—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2013/SC-A/08
ދަޢުވާކުރާ ފަރާތް: މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދަޢުވާލިބޭ ފަރާތް: އިސްމާޢީލް ނާފިޢު
މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 10 ފެބްރުވަރީ 2013
ރަޖިސްޓްރީކުރެވުނު ތާރީޚް: 03 މާރިޗު 2013
ނިމުނު ތާރީޚް: 15 މޭ 2017
މައްސަލަ ނިންމި ގަޑި: 14:39
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ
ނަންބަރު: 2010/HC-A/223
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 24 އޮކްޓޯބަރ 2010
ނިމުނު ތާރީޚް: 24 ސެޕްޓެމްބަރ 2012
ފާހަގަ ކުރެވުނު ނުކުތާތައް
1- މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 223 2010/HC-A/ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިލްތިމާސްކޮށްދިނުން އެދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ، އިސްމާޢީލް ނާފިޢުއަށެވެ.
2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/223ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 89/VTR/2009 މައްސަލަ އެ ޓްރައިބިއުނަލްއިން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އިސްމާޢީލް ނާފިޢުގެ ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/223 ޤަޟިއްޔާގެ ދަށުން، އިސްތިއުނާފުކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 89/VTR/2009 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ މައްސަލައަކީ، އެ މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ އިސްމާޢީލް ނާފިޢު ވަޒީފާއިން ވަކިކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން އެކަމާ އިޙްތިޖާޖުކުރުމުގެ ގޮތުން 732 މުވައްޒަފުން ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހެޅުމުގައި އިސްކޮށް ޙަރަކާތްތެރިވުމުން 02 މަސް ދުވަސް ވަންދެން މަސައްކަތެއް ޙަވާލުނުކޮށް ބެހެއްޓުމަށްފަހު، އެއްވެސް އިޞްލާޙީ ފިޔަވަޅެއް އެޅުމެއްނެތި، ކުއްލިގޮތަކަށް ކަމުން، އެ މައްސަލަ ބަލައި ކުރިން ހުރި ވަޒީފާއަށް ރުޖޫޢަވާން ބޭނުންވާކަމަށް ބުނެ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ރައްދުވާގޮތަށް 12 ސެޕްޓެމްބަރ 2009 ގައި އިސްމާޢީލް ނާފިޢުގެ ފަރާތުން މައްސަލަ ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ބަލައި ނިންމާފައިވާ މައްސަލައެއްކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އެ މައްސަލަ ނިންމާފައިވަނީ މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ނަޞޭޙަތެއް، އިންޒާރެއް، އަދި ޖޫރިމަނާ ކުރުމެއްނެތި ކުއްލިގޮތަކަށްކަމަށް ބުނެފައިވީ ނަމަވެސް، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގައި ބުނާ ފަދައިން 15 ޖުލައި 2009 ގައި މައްސަލަ ހުށަހަޅާ ފަރާތާއި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރއާއެކު ބޭއްވުނު ބައްދަލުވުމުގައި އިސްމާޢީލް ނާފިޢުއަށް ނަޞޭޙަތެއް ދެވިފައިވާކަން ސާބިތުވާތީ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރެވިފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާ ޚިލާފުނުވާގޮތަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ އަޣުލަބިއްޔަތުން ކަނޑައަޅައި މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ އިސްމާޢީލް ނާފިޢު އެދިފައިވާގޮތަށް ކުރިން ހުރި ވަޒީފާ އަނބުރާ ހަމަޖައްސައި ދިނުމަށް މައްސަލަ ރައްދުވާ ފަރާތްކަމުގައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް އަންގާނެތަނެއް ނެތްކަމަށް ކަނޑައަޅައިގެންކަމާއި،
މި ކަންކަން އިސްވެ އިޝާރާތްކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 89/VTR/2009 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ބެލުމުން އެނގެއެވެ.
4. ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2010/HC-A/223 ޤަޟިއްޔާ ނިންމާފައިވަނީ،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 89/VTR/2009 މައްސަލައިގައި އެ ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް އެ މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނުހިނދު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 89/VTR/2009 މައްސަލައިގައި އެ ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުން ބާޠިލްކޮށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި، އިސްމާޢީލް ނާފިޢު އަދާކުރަމުންދިޔަ ފެންވަރުގެ ވަޒީފާއެއް 24 ސެޕްޓެމްބަރ 2012 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އިސްމާޢީލް ނާފިޢުއަށް ދިނުމަށާއި، އިސްމާޢީލް ނާފިޢުއަކީ، އެއްވެސް ޙާލެއްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި 11 އޮގަސްޓް 2009 ދުވަހުން ފެށިގެން އިސްމާޢީލް ނާފިޢުއަށް ލިބެންވާ މުސާރަ އާއި ޢިނާޔަތްތައް 24 ސެޕްޓެމްބަރ 2012 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އިސްމާޢީލް ނާފިޢުއަށް ލިބިދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް އަންގައި، އެ މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމް ކޮށްގެންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/223 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/223 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއަށް މައިގަނޑު 03 (ތިން) ސަބަބެއް ހުށަހަޅައި އެކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާފައިވެއެވެ. އޭގެތެރެއިން:
ފުރަތަމަ ސަބަބަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި އިސްމާޢީލް ނާފިޢު، އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކުރެވިފައިވާ ސަބަބުތަކަކީ އޭގެ ޒާތުގައި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގެ ދަށުން ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރެވިދާނެ ޙާލަތްތަކެއްކަން ސާބިތު ކުރެވޭވަރުގެ ހުއްޖަތެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައި ނުވާކަމަށް ހައިކޯޓުން ނިންމާފައިވަނީ ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ ހެކިތައް ވަޒަންކުރުމުގައި، މަދަނީ މައްސަލަތަކުގައި ހުށަހެޅޭ ހެއްކާއި ޤަރީނާ ވަޒަންކުރަންޖެހޭ މިންގަނޑު "ބެލެންސް އޮފް ޕްރޮބެބިލިޓީ" އަށް ނުބަލައި، ޖިނާއީ މައްސަލަތަކުގައި ބަލަންޖެހޭ މިންގަނޑު "ބިޔޯންޑް އަ ރީޒަނަބަލް ޑައުޓް" އަށް ބަލާގެންކަމުން، ޢަދުލުވެރި ނިންމުމަކަށް ވާޞިލުވެވިފައިނުވާ ކަމަށްބުނެ ހުށަހެޅިފައިވާ ސަބަބެވެ.
ދެވަނަ ސަބަބަކީ، އިސްމާޢީލް ނާފިޢު ރީތި އަޚްލާޤީ މިންގަނޑުން ބޭރުން ޢަމަލުކޮށްފައިވާކަމަށް ބުނެ 15 ޖުލައި 2009 ގައި ކުންފުނީގެ މެނޭޖްމަންޓުން އިސްމާޢީލް ނާފިޢު އާ ބައްދަލުކޮށް ނަޞޭޙަތް ދެވިފައިވާކަމާއި އަދި މިކަމުގެ ތަފްޞީލް އެ ބައްދަލުވުމުގައި ދެވިފައިވާކަމަށް އިސްމާޢީލް ނާފިޢު އިންކާރު ކުރާ ކަމަށާއި، އަދި އިސްމާޢީލް ނާފިޢު ބައްދަލުވުމުގެ ޔައުމިއްޔާގައި ސޮއިކޮށްފައި ނުވާކަމަށާއި، އަދި މި ޔައުމިއްޔާއަށް ބެލުމުން، އިސްމާޢީލް ނާފިޢުއަށް ނަޞޭޙަތް ދެވިފައިވަނީ އޭނާގެ އަޚްލާޤު ދަށްވުމުގެ ސަބަބުން ކަމެއް އެނގެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާއިރު، 15 ޖުލައި 2009 ގައި ބޭއްވުނު ބައްދަލުވުމަކީ ހެކިން ތިބެގެން ބޭއްވުނު ބައްދަލުވުމެއް ކަމާއި، ކުންފުނީގެ މެނޭޖްމަންޓުން ބާއްވާ ބައްދަލުވުމެއްގައި އިސްމާޢީލް ނާފިޢު ސޮއި ނުކުރުމުން ޔައުމިއްޔާގެ ޞައްޙަކަން ގެއްލިގެން ނުދާނެކަމާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މިކަމާ ބެހޭގޮތުން ހުށަހެޅުނު ހެކިތައް ވަޒަންކުރުމުގައި ޤާނޫނީ "ސްޓޭންޑަރޑް އޮފް ޕްރޫފް" އަށް ނުވަތަ މިންގަނޑުތަކަށް ބެލިފައިނުވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ތިންވަނަ ސަބަބަކީ، ދަޢުވާ ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރެވިފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށާއި، މިގޮތުން ޤާނޫނު ނަންބަރު 2008/02 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގެ ދަށުން ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރެވިދާނެ ޙާލަތްތަކެއްކަން ސާބިތުކުރުމަށްޓަކައި އެކަށީގެންވާ ހެކި ހުށަހެޅިފައިވީ ނަމަވެސް ހުށަހެޅުނު ހެކިތައް ވަޒަންކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑު އޮޅުވާލެވިފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމަކީ އިންޞާފުން އެއްކިބާވެފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/223 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތަކުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/223 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 89/VTR/2009 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށް، ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްމާޢީލް ނާފިޢު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އެސިސްޓެންޓް އޮފިސަރ ހިއުމަން ރިސޯސަސްގެ މަޤާމުގައި ހުއްޓައި، އެ ވަޒީފާއިން 11 އޯގަސްޓް 2009 ވަނަ ދުވަހު، އިސްމާޢީލް ނާފިޢު ވަކިކޮށްފައިވާކަމާއި، އިސްމާޢީލް ނާފިޢު ވަޒީފާއިން ވަކިކޮށްފައިވަނީ، ޙަވާލުކުރާ މަސައްކަތްތައް ބަރާބަރަށް ނިންމަމުން ނުދާތީ އާއި، ޙަވާލުކުރާ މަސައްކަތްތަކާ ބެހޭގޮތުން ރިޕޯޓުކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓުކުރަމުން ނުދާތީ އާއި، ކުންފުނީގައި މަސައްކަތްކުރާ ބައެއް އެހެނިހެން މުވައްޒަފުންނާ ކުންފުނީގެ މެނޭޖްމަންޓާ ޖެހޭގޮތަށް މުވައްޒަފުންގެ މެދުގައި ހަޤީޤަތާ ޚިލާފު ވާހަކަ ދައްކަމުންދާތީކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ނަންބަރު (2) 10A1/52/2009 (11 އޯގަސްޓް 2009) "ޓާރމިނޭޝަން ސްލިޕް"ގައި ބަޔާންވެފައިވާކަން އެނގެން އޮންނައިރު، އިސްމާޢީލް ނާފިޢު، ވަޒީފާއިން ވަކިކޮށްފައިވަނީ، ނޯޓިސް ދިނުމުގެ ބަދަލުގައި، ދެ މަސް ދުވަހުގެ މުސާރަ އާއި އެހެނިގެން ޢިނާޔަތްތައް އިސްމާޢީލް ނާފިޢުއަށް ލިބޭނެކަން އަންގާފައިކަމާއި، މިކަންކަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން 10 އޯގަސްޓް 2009 ގެ ތާރީޚުގައި، އިސްމާޢީލް ނާފިޢުއަށް ފޮނުވާފައިވާ، އެ ކުންފުނީގެ ނަންބަރު NC-10A1/2009/04 ސިޓީއިން އެނގެން އޮންނަ އޮތުމެވެ.
(ށ) ދެވަނަ ކަމަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މައްޗަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 89/VTR/2009 މައްސަލައިގެ ދަށުން، އިސްމާޢީލް ނާފިޢު ހުށަހަޅާފައިވާ މައްސަލައިގެ ޖަވާބުގައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އިސްމާޢީލް ނާފިޢު 11 އޯގަސްޓް 2009 ދުވަހު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ނަންބަރު (2) 10A1/52/2009 ޗިޓުން ވަޒީފާއިން ވަކިކުރެވިފައިވާކަމަށާއި އަދި10 އޯގަސްޓް 2009 ގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އިސްމާޢީލް ނާފިޢު ވަޒީފާއިން ވަކިކުރިކަން އަންގައި އޭނާއަށް ސިޓީ ފޮނުވިފައިވާކަމަށާއި، އިސްމާޢީލް ނާފިޢު ވަޒީފާއިން ވަކިކުރުމުގެ ކުރިން އޭނާއަށް ވަނީ އެކިފަހަރުމަތިން އަނގަބަހުން ނަޞޭޙަތްތެރިވެ އިންޒާރު ދެވިފައިކަމަށާއި، އެގޮތުގެމަތިން އިސްމާޢީލް ނާފިޢުއާއެކު ބޭއްވުނު ނަޞޭޙަތްތެރިވުމުގެ ބައްދަލުވުމުގެ ޔައުމިއްޔާ މި މައްސަލައިގެ ޖަވާބު ފޯމާއެކު ހުށަހަޅާފައިވާނެކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން އިޞްލާޙީ ފިޔަވަޅު އެޅުމުންވެސް އިސްމާޢީލް ނާފިޢުގެ އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް ފިޔަވަޅު އަޅާފައިނުވާތީ އާއި، ޙަވާލުކޮށްފައިވާ މަސައްކަތްތައް ބަރާބަރަށް ނިންމަމުންނުދާތީ އާއި، ޙަވާލުކުރާ މަސައްކަތްތަކާ ބެހޭގޮތުން ރިޕޯޓުކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓުކުރަމުންނުދާތީ އާއި، ކުންފުނީގައި މަސައްކަތްކުރާ ބައެއް އެހެން މުވައްޒަފުންނާއި ކުންފުނީގެ މެނޭޖްމަންޓާ ޖެހޭގޮތަށް މުވައްޒަފުންގެ މެދުގައި ޙަޤީޤަތާ ޚިލާފު ވާހަކަތައް ދައްކަމުންދާތީ، މި ސަބަބުތަކަށް ރިޢާޔަތްކޮށް ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އިސްމާޢީލް ނާފިޢު ވަޒީފާގައި ބެހެއްޓުމަކީ ކުންފުންޏަށް ގެއްލުންތަކެއް ލިބޭނެކަމެއްކަމަށްވާތީ އިސްމާޢީލް ނާފިޢު ވަޒީފާއިން ވަކިކުރީކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގައިވާ ފަދައިން ވަޒީފާއިން ވަކިކުރުމުގެ ގޮތުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި، އެ ނޯޓިސްގެ މުއްދަތުކަމަށްވާ ދެ މަސް ދުވަހުގެ މުސާރަ އާއި އެހެނިހެން ޢިނާޔަތްތައް ވާނީ އިސްމާޢީލް ނާފިޢުއަށް ލިބިދީފައިކަމަށާއި، އެހެންކަމުން އިސްމާޢީލް ނާފިޢުއަކީ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާއިން ވަކިކުރެވިފައިވާ ފަރާތެއްކަމަށް ބުނެ، މި ކަންކަމުގެ މައްޗަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން މައްސަލައިގެ ޝަރީޢަތަށް ބަޔާން ހުށަހަޅާ ވާހަކަ ދައްކާފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްމާޢީލް ނާފިޢު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި ދެމި ހުރިހާ ދުވަހަކު އިސްމާޢީލް ނާފިޢުގެ ވަޒީފާގެ ވާޖިބުތައް ފަރުވާތެރިކަމާއި، ތެދުވެރިކަމާއެކު އަދާކުރަމުން ގެންދިއުމަށާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މުވައްޒަފުންނާ ބެހޭގޮތުން ހަމަޖައްސާފައިވާ ޤަވާޢިދުގައިވާ ކަންތައްތައް ޤަބޫލުކޮށް، މުވައްޒަފުން ޢަމަލުކުރަންޖެހޭ ޤަވާޢިދުތަކާ އެއްގޮތަށް ޢަމަލުކުރަމުން ގެންދިއުމަށް އިސްމާޢީލް ނާފިޢު އެއްބަސްވެފައިވާކަމަށް، އިސްމާޢީލް ނާފިޢު ސޮއިކޮށްފައިވާ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ލެޓަރހެޑުގައިވާ 20 މާރޗް 2006 ގެ ލިޔުމުން އެނގެން އޮތުމުގެ އިތުރުން، އެއަރޕޯޓުގައި މަސައްކަތްކުރާއިރު، މުވައްޒަފުންނަށް އެއަރޕޯޓުގައި ދިމާވާ ދަތި މައްސަލަތައް ބަލައި، އެފަދަ މައްސަލަތައް ކަމާބެހޭ އިސްވެރިންނާ ހަމައަށް ގެނެސް އެކަމެއް ޙައްލުކުރުމަށް މަސައްކަތްކުރުމާއި، މަސައްކަތް ނިންމަންވީ ވަގުތަށް ނިންމުމަށް މަސައްކަތްކުރުމަކީވެސް އިސްމާޢީލް ނާފިޢުގެ މަޤާމުގެ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއްކަން އިސްމާޢީލް ނާފިޢުގެ ވަޒީފާ ބަޔާނުން އެނގެން އޮންނައިރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި އަދާކުރަމުންދިޔަ ވަޒީފާއިން 11 އޯގަސްޓް 2009 ގައި، އެ ކުންފުނިން އިސްމާޢީލް ނާފިޢު ވަކިކުރަންޖެހުނު ފުރަތަމަ ސަބަބަކީ، އިސްމާޢީލް ނާފިޢުއާ ޙަވާލުކުރާ މަސައްކަތްތައް ބަރާބަރަށް ނިންމަމުން ނުދިއުންކަމާއި، ދެވަނަ ސަބަބަކީ، ޙަވާލުކުރާ މަސައްކަތްތަކާ ބެހޭގޮތުން ރިޕޯޓުކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓުކުރަމުން ނުދިއުންކަން އެ ކުންފުނިން އިސްމާޢީލް ނާފިޢު ވަޒީފާއިން ވަކިކުރިކަން އަންގައި އިސްމާޢީލް ނާފިޢުއަށް ފޮނުވާފައިވާ ބަޔާންވެދިޔަ އެ ކުންފުނީގެ ލިޔުންތަކުން އެނގެން އޮންނައިރު، ކުންފުނީގެ އިސްވެރިންނަށް ނޭނގި، ކުންފުނީގެ ބޭރު ފަރާތްތަކަށް އިސްމާޢީލް ނާފިޢު އިސްވެހުރެ އިސްމާޢީލް ނާފިޢު ކުރިއަށް ގެންދާ ޕެޓިޝަނާބެހޭ އެއްވެސް މަޢުލޫމާތެއް ކުންފުނީގެ ޗެއަރމަންއަށް އިސްމާޢީލް ނާފިޢު އަންގާފައިނުވާތީ އާއި އަދި އެ ޕެޓިޝަނުގެ ޚަބަރު ޗެއަރމަންއަށް ލިބިފައިވަނީ އެހެން ފަރާތްތަކުން ކަމަށްވާތީ، އެފަދަ ޙަރަކާތެއް ހިންގުމުގެ ކުރިން ޗެއަރމަންއަށް އެކަން އެންގުމުގެ މުހިއްމުކަން ފާހަގަކުރުމާއެކު، ހިއުމަން ރިސޯސަސް މެނޭޖްމަންޓުގެ އެމްޕްލޯއީ ރިލޭޝަންސް މުވައްޒަފެއްގެ ގޮތުގައި ހުރެ، ކުންފުނީގެ ޗެއަރމަންއަށް އެއްވެސް މިންވަރަކަށް އެނގުމަކާ ނުލައި އިސްމާޢީލް ނާފިޢު ކުރިއަށް ގެންދާ ޕެޓިޝަން ތައްޔާރުކުރުމުގެ މަސައްކަތަކީ، ހިއުމަން ރިސޯސަސް ޔުނިޓުގެ މަޤުޞަދާ މުޅިން ޚިލާފު ކަމެއްކަމަށް ކުންފުނީގެ ޗެއަރމަން ދެކި، ކުންފުނީގެ ޗެއަރމަންގެ ސީދާ ބެލުމުގެ ދަށުން، ޕެޓިޝަންގެ މަސައްކަތްކުރުމަށް ވަކިން މޭޒެއް އިސްމާޢީލް ނާފިޢުއަށް ހަމަޖައްސައި، ހަމައެކަނި ޕެޓިޝަންގެ މަސައްކަތްކުރުމަށް އިސްމާޢީލް ނާފިޢުއަށް ކުންފުނީގެ ޗެއަރމަން އިސްމާޢީލް ނާފިޢުއަށް އަންގައި އަދި ކޮންމެ ތިން ދުވަހަކުން އެއްދުވަހަކު ޕެޓިޝަނާބެހޭ ޚުލާޞާއެއް، އިސްމާޢީލް ނާފިޢު، ކުންފުނީގެ ޗެއަރމަންއަށް އެންގުމަށް ކުންފުނީގެ ޗެއަރމަން ހަމަޖައްސާފައިވާކަން، އިސްމާޢީލް ނާފިޢު ހިމެނޭގޮތުން އިސްމާޢީލް ނާފިޢުގެ ޙާޟިރުގައި 28 މެއި 2009 ދުވަހު، ކުންފުނީގެ ޗެއަރމަން، އިސްމާޢީލް ނާފިޢުއާއެކު ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާއިން އެނގެން އޮންނައިރު، އެ ބައްދަލުވުމުން އިސްމާޢީލް ނާފިޢުއާ ޙަވާލުކުރެވުނު ޕެޓިޝަން ތައްޔާރުކޮށް ޗެއަރމަންއަށް ހުށަހެޅުމުގެ މަސައްކަތަކީ ކުންފުނީގެ މުވައްޒަފުންނަށް ދިމާވާ އެކި މައްސަލަތައް ބަލައި، އެފަދަ މައްސަލަތައް ކަމާބެހޭ އިސްވެރިންނާ ހަމައަށް ގެނެސް އެފަދަ މައްސަލަތައް ޙައްލުކުރުމަށްޓަކައި ކުންފުނީގެ ޗެއަރމަން، އިސްމާޢީލް ނާފިޢުއާ، ޙަވާލުކުރި މަސައްކަތެއްކަމަށް ބެލެވެން އޮތްއިރު، ކުންފުނީގެ ޗެއަރމަން އިސްމާޢީލް ނާފިޢުއާ ޙަވާލުކުރި މި މަސައްކަތް އެއްވެސް މިންވަރަކަށް އިސްމާޢީލް ނާފިޢު ކޮށްފައިނުވާކަމާއި، އަދި އެ ޕެޓިޝަނާބެހޭ އެއްވެސް ކަމެއް އިސްމާޢީލް ނާފިޢުގެ ފަރާތުން ޗެއަރމަންއަށް ރިޕޯޓުކޮށްފައިވެސް ނުވާކަން، މައްސަލައާ ގުޅިގެން އިސްމާޢީލް ނާފިޢުގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުގައި އިސްމާޢީލް ނާފިޢު ވެފައިވާ އިޢުތިރާފުތަކުން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި އިސްމާޢީލް ނާފިޢު އަދާކުރަމުންދިޔަ ވަޒީފާއިން، 11 އޯގަސްޓް 2009 ގައި، އެ ކުންފުނިން އިސްމާޢީލް ނާފިޢު ވަކިކުރަން ޖެހުނު ތިންވަނަ ސަބަބަކީ، ކުންފުނީގައި މަސައްކަތްކުރާ ބައެއް އެހެން މުވައްޒަފުންނާއި ކުންފުނީގެ މެނޭޖްމަންޓާ ޖެހޭގޮތަށް މުވައްޒަފުންގެ މެދުގައި ޙަޤީޤަތާ ޚިލާފު ވާހަކަ ދައްކަމުންދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ބުނާ ސަބަބުކަން، އެ ކުންފުނިން އިސްމާޢީލް ނާފިޢު ވަޒީފާއިން ވަކިކުރިކަން އަންގައި، އިސްމާޢީލް ނާފިޢުއަށް ފޮނުވާފައިވާ ބަޔާންވެދިޔަ އެ ކުންފުނީގެ ލިޔުންތަކުން އެނގެން އޮންނައިރު، 13 ޖުލައި 2009 ދުވަހު އިސްމާޢީލް ނާފިޢު، އޭނާ މަސައްކަތްކުރާ ޔުނިޓުގެ އިސްވެރިޔާ ރަޙްމަތުﷲ އަޝްރަފްއާ ދިމާއަށް ވަރަށް ބޭއަދަބީ ބަހުން، ކަމުގެ ޙަޤީޤަތް ނުބަލައި، އަޚްލާޤީ މިންގަނޑުން ބޭރުން އެހެން މުވައްޒަފުންގެ ތެރޭގައި މުޚާތަބު ކޮށްފައިވާކަމަށް ބުނެ، ރަޙްމަތުﷲ އަޝްރަފް އެކަން ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްގެ ޠާރިޤް ޢަލީ ލުޠުފީއަށް، އެމްޕްލޯއީ ރިލޭޝަން ޔުނިޓްގެ ނަންބަރު10A3-IM/2009/1102 (14 މެއި 2009) އިންޓަރނަލް މެމޯއިން ރަޙްމަތުﷲ އަޝްރަފް އަންގާފައިވާކަމާއި، މިކަމާ ގުޅިގެން 15 ޖުލައި 2009 ދުވަހު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ އާއި އެ ކުންފުނީގެ ހިއުމަން ރިސޯސަސް އެޑްވައިޒަރ، އިސްމާޢީލް ނާފިޢުއާއެކު ބައްދަލުވުމެއް ބާއްވާފައިވާކަމާއި، މި ބައްދަލުވުމަކީ 14 ޖުލައި 2009 ދުވަހު، ހިއުމަން ރިސޯސަސް ޔުނިޓުން ފޮނުވާފައިވާ އިސްވެ އިޝާރާތްކުރެވުނު އިންޓަރނަލް މެމޯއާ ގުޅިގެން ބާއްވާފައިވާ ބައްދަލުވުމެއްކަމާއި، މި ބައްދަލުވުމުގައި ކުންފުނީގެ މެނޭޖްމަންޓުން ނިންމާ ނިންމުންތަކާމެދު މުވައްޒަފުންގެ މެދުގައި ނަފްރަތުވާފަދަ ގޮތަކަށް ކަމުގެ ޙަޤީޤަތް ނުބަލައި އިސްމާޢީލް ނާފިޢު ވާހަކަ ދައްކަމުންދާކަމާއި، މުވައްޒަފުންނާ މުޢާމަލާތްކުރުމުގައި ބަސްމޮށުންތެރިކަން ހުންނަގޮތުން މުވައްޒަފުންގެ ޝަކުވާ ލިބެމުންދާކަމާއި، އަދި ކުންފުނީގެ ސީނިއަރ ފެންވަރުގެ މުވައްޒަފުންނާ މުޚާޠަބުކުރުމުގައި މާހައުލަށް ނުބަލައި އެ މުވައްޒަފުންގެ އަގު ވެއްޓޭގޮތަށް އަޑު ހަރުކޮށް މުޢާމަލާތްކުރާކަން އިސްމާޢީލް ނާފިޢުގެ ކިބައިން ފެންނަކަން ފާހަގަކޮށް، އެފަދަ ކަންކަން ކުރިއަށް އޮތްތާނގައި ދިމާނުވާނެގޮތަށް އިސްމާޢީލް ނާފިޢުގެ ޢަމަލުތައް ބެހެއްޓުމަށް، އިސްމާޢީލް ނާފިޢުއަށް ނަޞޭޙަތްތެރި ވެފައިވާކަމާއި، މިއީ، އިސްމާޢީލް ނާފިޢުއަށް އަނގަބަހުން ދެވުނު ނަޞޭޙަތެއްކަމާއި، މި ބައްދަލުވުމުގެ ޔައުމިއްޔާގައި މެނޭޖިންގ ޑިރެކްޓަރ އާއި ހިއުމަން ރިސޯސަސް އެޑްވައިޒަރ ސޮއިކޮށްފައިވާކަމާއި އަދި މި ބައްދަލުވުމަކީ އިސްމާޢީލް ނާފިޢުގެ ޙާޟިރުގައި ބޭއްވިފައިވާ ބައްދަލުވުމެއްކަން ވެސް، މި ބައްދަލުވުމުގެ ޔައުމިއްޔާއިން އެނގެން އޮތުމުން، މި ޔައުމިއްޔާ އާއި އިސްވެ އިޝާރާތްކުރެވުނު އިންޓަރނަލް މެމޯއިން އިސްމާޢީލް ނާފިޢު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި އަދާކުރަމުންދިޔަ ވަޒީފާއިން 11 އޯގަސްޓް 2009 ގައި ވަކިކުރިކަން އަންގައި އިސްމާޢީލް ނާފިޢުއަށް ފޮނުވާފައިވާ އިސްވެ އިޝާރާތްކުރެވުނު އެ ކުންފުނީގެ ލިޔުންތަކުގައި އިސްމާޢީލް ނާފިޢު ވަޒީފާއިން ވަކިކުރަން ޖެހުނު ތިންވަނަ ސަބަބުގައި ފާހަގަކޮށްފައިވާ ސަބަބުގައި ބަޔާންކޮށްފައިވާ ކަންކަން ހިނގާފައިވާކަމުގެ މައްޗަށް ޤަރީނާލިބެން އޮންނަކަން ފާހަގަކުރެވޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގެ (ހ) ގައި މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަނޑުތަކަށް ތަބާނުވާނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ މުވައްޒަފަކާމެދު އަޅަން ފެންނަ އެކަށީގެންވާ އިޞްލާޙީ ފިޔަވަޅު އެޅުމުގެ ބާރު، ވަޒީފާދޭ ފަރާތަށް ލިބިގެންވާކަމަށް ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ށ) ގައި އެ މާއްދާގެ ބޭނުމަށްޓަކައި "އިޞްލާޙީ ފިޔަވަޅު" ގެ މާނައިގެ ތެރޭގައި ނަޞޭޙަތްދިނުމާއި، ލިޔުމުން އިންޒާރުދިނުމާއި، ވަޒީފާގެ މަސައްކަތަށް ނިކުތުން 14 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ހުއްޓުވުމާއި، ހުރި މަޤާމަކަށްވުރެ ދަށް މަޤާމަކަށް ބަދަލުކުރުމާއި، މިކަންކަން ހިމެނޭކަމަށް ބަޔާންކޮށްފައިވާއިރު، މި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް މުވައްޒަފަކާމެދު އެޅުމުގައި ވަކި ތަރުތީބަކުން ފިޔަވަޅު އެޅުމަށް ވަޒީފާދޭ ފަރާތަށް ލާޒިމުކޮށްފައިނުވާކަމާއި، އަދި އިޞްލާޙީ ފިޔަވަޅު އެޅުމުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރަންޖެހޭނީ މި މާއްދާގެ (ށ) ގައި ބުނެފައިވާ އިޞްލާޙީ ހުރިހާ ފިޔަވަޅުތަކެއް ތަރުތީބުން ނުވަތަ ތަރުތީބުންނޫން ގޮތަކަށް ނަމަވެސް އެޅުމަށް ފަހުގައި ކަމަށްވެސް މި މާއްދާއިން ޝަރުޠުކޮށްފައި ނުވާކަން އެނގެން އޮތުމުން، އެ މާއްދާގެ (ށ) ގައި ބުނާ އިޞްލާޙީ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފިޔަވަޅެއް ނަމަވެސް އެޅިފައިވާނަމަ، އެ ފިޔަވަޅަކީ، އެ މާއްދާގެ، އެ އަކުރުގެ ދަށުން އެޅިފައިވާ އިޞްލާޙީ ފިޔަވަޅެއްކަމުގައި ބެލެވޭނެކަން އެނގެން އޮންނައިރު، 14 ޖުލައި 2009 ދުވަހު، ހިއުމަން ރިސޯސަސް ޔުނިޓުން ފޮނުވާފައިވާ އިސްވެ އިޝާރާތްކުރެވުނު އިންޓަރނަލް މެމޯއާ ގުޅިގެން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާއި ހިއުމަން ރިސޯސަސް އެޑްވައިޒަރ، އިސްމާޢީލް ނާފިޢުއާއެކު ބޭއްވި ބައްދަލުވުމުގައި، ކުންފުނީގެ މެނޭޖްމަންޓުން ނިންމާ ނިންމުންތަކާމެދު މުވައްޒަފުންގެ މެދުގައި ނަފްރަތުވާފަދަ ގޮތަކަށް، ކަމުގެ ޙަޤީޤަތް ނުބަލައި އިސްމާޢީލް ނާފިޢު ވާހަކަ ދައްކަމުންދާކަމުގެ ޝަކުވާ ކުންފުނީގެ މެނޭޖްމަންޓަށް ލިބިފައިވާތީ އެފަދަ ކަންކަން ކުރިއަށް އޮތް ތާނގައި ދިމާނުވާނެގޮތަށް އިސްމާޢީލް ނާފިޢުގެ ޢަމަލުތައް ބެހެއްޓުމަށް އިސްމާޢީލް ނާފިޢުއަށް ނަޞޭޙަތްތެރިވެފައިވާކަން 14 ޖުލައި 2009 ދުވަހު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާއި ހިއުމަން ރިސޯސަސް އެޑްވައިޒަރ، އިސްމާޢީލް ނާފިޢުއާއެކު ބޭއްވި އިސްވެ އިޝާރާތް ކުރެވުނު ބައްދަލުވުމުގެ ޔައުމިއްޔާއިން އެނގެން އޮންނަ އޮތުމެވެ.
(ޅ) ހަވަނަ ކަމަކީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގެ (ހ) ގައި މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށް ފަހުވެސް އޭނާގެ މަސައްކަތުގެ އަޚްލާޤާއި ނުވަތަ އޭނާ ވަޒީފާ އަދާކުރާތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާ ލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވުމުން، މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން އިތުރުކޮށް ރަނގަޅުކުރުމަށްޓަކައި ނުވަތަ މުވައްޒަފެއްގެ އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން މުވައްޒަފަކާމެދު އިޞްލާޙީ ފިޔަވަޅެއް އެޅުމަށް ފަހުވެސް، އެ މުވައްޒަފުގެ މަސައްކަތުގެ އަޚްލާޤް ނުވަތަ އެ މުވައްޒަފަކާ ޙަވާލުކުރެވިފައިވާ ވަޒީފާގެ ޒިންމާ އާއި މަސްއޫލިއްޔަތުތައް ރަނގަޅު ގޮތުގައި އަދާކުރަމުން ނުދާނަމަ، މަޤުބޫލު ސަބަބަކާ ނުލައި، ވަޒީފާގެ ޒިންމާ އާއި މަސްއޫލިއްޔަތުތައް ރަނގަޅު ގޮތުގައި އަދާކުރަމުން ނުދިއުމަކީ، އެފަދަ މުވައްޒަފަކަށް އިތުރު ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމަށް، ބުނެވުނު ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީފާދޭ ފަރާތަށް ލިބިދީފައިވާ އެކަށީގެންވާ ރަނގަޅު ސަބަބެއްކަން އެނގެން އޮންނައިރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި އިސްމާޢީލް ނާފިޢު އަދާކުރަމުންދިޔަ ވަޒީފާއިން އިސްމާޢީލް ނާފިޢު 11 އޯގަސްޓް 2009 ގައި ވަކިކުރުމުގެ ކުރިން، 14 ޖުލައި 2009 ވަނަ ދުވަހު، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ އިޞްލާޙީ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމުގައި ބެލެވޭ ނަޞޭޙަތްދިނުމުގެ ފިޔަވަޅު، އިސްމާޢީލް ނާފިޢުއާމެދު އެޅިފައިވާކަން އެނގެން އޮންނާތީ އާއި ބުނެވުނު ތާރީޚުގައި އިސްމާޢީލް ނާފިޢުއާމެދު އެޅުނު އެ އިޞްލާޙީ ފިޔަވަޅު އެޅުމުގެ ކުރީގެ ތާރީޚެއް ކަމުގައިވާ، 28 މެއި 2009 ގެ ތާރީޚުގައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މުވައްޒަފުންތަކެއް ޕެޓިޝަނެއް ލިޔަން އުޅުނުކަމަށް ރިޕޯޓު ލިބިފައިވާތީ، އެ ކުންފުނީގެ ޗެއަރމަން، ކޮންމެ ތިން ދުވަހަކުން އެއްދުވަހު އެކަން ހިނގާގޮތް ރިޕޯޓުކުރުމަށް އިސްމާޢީލް ނާފިޢުއަށް އެންގި އެންގުމާ އެއްގޮތަށް، އެ ކުންފުނިން، އިސްމާޢީލް ނާފިޢު، 11 އޯގަސްޓް 2009 ގައި ވަކިކުރުމާ ހަމައަށް އެއްވެސް މިންވަރަކަށް އިސްމާޢީލް ނާފިޢު ޢަމަލު ކޮށްފައިނުވާކަމާއި އަދި އިސްމާޢީލް ނާފިޢުއަށް ޗެއަރމަން އެންގި އެންގުމާ އެއްގޮތަށް އިސްމާޢީލް ނާފިޢު ޤަޞްދުގައި ޢަމަލުކޮށްފައި ނުވާކަން އިސްމާޢީލް ނާފިޢުގެ ބަހުން އެނގެން އޮންނަކަމާއި، މިގޮތުން އިސްމާޢީލް ނާފިޢުއާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅިފައިވާ އެކަށީގެންވާ މަޤުބޫލު ސަބަބެއް އިސްމާޢީލް ނާފިޢުގެ ފަރާތުން ދެއްކިފައިނުވާތީ، 11 އޯގަސްޓް 2009 ގައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި އިސްމާޢީލް ނާފިޢު އަދާކުރަމުންދިޔަ ވަޒީފާއިން އިސްމާޢީލް ނާފިޢު ވަކިކުރުމަށް އެ ކުންފުނިން ނިންމާފައިވަނީ، ދެ މަސް ދުވަހުގެ މުސާރަ އާއި އެހެނިހެން ޢިނާޔަތްތައް އިސްމާޢީލް ނާފިޢުއަށް ލިބޭނެކަން އިސްމާޢީލް ނާފިޢުއަށް އަންގައިގެންކަން އެނގެން އޮންނައިރު، އިސްމާޢީލް ނާފިޢު އެ ކުންފުނީގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުމަށް ނިންމިއިރު، އިސްމާޢީލް ނާފިޢުއަށް ދިނުމަށް އެ ކުންފުނިން ނިންމާފައިވާ ދެ މަސް ދުވަހުގެ މުސާރަ އާއި އެހެނިހެން ޢިނާޔަތްތައް ލިބިފައިވާކަން އިސްމާޢީލް ނާފިޢުގެ އިޢުތިރާފުން އެނގެން އޮންނާތީ، އިސްވެ ބަޔާންވެދިޔަ އެންމެހައި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި އިސްމާޢީލް ނާފިޢު އަދާކުރަމުންދިޔަ ވަޒީފާއިން، 11 އޯގަސްޓް 2009 ގައި އިސްމާޢީލް ނާފިޢު ވަކިކޮށްފައިވަނީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ށ) އާއި 21 ވަނަ މާއްދާގެ (ހ) އާއި 25 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ އަޙްކާމްތަކާ އެއްގޮތްވާ ގޮތުގެމަތިންކަން އެނގެން އޮންނަ އޮތުމެވެ.
ޙުކުމް
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ދ. ކުޑަހުވަދޫ، ރޯޒްލިން، އިސްމާޢީލް ނާފިޢު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި އަދާކުރަމުންދިޔަ އެސިސްޓެންޓް އޮފިސަރ ހިއުމަން ރިސޯސަސްގެ މަޤާމުން، 11 އޯގަސްޓް 2009 ދުވަހު ވަކިކޮށްފައިވަނީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިޞްލާޙީ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމަށް ފަހުކަން އެނގެން އޮތުމުގެ އިތުރުން، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ އާއި 25 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިންކަން އެނގެން އޮންނާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 89/VTR/2009 މައްސަލައިގައި އެ ޓްރައިބިއުނަލްއިން ކަނޑައެޅި ކަނޑައެޅުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/223 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާތީ، ހައިކޯޓުގެ ނަންބަރު 2010/HC-A/223 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކަމަށް ކަނޑައަޅައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.