ ނިންމެވުންކަމާއި

ތިންވަނަކަމަކީ، ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން އިލެކްޝަންސް ކޮމިޝަނުގެ ވަޒީފާއިން ވަކިވާ މުވައްޒަފުންނާއި، އެ ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ޤާނޫނުގައިވާ ގޮތުގެމަތިން މުސްކުޅި ކުރުމުގެ ޢިނާޔަތް ލިބިދިނުމަކީ އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައިވާ އިޚްތިޔާރެއް ނޫންކަމާއި ނަމަވެސް އެފަދަ މުވައްޒަފުންނަށް މުސްކުޅި ކުރުމުގެ ޢިނާޔަތް ލިބިދިނުމަކީ ލާޒިމް ކަމެއްކަމާއި އެހެންކަމުން ޢަބްދުﷲ ސަޢީދު އެދިފައިވާ ފަދައިން 55 އަހަރު ވުމުން ލިބޭ ރިޓަޔަރމަންޓް ޕެކޭޖް ޢަބްދުﷲ ސަޢީދަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރައްވައި ނިންމަވާފައިވާ ނިންމެވުންކަމާއި

މިކަންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/250 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ ޢިބާރާތަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަކަމަކީ، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްދިނުންއެދި ހުށަހަޅާފައިވާ މިމައްސަލައިގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައިވާ ނުކުތާއަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/250 ޤަޟިއްޔާގެ ޙުކުމުގައި ފައިސަލާކުރައްވާފައިވާ އިސްވެ އިޝާރާތްކުރެވިދިޔަ ތިން ކަންތަކުގެ ތެރެއިން، ޢަބްދުﷲ ސަޢީދަކީ، އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފެއްކަމުގައި ބަލަންޖެހޭ ކަމަށް ކަނޑައަޅުއްވައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނިންމެވުމަށް ޗެލެންޖްކޮށް އެނިންމެވުމާމެދު ހިތްހަމަނުޖެހިގެން އެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިޤަޟިއްޔާގެ ދަށުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އިލްތިމާސްކޮށްފައި ނުވާކަން އެނގެއެވެ.

(ނ) ތިންވަނަ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 72/VTR/2011 މައްސަލަ އެ ޓްރައިބިއުނަލްއިން ނިންމެވިއިރު، އެ ޓްރައިބިއުނަލަށް އެ މައްސަލަ ހުށަހެޅި ޢަބްދުﷲ ސަޢީދު އެދިފައިވާ ފަދައިން އޭނާއަށް 55 އަހަރުވުމުން ލިބޭ ރިޓަޔަރމަންޓް ޕެކޭޖް ދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާނެ ޖާގައެއް ނެތްކަމަށް ކަނޑައަޅުއްވައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމަވާފައިވާ ނިންމެވުން، އެއަސާސެއްގެ މައްޗަށް ބިނާކޮށްފައިވާ ހަމައެކަނި އަސާސަކީ އިލެކްޝަންސް ކޮމިޝަނުގެ ޤަވާޢިދުގެ 15 ވަނަ މާއްދާގެ (ށ) ގައިވާ ޢިބާރާތްކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިސްވެ އިޝާރާތްކުރެވުނު މައްސަލައިގައި އެ ޓްރައިބިއުނަލްއިން ނިންމަވާފައިވާ ނިންމެވުމަށް ބެލުމުން އެނގެން އޮންނައިރު، އިލެކްޝަންސް ކޮމިޝަނުގެ ޤަވާޢިދުގެ 15 ވަނަ މާއްދާގެ (ށ) ގައި ބުނަނީ "މުވައްޒަފުގެ ޢުމުރުން 55 (ފަންސާސް ފަހެއް) އަހަރުވުމުން މި ޤަވާއިދުގައި ބުނެފައިވާ ގޮތުގެމަތިން ޢިނާޔަތް ދިނުމާއެކު ވަޒީފާއިން ވަކި ކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ." މިފަދައިން ކަމަށްވާއިރު، މި މާއްދާގެ މި އަކުރުގައި އައިސްފައިވާ "މި ޤަވާޢިދުގައި ބުނެފައިވާ ގޮތުގެ މަތިން ޢިނާޔަތް ދިނުމާއެކު" މި ޢިބާރާތުން، ޢުމުރުން 55 އަހަރުވުމުން ޢިނާޔަތްދިނުމާއެކު އިލެކްޝަންސް ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމުގައި ބަލަންޖެހޭނީ ހަމައެކަނި މި މާއްދާގެ މި އަކުރަށް ނޫންކަމާއި މީގެ އިތުރުންވެސް އިލެކްޝަންސް ކޮމިޝަނުގެ ޤަވާޢިދުގައި މިކަމާ ބެހޭގޮތުން ހުރިނަމަ ހުރި އެހެނިހެންވެސް މާއްދާތަކަށް ބަލަންޖެހޭނެކަން ސާފުކޮށް އެނގެން އޮންނައޮތުމެވެ.

(ރ) ހަތަރުވަނަކަމަކީ އިލެކްޝަންސް ކޮމިޝަނުގެ ޤަވާޢިދުގެ 15 ވަނަ މާއްދާގެ (އ) އަށް ބަލާއިރު އެ މާއްދާގެ އެ އަކުރުގައި ބުނަނީ "ޢުމުރުން 55 އަހަރުވުމުން ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން މުސްކުޅިކުރެވޭ މުވައްޒަފުން، ވަޒީފާއިން ވަކި ކުރަންވާނީ އަދި ޢިނާޔަތް ދޭންވާނީ، އެއިރަކު ސިވިލް ސާވިސް ކޮމިޝަނުން މިފަދަ ކަންކަމުގައި ޢަމަލުކުރާ ގޮތުގެ މަތިންނެވެ." މިފަދައިން ކަމަށްވީހިނދު، ސިވިލް ސަރވިސް ކޮމިޝަނުން މިފަދަ ކަންކަމުގައި ޢަމަލުކުރާގޮތުގެ މައްޗަށް ބެލުން، އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް، އެކޮމިޝަނުގެ ޤަވާޢިދުގެ 15 ވަނަ މާއްދާގެ (އ) އިން ލާޒިމުކޮށްފައިވާކަން އެނގެން އޮތުމުން، މި ބާވަތުގެ ކަންކަމާ ގުޅޭގޮތުން ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުޞޫލުތަކަށްވެސް ބަލަންޖެހޭނެކަން އެނގެން އޮންނައޮތުމެވެ.

(ބ) ފަސްވަނަކަމަކީ، މުވައްޒަފުންގެ ޢުމުރުން 55 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް، މުސްކުޅިކުރުމުގެ ޢިނާޔަތް ދިނުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ޢަމަލުކުރާގޮތުގެ މައްޗަށް ބެލިއިރު، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 49 ވަނަ މާއްދާގެ (ހ) ގައި ބުނަނީ "މުވައްޒަފެއްގެ ޢުމުރުން 55 އަހަރުވުމުން މި ޤާނޫނުގެ 50 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ." މިފަދައިންކަމާއި އަދި ހަމަ އެ ޤާނޫނުގެ 50 ވަނަ މާއްދާގެ (ށ) ގައި ބުނަނީ "މި ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ މުވައްޒަފުންނާއި، ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ޤާނޫނުގައިވާ ގޮތުގެ މަތިން މުސްކުޅިކުރުމުގެ ޢިނާޔަތް ލިބިދޭންވާނެއެވެ." މިފަދައިން ކަމަށްވުމުން އިލެކްޝަންސް ކޮމިޝަނުގެ ޤަވާޢިދުގެ 15 ވަނަ މާއްދާގެ (ށ) އާއި (އ) އަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 49 ވަނަ މާއްދާގެ (ހ) އާއި 50 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، ޢުމުރުން 55 އަހަރުވުމުން މުސްކުޅިކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކޮށް އަދި ޢިނާޔަތް ދިނުމުގައި އިލެކްޝަންސް ކޮމިޝަނަށް ލިބޭ އިޚްތިޔާރަކީ މުވައްޒަފުންގެ ޢުމުރުން 55 އަހަރުވުމުން މަޢުޤޫލު ސަބަބަކަށްޓަކައި އެ މުވައްޒަފަކު ވަޒީފާގައި ބެހެއްޓުމާއި ނުބެހެއްޓުމާމެދު ގޮތެއް ނިންމުމަށް ލިބިދީފައިވާ އިޚްތިޔާރުކަމާއި، ނަމަވެސް މުވައްޒަފެއްގެ ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ މުވައްޒަފުންނާއި، އެކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ޤާނޫނުގައިވާ ގޮތުގެ މަތިން މުސްކުޅިކުރުމުގެ ޢިނާޔަތް ދިނުމަކީ އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައިވާ އިޚްތިޔާރެއްނޫންކަމާއި ނަމަވެސް އެފަދަ މުވައްޒަފުންނަށް މުސްކުޅިކުރުމުގެ ޢިނާޔަތް ދިނުމަކީ ލާޒިމުކަމެއްކަން އެނގޭކަމާއި މިކަން މިމަގަށް އޮތްކަން އެނގި ކަށަވަރުވަނީ އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 50 ވަނަ މާއްދާގެ (ށ) ނިމިފައިވަނީ "ލިބިދޭންވާނެއެވެ." މިފަދައިން ކަމަށްވުމުން މި ޞީޣާއަކީ ލާޒިމުވުމާއި ވާޖިބުވުމުގެ މާނަ ކަށަވަރުކޮށްދޭ އަމުރުގެ ޞީޣާއެއްކަމަށްވެފައި މިޞީޣާގެ ދަށުން ލާޒިމުކޮށްފައިވާ ކަމެއް، ކުރުމާއި ނުކުރުމުގެ އިޚުތިޔާރު އޮތްކަން އެނގޭފަދަ އެހެން ދަލީލެއް ބުނެވުނު ޤާނޫނުގެ 50 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެފައި ނެތުމުންކަމާއި މިކަންކަން މި ބަޔާންކުރެވިދިޔަ ގޮތުގެމަތިން އެނގެން އޮންނަ އޮތުމެވެ.

(ޅ) ހަވަނަކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/250 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށްބުނެ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކުރި ނުކުތާގައި ފާހަގަކޮށްފައިވާ ޤާނޫނު ނަންބަރު 76/29 (ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ޚިދުމަތް ކުރުމާބެހޭ ޤާނޫނު) ގެ 7 ވަނަ މާއްދާއަށް ބަލާއިރު އެ މާއްދާގެ ފެށުމުގައި ބުނަނީ: "ރާއްޖެއިން ބޭރުގައި ތަމްރީނު ދެވޭ ކޯސްތަކުގައި ސަރުކާރުން ބައިވެރިކުރާ މީހުންނާއި، ރާއްޖެއިން ބޭރަށް ފޮނުވައިގެން ކިޔަވާދެވޭ މީހުން، އެމީހަކަށް ކިޔަވާދެވުނު، ނުވަތަ ތަމްރީނު ދެވުނު މުއްދަތަކާ ގުޅޭގޮތުން ތިރީގައި ބަޔާންވެގެންވާ ގޮތުގެމަތިން ސަރުކާރަށް ޚިދުމަތްކުރަންވާނެއެވެ." މިގޮތަށް ކަމަށްވުމުން މި މާއްދާގެ ދަށުން ކަނޑައެޅިފައިވާ މުއްދަތުތަކުގެ ދަށުން ސަރުކާރަށް ޚިދުމަތްކުރުން ލާޒިމުވާ ފަރާތްތައް ސަރުކާރަށް ޚިދުމަތްކުރުން ލާޒިމްވެގެންވާނީ މައިގަނޑު ދެ ކަމެއް ފުރިހަމަވުމުންކަމާއި އޭގެ ތެރެއިން ފުރަތަމަކަމަކީ، މި މާއްދާގެ ދަށުން ތަމްރީނުދެވޭ ކޯސްތަކުގައި ސަރުކާރުން އެހީވެގެން ބައިވެރިކުރާ ނުވަތަ ބައިވެރިވާ މީހުންނަށް، ހަމަޖެހިފައިވާ އުޞޫލުގެ މަތިން ސަރުކާރުން ދޭން ކަނޑައަޅާ މާލީ ޢިނާޔަތްތައް ނުވަތަ އެނޫންވެސް އެހީތައް ކޯސް ފުރިހަމަކުރެވެންދެން އެ ފަރާތްތަކަށް މެދުނުކެނޑި ސަރުކާރުން ފޯރުކޮށްދިނުންކަމާއި ދެވަނަކަމަކީ މި މާއްދާގެ ދަށުން ތަމްރީނުދެވޭ ކޯސްތަކުގައި ބައިވެރިކުރާ ނުވަތަ ބައިވެރިވާ މީހުން، އެ މީހުން ކިޔަވަން ނުވަތަ ތަމްރީނު ހޯދަން ފޮނުވުނު ކޯސް ބަރާބަރަށް ފުރިހަމަ ކުރެވުމުންކަމާއި މިކަންކަން މި މާއްދާގެ މަންޠޫޤުއަށާއި މަފްހޫމަށް ބެލުމުން އެނގެން އޮންނައިރު، ކުރީގެ ކޮމިޝަނަރ އޮފް އިލެކްޝަންސް ގެ އޮފީހުގައި 25 އޯގަސްޓް 2008 ގެ ތާރީޚްގައި "އަމިއްލަގޮތަށް ރާއްޖެއާއި، ރާއްޖެއިން ބޭރުގައި، މަތީ ތަޢުލީމް ކޯސްތައް ފުރިހަމަކުރާ މީހުންގެ ތެރެއިން ފައިސާގެ އެހީ ލިބުމަށް އެދޭ މީހުންގެ އިޤުރާރު" މި ނަމުގައިވާ އިޤުރާރަށް ބަލާއިރު ޤާނޫނު ނަންބަރު 76/29 ގެ ދަށުން އެ އިޤުރާރުގައި ބަޔާންވެގެންވާ މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރުމަށް ޢަބްދުﷲ ސަޢީދު އެއްބަސްވެފައިވާކަން އެނގެން އޮތްނަމަވެސް، ބުނެވުނު އިޤުރާރުގައި ބުނާ 3 އަހަރާއި 8 މަސްދުވަހުގެ ކޯހުގެ މުއްދަތަށް 2 އަހަރާއި 7 މަހާއި 3 ދުވަސް ވީފަހުން، އެ ކޯހުގެ މުއްދަތުގެ ތެރޭގައި (28 މާޗް 2011 ގައި)، ޢަބްދުﷲ ސަޢީދު ސޮއިކޮށްފައިވާ އިޤުރާރުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ޢަބްދުﷲ ސަޢީދަށް ދެމުންގެންދިޔަ މުސާރައާ އެއްވަރުގެ ފައިސާގެ އެހީ، ދިނުން ހުއްޓާލާފައިވާކަން އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު (2011/3/28) 38-AC/MIS/2011/369 ގެ ސިޓީއިން އެނގެން އޮތުމުންނާއި އަދި މިގޮތަށް ކަންތައް ދިމާވުމުގެ ސަބަބުން ޢަބްދުﷲ ސަޢީދު، ފުރިހަމަ ކުރަމުންދިޔަ ކޯސް ފުރިހަމަވެފައިނުވާކަން އެނގެން އޮތުމުން ޢަބްދުﷲ ސަޢީދު ސޮއިކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނުފަދަ އިޤުރާރެއް އޮތުމަކީ، ޢަބްދުﷲ ސަޢީދަށް ރިޓަޔަރމަންޓް ޕެކޭޖެއްދީ، ޢަބްދުﷲ ސަޢީދު އެދިފައިވާ ފަދައިން ވަޒީފާއިން ވަކިކުރުމަށް ޤާނޫނީ ގޮތުން ހުރަސްއަޅާ ސަބަބެއްކަމަށް ބަލަންޖެހޭނެކަމެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.

(ކ) ހަތްވަނަކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 72/VTR/2011 މައްސަލައަކީ، 25 އޯގަސްޓް 2008 ގައި ޢަބްދުﷲ ސަޢީދު ސޮއިކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު އިޤުރާރުގެ ދަށުން، އިލެކްޝަންސް ކޮމިޝަނުން ޢަބްދުﷲ ސަޢީދަށް ދިނުމަށް ކަނޑައެޅި މުސާރައާ އެއްވަރުގެ ފައިސާގެ އެހީ ދިނުން ހުއްޓާލައި، އެ ކޮމިޝަނުން ޢަބްދުﷲ ސަޢީދަށް މިގޮތުން އެހާތަނަށް ދީފައިވާ ފައިސާ އަނބުރާ އެ ކޮމިޝަނަށް ދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން ޢަބްދުﷲ ސަޢީދަށް އެންގުމުން، އެކަން ބައްލަވައި ފައިސަލާކޮށްފައިވާ މައްސަލައެއްނޫންކަން އެނގެން އޮންނާތީ، މުސާރައާ އެއްވަރުގެ ފައިސާގެ އެހީގެ ގޮތުގައި ޢަބްދުﷲ ސަޢީދަށް އިލެކްޝަންސްކޮމިޝަނުން ދެމުންގެންދިޔަ އެހީ ކަނޑާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި، ޢަބްދުﷲ ސަޢީދު ސޮއިކުރި އިސްވެ އިޝާރާތްކުރެވުނު އިޤުރާރުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ޢަބްދުﷲ ސަޢީދަށް ދީފައިވާ ފައިސާ އަނބުރާ ދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން ޢަބްދުﷲ ސަޢީދަށް އަންގާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ ބަލައި އެކަން ކަމާމެދު ގޮތެއް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން ކުރަންޖެހޭ ކަމެއްނޫންކަން އެނގެން އޮންނައޮތުމެވެ.

ޙުކުމް

އިސްވެ ބަޔާންކުރެވިދިޔަ ޤާނޫނީ ހަމަތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 72/VTR/2011 މައްސަލަ އެ ޓްރައިބިއުނަލުން ނިންމެވި ނިންމެވުމުގައި، އިލެކްޝަންސް ކޮމިޝަނުގެ ޤަވާޢިދުގެ 15 ވަނަ މާއްދާގެ (ށ) އަށް ހަމައެކަނި ރިޢާޔަތްކުރައްވައި އެ ކޮމިޝަނުގެ މުވައްޒަފެއްގެ ޢުމުރުން 55 އަހަރުވުމުން ޢިނާޔަތް ދިނުމާއެކު ވަޒީފާއިން ވަކިކުރުމަކީ އެ ކޮމިޝަނަށް ލިބިގެންވާ އިޚްތިޔާރެއްކަމަށް ބަޔާންކުރައްވައި، ޢަބްދުﷲ ސަޢީދު އެދިފައިވާ ފަދައިން އޭނާއަށް 55 އަހަރުވުމުން ލިބޭ ރިޓަޔަރމަންޓް ޕެކޭޖް ދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާނެ ޖާގައެއް ނެތްކަމަށް ކަނޑައަޅުއްވައި ނިންމަވާފައިވާ ނިންމެވުން ބާޠިލުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/250 ގެ ޤަޟިއްޔާގައި ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމާއި،

ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން އިލެކްޝަންސް ކޮމިޝަނުން ވަޒީފާއިން ވަކިވާ މުވައްޒަފުންނާއި، އެ ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ޤާނޫނުގައިވާ ގޮތުގެ މަތިން މުސްކުޅިކުރުމުގެ ޢިނާޔަތް ލިބިދިނުމަކީ އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައިވާ އިޚްތިޔާރެއްނޫންކަމަށާއި ނަމަވެސް އެފަދަ މުވައްޒަފުންނަށް މުސްކުޅިކުރުމުގެ ޢިނާޔަތް ލިބިދިނުމަކީ ލާޒިމުކަމެއްކަމަށް ބައްލަވައި، ޢަބްދުﷲ ސަޢީދު އެދިފައިވާ ފަދައިން 55 އަހަރުވުމުން ލިބޭ ރިޓަޔަރމަންޓް ޕެކޭޖް ޢަބްދުﷲ ސަޢީދަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރައްވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/250 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް

ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބެލެވޭނެތަނެއް ނެތްކަމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/250 ޤަޟިއްޔާގައި ކުރައްވާފައިވާ މި ބަޔާންކުރެވިދިޔަ ޙުކުމްތައް ރަނގަޅުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ ޢިއްތިފާޤުން ކަނޑައަޅައިފީމެވެ.

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު އަޙުމަދު މުޢުތަޞިމް އަދުނާން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ