ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2013/SC-A/21ސުޕްރީމް ކޯޓު · 2 ޑިސެމްބަރު 2015

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 2 ޑިސެމްބަރު 2015ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2013/SC-A/21

ދަޢުވާކުރާ ފަރާތް: އިބްރާހީމް ތައުފީޤު

ދަޢުވާ ލިބޭ ފަރާތް: ޢަބްދުﷲ ލަޠީފް

މައްސަލައިގެ ބާވަތް: އެޕާޓްމަންޓް ހުސްކުރުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 18 މާރޗް 2013

ރަޖިސްޓްރީކުރެވުނު ތާރީޚް: 11 އޭޕްރިލް 2014

ނިމުނު ތާރީޚް: 02 ޑިސެމްބަރ 2015

މައްސަލަ ނިންމި ގަޑި: 11:25

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

އިސްތިއުނާފުކުރެވުނު ޤަޟިއްޔާ

ނަންބަރު: 2012/HC-A/186

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 19 ޖޫން 2012

ނިމުނު ތާރީޚް: 20 މެއި 2013

މައްސަލައިގެ ޚުލާޞާ

މިއީ، ޢަބްދުﷲ ލަޠީފް އާއި މާލެ މުނިސިޕަލްޓީ ޚާއްސަ ދަފްތަރު ނަންބަރު 2894، އިބްރާހިމް ތައުފީޤުއާ ދެމެދު ސޮއިކުރެވިފައިވާ ކަމަށްބުނާ ކުލީގެ އެގްރިމެންޓަކާއި އިބްރާހިމް ތައުފީޤް ޚިލާފުވެފައިވާ ކަމަށްބުނެ އިބްރާހިމް ތައުފީޤުއަށް ކުއްޔަށްދީފައިވާ ކަމަށްބުނާ ތަނުން އިބްރާހިމް ތައުފީޤް ނެރެދެއްވުންއެދި އިބްރާހިމް ތައުފީޤުގެ މައްޗަށް ޢަބްދުﷲ ލަޠީފް ދަޢުވާކުރުމުން ބެލެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 687/Cv-C/2011 ޤަޟިއްޔާ އިސްތިއުނާފުކުރި ހައިކޯޓުގެ ނަންބަރު 2012/HC-A/186 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށްބުނެ އިބްރާހިމް ތައުފީޤުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ މައްސަލައެކެވެ. އަދި މި ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ގދ. ތިނަދޫ ސްކޫނަރ، ޢަބްދުﷲ ލަޠީފެވެ.

ފާހަގަކުރެވިފައިވާ ނުކުތާތައް

ސިވިލް ކޯޓުގެ ނަންބަރު 687/Cv-C/2011 ޤަޟިއްޔާ އިސްތިއުނާފުކުރި ހައިކޯޓުގެ ނަންބަރު 2012/HC-A/186 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެ ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ 2012 ވަނަ އަހަރުގެ 20 މެއި މަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޢަބްދުﷲ ލަޠީފްގެ އަތުން މ. މުންތާޒާ އެވެ ކިޔާ ގޯތިން އިބްރާހިމް ތައުފީޤު ކުއްޔަށް ހިފާފައިވާ ތަނުގައި ދިރިއުޅޭ ބަޔަކާއި އެ ބަޔަކު ގެންގުޅޭ ތަކެއްޗާއިއެކު ނެރެ އެތަން ހުސްކުރުމަށްފަހު އެތަން ޢަބްދުﷲ ލަޠީފްއާ ޙަވާލުކުރުމަށް އިބްރާހިމް ތައުފީޤު އަށް އަންގާ 2012 ވަނަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު ދަށު ކޯޓުން ކުރައްވާފައިވާ ޙުކުމަށް އެ މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށްކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުންނާއި ދެ ފަރާތުގެ ބަހުން އެނގެންއޮވެއެވެ.

3- ހައިކޯޓުގެ ނަންބަރު 2012/HC-A/186 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށްބުނެ، އިބްރާހީމް ތައުފީޤުގެ ފަރާތުން 6 ސަބަބެއް ހުށަހަޅާ އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.

ހ. ފުރަތަމަ ސަބަބަކީ، 20 ޖެނުއަރީ 2008 ގައި މ. މުންތަޒާ އަލްމަރްޙޫމާ އާމިނަތު ރިފްޢަތާއި ޢަބްދުﷲ ލަޠީފްއާއި ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލްނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ސިވިލް ކޯޓުން ބައްލަވާފައިވާ ހިނދު، އެ އެއްބަސްވުމުގެ 2 ވަނަ މާއްދާގައި 1 ޑިސެމްބަރު 2009 ގެ ކުރިން މުންތަޒާގައި 2 ބުރި ނުވަތަ 2 ފުލޯ އާމިނަތު ރިފްޢަތާއި ޙަވާލުކުރަން ޖެހޭތީއާއި އެ 2 ބުރި ނުވަތަ 2 ފުލޯ އަމިއްލައަށް ބޭނުންކުރުމާއި ބޭނުންވެއްޖެ ހިނދެއްގައި އެހެން ފަރާތްތަކަށް ކުއްޔަށް ދިނުމުގެ ޤާނޫނީ ބާރާއި އިޚްތިޔާރު ލިބިފައިވާއިރު ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ސިވިލް ކޯޓުން އެ ނުކުތާއަށް ފުރިހަމައަށް ރިޢާޔަތްނުކުރެއްވުމުގެ ސަބަބުން އާމިނަތު ރިފްޢަތަށް މ.މުންތަޒާގެ 2 ބުރި ނުވަތަ 2 ފުލޯ ކުއްޔަށްދިނުމުގެ ޙައްޤު ގެއްލިފައިވާކަމަށްވުމެވެ.

ށ. ދެވަނަ ސަބަބަކީ، 20 ޖެނުއަރީ 2008 ގައި މ.މުންތަޒާ އަލްމަރްޙޫމާ އާމިނަތު ރިފްޢަތާއި ޢަބްދުﷲ ލަޠީފާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ 1 ވަނަ މާއްދާގައި އިމާރާތްކުރުމަށް ދެވިފައިވާ މުއްދަތަކީ 1 ޑިސެމްބަރު 2009 ދުވަހުގެ ނިޔަލަށް 2 އަހަރު ދުވަހުގެ މުއްދަތެއް ކަމުގައިވެފައި އެ މުއްދަތުގެ ތެރޭގައި އިމާރާތުގެ ހުރިހާ މަސައްކަތެއް ނުނިމުމުން ޤަނޫނު ނަންބަރު 91/4 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާ ބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގައި ބުނެފައިވާގޮތުން ނޯޓިސް ދިނުމަކާއިނުލައި އެއްބަސްވުން ބާޠިލްވެފައިވާ ހިނދު އެ ނުކުތާއަށް ހައިކޯޓުންނާއި ސިވިލް ކޯޓުން ފުރިހަމައަށް ރިޢާޔަތްކުރެވިފައިނުވާކަމެވެ.

ނ. ތިންވަނަ ސަބަބަކީ، 20 ޖެނުއަރީ 2008 ގައި އާމިނަތު ރިފްޢަތާއި ޢަބްދުﷲ ލަޠީފާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ 15 ވަނަ މާއްދާގައި ޝަރީޢަތަކާއިނުލައި އެ އެއްބަސްވުން ބާޠިލްކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ދީފައިވަތީ އެ މާއްދާގެ ދަށުން އެ އެއްބަސްވުން ބާޠިލްކުރުމަށް 1 އޭޕްރީލް 2008 ގައި އާއި 18 އޭޕްރީލް 2011 އާއި 11 ފެބުރުއަރީ 2013 ގައި ޢަބްދުﷲ ލަޠީފްއާއި ޙަވާލުކޮށްފައިވާ ނޯޓިސްއަށް ހައިކޯޓުން ރިޢާޔަތްނުކުރައްވާ، ސިވިލް ކޯޓުގެ ޙުކުމަށް ބަދަލެއް ގެންނަންނުޖެހޭނެކަމަށް ކަނޑައެޅުއްވާފައިވުމެވެ.

ރ. ހަތަރުވަނަ ސަބަބަކީ، 1 ޑިސެމްބަރު 2009 ގެ ކުރިން މ. މުންތަޒާގެ 2 ބުރި ނުވަތަ 2 ފުލޯ އާމިނަތު ރިފްޢަތާއި ޙަވާލުކުރަންޖެހޭތީއާއި، 2 ބުރި ނުވަތަ 2 ފުލޯ އަމިއްލައަށް ބޭނުންކުރުމާއި ބޭނުންވެއްޖެ ހިނދެއްގައި އެހެން ފަރާތްތަކަށް ކުއްޔަށްދިނުމުގެ ޤާނޫނީ ބާރާއި އިޚްތިޔާރު ލިބިފައިވާތީ އެ އެއްބަސްވުމުގެދަށުން އާމިނަތު ރިފްޢަތަށް ޙައްޤުވާ 2 ބުރީގެ ތެރެއިން އެއްބުރި 01 ފެބުރުއަރީ 2011 ގައި އިބްރާހީމް ތައުފީޤާއި އާމިނަތު ރިފްޢަތާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އިބްރާހީމް ތައުފީޤަށް ކުއްޔަށްދިނުމުން މ.މުންތަޒާގެ 3 ބުރި ނުވަތަ 3 ފުލޯގައި އިބްރާހީމް ތައުފީޤު ދިރިއުޅެމުން ދަނިކޮށް އެ ބުރި ނުވަތަ އެ ފުލޯ ޢަބްދުﷲ ލަޠީފާއި ޙަވާލުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ސިވިލް ކޯޓުން ކުރެއްވި އަމުރަކީ ޤާނޫނީ އަދި ޝަރުޢީ ހަމައެއްގެ މަތިން ކުރައްވާފައިވާ އަމުރަކަށް ނުވާކަމެވެ.

ބ. ފަސްވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ސިވިލް ކޯޓުގެ ޙުކުމަށް ބަލާއިރު އާމިނަތު ރިފްޢަތާއި އިބްރާހީމް ތައުފީޤާ ދެމެދު ވެފައިވާ އެއްބަސްވުމަށް ޢަމަލުނުކުރެއްވި ސަބަބެއް ބަޔާންކޮށްފައިނުވާ ހިނދު، އެ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ ބާޠިލް އެއްބަސްވުމެއްކަމަށް ކަނޑައަޅުއްވާފައިނުވުމާއި، އިބްރާހީމް ތައުފީޤު ޢަމަލުކުރަންޖެހެނީ ކޮން އެއްބަސްވުމަކާ އެއްގޮތަށްކަމެއް ހައިކޯޓުންނާއި ސިވިލް ކޯޓުގެ ޙުކުމަށް ބަލާއިރު އެނގެން ނެތުމެވެ.

ޅ. ހަވަނަ ސަބަބަކީ، 20 ޖެނުއަރީ 2008 ގައި މ. މުންތަޒާ އަލްމަރްޙޫމާ އާމިނަތު ރިފްޢަތާއި ގދ. ތިނަދޫ، ސްކޫނަރ، ޢަބްދުﷲ ލަޠީފާއި ދެމެދުވެފައިވާ އެއްބަސްވުމުގައި އާމިނަތު ރިފްޢަތުގެ ޙައްޤުކަމުގައިވާ 1 ޑިސެމްބަރު 2009 ގެ ކުރިން ލިބެންޖެހޭ މ. މުންތަޒާގޭ 2 ބުރި ނުވަތަ 2 ފުލޯ ހައިކޯޓުންނާއި ސިވިލް ކޯޓުން ނިންމުން އައިގޮތުން އަމިނަތު ރިފްޢަތަށް ނުލިބި އެ ޙައްޤު ގެއްލިފައިވާއިރު، 1 ޑިސެމްބަރު 2009 ގެ ކުރިން ނިންމަންޖެހޭ މ. މުންތަޒާގޭ 6 ބުރީގެ އިމާރާތާއި 20 ޖެނުއަރީ 2013 އަށް 5 އަހަރުފުރި 6 އަހަރު ހަމަވެ ނިމިގެންދާއިރު 1 ޑިސެމްބަރު 2009 ގެ ކުރިން މ. މުންތަޒާގެ 2 ބުރި ނުވަތަ 2 ފުލޯ އާމިނަތު ރިފްޢަތާއި ޙަވާލެއްކޮށްފައިވޭތޯ އެ ދެ ކޯޓުން ބައްލަވާފައި ނުވުމެވެ.

މި މައްސަލައާ ގުޅިގެން ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި މި ބާވަތުގެ މައްސަލަތަކުގައި ރިޢާޔަތްކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މައްޗަށް ވިސްނާ ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

ހ- ފުރަތަމަ ކަމަކީ، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލިސްއަށް ހުށަހެޅިފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނޭ ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު MC/C-34/2008 އެގްރިމެންޓަށް ބެލިއިރު، އެ އެގްރިމެންޓަކީ 2008 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން މީލާދީ (15) ފަނަރަ އަހަރު ދުވަހުގެ މުއްދަތަށް މ. މުންތާޒާއެވެ ކިޔާ 588 އަކަފޫޓުގެ ބަންޑާރަ ގޯތީގައި ހުރި ޢިމާރާތްތައް ކުއްޔަށް ހިފުމާއި އަދި އެ ބިމުގައި ހުރި ޢިމާރާތްތައް ތަޅާލުމަށްފަހު 6 ބުރީގެ ޢިމާރާތެއް ހެދުމަށާއި އަދި އެ ތަނުގެ ބޭނުން ހިފާނެ ގޮތާއިމެދު އެ ގޯތީގެ ވެރިފަރާތް ކަމުގައިވާ އާމިނަތު ރިފްޢަތު އާއި ޢަބްދުﷲ ލަޠީފްއާ ދެމެދު އެއްބަސްވެ އިޤުރާރުވެވުނު ކަންތައްތައް ބަޔާންކޮށްފައިވާ އެގްރިމެންޓެއްކަން އެނގެން އޮންނައިރު، އެ އެގްރިމެންޓްގެ މުއްދަތު ހަމަވާ ތާރީޚަކީ އެ އެގްރިމެންޓަށް 15 އަހަރު ހަމަވާ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަސްކަން އެނގެންއޮވެއެވެ.

ށ- ދެވަނަ ކަމަކީ، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެމައްޗަށް ބަލާއިރު، މ. މުންތަޒާ އެވެ ކިޔާ ގޭގެ ބައެއް ބޭނުންކުރުމުގެ ޙައްޤު އިބްރާހިމް ތައުފީޤަށް ލިބިފައިވަނީ އެ ގޯތީގައިވާ ޢިމާރާތްތަކުގެ މައްޗަށް ޢަބްދުﷲ ލަޠީފްއަށް ލިބިގެންވާ ޙައްޤުތަކުގެ މައްޗަށް ބިނާކޮށް ޢަބްދުﷲ ލަޠީފް އާއި އިބްރާހިމް ތައުފީޤުއާ ދެމެދު 13 ޖެނުއަރީ 2009 ގައި ކުރެވިފައިވާ ކުލީގެ އެގްރިމެންޓެއްގެ ދަށުންކަމާއި އަދި އެގްރިމެންޓުގެ މުއްދަތަކީ 16 އަހަރުކަމާއި އަދި ކުލީގެ މިންވަރަކީ މަހަކު -/12،000 ރުފިޔާކަން އެނގެންއޮވެއެވެ.

ނ- ތިންވަނަ ކަމަކީ، ޢަބްދުﷲ ލަޠީފްގެ ދަޢުވާއާ މެދު އިންކާރުކުރަމުން ދަށު ކޯޓާއި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިބްރާހިމް ތައުފީޤް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، މ. މުންތާޒާ އެވެ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތާއި ބެހޭގޮތުން އެ ގޯތީގެ ވެރިފަރާތާއި ޢަބްދުﷲ ލަޠީފްއާ ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓު އެ ގޯތީގެ ވެރިފަރާތުން ވަނީ އުވާލާފައިކަމާއި އަދި އުވާލުމަށްފަހު އެކަން ޢަބްދުﷲ ލަޠީފްއަށް އަންގާފައި އޮތުމާއެކު ޢަބްދުﷲ ލަޠީފްއަށް އެ ޢިމާރާތް ބޭނުންކޮށްގެން އެއްވެސް މަންފާއެއް ލިބިގަތުމުގެ އެއްވެސް ޙައްޤެއް ޤާނޫނީ ގޮތުން ލިބިގެންނުވާނެތީ ޢަބްދުﷲ ލަޠީފް އާއި އިބްރާހިމް ތައުފީޤްއާ ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓު ނިމުމަކަށް ގެނެސް، އެކަން އިބްރާހިމް ތައުފީޤުގެ ފަރާތުންވެސް ޢަބްދުﷲ ލަޠީފްއަށް އަންގާފައިވާ ކަމަށާއި އަދި އޭގެ ފަހުން އެ ޢިމާރާތުގައި އިބްރާހިމް ތައުފީޤު ދިރިއުޅެމުންދަނީ ޢަބްދުﷲ ލަޠީފް އާއިއެކު ސޮއިކޮށްފައިވާ އެގްރިމެންޓުގެ ދަށުންނޫންކަމަށާއި މިހާރު އިބްރާހިމް ތައުފީޤު އެ ގޯތީގައި ދިރިއުޅެމުންދަނީ ޢަބްދުﷲ ލަޠީފް އާއިއެކު ސޮއިކޮށްފައިވާ އެގްރިމެންޓް ނިމުމަކަށްގެނެސް، އެ ޢިމާރާތުގެ ވެރިފަރާތާއެކު 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުންކަމަށް ބުނަމުން އައިސްފައިވާކަން ފާހަގަކުރެވިފައިވެއެވެ.

ރ- ހަތަރުވަނަ ކަމަކީ، ޢަބްދުﷲ ލަޠީފް އާއި އާމިނަތު ރިފްޢަތުއާ ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓު އާމިނަތު ރިފްޢަތު ބާޠިލްކޮށްފައިވާ ކަމަށާއި އެ ސަބަބަށްޓަކައި އާމިނަތު ރިފްޢަތުއާއެކު ސޮއިކޮށްފައިވާ އެގްރިމެންޓުގެ ދަށުން ޢަބްދުﷲ ލަޠީފްއަށް އެއްވެސް ޙައްޤެއް ލިބިގެންނުވާނެ ކަމަށް އިބްރާހިމް ތައުފީޤުގެ ފަރާތުން ބުނެފައިވާ ބުނުމުގެ މައްޗަށް ބެލިއިރު، މ. މުންތަޒާ އެވެ ކިޔާ ގޯތީގައި ޢިމާރާތެއް ހަދައިގެން އެތަނުގެ މަންފާ ލިބިގަތުމަށްޓަކައި އެ ގޯތީގެ ވެރިފަރާތް ކަމުގައިވާ އާމިނަތު ރިފްޢަތު އާއި ޢަބްދުﷲ ލަޠީފްއާ ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓާއި މެދު ދެ ފަރާތް ދެމެދު ޚިޔާލު ތަފާތުވުންތަކެއް ހުރެގެން އެ ކަމާއި ބެހޭގޮތުން ދެފަރާތް ދެމެދު ސިޓީތައް ބަދަލުކުރެވިފައިވާކަން އެނގެން އޮންނަކަމާއި އަދި އެ ޢިމާރާތް ކުއްޔަށް ދިނުމާއި ބެހޭގޮތުން މި ދެ ފަރާތް ދެމެދު ސޮއިކުރެވި، މަދަނީ ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު MC/C-34/2008 އެގްރިމެންޓު ބާޠިލްކޮށްދިނުން އެދި އާމިނަތު ރިފްޢަތުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި މައްސަލައިގައި ޝަރީޢަތުގެ ފަރާތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން 30 ސެޕްޓެމްބަރ 2011 ވަނަ ދުވަހު އެ އެގްރިމެންޓުގެ ދެވަނަ ބައިވެރިޔާ ކަމުގައިވާ އާމިނަތު ރިފްޢަތު ނިޔާވެފައިވާތީ އާމިނަތު ރިފްޢަތު ހުށަހެޅި އެގްރިމެންޓް ބާޠިލްކުރުމުގެ މައްސަލައިގެ ދަޢުވާ ފޯމް ބާޠިލްކޮށް، އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައިވާކަންވެސް މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުންނާއި ދެ ފަރާތުގެ ބަހުން އެނގެން އޮންނައޮތުމެވެ.

ބ- ފަސްވަނަ ކަމަކީ، އާމިނަތު ރިފްޢަތު އަކީ މ. މުންތަޒާ ގޯއްޗާއި އެ ގޯތީގައިވާ ޢިމާރާތްތަކުގެ ވެރިފަރާތް ކަމުގައިވިޔަސް، ކަނޑައެޅޭ ވަކި ހަމަތަކަކާ އެއްގޮތްވާ ގޮތުގެމަތިން އެ ގޯތީގައިވާ ޢމާރާތްތަކުގެ މަންފާ ލިބިގަތުމުގެ ޙައްޤު ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރުMC/C-34/2008 އެގްރިމެންޓުގެ ދަށުން ކަނޑައެޅޭ ވަކި މުއްދަތަކަށް ޢަބްދުﷲ ލަޠީފްއަށް ދީފައިވާކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތްއިރު، އެ އެގްރިމެންޓު ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ނިމުމަކަށް އައުމުގެ ކުރިން އެ އެގްރިމެންޓުގެ މުއްދަތުގެ ތެރޭގައި އެގްރިމެންޓުގެ ދެވަނަ ބައިވެރިޔާގެ އެއްވެސް ޙައްޤަކަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް ކަމެއްކުރުމުގެ ޙައްޤު އާމިނަތު ރިފްޢަތުއަށް ލިބިދެވެންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް ނޯންނާނެތީ، ޢަބްދުﷲ ލަޠީފް އާއި އާމިނަތު ރިފްޢަތުއާ ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓުގެ ދަށުން ޢަބްދުﷲ ލަޠީފްއަށް ލިބޭ އިޚްތިޔާރާއި ބާރުގެ ދަށުން ޢަބްދުﷲ ލަޠީފް އާއި އާމިނަތު ރިފްޢަތުއާ ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓެއްގެ ދަށުން އެ ޢިމާރާތުގެ ވަކި ބައެއްގެ މަންފާ ލިބިގަތުން ހުއްދަކުރުމަށްފަހު، ޢަބްދުﷲ ލަޠީފް އާއި އެ ޢިމާރާތުގެ ވެރިފަރާތާ ދެމެދު ދެބަސްވެރިވާ ދަނޑިވަޅެއްގައި ޢަބްދުﷲ ލަޠީފްއާއެކު ކުރެވިފައިވާ އެގްރިމެންޓު ނިމުމަކަށް އައީކަމަށާއި މިހާރު އިބްރާހިމް ތައުފީޤު އެ ޢިމާރާތުގެ ބައެއް ބޭނުންކުރަމުންދަނީ އިބްރާހިމް ތައުފީޤުއާ އެ ޢިމާރާތުގެ ވެރިފަރާތް ކަމުގައިވާ އާމިނަތު ރިފްޢަތުއާ ދެމެދު ކުރެވިފައިވާ އެހެން އެގްރިމެންޓެއްގެ ދަށުންކަމަށް އިބްރާހިމް ތައުފީޤުގެ ފަރާތުން ބުނާ ބުނުމާމެދު ޢަބްދުﷲ ލަޠީފް އިންކާރުކޮށްފައިވާ ކަމާއި އަދި ޢަބްދުﷲ ލަޠީފް އާއި އާމިނަތު ރިފްޢަތުއާ ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓު ނިމުމަކަށް އައިސްފައިވާކަން ދޭހަކޮށްދޭ ނިޙާއީ ޙުކުމެއް ނުވަތަ އެނޫން އެހެން ސަބަބެއްވިޔަސްވާކަން އަދި މިހާތަނަށް އެނގެންނެތްކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.

ޅ- ހަވަނަ ކަމަކީ، ޢަބްދުﷲ ލަޠީފް އާއި މ. މުންތަޒާ އާމިނަތު ރިފްޢަތުއާ ދެމެދު ސޮއިކުރެވިފައިވާ ބުނެވިދިޔަ އެގްރިމެންޓް، ނިމުމަކަށްއައިސްފައިވާ ކަމަށް ބެލެވޭފަދަ އެއްވެސް ހެއްކެއް ނެތްއިރު، އިބްރާހިމް ތައުފީޤު އަށް މ. މުންތަޒާއެވެ ކިޔާ ގޯތީގައި ހުރި ޢިމާރާތުގެ ބައެއްގެ މަންފާ ލިބިގަތުމުގެ ޙައްޤު ލިބިފައިވަނީ އެ ގޯތީގެ ވެރި ފަރާތާއި ޢަބްދުﷲ ލަޠީފްއާ ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓެއްގެ ދަށުން ޢަބްދުﷲ ލަޠީފްއަށް ލިބިގެންވާ ޙައްޤުގެ ދަށުން ޢަބްދުﷲ ލަޠީފް އާއި އިބްރާހިމް ތައުފީޤުއާއެކު ކުރެވިފައިވާ އެގްރިމެންޓުގެ ދަށުން، އިބްރާހިމް ތައުފީޤަށް، ޢަބްދުﷲ ލަޠީފް އެ ޙައްޤު ފަހިކޮށްދިނުމުންކަމަށްވެފައި، އެ އެގްރިމެންޓް ދެމިނެތްނަމަ އެފަދަ ޙައްޤެއް އިބްރާހިމް ތައުފީޤަށް ލިބިދެވެންޖެހޭ އިތުރު އެހެން ޞައްޙަ ސަބަބެއް ޝަރީޢަތަށް ހުށަހެޅިފައިނެތުމާއިއެކު ޢަބްދުﷲ ލަޠީފްގެ ނުރުހުމުގައި އެ ޢިމާރާތުގައި ހިމެނޭ ޢަބްދުﷲ ލަޠީފްގެ އެއްވެސް ޙައްޤެއް ބޭނުންކުރުމުގެ ޙައްޤު އިބްރާހިމް ތައުފީޤަށް ލިބިދެވެންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއްނެތެމެވެ.

މިކަންކަން މިހެންހުރުމާއިއެކު، މަދަނީ ކޯޓުގެ ނަންބަރު 687/Cv-C/2011 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2012/HC-A/186 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެންހުރުމާއެކު، މ. މުންތަޒާ އެވެ ކިޔާ ގޯތީގައިވާ ޢިމާރާތުގެ ބައެއް ބޭނުންކުރުމުގެ ޙައްޤު މާލޭ މުނިސިޕަލްޓީ ޚާއްޞަ ދަފުތަރު 2894 އިބްރާހިމް ތައުފީޤްއަށް ލިބިފައިވަނީ އެ ގޯތީގެ ވެރިފަރާތާއި ޢަބްދުﷲ ލަޠީފް އާއި ދެމެދު 20 ޖެނުއަރީ 2008 ގައި ސޮއިކުރެވިފައިވާ މަދަނީ ކޯޓުގެ ނަންބަރު MC/C-34/2008 އެގްރިމެންޓެއްގެ ދަށުން އެކަން އިބްރާހިމް ތައުފީޤުއަށް ޢަބްދުﷲ ލަޠީފް ފަހިކޮށްދިނުމުން ކަމަށްވެފައި، ޢަބްދުﷲ ލަޠީފް އާއި އެ ގޯތީގެ ވެރިފަރާތާ ދެމެދު 20 ޖެނުއަރީ 2008 ގައި 15 އަހަރުގެ މުއްދަތަށް ސޮއިކޮށް މަދަނީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ރަޖިސްޓްރީ ނަންބަރު MC/C-34/2008 އެގްރިމެންޓު ނިމުމަކަށް އައިސްފައިވާކަން ކަށަވަރުވާ ނިޙާއީ ޙުކުމެއް ނުވަތަ އެނޫން އެހެން ސަބަބެއްވެސް މެދުވެރިވެފައިވާކަން އެނގެންނެތުމާއެކު، ޢަބްދުﷲ ލަޠީފް އާއި އިބްރާހިމް ތައުފީޤުއާ ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓުގެ ދަށުން އެ ޢިމާރާތުގެ ބައެއް ބޭނުންކުރުމާއި މަންފާ ލިބިގަތުމުގެ ޙައްޤު ލިބިގަތުމަށްފަހު، ޢަބްދުﷲ ލަޠީފްއާ އެ ޢިމާރާތުގެ ވެރިފަރާތާއި ދެމެދު ދެބަސްވެރިވެފައިވާ ދަނޑިވަޅެއްގައި، އިބްރާހިމް ތައުފީޤު އެ ޢިމާރާތުގެ މަންފާ ލިބިގަންނަނީ ޢަބްދުﷲ ލަޠީފުއާއެކު ސޮއިކޮށްފައިވާ އެގްރިމެންޓުގެ ދަށުންނޫން ކަމަށާއި އެ ޙައްޤު އިބްރާހިމް ތައުފީޤަށް ލިބިފައިވަނީ އެ ގޯތީގެ ވެރިފަރާތާއިއެކު ކުރެވިފައިވާ އެގްރިމެންޓެއްގެ ދަށުންކަމަށް އިބްރާހިމް ތައުފީޤު ބުނާބުނުމަށް ތާއީދު ލިބޭ ޞައްޙަ ހެއްކާއި ޤަރީނާއެއްވިޔަސް ނެތުމާއިއެކު، "الأصل بقاء ما كان على ما كان عليه" (ކަމެއް ނުވަތަ މުޢާމަލާތެއް ހިނގަހިނގާ އޮތްއޮތުމަށް ބަދަލެއް އައިސްފައިވާކަން ޘާބިތުނުވާހާ ހިނދަކު އެކަމެއް އޮންނާނީ ކުރީގައި އެކަމެއް އޮތްގޮތުގެ މައްޗަށް) ކަމަށްބުނާ ޝަރުޢީ އުޞޫލުގެ މައްޗަށް ރިޢާޔަތްކުރާއިރު، އިބްރާހިމް ތައުފީޤުގެ މި ވާހަކައަކީ ޤާނޫނީ ގޮތުން ހަމަޖެހޭ އަސާސެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައަކަށްނުވާތީ އާއި ޢަބްދުﷲ ލަޠީފުގެ ނުރުހުމުގައި އެ ޢިމާރާތުގެ އެބައި ބޭނުންކުރުމުގެ ޙައްޤު އިބްރާހިމް ތައުފީޤަށް ލިބިގެންނުވާނެތީ، އިބްރާހިމް ތައުފީޤު އެ ޢިމާރާތުން ނުކުތުމަށް މަދަނީ ކޯޓުގެ ނަންބަރު 687/Cv-C/2011 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2012/HC-A/186 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބެލެވޭނެތަނެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ