—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
2013/SC-A/18
ދަޢުވާކުރާ ފަރާތް:
ދައުލަތް (މޯލްޑިވްސް ކަސްޓަމްސް ސަރވިސް / އެޓަރނީ ޖެނެރަލްގެ އޮފީސް)
ދަޢުވާލިބޭ ފަރާތް:
މުޙައްމަދު އިބްރާހީމް
މައްސަލައިގެ ބާވަތް:
ފައިސާހޯދުން
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
19 މާރިޗު 2013ރަޖިސްޓްރީ ކުރެވުނު ތާރީޚު:
09 އޭޕްރިލް 2013ނިމުނު ތާރީޚު:
23 ޖުލައި 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއް ސުޢޫދުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2012/HC-A/148
ހުށަހެޅުނު ތާރީޚު:
20 މެއި 2012ނިންމި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
06 ނޮވެންބަރު 2012
ފަނޑިޔާރި ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއް ސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
އިބްރާހީމް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މުޙައްމަދު އިބްރާހީމް") ގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ "ޕާޓް އެކްސްޗޭންޖް" ނަމަށް ކިޔާ ފިހާރައިގެ ފަރާތުން، ނަންބަރު MSCUBK098255 ބިލް އޮފް ލޭންޑިންގް (މީގެ ފަހުން "ބީ.އެލް") ގެ ދަށުން ގެނެސްފައިވާ ސައިކަލު ޝިޕްމަންޓެއްގެ އަގު ފާސްކުރުމަށް ނަންބަރު 2010/008 (05 ފެބުރުވަރީ 2010) އިންވޮއިސް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހަޅާފައިވެއެވެ. އެ އިންވޮއިސްގައި ބަޔާންކޮށްފައިނުވާ އަދި އެތެރެކޮށްފައިވާ މޮޑެލްގެ މުދަލާއި ފިޒިކަލީ ދިމާނުވާ މުދާތަކެއް އެ އިންވޮއިސްއާއެކު ހުށަހަޅާފައިވާ ބެލެންސް ނޯޓެއްގައި ހިމެނިފައިވާތީ، އެ ބެލެންސް ނޯޓުގައިވާ އަގުތަކުގެ މައްޗަށް ބަލައި، އިސްވެދެންނެވުނު އިންވޮއިސްގައިވާ އަގުތަކަކީ އެ މުދަލުގެ ހަމައަގަށްވުރެ ދަށް އަގެއްކަމަށް ސާބިތުވާކަމަށް ބުނެ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން 214,511/58ރ. (ދެލައްކަ ސާދަހާސް ފަސްސަތޭކަ އެގާރަ ރުފިޔާ / ފަންސާސް އަށް ލާރި) އިން ޕާޓް އެކްސްޗޭންޖް / މުޙައްމަދު އިބްރާހީމް ޖޫރިމަނާކޮށްފައިވެއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިސްވެ ބަޔާންކުރި ފަދައިން ކަނޑައެޅުމުގެ ސަބަބުން، އިމްޕޯޓު ޑިއުޓީގެ ގޮތުގައި އިތުރަށް 583,425/35ރ. (ފަސްލައްކަ އަށްޑިހަ ތިންހާސް ހަތަރު ސަތޭކަ ފަންސަވީސް ރުފިޔާ / ތިރީސް ފަސް ލާރި) ޕާޓް އެކްސްޗޭންޖް / މުޙައްމަދު އިބްރާހީމް ދައްކަންޖެހިފައިވާތީ އާއި މި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި ޤާނޫނީ ވަކީލަކަށް ޚަރަދުކުރަންޖެހުނު 40,000/-ރ. (ސާޅީހާސް ރުފިޔާ) އާއެކު ޖުމްލަ 837,936/93ރ. (އަށްލައްކަ ތިރީސް ހަތްހާސް ނުވަ ސަތޭކަ ތިރީސް ހަރުފިޔާ / ނުވަދިހަ ތިން ލާރި) އެކީ އެއްފަހަރާ ހޯދުމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މައްޗަށް މުޙައްމަދު އިބްރާހީމް ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ. އެ މައްސަލަ ސިވިލް ކޯޓުގެ ނަންބަރު (1287/MC/2010) 577/Cv-C/2010 ޤަޟިއްޔާއިން ބަލައި، ޙުކުމްކޮށްފައިވަނީ މުޙައްމަދު އިބްރާހީމް އާ އެއްކޮޅަށެވެ.
ސިވިލް ކޯޓުގެ ނަންބަރު (1287/MC/2010) 577/Cv-C/2010 ޤަޟިއްޔާގެ ޙުކުމް ދައުލަތް (މޯލްޑިވްސް ކަސްޓަމްސް ސަރވިސް / އެޓާރނީ ޖެނެރަލްގެ އޮފީސް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލުނު އެ ކޯޓުގެ ނަންބަރު 2012/HC-A/148 ޤަޟިއްޔާ ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ.
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/148 ގަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބަޔާންކޮށް ދައުލަތް (މޯލްޑިވްސް ކަސްޓަމްސް ސަރވިސް / އެޓާރނީ ޖެނެރަލްގެ އޮފީސް) ގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ގަޟިއްޔާއެވެ.
އިސްތިއުނާފުކުރެވޭ މައްސަލަ ސިވިލް ކޯޓުން ނިންމާފައިވާ ގޮތް
ސިވިލް ކޯޓުގެ ނަންބަރު (1287/MC/2010) 577/Cv-C/2010 ޤަޟިއްޔާގައި ވަނީ، ބީ.އެލް ނަންބަރު MSCUBK098255 ގެ ދަށުން ގެނެސްފައިވާ ޝިޕްމަންޓާ ގުޅުންހުރިކަމަށް ތުހުމަތު ކުރެވޭ ބެލެންސް ނޯޓަކީ، އެ ލިޔުމާމެދު މުޙައްމަދު އިބްރާހީމް އިންކާރުކޮށްކޮށް ހުއްޓައި ހަމައެކަނި އެ ލިޔުމުގެ މައްޗަށް ބިނާކޮށް ޤާނޫނު ނަންބަރު 97/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ބ) ގެ ދަށުން މުޙައްމަދު އިބްރާހީމްއާމެދު ފިޔަވަޅު އެޅުމަށްޓަކައި ފުދޭ ލިޔުމެއްކަމުގައި ބެލެވެން ނެތަތީ، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު ގެ 14 ވަނަ މާއްދާގެ (ބ) ގެ ދަށުން ކުރެވުނު ޖޫރިމަނާއާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކާފައިވާ 214,511/58ރ. (ދެލައްކަ ސާދަހާސް ފަސްސަތޭކަ އެގާރަ ރުފިޔާ / ފަންސާސްއަށް ލާރި) އާއި ވަކީލު ފީގެ ގޮތުގައި 1,800/-ރ. (އެއްހާސް އަށްސަތޭކަ ރުފިޔާ) އަކީ މުޙައްމަދު އިބްރާހީމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ދައްކަންޖެހޭ ފައިސާ ކަމަށާއި، މި މައްސަލައަކީ އިމްޕޯޓް ޑިއުޓީ އަލުން ކަނޑައަޅަންޖެހޭ މައްސަލަ އެއް ކަމުގައިވާތީ، އިމްޕޯޓް ޑިއުޓީ އަލުން ކަނޑައަޅާއިރު، އެ ޝިޕްމަންޓަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި އިތުރަށް ދެއްކިފައިވާ ފައިސާއަކީ ވެސް މުޙައްމަދު އިބްރާހީމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަނބުރާ ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، މި އެންމެހައި ފައިސާ 25 ޑިސެންބަރު 2011 އިން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި މުޙައްމަދު އިބްރާހީމް އާ ޙަވާލުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް އަންގައި، އަލުން ޑިއުޓީ ކަނޑައަޅާއިރު ޑިއުޓީގެ މިންވަރާ މެދު މުޙައްމަދު އިބްރާހީމް ޤަބޫލުނުކުރާ ކަމެއް އޮވެއްޖެނަމަ، އެކަމާއި ގުޅިގެން ދަޢުވާކުރުމަކީ ވަކި މައްސަލައެއްކަން މުޙައްމަދު އިބްރާހީމް އަންގައި ޙުކުމް ކޮށްފައެވެ.
އިސްވެ ބަޔާންކޮށްފައިވާ ފަދައިން ސިވިލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ސިވިލް ކޯޓުގެ ނަންބަރު (1287/MC/2010) 577/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ނަންބަރު MSCUBK098255 ބީ.އެލްގެ ދަށުން ޕާޓް އެކްސްޗޭންޖުގެ ނަމުގައި މުޙައްމަދު އިބްރާހީމް ރާއްޖެ އެތެރެކުރި ސައިކަލު ޝިޕްމަންޓުގެ އިންވޮއިސް ކަމުގައި މުޙައްމަދު އިބްރާހީމްގެ ފަރާތުން ބުނާ ނަންބަރު 2010/008 (05 ފެބުރުވަރީ 2010) އިންވޮއިސްއަށް ބެލްންސް ނޯޓުގައި ޙަވާލާދީފައިވާ ހިނދު، އެ ބެލެންސް ނޯޓުގައިވާ މުދަލުގެ ކުއަންޓިޓީއާއި، މުދަލުގެ ތަފްޞީލާއި، ކޮންސައިނީ އަދި ކޮންސައިނަރއާއި މިހުރިހާ މަޢުލޫމާތެއް ނަންބަރު 2010/008 (05 ފެބުރުވަރީ 2010) ގެ އިންވޮއިސްގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ ދިމާވިނަމަވެސް މޮޑެލް ނަންބަރުގައި އޮޅުންތަކެއް ހުރިކަން މޯލްޑިވްސް ކަސްޓްމަސް ސަރވިސްއިން ވެސް ޤަބޫލުކުރާކަން؛
ނަންބަރު MSCUBK098255 ބީ.އެލްގެ ދަށުން ރާއްޖެ އެތެރެކޮށްފައިވާ މުދަލަކީ ފައިސާ ދައްކާފައިވާ މުދަލެއް ނޫންކަމަށް މުޙައްމަދު އިބްރާހީމް ބުނިނަމަވެސް، ނަންބަރު 2010/008 (05 ފެބުރުވަރީ 2010) ގެ އިންވޮއިސްއަށް ޙަވާލާދީފައިވާ ބެލެންސް ނޯޓުގައި އެ މުދަލުގެ އަގުގެ ތެރެއިން ฿536,156.38 (ފަސްލައްކަ ތިރީސް ހަހާސް އެއްސަތޭކަ ފަންސާސް ހައެއް ޕޮއިންޓް ތިނެއް ހަތަރެއް ތައި ބާތު) 05 ފެބުރުވަރީ 2010 ވަނަ ދުވަހު ޑިޕޮޒިޓް ކޮށްފައިވާކަމަށް ބަޔާންކޮށް، އަދި ބާކީ ހުރި ฿1,316,318.36 (އެއްމިލިޔަން ތިންލައްކަ ސޯޅަހާސް ތިންސަތޭކަ އަށާރަ ޕޮއިންޓް ތިނެއް ހައެއް ތައި ބާތު) ދެބަޔަކަށް ބަހައި ފުރަތަމަ ޕޭމަންޓުގެ ގޮތުގައި฿900,343.66 (ނުވަލައްކަ ތިންސަތޭކަ ސާޅީސް ތިނެއް ޕޮއިންޓް ހައެއް ހައެއް ތައި ބާތު) އާއި، ދެވަނަ ޕޭމަންޓުގެ ގޮތުގައި ฿415,974.70 (ހަތަރުލައްކަ ފަނަރަހާސް ނުވަސަތޭކަ ހަތްދިހަ ހަތަރެއް ޕޮއިންޓް ހަތެއް ސުމެއް ތައި ބާތު)، ޖޭން އިންޓަރޓްރޭޑް (ތައިލެންޑް) ކޯ. ލިމިޓެޑުގެ ނަމުގައި ބެންކޮކް ބޭންކް ޕަބްލިކް ކޮމްޕެނީ ލިމިޓެޑުގައި ހުޅުވާފައިވާ ނަންބަރު 058 300 8388 އެކައުންޓަށް ޓްރާންސްފަރ ކުރުމަށް ބަޔާންކޮށް، އެގޮތުގެމަތީން 17 ފެބްރުވަރީ 2010 ވަނަ ދުވަހު ފައިސާ ދައްކައި ނިމިފައިވާ ކަމަށް "ޕެއިޑް" ތައްގަނޑު ޖަހާފައިވާތީ، ނަންބަރު MSCUBK098255 ބީ.އެލްގެ ދަށުން ރާއްޖެ އެތެރެ ކުރި މުދަލަކީ ފައިސާ ދައްކައި ނިމިފައިވާ މުދަލެއްކަން ބެލެންސް ނޯޓުން ސާފުވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ނިންމާފައިވާއިރު، އެ ބުނާ ގޮތަށް އެ ފައިސާ ދައްކާފައިވޭތޯ މޯލްޑިވްސް ކަސްޓްމަސް ސަރވިސް އިން ބަލާފައިވާކަން އެނގެން ނެތުން؛
17 ފެބްރުވަރީ 2010 ގައި ފައިސާ ދައްކާ ނިމިފައިވާކަމަށް "ޕެއިޑް" ތައްގަނޑު ޖަހާފައިވާ ބެލެންސް ނޯޓަކީ ރަނގަޅު ލިޔުމެއް ނޫންކަމަށް މުޙައްމަދު އިބްރާހީމްގެ ފަރާތުން ބުނެފައިވާތީ، އެ ބެލެންސް ނޯޓުގައި އެ ބުނާގޮތަށް ފައިސާ ދައްކާފައިވޭތޯ ބެލުމުގެ ގޮތުން، ޖޭން އިންޓަރޓްރޭޑް (ތައިލޭންޑް) ކޯ. ލިމިޓެޑުގެ ނަމުގައި ބެންކޮކް ބޭންކް ޕަބްލިކް ކޮމްޕެނީ ލިމިޓެޑުގައި ހުޅުވާފައިވާ ނަންބަރު 058 300 8388 އެކައުންޓަށް 05 ފެބްރުވަރީ 2010 އިން 18 ފެބްރުވަރީ 2010 ގެ ނިޔަލަށް މުޙައްމަދު އިބްރާހީމްގެ ނަމުގައި ނުވަތަ ޕާޓް އެކްސްޗޭންޖުގެ ނަމުގައި އެއްވެސް ފައިސާއެއް ފޮނުވާފައިވޭތޯ ބޭންކް އޮފް މޯލްޑިވްސް ޕލކ އާއި، ބޭންކް އޮފް ސިލޯނާއި، ސްޓޭޓް ބޭންކް އޮފް އިންޑިޔާ އާއި، ހަބީބް ބޭންކް ލިމިޓެޑާއި، މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑާއި، ހޮންކޮންގ އެންޑް ޝެންގހާއި ބޭންކް ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރިއިރު، އެއިން އެއްވެސް ބޭންކެއް މެދުވެރިކޮށް އެފަދަ ޓްރާންސެކްޝަނެއް ހަދާފައިވާކަން އެނގެން ނެތްކަން؛
ނަންބަރު 2010/008 (05 ފެބްރުވަރީ 2010) ގެ އިންވޮއިސްއަށް ޙަވާލާދީފައިވާ ބެލެންސް ނޯޓަކީ ޖޭން އިންޓަރޓްރޭޑް (ތައިލެންޑް) ކޯ. ލިމިޓެޑުގެ އެކައުންޓްސް ޑިޕާޓްމަންޓުން އޮޅުމަކުން ހެދިފައިވާ ލިޔުމެއްކަމަށް ބަޔާންކޮށް އެ ކުންފުނިން ފޮނުވާފައިވާ ސިޓީއެއް މުޙައްމަދު އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވުން؛
ނަންބަރު MSCUBK098255 ބީ.އެލްގެ ދަށުން ރާއްޖެ އެތެރެކުރި ސައިކަލް ޝިޕްމަންޓާ ގުޅިގެން އެ ޝިޕްމަންޓާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ބެލެންސް ނޯޓަކީ، އެ ލިޔުމާމެދު މުޙައްމަދު އިބްރާހީމް އިންކާރުކޮށްކޮށް ހުއްޓައި، ހަމައެކަނި އެ ލިޔުމުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު ގެ 14 ވަނަ މާއްދާގެ (ބ) ގެ ދަށުން މުޙައްމަދު އިބްރާހީމް އާމެދު ފިޔަވަޅެއް އެޅުމަށްޓަކައި ފުދޭ ލިޔުމެއްކަމަށް ބެލެން ނެތަތީ، އެ ބެލެންސް ނޯޓުގައިވާ އަގުތަކުން އިމްޕޯޓް ޑިއުޓީ ދެއްކުމަށް ނިންމި ނިންމުމަކީވެސް ރަނގަޅު ނިންމުމެއްކަމުގައި ބެލޭނެ ތަނެއް ނެތްކަން؛ އަދި
"ކުއްޔަށް ގެންދާ ތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ޤަވާޢިދު" އަށް ޤިޔާސްކޮށް، އެ ޤަވާޢިދުގެ 11 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް މި މައްސަލައިގައި ވަކީލުގެ ފީ ނަގައިދިނުމަށް ބަލާއިރު، މި މައްސަލައިގައި ބޭއްވިފައިވަނީ ޖުމްލަ 06 (ހައެއް) އަޑުއެހުމެއްކަމަށްވާތީ، އަޑުއެހުމަކަށް 300/-ރ. (ތިންސަތޭކަ ރުފިޔާ) ގެ މަގުން ޖުމްލަ 1,800/-ރ. (އެއްހާސް އަށްސަތޭކަ ރުފިޔާ) ކަމަށްވެފައި، އެ ޢަދަދަކީ މި މައްސަލައިގެ ޝަރީޢަތަށް ސާބިތުވާ ޢަދަދުގެ %30 އަށްވުރެ ބޮޑު ޢަދަދެއްކަމަށްނުވާތީ، މި މައްސަލައިގައި ދައުވާކުރާ ފަރާތަށް ޤާނޫނީ ވަކީލުގެ ފީގެ ގޮތުގައި ނަގައިދެވޭނީ 1,800/-ރ. (އެއްހާސް އަށްސަތޭކަ ރުފިޔާ) ކަމާއި، ވަކީލު ފީ ނުނެގޭނެ ކަމަށް ބުނެ ދައުލަތުން ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާއަކީ "ކުއްޔަށް ގެންދާ ތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ޤަވާޢިދު" އަށް ޢަމަލުކުރަން ފެށުމުގެ މާކުރިން ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނާތީ، އެ ނިންމުމަކީ ވަކީލު ފީ ނަގައިދިނުން ނަފީކުރުމަށް ދަލީލެއްގެ ގޮތުގައި ބޭނުންކުރެވޭނެ ޤަޟިއްޔާއެއް ނޫންކަން.
އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް
ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު (1287/MC/2010) 577/Cv-C/2010 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެ ނިންމުން އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/148 ޤަޟިއްޔާއިން ބަލާފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/148 ޤަޟިއްޔާގައި ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު (1287/MC/2010) 577/Cv-C/2010 ޤަޟިއްޔާގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް ނެތްކަމުން، ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ.
އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/148 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ނަންބަރު MSCUBK098255 ބީ.އެލްގެ ދަށުން ޕާޓް އެކްސްޗޭންޖުގެ ނަމުގައި އެތެރެކޮށްފައިވާ މުދަލުގެ ޞައްޙަ އަގުތައް ނޫންކަމަށް ސާބިތުކޮށްދިނުމުގެ ގޮތުން ޕާޓް އެކްސްޗޭންޖުގެ ފަރާތުން ބުނާބުނުމުގެ މައްޗަށް ބަލާއިރު، މި ދެ ލިޔުމުގައި ހުރި ހަމައެކަނި ތަފާތަކީ އެ ނޯޓުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހޮންޑާ ވޭވް 125 އައި ގެ 7 (ހަތެއް) ސައިކަލުގެ މޮޑެލް ނަންބަރުކަމަށް އިންވޮއިސްގައި ބަޔާންކޮށްފައިވާ NF125MC ގެ ބަދަލުގައި NF125MT މިފަދައިން ބަޔާންކޮށްފައިވުމާއި، ނޯޓުގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހޮންޑާވޭވް 125 އެސް ގެ 15 (ފަނަރަ) ސައިކަލުގެ މޮޑެލް ނަންބަރު ކަމަށް އިންވޮއިސްގައި ބަޔާންކޮށްފައިވާ NF125MT ގެ ބަދަލުގައި NF125MC މިފަދައިން ބަޔާންކޮށްފައިވުން ކަމާއި، އަދި ބެލެންސް ނޯޓު 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހޮންޑާވޭވް 125 އައި ގެ ސައިކަލްގެ މޮޑެލް ނަންބަރަކީ NF125MC ކަމަށާއި، NF125MT ގެ ނަންބަރުގެ ދަށުން އެ މޮޑެލްގެ ސައިކަލު ނުއުފައްދާ ކަމަށާއި، ހަމަ އެފަދައިން އެ ނޯޓުގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހޮންޑާ ވޭވް 125 އެސް ގެ ސައިކަލުގެ މޮޑެލް ނަންބަރަކީ NF125MT ކަމަށާއި، NF125MC ނަންބަރު ދަށުން އެ މޮޑެލްގެ ސައިކަލު ނުއުފައްދާ ކަމަށް މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ބުނެފައިވާތީ އާއި، އަދި މިކަމަށް މުޙައްމަދު އިބްރާހީމް ވެސް އެއްބަސްވުމާއެކު އެ ދެ ލިޔުމުގައި ބަޔާންކޮށްފައިވާ މޮޑެލް ނަންބަރުތައް ތަފާތުވެފައިވަނީ ލިޔުމުގެ ކުށަކުން (typographical error) ކަން އެނގޭތީ، އެ ދެ ލިޔުމުގައިވާ ސައިކަލުތަކަކީ އެއް ސައިކަލުތަކެއް ކަމަށް ވުމަކީ އެކަށީގެންވާކަމައްކަން؛
ބެލެންސް ނޯޓުގެ ތިރީގައި "ޕެއިޑް" ޖަހާފައިވީނަމަވެސް، އެ ޢަދަދަށް ފައިސާ ދައްކާފައި ނުވާނެކަމަށް ޕާޓް އެކްސްޗޭންޖުގެ ފަރާތުން ބުނާއިރު، އެކަން ސާބިތުކޮށްދިނުމަށް އިތުރު އެއްވެސް ހެއްކެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައި ނުވާކަމާއި، ދިވެހިރާއްޖޭގައި އޮޕަރޭޓްކުރާ އެއްވެސް ބޭންކެއް މެދުވެރިކޮށް 05 ފެބުރުވަރީ 2010 އާއި 18 ފެބުރުވަރީ 2010 އާ ދެމެދު އެއްވެސް ފައިސާއެއް ދައްކާފައިވޭތޯ ސިވިލް ކޯޓުން އޮޅުންފިލުވާފައިވާކަމާއި، އެ ނޯޓުގައި ބަޔާންކޮށްފައިވާ ތާރީޚުގައި ޕާޓް އެކްސްޗޭންޖުގެ ފަރާތުން ޖޭން އިންޓަރޓްރޭޑް (ތައިލެންޑް) ކޯ. ލިމިޓެޑަށް ދައްކާފައިވާކަން ސާބިތުނުވާކަން؛
ސުވާލު އުފެދިފައިވާ ބެލެންސް ނޯޓާ ބެހޭގޮތުން 01 މާރިޗު 2010 ގެ ތާރީޚުގައި ޖޭން އިންޓަރޓްރޭޑް (ތައިލެންޑް) ކޯ. ލިމިޓެޑުން ފޮނުވާފައިވާ ލިޔުމަށް ބަލާއިރު، އެ ލިޔުނ ތައްޔާރުކުރުމުގައި އެ ކުންފުނީގެ އެކައުންޓްސް ޑިޕާޓްމަންޓުން އޮޅުންތަކެއް އަރާފައިވާކަމަށް އެ ސިޓީގައި ބުނެފައިވާކަމަށާއި، އެ ބެލެންސް ނޯޓުގައި ބަޔާންކޮށްފައިވާ ބައެއް ޢަދަދުތަކަކީ ޕާޓް އެކްސްޗޭންޖްއާ ގުޅުންހުރި ޢަދަދަތަކެއް ނޫންކަމަށާއި، އޭގޭތެރޭގައި ކުރިން ފޮނުވާފައިވާ ބައެއް ތަކެތީގެ އަގުތައްވެސް އެއްކުރެވިފައިވާކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އަދި ޖޭން އިންޓާރޓްރޭޑް (ތައިލެންޑް) ކޯ. ލިމިޓެޑުން ފޮނުވާފައިވާ މި ސިޓީގެ ޞައްޙަކަމާމެދު ދައުލަތުން ސުވާލު އުފައްދާފައިނުވާކަން؛
ޖޭން އިންޓަރޓްރޭޑް (ތައިލެންޑް) ކޯ. ލިމިޓެޑުގެ ނަންބަރު 2010/008 އިންވޮއިސްގައި ބަޔާންކޮށްފައިވާ މުދަލުގެ އަގާއި އަގު ދައްކަން އެއްބަސްވާ ގޮތާބެހޭ ގޮތުން 26 ޖަނަވަރީ 2010 ގެ ތާރީޚުގައި އެ ކުންފުނިން ޕާޓް އެކްސްޗޭންޖުގެ ވެރިފަރާތް ކަމުގައިވާ މުޙައްމަދު އިބްރާހީމަށް ފޮނުވާފައިވާ ސިޓީއަށް ބަލާއިރު، އެ ސިޓީ ލިޔެފައިވާ ޖޭން.އިންޓަރޓްރޭޑް (ތައިލެންޑް)ކޯ. ލިމިޓެޑުގެ ލެޓަރހެޑާއި، 01 މާރިޗު 2010 ގެ ތާރީޚްގައި ޖޭން.އިންޓަރޓްރޭޑް (ތައިލެންޑް)ކޯ. ލިމިޓެޑުން ފޮނުވާފައިވާ ސިޓީގެ ލެޓަރހެޑްގައި ތަފާތުތަކެއް ހުރިކަމުން، އެ ސިޓީ ޞައްޙަކަމާމެދު ދައުލަތުގެ ފަރާތުން ސުވާލު އުފައްދާފައި ވީނަމަވެސް، ލެޓަރހެޑްގައިވާ ކުދިކުދި ތަފާތު ފިޔަވައި އެ ސިޓީއަކީ ޞައްޙަނޫން ސިޓީއެއްކަމަށް ސާބިތުކޮށްދިނުމުގެ ގޮތުން ދައުލަތުގެ ފަރާތުން އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަން؛
12 މެއި 2010 ގެ ތާރީޚުގައި ޖޭން އިންޓާރޓްރޭޑް (ތައިލެންޑް) ކޯ. ލިމިޓެޑުން ދޫކޮށްފައިވާ ރިސިޕްޓުގެ ކޮޕީއަށް ބަލާއިރު، އެ ރިސިޕްޓަކީ ޕާޓް އެކްސްޗޭންޖުގެ ފަރާތުން ޖޭން އިންޓާރޓްރޭޑް (ތައިލެންޑް) ކޯ. ލިމިޓެޑަށް ޖުމްލަ US$23,232/50 (ތޭވީސްހާސް ދުއިސައްތަ ތިރީސްދޭއް އެމެރިކާ ޑޮލަރު ފަންސާސް ސެންޓް) ދެއްކުމުން، 12 މެއި 2010 ގެ ތާރީޚުގައި އެ ކުންފުނިން ދޫކޮށްފައިވާ ރިސިޕްޓެއްކަމާއި، އަދި އެ ރިސިޕްޓުގެ ތިރީގައި "ނޯޓްސް/ރިމާރކްސް" ލިޔަން އޮތް ތާނގައި B/L# MSCUBK098255 ޖަހާފައިވާކަމާއި، މި ރިސިޕްޓްގައި ޕާޓް އެކްސްޗޭންޖުގެ ފަރާތުން ޖޭން އިންޓާރޓްރޭޑް (ތައިލެންޑް) ކޯ. ލިމިޓެޑަށް ދައްކާފައިވާކަމަށް ބަޔާންކޮށްފައިވާ ޢަދަދާއި ނަންބަރު 2010/008 އިންވޮއިސްގައި ބަޔާންކޮށްފައިވާ މުދަލުގެ އަގުގެ ތަފާތަކީ ހަމައެކަނި 2 (ދޭއް) ސެންޓްކަމާއި، އެހެންކަމުން މި ރިސިޕްޓުގައި ބަޔާންކޮށްފައިމިވަނީ ނަންބަރު MSCUBK098255 ބީ.އެލްގެ ދަށުން ޕާޓް އެކްސްޗޭންޖުގެ ފަރާތުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ ސައިކަލް ޝިޕްމަންޓަށް އެތަކެތި ފޮނުވި ނަންބަރު 2010/008 އިންވޮއިސްގައި ބަޔާންކޮށްފައިވާ ފައިސާކަން މަދަނީ މިންގަނޑުން ސާބިތުވާކަން؛
ސުވާލުއުފެދިފައިވާ ޝިޕްމަންޓުގެ ކުރިންނާއި ފަހުން ޕާޓް އެކްސްޗޭންޖުގެ ފަރާތުން ރާއްޖެ އެތެރެކޮށްފައިވާ ސައިކަލްތަކަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ތައްޔާރުކޮށްފައިވާ "ޕްރައިސް ވެލުއޭޝަން އެޑްވައިސް" ގެ ކޮޕީތަކަށާއި، މި މައްސަލަ އާ ގުޅިގެން ޕާޓް އެކްސްޗޭންޖުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ "ޕްރައިސް ވެލުއޭޝަން އެޑްވައިސް" ތަކަށް ބަލާއިރު، އެ ފަހަރުތަކުގައި ޕާޓް އެކްސްޗޭންޖުގެ ފަރާތުން ރާއްޖެ އެތެރެކޮށްފައިވާ އަގުކަމަށް ބަޔާންކޮށްފައިވާ އަގުތަކަކީ، ސުވާލު އެފެދިފައިވާ ޝިޕްމަންޓުގައި ހިމެނޭ ސައިކަލްތަކުގެ އަގުކަމަށް ނަންބަރު 2010/008 އިންވޮއިސްގައި ބަޔާންކޮށްފައިވާ އަގުތަކާ ދާދި އެއް އަގުތަކެއްކަން އެނގޭކަމުން، ޖުމްލަ ގޮތެއްގައި ބަލާއިރު، 10 ފެބުރުވަރީ 2010 ގެ ތާރީޚުގައި ޖޭން އިންޓަރޓްރޭޑް (ތައިލެންޑް) ކޯ. ލިމިޓެޑުން ތައްޔާރު ކޮށްފައިވާ ބެލެންސް ނޯޓުގައި ބަޔާންކޮށްފައިވާ އަގުތަކަކީ ނަންބަރު MSCUBK098255 ބީ.އެލްގެ ދަށުން އެތެރެކޮށްފައިވާ މުދަލުގެ ޞައްޙަ އަގުތައްކަމަށް މަދަނީ މިންގަނޑުން ސާބިތުނުވާކަން؛ އަދި
މި މައްސަލައިގައި ހިމެނޭ އިސްވެދެންނެވުނު ޝިޕްމަންޓް ރާއްޖެ އެތެރެކުރެވުނުއިރު ޢަމަލުކުރެވުނު "ކަސްޓަމްސްގެ ޢާންމު ޤަވާޢިދު" އަށް ބަލާއިރު، ދިވެހިރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ޑިއުޓީ ކަނޑައެޅުމަށްޓަކައި އެ ސަރވިސްއަށް ހުޅަންޖެހެނީ އެ ޤަވާޢިދުގެ 4 ވަނަ ނަންބަރުގެ (ހ) އިން (ރ) އަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ކަމާއި، އެ ލިޔެކިޔުންތަކުގެ ތެރޭގައި" ބެލެންސް ނޯޓު" ހިމެނިފައިނުވާކަމާއި، އެ ނަންބަރުގެ (ބ) ގައި ބަޔާންކޮށްފައިވާ "ކަސްޓަމްސްއިން އެދޭ އެހެނިހެން ލިޔުންތައް" ގެ ތެރޭގައި "ބެލެންސް ނޯޓު" ހިމެނޭކަމަށް ބެލިކަމުގައިވާނަމަވެސް، އެ މާއްދާގެ ދަށުން އެ ލިޔުން ހުށަހަޅަންޖެހޭނީ އެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އެދޭ ޙާލަތުގައިކަމާއި، މި މައްސަލައިގައި "ބެލެންސް ނޯޓް" ހޯދުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އެދިފައިވާކަން އެނގެން ނެތްކަމުގައިވާތީ، މި މައްސަލައިގައި "ބެލެންސް ނޯޓް" އަކީ ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ލިޔުމެއް ނޫންކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/148 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ދައުލަތް (މޯލްޑިވްސް ކަސްޓްމަސް ސަރވިސް / އެޓަރނީ ޖެނެރަލް އޮފީސް) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 04 (ހަތަރެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/148ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ 3 ވަނަ ނަންބަރުގެ (ރ) ގައި މި މައްސަލައިގައި ހިމެނޭ ބެލެންސް ނޯޓުގައި ބަޔާންކޮށްފައިވާ މުދަލާއި ކުއަންޓިޓީ، މުދަލުގެ ބާވަތާއި ތަފްޞީލް، ކޮންސައިނީ އަދި ކޮންސައިނަރ ނަންބަރު 2010/08 އިންވޮއިސްގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ބަރާބަރަށް ދިމާވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބަލާފައިވިޔަސް، މޮޑެލް ނަންބަރުގައި ވަނީ ލިޔުމުގެ ކުށެއްކަން އެނގޭކަމާއި، މި ދެ ލިޔުމުގައިވާ ސައިކަލުތަކަކީ އެއް ސައިކަލުތަކަކަށް ވުމަކީ އެކަށީގެންވާ ކަމެއްކަމަށް ނިންމާފައިވާއިރު، މި ދެ ލިޔުމުގައި އެއްގޮތް ކަންތައްތައް ގިނަކަމުން މި ދެ ލިޔުމަކީ އެކަތި އަނަކެއްޗާ ނުގުޅޭ ދެ ލިޔުމެއް ގޮތުގައި ބެލުމަށްވުރެ، އެކަތި އަނެކެއްޗާ ގުޅޭ އެއްޗެއްކަމުގައި މަދަނީ މިންގަނޑުތަކުން ބެލޭއިރު، އެއް މުދަލަކާ ގުޅިގެން ދެ ލިޔުމެއް ހެދި ދެ ލިޔުމުގައި އެއް މުދަލަކަށް ދެ އަގެއް އޮތުމަކީ ބަޔަކު އޮޅުވާލުމުގެ އިޙްތިމާލު އޮތްކަމަކަށްވެފައި، އަތުލިޔުމުންނާއި ފައިސާ ދެއްކިކަމުގެ ތައްގަނޑު ޖަހާފައިވާ ލިޔުން ކަމުގައިވާ ބެލެންސް ނޯޓުގައިވާ ފައިސާގެ ޢަދަދު ޞައްޙަވުމުގެ ފުރުޞަތު ބޮޑުކަމަށްވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި އެކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ދެވަނަ ސަބަބަކީ، އިސްތިއުނާފު މިކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ 3 ވަނަ ނަންބަރުގެ (ނ) ގައި ނަންބަރު 2010/008(05 ފެބްރުވަރީ 2010) އިންވޮއިސްއަށް ޙަވާލާދީފައިވާ ބެލެންސް ނޯޓަކީ އޮޅުމަކުން ހެދިފައިވާ ލިޔުމެއްކަމަށް ބަޔާންކޮށް އެ ކުންފުނިން ފޮނުވާފައިވާ ލިޔުމެއްކަމަށް ބުނާ ލިޔުމެއް މުޙައްމަދު އިބްރާހީމްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ބުނެފައިވާއިރު، މި ލިޔުމަކީ ޖޭން އިންޓަރޓްރޭޑް (ތައިލެންޑް) ކޯ. ލިމިޓެޑުން ފޮނުވާފައިވާ ޞައްޙަ ލިޔުމެއްތޯ ދަށު ކޯޓުން ބަލާފައިނުވާކަމަށް ބަޔާންކޮށްފައިވާ ހިނދު، އަދި އެ ލިޔުމަކީ އެ ލިޔުން ދިން ފަރާތުގެ ކަސްޓަމަރެއްގެ މަޞްލަޙަތު ހިމާޔަތްކޮށްދިނުމުގެ ބޭނުމުގައި ތައްޔާރުކޮށްފައިވާ ލިޔުމަކަށްވުމުގެ އިޙްތިމާލު އޮތްހިނދު، ޕާޓް އެކްސްޗޭންޖުގެ ފަރާތުން ފައިސާދެއްކިތޯ ޝަރީޢަތުން ރާއްޖޭގެ ބޭންކްތައް ބެލިފަދައިން، މި ލިޔުމާމެދު ސުވާލު އުފައްދާފައިވަނިކޮށް މި ލިޔުމުގެ ޞައްޙަކަން ބެލުމަށްޓަކައި، އެކަން ކަމާބެހޭ މުއައްސަސާއަކަށް ހުށަހަޅައިގެން ބެލުމަކީ މައްސަލައިގައި ޢަދުލުވެރި ނިންމުމަކަށް ވާޞިލުވުމަށްޓަކައި މުޙިއްމުކަމެއް ކަމަށްވާއިރު، ތަޙުޒީބުވެފައިވާ ދިމިޤްރާޠީ މުޖުތަމަޢުތަކުގައިވެސް މިފަދަ ޙާލަތްތަކުގައި ޢަމަލުކުރާ އުޞޫލަކީ، އެއް ޤައުމުން އަނެއް ޤައުމުގެ ކަމާބެހޭ މުއައްސަސާތަކުގައި ހިނގައި ތަޙްޤީޤުތަކުގައި ބަދަލުކުރެވޭ ލިޔުންތަކަކީ އެ ލިޔުންފޮނުވާ ޤައުމެއްގެ ކަމާބެހޭ ރަސްމީ އިދާރާއެއް ނުވަތަ އެކަމުގެ ހުއްދަ އޮންނަ ޤާނޫނީ ވަކީލެއްގެ އެންޑޯޒްމަންޓް އޮވެގެން އެފަދަ ލިޔުންތަކުގެ ޞައްޙަކަން ދެނެގަތުމުގެ އުޞޫލުކަމަށްވީހިނދު، މި މައްސަލަ ތަޙްޤީޤުކުރަން ފެށިފަހުން ހުށަހަޅާފައިވާ ލިޔުންތަކަކީ އެ އުޞޫލުން ހުށަހެޅިފައިވާ ލިޔުންތަކަކަށް ނުވާހިނދު، އެކަންކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ތިންވަނަ ސަބަބަކީ، ދިވެހިރާއްޖެ އެތެރެކުރާ މުދަލާގުޅޭ ޞައްޙަ މައުލޫމާތު ހާމަވާން އޮންނަ އެންމެ ޞައްޙަ ލިޔުމަކީ ޝިޕިންގް ޑޮކިއުމަންޓް ނުވަތަ ބީ.އެލް ކަމުގައިވާއިރު، މި މުދަލުގެ ޝިޕިންގް ޑޮކިއުމަންޓް ނުވަތަ ބީ.އެލް ގައި ބަޔާންކޮށްފައިވާ ތަފްޞީލީ މަޢުލޫމާތާއި ބެލެންސް ނޯޓުގައި ދީފައިވާ މަޢުލޫމާތު ދިމާވާތީއާއި، ބެލެންސް ނޯޓަކީ އޮޅުމަކުން ހެދިފައިވާ ލިޔުމެއް ކަމުގައި ބަޔާންކުރުމުގެ ގޮތުން ތަފާތު އެކި ލިޔުން މުދާ ފޮނުވި ފަރާތުން ފޮނުވާފައިވަނީ މުދަލުގެ އަގުގެ މައްސަލަޖެހި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ތަޙްޤީޤުކުރަން ފެށުމުންކަމާއި، މައްސަލައިގެ ތަޙްޤީޤުގައި މުޙައްމަދު އިބްރާހީމް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދީފައިވާ ބަޔާނުގައި މިއީ ލިޔެކިޔުމުން އެއްވެސް މުޢާމަލާތެއް ކޮށްގެން އޯޑަރކޮށްފައިވާ މުޢާމަލާތެއް ނޫންކަމާއި، މިއީ ކުރެޑިޓަށް ގެނެސްފައިވާ މުދާކަމަށް ބުނެފައިވާއިރު، ފައިސާ ނުފޮނުވާ މުދަލެއްގެ ފައިސާގެ މުޢާމަލާތެއް ސާފުކުރުމަށް ފައިސާ ފޮނުވިގޮތް ބަލާހޯދުމުގެ ގޮތުން ރާއްޖޭގެ ބޭންކްތައް ބެލުމަކީ މުދަލަށް ފައިސާ ފޮނުވާފައިވާކަން ހާމަވާނެކަމަށް ނޫންކަމަށާއި، ބެލެންސް ނޯޓުގައި "ޕެއިޑް" ތައްގަނޑު ޖަހާފައިވުމަކީ ބޭންކް މެދުވެރިކޮށް ނޫންގޮތަކަށް ނަމަވެސް އެ ފައިސާ އެ ފަރާތަށް ފޯރުކޮށްދީފައިވާތީ ޖަހާފައިވާ ތައްގަނޑެއްކަމަށް ބެލެވޭނެކަމަށާއި، އެ ޝިޕްމަންޓާ ގުޅިގެން މުދާ ފޮނުވިފަރާތުން ތައްޔާރުކޮށްފައިވާ އެހެން ލިޔުންތައް ޞައްޙަވާފަދައިން ބެލެންސް ނޯޓަކީވެސް ޞައްޙަ ލިޔުމެއްކަމާއި، އެކަން ނަފީކުރުމަށް އެކިލިޔުންތައް ހުށަހަޅާފައިވަނީ މައްސަލަ ތަޙްޤީގުކުރަން ފެށިފަހުން ކަމުގައިވީހިނދު، އެއީ މުދާ ފޮނުވި ފަރާތުން އެ ފަރާތުގެ ކަސްޓަމަރުގެ ދިފާޢުގައި ކޮށްފާނެ ކަމެއްކަމަށް ބެލެވޭހިނދު އެކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ހަތަރުވަނަ ސަބަބަކީ، ދިވެހިރާއްޖެއަށް އިމްޕޯޓުކުރެވޭ މުދަލުގެ ޑިއުޓީ ކަނޑައެޅުމަށްޓަކައި އެ ސަރވިސްއަށް ހުށަހަޅަންޖެހެނީ "ކަސްޓަމްސްގެ ޢާންމު ޤަވާޢިދު" 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައްކަން އެނގޭކަމާއި، އެ ލިޔެކިޔުންތަކުގެ ތެރޭގައި "ބެލެންސް ނޯޓް" ހިމެނިފައިނުވާކަމަށާއި، އަދި އެ ނަންބަރުގެ (ބ) ގައި ބަޔާންކޮށްފައިވާ "ކަސްޓަމްސްއިން އެދޭ އެހެނިހެން ލިޔުންތައް" ގެ ތެރޭގައި ބެލެންސް ނޯޓު ހިމެނޭކަމަށް ބެލި ކަމުގައިވީނަމަވެސް، މި މައްސަލައިގައި "ބެލެންސް ނޯޓް" ހޯދުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އެދިފައިވާކަން އެނގެން ނެތްކަމާއި، ވީމާ މި މައްސަލައިގައި "ބެލެންސް ނޯޓް" އަކީ ހެއްކާބޭހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ލިޔުމެއް ނޫންކަމަށާއި އެހެންކަމުން ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ނުބެލެވޭކަމަށް ހައިކޯޓުން ކަނޑައަޅާފައިވާއިރު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހޯދަން ބޭނުންވާ ލިޔުމެއް އެ ސަރވިސްއިން ހޯދަން އެދުމުގެ ކުރިން އެ މުދަލުގެ ވެރިފަރާތުގެ އަމިއްލަ އިޚްތިޔާރުގައި ކަސްޓަމްސްއަށް ހުށަހެޅުމުން އެ ލިޔުން ހޯދުމަށް ކަސްޓްމްސްއިން އެދިފައިނުވާނަމަ، އެ ލިޔުމަކީ ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ލިޔުމެއް ނޫންކަމަށް ކަނޑައެޅުމަކީ ހަމަޖެހޭކަމެއް ނޫންކަމަބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/213 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން މުޙައްމަދު އިބްރާހީމްގެ ފަރާތުން މައިގަނޑު 4 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ދަޢުވާ ނަފީކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެއްކެއް ކަމުގައިވާ "ބެލެންސް ނޯޓް" ގެ ޞައްޙަކަމާމެދު ގޮތެއް ކަނޑައެޅުމަކީ، ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފުކަމެއް ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ދައުލަތުގެ ދަފްޢު މަދަނީ މިންގަނޑުން ސާބިތުކުރުމަށް އެ ވާޤިޢާ ވަށައިގެންވާ ހުރިހާ ކަމަކަށް ރިޢާޔަތް ކުރަންޖެހޭކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި، އެ ހުރިހާކަމަކަށް ރިޢާޔަތްކޮށްފައިވާކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބިނާކޮށްފައިވަނީ ބުނެވިދިޔަ މުދަލުގެ އަގަކީ އެ މުދަލުގެ އަގު ފާސްކުރުމަށް ހުށަހަޅާފައިވާ ނަންބަރު 2010/008 (05 ފެބްރުވަރީ 2010) އިންވޮއިސްގައި ބަޔާންކޮށްފައިވާ އަގުކަމަށް މަދަނީ މިންގަންޑުން ސާބިތުވާ ހެކިތަކުގެ މައްޗަށްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 03 ވަނަ ނަންބަރުން އެނގޭ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ޖޭން އިންޓަރޓްރޭޑް (ތައިލެންޑް) ކޯ އިން ފޮނުވާފައިވާ ލިޔުމުގެ ޞައްޙަކަން ސިވިލް ކޯޓުން ބަލާފައިނުވާކަމަށް ބުނެ ދައުލަތުން ހައިކޯޓަށް ހުށަހެޅި ނުކުތާއަށް އެ ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާއިރު، އެ ލިޔުމުގެ ޞައްޙަކަމާމެދު ސިވިލް ކޯޓުގައި ދައުލަތުން ސުވާލު އުފައްދާފައި ނުވާކަމާއި، ދަށުކޯޓުގައި ދައުލަތުން ފާހަގަކޮށްފައި ނުވާކަމެއް އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ހުށަހެޅުނަސް އެކަމަށް ރިޢާޔަތްކުރުމަކީ އިސްތިއުނާފީ އުޞޫލުތަކާ ޚިލާފުކަމެއް ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ ބެލެންސް ނޯޓަކީ ދައުލަތުން އެ ފަރާތުގެ ދަޢުވާ ސާބިތުކޮށްދިނުމަށް ހުށަހަޅާފައިވާ ހެއްކެއް ކަމަށްވާއިރު، އެ ލިޔުން ފޮނުވި ފަރާތުން އެ ލިޔުމަކީ ޞައްޙަ ލިޔުމެއް ނޫންކަމަށް ބުނާ ޙާލަތުގައި އެ ލިޔުމުގެ ޞައްޙަކަން ސާބިތުކޮށްދިނުމުގެ ބުރަ އޮންނަފަރާތަކީ، އެ ލިޔުމެއް ޝަރީޢަތަށް ހުށަހެޅި ފަރާތްކަމަށާއި، އެހެންނަމަވެސް މި މައްސަލައިގައި އެ ލިޔުމަކީ ޝިޕްމަންޓާ ގުޅުންހުރި ޞައްޙަ ލިޔުމެއްކަމަށް ދައުލަތަށް ސިވިލް ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދިވެހިރާއްޖެއަށް އެތެރެކުރެވޭ ތަކެއްޗަށް ދައްކަންޖެހޭ ޑިއުޓީ ކަނޑައެޅުމަށްޓަކައި މޯލްޑިވްސް ކަސްޓްމްސް ސަރވިސްއަށް ހުށަހަޅަންޖެހޭ ތަކެތި ބަޔާންކޮށްފައިވަނީ އޭރު ޢަމަލުކުރެވެމުން ދިޔަ "ކަސްޓަމްސްގެ ޢާންމު ޤަވާޢިދު" ގެ ދަށުންކަމަށްވެފައި، އެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ ތެރޭގައި "ބެލެންސް ނޯޓް" ހިމެނިފައިނުވާތީ، މި މައްސަލަ ދަށުކޯޓުން ނިންމާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ ނައްޞާ ޚިލާފަށް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބަލާނެ ހަމައެއް ނެތްކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ބުރަދަން ދޭންވީ ކޮން ލިޔުމަކަށްކަން ކަނޑައަޅާފައިވާ ގޮތް
މި މައްސަލައިގައި ހިމެނޭ ބެލެންސް ނޯޓުގައި ބަޔާންކޮށްފައިވާ މުދަލާއި ކުއަންޓިޓީ، މުދަލުގެ ބާވަތާއި ތަފްޞީލް، ކޮންސައިނީ އަދި ކޮންސައިނަރ ނަންބަރު 2010/08 އިންވޮއިސްގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ބަރާބަރަށް ދިމާވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބަލާފައިވިޔަސް މޮޑެލް ނަންބަރުގައިވަނީ ލިޔުމުގެ ކުށެއްކަން އެނގޭކަމާއި، މި ދެ ލިޔުމުގައިވާ ސައިކަލުތަކަކީ އެއް ސައިކަލުތަކަށްވުމަކީ އެކަށީގެންވާ ކަމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2012/HC-A/148 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ 3 ވަނަ ނަންބަރުގެ (ރ) ގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، މަދަނީ މިންގަނޑުތަކުން ބަލާއިރު، މި ދެ ލިޔުމަކީ އެކަތި އަނަކެއްޗާ ނުގުޅޭ ދެ ލިޔުމެއް ގޮތުގައި ބެލުމަށްވުރެ، އެކަތި އަނެކެއްޗާ ގުޅޭ ލިޔުން ކަމުގައި ބެލޭކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ. އަދި، އެއް މުދަލަކާ ގުޅިގެން ދެ ލިޔުމެއް ހެދި ދެ ލިޔުމުގައި އެއް މުދަލަކަށް ދެ އަގެއް އޮތުމަކީ ބަޔަކު އޮޅުވާލުމުގެ މަސައްކަތްކޮށްފައިވާކަމުގެ އިޙްތިމާލު އޮތްކަމަކަށްވެފައި، އަތު ލިޔުމުންނާއި ފައިސާ ދެއްކިކަމުގެ ތައްގަނޑު ޖަހާފައިވާ ލިޔުން ކަމުގައިވާ ބެލެންސް ނޯޓުގައިވާ ފައިސާގެ ޢަދަދު ޞައްޙަވުމުގެ ފުރުޞަތު ބޮޑުކަމަށްވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި އެކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ދައުލަތުން ބުނެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/148ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ 3 ވަނަ ނަންބަރުގެ (ރ) އަށް ބެލުމުން، އެ ކޯޓުން ބެލެންސް ނޯޓާއި ނަންބަރު 2010/08 އިންވޮއިސްއަށް ބަލައި، އޭގެ ތެރެއިން އިންވޮއިސްއަށް ބުރަދަންދީފައިވާ ސަބަބު ބަޔާންކޮށްފައިވާކަން ސާފުކޮށް އެނގެން އޮންނަކަން ފާހަގަވެއެވެ. އެގޮތުން، އެ ނުކުތާއަށް ގޮތް ކަނޑައެޅުމުގައި ބެލެންސް ނޯޓާއި ނަންބަރު 2010/08 އިންވޮއިސްގެ އިތުރުން، 01 މާރިޗު 2010 ތާރީޚުގައި ޖޭން އިންޓަރޓެރޭޑް (ތައިލަންޑް) ކޯ.ގެ ފަރާތުން ފޮނުވާފައިވާ ސިޓީއަށާއި، އަގު ދެއްކުމާ ގުޅޭގޮތުން ޖޭން އިންޓަރޓެރޭޑް (ތައިލަންޑް) ކޯ.ގެ ފަރާތުން 26 ޖަނަވަރީ 2010 ގައި މުޙައްމަދު އިބްރާހީމަށް ފޮނުވާފައިވާ ސިޓީއަށާއި، 12 މެއި 2010 ދުވަހުގެ ތާރީޚުގައި ޖޭން އިންޓަރޓެރޭޑް (ތައިލަންޑް) ކޯ.ގެ ފަރާތުން މުދާތައް އެތެރެކުރި ބީ.އެލް އަށް ޙަވާލާދީ ދޫކޮށްފައިވާ ރަސީދަށާއި، ސުވާލުއުފެދިފައިވާ ޝިޕްމަންޓްގެ ކުރިންނާއި ފަހުން ޕާޓް އެކްސްޗޭންޖުގެ ފަރާތުން އެތެރެކޮށްފައިވާ ސައިކަލުތަކަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ތައްޔާރުކޮށްފައިވާ "ޕްރައިސް ވެލުއޭޝަން އެޑްވައިސް" ތަކުގައިވާ އަގުތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާކަން އެނގެން އޮވެއެވެ.
އެހެންކަމުން، ނަންބަރު 2010/08 އިންވޮއިސްގައި ބަޔާންކޮށްފައިވާ އަގުތަކަކީ ބަޔަކު އޮޅުވާލުމުގެ ގޮތުން ހުށަހަޅާފައިވާ އަގުތަކެއްކަމުގައި ދައުލަތުގެ ފަރާތުން ބަޔާންކުރާކަމުގައިވަނީނަމަ، އެ އިޙްތިމާލު އެގޮތުގައި އޮތްކަމުގައި ބުނުމުގެ އިތުރުން، ކޯޓުގައި އެ ދަފްޢު ސާބުތުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ. އަދި ބެލެންސް ނޯޓާއި ނަންބަރު 2010/08 އިންވޮއިސްގައި ބަޔާންކޮށްފައިވާ ޢަދަދުތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަރާތުން އިންވޮއިސްގައި ބަޔާންކޮށްފައިވާ ޢަދަދުތަކަށް ބުރަދަންދީފައިވަނީ ރަނގަޅަށްކަމުގައިވެސް އަހުރެން ދެކެމެވެ. އެހެނީ، މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބެލުމުން، އެ ލިޔުންތަކުގެ ތެރެއިން ތަފާތުކަމެއް ހުރީ(inconsistent) ހަމައެކަނި ބެލެންސް ނޯޓުގައިކަމާއި، ބެލެންސް ނޯޓަކީ އެ ލިޔުމުގެ ޞައްޙަކަމުގެ މައްޗަށް މުޙައްމަދު އިބްރާހީމް އިންކާރު ކުރާ ލިޔުމެއް ކަމުގައިވާހިނދު، އަދި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ އެހެނިހެން ލިޔެކިޔުންތަކުން ބުރަދަން ލިބެނީ އިންވޮއިސްގައިވާ އަގަކީ ޞައްޙަ އަގު ކަމުގައިވާތީ، ހަމައެކަނި ބެލެންސް ނޯޓުގައި ބަޔާންކޮށްފައިވާ ޢަދަދަށް ބަރޯސާވެ، ފިޔަވަޅު އެޅުމަކީ އެކަށޭނަ ގޮތެއްކަމުގައި އަހުރެންނަށް ބެލެވެން ނެތަތީއެވެ.
01 މާރިޗު 2010 ގެ ސިޓީއަކީ ޞައްޙަ ލިޔުމެއްކަން ނުވަތަ ނޫންކަން ކަނޑައަޅާފައިނުވުން
ނަންބަރު 2010/008 (05 ފެބްރުވަރީ 2010) އިންވޮއިސްއަށް ޙަވާލާދީފައިވާ ބެލެންސް ނޯޓަކީ އޮޅުމަކުން ހެދިފައިވާ ލިޔުމެއްކަމަށް ބަޔާންކޮށް އެ ކުންފުނިން ފޮނުވާފައިވާ ލިޔުމެއްކަމަށް ބުނާ ޖޭން އިންޓަރޓްރޭޑް (ތައިލެންޑް) ކޯ.ގެ ސިޓީއެއް މުޙައްމަދު އިބްރާހީމްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، އެލިޔުމަކީ ޞައްޙަ ލިޔުމެއްތޯ ދަށު ކޯޓުން ބަލާފައިނުވާކަމާއި، އެ ލިޔުމާމެދު ދައުލަތުން ސުވާލު އުފައްދާފައިވާ ނަމަވެސް، ލިޔުމުގެ ޞައްޙަކަން ބެލުމަށްޓަކައި ތަޙުޒީބުވެފައިވާ ދިމިޤްރާތީ މުޖުތަމަޢުތަކުގައި މިފަދަ ޙާލަތްތަކުގައި ޢަމަލުކުރާ އުޞޫލުން، އެލިޔުންތަކުގެ ޞައްޙަކަން ކޯޓުން ބަލާފައިނުވާކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.
މިގޮތުން، ތަޙުޒީބުވެފައިވާ ދިމިޤްރާތީ މުޖުތަމަޢުތަކުގައި މިފަދަ ޙާލަތްތަކުގައި، އެއްޤައުމުން އަނެއް ޤައުމުގެ ކަމާބެހޭ މުއައްސަސާތަކުގައި ހިނގާ ތަޙްޤީޤުތަކުގައި ބަދަލުކުރެވޭ ލިޔުންތަކަކީ އެ ލިޔުންފޮނުވާ ޤައުމެއްގެ ކަމާބެހޭ ރަސްމީ އިދާރާއެއް ނުވަތަ އެކަމުގެ ހުއްދަ އޮންނަ ޤާނޫނީ ވަކީލެއްގެ އެންޑޯޒްމަންޓް އޮވެގެން އެފަދަ ލިޔުންތަކުގެ ޞައްޙަކަން ކަށަވަރުކުރާ ލިޔުންކަމުގައި ދައުލަތުން ބުނެއެވެ. އަދި ކޯޓުގެ ފަރާތުން ޕާޓް އެކްސްޗޭންޖް / މުޙައްމަދު އިބްރާހީމްގެ ފަރާތުން ފައިސާއްދަކާފައިވާކަން ބޭންކުތަކަށް ލިޔެގެން ހޯދި ފަދައިން، ލިޔުމުގެ ޞައްޙަކަން ކަށަވަރުކުރުމުގެ ގޮތުން ހޯދަންޖެހޭ މަޢުލޫމާތު ހޯދާފައިނުވާކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.
ސިވިލް ކޯޓުގެ ނަންބަރު (1287/MC/2010) 577/Cv-C/2010 ޤަޟިއްޔާގެ ތެރެއިން ބޭންކުތަކަށް ލިޔެ، އެފަދަ ފައިސާއެއް ޕާޓް އެކްސްޗޭންޖް / މުޙައްމަދު އިބްރާހީމްގެ ފަރާތުން ދައްކާފައިވާކަން ނުވަތަ ނޫންކަން ސާފުކޮށްފައިވަނީ މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ (ނަންބަރު 2010/008 އިންވޮއިސްއަށް ޙަވާލާދީފައިވާ) ބެލެންސް ނޯޓުގައި "ޕެއިޑް" ތައްގަނޑު ޖަހާފައިވާނަމަވެސް، އެއަށް ފައިސާ ދައްކާފައި ނުވާނެކަމަށް މުޙައްމަދު އިބްރާހީމްގެ ފަރާތުން ބުނެފައިވާތީކަން، ސިވިލް ކޯޓުގެ ނަންބަރު (1287/MC/2010) 577/Cv-C/2010 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ. ކޯޓުގެ ފަރާތުން އެފަދައިން ޢަމަލުކޮށްފައިވަނީ ބެލެންސް ނޯޓު ދޫކުރި ފަރާތުން، އެ ލިޔުމަކީ އޮޅުމަކުން ހެދިފައިވާ ލިޔުމެއްކަމުގައި ބުނެ ސިޓީއެއް ދީފައިވާތީއާއި، ނުދައްކާކަމަށް ބުނާ ފައިސާއެއް އެފަދައިން ބުނާ ފަރާތަކަށް ނުދައްކާވާކަމަށް ދެއްކޭނެ ހެއްކެއް އޮންނާނެކަމަށް ނުބެލެވޭތީއާއި، ފައިސާ ދެއްކިކަމަށް ދައުލަތުގެ ފަރާތުން ބުނާނަމަވެސް، އެކަން ސާބިތުކުރުމުގެ ގޮތުން ހެކި ހުށަހެޅުމަކީ މުސްތަޙީލު ކަމަކަށް ވާނެކަން ކޯޓަށް ބެލެވިގެން، އަދި ކޯޓުން ނެރޭ އަމުރެއްގެ މައްޗަށް ބިނާކޮށް ނޫންގޮތަކަށް ބޭންކުތަކުން މަޢުލޫމާތު ފޯރުކޮށްނުދޭނެކަމުން، ބެލެންސް ނޯޓުގައި ބަޔާންކޮށްފައިވާ ފަދައިން ފައިސާ ދައްކާފައިވާކަން ނުވަތަ ނޫންކަން، ކޯޓަށް ބެލެން އޮތް މިންވަރަކުން ކަށަވަރުކުރުމަށް ކަމަށް އަހުރެން ދެކެމެވެ.
މިއާ ޚިލާފަށް، ވަކި ލިޔުމަކީ ޞައްޙަ ލިޔުމެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރުމުގެ ގޮތުން، އެހެން ޤައުމުތަކުގެ ކަމާބެހޭ އިދާރާތަކަށް ލިޔެ ކޯޓުން މަޢުމޫލާތު ސާފުކުރުމަކީ ވަރަށް ތަފާތުކަމެކެވެ. އެހެނީ ވަކި ލިޔުމަކީ ޞައްޙަ ލިޔުމެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަކީ އެ ލިޔުމެއް ކޯޓަށް ހުށަހަޅާ ފަރާތެއްގެ ޒިންމާއެއް ކަމުގައިވާތީއެވެ. އަދި އެފަދަ ލިޔުމެއް ހުށަހެޅުމަށްފަހު، މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން އެ ލިޔުން ތައުނުކުރަނީ ލިޔުމަކުން ކަމުގައިވާނަމަ، ފުރަތަމަ ހުށަހެޅި ލިޔުމުގެ ޞައްޙަކަން ދިފާޢުކުރުމަކީ އެލިޔުން ހުށަހެޅި ފަރާތުން ޒިންމާއެކެވެ. އެހެންނަމަވެސް، ކޯޓަށް ހުށަހަޅާފައިވާ ލިޔުމެއް ތައުނުކުރުމުގެ ގޮތުން އެލިޔުން އެއީ ޞައްޙަލިޔުމެއް ނޫންކަމުގައި ބުނުމަކުން ނުފުދެއެވެ. އެލިޔުން ޞައްޙަނުވާ ސަބަބު ބަޔާންކޮށްދީ، އެކަމާގުޅޭ ހެކި ހުށަހަޅާންޖެހެއެވެ.
ބެލެންސް ނޯޓަކީ އޮޅުމަކުން ހެދިފައިވާ ލިޔުމެއްކަމަށް ބަޔާންކޮށް އެ ކުންފުނިން ފޮނުވާފައިވާ ލިޔުމެއްކަމަށް ބުނާ ޖޭން އިންޓަރޓްރޭޑް (ތައިލެންޑް) ކޯ.ގެ ސިޓީއަކީ ޞައްޙަ ސިޓީއެއް ނޫންކަމުގައި ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވަނީ އެސިޓީ ލިޔެފައިވާ ލެޓަރހެޑްއާއި 26 ޖެނުއަރީ 2010 ގައި އެކުންފުނިން ފޮނުވާފައިވާ ސިޓީއާއަޅާބަލާއިރު، ދެސިޓީގެ ލެޓަރހެޑްގައި ކުދިކުދި ތަފާތުތަކެއް ހުރިކަމުގައި ބުނެއެވެ. އެހެންނަމަވެސް ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ މިންވަރުގެ ތަފާތުތަކަކީ އެސިޓީގެ ޞައްޙަނޫންކަން ކަނޑައެޅޭ މިންވަރުގެ ތަފާތެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނުދެކޭކަން އެނގެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެ ނިންމުން ޤަނޫނީ އުޞޫލުތަކާއި ތަޢާރުޟުވާ ސަބަބެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާކަން ފާހަގަވެއެވެ.
01 މާރިޗު 2010 ތާރީޚުޖަހާފައިވާ ޖޭން އިންޓަރޓްރޭޑް (ތައިލެންޑް) ކޯ.ގެ ސިޓީގެ ޞައްޙަ ކަމާމެދު (އެހެން ޤައުމުތަކުގެ ކަމާބެހޭ އިދާރާތަކަށް ލިޔެގެން) ކޯޓުން ގޮތެއް ކަނޑައަޅާފައި ނުވާކަމަށް ދައުލަތުން ބަޔާންކުރާއިރު، 01 މާރިޗު 2010 ގެ ސިޓީގެ ޞައްޙަކަމާމެދު ސުވާލުއުފައްދާފައިވަނީ ދައުލަތުގެ ފަރާތުން ކަމާއި، އެސިޓީއަކީ ޞައްޙަ ސިޓީއެއް ނޫންކަމުގައި ސާބިތުކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނެތް ކަން އެނގެއެވެ. އަދި، 01 މާރިޗު 2010 ގެ ތާރީޚުގައި ޖޭން އިންޓަރޓެރޭޑް (ތައިލަންޑް) ކޯ.ގެ ފަރާތުން ފޮނުވާފައިވާ ސިޓީއަކީ އެ ލިޔުން ދިން ފަރާތުގެ ކަސްޓަމަރެއްގެ މަސްލަޙަތު ހިމާޔަތްކޮށްދިނުމުގެ ބޭނުމުގައި ތައްޔާރުކޮށްފައިވާ ލިޔުމަކަށްވުމުގެ އިޙްތިމާލު އޮތްކަމުގައި ދައުލަތުގެ ފަރާތުން ބުނެފައިވާ ނަމަވެސް، މިފަދައިން ބަޔާންކުރުމުގެ އިތުރުން، އެކަމަށް ބުރަދަނެއްދޭ އެއްވެސް ހެއްކެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވެއެވެ. އިހްތިމާލެއް އޮތުމަކީ އެގޮތަށް ކަން ހިނގިކަން، ހިނގާކަން ނުވަތަ ހިނގާނެކަން ދަލާލާތުކޮށްދޭ އަސްލެއް ނޫނެވެ.
މީގެ އިތުރުން، މުދާ އެތެރެކުރުމާގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަގު ފާސްކުރުމަށް ހުށަހަޅާއިރު، ނުވަތަ މުދާ އެތެރެކުރުމާބެހޭ އެހެންވެސް މަރުޙަލާއެއްގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހަޅާ ލިޔެކިޔުމަކީ ނޮޓަރައިޒްކޮށްފައިވާ ނުވަތަ އެނޫންވެސް އެފަދަ ވަކި މިންގަނޑެއް ފުރިހަމަވާ ފަދައިން ހުށަހަޅަންޖެހޭ ލިޔުމެއް ކަމުގައި ނުވާތީ، އެފަދަ މުޢާމަލާތެއްގެ ތެރެއިން އުފެދޭ ޚުޞޫމާތަކާމެދު ކޯޓުން ގޮތެއް ކަނޑައަޅާއިރު، މުޢާމަލާތުގެ ތެރެއިން ހުށަހަޅާންޖެހޭ މިންގަނޑަށްވުރެ މަތީ މިންގަނޑަކުން ލިޔުން ހުށަހެޅުމަށް އެންގުމަކީ ހަމަޖެހޭގޮތެއް ކަމުގައި އަހުރެންނަކަށް ނުފެނެވެއެވެ.
ހެއްކާބެހޭ ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތް
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބޭނުންވާ ލިޔުމެއް (ބެލެންސް ނޯޓު)، އެސަރވިސްއިން ހޯދަން އެދުމުގެ ކުރިން މުދާ އެތެރެކުރި ފަރާތުން އަމިއްލަ އިޚްތިޔާރުގައި ހުށަހަޅާފައިވާތީ، އެލިޔުމަކީ އެސަރވިސްއިން އެދިގެން ހުށަހަޅާފައިވާ ލިޔުމެއްކަމުގައި ނުވާކަމަށްޓަކައި، އެލިޔުމަކީ ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ލިޔުމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅުމަކީ ހަމަޖެހޭކަމެއް ނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.
ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި އޮންނަނީ:
"ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލޭނީ ހަމަ އެ ލިޔުމެކެވެ. ނަމަވެސް އެ ލިޔުން ނެތުނީ ގަބޫލުކުރެވޭފަދަ ޢުޛުރަކުންކަން ޝަރީޢަތުގެ މަޖިލީހަށް ސާބިތުވާނަމަ އޭގެ ބަދަލުގައި އެހެން ހެކި ގަބޫލުކުރެވޭނެއެވެ."
މި ފަދައިންނެވެ. އެހެންކަމުން، އެ މާއްދާގެ ނައްސަށް ބަލާއިރު، ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމު ކުރާކަމެއްގައި ހެއްކެއްގެ ގޮތުގައި ބެލޭނީ އެފަދައަކުން ޝަރީޢަތުން ނުވަތަ ޤާނޫނުގައި ބަޔާންކުރާ ލިޔުމެވެ. މި މައްސަލައިގައި، ބެލެންސް ނޯޓަކީ ޝަރީޢަތުން އޮތުން ލާޒިމުކޮށްފައިވާ ލިޔުމެއް ނޫނެވެ.
އެހެންކަމުން، ބެލެންސް ނޯޓަކީ ޤާނޫނުން އޮތުން ލާޒިމުކުރާ ލިޔުމެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/148ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ 3 ވަނަ ނަންބަރުގެ (ބ) އަށް ބެލުމުން، މި މައްސަލައިގައި ހިމެނޭ ޝިޕްމަންޓް ރާއްޖެއަށް އެތެރެކުރެވުނުއިރު ޢަމަލުކުރަމުންދިޔަ "ކަސްޓަމްސްގެ ޢާންމު ޤަވާޢިދު" ގެ 4 ވަނަ ނަންބަރަށާއި، 4.2 ވަނަ ނަންބަރުގައި މުދާ އެތެރެކުރާ ފަރާތުން ހުށަހަޅަންޖެހޭ ލިޔުންތަކަކީ ކޮބައިކަމާއި، ބެލެންސް ނޯޓަކީ އެ ޤަވާޢިދުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުމެއް ނޫންކަން ފާހަގަކޮށްފައިވާކަން އެނގެއެވެ. އަދި، "ކަސްޓަމްސްގެ ޢާންމު ޤަވާޢިދު" ގެ 4.2 ވަނަ ނަންބަރުގެ (ބ) ގައި 'ކަސްޓަމްސްއިން އެދޭ އެހެނިހެން ލިޔުންތައް' ހިމެނިފައިވާކަމާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހޯދުމަށް އެދިފައިވާ ލިޔުމެއް ނޫންކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.
ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ އަލީގައި، ބެލެންސް ނޯޓަކީ ޤާނޫނުން ހުށަހެޅުން ލާޒިމުކޮށްފައިވާ ލިޔުމެއްކަމުގެ މައްޗަށް ބަލާއިރު، "ކަސްޓަމްސްގެ ޢާންމު ޤަވާޢިދު" ގެ 4.2 ވަނަ ނަންބަރުގައި، އިންވޮއިސްއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުމުގެ ތެރޭގައި ބެލެންސް ނޯޓު ފާހަގަކޮށްފައި ނުވެއެވެ. މުދާ އެތެރެކުރާ ފަރާތަކުން ބެލެންސް ނޯޓު ހުށަހަޅަންޖެހޭކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ފެނިއްޖެނަމަ، އެ ލިޔުން ހުށަހެޅުމަށް އެސަރވިސްއިން އެދެންޖެހޭކަން "ކަސްޓަމްސްގެ ޢާންމު ޤަވާޢިދު" ގެ 4.2 ވަނަ ނަންބަރުން އެނގެން އޮވެއެވެ.
"ކަސްޓަމްސްގެ ޢާންމު ޤަވާޢިދު" ގެ 4.2 ވަނަ ނަންބަރުގެ (ބ) އިން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ލިޔުމަކަށް އެދުމަކީ އަދި ނޭދި ދޫކޮށްލުމަކީ އެސަރވިސްއަށް ކުރެވިދާނެކަމެއް ކަމުގައިވާތީ އާއި، އެ އަކުރުގެ ދަށުން އެ މާއްދާގެ އެހެން އަކުރުތަކުގައި ބަޔާންކޮށްފައިވާ ލިޔުންތައް ނޫން ކޮންމެ ލިޔުމެއްވެސް ހުށަހެޅުމަށް އެންގުމުގެ ބާރު އެސަރވިސްއަށް ދީފައިވާތީ، އެއީ އެ ސަރވިސްއަށް ލިބިދީފައިވާ އިޚްތިޔާރީ ބާރެއް ކަމުގައި ދެކެމެވެ. އަދި ލިބިދީފައިވާ އިޚްތިޔާރެއްގެ ދަށުން ހުށަހަޅަން އަންގާ ލިޔުމަކީ ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ ބޭނުމަށްޓަކައި ޤާނޫނުން އޮތުން ލާޒިމުކުރާ ލިޔުމެއްކަމުގައި ބެލޭނެ ހަމައެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ އަހުރެން ބުރަވާގޮތުގައި، ވަކި ލިޔުމަކީ ޤާނޫނަކުން ހުށަހެޅުން ލާޒިމުކުރާ ލިޔުމެއް ކަމުގައިވާނަމަ، އެކަން ޤާނޫނުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. މިއީ ޤާނޫނުން ލިއްބައިދޭ ޔަޤީންކަމާއި ޤާނޫނުގެ ވެރިކަމުގެ މަފްހޫމާއިވެސް ގުޅިފައިވާ ކަމެކެވެ.
މިހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/148 ޤަޟިއްޔާގެ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ނޫންކަމުގައި އަހުރެން ދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، އިސްތިއުނާފުކުރެވުނު ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/148 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.