ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2013/SC-A/13ސުޕްރީމް ކޯޓު · 19 އޮގަސްޓް 2013

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 19 އޮގަސްޓް 2013ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2013/SC-A/13

ދަޢުވާކުރާ ފަރާތް: އައިލެންޑް ބެވަރެޖަސް މޯލްޑިވްސް ޕވޓ ލޓޑ

ދަޢުވާ ލިބޭ ފަރާތް: ސާރިޔާ ޙަސަން

މައްސަލައިގެ ބާވަތް: ނިންމުން ރިވިއުކުރުން

މައްސަލަ އައިގޮތް: އިސްތިއުނާފްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފޯމުން

ހުށަހެޅުނު ތާރީޚް: 6 މާރޗް 2013

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 26 މާރޗް 2013 26262626

ނިމުނު ތާރީޚް: 19 އޯގަސްޓް 2013

މައްސަލަ ނިންމި ގަޑި: 11:40

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަލީ ހަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2011/HC-A/38

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 03 ފެބްރުއަރީ 2011

ނިމުނު ތާރީޚް: 22 އޮކްޓޯބަރ 2012

މައްސަލައިގެ ޚުލާޞާ

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/38 ޤަޟިއްޔާގެ ދަޢުވާ ފޯމް ބާޠިލްކުރިކަން އަންގައި އެ ކޯޓުގެ ނަންބަރު 95-B5/INDIV/2012/103 (OTHER) "ދަޢުވާ ފޯމް ބާޠިލްކުރިކަން އެންގުން" މިނަމުގައި 22 އޮކްޓޯބަރ 2012 ގައި އެ ކޯޓުން އަންގަވާފައިވާ އެންގުމާބެހޭ ނިންމުން ނިންމަވާފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށް ބުނެ އެނިންމުން އިލްތިމާސްކޮށްދެއްވުން އެދި އައިލެންޑް ބެވަރެޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި މައްސަލައިގައި ދަޢުވާލިބެނީ ގދ. ތިނަދޫ، ހަނދުވަރީގެ ސާރިޔާ ޙަސަންއަށެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

1- މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/38 ޤަޟިއްޔާގެ ދަޢުވާ ފޯމް ބާޠިލްކުރިކަން އަންގައި އެ ކޯޓުގެ ނަންބަރު 95-B5/INDIV/2012/103 (OTHER) "ދަޢުވާފޯމް ބާޠިލްކުރިކަން އެންގުން" މިނަމުގައި 22 އޮކްޓޯބަރ 2012 ގައި އެ ކޯޓުން އަންގަވާފައިވާ އެންގުމާބެހޭ ނިންމުން ނިންމަވާފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށް ބުނެ އެނިންމުން އިލްތިމާސްކޮށްދެއްވުން އެދި އައިލެންޑް ބެވަރެޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މިމައްސަލައިގައި ދަޢުވާލިބެނީ ގދ. ތިނަދޫ، ހަނދުވަރީގެ ސާރިޔާ ޙަސަންއަށެވެ.

2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B5/INDIV/2012/103 (OTHER) "ދަޢުވާފޯމް ބާޠިލްކުރިކަން އެންގުން" މިނަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން އަންގަވާފައިވާ އެންގުމާބެހޭ ނިންމުމަށްބަލާއިރު އެނިންމުމުގައިވަނީ "ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 166/VTR/2010 މައްސަލަ އިސްތިއުނާފުކުރުމަށް އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅިއިރު، ހުށަހަޅާފައިވާ ރިޕޯޓްގައި އެ މައްސަލައިގައި ޓްރައިބިއުނަލުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މަޙްޟަރު ބަޔާންތަކާއި ހުށަހަޅާފައިވާ ލިޔެކިޔުންތައް ނުހިމަނާ ހައިކޯޓުން ބަލައިގަނެފައިވާތީ، އެބަޔާންތަކާއި ލިޔެކިޔުންތައް ހުށަހެޅުމަށް 2011 ސެޕްޓެމްބަރ 19 ވަނަ ދުވަހުބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތަށް ޙާޟިރުވި ވަކީލަށް އެންގިފައިވާއިރު، 2012 މެއި 17 ވަނަ ދުވަހުން ފެށިގެން 07 ދުވަހުގެ ތެރޭގައި އިޝާރާތްކުރެވުނު ލިޔެކިޔުންތައް ހައިކޯޓަށް ހުށަހެޅުމަށް އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވަކީލަށް ލިޔުމުން އެންގިފައިވާތީއާއި، 2012 އޮކްޓޯބަރ 10 ވަނަ ދުވަހުން ފެށިގެން ބަންދު ދުވަސްތަކާއެކު 10 (ދިހައެއް) ދުވަހުގެ މުއްދަތުގައި އިޝާރާތްކުރެވުނު ލިޔެކިޔުންތައް ހައިކޯޓަށް ހުށަހެޅުމަށް އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވަކީލަށް އެންގިފައިވާތީއާއި، އެގޮތުގެމަތިން ޢަމަލު ނުކޮށްފިނަމަ މައްސަލަ ބާޠިލް ކުރާނެކަން އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވަކީލަށް އެންގިފައިވާތީއާއި އަދި މިހާތަނަށް އެލިޔެކިޔުންތައް ހުށަހަޅާފައިނުވާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/38 ޤަޟިއްޔާ ބާޠިލުކޮށްފައިވެއެވެ. ވީމާ، މިކަން ތިފަރާތަށް އެންގީމެވެ." މިފަދައިންކަމާއި މިއެންގުމުގައި ސޮއިކޮށްފައިވަނީ ހައިކޯޓުގެ ރަޖިސްޓްރާރ ކަމާއި މިކަންކަން މިނިންމުމަށް ބެލުމުން އެނގެންއޮންނަކަމެވެ.

3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/38 ޤަޟިއްޔާގެ ދައުވާ ފޯމް ބާޠިލްކުރިކަން އަންގައި 22 އޮކްޓޯބަރ 2012 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ސޮއިކޮށް "ދަޢުވާ ފޯމް ބާޠިލްކުރިކަން އެންގުން" މިނަމުގައި އަންގާފައިވާ ނަންބަރު 95-B5/INDIV/2012/103 (OTHER) އެންގުމާބެހޭ ނިންމުން ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށް ބުނެ މި މައްސަލަ އިލްތިމާސްކުރި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 04 (ހަތަރު) ސަބަބެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެތެރެއިން:-

ފުރަތަމަ ސަބަބަކީ، އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައިގަނެ ޤަބޫލުކޮށް މައްސަލަ ރަޖިސްޓަރީކޮށް ފައިސާ ބަލައިގަނެ ރަސީދު ދީ އަދި ކޯޓުގައި މައްސަލައިގެ ޝަރީޢަތް ހިނގައި މި ހުރިހައި މަރުޙަލާތައް ކަޑައްތުކޮށްފައިވަނިކޮށް މައްސަލައިގެ ޑޮކިއުމެންޓެއް ހޯދަން ދަޢުވާ ކުރާ ފަރާތަށް ހުށަހަޅައި އެހުށަނެއެޅުމުން މައްސަލަ ބާޠިލުކުރެއްވި ކުރުމަކީ ޤާނޫނު ނަންބަރު: 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 33 ވަނަ މާއްދާއާ ޚިލާފަށް ކުރެއްވިފައިވާ ކަމެއް ކަމުގައި ޤަބޫލުކުރެވޭކަމަށާއި އެމާއްދާގެ (ހ) ގައި "ހައިކޯޓަށް މައްސަލައެއް ބަލައިގަތުމަށްފަހު މައްސަލައިގެ ހުރިހާ ލިޔުންތައް ފޮނުވައިދިނުމަށް ދަށު ކޯޓުގައި އެދެންވާނެ އެވެ." މިހެންވަނިކޮށް ހައިކޯޓުން ދަށުކޯޓަށް ނުއެދި ދަޢުވާ ކުރާ ފަރާތުން އެ ޑޮކިއުމެންޓްތައް ގެނެސްދިނުމަށް އެދެން ނުޖެހޭކަމަށާއި އަދި މިގޮތަށް އެދެން ޖެހޭ ސަބަބަކީ އެފަދަ ޑޮކިއުމެންޓްތަކުގެ ޞައްޙަކަން ޔަޤީންކުރުމަށް ކަމަށްވާތީ އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ހާމަވާކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

ދެވަނަ ސަބަބަކީ، ހައިކޯޓަށް މައްސަލައެއް ބަލައިގަތުމަށްފަހު މައްސަލައިގެ ހުރިހައި ލިޔުންތައް ފޮނުވައިދިނުމަށް ދަށުކޯޓުގައި އެދެންވާނެ ކަމަށް ހައިކޯޓުގެ ޤަވާޢިދުގެ 47 (ހ) ގައި ބުނެފައިވާއިރު، މި މައްސަލަ އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައިގަނެ ޤަބޫލުކޮށް މައްސަލައިގެ ފައިސާ ބަލައިގަނެ ރަޖިސްޓަރީކޮށް ރަސީދު ދީ އަދި ކޯޓުގައި މައްސަލައިގެ ޝަރީޢަތް ހިނގައި މި ހުރިހައި މަރުޙަލާތައް ކަޑައްތުކޮށްފައިވަނިކޮށް މައްސަލައިގެ ޑޮކިއުމެންޓެއް ހޯދަން ދަޢުވާ ކުރާ ފަރާތަށް ހުށަހަޅައި އެ ހުށަނޭޅީއޭ ބުނެ މައްސަލައަށް ޝަރުޢީ ޙައްލެއް ނުނިންމަވައި ބާޠިލު ކުރެއްވި ކުރެއްވުމަކީ ހައިކޯޓުގެ ޤަވާޢިދުގެ 47 (ހ) އާ ޚިލާފު ކަމެއް ކަމުގައި ޤަބޫލު ކުރެވުންކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

ތިންވަނަ ސަބަބަކީ، އިދާރީ ހިންގުމުގެ ދާއިރާއިން ކޮންމެ މީހަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ޢަދުލު އިންޞާފުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަދުލު އިންޞާފުގެ ހަމަތަކާ އެއްގޮތަށް ކަންކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާއިރު މިމައްސަލަ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައިގަނެ ޤަބޫލުކޮށް މައްސަލައަށް ފައިސާ ބަލައިގަނެ ރަޖިސްޓަރީކޮށް ރަސީދު ދީ އަދި ކޯޓުގައި މައްސަލައިގެ ޝަރީޢަތް ހިނގައި މި ހުރިހައި މަރުޙަލާތައް ކަޑައްތުކޮށްފައިވަނިކޮށް މައްސަލައިގެ ޑޮކިއުމެންޓެއް ހޯދަން ދަޢުވާ ކުރާ ފަރާތަށް ހުށަހަޅައި އެ ހުށަނޭޅީއޭ ބުނެ މައްސަލައަށް ޝަރުޢީ ޙައްލެއް ނުދެއްވައި ބާޠިލު ކުރެއްވި ކުރެއްވުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަމެއް ކަމުގައި ޤަބޫލުކުރެވުންކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

ހަތަރުވަނަ ސަބަބަކީ، ދިވެހިރާއްޖޭގައި ހިނގާ އެންމެހައި ޝަރީޢަތްތައް ހިންގަންވާނީ ޢަދުލުވެރިކަމާއެކު ކަމަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާއިރު މި ބަޔާންވެ ދިޔަ ފަދަ ސަބަބަކާހުރެ މައްސަލަ ޝަރީޢަތުގައި ހިނގަހިނގައި ވަނިކޮށް ޝަރީޢަތުން ގޮތެއް ކަނޑަނައަޅުއްވައި ބާޠިލުކުރެއްވުމަކީ އެއީ ޢަދުލުވެރިކަމާއެކު ހިންގެވިފައިވާ ޝަރީޢަތެއް ކަމުގައި ޤަބޫލު ނުކުރެވުންކަމަށްބުނެ ހުށަހެޅި ސަބަބެވެ.

4- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/38 ޤަޟިއްޔާގެ ދަޢުވާ ފޯމް ބާޠިލްކުރިކަން އަންގައި، ދިވެހިރާއްޖޭގެ ހައިކޯޓުން 22 އޮކްޓޯބަރ 2012 ގައި އަންގާފައިވާ ނަންބަރު 95-B5/INDIV/2012/103 (OTHER) އެންގުމާބެހޭ ނިންމުން އެ ކޯޓުން ނިންމަވާފައިވަނީ ޝަރީޢަތާ އަދި ޤާނޫނާ ޚިލާފުވާގޮތަށްކަމަށް ބުނެ އެނިންމުން އިލްތިމާސްކޮށްދިނުން އެދި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކަށާއި، މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅޭގޮތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ، މި މައްސަލައާ ގުޅޭ ލިޔެކިޔުންތަކަށާއި ބަޔާންތަކުގެ މައްޗަށާއި، އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/38 ޤަޟިއްޔާގެ ދައުވާ ފޯމް ބާޠިލްކުރިކަން އަންގައި އެ ކޯޓުން ނިންމަވާފައިވާ ނަންބަރު: 95-B5/INDIV/2012/103 (OTHER) ނިންމުމަށާއި، 22 އޮކްޓޯބަރ 2012 ގައި "ދަޢުވާފޯމް ބާޠިލްކުރިގޮތުގެ ރިޕޯޓް" މިނަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ދޫކޮށްފައިވާ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުންބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.

(ހ) ފުރަތަމަކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިލްތިމާސްކޮށްދިނުން އެދި ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B5/INDIV/2012/103 (OTHER) ނިންމުމުގައި ޙަވާލާދެވޭ ހައިކޯޓުގެ ނަންބަރު 2011/HC-A/38 ޤަޟިއްޔާގެ ދަޢުވާ ފޯމް، އެ ކޯޓުން ބާޠިލްކުރިގޮތުގެ ރިޕޯޓް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާތީ، އެ ރިޕޯޓަށް ބަލާއިރު، އެ ރިޕޯޓުގެ 07 ވަނަ ނަންބަރުގައި "ހައިކޯޓުން ނިންމިގޮތް" މިގޮތަށް ބަޔާންކުރުމަށްފަހު، އެނަންބަރުގައި ބަޔާންކޮށްފައިވަނީ: "ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 166/VTR/2010 މައްސަލަ އިސްތިއުނާފްކުރުމަށް އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅިއިރު، ހުށަހަޅާފައިވާ ރިޕޯޓުގައި އެ މައްސަލައިގައި ޓްރައިބިއުނަލްގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މަޙްޟަރު ބަޔާންތަކާއި ހުށަހަޅާފައިވާ ލިޔެކިޔުންތައް ނުހިމަނާ ބަލައިގަނެފައިވާތީ، އެބަޔާންތަކާއި ލިޔުންތައް ހުށަހެޅުމަށް 2011 ސެޕްޓެމްބަރ 19 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތަށް ޙާޟިރުވި ވަކީލަށް އެންގިފައިވާއިރު، 2012 މެއި 17 ވަނަ ދުވަހުން ފެށިގެން 07 ދުވަހުގެ ތެރޭގައި އިޝާރާތްކުރެވުނު ލިޔެކިޔުންތައް ހައިކޯޓަށް ހުށަހެޅުމަށް އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވަކީލަށް ލިޔުމުން އެންގިފައިވާތީއާއި، 2012 އޮކްޓޯބަރ 10 ވަނަ ދުވަހުން ފެށިގެން ބަންދު ދުވަސްތަކާއެކު 10 (ދިހައެއް) ދުވަހުގެ މުއްދަތުގައި އިޝާރާތްކުރެވުނު ލިޔެކިޔުންތައް ހައިކޯޓަށް ހުށަހެޅުމަށް އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވަކީލަށް އެންގިފައިވާތީއާއި، އެގޮތުގެ މަތިން ޢަމަލުނުކޮށްފިނަމަ މައްސަލަ ބާޠިލް ކުރާނެކަން އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވަކީލަށް އެންގިފައިވާތިއާއި އަދި މިހާތަނަށްވެސް އެ ލިޔެކިޔުންތައް ހުށަހަޅާފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/38 ޤަޟިއްޔާ ބާޠިލްކޮށްފީމެވެ." މިފަދައިންކަމާއި، އަދި އިޝާރާތްކުރެވުނު ރިޕޯޓުގެ 01 ވަނަ ނަންބަރުން އެ ރިޕޯޓުގެ ދަށުން ދަޢުވާ ފޯމް ބާޠިލްކުރެވިފައިވާ އެ ކޯޓުގެ ޤަޟިއްޔާއަކީ އެ ކޯޓުގެ ނަންބަރު 2011/HC-A/38 ޤަޟިއްޔާކަމާއި، އަދި އެ ރިޕޯޓުގެ 03 ވަނަ ނަންބަރުން އެ މައްސަލަ އެ ކޯޓުގައި ރަޖިސްޓަރީކުރެވުނު ތާރީޚަކީ 03 ފެބްރުއަރީ 2011 ކަމާއި، އަދި އެ ރިޕޯޓުގެ ދަށުން އެ މައްސަލައިގެ ދަޢުވާ ފޯމް ބާޠިލްކުރެވިފައިވަނީ 22 އޮކްޓޯބަރ 2012 ގައި ކަމާއި އަދި އެ ރިޕޯޓުގެ 04 ވަނަ ނަންބަރުން އިސްތިއުނާފްކުރި ފަރާތަކީ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްކަމާއި އަދި އެރިޕޯޓުގެ 05 ވަނަ ނަންބަރުން އިސްތިއުނާފް ރައްދުވި ފަރާތަކީ ގދ. ތިނަދޫ، ހަނދުވަރީގެ ސާރިޔާ ޙަސަންކަމާއި އަދި މީގެ އިތުރުން މި ރިޕޯޓްގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ މިނިންމުން ނިންމާފައިވަނީ އެ ކޯޓުގެ ނަންބަރު 2011/HC-A/38 ޤަޟިއްޔާގެ މައްސަލަ ބެލުމަށް އެ ކޯޓުން ހަމަޖައްސާފައިވާ އެ ކޯޓުގެ 03 (ތިން) ފަނޑިޔާރުންކަމާއި މިކަންކަން އިސްވެ މިއިޝާރާތްކުރެވުނު "ދަޢުވާ ބާޠިލްކުރިގޮތުގެ ރިޕޯޓް" މިނަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ދޫކޮށްފައިވާ ރިޕޯޓުން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، ޢަދުލުއިންސާފު ލިބުމުގެ ޙައްޤަކީ މާތްވެގެންވާ އިސްލާމީ ޝަރީޢަތް ކަށަވަރުކޮށް ގެރެންޓީކޮށްދީފައިވާ އިންސާނީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުޙިއްމު ޙައްޤެއްކަން މިކަމާގުޅޭ ގޮތުން އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ ނައްޞުތަކުގެ ތެރެއިން ކީރިތި ޤުރުއާނުގެ އައްނިސާއު ސޫރަތުގެ 105 ވަނަ އާޔަތާއި 135 ވަނަ އާޔަތާއި އަލްމާއިދާ ސޫރަތުގެ 8 ވަނަ އާޔަތާއި އަލްޙަދީދު ސޫރަތުގެ 25 ވަނަ އާޔަތާއި އައްނަޙްލު ސޫރަތުގެ 90 ވަނަ އާޔަތާއި އައްނިސާއު ސޫރަތުގެ 58 ވަނަ އާޔަތާއި އަލްއަޢްރާފް ސޫރަތުގެ 29 ވަނަ އާޔަތްފަދަ ނައްޞުތަކުން ސާފުކޮށް އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަކަމަކީ، އިންސާފުން ޝަރީޢަތްކުރުމަކީ، ކޮންމެމީހަކަށްމެ ލިބިގެންވާ ޙައްޤެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދީފައިވާ އެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ހިމެނޭ އެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮތުމުން، އިންސާފު ލިބިދިނުމަށް އެދި ކޯޓަކަށް ކަމާބެހޭ ފަރާތަކުން މައްސަލައެއް ހުށަހެޅުމުން، ޤާނޫނީ ނިޒާމުގައި ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިންމެނުވީ އެމައްސަލަ ހުށަހެޅި ފަރާތަށް އިންސާފު ނުލިބޭ ގޮތަކަށް އެއްވެސް ކޯޓަކުން ޢަމަލުކުރުމަކީ، ޤާނޫނުއަސާސީގެ މިމާއްދާގައި ކަނޑައެޅިފައިވާ ދުސްތޫރީ އުޞޫލާ ޚިލާފުކަމެއްކަން ސާފުކޮށް އެނގެންއޮންނަކަމެވެ.

(ރ) ހަތަރުވަނަކަމަކީ، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ ހިމެނިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދީފައިވާ ބާބުކަމުގައިވާ އެޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ކަމަށްވާއިރު އެ މާއްދާގައި ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން މިބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް ނަގަހައްޓަންވާނެކަމަށާއި އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކަށް ރިޢާޔަތްކުރަންވާނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، ރާއްޖެބައިވެރިވެފައިވާ ބައިނަލްއަޤުވަމީ މުޢާހަދާއެއްކަމަށްވާ މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާ (އިންޓަނޭޝަނަލް ކޮވެނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައި.ސީ.ސީ.ޕީ.އާރު) ގެ 14 ވަނަ މާއްދާގައި އަދާލަތުގެ ކުރިމަތީގައި ހުރިހާ އެންމެން ހަމަހަމަވާނެކަމަށާއި ކޮންމެފަރުދަކަށްމެ، އޭނާއާ ބެހޭގޮތުން ބެލެވޭ ޖިނާއީ ތުހުމަތެއްގެ، ނުވަތަ އޭނާގެ ޙައްޤުތަކާއި، އިލްތިމާޒްތަކާމެދު އުފުލިފައިވާ ކޮންމެ މަދަނީ ދަޢުވާއެއްގެ މައްސަލަ، ޤާނޫނަކުން އުފެދިފައިވާ، ވަކިފަރާތަކަށްނުޖެހޭ، މުސްތަޤިއްލު، އަދި މައްސަލަބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައެޅި ބަޔާންވެފައިވާކަން އެނގެންއޮންނަކަމެވެ.

(ބ) ފަސްވަނަކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އައިލެންޑް ބެވަރެޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B5/INDIV/2012/103 (OTHER) (22/10/2012) "ދަޢުވާފޯމް ބާޠިލްކުރިކަން އެންގުން" މިނަމުގައި ދޫކޮށްފައިވާ ނިންމުމަށާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/38 ޤަޟިއްޔާގެ ދަޢުވާ ފޯމް ބާޠިލްކުރިގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ޤަޟިއްޔާއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 166/VTR/2010 މައްސަލަ އިސްތިއުނާފްކުރުމަށް އައިލެންޑް ބެވަރެޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުން އެ މައްސަލަ ބަލައިގަނެ 03 ފެބްރުއަރީ 2011 ގައި އެ ކޯޓުގައި ރަޖިސްޓަރީކުރެވިފައިވާ ޤަޟިއްޔާއެއްކަމާއި، އަދި އެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހެއް 19 ސެޕްޓެމްބަރ 2011 ގައި ބޭއްވިފައިވާކަން އެނގެންއޮންނައިރު މި އިޝާރާތްކުރެވުނު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެ ނިންމުމުގެ ދަށުން ދަޢުވާ ފޯމް ބާޠިލްކުރެވުނު އެ ކޯޓުގެ މި އިޝާރާތްކުރެވުނު ޤަޟިއްޔާގެ ދަޢުވާ ފޯމް ބާޠިލްކުރައްވައި އެ ޤަޟިއްޔާގެ ފައިލް ލައްޕާލާފައިވަނީ، އިސްވެއިޝާރާތްކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 166/VTR/2010 މައްސަލަ އިސްތިއުނާފްކުރުމަށް އައިލެންޑް ބެވަރެޖަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅިއިރު، ހުށަހަޅާފައިވާ ރިޕޯޓުގައި އެ މައްސަލައިގައި ޓްރައިބިއުނަލްގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މަޙްޟަރު ބަޔާންތަކާއި ހުށަހަޅާފައިވާ ލިޔުންތައް ނުހިމަނާ ހައިކޯޓަށް ބަލައިގަނެފައިވާތީކަމަށް ބުނެ އެބަޔާންތަކާއި ލިޔުންތައް ހުށަހެޅުމަށް އައިލެންޑް ބެވަރެޖަސް ޕްރައިވެޓް ލިމިޓެޑަށް ވަކިމުއްދަތެއް އެ ކޯޓުން ދިނުމަށްފަހު އެލިޔުންތައް އެމުއްދަތުގެ ތެރޭގައި އައިލެންޑް ބެވަރެޖަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިނުވާތީކަމަށްބުނެ އެސަބަބަށްޓަކައިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެއިޝާރާތްކުރެވުނު ދެނިންމުމުގެ ލިޔުމަށް ބެލުމުން އެނގެން އޮންނައިރު، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓަށް މައްސަލައެއް ބަލައިގަތުމަށްފަހު މައްސަލައިގެ ހުރިހާ ލިޔުންތައް ފޮނުވައިދިނުމަށް ދަށުކޯޓުގައި އެދެންވާނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި، އަދި މީގެއިތުރުން ހައިކޯޓުގެ ޤަވާޢިދުގެ 47 ވަނަ މާއްދާގައި ހައިކޯޓަށް މައްސަލައެއް ބަލައިގަތުމަށްފަހު މައްސަލައިގެ ހުރިހާ ލިޔުންތައް ފޮނުވައިދިނުމަށް ދަށުކޯޓުގައި އެދެންވާނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާކަން ސާފުކޮށް އެނގެންއޮތުމުން އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެ ނިންމުމުގެ ދަށުން އެކޯޓުގެ ނަންބަރު 2011/HC-A/38 ޤަޟިއްޔާގެ ދަޢުވާ ފޯމް ބާޠިލް ކޮށްފައިވަނީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ ނައްޞުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އުޞޫލާ އަދި ހައިކޯޓުގެ ޤަވާޢިދުގެ 47 ވަނަ މާއްދާގެ (ހ) ގައި ޞަރީޙަ ނައްޞުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އުޞޫލާވެސް ޚިލާފަށްކަން ސާފުކޮށް އެނގެންއޮންނަކަމެވެ.

(ޅ) ހަވަނަކަމަކީ، އިސްވެބަޔާންކުރެވުނު ދުސްތޫރީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކޮށް ބެލުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B5/INDIV/2013/103 (OTHER) "ދަޢުވާ ފޯމް ބާޠިލު ކުރިކަން އެންގުން" މިނަމުގައި 22/10/2012 ގައި އެ ކޯޓުން އަންގާފައިވާ އެންގުމާ ބެހޭ ނިންމުމާއި އަދި ބުނެވުނު ތާރީޚު ކަމުގައިވާ 22/10/2012 ދުވަހު، ދަޢުވާ ފޯމް ބާޠިލްކުރި ގޮތުގެ ރިޕޯޓުގެ ދަށުން އެ ކޯޓުގެ ނަންބަރު 2011/HC-A/38 ޤަޟިއްޔާގެ ދަޢުވާ ފޯމް ބާޠިލްކޮށްފައިވަނީ، ދުސްތޫރީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަން އެނގެން އޮތުމުގެ އިތުރުން އިސްވެ އިޝާރާތް ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެ ނިންމުން އެ ކޯޓުން ނިންމަވާފައިވަނީ އެ ކޯޓުގެ ނަންބަރު 2011/HC-A/38 ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކޮށްފައިވާ ފަރާތުގެ އިސްތިއުނާފީ ނުކުތާތަކަށް އެކޯޓުން ބައްލަވާ، އެނުކުތާތަކާމެދު ވަކިގޮތަކަށް އެކޯޓުން ޙުކުމެއް ކުރެއްވުމަކާނުލައި ކަމަށްވުމާއެކު، ހައިކޯޓުގެ ނަންބަރު 2011/HC-A/38 ޤަޟިއްޔާގެ މައްސަލައަކީ ހައިކޯޓުގެ މައްސަލަތައް ބެލުމުގެ އިޖުރާއާތުގެ ތެރެއިން އެކޯޓުން އަލުން ބަލަންޖެހޭ މައްސަލައެއްކަން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮންނައޮތުމެވެ.

ޙުކުމް:

އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންވެގެންދިޔަ ދުސްތޫރީ، ޝަރުޢީ އަދި ޤާނޫނީ ޢުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/38 ޤަޟިއްޔާގެ ދަޢުވާ ފޯމް ބާޠިލްކުރިކަން އަންގައި އެ ކޯޓުގެ ނަންބަރު 95-B5/INDIV/2012/103 (OTHER) (22/10/2012) "ދަޢުވާ ފޯމް ބާޠިލްކުރިކަން އެންގުން" މިނަމުގައި 22 އޮކްޓޯބަރ 2012 ގައި އެ ކޯޓުން އަންގާފައިވާ އެންގުމާބެހޭ ނިންމުމާއި، އަދި ބުނެވުނު ތާރީޚުކަމުގައިވާ 22 އޮކްޓޯބަރ 2012 ދުވަހު، އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/38 ޤަޟިއްޔާގެ ދަޢުވާ ފޯމް ބާޠިލްކުރި ގޮތުގެ ރިޕޯޓުގެ ދަށުން އެ ކޯޓުން ނިންމާފައިވާ ނިންމުން ނިންމާފައިވަނީ އިސްވެ ބަޔާންކުރެވިދިޔަ ދުސްތޫރީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަން ސާފުކޮށް އެނގެންއޮންނާތީ އިސްވެ މި އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެނިންމުން ބާޠިލްކަމަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/38 ޤަޟިއްޔާއަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓަށް އެ ޤަޟިއްޔާގެ މައްސަލަ އަލުން ފޮނުވައި، ހައިކޯޓުގެ މައްސަލަތައް ބެލުމުގެ އިޖުރާއާތުގެ ތެރެއިން އެ ކޯޓުން އެ ޤަޟިއްޔާގެ މައްސަލަ އަލުން ބަލަންޖެހޭ ގޮތަށް އޮތް މައްސަލައަކަށްވުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/38 ޤަޟިއްޔާގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން ބަލައި ނިންމުމަށް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެމައްސަލަ ތަޙްވީލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ