ނާއިފް ޢަބްދުއްރަޙްމާން އަދި އިތުރު 22 ފަރާތެއް ވ. މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑް (ޓްރާންސް މޯލްޑިވިއަން އެއަރވޭސް ޕްރައިވެޓް ލިމިޓެޑް)
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2013/SC-A/09
ޝަރީޢަތް ނިމުނުގޮތް
ނާއިފް ޢަބްދުއްރަޙްމާން އަދި އިތުރު 22 މީހުން ވ. މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑް (ޓްރާންސް މޯލްޑިވިއަން އެއަރވޭސް ޕްރައިވެޓް ލިމިޓެޑް)
ފަނޑިޔާރުންގެ މަޖިލިސް
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޙުސްނުއް ސުޢޫދުނިމުނު ތާރީޚު
27 ޖަނަވަރީ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2010/HC-A/158
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑް (ޓްރާންސް މޯލްޑިވިއަން އެއަރވޭސް ޕްރައިވެޓް ލިމިޓެޑް)
1. ނާއިފް ޢަބްދުއްރަޙްމާން
2. ޢަބްދުﷲ ޔާމީން
3. ޖާވީދު ޙުސައިން
4. މޫސާ މުއީޒް
5. އަޙްމަދު ނަފީޒް ރޯޝަނީވިލާ
6. އަޙްމަދު ޝާފީ
7. އަހްމަދު ޖިނާޙް
8. ރިފްޢަތު ޔޫސުފް، އުތުރުގެއާގެ ނަޞްރުﷲ 9. ޝަކީބް، ގުލްއަލަމާގެ
10. ހަސަން ޝަރީފް
11. ޙަމްދާން މުޙައްމަދު
12.މުޙައްމަދު އަރުޝަދު އިބްރާހިމް ޒުހައިރު، ސާޔާ
13. ޢާރިފް މުޙައްމަދު ދީދީ
14. ޢަލީ ނަޢީމް
15. އަޙްމަދު ރަޝީދު
16. މުޙައްމަދު މަފާޛް
17. މުޙައްމަދު ޔާސިރު ޖައުހަރީ
18. މުޙައްމަދު ހަމްދޫން ނަސީމް
19. މުޙައްމަދު މިއުޝާދު ޝަފީޤް
20. ފަތުހުﷲ ޢަބްދުއްލަތީފް
21. މުޙައްމަދު ޢަބްދުއްރަޝީދު
22. އިބްރާހީމް ނާޞިފް، ފޭރުގަސްދޮށުގެ 23. އަޙްމަދު މަސްރޫރު، ފުނާޑު ރިޔާޒް
ޤާނޫނީ ވަކީލު: މޫސާ ޢާލިމް، އެމެޒަން، ގއ. ދާންދޫބަދަލުގައި: މަޒްލާން ރަޝީދު، ގ. ރަތްވިލާގެ، މާލެމަދަނީ – ވަޒީފާއާބެހޭ – ހަމަހަމަކަން – މަސައްކަތްކުރުމުގެ ޙައްޤު – ވަޒީފާގެ މާހައުލުގައި ތަފާތުކުރުން - އީޖާބީ ތަފާތުކުރުން
ނާއިފް ޢަބްދުއްރަޙްމާން އަދި އިތުރު 22 މީހުން ވ. މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑް (ޓްރާންސް މޯލްޑިވިއަން އެއަރވޭސް ޕްރައިވެޓް ލިމިޓެޑް)
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/158 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މި މައްސަލައިގައި ހިމެނޭ މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑްގައި ވަޒީފާ އަދާކުރާ 23 (ތޭވީސް) މުވައްޒަފުން (މީގެ ފަހުން "މޯލްޑިވިއަން އެއަރ ޓެކްސީގެ މުވައްޒަފުން" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެކެވެ. މި އިސްތިއުނާފީ ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާފަރާތަކީ މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑް އަދި އެ ކުންފުނީގެ ސަކްސެސަރސް (މީގެފަހުން "މޯލްޑިވިއަން އެއަރ ޓެކްސީ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.
ފުރަތަމަ މަރުޙަލާގައި މި މައްސަލަ ބަލާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/160 މައްސަލަ އިންނެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން މޯލްޑިވިއަން އެއަރ ޓެކްސީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުގައި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2010/HC-A/158 ޤަޟިއްޔާ އިންނެވެ. މިއީ އިސްވެ ބުނި ހައިކޯޓުގެ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި، މޯލްޑިވިއަން އެއަރ ޓެކްސީގެ މުވައްޒަފުންގެ ފަރާތުން އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު ދަޢުވާގެ ޚުލާސާ
މޯލްޑިވިއަން އެއަރ ޓެކްސީގެ މުވައްޒަފުންނާއި މޯލްޑިވިއަން އެއަރ ޓެކްސީއާ ދެމެދު 01 ނޮވެމްބަރު 2009 ގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމުގައި، ވަޒީފާއާބެހޭ ޤާނޫނު އާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ތަޢާރުޟުވާ ކަންތައްތަކެއް ހުރުމާއެކު، މޯލްޑިވިއަން އެއަރ ޓެކްސިގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ހައިސިއްޔަތުން ލިބެންޖެހޭ ބައެއް ޙައްޤުތަކުން މަޙްރޫމް ކުރެވިފައިވާތީ މޯލްޑިވިއަން އެއަރ ޓެކްސީގެ ފަރާތުން ކުރުން ލާޒިމްވެގެންވާ ކަންތައްތައް އެފަރާތުން ކުރުމަށްޓަކައި، ވަޒީފާގެ އެއްބަސްވުމަށް ބަދަލުގެނެސް މޯލްޑިވިއަން އެއަރ ޓެކްސީގެ މުވައްޒަފުން ޙައްޤުތައް ހޯދައިދިނުމަށް އެދި، މޯލްޑިވިއަން އެއަރ ޓެކްސީގެ މައްޗަށް ދަޢުވާ ރައްދުވާ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ.
މޯލްޑިވިއަން އެއަރ ޓެކްސީގެ މުވައްޒަފުންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ނުކުތާތައް
މޯލްޑިވިއަން އެއަރ ޓެކްސީގެ މުވައްޒަފުންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއިރު 3 (ތިން) ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކާ ގުޅޭގޮތުން ގޮތެއް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ. މޯލްޑިވިއަން އެއަރ ޓެކްސީގެ މުވައްޒަފުންގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި ނުކުތާތަކަކީ:
މޯލްޑިވިއަން އެއަރ ޓެކްސީގެ މުވައްޒަފުންނާއި މޯލްޑިވިއަން އެއަރ ޓެކްސީއާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ 9 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުން، ވަޒީފާގެ ވަގުތުގެ ބޭރުން ހުސް ވަގުތުގައި، އެއްވެސް ބާވަތެއްގެ އަމިއްލަ ވިޔަފާރިއެއް ނުވަތަ އެހެންވެސް ކަމެއް ކުރެވޭނީ މޯލްޑިވިއަން އެއަރ ޓެކްސީގެ ހުއްދަ ލިބިގެން ކަމަށް ބަޔާންކޮށްފައިވާތީ، އެއްބަސްވުމުގެ އެ މާއްދާއަކީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިދީފައިވާ މަސައްކަތްކުރުމުގެ ޙައްޤަށް ހުރަސް އަޅާ މާއްދާއެއްކަމުން، ކަނޑައެޅިފައިވާ މަސައްކަތު ގަޑި، އަދި ކުންފުނީގެ ވިޔަފާރިއަށާއި، އަބުރަށް ގެއްލުން ނުވާގޮތެއްގެ މަތިން އަމިއްލަ ގޮތުން ވިޔަފާރި ކުރުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމުން، ވަޒީފާގެ އެއްބަސްވުމުގެ 9 ވަނަ މާއްދާގެ (ބ) އިޞްލާޙުކުރުމަށް ނުވަތަ އެ މާއްދާ ބާޠިލު މާއްދާއެއްކަމުގައި ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި ނުކުތާ.
ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ރ) ގެ ދަށުން ވަޒީފާ އަދާކުރާ ކޮންމެ މީހަކަށްވެސް އުޖޫރައާއި އެކު ޗުއްޓީ ލިބެންޖެހޭކަމަށް ބަޔާންކުރެވިގެންވާއިރު މޯލްޑިވިއަން އެއަރ ޓެކްސީގެ މުވައްޒަފުންނާއި މޯލްޑިވިއަން އެއަރ ޓެކްސީއާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ދަށުން އުޖޫރަ އާއި އެކު ޗުއްޓީ ލިބިދީފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
މޯލްޑިވިއަން އެއަރ ޓެކްސީގައި، ޕައިލެޓްކަން އަދި ފަސްޓް އޮފިސަރުކަން ކުރާ ދިވެހިންނާއި، ހަމަ އެ މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނާ ތަފާތުކޮށްފައިވާކަމަށާއި، ބިދޭސީ މުވައްޒަފުންނާއެކު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ދަށުން 'އެކޮމޮޑޭޝަން އެލަވަންސް' ގެ ގޮތުގައި މަހަކު 900.00$ (ނުވަސަތޭކަ ޔޫ.އެސް ޑޮލަރު) އެފަރާތްތަކަށް ދޭއިރު، އެ މަޤާމުތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް އެފަދަ އެލަވަންސްއެއް ހަމަޖައްސާފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމި ގޮތް
ވަޒިފާއާބެހޭ ޓްރައިބިއުނަލް އިން މައްސަލަ ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބަލައެވެ.
މޯލްޑިވިއަން އެއަރ ޓެކްސީގެ މުވައްޒަފުންނާއި މޯލްޑިވިއަން އެއަރ ޓެކްސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 9 ވަނަ މާއްދާގެ (ބ) އިން މޯލްޑިވިއަން އެއަރ ޓެކްސީގެ މުވައްޒަފުން ލިޔުމުން ހުއްދަނެތި އެއްވެސް ވިޔަފާރީގެ ޙަރަކާތެއް ހިންގުން އެއީ ވަޒީފާއިން ވަކިވާފަދަ ކަމެއްކަމަށް ބަޔާން ކޮށްފައިވާއިރު، އެގޮތުގެ މަތީން މޯލްޑިވިއަން އެއަރ ޓެކްސީގެ މުވައްޒަފުން މަސައްކަތް ކުރުން މަނާކުރަނީ މޯލްޑިވިއަން އެއަރ ޓެކްސީގެ ކޮން ޙައްޤެއް ޙިމާޔަތްކުރުމަށްކަން އެނގޭ މިންވަރަށް އެފަރާތުން ހެކި ހުށަހަޅާފައިނުވުމާއި، އެގޮތުގެ މަތީން މޯލްޑިވިއަން އެއަރ ޓެކްސީގެ މުވައްޒަފުނަށް ވިޔަފާރީގެ ޙަރަކާތުގައި ބައިވެރިވުން މަނާކުރެވިފައިވަނީ ޖުމްލަ ގޮތެއްގައިކަމަށް ފެންނާތީ އެއީ އެކަށީގެންވާ މިންވަރަށްވުރެ ފުޅާކޮށް ކަންކަން މަނާކުރާ މާއްދާއަކަށްވާތީ، ކޮންޓްރެކްޓްއާބެހޭ ޤާނޫނު ގެ 18 ވަނަ މާއްދާގެ (ހ) ގައި ކޮންޓްރެކްޓެއްގައި އޮންނަ އެއްވެސް މާއްދާއެއް މީހަކު ދިރިއުޅުމަށް ނުވަތަ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަށް ހިފެހެއްޓުމެއް ނުވަތަ މަނާ ކަމެއް މެދުވެރި ކުރާނަމަ، އެ މާއްދާއެއްގެ ބާރު ހިންގޭނީ ހަމައެކަނި އެއީ އެކަށިގެންވާ ކަމެއްކަމަށް ވެއްޖެ ހިނދެއްގައިކަމަށް ބަޔާންކުރެވިފައިވުމުން މޯލްޑިވިއަން އެއަރ ޓެކްސީގެ މުވައްޒަފުންނާއި މޯލްޑިވިއަން އެއަރ ޓެކްސީއާ ދެމެދު ވެފައިވާ ވަޒީފާގެ އެއްވަސްވުމުގެ 9 ވަނަ މާއްދާގެ (ބ) އަކީ، ކޮންޓްރެކްޓްއާބެހޭ ޤާނޫނު ގެ 18 ވަނަ މާއްދާގެ (ހ) އާ ތަޢާރުޟުވާ މާއްދާއެއް ކަމަށް ދެކޭތީ އެ މާއްދާ އިޞްލާހްކުރުން.
ވަޒީފާއާބެހޭ ޤާނޫނު ގެ 39 ވަނަ މާއްދާއިން ވަޒީފާ އަދާކުރާތާ އަހަރުވުމުން ކޮންމެ އަހަރަކު މުސާރަ ލިބޭ ގޮތަށް ކޮންމެ މުވައްޒަފަކަށް މަދުވެގެން 30 ދުވަހުގެ ޗުއްޓީއެއް އަހަރީ ޗުއްޓީގެ ގޮތުގައި ދޭންޖެހޭކަމަށް ބުނެފައި އޮތުމާއި، ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ނ) ގައި ވަކި މުއްދަތަކަށް މުސާރައާއެކު ޗުއްޓީ ލިބުމުގެ ޙައްޤު ވަޒީފާ އަދާކުރާ ކޮންމެ މީހަކަށްމެ ލިބިދޭންޖެހޭކަމަށް ބަޔާންވެފައި އޮތުމުން، މައްސަލަ ހުށަހެޅި ފަރާތަށް ވަޒީފާއާބެހޭ ޤާނޫނު ގެ 39 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލުން ޗުއްޓީ ލިބިދެވެންޖެހޭ ކަމަށާއި، ވަޒީފާއާބެހޭ ޤާނޫނު ގެ ދަށުން މައްސަލަ ހުށަހެޅި ފަރާތަށް ޙައްޤުވާ ޗުއްޓީތައް ވަޒީފާއާބެހޭ ޤާނޫނު ގެ 13 ވަނަ މާއްދާ ގެ (ށ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ އުޞޫލުން މޯލްޑިވިއަން އެއަރ ޓެކްސީގެ މުވައްޒަފުނާއި މޯލްޑިވިއަން އެއަރ ޓެކްސީއާ ދެމެދު ވަފައިވާ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށް ވަޒިފާގެ އެއްބަސްވުން އިސްލާޙްކުރުން.
ވަޒީފާއާބެހޭ ޤާނޫނު ގެ 04 ވަނަ މާއްދާގެ (ހ) ގައި އުޖޫރަ ކަނޑައެޅުމުގައި މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި އެއްވެސް ގޮތަކުން ތަފާތު ނުކުރެވޭނެކަމަށް ބުނެފައިވުމާއި، ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) ގައި މުވައްޒަފުން ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބިދޭންޖެހޭ ކަމަށް ބަޔާންކުރެވިފައިވާ އިރު، "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ޤަވާއިދު (19 އެޕްރީލް 2009)" ގެ 16 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންނަށް ކެއިން ބުއިމާއި ނިދުމުގެ ކަންތައްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމަށް ވުމުން އެގޮތުގެ މަތީން މޯލްޑިވިއަން އެއަރ ޓެކްސީގައި މަސައްކަތްކުރާ ޕައިލެޓުންނަށާއި ފަސްޓް އޮފިސަރުންނަށް އެކޮމޮޑޭޝަން ހަމަޖައްސައިދީފައިވާ ކަމަށް މޯލްޑިވިއަން އެއަރ ޓެކްސީން ބުނިނަމަވެސް ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ޤަވާޢިދުގެ 16 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި ބުނާ ބުނުމަކީ ވަޒީފާއާބެހޭ ޤާނޫނު އާއި ޤާނޫނުއަސާސީއާ ޚިލާފަށް އެއް މަސައްކަތެއް ކުރާ ފަރާތްތަކާމެދު ތަފާތުކުރެވޭ އުޞޫލުން އިތުރު އިނާޔަތެއް އެއްފަރާތަކަށް ލިބިދެވޭ އުޞޫލެއް ހަމަޖެއްސުން ކަމުގައި ނުދެކޭ ހިނދު، މޯލްޑިވިއަން އެއަރ ޓެކްސީގެ މުވައްޒަފުން އެއްބާވަތެއްގެ މަސައްކަތްކުރާ އެއް މަޤާމެއްގައި ވަޒީފާ އަދާކުރާ މޯލްޑިވިއަން އެއަރ ޓެކްސީގެ ބިދޭސީ މުވައްޒަފުންނަށް މޯލްޑިވިއަން އެއަރ ޓެކްސީގެ ޚަރަދުގައި އެކޮމޮޑޭޝަން ހަމަޖައްސައިދީފައި އޮތުމުން މޯލްޑިވަން އެއަރ ޓެކްސީގެ މުވައްޒަފުންނަށް ލިބިދެވިފައި ނުވާ އިނާޔަތެއް ބިދޭސީ މުވައްޒަފުންނަށް ލިބިދީފައިވާތީ، އެގޮތަށް ޢަމަލުކުރާ ކުރުން އެއީ ވަޒީފާއާބެހޭ ޤާނޫނު ގެ 04 ވަނަ މާއްދާއާ ޚިލާފު ކަމެއްކަމަށް ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނު ގެ 05 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް ބިދޭސީ މުވައްޒަފުންނާމެދު ޢަމަލުކުރާ އުޞޫލުން މައްސަލަ ހުށަހެޅި ފަރާތަށް އެކޮމޮޑޭޝަން ހަމަޖައްސައިދިނުމަށް މޯލްޑިވިއަން އެއަރ ޓެކްސީއަށް އެންގި ކަން.
ހައިކޯޓުގައި އިސްތިއުނާފު ކުރެވުނު މައިގަނޑު ނުކުތާ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/160 މައްސަލައިގެ ނިންމުން ރަނގަޅު ނޫން ކަމަށް ބުނެ މޯލްޑިވިއަން އެއަރ ޓެކްސީގެ ފަރާތުން 7 (ހަތެއް) ނުކުތާއެއް ފާހަގަކޮށް ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއެވެ.
އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ނަންބަރު 2010/HC-A/158 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް އަށް ބަލާއިރު އެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ހ) ގައި ބުނަނީ: "ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/160 މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމުގެ ތެރެއިން މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ މައިގަނޑު ނުކުތާއަކީ "މައްސަލަ ހުށަހެޅި ފަރާތާއި އެއް ބާވަތެއްގެ މަސައްކަތްކުރާ އެއް މަޤާމެއްގައި ވަޒީފާ އަދާކުރާ މައްސަލަ ރައްދުވާ ކުންފުނީގެ ބިދޭސީ މުވައްޒަފުންނަށް މައްސަލަ ރައްދުވާ ކުންފުނީގެ ޚަރަދުގައި އެކޮމޮޑޭޝަން ހަމަޖައްސައިދީފައި އޮތުމުން މައްސަލަ ހުށަހެޅި ފަރާތަށް ލިބިދެވިފައިނުވާ އިނާޔަތެއް ބިދޭސީ މުވައްޒަފުންނަށް ލިބިދީފައިވާތީ، އެގޮތުން ޢަމަލުކުރާ ކުރުން އެއީ ޤާނޫނު ނަންބަރު 2008/02 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާއާ ޚިލާފުކަމެއްކަމަށް ކަނޑައަޅުއްވައި، ޤާނޫނު ނަންބަރު 2008/02 (ވަޒީފާއާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް ބިދޭސީ މުވައްޒަފުންނާމެދު ޢަމަލުކުރާ އުޞޫލުން މައްސަލަ ހުށަހެޅި ފަރާތަށް އެކޮމޮޑޭޝަން ހަމަޖައްސައިދިނުމަށް މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ އެންގެވުން" ކަން މޯލްޑިވްސް އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭ ]ކަމަށެވެ “ [.
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 160/VTR/2009 މައްސަލައިގައި މޯލްޑިވިއަން އެއަރ ޓެކްސީގެ މުވައްޒަފުންނާ އެއް ހަމައެއްގައި އެއް މަޤާމެއްގައި މޯލްޑިވިއަން އެއަރ ޓެކްސީގައި ވަޒީފާއަދާކުރާ ބިދޭސީންނަށް އެކޮމޮޑޭޝަން އެލަވަންސް ލިބޭ ރޭޓުން އެފަރާތްތަކަށްވެސް އެކޮމޮޑޭޝަން އެލަވަންސް ދިނުމަށް، މޯލްޑިވިއަން އެއަރ ޓެކްސީ އަށް އަންގައި ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ނިންމާފައިވާ ނިންމުން ބާޠިލުކަމަށް ހައިކޯޓުން މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާފައިވެއެވެ.
ހައިކޯޓުގެ ނަންބަރު 2010/HC-A/158 ޤަޟިއްޔާ ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބަލައެވެ.
"ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދު" ގެ 16 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި" މި ޢިބާރާތުގައި ބަޔާންކޮށްފައިވާ "ހަމަހަމަ" ނުވަތަ "އީކުއަލިޓީ" ގެ މަފްހޫމް ތަންފީޛު ކުރުމުގައި ގެންގުޅޭ ޤާނޫނީ ޓެސްޓަކީ އެއްގޮތް ޙާލަތުގައި ތިބޭ މީހުންނާމެދު އެއްގޮތް އުޞޫލުން ޢަމަލު ކުރުމުގެ ޓެސްޓްކަމާއި، މިގޮތުން އެއް ގިންތިއެއްގެ ވަޒީފާގައި ދިވެހިންނާއި ބިދޭސީން ވަޒީފާ އަދާކުރަމުން ދާއިރު، ވަޒީފާ އަދާކުރާ ދިވެހިންނާއި ވަޒީފާ އަދާކުރާ ބިދޭސީން އެތިބެނީ ހަމަހަމަ ނުވަތަ އެއްގޮތް ޙާލަތެއްގައި ނޫންކަން.
ދިވެއްސަކު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ނުކުންނައިރު އޭނާއަށް ދިރިއުޅޭނެ ތަނެއް ބޭނުންވަނީ ހަމައެކަނި އެ ވަޒީފާގެ ބޭނުމަށް ނޫންކަމާއި، އެހެންނަމަވެސް ބިދޭސީ މުވައްޒަފުން ރާއްޖޭގައި ދިރިއުޅެނީ އަދި ދިރިއުޅޭނެ ތަނެއް ބޭނުންވަނީ، ހަމައެކަނި އެފަރާތުން ދިވެހިރާއްޖޭގައި އެ އަދާކުރަމުންދާ ވަޒީފާއެއްގެ ސަބަބުން އެ ވަޒީފާ އަދާކުރުމުގެ ބޭނުމުގައިކަން.
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހިންނާއި ބިދޭސީން އެ ތިބެނީ މުޅިން އެއްގޮތް އެއް ޙާލަތެއްގައި ކަމަށް ބެލެވެން ނެތުމުން، ތަފާތުކަމެއް ހުރި ބައެއްގެ މެދުގައި ތަފާތު ކުރުމަކީ ޤާނޫނުއަސާސީއާއި ޤާނޫނުން މަނާކޮށްފައިވާ ތަފާތުކުރުން ކަމަށް ބެލެވޭނެ ހަމައެއް ނެތްއިރު، ތަފާތުކަމެއް ހުރި ބައެއްގެ މެދުގައި ތަފާތު ނުކުރުމަކީ ތަފާތުކުރުންކަމަށް ބެލެވޭނެކަން.
"ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދު (19 އެޕްރީލް 2009)" ގެ 16 ވަނަ މާއްދާގެ (ހ) ގެ 4 (ހަތަރެއް) ވަނަ ނަންބަރުގައި، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީންގެ "ކެއިންބުއިމާއި ނިދުމުގެ ކަންތައް އެކަށީގެންވާގޮތަކަށް ފޯރުކޮށްދިނުން" މިފަދައިން ބަޔާންކޮށްފައި އޮތް އޮތުމުގެ މައްޗަށް ރިޢާޔަތްކޮށް، ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކުން ބިދޭސީންގެ އެކޮމޮޑޭޝަން ނުވަތަ އެކޮމޮޑޭޝަން އެލަވަންސް ހަމަޖައްސައިދީ، ބިދޭސީންނާއި އެއް ފެންވަރުގެ މަޤާމެއްގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް އެކޮމޮޑޭޝަން ނުވަތަ އެކޮމޮޑޭޝަން އެލަވަންސް ހަމަޖައްސައި ނުދިނުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، "މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި އެއްވެސް ގޮތަކުން ތަފާތުކުރުމަކީ މަނާކަމެއްކަމަށް" ބުނާ ބުނުމާއި، ތަޢާރުޟުވާ ކަމެއް ނޫންކަން.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް
ހައިކޯޓުގެ ނަންބަރު 2010/HC-A/158 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް، މޯލްޑިވިއަން އެއަރ ޓެކްސީގެ މުވައްޒަފުންގެ ފަރާތުން ސުޕްރީމް ކޯޓަށް 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ.
މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑްގައި ވަޒީފާއަދާކުރާ ބިދޭސީ ޕައިލެޓުންނާއި ފަސްޓް އޮފިސަރުންނަށް އެކޮމޮޑޭޝަން އެލަވަންސް ނުވަތަ އޮކޮމޮޑޭޝަން، ކުންފުނީގެ ޚަރަދުގައި ހަމަޖައްސައި ދީފައިވާއިރު، މޯލްޑިވިއަން އެއަރ ޓެކްސީގައި ވަޒީފާ އަދާކުރާ ދިވެހި ޕައިލެޓުންނާއި ފަސްޓް އޮފިސަރުންނަށް އެކޮމޮޑޭޝަން އެލަވަންސް ނުވަތަ އެކޮމަޑޭޝަން ހަމަޖައްސައި ނުދިނުމަކީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މުވައްޒަފުން ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބެންޖެހޭ ކަމަށް ބަޔާންކުރެވިފައި އޮތް އޮތުމާއި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި އުޖޫރަ ކަނޑައެޅުމުގައި މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި ތަފާތު ނުކުރެވޭނެކަމަށް ބުނެފައިވާ ބުނުމާ ޚިލާފަށް ހައިކޯޓުން މައްސަލަ ނިންމުމަކީ ދުސްތޫރީ ހަމަތަކުން އެއްކިބާވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
ބިދޭސީންނަށް އޮކޮމޮޑޭޝަން އެލަވަންސް ލިބޭ ރޭޓުން އެކޮމޮޑޭޝަން އެލަވަންސް ދިނުމަށް ފެނިވަޑައިނުގަންނަވަނީ ޤާނޫނުއަސާސީންނާއި ޤާނޫނުން ތަފާތުކުރުން މަނާކޮށްފައި އޮތް ނަމަވެސް އެ މާނަކުރުން ރައްދުވަނީ "މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި" ކަމަށާއި، އެގޮތުން "ހަމަހަމަ" ނުވަތަ "އީކުއަލިޓީ" ގެ މަފްހޫމް ތަންފީޛުކުރުމުގައި ގެންގުޅޭ ޤާނޫނީ ޓެސްޓަކީ އެއްގޮތް ޙާލަތުގައި ތިބޭ މީހުންނާމެދު އެއްގޮތް އުސޫލުން އަމަލުކުރުމުގެ ޓެސްޓް ކަމަށް ވިދާޅުވެ އެއް ގިންތިއެއްގެ ވަޒީފާގައި ދިވެހިންނާއި ބިދޭސީން ވަޒީފާއަދާކުރަމުންދާއިރު، ދިވެހިންނާއި ބިދޭސީން އެ ތިބެނީ ހަމަހަމަ ޙާލަތެއްގައި ކަމަށް ނުބެލެވޭނެކަމަށް ނިންމެވިއިރު، ވަޒީފާއާބެހޭ ޤާނޫނު ގެ 4 ވަނަ މާއްދާގެ (ހ) އިން ތަފާތުކުރުން މަނާކޮށްފައިވާއިރު ހައިކޯޓުން ނިންމާފައިވާ ނިންމުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބުނެ ހުށަހެޅި ނުކުތާ.
ބިދޭސީ މުވައްޒަފުންނަށް އެކޮމޮޑޭޝަން ނުވަތަ އެކޮމޮޑޭޝަން އެލަވަންސް ދިނުމަކުންނެއް މަސައްކަތްކުރާ ހަމަހަމަ ދިވެހި މުވައްޒަފުންނާ ތަފާތުކުރަނީ ނޫންކަމަށް ބަލަންޖެހެނީ ދިމިޤްރާތީ މުޖުތަމަޢުތަކުގައި ބިދޭސީ މުވައްޒަފުންގެ ކަންކަން ތަންޒީމުކުރުމަށް ވަކި ޚާއްޞަ އުޞޫލުތަކެއް ޤާނޫނާއި ޤަވާޢިދުތަކެއްގެ ސިފައިގައި ހެދި ޢަމަލުކުރެވެމުންދާކަމާއި އެގޮތުން އ.ދ ގެ އާއި "އިންޓަރނޭޝަނަލް ލޭބަރ ލޯ" ގައި ޤައުމުތަކުގައި ވަޒީފާ އަދާކުރާ ބޭރު މުވައްޒަފުންނާ ގުޅޭގޮތުން ވަކި އުޞޫލުތަކެއް ބަޔާންކޮށްފައިވާކަމަށާއި މިކަން ކަމަށް ހުރުމަތްތެރިކޮށް ހިތުމަށް (އައި.އެލް އޯ) ގެ ކޮންސްޓިޓިއުޝަނުން އެ ޖަމްޢިއްޔާގެ މެމްބަރު ޤައުމުތަކަށް ބާރުއަޅާފައިވާކަމަށާއި ދިވެހިރާއްޖެއަކީ މި ޖަމްޢިއްޔާގެ މެންބަރެއްކަމަށް ވިދާޅުވެ ދެއްވާފައިވާ ސަބަބަށް ބަލާއިރު، އދ ގެ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާ (ޔޫ.ޑީ.އެޗް.އާރް) އަދި އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަންގެ މެންބަރު ޤައުމަކަށްވުމަށްޓަކައި ރެޓިފައިކުރަންޖެހޭ "ކޯ" (މެންޑޭޓަރީ) 8 ކޮންވެންޝަނަށް ބެލިނަމަވެސް ބިދޭސީ މުވައްޒަފުންނާއި އަދި އެ ގައުމެއްގެ މުވައްޒަފުން ތަފާތު ނުކުރުމަށް ކަނޑައެޅިގެން އޮތްކަމާއި މިގޮތުން ހައިކޯޓުން މައްސަލަ ނިންމުމުގައި ބިދޭސީ މުވައްޒަފުންނަށް ވަކި ޚާއްޞަ އުސޫލުތަކެއް އޮންނަންޖެހޭކަމަށް މާނަކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމާއި ބިދޭސީ މުވައްޒަފުންނަށް ވަކި ޚާއްޞަ އުސޫލުތަކެއް އޮންނަން ބާރުއަޅަނީ ކޮން ކޮންވެންޝަނެއްގެ ކޮން މާއްދާއަކުންކަން ހައިކޯޓުން ސާފުކޮށްދީފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
"ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދު" ގެ 16 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި ވަޒީފާ އަދާކުރުމަށްގެންނަ ބިދޭސީންގެ ކެއިން ބުއިމާއި ނިދުމުގެ ކަންތައް އެކަށީގެންވާގޮތަށް ފޯރުކޮށްދިނުން ވަޒީފާ ދޭފަރާތަށް ލާޒިމްވެފައި އޮންނަ އޮތުމަކުން ބިދޭސީ މުވައްޒަފުންނާ އެއް ގިންތިއެއްގައި އެއްހަމައެއްގައި ވަޒީފާއަދާކުރާ ދިވެހިންނަށް އެކޮމޮޑޭޝަން ނުވަތަ އެކޮމޮޑޭޝަން އެލަވަންސެއް ދިނުމަށް ޤާނޫނު ހުރަސް ނާޅާކަމަށާއި ބިދޭސީ މުވައްޒަފުން ގެނައުމަކީ މަޖުބޫރުކަމަކަށް ކޮންމެހެން ނުވާއިރު، ދިވެހިންނާ އެއް މަޤާމަކަށް ބިދޭސީ މުވައްޒަފަކު ގެންނަނީ ކަމުގައިވާނަމަ ބިދޭސީ މީހާއަށް އެކޮމަޑޭޝަން ނުވަތަ އެކޮމޮޑޭޝަން އެލަވަންސް ދޭން ފެއްޓުމުން ދިވެހި މުވައްޒަފަކަށްވެސް އެ އެލަވަންސްދޭން ޤާނޫނު ލާޒިމްކުރި ނަމަވެސް މިކަމަށް ރިޢާޔަތް ކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
އިސްތިއުނާފު ރައްދުވާ މޯލްޑިވިއަން އެއަރ ޓެކްސީއިން ދީފައިވާ ރައްދު
މޯލްޑިވިއަން އެއަރ ޓެކްސީގެ މުވައްޒަފުން ހުށަހަޅާފައިވާ އިސްވެ ބުނެވިދިޔަ އިސްތިއުނާފީ ނުކުތާތަކަށް މޯލްޑިވިއަން އެއަރ ޓެކްސީގެ ފަރާތުން ރައްދު ދިނުމުގެ ގޮތުން ބުނެފައިވަނީ:
"ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދު" (19 އޭޕްރީލް 2009) ގެ 16 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީއަކު ގެނެސްފިނަމަ، އެމީހަކަށް ވަޒީފާދިން ފަރާތަކުން، ވަޒީފާއަށް ގެންނަ ބިދޭސީ މުވައްޒަފުން ބެލެހެއްޓުމާ ގުޅޭގޮތުން ތަފާތު އިލްތިޒާމްތަކެއް ބަޔާންކޮށްފައިވާއިރު، ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި، ކެއިންބުއިމާއި ނިދުމުގެ ކަންތައް އެކަށީގެންވާގޮތަކަށް ފޯރުކޮށްދިނުން ހިމަނާފައިވާކަމާއި، އެހެންކަމުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީންނަށް ކެއުންބުއިމާއި ނިދުމުގެ ކަންތައް އެކަށީގެންވާގޮތަކަށް ފޯރުކޮށްދިނުމަކީ އެމީހަކަށް ވަޒީފާދިން ފަރާތުގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމްވާ ކަމެއް ކަމާ އަދި ބިދޭސީ މުވައްޒަފުންނަށް މޯލްޑިވިއަން އެއަރ ޓެކްސީ އިން އެކޮމޮޑޭޝަން ހަމަޖައްސައި ނުދިންނަމަ، ވަޒީފާ ދޭ ފަރާތުގެ ހައިސިއްޔަތުން މޯލްޑިވިއަން އެއަރ ޓެކްސީ ގަވާއިދާ ހިލާފުވީކަމަށް ބެލެވޭނެ ކަމެވެ.
ވަޒީފާ ދޭ ފަރާތުން ޤާނޫނީ ގޮތުން ކުރުން ލާޒިމުކޮށްފައިވާ ކަމެއް ކުރުމުގެ ސަބަބުން އެކަމެއްގެ މުޤާބިލުގައި އަދި އެއީ ސަބަބެއް ނުވަތަ އުޒުރެއްކަމަށް ހެދުމަށްފަހު، ޤާނޫނީ ގޮތުން އަދާކުރަންނުޖެހޭ އިތުރު ޒިންމާއެއް، ޤާނޫނީގޮތުން ވަޒީފާދޭ ފަރާތުން ކުރުން ލާޒިމުކުރުވޭނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ނުދެކޭކަމެވެ.
މޯލްޑިވިއަން އެއަރ ޓެކްސީގެ ފަރާތުން ކުންފުނީގެ ބިދޭސީ ޕައިލެޓުންނާއި ފަސްޓް އޮފިސަރުންނަށް އެކޮމޮޑޭޝަން އެލަވަންސްގެ ފައިސާއެއް ނުދޭކަމަށާއި ކުންފުނީގެ ފަރާތުން ކޮށްފައިވާ ކަމަކީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ބިދޭސީ މުވައްޒަފުންނަށް ކުންފުނީގެ ޚަރަދުގައި އެކޮމޮޑޭޝަން ހަމަޖެއްސުން ކަމަށް މޯލްޑިވިއަން އެއަރ ޓެކްސީ އިން ބުނެއެވެ.
ވަޒީފާގެ ހަމަހަމަ ކަމާއި ހަމަހަމަ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން މަނާކުރެވިފައި އޮތްގޮތް
ޤާނޫނުއަސާސީގެ ދެވަނަ ބާބު (އަސާސީ ޙައްޤުތަކާއި މިނިވަންކަން) ގައި ހިމެނޭ 37 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، ހަމަހަމަކަމާއެކު މުޢާމަލާތުކުރެވޭ، ރައްކާތެރި މާޙައުލެއްގައި މަސައްކަތްކުރުމާއި، ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ލިބުމާއި، ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމާއި، އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ.
ދިވެހިރާއްޖޭގައި، ވަޒީފާއާބެހޭ އަސާސީ އުސޫލުތައް ކަނޑައަޅައި، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައަޅައި ބަޔާންކޮށްފައިވާ މައިގަނޑު ޤާނޫނަކީ ވަޒީފާއާބެހޭ ޤާނޫނު އެވެ.
ވަޒީފާ ދިނުމުގައްޔާއި، އުޖޫރަ ކަނޑައެޅުމުގައްޔާއި، އުޖޫރު އިތުރު ކުރުމުގައްޔާއި ތަމްރީނު ދިނުމުގައްޔާއި ވަޒީފާގެ ޝަރުތުތަކާއި ވަޒީފާ އަދާކުރާނެ ގޮތް ކަނޑައެޅުމުގައްޔާއި ވަޒީފާއިން ވަކިކުރުމުގައްޔާއި ވަޒީފާ އަދާކުރުމުގައި ދިމާވާ އެހެނިހެން ކަންކަމުގައި، މީހުންގެ ނަސްލަށް، ކުލަޔަށް، އިޖްތިމާޢީ ނިސްބަތަށް، ދީނަށް، ސިޔާސީގޮތުން ގެންގުޅޭ ޚިޔާލުތަކަށް، ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަށް، ޖިންސަށް، ކައިވެނީގެ ނިސްބަތަށް، އާއިލާގައި އަދާކުރާ ޒިންމާތަކަށް، މި ޤާނޫނާ ޚިލާފްނުވާ ގޮތުން އުމުރަށް، ނުވަތަ ހުރި ނުކުޅެދުންތެރިކަމަށް ބަލައި، މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި އެއްވެސް މިންވަރަކަށް ތަފާތުކުރުމަކީ މަނާކަމެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ.
ވަޒީފާދޭ ފަރާތުން ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާ ޚިލާފުވެއްޖެ ކަމުގެ ޝަކުވާއެއް ހުށަހެޅިއްޖެނަމަ، ތަފާތެއް ނުކުރެވޭ ކަމަށް ނުވަތަ ތަފާތު ގެނައީ، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާ ގޮތުގެމަތިން އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ ވަޒީފާދޭ ފަރާތްކަން ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) އިން އެނގެއެވެ.
ޤާނޫނަކުން ބާރު ލިބިގެން ހަދާ ޤަވާޢިދަށް ޢަމަލުކުރުން
ޤާނޫނުއަސާސީގެ 271 ވަނަ މާއްދާ (ޤާނޫނުން ބާރު ލިބިގެން ހަދާ ޤަވާޢިދު) އަށް ބަލާއިރު، އެ މާއްދާގައި ބުނަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ބާރުލިބިގެން ހަދާ ޤަވާޢިދަކީ ޤާނޫނުން ބާރު ލިބިފައިވާ، އަދި ޤާނޫނީ ބާރާއެކު ތަންފީޛުކުރެވޭނެ އެއްޗެއް ކަމަށެވެ. އަދި ރައްޔިތުން އެ މައްޗަށް ޢަމަލުކުރާންޖެހޭ އެންމެހައި ޤަވާޢިދުތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެ ޤަވާޢިދުތައް ހެދުމުގެ ބާރު ލިބިގެން ހަދާ ޤަވާޢިދުތަކަކަށް ވާންވާނެކަމަށެވެ.
"ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދު" (19 އޭޕްރީލް 2009) އަކީ ވަޒީފާއާބެހޭ ޤާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެކެވެ. މި ގަވާއިދަކީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ކޯޓާ ހޯދުމާއި، ވާރކް ޕާމިޓް ހޯދުމާއި، ބިދޭސީން ވަޒީފާގައި ގެންގުޅުމާބެހޭ ގޮތް ކަނޑައަޅާ ގަވާއިދެވެ. މި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުނުއިރު ޢަމަލުކުރެވެމުން ދިޔައީ "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދު" (19 އޭޕްރީލް 2009) އަށެވެ. ނަމަވެސް، އޭގެފަހުން 15 ޖޫން 2011 ގައި ޢަމަލުކުރަން ފެށުނު "ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވާއިދު" ގެ ދަށުން "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދު" (19 އެޕްރީލް 2009) ވަނީ ބާޠިލުކުރެވިފައެވެ. އަދި 12 އޮގަސްޓް 2020 ގައި ޢަމަލުކުރަން ފެށުނު "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާބެހޭ ގަވާއިދު" ގެ ދަށުން އިސްވެ ބުނެވިދިޔަ "ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވާއިދު" ވެސް ވަނީ ބާޠިލުކުރެވިފައެވެ. އެހެންކަމުން ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ގެނެވޭ ބިދޭސީންގެ އެކޮމޮޑޭޝަންގެ ކަންކަން ހަމަޖެއްސުމަށް މިހާރު ކަނޑައަޅާފައިވާ އުސޫލަކީ 12 އޮގަސްޓް 2020 ގައި ޢަމަލުކުރަން ފެށުނު "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާބެހޭ ގަވާއިދު" ގައި ބަޔާންކޮށްފައިވާ އުސޫލެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް މި މައްސަލަ ހުށަހެޅުނުއިރު ޢަމަލު ކުރެވެމުން ދިޔައީ "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދު" (19 އޭޕްރީލް 2009) އަށެވެ. މިހެންވެ، ސުޕްރީމް ކޯޓުން މި މައްސަލައިގައި ބަލަންޖެހެނީ މި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅިއިރު އޭރު ޢަމަލުކުރެވެމުންދިޔަ ޤަވާޢިދަށެވެ.
ނިންމުން
މޯލްޑިވިއަން އެއަރ ޓެކްސީގެ މުވައްޒަފުންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާ މައިގަނޑު ނުކުތާއަކީ މޯލްޑިވިއަން އެއަރ ޓެކްސީގައި ވަޒީފާއަދާކުރާ ބިދޭސީ ޕައިލެޓުންނާއި ފަސްޓް އޮފިސަރުންނަށް އެކޮމޮޑޭޝަން އެލަވަންސް ނުވަތަ އެކޮމޮޑޭޝަން، ކުންފުނީގެ ޚަރަދުގައި ހަމަޖައްސައިދިންއިރު، މޯލްޑިވިއަން އެއަރ ޓެކްސީގައި ވަޒީފާ އަދާކުރާ ދިވެހި ޕައިލެޓުންނާއި ފަސްޓް އޮފިސަރުންނަށް އެކޮމޮޑޭޝަން އެލަވަންސް ނުވަތަ އެކޮމޮޑޭޝަން ހަމަޖައްސައި ނުދިނުމަކީ ޤާނޫނުއަސާސީއާއި ވަޒީފާއާބެހޭ ޤާނޫނުއާ ޚިލާފު ތަފާތުކުރުމެއް ކަމަށް ބުނެ ފާހަގަކުރާ ނުކުތާއެވެ.
މޯލްޑިވިއަން އެއަރ ޓެކްސީގެ މުވައްޒަފުންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއާ ގުޅިގެން މޯލްޑިވިއަން އެއަރ ޓެކްސީގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނަނީ "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދު" (19 އެޕްރީލް 2009) ގެ 16 ވަނަ މާއްދާގެ (ހ) ގެ 4 (ހަތަރެއް) ވަނަ ނަންބަރުގައި، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީންގެ "ކެއިން ބުއިމާއި ނިދުމުގެ ކަންތައް އެކަށީގެންވާގޮތަކަށް ފޯރުކޮށްދިނުން" މިފަދައިން ބަޔާންކޮށްފައި އޮތް އޮތުމުގެ މައްޗަށް ރިޢާޔަތްކޮށް، ބިދޭސީންނަށް މޯލްޑިވިއަން އެއަރ ޓެކްސީގެ ފަރާތުން އެކޮމޮޑޭޝަން ނުވަތަ އެކޮމޮޑޭޝަން އެލަވަންސް ހަމަޖައްސައިދީ، ބިދޭސީންނާ އެއްފެންވަރުގެ މަޤާމުގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް އެކޮމޮޑޭޝަން ނުވަތަ އެކޮމޮޑޭޝަން އެލަވަންސް ހަމަޖައްސައި ނުދިނުމަކީ ތަފާތު ކުރުމެއް ނޫންކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ބާރުލިބިގެން ހަދާ ޤަވާޢިދަކީ ޤާނޫނުން ބާރުލިބިފައިވާ އަދި ޤާނޫނީ ބާރާއެކު ތަންފީޒުކުރެވޭ އެއްޗެއްކަމަށްވާތީ ވަޒީފާއާބެހޭ ޤާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން ހަދާފައިވާ "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދު" (19 އޭޕްރީލް 2009) ގައި ކަނޑައަޅާފައިވާ އުސޫލުތަކަކީ ބިދޭސީ މުވައްޒަފުން ގެންގުޅުމުގައި މޯލްޑިވިއަން އެއަރ ޓެކްސީއިން ތަބާވުން ލާޒިމުވެގެންވާ އުސޫލުތަކެކެވެ. އަދި "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދު" (19 އޭޕްރީލް 2009) ގައިވާ އުސޫލުތަކަށް ޢަމަލުކުރުމުގެ ގޮތުން މޯލްޑިވިއަން އެއަރ ޓެކްސީގެ ފަރާތުން ބިދޭސީ މުވައްޒަފުންނަށް އެކޮމޮޑޭޝަން ހަމަޖައްސާފައިވާ ހަމަޖެއްސުމަކީ، އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2010/HC-A/158 ޤަޟިއްޔާގައި ފާހަގަކުރި ކަންކަމުގެ މައްޗައް ބަލާއިރު މުވައްޒަފުންގެ މެދުގައި ތަފާތު ކުރުމެއް ކަމަކަށް އަހުރެން ނުދެކެމެވެ.
މޯލްޑިވިއަން އެއަރ ޓެކްސީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެ ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމުގައި އަހުރެން ދެކެމެވެ. މޯލްޑިވިއަން އެއަރ ޓެކްސީގެ މުވައްޒަފުންގެ ފަރާތުން ކުރި އިސްތިއުނާފު އަހުރެން ބަލައެއް ނުގަންނަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާގައި ބުނެފައިވަނީ މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑް (އެއަރ ޓެކްސީ) ގައި ވަޒީފާއަދާކުރާ ބިދޭސީ ޕައިލެޓުންނާއި ފަސްޓް އޮފިސަރުންނަށް އެކޮމޮޑޭޝަން އެލަވަންސް ނުވަތަ އޮކޮމޮޑޭޝަން، ކުންފުނީގެ ޚަރަދުގައި ހަމަޖައްސައި ދީފައިވާއިރު، އެއަރ ޓެކްސީގައި ވަޒީފާ އަދާކުރާ ދިވެހި ޕައިލެޓުންނާއި ފަސްޓް އޮފިސަރުންނަށް އެކޮމޮޑޭޝަން އެލަވަންސް ނުވަތަ އެކޮމަޑޭޝަން ހަމަޖައްސައި ނުދިނުމަކީ ޤާނޫނުއަސާސީގެ 37 ގެ (ށ) ގައި ބަޔާންކުރާ މުވައްޒަފުން ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބެންޖެހޭ ކަމަށް ބަޔާންކުރެވިފައި އޮތް އޮތުމާއި، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާ ޚިލާފުކަމެއް ކަމަށެވެ.
ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ވަޒީފާ ދިނުމުގައްޔާއި، އުޖޫރަ ކަނޑައެޅުމުގައްޔާއި، އުޖޫރު އިތުރު ކުރުމުގައްޔާއި ތަމްރީނު ދިނުމުގައްޔާއި ވަޒީފާގެ ޝަރުތުތަކާއި ވަޒީފާ އަދާކުރާނެ ގޮތް ކަނޑައެޅުމުގައްޔާއި ވަޒީފާއިން ވަކިކުރުމުގައްޔާއި ވަޒީފާ އަދާކުރުމުގައި ދިމާވާ އެހެނިހެން ކަންކަމުގައި، މީހުންގެ ނަސްލަށް، ކުލަޔަށް، އިޖްތިމާއީ ނިސްބަތަށް، ދީނަށް، ސިޔާސީގޮތުން ގެންގުޅޭ ޚިޔާލުތަކަށް، ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަށް، ޖިންސަށް، ކައިވެނީގެ ނިސްބަތަށް، އާއިލާގައި އަދާކުރާ ޒިންމާތަކަށް، މި ޤާނޫނާ ޚިލާފްނުވާ ގޮތުން އުމުރަށް، ނުވަތަ ހުރި ނުކުޅެދުންތެރިކަމަށް ބަލައި، މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި އެއްވެސް މިންވަރަކަށް ތަފާތުކުރުމަކީ މަނާކަމެއްކަމަށެވެ.
އެހެންކަމުން ޝަރިއަތުގެ ކުރިމަތީގައި އޮތް ސުވާލަކީ، އެއަރ ޓެކްސީގައި ވަޒީފާއަދާކުރާ ބިދޭސީ ޕައިލެޓުންނާއި ފަސްޓް އޮފިސަރުންނަށް އެކޮމޮޑޭޝަން އެލަވަންސް ނުވަތަ އެކޮމޮޑޭޝަން، ކުންފުނީގެ ޚަރަދުގައި ހަމަޖައްސައި ދީފައިވާއިރު، އެއަރ ޓެކްސީގައި ވަޒީފާ އަދާކުރާ ދިވެހި ޕައިލެޓުންނާއި ފަސްޓް އޮފިސަރުންނަށް އެކޮމޮޑޭޝަން އެލަވަންސް ނުވަތަ އެކޮމަޑޭޝަން ހަމަޖައްސައި ދީފައި ނެތުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި މުވައްޒަފުން ތަފާތުކުރުމަކީ ކޮބައިކަން ބަޔާންކޮށްފައިވާ ގޮތަށް، އެ މުވައްޒަފުންނަކީ 'ވަކި ނަސްލަކަށް ނިސްބަތްވާ ބަޔަކަށްވާތީ އެކަމަށް ބަލައި' މޯލްޑިވިއަން އެއަރ ޓެކްސީ އިން އެ މުވައްޒަފުން ތަފާތުކޮށްފައި އޮތީތޯ ނުވަތަ ނޫންތޯއެވެ.
ދެފަރާތުން ޝަރިއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ބޮޑަށް ބުރަވެވެނީ އެއަރ ޓެކްސީގައި ވަޒީފާއަދާކުރާ ބިދޭސީ ޕައިލެޓުންނާއި ފަސްޓް އޮފިސަރުންނަށް އެކޮމޮޑޭޝަން އެލަވަންސް ނުވަތަ އެކޮމޮޑޭޝަން ދިނުމުގައި ހަމަ އެ މަގާމުގައި ތިބި ދިވެހިންނަށް އެކޮމޮޑޭޝަން އެލަވަންސް ނުވަތަ އެކޮމަޑޭޝަން ހަމަޖައްސައި ދިނުމުގައި ތަފާތުކޮށްފައި އޮތް އޮތުމަކީ ކޮންމެހެން އެ މީހުންނަކީ ދިވެހިންނަށް ވީތީވެ، ނުވަތަ ދިވެހި ނަސްލަށް ނިސްބަތްވާ ބަޔަކު ކަމަށްވާތީވެ، ކޮށްފައިވާ ތަފާތުކުރުމެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި އެ ބިދޭސީ މުވައްޒަފުންނާއި އެ ދިވެހި މުވައްޒަފުން ތަފާތުކޮށްފައިވަނީ "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދު" (19 އޭޕްރީލް 2009) ގައި ކަނޑައަޅާފައިވާ އުސޫލުތަކަށް އެކުންފުނިން ތަބައަ ވުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައި ކަމަށް ބޮޑަށް ބުރަވެވެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ތަފާތުކުރުމަކަށްވާނީ އެ މުވައްޒަފެއްގެ ނުވަތަ މުވައްޒަފުންގެ ނަސްލަށް ބަލައިގެން މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ތަފާތުކޮށްފައިވާ ނަމައެވެ. މި މައްސަލައިގައި އެއަރ ޓެކްސީއިން ދިވެހި މުވައްޒަފުން ތަފާތުކޮށްފައިވަނީ އެމީހުންނަކީ ދިވެހިންނަށް ވިޔަތީވެ އެކަމަށް ބަލައިގެން ކަމަށް އިސްތިއުނާފުކުރާ ފަރާތަށް ޝަރިއަތަށް ދެއްކިފައި ނެތެވެ.
ވީމާ، މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢްތަޞިމް ޢަދްނާނުގެ ރައުޔަށް ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/158 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުއަޙްމަދު މުޢުތަޞިމް ޢަދުނާންޙުސްނުއްސުޢޫދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.